ތިޔަ ލޯބީގައި - 25

ފޯނުގެ އެލާމް އަޑަށް ހޭވެރިކަންވެ ޒާއިން އަވަސް އަވަހަށް ލަމްޔާ އާއި ދުރުވެެލިއެވެ. ފަތިސް ނަމާދު ވަގުތުވާން ފަނަރަ މިނެޓަށްވީކަން އެނގި ޒާއިން އިސްޖެހިފައި ހުރި ލަމްޔާއަށް ބަލައިލަމުން އެނިތުގައި ބޮސްދިނެވެ. އަދި މިސްކިތަށް ދަނީކަމަށް ބުނަމުން ހިނގައިގަތެވެ. އޭރު ޒާއިންއަށް ބަލަންހުރި ލަމްޔާގެ ދެލޮލުން ފައުޅުވަމުންދިޔައީ ޒާއިން އާއި މެދުގައި ފަޚުރުވެރިވާފަދަ އަސަރުތަކެކެވެ.

*****

ފާއިތިވެދާންފެށި ދުވަސްތަކާއެކު މަޑުމަޑުން ޝަޔަމް ދިޔައީ މުހުސިނާގެ ވާހަކަތަކާއި އަމަލުތަކަށް ޝައުގުވެރިވަމުންނެވެ. މުހުސިނާގެ ފުށުން ފެންނަ ކަންކަމަށް ޝަޔަމްގެ ހިތްޖެހެމުންދިޔައިރު އޭނާގެ އަމަލުތަކާއި ބަސްތަކުންވެސް އެކަން ފައުޅުވަމުންދިޔައެވެ.

މުހުސިނާ އާއި އެކުގައި ފުރަތަމަ ނަމާދުކުރި ދުވަސްވީ ޝަޔަމްއަށް ތަފާތު އެތައް އިހުސާސެއްކުރެވުނު ދުވަހަކަށެވެ. ހިތަަށް މިއިން ޒަމާނަކު ނުލިބޭފަދަ ހަމަޖެހުމެއް އޭނާއަށް އިހުސާސުކުރެވިގެންދިޔައެވެ. އެދުވަހަށްފަހު ގަވައިދުން ކޮންމެ ނަމާދެއްވެސް ކުރުމަށް ޝަޔަމް އިސްކަންދޭންފެށިއެވެ. އަދި މުހުސިނާ ޤުރުއާން ކިޔަވައި ހަދާއިރު އެއަޑު އަހައި އޭނާގެ އަޑުދަށުން ކިޔަވަން ދަސްކުރަން ޝަޔަމް ފެށިއެވެ. ފުރަތަމަ އެއީ ދަތިކަމަކަށްވީ ނަމަވެސް ދުވަސްތަކާއެކު އެދަތިކަން މަޑުމަޑުން ފިލަން ފެށިއެވެ. އެއާއެކު އޭނާގެ ޚިޔާލަށް އެތައްކަމެއް ވެރިވެގެންދާން ފެށިއެވެ. ހިތަށްވެރިވި އެދުން ފުރިހަމަކުރުމަށްޓަކައި މުހުސިނާ ގޮވައިގެން ޝަޔަމް އެކި ފިހާރަތަކަށް ވިޔަފާރިކުރަން ދިޔައެވެ. ޝަޔަމްގެ އަމަލުތައްވިސްނި މުހުސިނާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ވެރިވެގެންދިޔައެވެ. ފަށްފަށުން ހެއްދެވި ފަރާތަށް އޭނާއަށް ޝުކުރުވެރި ވެވުނެވެ.

"މާމާ.. އަޅުގަނޑު... ރީތިތަ؟ މިގޮތަށް ހެދުން އެޅީމަ އަޅުގަނޑާ ގުޅޭތަ؟" ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް އާޝޯޚުވެފައި ބަލަހައްޓައިގެންހުރި ޝަޔަމް އޭނާގެ ފަހަތުގައި ހުއްޓިހުރި މުހުސިނާގެ ގާތުގައި އަހައިލިއެވެ. ހިނިއައިސްފައިހުރި މުހުސިނާ އަވަސް އަވަހަށް މާމަ ދަރިފުޅުގެ ގާތަށް ޖެހިލަމުން ފަހަތުން އޭނާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.

"މާޝާ ﷲ.. ވަރަށް ވަރަށް ރީތި.. ފުރިހަމަ ހިޖާބުން ހިޖާބުވީމަ އަދި މާމަގެ ދަރިފުޅުގެ ފުރިހަމަކަން މިއެނގުނީ.. އަބަދުވެސް ތިގޮތުގައި ދަރިފުޅު ހުންނައްޗޭ.. ހަނދާނުގަ އަބަދުވެސް ބަހައްޓާތި.. އަންހެނެއްގެ ރީތިކަންވަނީ ތިގޮތުގަކަން.." ޝަޔަމްގެ ބޮލުގައި ފިރުމައިލި މުހުސިނާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. އެފުސްކަމުގެ ތެރޭގައި އޭނާގެ ކުރިމަތީގައި ކަޅު އަބާޔާއަކާއި ކަޅު ކުލައިގެ ޝޯލެއް އަޅައިގެންހުރި ޝަޔަމްއަށް މުހުސިނާ ބަލައިލީ ފަޚުރުވެރިކަމާއެކުއެވެ. ޝަޔަމްއަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރުކުރާ ހާލުއެވެ. އުފަލުންހުރި ޝަޔަމްވެސް މުހުސިނާގެ ގައިގައި ބައްދައިލީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.

ކާރުގައި އިންއިރު ހައިރާންކަމާއެކު އިރުއިރުކޮޅުން އާދިލްއަށް ޝަޔަމްއަށް ބެލެމުންދިޔައީ ދުވަހަކުވެސް ފެނިދާނޭ ހީވެފައިނުވާ މަންޒަރެއް ދެލޯކުރިމަތިން ފެންނަމުން ދިޔުމުންނެވެ. ފަހަތު ސީޓުގައި ފޯނާއިކުޅެންއިން ޝަޔަމްއަށް އާދިލްގެ ބެލުންތައް ފާހަގައެއް ނުވިއެވެ. އެއަށްވުރެ ފޯނުން ކުރަމުންދިޔަ ކަމަކަށް އޭނާގެ ޝައުގުވެރިކަންވަނީ ހުއްޓިފައެވެ.

އޮފީސް ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ދޮރުހުޅުވައިލަމުން ޝަޔަމް ފޭބިއެވެ. އަދި އަތްދަބަސް ރަނގަޅުކޮށްލަމުން ފަރިހިނގުމެއްގައި އައިސް އޮފީހަށް ވަނެވެ.

ޝަޔަމް ފެނުމާއެކު މުޅި އޮފީސް ތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ބަސްހުއްޓި އަނގަ މައްޗަށް ޖަހައިގެން ކޮންމެ މީހަކުވެސް ބަލަމުންދިޔައީ ޝަޔަމްއާއި ދިމާއަށެވެ. އެކަން ފާހަގަ ނުވާކަމަށް ހަދަމުން ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން ޝަޔަމް އައިސް އޭނާގެ ކެބިންއަށް ވަނެވެ. ވަގުތުން އެކަކު އަނެކަކަށް ބަލައިލަމުން ފެނުނު މަންޒަރާމެދު ގަބޫލުނުކުރެވިފައިތިބެ އެންމެން ވާހަކަދައްކަން ފެށިއެވެ.

އަތުކުރީ ގަޑިއަށް ބަލައިލަމުން ނުހައިކް އިން ގޮނޑިން ތެދުވަމުން މޭޒުމަތީގައި އޮތް ފައިލު ނެގުމަށްފަހު ކެބިން އިން ނުކުމެ ޝަޔަމްގެ ކެބިންއާއި ދިމާއަށް ހިނގައިގަތީ އެހައިއިރު ވާއިރު ޝަޔަމް އޮފީހަށް އަންނާނެކަން އެނގިހުރެއެވެ.

މަޑުހިނގުމެއްގައި އައިސް ކެބިންގެ ދޮރުގައި ޓަކިޖަހައިލުމާއެކު އެތެރެއިން ވަންނާށޭ ޝަޔަމް ބުނެލި އަޑު އިވުނެވެ. އެއާއެކު ކަރުގައިއޮތް ޓައީ ރަނގަޅުކޮށްލަމުން ނުހައިކް ދޮރު ހުޅުވައިލިއެވެ.

ކެބިންއަށްވަދެ ޝަޔަމްއަށް ނަޒަރު ހުއްޓައިލިގޮތަށް އެހެން ދިމާއަކަށް ނުހައިކްއަކަށް ބަލައެއްނުލެވުނެވެ. ހުއްޓުން އަރައިފައި އެހުރި ފިޔަވަޅުމަތީގައި އޭނާއަށް ހުރެވުނީ އަޖައިބުވީވަރުންނެވެ.

އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި ނުހައިކް ހުއްޓައި ގޮނޑިން ތެދުވި ޝަޔަމް އައިސް ނުހައިކްގެ ކުރިމަތީގައި ހުއްޓިލަމުން ހިނިތުންވެލިއެެވެ. އެހެނަސް ނުހައިކް ބަލަންހުރިގޮތުން ލަދުގަނެ އޭނާއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ.

"ކިހިނެއް؟ ކޮންއިރަކު؟ އަނެއްކާ.. އަހަރެންނަށް މިފެންނަނީ ހުވަފެނެއްތަ ޝަޔަމް؟" އިސްޖެހިގެންދިޔަ ޝަޔަމްގެ ހިތްގައިމު މޫނަށް ގެއްލިފައިހުރެ ނުހައިކް އަހައިލިއެވެ. ލަސްލަހުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލީ އެކަމާއި ދެކޮޅުހެދުމުގެ ގޮތުންނެވެ.

"ޝަޔަމް ހަގީގަތުގަވެސް ބުރުގާ އެޅީތަ؟" އަދިވެސް އެކަން ގަބޫލުކުރަން ނުހައިކް ހުރީ އުނދަގޫވެފައެވެ. އެފަދަ އެއްވެސް ވާހަކައެއް އޭނާ ގާތުގައި ޝަޔަމް ދައްކައިފައި ނުވާއިރު ކުއްލިއަކަށް އެގޮތަށް ޝަޔަމް ފެނުމުން ނުހައިކްއަށް ލިބުނު ހައިރާންކަން ފިލާގޮތެއްނުވިއެވެ. މިފަހަރުވެސް ނުހައިކްގެ ސުވާލަށް ޝަޔަމް ބޯޖަހައިލުން ފިޔަވާ އިތުރުއެއްޗެއް ނުބުނެއެވެ.

"ކިހިނެއްވީ ކުއްލިއަކަށް..؟" ރަނގަޅަށް ސުވާލު ފުރިހަމަކުރާނެ ގޮތެއް ނުހައިކްއަކަށް ނުވިސްނުނެވެ. އެހެނަސް އެހިތުގައިވީ ކީކޭކަން ޝަޔަމް ދެނެގަތެވެ.

"ކަމުނުދަނީތަ؟" ނުހައިކްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝަޔަމްވެސް ކޮށްލީ ސުވާލެކެވެ.

"ނޫން.. ވަރަށް ރީތި.. މާޝާ ﷲ.. ހަގީގަތުގަ މިވަގުތު ބުނާނެ އެއްވެސް އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.. އެއަށްވުރެ ޝަޔަމް ތިގޮތަށްފެނި އަހަރެންގެ ނަފުސަށް ލިބިގެންދިޔަ ފިނިކަން މާބޮޑު.." ލޯބިވެތި ނަޒަރެއް ޝަޔަމްއަށް ދެމުން ނުހައިކް ބުނެލިއެވެ. ނުހައިކްގެ ވާހަކަތަކަށް ޝަޔަމް ލުއިގޮތަކަށް ހީލިއެވެ. އަދި ގޮނޑިއަށް އިޝާރާތްކޮށްލަމުން އިނށީނަން އައުމަަށް އެދުނެވެ.

އިނށީދެ ހަމަޖެހިލަމުން ޝަޔަމް ނުހައިކްއާއި އޭނާގެ ނަޒަރު ސީދާކޮށްލިއެވެ. އަދި މަޑުމަޑުން އިނދެ އޭނާއަށް އެހުރިހައި ބަދަލެއް އައި ގޮތް ނުހައިކްއަށް ކިޔައިދޭންފެށިއެވެ. ހަގީގަތަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވިޔަސް އޭނާއަށް ދީނާއި ބެހޭ މާބޮޑު އެއްޗެއް ނޭނގޭކަމެވެ. އެހެނީ އޭނާގެ މައިންބަފައިންނަކީ ދުވަހަކުވެސް އެގޮތަށް އުޅުނު ބައެއްގެ ގޮތުގައި ޝަޔަމް ދެކެފައިނުވާތީއެވެ. މާމަގެ ފަރާތުން އެކަންކަން ފެނުނަސް އޭނާ އަކީ ދުވަހަކުވެސް އެފަދަ ކަންކަމާއި މެދުގައި ވިސްނައި ޝައުގުވެރިކަން އުފެދުނު މީހެއްނޫނެވެ. ނަމަވެސް.. ނުހައިކްއާއި ދިމާވިފަހުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. ދުވަހަކުވެސް ނުކުރާނޭ ހީވި އެތައްކަމެއް އޭނާ ވަނީ މިއަދު ކޮށްފައެވެ. ދީނުގެ ކަންކަމަށް ބޮޑަށް ޝައުގު އުފެދުނީ ނުހައިކްއާއި އެކުގައި ހޭދަވީ ދުވަސްތަކުގެ ތެރެއިންނެވެ. ނުހައިކްގެ ފުށުން އަބަދުމެ ފެންނަ ކަންކަމުގެ ސަބަބުންނެވެ. މާމަގެ ގާތުން އެކި އެއްޗެހި އޮޅުންފިލަންފެށި ވަރަކަށް އެހިތުގައިވި ޝައުގު އައީ ބޮޑުވަމުންނެވެ. ނޭނގޭ އެތައްކަމެއް އެމާމަ އޭނާއަށް ދަސްކޮށްދިނެވެ. މިއަދު ހަޔާތުގައި އެފަދަ ބޮޑު ނިންމުމެއް ނިންމައި އެފަދަ ފިޔަވަޅެއް އަޅަން ޝަޔަމްއަށް ހިތްވަރު ލިބުނީވެސް އެމާމަގެ ސަބަބުންނެވެ. ޝަޔަމްގެ ވާހަކަތައް އިވި ނުހައިކްއަށް ހިތާއިހިތުން ހަމްދުކޮށްލެވުނެވެ. އެހިތުގައި ޝަޔަމްގެ މައްޗަށްވި ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަބަދުމެ އެގޮތުގައި ޝަޔަމް ލެއްވުންއެދި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. ލޯތްބާއެކު ޝަޔަމްއަށް ބަލަން އިނދެ އެވާހަކަތައް އަޑުއަހަމުން ދިޔައިރު އުފަލުންގޮސް އޭނާގެ ދެލޯވެސް ވިދަމުންދިޔަ ކަހަލައެވެ. އެހިނދުކޮޅު ދެހިތުގައިވި އިހުސާސުތައް ފުންވެގެންދިޔަކަން ގައިމެވެ.

*****

ފެންވަރައިލައިގެން އިސްތަށިގަނޑު ހިއްކަމުން ނުކުތް ލަމްޔާއަށް ޒާއިންގެ ނަޒަރު ދަތުރުކޮށްލިއެވެ. އަތުގައި އޮތް ފޯނު އެނދުމަތީގައި ބާއްވަމުން ލަމްޔާގެ ކޮންމެ ހަރަކާތަކަށް ބަލަންއިން ޒާއިންގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލަކުން އޭނާއަށް ހިނިތުންވެލެވުނެވެ.

ތުވާލި ހިފައިގެން އިސްތަށިގަނޑު ހިއްކަމުންދިޔަ ލަމްޔާއަށްވެސް އިރުއިރުކޮޅާ ޒާއިންއަށް ބަލައިލެވެއެވެ. ދެމީހުންގެ ނަޒަރު ސީދާވެލާ ވަގުތުތަކުގައި ލުއި ހިނިތުންވުމެއް ދެމެދުގައި ބަދަލުކޮށްލައެވެ. ޒާއިންގެ ބެލުމުގައިވީ ކީކޭކަން ނުވިސްނި ލަމްޔާ ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައިހުރި ކުޑަ ގޮނޑީގައި އިނށީދެ ތައްޔާރުވާން ފެށިއެވެ. އެވަގުތު ލޯގަނޑުން އެނދުގައި އިން ޒާއިން ތެދުވަމުން އޭނާއާއި ދިމާއަށް އަންނަތަންފެނި ލަމްޔާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ކުދި ފިޔަވަޅުތަކެއް އަޅަމުން ޒާއިން އައިސް ހުއްޓިލީ ލަމްޔާގެ ފަހަތަށެވެ. ލޯގަނޑުން ފެންނަމުންދިޔަ އެކެއް އަނެކެއްގެ ސޫރައަށް ގެއްލިފައި ދެމީހުން ތިބިއިރު ދެމެދުގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަން ނަގައިލާކަށް އެކަކުވެސް މަސައްކަތެއް ނުކުރެއެވެ. ޒާއިން ބަލަންހުރި ގޮތުން ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވައިލާނެ ހިތްވަރެއްވެސް ލަމްޔާއަކަށް ނުލިބުނެވެ. ލަދުވެތި އިހުސާސުތަކެއް ކުރެވެމުންދިޔައިރު އަމާޒުވެފައިވި އެނަޒަރާ އޭނާގެ ނަޒަރު ވަކިކޮށްލާކަށްވެސް ނުކެރުނެވެ. ޖެހި އެތިގަނޑެއްހެން އެއްވެސް ހަރަކާތެއް ކޮށްނުލައި އޭނާ އިނީއެވެ.

"ލަމް... ތައްޔާރުވެސް ނުވަންތަ ތިއިންނަނީ؟" އިރުގަނޑެއްގެ ހިމޭންކަމަށްފަހު ޒާއިން ވާހަކަދެއްކިއެވެ. އެއަޑު އިވިފައި އިސްޖަހައިލި ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ.

"ހިނގާބަލަ ތައްޔާރުވެލައިގެން އަހަރެންނާއެކު ބޭރަށްދާން.." ތެތްކޮށްއޮތް ލަމްޔާގެ އިސްތަށިގަނޑާއި އަތުން ކުޅެލަމުން ޒާއިން އެދުނެވެ.

"ކޮންތާކަށް؟" އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުންދިޔަ ލަމްޔާ މަޑުމަޑުން އަހައިލިއެވެ.

"ކޮންމެވެސް ތަނަކަށް.. އަވަހަށް ރެޑީވޭ.. އަހަރެންވެސް އަންނާނަން ފްރެޝްވެލައިގެން.." ލަމްޔާގެ ބޮލުގައި ފިރުމައިލަމުން ޒާއިން ގޮސް ހަރުގައިއޮތް އޭނާގެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމްޔާއަށް ލެވުނީ ދެނެވެ. ޒާއިން އޭނާއާއި ގާތްވެލާ ކޮންމެ ވަގުތެއްގައި އެވާގޮތެއް ބުނެދޭކަށް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ހިނިތުންވެލި ލަމްޔާ ހަރަކާތްތައް އަވަސްކޮށްލަމުން ތައްޔާރުވާންފެށިއެވެ.

ސިޑިން އެކުގައި ފައިބައިގެންއައި ލަމްޔާ އާއި ޒާއިން އަށް ތޮއިބާގެ ނަޒަރު ހުއްޓުނެވެ. ޓީވީގެ އަޑު މަޑުކޮށްލަމުން ތޮއިބާ އެދެމީހުނަށް އޭނާގެ ސަމާލުކަން ހުއްޓައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނާއަށް އިސްޖަހައިލެވުނީއެވެ. އަދިވެސް އޭނާގެ ނަފުސަށް ކުރެވެމުންދިޔަ ކުށްވެރި އިހުސާސުތައް ފިލާގޮތެއް ނުވެއެވެ. ލަމްޔާ ފެންނަ ކޮންމެ ފަހަރަކު ތޮއިބާގެ ހިތް ރޯލައެވެ. ދެން މާ ގިނަ ދުވަހެއްނުވެ ލަމްޔާވެސް އެގެއިން ހިނގައިދާނޭ އޭނާއަށް ހީވަނީއެވެ. ލިބުނު ކުޑަކުޑަ އުފާވެސް ގެއްލިދާނެތީ ބިރުގަނެފައިވާ މީހެކޭ ތޮއިބާއެކޭ އެއްފަދައެވެ.

"މަންމާ.. ލަމް ގޮވައިގެން ބޭރަށްދާން މިދަނީ.." ތޮއިބާގެ ގާތުގައި މަޑުކޮށްލަމުން ޒާއިން ބުނެލިގޮތުން އޭނާއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. އެފަދަ މަޑުމައިތިރި ގޮތަކަށް ޒާއިން އޭނާއާއި އެންމެ ފަހުން ވާހަކަދެއްކީ ކޮންދުވަހަކު ކަމެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ. ނުވިތާކަށް ޒާއިން އަކީ ދުވަހަކުވެސް ބޭރަށް ދިއުމުގެ ކުރިން އޭނާގެ ގާތުގައި ބުނެހަދާ މީހަކަށް ނުވާއިރު ކުއްލިއަކަށް އެހެން ކަންތައްކުރުމުން ތޮއިބާ އިނީ ސުވާލުއުފެދިފައެވެ.

"ކޮންތާކަށް؟" ސިކުނޑީގައި އެނބުރެމުންދިޔަ އެކި ޚިޔާކުތައް އެއްފަރާތްކޮށްލަމުން ލަމްޔާ އާއި ޒާއިންއަށް ތޮއިބާ ބަލައިލިއެވެ.

"ވަކި ތަނަކަށް ނޫން.. މަންމަ ހާސްނުވެބަލަ.. އަހަރެން ހުއްޓަ ލަމްއަށް ކަމެއްވިޔަ ނުދޭނަން.. އަހަރެންވެސް އަހަރެންގެ އަނބިމީހާ ރައްކާތެރިކުރާނު.." ތޮއިބާގެ މޫނުމަތީގައިވި އަސަރުތަކުން އޭނާ އެއިނީ ކަންބޮޑުވެފައިހެން ހީވެ ޒާއިން ބުނެލިއެވެ. ޒާއިންގެ ބަސްމަގު ހުރިގޮތުން ގަބޫލުނުކުރެވިފައި ތޮއިބާއަށް އިނދެވުނީއެވެ. ބުނާނެ ވަކި އެއްޗެއް އެވަގުތު ވިސްނައިގަންނާކަށް ތޮއިބާއަަކަށް ނޭނގުނެވެ. އެހެންކަމުން އިތުރުވާހަކަތަކެއް ދެއްކުމެއްނެތި އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އެހެނަސް އެމޫނުމަތީގައިވި ކަންބޮޑުވުން ފިލާގޮތެއްނުވިއެވެ. އެދެމީހުން ނުކުމެގެން ދިޔައިރުވެސް ބަލަހައްޓައިގެން ތޮއިބާއަށް އިނދެވުނީއެވެ. ކުޑަ ހިނދުކޮޅަކަށް ސިކުނޑީގެ ހިނގުންވެސް މަޑުޖެހިފައިވާކަހަލަ އިހުސާސުތަކެއް އޭނާއަށް ކުރެވެމުން ދިޔައެވެ.

ލަމްޔާ އެރުމަށްޓަކައި ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ޒާއިން ހުޅުވައިދިނެވެ. އަމިއްލަ އުސޫލުތަކުން ބޭރުވެ އޭނާގެ އަނބިމީހާއަށްޓަކައި ޒާއިން ގުރުބާންވަމުން ދިޔަފަދައެވެ. ލޯތްބާއި ކުލުނާއެކު ކޮންމެ ކަމެއް ލަމްޔާއަށް ކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައި ޒާއިންގެ މުޅި ހިތާއި ރޫހުވެސް އެއްބަސްވެއެވެ.

ކާރު ދުއްވައިލަމުން ގާތުގައިއިން ލަމްޔާއަށް ޒާއިން ލޯބިވެތިގޮތަކަށް ބަލައިލިއެވެ. ދަނބު ކުލައިގެ އަބާޔާއާއި ލަމްޔާ އާއި ނުހަނު ގުޅެއެވެ. ހިތުން ލަމްޔާއަަށް އެތައް ތައުރީފެއް ކުރެވެމުންދިޔައިރު އެބަސްތައް ދުލާއި ހަމައަށް ގެނައުންވީ ދަތިކަމަކަށެވެ.

ކާރުގެ ދުވެލި މަަޑުވިހެން ހީވެ ލަމްޔާ އިސްއުފުލައިލިއެވެ. އެއާއެކު ޒާއިން ކާރު ޕާރކް ކޮށްލަމުން ފައިބައިގެން އައިސް ލަމްޔާ ފޭބުމަށް އެހީތެރިވެދިނެވެ.

"ކޮންތާކަށް މިއައީ..؟" ކާރުން ފައިބައި ވަށައިގެން ނަޒަރު ހިންގައިލި ލަމްޔާ އަހައިލިއެވެ. "ދިޔައީމަ އެނގޭނު.." ލަމްޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން މަގު ހުރަސްކުރުމަށްޓަކައި ހިނގައިގަތް ޒާއިންގެ ފުށުން ފެންނަނީ ހަމަޖެހުމެވެ. ޒާއިންގެ އެއަމަލުން ސިހުނެއްކަމަކު އެއްޗެއް ބުނާކަށް ލަމްޔާއަކަށް ނުކެރުނެވެ. މެންދުރުގެ އެގަދަ އަވީގައި މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުން ފުދޭވަރަކަށް މަދެވެ.

ދެފަރާތަށް ބަލައިލަމުން ލަމްޔާގެ އަތުގައި ހިފައިގެން އައިސް ޒާއިން މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަަށެވެ. ސުވާލު އުފެދިފައި ލަމްޔާ ޒާއިންއަށް ބަލަައިލިއެވެ.

"ކިހިނެއްވީ؟ އަހަރެންގެ އަނބިމީހާ ގޮވައިގެން އަހަރެންނަށް ލަންޗް ޑޭޓަކަށްވެސް ނާދެވޭނެތަ؟" ހިނިއައިސްފައި ލަމްޔާއަށް ބަލައިލަމުން އެދެލޮލުން ފައުޅުވަމުންދިޔަ ސުވާލަށް ޒާއިން ޖަވާބުދިނެވެ.

"ނޫން.. އެހެން ނުބުނަމެއްނު.." ޒާއިންގެ އަތަށް ލަމްޔާ ފިތައިލިއެވެ. ލަމްޔާގެ ޖަވާބާމެދުގައި ހިތްހަމަޖެހިފައިހުރެ އެއަތަށް ބާރުކޮށްލަމުން ޒާއިން ރެސްޓޯރެންޓްގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ދޮށުގައި ލަމްޔާ ގޮވައިގެން އައިސް ޒާއިން އިނށީދެ ހަމަޖެހިލިއެވެ. އަދި ވެއިޓރ އެއް އައުމުން ދެމީހުނަށްވެސް ގެންނަންވީ ތަކެއްޗަށް ޒާއިން އޯޑަރ ދިނެވެ.

ގޮނޑީގައި ހަމަޖެހިލުމާއެކު ޒާއިން ލަމްޔާ އާއި އެކިއެކި ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެއްލިކަޅިއަކުން ހެވިދިލިފައި އެދިމާއަށް އަންނަމުންދިޔަ އަންހެންކުއްޖާ ފެނި ޒާއިންއަށް ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެވުނެވެ. ހާސްވެފައި ގާތުގައިއިން ލަމްޔާއަށް ބަލައިލެވުނުއިރު ކުޑަހިނދުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ދާތިކިތައް ވިދައިބަބުޅަން ފެށިއެވެ.

(ނުނިމޭ)

  Please log in or register to bookmark.
  4k

  16 ޚިޔާލު

  1. އަބް ކަބާބްމެ ހައްޑީ ބަންނޭ ކޯން އާގަޔާ؟

  2. ކޮއިރަކު އަނެއް ބައި ސިސް ވަރަށް ރީތި މިބައިވެސް މާދަން ދޯ އަނެއް ބައި ސިސް ލަވް ޔޫ

  3. މާޝާ ﷲ... ވަރަށް ވަރަށް ރީތި💜🌈💯❄... ވަރަށް ބޮޑަށް ސޮރީ އިނގޭ ލަހުން.. ކޮމެންޓް ކުރެވުނީމަ😔 އަނެއްކާ ކާކުބާ އެއީ..؟؟ ޝަޔަމް ކަންނޭނގެ.😎😜.. ދެންއިންބަޔަށް އިންތިޒާރުކުރަން!!!... ލަވް.. ޔޫ ❤💜💚.. ސްޓޭ ސޭފް😷

  4. ނެކްސްޓް ޕާރޓު އަޕްކުރާނެ ޑޭޓެއް ލިޔެލަބަލަ މި ވާހަކަ ކިޔާހިތުން އަބަދު ބެލެނީ

  ޚިޔާލު

  Your email address will not be published.