އަކިލްގެ ކޮންމެ އަމަލެއްގެ މާނަ އެންމެ ކަމަކަށް އިޝާރާތް ކުރަމުން ދިޔަ ނަމަވެސް، އެއީ ތެދުކަން ޤަބޫލުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަކިލް އަހަރެންނާ ގަޔާ ވަނީ ބާއެވެ؟ ނޫނީ މިއީ އަހަރެންނަށް ހީވާ ހީވުމެއް ބާއެވެ؟
**********
އިރުކޮޅެއް ފަހުން ޖައިލަމް ގެއަށް ދިއައިރު، ގަޑިން ތިންގަޑި ބައި ހިނގައިފިއެވެ. ހަތަރު ގަޑި ބައިގައި ފުރަން ހަމަޖެހިފައި އޮތުމާއި އެކު، ބާކީ އޮތް އެއްގަޑީރު ތެރޭ ބަނޑަށް އެއްޗެއް ލުމަށް އަހަރެންނާއި ޝާޔާ އަވަސް ވެގަތީމެވެ. އަހަރެމެން ބަދިގެއަށް ދިއުމުން އަކިލް އޭނާގެ ކޮޓަރިއަށް ދިއައިރު، މަންމަމެން އޭރުވެސް ފޯރީގައި ކެރަމް ކުޅެމުން ދިއައެވެ.
އަހަރެންގެ މަންމަ، މުޒުނާ ދައްތަ، ވަޒްލިފާ ދައްތަ އަދި މާއިޝްގެ މަންމަ ކަމުގައިވާ ސަޖާޔާ ދައްތައެވެ. ބަދިގޭގައި ހުރި ކޮފީ ފުޅިން ކޮފީ އެއް ގިރާ ލައިގެން އައިސް، މަންމެމެން ކައިރީގައި އަހަރެމެން މަޑުކޮށްލީމެވެ.
ގަޑިން 4:30 ހިނގި އިރު އަހަރެމެން ތިބީ ފުރުމަށް ބަނދަރަށް އެރިއެވެ. ދޯނި އަންނަން ދެން ބަނދަރު މަތީގެ ޖޯލިފަތީގައި އިށީނދެ ތިބި އިރު، އިރު އިރު ކޮޅާ ގެއާ ދިމާލަށް ހުންނަ މަގަށް އަހަރެންނަށް ބަލައިލެވެއެވެ. އަހަރެމެން ފުރުވަން އަންނާނެ ކަމުގައި ބުނި މީހާ ކޮބައި ހެއްޔެވެ؟ އަހަރެން ފުރުވަން ވެސް ނައިސް އޭނާ ނިދީ ހެއްޔެވެ؟
"ދަރިފުޅާ ދޯނި އައިސްފި" ހިޔާލުތަކުގައި އަރަޤު ވެފައި އިން އަހަރެންނަށް ހޭވެރިކަން ވީ މަންމަ ގޮވައިލުމުންނެވެ. ހިނިތުންވެލަމުން ދޯންޏަށް އެރުމަށް ހިނގައިގަތް ނަމަވެސް އަހަރެންގެ ސަމާލުކަމާއި ނަޒަރު ހުއްޓިފައި ހުރީ ރަށު ތެރެއަށެވެ.
އާހިމްބޭބެގެ އަތުގައި ހިފައިގެން ދޯންޏަށް އަރައި އަހަރެން ހަމަ ޖެހިލީމެވެ. ދޯނި ނައްޓައިލައި ގެމަނަފުށީގެ ފަޅުން ނިކުތް އިރުވެސް އަހަރެންގެ އިންތިޒާރަށް ނިމުމެއް ނާންނަ އިރު، އަހަރެން އެރަށުން ފުރީ، އެތައް ފޮނި ހަނދާންތަކަކާއި އެކީގައެވެ.
ދޯންޏަށް އެރުމަށް ފަހު އާހިމް ބޭބެ ތަންމަތި އަޅައިދިނުމާއި އެކީ އަހަރެމެން އެންމެން ނިދުމަށް އަވަސް ވެގަތީ ރޭ ހަތަރު ދަމު އެކަކު ވެސް ނުނިދައި ހުރުމުންނެވެ. ދެން އަހަރެމެންނަށް ހޭލެވުނު އިރު، ދޯނި މާލޭގެ ފަޅާއި ގާތް ކުރަނީއެވެ.
އައު އަހަރު ފެށި ސުކޫލު ހުޅުވިގެން ދިއުމާއި އެކީ އަހަރެން އުޅެމުން އައީ ވަރަށް ބުރަކޮންނެވެ. ސުކޫލުގެ ފުރަތަމަ ހަފްތާ ނިމުނު އިރު، ހިންދެމިލާނެ ވަގުތު ކޮޅެއް ނުލިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސުކޫލު އޮންނަ ކަމުގައި ވާނަމަ އަހަރެންނަށް ފޯނު ލިބޭނީ ހަމައެކަނި ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން ފަތިސް ނަމާދަށް ހޭލި ގޮތަށް ހައެއް ޖެހި އިރުވެސް އަހަރެން ނުނިދަމެވެ. ފޯނާއި ކުޅެލަ ކުޅެލައި އޮތީއެވެ. އަހަރެންނަކީ ގޭގައި ހުންނަ ހަމައެކަނި އަންހެން ކުއްޖާ ކަމުން އަހަރެންނަށް އެކަނި އެއްކޮޓަރި ލިބިފައިވެއެވެ. އެހެންކަމުން އަހަރެންނަށް އުނދަގޫ ކުރާނެ މީހެއް ވެސް ނުހުރެއެވެ.
ނެޓްފްލިކްސް އިން ފިލްމެއް އަޅުވާލައިގެން އޮތް އަހަރެން ސިއްސައިގެން ދިއައީ ފޯނަށް ނޮޓިފިކޭޝަންއެއް އައުމުންނެވެ. އިންސްޓަގްރާމް އިން އަހަރެންނަށް އަކިލް މެސެޖު ކުރިކަމަށް އެ ނޮޓިފިކޭޝަންގައި އިން އިރު، ކިތަންމެ އަޅާނުލައި ފިލްމު ބަލަން އިންނަން މަސައްކަތް ކުރި ނަމަވެސް، އަހަރެންނަކަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެ ފަހުން އިންސްޓަގްރާމަށް ވަދެ އެ މެސެޖު ހުޅުވާލީމެވެ.
"ހާއި މަލަކް، ކިހިނެއްތަ؟" އެ މެސެޖުގައިވީ އެހެންނެވެ. "ހޫން ގަރުނެއް ފަހުން އަހަރެންގެ ހާލު ބަލަން މެސެޖު ކުރާނެ ކަމެއް ނެތް ފުރުވަން ނައިއްސަ" މެސެޖަށް ބަލަހައްޓައިގެން ހުރެ ތުންދަމައިލަމުން އަހަރެން ކުދިކިޔައިލީ އަމިއްލަ ނަފުސަށް އެކަނި އަޑުއިވޭ ވަރަށެވެ.
"ރަނގަޅު" ހަމަ އެކަނި އެހެން ޓައިޕު ކޮށްލުމަށްފަހު އަހަރެން އަކިލްގެ މެސެޖަށް ޖަވާބުދިނީމެވެ. "ކީތްތިކުރަނީ؟ ކިޔެވުން ކިހިނެއް؟" މިނެޓެއް ނުވަނީސް އަކިލްގެ ޖަވާބު އައުމާއި އެކު ދެލޯ ފޮހެލާފައި އަހަރެން ރަނގަޅަށް ބަލައިލީމެވެ. މިއީ ކުންހީއެއް ނޫންކަން ޔަޤީންވުމާއި އެކު "ކަމެއް ނުކުރަން، ކިޔެވުން އެހާ ފަސޭހަ އެއް ނޫން" ތެދުތެދަށް އަހަރެން ޖަވާބުދިނީމެވެ.
"އަކިލް މިކޮޅަށް ދެން ނާންނަނީތަ؟" އަހަރެން އަހައިލީ އަކިލް އަދިވެސް ހުރީ ގެމަނަފުށީގައި ކަމުންނެވެ. "ތިކޮޅަށް ދާނެ ރީޒަންއެއް މިހާރަކު ނެތް" އަކިލް މާނަ ކުރި އެއްޗެއް ފަހުމް ނުވި ނަމަވެސް "ދެން ރީޒަން އެއް ހޯދަންވީނު؟" މިހެން އަހަރެން އަހައިލީމެވެ.
"އިނގޭތަ މަލަކްއަށް، އަކިލް ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި" އަކިލް ދިނީ މުޅިން އެހެން ޖަވާބެކެވެ. އޭނާ ލޯބިވާ ކުއްޖެއް ހުރި ވާހަކަ ބުނުމާއިއެކު، އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އަހަރެން އިށީނދެލީމެވެ. "ކޮން ބަދުނަސީބު އަންހެން ކުއްޖެއް ދެކެ ބާ މީނަ އަށް މިފަހަރު ލޯބި ވެވިގެން މިއުޅެނީ" ހިތާހިތުން އަހަރެން ބުނެލީމެވެ. އަދި "އެހެންތަ!" ޖަހާފައި މެސެޖަށް ރިޕްލަކޮށްލީ، އަކިލްގެ ޒާތީ ކަންކަމަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތީތީއެވެ.
"އަދި އިނގޭތަ، އެ އަންހެން ކުއްޖާ ވަރަށް ފޫހިވާނެ އަކިލް ދެކެ، އެހެންވެ ކަންނޭނގެ އަކިލްއަށް އެކުއްޖާ ކަމުދަނީ... ޝީ އިޒް ޖަސްޓް ސޯ ޑިފަރެންޓް" އަނެއްކާ ވެސް އަކިލް އޭނާގެ ހިތުގެ ރާނީއަށް އަހަރެންގެ ކައިރީ ތަޢުރީފު ކުރަން ފެށިއެވެ. މިއީ ކިހިނެއް ވެގެން އުޅޭ މޮޔަ ފިރިހެނެއް ހޭ ހިތަށް އެރުމުން ފޯނު ޗާރޖަށް ޖަހައިލުމަށް ފަހު ސައިބޯން ބަދިގެއަށް އަހަރެން ދިއައީ، އަކިލްގެ މެސެޖު ހުޅުވުމެއް ނެތިއެވެ.
މަންމަ އަދި ބައްޕައާއި އެކު ސައިބޮއެގެން އަހަރެން ބަދިގޭގައި އުޅުނީ މަންމައަށް ކެއްކުމުގައި އެހީތެރި ވެދިނުމަށެވެ. އަހަރެންގެ ބޮޑަށް މަންމައާއި ބައްޕައަށް ލިބިފައިވަނީ ދެ ފިރިހެން ކުދިން ކަމުން ހުރިހައި ކަމެއް ގިނަފަހަރަށް ކުރާނީ މަންމައެވެ. އަހަރެންގެ ދޮންބެ "މުފްލިހް" އެމްޕީއެލްގައި މަސައްކަތް ކުރާއިރު، ތިއްތި "މަޔާން" ކިޔަވަމުން ދަނީ ވަކީލުކަމެވެ.
"މަންމާ، ހާދަ ބަނޑުފައޭ" ކޮޓަރިން ނިކުމެގެން އައި ގޮތަށް ތިއްތި ބުނެލީ، އައިސް މަންމަގެ ގައިގައި ބައްދައިގަންނަ މުންނެވެ. އުމުރުން އެކާވީސް އަހަރު ފުރެން އުޅޭއިރު ވެސް ތިއްތި އެކޭ ކުޑަ ކުއްޖެކޭ ތަފާތެއް ނޯންނާނެއެވެ. ބައެއްފަހަރު އޭނާއާއި ދިމާކުރުމުގެ ގޮތުން "މަންމާސް ލިލް ޕްރިންސެސް" އޭ އަހަަރެންނާއި ދޮންބެ ކިޔައި އުޅެމެވެ.
މަންމައަށް އަތް ގާތް ކޮށްދިނުމުގައި އުޅުމަށްފަހު އަހަރެން ކޮޓަރިއަށް ވައިން އިރު މެންދުރު ނަމާދަށް ބަންގިވެސް ގޮވައިފިއެވެ. އެހެންކަމުން ފެންވަރާލައިގެން އަހަރެން ނަމާދު ކުރުމަށް އަވަސްވެގަތީމެވެ. ނަމާދުކޮށްގެން އައިސް ފޯނު ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. ފުލު ފުލުގައި އަކިލްގެ އެތައް މެސެޖެއް އައިސްފައިވިއެވެ. މި އަވާމެންދުރެއް ކަހަލަ ފިރިހެން މީހާ މިއުޅެނީ ކޮން މޮޔައެއް ވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި މެސެޖުތައް ކިޔަން ފެށީމެވެ.
"މަލަކް؟ ދިއައީތަ؟ ހިތްހަމަނުޖެހުނީތަ މި ވާހަކަތައް މަލަކްއަށް ކިޔައިދޭތީ؟ ނޭނގެ ކީތްވެ ކަމެއް މަލަކްއަށް ކިޔަދޭ ހިތްވަނީ ހަމަ....ބުނަންތަ އަދި ވަރަށް ބޮޑު ސިއްރެއް، އަކިލް އެކުއްޖާ ދެކެ ލޯބިވާތާ ތިން އަހަރު ވަރު ވެދާނެ އެކަމު އެކުއްޖާއަކަށް ނުވެސް އިނގޭ....އަކިލް އެކުއްޖާ ކައިރީ ބުނަން ބޭނުން ނުވަނީ ވެސް އެކުއްޖާ ޤަބޫލު ނުކުރާނެކަން އިނގޭތީ އަދި އެކުއްޖާގެ ޖަވާބަކަށް ވާނީ ނޫނެކޭ ކަން އިނގޭތީ.....އެކަމު މިވީ ހުރިހާ އަހަރު އެތައް އަންހެން ކުދިންނަކާ ރައްޓެހިވީއިރު ވެސް އެކުއްޖާ މަތިން ހަނދާން ނައްތައެއް ނުލެވުނު، މަލަކް އަޅެ ބުނެބަލަ، އަކިލްއަށް އެކުއްޖާ ލިބި ދާނެ ތަ؟"
އަކިލްގެ މެސެޖުތައް ކިޔައި ނިމުމާއިއެކު، ފުރިހަމައަށް އޭނާގެ ވާހަކަތަކަށް އިތުބާރު ނުކުރެވުނު ނަމަވެސް، އެވާހަކަ ތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީގަތެއް ވާކަމަށް އަހަރެންނަށް ޤަބޫލު ކުރެވުނެވެ. "މަލަކް އަކަށް ނޭނގެ....އަކިލް އެކުއްޖާ ދެކެ ތިހާ ލޯބި ވަންޏާ ރަނގަޅަށް ރީއްޗަށް އުޅެންވީނު" އަހަރެން ޖަވާބުގައި ފޮނުވައިލީމެވެ.
"ރީއްޗަށް އުޅެންޏާ އެކުއްޖާ ލިބި ދާނެ ތަ؟" އަނެއްކާ ވެސް އަކިލް ކޮށްލީ ސުވާލެކެވެ. ނަމަވެސް މިފަހަރު ޖަވާބުއައީ ހުކުރު ނަމާދުގެ ގަޑި ނިމުމާއި އެކީގައެވެ. "ތިއެއް އިނގޭނީ ހަމަ ތިކުއްޖަކަށް" އަނެއްކާވެސް އަހަރެން ބުނެލީމެވެ. އެހެންޏާފަހެ އަހަރެންނަށް އިނގޭނީ ކިހިނަކުން ހެއްޔެވެ.
"ހެހެހެ އޯކޭ....މަލަކްއަށް އިނގޭތަ އަދި އެކުއްޖާ އަކިލްގެ ކުރިމަތީގަ އަކިލްގެ ވަރަށް ކްލޯޒް ފްރެންޑް އަކާ ފްލާރޓް ކުރި....ވަރަށް ޖޭ ވެސް ވި، އެކަމްވެސް..." އަކިލް އެހސާބަށް ބުނުމާއިއެކު އަހަރެންގެ ހިތުގައި ޝައްކުގެ އޮއެވަރެއް ދުވެލިއެވެ. އަކިލް އެބުނާ އަންހެން ކުއްޖަކީ އަހަރެން ބާއެވެ؟ އަކިލް އެބުނަނީ އޭނާގެ ކުރިމަތީގައި އަހަރެން ޖައިލަމްއަށް ތަޢުރީފު ކުރި ވާހަކަ ހެއްޔެވެ؟ ހަޤީގަތުގައި ވެސް އަކިލް އެހަދަނީ ތެދު ހެއްޔެވެ.
ނޫނެކެވެ. އަކިލް ފަދަ ޒުވާނަކު ކޮންމެ ފަދަ އެއްޗެކޭ ވެސް ކިޔައިފާނެއެވެ. މިވީ ތިން އަހަރު ދުވަހު އޭނާ އަހަރެން ދެކެ ލޯބިވީނަމަ އަހަރެންނަށް ނޭނގި ނުހުންނާނެ ނުން ހެއްޔެވެ. އެފަދަ ކޮންމެވެސް އިޝާރާތެއް ފެންނާނެ ނުން ހެއްޔެވެ.
އިރުކޮޅަކު ފޯނު ބޭއްވުމަށް ފަހު އަހަރެން ރަނގަޅަށް ވިސްނާލީމެވެ. އެއާއިއެކު އަހަރެންގެ ހަނދާނަށް އައީ އަބަދު އަކިލް އަހަރެންނާއި ދިމާލަށް ބަލާގޮތެވެ. އެބެލުމުގައި ތަފާތުކަމެއް ވާކަމަށް އިޙުސާސް ކުރެވުނަސް އަހަރެން އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. އަކިލް ދެކެ ވާ ފޫހީގެ ބޮޑު ކަމުންނެވެ. އަބަދުމެ އަހަރެންނާއި ގާތްވާން އަކިލް މަސައްކަތް ކުރާ ގޮތެވެ. އަހަރެންނަށް އޭނާ ކުރާ އިތުބާރެވެ.
ވިސްނެމުން ދިޔަ ވަރަކަށް އަކިލްގެ ވާހަކަތައް އަހަރެންނަށް ތެދު ކުރެވުނު އިރު، އަކިލްއަށް އިތުބާރުކުރުމަށް އަހަރެންނަށް މަޖުބޫރު ވެގެން ދިއައެވެ.
"މަލަކް، އާދޭ ކާން" ފޯނު ނަގައި އަކިލްއަށް ރިޕްލައިކުރުމަށް އުޅުނު އަހަރެންނަށް ފޯނު ބާއްވަން ޖެހުނީ މަންމަ ކާން އައުމަށް ގޮވައިލުމުންނެވެ. ކާން އިން އިރުވެސް އަހަރެންގެ ހިޔާލުތަކާއި ސަމާލުކަން ހިސޯރުވެފައިވީ އަކިލް ގެ ވާހަކަތަކަށެވެ. އެޅި ބަތްކޮޅު ހުސްވެސް ނުކޮށް ކާ މޭޒުން ތެދުވެގެން
އަހަރެން ދިއައީ، މަންމަގެ ގާތުގައި ކާހިތެއް ނެތް ކަމަށް ބުނަމުންނެވެ.
އަދި އަކިލްއަށް ޖަވާބެއް ދިނުމުގެ ކުރިން އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ކަމުގައިވާ ނައިޔާންއާއި އެހުރިހާ ވާހަކައެއް ހިއްސާކުރީމެވެ. އަދި އަހަރެން ކަންތައް ކުރަންވީ ކިހިނެއްތޯ އެހީމެވެ. ނައިޔާން އެންމެ ފުރަތަމަ ވެސް އަހައިލީ، އަހަރެންގެ ހިތުގައި އަކިލްއާއި މެދު އޮތީ ކޯޗެއްތޯއެވެ. އަހަރެންގެ ހިތުގައި އަކިލްއާއި މެދު ކުޑަ ނަމަވެސް ޖަޒުބާތެއް ވޭތޯއެވެ.
ވަގުތުން އަހަރެން އިންކާރުކޮށް ނޫނެކޭ ބުނީމެވެ. އަހަރެންގެ ހިތަކު އަކިލްއަށް އެފަދަ އެއްވެސް ޖާގައެއް ދެވިފައި ނުވާ ކަމާއި އަދި ނުވެސް ދެވޭނެ ކަމަށް އަހަރެން ބުނީމެވެ. މިފަހަރު އަކިލްއަށް އިތުބާރުކުރި ނަމަވެސް، އެހެން އެއްވެސް ކަމެއްގައި އަހަރެން އަކިލްއަށް ޒައްރެއްގެ މިންވަރަށް ވެސް އިތުބާރު ނުކުރާ ކަމުގައި ބުނީމެވެ. އަދި އަހަރެން އަކިލް ދެކެ ވާ ފޫއްސާއި ކުރާ ނަފުރަތު ބަޔާން ކުރީމެވެ.
ދެން ނައިޔާން އެދުނީ ރީތި ގޮތުގައި އަކިލް ދެރަ ނުވާނެ ފަދަ ގޮތަކަށް އަކިލްއަށް އެ ހުރިހައި އެއްޗެއް ސާފުކޮށްދިނުމަށެވެ. ނަމަވެސް ކަންކަމުގައި މީހުނާއި ކޮންފްރޮންޓް ކުރުމަކީ އަހަރެން އަބަދުވެސް ޖެހިލުންވާ ކަމެއް ކަމުން އެ ހަފްތާ ނިމި އަނެއް ހަފްތާ ފެށިގެން ގޮސް ހޮނިހިރު ދުވަސް އަންނަންދެން އަކިލްގެ މެސެޖުތައް ނުހުޅުވާ އަހަރެން ހުރީމެވެ.
ހުކުރު ދުވަހު ފޯނު ލިބުމާއި އެކު އަހަރެން އަކިލްއަށް ޖަވާބު ދިނުމަށް ތައްޔާރުވެލީމެވެ. "މަލަކްއަށް އިނގޭ އަކިލް ތިބުނާ އަންހެން ކުއްޖަކީ މަލަކް ކަން....އަކިލްތި ވާހަކަތައް ކިޔައިދިނީމަ ވަރަށް އުފާ ވެސް ވެއްޖެ....މިހާރު އަކިލްއަށް ވެސް އަދި މަލަކްއަށް ވެސް އެތަންވާން ޖެހިއްޖެ ހާލަތެއްގަ އުޅެން ފަސޭހަވާނެ...އަކިލް ތިވާހަކަތައް ކިޔައިިދިން އިރުވެސް އިނގޭނެ ކަންނޭމގެ މަލަކް ގެ ޖަވާބަކަށް ވާނީ ނޫނެކޭ ކަން....އިފް އައި ގޭވް ޔޫ އެނީ ފޯލްސް ހޯޕް އައި އޭމް ސޮރީ.....އަކިލްއަށް އިނގޭނެ މަލަކް ކުޑަ ތަންފުކެއް ވެސް އަކިލްއަށް އިތުބާރު ނުކުރާކަން...އެއީ މަލަކްއަށް އެހާ ފަސޭހަ ކަމެއް ވެސް ނޫން....އެއީ ކީއްވެގެން ކަން ވެސް އަކިލްއަށް ރަނގަޅަށް އިނގޭނެ...މިހާރު ވެސް އަކިލް ތިކިޔައިދިން ވާހަކަ ތަކަކީ ތެދުކަން ޤަބޫލުކުރަން މަލަކްއަށް ވަރަށް އުނދަގޫ....އެކަމު މަލަކް ވަރަށް އުފާ ވާނެ އަކިލް ތި އުޅުން ދޫކޮށްލާ ރަނގަޅަށް އުޅޭތަން ފެނިއްޖެ ދުވަހަކުން....ސޮރީ އިފް އައި ހާރޓް ޔޫ އަންނޯވިންގްލީ....ބަޓް އައި ޑޯންޓް ހޭވް އެނީ ފީލިންގްސް ފޯރ ޔޫ އަކިލް"
ބޮޑު ޕެރެގްރާފެއް ލިޔެލުމަށްފަހު އަހަރެން އަކިލްއަށް ފޮނުވައިލީމެވެ. އަކިލްގެ ވާހަކަތަކަކީ ތެދު ނަމަ، ހަމަ ހަޤީގަތުގައި ވެސް އަހަރެން މިއަދު ދެރަ ވެއްޖެއެވެ. ނޭނގި ވިޔަސް އޭނާއަށް ދެރައެއް ދެވުނީތީއެވެ. އެވަގުތު އަހަރެން އަޑުއަހަމުން ދިޔައީ އަހަރެންގެ ހިތުގެ އަޑެވެ. އަކިލް ދެކެ ވާ ފޫއްސާއި ކުރާ ނަފްރަތު ހިނދުކޮޅަކަށް ނަމަވެސް ހަމްދަރުދީއަށް ބަދަލުވެގެން ދިއައިރު، އެއީ ހަމަ އެކަނި ހަމްދަރުދީ ތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
"މަލަކްއަށް ކިހިނެއް އިނގުނީ؟ އައި އޭމް ސޮރީ ޓު ޑިސްޓާރބް ޔޫ....ތިބުނީ ރަނގަޅަށް، މަލަކް ތީ އަހަރެންނަށް އެކުއްޖެއް ދެކެ ލޯބި ވެވުނު ކުއްޖަކީ....ތެންކިޔޫ ފޯރ އަންޑަސްޓޭންޑިންގް ...އުންމީދުކުރަން އަހަރެމެންނަށް އެކުވެރިކަން އަދި ވެސް ބޭއްވޭނެކަމަށް...." އެއީ އަކިލްގެ ޖަވާބެވެ.
އެހަފްތާ ނިމި ހުކުރު ދުވަސް އައުމާއި އެކު އަހަރެންގެ އަތަށް ފޯނު ލިބުނެވެ. އަކިލްގެ އެތަކެއް މެސެޖުތަކެއް އައިސްފައި ހުރިއިރު، އޭނާ މުޅިންވެސް އަހައިފައިވަނީ އަހަރެންގެ ހާލަހުވާލެވެ. ކައިފިންތޯ އެވެ. ނަމަވެސް އޭނާގެ މި ސުވާލުތަކުން އަހަރެންގެ ބޮލުގެ ރިހުން ގަދަ ވެގެން ދިއައެވެ. އޭނާގެ މި "ކްލިންގީ ބިހޭވިއާރ" އަހަރެންނަކަށް ކަމަކު ނުދިއައެވެ. އޭނާއާއި ގާތްވެގެން އުޅެން އަހަރެންގެ ޒަމީރު ބިރުގަނެއެވެ. އެއްބަހެއް ނުވެއެވެ. އެއީ ކީއްވެކަން އަހަރެންނަށް ނުވިސްނުނު ނަމަވެސް، ހަޤީގަތުގައި އަހަރެން ބިރުގަތީ އޭނާއާއި މާ ގަތްވެގެން އުޅެން ވެއްޖެނަމަ، އަހަރެންގެ ހިތުގައި އޭނާއާއި މެދު ކުޑަ ނަމަވެސް ޖަޒުބާތެއް އުފެދި ދާނެ ތީއެވެ. އަދި އެ ޖަޒުބާތް އުފެދި ވަރުގަދަވެ، އެޔަށް ލޯބީގެ ނަން ދޭން ޖެހިދާނެ ތީއެވެ.
އަކިލްގެ ޗެޓުން ނިކުންނަމުން އަހަރެން މީހުންގެ ސްޓޯރީތައް ބަލަން ފެށީމެވެ. ފަހަރަކު ސްޓޯރީއެއް ބަލަމުންގޮސް ހައިފާގެ ސްޓޯރީ ފެނުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ގޮސް އަތުން ފޯނު ނުދޫވީ ކިރިޔާއެވެ. އަހަރެންނަށް އިހުސާސް ނުވިޔަސް، އަހަރެންގެ ކޯތާފަތުން ތިރިޔަށް ކަަރުނައިގެ ރޮނގެން ދެމިގެން ދިއައެވެ.
ނުނިމޭ
ކީއްވެ މަލަކް ރޮނީ؟🥺😭
މަލަކް އަކަށް ވެސް ނޭނގެ ރޮވޭ ކަމެއް އެބަ😭
މާޝާ ﷲ! މިބައިވެސް ވަރަށް ރީތި 💜💖 ކިޔުރިއަސްލީ ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް 💗✌
މީ2........ވ.ރީތި💖💖💖
ޝުކުރިއްޔާ💗
ހެއި ސިސް ވަރަށް ސަޅި މި ބާވެސް
މާޝާ ﷲ
އަޅޭ ވަރަށް ދެރަ ވާނެ ދޯ އަކިލް އެކަމަކު ވެސް އެދެމީހުން ވަރަށް ގުޅޭ ހެހެހެހެހެހެ
އަނެއްކާ ކޯންޗެއް ބާ މަލަކް އަށް ފެނުނީ ވަރަށް ކިޔުރިޔަސް ދެން އޮތްބާގެ އިންތިޒާރުގަ
ލަވްޔޫ ސިސީ
ތެންކިޔޫ ރިލޫ♥️♥️♥️
އޭ މަލަކްއަށް ކީއްވެ މި ރޮވެނީ؟؟ ކޯންޗެއް ފެނިގެންބާ؟ ވަރަށް ބޮޑަށް ކިއުރިއަސް ވެއްޖެ.... މި ޕާރޓް ވެސް ހަމަ ވަރަށް ސަޅި.. އަކިލް އާ މަލަކް ޓެކްސްޓިންގް ސޯ ކޫލް... ދެން އޮތް ބައިގެ އިންތިޒާރުގަ ވަގުތު ގުނަން ފެށިއްޖެ......................................................................
ހެހެހެ ޝުކުރިއްޔާ♥️
ވަރަށް ރީތި މި ބައިވެސް ކިޔުރިއަސްލީ ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް
ޝުކުރިއްޔާ