ތިޔަ ލޯބީގައި - 36

ރަނގަޅަށް ކަންކަންވިސްނި ހަރަކާތްކޮށްލެވުމާއެކު ދަތްކުނޑިވިކަލަމުން ސައިނާ އަޒްހަރުގެ މޫނުމަތީގައި ޖެހިއެވެ. އެއްފަހަރާ ކުރެވިގެންދިޔަ އިހުސާސުތަކުން ބުނާނެ އެއްޗެއްވެސް ސައިނާއަށް ވިސްނައިނުގަނެވުނީއެވެ. އޭރު އައިސްފައިވި ގަދަ ރުޅިއާއެއްކޮށް އޭނައަށް ރޮވެމުންވެސް ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތިން ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އަޑަށް ސިހިފައި ދެމީހުނަށް އެދިމާއަށް ބަލައިލެވުނެވެ. ދެލޯބޮޑުވެ ގަނޑު އަރައިފައި އެތަނުގައި ހުއްޓިހުރި ޝަޔަމް ފެނުމުން ދެމީހުންނަށްވެސް ހާސްކަން ވެރިވެގެންދިޔައެވެ. "ޝަޔޫ.." ކަންބޮޑުވެފައި ވައިއަޑުން ސައިނާއަށް ގޮވައިލެވުނެވެ.

ބޭރުގައި އިނދެ މާބޮޑަށް ފިނިވާން ފެށުމުން ޝަޔަމް ގެއަށްވަނީ އިތުރަށް އެބެންޗްގައި އިނުމަށް އޭނާއަށް ކެތްނުވުމުންނެވެ. ބަދިގެއަށްވަދެ އަމިއްލަ އަށް ހޮޓް ޗޮކްލެޓެއް ހަދައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ޝަޔަމް މިސްރާބުޖެހިއެވެ. އެހެނަސް ސައިނާގެ ކޮޓަރި އާއި ހަމައަށް އައި ވަގުތު އިވެންފެށި ވާހަކަތަކުން އެތަނުގައި އޭނާގެ ދެފައި ތަތްލިކަހަލައެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅުމަށް އޭނާ ނުކުޅެދުނެވެ. އިވެމުންދިޔަ ވާހަކަތަކަކީ ދުވަހެއްގެ ކޮޅުންވެސް އިވިދާނެކަމަށް ޝަޔަމް ހީކުރިފަދަ ވާހަކަތަކެއްނޫނެވެ. ލިބުނު ޝޮކުގައި އަތުގައިހުރި ބިއްލޫރި ޖޯޑު އަތުން ދޫވެ ވެއްޓުނުކަމެއްވެސް ޚުދު އޭނާ ނުދެނަހުއްޓެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސްކަމެއް ޝަޔަމްއަށް އިހުސާސުނުވާފަދައެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔަކަންވެސް އޭނާއަށް ނޭނގެއެވެ. ޖެހިއެތިގަނޑެއްހެން ހުރިއިރު ނުހައިކްގެ ހަނދާންތައް އައިސް ވަށައިގެން އޭނާ ފިއްތަމުންދިޔަ ކަހަލައެވެ. އެދަރަޖައަށް އަޒްހަރު ނުހައިކްދެކެ ނުރުހުންވެދާނެކަމަށް ޝަޔަމް ފަހަރެއްގައިވެސް ހީނުކުރެއެވެ. އެފަދަ އަނިޔާވެރި އިންސާނަކަށް އޭނާގެ ލޯބިވާ ބައްޕަ ވެދާނޭ ހިތަށްވެސް ނާރައެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތި އަޒްހަރުގެ މޫނަށް ބަލަމުންދިޔައިރު އެދުލުން ބޭރުވި ކޮންމެ ލަފުޒެއް ޝަޔަމްގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ އޭނާގެ ނަފުސަށްވެސް އުނދަގޫވާވަރަށެވެ.

"ބައްޕާ.." ޝަޔަމްގެ އަޑުގައިވެސްވީ ރިހުމެވެ. ހުއްޓުންއަރައިފައި އަޒްހަރުގެ މޫނަށް ބަލަންހުރެ ޝަޔަމްއަށް އޭނާއަށް ގޮވައިލެވުނީ އެވާހަކަތަކަކީ ހަގީގަތުގައިވެސް ތެދެއްތޯ އަހައިލާފަދަ ގޮތަކަށެވެ. ޝަޔަމްއަށް ބަލަހައްޓައިގެން ހުރެފައި އަޒްހަރު އެމޫނުން ނަޒަރުވަކިކޮށްލުމާއެކު އެހިތުގައި ބުރުޖަހަމުންދިޔަ އެތައްް ސުވާލެއްގެ ޖަވާބު އެއްފަހަރައި އޭނާއަށް ލިބުނުކަހަލައެވެ. އިޚްތިޔާރުން ބޭރުގައި ތެޅިފައިއޮތް ޖޯޑުގެ ބިއްލޫރިކޮޅުތަކަށްވެސް ބަލައިލުމެއްނެތި ޝަޔަމް އެތެރަށްވަނެވެ.

"ޝަޔޫ ބަލައިގެން..." ތެޅިގަނެފައި ސައިނާއަށް ބުނެލެވުނެވެ. އެހެނަސް އެއަޑުވެސް ޝަޔަމްއަށް ނީވޭފަދައެވެ. ބިއްލޫރިކޮޅަކުން ފައި ކުޑަކޮށް ޒަޚަމްވެފައިހުރިއިރު އެވޭންވެސް އޭނާއަށް އިހުސާސުނުކުރެވޭފަދައެވެ.

"ކީއްވެ؟ ކީއްވެ ބައްޕަ އެގޮތަށް ކަންތައްކުރީ؟ އެއްފަހަރުވެސް އަޅުގަނޑު ވާނެ ދެރައާއި ކުރާނެ ހިތާމަ ބައްޕަގެ މިހިތަށް އިހުސާސުނުވީތަ؟ ނޫނީ އަޅުގަނޑު ހިތާމަކުރާތީ އެކަމުން ބައްޕައަށް ޚާއްސަ އުފަލެއް ލިބެނީތަ؟ އެެވަރުގެ ބޮޑު ދެރައެއް.. ކޮންފަދަ މަޖުބޫރުކަމެއް.. ނުހައިކް.." ޝަޔަމްގެ އަޑުބެދޭގޮތްވުމުން އޭނާ ހުއްޓައިލިއެވެ. ރޮވޭވަރުން ވާހަކަދައްކަންވެސް އޭނާއަށް ދަތިވަމުންދިޔައެވެ.

"އަހަރެންމީ ކަލޭގެ ބައްޕައަަށްވާއިރު އަހަރެން ވަކި ކަލެއަށް ދެރަގޮތެއް އެދޭނެތަ؟ އަހަރެން ކަންތައްކުރީ އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކަށް.." އިރުކޮޅަކު ހިމޭނުން ޝަޔަމްއަށް ބަލަން ހުރުމަށްފަހު އަޒްހަރު ބުނެލިއެވެ.

"އެވަރިހަމަތަ މީހެއްގެ ފުރާނަ ދުއްވައިލައިގެން ވިއަސް.." ޝަޔަމްގެ އަޑުގައި ކުއްލިއަކަށް ރުޅިވެރިކަން އެކުލެވިގެންދިޔައެވެ. ނިތަށް ރޫއަރައިގެންދިޔައިރު އަޒްހަރު ކަންތައްކުރިގޮތުން އޭނާއާއިމެދުގައި ޝަޔަމްގެ ހިތުގައި ފޫހިކަން އުފެދުނެވެ.

"އާން.. ވަރިހަމަ.. ކޮންމެ ގޮތެއް ހަދައިގެންވިއަސް އަހަރެންގެ ބޭނުން ފުދޭނަމަ އެކަމެއް ކުރާކަށް އަހަރެން ފަހެއް ނުޖެހޭނަން.." ޝަޔަމްއާއި ދިމާއަށް ފިޔަވަޅެއް އަޅައިލަމުން އަޒްހަރު އަޑުހަރުކޮށް ބުނެލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާ ހުއްޓުންއެރީ އެދެމެދަށް ވަންނަމުން ސައިނާ އަނެއްކާވެސް އަޒްހަރުގެ މޫނުމަތީގައި ޖެހުމުންނެވެ. "ސައިނާ." އަޑުގެ ނެތްތަނަށް އަޒްހަރު ހަޅޭއްލަވައިގަތެވެ. ސައިނާގެ އަމަލުތައް ހުރިގޮތުން އަޒްހަރުގެ ރުޅިގަނޑު ކެކި އަރައިގަތެވެ.

"ޚަބަރުދާރު.. ތީކީ އަހަރެން ލޯބިވެގެން ކައިވެނިކުރި އަޒްހަރެއް ނޫން.. އޭނާ އެހައި ހިތްނުބައެއްނުވާނެ.. އަނިޔާވެރިއެއްނުވާނެ.. ތިހާ އަމިއްލަ އެދުން ބޮޑެއްނުވާނެ.. ކަލޭ ތިހުރީ ތަންދޮރުވަކިނުވާވަރަށް މޮޔަވެފަ.. ތިއަކަށް ލޯތްބެއް ނުކިޔާނެ.. އަމިއްލަ ދަރިފުޅުގެ އުފަލާމެދު ނުވިސްނި މީހަކު އެހެންމީހަކާއި މެދުގައިވެސް ނުވިސްނާނެ.." ހުއްޓުމެއްނެތި ސައިނާގެ ދެލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. އަޒްހަރުގެ ރުޅިވެރި ނަޒަރުން އެހިތަށް ތަދުވިނަމަވެސް އެއަށްވުރެ ފުން އަސަރެއް އަޒްހަރު ކަންތައްކުރިގޮތުން އެހިތަށް ކޮށްފައިވެއެވެ.

"ކަލޭ ހުރޭ އަނގަމަޑުން ލައިގެން. މީހުސް ކަލޭގެ ކަންތައް.. ކަލޭ އޭނަށް ހިތްވަރުދެނީކަން މިހާރު އަހަރެންނަށް ޔަގީން.. ދުވަހަކުވެސް އެގުޅުމަށް އަހަރެން ނުރުހޭނަން.. ޝަޔަމް ޖެހޭނީ އަހަރެންނާ އެފިރިހެނާއާއި ތެރެއިން ކޮންމެސް އެކަކު ޚިޔާރުކުރަން.." ސައިނާގެ އޭނާ އާއި ދުރަށް ޖައްސައިލަމުން ޝަޔަމްގެ މޫނަށް އަޒްހަރު ބަލައިލިއެވެ. މުޅިކޮޓަރި ތެރެއަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު ވަގުތު މަޑުޖެހިގެންދިޔަފަދަ އިހުސާސެއް ސައިނާއަށް ކުރެވުނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެންތިބި ޝަޔަމްއާއި އަޒްހަރާއި ދިމާއަށް ބަލަން ސައިނާއަށް ހުރެވުނީ ނޭވާހިފަހައްޓަައިލައިގެންނެވެ. ޝަޔަމްގެ ނިންމުން އަންނާނެ ގޮތެއް ނުވިސްނޭތީ ބުނާނެ ބަހެއްވެސް ސައިނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ދެމީހުނަށް ނަޒަރު ހިންގަމުންދިޔައިރު ނޭވާލުމަށް ދަތިވަމުންދާހެންވެސް އޭނާއަށް ހީވަމުންދިޔައެވެ.

"އަދިވެސް ބައްޕަ ގޮތް ދޫކުރާކަށް ނުވޭތަ؟ އަޅުގަނޑު ކުރީ ކުށެއްކަމަކަަށް ގަބޫލެއް ނުކުރަން.. ލޯބި ވުމަކީ ކުށެއްނޫނޭ ބައްޕާ.. ލޯތްބަކީ ވަކި ފަންތިއެއްގެ ވަކި ބަޔަކަށް އޮތް އެއްޗެއް ނޫނޭ ބައްޕާ.. ބައްޕަ އެއްފަހަރުވެސް ވިސްނާލަބަލަ.." ފުންނޭވާއެއް ދޫކޮށްލަމުން އާދޭހާއިއެކު ޝަޔަމް ބުނެލީ އަޒްހަރަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އެހެނަސް ހިތްހަމަނުޖެހިފައި އަޒްހަރު މޫނު އަނބުރައިލިގޮތުން ޝަޔަމް ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމުގެ އެއްވެސް ޝައުގެއް އަޒްހަރުގެ ނެތްކަން ވިސްނި އޭނާ އިސްޖަހައިލިއެވެ.

"އެންމެ ރަނގަޅު.. ދުވަހަކުވެސް ބައްޕަ ތިފަދަ ގޮތަކަށް މީހަކަށް އަނިވެރިވެދާނެކަމަށް އަަޅުގަނޑު ހިއެއްނުކުރަން.. އެހެންވިއަސް.. މިއަދު.. ބައްޕަ އެފަދަ ނުބައި އަމަލެއް ކުރާކަށްވެސް ފަސްނުޖެހޭނެކަން އަންގައިދީފި.. އަޅުގަނޑު ނުހައިކްދެކެ ވަނީ ތެދުވެރި ލޯތްބެއް.. ބައްޕަ ބުނީ ރަނގަޅަށް.. ދުވަހަކުވެސް އަމިއްލަ އިޚްތިޔާރުގަ ނުހައިކް އަަޅުގަނޑުދުލެއް ނުކުރާނެ.. އަޅުގަނޑުވެސް.. ދުވަހަކުވެސް.. ނުހައިކް ދޫކޮށްލާކަށް ބޭނުމެއްނޫން.. އަނދިރިވެފައިވި އަޅުގަނޑުގެ ހަޔާތް އަލިކޮށްދިން ފަރާތަކީ އެއީ.. އެއަތުން ދޫކޮށްލާކަށް ނެތިން.. ހަޔާތުގެ ބައިވެރިއަކަށް އަޅުގަނޑު ޚިޔާރުކުރީ ހަމަ އެންމެ ރަނގަޅު ފަރާތް.. ބައްޕަ އެކަން ގަބޫލުނުކުރާނަމަ އެކަމުގަ އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއްނެތް.. އަޅުގަނޑުދެން މިގޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނޫން.." ބުނަން ބޭނުންވި ހުރިހައި އެއްޗެއް ބުނެލުމަށްފަހު އެތަނުން ދިއުމަށް ޝަޔަމް ހިނގައިގަތެވެ. ދެލޯބޮޑުވެ އެދިމާބަލަން ހުރި އަޒްހަރު އެކޮޓަރިން ޝަޔަމް ނުކުތުމާއެކު އޭނާގެ ފަހަތުން ދިއުމަށް އުޅެގަތެވެ. ފަހަރެއްގައިވެސް އޭނާ ދޫކޮށް ޝަޔަމް ނުހައިކް ޚިޔާރުކޮށްފާނެކަމަށް އަޒްހަރު ގަބޫލެއް ނުކުރެއެވެ. ރުޅިއައިސްގެންގޮސް މީހާ ފަޅައިގެންދާންވަރު ވެފައި ހުއްޓައި އޭނާގެ މަގަށް ހުރަސްއެޅީ ސައިނާއެވެ. ޮކޮޓަރީގެ ދޮރާއި އަޒްހަރާއި ދެމެދަށް ހަލުވިކޮށް އައިސް ސައިނާ ވަނެވެ.

"ނޫން އަޒްހަރު.. މިއަދު ޝަޔަމް ހުއްޓުވުމުގެ އެއްވެސް ބާރެއް އަޒްހަރަށް ލިބިގެނެއްނުވޭ.. އެހެންވީމަ އޭނާ ފަހަތުން ދިއުން ހުއްޓާލާ.. ޔޫ ހެވް ކްރޮސްޑް ޔުއަރ ލިމިޓްސް.." އަޒްހަރުގެ މޭގައި ދެއަތްވިއްދައި ދުރަށް ކޮށްޕައިލަމުން ސައިނާ ބާރަށް ބުނެލިއެވެ.

"ސައިނާ މޮޔަވީތަ.. ދުރުގައި މައިތިރިވެގެން ހުރޭ.. އެހެންނޫނީ.." ދަތްކުނޑިވިކައިލަމުން އަޒްހަރު ހަޅޭއްލަވައިގަތެވެ.

"އެހެންނޫނީ... ކީއްވެ ތިހުއްޓާލީ.. އެޖުމުލަ ފުރިހަމަކޮށްބަލަ.. އެހެންނޫނީ އަހަރެން މަރައިލާނީތަ؟ އެގޮތްވެސް މާހިތަށް ފަސޭހަ.. އަހަރެންގެ ދަރިފުޅުގެ ހައްގުގަ ގުރުބާންވާންވެސް ތައްޔާރު.. ޝަޔަމްގެ މަންމައަށް ވުމަކުން އަހަރެން އެދަރިދެކެވަނީ އަމިއްލަ އެދުމުން ފޯވެފައިވި ލޯތްބެއްނޫނޭ.." އަޒްހަރަށް އެންމެ ތަންފުކެއްވެސް ދޫކުރާކަށް ސައިނާ ބޭނުމެއްނުވެއެވެ. ޝަޔަމްގެ އުފަލަށްޓަކައި ކޮންމެފަދަ ހަނގުރާމައެއް ކުރަންވެސް އޭނާ ތައްޔާރަށް ހުރިފަދައެވެ.

"ކަލޭ ތިއުޅެނީ އަހަރެންގެ އަތުން ބޮނޑިއެއް ބޯހިތުންތަ؟" އަތްމުށްކަވައިލަމުން އަޒްހަރު ލޯހިމަކޮށްލިއެވެ.

"އަހަރެންގެ ދަރިފުޅު ދެން އިރާދަކުރެއްވިއްޔާ އެއްވެސްކަމަކާއި އެކަނި ކުރިމަތިލާކަށް ނުޖެހޭނެ.. އެދަރިފުޅުގެ ގާތުގަ އަހަރެން އަބަދުވެސް ހުންނާނަން.. އަޒްހަރަށް އަހަރެންގެ ސަބަބުން ތިހައި އުނދަގޫވަނަ ޝަޔަމްއާ އެއްކޮށް އަހަރެންވެސް މިގެދޫކޮށް ހިނގައިދާނަން.." ސައިނާގެ އަރުތެރެ ބެނދިގެންދިއުމާއެކު ގިސްގެ މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ފަޅިސުކުންތެއްވެސް އެތަނުގައި ހުންނާކަށް ސައިނާ ބޭނުމެއްނުވިއެވެ.

"އާން ދާންއުޅޭ.. އަހަރެންނަށް ޖެހިފައިއޮތް ބޮޑު ބަލާވެރިކަމެއް.. މިހާރު ހަމަޖެހިލައިގެން އަހަރެންނަށް ކަމެއް ކުރެވެނީކީވެސް ނޫނޭ ކަލޭގެ އެދަރިޔާހެދި.. ބޮޑު އުނދަގުލެއް.. މިގެ ފަސާދަނުކޮށް ދަންޏާމުންދޭ.." ގޮތްދޫކޮށް ބަލިގަބޫލުކުރާކަށް އަޒްހަރު ބޭނުމެއް ނުވިއެވެ. އެބަސްތަކުން ހިތަށް ތަދުވިއެއްކަމަކު އެކަން ގަބޫލުކޮށް ދެރަވާކަށް އޭނާގެ ނަފުސުގެ ފަޚުރުތަނެއް ނުދިނެވެ. ދެބުމަގޮށްޖަހައިލަމުން އަލަމާރީގެ ބިއްދޮށުގައިހުރި ކުޑަ ފޮށްޓަށް ސައިނާ ހެދުންތައް އަޅަމުންދިޔަ މަންޒަރުބަލަން އަޒްހަރު ހުއްޓެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކައިލަމުން ދެއަތް މުށްކަވައިލައެވެ. ކަންތައްތައްވަމުން މިދަނީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. ސައިނާ އެފަދައިން އޭނާއާއި ދެކޮޅަށް ތެދުވެދާނެކަމަށް އަޒްހަރު ހިއެއްނުކުރެއެވެ.

ބޭނުންވާ ސާމާނުތައް ފޮށްޓަށް އަޅައި ނިމުމާއެކު ފޮށިލައްޕައިލަމުން އަޒްހަރަށް ބަލައިލުމެެއްވެސްނެތި އެކޮޓަރިން ނުކުންނަން ސައިނާ ހިނގައިގަތެވެ. އަޒްހަރުގެ ވިހަގަދަ ބަސްތައް އޭނާގެ ހިތަށް ހެރުނީ ތޫނު ޚަންޖަރެއްފަދައިންނެވެ. އެންމެ ފަހަރަކުވެސް އަޒްހަރު ގޮތްދޫކުރާނެ ނަމައޭ ސައިނާގެ ހިތަަށްއެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ. ލޯބިވާ ފިރިމީހާއާއި އެފަދައިން ވަކިވެގެން ދިއުމަކީ ޚުދު އޭނާވެސް ބޭނުންވާގޮތެއް ނޫނެވެ. އެހެނަސް އަޒްހަރުގެ އަމަލުތަކާއި ބަސްތައް އެގޮތަށް އަމަލުކުރުމަށް އޭނާއަށް މަޖުބޫރުކޮށްފިއެވެ. ނޯށްދަމައިލަމުން ކޮޓަރިން ސައިނާއަށް ނުކުމެވުނީ ފޮށިދަމަމުން އައި ޝަަޔަމްގެ ކުރިމައްޗަަށެވެ. ސައިނާ ހިފައިގެންހުރި ފޮށްޓަށް ޝަޔަމްއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއެކު ކޮޓަރީގެ މެދެއްހައި ހިސާބުގައި ހުއްޓިހުރި އަޒްހަރާއި ދިމާއަށް ޝަޔަމްއަށް ބަލައިލެވުނެވެ.

"މަންމާ.." ގަބޫލުނުކުރެވިފައި ވައިއަޑުން ޝަޔަމްއަށް ގޮވައިލެވުނެވެ. "ހިނގާދާން.. މަންމަވެސް ޝަޔޫއާ އެއްކޮށްދާނަން.." ޝަޔަމްގެ އަތުގައި ހިފައިލަމުން ސައިނާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި ހިތްދަތިކަން ޝަޔަމްއަށް ފާހަގަނުވެއެއްނުދިޔައެވެ.

"ބައްޕާ.. މަންމަ.." އަޒްހަރަަށް ބަލައިލަމުން އެއްޗެއް ބުނުމަށް ޝަޔަމް މަސައްކަތްކުރިއެވެ.

"ކޮންމެހެން އަހަރެންނަށް ބައްޕަ ކިޔާނެކަމެެއްނެތް.. ކަލޭ ބޭނުންވި ކަންތައް ތިވީނު.. ކަލެއާ އެއްކޮށް އެއްބާރުލުންދޭނެ އިތުރު މީހެއްވެސް ތިއޮތީ ވެފައެއްނު.. މިހާރު ހުންނާނީ ނިކަން އުފާވެފަ.. ކޮންމެހެން ދެރަވާކަމަށްހެދި ލޮލުން ބޭކާރު ކަރުނަތަކެެއް ބާލާނެކަމެއްނެތް.. މިތަނުން ދާންއުޅޭ.." ޝަޔަމްގެ ޖުމުލަ ފުރިހަމަ ނުވަނީސް އަޒްހަރުގެ ބާރު އަޑު މުޅި އެހިސާބުގައި ގުގުމައިގެން ދިޔައެވެ. ގަނޑުވެފައި އަޒްހަރަށް ދެލޯބޮޑުކޮށްލަމުން ބަލަންހުރި ޝަޔަމްގެ އަތުގައި ހިފައިލަމުން ބާރުބާރަށް ސައިނާ ހިނގައިގަތެވެ. އޭރުވެސް އިވުނު ވާހަކަތަކުން ގަބުވެފައި ޝަޔަމް ހުއްޓެވެ. އޭނާ ހިނގަމުންވެސް ދިޔައީ ސައިނާގެ ބާރުންކަހަލައެވެ. ދެލޮލުން ހޯސްލައިފައި ކަރުނައިގެ ކޯރެއް ފައިބަމުންދިޔައިރު އަޒްހަރުގެ ވިހަގަދަ ޖުމުލަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.

"ސައިނާ.." ގޭގެ މައިދޮރާއި ހަމައަށް އާދެވުނު ވަގުތު ފަހަތުން އަޒްހަރު ގޮވައިލިއަޑަށް ހުއްޓެމުން ސައިނާ ބަލައިލިއެވެ. އަޒްހަރުގެ އަޑުގައިވި މަޑުމައިތިރިކަމަކުން ހިތަށް ކުޑަކުޑަ އުއްމީދެއް ލިބިގެންދިޔައެވެ. އެފަދަ ގޮތަކަށް އޭނާ އާއި ޝަޔަމް ދިޔަނުދޭނެކަން ސައިނާއަށް އޭރުވެސް އެނގެއެވެ.

ސައިނާގެ ދެލޮލުން ފައުޅުވަމުންދިޔަ އުއްމީދުގެ ކުލަވަރުފެނި އަޒްހަރު މޫނަށް ވައްތަރެއް ޖައްސައިލިއެވެ. "ހީނުކުރާތި އަހަރެން ކަލޭ މިހުއްޓުވީ ނުދާށޭ ބުނެ އާދޭސްކުރަންކަމަށް.. އަހަރެން ބޭނުންވަނީ ހަމަ އެންމެ ވާހަކައެއް ބުނެލަން.. މިގޭގެ ދޮރުން ސައިނާ ބޭރުވުމަށްފަހު ތީ އަހަރެންގެ އަންބެތް ގޮތަކަށް އަހަރެން ނުދެކޭނަން.. އަހަރެންދެކެ އެހައި ލޯބިވާ މީހެއްނަމަ އަހަރެންގެ ކޮންމެ ކަމެއްގައި އެއްބާރުލުން ދިނީސް.. އަހަރެން ދޫކޮށްފަ ދިއުމުގެ އެއްވެސް ހިތްވަރެއް ނެތީސް.. އެހެންވީމަ އަހަރެން ގަބޫލެއް ނުކުރަން މިހުރިހައި ދުވަހު ސައިނާ އަހަރެންދެކެވީ ހަގީގީ ލޯބިކަމަކަށް.. ތިދޮރުން ބޭރުވުމަށްފަހު ސައިނާ ވަރިކުރުމުގެ ހުރިހައިކަމެއް އަހަރެން ހަމަޖައްސާނަން.. ފޯމުގަ ސޮއިކުރަން ތައްޔާރުވެގެން ހުންނާތި.." ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ބޮޑާގޮތަކަށް އަޒްހަރު ބުނެލީ ހިތުން އެފަދައިން ކަންތަށް ކުރުމަށް ސައިނާއަށް ނުކެރޭނޭ ހީކޮށެވެ.

އަޒްހަރުގެ ވާހަކަތަކުން ހިނދުކޮޅަކަށް ހުއްޓުންއެރިނަމަވެސް ފުންނޭވައެއް ދޫކޮށްލަމުން ސައިނާ މަޑުމަޑުން ބޯޖަހައިލިއެވެ. ހިތަށް އިހުސާސުކުރެވެމުންދިޔަ ވޭން މޫނުމަތިން ފައުޅުނުކޮށްވޭތޯ އޭނާ ހިތްވަރުކުރަމުން ދިޔައީ ގާތުގައިހުރި ލޯބިވާ ދަރިފުޅަށްޓަކައެވެ. އަދު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭކަށް ސައިނާ ބޭނުމެއްނުވެއެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންވިއަސް އޭނާގެ ލޯބިވާ ދަރިފުޅުގެ ލޯބި އެދަރިފުޅަަށް އޭނާ ހޯދައިދޭނެއެވެ.

ސައިނާގެ އެކުޑަކުޑަ ހަރަކާތުން އަޒްހަރުގެ މޫނުމަތީގައިވި ހިނިތުން ފިލައިގެންދިޔައެވެ. ސައިނާ އެއްބަސްވެދާނެކަމަށް އަޒްހަރަށް ހީވެފައި ނެތީއެވެ. އަނެއްކާވެސް ބަލިވީ އޭނާގެ ކޮޅުކަން ވިސްނި އަޒްހަރު ދަތްކުނޑި ވިކައިލަމުން ޝަޔަމްއަށް ބަލައިލިއެވެ.

"ކަލޭވެސް ހަނދާންކުރާތި.. މިގެއިން ނުކުތުމަށްފަހު އެނބުރިއައިސްގެން ނުވާނެ.. ކަލޭގެ ބައްޕަ ކަލެއަށް މަރުވެފައިވީކަމަށް ބަލައި ތިދާމީހެއްގެގާތަށް ދޭ.. އަހަރެންވެސް ގަބޫލުކުރާނީ އެގޮތަށް.. އަހަރެންގެ އަންބަކުވެސް އަދި ދަރިއަކުވެސް ނުހުންނާނެ.." ޝަޔަމްއާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން އަޒްހަރު ހަޅޭއްލަވައިގަތެވެ. އެމަންޒަރުބަލަން ބަދިގޭގައިތިބި ނޯކަރުން ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ.

އަޒްހަރުގެ ބަސްތަކުން ޝަޔަމްގެ ހިތްވަރު އެލޭގޮތްވިއެވެ. ހިތަށް ތަދުވިއަސް ލޯބިވާ ބައްޕަ އެއީ ނެތްމީހެއްކަމުގައި ދެކި އެތަނުން ދިއުމަށް ޖެހިލުންވިއެވެ. ސައިނާގެ އަތުތެރޭގައިވި ޝަޔަމްގެ އަތް ދޫޖެހިލިވަގުތު އެއަތުގައިހިފައި ސައިނާ ބާރުކޮށްލިއެވެ. އަދި މަޑުމަޑުން ޝަޔަމްގެ އަތްތިލައަށް ފިތައިލިއެވެ.

"ލޯތްބަަށްޓަކައި ކުރަމުންތިދާ ހަނގުރާމައިގަ މިހިސާބަށް އައިސް ފަސްނުޖެހޭ.. ހިތްވަރުއެލުވާނުލާ.. އެކަކުނެތަސް މަންމަ އަބަދުވެސް ހުންނާނީ ޝަޔޫއާ އެކު.." ލޯބިން ޝަޔަމްގެ މޫނަށް ބަލައިލަމުން އެއަތަށް ސައިނާ އަނެއްކާވެސް ފިތައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ފަހުފަހަރަށް އަޒްހަރަށް ބަލަައިލަމުން ޝަޔަމްގެ އަަތަށް ދަމައިލުމަށްފަހު ގެއިން ނުކުންނަން ހިނގައިގަތެވެ. ގޭގެ ދޮރުން ބޭރުވުމާއެކު ކަރުނަވީ ދެލޮލުން ފަސްއެނބުރި ޝަޔަމް އަޒްހަރަށް ބަލައިލީ އެންމެ ފަހުފަހަރު ބަލައިލާފަދަ ގޮތަކަށެވެ. އެބެލުމުގައިވީ ވޭނާއި ކެކުޅުމާއި އާދޭހާއި ޝަކުވާއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    6k

    11 ޚިޔާލު

    1. Love this part too.. Ekam dhenanna faharu lamya and zaain ge bai genesdhehcheyy.. Curiously waiting for the next part ❤️❤️

    2. މިބައިވެސް ވ ވ ފުރިހަމަ އެންޑް ވ ވ ރީތި... ❤️❤️ ހެހެ..އެ އޒްހަރަށް އެވީ ހަމަ ވާންވި ގޮތް...ރަގަޅު ހަމަ..👍🤣ދެން އޮތް ޕާޓްވެސް އަވަސް ކޮށްލައްޗޭ...😁😁ވ ވ ކިޔާހިތުން މިހުރީ....

      • ތެންކްސް އަލޮޓް މައި ޑިއަރ.. މިހާރު އިންނާނީ ސަބްމިޓް ކޮށްލާފަ އިނގޭ.. އިންޝާ ﷲ މިއަދު އަޕްވާނެކަމަށް މިބަލަނީ.. 🥰❤

    3. ވަރަށް ރީތި ވާހަކައެއް ❤️❤️ ލަމް އަދި ޒާން ބައެއް ގެނެސްދެއްޗޭ ޕްލީޒް ☺️🙇‍♀️💕💕💕 މާޝާ ﷲ ވަރަށް ސަޅި 💜

    4. ސަލާމް އޯލް.. ދެން އިން ޕާރޓް މިހާރު އިންނާނީ ސަބްމިޓް ކޮށްފަ އިނގޭ.. ހޮޕިންގް އިންޝާ ﷲ މިއަދު އަޕްވާނެކަމަށް.. ❤

    ޚިޔާލު

    Your email address will not be published.