ހަތުރުން ގިނައެވެ.

އަބާން މާލެ ބަދަލުވީ މަތީ ތައުލީމް ހާސިލް ކުރުމަށެވެ. މަދުރަސަތުލް އަހުމަދިއްޔާ ގުރޭޑް އެގާރައިން އަބާންއަށް ޖާގައެއް ލިބުމުން ވަހީދުގެ ދެމަފިރިން ތިބީ ވަރަށްވެސް އުފަލުންނެވެ. އުފަންރަށް ދޫކޮށް ދަރިފުޅު ކިޔަވަން އެދެމީހުން އެ ފޮނުވާލަނީ ވަރަށްވެސް ފޮނި ހުވަފެންތަކާއެކުގައެވެ. މާލެ ތޮށިމައްޗާއި ހިސާބަށް ދޯނި ލެފުމުން އަބާންގެ މޫނުމަތިން އުއްމީދީ ކުލަވަރު ފާޅުވެގެން ދިޔައެވެ. ކޮންކިރީޓް ޖަންގައްޔެއްހެން މީހުންތަކުން މަގުތައް ފުރި ބާރުވެފައި އޮތްއިރު އެކި މަންޒިލުތަކައް ދަތުރުކުރަމުންދާ މީހުންގެ އިތުރުން ހިތްއުފާ ކޮއްލުމައްޓަކައި އެއްވެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. ހަލަބޮލިވެފައިވާ މާހައުލަށް ނަޒަރު ހިންގާލަމުން އަބާން މީހުންތަކުގެ ތެރެއިން ފުރޭނިގެން ގޮސް ޓެކްސީއެއް އަތުޖައްސާ ކިޔަވަން ހުންނަން ހަމަޖެހިފައިވާ ގެއަށް މިސްރާބުޖެހިއެވެ.

ބޮޑު ހަވޭލިއެއްހެން ހީވާއެގެއަކީ އަބާންގެ މައްމަ ބުޝްރާގެ ރައްޓެއްސެއްގެ ގެއެކެވެ. ކިޔަވާ ކުދިން ބައިތިއްބައިގެން އާމްދަނީ ހޯދަމުން އަންނަ ބުޝްރާ އަކީ ވަރަށް ހީވާގި ހަރުދަނާ އަންހެނެކެވެ. މީގެ އިތުރުން ކުޑަވަރެއްގެ ފަހާ ފެކްޓަރީއެއްވެސް ހިންގައެވެ. " އަނހާ އަބާން... އަވަހަށް ވަދޭ އެތެރެއަށް... ސުރިންދަރް... އާދެބަ މިފޮށިތަށް ގެސްޓު ރޫމްއަށް ވައްދާލެދޭން" އަބާން ދޮރުން ވަނުމުން ބުޝްރާ ގޭގައި ގެންގުޅޭ މީހާއަށް ގޮވާލިއެވެ. ފޮށިތައް ކޮޓަރިއަށް ވައްދާ އަބާންއާއި ތަޅުދަނޑި ހަވާލުކުރެވުމުން ވެފައިވާ ވަރުބަލި ކަމެއްގެ ބޮޑުކަމުން އަބާން އަވަސްއަވަހަށް ފެންވަރާލައިގެން ނިދަން އޮށޯތެވެ. އޭރު ގަނޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ.

ހަފްތާއެއް ފަހުން މަދުރަސާ ހުޅުވުނެވެ. ހިތްވަރުކޮއްފައި އަބާން ދިޔައީ އޭނާގެ މައިންބަފައިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭތޯ ގަދައަޅާ މިންނަތް މަސަތްކަތް ކުރަމުންނެވެ. މިކަމުގައި ބުޝްރާގެ އެހީތެރިކަންވެސް ލިބެމުން ދެއެވެ. ދުވަސްތަށް ފަށްވަމުން ގޮސް ދިރާސީ އަހަރުގެ ކިޔެވުންވެސް ނިމި އަބާންގެ އޯލެވެލް ނަތީޖާ ލިބިއްޖެއެވެ. ނަތީޖާ ކާޑު ހިފައިގެން އަބާން ގެއަށް އައީ ވަރަށް އުފަލުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހުރިހާ މާއްދާއަކުން އޭޕްލަސް އެވެ. " ދައްތަ ވަރަށް އުފާވެއްޖެ... އަވަހަށް ޗުއްޓީއަށް ރަށަށް ދާން ދަތުރު ހަދާ... ދައްތަގެ ހަރަދުގަ..." ބުޝްރާ ވާހަކަ ދެއްކީ ވަރަށް ހިތްހެޔޮކަމާއެކީއެވެ. " ނޫން ދައްތާ... އަޅުގަނޑު ބޭނުންވަނީ މި ޗުއްޓީގައި ޕާޓްޓައިމް ވަޒީފާއްކަށް ދާން... އަޅުގަނޑުގެ މި ކާމިޔާބީއަކީ އަޅުގަނޑުގެ މައިންބަފައިންގެ ހިތްވަރާ އެމީހުންގެ ލޯތްބާއި މިންނެތް މަސަތްކަތުގެ ސަބަބުން އަޅުގަނޑަށް ލިބުނު އެއްޗެއް... އެހެންވީމާ އަޅުގަނޑު ބޭނުން އެމީހުން ފަހުރުވެރިވާފަދަ ހިދުމަތްތެރި މުޖުތަމައަށް ފައިދާހުރި ކުއްޖަކަށްވާން.... " އަބާން މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ބުނެލިއެވެ. "މާ ޝާ ﷲ" ބުޝްރާ ހީލާފައި ބުނެލިއެވެ..

ދެމަހެއްހާ ތެރޭގައި ފިހާރައަކުން ކޭޝިޔަރެއްގެ ވަޒީފާއަކަށް ޕާޓް ޓައމްކޮށް އަބާން ދާންފެށިއެވެ. އަބާން ވަޒީފާއާ ދޭތެރޭ ބަހައްޓާ ފަރުވާރެތިކަމާ މަސަތްކަތަށްދޭ އަހައްމިއްޔަތުކަން ފެނިފައި އަބާންގެ މުސާރަ އިތުރުކުރަން ނެގީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން ވަޒީފާއަށް ދަމން އަބާން ނިންމީ އަމިއްލަ ހަރަދުން ކޯހެއްގައި ބައިވެރިވުމަށެވެ.

"އޭ އަބޭ.... ހިގާބަ ކޮފީ އަކަށް އަރަން... މަގޭ ޓްރީޓް ... ތިހެން އަބަދު ފޮތްތަކުގެ ތެރެއަށް ގެނބިފަ އިނުމުގެ ބަދަލުގަ ކުޑަކޮށް ބޯހަމަޖައްސާލާ ނިކަން މަޖާ ކޮއްލަބަ..." އަބާން އާއެކު ކޯހުގައި ކިޔަވަމުންދާ ރިޒްމާން ސިގިރޭޓެއް ރޯ ކޮއްލަމުން ބުންޏެވެ. ދެކުދިން ތިބީ އާޓިފިޝަލް ބީޗް ސަރަހައްދުގައިން ބެންޗެއްގައި އިށީދެލައިގެންނެވެ. އަބާން އިނީ އާދައިގެ މަތިން ކިޔަވާ ފޮތެއްގެ ތެރެއަށް ވަދެ ޢަރަގުވެގެންނެވެ. " މިތަންކޮޅު ކޔާާލާފަ ހިނގާދން... މިނިމެނީ "

އަބާންއާއި ރިޒްމާން އޮކްސިޖެން ކެފޭއަށް ވަދެގެންގޮސް ހުސް މޭޒެއްގައި އިށީނެވެ. ވެއިޓަރަށް ހަނާއަޅާލަމުން ރިޒްމާން ކޮފީއަކަށް އޯޑަރު ދިނެވެ. " ބްލެކް ކޮފީ.. ނޯ ޝުގާ.." އަބާން ބުނީ ކޯކުތައްޓަކަށެވެ.

ދެމީހުންވެސް އޮލަވާހަކައިގަ ތިއްބާ ރިޒްމާންއަށް ފޯނެއް އައެވެ. ގުޅަމުންދާ ނަމްބަރަށް ބަލާލާފައި ރިޒްމާން ލާނެތް ފާޑަކަށް ހެމުން ފަސްސަތޭކަ ރުފިޔާގެ ނޫޓެއް އަބާން އަތަށް ދިއްކޮށްލުމަށްފަހު ކެފޭއިން ނުކުމެގެން ހިގައްޖެއެވެ.

އަނެއް ދުވަހު ހެނދުުނު ތަންކޮޅެއް އަވަހަށް ފިހާރަ ހުޅުވަން ޖެހޭތީ އެރޭ އަބާން ނިދަން އެރީ ގަނޑިވެސް އެލާމްކުރުމައްފަހުގައެވެ. ފުން ނިންޖަކަށް ގެބެން ދަނިކޮށް ފޯނު ރިންގު ވެލިއެވެ. "ހަލޯ... ކީކޭ.. އާ މިއުޅެނީ ނިދަން. ހެނދުނު ޑިއުޓީ މާދަން. ނުދެވޭނެ." ރިޒްމާން ގުޅާފައި ކެއުމަކަށް ދައުވަތު ދިނުމުން އަބާން އިންކާރުކުރިއެވެ. "ދެން އަބޭ ހާދަ ކަޓޭ ދޯ.... މާދާން ސަލާން ބުނެބަ.. ލީވް އަ ލިޓަލް މޭން." އެންމެ ފަހުން ރިޒްމާން ދޫނުކުރުުމުން އަބާން އަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

މިގޮތުން މަޑުމަޑުން ރައްޓެހިންނާ އެކީ މާ ގިނައިން ބޭރުގައި އުޅެން ފެށުނެވެ. ވަޒީފާއަށް ފަރުވާ ކުޑަ ވާތީ ފިހާރައިން އެތަކެއްފަހަރު މަތިން ވާނިންގް ދެވިއްޖެއެވެ. މުސާރަވެސް ކުޑަކުރަން ޖެހުނީ މިސަބަބާ ހުރެއެވެ. ބުޝްރާވެސް ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

އެއްދުވަހެއްގެ މެންދުރުގެ ހޫނުގަދަ ވަގުތެވެ.

ގެއިންބޭރު ފަރާތުގައި ބުޝްރާހުރީ ދޮވެފައި ތިބި އަންނައުނުތައް އަވީގައި ހިއްކަން ލާށެވެ. އެކަމުން އަވަދިވުމައްފަހު ނިއްކުރިން ހިލެމުންދިޔަ ދާތިކިތަށް ފޮހެމުން ގޭތެރެއަށް ވަންވަގުތު ނޭފަތުގައި ދުންވަހެއް ޖެހުމުން ވަސް އަންނަ ދިމާކަމަށްވާ އަބާންގެ ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ފެނުނު މަންޒަރަކުން މޭގަނޑު ހީވީ އަތަށް އައިހެންނެވެ އަބާން އޮތީ އެނދަށް ގުޅައަކަށް ޖެހިގެން އަަމަލުވެގެން ހޭ ކެނޑިފައެވެ. މުޅި ކޮޓަރީގައި ސިގިރޭޓު ބަޓު އޮތްއިރު ދުވާ ފަރުހިކިވަހަކުން ނޭވާ ދަމާލާކަށް ނުކެރެއެވެ.

އެދުވަހު ބުޝްރާ އަބާން ގެއިން ނުކުއްމާލީ ބުރަ ހިތަކައިގެންނެވެ. ވަޒީފާ އާއި ކިޔެވުން ގެއްލިވައިވާ ހާާލު އަބާން ރަށަށް ބަދަލުވީ އޭގެ ތިން ހަފްތާފަހުންނެވެ. އަބާން ހުރި ހާލުފެނި ވަހީދުއާއި އަބާންގެ މަންމަ ނުޒުހާ ހިތާމަކޮށްކޮށް މުޅިން ހަލާކުވެދަނީއެވެ. ތެދެކެވެ. މިޒަމާނުގައި ރަގަނޅު ރައްޓެހިންނަށް ވުރެ ގިނައީ ހަތުރުންނެވެ. އަދި މައިންބަފައިން ގައިން ދާ އޮހޮރުވައިގެން އެވެރިންގެ ހުރިހާ އުފަލެއް ގުރުބާން ކޮއްގެން ދަރިން ބޮޑެތިކުރުމުން އެކަން ދަންނަނީ މަދު ކުއްޖެކެވެ. މީ އަދުގެ ހާލަތެވެ.

ނިމުނީ

    Please log in or register to bookmark.
    1k

    4 ޚިޔާލު

    1. ވަރަށް ރީތި މާޝާ ﷲ😊 އިބްރަތްތެރި ވާހަކައެއް ❤

    ޚިޔާލު

    Your email address will not be published.