ތިޔަ ލޯބީގައި - 29

"އަހަރެންގެ ނަމަކީ އަޒްހަރު.. ޝަޔަމް އެއީ އަހަރެންގެ ދަރިއެއް.. ޝަޔަމް.. އަޒްހަރު.. އެނގިއްޖެތަ؟ އަހަރެންގެ ދަރިއެއްގެ މައްޗަށް ބަސްކިޔަން އަހަރެންނަށްއޮތީ ކޮންހައްގެއްހޭ އަހަން ކަލޭތީ ކާކުތަ؟ މޮޔަ ކުއްޖާގަނޑު.. ދެންވެސް އަހަރެންގެ އަތްދަށުން ކަލެއާ ކަލޭގެ އެހުރި މަންމަގަނޑު ސަލާމަތްކުރަން ބޭނުންވަންޏާ އަހަރެން މިބުނާގޮތަކަށް ކަންތައްކުރޭ.." އަޒްހަރުގެ ބާރު އަޑު ގުގުމައިގެންދިޔައިރު އިވުނު ވާހަކަތަކުން ބުނާނެ އެއްޗެއް ނުވިސްނި ގަނޑުވެފައި ނުހައިކްއަށް އިނދެވުނީއެވެ. ނުހައިކްގެ މޫނު ފަރާތަކަށް އަނބުރައިލަމުން އަޒްހަރު އޭނާގެ އަނގައިން ދޫކޮށްލިއެވެ. އަޒްހަރު ފިތައިލި ހިސާބަށް ވީތަދާއެކު ނުހައިކްއަށް އެތަނުގައި އަތުން ފިރުމައިލެވުނެވެ.

މަޑުމަޑުން ނުހައިކްގެ ނަޒަރު ގޮނޑީގައި ރޮވިފައި އޭނާ އާއި ދިމާއަށް ބަލަހައްޓައިގެންއިން ސާރާއަށް ހުއްޓުނެވެ. އެތަށް ޒަމާނަކަށްފަހު އެދެލޮލުން އެފަދަގޮތަކަށް ކަރުނަ ފައިބާތަން ފެނުމުން ނުހައިކްގެ ހިތުގައި ޖެހުނުވެ. އެއްވެސް އިޚުތިޔާރެއްނެތި އެދެލޮލުންވެސް ކަރުނަ އޮހިގަތެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރުވައިލުމަށް ސާރާ މަސައްކަތްކުރިއެވެ. މަޑުއާހެއް ނުހައިކްގެ އަނގައިން ބޭރުވުމާއެކު ތުންފިއްތައިލަމުން އޭނާއަށް އިސްޖަހައިލެވުނެވެ. ސާރާ ރޯމަންޒަރުބަލަން އޭނާއަށް ކެތްނުވީއެވެ. އަޒްހަރުގެ ވިހަ ޖުމުލަތަކުން ނުހައިކްގެ ހިތް ތޮރުފެމުންދިޔައިރު އޭނާގެ ސިކުނޑިއަށްވެސް ބާރުކުރަމުންދިޔައެވެ.

"ކަލެއަށް އޮތީ އެންމެ ދެގޮތް.. ކަލޭގެ މަންމަ ނޫނީ ޝަޔަމް.. ވިސްނާފަ މިވަގުތު ގޮތެއް ނިންމާ.. ކަލޭގެ އެންމެ ނިންމުމަކުންވެސް ކަލޭގެ މަންމަގެ ދުވަސް ހިނގައިދާނެކަން ހަނދާންކުރައްޗޭ..." ބޮޑާ ގޮތަކަށް ގޮނޑީގައި ލެގިލަމުން ގޮނޑީގެ އަތްގަނޑުގައި އަޒްހަރު އަތުގެ އިނގިލިތަކުން ކުޑަކޮށް ތަޅައިލިއެވެ. އެވަގުތު ސާރާގެ އެއްފަރާތުގައިހުރި ދެމީހުންކުރެ އެކަކު ތޫނު ވަޅިއެއްނަގައި އަތަށް ހެޔޮވަރުކޮށްލިތަން ނުހައިކްގެ ލޮލުގައި އަޅަައިގަތެވެ.

"މަންމަ.. އަހަރެން ބޭނުމީ އަހަރެންގެ މަންމަ.. ހެޔޮނުވާނެ.. މަންމަ ދޫކޮށްލާ.. އަހަރެން ކަލޭމެންބުނި ކޮންމެކަމެއްވެސް ކޮށްފާނަން.." ތެޅިގަނެފައި އަވަސް އަވަހަށް ނުހައިކް ބުނެލިއެވެ. އެދެލޮލުން ހުސްވުމެއްނެތި ކަރުނައިގެ ކޯރެއް ފައިބަމުންދިޔައިރު އެހިތުގައި ވަނީ ތޫނު ތަދެއް އުފެދިފައެވެ. ހަޔާތުގައި އެންމެ ފުރަތަމަ ވެވުނު ލޯބިވެސް ބީވަނީހެއްޔެވެ؟ ކޮންފަދަ ބޮޑު ހިތްދަތިކަމެއްހެއްޔެވެ؟ އެހެނަސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން ނޭފަތް ދަމައިލަމުން ނުހައިކްއަށް ސާރާއަށް ބަލަހައްޓައިގެން އިނދެވުނެވެ.

"ގުޑް ޗޮއިސް ބޯއި.." ނުލަފާ ހިނިގަނޑަކާއެކު އަޒްހަރު ބޯތަޅުވައިލިއެވެ. އޭނާގެ ޕްލޭން އެހައި ކާމިޔާބުކަމާއެކު ފުރިހަމަވެދާނޭ އޭނާ ހިއެއްނުކުރެއެވެ. ނަމަވެސް އަޒްހަރު ހުރީ އެއްއިރަކުވެސް ގޮތްދޫކުރާގޮތަކަށް ނޫނެވެ. އެއްގޮތުން ނޫނިއްޔާ އަނެއްގޮތަކުންވެސް ނުހައިކް އާއި ޝަޔަމް ދުރުކުރުވަން އޭނާ ބޭނުންވެއެވެ.

އިތުރުއެއްޗެކޭ ބުނަން އަަޒްހަރު އަނގަހުޅުވައިލި ވަގުތު ޖީބުގައިއޮތް ފޯނު ރިންގްވާންފެށުމުން އެނަގައި ބަލައިލިއިރު ވައިބަރ މެދުވެރިކޮށް ގުޅަމުންދިޔައީ ސައިނާއެވެ. ފޯނު ބިޒީކޮށްލުމާއެކު އަނެއްކާވެސް ސައިނާ ގުޅަންފެށިއެވެ. ހިތްހަމަނުޖެހިފައި އަޒްހަރު ސައިނާގެ ކޯލަށް ޖަވާބުދިނެވެ. ހަލޯއޭ ބުނެލުމާއެކު އިވިގެންދިޔައީ ސައިނާގެ ހާސްވެފައިވީ އަޑެވެ.

"އަޒްހަރު.. ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ އަޒްހަރުގެ ފޯނަކަށް ނުއެއްގުޅޭ.. ވައިބަރ އިން މިގުޅީވެސް އިތުރުގޮތެއް ނުވިސްނިގެން.." ހާސްވެފައި ސައިނާ ވާހަކަ ދެއްކިއެވެ.

"ކިހިނެއްތަވީ އެވަރަކުން ނުގުޅިގެން ތިއުޅެނީ..؟" ނުހައިކްއަށް ނަޒަރެއްދެމުން އަޒްހަރު އަހައިލިއެވެ. ސައިނާގެ ސުވާލުތަކަށް ޖަވާބުދިނުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތްފަދައެވެ.

"އަޒް... އަޒްހަރު.. ޝަޔަމް.. ޝަޔަމް ރާއްޖެއަށްދާން ފުރައިފި.." ކަންބޮޑުވެފައި ވެގެންއުޅޭގޮތް ސައިނާ ބުނެލިއެވެ.

"ވަޓް؟ ކީކޭ؟ ޝަޔަމް ފުރިއްޔޭ.. މިހައި ކުޑަދުވަސްކޮޅަކަށްވެސް ސައިނާއަށް އޭނަ ނުބެލެހެއްޓުނު ދޯ.." ގޮނޑީގެ އަތްގަނޑުގައި އަޒްހަރު ބާރަށް ގޮށްމުށުން ޖަހައިލިއެވެ.

"އަޒްހަރު ހަމަޖެހިބަލަ.. އޭނާ ދިޔައީ އަހަރެންނަށްވެސް ނޭނގި.. ސިއްރުން.. ވިޔަފާރިއެއްކޮށްލަން އަހަރެން ބޭރަށް ގޮއްސަ އައި އިރު ގެއަކު ނެތް.. ކޮޓަރީގެ ޑްރެސިންގް ޓޭބަލް މަތީ އޮތީ ކުޑަ ނޯޓެއް.. ވަރަށް އަވަހަށް ރާއްޖެދާން ޖެހިގެން ދިޔައީކަމަށް.." ކަންތައްވީގޮތް ތަންކޮޅެއް ތަފްސީލުކޮށް ސައިނާ ކިޔައިދިނެވެ. ސައިނާގެ ވާހަކަތައް އަޑުއަހަންއިން އަޒްހަރުގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވި ޚިޔާލަކުން އޭނާއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ސައިނާ ގާތުގައި ކަންބޮޑުނުވުމަށާއި އޭނާ އެކަން އެބަ ބަލަންކަމަށްބުނެ އަޒްހަރު ފޯނު ބޭއްވިއެވެ. އަދި ނުލަފާ ގޮތަކަށް ނުހައިކްއަށް ބަލައިލިއެވެ.

"މާރަނގަޅަކަށްނު މިވީ.. ޝަޔަމް އެބައާދޭ މިކޮޅަށް.. އެހެންވީމަ ނުހައިކްގެ މަސައްކަތްވެސް ލުއި ވީނު.." ސީދާ ނުހައިކްގެ ދެލޮލަށް ބަލަންއިނދެ އަޒްހަރު ބުނެލިއެވެ. އެބަސްތަކުން ނުހައިކްގެ ހިތުގައިވި ރިހުން އިތުރުކުރުވިއެވެ.

"ސޯ.. ކުޑަކުޑަ ބަދަލެއް އެބަ ގެންނަންޖެހޭ.. ނުހައިކް ޝަޔަމްއާ ގޮތް ގުޅުން ކަނޑައިލަންދެން ސާރާ ހުންނާނީ އަހަރުމެންގެ ބެލުމުގެދަށުގަ.." އަޒްހަރުގެ ވާހަކަ ފުރިހަމަނުވަނީސް ނޫނެކޭ ކިޔައި ބާރަށް ނުހައިކްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަޒްހަރު ނިތްއަރުވައިލަމުން ނުހައިކްއަށް ބަލައިލިއެވެ. އަތުގައި އޮތް ޕޯޓަބަލް ރައުޓަރއިން އަތްމަތީގައި ކުޑަކޮށް ތަޅައިލަމުން އަޒްހަރު ލޯހިމަކޮށްލިއެވެ.

"އަހަރެންގެ މަންމަ ދޫކޮށްލާ.. އަހަރެން މިބުނީނު ކަލޭ ބޭނުންވާ ކަންތައް ކުރާނަމޭ.." ދަތްކުނޑި ވިކައިލަމުން ރުޅިގަދަވެފައި ނުހައިކް ބުނެލިއެވެ. އަޒްހަރުގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާވައޭ ނުހައިކްގެ ހިތަށް އެރިއެވެ. ވަރުދެރަވެފައި ގޮނޑީގައި އިން ސާރާގެ ހާލުފެނި ނުހައިކްގެ ހިތް ގިސްލައިރޮމުންދިޔައިރުވެސް އެހަރުހިތުގެ ވެރިޔާއަށް އެއްވެސް އަސަރެއްނުކުރާކަހަލައެވެ.

"އަހަރެންނަށް ކޮންޔަގީންކަމެއް އޮތީ ކަލޭ އެކަން ކުރާނެކަމުގެ..؟ ކަންތައްކުރަންވީ ގޮތް އެނގޭނީ ކަލެއަކަށްނޫން.. އަހަރެންނަށް.. ބާރު އޮތީ އަހަރެންގެ އަތްމަތީ.. އެހެންވީމަ އެގޮތަށް ފައިނަލްވީ.. ކަލޭ އެގުޅުން ކަނޑައިލަންދެން ކަލޭގެ މަންމަ ހުންނާނީ އަހަރެން ގާތުގަ.. އަވަހަށް މަންމަ ސަލާމަތްކުރަން ބޭނުންވާނަމަ މިކަން އަވަހަށް ކޮށް ނިންމާލަންވީ.. އެހެންނޫނަސް ގުޅުމެއް ކަނޑައިލުމަކީ މާ އުނދަގޫކަމެއްވެސް ނޫނެއްނު.. އެއްދުވަހުންވެސް އެކަން ނިންމައިލެވިދާނެ.. އަހަރެންނަށް ޔަގީން އާދެވުނުހައި އަވަހަށް ޝަޔަމް ކަލެއަށް ގުޅާނެކަން.. އެކަމަކު ހަނދާންކުރާތި.. މިއިން އެއްވެސްކަމެއް ޝަޔަމްއަށް އެނގިގެންނުވާނެ.. އަހަރެންނަށް މިގޮތަށް ކަންތައްކުރަން މަޖުބޫރުވީވެސް އޭނާގެ ސަބަބުން.. އަހަރެން ބުނިގޮތް ހަދައި އަހަރެންނަށް ކަމުދާ މީހަކާއި އިންނަން އެއްބަސްވިނަމަ މިހުރިހައި ހަޑިއެއްހާވާކަށް އަހަރެންނަކަށް ނުޖެހުނީސް.. ހަނދާންކުރާތި.. ކަލޭގެ މަސައްކަތް ފުރިހަމަވަންދެން ްއަހަރެންގެ މީހުން ކަލެއަށް ފާރަލާނެ.. އެހެންވީމަ ވިސްނައިނުލާ އެއްވެސް މޮޔަކަމެއް ނުކުރާތި.. އަހަރެން މިބުނި ވާހަކަތައް ސާފުވެއްޖެތަ؟" އަނެއްކާވެސް ނުހައިކްގެ އަނގައަށް ފިތައިލައިގެން އިނދެ އަޒްހަރު އަޑުހަރުކޮށް ބުނެލިއެވެ.

އަޒްހަރުގެ އެވާހަކަތަކުން ނުހައިކްގެ ހިތުން ލޭކަރުނަ އޮހޮރުވައިލިއެވެ. ސާރާއަށްޓަކައި އޭނާ ކޮންމެދަފަ ގުރުބާނީއެއްވެސް ވެދާނެކަން އޭނާގެ ވެރިރައްބު ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. އެމަންމައަށް ކުޑަވެސް ގެއްލުމެއްވާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ގިސްގެއަޑު ބޭރުވެދާނެތީ ނުހައިކް ބާރަށް ދެތުންފަތް ފިއްތައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ބޯޖަހައިލިއެވެ. ކޮންމެކަމެއް ކުރި ނަމަވެސް އެވަގުތު އޭނާއަށް އަޒްހަރުގެ ކިބައިން ސަލާމަތް ނުވެވޭނެކަން އޭނާއަށް އެނގެއެވެ. ސާރާއަށް ބަލައިލަމުން ނުހައިކް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.

"މަންމާ.. އަހަރެން.. މިނުލަފާ މީހުންގެ ކިބައިން އިރާދަކުރެއްވިއްޔާ މަންމަ ސަލާމަތްކުރާނަން.. ޕްލީޒް އަހަރެންނަށްޓަކައި ކެތްތެރިވެ ހިތްވަރުކުރާތި.. ޔާ ﷲ.. އަޅާގެ ލޯބިވާ މަންމައަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެއްވާށި.. އާމީން.." ހިތާހިތުން ސާރާއަށްޓަކައި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ފަހަތުގައި ހުރި މީހާ ނުހައިކްގެ އަތުގައިހިފައި އެތަނުން އޭނާ ނެގިއެވެ. އަދި ލޯމަތީގައި ފޮތިގަނޑު އައްސަމުން އެތަނުން ނުހައިކް ގޮވައިގެންް ދިއުމަށް ހިނގައިގަތެވެ. ކާމިޔާބީގެ ބޮޑާ ހިނިތުންވުމަކާއެކު ގޮނޑީގައި އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އެމަންޒަރު ބަލަން އަޒްހަރު އިނެވެ.

ކާރުގައި ނުހައިކް ގޮވައިގެން އެމީހުން އައިސް މަޑުކޮށްލީ ނުހައިކްގެ ގޭ ކުރިމައްޗަށެވެ. އެލޮލުގައި އައްސައިފައިވީ ފޮތިކޮޅު އެމީހުން މޮހެލުމާއެކު ނުހައިކްއަށް ވަށައިގެން އަވަސް އަވަހަށް ނަޒަރު ހިންގައިލެވުނެވެ. އޭނާގެ ގޭ ކުރިމަތީގައި ކާރު އޮތުމުން އެގެ އެނގުނުގޮތަކާއި މެދުގައި އެހިތުގައި ސުވާލު އުފެދުނެވެ. ހައިރާންކަން ފައުޅުވަމުންދިޔަ ނަމަވެސް ކަންކަމާ ވިސްނިވަރަކަށް އެއީ ކުރިއައިލައި ވަރަށް ތައްޔާރުވެގެން އެމީހުންކުރި ކަމެއްކަން ނުހައިކްގެ ސިކުނޑި ދެނެގަތެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ކާރުގެ ދޮރުހުޅުވައިލަމުން ނުހައިކް އޭގެއިން ފޭބިއެވެ. އޭނާއަށް ދެންއޮތީ އިންތިޒާރުކުރުމެވެ. ޝަޔަމްއާއި ބައްދަލުވާނެ ވަގުތަކަށް އިންތިޒާރުކުރުމެވެ. ޝަޔަމްއާއި ދުވަހަކު ވަކިވާން ހިތް ނޭދުނަސްއެވެ. ހަތަރެސްފަރާތުން ފިތެމުންދިޔަފަދަ އިހުސާސަކާއެކު ގޭތެރެއަށް އައިސްވަތް ނުހައިކްގެ ބަޑި ފަޅައިގެންދިޔައެވެ. ހަދާނެގޮތް ހުސްވެ އިންތަނަށް މީހާ ތިރިވިއިރު އެވޭނީ ރުއިމުގެ އަޑުން މުޅި އެގެވެސް ގުގުމަމުން ދިޔައީ ނުހައިކްގެ ހިތާމައިގައި ބައިވެރިވަމުން ކަހަލައެވެ.

*****

ފަހަކަށް އައިސް ޒާއިން އަބަދުވެސް ލަމްޔާގެ ފަހަތުގައި ޖައްސާފައި ހުންނަކަން ތޮއިބާއަށްވަނީ ފާހަގަވެފައެވެ. ދެކުދިންގެ އުޅުން ހުންނަގޮތުން ހިނިއައި ނަމަވެސް އެކަން ނުދަންނަކަމަށް ހެދިގެން ތޮއިބާ ހުންނަނީއެވެ. ދެކުދިން އުޅޭގޮތުން އެކަކު އަނެކަކުދެކެ ލޯބިވިއަސް އެކަން ހާމަކުރަން ނުކެރިގެން އުޅޭކަން ތޮއިބާގެ ތޫނުފިލި ސިކުނޑި ދެނެގަތެވެ. އެހެނަސް އެދުވަހެއްވެސް ލަހެއްނުވެ އަތުވެދާނެކަން އެނގި ކެތްކޮށްލައިގެން އޭނާ ހުރީއެވެ. ލޯބިވާ ދެހިތަކަށް ދުރުގައި ކެތްކުރެވިދާނެ ހެއްޔެވެ؟

ގޭގެ ދޮރުމަތީގައި ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރުމަށްފަހު އެންމެފަހުން ވަރުބަލިވެގެން ލަމްޔާ އެތެރަަށްވަނެވެ. ވިއްސާރަ ފާޑަކަށް އޮތުމުން ތަރިތަކުގެ ބެބުޅުންވެސްވަނީ ފަނޑުވެފައެވެ. ޖެހިލާ ރޯޅިތަކުންވެސް ރޫރޫ އަޅައިގެންދާހާވެއެވެ. ސިޓިންގް ރޫމުގައިހުރި ބޮޑު ގަޑިއަށް ބަލައިލަމުން ލަމްޔާއައިސް ސޯފާއެއްގައި އިނށީދެލިއެވެ. ލަމްޔާގެ މޫނަށް ބަލައިލަމުން ތޮއިބާ ޓީވީގެ އަޑު މަޑުކޮށްލިއެވެ.

"ލަމް.. ކިހިނެއްވީ؟" ލޯތްބާއެކު ލަމްޔާއަށް ގޮވައިލަމުން ތޮއިބާ އަހައިލިއެވެ.

"މަންމާ.. ޒާން އަދިވެސް ގެއަށްނާދޭ.. ގުޅީމަ ފޯނަކަށްވެސް ޖަވާބެއްނުދޭ.." އަތުގައިއޮތް ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ލަމްޔާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި ކަންބޮޑުވުން ތޮއިބާއަށް ފާހަގަވިއެވެ. އަނެއްކާވެސް ޒާއިންގެ ފުށުން އެފަދަ ނުބައިކަމެއް ފެންނަން އުޅެނީއޭހީވެ ތޮއިބާގެ ހިތްތެޅިލިއެވެ.

"އަނެއްކާވެސް ޒާން.. އެކަމެއްކުރަން ދިޔައީބާ؟" ހިތުގައިއޮތް ސުވާލު ދުލުން ބޭރުވިކަމެއް ތޮއިބާ ނުދެނަހުއްޓެވެ. ޚިޔާލަކަށް ގެއްލިއިނދެ ތޮއިބާ ބުނެލިގޮތުން ސިހިފައި ލަމްޔާ ތޮއިބާއަށް ބަލައިލިއެވެ.

"ނޫން މަންމާ.. ޒާން އެކަން ހުއްޓާލާފި.. ދެން ދުވަހަކުވެސް އިރާދަކުރެއްވިއްޔާ އެފަދަ ކަމަކާ ޒާން ގާތެއްނުވާނެ.." ލުއިގޮތަކަށް ހީލަމުން ތޮއިބާގެ ކުށްހީ ފިލުވައިލުމަށް ލަމްޔާ މަސައްކަތްކުރިއެވެ.

"ކިހިނެއް؟ ކޮންއިރަކު؟ ލަމްއަށް ކިހިނެއް ތިކަން ޔަގީންވަނީ؟" ހައިރާންވީވަރުން ތޮއިބާއަަށް އެއްފައްޗަކަަށް ސުވާލުތައް އަމުނައިލެވުނެވެ. ތޮއިބާގެ ކޮންމެ ސުވާލަކަށް ލަމްޔާ ޖަވާބުދިނެވެ. ޒާއިންގެ ހަޔާތް ބަދަލުވެފައިވާކަން ލަމްޔާ ޔަގީންކޮށްދިނެވެ.

އެހުރިހައި ވާހަކައެއް އަޑުއަހައި ނިމުނުއިރު ތޮއިބާއަށްވަނީ ވަރަށް ފުންއަސަރެއްކޮށްފައެވެ. ﷲ އަށް ޙަމްދުކޮށްލަމުން އޭނާއަށް މެޔާއި ދިމާލުން ހިތުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. އަބަދުމެ އޭނާ ދެކެން ބޭނުންވި ދުވަސް ދެކުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވީތީ ޝުކުރުވެރިވެވުނެވެ. ޒާއިންގެ ފަރާތުން އެފަދަ ބަދަލެއް ފެނިދާނެކަމަަށް ހީވެސްވެފައި ނެތްއިރު އެލިބުނީ ކިހައި އުފާވެރި ޚަބަރެއް ހެއްޔެވެ.

ގިސްލެވިފައި ތޮއިބާ ރޮމުންދިޔަ ގޮތުން އިންތަނުން ތެދުވެ ލަމްޔާ އައިސް ތޮއިބާގެ ގާތުގައި އިނށީދެލިއެވެ. އަދި ތޮއިބާގެ ބުރަކަށީގައި ފިރުމައިލަމުން އޭނާއާއި ގާތްކޮށްލިއެވެ.

"މަންމާ.. ޒާން ދިޔައީ އަބްދު ﷲ ބޭބެ ގުޅައިގެން.. ދަރުހެއްގެ ކަންތަކުގަ އެހީވަން.. މިހައި ލަސްވުމުން އަޅުގަނޑަށްވެސް ކަންބޮޑުވެވުނީ.. ވެދާނެ ތަންކޮޅެއް ބުރަވީކަމަށްވެސް.." ފަނޑު ހިނިތުންވުމަކާއެކު މަޑުމަޑުން ލަމްޔާ ބުނެލިއެވެ.

"އެދަރި ހެޔޮމަގު ޚިޔާރުކުރުމަކީ މިވަގުތު މަންމައަށް ލިބޭނެ އެންމެބޮޑު އުފާ.. ދަރިފުޅަށް.. ނޭނގުނަސް.. ޒާން.. އެނުބައިމަގު ޚިޔާރުކުރީ މި މަންމަގެ ސަބަބުން.." ގިސްލެވޭވަރުން ވާހަކަދެއްކުންވެސް ތޮއިބާއަށް ތަދިވަމުންދިޔައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ލަމްޔާއަށް އިނދެވުނެވެ. ތޮއިބާފަދަ ހެޔޮލަފާ ރަނގަޅު މަންމައެއްގެ ސަބަބުން ޒާއިން ނުބައިއަތަށް އަޅަން ޖެހިދާނެ އެއްވެސް ސަބަބެއް ލަމްޔާއަކަށް ނުވިސްނުނެވެ.

"މަންމަ ބުނަން ތިއުޅޭ އެއްޗެއް އަޅުގަނޑަކަށް ނޭނގުނު.." ތޮއިބާގެ އަތުގައި ހިފައިލައިގެން އިނދެ ލަމްޔާ ބުނެލިއެވެ.

"ޒާންގެ ބައްޕަ އެހާލުގައި ހޮސްޕިޓަލުގަ އޮތްއިރުވެސް އޭނާގެ ހާލު ބަލާލަންވެސް ޒާން ނުދަނީ ކީއްވެތޯ ދަރިފުޅުގެ ހިތަށް ނާރާތަ؟" ކަރުނަވީ ދެލޮލުން ލަމްޔާއަށް ބަލައިލަމުން ތޮއިބާ އަހައިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ލަސްލަހުން ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އެއީ އަބަދުވެސް އޭނާގެ ހިތުގައި ބުރުޖަހަމުންދިޔަ ސުވާލެކެވެ. ޒާއިން ދުވަހަކުވެސް އޭނާގެ ބައްޕަގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ އެބައްޕަގެ ހާލު އެނގެން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ ނަޒީމް އެހާލުގައި އޮތްއިރުވެސް ޒާއިންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އެކަމަކު ސަބަބަކީ ކޮބައިބާވައެވެ؟

"މަންމަގެ ސަބަބުން.." މޭގައި ބާރަށް ހިފައި އޮބައިލަމުން ގިސްލެވިފައި ތޮއިބާ ބުނެލިއެވެ. "ތިބުނީ؟ ކީއްވެ މަންމަގެ ސަބަބުންކަމަށް ވާންވީ؟" ތޮއިބާ ބުނަން އުޅޭ އެއްޗެއް އެއްގޮތަކަށްވެސް ލަމްޔާއަކަށް ނުވިސްނުނެވެ. ލަމްޔާގެ މޫނަށް ބަލައިލަމުން ކުށްވެރިއަކު ފަދައިން ތޮއިބާ އިސްޖަހައިލިއެވެ. އެހުރިހަކަމެއް ހިތުގައި ފޮރުވައިގެން ހުރެހުރެ އޭނާ ވަރުބަލިވެއްޖެއެވެ. އެއުދާސްތައް ހިތުން ބޭރުކޮށްލައި އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެށް ލިބުމަަށް އޭނާގެ ނަފުސު އެދިގަތެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓައިލި ތޮއިބާ ފުންނޭވައެއްލަމުން މާޒީގެ އެހިތި ހަނދާންތަކުގެ ތެރެއަށް ފީނައިގަތެވެ.

(ނުނިމޭ)

  Please log in or register to bookmark.
  5k

  6 ޚިޔާލު

  1. ޔޭ މީ ފަސްޓް..... ވަރަށް ރީތި މިޕާޓް ވެސް.... ❤️ ❤️ ❤️ ❤️ ❤️

  2. މިބައިވެސް ވަރަށް ވަރަށް ރީތި 💖💝💕🌈 މާޝާ ﷲ!! އަނެއްކާ ތޮއިބާ ބުނަން އެ އުޅެނީ ކީކޭ ބާ؟؟ 😟😮 އަޒްހަރް ވެސް ހާދަ ނުލަފައޭ ދޯ 😠😡😲 ޝަޔަމް ރާއްޖެ ފުރީއޭ 💜😇😊 އެން ޝަޔަމް އަށް ހުރިހާ އެއްޗެއް އިނގޭނަމަ 💜💖💝 މިސާލަކަށް އަޒްހަރް ދެއްކި ވާހަކަތަށް އަޑުއަހަން ޝަޔަމް ހުރިހެން ވަރަށް ހީވޭ!! އެން ބޮޑަށް ހީވަނީ ނުހައިކް އަށް *ސަޕްރައިޒް* އެއް ދޭންވެގެން ނުހައިހްގެ ގޭ ކައިރިއަށް ދިޔަ ވަގުތު ޝަޔަމް އަށް އެ ހުރިހާ މަންޒަރެއް ފެނުނީހެން 😟😊💖 އެން އަވަހަށް ކާރަކށް އަރައިގެން އެއްކަލަ ވޭންގެ ފަހަތުން ދާނީހެން!! އެ ގޮތަށް ކަންތަށްވާން ވަރަށް ބޭނުން 😊😇😙 ދެންއިންބަޔަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން 😊😙💖 ލަވް ޔޫ 💖💝😙💞 އެން ސްޓޭ ސޭފް ޑިއަރ 💜💟💘💗

   11
   2
   • ތެންކްސް ރީން.. ލެޓްސް ސީ ދޯ ތޮއިބާ ބުނަން އުޅޭ އެއްޗެއް.. އެންޑް ދެން ކަންތައް ވާގޮތެއް.. ހެހެ.. ލަވް ޔޫ ޓޫ ޑިއަރ.. ބީ ސޭފް..🥰❤😘

  ޚިޔާލު

  Your email address will not be published.