ނޫރީން ނިދިތާ މާކަ ގިނައިރެނުވެ ނޫރީން ކުއްލިއަކަށް ދެލޯ ހުުޅުވައިލިއެވެ. އެދެލޯ އެހާ ބޮޑަށް ހުޅުވައިލައިފައިވުމުން ހީވަނީ ދެލޯ ނިކުންނަން އުޅޭ ހެންނެވެ. ނޫރީން ތެދުވެ ކޮޓަރި ދޮރު ހުޅުވައި ބޭރަށް ނިކުތެވެ. އަދި ގެއިންވެސް ބޭރަށް ނިކުމެ ގޭޓު ނުހުޅުވުމުން ގޭޓު މަތިން ފުންމައިލިއެވެ. ހީވަނީ ނުފެންނަ ބާރަކުން އޭނާ ތަނަކަށް ގެންދާހެންނެވެ. ދެން އޭނާ ދިޔައީ ހުވަފެނުގައި ފެނުނު ގެއަށެވެ. އެގެއާއި ހިސާބަށް ދެވުމުން ނޫރީން ދެލޯ މަރައިލިއެވެ. އަދި ހަމަ އެވަގުތު ދެލޯ ހުޅުވައިލިއެވެ. ނޫރީންއަށް ހުރެވުނު ތަން ފެނުމުން ހައިރާންވިވަރުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް ފަހަތަށް ފިޔަވަޅެއް އަޅައިލިތަނާ އެގޭގެ ގޭޓު ހުޅުވުނެވެ. މިފަހަރު ގޭޓާއި ދިމާއަށް ނޫރީން ދިޔައެވެ. ނޫރީން ދިޔައީކީ ނޫނެވެ. ދެވެނީއެވެ. އަނެއްކާވެސް އެބާރު ގެންދަނީއެވެ. ނޫރީން އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ގެ ދިޔައީ އަލިވަމުންނެވެ. ގޭގެ ދޮރު ހުޅުވައިފައި ވަތްއިރު ފަހަތަށް އެނބުރި ހެއްލޭ ގޮނޑިއެއްގައި އިށީނދެ އިން މީހަކު ފެނުނެވެ.
"އާދެވިއްޖެ ދޯ އެންމެ ފަހުން؟" އެމީހާ ނޫރީންއާއި ވީ ފަޅިއަށް އެނބުރިލައިފައި ބުންޏެވެ. އެމީހާގެ މޫނު ފެނިފައި ނޫރީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"ތިއީ… ތިއީ…" ނޫރީން އާގަންނަން ފެށިއެވެ.
"މިއީ ނޫރީންއަށް ފޮޓޯ ފްރޭމްއިން ފެނުނު ފިރިހެން މީހާ… ރަނގަޅަށޭ ތި ހީކުރަނީ." އެމީހާ ބުންޏެވެ.
"ކީ… ކީތްވެ ނޫރީ މިތަނަށް ގެނައީ؟" ނޫރީން ދެބުމަ ކައިރިކޮށްލަމުން އެއްސެވެ.
"އިނގިއްޖެ ދޯ އަހަރެންކަން ނޫރީން މިތަނަށް ގެނައީ… ތިވަރަކަށް އަހަރެންދެކެ ރުޅި އަންނާނެ ކަމެއް ނެތޭ… އަހަރެން މިއީ ނޫރީންގެ މަންމަ މާޔާގެ އެންމެ ގާތް އެކުވެރިޔާ ނިހާން…" ނިހާން ބުންޏެވެ.
"މަންމަގެ އެންމެ ގާތް އެކުވެރިޔާއޭ؟ ނިހާންއޭ؟" ނޫރީންއަށް ބުނެވުނެވެ.
ދެން ކުއްލިއަކަށް ނިހާން އޭނާގެ ބުރަކަށިން ނޫކުލައިގެ ބޯ ދެ ފިޔަގަނޑު ނެރެލިއެވެ. އަދި އިސްކޮޅުން ދިގުވެ ނިހާންގެ ކަޅުކުލައިގެ ދެލޯ ނޫކުލައަށް ބަދަލުވެ ހޮޅިބުރިއެއްހެން ދިއްލުނެވެ. އަދި އޭނާގެ އަނގައިން ދެފޭރާ ދަތް ނިކުތެވެ. ދެން ހަރުފައިގެ ދުލެއްކަހަލަ ވިހަގަދަ ދުލެއް ނެރެލުމަށްފަހު އެންމެ ނުރައްކާތެރި ހަރުފަލައްވާ ކަހަލަ އަޑެއް ލައްވައިލިއެވެ. ނޫރީންއަށް މިމަންޒަރު ފެނި ނިމުނުއިރު އޭނާހުރީ ބިރުންގޮސް ފިތް ކަނޑައިގެންދާވަރު ވެފައެވެ. ނޫރީން ބިރުންގޮސް ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް ނިހާން ނޫރީންއާއި ދިމާއަށް ނޫކުލައިގެ ފުށްކޮޅެއް ކަހަލަ އެއްޗެއް އެއްލިއެވެ. އެއާއިއެކު ނޫރީނައަށް ދެލޯ މަރައިލެވުނެވެ. ނޫރީން ދެލޯ ހުޅުވައިލިއިރު ހުރެވުނީ މުރަކަތަކެއްގެ ކައިރީގައި ކަނޑުގައެވެ. ނޫރީން އެންމެ ހައިރާންވީ އޭނާއަށް ކަނޑުގައި ނޭވާ ލެވޭތީއެވެ. ދެން އޭނާ ބަލައިލީ އޭނާ ހުރިގޮތެވެ. ނޫރީން ހުރީ ނިހާން ކަހަލަ އެއްޗަކަށް ބަދަލުވެފައެވެ. ނިހާންއާއި ޚިލާފަށް ނޫރީންހުރީ ބަށިކުލައިގެ ތުނި ދެ ފިޔަގަޑެވެ. އަދި ނިހާންގެ ނޫކުލައިގެ ދެލޮލުގެ ބަދަލުގައި ބަށިކުލައިގެ ދެލޮލެވެ. ނިހާން ހުންނަ ކަހަލަ ދެފޭރާ ދަތާއި ނުރައްކާތެރި ހަރުފަ ދުލެއް ނޫރީންއަކަށް ލިބިފައެއްނެތެވެ. ނޫރީންގެ ކުރު ބްރޯންޑް އިސްތަށިގަނޑުގެ ބަދަދަލުގައި ދިގު ކަޅުކުލައިގެ އިސްތަށިގަނޑެއްގައި ހުރީ ބަށިކުލައިން ހައިލައިޓްކޮށްފައެވެ. އަދި ބަށިކުލައިގެ ތާޖެއް ކަހަލަ އެއްޗެއްވެސް އޭނާގެ ބޮލުގައި އެޅުވިފައިއިނެވެ. ފަށް ކޮބައިތޯ ބަލައިލިއިރު ކަރުގައި ފަށްއޮތެވެ. ނޫރީން ބަލައިލީ ވަށައިގެންވި މާހައުލަށެވެ. ވަށައިގެންވީ ފަޑު އަލިކަމެކެވެ. އެނޫން އެއްވެސް އަލިކަމެއް ނެތް އެތަނުގައި ނޫރީންއަށް ވަރަށް ސާފުކޮށް ތަންތަން ފެނެއެވެ. ނޫރީން ފަތަން މަސައްކަތްކުރިއެވެ. ނަމަވެސް ނޫރީންއަށް ފަތަން ދަސްވެފައިނުވާތީ ފަތާކަށް ނޭނގުނެވެ. ނޫރީންއަަށް ޖެހުނީ އިންނާށެވެ. އެހެން ދެތިން މިނެޓު ވަންދެން އިންއިރު އެއްޗެއް ފަތާ އަޑު ނޫރީންއަށް އިވުނެވެ. ނޫރީން ފަތަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ނޫރީންއަށް ޖެހުނީ ހުރިތާ އިންނާށެވެ. އެ ފަތާ އަޑު ކައިރިވިވަރަކަށް ނޫރީންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ދެން ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ކުރިމައްޗަށް އެރީ ބޮޑު ސިންގާ މިޔަރެކެވެ. އޭތީގެ ދިއްލިފައިވި ކަޅުކުލައިގެ ކުލައިގެ ދެލޮލުންނާއި ކަރުގައި އަޅުވައިފައިވި ކަޅުކުލައިގެ ބޭންޑެއް ކަހަލަ އެއްޗަކުންވެސް އެއީ އާދައިގެ މިޔަރެއް ނޫންކަން އިނގުނެވެ. ނޫރީން އަނެއްކާވެސް ފަތަން މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ނޫރީންގެ ގާތަށް އެ މިޔަރު އަންނަން ފެށިއެވެ. ނޫރީން ހީކުރީ މިއީ އޭނާގެ އެންމެ ފަހު ވަގުތުކޮޅު ކަމަށެވެ. އެހެން ކަމުން ލޯމަރައި ބާރަށް ތަގުތަޅިކޮށްލަމުން ވަރަށް ބާރަށް ހަޅޭލަވައިގަތެވެ.
"ހަމަ މިހާރު މިތަނުން ދޭ!" ނޫރީންއަށް ދެލޯ ހުޅުވައިލެވުނީ ފިރިހެންވަންތަ އަޑަކުން މީހަކު އެހެން ބުނުމުންނެވެ.
އެތާހުރީ ގާތްގަނޑަކަށް ވިހި އެކާވީސް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާހުރީ ހަމަ ނޫރީންހުރި ގޮތަށެވެ. ދިއްލިފައިވާ ރަތްކުލައިގެ ދެލޮލާއި ރަތްކުލައިގެ ބޮޑު ބޯ ފިޔަގަނޑެކެވެ. އަނގައިން ނިކުމެފައިވާ ދިގު ދެ ފޭރާ ދަތާއި ހަރުފައިގެ ދޫކަަލަ ނުރައްކާތެރި ދުލެކެވެ. ބަލާ ބެލުމަށް ނޫރީންއަށްވުރެ ދިގު އަދި ކުލަ އަލި ކުއްޖެކެވެ. އެހާ ބިޔަ ނޫނަސް ކަށްރަތީ ހަށިގަނޑެވެ. ނޫރީންއަށް ފެނުނު އެތަކެއް ފިރިހެން ކުދިންނަށްވުރެ އެތަކެއް ގުނައެއް ރީތި ކުއްޖެކެވެ. އަދި އެކުއްޖާގެ ކަޅުކުލައިގެ އިސްތަށިގަނޑުގައި ރަތްކުލައިން ހައިލައިޓްކޮށްފައިހުރި ތަން ފެނިފައި ނޫރީންއަށް އޭނާގެ އިސްތަށިގަނޑުގައި ހިފެހެއްޓުނެވެ. އެކުއްޖާގެ ސިފައާއި މެދު ވިސްނަން ހުއްޓައި އެ މިޔަރު ލެއްވި ބިރުވެރި އަޑުން ނޫރީންއަށް މޫނު މަތީގައި އަތް އެޅުނެވެ. ނަމަވެސް އަތުގެ އިނގިލިތައް ފޭކޮށްގެން އެކުއްޖާ އެކުރާ ކަމެއް ބަލައިލިއެވެ. އެކުއްޖާގެ އަތުން ރަތްކުލައިގެ އަލިތަކެއް މިޔަރުގެ ކަރުގައިއޮތް ބޭންޑަށް ދޫކޮށްލުމާއިއެކު އޭތި ފަޅައިގެންގޮސް މިޔަރު ގެއްލުނެވެ. ނޫރީން މޫނު މަތިން އަތްނެގި ވަގުތަކީ އެ ފިރިހެން ކުއްޖާ ނޫރީންއަށް ބަލައިލި ވަގުތެވެ.
"ތިއީ ކާކު؟" ކުޑަ ހިމޭންކަމަކަށްފަހު އެކުއްޖާ އަހައިލިއެވެ.
"ނޫ...ނޫރީ...ން. ތިއީ ކާކު؟" ނޫރީން އިސްޖަހައިލަމުން ޖަވާބުދިނުމަށްފަހު ސުވާލުކޮށްލިއެވެ.
"އަަހަރެންގެ ނަމަކީ ޒައިކާން. ތިއީ ކޮން ކަނޑެއްގެ ކާކު؟" ޒައިކާން ޖަވާބުދިނުމަށްފަހު އެއްސެވެ.
"ކިހިނެތް ނޫރީއަށް ތިހުރިހާ ސުވާލަކަށް ޖަވާބުދެވޭނީ. ތިއީ އިތުބާރުކުރެވޭ މީހެއްތޯ ނޫންތޯ ނޫރީއަށް އިނގިގެން ތިއަށް ޖަވާބުދެވޭނީ." ނޫރީން އެއިންގޮތަށް އިނދެގެން މަޑުމަޑުން ބުންޏެވެ.
"ތިކުއްޖާ އަހަންނަށް ޝުކުރުވެސް ނުކުރާނަންތަ؟" ޒައިކާން ހަރަމް ބަންނަމުން އެއްސެވެ.
"ޝުކުރިއްޔާ! އެއޮތީ ބުނެފަ. ދެން ނޫރީއަށް ފަތަން ދަސްކޮށްދީބަ." ނޫރީންއަށް ހަޅޭލަވައިގަނެވުނެވެ.
"ހަހަަހަ… ނޭނގޭތަ؟" ޒައިކާން ހިނިގަނޑެއް ޖަހައިލުމަށްފަހު މަލާމާތްކޮށްލިއެވެ.
"ދެން ޒައިކާން! ޕްލީޒް… ނޫރީއަށް ފަތަން ދަސްކޮށްދީފިޔާ ޒައިކާން ބޭނުންކަމެއް ކޮށްދޭނަން… ޕްލީޒް!!!" ނޫރީން އާދޭސްކުރަން ފެށިއެވެ.
"މިސުވާލަށް ޖަވާބުދިނީމަ ދަސްކޮށްދޭނީ." ޒައިކާން ނޫރީންގެ ކުރިމައްޗަށް އަރަމުން ބުންޏެވެ.
"ތިއީ ކޮންތާކުންއައި ކާކު؟" ޒައިކާން ސުވާލުކޮށްލިއެވެ.
"ނޫރީ އައީ ދުނިޔޭގެ ޤައުމެއްކަމަށްވާ މެލޭޝިޔާއިން. ނިހާން ކިޔާ މީހަކު ގެނައީ މިހިސާބަށް…" ނޫރީންއަށް ހިތުގައިއޮތް އެތި އިޚްތިޔާރަކާއިނުލައި ބުނެވުނެވެ.
"އޭނ! އެކަަމަކު އިންސާނުންނަކަށް އަހަރެމެން ކަހަަލަ މަޚްލޫޤުންނަށް ބަދަލުވުމަކީ ނާދިރުކަމެއް. ތިއީ ހަމަ އިންސާނެއްތަ؟" ޒައިކާން ހައިރާންކަމާއިއެކު އެއްސެވެ.
"ތިބުނާ ނިހާންއަކީ ދުނިޔޭގަ އުޅުނު މީހަކާއި އިނދެގެން އުޅުނު މީހެއް. އޭނާ މިތަނަށް އައީ އޭނާއަށް މަޖުބޫރުވެގެން. ނިހާން ގެންގުޅޭނެ ފަށެއް. އެފަށް ބޭނުން ކުރެވޭނީ ހަމައެކަނި އޭނާގެ ލޭގެ ގުޅުން ހުންނަ މީހަކަށް އެކަނި…" ޒައިކާން އިތުރުކޮށްލިއެވެ.
"ފަށެކޭ؟!؟ ކީތްވެތަ ހުރިހާ ތާކުން ފަށެކޭ ފަށެކޭ ކިޔަނީ؟ އެންމެ ފުރަތަމަ މަސްޓޭންކު ތެރޭގަ. ދެން އެ ނޮކިޔާ ފޯނުގަ. ދެން މިހާރު ޒައިކާން އެބުނާ ފަށް." ނޫރީންއަށް އުނދަގޫވެގެން ބުންޏެވެ.
"އެފަށް ފެނުނުތަ؟" ޒައިކާން ކުއްލިއަކަށް އެއްސެވެ.
"ނޭނގެ ފެނުނުކަމެއް. އެކަމަކު މަސްޓޭންކު ތެރޭގައޮތް ފަށް މިއޮތީ." ނޫރީން އޭނާގެ ކަރުގައި އަޅައިފައިއޮތް ފަށް ދެއްކިއެވެ.
"ތި… ތިއީ އެ ފަށް. އެހެންވީމާ ތިއީ ނީީހާންއާއި ކޮންމެވެސް ގުޅުމެއްއޮތް މީހެއްތާ!" ޒައިކާން ދެލޯ ބޮޑުކޮށްލަމުން އެފަށުގެ ފުލުގައި ހިފައިލުމަށްފަހު ބުންޏެވެ.
"އޭނައާއި ކޮން ގުޅުމެއް އޮންނާނީ؟ އެއީ ޖިންނިއެއް ވިއްޔާ!" ނޫރީން ބުނެލިއެވެ.
"ހިނގާ މިތަނުން ދާން! މިއީ ވަރަށް ނުރައްކާތެރި ތަނެއް." ޒައިކާން ނޫރީންގެ އަތުގައި ހިފައިލަމުން ބުންޏެވެ. ޒައިކާން ނޫރީންގެ އަތުގައި ހިފައިލުމާއިއެކު ނޫރީން އެއަތް ފޮޅުވައިލިއެވެ.
"އެންމެ ފުރަތަމަ ނޫރީއަކަށް ނޭނގެ ފަތާކަށް. ފަތަން ދަސްކޮށްދިނީމަ ޒައިކާންގެ ފަހަތުން ނޫރީ ގޮސްދާނަން." ނޫރީން ބުނެލިއެވެ.
ހަމަ އެވަގުތު ޒައިކާން ވައްތަރުގެ ބިރުވެރި މަޚްލޫޤެއް އެމީހުންނާއި ދާދި ގާތުން ދިޔައެވެ. ނަމަވެސް އެއެއްޗަކަށް އެމީހުންނެއް ނުފެނެއެވެ. ނޫރީން ބިރުން މިފަހަރު ހިފުނީ ޒައިކާންގެ އަތުގައެވެ.
"އަދިވެސް ދާން އެއްބަހެއް ނުވާނަންތަ؟" ޒައިކާންއަށް ނޫރީން ބިރުގަތްތަން ފެނުމުން އެއްބުމަ އަރުވައިލައިފައި އެއްސެވެ.
"އޯކޭ! ފައިން. ބަޓް… ކޭން އައި ޓްރަސްޓް ޔޫ؟" ނޫރީން ޒައިކާންގެ މޫނަށް ބަލައިލަފައި އެއްސެވެ.
ނޫރީންއަށް ޒައިކާންގެ ދެ ފޭރާ ދަތް ފެނުނީ އަދި ކިރިޔާއެވެ. ނޫރީން ބިރުން ހަޅޭލަވައިގަތެވެ. އެވަގުތު ޒައިކާން ދެބުމަ ކައިރިކޮށްލިއެވެ.
"ކީތްވެ ތި ހަޅޭލަވަނީ؟" ޒައިކާން އެއްސެވެ.
"ނޫރީއަކަށް… ޒައިކާންއަކަށް އިތުބާރެއް ނުކުރެވޭނެ… ދޫކޮށްލާ!" ނޫރީން އެހެން ބުނުމަށްފަހު ޒައިކާންގެ އަތުން އަތް ދަމައިގަނެ ދެފިޔަ ހުޅުވައިލައި ދުރަށް ދިޔައެވެ.
ނޫރީން ދެލޯ ބޮޑުވީ އޭނާއަށް ފިޔަގަނޑާއިއެކު އުދުހެވުމުންނެވެ. ނޫރީން ދެފިޔަގަނޑަށް ބަލައިލައިފައި އުފަލުން އެނބުރެލިއެވެ.
"ވޮޗް އައުޓް!" ކުއްލިއަކަށް ޒައިކާން އައިސް ނޫރީންއާއި އެކު ތިރިއަށް ވެއްޓިގަތެވެ. "ޒައިކާން!!!!" ނޫރީން ހަޅޭލަވައިގަތެވެ.
ނޫޫރީން ދެވަނަ ފަހަރަށް ހަޅޭލަވައިގަންނަން ވާއިރަށް ޒައިކާން ނޫރީންގެ އަނގަ މަތީގައި އަތް އަޅައި ކައިރީގައި އޮތް ވަޅުގަނޑަކަށް ވެއްދިއެވެ. ޒައިކާންގެ އެއްއަތުން ނޫރީންގެ އަނގަ މަތީގައި އަތް އަޅައި އަނެއްއަތުން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލައި ނޫރީން ޒައިކާންއަށް ފެންނާހެން ކުރިމައްޗައްލިއެވެ. އަދި އިތުރަށް އެތެރެއަށްވަނެވެ. އެވަޅުގަނޑު ކުޑަ ކަމުން ދެމީހުން ތިބެން ޖެހުނީ ފިތިގެންނެވެ. އެހެން ތިބިއިރު ޒައިކާން ލާ ހޫނު ނޭވާތައް ކަނޑުގައި ވިއަސް ނޫރީންގެ ކަންފަތާއި ހަމައަށް ފޯރައެވެ. އެހެންކަމުން ނޫރީންހުރީ ލަދުންގޮސް ހަލާކުވާވަރުވެފައެވެ.
"މިތާކު ނެތެއްނުން ހަމަ އެކަކުވެސް؟ ހިނގާ ދާން…" ކޮންމެވެސް މީހަކު ވަޅުގަނޑުގެ ކައިރިން ބުނާ އަޑު އިވުނެވެ.
ދެން އިވުނީ އެމީހަކު ފަތަމުން ދުރަށް ދިޔަ އަޑެވެ. އެމީހުން ދިއުމުން ޒައިކާން އަތް ނޫރީންގެ އަނގައިން ނަގައި އުނަގަނޑުން އަތް ނައްޓުވައިލިއެވެ. އެވަގުތު ނޫރީން ވެއްޓެން ދިއުމުން ޒައިކާން ނޫރީންގެ ގައިގައި ހިފަހައްޓައިލިއެވެ. އަދި ވަޅުގަނޑުން ނިކުމެ ނޫރީންގެ މޫނަށް ބަލައިލިއިރު އޭނާއަށް އޮތީ ނިދިފައެވެ. ޒައިކާން ދެފަރާތް ބަލައިލުމަށްފަހު ފިޔަގަނޑު ހުޅުވައިލައި މައްޗަށް އެރިއެވެ. އަދި ކޮންމެވެސް ދިމާއަކަށް ދިޔައެވެ. ނޫރީންއަށް ދެލޯ ހުޅުވައިލިތަނާ އެންމެ ފުރަތަމަވެސް ފެނުނީ ނޫކުލައިގެ ސީލިންގެވެ. މިއަދު ވީ ކަންތައް ހަނދާންވުމާއިއެކު ނޫރީންއަށް ފުންމައިގެން ތެދުވެވުނެވެ. އެ އެނދު ހުރީ މަތީގައިކަމުން ނޫރީން ތިރިއަށް ވެއްޓެން ދިޔައެވެ. ނޫރީން ވެއްޓުނީ ސީދާ ޒައިކާންގެ އަތްދަނޑި މައްޗަށެވެ.
"ވޯހް! ސްލޯ ޑައުން ގާރލް…" ޒައިކާންގެ ނޫރީންއަށް ބަލައިލަމުން ބުންޏެވެ.
އެއިރު ހުރީ ކުރިން ފެނުނު ޒައިކާންއެއް ނޫނެވެ. އޭނާގެ ދެ ފޭރާ ދަތާއި ހަރުފަ ދުލެއްނެތެވެ. އަދި އޭނާގެ ފިޔަގަނޑުވެސް ނެތެވެ. އޭނާހުރީ ޓީޝާޓަކާއި ސޯޓެއް ލައިެންނެވެ. ހީވަނީ ހަމަ އާދައިގެ އިންސާނެއް ހެންނެވެ. ނޫރީންގެވެސް ކުރިންހުރި ފިޔަގަނޑެއްނެތެވެ. ނަމަވެސް އޭނާގެ ބްރޯންޑް އިސްތަށިގަނޑުގެ ބަދަލުގައިހުރީ ހަމަ އެ ކަޅުކުލައިގެ އިސްތަށިގަނޑުގައި ބަށި ކުލައިން ހައިލައިޓްކޮށްފައެވެ. އޭނާހުރީ ރޭގައި ލައިގެންހުރި ނިދާ ހެދުމުގެ ބަދަލުގައި ކަޅުކުލައިގެ ފައިދިގު ޓައިޓަކާއި ކަޅުކުލައިގެ އަތްދިގު ސްވެޓާރއެއް ލައިގެންނެވެ.
"ކާކު ނޫރީގެ އެއްޗެހި ބަދަލުކުރުވީ؟" ނޫރީން ހިތަށްއެރި އެއްޗަކުން ދެލޯ ބޮޑުކޮށްލުމަށްފަހު އެއްސެވެ.
"އަހަންނެއް ނޫނޭ އެއްޗެހި ބަދަލުކުރުވީ ދެލޯ ބޮޑުކުރާކަށް. އަހަރެން މިތާ ގެންގުޅޭ އަންހެން ކުއްޖެއް ތިކުއްޖާ އެއްޗެހި ބަދަލުކުރުވީ." ޒައިކާން ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ.
"ނޫރީ ތިރީގަ ބަހައްޓައިފާނަންތަ؟" ނޫރީން ތިރި ބަލައިލަމުން އެއްސެވެ.
"ކީތްކުރަން ތިރީގަ ބަހައްޓަންވީ؟ ތިތާ އޮންނައިރު އަރާމެއް ނޫންތަ؟" ޒައިކާން ދުރު ބަލައިލުމަށްފަހު އާދައިގެ ރާގަކަށް ބުންޏެވެ.
"ޒައިކާން!!! ދެން…." ނޫރީން ތުންއޫކޮށްލަމުން ބުންޏެވެ.
"އަން! އޯކޭތަ؟" ޒައިކާން ނޫރީން ތިރީގައި ބެހެއްޓުމަށްފަހު ހަރަމް ބަންނަމުން އެއްސެވެ.
"އޯކޭ! ތޭންކްސް… މިއީ ކޮން ތަނެއް؟" ނޫރީން ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އެއްސެވެ.
"މިއީ އަހަރެންގެ ބައްޕަގެ ގެއެއް." ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު ބުންޏެވެ.
"އެެހެންވިއްޔާ ބައްޕަ ކޮބާ؟" ނޫރީން ސުވާލުކޮށްލިއެވެ.
"ބައްޕަ….." ޒައިކާން އެހިސާބަށް ބުނުމަށްފަހު ސޯޓުގެ ދެޖީބަށް އަތް ޖަހައިލަމުން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"ބައްޕަ މަރުވެއްޖެ. މަރުވީއެއްނޫން. މަރައިލީ…" ޒައިކާން ނޫރީންއަށް ބަލައިލަމުން އެބައި ފުރިހަމަކޮށްލިއެވެ.
"ޝޫޓް! ސޯ ސޮރީ އެހެން އެހުނީމަ." ޒައިކާންގެ ތޫނު ރަތްކުލައިގެ ދެލޮލުގައި ފޮރުވިފައިވި ހިތާމަ ފެނުމުން އޭނާގެ ހާލަށްޓަކައި ނޫރީން ހަމްދަރުދީވިއެވެ.
"ތިކުއްޖާއެއް ނޫން ސޮރީ ބުނަން ޖެހޭނީ… ހަނީން ޖެހޭނީ އެހެން ބުނަން. އެކަމަކު އޭނާއަށް ދުވަހަކުވެސް މައާފެއް ނުކުރާނަން. ދުވަހަކުވެސް…" ޒައިކާން އެހެން ބުނުމަށްފަހު އަތް މުއްކަވައިލަމުން ފާރުގައި ޖަހައިލިއެވެ.
"މީ… ތިކުއްޖާގެ މަންމަ ނޫނީ ބައްޕަ ކޮބާ؟" ކުޑަ ހިމޭންކަމަކަށްފަހު ޒައިކާން އެއްސެވެ.
"މަންމަވީ ދުނިޔޭގަ. ދެން…. ބައްޕަ… ބައްޕަ ގެއްލިފަވީ ނޫރީއަށް އެއްއަހަރުގަ." ނޫރީން އިސްޖަހައިލުމަށްފަހު ބުންޏެވެ.
"ނޫރީ މެލޭޝިޔާއަށް ގެންގޮސްދީފާނަންތަ؟" ނޫރީން އޭނާގެ ބައްޕަގެ ޚިޔާލުތަކާއި ދުރުވުމަށް ޒައިކާން ކައިރީގައި އެއްސެވެ.
"އާނ! އާދޭ!" ޒައިކާން އެހެން ބުނަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.
"އެކަމަކު..." ޒައިކާން ދޮރާއި ހަމައަށްގޮސް އެއްޗެކޭބުނަން އުޅުނު ގަޑީގައި ހުއްޓުން އެރީ ނޫރީންގެ ފަހަތުގައިހުރި ސޫރަ ފެނުމުންނެވެ.
- ނުނިމޭ -
'ސައިރެން' ގެ 5ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
ސަޅި..............
ޝުކުރިއްޔާ 😁
ވަރަށް ރީތި ވާހަކަ އެއް 😍
ކޭން ޔޫ ޓެލް މީ؟ ކިހިނެއް ތަ މި ސައިޓައް ވާހަކަ ލިޔަން ހެދީ ޕުލީޒް ޓެލް މީ ފުލޭމް ގާލް💝