ތިޔަ ލޯބީގައި - 31

ރޮމުންދިޔަ ތޮއިބާގެ ގައިގައި ބައްދައިލަމުން ހިތްވަރުކުރުމަަށް ލަމްޔާ ބުނެލިއެވެ. ހުރިހައިކަމެއްވެސް ﷲ ގެ އިރާދަފުޅުން ރަނގަޅުވާނޭ ބުނެލިއެވެ. އޭރު އޭނާއަށްވެސް ރޮވެމުންދިޔައެވެ. ކުއްލިއަކަށް ތޮއިބާއާއި ލަމްޔާ ފަހަތަށް އެނބުރިބަލައިލީ އެމީހުންތެ ފުރަގަހުގައިހުރި ތަނބެއްގެ ފަހަތުން އިވިގެންދިޔަ ވޭނީ ގިސްލުމެއްގެ އަަޑުންނެވެ. ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލެވުނުއިރު ތަނބުގެ ފުރަގަހުގައި ނިވައިވެހުރި ޒާއިންއަށް އިވިގެންދިޔަ ވާހަކަތަކުން ރޮއެގަންނަމުން ހުރިތަނަށް ތިރިވެވުނެވެ. އެހިތުގައި ރިއްސައިލީ މިއިން ޒަމާނަކުވެސް ނުރިހޭވަރަށެވެ. މޭގައި އަތްއަޅައި ބާރުކޮށްލިއިރު އެވޭނަށް އޭނާއަށް ކެތްނުވެގެން އުޅޭކަހަލައެވެ.

އޭނާ އެއީ ނަޒީމްގެ ދަރިއެއް ނޫންހެއްޔެވެ؟ ނަޒީމް އޭނާއާއި ދުރުވީ ހަމަ މަންމަގެ ފިއްތުންތަކުގެ ސަބަބުންހެއްޔެވެ؟ އަމިއްލަ ދަރިއަކަށް ނުވާއިރުވެސް ނަޒީމް އޭނާދެކެ އެހައި ލޯބިވީހެއްޔެވެ؟ އެކަމަކު.. އާހް... އޭނާއަށް ނަޒީމާއި ދޭތެރޭގައި ކަންތައްކުރެވުނީ ހާދަހައި އިހާނެތިކޮށެވެ. ކުޑަމިނުން މަރުގެ ތުންފަތްމަތީގައި އެބައްޕަ އޮތްއިރު އެ އޯގާތެރި އިންސާނާގެ ހާލުބަލައިލަންވެސް އޭނާ ނުދިޔައެވެ. ނަޒީމް އޭނާދެކެ އެހައި ލޯބި ނުވިނަމަ މިއަދު އޭނާ އުޅޭނީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟ އެއޯގާތެރިކަމުން އޭނާއާއި އޭނާގެ މަންމައަށް ދިރިއުޅެވޭނެމަގު ފަހިކޮށްދިންއިރު ބަދަލުގައި ޒާއިންއަށް ދެވުނީ ކޮންއެއްޗެއް ހެއްޔެވެ؟ އާހް.. މިއަދު އެބައްޕައާއި އޭނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެހެނަސް ހެވެވެ. އަމިއްލަ ބައްޕައަށް ނުވިނަމަވެސް ޒާއިންގެ ނަޒަރުގައި އެއީ އޭނާގެ ބައްޕައެވެ. ލައްކަދުވަހު އެލޯތްބަށްއެދި އޭނާ ތެޅިފޮޅިއްޖެއެވެ. ހިތުގައިވި ޝަކުވާތަކާއިއެކު ދިރިއުޅެވިއްޖެއެވެ. ބައްޕަދެކެ ކިތަންމެ ނުރުހުނަސް އެހިތުގައިވި ލޯތްބަކަށް އުޅެއުޅެވެސް ފަނޑުކަމެއްނައެވެ. ދުވަހަކުވެސް ނާނާނެއެވެ. އެއަށްވުރެ އެބައްޕައަށް އެހިތުން ދެވިފައިވި ލޯބި މާބޮޑުވެގެންވެއެވެ. އަދި އަމުދުން ހުރިހައި ހަގީގަތެއް އެނގުމަށްފަހު އެލޯބި އެތައްގުނައެއް އިތުރުވެއްޖެއެވެ. ބައްޕައެއްގެ މަގާމުގައި އޭނާ ދެކެން ބޭނުންވަނީ ހަމައެކަނި ނަޒީމެވެ.

ހިތަށްވެރިވަމުންދިޔަ އެކި ޚިޔާލުތަކުން ޒާއިންގެ ގިސްލުން ބާރުވަމުންދިޔައެވެ. ހިތަށް ނުކުޅަދާނަވާވަރަށް އެހިތުގައި ވޭންއަޅަމުންދިޔައެވެ. ލޮލުން އޮހޮރެމުންދިޔަ ވޭނީ ކަރުނަތަކުން އެލޮލުގައި މަޑުރަތްކަމެއް އުފައްދައިފިއެވެ. އަބްދު ﷲ މެންނާއެކުގައި މަސައްކަތުގައި އުޅެފައި މާބޮޑަށް ލަސްވެ ވަރުބަލިކަން އިހުސާސުވުމުން އޭނާ ގެއަށް އައީ ފަހަރެއްގައިވެސް އެފަދަ ވާހަކަތަކެއް އަޑުއިވިދާނެކަމަކަށްނޫނެވެ. މިހުރިހައި ދުވަހު ތޮއިބާ އޭނާއަށް ބުނެދޭންއުޅުނު ވާހަކައަކީ މިއީތާއެވެ. ޒާއިންއަށް މޫނުމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ކުށްވެރިކަމުގެ އިހުސާސުން މުޅިމީހާ ފިތެމުންދިޔައިރު އެމުޅިހަށިގަނޑު ރޫރޫއަޅަމުންދިޔައެވެ.

ތޮއިބާއާއި ލަމްޔާ އެތަނަށް އައިސް ހުއްޓުނުއިރު ތަނބުގައި ލެގިލައިގެން އިނށީދެއިނދެ ބާރަށް ރޮމުންދިޔަ ޒާއިންފެނި ތޮއިބާގެ ބަސްހުއްޓުނެވެ. އޭނާގެ ވާހަކަތައް ޒާއިންއަށް އަޑުއިވިއްޖެކަން އެހިނދު އޭނާއަށް ވިސްނުނެވެ. ލަދުވެތިކަން ހިތަށްވެރިވެގެން ދިޔައެއްކަމަކު މަޑުމަޑުން ޒާއިން ގާތުގައި އޭނާވެސް އިނށީދެލިއެވެ.

"ދަ..ދަ..ރިފުޅާ.. މަންމައަށް.. މައާފުކޮށްދީ.." ޒާއިންގެ އަތުގައި ހިފައިލަމުން ތޮއިބާއަށް ހިތްވަރުކޮށްފައި ބުނެވުނީ އެހިސާބަށެވެ. ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވިއަސް އޭނާގެ އަރުތެރެ ބެދި ގިސްގެ މަޑު އާހެއް އެތުންފަތްދެމެދުން ބޭރުވިއެވެ.

"އަހަރެން.. ބޭނުމީ.. ބައްޕަ.. ގާތަށް ދާން.. އަހަރެން.. ބަ..އް..ޕަ.. ގާތަށް... ގެންގޮސްދީ.." ތޮއިބާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލަމުން ޒާއިން އާދޭހާއި އެކުގައި އެދުނެވެ. އެންމެ ސުކުންތެއްވެސް ލަސްކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ވީ އެންމެ އަވަހަކަށް އޭނާގެ ލޮބުވެތި ބައްޕަގެ ސޫރަ ދެކިލާހިތުން އެހިތް ތެޅިފޮޅިގަތެވެ. ޒާއިންގެ ހާލުފެނި ލަމްޔާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މިވަގުތު އެހިތަށް ކުރާނެ އަސަރު އަންދާޒާކޮށްލަންވެސް ދައްޗެވެ. އޭނާގެ ދެލޮލުންވެސް ކަރުނަ އޮހޮރެމުންދިޔައިރު އެމޫނުމަތިވަނީ އެއްކޮށްރަތްވެފައެވެ.

ޒާއިންގެ އެދުމަށް އަވަސް އަވަހަށް ބޯޖަހައިލަމުން ޒާއިންގެ އަތުގައިހިފައިގެން ތޮއިބާ އިންތަނުން ތެދުވިއެވެ. އަދި ހަރުއަޑުން އާމިރުއަށް ގޮވައިލިއެވެ. ތޮއިބާގެ އަޑަށް ތެޅެމުން ފޮޅެމުންކަހަލަ ގޮތަކަށް އާމިރު އައިސް އެތަނުގައި ހުއްޓުނެވެ. އެންމެންގެ ހާލަތުފެނި އޭނާ ހާސްވާގޮތްވިއެވެ.

"ކާރު ގެނޭ.. އަހަރެން ބޭނުން ހޮސްޕިޓަލަށް ދާން.." ޒާއިން ގަޔާއި ގާތްކޮށްލަމުން ތޮއިބާ ބުނެލިއެވެ. ބޯޖަހައިލި އާމިރު އަވަސް ހަރަކާތަކާއެކު ގޭގެ މައިދޮރުން ނުކުންނަން ހިނގައިގަތެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ތެރެއަށް ވަދެގެންގޮސް ނަޒީމް އޮތް ކޮޓަރީގެ ކުރިމަތީގައި ތޮއިބާ މަޑުކޮށްލިއެވެ. ޒާއިން ބޭނުންވީ ނަޒީމްއާއި އެކުގައި އެކަހެރިވަގުތުކޮޅެއްކަމުން އެއްފަރާތުގައި ތޮއިބާ އާއި ލަމްޔާ މަޑުކޮށްލިއެވެ. އޮބިނޯންނަވަރަށް ތެޅެމުންދިޔަ ހިތަކާއެކު އެކޮޓަރީގެ ދޮރު ހުޅުވައިލަމުން ލަސްލަހުން ޒާއިން އެތެރެއަށްވަނެވެ. ބަލިއެނދުގައި އެއްވެސް ހަރަކާތެއްނެތިފައިއޮތް ނަޒީމްފެނި އޭނާއަށް ހިންދިރުވައިލެވުނެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަަަށް އަތުގެ ނުފުށުން ފުހެލަމުން މަަޑުމަޑުން އައިސް ނަޒީމް އޮތް އެނދުގެ އެއްފަރާތުގައިހުރި ގޮނޑީގައި ޒާއިން އިނށީނެވެ. އަދި ހަމަހިމޭންކަމާއެކު އިރުކޮޅަކު ނަޒީމްގެ އަނަރޫފަވެފައިވާ މޫނަށް ނަޒަރުހުއްޓައިލައިގެން އޭނާ އިނެވެ.

"ބައްޕާ.." ޒާއިންގެ ކުރެހިފައިވި އަޑުން ކޮޓަރީގެ ހަމަހިމޭންކަން ނެތިދިޔައެވެ. އެހެނަސް ޒާއިން ގޮވައިލުމުންވެސް ނަޒީމްގެ ފަރާތުން އެއްވެސް ހަރަކާތެއް ފައުޅެއްނުވިއެވެ. ތުންފިއްތައިލަމުން ނަޒީމްގެ އަތުގައި ޒާއިންއަށް ބޭއިޚުތިޔާރުގައި ހިފަހައްޓައިލެވުނެވެ.

"ބައްޕާ.. އަހަރެންދެކެ.. ނުރުހުންވެފަތަ ތިއޮތީ؟ ދެން ދުވަހަކުވެސް އަހަރެން ގާތަށް އެނބުރި ނާނާނަންތަ؟ ލޯބިން އަހަރެންގެ ބޮލުގައި ފިރުމައިނުލާނަންތަ؟ ގަބޫލުކުރަން.. އަހަރެންނަށް ބައްޕަގެ ހިތުގަ އިންތިހާއަށް ޖެއްސިއްޖެ.. އަހަރެންގެ ސަބަބުން ބައްޕަ ހިތާމަކުރާނެވަރު ވިސްނޭ.. އެކަމަކު ބައްޕާ.. ބައްޕަގެ މި ދަރިފުޅު އެނބުރި އައިސް މިއިނީ ވިސްނިގެންނޭ.. ދެން ދުވަހަކުވެސް ބައްޕަ ހިތުޖެހި ނުރުންވާނެ އެއްވެސްކަމެއް ނުކުރާނަން.. އަހަރެންނަށް މައާފުކޮށްދީ ބައްޕާ.. ޕްލީޒް.. ބައްޕަގެ މައާފަށްވުރެ ބޮޑަށް މިވަގުތު އަހަރެން ބޭނުން އެއްވެސް އެއްޗެއްނެތް.. ޕްލީޒް.. ތިތާ ނޯވެ ތެދުވެބަލަ ބައްޕާ.. އަހަރެންނަށް... ޒާން ކިޔާފަ ގޮވައިލަބަލަ.. ހެޔޮނުވާނެ.. ބައްޕަގެ ދުލުން ދަރިފުޅާއޭ ކިޔާ ގޮވައިލާނެ ދުވަހަކަށް އަހަރެން ހާދަ ދިގު އިންތިޒާރެއް ކޮށްފީމޭ.. ޕްލީޒް.. އަހަރެން އެނބުރި އައިމަވެސް ތިއެނދުގަ ބައްޕަ ހަމަ އޮންނާނީތަ؟ ބައްޕަގެ ޒާން ގާތަށް އެނބުރި ނާނާނަންތަ؟ ހަނދާންވޭތަ؟ ބައްޕަ ބުނީމެއްނު ދުވަހަކުވެސް ޒާން އެކަނިކޮށްލާފަ ބައްޕަ ނުދާނަމޭ.. ޕްލީޒް ކަމް ބެކް. ޕްލީޒް ކަމް ބެކް.. އައި މިސް ޔޫ ޑޭޑް.. އައި މިސް ޔޫ ސޯ ޑޭމް މަޗް.. ޕްލީޒް ކަމް ބެކް.. ޕްލީޒް ފޯގިވް މީ.. ޕްލީޒް.." ނަޒީމްގެ އަތުގައިހިފައި ގެނެސް އޭނާގެ މޫނުގައި އެއަތުން ފިރުމަމުންދިޔަ ޒާއިންގެ ބަޑި ފަޅައިގެންގޮސް ރޮއެގަނެވުނެވެ. ނަޒީމްގެ ކުރިމަތީގައި ނުރޯން ކިތަންމެ ހިތްވަރެއް ކުރިއެއްކަމަކު އޭނާއަށް ކެތްނުވީއެވެ. ގުދުވަމުން ނަޒީމްގެ މޭގައި ބޯއަޅައިލަމުން އެހަށިގަނޑުގައި ޒާއިން ބައްދައިލިއެވެ. އެހިނދު އޭނާއަށް ނޭނގުނުކަމީ ލޯމެރިފައިއޮތް ނަޒީމްގެ ދެލޮލުގެ ހިމަކޮޅުން ކަރުނައިތެ ތިއްކެތް ވެއްޓިގެންދިޔަ ކަމެވެ. ލޯބިވާ ދަރިފުޅުގެ ހިތާމައިގައި އެހާލުގައިވެސް އޭނާގެ ހިތް ބައިވެރިވަމުންދިޔަކަމެވެ.

*****

އެނބުރި ރާއްޖެ އާދެވުމާއެކު އެންމެ ފުރަތަމަވެސް ޝަޔަމް ގުޅީ ނުހައިކްއަށެވެ. ޝަޔަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނުހައިކްގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަަށް ބުނެވޭ ކުޑަކުޑަ ބަހަކުންވެސް އެނާޒުކުހިތް ތަޅައިގެން ގޮސްފާނެކަން އޭނާއަށް އެނގެއެވެ. ކުޑަވެސް ހިތާމައެއް ޝަޔަމްއަށް ލިބެން ނޭދޭއިރު އޭނާގެ ފުށުން އެހުރިހައިކަމެއް ޝަޔަމް ބަރުދާސްތުކުރާ މަންޒަރުބަލަން ވަކި އޭނާއަށް ކެތްވާނެހެއްޔެވެ.؟ އެހެނަސް.. އާހް.. މިއަދު އޭނާއަށް އެނޫންގޮތެއް ނެތެވެ. އޭނާއަށް މަޖުބޫރެވެ. އަޒްހަރު ވަނީ ކުޑަވެސް ކަތިފިޔަވަޅެއް ނޭޅޭވަރަށް އޭނާގެ ބާރުގަދަ ކޮށްފައެވެ. އެޅޭ އެންމެ ކަތިފިޔަޅެއްގެ ސަބަބުންވެސް އޭނާގެ ލޯބިވާ މަންމަގެ ފުރާނަގޮސްފާނެއެވެ. ލަމްޔާއަށް މިއިންކަމެއްގެ ހިލަންވުމުގެ ކުރިން ސާރާ އެތަނުން ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. އެއީ.. އޭނާގެ ލޯބި ގުރުބާންކޮށްގެން ކަމުގައި ވިއަސްއެވެ.

އަޒްހަރު ބުނިފަދައިން އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލާނެ މީހުން އޭނާގެ ވަށައިގެން ހަރަކާތްތެެރިވަމުން ދިޔައެވެ. އެއިން މީހަކަަށް ސިއްރުން އޭނާއަށް އެއްވެސްކަމެއް ކުރެވޭކަށް ނޯވެއެވެ. ބޯގޮވާ ހިސާބަށް ނުހައިކްގެ ފިކުރުތައްވަނީ ގޮއްސައެވެ. ހަދާނެގޮތެއް ނުވިސްނި މުޅި މީހާވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ.

ޝަޔަމްގެ ކޯލު ނިމުމާއެކު އަޒްހަރު ވަގުތުން ނުހައިކްއަށް ގުޅިއެވެ. އޭނާގެ މީހުންގެ ފަރާތުން ނުހައިކްއަށް ޝަޔަމްގެ ކޯލެއް އައިކަން އެނގިގެންނެވެ. ތަކުރާރުކޮށް އަޒްހަރު ނުހައިކްއަށް ބިރުދައްކައި އިންޒާރު ދިނެވެ. އަދި ވީހައިވެސް އަވަހަށް އޭނާ ބުނި ކަންތައް ކޮށް ނިންމައިލުމަށް ނަސޭހަތްތެރިވިއެވެ. ދެފަރާތަށްވެސް ހަމަޖެހުން އޮތީ އެގޮތުގައިކަމަށް ބުނަމުންނެވެ. އަދި ސާރާގެ ކަރާއި ދިމާއަށް ވަޅިއެއް ހުރަސްކުރެވިފައިވި ވީޑިއޯއެއްވެސް ނުހައިކްގެ ގާތުގައި ހަރަކާތްތެރިވަމުންދިޔަ މީހުން ލައްވައި އަޒްހަރު އޭނާއަށް ދެއްކިއެވެ. ތެޅިގަނެފައި ސާރާއަށް ގެއްލުމެއް ނުދިނުމަަށްއެދި ނުހައިކް އާދޭސްކުރިއެވެ. އަދި މިއަދުން މިއަދަށް ޝަޔަމްއާއި ބައްދަލުކޮށް ހުރިހައިކަމެއް ނިންމާނެ ވާހަކަ ހިތްދަތިގޮތަކަށް ބުނެލިއެވެ.

އޮފީސް ބަންދު ދުވަހެެއްކަމުން ނުހައިކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހިތްވަރުކޮށްފައި ޝަޔަމްއަށް ގުޅަމުން އެރޭގެ ވަގުތެއްގައި އޭނާ އާއި ބައްދަލުކުރުމަށް ނުހައިކް އެދުނެވެ. އުފާވެފައި ޝަޔަމް އެކަމަށް އެއްބަސްވިއެވެ. އޭނާ ބޭނުންވަނީ މައިންބަފައިންގެ ނުގަބޫލުގައިވެސް ނުހައިކް އާއި ގުޅޭށެވެ. އެދަރަޖައަށް އޭނާއަށް ދެން އިތުރު މީހަކުދެކެ ލޯތްބެއް ނުވެވޭނެއެވެ.

ތައްޔާރުވެލައިގެން ނުހައިކް ބުނި ގަޑިއަށް ރަސްފަންނުގެ ހަމަހިމޭން ސަރަހައްދެއްގަައި މޫދަށް ނަޒަރުހުއްޓައިލައިގެން ޝަޔަމް ހުއްޓެވެ. ފަހަތުގައި މީހަކު ހުރިހެންހީވެ ފަސްއެނބުރިލަމުން އޭނާ ބަލައިލިއެވެ. ކަޅު ޓީޝާޓަކާއި ޖީންސެއްގައި ހުރި ނުހައިކްފެނި ޝަޔަމް ހިނިތުންވެލިއެވެ. އެގޮތަށް އޭނާ އެ ހިނިތުންވެލީ ހާދަ ދުވަހެއް ފަހުންނެވެ. ނުހައިކްގެ ސޫރަ އެކަނި ފެނިފައިވެސް އޭނާގެ ހިތުގައިވި ހުރިހައި އުދާހެއް ހިނދިގެން ގޮއްސިއެވެ. ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ހިތްއަވަސްވެފައިހުރެ ނުހައިކްއާއި ދިމާއަށް ޝަޔަމް ފިޔަވަޅެއް އަޅައިލިއެވެ.

"ހިނގާ އެކޮޅު އިނށީނަން.. އެތަނުގަ އެއްވެސް މީހެއްވެސް ނެތް.." އަތުން ވަކި ހިސާބަކަށް އިޝާރާތްކޮށްލަމުން ޝަޔަމް ބުނެލިއެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ނުހައިކް ހިނގައިގަތްގޮތުން ޝަޔަމް ހައިރާންވިއެވެ. އެހައި ދުވަސްފަހުން އޭނާ ފެނުމުންވެސް ނުހައިކް އެއްވެސް ވަރަކަށް އުފަލެއްނުވޭހެއްޔެވެ؟ ނުހައިކްއަށް ވެފައިހުރިގޮތަކާއި މެދުގައި ވިސްނަމުން އޭނާގެ ފަހަތުން އައިސް ޝަޔަމްވެސް އިނށީދެހަމަޖެހިލިއެވެ.

"ނުހައިކް.. ކިހިނެއްވެފަ ތިއިނީ؟" ޝަޔަމް އަހައިލިއެވެ. "ކުޑަކޮށް ބޮލުގަ ރިއްސާތީ." ދުރަަށް ނަޒަރުހުއްޓައިލަމުން ނުހައިކް ބުނެލިއެވެ. ވަގުތުން ކަންބޮޑުވެފައި އެހެންވީއިރު އެރޭ އެތަނަށްއައީ ކީއްވެގެންތޯ ޝަޔަމް ސުވާލުކޮށްލިއެވެ. މުހިންމު ވާހަކައެއްދައްކަން ބޭނުންވާކަން ނުހައިކް ހާމަކުރީ އެހިސާބުންނެވެ. އެއާއެކު އޭނާވެސް މުހިންމު ވާހަކައެއް ދައްކަން ބޭނުންކަމުގައި ޝަޔަމް ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ނުހައިކް ބަލައިލުމާއެކު ޝަޔަމް ހިނިތުންވެލިއެވެ. އަދި ފުންނޭވައެއް ދޫކޮށްލަމުން އޮސްޓްރޭލިއާގައި ކަންތައް ހިނގައިދިޔަގޮތް ނުހައިކް އަަށް ކިޔައިދިނެވެ. އެއަޑުގައިވި މަަޑުމައިތިރިކަމުން ނުހައިކްގެ ހިތަށްވެސް އަސަރުކުރިއެވެ. އަޒްހަރު މިއީ ކޮންކަހަލަ ބަފައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ނުހައިކް.. އަހަރެން.. އަހަރެން ބޭނުންވަނީ އަވަހަަށް ކައިވެނިކުރަން.. ހިނގާ އަހަރުމެން މިކޮޅުގަ ކައިވެނިކުރަން.. ދުވަހަކުވެސް މަންމައާއި ބައްޕަ މިގުޅުމަކަށް ގަބޫލެއްނުވާނެ.. އެކަމަކުވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތް.. އަހަރެން ދިރިއުޅުން މިކޮޅަށް ބަދަލުކޮށްފާނަން.. ޕްލީޒް.. ކޮންމެސް އެއްޗެއް ބުނެބަލަ.. މަންމަމެންގެ ނުގަބޫލުގަވިޔަސް ނުހައިކްއާ ކައިވެނިކުރަން އަހަރެން ބޭނުން.." ނުހައިކްގެ މޫނަަށް ނަޒަރު ހުއްޓައިލަމުން ޝަޔަމް ލަސްލަހުން އެހިތުގެ އެދުން ފައުޅުކޮށްލިއެވެ. ޝަޔަމްގެ ބަސްތަކުން ނުހައިކްގެ ހިތުގައިވި ރިހުން ގަދަވެގެންދިޔައެވެ. އެހިތުގައި ހިފައި މީހަކު ޗަސްކޮށްލިނަމަވެސް އެހައި ވޭނެއް ނާޅާނެކަން ކަށަވަރެވެ. ހިންދިރުވައިލި ނުހައިކް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ނޫންކަމަށް ހަދައިފައި އެހިސާބުގައި ހަރަކާތްތެރިވަމުންދިޔަ އަޒްހަރުގެ މީހުން ފެނުމުން އިސްޖަހައިލަމުން ނުހައިކް ދެލޯމަރައި ބާރުކޮށްލިއެވެ. ދެއަތް މުށްކެވިގެންދިޔައިރު އެހިތަަށް ތަދުވަމުންދިޔަވަރު ދަންނާނެ މީހެއްނެތެވެ. ނުހައިކްގެ ޖަވާބެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ޝަޔަމް އިނެވެ. ހިތްވަރުކޮށްފައި ޝަޔަމްއަަށް ބަލައިލި ނުހައިކް ފަޒާގެ ތެރެއަށް ފުންނޭވައެއް ދޫކޮށްލިއެވެ.

"އަހަރެންނަަށް މައާފުކުރޭ ޝަޔަމް.. އަަހަރެންނަށް.. ތިކަން ކޮށްދެވޭކަށް ނެތް.." އެދެލޮލަަށް ބަލަން ނުކެރި ނުހައިކް ނަޒަރު ވަކިކޮށްލިއެވެ.

"ވަޓް؟ ކީކޭ ތިބުނީ؟ އަހަރެންނަކަށް ނުވިސްނުނު.." ނިތަަށް ރޫއަރުވައިލަމުން ޝަޔަމް އަވަސް އަވަހަށް އަހައިލިއެވެ. އޭރު އެހިތުގެ ތެޅުންވެސް އިންތިހާއަށް އަވަސްވަމުން ދިޔައެވެ.

"އަހަރެނަށް.. ޝަޔަމްއާ.. ކައިވެނިކުރެވޭކަަށް ނެތޭ.." މުށްކެވިފައިވި އަތަށް ބާރުކޮށްލަމުން ނުހައިކް ބުނެލިއެވެ. އެޖުމުލަތަަށް ޝަޔަމްއަށް އަޑުއިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެފައި އިންތަނުން ޝަޔަމްއަަށް ތެދުވެވުނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    4k

    13 ޚިޔާލު

    1. މާޝާ ﷲ 💙 ވަރަށް ވަރަށް ވަރަށް ވަރަށް ރީތި 💖 އަޅޭ ޝަޔަމް ހާދަ ދެރަވާނޭ 😯 ސާރާއަށް ދެރަ ގޮތެއް ނަހަދައްޗޭ 😊 ނާޒިމް ހޭ އެރީ ކަންނޭނގެ 😮 ލަމްމެންގެ ބައެއް ދެންއިންނަ ބައިގަ ގެންސްދެއްޗޭ 😇 ހާދަ ކިޔުރިއަސް ކޮށްލާފަ ތިނިންމާލީ 😙 ދެންއިންބަޔަށް އިންތިޒާރުކުރަން 💕 ލަވް ޔޫ 💚 ސްޓޭ ސޭފް 💞

      12
    2. މިބައި ވެސް ވަރަށް ރީތި ❤️❤️ ވެން އިޒް ދަ ނެކްސްޓް ޕާޓް

    3. ވަރަށް ރީތި ❤️ މިއަށްވުރެ ދިގުކޮށްލަބަ ދެން ގެންނަ ބައެއް 😘😊

    4. ސަލާމް އޯލް.. ވަރަށް ބޮޑަށް މައާފަށް އެދެން ކޮންމެ ދުވަހަކު އަޕްކޮށްލަން ބުނެފަވެސް ނުކުރެވޭތީ.. އެކްޗުއަލީ މިދުވަސްކޮޅު އަގެއިން ވަރަށް ބިޒީ.. އެހެންވެ އިނގޭ ލަސްވަނީ.. އެކަމަކު ދެން އަޕް ކޮށްލާފަ ވާހަކައިގެ ދެން އިންބައި އަޕް ވާނެ ދުވަސް ބުނެދޭނަން.. އެންޑް އިންޝާ ﷲ އެދުވަހެއްގަ އަޕްކޮށްލާނަން.. ސޮރީ އޯލް.. ހޮޕް ޔޫ އޯލް އަންޑަރސްޓޭންޑް.. ލަވް ޔޫ ގައިޒް ފޯ ދި ސަޕޯޓް އެންޑް ލަވް.. ❤ އިންޝާ ﷲ ދެން އިން ބައި މާދަން އަޕްކޮށްލަން ފޮނުވާނަން.. ޓްރައިޑް މިއަދު އަޕް ކުރަންވެސް ބަޓް ޑިޑިންޓް ގެޓް މަޗް ޓައިމް.. ސޮރީ އަގެއިން.. 😔

    ޚިޔާލު

    Your email address will not be published.