ޒައިކާން ދެފަރާތް ބަލައިލުމަށްފަހު އުދުއްސައިގަންނަން އުޅުނު ވަގުތު ފާރަވެރިއަކު އެއްލި ތެެރެސްގަނޑެއް ކަހަލަ ތަތްލާ އެއްޗަކުން ދެމީހުން އެއްކޮށް ހައްޔަރުވިއެވެ. ދެން ފާރަވެރިއަކު އައިސް ނޫރީން އާއި ޒައިކާންގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އެދަނޑިވަޅު ބަލައިފައި ނޫރީން ފާރަވެރިޔާގެ އަތުގައި ދަތް އެޅިއެވެ. ފާރަވެރިޔާއަށް ތަދުވުމުން އޭނާގެ އަތް ނޫރީންގެ އަތުން ނައްޓުވައިލިއެވެ. ނޫރީން ފިލަން އުޅުނު ވަގުތު އަނެއްކާ އެހެން ފާރަވެރިއަކު އައިސް ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ނޫރީންގެ ނިތްކުރީގައި އޭނާގެ ދިގުވެފައިވާ ނިޔަފަތިތަކުން ކޫރު އަޅުވައިލިއެވެ. ނޫރީންއަށް ތަދުވީވަރުން ހަޅޭލަވައިގަނެވުނެވެ. އެވަގުތު ފާރަވެރިޔާގެ އަތް ދަށުން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދިޔަ ޒައިކާންއަށް ސިހިފައި އެދިމާއަށް ބަލައިލެވުނު ގަޑީގައި ނޫރީންގެ ނިތްކުރީގައިހުރި ލޭތަށް ފެނުނެވެ. ޒައިކާން އެދިމާއަށް ދާން ބޭނުންވިކަމުގައި ވިއަސް ފާރަވެރިޔާގެ އަތްދަށުން ސަލާމަތްވެވޭ ވަރަށްވުރެ އެ ފާރަވެރިޔާ މާ ބާރުގަދައެވެ. އެހެންކަމުން ޒައިކަންއަށް ޖެހުނީ މަޑުން ހުންނާށެވެ. ދެފރަވެރިން ނޫރީންއާއި ޒައިކާން ރޯނަކުން އެއްސުމަށްފަހު ގަނޑުވަރު ތެރެއަށް ވެއްދިއެވެ. އެތެރޭގައި ކަޅުކުލައިގެ ޝާހީ ދެގޮނޑިއެއްގައި އިށީނދެ އިން ބީނިޝް އާއި ހަނީން ފެނިފައި ޒައިކާންގެ ދެބުމަ ގޮއްޖެހުނެވެ. ދެން ކުއްލިއަކަށް ދެފާރަވެރިން ނޫރީން އާއި ޒައިކާންގެ ބުރަކަށީގައި އަތް އަޅައި ހަނީން އާއި ބީނިޝްގެ ކުރި މައްޗަށް ކޮއްޕައިލިއެވެ. ދެމީހުން އެދިޔަ ބާރުމިނުގައިގޮސް ޖެހުނީ ގޮނޑިން ތެދުވެގެން އެމީހންގެ ކައިރިއަށްއައި ހަނީންގެ ފައި ބުޑަށެވެ.
"ހައްހައްހާ! އެންމެ ފަހުން….. ކަލޭމެން ދެމީހުން އަތުވެއްޖެ…" ހަނީން ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ކަލޭ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮން ކަމެއް؟" ޒައިކާން ރުޅިވެރިކަމާއިއެކު ދަތްކުނޑި ވިކައިލުމަށްފަހު އެއްސެވެ.
"އަހަރެންްނަށް ކަލޭގެ ބޭނުމެއް ނެތް. އެކަމަކު…މި ކުއްޖާ ވަރަށް ބޭނުންތެރި." ހަނީން މަކަރުވެރި ބެލުމަކުން ނޫރީންއަށް ބަލައިލުމަށްފަހު ބުންޏެވެ.
"އަހަރެން އެނގެން ބޭނުން ވަނީ…. ތިކުއްޖާ އާއި ނިހާން އާއި ދެމެދު އޮންނަނީ ކޮން ކަހަލަ ގުޅުމެއް؟" ހަނީންގެ މިސުވާލާއިއެކު ޒައިކާން ނޫރީންއަށް ބަލައިލިއެވެ.
"ކަލެއަކަށް ނުޖެހޭނެ އިނގޭކަށް." ނޫރީން ދެބުމަ ގޮށްޖަހައިލުމަށްފަހު ބުންޏެވެ.
"އޭތް! އަދިވެސް ކަލެއަށް ލިބުނު އަނިޔާ ކުޑައީތަ؟" ހަނީންގޮސް ނޫރީންގެ ނިތްކުރީގައި އަތް ޖައްސައި ބާރަށް ފިއްތައިލަމުން ބުންޏެވެ. ނޫރީންއަށް ތަދުވެގެން ހަޅޭލަވައިގަތުމާއިއެކު ހަނީން ހިނިގަނޑެއް ޖަހައިލިއެވެ.
"ނޫން! މީނާއަކަށް ނޫން އަނިޔާކުރަންވީ.. އެއިނި ފެންނަ ސޮރަށް." ހަނީން ނޫރީންގެ ނިތްކުރިން އަތް ނެގުމަށްފަހު ޒައިކާންއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"ނޫން!!!!" ފާރަވެރިއަކު އައިސް ޒައިކާން ފިޔަގަނޑުގައި ޗާބޫކަކުން ތަޅައިލުމާއިއެކު ނޫރީން ހަޅޭލަވައިގަތުމަށްފަހު ގޮތް ހުސްވެފައިވާ މީހެއް ފަދައިން އިސްޖަހައިލިއެވެ.
"އަހަންނަކަށް ނޭނގެ އަހަންނާއި ނިހާން އާއި މެދު އޮންނަ ގުޅުމެއް." ނޫރީން މަޑުމަޑުން ބުންޏެވެ.
"ހުމމމ… އެހެންވިއްޔާ ފަށް ފެނުނީ ކޮންތާކުން؟" ހަނީން އަނެއްކާވެސް އެއްސެވެ.
"ޖަވާބު ނުދެންޏާ އަނެއްކާވެސް ތަދުވާނީ ހަމަ އޭނާއަށް. ހަހަހަ…" ހަނީން ޒައިކާން އިޝާރާތްކޮށްލުމަށްފަހު ބުންޏެވެ.
"ގެއެއްގެ މަސްޓޭންކުން." ނޫރީން ދުރަށް ބަލައިލުމަށްފަހު ބުންޏެވެ.
"އެހެންވިއްޔާ މިމީހުން ގެންދޭ! މާދަމާ އެ އަންހެން ކުއްޖާ ނެރޭނީ މިފަށުގެ ބާރުތައް ނަަގަން. ދެން އެ ފިރިހެން ކުއްޖާ މަރައިލާނީ….ހަހަހަ.." މިފަހަރު ބ ތެީނިޝް ތެދުވެފައި އެހެން ބުނުމަށްފަހު ހޭން ފެށިއެވެ.
ދެފާރަވެރިން އައިސް ނޫރީންއާއި ޒައިކާންގެ އަތުގައި ހިފެހެއްޓިތަނާ ނޫރީން ފާރަވެރިންނަށް ލޯ އަޅައިލިއެވެ. ހަމަ އެވަގުތު ޒައިކާން ގޮވައިގެން ދެފާރަވެރިންވެސް އެހެން ގޯޅިއަކުން އެޅުމާއިއެކު ނޫރީންގެ ހިތަށް ހާސްކަން ވެރިވެގެން ދިޔައެވެ. ނަމަވެސް ނޫރީން ޖަލު ކޮޓަރިއާއި ހަމައަށް އައި އިރު ކައިވަންވެސް އައިސް ހުރުމުން ނޫރީން ހިތްހަމަ ޖެހުނެވެ. ހަމަ ފާރަވެރިންތައް ދިއުމާއިއެކު ނޫރީން ހިފަހައްޓައިގެންހުރި ކަރުނަތައް ލޮލުން އޮހެން ފެށިއެވެ. މާދަމާ އެއީ ޒައިކާންގެ އެންމެ ފަހު ދުވަސްކަން އެނގުމާއިއެކު އޭނާއަށް ހީވީ މީހަކު އޭނާގެ ހިތް ކުދިކުދިކޮށް ކޮށައިލިހެންނެވެ. ނޫރީން އެހެން އިންދާ ފެނުނީ ޒައިކާން އޭނާގެ ފިޔަގަނޑުގައި އަތް އަޅައިގެން ތަދުވެފައި އިންތަނެވެ. ނޫރީން ޒައިކާން ބަލަން އިންދައި ކަޔާން ނޫރީންއަށް ބަލައިލި ވަގުތު އެދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ނޫރީންއަށް ކުރެވުނީ މުޅިން ތަފާތު އިހްސާސެކެވެ. ނަމަވެސް އެއީ ލޯތްބެއް ނޫނެވެ. އެހެންހުރި އިރު ނޫރީންގެ ހިތް ބުނަމުން ދިޔައީ ކައިރީގައިހުރީ ޒައިކާންއެއް ނޫންކަމެވެ. ޒައިކާން އޭނާގެ ފިޔަގަނޑަށް ތަދުވެސް ނުވާ ކަހަލައެވެ. އޭނާ ހުރީ ނޫރީން އެރީތި ދެލޮލަށް ގެއްލި ހުސްވެފައެވެ. ދެތިން ވަރަކަށް މިނެޓަށްފަހު ނޫރީން އިސްޖަހައިލީ ހިތަށް އަރާ އެއްޗެހިން އުނދަގޫވެގެންނެވެ. ނަމަވެސް ޒައިކާން އެހުރި ގޮތަށް ނޫރީންގެ މޫނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒައިކާން މާވަރަކަށް ނޫރީންއަށް ބަލާތީވެ ނޫރީންހުރީ އުނދަގޫވެފައެވެ. ޒައިކާންއަކީ ނޫރީންއަށް ބަލާ މީހެއް ނޫން ވިއްޔާއެވެ!
"ޒައި….ކާ….ން….ދެން ނުބަލަބަލަ!" ނޫރީން ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެހެން ބުނުމަށްފަހު މޫނު އަނބުރައިލީ ލަދުންގޮސް ވިރޭވަރުވުމުންނެވެ.
"ލަދުގަތީތަ؟" ޒައިކާން ލާނެެތް ގޮތަކަށް ހީލައިފައި ވަރަށް މަޑުން އެއްސެވެ.
"ދެން ޒައިކާން!" ނޫރީންގެ ދެކޯ ރަތްވުމާއިއެކު އެހެން ބުނަމުން އަނެއްކާވެސް އިސްޖަހައިލުމަށްފަހު ތުންފަތުގައި ދަތް އަޅައިލިއެވެ.
ދެން ޒައިކާން ފިޔަގަނޑުގައި ލޭއަންނަ ތަނުގައި އަތް އަޅައިލުމަށްފަހު ނޫރީންގެ ގާތަށް އަންނަން ފެށުމުން ނޫރީންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ނޫރީން އިންގޮތަށް އިނދެ މަޑުން އިނީ ޒައިކާން އެކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. ޒައިކާން އައިސް ނޫރީން އާއި ޖެހިގެން އިށީނުމަށްފަހު ނޫރީންގެ މޫނަށް ވަރަށް ފުންކޮށްް ބަލައިލިއެވެ. ޒައިކާންގެ އަނެއް އަތުން ނޫރީންގެ ދަތްދޮޅީގައި ހިފައި އިސްނެންގުވުމަށްފަހު ފާރަވެރިޔާ ވަކި އެޅުވި ތަނަށް ބަލައިލިއެވެ.
"މިތަނަށް ތަދެއް ނުވޭތަ؟" ޒައިކާން ލޮލުން ނޫރީީންގެ ނިތްކުރިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"ތަ….ތަދުވޭ!" ޒައިކާންް ހަތަރުކަޅި ބައްދަލުވެދާނެތީވެ މިފަހަރު ނޫރީން ވާހަކަ ދެއްކީ ލޯމަރައިގެންނެވެ.
"ކެތް ކުރެވޭނެތަ؟" ޒައިކާން އެހެން ސުވާލެއް އަހައިިލިއެވެ.
"ހުމމމ." ނޫރީން ހަމަ އެހުރި ގޮތަށްހުރެ ބުންޏެވެ.
"މިތަނުން ސަލާމަތްވެވޭނެ ގޮޮތެއް ހޯދަން ޖެހޭނީ." ޒައިކާން ނޫރީންގެ ދަތްދޮޅިން އަތްދޫކޮށްލުމަށްފަހު ދެފަރާތް ބަލައިލަމުން އެހެން ބުނިއިރު ހީވަނީ އޭނާއަށް އާ ހިތްވަރެއް ލިބުނު ހެންނެވެ.
ނޫރީން ދެލޯ ހުޅުވައިލުމަށްފަހު ޖަލުގެ ދޮރަށް ބަލައިލިއެވެ. ދޮރެކޭ ބުންޏަކަސް އެތާހުރީ ދިއްލޭ އަލިިތަކެއް ކަހަލަ އެއްޗެކެވެ. ނޫރީންއަށް ޚިޔާާލެއް އައިސްގެން ތެދުވެ ކޮޓަރިވަށައި ހޯދަން ފެށިއެވެ. ޒައިކާން ހައިރާންކަމާއިއެކު ނޫރީންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެހެން ކޮޓަރިތެރެ ހޯދަނިކޮށް ނޫރީންއަށް ގާކޮޅެއް ފެނުނެވެ. ނޫރީން އެގާކޮޅު ނަގައި ދޮރު ކައިރިއަށްގޮސް ދޮރުގައި ގާކޮޅު ޖެއްސި ވަގުތަކީ ޒައިކާން ނޫރީންގެ ކައިރިއަށްއައި ވަގުތެވެ. ޒައިކާން އެއްބުމަ މައްޗަށް ހިއްލައިލީ އެގާކޮޅު އަނދާ އަޅިއަށް ވީމައެވެ.
"އަހަރެން ހީކުރީ ނޫރީންއަށް މިތަނުން ސަލާމަތްވާނެ ގޮތެއް ފެނުނީކަމަށް." ޒައިކާން އެތާހުރި ހަމަ އެކަނި ކުޑަ ދޮރު ކައިރިއަށްގޮސް ނޫރީންއަށް މަލާމާތްކޮށްލިއެވެ.
"ހުއް! ތިހެން ބުނާ މީހާ ކުޑަ މިނުން މަސައްކަތެއްވެސް ނުކުރެ މިތަނުން ސަލާމަތްވާކަށް." ނޫރީން ތުން އޫކޮށްލުމަށްފަހު ހަރަމް ބަންނަމުން ބުންޏެެވެ.
"އަހަރެންނަށް އިނގޭ މިތަނުން ސަލާމަތްވާނެ ގޮތް." ކަޔާން ބުންޏެވެ.
"އޭނ؟ ކިހިނެތް؟" ނޫރީން ހިތް އަވަސްވެފައިހުރެ ޒައިކާންގެ ކައިރިއަަށް ދަމުން ބުންޏެވެ.
"އެއީ ހަމައެކަނި ގޮތް!" ޒައިކާން ނޫރީން އާއި ވީ ފަރާތަށް އެނބުރެމުން ބުންޏެވެ.
ޒައިކާން ނޫރީންގެ އަތުގައި ހިފައިލުމަށްފަހު ކުޑަދޮރު ކައިރިއަށް ދިޔައެވެ. އަދި ކުޑަދޮރުގައި ޖަަހައިފައިވި ބިއްލޫރިކޮޅުގައި ކޮޅުފައިން ޖަހައި އެބިއްލޫރިކޮޅު ތަޅައިލިއެވެ. ދެން ޒައިކާން ނޫރީން އެ ހަނި ކުޑަދޮރުން ކޮއްޕައިލިއެވެ. ނޫރީންގެ ހަށިގަނޑު ހިކިކަމުންނާއި އެގަޑީގައި އޭނާހުރީ ފިޔަގަނޑު ނުނެރެކަމުން ފަސޭހަކަމާއިއެކު ނޫރީންއަށް އެތަނުން ނިކުމެވުނެވެ. ނަަމަވެސް ޒައިކާން އައުމުގެ ކުރިން ފާރަވެރިންތަކެއް އައިސް ޒައިކާން ހިފެހެއްޓިއެވެ.
"ޒައިކާން!" ނޫޫރީންއަށް ހަޅޭލަވައިގަނެވުނެވެ.
"ނޫރީން! ދު..ދުވެގެން ގޮސް ފިލާ! އަވަސްކުރޭ! ނޫރީން! އަހަންނަށްޓަކައި ދޭ! ތިހުރި ސީދަލަށްދޭ! މި ވެދާނެ އަހަރެމެންގެ އެންމެ ފަހު ބައްދަލުވުމަށްވެސް…. އެކަމަކުވެސް އަހަންނަށް ނުބަލައި ދުއްވައިގަނޭ! ނޫރީން ހާސްނުވޭ! ނޫރީން މިތަނުން ސަލާމަތްވެވިއްޖެ ނަމަ ދުވަހަކުވެސް މިތަނަށް ނުވަންނާތި! އަހަރެން މަރުވިއަސް މިމީހުންގެ ކިބައިން ބަދަލު ހިފަން ނޫޅޭތި! ޕްލީޒް ނޫރީން! ދޭ!" ޒައިކާން އާދޭހާއިއެކު ބުންޏެވެ.
"އެކަމަކު ޒައިކާން! ޒައިކާން ބަހައްޓައިފަ ނޫރީއަކަށް ނުކެރޭނެ ދާކަށް. ޒައިކާން…." ނޫރީންއަށް ރޮވުނެވެ.
ނަމަވެސް ނޫރީންއަށް އުދުއްސައިގަންނަން މަޖުބޫރުވީ ދެ ފާރަވެރިން ނޫރީންގެ ފަހަތުން އަންނަން ފެށުމުންނެވެ. ނަމަވެސް ނޫރީން އަދި އެއްފަހަރު ޒައިކާންއަށް ބަލައިލިއެވެ. ޒައިކާން އެއިރު ގޮތް ހުސްވެފައިވާ މީހަކު ފަދައިން ކަރުނަވީ ދެލޮލާއިއެކު ނޫރީންއަށް ބަލަހައްޓައިގެން ހުއްޓެވެ. ނޫރީން އެހެން ދަނިކޮށް ކޮންމެވެސް މީހަކު ނޫރީންގެ އަނގަ މަތީގައި އަތް އަޅައި އަވަސް ހަރަކާތާއިއެކު ހަނި ގޯޅިއެއް ކަހަލަ ތަނަކަށް ވެއްދިއެވެ. އެމީހާ އާއި ނޫރީން ހުރީ ފިތިފައެވެ. އެތަން އަނދިރިކަމުން ނޫރީންއަށް އެމީހާގެ ސިފަ ފެންނަވަރެއް ނުވިއެވެ. ދެފާރަވެރިންނަށް ނޫރީން ފެންނަން ނެތުމުން ކުރިމައްޗަށް އިޝާރާތްކޮށް ދިޔައެވެ. އެފާރަވެރިން ދިއުމުން ނޫރީން ކައިރީގައިހުރި މީހާ ނޫރީންގެ އަނގަ މަތިން އަތް ނަގައި ދޫކޮށްލިއެވެ. އެވަގުތު އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ނޫރީން ޒައިކާން ސަލާމަތްކޮށްދިން މަންޒަރު ސިފަވުމާއިއެކު ފެންކަޅިވިއެވެ. ނަމަވެސް އެކަމަށް ވިސްނަން ނަހަދައި ކައިރީގައި ހުރި މީހަކާއި ދިމާއަށް ބެލުމެއްނެތި އެގޯޅިން ނިކުންނަން ދިޔައެވެ.
"ޝުކުރުވެސް އަދާ ނުކުރާނަންތަ؟" އެމީހަކު ލައިގެންހުރި ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން ނޫރީން ދާން ފެށުމުން ގޮވައިލިއެވެ.
ނޫރީން ހައިރާންކަމާއިއެކު ފަހަތް ބަލައިލީ އެއީ ދަންނަ އަޑެއްހެން ހީވުމުންްނެވެ. އަދިވެސް ނޫރީން އެއަނދި ގޯޅީގައި ހުރުމުންނާއި އެމީހާ ހުޑީއަކުން ބޯނިވާކޮށްގެން ހުރުމުގެ ސަަބަބުން އެއީ ކާކުކަމެއް އިނގޭވަރެއް ނުވިއެވެ. ނޫރީން އެމީހާއާއި ދިމާއަށް ބަލަންހުރިގޮތުން އެމީހާ ހިނިއައެވެ.
"މިއީ ކާކުކަން ހަމަ ނޭނގެނީތަ؟" އެމީހާ އެންމެ ފަހުން އެހެން ބުނުމުން ނޫރީން ހައިރާންވިއެވެ. "ނޭނގެ." ނޫރީން ބުންޏެެވެ.
"އަހަރެންގެ މަތިން ހަނދާންވެސް ނެތުނީތަ އެހާ އަވަހަށް؟" އެމީހާ އަނެއްކާވެސް ބުންޏެވެ.
"އަހަރެންގެ އަޑުންވެސް ވަކިކުރާކަށް ނޭނގޭތަ؟" އެމީހާ އައިސް ނޫރީންގެ ކުރިމަތީގައި ހުއްޓިފައި އެއްސެވެ.
ދެން ކުއްލިއަކަށް އެމީހާ ނޫރީންގެ އަތުގައި ހިފައިގެން އެގޯޅީގެ އެތެރެއަށް ވެއްދިއެވެ. އަދި އޭނާ ހުޑީގެ ބޯނަގައި އޭނާގެ މޫނު ދައްކައިލިއެވެ.
"ޒައިކާން؟؟؟؟" ނޫރީންގެ ގައިން ހީބިހި ނަގައިގަތެވެ.
- ނުނިމޭ -
'ސައިރެން' ގެ 10ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
ވަރަށް ރީތި މާޝާﷲ 😘😘😘
މާޝާ ﷲ!! ވަރަށް ވަރަށް ވަރަށް ރީތި 💖 8 ވަނަ ބައިވެސް ވަރަށް ސަޅި އިނގޭ. އެއފަހަރާ ދެ ބައި ކިޔާލީމަ ހިތަށްނއެރީ މިބައިގައޭ ދެން ކޮމްނެޓް ކުރާނީ. ހެހެ 😂
އޯހޯ.. ވާއު 💖 ޒައިކާންތަ އެއީ. ވަރަށް ކިޔުރިއަަސް! އެންޑް ކީއްވެ ޒައިކާންގެ ޑައިލޮގޮސް ތަކުގައި ކަޔާން އިންނަނީ؟ 😐 ދެންއިންބައި އަވަސްކޮށްދެއްޗޭ..✌ ދެންއިންބަޔަށް އިންތިޒާރުކުރަން! ލަވްޔޫ ❤💞 ސްޓޭ ސޭފް ✌💖
👍👍👍👍👍ނައިސް ސްޓޯރީ.......
ކޮންއިރަކުންތަ 10 ވަނަ ޕާޓް ގެނެސްދެނީ