7 އަހަރު ފަސް
***********
ޔޫކްރެއިންގެ ބޮގޮމޮލެޓްސް ނެޝެނަލް މެޑިކަލް ޔުނިވާރސިޓީއިން ނިކުމެގެން އަހަރެން ދިރިއުޅޭ ހޮސްޓެލްއަށް ދިއުމަށް އަހަރެން މިސްރާބުޖެހީ ޓެކްސީއެއްގައެވެ. ފިނި މޫސުމުގެ ދުވަސްވަރުކަމުން އަހަރެން ލައިގެން ހުރީ ކަޅު ޖީންސްއަކާއި ޓާރޓަލް ނެކް މުށި ކުލައިގެ ސްވެޓާރއެކެވެ. މަތިން ކަފަ ފޮތީގެ ބޯ ކޯޓެއް ލައިގެން އަހަރެން ހުރީ، ވަމުން ދިޔަ ފިނީގެ ސަބަބުން އުނދަގޫ ވާތީއެވެ.
ހަތް އަހަރު ދުވަހު ޔޫކްރެއިން ގައި އުޅެވުނު އިރުވެސް މި ފިންޏަށް އަހަރެންގެ ހަށިގަނޑެއް ނުހޭނުނެވެ. ވާނީވެސް އެހެންތާއެވެ. އުމުރުގެ ސޯޅަ އަހަރު ދުވަހު ދިވެހިރާއްޖެ ފަދަ ހޫނު މޫސުމީ ޤައުމެއްގައި ވޭތުކޮށްފައި އައިސް މި މާހައުލަށް އެންމެ ހަތް އަހަރު ދުވަހުން ހޭނޭނީ ކިހިނެއް ހެއްޔެވެ. އަހަރެން އޯލެވެލް ނިންމިގޮތައް މިކޮޅަށް އައިސް އޭލެވެލް ވެސް ނިންމީ މިކޮޅުންނެވެ. އެޔަށްފަހު ހަ އަހަރު ދުވަސް އަހަރެން ވޭތުކުރީ ޑަކްޓަރީކަން ކިޔެވުމަށެވެ. މިއަދު އަހަރެން މިއައީ ކޯހުގެ އެންމެ ފަހު ސެމިސްޓާރގެ އެންމެ ފަހުޓެސްޓު ހަދައިފައެވެ.
ހޮސްޓެލްއަށް ދެވުމާއިއެކު ޑްރައިވަރަށް ރުފިޔާ ދައްކާފައި އަހަރެން ކާރުން ފޭބީމެވެ. މިނިވަންކަމާއި އެކު ދޫކޮށްލެވިފައިވީ އަހަރެންގެ ފަން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ގޮސް ހޮސްޓަލް ގެ އިމާރާތުގެ ތެރެއަށް ވަނީމެވެ. ލިފްޓަށް އަރައި ފަސްވަނަ ފަންގިފިލާއަށް ފިއްތައިލުމަށްފަހު އަހަރެން ހަމަޖެހިލީމެވެ. ލިފްޓު ހުއްޓުމާއިއެކު ގޮސް އަހަރެން ދިރިއުޅޭ އެޕާރޓުމެންޓަށް ވަނީމެވެ.
"މަލަކް ހާދަ ލަހުން ތިއައީ؟ އަހަރެން ޓެސްޓު ނިންމާފަ އައިތާ ކޮން ޒަމާނެއް" އަހަރެން ދޮރު ހުޅުވާފައި ވަނުމާއިއެކީ އަހަރެންގެ ރޫމް މޭޓު ތޫމާ އަހައިލިއެވެ. ތޫމާއަކީ ބާ އަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ. މިވީ ހަތް އަހަރު ދުވަހު އަހަރެމެން ދެމީހުން ދިރިއުޅުނީ އެކީގައެވެ. ކުޑަކޮށް ފަލަކޮށް ހުންނަ އިރު ތޫމާއަށް ލިބިފައިވަނީ ދޮން ހަންގަނޑަކާއި ރީތި ހިނިތުންވުމެކެވެ. މީހުނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ.
"އާން އެއީ ލައިބްރަރީ އަށް ފޮތްތައް ހަވާލުކޮށްފަ އައިމަ، ދެން ގްރެޖުއޭޓް ވާން އުޅޭ އިރު އެ ފޮތްތައް ދޭން ޖެހޭނެއެއްނު!" ލައިގެން ހުރި ބޫޓު ބާލައި ފައިވަން ހަރުގަނޑަށް ލަމުން އަހަަރެން ޖަވާބު ދިނީމެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އެއްޗެހި ބަދަލު ކޮށްލުމުގެ ގޮތުންނެވެ.
"މަލް މަޑުކޮށްބަލަ، އަދި އެބަ އޮތޭ ވާހަކައެއް!" އެޅި ވިޔަވަޅު މަތީ އަހަރެން މަޑުކޮށްލީ ތޫމާގެ އަޑަށެވެ. "ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ. "މިރޭ އެއްކަލަ ޖެކް މެން އެމިލީ މާދަން ފުރާތީ ފެއާވެލް އެއް ބާއްވަނީއޯ، އެއްކަލަ ރެސްޓޯރެންޓަށް އަންނާށޯ 8 ޖަހާއިރަށް" ތޫމާ ކިޔައިދިނުމުން އެންމެ ރަނގަޅު ކަމުގައި ބުނަމުން ކޮޓަރިއަށް ވަދެ އަހަރެން ފެންވަރައިލުމަށް އަވަސް ވެގަތީމެވެ.
ހޫނު ފެންފޮދަކުން ފެންވަރައިލުމާއިއެކު ހަށިގަނޑަށް އަރާމު ވެގެން ދިއައިރު، ފެންވަރައިގެން ނިކުމެ އެނދުގައި އަހަރެން ޖައްސައިލީ، ވެފައި ވީ ވަރުބަލީގެ ސަބަބުން ލޮލަށް ނިދި ސަވާރުވާން ފެށުމުންނެވެ. އެނދުމަތީގައި އޮށޯވެލަމުން ފޯނު ނަގައި މަންމަ އަށް ގުޅައިލީމެވެ. ފާއިތުވެދިޔަ ހަތް އަހަރު ތެރޭ އަހަރެން އެއްވެސް ޗުއްޓީއަކަށް އެނބުރި ރާއްޖެ ނުދިއައީތީ މަންމަ ހުންނަނީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފައެވެ. މަންމަ އަހަރެން ބަލައި އައުމުން ވެސް އަހަރެން ދިއުމަށް ދެކޮޅު ހެދީމެވެ.
އެނބުރި އުފަން ޤައުމަށް ދާން އަހަރެންވެސް ބޭނުމެވެ. އާއިލާގެ އެންމެނާއި އެކުވެރިންނާއި ބައްދަލުކޮށް ކުރީގެ އުފާވެރި ހަނދާންތައް ތާޒާ ކޮށްލަން ބޭނުމެވެ. ނަމަވެސް، ހިތުގައި ވާ ބިރު އެކަމަކަށް ޖާގަ އެއް ނުދެއެވެ. ހަތް އަހަރު ކުރިން ވެ ނިމިދިޔަ ކަންތައް ތަކުރާރު ވާކަށް އަހަރެން ނޭދެމެވެ.
މަންމަ ފޯނު ނުނގުމުން، އަހަރެން ފޭސްބުކަށް ވަދެލީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ޝާޔާ ލާފައި އިން ފޮޓޯއެކެވެ. "ވެލަކަމް ބެކް" ކެޕްޝަނަކަށް ޖަހާފައި އޭނާ ލައިފައި އިނީ އޭނާއާއި އަކިލްގެ ފޮޓޯއެކެވެ. ސިފައިންގެ ޔުނީފޯރމުގައި އަކިލް ހުރިއިރު، މޫނުމަތިން ފެންނަނީ ހަރުދަނާކަމާއި، ޝަހުސިއްޔަތު ވަރުގަދަކަމެވެ. ހަށިގަނޑު އިހުނަށް ވުރެ ބިޔަވެ ކަސްރަތީވެފައި ވާއިރު، ތުނިކޮށްލެވިފައިވާ ތުނބުޅި އޭނާގެ ފިރިހެން ވަންތަކަން އިތުރު ކޮށްދެއެވެ. އޭނާގެ ރޭގަނޑެއް ފަދަ ކަޅު ކަޅީގައި އިހުނަށް ނުހުންނަ ވިދުމެއްވި އިރު، މިވީ ހަތް އަހަރު ތެރޭގައި ކަންކަން ބަދަލު ވެފައި ވާނެ ވަރު އަހަރެންނަށް އެ ފޮޓޯ ގަނޑުންވެސް ވަޒަންކޮށްލެވުނެވެ.
ޝާޔާ ވެސް އިހުނަށް ވުރެން ރޫފަ ރީތިކޮށް ހުރިއިރު، އޭނާގެ މޫނުމަތީގައި ވަނީ އުފާވެރުކަމާއި ހިނިތުންވުމެވެ. ހަތް އަހަރު ވޭތުވެގެން ދިއައިރު، ދޭތެރެ ދޭތެރެއިން އަހަރެމެން އެކަކު އަނެކަކަށް ގުޅައި ހާލު ބަލައި ހަދަމެވެ. އަހަރެން އެކޮޅަށް ނުދާތީ ޝާޔާ އަބަދުމެ ހުންނަނީ ޝާކުވާ ކޮށްލަ ކޮށްލައެވެ.
ހިޔާލުތަކުގައި އޮއްވައި އަހަރެންނަށް ނިދުނު އިރު، ދެން ހޭލެވުނީ ތޫމާ ގޮވަން ފެށުމުންނެވެ. "އޭ މަލޫ އަވަސްކޮށްބަލަ ގަޑިޖެހެނީއޭ" ތޫމާ ގޮވަން ވަށައިފި ނަމަ ދެން ނިދަން ނޯވޭނެ ކަން އިނގޭތީ ތެދުވެ ތައްޔާރުވާން ފެށީމެވެ. ކަކުލުން ތިރިއަށް ދާ ގަޔަށް ހިފިފައިހުރި މެރޫން ކުލައިގެ ހެދުމެއް ލުމަށްފަހު، އުސް ސްނޯބޫޓަކަށް އެރީމެވެ. އިސްތަށިގަނޑު މިނިވަންކަމާއި އެކު ދޫކޮށްލުމަށްފަހު ހެދުމުގެ މަތިން ކަޅުކުލައިގެ ކޯޓެއް ލައި، ކަރުގައި ސްކާރފެއް އޮޅައިލީމެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލައިގެން ތޫމާއާއި އެކު އަހަރެން ހޮސްޓަލުން ނިކުތް އިރު، ޖެކް އޭނާގެ ކާރުގައި އަހަރެމެން ބަލައި އައިސް ހުއްޓެވެ.
ޖެކްއަކީ އަހަރެންނާއިއެކު ކިޔަވަމުން އަންނަ މުއްސަނދި އާއިލާއަކަށް ނިސްބައިތް ވާ ރީތި ޒުވާނެކެވެ. ޔޫކްރެއިންގެ ރަށް ވެއްސެކެވެ. ކާރުގައި ތިބި އިރު، އަހަރެމެންގެ މެދުގައި ތަފާތު ވާހަކަ ދެކެވުނު އިރު، ބޮޑަށް ދެކެވުނީ ގްރެޖުއޭޝަންއާއި ވަޒީފާއަށް ނިކުތުމުގެ ވާހަކައެވެ. މުސްތަޤުބަލުގެ ވާހަކައެވެ.
ރެސްޓޯރެންޓުގެ ކުރިމަތީގައި ކާރު މަޑުކޮށްލަމުން އަހަރެންނާއި ތޫމާ ފޭބީމެވެ. ޒެކް ކާރު ޕާރކު ކޮށްފައި އައުމުން އަހރެމެން ތިންމީހުން އެތެރެއަށް ވަނީ އެކީގައެވެ.
އެމެލީއައުމާއި އެކީ ސަޕްރައިސްއޭ ކިޔައި ހަޅޭއްލައިވައި ގަންނަމުން ކެއުމަށް އިންސާފުކޮށް އަހަރެމެން ބާއްވަން ހަމަޖެއްސި ކުޑަ ޕާރޓީ އެ ރެސްޓޯރެންޓުގެ ޕްރައިވެޓް ހޯލުގައި ފެށުނު އިރު، ޖަހާފައިހުރި އަޑު ހަރު ލަވައިގެ ސަބަބުން ދައްކާ ވާހަކަ ވެސް އަޑުއިވެނީ ކިރިޔާއެވެ. ދަބަހުގައި އޮތް ފޯނު ރިންގުވަމުން ދިޔަކަން ވެސް އަހަރެންނަށް ރޭކާލީ، ފޯނު ވައިބްރޭޓު ވުމުންނެވެ.
އެ ހޯލުން ބޭރަށް ނިކުތުމަށް ހިނގައިގަންނަމުން އަހަރެން ފޯނު ނަގައި ކަންފަތުގައި ޖަހައިލީމެވެ. ގުޅީ އަހަރެންގެ ބައްޕައެވެ. "ހަލޯ" އަހަރެން ބުނެލީމެވެ. "ދަރިފުޅާ...." ކުރަކި ވެފައިވާ ބައްޕަގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އަހަރެންގެ ހިތް ނުބައި ގޮތަކަށް ތޮޅިލިއެވެ. "ލައްބަ ބައްޕާ، ކިހިނެއް ވީތޯ؟ ކޮބާ މަންމަ؟ މަލްކޮ މިއަދު ގުޅި އިރު ފޯނެއް ނުނަގާ" އަހަރެން އަހައިލީ ތެޅި ތެޅި އޮތް ހިތަކާއި އެކީގައެވެ.
"ދަރިފުޅާ، ބައްޕަމެން މިތިބީ ހޮސްޕިޓަލުގަ...ދަރިފުޅުގެ މަންމަ...." "ހޮސްޕިޓަލިގަ ކީއްވެ؟ ބައްޕާ މަންމަ ރަނގަޅުތަ؟" އަހަރެން އަނެއްކާ ވެސް އަހައިލީމެވެ. އޭރު އަހަރެންގެ ލޮލުން ކަރުނައިގެ ރޮނގެން ދެމިގެން ގޮސްފިއެވެ. "މަންމަ ވީ އެމަރޖެންސީ ރޫމުގަ....ޑަކުޓަރު ނިކުތީމަ ވީގޮތެއް އިނގޭނީ....މިއަދު ފާހަނައިގަ މަންމަ މާގިނައިރު ވެގެން ބައްޕަ ބަލާލިއިރު މަންމަ އޮތީ ހޭ ނެތިފަ" ބައްޕަ ކިޔައިދިނެވެ.
"ބައްޕާ އަޅުގަނޑުގެ ޓެސްޓުތައް ވެސް ނިމިއްޖެ މާދަމާގެ ފްލައިޓުން ޖާގައެއް ލިބޭތޯ ބަލާނަން" އަހަރެން ބުނެލީމެވެ. މަންމަ ބަލިކަން އިނގުމާއިއެކު އެންމެ ހިނދުކޮޅަކު ވެސް ދެން މަންމައާއި ދުރުގަ ހުންނާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވެއެވެ. އަހަރެންނަކީ އެހައިވެސް އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ.
"ޕޭޝަންޓް ގެ އާއިލާ؟" ދެން އަހަރެންނަށް އިވުނީ ޑަކުޓަރުގެ އަޑެވެ. ބައްޕަ ފޯނު ކަނޑާނުލައި ހުރުމާއިއެކު، އެކޮޅުން ދެކެވެމުން ދިޔަ ވާހަކަ އަހަރެންނަށް ދިއައީ ސާފުކޮށް އަޑުއިވެމުންނެވެ.
"އަޅުގަނޑުގެ މަންމައަށް ކިހިނެއް ވީތޯ ޑޮކްޓާރ؟" އަހަރެންނަށް އިވުނީ ތުއްތުގެ އަޑެވެ. "ޕޭޝަންޓްގެ ހާލު ވަރަށް ކްރިޓިކަލް، ޕޭޝަންޓްގެ ސިކުނޑީގަ ވަނީ ލޭކޮޅެއް ގަނޑު ވެފަ، ވީހާވެސް އަވަހަކަށް އޮޕްރޭޝަނަކަށް ދާންޖެހޭ...." ޑަކުޓަރުގެ ބަސްތަކާއިއެކު އަހަރެންގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. އަހރެންގެ ލޯބިވާ މަންމަގެ ފުރާނަ އެވަނީ ކިހައި ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. ސިކުނޑީގެ އޮޕަރޭޝަންތަކަކީ ސަތޭކަ ޕަސެންޓު ގެރަންޓީ ގިނަ ފަހަރަށް ނޯންނަ އޮޕަރޭޝަން ތަކެއް ކަމުންނެވެ.
"އަޅުގަނޑުމެން ލަފާ ދެނީ އިންޑިއާއިން އޮޕަރޭޝަން ފުރިހަމަ ކުރުމަށް، އަޅުގަނޑުމެންގެ ހޮސްޕިޓަލުގަ މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ނެތް...ވީހާވެސް އަވަހަކަށް ޕޭޝަންޓު އެކޮޅަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަވާ.." ފޯނު ކަނޑައިލަމުން ރެސްޓޯރެންޓުން ނިކުންނަން އަހަރެން ހިނގައިގަތީމެވެ. އޭރު ތާޒާ ކަރުނަ އަހަރެންގެ ކޯތާފަތް މަތީގައި ދައުރުވަމުންދިއައެވެ.
އަމިއްލަ ނަފުސު އިންތިހާއަށް ކުއްވެރި ކުރެވުނީ، މަންމަގެ ހުރިހައި އާދޭސްތަކަށް ބީރުކަންފަތެއް ދެވުމުންނެވެ. މަންމަގެ ގާތައް މަންމަ ދެކިލުމަށް އަހަރެން ނުގޮސް ހުރުމުންނެވެ. ނަމަވެސް ދެވަނަ ފަހަރަށް އެކުށް ތަކުރާރުކުރާކަށް އަހަރެން ނެތީމެވެ.
ފޯނުން ޖެހިގެން އޮތް ދުވަހަށް ޓިކެޓު ހަމަޖައްސަމުން އަހަރެން ތައްޔާރުވީ އެނބުރި ރާއްޖެ ދިއުމަށެވެ. ކުރިމަތި ވެދާނެ ކޮންމެ ކަމަކަށް އަމިއްލަ ނަފުސު ތައްޔާރު ކުރަން ވަގުތު ނެތަސް، ލޯބިވާ މަންމަގެ ގާތަށް
ދެވޭ ނަމަ މިވަގުތު އަހަރެންނަށް ކޮންމެ ކަމެއްވެސް ވަރިހަމައެވެ.
ނުނިމޭ
ނޯޓް؛ އަޅުގަނޑުގެ އޯލެވެލް އިމްތިހާނު ގާތް ވަމުން އަންނާތީ ވާހަކަ ލިޔުމަށް ވަގުތު ހުސްކުރުން މި ދުވަސްކޮޅުގައި އުނދަގޫ ކަމުން، މި ވާހަކަ ދެން ގެނެސްދެވޭނީ ކޮންމެ އިންޝާﷲ ހޮނިހިރު ދުވަހެއްގައެވެ. ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި ތި ދެއްވާ ލޯތްބާއި އެއްބާރުލުމަށް ޝުކުރުވެރިވަމެވެ.
ތީ އެސްފިޔަ ގައި އުޅުނު އަފާ ތަ؟
އާން އެއީ އަފާ
ވާވާ
ވަރަށް ރީތި😀
އޯލްދިބެސްޓް ފޯރ 0 ލެވެލް
ތެންކިޔޫ💕
ގުޑް ލަކް ފޯ އޯ ލެވެލް އެންޑް ވވ. ރީތި މިބައިވެސް
ވާހަކަ ވވވވވވ ވެސް ރީތި
އޯލްދަ ބެސްޓް ފޯ އޯލެވެލް 👍👍👍
މާޝާ ﷲ 💖 ވަރަށް ވަރަށް ރީތޖ 💖 ކީޕް އޮން ގޮއިން 💝
ރީތި**
ޝުކުރިއްޔާ💕
ކޮބާ އަނެއްޕާރޓު؟ ކިޔާހިތުން ހުރެވެނީއެއް ނޫން