މީހުން ބުނާތީ އަޑު އަހަމެވެ. އިތުބާރަކީ ކޮންމެ
ގުޅުމެއްގެ ވެސް މައި ތަނބެވެ. ހޯދަން އެހައި އުނދަގޫވެފައި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބީވެގެން ވެސް ހިނގައިދާނެ ފަދަ ނާޒުކު އެއްޗެކެވެ. ކުރިން ޤަބޫލު ނުކުރިއަސް މިއީ ތެދެއްކަން އަހަރެންނަށް ވިސްނުނީ އެފަދަ ގުޅުމަކާ ކުރިމަތި ލާންޖެހުމުންނެވެ. އެފަދަ ހާލަތެއް އަހަރެންގެ ދިރިއުޅުމުގެ ދޮރުފަތުގައި ޓަކި ދިނުމުންނެވެ.
އެ ގުޅުމަށް ދޭނެ ނަމެއް ވެސް އޭރު އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އިތުބާރުގެ މުހިންމުކަން އަހަރެންނަށް ވިސްނުނީ އަކިލް އާއި ދިމާވުމުންނެވެ.
އަހަރެންނަކީ އާއިލާގައި ހުރި ހަމައެކަނި އަދި އެންމެ ކުޑަ އަންހެން ކުއްޖާއެވެ. ޤުދުރަތުން ލިބިފައިވާ ރީތިކަމަކީ އެއް އިރަކު ވެސް އެކަމަކަށް އަހަރެން ކިބުރުވެރިވެ އުޅުނު ކަމެއް ނޫނެވެ. ބައެއްފަހަރު ފޫހި ވެސް ވެއެވެ. އެ ރީތި ކަމުގެ ސަބަބުން އަހަރެންގެ ފިޔަތައް ކޮށި، ކޮށްޓެއްގައި ބަންދު ވެފައިވާ ފަދަ އިހުސާސެއް ކުރެވޭތީއެވެ. އަހަރެންނަށް އެހެން ކުދިންނަށް ލިބޭފަދަ ކުޑަ މިނިވަންކަމެއް ވެސް ނުލިބެނީ އެ ރީތި ކަމުގެ ސަބަބުން ކަމަށް ވީތީއެވެ.
އަކިލް އަހަރެންނަށް ވުރެން ބޮޑު ވާނީ ގާތް ގަނޑަކަށް އަހަރެއް ހައި ދުވަހެވެ. އޭނާއަކީ ރީތި ފިރިހެނެކެވެ. އޭނާގެ އެ ރީތިކަމަށް އަންހެން ކުދިން މަރުދިން އިރުވެސް، އަހަރެންނަކަށް އޭނާ ކަމަކު ނުދެއެވެ. އޭނާ ހުތުރު ނޫނަސް، އޭނާގެ ފިރިހެންވަންތަ ކަމާއި ރީތިކަން އަހަރެންގެ ހިތާ ކުޅެލުމުގައި ނާކާމިޔާބު ވީ އޭނާގެ އުޅުން ހުންނަ ގޮތުގެ ސަބަބުންނެވެ.
ފުރަތަމަ އަހަރެންނާއި އޭނާ ދިމާވީ ދުވަސް ވެސް މިހާރަކު ހަނދާނެއް ނެތެވެ. ނަމަވެސް އެއީ އަހަރެން ގުރޭޑު ހަތެއްގައި ކިޔަވަމުން ދިޔަ އަހަރެވެ. އަކިލް ވީ އަހަރެންނަށް ލިބުނު ވަރަށް ގާތް އެކުވެރިއެއްގެ ތިމާގެ ކުއްޖަކަށެވެ. ބޭބެ އަކަށެވެ. އެގެއަށް މަދު މަދުން ގޮސް ހަދާއިރުވެސް އަހަރެން އޭނާ އަކަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ. ކުޑަ މިނުން އޭނާ ހުންނަ ދިމާލަކަށް ބަލައި ވެސް ނުލަމެވެ. ވާ ފޫއްސެއްގެ ބޮޑު ކަމުންނެވެ. އޭނާގެ ގޮތާއި އުޅުން އަހަރެންނަށް އޮޅިފައި ނުވާތީއެވެ. އޭނާގެ ވާހަކައަކީ މުޅި އަތޮޅާއި ރަށަށް ވެސް މަޝްހޫރު ވާހަކައަކަށް ވީތީއެވެ.
އަކިލް އަކީ ލާ އަންނައުނު ހެން އަންހެން ކުދިން ބަދަލުކުރާ މީހެކެވެ. އެއްފަހަރާ އެތަކެއް ކުދިންނަކައި ގުޅުން ބާއްވައި ރައްޓެހި ވާއިރު، މީހުންގެ އިޙުސާސްތަކާއި ކުޅެގެން އޭނާއަށް ލިބެނީ ކޮން ފައިދާއެއް ބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ އެތައް ރައްޓެހިންނަކާއި އަދި، އަހަރެން ދަންނަ އެތައް ބަޔަކާއި އޭނާ ގުޅުން ބާއްވައި އެކުދިންނަށް ލަނޑުދީ ބޭވަފާތެރިވުން ވެގެން ދިއައީ އަހަރެން އޭނާ ދެކެ ވާ ފޫހި އިތުރުވި ސަބަބަކަށެވެ.
އޭނާ އަބަދުވެސް އަހަރެން ވާހަކަ ދައްކައި ތޯއުޅޭނެވެ. ތަނަކުން ފެނިއްޖެ ނަމަ ބުޅާ މަސްގަނޑަކަށް ބަލާހެން ކަޅިޖަހައި ނުލައި ބަލަން ހުންނާނެއެވެ. ބައެއްފަހަރު އޭނާގެ ދެލޯ ނަގައި ފަސްއޮށް ކުޅެލައި ފާނަމޭ ވެސް ހިތަށް އަރައެވެ. އެތައް ފަހަރަކު އޭނާގެ ކުރިމަތީގަޔާއި، އޭނާގެ ކޮއްކޮ ކަމަށް ވާ އަހަރެންގެ އެކުވެރިޔާ ޝާޔާގެ ކައިރީގަޔާއި، އަހަރެންގެ އެހެން އެކުވެރިންގެ ކުރިމަތީގައި ވެސް އަހަރެން އޭނާއާއި ދިމާލަށް އެއްޗެހި ކިޔައި ހަދަމެވެ. ވާ ފޫއްސެއްގެ ބޮޑުކަމުން އެއްޗެކޭ ނުކިޔައި ވެސް ނުހުރެވެނީއެވެ.
މީހެއް ނުހުންނަ ތަނެއްގައި އެމީހެއްގެ ނުރަނގަޅު ވާހަކަ ދެއްކުމަކީ ގޯސް ކަމެއް ކަން އަހަރެންނަށް ވެސް އިނގެއެވެ. ނަމަވެސް އަކިލް އޭ ބުނާ އިރަށް އަހަރެންގެ ހަށިގަނޑުގެ ލޭ ކެކިގެން ދާ ގޮތެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އަހަރެން އޭނާ ދެކެ އަރާ ރުޅި ފެނިފައި އަހަރެންގެ ބައެއް އެކުވެރިން ބުނާނެއެވެ. "ތިހެން އުޅެނިކޮށް މަލަކް ޖެހިދާނެ އަކިލް އާ އިންނަން" އެމީހުން އެހެން ބުނާ ކޮންމެ ފަހަރަކު އައްޗީޑިއޭ ބުނެ އެއިން ކޮންމެ މީހެއްގެ ކޮނޑުގައި އަހަރެންނަށް ބޮނޑިއެެއް އަޅައިލެވެނީ އިޙްތިޔާރަކާއި ނުލައެވެ. އަދި ދުނިޔޭން ފިރިހެނުން ހުސްވިޔަސް މި މަލަކް ފާއިޒެއް އެ އަހްމަދް އަކިލް އާހިމް އަކާ ނީންނާނަމޭ އަހަރެން ބުނަމެވެ.
އަހަރެން އަކިލް އާއި ދިމާލަށް އެއްޗެހި ކިޔައި ހަދާ ކޮންމެ ފަހަރަކު ޝާޔާގެ ކަމަކީ ހުނުމެވެ. އެއީ ތެދުކަން އޭނާއަށް ވެސް އިނގޭވިއްޔާއެވެ. އަކިލްއަށް ވިސްނައިދޭން އެތައް ބަޔަކު މަސައްކަތް ކުރި ނަމަވެސް މީހެއްގެ ނަސޭހަތެއް އަޑުއެހުމަކީ އޭނާ ކުރާކަމެއް ނޫނެވެ.
އަކިލް ދެކެ އަހަރެން ވަމުން އައި ފޫހި ނަފްރަތަށް ބަދަލުވެގެން ދިއައީ އަކިލް އަހަރެންގެ ގާތް އެކުވެރިޔެއް ކަމުގައިވާ ރައިމާ އާއި ރައްޓެހިވީކަން އަހަރެންނަށް އިނގުނު ހިސާބުންނެވެ. ރައިމާއަކީ އަހަރެންގެ އިތުރުން ޝާޔާގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. ފުރަތަމަވެސް އެ ގުޅުމަށް އަހަރެންގެ ފަރާތުން ރައިމާއަށް ފެންނާނީ ނުރުހުމެވެ. އޭނާ ދެރަ ވާނެކަން ވެސް އަހަރެން ދެނެހުރީމެވެ. ނަމަވެސް އަހަރެން އެހެން ކަންތައް ކުރީ ރައިމާއަށް ދެރައެއް ލިބެން އަހަރެން ނޭދޭ ތީއެވެ. ޝާޔާގެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ރައިމާއާއި އަކިލްގެ ގުޅުމާއި ބެހޭގޮތުން އޭނާ އެއްޗެކޭ ބުނި އަޑެއް އަހަރެން ނާހަމެވެ.
ނަމަވެސް އަކިލްގެ އުޅުމާއި އޭނާ ކޮށްފައި ހުރި ނުރަނގަޅު ކަންތައް އެންމެ ރަނގަޅަށ އިނގޭނީ ވެސް ޝާޔާ އަށެވެ. އަކިލް އާއި ޝާޔާއަކީ، ބޭބެ ކޮށްކޮއަށް ވުމުގެ އިތުރުން ރަޙްމަތްތެރިން ކަންވެސް އަހަރެންނަށް އިނގެއެވެ.
ރައިމާއާއި އަކިލްގެ ގުޅުން ކުރިއަރަމުން ދިއައިރު، ރައިމާގެ ހިތުގައި އަކިލްއާއި މެދު ވަރުގަދަ އިހުސާސްތަކެއް ހެދި ފޯދެމުން އައިކަން އަހަރަންނަށް ނަގައިގަނެވުނެވެ. ފަހުން އަކިލްއާއި ބެހޭގޮތުން ނުރަނގަޅު ބަހެއް ރައިމާގެ ކުރިމަތީގައި ނުބުނެ ވޭތޯ އަހަރެން ބެލީ، ރައިމާ އަހަރެންނާއިމެދު ހިތްހަމަ ނުޖެހިދާނެތީއެވެ. އަހަރެމެންގެ އެކުވެރިކަމަށް އަކިލްގެ ސަބަބުން އެއްވެސް ލޮޅުމެއް އަންނަށް ބޭނުންނުވާތީ އެވެ.
ނަމަވެސް އަކިލް އެއީ މޫސުމެއް ކަހަލަ ފިރިހެނެއް ކަމާއި، އޭނާ ދުވަހަކުވެސް މީހަކަށް ވަފާތެރި ނުވާނެކަމަށް އަހަރެން ތަކުރާރުކޮށް ބުނަމުން ދިއައީމެވެ. އޭނާއަށް އިތުބާރު ކުރުމަށް ވުރެން މަރުވުން ވެސް ރަނގަޅު ވާނޭކަމަށް އަހަރެން ބުނީމެވެ. ރައިމާއަށް ހެޔޮ އެދޭތީއެވެ.
ފުރަތަމަ ފަހަރަށް ރީތިކޮށް އަހަރެން އަކިލް އާއި ވާހަކަ ދެއްކީ އެއް ޓިއުޝަން ކްލާހަކުން އޭނާއާއި ބައްދަލުވުމުންނެވެ. އޭނާއަށް އަހަރެން އޭނާއާއި މެދު ދެކޭ ގޮތާއި، ވާ ފޫހި އޭރުވެސް ރަނގަޅަށް އިނގޭނެއެވެ. އަހަރެންގެ އަމަލުތައް ވެސް އެކަމަށް ހެކި ދޭނެ ވިއްޔާއެވެ.
އޭރުވެސް އަކިލް އުޅުނީ ރައިމާއާއި ލޯބީގެ ގޮތުން ގުޅިގެނެވެ. އޭނާ ފުރަތަމަ އަހަރެންނާއި ވާހަކަ ދެއްކީ ރައިމާގެ ކަމަކު ރައިމާއާއި ބެހޭގޮތުންނެވެ. އަހަރެން އޭނާއަށް ޖަވާބުދާރީ ވީވެސް ރައިމާގެ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ.
އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެއްދުވަހު އަހަރެން ޓިއުޝަނަށް ދިއައިރު، ޓިއުޝަނުގައި އުޅޭ ފިރިހެން ކުއްޖަކު އަހަރެންނަށް ގޮވާލައި ދިމާކުރުމުގެ ގޮތުން އެއްޗެކޭ ބުނުމާއި އެކު، އަކިލް އަހަރެން ދިފާޢު ކުރި ގޮތެވެ. ނަަމަވެސް އަހަރެން އައީ ރުޅިއެވެ. ކޮންމެ މީހަކު އަހަރެންނާއި ދިމާލަށް ކޮންމެ އެއްޗެކޭ ކިޔަސް އަކިލް އަށް ކީތް ހެއްޔެވެ؟ އަހަރެން ދިފާއުކޮށް ވާހަކަ ދައްކަން އޭނާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އޭނާ އެއީ އަހަރެންގެ ވަކީލެއް ނޫންވިއްޔާއެވެ.
އެދުވަހު އަކިލްއާއި ދިމާލަށް ކަޅި އަޅައިލުމަށް ފަހު އަކިލްއާއި ވީހައިވެސް ދުރުގައި އަހަރެން އިށީނީމެވެ. ރައިމާއާއި ރައްޓެހިވެގެން ހުރެވެސް ޓިއުޝަން ކުލާހުގެ އަންހެން ކުދިންނާއި ގައިގޯޅިވެ އޭނާ އުޅެމުން ދިޔަ ގޮތް ފެނުމާއި އެކު އަހަރެން އަވަހަށް ރައިމާއަށް އެކަން އެންގީމެވެ.
އަހަރެން ހީކުރި ގޮތާއި ހިލާފަށް ރައިމާ އެކަމާ އަޅައެއް ވެސް ނުލިއެވެ. އޭނާ ބުނީ ކީކޭ ކަން އިނގޭ ހެއްޔެވެ. އަކިލް އޭނާއަށް ޗީޓުކުރާ ކަން އޭނާއަށް އިނގޭކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެހެން ކިޔައި އަކިލްއާއި ގުޅުން ކަނޑައިލަން އޭނާ ބޭނުން ނުވާކަމުގައި އޭނާ ބުންޏެވެ. އެއީ އަކިލްގެ އުޅުން ހުންނަ ގޮތް ކަމުން އެކަން ރަނގަޅު ކުރުމަށް އަކިލްއަށް ފުރުސަތު ދޭން ބޭނުންވާ ކަމުގައި ރައިމާ ބުނުމާއި އެކު، ތިހިރީ މޮޔަ ވެފަ ހެއްޔޭ ފުރަތަމަ ވެސް އަހަރެންނަށް އަހައި ލެވުނެވެ.
އަދި ރައިމާ ތިހިރީ ލޯބީގައި ކަނު ވެފައި ކަމަށް އެދުވަހު އަހަރެން ބުނީމެވެ. ރީއްޗަށް ދެލޯ ހުޅުވައި އަމިއްލަ ނަފްސާއި މެދު ވަމުންދާ ނާއިންސާފީއާއި ދެކޮޅަށް ތެދުވުމަށް އަހަރެން އެދުނީމެވެ. ރައިމާ ތި ފެން ފުރަނީ ފޫނެއް ފަޔަކަށް ކަމުގައި ބުނެ، ވިސްނައިދިނީމެވެ. ރައްޓެހިވެގެން އުޅުނެކޭ ކިޔައި އަކިލް ތެޅެން ބޭނުން ހައި ވައްތަރަކަށް ތެޅެން ދޫކޮށްލައިގެން ނުރުހުމަށް އަހަރެން ރައިމާ ގާތު އެދުނީ އޭނާ ވާންޖެހޭނެ ދެރަ އަހަރެންނަށް އިނގޭތީއެވެ.
އަހަރެން ދެކޭ ގޮތުގައި މީހަކާ ރައްޓެހިވެގެން އުޅޭނަމަ އެ ގުޅުމުގައި ދެމީހުނަށް އެއްވަރަށް ހައްޤު ލިބެން ޖެހޭނެއެވެ. ގުޅުމެއް ރަނގަޅު ގޮތުގައި ކުރިއަރާނީ ހުރިހައި ކަމެއް ހަމަހަމަ ވެގެންނެވެ. އެއީ އަހަރެންގެ ވިސްނުމެވެ.
ކިޔަވަން މޮޅުވެފައި މައިންބަފައިންގެ ބަސްއަހާ
ކުއްޖެއްގެ ގޮތުގައި އެންމެން ވެސް އަހަރެން ދަންނާތީ، ޝާޔާ މެންގޭ މީހުން ވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ޝާޔާގެ މަންމައާއި ބައްފަގެ އިތުރުން އަކިލްގެ މަންމައާއި ބައްޕަވެސް އަހަރެންނާއި ވާހަކަ ދައްކައި ސަމާސާ ކޮށް ހަދާނެއެވެ. އަކިލްގެ ކޮއްކޮ ވެސް އަހަރެންނާއި ނުހަނު އެކުވެރިވާނެއެވެ. އަހަރެންނަކީ އަނގަ ގަަދަ މީހެއް ކަމުން އެންމެނާއި އެކުވެރިވާން އަހަރެންނަކަށް އެހައި އުނދަގުލެއްވެސް ނުވިއެވެ.
އެ އާއިލާގެ ހުރިހައި މެމްބަރުން އަހަރެންނަށް ކަމުދިޔައެވެ. އަކިލް ފިޔަވައެވެ. ބައެއްފަހަރު އޭނާއަކީ ހަމަ ވަޒްލިފާ ދައްތައާއި އާހިމް ބޭބެގެ ދަރިއެއްބާއޭ ވެސް އަހަރެންގެ ހިތަށް އަރައެވެ.
ދެން ކަންތައް ވެގެން ދިއައީ އަހަރެން ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
ނުނިމޭ
ދުވަސްތަކަކަށްފަހު، އަފީގެ އައު ވާހަކައެއް ކިޔައިލަން ލިބުނީމަ ވަރަށް އުފާވެއްޖެ😊💕 ހީކުރިިގޮތަށް، ވާހަކައިގެ ފެށުންވެސް ވަރަށް ރީތި މާޝާﷲ💜.މިހުރީ ދެވަނަބައިގެ އިންތިޒާރުގައި.❤😘
ޝުކުރިއްޔާ❤️❤️❤️
ވަރަށް ރީތި😍👍 އަފާގެ ހުރިހާ ވާހަކަތަކެއް ކީން އިނގޭ!! ވަރަށް ރީތި ހުރިހާ ވާހަކަތައްވެސް އެސްފިޔަގަ މިހާރު އަޕްކުރަމުންދާ "އިންތިހާ" ވާހަކަ ވެސް ވަަރަށް ސަޅި❤ މިވާހަކައިގެ އެއްވަނަ ބަޔަށް އިންތިޒާރުކުރަން
ޝުކުރިއްޔާ!♥️
އަފީ ހަމަ ހަބޭސް އިނގޭ! ނިއު ސްޓައިލް އަކަށް ދޯ ތި ލިޔަނީ ހެހެހެ😘 މަށަށް ހީވަނީ ތި މަލަކް ހަމަ އެންމެ ފަހުން ތި އަކިލްއާ ހެން ކައިވެނިކުރާނީ😂😂😂 އަވަހަށް ނެކްސްޓް ޕާރޓް ކިޔާލަން ލިބޭނެ ކަމަށް މި ހުރީ
ހެހެހެ ބަލަމާ ދޯ! ޝުކުރިއްޔާ❤️
ވަރަށް ވަރަށް ރީތި ވާހަކަ ❤️
ޝުކުރިއްޔާ ސާޔާ❤️
ސަޅި ވާހަކައެއް
ޝުކުރިއްޔާ
މާޝާ ﷲ! ވަރަށް ރީތި މިވާހަކަވެސް😘💖 މިވާހަކައިގެ 2 ވަނަ ބައި ކޮންދުވަހަކުން!! ދެންއިނަބަޔަށް އިންތިޒާރުކުރަން🌈💜
އިންޝާﷲ ވަރަށް އަވަހަށް ދެވަނަ ބައި ކިޔާލަން ލިބޭނެ🙂 ޝުކުރިއްޔާ❤️
ސަޅި އިނގޭ މަންޖޭ😏
ޝުކުރިއްޔާ
ވަރަށް ކިޔާހިތްވެއްޖެ
ޝުކުރިއްޔާ
😍💕💓💖💗💘
Molhu🙌🏼❣.watin for next part❣