އެއާއެކު އޭނައަށް ފެނުނީ ކުރިމަތީގައި ހުރި ކޮޓަރީގެ ކާޓޭން ކަހާފައިވާ ކުޑަދޮރުން ފެނުނު ފެހި އަލި ގުޅައެކެވެ. އަނދިރިކޮށް އޮތް އެކޮޓަރީގައި އެއަލިގުޅަ އެނބުރެމުން ދިޔަތަން ބަލަން ހައިރާންވެފައި އަލައިނާއަށް ހުރެވުނީއެވެ. ދެން އެއަލިގުޅަ ޖެހުނީ އިންސާނެއްގެ ސޫރަޔަކަށެވެ. ސިފަ ވަކިނުވާ އެސޫރަ ހުރީ އަލައިނާއާ ދިމާއަށް ބަލަހައްޓައިގެންހެން އަލައިނާއަށް ހީވިއެވެ. އަދިވެސް ބޮޑަށް ޔަޤީން ކުރުމަށް އަލައިނާ ކުޑަދޮރާ ގާތްވިއެވެ.
" ލީން... " އަފްޝާ ދޮރުގައި ޓަކިޖެހި އަޑަށް އަލައިނާ ދިޔައީ ސިހިގެންނެވެ. އަދި ކުޑަދޮރާ ދިމާއަށް މީހަކު ފެނޭތޯ ބަލާލިއެވެ. އެއްވެސް މީހެއް ކީއްކުރަން ދިރޭ ޖަނަވާރެއް ވެސް ފެންނާކަށް ނެތެވެ.
އަވަސް ފިޔަވަޅުތަކެއް އަޅަމުން އަލައިނާ ގޮސް ކޮޓަރި ބޮޑު ދޮރު ހުޅުވާލިއެވެ. އޭރު އަފްޝާ އަރީބް އުރާލައިގެން ހުއްޓެވެ. ބޮޑު ބުރުގާ ވަށް ބުރުގާއަށް ބަދަލުކޮއްފައި ހުރި އިރު އަރީބް ހުރީ ނެފީ ޖަހައިގެންނެވެ. ދެންމެ އަފްޝާ އަރީބްއަށް ކާންދީފައި އެއައީއެވެ.
" ނަމާދުކޮއްފިންތަ؟ " އަފްޝާ ސުވާލުކޮއްލިއެވެ. އަލައިނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
" ކީއްވެ؟ މިހާރު އެއޮއްގެން ހަތެއް ޖަހަނީ.. ހަތްގަޑި ފަނަރައިގައި ބަންގި ގޮވާނެ. ދޮންބެދައްތަ މިއައީ ނަމާދުކުރަންވެގެން ނަމާދުކޮށް ނިމޭންދެން އަރީބް ބަލައިދޭށޭ ބުނަން. " އަފްޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
" ނަމާދު ނުކުރަމޭ.. އެކޮޅުން ފުރަން އުޅެނިކޮށް އެނގުނީ.. ގެނޭ އަރީބް.. ދޮންބެދައްތަ ދޭ ދެން ނަމާދަށް... " އަލައިނާ ހީލަމުން އަރީބް އުރާލިއެވެ. އަފްޝާ ހިތްހަމަޖެހިފައި ފުންނޭވާއެއް ދޫކޮއްލިއެވެ. ދީނުގެ އަޅުކަމުގެ ކަންކަމާ އަލައިނާ ފަރުވާކުޑަ ނުކުރާތީ އަފްޝާ މާތްﷲ އަށް ޝުކުރުކޮއްލެވުނެވެ. އޭނަ މިހާރު ބޭނުންވަނީ އަލައިނާ އަދިވެސް ބޮޑަށް ދީނުގެ ކަންކަމަށް އަހުލުވެރިކޮށް ނަފްސާނީ މައްސަލަތައް ރަނގަޅުކުރުމަށެވެ. ތޭރަ އަހަރުގެ ތަފާތެއް ހުއްޓަސް އޭނަ އަލައިނާއާއި ދޭތެރޭ ދެކެނީ ދަރިއެއް ހެންނެވެ.
" އަރީބް ނެޕީ ޗޭންޖް ކޮއްލައްޗޭ.. އިޝާ ނަމާދަށް ގޮވީމައި އަރީބް ނިންދަވާލާފަ ކާން ނިކުންނާތި އިނގޭ... " އަފްޝާ ހީލާފައި ކޮޓަރިން ބޭރަށް ނުކުތެވެ.
" ހިނގާ ދޫނި ފެންވަރާލަން ދޯ؟ ބަކުން ވަސް ދުވަނީ... " އަލައިނާ އަރީބްގެ ނޭފަތުގައި ކޮއްޓާލިއެވެ. އަދި އަރީބް ބިންމަތީގައި ބައިންދަމުން ލަގެޖު ހުޅުވާފައި ލަގެޖު އެއްފަރާތުގައި ހުރި އަރީބްގެ ބައެއް ސާމާނުތައް ހާވަންފެށީ ތުވާއްޔަކާ ސައިބޯނު ފުޅިއަކާ ލާނެ އެއްޗެއް ފެނޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން އެއެއްޗެހި މާގިނައިރެއްނުވެ ފެނުމުން ތުވާއްޔާ ސައިބޯނި ފުޅި އެއްއަތުން ހިފައިގެން ފާހާނަޔާ ދިމާއަށް ހިނގައިގަތުމުން އަރީބް ފިރުކިފައި ފާހަނަޔާ ހަމަޔަށް އައެވެ. އަލައިނާ ތުވާލި ސުޓޭންޑްގައި އަޅުވާލަމުން ސައިބޯނި ފުޅި ބިލިގާގެ ކައިރީގައި ބަހައްޓާ އަރީބް އުރާލިއެވެ.
ފާޙާނައިގެ ވައަތު ފަރާތުގައި ހުރި ބިލިގާއަށް ފެން އަޅަން ޖައްސަމުން އަރީބްގެ ނެޕީ ނައްޓާ ތާހިރުކޮއްލިއެވެ. އަދި ފެންގަނޑު ކިރިޔާ ހުންނަވަރު ވުމުން ބިލިގާގެ އިސްކުރު ބަންދުކުރުމަށްފަހު ބިލިގާގައި އަރީބް ބައިންދަމުން މާގަނޑުން އަތަށް ފެންއަޅަމުން އަރީބް ގައިދޮއްވަން ފެށިއެވެ. ހީހީފައި އަލައިނާއާއި ސަކަރާތް ޖަހަމުން ދިޔައިރު ލޯބިކަން އިންތިހާއެވެ. ދޭތެރެއަކުން އަތްޖަހާލާ 'ތާ' (ދައްތާ) އޭ ކިޔާ ގޮވާލައެވެ.
ކުއްލިއަކަށް އަލައިނާ ބިރުގަތީ އަރީބްގެ ސަކަރާތް މަޑުވެ ވަކި ދިމާއަކަށް ބަލަން ފެށުމުންނެވެ.
" ދޫނީ... ކިހިނެތްވީ؟ " އަލައިނާ އަތުގައި އޮތް ސައިބޯނި ފުޅި ބަހައްޓަމުން އަރީބްގެ ބޮލުގައި ފިރުމާލިއެވެ. އަރީބްއަށް ކަމެއް އިހުސާސްވި ހެނެއް ހިޔެއް ނުވެއެވެ. ފާހަނައިގެ ތެރޭގައިވާ ފެންލައިޓުން ބޭރުން ފެންނަމުން ދިޔަ ގަސްތަކާ ދިމާއަށް ދެލޯ ބޮޑުކޮއްގެން ބަލަން ހުރީ ބިރުވެރި އެއްޗެއް ފެންނަ ފަދައިންނެވެ. އެފެންލައިޓް ހުންނަނީ މެދު ގޯތިތެރެޔަށް ވާގޮތަށެވެ. އެފެންލައިޓް އެތެރެއިން ފެންނާނީ ހަމަ އަލައިނާ ކޮޓަރި ކުޑަދޮރުން ފެންނަ ތަންތަނެވެ.
ކުއްލިއަކަށް އާދަޔާ ހިލާފު ބާރަށް ބުޅަލެއް ގޮވާލިއަޑަށް އަރީބް ސިހިފައި ބާރުބާރަށް ރޯންފެށިއެވެ. އަލައިނާ ސިހިގެން ދިޔަ ވަގުތު ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަވަސް ހަރަކާތާއެކު އަލައިނާ އަރީބްގެ ގައިގައިވާ ސައިބޯނިތައް ފިލުވާލުމަށްފަހު ތުވާލި އަރީބްގެ ގައިގައި އޮޅާލަމުން ފާޙާނައިން ނިކުތެވެ.
" ލީން... ކިހިނެތްވީ އަރީބްއަށް؟ " ތީބާ އައިސް ކޮޓަރި ދޮރު ހުޅުވާލީ އެވަގުތުއެވެ.
" ބުޅަލެއް މާ..ބާރަކަށް ގޮވާލިއަޑަށް ސިހި...ގެން ދިޔައީ.. ފާހަނައިގެ އެއް...ދިމާއަކަށް ބަލައިގެން ހުއްޓަ.. ހުއްޓަ.. އެހެންވީ... " ބިރުން ގޮސް އަލައިނާއަށްވެސް ރޮވެނީއެވެ.
" ސުބުހާނަﷲ... ގެނޭ ތޫ(ތުއްތުބެދައްތަ) އަތަށް.. " ތީބާ އަތްދިއްކޮއްލީ އަރީބް ދޭށޭ ބުނާފަދަ ގޮތަކަށެވެ. އަލައިނާ އަވަސް އަވަހަށް އަރީބް ތީބާ އަތަށް ދިނެވެ. ތީބާ އަރީބްގެ ކަންފަތް ދޮށުގައި ކުރުސި ކިޔަވަން ފެށިއެވެ. ވަގުތުން އަރީބްގެ ރުއިން މަޑުވިއެވެ. އެހެނަސް ގިސްލުމެއް ނުހުއްޓުނެވެ.
" ބުނަން ލީން... މިގޭ ހަތަރު ފާރުން އެތެރެ އަމާން ވިޔަސް މިގޭގެ ބޭރު އެހާ އަމާނެއް ނޫން. ތޫ އަކަށްވެސް ނޭނގޭ އަސްލު ކީއްވެކަމެއް. އެކަމަކު ތޫބެ ( ތުއްތުބެ ) އެންމެ ފުރަތަމަ ވެސް ތޫ މިގެއަށް ގެނެއްސަ ބުނި މިގޭގައި ބޭރުގައި ހުރި ގަސްބޯ ގަސްތައް ތެރެ ނާމާން ވާހަކަ. އޭރު އިރުއޮއްސެނިކޮށް ވެސް ބުންޏެއް ނުން މީހުން ކިޔައޭ އެހެން. ތޫ މެންނަށް ކަމެއް ނުވާތި ގަސްތަކަށް ގޮތެއް ނަހަދަ އެހެރީ.. އެކަމަކު ލީން.. މިދެނަމާދު ދޭތެރޭ އެހެން ނޫނަސް ނުވާނެ ކުޑަކުދިން ފެންވަރުވާކަށް. ލީންވެސް ނުވާނެ ދެނަމާދު ދޭތެރޭ ފެންވަރާކަށް. މާލެއާއި މިތަނާ ތަފާތުވާނެ. މިތަނުގައި ގަސް ހުންނާނެ. ގަހަކީ ގިނަ ރޫހާނީ އެއްޗެހީގެ ގެ. ދެން ދުވަހަކުން ވެސް މިކަންތަކަށް ވިސްނާތި. ފެންވަރަންޏާ އިރު އޮއްސުމުގެ ކުރިން ފެންވަރާ ވުޞޫކޮއްލައިގެން ހުރޭ. ނޫނީ ދެނަމާދު ގަޑި ނިމުނީމައި ފެންވަރާ. އަރީބް އިރުއޮއްސުމުގެ ކުރިން ފެންވަރުވަންޏާ ވަރުވާނީ. ދޮންބެދައްތަ ނުބުނޭތަ އެވާހަކައެއް؟ " ތީބާ އަލައިނާއަށް ވިސްނައިދިނެވެ.
" ނުބުނޭ.. ނެޕީ ޗޭންޖްކޮއްލަން ބުނީ ހަމައެކަނި. އަރީބްގެ ގައިން ބަކުން ވަސް ދުވާތި ފެންވަރުވާލަން ބޭނުންވީ. " އަލައިނާ އިސްޖަހާލިއެވެ.
" ދޮންބެދައްތަ ހަނދާން ނެތުނީ ކަމަށްވާނީ. އަރީބްއަށް ރޫޙާނީ އެއްޗެއް ފެނުނީކަމަށް ވާނީ އެރުއީ.. ދެންވެސް ޤުރުއާން ޖަހާފަ އަރީބް ނިންދަވާލާ... " ތީބާ އަލައިނާއަށް ވިސްނައިދިނެވެ. އަދި އަލައިނާގެ ދެލޯ ފުހެލަ ދިނުމަށްފަހު ބޮލުގައި ފިރުމާލިއެވެ.
" އަރީބް ނިންދާވާލާފަ ނަމާދު ކުރެވެންޏާ ކޮއްލައިގެން ކާން އާދޭ އިނގޭ.. ތޫ މިދަނީ. އިބާއާއި އަބާން ނިންދަވަން އުޅެފަ މިއައީ.. " ތީބާ އަރީބް ބޮލުގައި ފިރުމާލަމުން ކޮޓަރިން ނިކުތެވެ. އަލައިނާ އަރީބް ހެދުން ލައްވައި ރީތިކޮއްލުމަށްފަހު އޭސީ މަޑުކޮއްލައި އަލައިނާ ފޯނުން ޤުރުއާން ޖަހާލަމުން އަރީބް އެނދުގައި ބާއްވާ ނިންދަވަން ފެށިއެވެ.
އަރީބް ނިންދަވާލުމަށްފަހު އަލައިނާ ފެންވަރައިގެން އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ދޫ ކަޅު ހަރުވާޅެއް ލައިގެން ބޭރަށް ނިކުތް އިރު އިޝާ ވަގުތު ފާއިތުވެއްޖެއެވެ. އަތުގައި އޮތް ވޫލްކޮޅުން އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އައްސަމުން ކާކޮޓަރިއަށް ދިޔައިރު އަދި އެކަކުވެސް ފެންނާކަށް ނެތެވެ. ހީވާގޮތުން އައި ތީބާއާއި އަފްޝާ ނަމާދުކޮށް އަވަދި ނުވަނީއެވެ. މާބޮޑު ކަމަކަށް ނުހަދާ ތެލީގެ ތެރޭގައި ހުރީ ކޯޗެއްތޯ ބަލަން ފެށިއެވެ. ހަނާކޮއްފައި ހުރި ބަށި ފެނުމުން ކުޅު ދިޔާވާ ގޮތްވިއެވެ. އަދި ތައްޓަކަށް ބަތްއަޅައި އަނބު ރިހައާއި ބަށިކޮޅަކާއި ކުޅިމަސް ކޮޅެއް އަޅައިގެން ކާން ފެށިއެވެ.
ކައި ނިމިގެން ތަށިތައް ދޮވެ އެހެންމީހުންނަށް ކާން ހަދަން ހުއްޓާ ބޭރު ދޮރު ބެލްއަޅާ އަޑު އިވުމާއެކު އަލައިނާ ތަށިތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ދޮރު ހުޅުވަން ދިޔައެވެ. އަވަސް ހަރަކާތާއެކު ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި ނުދެކޭ ޒުވާނެކެވެ. ކުލައަލި ހަންގަނޑާ ނުހަނު ގުޅޭ ފަންފަން ވަރުގަދަ އިސްތަށިގަނޑުވަނީ ކުރުކޮށް ކޮށާލާފައެވެ. ވަރުގަދަ ކަޅު ތޫނު ދެލޮލާ ތުންފަތްމަތީގައިވާ ރީތި ހިނިތުންވުމާ ދެކޮލަށް އެޅިފައިވާ އަޑިކޮޅާއި ތުނިކޮށް ހުރި ތުނބުޅިން އެރީތިކަން އިތުރަށް ފުރިހަމަކޮއްދިނެވެ. ހެޔޮވަރެއްގެ އިސްކޮޅަކާއި ބާމަތިފުޅާ ހަށިގަނޑާ ނުހަނު ގުޅޭ ކަޅު އަތްކުރު ޓީޝާޓާއި ނޫޖިންސުން އެރީތިކަން އިންތިހާއެވެ.
" ހޫ؟ " އެޒުވާނާގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ގޮއްސިއެވެ.
" އަހަން ފައިޒަން.. އާދޭ އާދޭ އެތެރެއަށް.. " އަފްޝާއަށް ފައިޒަން ފެނުމާއެކު ދައުވަތު ދިނެވެ.
" އަފްޝާއްތަ؟ އަސްލުވެސްތަ؟ ކާށޭ މިއައީ... " ފައިޒަންގެ މޫނުމަތި އަނެއްކާ އުޖާލާ ވެއްޖެއެވެ.
" ފައިޒަން އާދޭ... " ތީބާ ވެސް ކޮޓަރިން ނުކުތީ އެވަގުތުއެވެ.
" ލީން ކައިފިންތަ؟ " ފައިޒަންގެ ފަސްފަހަތުން ދޮރު ލައްޕާފައި ހިނގައިގަތް އަލައިނާ ކުރެ ތީބާ އެހިއެވެ. އަލައިނާ ބޯޖަހާލިއެވެ.
" އޭމަށެއް ނޫން ދޮންބޭ... " ސަކަރާތް ނަގަމުން އިބްރާހީމްއާއި އަޙްމަދު ވެސް މިސްކިތުން އައިސް އެތެރެޔެއަށް އޭރު ވަންނަނީއެވެ.
" ލީން.. ކާން ހަދަނީތަ؟ " މޭޒުމައްޗަށް ކާއެއްޗެހި ނަގާފައި ހުރި ތަށިތައް ފެނިފައި ތީބާ ހައިރާންވެފައި ސުވާލުކޮއްލިއެވެ. އަލައިނާ ހީލުމަކާއެކު ބޯޖަހާލިއެވެ.
" މާޝާﷲ ... ހީކުރިވަރަށްވުރެ ލީން ހިތްވަރުގަދަ. " އަފްޝާ އައިސް އަލައިނާގެ ކޮނޑުގައި ހިފާ ގާތްކޮއްލިއެވެ. އަލައިނާ ކުރިޔަށްވުރެ ބޮޑަށް ހީލިއެވެ. އޭރުވެސް ފައިޒަންގެ ނަޒަރު ހުއްޓިފައިވަނީ އަލައިނާއަށެވެ.
" ހޫމް. އަރީބް ކިހިނެތްވީ ރުއީ..؟ ދޮންބެދައްތަ ނަމާދަށް ހުރި ގަޑީގައި އިވޭ ރޯއަޑު.. " އަފްޝާ ތައްޓަށް ބަތް އަޅަމުން އަލައިނާ ކުރެ އަހާލިއެވެ.
" ލީން އަރީ ފެންވަރުވަން ވެއްދި ގަޑީގައި އެފެންލައިޓްއާ ދިމާއަށް ބަލަން އިންނަ ބުޅަލެއް މާބާރަކަށް ގޮވީމައި ރޮއެގަތީ. ބުޅާ ގޮވާ އަޑެއް ނިވޭ އެކަމަކު އަރީބް ރޯއަޑު އެކަނި އިވުނީ. ދޮންބެދައްތައަށް އަޑު އިވުނުތަ؟ " އަލައިނާގެ ބަދަލުގައި ޖަވާބު ދިނީ ތީބާއެވެ. އަފްޝާ ބޯހޫރުވާލިއެވެ. އެއާއެކު ދެވަނަ ސިކުންތުގައި އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އެއްޗެއް ހިތަށް އަރައިގެންނެވެ.
" ފެންވަރުވަން..؟ ދެނަމާދު ދޭތެރޭ؟ މިރަށުގަ؟ " އަޙްމަދަށް ބުނެލެވުނެވެ. އޭރު އަލައިނާ އާއި ތީބާ ފިޔަވާ އެންމެންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ.
" ހޫމް. ލީންއަށް ނޭނގި. ދޮންބެދައްތަ ނުބުނަން ދޯ؟ " ތީބާ ގޮނޑީގައި އިށީނެވެ.
" ދޮންބެދައްތަ ހަނދާން ނެތުނީ.. ސޮރީ ލީން.. އަރީބް ރަނގަޅުތަ؟ " އަފްޝާގެ މޫނުމަތިން ކަންބޮޑުވުން ފެންނަމުން ދިޔައެވެ.
" ހޫމް. ނިދިފަ އޮތީ މިހާރު.. " އަލައިނާ ޖަވާބުދިނެވެ.
" ދެން އަޅާނުލާ.. އިން ޝާ ﷲ ރަނގަޅުވާނެ. ލީންއަށްވެސް ނޭނގުނީ. އަހަރެންނަށް އެވަގުތު އެކޮޓަރިއަށް ދެވުނުކަން. އަރީ ކަންފަތް ކައިރީގައި ކުރުސި ކިޔަވަން ފެށީމަ ރަނގަޅުވެއްޖެ.. އަލްހަމްދުލިﷲ " ތީބާ ވީގޮތް ކިޔައިދިނެވެ.
" އިން ޝާ ﷲ . ލީން... ކައިފިންތަ؟ " އިބްރާހީމް އަލައިނާގެ ގާތަށް ޖެހިލިއެވެ. އަލައިނާ ބޯޖަހާލިއެވެ.
" މިދަނީ ބޭސްކައިގެން ނިދާލަން. " އަލައިނާ ހީލަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
" ހޫމް... ދޮންބެދައްތަ ކައިގެން ދާނަން އަރީބް ބަލާ.. " އަފްޝާ އަލައިނާއަށް އިއްވާލިއެވެ.
" ފައިޒަން މިރަށުގަ ކީ.... " އަފްޝާމެން ދައްކަމުން ދިޔަ ވާހަކަ ތަކަށް ސަމާލުކަމެއް ދިނުމެއްނެތި އަލައިނާ ފާހާނައަށްވަދެ ދަތް އުނގުޅާ ހަދައިގެން ކުޑަދޮރު ކައިރީގައި ހުރި ލިޔާ މޭޒު މަތީގައި އޮތް ފޯނު ނަގާ އެލާމް އޮންކޮއްލިއެވެ. އަދި އަރީބް ގާތުގައި އެނދުގައި އޮށޯވެލިއެވެ.
" ލީން... ލީން... ހޭލަބަލަ... " އަފްޝާ އައިސް އެނދުގައި ނިދާފައި އޮތް އަލައިނާއަށް ގޮވިއެވެ. އޭރު އަފްޝާގެ އުރުގައި އަރީބް އިނެވެ. ނުރުޔެއްކަމަކު އޭނަ އިނީ ހޭލައެވެ. އަލައިނާ ކުޑަކޮށް ލޯހުޅުވާލުމަށްފަހު އަނެއްކާވެސް ދެލޯމަރާލިއެވެ.
" ލީން އަރީ އުރާލަބަލަ. ދޮންބެދައްތަ ނަމާދުކޮއްލަން ވެއްޖެ. އަރީ ގޮވައިގެން ނިދަންޏާ ނިދާ.. ދޮންބެދައްތައަށް ތަންކޮޅެއް ލަހުން ތެދުވެވުނީމައި ވަރަށް އަވަސްކުރަން ޖެހޭއެބަ. " އަފްޝާ އަލައިނާގެ ގައިގައި ކޮއްޓާލިއެވެ. އަލައިނާ ދެލޯ ނުހުޅުވާ ދެއަތް ދިއްކޮއްލީ އަރީބް ދޭށޭ ބުނާފަދަ ގޮތަކަށެވެ. އަފްޝާ އަލައިނާގެ އަތަށް އަރީބް ދިނުމުން އަރީބްގެ ގައިގައި ބައްދައިލައިގެން އަލައިނާ އޮތެވެ. އަފްޝާ ހީގަނެފައި ދެފަރާތަށް ބޯހޫރުވާލަމުން ކޮޓަރިން ނިކުތެވެ.
" ތާ... " މައްޗަށް ބަލައިގެން އޮވެ ލޯބި އަޑަކުން އަރީބް ކިޔަމުން ދިޔައެވެ.
" ދޫނީ ނިދާލަބަލަ. އަދި ހޭލަކަށްނުވެޔޭ... " އަލައިނާ ނާނާ ކިޔަމުން އަރީބްގެ ގައިގައި މަޑުމަޑުން ޓެޕްކުރަމުން ދިޔައެވެ. އެހެން އޮވެ އަރީބް ނިދި ފަހުން ވެސް އަލައިނާއަކަށް ނިދޭ ގޮތެއް ނުވިއެވެ. ފޯނުން ގަޑި ބަލާލިއިރު ހައެއް ޖަހަން ހުރީ ފަސްމިނެޓެވެ. އިތުރަށް އެނދުގައި ނޯންނަންވެގެން ބޭބީ މޮނީޓަރ ޖައްސާލުމަށްފަހު އަރީބް ވަށައިގެން ބާލީސް އަތުރާލާފައި ގޮސް ފާޙާނައަށްވަދެ މޫނު ދޮވެލާ ދަތް އުނގުޅާ ހަދައިގެން ބޭބީ މޮނީޓަރގެ އަނެއް މޮނީޓަރ ހިފައިގެން ކޮޓަރިން ނިކުތެވެ.
" މޯނިން ލީން... ރޭގަ ނިދުނުތަ ރަނގަޅަށް؟ " ތީބާ އޭރު ހެނދުނު ސައި ހަދަން އުޅެނީއެވެ. އޭރު ތީބާގެ ގާތުގައި އަބާންއާއި އިބާ ކާމޭޒު ކައިރީގައި ކިރުތަށި ބޯން އިން ތިއްބެވެ.
" ހޫމް.. އެހެން ރޭރޭ ނުނިދޭހާ އަރާމުގަ ރޭގަ ނިދުން. ނޭނގެ ކީއްވެކަމެއް... " އަލައިނާ ހީލިއެވެ.
" އަލްހަމްދުލިﷲ .. ކިރުތައްޓެއް ބޯލާ ހަދާލަން އާދޭ ލީން... " ތީބާ އައިސަލަމާރިން ކެރެޓާއި ކެބެޖް ނަގައި އުނދުން ކައިރީގައި ހުރި ކެބިނެޓުން ކެބިނެޓް މަތީގައި ބާއްވާލިއެވެ.
" ނޫނޭ ތޫ... ލީން މިހާ ހެނދުނާ އެއްޗެހި ކާންވީމައި ހޮޑުލަވާނެ.. ތޫ ހެލްޕެއް ބޭނުންތަ ބުރެކްފާސްޓް ރެޑީކުރުމުގަ؟ " އަލައިނާ ކާކޮޓަރިއަށްވަދެ ބޭބީ މިނީޓަރ ކާމޭޒުމަތީގައި ބަހައްޓާފައި އަބާންއާ އިބާއާއި ސަމާސާ ކޮއްލުމަށްފަހު ތީބާގެ ގާތުގައި ހުއްޓި ތީބާ ތަރުކާރީ ކޮށާތަން ބަލަން ހުރެފައި އަހާލިއެވެ.
" ނޫނޭ ލީން.. މިއަދު ޕަރާޓާ އާއި ހަނާކުރި ތަރުކާރީ ހަދާތި މާބޮޑު މަސައްކަތެއް ނެތް. ފަރާޓާ ފިހާރައިން ގަނެފަ ވިއްޔާ ހުރީ. ހަމައެކަނި ފިހެލީމަ ނިމުނީ.. ދެން ހަނާކުރި ތަރުކާރީ ކޮޅުވެސް އެއީ މާބޮޑު ކަމެއް ނޫން. ލީން ފޫހިވަންޏާ ގޯތިތެރެ ކުނި ކަހާލަން ދާންވީނޫން... " ތީބާ އަލައިނާއަށް ބަލާލާފައި ހިނިތުންވެލިއެވެ.
" ހޫމް.. ގުޑް އައިޑިޔާ... " އަލައިނާ ތީބާ ކޮށަމުން ދިޔަ ކެރެޓްފަޅިން ކެރެޓް ކޮޅެއް ނަގައި ހަފާލަމުން ބޭރު ދޮރާ ދިމާއަށް ހިނގައިގަތެވެ.
" ހުސްއަތާތަ ކުނި ކަހަނީ؟ " އުނަގަނޑުގައި ދެއަތް ވިއްދާލަމުން ތީބާ ހެވިފައި ހުރެ އަލައިނާއަށް ބަލާލިއެވެ.
" އާން.. އަދި ހަނދާންނެތުނީ... ކޮބާ އިލޮށިފަތިތައް؟ " އަލައިނާ ފަސްއެނބުރި ތީބާއަށް ބަލާލަމުން ހީގަތެވެ.
" ލީންވެސް ދޯ... އެތާ ފައިޒަންގެ ކޮޓަރި ބިއްދޮށުގައި ހިޔާކޮއްލާފައި އިން ކުޑަ ތަންކޮޅުގައި ހުންނާނެ. ޑަސްޓުގަނޑު ވެސް ހުންނާނެ. ކުނި ކަހާފަ އެތާ ހުރި ބޮޑު ޑަސްބިނަށް އަޅާލާ އިނގޭ... " ތީބާ ބުނެލިއެވެ. އަލައިނާ ހީލުމަށްފަހު ބޭރަށް ނިކުތެވެ. ކުނި ކަހަން ގެންގުޅޭ އިލޮށިފަތި ހިފައިގެން އައިސް ގޯތިތެރެ ކުނި ކެހުމާއިގެން މަސްއޫލުވިއެވެ.
" ދޮންބެ ދައްކާ ވާހަކަ. މަށެއްވެސް ދެން އެކަހަލަ ކަމެއް ނުކުރާނެއެއްނު. މިރަށު ކައުންސިލަރަށްވީމައި އެހެން މުއްސަނދިންހެން ނުބައި ކަންކަމެއް މަށެއް ނުކުރަމޭ.. އެހެން ނޫނަސް ދޮންބެއަށް އިނގޭނެ މަށަށް ގޯހެއް ހެދިއްޖެޔާ ކިހާ ކަންބޮޑުވާކަން... ތީބާ ނެތްނަމަ މަށަށް އެދުވަހު ކަތި ފިޔަވަޅެއް އެޅުނީސް.. އެހެންވެޔޭ އަންހެނުން ސަޅިޔޭ ބުނަނީ.. " އަޙްމަދާއި އިބްރާހީމް ނަމާދުކޮއްގެން އައި ގޮތަށް ގެޔަށް އައިސް ވަނެވެ.
" ބެސްޓް.. މާޝާﷲ އަޙްމަދުގެ ތި ޗޮއިސްއަށް ދޮންބެ ހަމަ ތާއީދު. ދޮންބެ ވަރަށް އިތުބާރުކުރަން އިނގޭ އަޙްމަދު. އުއްމީދުކުރަން އިން ޝާ ﷲ ދުވަހެއްގެ ކޮޅުން ވެސް އަޙްމަދު އެއްވެސް ނުބައިކަމެއް ނުކުރާނެ ކަމަށް... އަހަން ލީން... މާޝާﷲ ހާދަ ހެނދުނަކާ ތެދުވެ ކުނި ކަހާ ދުވަހެއް؟ " އިބްރާހީމްއަށް އަލައިނާ ފެނުމާއެކު ހީލެވުނެވެ.
" އާން އެހެންޏަ.. އެހެން ނޫނީ އިވޭނެ ލީން ނަމާދުކޮއްގެން އޮތީ ނިދާފަޔޭ ބުނާ އަޑު.. " އަޙްމަދު ވެސް އެމައުލޫގައި ބައިވެރިވިއެވެ.
" ރޭގައި ވަރަށް ރަނގަޅަށް ނިދުން.. އެހެންވެ މިހާރު ނިންޖެއް ނާދޭ... " އަލައިނާ ތެދުވެ މޫނުމަތީގައި ހުރި ދާތަށް އަތުގެ ނުފުށުން ފުހެލިއެވެ.
" މާޝާ ﷲ " އަޙްމަދާއި އިބްރާހީމްއަށް އެއްފަހަރާ ބުނެވުނެވެ. އިބްރާހީމްއާ އަޙްމަދު އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީލިއެވެ.
" އަވަސްކޮއްލައިގެން އަވަހަށް ސައިބޯން އަންނާތި... ބޭސްކާން ވާނުން... އަދި މިއަދު ތޫބެ މިވިސްނަނީ މިހިސާބު ފުށްޓަރު ފަރާތަށް މޫދަށް ގޮސްލަންކަމަށް.. ވަރަށް ހިތްގައިމުވާނެ މިހިސާބު.. ސަރުކާރު ބަންދު ދުވަހެއް ވިއްޔާ މިއަދު.. " އަޙްމަދު އެތެރެޔަށް ހިނގައިގަންނަމުން ހަނދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.
" ހޫމް ރަނގަޅުވާނެ.. ފައިޒަންވެސް ގެންދަން ވާނެ.. މިބޯވެސް ހުންނަނީ ބޭކާރު ކަންކަމަށް އެކަނި ވިސްނަންތަ؟ " އިބްރާހީމް އަޙްމަދުގެ ބޮލުގައި ޖަހާލިއެވެ.
" އައްދޯ ދޮންބޭ... ހިނގާ އަވަހަށް ދުވެފައި އަންނަން ދާން.. ސައިބޮއެގެން މޫދަށް ދެވެންވާނެ ނުވައެއް ޖެހުމުގެ ކުރިން... އޭރުން މެންދުރު ނަމާދުކުރަން އެއްގަޑި ބައިހާއިރު އާދެވޭނީ.. މި އަބާންއާ އިބާ މޫދަށް އެރެފިއްޔާ ގިނައިރު ނުވަނީސް މޫދުން އެރުވުމަކީ ދަތިކަމެއް.. މިއަދު ހަމަ ނަސީބު ސަރުކާރު ބަންދު ދުވަހެއްކަންވެސް. " އަޙްމަދާއި އިބްރާހީމް ގެޔަށް ވަނެވެ. އަލައިނާއަށް ހީލެވުނެވެ. މަންމަ ބައްޕަ ނެތަސް ބޭބެމެންނާ އެބޭބެމެންގެ އަނބިންނާ ދަރިން ގާތުގައި އުޅުމުން ހިތްހަމަ ޖެހުން ލިބެއެވެ.
އަލައިނާ ކުނި ކަހާ ނިންމާލުމަށްފަހު ހިންދެމިލި އިރު ވަނީ ވަރުބަލިވެފައެވެ. ތީބާ ހުރިހާ ދުވަހަކު މިތަން ކުނި ކަހާ ގޭތެރެ މަސައްކަތްކޮށް ދަރިން ބަލަނީ ކިހިނެތްބާއޭ އަލައިނާގެ ހިތަށް އެރިއެވެ. އެއާއެކު އޭނަގެ މަންމަ އަސްރާގެ ހަނދާންތައް ބޭއިޙްތިޔާރުގައި ސިކުނޑީގައި އެނބުރެން ފެށިއެވެ. ބޮލަށް އުނދަގޫވެ ބޮލަށް ތަދުވާން ފެށުމުން އިލޮށިފަތި އަތުން ދޫވެ ބޮލުގައި ހިފަހައްޓާލެވުނެވެ. އޭރު ވޭނަށް ކެތްނުވެގެން ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ހަޅޭލަވަން ބޭނުންވިޔަސް އަޑު ބޭރެއް ނުވެއެވެ.
ދުވަން ދާއިރު ލާ އަތްދިގު ކަޅު ގަޔަށް ފިޓު ޓީޝާޓަކާއި ޓުރެކް ސޫޓަކާއި ހުދު ބޫޓަކަށް އަރައިގެން ނިކުތް ފައިޒަންގެ ލޮލުގައި އަޅައިގަތީ ކުރިމަތގައި ހުރި އަލައިނާއެވެ. ކޮޅަށް ނުހުރެވިގެން ކިރިޔާ ބިންމައްޗަށް ނުވެއްޓި ހުރި އަލައިނާ ފެނުމާއެކު ފައިޒަންއަށް ދުއްވައިގަނެވުނެވެ. ފައިޒަން އައިސް ހަމަވި ވަގުތު އަރިއަޅާލި އަލައިނާ ވެއްޓުނީ ފައިޒަންގެ އަތްމައްޗަށެވެ.
" އަލައިނާ... " ދެލޯ މެރެމުން ކަހަލަ ގޮތަކަށް އޮތް އަލައިނާގެ މޫނު ފެނިފައި ދެކޮލުގައި ޖަހާލަމުން ފައިޒަން ގޮވާލިއެވެ. ހާސްވެހުރެ ފައިޒަން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.
" ލީން... " އަފްޝާ ބޭރަށް ނިކުމެވުނީ އެވަގުތުއެވެ. އަލައިނާގެ ހާލު ފެނިފައި އަފްޝާއަށް ރޮއެގަނެވުނެވެ.
" އިބްރާހީމް... ލީން... ލީން... " އަފްޝާ ބާރުބާރަށް އިބްރާހީމްއަށް ގޮވިއެވެ. ފައިޒަންގެ އަތު ތެރޭގައި އޮތް އަލައިނާ ފެނިފައި ބޭރަށް ނިކުތް އިބްރާހީމްގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ފެށިއެވެ.
" ފައިޒަން ލީން އެތެރެޔަށް ގެނޭ... " އިބްރާހީމް ފައިޒަންއަށް އަލައިނާ އެތެރެޔަށް ގެނައުމަށް އެންގިއެވެ. ފައިޒަން އަލައިނާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް ސިޓިންރޫމު ސޯފާގައި ބާއްވާލިއެވެ.
" އަލައިނާ މިދުވަސްކޮޅު ވަރުދެރަވީމައި ވަރަށް ހޭނެތޭނެ..... ފައިޒަން ދޭ... ބޭބެމެން މިކަންތައް ނިންމާނަން... " ދުރުހިލޭ މީހަކަށްވުމުން އެކަންތަކުގެ ތެރެޔަށް ފައިޒަން ވައްދާކަށް އިބްރާހީމް ބޭނުމެއް ނުވިއެވެ. އޭރު އެންމެންހެން ސިޓިންރޫމަށް ޖަމާވަނީއެވެ. ވަކި އެއްޗެކޭ ނުބުނެ ފައިޒަން ވެސް ނިކުމެގެން ދިޔައެވެ. ފައިޒަން ދިޔަތާ މާގިނައިރުތަކެއް ނުވެ އަލައިނާ ހޭއެރިއެވެ.
ދުވަމުން ދިޔައިރު ވެސް ފައިޒަންއަށް ވިސްނެމުން ދިޔައީ އަލައިނާއާ މެދުގައެވެ. އިއްޔެ އެންމެ ފުރަތަމަވެސް އަލައިނާ ފެނުމާއެކު އަލައިނާއަކީ އެހެން އަންހެންކުދިންނާ ތަފާތު ކުއްޖެކޭ ހީވީ ކީއްވެ ހެއްޔެވެ؟ އެވަގުތު އެހިތް ބާރުބާރަށް ތެޅުނީ ކީއްވެ ހެއްޔެވެ؟ ރޭގައި އަލައިނާ މަތިން ހަނދާންވެ ހަމަ ނިދި ނުލިބުނީ ކީއްވެ ހެއްޔެވެ؟ އަލައިނާއާ މެދު އޭނަޔަށް މިވިސްނެނީ ކީއްވެ ހެއްޔެވެ؟ ދެންމެ އަލައިނާ ވޭނުގައި އުޅުނު ތަން ފެނި އެހިތަށް އަސަރުކުރީ ކީއްވެ ހެއްޔެވެ؟ މީހުން އެކިޔާ ލޯތްބަކީ މިއީ ހެއްޔެވެ؟
ފައިޒަންއަށް ހީލެވުނެވެ. ހަގީގަތުގައި ވެސް އޭނައަށް އަލައިނާދެކެ ލޯބިވެވިއްޖެކަން ޔަޤީންވިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަޔަށް އަންހެންކުއްޖެއްދެކެ ލޯބިވެވުނު މިއީ ފުރަތަމަ ފަހަރެވެ.
ހެނދުނު އަލައިނާއަށް ކަންތައް ވީގޮތް އަލައިނާ ހަނދާން ނެތްކަމުން މޫދަށް ދިއުމުގެ ދަތުރު އޮތީ ކުރިޔަށެވެ. އަލައިނާއަށް އެއްވެސް ކަމެއް ނާންގައި ސިއްރު ކުރުމަށް އެންމެން ގާތުގައި އިބްރާހީމް އެދުނެވެ. އެކަންތައް އަލުން ހަނދާންކޮއްދީ ދެވަނަ ފަހަރު އަލައިނާއަށް ނަފްސާނީ ގޮތުން އަނިޔާވާކަށް އިބްރާހީމް ނޭދެއެވެ.
ނުވައެއް ޖެހުމުގެ ކުރިން ދަތުރުގެ އެންމެހާ ކަންކަން ހަމަޖެހިގެން ދިޔައެވެ. ހެނދުނު ސައިބޯއެގެން ނުވަގަޑިޔަށް ކާނެ އެއްޗިއްސާ މެންދުރަށް ނޫޑުލީސް ކައްކަން ޖެހޭ ސާމާނުތަކާއި މޫދަށް އެރެން ގެންގުޅޭ ސާމާނުތައް ހިފައިގެން ފުއްޓަރު ފަރާތަށް ދިޔައިރު އެހިސާބުގައި މޫދަށް އެރިއުޅޭ އެތައް ބަޔަކު ތިއްބެވެ. އަލައިނާ ފެންނަ ކޮންމެ މީހަކު ހާލު އަހާލައެވެ. އެންމެ ކުޑައިރުއްސުރެ އަލައިނާއަކީ ރަށު މީހުންނާ ގުޅޭ ކުއްޖެކެވެ. އަލައިނާ މަންމަގެ މަރަށްފަހު މާލެ ބަދަލުވިފަހުން އެއިން އެކަކާވެސް ބައްދަލުވެ ދިމާވެފައި ނުވާތީ އެމިހުންނާ ބައްދަލުވުމުން އަލައިނާއަށްވެސް ލިބުނީ ހިތްހަމަޖެހުމެވެ.
ނުވަގަޑިޔަށް މަސްކާށި ކެއުމަށްޓަކައި ތައްޓަކަށް ކާށި ކޮށަން ހުރި ފައިޒަންގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ އަލައިނާއަށެވެ. އަރީބް ގޮވައިގެން މަޖާ ކުރަން އިން އަލައނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ފައިޒަން ކާށިކޮޅެއް ހިފައިގެން އިންތަނުން ތެދުވެގެން ގޮސް އަލައިނާގެ ގާތުގައި އިށީނދެލަމުން ކާށިކޮޅެއް ދިނެވެ.
" ތޭންކްސް... " ކާށި ކޮޅުގައި ހިފަމުން އަލައިނާ ހިނިތުންވެލިއެވެ. އޭނަ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ރަށަށް އައި ދެވަނަ ދުވަސް ނަމަވެސް އަސްރާގެ ހިޔާލުތައް ހަނދާން ނުވާހާ ހިނދަކު އަލައިނާގެ މޫނުމަތީގައި ވިދަމުން ދިޔައީ ހިނިތުންވުމެކެވެ.
" ވެލްކަމް. ލީން އެންމެ ކުރާ ހިތްވަނީ ކޮންކަމެއް؟ މިބުނީ ހޮބީއެއްގެ ގޮތުން؟ " ފައިޒަން ހީލިއެވެ.
" އަނެއްހެން ވަކި ހޮބީއެއް ނޯވޭ... އެކަމަކު ބީޗް ކައިރިއަށް ފޫހިވީމައި ވަރަށް ގިނައިން ދަން... " އަލައިނާ ކާށި ކޮޅު ކަމުން ޖަވާބުދިނެވެ.
---
" ބަލާބަލަ. މަށަށް ހީވަނީ ފައި ލީންދެކެ ލައިކްވާހެން.. އެކަމް ލީން... ލީން ނުދައްކައެއްނު އެގޮތަށް ނުދަންނަ މީހުންނާ ވާހަކައެއް؟ " އަފްޝާ އިބްރާހީމްއާއެކު ދަރު ހިފައިގެން ވަލުތެރެއިން އައި އިރު އަލައިނާ އަރީބް ގޮވައިގެން ފައިޒަންއާއެކު އިންތަން ފެނުމުން އަފްޝާ ބުނެލިއެވެ.
" ވެދާނެއެއްނު ލީންއަށްވެސް ފައިޒަން ކަމުދަނީ ކަމަށް. އަފޫއަށް ފައިޒަން ރަނގަޅިއްޔާ މަށަށް އެގުޅުމާމެދު މައްސަލައެއް ނެތް... އެކަމަކު ގައިގޯޅިވެ އެކަހެރި ބައްދަލުވުންތައް ނުބާއްވަންޏާ... މަށަށް ހީވަނީ މިފަހަރުގެ ދަތުރު މިއީ ކާމިޔާބު ދަތުރަކަށް ވާނެހެން. އިން ޝާ ﷲ " އިބްރާހީމް ހިނިތުންވެލިއެވެ.
"އޮއް... ފައިޒަން ދުވަހަކުވެސް އަމިއްލައަށް ފެނިގެން އަންހެންކުއްޖަކާ ވާހަކައެއް ނުދައްކާނެ... " ގާތް އެކުވެރިޔެއްހެން ހީހީފައި އަލައިނާއާއި ވާހަކަ ދައްކަން އިން ފައިޒަން ފެނިފައި އަފްޝާއާއި އިބްރާހީމްގެ ފަހަތުން އައިސް މަޑުކޮއްލި އަޙްމަދު ބުނެލިއެވެ. އަފްޝާއާއި އިބްރާހީމް ސިހިފައި އަޙްމަދަށް ބަލާލިއެވެ.
" ކުއްޖަކު ލޯބި ހުށައެޅިޔަސް އޭނަ އަޅައެއްވެސް ނުލާނެ.. ނުދަންނަ އަންހެންކުއްޖެއް ފެނިއްޖެއްޔާ ވާހަކަދައްކަން ޖެހިއްޖެ ހާލަތުގައި ނޫނީ އެކުދިންނާ އަނގައިންވެސް ނުބުނާނެ. ހަމަ އަޖައިބުވެއްޖެ އެގޮތަށް ލީންއާ ވާހަކަދައްކަން އިނީމަ... " އަޙްމަދު އިތުރަށް ބުނެލިއެވެ.
" ތިވާނީ ހަމަ ރަނގަޅަށްވެސް ލީން ކަމުދިޔައީ ކަމަށް... " އަފްޝާއަށް ހިނިތުންވެވުނެވެ.
---
" ހިހި... މަވެސް ކުރިން ވަރަށް ގިނައިން ފޫހިވީމައި ބީޗް ކައިރިއަށް ދަން... ވާނެ އެއްރޭ ބީޗް ކައިރިއަށް ދާން ދޯ؟ " ފައިޒަން އަރީބް އުރާލަން އުޅުނެވެ.
" ރޭގަނޑު؟ " އަލައިނާ ހައިރާންވެފައި ސުވާލު ކުރި ވަގުތު ކުއްލިއަކަށް ފައިޒަން އަތްލުމުން އަރީބް ބާރުބާރަށް ރޯންފެށީއެވެ. ފައިޒަންގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ.
" ދޫނީ.. އެއީ ބޭބެއެކޭ.. ހުއްޓާލަބަލަ... އަރީ ނުދަންނަ މީހުން އުރަން އުޅެންޏާ ވަރަށް ރޯނެ " އަލައިނާ އަރީބް މަސަލަސްކުރަމުން ދިޔައެވެ.
" އެއޮތްއައީ މަންމި ވެސް ދޫނީ ހުއްޓާލަބަލަ... " އަރީބް ރޮމުން ދިޔައީ ބިރެއް ފެނިގެން ރޯހެންނެވެ. އަފްޝާ އަވަހަށް އައިސް އަތް ފޮޅާލުމަށްފަހު އަރީބް އުރާލިއެވެ.
" ހީވަނީ ބަނޑުހައިވެސް ވީހެން.. " އަފްޝާ އޭނަ ގެނައި ދަބަހުން ބުއްފުޅި ނަގަމުން އަރީބްއަށް ދޭން ފެށިއެވެ. މަޑު މަޑުން ގިސްލަމުން ކަހަލަ ގޮތަކަށް އޮވެގެން އަރީބް ބުއްފުޅި ބޮމުން ދިޔައެވެ.
"އެހާ ބޮޑަށް ނުވިސްނައްޗޭ.. އަރީބްގެ އާދަ އެއީ.. ނުދަންނަ މީހުން އުރަންޏާ ބާރަށް ރޯނެ... " އަލައިނާ ފައިޒަންއަށް ވިސްނައިދިނެވެ.
" އިޓްސް އޯކޭ...ފައި ބޭބެއެއްގެ ދަރިޔެއްވެސް އުޅޭނެ އެހެން " ފައިޒަން ހީލިއެވެ. އަދި އެނބުރި މަސްކާށި ހެދުމާއިގެން އުޅެގަތެވެ.
މެންދުރުގެ ކެއުމަށް ތީބާއާއި އަފްޝާއާއިއެކު ނޫޑުލިސް ކެއްކުމުގައި އަލައިނާ އުޅުނެވެ. އޭރު ދަރިންތައް ބެލުމުގައި އަޙްމަދާއި އިބްރާހީމް ތިއްބެވެ. އެހެނަސް ފައިޒަން އިނީ އެމިހުންނާ ތަންކޮޅެއް ދުރުގައި ވިސްނުމަކަށް ގެއްލިފައެވެ.
މެންދުރު ކެއުމަށްފަހު އަލައިނާ ދިޔައީ މޫދު އެރޭށެވެ. އޭރު ދުރުން މެންދުރު ނަމާދުގެ ބަންގި ގޮވާ އަޑުވެސް އިވެމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު މޫދަށް އާދެވުމުން އަލައިނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމެކެވެ. ކަރާ ހިސާބަށް އަރާ ފުން ހިސާބެއްގައި އެކަނި ވަކިން ފަތަ ފަތާފައި އުޅުނު އިރު މާދުރުނޫން ހިސާބެއްގައި ފައިޒަންވެސް މޫދަށް އެރި އުޅެމުން ދިޔައެވެ.
ކުއްލިއަކަށް އަލައިނާގެ ފައިގައި އެއްޗެހިތަކެއް ޖެހޭހެން ހީވެގެން އަޑިއަށް މޫނު ގުންބާލިއެވެ. މާސްކަކާއި ނުލާ މޫދު އަޑި އުނދަގޫ ގޮތަކަށް ދެލޮލުން ބަލަމުން ދިޔައިރު ފެހިކުލައިގެ ކުދިކުދި މަސްތަކެއް ބައިގަނޑަކަށް އަލައިނާގެ ފައިކައިރީގައި އެނބުރެމުން ދިޔައެވެ. އަލައިނާ ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ. އެތަނުގައި އަލައިނާގެ އިސްކޮޅު ނުކަހައެވެ. 'ޑޯގް ޕެޓެލް' ޖަހަމުން މަތީގައި އަލައިނާ އޮތެވެ. އެހެނަސް އޭނަގެ މޫނުވަނީ މޫދު އަޑީގައެވެ. އެމަސްބައިގަނޑު ދެންވެސް އައިސް އަލައިނާގެ ފައި ކައިރީގައި އެނބުރެމުން ދިޔައެވެ. ދެން ފެނުނީ އެއަށްވުރެ ހައިރާން ކުރުވަނި ކަމެވެ. މޫދު އަޑިން ދެފޫޓެއްހާ ދުރުމިނުގައި ބޮޑު ހިބަރެއްވަރުވާ ބިޔަ މަހެއްހެން ކަޅު އަދި ފެހިކުލައިގެ ރޮނގު ދަމާފައި ހުރި ބިޔަ އެއްޗެއް ދިޔަ މަންޒަރެވެ. ދެން އޭތި އައިސް އަލައިނާގެ ފައި ކައިރީގައި އެނބުރެމުން ދިޔައެވެ. ކުދި މަސްތައް ބިރުން ދުރަށް ދިޔައެވެ. ފަތަން އެނގުނެއްކަމަކު ބިރުން ގޮސް އަލައިނާއަށް ފަތާކަށްވެސް ހަނދާނެއްނުވިއެވެ. މޫދު އަޑިޔަށް ގެނބެމުން ދިޔައިރު ދެންމެ ދެންމެ ހީވަނީ ނޭވާ ހުސްވެދާނެ ހެންނެވެ.
ނުނިމޭ

ވަރަށް ރީތި މި ޕާޓް ވެސް ❤️
ތެންކިޔު ހޫ ❤️❤️
ވަރަށް ރީތި 😚😚😚😍
ތެންކިޔު އީނާޝް ❤️❤️
ވެން ނެކްސްޓް ؟ ވ.ރީތި
ތެންކިޔު ޒީކް ❤️❤️ އިން ޝާ ﷲ މާދަން ދެން އިން ޕާޓް އަފްކޮއްލާނަން..
ވަރަށް ރީތި
ތެންކިޔު މަރިޔަމް ♥️♥️
ސަޅި ވާހަކައެއް
ފައިޒަން؟؟؟ އަނެއްކާ އިއްތަފޫ ކައިގެން އަރާ އިން ޒަންޖަބީލެއްތަ އެއީ؟؟؟
ބިރުވެރިކަން ފެށުނީތަ؟؟