Views: 4185 128

"ކީކޭ؟ ދަރިފުޅާ؟ ބަނޑުބޮޑީތަ؟ މަންމަ ކުރިއަށް އައިސް އަހަރެން ބަނޑުގައި އަތްހާކާލީއެވެ. އަހަރެން ހޫމްއޭބުނެލީމެވެ. އަހަރެންގެ ބައްޕަ އާއި އިޖާޒްގެ ބައްޕަ ބައްދާލީ އެކަކު އަނެކަކަށް މަރުހަބާ ކިޔަމުންނެވެ. އިޖާޒް ބާކީވެފައި ބަލަން ހުރިއިރު މައިދައިތަ އާއި މަންމަ އަހަރެން ގައިގަ ބައްދަނީއެވެ. އަހަރެން އިޖާޒް އާއިދިމާއަށް ހިނިތުންވެލީމެވެ. އޭނާ ތުންއަނބުރާލީ އެންމެން އަހަރެން ގައިގައި އޮޅުލާތަން ބަލަން ދުރުގައި ހުންނަން ޖެހުމުންނެވެ.
"ދަރިފުޅު ނުވާނެ ދެން ބަދިގެއަށް ވަދެގެން. ގުދުވެގެން އެއްވެސް ކަމެއް ނުކުރާތި. ފުރަތަމަ 3 މަސް ޖެހޭނެ އަރާމް ކުރަން" މަންމަ އަހަރެން ކޮނޑުގައި ފިރުމަމުން ނަސޭހަތް ދިނެވެ.
"ތެދެއް ދަރިފުޅާ ރަނގަޅަށް ކާންވާނެ. މޭވާ ކާންވާނެ ވަރަށް ގިނައިން. ދަރިފުޅުކާން ބޭނުންވާ އެއްޗެއް ބުނޭ އޭރުން ބައްޕަ ގެނެސްދޭނަން" ބައްޕަވެސް މަންމަދޭންފެށި ނަސޭހަތުގައި ހިފާލިއެވެ.
"ދެންދޭ އަވަހަށް ޖައްސާލަން. މަންމަ ސައިހަދާފަ ގޮވާނަން." މައިދައިތަ އަހަރެން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
"މަންމަވެސް އަންނާނަން ފަހުން. މިއައި ރޮށިފިހެން ހުރެފަ އުނދުން ނިއްވާލާފަ" މަންމަ އާއި ބައްޕަ ނުކުންނަން ހިނގައިގަތުމުން އަހަރެން އިޖާޒްގެ ފަހަތުން ކޮޓަރިއަށް ދިޔައީމެވެ.
ކޮޓަރިއަށްވަދެ ތަޅުލުމާއިއެކު އިޖާޒް ތިރިވެ އަހަރެންގެ ބަނޑުގައި ބައްދާލާ ބޮސްދިނެވެ.
"ދަރިފުޅާ! ބައްޕަގެ ފުރާނަ ! މަންމައަށް އުނދަގޫ ނުކުރައްޗޭ އެހާ ބޮޑަށް. އަވަހަށް ބޮޑުވެގެން ނުކުމޭ" އިޖާޒް ހުރީ ހަމަ ހަޤީގަތުގައިވެސް ވަރަށް އުފާވެފައެވެ.
"އާޔާ ތެންކިޔު! އެނގޭ އަސްލު އާޔާ އަހަރެންދެކެ ލޯބިން ނޫންކަން އިނީ. އެކަމަކުވެސް އަހަރެންނަށް ދުނިޔެމަތިން ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ތިދިނީ އާޔާ! ދެން ދުވަހަކުވެސް ނާހާނަން އަހަރެން ދެކެ ލޯބިވޭހޭ. ހުރިހާ ގުޅުމަކީ ލޯބީގެ ބަގީޗާތަކުގަ އާލާވާ ގުޅުން ތަކެއް ނޫންކަން އަހަރެންނަށް ވިސްނިއްޖެ. ބައެއް ގުޅުންތަކަކީ އިހްތިރާމާ އަޅާލުމުންވެސް ކުރިއަށް ދެވިދާނެ ގުޅުންތަކެއް. އެކަމަކުވެސް އާޔާ އިސްވެ އަހަރެންދެކެ ލޯބިވެވިއްޖެޔޭ ބުނާ ދުވަހަކަށް އިންތިޒާރުކުރާނަން. އެދުވަސް ނަޔަސް ޝަކުވާއެއްނެތް. އަހަރެން ނިކަން ލޯބިވޭ" އިޖާޒް ވާހަކަ ދެއްކީ އަހަރެން ބަނޑުގައި ބައްދާލައިގެން ހުރެއެވެ.
"އަހަރެން އިޖާޒްއަކަށް ހުވަފެންތަކެއް ދައްކާކަށްނެތިން. ތިއީ ހެޔޮ ވިސްނޭ ހުލްގު ހެޔޮ މީހެއް. އަހަރެން އިޖާޒްއާއި އިނީ ލޯބިން ނޫންކަމަށް ވިޔަސް އަހަރެންގެ ބަނޑުގައި މިއޮތީ އަހަރެންނާ އިޖާޒް މުޅި އުމުރަށްވެސް ގުޅުވަދޭނޭ ނިޝާން.އަހަރެންނަށް އިތުބާރުކުރާތި. އެހެން މީހެއްދެކެ ލޯބިވެވުނީއޭ ކިޔާފަ އިޖާޒް ދޫކޮށްފަ އަހަރެންނުދާނަން. ވެދާނެ އަހަރެންނަށް އަދި އިހްސާސްތަށް ވަކިކުރަން ނޭނގެނީކަމަށްވެސް. " އަހަރެން ފާޅުކުރީ ތެދު ހަޤީގަތެވެ.
ލައިތްނޫން މީހަކަށް އަހަރެންގެ ހިތް ދެވިދާނެހެން އަހަރެންނަށް ހިއެއްނުވެއެވެ. އިޖާޒް މިހާ ރަނގަޅު އިރުވެސް އަހަރެންނަށް ލައިތްމަތިން ހަނދާން ނައްތައެއް ނުލެވެއެވެ. އެކަނި ވާ ވަގުތެއްގައި ވިއްޔާ ވަރަށް ހަނދާންވެއެވެ. ލައިތްއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެސް ވެއެވެ. ނަމަވެސް އަހަރެން އިޖާޒްއަށް ދެރައެއްނުދޭނަމެވެ. އަދި އަމުދުން މިހާރު ލައިތް އަޔަސް އަހަރެންދެން ލައިތް ކައިރަށް އެނބުރި ނުދާނަމެވެ. އެއީ އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ އެންމެ ފުރިހަމަ ލޯބި ދޭން ބޭނުންވާތީއެވެ.
އަހަރެން ބަލިވެ އިން ވާހަކަ ދޮންދައްތައަށް ވެސް ގުޅާ ބުނީމެވެ. އެންމެންނަށް ހީވީ ޢީދު އައިސްގެން އުޅެންފެށިހެންނެވެ. އަހަރެމެން ކޮޓަރިތެރެ ރީ ސްޓަކްޗަރކޮށް ބޭބީ ކޯނާ އެއް ހަދަން ފެށުނެވެ. އަލަމާރިން މޭވާ ހުސްވާ ވަގުތެއް ނާދެއެވެ. މަންމަ ނުވަތަ މައިދައިތަ އަބަދުވެސް ކޮންމެސް ކާ އެއްޗެއް ހަދައިގެން އާދެއެވެ. އަތުން ފައިން އެއްވެސް ކަމެއް ކުރިއަ ނުދެއެވެ. މައިދައިތަ އައިސް އަބަދުވެސް ފައިމޮޑެދީ ހަދައެވެ. އިޖާޒްވެސް އަބަދުވެސް ކޮންމެވެސް އެއްޗެއް އަހަރެންނަށް ކާންދެވޭތޯ އުޅެއެވެ. އަހަރެން ހޮޑުލާންފެށިއަސް ފެންފުޅި ހިފައިގެން ކައިރީގައި ހުރެއެވެ. ބައްޕަމެންގެ ހާލަކީތޯއެވެ. ލިބެން އުޅޭ ކާފަ ދަރިފުޅަށް ވަޑިއަކު ލައްވާ ކުޑަ އެނދެއް ޖަހަން ދިނެވެ. ބޭބީ އަށް ބޭނުންވާނެ ހުރިހާ ފަރުނީޗަރެއް ޖެހުމަށް ނިންމީ ރަށުގައި ހުރި މާވަޑި ލައްވައެވެ. އަހަރެން ބަލިވެއިން ދުވަސްތަކަކީ އަހަރެން ދެކެ އާއިލާ އެންމެންވެސް ވާ ލޯބި އިހުނަށްވުރެ އިތުރުވި ދުވަސްތަކެކެވެ. އަހަރެމެންގެ ކައިވެންޏަށް އެއް އަހަރު ފުރުނިއިރު އަހަރެންގެ ބަނޑަށް 3 މަސް ވެއްޖެއެވެ.
އިޖާޒް ޑޮކްޓަރަށް ދައްކަން އިންޑިޔާއަށް ދާން ޖެހުނީ އަހަރެން ބަނޑަށް 7 މަސްވެފައި ހުއްޓައެވެ. އެހެންކަމުން އަހަރެންނަށް ދަތުރު ނުކުރެވޭނޭތީ އިޖާޒް އާއިއެކު ދާން ނިންމީ އަހަރެންގެ ބައްޕައެވެ. އަހަރެން ވިޔަފާރީގެ ކަންކަން ބަލަހައްޓައިދޭން އެއްބަސްވީމެވެ. މަންމަ އެކަނި ގޭގައި އުޅޭތީ އަހަރެން ގިނަ ވަގުތު ގޭގައި މަންމަ ކައިރީ ހޭދަކުރީމެވެ. އިޖާޒް ނެތަސް އަހަރެންނަށް ބޭނުންވާ ހުރިހާކަމެއް އިޖާޒްގެ މައިންބަފައިން ކޮށްދެއެވެ. އެމީހުން އިންޑިޔާއަށް ދިޔަތާ 5 ދުވަސްތެރޭ އެނބުރި އައެވެ. އަދި 6 މަސްފަހުން އަލުން ޑޮކްޓަރަށް ދައްކަން ދާންޖެހޭކަމާއި ހުރިހާކަމެއްވެސް ރަނގަޅުކަމުގައި ބުންޏެވެ. ބައްޕަ އާއި އިޖާޒް އިންޑިޔާއިން އައީ ދަރިފުޅަށް ބޭނުންވާނޭ ވަރަށް ގިނަ ސާމާނު ހިފައިގެންނެވެ. އަހަރެމެން ދަރިފުޅުގެ ޖިންސް ބަލަން ބޭނުން ނުވުމާއިއެކު ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް ބޭނުންކުރެވޭނޭ ގިނަ ކުޅޭ އެއްޗެއްސާއި ހެދުން ގެނެސްފައި ހުއްޓެވެ.
އަހަރެން ވިހަންދާން ގަސްތުކުރީ މާލެއަށެވެ. އަލަތު ދަރިފުޅުކަމަށް ވުމާއިއެކު ރަށުގައި އެދެވޭ ފެންވަރުގެ ވަސީލަތްތައް ނުހުންނާތީ ދެ މީހުންގެ މައިން ބަފައިންވެސް ބޭނުންވީ މާލެ ފޮނުވާށެވެ. އަހަރެންގެ ލޭގެ ގުރޫޕަކީވެސް އޯ ނެގެޓިވް ކަމުން ލޭ އަޅަން ޖެހޭފަދަ ހާލަތެއް އައިސްފިނަމަ އެކަންވެސް ރަށުން ނުވާނެއެވެ. ދުވަސް ފުރުމުގެ 2 ހަފްތާކުރިން އަހަރެންނާއި އިޖާޒް އަދި މައިދައިތަ މާލެ ދިޔައީމެވެ. އަހަރެންގެ މައިންބަފައިންނާއި އިޖާޒް ގެ ބައްޕަ މާލެ ދިޔުމަށް ހަމަޖެއްސީ އަހަރެން ވިހާ ދުވަހުއެވެ.

ދުވަސް ފުރި އިތުރަށް ހަފްތާއެއް ވީ އިރުވެސް އަހަރެން ބަނޑުގައި ނުރިއްސިއެވެ. އެހެންކަމުން އެޑްމިޓްކުރުމަށްފަހު ރިއްސުވަން އިންޖެކްޝަން ޖަހާ އެތައް މަސައްކަތެއް ކުރުމަށްފަހު ޑޮކްޓަރު ލަފާދިނީ ސިޒޭރިއަންއަކަށް ދާށެވެ. އަހަރެން ބާއްވާފައި އޮތީ ވިއްސާކޮޓަރީގައި ކަމުން އެތަނުގައި މަޑުކުރެވެނީ އެންމެ މީހަކަށެވެ. އަހަރެން އެދުމުގެ މަތީން އަހަރެން ކައިރީ މަޑުކުރީ މައިދައިތައެވެ. ނަމަވެސް އިޖާޒްވެސް ދޭތެރެ ދޭތެރެއިން އައިސް ހާލުބަލާލައެވެ. ސިޒޭރިއަށް ހަދަން ވާއިރަށް ލޭހޯދުމަށް ޑޮކްޓަރު އެދިފައި ވުމާއިއެކު އިޖާޒް ވަތް ގަޑީ ލޭ ލިބުނުތޯ އަހާލީމެވެ.
"ވަރަށް ފަސޭހައިނ ލިބިއްޖެ. ޕޮލިސް ކުއްޖަކާ އާޔާ މަންމަގެ ފަހަރިއެއްގެ ކޮއްކޮ. " އިޖާޒް ގެ ބަސްތަކުން އަހަރެންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ.
"އޭނ؟ ކާކު އޭ" އަހަރެންނަށް އެހެން އަހާލެވުނީ ބޭ އިޚްތިޔާރުގައެވެ. ހިތުގައި އެނބުރުނީ ލައިތްގެ ނަމަވެ.
"އެންމެން އެބަތިބި ހޮސްޕިޓަލްގަ. އާޔާ ވިހާނެ އިރެއްގެ އިންތިޒާރުގަ" އިޖާޒްއަށް އެހެން ބުނެވުމާއިއެކު 2 ނަރުސް ކުދިން އައިސް އަހަރެން އޮޕަރޭޝަން ތިއޭޓަރަށް ވަށްދަން ގެންދަނީކަމުގައި ބުނެލިއެވެ.
"އާޔާ! ހިތްވަރު ކުރައްޗޭ! ބޭބީ އެކަންޏެއްނޫން އާޔާ ވެސް ފުރިހަމަ ސިއްހަތެއްގަ އަހަރެން ބޭނުން" އަހަރެން އޮތް އެނދު ނެރެން ފެށުމާއިއެކު އިޖާޒް އަހަރެން އަތުގައި ހިފާލާފައި ބުނެލި އެންމެ ފަހު ޖުމްލައަކީއެއީއެވެ.
އޮޕަރޭޝަން ތިއޭޓަރަށް ގެންދެވެނީ ވިހާކޮޓަރިން ނެރެގެން ކަމުން ބޭރަށް އަހަރެން ނެރުމާއިއެކު އެތަނުގައި ތިބި އެންމެން އަހަރެންނަށް ފެނުނެވެ. ތިމާގެ އާއިލާ އެންމެންހެން އެތަތިއްބެވެ. އަހަރެންގެން ގޮސް ލިފްޓަށް އަރުވަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ މާ ދުރުނޫން ހިސާބެއްގައި މީހުންތަކުގެ ތެރޭގައި ނޫ ގަމީހަކާއި ސޯޓެއް ލައިގެންހުރި ޒުވާނެކެވެ. އަތުގައި މަލަންކޮޅެއް އަޅާފައި އިންތަނުގައި އަނެއްއަތުން ފިތާލއިގެން ހުރެ އަތުގެ ހަރަކާތްތަކެއް ކުރެއެވެ. އޭނާ ބަލަހައްޓައިގެން ހުރީ އަހަރެންނާއި ދިމާއަށެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ވީނަމަވެސް ލޮލުން ވިދާ ބަބުޅަމުންދިޔަ ފެންތިކިތައް އަހަރެންނަށް ކިތަންމެހާވެސް ރީއްޗަކަށް ފެނުނެވެ.ކުރިންވެސް އަހަރެން ބުނީމެއްނޫންހެއްޔެވެ.
"ދެލޯ ބަންދުވިއަކަސް މަގޭ ހިތުގެ ވިންދުން"
"ޔަޤީނޭ ކަލާ އަބަދު ފާހަގަ ކުރާނަން"
އާނއެކެވެ. އެއީ ހަމަ ލައިތްއެވެ. އަހަރެންގެ ހިތެއް ދޮގެއްނުބުނާނެއެވެ ކިތަންމެ ކުޑަ ވަގުތުކޮޅަށް ފެނުނުނަމަވެސް އަހަރެންނަށް އެ މޫނު އޮޅުވައެއް ނުލެވޭނެއެވެ. ފާޅު ނުކުރިކަމުގައި ވީނަމަވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަދިވެސް ލައިތްދެކެ ނިކަން ލޯބިވެއެވެ. ބޭ އިޚްތިޔާރުގައި އަހަރެންގެ ލޮލުން ކަރުނަ އައެވެ.
"އޭ ނުރޮއެބަލަ! އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ." އިޖާޒް އަހަރެން އަތުގައި ހިފާލިއެވެ. އިޖާޒް ހީކުރީ އަހަރެންނަށް ބިރުން ރޮވުނީކަމަށެވެ. އެކަމަކު ހަޤީގަތް އެނގޭނީ ހަމައެކަނި އަހަރެންނާއި ލައިތްގެ އިތުރުން ހެއްދެވި ފަރާތަށް އެކަންޏެވެ. އަހަރެން ގަދަ ކަމުން ހިނިތުންވެލީ އިޖާޒް މާ ބޮޑަށް ހާސްވެދާނެތީއެވެ.
އޮޕަރޭޝަން ތިއޭޓަރަށް ވައްދާ އައްސިކުރުމަށްފަހު އިރުކޮޅެއް ފަހުން ދެން އިވުނީ ކުޑަކުޑަ ކުއްޖެއް ރޯލިއަޑެއެވެ. އޭރުގަޑިން ހަވީރު 4:30 ވީއެވެ. ދުނިޔޭގެ ހުރިހާކަމެއްގެމަތިން އަހަރެން ހަނދާން ނެތުނެވެ.
"މަރުހަބާ. އަންހެން ކުއްޖެއް" އެ ލޯބި ލޯބި ތުއްތު ދަރިފުޅު ނެގި ގޮތަށް ކުޑަވަގުތުކޮޅަކަށް އަހަރެން މޭމަތީގައި ބާއްވާލިއެވެ. އެވަގުތު އެ ކުރެވުނު އެހިސާސްއަކީ މަޔަކަށް އެކަނި ކުރެވޭނޭ އިހްސާސްއެކެވެ. އެއީ ގަލަމަކުން ބަޔާންކުރެވޭފަދަ އިހްސާސެއް ނޫނެވެ.

ސިޒޭރިއަންގެ ކަންކަން ނިމި އިރުކޮޅެއްފަހުން ގާތުން ދިނުމަށް ދަރިފުޅު ގެނެސްބާއްވާލިއެވެ. އަހަރެންނަށް ދަރިފުޅު ރީއްޗަށް ފެނުނު ވަގުތަކީ އެއީއެވެ. ކުޑަކަމުން ސިފަކިއަން ނޭގުނަސް އިޖާޒްގެ ކުޑައިރުގެ ފޮޓާއަކާއި ވަރަށް ވައްތަރެވެ. ނަމަވެސް އިސްތަށިގަނޑު އެއީ ސީދާ އަހަރެންގެ ކިބައިން ވާރުތަ ވެފައިކަން އެނގެއެވެ. އެހާ ފަންވެފައި ދިގެވެ.
ބޭބީގެ ހާލުވެސް ރަނގަޅުވުމާއި އެކު އަހަރެން ދެން ބަދަލުކުރީ ރޫމަށްށެވެ. އެ ކޮޓަރިވެސް ހުރީ މަލުން ޒީނަތްތެރިކޮށްލާފައެވެ. ފާރުގައި " ވެލްކަމް ޓު މަދާ ހުޑް" ޖަހާފައި އިން ބެނާއެއް ހަރުކޮށްފައިއިނެވެ. ކޮޓަރިއަށް ގެނެސް ހަމަޖެހުމާއިއެކު އެންމެން އައިސް ދަރިފުޅު އުރާ އެކި މީހުންނާއި ވައްތަރު ކުރަން ފެށިއެވެ. އެންމެންވެސް އެއްބަސްވާ ކަމަކީ އަހަރެންނާއި ވައްތަރު ނޫންކަމެވެ.
"މީ ބޮޑުމަންމީ ގެ ދަރިއެކޭ ދޯ ދޫނީ" އަހަރެންގެ ދޮންތަ ހީވަނީ އުފަލުންގޮސް އެހެން ކަމެއްހެނެވެ. އެންމެން އެންމެނަށް ޖަހާ ސަކަރާތް ބަލަން ހެވިފައި އަހަރެން އޮތީމެވެ. ކޮޓަރިން މީހުންމަދުވެ އެންމެފަހުންތިބީ ދެމީހުންގެ މައިންބަފައިންނާއި އިޖާޒްއެވެ.
"ދަރިފުޅުދާންވީ ނު ނިދާލަން. މަންމަ މަޑުކޮށްލާނަން" އަހަރެންގެ މަންމަ އެހެން ބުނި ނަމަވެސް އިޖާޒް އެކަމާއި އެއްބަހެއް ނުވިއެވެ.
"މަންމަ މަޑުކުރިއަސް އަހަރެންނަށް މަޑުކުރެވިދާނެއެއްނު. އެހެރީ އެއް އެނދު މިއޮތީ ސޯފާއެއް." އަހަރެންހުރީ ގެއަށްދާންބޭނުންވެފައެއްނޫނެވެ.
"މަންމަމެން ދޭގެއަށްގޮސް ފެންވަރާލާހަދާލައިގެން އާދޭ! މަންމައާ އިޖާޒްއާއި މަޑުކުރެވޭނެއެއްނު އޭރުން"
އަހަރެންގެ ޚިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ. އެންމެން ނުކުންނަށް ހިނގާގަތްވަގުތު ނަރުސް ކުއްޖެއް އައިސްވަނީ އަހަރެންގެ އަދި ބޭބީގެ ބައެއް ޓެސްޓްތައް ހައްދަން ލޭ ނެގުމަށެވެ. ލޭނަގައިގެން ނަރުސް ކުއަޖާ ދިޔުމާއިއެކު އަހަރެންނާއި ބޭބީ އަދި އިޖާޒް އެކަނިވިއެވެ. އިޖާޒް އިނީ އެ ފަދަ ވަގުތުކޮޅަކަށް އެދިއެދިކަން އަހަރެންނަށް އެނގުނެވެ.
"އާޔާ ތެންކިޔު." އިޖާޒް އައިސް އަހަރެން ނިއްކުރީގައި ދޮނެއް ދިނެވެ. އަހަރެން ހީލީމެވެ.
(ނުނިމޭ)

  1. Avatar
    moderated

    ނައިސް💕

  2. naa

    ވަރަށް ފުރިހަމަ ، ދެން އޮތް ބަޔަށް ވަރަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން

    17

ޚިޔާލު ފޮނުއްވާ