ތިޔަ ލޯބީގައި - 26

ގޮނޑީގައި ހަމަޖެހިލުމާއެކު ޒާއިން ލަމްޔާ އާއި އެކިއެކި ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެއްލިކަޅިއަކުން ހެވިދިލިފައި އެދިމާއަށް އަންނަމުންދިޔަ އަންހެންކުއްޖާ ފެނި ޒާއިންއަށް ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެވުނެވެ. ހާސްވެފައި ގާތުގައިއިން ލަމްޔާއަށް ބަލައިލެވުނުއިރު ކުޑަހިނދުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ދާތިކިތައް ވިދައިބަބުޅަން ފެށިއެވެ.

ކިތަންމެ ދުވަހެއްފަހުން ފެނުނު ނަމަވެސް ޖޫލިއާ އޭނާއަށް ވަކިކުރަން އެނގޭނެއެވެ. އޭނާއަށް އަމާޒުވެފައިވި ޖޫލިއާގެ ނަޒަރުން ޖޫލިއާއަށްވެސް އޭނާއަކީ ކާކުކަން އެނގިއްޖެކަން ޒާއިންއަށް ވިސްނުނެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ސީދާކޮށްލީ އެދިމާއަށް ބަލަން ބޭނުންނުވެގެންނެވެ.

"ހާއި.." ހިނިއައިސްފައި އައިސް އެމޭޒު ކައިރިއަށް ހުއްޓެމުން ތުއިގޮތަކަށް ޖޫލިއާ ބުނެލިއެވެ. ހިންދިރުވައިލި ޒާއިންއަށް ބަލައިލެވުނީ ކަޅިޖަހައިނުލާ ޖޫލިއާއަށް ބަލަހައްޓައިގެން އިން ލަމްޔާ އަށެވެ.

"އޯ ގޯޑް.. ހިއެއްވެސް ނުކުރަން އެފަހުން ދިމާވެދާނެކަމަށް.. އެރޭ ކިހިނެއްތަ ހެދީ؟ އަހަރެން ނުސް ހޭލަނީސް ދިޔައީ ދޯ.. ކީއްވެ؟ އަހަރެން ކަމުނުދަނީތަ؟.. ހާދަ ވަރަކަށް ހޯދީމޭ.. ކިތައްރޭ އެތަނަށްވެސް ދެވުނު ފެނޭތޯ.. ބަޓް އައި ވޯސް ޓޫ އަންލަކީ.. އައި ރިއަލީ މިސްޑް ޔޫ.. ނަންވެސް އެނގޭނަމަ އެއްނު މީހެއްގާތުގަވެސް އެހުނީހީ.. އެކަމު އަދިވެސް ތީނަގެ ނަމެއް ނޭނގެ.. ޕާޓީ ތެރޭއުޅުނު ގިނަ މީހުނަށްވެސް ޔަގީންކޮށް އަހަރެން މިދައްކަނީ ކާކުގެ ވާހަކައެއްކަމެއް ބުނެދޭކަށް ނޭނގުނު.." މޭޒުމަތީގައިއޮތް ޒާއިންގެ އަތުގައި ޖޫލިއާ މަޑުމަޑުން ފިރުމައިލިއެވެ. ވާހަކަދައްކަމުންގޮސް ޖޫލިއާ ހީވަނީ ޒާއިންގެ އުނގަށް އަރައިފާނެހެންނެވެ. ޒާއިން އަތް ދުރަށް ޖައްސައިލިއިރު އެހިތް ނެގިނެގިފައި ޖެހެމުންދިޔައީ ލަމްޔާ ބަލައިންގޮތް ފެނިފައެވެ. ލަމްޔާ އާއި ނަޒަރު ސީދާވެފައި ވީއިރު ބުނާނެ އެއްޗެއް ނުވަތަ ކުރާނެކަމެއްވެސް އެސިކުނޑިއަށް ނުވިސްނޭފަދައެވެ. މާޒީގެ ކަޅު އަނދިރިކަން އޭނާ މިފަދަ ގޮތަކަށް ވަށައިލައިފާނެކަމަކަށް ޒާއިން ހިއެއްނުކުރެއެވެ.

"ކާކު ގޮވައިގެން އައިސްތަ ތިއިނީ؟.. ހަހަ.. އަހަރެން ހީކުރީ މި ޓައިޕް އަންހެންކުދިން ތީނަ އަށް ކަމުނުދާނެކަމަށް.. ބަލާބަލަ ހުރި ވައްތަރު.. ހީވަނީ ފޮތިފޭއްޔަކަށް އެރިގެން.." ޒާއިން އަތްދުރަށް ޖައްސައިލުމާއެކު ޖޫލިއާގެ ނަޒަރު ލަމްޔާއަށް ހުއްޓުނެވެ. އެތަނުގައި ލަމްޔާ އިނުމުން ޒާއިން ކަންތައްކުރިގޮތޭ ހީވޭ ހިތްހަމަނުޖެހިފައި އޭނާ ލަމްޔާއަށް މަލާމާތްކޮށްލަން ބޭނުންވީއެވެ. އެހެނަސް އޭނާގެ ވާހަކަ ފުރިހަމަ ނުވަނީސް ޒާއިން އޭނާގެ ނަމުން ހަރުކަށިކަމާއެކު ގޮވައިލަމުން އިންތަނުން ތެދުވިއެވެ. އެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ހިތްހަމަނުޖެހުމުގެ އަސަރުތައްފެނި ޖޫލިއާ ޖެހިލުންވާގޮތްވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އެއްފަހަރު ޒާއިންއަށް އަދި އަނެއްފަހަރު އިސްޖެހިފައިއިން ލަމްޔާއަށް ޖޫލިއާ ބަލައިލިއެވެ.

"ޚަބަރުދާރު.. ދެން އެންމެ ލަފުޒެއް ތިދުލުން ބޭރުކޮށްލިއަސް އަހަރެން ވަރުގެ ނުބައި މީހެއް ނުހުންނާނެކަން ހަނދާންކުރާތި.. ޝީ އިޒް މައިން.. މައި ވައިފް.. އަހަރެންގެ އަނބިމީހާއޭ ކިޔައިގެން މީހަކު ކުޑަކުޑަ އެއްޗެއް ބުނާއަޑުއަހާކަށްވެސް އަހަރެންނަކަށް ކެތެއް ނުވާނެ.. ކަލެއާ އޭނައާ އަޅައިވެސް ނުކިޔޭނެ.. އިރެއްގަ އަހަރެންނަށް އެކަހަލަ އަންހެނުން ކަމުނުދިއަސް މިހާރު އެފަދަ އަންހެނުންގެ ރީތިކަމާއި ފުރިހަމަކަން އަހަރެންނަށް ވިސްނިއްޖެ.. އަހަރެންމީ ކަލެއާ އެންމެ ފުރަތަމަ ދުވަހު ބައްދަލުވި މީހާއެއްނޫން.. އޭރުގެ އެދިރިއުޅުމަށް އަހަރެން ވަދާއު ކިޔައިފިން.. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ ކަލޭވެސް އަހަރެން ހޯދަން މަސައްކަތް ނުކުރިއްޔާ.. ކަލޭ ބޭނުންވެގެން ތިއުޅޭ ކަންތައް ފުއްދައިދޭނެ ކިތަންމެ މީހުނެއްވެސް ކަލެއަށްވާނެ.. މިހާރު މިތަނުން ދާންއުޅޭ.." ދަތްކުނޑި ވިކައިލަމުން ޒާއިން ހަޅޭލަވައިގަތެވެ. ހަގީގަތުގައި ލަމްޔާއަށް ނިސްބަތްކޮށް ޖޫލިއާކުރި މަލާމާތުން އޭނާގެ ރުޅިގަނޑު ފަޅައިގެންދިޔައީއެވެ. އެއްވެސް މީހަކު ލަމްޔާއަށް ކުޑަވެސް ބަހެއް ބުނާކަށް ޒާއިންގެ ހިތެއް ނުރުހެއެވެ.

ހުއްޓުން އަރައިފައި ޖޫލިއާ ހުރީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. ތުންފިއްތައިލަމުން ޒާއިންގެ މޫނަށް ބަލަން ހުރުމަށްފަހު ލަމްޔާއަށް ބަލައިލަމުން އަވަސް އަވަހަށް އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. އެތަނުގައި މީހުން މަދުކަންވެސް ނަސީބެކޭ ޖޫލިއާގެ ހިތަށް އެރިއެވެ. ޒާއިންފެނި އެތަނަށް ދެވުނު މޮޔައޭ ހީވެފައިހުރެ ޖޫލިއާގޮސް އެތަނުން ނުކުތެވެ.

ޖޫލިއާ ދިޔަތަން ބަލަންހުރި ޒާއިން ދެލޯމަރައިލައި ފުންނޭވާއެއްލަމުން މޫނުގައި އަތްއުނގުޅައިލިއެވެ. އަދި ލަސްލަހުން ގޮނޑީގައި އިނށީންނަމުން ކުށްވެރިއަކު ފަދައިން ލަމްޔާއަށް ބަލައިލިއެވެ. ހަމަހިމޭންކަމާއެކު އޭނާއަށް ބަލަހައްޓައިގެންއިން ލަމްޔާގެ ދެލޮލުން ހިތްދަތިކަން ކުޑަހިނދުކޮޅަކަށް ޒާއިން ދުށްޓެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވުމާއެކު ޒާއިންއަށް އިސްޖަހައިލެވުނެވެ. ކިތަންމެ ފުރިހަމައަށް އެދުވަސް ވޭތުވާން އެދުނެއްކަމަކު އެކަންދެން ނުވާނެކަން ޒާއިންއަށް އެނގެއެވެ. ހިތަށްލިބުނު ވޭނަކުން އިތުރަަށް ލަމްޔާ އާއި ނަޒަރު ސީދާކޮށްލާނެހައި ހިތްވަރެއް ޒާއިންއަކަށް ނުލިބުނެވެ.

"ޒާން.." މަޑުމަޑުން އިވިލި ލަމްޔާގެ އަޑުން ޒާއިން އިސްއުފުލައިލިއެވެ. "އިޓްސް އޯކޭ.." ފަނޑުގޮތަކަށް ހިނިތުންވެލަން ލަމްޔާ މަސައްކަތްކުރިއެވެ.

"ނޫން.. އިޓްސް ނޮޓް.. އައި އެމް ސޮރީ.. އެނގޭ ނުބުންޏަސް ލަމް ތިއިނީ ދެރަވެފަކަން.. އޭނަގެ ވާހަކަ ހުރިގޮތުން އަހަރެން ނުބުންޏަސް ހުރިހައި ކަމެއް ލަމްއަށް ވިސްނިއްޖެކަން އެނގޭ.. އެކަމަކު.. އެއީ.. އެއީ އަހަރެންގެ މާޒީ.. އޭރު.. އެހެން އުޅުނީ ހިތަށް ލިބޭ ހުރިހައި ނުތަނަވަސްކަމަކާއި ކުރެވޭ އެކި ފިކުރުތަކުން ހިނދުކޮޅަކަށްވިއަސް ދުރުވެލާން ބޭނުންވާތީ.. އެހެނަސް މިއަދު އަހަރެންނަށް ވިސްނޭ.. ހަގީގަތުގަ އަހަރެންނަށް އޭރު ޚިޔާރުކުރެވުނީ ރަނގަޅު މަގު ނޫންކަން.." ދުރަށް ނަޒަރު ހުއްޓައިލައިގެން އިނދެ ޒާއިން ވާހަކަދައްކަމުން ދިޔައެވެ.

"އަހަރެންމީ ލަމް ހީކުރިފަދަ މީހެއްނޫން ދޯ.. އަހަރެންގެ އޮތީ ކަޅު އަނދިރި މާޒީއެއް.. ތެދަށް ބުނާނަމަ އަހަރެންފަދަ މީހަކާ ލަމް އެކަށީގެނެއްވެސް ނުވޭ.. އަހަރެންނަށް މާފުކުރޭ ލަމް.." ޒާއިންގެ ވާހަކަތަކުން ނުތަނަވަސްވެފައިވި ލަމްޔާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ހީލަމުން ޒާއިންގެ އަތްމަތީގައި އޭނާގެ އަތްތިލަ ބާވައިލަމުން އެއަތަަށް ކުޑަކޮށް ލަމްޔާ ފިތައިލިއެވެ.

"ތީ އަހަރެން ހީކުރިވަރަށް ވުރެވެސް މާ ރަނގަޅު މީހެއް.. ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެ މީހެއްގެ ހުރިހައި ފާފައެއް އެކަލާނގެ ފުއްސަވާނެ.. ޒާންގެ މާޒީގައި ކުރެވިފައިހުރި ކުށްތަކާއި ފާފަތަކުގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން.. ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެކަން އަހަރެންނަށް ވިސްނޭ.. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫން.. ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވޭނެ.. އެކަމަކު އެކަން ވިސްނި ތައުބާވެއްޖެ މީހަކަށްވުރެ ރަނގަޅު ދެވަނަ މީހަކު ކޮބާ؟ އަހަރެމެންނަށް އޮތީ މާޒީގަ ކުރެވުނު ކަންކަމުން އިބްރަތް ހާސިލްކުރުން.. އަބަދު ފަހަތަށް އެނބުރި މާޒީއަށް ބަލަންވެއްޖެނަމަ އަހަރެމެންގެ ކުރިމަގާއި ކުރިމަތިލާނީ ކިހިނެއް؟" އޯގާތެރިކަމާއެކު ޒާއިންއަށް ވިސްނައިދޭފަދައިން ލަމްޔާ ބުނެލިއެވެ. އެވާހަކަތަށް އަޑުއަހައިފައި ޒާއިންގެ އުއްމީދު އާވެގެން ދިޔައެވެ. ކޮންމެ ކަމެއްގައިވެސް ލަމްޔާ އޭނާއާއި އެކުގައި ހުންނާނެކަން ވިސްނި އުފާވިއެވެ. އެފަދަ އަންބަކު ލިބުނުކަމަށްޓަކައި ޝުކުރުވެރިވިއެވެ. ލޯތްބާއެކު ލަމްޔާގެ އަތްގެނެސް ތުންފަތުގައި ޖައްސައިލަމުން ޒާއިން ބޮސްދިނެވެ. އެއާއެކު ލަމްޔާގެ ލުއި ހީލުމުގެ އަޑު އެތަނަށް ފެތުރިގެންދިޔައެވެ.

*****

އަވިއައިނު ނަގަމުން ހަރުފަތްތައް ގިރާކޮށްލުމަށްފަހު ޝަޔަމް ގޭތެރެއަށް ވަދެގެން އައެވެ. ކާކޮޓަރިން އާފަލެއް ކަމުން ނުކުތް ޖިޔާގެ ލޮލުގައި ޝަޔަމް އަޅަައިގަތުމާއެކު އެދިމާއަށް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.

"ސީރިއަސްލީ ޝަޔަމް.. މިހާރު ހަމަ ހީވަނީ ބޮޑު މާއްޔެއްހެން.. ހަހަ.. އަމިއްލައަށް އަމިއްލަ މީހާ ޖޯކު ހައްދާފަ ތިހުރީ.." ޝަޔަމްގެ ކުރިބައްދަމުން ޖިޔާ މަލާމާތްކޮށްލިއެވެ. ޝަޔަމްގެ ބަދަލާއިމެދުގައި ގޭގެ ދުވަަސްވީ ބައެއް މީހުން އުފާކުރިއިރު އަނެއްބައަކުވަނީ އެކަމާއިމެދުގައި ނުރުހުން ފައުޅުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށްހުރި އެކަކީ ޖިޔާއެވެ.

"އެމީހާގަނޑާ ޖެހުނުފަހުން ޝަޔަމް ހާދަ ބޯރިންގް ވެއްޖޭ ދޯ.. އެހެންނުވާނީ.. ނުހައިކްއަށް ކަމުދާނީ އޭނަ އުޅޭހެންއުޅޭ މީހުނެއްނު.. ދެން ލޯބިވަންޏާ ޖެހޭނީ ފޮތި މާއްޔަކަށްވިއަސް ބަދަލުވާންތާ.." ހިނިގަނޑެއްޖަހައިލަމުން ޖިޔާ ބުނެލިގޮތުން ޝަޔަމްގެ ހިތުގައި ޖެހުނެވެ. އެއީ ހަގީގަތުގައިވެސް އޭނާއާއި އެންމެ ގާތްކޮށްއުޅުނު މީހާބާވައޭ ހިތަށްއެރިއެވެ. ޖިޔާ އެހައިބޮޑަށް ބަދަލުވެދާނެކަމަކަށް ފަހަރެއްގައިވެސް ޝަޔަމް ހިއެއްނުކުރެއެވެ.

"ސްޓޮޕް އިޓް ޖިޔާ.. ކިހިނެއްވެގެންތަ ތިއުޅެނީ..؟ މިއީ އަހަރެންގެ އަމިއްލަ ކަމެއް.. މިގޮތަަށް ހެދުންއަޅައި މިހެން ބަދަލުވީ ނުހައިކް ބުނެގެނެއްނޫން.. އަހަރެންނަށް އަމިއްލައަަށް ވިސްނިގެން.. ހަމަ ކޮންމެ ކަމެއް ނުހައިކްގެ ބޮލުގަ އަޅުވަންޖެހޭތަ؟" ޖިޔާގެ ބަސްމަގު ހުރިގޮތުން ޝަޔަމް ހިތްހަމަނުޖެހޭގޮތްވިއެވެ.

"އަދިވެސް އަހަރެންތަ ކަމެއްވެގެން މިއުޅެނީ؟ އޯ ގޯޑް.. ޝަޔަމްއަަށް ކިހިނެއްތަ ވެގެން ތިއުޅެނީ..؟ އަމިއްލަ ނަފުސަށް ބަލާލާފަ ތިސުވާލުކޮށްބަލަ.." ރުޅިއައިސްފައި ދެފަރާތަށް ބޯހޫރުވައިލަމުން ޖިޔާ އެތަނުން ދިޔައެވެ. އެއާއެކު ފުންނޭވައެއްލަމުން ޝަޔަމް އިސްޖަހައިލިއެވެ. ޖިޔާގެ ފަރާތުން ކުރިމަތިވާ އެފަދަ ބަހުގެ ހަމަލާތަކުން ހަގީގަތުގައިވެސް އޭނާގެ ހިތް ޒަޚަމް ކޮށްލައެވެ. އެންމެ ލޯބިވާ އެންމެ ގާތްކޮށްދެކުނު މީހާގެ ފަރާތުން އެފަދަކަމެއް ކުރިމަތިވުމުން ހިތުގައިނުޖެހޭނީ ކާކު ހެއްޔެވެ؟

ފެންކަޅިވި ނަމަވެސް ކަރުނަތަައް އެތެރެއަށް ހިންދައިލަމުން ޝަޔަމް ކުރިއަށް ހިނގައިގަތެވެ. އެވަގުތު އަތްދަބަސްތެރޭގައި އޮތް ފޯނުގެ ރިންގްގެ އަޑުން ހުރިފިޔަވަޅުމަތީގައި ހުއްޓެމުން ފޯނު ނަގައި ޝަޔަމް ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ ސައިނާގެ ނަންފެނި ހިނދުކޮޅަކަށް އިހުސާސުކުރެވެމުންދިޔަ މާޔޫސްކަންފިލައި ހިތަށް ފިނިކަން ލިބިގެންދިޔައެވެ.

"މަންމާ.." ފޯނު ކަންފަތުގައި ޖަހައިލަމުން އުފާވެލާފައި ޝަޔަމް ގޮވައިލިއެވެ.

"ދަރިފުޅު ކޮންއިރަކުންތަ އެނބުރި އަންނަނީ؟ މިހާރު ކިހާ ދުވަހެއްވެއްޖެ. ދަރިފުޅު އަންނާނެ ދުވަހެއްބަލަން މަންމައަށް ގުޅުނު އަދަދުވެސް މިހާރު ނޭނގެ.." ކަންބޮޑުވެފައި ސައިނާ ބުނެލިއެވެ.

"މަންމަ ހާސްނުވެބަލަ.. އަޅުގަނޑު މިހުރީ ދުރުބައެއްގެ ގާތުގައެއްނޫނެއްނު.. އޮފީހުގެ ކަންތައް ހަމައަކަށް އަޅުވައިލައިފައި އިރާދަކުރެއްވިއްޔާ ދެތިންދުވަސްތެރޭ ފުރާނަން.." ސައިނާ އާއި ވާހަކަދައްކަމުން އައިސް ޝަޔަމް ކޮޓަރިއަށް ވަނެވެ. މާކަ ގިނައިރަކު ވާހަކަދައްކާކަށް ސައިނާ މަޑެއްނުކުރިއެވެ. ޝަޔަމްގެ ވާހަކަތަކަށް އެންމެ ރަނގަޅޭ ބުނެލަމުން އޭނާ ފޯނުކޯލު ކުރުކޮށްލަމުން ފޯނު ބޭއްވިއެވެ.

"މަންމަވެސް ހާދަ ފާޑަކަށޭ އެއުޅެނީ.. އެހެންނާވެސް އަހަރެން ވިޔަފާރި ދަތުރުތަކު އެތައްދުވަހެއް ގައުމުން ބޭރު ހޭދަކުރަން.. އެކަމަކު ދުވަހަކުވެސް މަންމަ މިހެންނެއް ނޫޅޭ.. އަނެއްކާ ކަމެއްވީބާ؟" އެނދުމަތީގައި އިނށީދެލި ޝަޔަމްގެ ހިތަަށް ތަފާތު ޚިޔާލުތަށް ވެރިވަމުންދިޔައެވެ. އެނބުރި ސައިނާ މެންގެ ގާތަަށް ދިއުމަށް އޭނާ ނިންމިއެވެ. އޭގެ ކުރިން އޮފީހުގެ ހުރިހައިކަމެއް ނުހައިކްއާއި ހަވާލުކޮށް ކަންތައްތައް ދާގޮތް އެންގުމަށް ޝަޔަމް ހިތަަށްއެރިއެވެ. އަތުން ނިތްކުރި ކުޑަކޮށް މަސާޖުކޮށްލަމުން ޝަޔަމް ދެލޯމަރައިލިއެވެ. ކުރެވެމުންދިޔަ އެކި ފިކުރުތަކުން އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފައްދައިފިއެވެ.

*****

ޗެކިން ވުމަަށްފަހު އެއަރޕޯޓު ތެރޭ ޝަޔަމް އިންއިރު ގާތުގައިއިން ނުހައިކްގެ މޫނުމަތިން ފައުޅުވަމުންދިޔައީ ހިތާމަވެރިކަމެވެ. އެނބުރި ޝަޔަމް ދާވާހަކަ ބުނީއްސުރެ އޭނާގެ ހިތަށްވަނީ ފާޑެއްގެ ބިރުވެެރިކަމެއް ވެރިވެފައެވެ. ޝަޔަމް ގެއްލިދާނޭ އޭނާއަަށް ހީވާކަހަލައެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ނުހައިކް ފައުޅެއްނުކުރެއެވެ. ޝަޔަމްގެ ހާލަކީވެސް އެއީކަން ވިސްނި އޭނާގެ ސަބަބުން އިތުރަށް ޝަޔަމް ދެރަވެ މާޔޫސްވާން ނުހައިކް ނޭދެއެވެ.

ބޯރޑިންގްއަަށް ގޮވައިލުމާއެކު ނުހައިކްއަށް ބަލައިލަމުން ޝަޔަމް ހިނިތުންވެލިއެވެ. އަދި ދަނީއޭ ބުނެލަމުން އިންތަނުން ތެދުވިއެވެ.

"ޕްލީޒް ބީ ސޭފް.." ޝަޔަމްއާއި އެކުގައި ތެދުވަމުން ނުހައިކްއަށް ކަންބޮޑުވެފައި ބުނެލެވުނެވެ. ބޯޖަހައިލަމުން ހިނިތުންވެފައި އިރުކޮޅަކު ނުހައިކްއަށް ބަލަން ޝަޔަމް ހުއްޓެވެ.

"އަހަރެން ނުހައިކްދެކެ ވަރަށް ލޯބިވޭ.. އަބަދުވެސް އެކަން ހަނދާނުގަ ބަހައްޓައްޗޭ.." ނުހައިކްގެ ލޮލަށް ބަލައިލި ޝަޔަމްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަޑުމަޑުން ތުންފަތް ތުރުތުރު އަޅައިލުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. "އަހަރެންވެސް.." ނުހައިކްއަށްވެސް މަޑުމަޑުން ބުނެލެވުނެވެ. އެކަކު އަނެކަކަށް ބަލަން ހުރުމަަށްފަހު އެންމެފަހުން ޝަޔަމް ނަޒަރު ވަކިކޮށްލިއެވެ. އަދި ވަދާއުގެ ސަލާމް ކުުރަމުން އެތެރަށް ވަންނަން ހިނގައިގެތެވެ. އެވަގުތު ނުހައިކްއަށް އޭނާގެ ހިތް ދޫވެގެންދިޔަފަދަ އިހުސާސެއްކުރެވުނެވެ. އަތުން މޭގައި ފިރުމައިލަމުން ޝަޔަމްގޮސް އޮބާލަންދެން އޭނާ ބަލަންހުއްޓެވެ.

*****

ގޭގެ ބެލް އަޅައިލިއަަޑަށް އެދިމާއަށް ހަލުވިކަމާއެކު ނޯކަރަކު ދިޔައެވެ. ސޯފާގައި ނޫހެއްކިޔަންއިން އަޒްހަރުވެސް އިސްއުފުލައިލަމުން ދޮރާއި ދިމާއަށް ބަލައިލީ ބެލްއެޅީ ކާކުތޯ ބަލައިލުމުގެ ގޮތުންނެވެ. އޭނާގެ ގާތުގައި ޓީވީއިން ދައްކަމުންދިޔަ ރިއަލިޓީ ޝޯ އަކަށް ގެއްލިފައި ސައިނާ އިނެވެ.

ހިނިއައިސްފައި އެތެރަށް ވަދެގެންއައި ޝަޔަމް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަޒްހަރަށް އިންތަނުން ތެދުވެވުނެވެ. ހުއްޓުންއަރައިފައި ކުރިމަތިންފެންނަމުންދިޔަ އޭނާގެ އަންހެންދަރިއަށް ބަލަންހުރިއިރު އެމަންޒަރު ގަބޫލުކުރަންވެސް އޭނާއަށް ދަތިވެފައިވާފަދައެވެ. އަވަސްވަމުންދިޔަ ނޭވާތަކާއެކު ގަދަ ރުޅިއެއް އަޒްހަރު ވަށައިލަމުންދިޔައެވެ. ޓީވީއަަށް ގެއްލިފައިއިން ސައިނާއަަށް މިއިން އެއްވެސް މަންޒަރެއް ނުފެނެއެވެ.

"ޝަޔަމް.." ރުޅިގަނޑު ކޮންޓްރޯލުން ނައްޓައި އަޒްހަރަށް ބާރަަށް ހަޅޭލަވައިގަނެވުނުއިރު އަތުގައިއޮތް ނޫސްވެސް ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒުމައްޗަށް ހޫރައިލެވުނެވެ. އަޒްހަރުގެ ބާރު އަޑުން މުޅިގެ ގުގުމައިގެންދިޔައަޑަށް ސިހިފައި ސައިނާއަށްވެސް އިންތަނުން ތެދުވަމުން ކުރިމައްޗަށް ބަލައިލެވުނެވެ. އެއާއެކު އަނގަމަތީގައި އަތްއަޅައިލަމުން ސައިނާއަށްވެސް ދެލޯބޮޑުކޮށްލެވުނެވެ. ދުވަހަކުވެސް އަޒްހަރުގެ ކިބައިން ރުޅިވެރިކަން ދެކިފައިނުވާ ޝަޔަމްއަށް އަޒްހަރު ގޮވައިލިގޮތުން ބިރުގަނެފައި ފަހަތަަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭރު އެމޫނުމަތިން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އޭނާފެނި އަޒްހަރު އެހައި ރުޅިއަންނަންޖެހުނު ސަބަބެއް ޝަޔަމްއަކަަށް ނުވިސްނުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔަ ޝަޔަމް އަޒްހަރުގެ ނަޒަރުން ޖެހިލުންވެފައިހުރެ ހިންދިރުވައިލިއެވެ.

(ނުނިމޭ)

  Please log in or register to bookmark.
  4k

  3 ޚިޔާލު

  1. މާޝާ.. ﷲ ވަރަށް ވަރަށް ވަރަށް.. ރީތި މިބައިވެސް💖🌈💞❄.. ޖޫލިއާ ދޯ.. އެއީ.. ރީން ހީކުރީ... ޝަޔަމް ކަމަށް😂😂🙂.. އެން ރީން ހީކުރީ.. ލަމް ޒާން ދެކެ ރުޅި.. އަންނާނެކަމަށް.. ޖިޔާއެއް ދޯ... ހުވާ މިބުނީ... ތިއުޅުން .. ދޫކޮށްލަން.. ވެއްޖެއެއްނު..😾😠😲.. އަޒްހަރް.. ރުޅިއައީ.. ޝަޔަމް.. އެގޮތައް.. ހެދުން އަޅާފަ.. ހުރީމަ ދޯ🙂.. ދެން ޝަޔަމް... ރާއްޖެ.. ދާކަށްވެސް.. ހުއްދަ އެއް ނުދޭނެ... ދޯ😟😔🙇.. ސައިނާ.. ވެސް ރުޅި އަންނާނެ.. ކަންނޭނގެ😞 ދެންއިންބަޔަށް އިންތިޒާރު.. ކުރަން🙂💛💚💜.. ލަވްޔޫ..💖😘 އެން ސްޓޭ ސޭފް🙂😀

   13
   • ހެހެ ދޯ.. ތެންކްސް ޑިއަރ.. ލެޓްސް ސީ ދެން އަޒްހަރް އެންޑް ސައިނާ ހަދާ ގޮތެއް ދޯ.. އިންޝާ ﷲ ދެން އިންބައި މާދަން ސަބްމިޓް ކޮށްލާނަން.. ލަވް ޔޫ ޓޫ މައި ޑިއަރ.. ސްޓޭ ސޭފް.. 🥰❤😘

  2. އަޅޭ....ޝަޔަމް އެންޑް ނުހައިކް ގެ ލައިފް ސްޕޮއިލް ކޮށްނުލައްޗޭ...ޕްލީސް...ލަވްޑް އިޓް... ❤️❤️💓💓💓💞💞💞💯💯💯

  ޚިޔާލު

  Your email address will not be published.