މޫދު އަޑިޔަށް ގެނބެމުން ދިޔައިރު ދެންމެ ދެންމެ ހީވަނީ ނޭވާ ހުސްވެދާނެ ހެންނެވެ.
ކުއްލިއަކަށް މީހަކު އޭނަ މައްޗަށް އުފުލާލައިފިއެވެ. ގިނައިރު މޫދު އަޑިއަށް ދެލޯ ހުޅުވައިގެން ބެލުމުން ދެލޮލުން ދިލަނަގަމުންދާތީ ދެލޯ މަރައިގެން ކޮށި އަރަމުން ކަހަލަ ގޮތަކަށް ކެއްސަމުން އަނގައިގައިވާ ފެންތައް އަލައިނާ ބޭރުކުރަން ފެށިއެވެ.
" އާރޔޫ އޯކޭ؟ " ހަމަޖެހިލެވުނު ވަގުތު އަލައިނާއަށް އިވުނީ ފައިޒަންގެ އަޑެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލާފައި ބަލާލިއރު ފެނުނީ ކަންބޮޑުވެފައިވާ ފައިޒަންގެ ދެލޮލެވެ. އަލައިނާގެ ދެއަތް ފައިޒަންގެ ކަރުގައި ވަށާލެވިފައިވާއިރު ފައިޒަންގެ ދެއަތްވަނީ އަލައިނާގެ މެދުހަށީގައި ވަށާލެވިފައެވެ. ހިނދުކޮޅަކަށް ވެދިޔަ ހުރިހާ ކަމެއް ހަނދާނުން ނެތިގެން ދިޔައެވެ. އަލައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއެކު ފެހިކުލައިގެ އަލިގަނޑެއް ފައިޒަންގެ ފަހަތުން ފެނިގެން ދިޔައެވެ.
" ކޮބާ އޭތީ؟ " އަލައިނާއަށް ކަންކަން ހަނދާންވެފައި ދެލޯ ބޮޑުކޮއްލަމުން ފައިޒަންކުރެ އެހިއެވެ. އެއާއެކު ދެވަނަ ފަހަރަށް އަލައިނާ ތެޅިގަތްވަގުތު ފައިޒަންގެ އަތުން ދޫދެވި ނުގެބުނީ ކިރިޔާއެވެ.
" ހަމަޖެހިބަލަ ލީން... ކޯޗެއްތަ ފެނުނީ؟ މިތާކު ނެތޭ އެއްޗެއް... " ފައިޒަން އަލައިނާގެ ގައިގައި ކުރިޔަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. އަލައިނާ ވަގުތުން މޫނު އަޑިޔަށް ގަންބާލިއެވެ. ތެދެކެވެ. އެއްޗެއް ފެންނާކަށް ނެތެވެ. ކުށްހީއެއް ކަމަށްބަލާ ބޯހިއްލާލިއެވެ.
" ހިނގާ އެއްގަމަށް ދާން.. މަށަށް ހީވަނީ ލީން ބަލިވީމައި އިލޫޝަންސް ފެންނަނީހެން... ދޯ؟ " ފައިޒަން އަލައިނާ ފައި ޖެހޭ ހިސާބަށް ގެނެސް ބަހައްޓާލިއެވެ. ހަމަޖެހުމުގެ ނޭވާއަކާއެކު ވަކި އެއްޗެކޭ ނުބުނެ އަލައިނާ އެއްގަމާ ދިމާއަށް ހިނގައިގަތެވެ.
ނަސީބު ދިމާކުރި ގޮތުން ދެން ތިބި މީހުން ވާހަކައިގައި ތިބުމުން ދުރުގައި ތިބި އަލައިނާއާއި ފައިޒަންގެ ހަރަކާތްތަކެއް ނުފެނުނެވެ.
" އަބާން އާދެބަލަ. ބޭބެ އެއްޗެއް ދޭނަން.. " އެއްގަމަށް އެރި ފައިޒާން އަބާންއަށް ގޮވާލިއެވެ. އަޙްމަދު އާއި އެކު ކާން އިން އަބާން ފައިޒަންއަށް ބަލާލި ވަގުތު ފައިޒަންގެ އަތުގައި އޮތް ފުޅި ބުރީގައި އިން ކުޑަ މަހެއް ފެނިފައި އެދެލޯ އުފަލުން ވިދާލިއެވެ. ކެއުން ވެސް ހުއްޓާލާ ދުވެފައި ގޮސް ފައިޒަންގެ ގާތުގައި މަޑުކޮއްލިއެވެ.
" މި ބޭބެ އަބާންއަށް ދޭ ހަދިޔާއެއް.. ރީތި މަހެއް ދޯ؟ އާ... އަދި މިއީ އަބާންގެ ފޭވް ކުލައިގެ މަހެއް ދޯ؟ " އޮރެންޖު ކުލައިގެ އެކުޑަ މަސްލީ ފުޅިބުރި އަބާންއަށް ފައިޒަން ދެމުން ހީލިއެވެ.
" އަވަހަށް ތެންކިޔު ބުނެލާ ދަރިފުޅު.. " ތީބާ އިބާއަށް ކާންދެމުން ހީލިއެވެ.
" ތެންކިޔު ބޭބޭ.... " އަބާން އުފަލުން ފައިޒަންގެ ފައިގައި އޮޅުލައިގަތެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަބާންއާ ފައިޒަންގެ ހަރަކާތްތަކަށެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔަ ނަމަވެސް އަލައިނާގެ މޫނުމަތީގައިވަނި ހާސްކަމުގެ ކުލަވަރުތަކެވެ.
" އަލައިނާ! ކަލޭ ކައިރި ނުބުނެވޭތަ އެމަހާ ނުކުޅޭށޭ!!! އެމަގެންގުޅޭ އެއްޗިއްސޭ!!!! " އަލައިނާގެ ސިކުނޑީގައި ހަރުކަށި އަޑުތައް ގުގުމަމުން ދިޔައެވެ. އަބާން އެމަސްލީ ފުޅިބުރި ހިފައިގެން އޭނަގެ ގާތަށް އަންނަން ފެށުމުން އަލައިނާއަށް ވަގުތުން ހިނގައިގަނެވުނީ ގަސްތަކުގެ ތެރެއަށެވެ. އެހެން މީހުން ފުރަގަސްދީގެން ތިބި ކަމުގައި ވިޔަސް ހާސްވެފައި ހުރި އަލައިނާ ގަސްތަކުގެ ތެރެއަށް ވަތް މަންޒަރު ނުހަނު ރީތިކޮށް ފައިޒަންއަށް ފެނުނެވެ. އެންމެންނާ އަރާ ހަމަކުރަމުން ފައިޒަން ފާހާނާއަކަށް ކަމުގައި ބުނެ ހިނގައިގަތީ އަލައިނާ ދިޔަ ގަސްތަކުގެ ތެރެއަށެވެ.
އަވަސް ފިޔަވަޅުތަކެއް އަޅަމުން ދެކޮޅު ހޯދަމުން ދިޔަ ފައިޒަންގެ ހިތް ނުތަނަވަސްވާން ފެށީ ކައިރި ހިސާބެއްގައި އަލައިނާ ފެންނަން ނެތުމުންނެވެ. އަލައިނާ ހޯދުމަށް އަދިވެސް އިތުރަށް ގަސްތަކުގެ ތެރެއަށް ފައިޒަން ވަން އިރު ރުކެއްގެ ކައިރީގައި އިން އަލައިނާ އިނީ ދެކަކޫ މެޔާ ކައިރިކޮއްލައިގެން ބޮލުގައި ހިފަހައްޓައިގެންނެވެ. މަޑުމަޑުން ތަނަކަށް ތަދުވެގެން ވޭނުގައި އުޅޭ ކަމުގެ އަޑު ފައިޒަންގެ ކަންފަތަށް ފޯރުމާއެކު ބޭއިޙްތިޔާރުގައި އެދިމާއަށް ހިނގައިގަނެވުނެވެ.
" ލީން.. " ފައިޒަން ގޮސް މަޑުކޮއްލީ އަލައިނާއާ ފޫޓެއްހާ ދުރުމިނުގައެވެ. އެހެނަސް އަލައިނާ ބޯހިއްލާކަށް ގަސްތެއް ނުކުރިއެވެ.
" ލީން... އާރޔޫ އޯކޭ؟ " ފައިޒަން އަލައިނާގެ ކައިރިއަށް ޖެހިލައި އުޑަފައިން އިށީނދެލަމުން އަލައިނާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން އަލައިނާ އިސްއުފުލާލިއެވެ. ރަތްވެފައިވާ ދެލޯ ފެނުމާއެކު ފައިޒަންއަށް ވަގުތުން އަލައިނާ މެޔާލައި ބޮނޑިކޮއްލެވުނީއެވެ.
" އިޓްސް އޯކޭ ޓު ކުރައި ލީން.. ލެޓް އިޓް އައުޓް... " ފައިޒަން އަލައިނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެހިސާބުން އަލައިނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ވަގުތުން ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.
އަލައިނާ ހަމަޖެހިލެވުމުން ފައިޒަންއާ ދުރަށް ޖެހިލިއެވެ.
" ޔޫ އޯރކޭ ނައު؟ " ފައިޒަން ކަންބޮޑުވެފައި އަހާލިއެވެ. އަލައިނާ ބޯޖަހާލަމުން ވަކި އެއްޗެކޭ ނުބުނެ ހިނގައިގަތީ ގަސްތަކުން ނިކުންނާށެވެ. ފައިޒަންއަށް ބިންމައްޗަށް ވެއްޓި ގަނެވުނެވެ. އަލައިނާއަށް އެވަނީ ކީއް ހެއްޔެވެ؟
ދަތުރުގެ ދެން އޮތް ބައިވެސް މަޖާކަމާއެކު އެންމެން ބައިވެރިވި އިރު ފައިޒަން އުޅުނީ ދުރުދުރުންނެވެ. ހީވަނީ އެއާއިލާގެ އުފަލުގެ ތެރެޔަށް ވަންނަން ބޭނުން ނުވެގެން އުޅޭ ހެންނެވެ.
ދަތުރު ނިމި އެންމެން ގެޔަށް ގޮސް ފެންވަރާ ހަދައިގެން ނަމާދު ކުރެވޭ މީހުން ނަމާދުކޮއްގެން ބެލީ އަސުރު ވުމުގެ ކުރިން ވަރުބަލި ފިލުވާލެވޭތޯއެވެ. އަލައިނާ އޮތީ އަރީބްއާއި އިބާއާއި އަބާން ގޮވައިގެން އޭނަގެ ކޮޓަރީގައެވެ. ދަތުރަށްފަހު އަލައިނާއާ އިބާއާއި އަބާންގެ ގުޅުން ކުރިޔަށްވުރެ ބޮޑަށް ބަދަހިވުމުން އެދެމިހުން ބޭނުންވީ އަލައިނާގެ ގާތުގައި އޮންނާށެވެ. ކިންގް ސައިޒްގެ ބޮޑު އެނދަކަށްވުމުން އެންމެންނަށް ކިތަންމެހާވެސް ހަމަޖެހިގެން އޮވެވެއެވެ.
---
" ކީއްވެތަ؟ ކީއްވެތަ އަޅެ އަލައިނާދެކެ މިލޯބިވެވުނީ؟ އުފާވެސްވޭ އެކަމަކުވެސް... " ފައިޒަން ކިޔަމުން ދިޔައެވެ.
" އެކަމަކު؟ " ފައިޒަންގެ ގާތުގައި އިން ފައިޒަންއާއެކު ސުކޫލުގައި މަސައްކަތްކުރާ ޓީޗަރެއްކަމަށްވާ ޔޫސުފް އަހާލިއެވެ.
" ލީންގެ ބޭބެމެން ޔަޤީން އަހަރެންނާ ލީން އެހާވަރަށް ގުޅެން ނުރުހުންވާނެކަން.. އަހަރެންމީ ބައްޕަ ނެތް ކުއްޖެއްވިއްޔާ.. އަނެއްކޮޅުން..." ފައިޒަން ފުންނޭވާއެއް ދޫކޮއްލިއެވެ.
" އަލައިނާ ދެކޭ ގޮތެއްވެސް ނޭނގޭ... އަޙްމަދު އަހަރެން މިގެޔަށް ގެނެއްސަވެސް ގެންގުޅުނީ ހަމަ ގޭމީހެއް ގޮތަށް... ހީވަނީ ރުހިދާނެހެން.. އެކަމަކު... އާރްގް!! " ފައިޒަން ބޮލުގެ އިސްތަށިތަކުގައި ހިފާލަމުން އިސްތަށިތަކަށް ބާރުކޮއްލިއެވެ.
" އޯކަމޯން ފައިޒަން... ހަމަޖެހިބަލަ. ތިހާ ހިތްވަރެއް ނެތިއްޔާ ތިކަމެއް ނުވާނެ ބުރޯ... " ޔޫސުފް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. ހަވީރުގެ ވަގުތު ޔޫސުފް އައިސް އިނީ ފައިޒަންގެ ކޮޓަރީގައެވެ. ބަންދު ދުވަހެއްވެއްޖެޔާ ދެމިހުންނަކީ އެކަކު އަނެކެއްގެ ގެޔަށް ގޮސް ސަކަރާތް ނަގާ މީހުންނެވެ. ފުރާވަރުގެ ކުދިންނަށްވެސް އެދެމިހުން ދޫނުކުރާނެއެވެ.
" މަށަށް ފެންނަނީ ކަނބުލޮއަށް ލޯބި ހުށައަޅަން. ތިހެން އަމިއްލަ އަމިއްލައަށް ޝަކުވާކޮށް އިނަކަސް ނުވާނެ.. ތެޔޮނާށި ކާޅު ޖަހައިގެން ހިނގައިދާނެ ބުރޯ... ތިބުނަނީ އެއީ ނުލާހިކު ރީތި މަންޖެއެކޭ.. އަނެއްކާ މިރަށު ކުއްޖެއް ވާހަކަ ތިކިޔަނީ... ދަންނަ މީހެއްގެ ކޮއްކޮއެއް.. " ޔޫސުފް ހިނިގަނޑެއް ޖަހާލިއެވެ.
" ނޭނގެ ދެން... " ފައިޒަން ބޮލުގެ އިސްތަށިތަކުގައި ހިފަހައްޓާލަމުން އިސްތަށިތަކަށް ދަމާލިއެވެ.
" ފައި އާދޭ ސައިބޯން.. ޔޫސުފް ވެސް އާދޭ... ހުސް ކޮފީ ބުޔަކަސް ބަނޑެއް ނުފުރޭނެ " ތީބާ ބޭރުގައި ހުރެފައި ގޮވާލިއެވެ. ދެމިހުން ސައިބުއިމަށް ހިނގައިގަތެވެ.
---
ދަންވަރުގެ ވަގުތެވެ. ފެންބޮވައި ގަނެގެން އަލައިނާއަށް ތެދުވެވުނީ މެންދަމުން ތިނެއް ޖަހަން ގާތްވެފައި ހުއްޓައެވެ. ކައިރީގައި ހުރި ފުޅިން ފެންބޮއެގެން އަލުން އޮށޯންނަން އުޅުނު ވަގުތު ދޮރުފޮތި ނުދަމާ ހުރި ކުޑަ ދޮރަށް ބަލާލިއެވެ. ބޭރުން ރީތިކޮށް ފައިޒަންގެ ކޮޓަރި ފެންނަމުން ދިޔައެވެ.
ކުއްލިއަކަށް އެކޮޓަރި ކުޑަދޮރުން ފެހިކުލައިގެ އައްޔެއް ވެލިއެވެ. އެތެރެ އިނގޭ އެކޮޓަރިތެރޭގައިވާ އަނދިރިކަމުގައި ހަމައެކަނި ފެންނަނީ އަލިގުޅައެއްހެން އެނބުރެމުން ދިޔަ ފެހިކުލައިގެ އަލިގަނޑެވެ. އަލައިނާ ބަލަހައްޓައިގެން ހުއްޓާ އެއަލިގުޅަ ކުއްލިއަކަށް ގެއްލުނީއެވެ. ދެން ފެނުނީ އެއަށްވުރެ ހައިރާންކުރުވަނިވި ކަމެކެވެ. އެލަގުޅަ އިންސާނެއްގެ ސޫރަ ޖެހުނީއެވެ. އެމީހެއް ނޭނގުނެއްކަމަކު އެމީހާ ވަށައިގެން ހައިލައިޓެއްހެން ފެހިކުލަ ދިއްލެމުން ދިޔައެވެ. ހީވަނީ މީހާގެ ސޫރަ ފާޅުވާ ގޮތަށް ހައިލައިޓް ބޮކިތަކެއް ހަރުކޮއްލާފައި ހުރި ހެންނެވެ. ދެން އެއަލިގުޅަ ބަދަލުވީ ބޮޑު މަހެއްގެ ސޫރައަށެވެ.
ހައިރާންވެފައި އަލައިނާ ގުދުވެ އަދިވެސް ބޮޑަށް އޭނަގެ ކޮޓަރި ކުޑަދޮރާ ގާތްވެލާ ފައިޒަން ކޮޓަރި ކުޑަދޮރުން ފެންނަމުން ދިޔަ ފެހި އައްޔަށް ސަމާލުވެލިއެވެ. ކުއްލިއަކަށް ފަރުހަކި ވަހެއް މުޅި ހިސާބުގައި ފެތުރިލައިފިއެވެ. އެވަސް އަލައިނާގެ ކޮޓަރިން ދުވަނީ ކީއްވެބާއޭ ހިތަށް އަރަމުން ވަށައި ކޮޓަރި ހޯދާލިއެވެ. ހާއްސަ އެއްޗެއް ފެންނާކަށް ނެތެވެ. އަލުން ދެވަނަ ފަހަރަށް ފައިޒަންގެ ކޮޓަރި ކުޑަދޮރާ ދިމާއަށް ބަލާލި ވަގުތު ފެނުނު ރަތް ދެލޮލުން އަލައިނާ ދިޔައީ އެއްލިގެންނެވެ.
ސިހިފައި އަލައިނާއަށް ހޭލެވުނީ ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުންނެވެ. އޭރު މުޅި މޫނުމަތީގައިވަނީ ދާތިކިތަކެވެ. އޭސީ ޖައްސާފަ ހުރ އިރުވެސް އެހާ ހޫނުވެއްޖެއެވެ. ކައިރީގައި ހުރި ކުޑަ ގަޑި ބަލާލިއިރު ހެނދުނު ދިހައެއް ޖެހީއެވެ. އޭރު އަރީބްއާއި އިބާއާއި އަބާންއެއް ނެތެވެ. ތާޒާވެލައިގެން ބޭރަށް ނިކުތް އިރު އަޙްމަދުއާއި އަބާން ފިޔަވާ އެންމެންހެން ސިޓިންރޫމުގައި ތިއްބެވެ. އަފްޝާއާއި ތީބާ ހެނދުނުގެ ސައިހަދަމުން ދިޔައިރު އިބްރާހީމް ދަރިން ބަލަން ތިއްބެވެ.
" މޯނިން ލީން... ހާދަ ގިނައިރަކު ނިދާލާފައި ތިތެދުވީ؟ " ކޮޓަރިން ނިކުތް އަޙްމަދު އަލައިނާގެ ކޮނޑުގައި އަތް އަޅުވާލަމުން އަހާލިއެވެ. އަޙްމަދު ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ކަޅު ފަޓުލޫނަކާއި ހުދުގަމީހުގެ މަތިން އަޅާފައިވާ ޓައީގައި އަންހެންކުދިން ހިތް ދަމައިގަންނަ ގޮތެއް ހުއްޓެވެ. ކުރު ފަން ކަޅު އިސްތަށިކޮޅު ވަނީ އެއްއަރިއަކަށް މައްޗަށް ނަގާފައެވެ. އަޙްމަދުގެ ފަހަތުން ތިން އަހަރުގެ އަބާންވެސް ނިކުތެވެ. އަތްކުރު ނޫ ޔުނީފޯމާއި ކަޅު ސޯޓްކޮޅުގައި އަބާން ނުހަނު ލޯތްބެވެ. އަބާންއަކީ އަޙްމަދު ފަދައިން ރީތިކަން ލިބިފައި ކުއްޖެކެވެ.
" ހިހި.. މިރަށަށް އައީމަ މާ އަރާމުގައި ނިދެނީ... " އަލައިނާ އަބާންގެ ކޮލުގައި ހިފާ ލޯބިކޮއްލިއެވެ.
" އަލްހަމްދުލިﷲ އާދޭ ސައިބޯން މިނިމުނީ.... " ތީބާ ކާތަށިތައް މޭޒުމަތީގައި ބަހައްޓާލިއެވެ.
" އަފްޝާ އާދޭ ދާން އަވަހަށް... " އިބްރާހީމް ސިޓިންރޫމްގައި އޮތް ރަގް މަތީގައި އިން އަރީބް އުރާލަމުން ކޮޅަށް ތެދުވިއެވެ.
" ކޮންތާކަށް ދޮންބޭ؟ " އަލައިނާ ކާކޮޓަރިއާ ދިމާއށް ހިނގައިގަންނަމުން އަހާލިއެވެ.
" އެއްކަލަ ދޮންބެގެ ފުރެންޑް އަލީ.. އިއްޔެ މިސްކިތުން އަންނަނިކޮށް ފެނިގެން ބުނީ މިއަދު މެންދުރު މާލެ ދާން ފުރާތި ސައިބޯން އަންނާތިވޯ.. ލީން ދާނަންތަ؟ " އިބްރާހީމް ޖަވާބުދިނެވެ. އަލައިނާ ބޯހޫރުވާލިއެވެ.
" ރަނގަޅަށް ސައިބޮއެގެން ބޭސް ކާތި ލީން... " އަފްޝާ ބޮޑު ބުރުގާ ކުޑަކޮށް ރީތިކޮށްލަމުން އައިސް އަލައިނާގެ ބޮލުގައި ފިރުމާލަމުން ހީލިއެވެ. އަދި އިބްރާހީމްގެ ފަސް ފަހަތުން ބޭރަށް ހިނގައިގަތެވެ. އޭރު އަޙްމަދު އަބާން ގޮވައިގެން ކާމޭޒު ދޮށުގައި އިށީން އިރު އިބާ އިނީ މާކުރިން އޭނަގެ ގޮނޑީގައި އިށީނދެގެންނެވެ.
" މިކޮންކަހަލަ މަސްހުންޏެއް ތޫ؟ " މަސްހުނި އަޅާފައިވާ ބޮޑު ތައްޓަށް ބަލާލަމުން އަލައިނާ އަހާލިއެވެ.
" ކެރެޓް މަސްހުނި. އަދި ނުކަންދޯ ލީން؟ " އަލައިނާ ގޮނޑީގައި އިށީނުމުން ތީބާ ތަށިތައް ގާތްކޮއްދިނެވެ. އަލައިނާ ބޯޖަހާލިއެވެ.
" އަޅެ ރަހަ ބަލާފަ ފާޑު ކިޔާބަލަ... " ތީބާ އިބާއަށް ރޮއްޓާ މަސްހުނި ލަވައިދެމުން ދިޔައެވެ.
" ވަރަށް މީރު ތޫ... ތޫ ހަމަ ވާންވީ ޝެފްއަކަށް. " އަލައިނާ މަސްހުނިކޮށް ރޮއްޓާއެކު ރަހަ ބަލާލަމުން ބޮޑުވާ އިނގިލި މައްޗަށް ހިއްލާލިއެވެ.
" ދޯ؟ އެހެންވީމައޭ މީހުން ބުނަނީ ތޫބެއަށް ޖަވާހިރެކޭ ލިބިފައި މިހުރީ... އަލްހަމްދުލިﷲ " އަޙްމަދު އަވސް އަރުވާލައިގެން ސައިބޮމުން ދިޔައެވެ. ތީބާ ހިނިތުންވެލިއެވެ.
" ސާބަސް އަޙްމަދު.. ތިހާ އަވަސް އަރުވައިގެން ނޫޅުނަސް ވެދާނެ.. ތިހެން އުޅެންޏާ ކޮށި އަރާނީ... އަބާން ދަރިފުޅު ޔުނީފޯމްއަށް ނާޅަ ހުސްކޮއްލައްޗޭ... ބޮޑު ކުއްޖެއްނު ދޯ މިހާރު.. " ތީބާ އަބާންއަށް ބަލާލާފައި ހީލިއެވެ. އަބާން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހިނިތުންވެލިއެވެ.
" ކޮބާ ފައިޒަން މިއަދު؟ " އަލައިނާގެ ނަޒަރު ހުރީ ބޭރަށް ނިކުންނަ ދޮރަށެވެ. ކާކޮޓަރީގައި އިންނައިރު ސިޓިންރޫމާއި އަލައިނާއާއި އަފްޝާމެންގެ ކޮޓަރީގެ އިތުރުން ބޮޑު ދޮރު ނުހަނު ރީތިކޮށް ފެނެއެވެ.
" ހޫމް... މިއަދު ފަތިހު ނަމާދަށް މިސްކިތައް ފައި ނުދާތި ގޮސް ބެލިއިރު ބޮލުގައި ރިއްސާތި އުޅެނީ.. ތީބާ އޭނައަށް ސައިބޯ އެއްޗިއްސާ ބޭސް ގުޅައެއް ގެންދައްޗޭ.. " އަޙްމަދު ސައިތަށިން އެތިފޮދެއް ބޯލިއެވެ.
" ލީން ނިމުނީތަ؟ މިހާ އަވަހަށް؟ ކިތައް ރޮށި ކެއީ؟ " އަލައިނާ އެހާ އަވަހަށް ސައިބޮއެ ނިންމާލުމުން ތީބާ ސުވާލުތައް ފަތިފައްޗަށް އަމުނާލިއެވެ.
" ހޫމް... ތިންރޮށި ކެއީ.. އޭރު އޭލެވެލް ބޮޑު ޓެސްޓް އޮތް އިރު ވަގުތު ނުވާތި އަވަހަށް ކާތި އާދަވީ... " އަލައިނާ ހީލާފައި ތެދުވެ ސިންކުން ތަށިތައް ދޮވެލިއެވެ.
" ތޫ ވެސް އުޅުނީ އޭލެވެލް ކިޔައިރު ތިހާލުގައި... ލީން ދާންވީނުން ބޭސްކައިގެން ފައި އަށް ސައި ހިފައިގެން... ތިހިރަ ނޫކުލައިގެ ކެބިނެޓް ތެރޭގައި އޮއްނާނެ ތަބަކެއްވެސް. ބޭސް ގުޅަ ހުންނާނެ ހަމަ އެތާ.." ތީބާ ކެބިނެޓެއް މަތީގައި ހުރި ހުސްޖޯޑަށް ބަލާލަމުން އަހާލިއެވެ.
" ހޫމް... " ސިންކު ކައިރީގައި ހުރި ކެބިނެޓްގައި އިން ކޮތަޅުން ބޭސް ނަގައި ބޭސް ގުޅައެއް ކާލައި ފެން ފޮދެއް ބޯލަމުން އަލައިނާ ހުސް ޖޯޑަށް ސައި އެޅުމައިގެން އުޅުނެވެ. އަދި ތައްޓަކަށް މަސްހުންޏާއި ހަތަރު ރޮށި ލައި ބޭސް ގުޅައަކާއި ޖޯޑާއި ތަށި ތަބަކަށްލައިގެން ފައިޒަންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އަޙްމަދު އަބާން ގޮވައިގެން ބޭރަށް ދާން އަންނަނީއެވެ.
އަލައިނާ ބޭރަށް ނިކުމެގެން ގޮސް ފައިޒަންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. އެހެނަސް އެތެރެއަކުން އަޑެއް ނީވުނެވެ. އެއްއަތުން ތަބަށް ބާރަށް ހިފަހައްޓާލަމުން އަލައިނާ އެކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައި ކަރާ ހަމަޔަށް ރަޖާ އަޅައިގެން އޮތް ފައިޒަންގެ ދެލޯވަނީ މެރިފައެވެ. އަލައިނާ އެތެރެއަށްވަދެ ދޮރު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ތަބަށް ބަހައްޓަމުން ފައިޒަންއަށް ގޮވުމަށްޓަކައި ހިނގައިގަތެވެ. އުޑަފައިން ފައިޒަންއާ އެއްހަމަޔަކަށް ތިރިވި އަލައިނާއަށް ފައިޒަންގެ އެރީތި މޫނު ފެނުމާއެކު ބަލަހައްޓައިގެން ހުރެވުނީއެވެ.
" ފައި...ޒަން!!! " ކުއްލިއަކަށް ލޯހުޅުވާލި ފައިޒަންގެ ފެހި ދެލޯ ފެނިފައި ސިހިގެން ގޮސް އަލައިނާ ފަހަތަށް ވެއްޓެން ދިޔަ ވަގުތު އަތް ވިއްދާލެވުނު ގޮތަކުން ކަނާއަތުގެ ކުޑަ ހުޅަށް ތަދުވެގެން ދިޔައެވެ. ވަގުތުން ކައްޓެއް ހެރިގެން ތެދުވިހެން ތެދުވި ފައިޒަން އަލައިނާގެ ގާތަށް ޖެހި އޭނަގެ ކަނާއަތުގައި ހިފަހައްޓާލިއެވެ. ދެވަނަ ފަހަރަށް އަލައިނާ ސިހިފައި ފައިޒަންއަށް ބަލާލެވުނު ވަގުތު ހުދު ދެލޯ ފެނުމާއެކު އަލައިނާއަށް ފުންނޭވާއެއް ދޫކޮއްލާ ދެލޯ މަރާލެވުނެވެ. ދެވަނަ ސިކުންތުގައި ލޯހުޅުވާލި އަލައިނާއަށް ފެނުނީ ކަންބޮޑުވެފައިވާ ފައިޒަންގެ މޫނެވެ.
" މިތަނަށްތަ ތަދުވީ؟ " ފައިޒަން އަލައިނާގެ ކަނާއަތުގެ ކުޑަ ހުޅަށް ބަލާލިއެވެ. އެއާއެކު ފައިޒަންގެ އަސްލު ބަރު އަޑުގެ ބަދަލުގައި ހުރި އެއަށްވުރެ ބަރު އަޑު އިވިފައި އަލައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ

ސަޅި ވާހަކައެއް
ތެންކިޔު މަރިޔަމް ♥️♥️😊
ވަރަށް ރީތި މިބައިވެސް!!💞 ކޮންއިރަކުން ދެންއިންބައި!!
ތެންކިޔު ރީން 😊♥️♥️ އިން ޝާ ﷲ ޓުމޯރޯ އަނެއް ބައި އަޕްކޮއްލާނަން
ވަރަށް ރީތީ މި ބައި ވެސް... ކީޕް އިޓް އަޕް އަރޟް..❤️☺️
ތެންކިޔު ފޯ ދަ ސަޕޯޓް އީޟް 🤗♥️♥️
ކުދިންނޭ! އަސްލު ހުުދު ލޮލެއް ނޫން އިނގޭ.. އެތަނުގައި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންނާނީ ގަދަމުށިކުލަ..
އޭ!! އަނެއްކާ ފައިޒަންއަކީ ކައްޑަތްދެވިތަ؟؟؟