އެ އާއިލާގެ ހުރިހައި މެމްބަރުން އަހަރެންނަށް ކަމުދިޔައެވެ. އަކިލް ފިޔަވައެވެ. ބައެއްފަހަރު އޭނާއަކީ ހަމަ ވަޒްލިފާ ދައްތައާއި އާހިމް ބޭބެގެ ދަރިއެއްބާއޭ ވެސް އަހަރެންގެ ހިތަށް އަރައެވެ.
ދެން ކަންތައް ވެގެން ދިއައީ އަހަރެން ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
*************
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓިއުޝަނުގައި އަކިލް އަހަރެންގެ ކައިރީގައި އިންނަން މަސައްކަތް ކުރެއެވެ. އަދި ގިނަފަހަރު އެކަމުގައި އޭނާ ކާމިޔާބު ވަނީ ޓިއުޝަން ކުލާހުގެ ބާރު ބޮޑުކަމުން ފުރިފައި އޮންނާތީއެވެ. އޭނާގެ ކައިރީގައި އިންނަން ކިތަންމެ ބޭނުން ނުވިޔަސް، ތެދުވެގެން ގޮސް އިށީނާނެ އެހެން ހުސް ޖާގައެއް ނެތުމާއި އެކު، އޭނާގެ ކައިރީގައި އިންނަން އަހަރެންނަށް ވެސް މަޖުބޫރުވަނީއެވެ.
ހިތާހިތުން އަކިލްއާއި ދިމާލަށް އެއްޗިހި ކިޔުނު އަދަދެއް ބުނަން ވެސް ނޭނގެއެވެ. އަހަރެން ވާހަކަ ނުދައްކައި އިނަސް ކޮންމެވެސް ވާހަކައެއް ފަށާނެއެވެ. އަހަރެން ރުޅި އައިސް ދުރަށް ދާށޭ ބުނެފިނަމަ ނިކަން ދެރަވާ ކަމަށް ހެދިގެން އިނދެ ބަލާނެއެވެ. އެއީ ހުސް އޭނާ ޖައްސާ އެކްޓޭ ހިތަށް އެރުމުން އަހަރެން އަރާ ރުޅި ހަގުނަ އިތުރު ވެގެން ދެއެވެ.
އޭނާ އަހަރެންގެ ކައިރީ ތަކުރާރުކޮށް އިންނަން ފެށުމާއި އެކު ޓިއުޝަންގެ އެހެން ކުދިން އަހަރެންނާއި އަކިލްއާއި އަޅުވާ ކިޔަން ފެށިއެވެ. އަރާ ރުޅިން ކޮންމެ ފަހަރަކު އަހަރެން އަކިލްއާއި ދިމާލަށް އެއްޗެހި ކިޔަމެވެ. އޭނާގެ ބުރަކަށީގަޔާއި ކޮނޑުމަތީގައި ޖެހުނު އަދަދެއް ގުނާކަށްވެސް ނޭނގެއެވެ. ނަމަވެސް އެ ހުރިހައި ކަމަކުން އޭނާއަށް އެއްވެސް އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ.
އެހެން މީހެއްނަމަ އަހަރެންގެ ގާތުގައި ނުވެސް އިންނާނެއެވެ. އެކަމު އަކިލްއަށް އަހަރެންގެ އަމަލުތަކުގެ ސަބަބުން ވަނީ މަޖަލެވެ. އަހަރެން ނޭދުނަސް، އަޑުއަހަން ބޭނުން ނުވިޔަސް އޭނާގެ ހަޔާތުގެ އެތައް ވާހަކައެއް އަކިލް އަހަރެންނާއި ހިއްސާކުރީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. އޭނާ އެންމެ ފުރަތަމަ ރައްޓެހިވި ކުއްޖާއިން ފެށިގެން ގޮސް ނިމެން ދެން އެތައް ވާހަކައެއް ކިޔައިދިން އިރު، އަހަރެން ހައިރާންވާން ޖެހުނެވެ.
އެވާހަކަ ތަކުގެ މޮޅު ކަމާއި ސަޅިކަމަކުން ނޫނެވެ. އަހަރެން އޭނާއަށް ކުރާ ނަފްރަތާއި، އަހަރެން އޭނާއަށް ޒައްރެއްގެ މިންވަރަށް ވެސް އިތުބާރު ނުކުރާކަން އިނގިހުރެ، އެ ހުރިހައި ވާހަކަތަކެއް އޭނާ އަހަރެންނަށް ކިޔައިދިނީތީއެވެ. އޭނާ އަހަރެންނަށް އެހައި ބޮޑު އިތުބާރެއް ކުރާތީއެވެ. ހިނިވެސް އައެވެ. އަކިލްގެ މޮޔަކަމާއި މެދުގައެވެ.
އަހަރެން އަކިލް ދެކެ ވަރަށް ރުޅި އަންނަން ޖެހުނު އެއްދުވަސް އަހަރެންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އަހަރެންނަކީ އެހައި ގަދައަށް މޭކްއަޕް ކޮށް އުޅޭ މީހެއް ނޫނެވެ. އެކަމަކު އެދުވަހު އަހަރެން ޓިއުޝަނަށް ދިއައީ ކުރިން ރީތިވެ ނޫޅޭ ވަރަށް ރީތި ވެލައިގެންނެވެ.
އަހަރެން ލައިގެން ހުރީ ކަނޑު ނޫކުލައިގެ ގަމިސްކޮޅަކާއި، ކަޅު ޖީންސްއެކެވެ. އަހަރެންގެ ފަން ދިގު އިސްތަށިގަނޑު މައްޗަށް ނަގައި އައްސައިލީމެވެ. ކަންފަތުގައި ޖަވާހިރު ލީ އެހެއް ޖަހައިލުމަށްފަހު، އަހަރެންގެ ދޮން އަދި އޮމާން ހަންގަނޑުގައި ފުށް ކޮޅެއް ޖެހައިލީމެވެ. އެސްފިޔަތަކުގައި މަސްކަރާ ހާކަިލުމުން އިތުރަށް ދިގު ކަމަށް ދެއްކިއިރު، ތުންފަތުގައި އަހަރެން ޖެއްސި ގަދަ ރަތް ކުލަ ދުރުދުރަށް ފެންނާނެއެވެ.
އަހަރެން އެދުވަހު ރީތިވީ އަހަރެންގެ އަމިއްލަ ހިތްހަމަ ޖެހުމަށް ޓަކައެވެ. އެކަމަކު އެދުވަހު އަކިލް އަހަރެންގެ ގާތު އެހި ސުވާލުގެ ސަބަބުން ރީތިވާ ހިތް ވެސް އަހަރެން ނުވިއެވެ. "މަލަކް ކާކަށް ދައްކަން ތަ ކޮންމެ ދުވަހަކު ތިހާ ރީތިވެގެން އަންނަނީ؟" އަކިލް އަހާލީ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެއެވެ. ވަގުތުން އަހަރެންގެ ދެބުމަ ގޮށްޖެހިގެން ދިއައިރު، "ކޮންމެ މީހަކަށް ދައްކަން އަޔަސް އަކިލް އަކަށް ދައްކާކަށް ނޫން" ގަދަ ކަމުން ހިނިތުންވެލަމުން އަހަރެން ޖަވާބުދިނީ މަލާމާތުގެ ރާގަކަށެވެ.
އޭނާ ހީކުރަނީ އަހަރެން ރީތިވެ އުޅެނީ މީހުނަށް ތުއި ދެއްކޭން ކަމަށް ހެއްޔެވެ؟ މީހުން އަހަރެންނާއި ދިމާލަށް ބެލިޔަސް އޭނާއަށް ކީތް ހެއްޔެވެ؟
އޭގެ ދުވަސް ކޮޅެއްފަހުން އަކިލްއާއި ރައިމާގެ ގުޅުން ނިމުމަކަށް އައި އިރު، އަހަރެންނަށް ވަރަށް ކަމުދާ ފިރިހެން ކުއްޖަކާއި ސުކޫލުން ދިމާވިއެވެ. އޭނާ އޭރު ކިޔަވަނީވެސް އަހަރެންނާއި އެއް ކުލާހެއްގައެވެ.
ހަމުގެ ކުލަ މެދުމިންވަރަކަށް ހުންނަ އިރު، ޒައިކްއަކީ ހިތްކަތިލާފަދަ ރީތި ހިނިތުންވުމަކާއި ބަރު އަޑެއްގެ ވެރިއެކެވެ. ހެޔޮވަރު ވަރެއްގެ އިސްކޮޅަކާއި ފިރިހެންވަންތަ ހަށިގަނޑެކެވެ. ފަން އިސްތަށިކޮޅަކާއި ދެލިކޮޅެއްފަދަ ކަޅު ކަޅިއެކެވެ. އަންހެން ކުދިންގެ ހިތްދަމައިގަންނަ ފަދަ ހުރިހައި ސިފަތަކެއް ޒައިކްއަށް ލިބިގެން ވެއެވެ.
ޒައިކްގެ އުޅުމާއި އަކިލްގެ އުޅުން ހުންނަނީ ގާތްގަނޑަކަށް އެއްގޮތަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އަހަރެންނަށް ޒައިކް ކަމުދާން ފެށީ ކޮންއިރަކު ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އާއިކެވެ. އަހަރެން ޒައިކްއަކަށް އިތުބާރެއް ނުކުރަމެވެ. ދުވަހަކު ނުވެސް ކުރާނަމެވެ. އެކަމަކުވެސް އޭނާގެ ނަން އަހަރެންގެ ހިތުގައި ފެވުނެވެ. އިތުބާރާއި ނުލައި ލޯބިވެވިދާނެ ތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
ޒައިކްއާއި އަހަރެންގެ ދޭތެރޭ އޮތް ގުޅުން އެކުވެރިކަމަށް ވުރެން ފުންވި ނަމަވެސް އަހަރެން އޭނާއަކާއި ރައްޓެއްސެއް ނުވަމެވެ. ދުވަހަކުވެސް އޭނާއަށް އާބަސް ބުނެފައެއް ނޯންނާނެ އެވެ. ނަމަވެސް އެހެން އެންމެންގެ ނަޒަރުގައި އަހަރެންނާއި ޒައިކްއަކީ ލޯބިވެރިންނެވެ. އަހަރެން ޒައިކްއަށް އާބަސް ނުބުނީވެސް އޭނާއަށް އިތުބާރު ނުކުރެވޭތީއެވެ. އޭނާގެ އުޅުން ހުންނަ ގޮތުން އޭނާ މިހާރުވެސް އަހަރެންކަހަލަ އެތައް އަންހެން ކުދިންނެއް ގެންގުޅޭނެކަން އަހަރެންނަށް އިނގެއެވެ. އެކަމަކު އެކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އެކަން ހުއްޓުވުމަށް އަހަރެން އަތަކު ހައްޤެއް ވެސް ނެތް ވިއްޔާއެވެ. ޒައިކް އަހަރެންނާއި ދުރަށް ދިއުމަށް އަހަރެންގެ ހިތް ޤަބޫލު ނުވިއިރު، ޒައިކްއާއި ކައިރިވުމަށް އަހަރެންގެ ހިތް ހުއްދައެއް ވެސް ނުދެއެވެ.
އަހަރެންނާއި ޒައިކްގެ ގުޅުމާއި ބެހޭގޮތުން އިނގުމާއިއެކު އަކިލްގެ މޫނުމަތިން އަހަރެންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އޭނާ ނުރުހުން ފައުޅު ކުރި ނަމަވެސް، އޭނާގެ މަޝްވަރާއެއް އަދި ލަފައެއް ވެސް އަހަރެންނަކަށް މުހިންމެއް ނޫނެވެ. ޝާޔާ ނުރުހުން ވިނަމަވެސް، އޭނާ އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް އެއްބާރުލުން ވެސް ދިނެވެ.
ޒައިކް އާއި އެހެން އަންހެން ކުއްޖެއްގެ ވާހަކަ އަޑު އިވޭ ކޮންމެ ފަހަރަކު ދެރަވި ނަމަވެސް، އަހަރެން ކެތް ކުރީމެވެ. އޮތް ކުޑަ ގުޅުންވެސް ކެނޑި، އަހަރެންނަށް ޒައިކް އަބަދުގެ އަބަދަށް ގެއްލެން ބޭނުން ނުވާތީއެވެ. އެހެން ހުރިހައި ކަމެއް އޮވެ އެ އަހަރު ނިމިގެން ދިއައިރު، އަކިލް އުޅުނީ ޓިއުޝަނުގައި އޭނާ ގައިގޯޅި ވެ އުޅުނު އަންހެން ކުއްޖާއާއި ރައްޓެހިވެގެނެވެ. އެދެމީހުނަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އެހެން ނޫނަސް ލުމާއަކީ އެއްގޮތަކަށް ވެސް އަހަރެންނަށް ކަމުދާ އަންހެން ކުއްޖެއް ނޫނެވެ. އެދެމީހުން އުޅޭ ގޮތް ފެންނަ ކޮންމެ ފަހަރަކު އަހަރެން ގަންނަނީ ފަކުރެވެ. އަދި އެވާހަކަ ތައް އަހަރެން ރައިމާއަށް ކިޔައިދެމެވެ.
އައު އަހަރެއް ފެށިގެން ދިއައިރު، އެކަން އެހެން ވާން ކިތަންމެ ބޭނުން ނުވިޔަސް، އަހަރެންނާއި ޒައިކްއާއި ދޭތެރޭ އޮތް ކުޑަ ގުޅުން ފަނޑުވެގެން ގޮސް ގެއްލުނީއެވެ. ކިތަންމެ ދެރަ ވިޔަސް އަހަރެން ކެތްކުރީމެވެ. ޒައިކްއާއި އެއް ކުލާހެއްގައި އުޅެން ޖެހުނަސް އޭނާއާއި ދިމާލަށް ނުބަަލައި ވޭތޯ މަސައްކަތްކުރީމެވެ. އޭނާއާ ވާހަކަ ނުދައްކައި އެއްވެސް ސަމާލުކަމެއް ނުދީ ހުރެވޭތޯ އުޅުނީމެވެ. ނަމަވެސް އެކަން އަހަރެންނަށް ކާމިޔާބުވީ ކުޑަ ދުވަސްކޮޅަކަށެވެ.
ޓިއުޝަން ބަދަލުވުމާއި އެކު އަކިލްގެ މޫނު އެހާ ގިނައިން ނުފެނުން ވެގެން ދިއައީ އަހަރެންނަށް ބޮޑު ހަމަޖެހުމެއް ލިއްބައިދިން ކަމަކަށެވެ. މަދުމަދުން ދިމާވި ނަމަވެސް، އެއިން ކޮންމެ ފަހަރަކު މަލާމާތާއި ނަފްރަތު ފިޔަވައި އެހެން އެއްވެސް އެއްޗެއް އަކިލްއަކަށް އަހަރެން ނުދެމެވެ.
އެގޮތުގައި ގުރޭޑް ނުވައެއް ވެސް ނިމިގެން ދިއައިރު، އަކިލްގެ އެއްވެސް އުނދަގުލެއް އަހަރެންނަކަށް ނުފޯރައެވެ. ގުރޭޑް ނުވައެއް ނިމި ޗުއްޓީ ވުމާއި އެކު މަންމަ އަދި ބައްޕައާއި އެކު ރަށަށް ގޮސް މަޖާ ކުރުމުގައި އަހަރެން އުޅުނީ އުފަލުގައެވެ.
ރަށުން ފުރަން ދެދުވަހަށް ވެފައި އޮއްވާ ޝާޔާގެ މަންމަގެ ފޯނުކޯލެއް އައެވެ. އެމީހުންގެ ރަށަށް އައިސް ދިނުމަށެވެ. މަންމައާއި ޝާާޔާގެ މަންމަގެ މެދުގައި އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން މަންމަ ވަގުތުން އެއްބަސް ވީއިރު، ޝާޔާއާއި އެކު މަޖާ ޗުއްޓީގެ ދުވަސްކޮޅެއް ހޭދަކޮށްލެވޭނެ ތީ އަހަރެން ވެސް ހުރީ އުފަލުން ފޮޅިފައެވެ.
ގއ. ގެމަނަފުއްޓަށް ދާން ދަތުރު ފެށިއިރު، ދެން ވެގެން ދާނީ ކިހިނެއްކަމެއް އަހަރެނަށް ރޭކާވެސް ނުލައެވެ.
ނުނިމޭ
މަލަކް ގެމަނަފުއްޓަށް ދާއިރު އަކިލް ވެސް ހުންނާނެ ދޯ! މަޖާ ވާނެ އިނގޭ! ތިން ވަނަ ބައި ކިޔާލާ ހިތުން މިހިރީ😂❤️
ހެހެހެ... ބަލަމާ ދޯ! ޝުކުރިއްޔާ❤️
ނެކްސްޓް ކޮން ދުވަހަކު.؟؟؟ ވވވ.ރީތި..😍😘
ޝުކުރިއްޔާ💖
ވަރަށް ރީތި މާޝާﷲ♥️
ޝުކުރިއްޔާ💖