ޝައިނާގެ ދެލޮލުގައި ހަމަ ގައިމުވެސް ވަނީ ވޭނެވެ. ހިތާމަ ވެރިކަމެވެ.
އެ ދޮން މޫނު ހުރީ އޭރު ރަތް ކުލައަށް ބަދަލުވެފައެވެ. ދެލޯ ވެސް ވަނީ ރަތް ވެފައެވެ. މަޑު މަޑުން ގިސްޖަހަމުން ދިޔައީ އިތުރަށް އެންމެ ބަހެއްވެސް ނުބުނެއެވެ. އަހަރެން ގޮސް ޝައިނާގެ އަތުގައި ހިފާލީމެވެ. އަހަންނަށް ކުރެވުނު ކުށަށް މާފަށް އެދުނީމެވެ.
"ޝިފާޒް އަކީ އިއްޔެ ދިމާވި މީހެއް... އަހަންނަކީ ކޮން ކަހަލަ މީހެއްކަން ޝިފާޒްއަށް ނޭނގި ދާނެ... އެކަމް... އެކަމް އުޝާއަށް އިނގޭނެ... އަހަރެން މީހެއް ދެކެ ލޯބި ވެއްޖެނަމަ ލޯބިވާނެ ވަރު... އުޝާ ތީ އަހަރެންގެ އެންމެ ގާތް މީހާ... އަހަރެން އުންމީދުވެސް ނުކުރަން އުޝާ އަހަންނަށް މިހާ ބޮޑު ދެރައެއް ދީފާނެ ކަމަކަށް... އެކަމް އަހަރެންގެ ހިތުގައި ނެތް އެއްވެސް ނަފްރަތެއް... ތި ދެމީހުންނަށް ވެސް ހިތް ވަރަށް ސާފު... ޝިފާޒް... ޝިފާޒް ޕްލީޒް އަހަންނާއި އެކީން ލޯބިން އުޅެދީބަ... ޕްލީޒް ...ޕްލީޒް" ޝައިނާ ދިޔައީ ގިސްޖަހަމުންނެވެ.
" އައި އެމް ސޮރީ! އައި އެން ރިއަލީ ސޮރީީ... ޝައީ އަށް އިނގޭނުން އަހަންނަކީ މިގޮތަށް އުޅޭ މީހެއްކަން... އަހަރެން ލޯބިވޭ ޝައީ ދެކެ... އެކަމު ހަށީގަ ހިފާފަ ހުންނަ އާދައެއް ކަނޑުވަން ވަރަށް އުނދަގު ވާނޭނުން... "
"ޕްރޮމިސް މީ... ޕްރޮމިސް މީ ދެން މިހެން ނޫޅޭނަން ކަމަށް"
"އައި ޕްރޮމިސް " އަހަރެން ބުނީމެވެ.
އޭރުވެސް އެ އާދަ ކަނޑުވާކަށް ހިތެއްގައި ނެތީމެވެ.
އުޝާއާއި ވާހަކަ ދެއްކުން އަހަރެން ހުއްޓާލީމެވެ. ހުރިހާ އެއްޗަކުން ބްލޮކް ވެސް ކުރީމެވެ. އުޝާ އަކީ މާ ހަރުކަށި މިޖާޒެއް ހުންނަ ކުއްޖެއް ކަމުން އަހަރެން އެހާ ގަޔަކާއި ނުވިއެވެ.
އަހަރެން ހީކުރީ އުޝާއަށް އެ ދުވަހު ޝައިނާ ރުއި ތަން ފެނުމުން އެއްޗެއް ވިސްނޭނެ ކަމަށްށެވެ. ދެން އަހަންނާއި ހެދީން ނޫޅޭނެ ކަމަށްށެވެ. އެހެން ނަމަވެސް ބައެއް އަންހެނުންނަކީ ނުލާހިކު ވަރުގަދަ އަޒުމެއްގައި ހުންނަ ބައެކެވެ. ކަމެއް ކުރާނަމޭ ހިތު ލައިފި ނަމަ އެކަމެއް ކުރުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ފަހަކަށް ނުޖެހޭނެއެވެ.
ހުރިހާ ކަމެއް ހަމައަކަށް އެޅުނެވެ . އެ ކަމެއް ވީ ފަހުން ހަފްތާއެއް ވޭތުވެ ހިގައްޖެއެވެ. އުޝާގެ އެއްވެސް ހަބަރެއް ނުވެއެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެކަމުން ސަލާމަތް ވެވުނީމައެވެ.
އާދައިގެ މަތިން އެރޭވެސް 12 ޖަހާލާއި ހާއިރު އަހަންނާއި ޝައިނާ ނިދީމެވެ. ލޯބީގެ އެތައް ފޮނި ވާހަކަތަކެއް ދައްކާ ލޯބީގެ މާތައް ގުލްޝަނުގައި ފޮޅުވާލުމަށް ފަހުއެވެ . އެހާ ހިތް ހަމަ ޖެހިގެން ނިދާލާފައި އޮއްވާ ކައްޓަކަށް ތެދުވެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ފެނުނީ , އެއްވެސް އަލިކަމެއް ނެތް ތާކު އަހަރެން ދުވެ ދުވެ ހާނެތޭތަނެވެ. ފަހަތުން ކޮންމެވެސް ބިރުވެރި އެއްޗެއް އަހަންނާއި ދިމާލަށް އަންނަތަނެވެ. ވަޅުގަނޑެއްގައި އަޅައިގަނެ އަހަރެން ވެއްޓި އޭތި އައިސް އަހަރެން ގައި ގައި ހިފައިގަންނަ މަންޒަރެވެ. ހޭލެވުނު އިރު މުޅި މީހާ އޮތީ ތަތްތެޅިފައެވެ. ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އަހަރެން ތެދުވެ ދެ ފަރާތް ބަލަން ފެށީމެވެ. ގަނެފަ ހުރި ބިރެއްގެ ބޮޑުކަމުންނެވެ.
މޫނުގައި އަތް އަޅާފައި ތެދުވެގެން ދިޔައީ ފެން ފޮދެއް ބޯލާށެވެ.
ދެން އައިސް އުޅެ އުޅެވެސް ނިންޖަކާއި ނުވިއެވެ.
ފޯނު ނަގާ ގަޑި ބަލާލި އިރު 3 ޖަހާ ބޮޑު ވީއެވެ.
ބޯ ހަމަޖަައްސާލާނީއޭ ހިތާ ގޭ ދޮރު މަތީގައި އިންނަ ޖޯލި ފައްޗަށް ނިކުމެލީމެވެ. ސިނގިރޭޓެއް ރޯ ކޮށްލައިގެން އިނީމެވެ. ރަށު ތެރެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
ސިއްސައިގެން ގޮސް ޖޯލިން ފުއްމާއިގަތީ އަހަރެންގެ ފަހަތުން ބުޅަލެއް ކޯޅެން ފެށި އަޑަށްށެވެ. އަވަސް އަވަހަށް ސިގިރޭޓް ބޮމުން ދިޔައީމެވެ. ސިނގިރޭޓް ބޮއެ ނިމުމުން ސިނގިރޭޓް އެއްލާލާފައި ގެއަށް ވަނުމަށް ހިނގައިގަތީމެވެ. ސިގިރޭޓްގައި އޭރު އަލިފާން ކޮޅު އިނީ ނުނިވިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ސިގިނރޭޓް އޮތް ދިމާލުން އާދަޔާ ޚިލާފަށް ދުން އަރަމުން ދިޔައި މަންޒަރެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. ދެތިން ފަހަރަކު ލޯ އުނގުޅާލާފައި ވެސް ބަލާއި ލީމެވެ. ކައިރީގައި އޮތް އެއްޗެއްގެ ރޯވީ ކަމަށް ހިތާ ނިކުމެ ސިނގިރޭޓް އަށް ފައިން އަރާ ނިއްވާލީމެވެ.
އަނެއް ދުވަހުގެ ހަވީރެވެ. ޝައިނާ އަހަންނަށް ގުޅާފައި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އޭރު އަހަރެން ހުރީ ކުޅެން ދާން ތައްޔާރު ވެގެން ކަމުން އެރޭ 8 ޖަހާއިރަށް އަހަރެމެން އާއްމުކޮށް ދާ އަތިރި އަށް ދިޔުމަށް ބުނީމެވެ. ކުޅެ ނިންމާލައިގެން އައިސް ފެންވަރާލައިގެން އަހަރެން އޮށޯވެލީމެވެ. އޭރު 7:40 ވަނީއެވެ. ގަމީސް ލައިގެން އަތިރި އަށް ދިޔުމަށް ހިނގައިގަތީމެވެ. ޝައިނާއަށް ވުރެން ކުރިން އަހަންނަށް އެތަނަށް ދެވޭތޯ ހިނގަމުން ދިޔައީ ވެސް އެންމެ ބާރު މިނުގައެވެ. ޝައިނާއަށް ކޮންމެވެސް ލަނޑެއް ދީ ބިރުގަންނަވާލާނީއޭ ހިތާއެވެ.
އަހަރެން ގޮސް އަހަރެމެން އިންނަ އަށި ކައިރީގައި އިންނަ ގަހެއްގެ ފަހަތުވައި މަޑު ކޮށްލައިގެން ހުރީމެވެ. ޝައިނާ އައިސް އަށި މަތީގައި އިށީދެލައިގެން އިނެވެ. އަހަރެން ޝައިނާގެ ފަހަތުން ގޮސް ޕޮއް ގޮއްވާލީމެވެ. ޝައިނާ ބިރު ގަންނަވާ ލުމުގެ މަގުސަދުގައެވެ. ޝައިނާ ސިއްސައިގެން ތެދުވެ ފަހަތް ބަލާއި ލިއެވެ. އެއްވެސް ބަހެއް ނުބުނެ ހެވިފައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
އަހަރެން ދިޔައީ ހުއްޓުމެއް ނެތި ހެމުން ނެވެ.
ކުއްލިއަކަށް އަހަރެންގެ ކޮނޑުގައި މީހަކު އަތްލިއެވެ.
" ކިހިނެއް ވީ ؟ އެކަނި ހުރެ ތި ހެނީ؟ " އަހަރެން ފަހަތް ބަލައިލި އިރު އަހަރެންގެ ފަހަތުގައި ހުރީ ޝައިނާ އެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަވަސް އަވަހަށް ދެ ފަރާތަށް ބަލަމުން ދިޔައީމެވެ. އޭރު ދެ ފަރާތުގައި ވެސް ޝައިނާ ހުއްޓެވެ. އަހަންނަށް ބިރުން ހުރެވުނު ތަން ވެސް ނޭނގުނެވެ.
=ނުނިމެ=
ކޫލޭ.... 👌👌
ސޯ ކްރީޕީ 😲😲 ބަޓް ވަރަށް ރީތި 😘😘
މި އަސްލު ވަަާހަކަ އެއްތަ؟ސަޅި