" ލީން.... ލީން ތިއީ ނަހަލާލު ކުއްޖެއް ނޫން.. " އަފްޝާ ބުނެލިއެވެ. އަލައިނާއަށް އިވިގެން ދިޔަ ވާހަކަތަކުން ސިހިފައި އަފްޝާއަށް ބަލާލެވުނެވެ.
" ދޮންބެދައްތައަށްވެސް އިނގޭ ލީންއަށް މިހާރު މިރަށުގައި ދެކެވޭ ވާހަކަތައް އަޑުއިވިފައިކަން ހުންނާނީ... އެއީ ތެދަކަށްވިޔަސް ތެދަކަށް ނުވިޔަސް ދޮންބެދައްތަމެން ގަބޫލުކުރާނީ ތިއީ ހަމަ ހަލާލު ކުއްޖެއް ގޮތުގައި. ލީންގެ މަންމަގެ އެމަޑުމައިތިރިކަން ދޮންބެދައްތަގެ ބައްޕައަށް އިނގޭނެ. ދޮންބެދައްތަގެ ބައްޕަ ވަރަށް ގިނައިން ކިޔާނެ ކުރިން މިގޭ އަސްރާ ނުލާހިކު ރަނގަޅުވާނޭ... ދުވަހަކުވެސް ފިރިހެނަކާ ގުޅުމެއް ނުބާއްވައޭ ލީންގެ ބައްޕައާ އިނުމުގެ ކުރިން. އިނދެގެން އުޅުނު އިރު އެހެން ފިރިހެނަކާ ދިމާއަށް ބަލާވެސް ނުލާނޭ.. އެހެންވީމައި ދޮންބެދައްތައަށް އިނގޭ މަންމަ އެކަހަލަ ކަމެއް ނުކުރާނެކަން. ދޮންބެދައްތަ ބައްޕަ ދުވަހަކުވެސް ދޮގެއް ނުހަދާނެ. ދޮންބެދައްތަ ބައްޕަ ވިހޭންސުރެ މިރަށުގައި އުޅެ މިރަށުގެ މީހުންގެ ގޮތް ނުހަނު ރަނގަޅަށް ދަނޭ... ދޮންބެދައްތަ ޔަޤިންކަން ދެން ލީންގެ މަންމަ އެކަހަލަ ކަމެއް ނުކުރާނެ ކަމުގައި... " އަފްޝާ ހިނިތުންވެލިއެވެ. އަލައިނާވެސް ހިނިތުންވެލަމުން އަފްޝާގެ ގައިގައި ބައްދާލިއެވެ. އަދި މާފަށް އެދުމަށްފަހު ޝުކުރު އަދާކުރިއެވެ.
" ދެން ދޭ... ގޮސް ދޮންބެ ގާތުން މާފަށް އެދެން. ލީން ރުޅިއައީމަ ދޮންބެ ދެރަވެފަ އެހުންނަނީ... " އަފްޝާ އަލައިނާގެ ކޮލުގައި ހިފާލިއެވެ.
އަލައިނާ ކޮޓަރިން ނިކުމެގެން ސިޓިންރޫމަށް ނިކުތްއިރު އިބްރާހީމް ބޭރުން އައިސް ގެޔަށް ވަންނަނީއެވެ. އޭރު އަތުގައި ހުރި ކޮތަޅުތަކުން އެއައީ ފިހާރަޔަށް ގޮސްފައިކަން އެނގިގެން ދިޔައެވެ.
" ސޮރީ ދޮންބޭ... ހަޤީޤަތް ހޯދާ ލީން ރަނގަޅުކުރުން، އެއީ ދޮންބެ ބޭނުންވާ ގޮތްކަމުގައި ވަންޏާ ލީން ނޫނެކޭ ނުބުނާނަން.. " އަލައިނާ ދުވެފައި ގޮސް އިބްރާހީމްގެ ގައިގައި ބައްދާލިއެވެ. އިބްރާހީމް
ވަގުތުން އަލައިނާ ދުރުކޮއްލިއެވެ. އަލައިނާ ހައިރާންވެފައި އިބްރާހީމްއަށް ބަލާލިއެވެ.
" ދޮންބެއަށް އިނގޭ ލީންއަށް ވިސްނޭނެކަން... އަލްހަމްދުލިﷲ އެކަމަކު ލީން... ދޮންބެ ބުނީމެއްނު ތިއީ ދޮންބެގެ ކޮއްކޮ ވިޔަސް ބޮޑުވީމައި އެހައި ކުލޯޒް ވާކަށް ނުވާނޭ... " އިބްރާހީމް ހީލަމުން އަލައިނާއަށް ހަނދާންކޮއްލަދިނެވެ.
" ސޮރީ ދޮންބޭ.. ލީން ހަނދާންނެތުނީ... " އަލައިނާ ވަގުތުން އިސްޖަހާލިއެވެ. އަދި ރޭގަޔާއި ދެންމެ ފައިޒަންއާ އެހާ ގާތްވެވުން ހަނދާންވުމުން ލަދުގަތެވެ.
" އިޓްސް އޯކޭ... ދެން ރުޅިއައި ކުދިން ގާތުން މާފަށް އެދެން ދޭ އަވަހަށް... " އިބްރާހީމް އަލައިނާގެ ބޮލުގައި ފިރުމާލިއެވެ.
" ލައްބަ ދޮންބޭ... " އަލައިނާ ހީލާފައި ހިނގައިގަތީ ތީބާއާއި އަޙްމަދުގެ ކިބައިންވެސް މާފަށް އެދޭށެވެ.
---
" އެމިހުން އަދި އަންނާނެ. " އެނދުގައި އިށީނދެގެން އިން ފައިޒަންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ރޭގެ ހާދިސާއެވެ. ރޭގައި އަލައިނާއާ އޭނަގެ ވަށައިގެން ހިމާޔަތުގެ ވައްބުރު އެޅިގެން ދިޔަ ވަގުތު ކުރިމައްޗަށް ފާޅުވި ހިޔަންޏެކެވެ. ރަތްކުލައިން ހައިލައިޓް ވަމުން ދިޔަ ސިފަނުވާ އެހިޔަންޏެވެ.
" އެމިހުން އަދި އަޔަސް އަހަރެންނަށް ކިޔެއް؟ އަހަރެން ނުދާނަން. އަހަރެން ބުނިން ދުވަހެއްގެ ކޮޅުންވެސް އަހަރެން މިއިންސާނާ ދޫކޮއްލާފައި ނުދާނަމޭ.. ކިހާ ދުވަހެއް އަހަރެން ލީންއަށް އިންތިޒާރުކުރިތާ.. ދެވަނަ ފަހަރަށް އަހަރެންގެ ކައިރިއަށް ލީން އައިސް ހުއްޓަ އަހަރެން ދުލެއް ނުކުރާނަން... އޭނަގެ މަންމަހެން އަހަރެން އޭނަ މަރުވިޔަކަ ނުދޭނަން... " ފައިޒަން އެހިޔަންޏަށް ބަލަމުން ހަޅޭލަވައިގަނެފައި ދެވަނަ ފަހަރަށް އެހިޔަނި ދުރަށް ހޫރުވާލަން މަސައްކަތްކުރިއެވެ.
" ހިހި.. ކަލެޔަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ... އެފަހަރު އަހަރެން އެހާ ވަރަށް ނުވިސްނަ ހުރީމައި ވިއްސައިގެން ދިޔައީ... ހީނުކުރާތި ކަލެޔަށްވުރެ އަހަރެންގެ ބާރުވެސް ވަކި ކުޑަވާނެ ކަމަކަށް... " ހިނިގަނޑަކާއެކު އެހިސާބުން އެހިޔަނި ގެއްލުނީއެވެ.
ރޭއްސުރެ ފައިޒަން ވިސްނަމުން އެދަނީ އެކަމާއެވެ. އަލައިނާއަށް ރައްކާތެރިކަން ދެވޭނެ ގޮތެއް އޭނަ ވިސްނަމުން ދާތާ ކިތަންމެ އިރެކެވެ. އެހެނަސް އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ.
ފައިޒަން އެނދުން ތެދުވެގެން ހިނގައިގަތީ ކޮޓަރީގެ ވަރަށް އެތެރޭގައި ކުރިން ގުދަނުގައި ހުރި ސާމާނުތައް ލައިފައިވާ ތަނަށެވެ. އަދި މަޑުމަޑުން އެއްޗެހިތައް އެހާ ބޮޑަށް ނުތަޅުވާ ބަންދުކޮއްފައިވާ ފޮށިތައް ހާވަން ފެށިއެވެ. އެކުޑަ ގޮޅި ތެރޭގައިވާ ހިރަފުހުން ފުރިފައިވާ ފޮށިތަކުން ފަހަރަކު ފޮއްޓެއް ނަގައި ހާވަމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް އެއެއްޗެއް ދެކެން ބޭނުންވެފައިވާކަމުގެ ކުލަވަރުތަކެވެ.
ކުއްލިއަކަށް މަޑު ނޫކުލައިގެ ފޮއްޓެއް ހާވަމުން ދަނިކޮށް އެތެރޭގައި އޮތް އެއްޗަކުން ވިދުމެއް ފެނިލިއެވެ. އިހުނަށްވުރެ ހަރަކާތް އަވަސްކޮއްލަމުން އެފޮށިން ނެގީ މަސްލާ ކަހަލަ ފިޝް ބައުލްއެކެވެ. ފެނިގެން ދިޔަ އެވިދުމަކީ އެބައުލްގެ އެތެރޭގައި އޮތް ރަން ކެވެލިކޮޅެކެވެ.
އެތެރެ ހަޑިވެ ފެހިޖަހައިފައިވާ ފިޝް ބައުލް އުނގުމަތީގައި ބަހައްޓަމުން އެބައުލްގެ މަތި ނަގައި އެއްކައިރީގައި ބާއްވާލިއެވެ. އަދި ފައިޒަން އެބައުލް އިން ރަން ކެވެލިކޮޅު ނެގިއެވެ. އަލައިނާގެ ނަން ރީތިކޮށް ފަރުމާ ކުރެވިފައިވާ އަތުގައި އަޅާ އެ ކެވެލިކޮޅުގައި ކުދިކުދި ހުދުކުލައިގެ ޑައިމަންޑްތަކެއް އެލުވާފައިވެއެވެ. ކުޑަކުއްޖެއްގެ އަތަށް ހެޔޮވަރު އެކެވެލިކޮޅަށް ފުންކޮށް ބަލާލަމުން ފައިޒަން ހިނިތުންވެލިއެވެ. އެއީ އަލައިނާދެކެ އޭނަޔަށް ލޯބިވެވުނު ސަބަބެވެ.
ފައިޒަން ދެން ބަލާލީ އެ ފިޝް ބައުލްއަށެވެ. އެއީ އަލައިނާއަށް އޭނަ ފެނުމުގެ ސަބަބަކަށްވި އެއްޗެވެ. ފައިޒަން ފޮށިތައް އެހުރިތަނުގައި ބެހެއްޓުމަށްފަހު ފިޝް ބައުލް ގޮސް ސުޓަޑީ ޓޭބަލްގައި ބަހައްޓާލިއެވެ. އަދި އަތުގައި އޮތް ކެވެލިކޮޅުގައި ބޮސްދިނުމަށްފަހު އަލުން ފިޝް ބައުލްގެ ތެރެއަށް ލައި މަތި ޖަހާލިއެވެ.
---
މެންދުރު ދޮވެފައި ހުރި ހެދުންތައް މެދުގޯތީގައި ހުރި ރޯނުތަކުން ނެގުމަށްޓަކައި އަލައިނާ ބޭރަށް ނިކުތް އިރު އިރުއޮއްސެމުންދާ ކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. އަދި ހަމަ އެއާއެކު ގަދަޔަށް ވާރޭ ވެހެން އުޅޭ ކަމުގެ ނިޝާންތައް ވެސް ފެންނަމުން ދިޔައެވެ.
އަވަސް އަރުވާލައިގެން ހެދުންތައް ރޯނުން ނަގަމުން ދަނިކޮށް ކުއްލިއަކަށް އަލައިނާގެ ލޮލުގައި އަޅައިގަތީ ގޭޓުން ބޭރުގައި ހުރި ފައިޒަންއެވެ. އަތުން އޭނަގެ ކައިރިއަށް އައުމަށް އަލައިނާއަށް ހަނާއަޅަމުން ދިޔައިރު އެރީތި ހިތްގައިމު ހިނިތުންވުން މޫނުމަތިން ފެންނަމުން ދިޔައެވެ. އަލައިނާ އެބަ ދަން ކަމުގައި ބުނެ ހުރިހާ ހެދުންތައް ހިފައިގެން އެތެރެއަށްވަދެ ކޮޓަރިއަށް ލައިފައި ކުޑައެއް ހިފައިގެން ގެއިން ނިކުތެވެ. އޭރު ގޭޓު ކުރިމަތީގައި ފައިޒަންއެއް ނެތެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ގޭޓުން ނިކުމެ ބަލާލިއިރު ފައިޒަން ހުރި ސީދާ ފުއްޓަރާ ދިމާއަށް ހިނގަމުން ދިޔައެވެ. އޭރު މަގުމަތީގައި މަދުން ނަމަވެސް މީހުން އުޅޭތީ މީހުންނަށް ނޭނގޭނެހެން ދާން ބޭނުންވީ ކަމަށް ހިތާ އަލައިނާ ގޭޓު ލައްޕާލަމުން ފައިޒަންގެ ފަހަތުން ހިނގަން ފެށިއެވެ.
ފައިޒަން ވަތް މަގުން ގަސްތަކުގެ ތެރެއަށް ވަތް އަލައިނާއަށް ދެން އެހިސާބުން ފައިޒަން ދިޔަ ތަނެއް ނޭނގުނެވެ. ފަރާތް ފަރާތަށް އެނބުރުނު ނަމަވެސް ފައިޒަން ލައިގެން ހުރި ރަތްކުލައިގެ ގަމީހުގެ ތަންކޮޅެއްވެސް ފެންނަން ނެތެވެ. އޭރު ތުނިތުނިކޮށް ވާރޭ ކަނިކަނި ޖަހަމުންދިޔައެވެ.
ކުއްލިއަކަށް އެއްޗެއް ފުންމާ އަޑަށް އަލައިނާ ފަހަތް ބަލާލިއެވެ. ކުރިމަތީގައި ހުރީ ފައިޒަންއެވެ. މޫނުމަތީގައިވަނީ ނުބައި ހިނިތުންވުމެކެވެ. އަތުގައި ވަނީ މަސްލާ ކަހަލަ ފިޝް ބައުލްއެކެވެ. އެބައުލްގައި ކަޅު އަދި ފެހި ރޮނގުދެމި މަހެއް މައްޗަށް އަރާ ފުންމަމުން ދިޔައިރު އޭތީގެ ދެލޯވަނީ ހުދުކުލައިގައެވެ.
" ހަނދާންވޭތަ ލީން؟ ހަނދާންވޭތަ މި މަސް؟ ހަނދާންވޭތަ މި ފިޝް ބައުލް؟ " ފައިޒަންގެ އަޑު ބަރުވެފައި ކުރަކިކަމެއް ހުއްޓެވެ. އަލައިނާ ރީތިކޮށް ފައިޒަންއަށާ އެމަހަށް ބަލާލިއެވެ. ވާނުވާ ނޭނގިފައި އަލައިނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" ލީން...؟ ހަނދާންވޭތަ؟ މިއީ ކޮން މަހެއްކަން އިނގޭތަ؟ " އެއަޑު އިހުނަށްވުރެ ގަދަވެގެން ދިޔަ ވަގުތު ފައިޒަން އަލައިނާއާ ގާތަށް އަންނަން ފެށިއެވެ.
ނުނިމޭ

ވަރަށް ރީތި ވާހަކައެއް 👍🏻 👍🏻 💕 💕 އައި ލަވް ދިސް ސްޓޯރީ ސޯމަޗް 💕ގުޑް ލަކް 😉 ކޮންއިރަކުން އަނެއް ފަރޓް 💋💋💋💋
ތެންކިޔު 🤗🧡🧡
އަލައިނާއަކީ ހިޔަމައެއްތަ؟؟؟
ނޫން.. އެއީ އެޑްމިން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިެިިިިިިިިިިިިިިިިިިިިިިިިިިިިިިިި އިން ޗޫޒް ކޮއްފަ އިން ފޮޓޯއެއް 😅
When will be the next part 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔؟