Views: 2331 118

އަހަރެންގެ އުމުރުން އެންމެ ފަސް އަހަރުގައި އަހަރެންގެ މައްމަ ވަނީ ނިޔާވެފައެވެ. އެކަމާ ހެދީ އަހަރެންގެ ބައްޕަވެސްވަނީ ހާޓް އެޓެކެއްޖެހި މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.އެދުވަސް ފަހުން އަހަރެން ދިރިއެޅެމުން އައީ ބޮޑުދައްތައެއްގެ ކައިރީގައެވެ. މިހާރު އަހަރެންގެ އުމުރުން އަށާރަ އަހަރެވެ. ބޮޑުދައްތަ ވަރަށް ބަލިވެ އުޅޭތީ ކޮލެޖު ނިންމާފައި އައިސް އަހަރެން ގިނަވަގުތު ހޭދަކުރަނީ ބޮޑުދައްތަ ކާރީގައެވެ.

ވަރަށް އަވިގަދަ ދުވަހެކެވެ. ކޮލެޖުން ގެއަށް އާދުވުނުއިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ފެންވަރާލުމައްޓަކާ އަހަރެން ކޮޓަރިއަށް މިސްރާބުޖެހި ވަގުތު ބޮޑުދައްތަ ކޮޓަރިން ކޮންމެވެސް އަޑެއް އިވޭހެން ހީވެގެން އަހަރެން ހިސާބަކަށް ހުޅުވިފަ ހުރި އެދޮރުފަތާއި ކައިރިވެފައި ރަނގަޅަށް އެތެރެ ބަލާލީމެވެ. ކޮޓަރިތެރެއަކު މީހެއްނެތެވެ. އަޑު އަންނަނީ ފާހަނަތެރެއިންނެވެ. ބޮޑު ދައްތަ ހޮޑުލާ އަޑެވެ. އަވަސް އަވަހަށް އަހަރެން ބަދިގެއިން ފެންފުޅިއެެއް ހިފައިގެން ގޮސް ފާހަނަ ދޮރު ތަޅަމުން ބޮޑުދައްތައަށް ގޮވީމެވެ. ދެތިންފަހަރަކު ގޮވުމުންވެސް ޖަވާބު ނުލިބުމުން އަހަރެން ފެންފުޅި ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓާފައި ފެންވަރަން ދިޔައީމެވެ.
ހަވީރުގެ ސަޔަށް އިންސާފުކުރަމުން އޮލަ ވާހަކައިގައި އަހަރެންނާއި ބޮޑުދައްތަ ތިއްބާ ދޮރުގައި މީހެއް ޓަކި ދިން އަޑު އިވުނެވެ. ބިސްކޯދެއް އަނގަޔަށް ލަމުން އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. " ސާމިޔާ އުޅުއްވާތޯ؟" ދޮރު މަތީގައި ހުރީ އަހަރެން ދުވަހަކުވެސް ނުދެކޭ ދެބައި އުމުރެއްގެ އަންހެނެކެވެ. ހައިރާންވާ ކަމަކީ އޭނާހުރީ އަހަރެންގެ މައްމަ ނިޔާވި ދުވަހުު ލައިގެން ހުރި ކަހަލަ ހަމަ އެކުލައިގެ ހެދުމެއްލައިގެންނެވެ. އަހަރެންވެސް ކިހާ މޮޔަހެއްޔެވެ. އެކަހަލަ އެކުލައިގެ ހެދުން ލާނީ މި ދުނިޔެއިން ހަމަ އެކަނި ދެން އަހަރެންގެ މައްމަ ނޫންތާއެވެ. " ބޮޑު ދައްތަ އެބަ އުޅޭ..... އެތެރެއަށް ވަންނަވާ.." އެ އަންހެންމީހާ ހީލާފައި އަހަންނަށް ސިޓީ އުރައެއް ދިއްކޮއްލުމަށްފަހު ހިގައްޖެއެވެ.
އެ ސިޓީ އުރަ ކަނޑާލުމަށްފަހު ބޮޑުދައްތަ އަވަސްއަވަހަށް އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. ހަމައެވަގުތު ބޮޑުދައްތަގެ ދެލޯ ބޮޑުވިއެވެ. ތުރުތުރު އަޑަކުން އަހަރެން ކައިރީގައި ކޮޓަރިއަށް ވަނުމަށް ބުނުމަށްފަހު އަމިއްލައަށް ކޮޓަރިއާ ދިމާލަށް ހިގައިގަންނަން ގޮނޑިން ތެދުވިތަނާ ފައި ކައްސާލައިގެން ގޮސް ބޮޑުދައްތަ ޓައިލްސްގަނޑު މައްޗަށް ގުޅައަކަށް ޖެހުނެވެ.
އެމްބިއުލާންސް އިން ބޮޑު ދައްތަ ހަސްޕަތާލަށް ގެންދެވުނުއިރު އިރުއޮށްސެން ގާތް ވަނީއެވެ. ވެއިޓިންގް އޭރިއާގެ ގޮނޑިބަރީގެ ގޮނޑިއެއްގައި އިނދެގެން އަހަރެން މަސަތްކަތްކުރަމުން ދިޔައީ ލަންކާއަށް އޮފީސް ދަތުރެއްގައި ގޮސް ހުރި ބޮޑުދައްތަގެ ފިރިމީހާއަށް ގުޅޭތޯއެވެ. ނަމަވެސް ގުޅާ ގުޅާ ނާޒިލުގެ ފޯނު އޮންނަނީ ނިވާލާފައެވެ.
ދެގަނޑިއިރެއްފަހުން ޑަކްޓަރު އައިސް ބުނެލި ޖުމްލައަކުން އަހަރެންގެ މުޅި ދުނިޔެ އަދިރިވިކަހަލައެވެ. ބޮޑު ދައްތަވަނީ ކޯމާއަކަށް ގޮއްސައެވެ. ކަރުނަތަށް ދެލޮލަށް ޖަމާވަމުން އިސާހިތަކު އަހަރެންގެ ކޯތާފަތް ތެތްމާލިއެވެ. "ހިތްވަރު ކުރޭ.... ދޮންކަބުލޮގެ މައްމަވެސް ވަރަށް ހިތްވަރުގަދަ....." އަހަރެން ދިޔައީ ސިއްސައިގެންނެވެ. " އަހަރެންގެ މައްމަ މި ދުނިޔެއަކު ނެތް....."
ޢެ ޑަކްޓަރު ސުވާލުންފުރިގެންވާ ބެލުމަކުން އަހަންނަށް ބަލާލިއެވެ. " ތީ ސަމީރާގެ ދަރި ސަމާއެއްނޫންތަ.؟"
ޢަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. "ހިތްވަރުކުރޭ.... ހުރިހާ ކަމެއްވެސް ރަނގަޅު ވެދާނެ."
އަހަރެން ޓެކްސީއެއްގައި ގެއަށް އައީމެވެ. އެރޭ ނިދަން އުޅެ އުޅެ އަހަންނަކަށް ނިދޭ ގޮތެއް ނުވިއެވެ. އެ ޑަކްޓަރަށް އަހަރެންގެ މައްމަގެ ނަން އިނގުނީ ކިހިނެއްހެއްޔެވެ...
ފިކުރެއްގައި އޮއްވާ ފޯނެއް ރިންގުވާއަޑަށް އަހަރެން އެދިމާ ބަލާލީމެވެ. އަޑު އަންނަނީ ބޮޑުދައްތަ ކޮޓަރިންނެވެ. ދޮރު ހުޅުވާލުމަށްފަހު ވަރަށް ހޯދައިގެން އަލަމާރި ވަތްގަނޑުގައި އޮތް ބައްތި ފޯނެއް އަތުޖެހިއްޖެއްވެ. ގުޅަނީ ލޭންޑްލައިން ނަމްބަރަކުންނެވެ. " ހަލޯ؟" އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން ފޯނުކަނޑާލަން އުޅެނިކޮށް އަންހެނަކު ރޯއަޑު އިވުނެވެ. ދެން ފޯނު ކެޑިއްޖެއެވެ.
އައު ދުވަހަކަށް އިރުފެނުން ތޮޅިލިއެވެ.
ހަސްޕަތާލަށް ދާން އަހަރެން ތައްޔާރުވެލައިގެން ގެއިން ނުކުތުމަށް ހިގައިހަތްތަނާ ލޮލުގައި އަޅައިގަތީ ކާމޭޒުމަތީގައި އޮތް އެއްކަލަ ސިޓީ އުރައެވެ. އަހަރެން އެސިޓީ އުރަ ތެރޭ އޮތް ސިޓީ ކިޔާލީމެވެ.
އަހަންނަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގެންދިޔަހެންނެވެ. ހަސްޕަތާލަށް ދިޔުމުގެ ބަދަލުގައި އަހަރެން މިސްރާބުޖެހީ އަހަރެންގެ މާމަގެ ގެއަށެވެ.
"އަހާ.... ދޮންކަބުލޮ.... އަވަހަށްވަދޭ...."
އަހަރެންގެ މާމަ ހިނިތުންވުމަކާއެއްކޮށް އަހަންނަށް މަރުހަބާ ކިޔެވެ. ސިޓިންގް ރޫމްގައި އެއްކަލަ އަންހެންމީހާވެސް އިނެވެ. އަހަރެންގެ ބޮޑުދައްތް ހޯދަންއައި އަންހެންމީހާއެވެ. އަހަރެން ފެނުމުން އެމީހާގެ ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންވެސް ބާރަށް ދުވެފަގޮސް އޭނާގެ ގައިގައި ބައްދާލަމުން މައްމާއޭ ކިޔާ ރޮއެގަތީމެވެ.
އޭގެފަހުން މިހާރު ފަސްމަސް ވެއްޖެއެވެ.
އަހަރެން އެދުވަހު ކީ ސިޓީގައި އޮތީ މިފަދައިންނެވެ.... އަޑުއަހާށެވެ.

" ސާމިޔާ... އަހަރެން ވަރަށް ބޭނުން އަހަރެންގެ ދަރިފުޅު .. އަހަރެން މި އައީ އަހަރެންގެ ދަރިފުޅު ބަލާ.... އަހަރެން އެކްޒްސިޑެންޓު ވީދުވަހު އަހަރެން ހަސްޕަތާލަށް ގެންގޮސްދިނީ ސާމިޔާ. އެފަހުން ވީ ނުވީއެއް އަހަންނަކަށް ނޭނގޭ. އިނގޭހާވެސް ކަމަކީ އަހަރެން ހޭއެރި އިރު ޑަކްޓަރު ބުނީ އަހަރެން ހޭއެރީ ކޯމާއެއްގައި އެތަށް އަހަރު ދުވަހެއްގައި އޮވެފައޭ.... އަހަރެންގެ މޫނު ވަރަށް ބޮޑަށް ހަލާކުުުވެފައި ވުމުުގެ ސަބަބުން ސާޖަރީ ހަދާ މުޅިން އާ މޫނަކަށް އަހަރެންގެ މޫނު ބަދަލުވެގެން ދިޔަވާހަކަވެސްބުނި. އަަހަރެން އެހިން ސަމާ ކޮބާހޭ.. ޑަކްޓަރު ބުނީ ސާމިޔާ ނަގައިގެން ބަލާ ކަމަށް. އެހެންވެ އަހަރެން ނިންމީ ކޮންމެވެސް ދުވަހަކުން އަހަރެން ސަމާ ބޮޑުވީމާ ބަލާ އަންނާނެކަމަށް. އަހަރެން މި އުޅެނީ މައްމަގެ ގޭގަ."

އަހަރެންގެ ބޮޑުދައްތަ ކޯމާއިން ހޭއެރިއިރު ވާނެ އެއްޗެއް އޮތީ ވެފައެވެ. އަހަރެންގެ ބޮޑުދައްތަގެ ފައި ޖެހުނީ ބުރި ކުރާށެވެ. ތަގުދީރުގެ ނިޔާ ދެކިބަލާާށެވެ. މިއޮތް ހުރިހާ ދުވަހު އަހަންނަށް އޮޅުވާާލައިގެން ބޮޑުދައްތަ އުޅުނީތީ މިއަދު ބޮޑުދައްތަ ތަހައްމަލު ކުރަން އެޖެހުނީ ކޮންފަދަ ބޮޑު ވޭނެހެއްޔެވެ. ތެދެކެވެ. އކަކށް ދެރައެއްދީފައި އަނެކާއަށް އުފަލުގައި ނޫޅެވޭނެއވެ.
ނިމުނީ

ޚިޔާލު ފޮނުއްވާ