އަކިލްގެ ޗެޓުން ނިކުންނަމުން އަހަރެން މީހުންގެ
ސްޓޯރީތައް ބަލަން ފެށީމެވެ. ފަހަރަކު ސްޓޯރީއެއް ބަލަމުންގޮސް ހައިފާގެ ސްޓޯރީ ފެނުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ގޮސް އަތުން ފޯނު ނުދޫވީ ކިރިޔާއެވެ. އަހަރެންނަށް އިހުސާސް ނުވިޔަސް، އަހަރެންގެ ކޯތާފަތުން ތިރިޔަށް ކަަރުނައިގެ ރޮނގެން ދެމިގެން ދިއައެވެ.
**************
"ހެޕީ 5 މަންތްސް އެނިވާރސަރީބެބީ" މިހެން ޖަހައި ހައިފާ ސްޓޯރީއަށް ލައިފައި އިނީ އޭނާއާއި އަކިލްގެ ނަފްސީއެކެވެ. އަދި އޭނާ އަކިލްދެކެ ވާ ލޯބި ބަޔާން ކުރަމުން ޕެރެގްރާފެއް ވެސް ލިޔެފައި އޮތެވެ. އެމީހުންގެ ގުޅުމަށް ފަސް މަސް ފުރުން ފާހަގަ ކުރަމުންނެވެ.
އަހަރެންނަށް އިޙުސާސް ނުވި ނަމަވެސް، އަހަރެންގެ ހިތުގެ ކަނެއްގައި ރިއްސާލިއެވެ. އަކިލްއާއި ހައިފާގެ ގުޅުން ދެމިއޮތީ ތީކީ ނޫނެވެ. އަދި އެދެމީހުންގެ މެދުގައިވާ ލޯބި ފެނި، ހައިފާއަށް ހަސަދަވެރިވެގެނެއް ވެސް ނޫނެވެ. އަކިލް އަހަރެންނަށް
ދޮގުހެދީތީއެވެ. އޮޅުވާލައި ހަޤީގަތް ފޮރުވީތީއެވެ.
ހައިފާއާއި އޭނާގެ ގުޅުން ނިމިއްޖެ ކަމުގައި ބުނެ އޭނާ އަހަރެންނަށް ދޮގު ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އޭނާ އަހަރެންނަށް އޮޅުވައިލީ ކޮން މަޤުސަދެއްގައި ހެއްޔެވެ. އަހަރެން ކާމިޔާބު ވޭތޯ ހެއްޔެވެ. އޭނާ އަހަރެންގެ ގާތުގައި ރައްޓެހިވާން އެހި އިރު ވެސް އޭނާ އުޅުނީ ހައިފާއާއި ރައްޓެހިވެގެން ތާއެވެ.
އޭނާ ދެއްކި ފޮނި ވާހަކަތަކާއި، ބެހެއްޓި އޯގާތެރިކަމަކީ އަސްލެއް ނެތް ހުސް އެކްޓު ތާއެވެ. މެސެޖު ކުރަމުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުއްސުރެ އޭނާ އަހަރެން ދެކެ ލޯބިވާކަމަށް ބުނި ބުނުމަކީވެސް ހުސް ދޮގު ތާއެވެ. އެހެންވީރުން އަކިލް ހާދަހާވާ ކުޅަދާނެ އޭ އަހަރެންގެ ހިތަށް އެރިއެވެ. މީހުންގެ އިޙުސާސްތަކާއި ކުޅެ، ދޮގު ހަދައި އޮޅުވައިލުމުގައި އޭނާއަކީ ހަމަ އެއްވަނަ އެވެ. އެކަން އަހަރެންގެ ހަނދާނުން ކައްސާލީ ކިހިނެއް ހެއްޔެވެ.
އަކިލްގެ ދޮގުތައް އަހަރެން ކުޑަކޮށް ވިޔަސް ޤަބޫލުކުރީ ކީއްވެ ހެއްޔެވެ. އޭނާއަށް އިތުބާރުކުރީ ކޮން މޮޔައެއް ވެގެން ހެއްޔެވެ. އަދިވެސް އެއީ ހަމަ އަންހެން ކުދިން ކުޅޭ އެއްޗެހީގެ އުސޫލުން ގެންގުޅޭ އަހްމަދު އަކިލް އާހިމް ކަން އަހަރެން ހަނދާން ނައްތާލީއެވެ. ދުވަހަކު ވެސް އޭނާ ބަދަލުވެ ރަނގަޅު ނުވާނެކަން މިއަދު އަހަރެންނަށް ޔަޤީންވެއްޖެއެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށް އަކިލްއަށް ކުރެވުނު އިތުބާރު ވެސް މިއަދު ގެއްލިއްޖެއެވެ.
ފޯނު ބޭއްވުމަށްފަހު އަހަރެން ގޮސް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލީމެވެ. ހިމަ ފޮދު ވާރޭގެ ތިކިތައް ދުނިޔެ މައްޗަށް ހަމަލާދެމުން ދިޔައިރު، މުޅި މާހައުލު ދިއައީ ފިނިކުރުވަމުންނެވެ. އަދިވެސް އަހަރެންނަށް ޤަބޫލުކުރަން ދަތި ވަނީއެވެ. ގެމަނަފުށީގައި އަހަރެން ހޭދަ ކުރި ދުވަސްތަކާއި، އެ އުފާވެރި ވަގުތު ތަކުގައި އަހަރެން ދިރިއުޅެމުން ދިއައީ ދޮގެއްގެ ތެރޭގައި ހުރެ ހެއްޔެވެ.
ވިއްސާލެވިފައިވީ އަހަރެންގެ ފަން އިސްތަށިގަނޑުގެ އިސްތަށި ކޮޅުތައް މޫނަށް އުނދަގޫ ކުރަން ފެށުމާއި އެކު ވައަތުން އެ އިސްތަށިތައް ކަންފަތުގައި އަޅުވައިލީމެވެ. އެޔާއި އެކު އަހަރެންގެ ލޮލުގައި އަޅައިގަތީ، އަހަރެންގެ ވައަތު ކަށި އިނގިލީގައި އިން އަނގޮޓިއެވެ. ވަގުތުން އެ އަނގޮޓި ނަގައި ކޮޓަރި ތެރެއަށް އަހަރެން ހޫރައިލީމެވެ. އަކިލްގެ ހަނދާން އާކުރުވާ އެއްވެސް ނިޝާނެއް އަހަރެންނަށް ފެންނަ ހިސާބުގައި ބަހައްޓާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.
އަނެއް ހަފްތާ ފެށިގެން ދިއައިރު އިންޓާރ ސްކޫލު ހޭންޑް ބޯޅަ މުބާރާތުގެ ފަރިތަކުރުންތައް ސުކޫލުގައި ފެށިގެންދިއައެވެ. ހޭންޑް ބޯޅައަކީ އަހަރެން އަބަދުވެސް ކުޅޭ ހިތްވާ ކުޅިވަރެއް ކަމުން ގުރޭޑު ދިހައެއްގެ އަހަރު ކަމުގައި ވިޔަސް ބައިވެރިވާން އަހަރެން ބޭނުންވީއެވެ.
ތިން އަހަރު ޖެހިޖެހިގެން ކުޅެމުން އައުމާއިއެކީ އަހަރެންނަށް ފުލް ޓީމުންނާއި ފުރަތަމަ ހަތަކުން އަބަދުމެ ޖާގަ ލިބެއެވެ. އަހަރެމެންގެ ޓީމުގެ ކެޕްޓަންއަކީ ޝާޔާއެވެ. ޝާޔާއަކީ ހޭންޑް ބޯޅައަށް އެއްވަނަ އޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް ގުޅިގެން މޮޅުވާން މަސައްކަތް ކުރުމުގެ މަތިން އަހަރެން ހަނދާން ނެތުނީ ހައިފާ ޕްރެކްޓިސްތަކަށް އަންނަން ފެށުމާއި އެކީގައެވެ. ހަމުގެ ކުލަ އަލިވެފައި އޭނާއަށް ލިބިފައިވަނީ ބޮޑު ދެލޮލަކާއި، ބައްޓަމެއް ނެތް ހިކި ހަށިގަނޑެކެވެ. ހައިފާ އައި ފަހުން އަހަރެންނަށް އަބަދުވެސް ބެލެނީ އޭނާއަށް ވުރެން މޮޅަށް ކުޅެވޭތޯއެވެ. އޭނާ ދައްކޮށްލައި ކަޑަ ކޮށްލުމަށް އޮތިއްޔާ އޮތް މަގަކުން އަހަރެން ހިނގަމެވެ. ހައިފާ ޝާޔާއާއި ގުޅުން ބަދަހިކޮށް ވާހަކަ ދައްކައި ހަދަން މަސައްކަތް ކުރަން ފެށުމާއިއެކު، ޝާޔާ އޭނާއާއި ވީ ހުރިހައި ގޮތަކުން ދުރުގައި ބެހެއްޓޭ ތޯ އަހަރެން މަސައްކަތް ކުރަމެވެ.
އަދި ޓީމުގެ ހުރިހައި ކުޅުންތެރިންގެ ކުރިމަތީގައި ހައިފާއަށް އަކިލްގެ ގޯސްކަން ވިސްނައިދީ އެދެމީހުން ދުރުކުރުވޭތޯ ވެސް މަސައްކަތް ކުރަމެވެ. ހައިފާއަށް އަކިލްއަށް ވުރެން މާ ރަނގަޅު ތެދުވެރި މީހުން ލިބޭނެކަމުގައި ބުނަމެވެ. އަކިލް ދުވަހަކު ވެސް މީހަކަށް ތެދެއް ނަހަދާނެ ކަމާއި، އޭނާ ދައްކާ ބަހަނާތަކަށް ނުހެއްލުމަށް އެދި އަހަރެން ގިނަ ފަހަރު ހައިފާއަށް ނަސޭހަތް ދެނީ ހެޔޮހިތުންނެވެ. ނަމަވެސް އަކިލްއަށް ދެރައެއް ލިބުމަކީވެސް އަހަރެންގެ މަޤުސަދެކެވެ.
ހައިފާއަށް ވިސްނައިދޭން ކިތަންމެ މަސައްކަތް ކުރި ނަމަވެސް، އޭނާއެކޭ ރައިމާއެކޭ ތަފާތެއް ނެތްކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. ދެމީހުން ވެސް ތިބެނީ އަކިލްއާއި ހެދި ހޭބަލިވެފައެވެ. ލޯބީގައި ކަނުވެފައެވެ. ނޫނީ އެދެމީހުން އަޅައިގެން އުޅޭ ލޯބީގެ ނަމްބަރު އައިނުގެ ލޯކޮޅު ހުންނަނީ ފުސްވެފައެވެ. އަކިލްގެ ބޭވަފާތެރި އަމަލުތައް އެމީހުނަށް ނުފެންނަނީ އެހެންވެތާއެވެ.
ރައިމާ މާލެ ދޫކޮށް އޭނާގެ އުފަން ރަށަށް ދިރިއުޅުން ބަދަލު ކުރީ ގުރޭޑު ނުވަޔަކަށެވެ. އޭގެފަހުން އަހަރެމެންގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވީ ނަމަވެސް، އަބަދުވެސް ދޭތެރެ ދޭތެރެއިން އެކަކު އަނެކަކުގެ ހާލު ބަލައި ހަދަމެވެ.
އާދައިގެ ދުވަހެކެވެ. ސުކޫލުން ޕްރެކްޓިސް ނިންމައިލުމަށްފަހު އަހަރެންނާއި ހައިފާ ގެއަށް ދިއުމަށް މިސްރާބު ޖެހީ އެކުއެކީ ކަހަލަ ގޮތަކަށެވެ. ދެމީހުންގެ ގެވެސް ހުންނަނީ މައްޗަން ގޯޅީގައި ކަމުންނާއި، އެކަކުގެ ވެސް ބެލެނެވެރިންނަށް ބަލައި އާދެވޭ ގޮތް ނުވުމާއި އެކީގައެވެ.
"މަަލަކް، ސުވާލެއް ކޮށްލަންތަ؟" ހައިފާ އަހައިލިއެވެ. ދާދިގާތުގައި ތިބެ އަހަރެމެން ދެމީހުން މާލޭގެ މަގުތަކުގައި ހިނގަމުން ދިއައީމެވެ. "ހޫމް...ކޯޗެއް އަހަން ތިއުޅެނީ؟" އަހަރެން އަބަދުވެސް ހައިފާއާއި ވާހަކަ ދައްކާ ރާގުގައި އަހައިލީމެވެ. "ކީއްވެ އަކިލް ދެކެ އެހާ ރުޅި އަންނަނީ؟ އޭނަ މަލަކްއަށް ކީއްކުރީ؟" ހައިފާ އަހައިލި ސުވާލާއިއެކު ފުރަތަމަ ދޭނެ ޖަވާބެއް ނުވިސްނިފައި އިރުކޮޅަކު އަހަރެންނަށް ހުރެވުނެވެ. ސަބަބުތައް ގިނަ ކަމުން ބުނާނެ އެއްޗެއް ވެސް ނޭނގުނީއެވެ.
"އޭނަ ކީތްނުކުރަނީ؟ ހަމަ އެކަނި މަލަކްއަކަށް ނޫން...ހައިފާއަށް ވެސް، އަދި އެހެން އަންހެން ކުދިންނަށް ވެސް...ހައިފާ ބުނެބަލަ އޭނަ މިވީ ފަސްމަހު ތެރޭ ހައިފާއަށް ދުވަހަކުވެސް އޮޅުވާލާ، ދޮގު ހަދާ، ބޭވަފާތެރި ވެފައެއް ނެތޭ!" އަހަރެން ޖަވާބު ނިންމާލީ ހައިފާއަށް ވިސްނޭނެ ފަދަ ގޮތަކަށް ސުވާލެއް އަމުނައި ލަމުންނެވެ.
"ޤަބޫލު ކުރަމޭ އޭނައަކީ ތިހުރިހާ ކަމެއް ވެސް ކޮށްފަ އަދި ކުރުން އާދައަކަށް ހަދައިގެން އުޅުނު މީހެއްކަން...ޓު މީ އިވެން ހީ ޗީޓެޑް، ބަޓް އެވްރީވަން ޑިޒާވްސް އަ ސެކަންޑް ޗާންސް ދޯ....ބިލީވްމީ އޭނަ އެއީ މިހާރު ކުރީގެ އަކިލްއެއް ނޫން....ހީ ހޭޒް ޗޭންޖްޑް އަލޮޓް ފޯރ މީ.." އަކިލްއަށް ތަޢުރީފުގެ ބަސް ނޫން އެހެން އެއްޗެއް ހައިފާގެ އަނގައިން ނުނިކުންނާނެކަން އޭރުވެސް އަހަރެންނަށް އިނގެއެވެ. އޭނާއާއި ރައްޓެހިވެގެން ހުރެ، އަކިލް އަހަރެންގެ ގާތުގައި ރައްޓެހިވުމަށް އެހި ވާހަކަ މި މޮޔަ އަންހެން ކުއްޖާގެ ގާތުގައި ބުނާނީ ވެސް ކިހިނަކުން ހެއްޔެވެ. ބުންޔަސް ޤަބޫލުކުރާނީކީ ނޫން ވިއްޔާއެވެ. އަކިލް އެއީ ދޮގެކޭ ބުނާ ހިސާބުން ޤަބޫލުކޮށް ވަރިހަމަވެގެން މީނަ ހުރެދާނެއެވެ. އޭރުން ގޯސް ވާނީ އަހަރެންތާއެވެ. ދޮގު ހަދައި ޖޯޑެއްގެ ދެމެދަށް ވަންނަން އުޅުމުގެ ހުތުރު އިލްޒާމް އެޅުވޭނީ އަހަރެންގެ ބޮލުގައެވެ.
ހައިފާ އެހެން ބުނެލުމާއިއެކު ފުރަތަމަވެސް ފުން ނޭވާއެއް އަހަރެން ދޫކޮށްލީމެވެ. އޭރު އަހަރެން ދިރިއުޅޭ އިމާރާތާއި ހަމައަށް ވެސް އާދެވިއްޖެއެވެ. "ތީ ހައިފާއަށް ކުރެވޭ ކުންހީއެއް، ނިކަން އަކިލް ގާތު އަހާބަލަ މިދިއަ ޗުއްޓީ ތެރޭ އޭނަ ކިތައް އަންހެން ކުދިން ގާތު ރައްޓެހިވާން އެހިންތޯ، ކިތައް އަންހެން ކުދިންނާ ގައިގޯޅިވެ ކަޕަލް ޑާންސް ކުރިންތޯ، ކިތައް އަންހެން ކުދިންނަކަށް ދޮގު ހަދާ ބިލާހީ ހުވަފެންތަކެއް ދެއްކިންތޯ.... އައި ހޯޕް ޔޫ ވިލް....ގުޑް ލަކް" ހައިފާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމަށްފަހު އަހަރެން ގޭގެ ދޮރާށިން އެތެރެއަށް ވަނީމެވެ. އޭރު އޭނާގެ ފެންކަޅިވެފައި ވީ ދެލޮލުން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހައިފާ ހުއްޓެވެ.
ޖެހިގެން އޮތީ ހުކުރު ދުވަސްކަމަށް ވުމާއިއެކު އެދުވަހު މަންމަ އަހަރެންގެ އަތަށް ފޯނު ދިނެވެ. އިޝާ ނަމާދަށްފަހު، ފިލާވަޅުތައް ހަދައި ފޮތް ކިޔައި ނިންމައިގެން ފޯނާއި ކުޅެން އަހަރެން އިނީ ސިޓިން ރޫމުގެ ސޯފާގައެވެ. އޭރު ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރު ކުރުމުގައި އަހަރެންގެ މަންމަ އުޅެއެވެ.
އިންސްޓަގްރާމު ހުޅުވައިލުމާއި އެކު އަހަރެންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އަކިލް ކޮށްފައިވާ ތިން މެސެޖެވެ. މެސެޖުތައް ކިޔައި ނިމުނު އިރު، އަހަރެންގެ ހިތުގައި އޭނާއާއި މެދު އަނދަމުން ދިޔަ ނަފްރަތުގެ އަލިފާން އިތުރަށް ބޮޑުވެގެން ދިއައެވެ. އޭނާއަށް ވަރުގަދަ ޖަވާބެއް ފޮނުވައިލުމަށްފަހު، އަހަރެން ވަގުތުން އިންސްޓަގްރާމުން އޭނާ ބްލޮކް ކޮށްލީމެވެ. މަންމަ ގޮވަ ގޮވައި އޮއްވައި ނުވެސް ކައި އަހަރެން ދިއައީ، އަކިލްއަކާ ހެދި ކާހިތްވެސް ކެނޑުމުންނެވެ.
ނުނިމޭ
ވ ވ ރީތި މާޝާ ﷲ މި ބައި ވެސް ސިސް... ކިޔާހިތުން އިންދަ އެ ނިމުނީ.. އަނެއް ބައިގެ އިންތިޒާރު ގަ މީންދީ ހަމަ.. ☺️☺️☺️ސްޓޭ ސޭފް އެން ޓޭކް ކެޔަރ ސިސް.. ލަވް ޔޫ ❤️❤️❤️❤️❤️
ސުބުހާނަﷲ އަކިލް ކީއް މި ކުރީ؟؟؟؟ މަލަކް ދެން ކިހިނެއް އަކިލްއަށް އިތުބާރު ކުރާނީވެސް ޕިސްޕިސް މި އަކިލްވެސް ދޯ... ދެން ވާނެގޮތަކާ މެދު ވަރަށް ކިއުރިއަސް އިނގޭ... ލޮލް އަނެއްކާ ކޯންޗެކޭ ބުނެގެންބާ މަލަކް އަދި އެއަށްވުރެ ބޮޑަށް އަކިލް ދެކެ ރުޅި އައީ... ދެން އޮތް ބައިވެސް އަވަހަށް އަޕް ކޮއްދެއްޗޭ... ވަރަށް ސަޅި މި ވާހަކަ
ވަރަށް ސަޅި މި ބައިވެސް މާޝާﷲ ♥️♥️
މިހާރު ދެން އެގެން މަލަކް އަަށް ވެސް އަކިލް ކަމުދިޔައީ ކަންނޭގެ ދޯ ހިހިހިހިހި ♥️♥️. ދެން އޮތް ބަޔަތް ވެއިޓިން ސިސޫ ލަވްޔޫ އެންޑް ސްޓޭ ސޭފް♥️♥️♥️
ވަރަށް ރީތި މާޝާ ﷲ! 💜💖
ޝުކުރިއްޔާ♥️
ޝުކުރިއްޔާ
ހަބޭސް
ވަރަށް ރީތި މާޝާﷲ💕.....ދެންއަންނަ ބަޔަށް އިންތިޒާރު ކުރަން
ވަރަށް ސަޅި.،🔥