ތިޔަ ލޯބީގައި - 23

"މާމާ.. މި.. މި.. ނަމާދު.. ކުރަނީ... ކިހި.. ކިހިނެއްތަ؟" ޖެހިލުންވެފައި އިނދެ ތުންފަތްހަފަމުންދިޔަ ޝަޔަމް މުހުސިނާއަށް ބަލަން ނުކެރި މަޑުމަޑުން އަހައިލިއެވެ. ޝަޔަމްގެ ސުވާލުން މުހުސިނާއަށް ލިބުނީ ހައިރާންކަމެވެ.

ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި މުހުސިނާއަށް ޝަޔަމް އަށް ބަލަން އިނދެވުނީ ދުވަހަކުވެސް އިވިދާނެކަމަށް ހީވެފައިނެތް ސުވާލެއް ޝަޔަމްގެ ފުށުން އިވުމުންނެވެ. މީގެ ކުރިންވެސް އެތައްފަހަރަކު ނަމާދުކޮށްހެދުމަށް މުހުސިނާ ވަނީ އޭނާގެ މާމަ ދަރިންނަށްވެސް ހަނދާންކޮށް ބުނެދީފައެވެ. އެހެނަސް އޭރުވެސް ޝަޔަމްގެ ފަރާތުން އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ފައުޅުވެފައި ނުވާއިރު މިއަދު ކުއްލިއަކަށް މިވީ ގޮތަކާއިމެދުގައި އޭނާ ސުވާލުއުފެދޭގޮތްވިއެވެ. ނަމަވެސް އެއިން އެއްވެސް އަސަރެއް މުހުސިނާ ޝަޔަމްއަކަށް ނުދައްކައެވެ.

"ދަރިފުޅު ހަމަ ހަގީގަތުގަވެސް އެނގެން ބޭނުންތަ؟" އިރުކޮޅަކު ޝަޔަމްއަށް ބަލަން އިނުމަށްފަހު ލަސްލަހުން މުހުސިނާ ސުވާލުކޮށްލިއެވެ. ތުންފަތް ހަފައިލަ ހަފައިލައި އިން ޝަޔަމް މުހުސިނާއާއި ނަޒަރު ސީދާކޮށްލަމުން ބޯޖަހައިލީ އެކަމާއިމެދުގައި ވިސްނަންއިންފަދަ ގޮތަކަށެވެ.

"އެންމެ ރަނގަޅު.. މާމަ ދަރިފުޅު އެނގެން ބޭނުންވާ ހުރިހައި އެއްޗެއް ދަރިފުޅަށް ކިޔައިދޭނަން.. އެކަމަކު.. މާމަ އަށް އަހައިލެވިދާނެތަ ދަރިފުޅު ކުއްލިއަކަށް ނަމާދާއި މެދުގައި ޝައުގުވެރިކަން އުފެދުނު ސަބަބެއް.." ޝަޔަމްގެ އަތްތިލައިގައި ހިފައިލަމުން މުހުސިނާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އެއްޗެއް ބުނަން ނުބުނަން އުޅޭފަދަ މީހެއްގޮތަށް ހިނދުކޮޅަކު އިނުމަށްފަހު ޝަޔަމް ފުންނޭވައެއް ދޫކޮށްލިއެވެ.

މުހުސިނާ އަކީ އަބަދުވެސް ސައިނާގެ އާއިލާއިން ޝަޔަމް އެންމެ އިތުބާރުކޮށް ގަދަރުކުރާ ފަރާތެވެ. މާމަގެ އެހުންނަ މަޑުމައިތިރި ހިތްތިރި މިޒާޖު އޭނާއަށް އަބަދުވެސް ވަރަށް ކަމުދެއެވެ. ކޮންމެ ކަމެއްގައިވެސް މާމަ އަށް އިތުބާރުކޮށް ކަންކަން ހިއްސާކުރާހިތް ޝަޔަމް ވަނީ އެމާމަގެ ތަޖުރިބާއާއި ތޫނުފިލިކަން އޭނާއަށް ރަނގަޅަށް ވިސްނޭތީއެވެ. ވީއިރު އޭނާގެ ހަޔާތަށް އައިސްގެންއުޅޭ ބޮޑު ބަދަލުގެ ވާހަކަ މާމައަށް ސިއްރުކުރުމުގެ އެއްވެސް ބޭނުމެއްނެތްތާއެވެ. އެކަމުގައިވެސް އޭނާއަށް އެންމެ ހެޔޮ ގޮތް ވިސްނައިދޭނީ މުހުސިނާ އޭ އޭނާގެ ހިތަށް އަރަނީ ކޮންމެވެސް ކަމެއްްވީމައިތާއެވެ.

އަމިއްލަ ހިތުގެ ބަސް ގަބޫލުކުރަމުން މުހުސިނާގެ އަތުގައި ދެއަތުން ބާރަށް ހިފަހައްޓައިލުމަށްފަހު ޝަޔަމް ވާހަކަދައްކަންފެށިއެވެ. ނުހައިކް އާއި އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން މިއަދާއި ހަމައަަށް އެދެމެދުގައި ހިނގި ހުރިހައި ކަމެއްގެ ވާހަކަ އެއްވެސް އޮޅުވައިލުމެއްނެތި ޝަޔަމް ތެދުތެދަށް މުހުސިނާއަށް ކިޔައިދިނެވެ. ނުހައިކް އާއި ގުޅުންހުރި އެކިކަންކަމުގެ ވާހަކަތައް ކިޔައިދެމުންދިޔައިރު ޝަޔަމްގެ ދެލޮލުގެ ވިދުން އާދަޔާއި ޚިލާފަށް ގަދަވެފައިވާހެންވެސް މުހުސިނާއަށް ހީވިއެވެ. ނުހައިކް އަކީ ބަރާބަރަށް ނަމަދުކުރާ މީހެއްކަމާއި އަބަދުމެ އޭނާގެ ދެލޮލަށް އެމަންޒަރުތައްފެނި އެކަންކަމަށް ޝައުގުވެރިކަން ހިތުގައި އުފެދުނީކަމަށް ޝަޔަމް ބުނެލިއެވެ.

ޝަޔަމްގެ ވާހަކަތައް ނިމުމާއިއެކު މުހުސިނާއަށް ހަމްދު އަޅަމުން ފުޅާކޮށް ހިނިތުންވެލެވުނެވެ. އަބަދުމެ އޭނާގެ ހިތުގައިވި ދުޢާ އިޖާބަކުރައްވައިފިއޭ އެހިނދު މުހުސިނާގެ ހިތަށް އެރިއެވެ. ލޯތްބާއެކު ޝަޔަމްގެ ނިތުގައި ބޮސްދެމުން އެހަށިގަނޑުގައި މުހުސިނާއަށް ބައްދައިލެވުނެވެ. އޭރު އުފާވެރިކަމުގެ ކަރުނަ އެލޮލުން އޮހޮރެމުންދިޔައެވެ.

"އެންމެފަހުން މާމަގެ ލޯބިވާ ޝަޔަމްއަށްވެސް މީހެއްދެކެ ލޯބި ވެވިއްޖެ ދޯ.. މާމަ އުފާކުރަން ދަރިފުޅުގެ ހަޔާތަށް ތިފަދަ އަޚްލާގު ރަނގަޅު ހެޔޮލަފާ ބައިވެރިއަކު ހޮވީތީ... މާމަ އާއި ނުހައިކް ބައްދަލުކޮށްދޭނީ ކޮންއިރަކުން..؟" ޝަޔަމްގެ ބޮލުގައި މުހުސިނާ ލޯތްބާއިއެކު ފިރުމައިލިއެވެ.

"ވަރަށް އަވަހަށް.. އަދި ނުހައިކްގެ މަންމައާވެސް ބައްދަލުކުރަން އެބަޖެހޭ.. މާމާ... އަޅުގަނޑު އަދި މިއިން އެއްވެސް ވާހަކައެއް މަންމަ އާއި ބައްޕަ ގާތު ނުބުނަން.. ޕްލީޒް.. އެހެންވީމަ އަދި މާމަވެސް މިވާހަކަ މަންމަމެން ގާތު ނުދައްކައްޗޭ.. އެނބުރި އޮސްޓްރޭލިއާއަށް ދެވުނު އެންމެ އަވަހަކަށް މިހުރިހައި ވާހަކައެއް މަންމަ މެންނާ ހިއްސާކުރާނަން.." މުހުސިނާގެ އަތަށް ފިތައިލަމުން އާދޭހުގެ ރާގަކަށް ޝަޔަމް އެދުނެވެ. ހިނިއައިސްފައި އެންމެ ރަނގަޅޭ ބުނަމުން މުހުސިނާ ބޯޖަހައިލިއެވެ. "ތެންކިޔޫ.." މުހުސިނާގެ ގައިގައި އޮޅުލައިގަތް ޝަޔަމްއަށް އުފަލުންގޮސް އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭނގޭ ކަހަލައެވެ. އެކޮޓަރީގައި ދެމައިންގެ އަޑު ގުގުމައިގެން ދިޔައިރު މުހުސިނާގެ ހިތަށްވަނީ އާދަޔާޚިލާފު ހަމަޖެހުމެއް ލިބިފައެވެ.

*****

ބަދިގެ ތެރޭގައި ޝާންތީ އާއި އެކުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާ އަށް ބަލަހައްޓައިގެން ދޮރު ކުރިމަތީގައި ތޮއިބާއަށް ހުރެވުނީ ކުށްވެރި އިހުސާސަކާއި އެކުއެވެ. ލަމްޔާއަށް ހުރިހައި ހަގީގަތެއް އެނގޭ އިރުވެސް އެއިން އެއްވެސްކަމެއް ފައުޅުނުކޮށް އެކުއްޖާ ކެތްތެރިވަމުންދިޔަ ގޮތް ފެނި އޭނާގެ ހިތުގައި ލަމްޔާއަކަށްޓަކައިވި ގަދަރާއި ލޯބި ވަރުގަދަވެގެން ދިޔައެވެ. އެފަދަ މާތް އަންހެންކުއްޖަކު ލިބޭނީ ހާދަހައި ނަސީބުގަދަ މީހަކަށެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އިސްޖަހައިލި ތޮއިބާ ބަދިގޭ ތެރެއަށް ވަދެގެން އައެވެ. ކިތަންމެ ލަދުގަނެ ޖެހިލުންވީ ނަމަވެސް މިއަދު އޭނާއަށް ލަމްޔާގެ ކިބައިން މައާފަށް އެދެންވަނީ ޖެހިފައެވެ. އަމިއްލަކުށެއް އެކަމުގައި ނެތަސް އޭނާގެ މުޅި ނަފުސުވަނީ ކުށްވެރިކަމުގެ ބޯފާރެއްގެ މެދުގައި ފިތިފައިކަހަލައެވެ.

މަޑުމަޑުން އައިސް ޝާންތީ ގާތުގައި ބޭރު ރޯނުގައި ހިއްކަން އަޅައިފައިހުރި އެއްޗެހި ނެގުމަށް ތޮއިބާ ބުނެލިއެވެ. ތޮއިބާގެ އަޑަށް އުނދުން ދޮށުގައި އެއްޗެއް އުދައިގެންހުރި ލަމްޔާ ފަހަތަށް އެނބުރި ބަލައިލިއެވެ. އެކަން ނުފެންނަކަމަށް ހަދަމުން ތޮއިބާ އައިސް ޝާންތީ ބަހައްޓައިފައިދިޔަ ތަރުކާރީތަށި ކައިރިކޮށްލަމުން ބާކީ ހުރި ތަރުކާރީކޮޅު ކޮށަން ފެށިއެވެ. ތޮއިބާގެ އާދަޔާ ޚިލާފު ހަމަހިމޭންކަމުން ހައިރާންވިއެއްކަމަކު އެކަމާއި ވިދިގެން ސުވާލެއްކުރާކަށް ލަމްޔާއަކަށް ނުކެރުނެވެ. އެހެންކަމުން އިރުކޮޅަކު ތޮއިބާއަށް ބަލަން ހުރުމަށްފަހު އެނބުރި އުނދުން މަތީގައި އުދާފައިހުރި ތެއްޔަށް ލަމްޔާ ނަޒަރު ހުއްޓައިލިއެވެ.

އެކިޚިޔާލުތަކުން ސިކުނޑި ފިތެމުންދިޔަ ވަރަށް ތޮއިބާގެ ދެލޯ ފުސްވަމުން ދިޔައެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި އެދެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވި މަޑު އާހުގެ އަޑު ލަމްޔާގެ ކަންފަތާއި ހަމައަަށް ފޯރިއެވެ. ސިހިފައި ތޮއިބާ އާއި ދިމާލަށް އެނބުރިލި ލަމްޔާ ދެތިން ފިޔަވަޅު އަޅައިލަމުން އައިސް ތޮއިބާގެ ގާތުގައި ހުއްޓިލަމުން އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"މަންމަ ރޮނީތަ؟ ކިހިނެއްވީ މަންމާ؟ އަނެއްކާ ބައްޕަގެ ހާލު މާބޮޑަށް ގޯސްވީތަ؟" ރޮމުންދިޔަ ތޮއިބާ ފެނުމުން ހާސްވެފައި އެއްފައްޗަކަށް ލަމްޔާ ސުވާލުތައް އަމުނައިލިއެވެ. ހިތުގައިޖެހިފައި ވީވަރުން ވާހަކަދެއްކުމަށް އުނދަގޫވެ ތޮއިބާ ލަސްލަހުން ބޯ ހޫރުވައިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނައިގެ މުތީތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ.

ލަމްޔާގެ ދެއަތްތިލަ ކޮނޑުން ނައްޓައިލަމުން އޭނާގެ ދެއަތުގެ ތެރޭގައި ތޮއިބާ ހިފަހައްޓައިލިއެވެ. އަދި މަޑުމަޑުން ގެނެސް އޭނާގެ ނިތުގައި ޖައްސައިލިއެވެ. ގިސްގެ އަޑާއެކު ތޮއިބާގެ ރުއިން ބާރުވެގެން ދިޔައެވެ. ކަންބޮޑުވީވަރުން ލަމްޔާއަށް އަނެއްކާވެސް ތޮއިބާއަށް ގޮވައިލެވުނެވެ.

"މަންމައަށް މައާފުކުރާނަންތަ؟" ލަމްޔާގެ ދެއަތްތިލައަށް ފިތައިލަމުން ތޮއިބާ ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ވިސްނައިގަންނަންވި އެއްޗެއް ނޭނގިފައި ލަމްޔާއަށް ހައިރާންކަމާއެކު ތޮއިބާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ލަމްޔާ ބަލަންހުރިގޮތުން ތޮއިބާ އިތުރަށް އޮޅުންފިލުވައިދިނެވެ. ކަންތައްވީގޮތް ޚުދު އޭނާއަށްވެސް އެނގުނީ ވަރަށް ފަހުން ކަމުގައި އިސްޖަހައިލަމުން ތޮއިބާ ބުނެލިއެވެ. އެނގިހުރެ އެފަދަ ދެރައެއް އޭނާ ލަމްޔާއަކަށް ނުދޭނަންކަން ތޮއިބާ ހާމަކުރިއެވެ.

ހުރިހައި ވާހަކަތަކެއް ތޮއިބާ ކިޔައިދީ ނިމުމުން ބަސްހުއްޓިފައިހުރި ލަމްޔާއަށް ތޮއިބާގެ ގައިގައި ބައްދައިލެވުނެވެ. ވެދިޔަ ކަންތަކުގައި ހަގީގަތުގައި ތޮއިބާގެ އެއްވެސް ކުށެއްނެތްކަމުގައި އޭނާއަށް ވިސްނި ހެޔޮހިތުން ތޮއިބާއަށް މައާފުކުރިއެވެ. ނަމަވެސް ސާރާ އާއި މެދުގައި ނާޒް ކަންތައްއެކުރި ގޮތާއިމެދު އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. މަންމަގެ ގާތް އެކުވެރިއެއްގެ މަގާމުގައި ހުރެ ނާޒް ކަންތައް އެކުރީ ރަނގަޅަށް ނޫންކަމުގައި އޭނާ ގަބޫލުކުރިއެވެ. އަދި އެހުރިހައިކަމެއް އެނގިއްޖެނަމަ ސާރާ ދެރަވެ ހިތުގައި ޖެހޭނެވަރުވެސް ލަމްޔާއަށް އިހުސާސުވިއެވެ. އިތުރަށް އެކަމުގައި ހިފައި ދަމަން އޭނާ ބޭނުންނުވީ އެހެންވެއެވެ. އަމިއްލަ މަންމައާއި މެދުގައި ވިސްނައިފައެވެ. ސާރާ އަށް އެއިން އެއްވެސްކަމެއް އެނގޭކަށް ލަމްޔާ ބޭނުމެއްނުވެއެވެ.

*****

އަބްދު ﷲ އާއި ރަޔާންގެ އެހީ އާއި އެކު ޒާއިން ދީނުގެ ހުރިހައިކަމެއް މަޑުމަޑުން އުނގެނެން ފެށިއެވެ. ކޮންމެ ރެއަކުވެސް އިޝާ ނަމާދަށްފަހު މިސްކިތުގައި އެމީހުނާއި އެކުގައި ޒާއިން ވަގުތު ހޭދަކުރެއެވެ. ފާއިތުވެދާންފެށި ދުވަސްތަކާއެކު އޭނާ އައީ ބަރާބަރަށް ނަމާދު ވަގުތުތަކަށް ހޭނެމުންނެވެ. ކޮންމެ ނަމާދު ވަގުތެއްގައިވެސް ބަންގީގެ ދިހަ މިނެޓުކުރިން ފަރުވާ ބަހަައްޓައިގެން އޭނާ މިސްކިތަށް ދެއެވެ.

ޒާއިންގެ މިއަމަލުތަކުން އަބްދު ﷲ ގެ ހިތަަށް ފިނިކަން ލިބެމުންދިޔައެވެ. ޒާއިން އާއި މެދުގައި ކެތްތެރިކަމާއެކު އޭނާ ކަންތައްކޮށްދެމުން ދިޔައީ އަމިއްލަ ދަރިއަކާއި މެދުގައިވެސް ކަންތައް ކޮށްދޭނެހައި ލޯބިންނެވެ.

ކޮށަކޮށައިގެންވިއަސް ޒާއިން ޤުރުއާން ކިޔަވަންވެސް ދަސްކުރަން ފެށިއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މިންވަރެއް އަބްދު ﷲ ގާތުގައި ޒާއިން ބައިނދައިގެން ކިޔަވައިދެއެވެ. ގޭގައި ލައިވެސް އެދުވަހެއްގެ ފިލާވަޅެއް މުތާލިއާ ކުރުމަށް ޒާއިން އިސްކަންދެއެވެ.

މިއިން އެއްވެސްކަމެއް ލަމްޔާ ނުދެނަހުއްޓެވެ. ކުއްލިއަކަށް ޒާއިންގެ އުޅުމަށް އަންނަންފެށި ބަދަލުތަކާއި މެދުގައި ލަމްޔާ ވަނީ ސުވާލުއުފެދިފައެވެ. ގޭގައި އުޅޭ ވަގުތެއްނަމަ ލަމްޔާ އާއި އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ޒާއިން އިސްކަންދެއެވެ. ހީވާގޮތުން ލަމްޔާގެ ގޮތް ދަސްކުރުމަށް އޭނާ މަސައްކަތްކުރަނީއެވެ. އެކަމުގެ ސަބަބުން އެދެމެދުގައިވި ބީރަށްޓެހިކަންވެސްވަނީ ކޮންމެވެސް ވަރަކަށް ނެތިގޮސްފައެވެ.

*****

ނުހައިކްގެ ގޭގެ ދޮރުމަތީގައި ހުރެ އެގެއަަށް ޝަޔަމް ނަޒަރު ހިންގައިލިއެވެ. އާދައިގެ ގެއެއްކަމަކު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ސާފު ތާހިރުކަމެވެ.

ކަންފަތުގައި ޖަހައިލައިގެން ހުރި ފޯނު ބާއްވަމުން ނުހައިކް އައިސް ޝަޔަމް ގާތުގައި މަޑުކޮށްލިއެވެ. އަދި އަވަހަށް އެތެރަށް ވަންނަން ހިނގާށޭ ބުނެލިއެވެ.

ފާއިތުވެދިޔަ ދެތިން ދުވަހު ޖިޔާގެ ފަރާތުން ނުހައިކްއަށް ވަނީ ތަފާތު ގޯނާ ތަކާއި ކުރިމަތިލާން ޖެހިފައެވެ. ޝަޔަމްއޭ ކިޔައިގެން އޭނާ އެކިއެކި ވާހަކަތައްވަނީ ނުހައިކްއަށް އަޑުއިއްވައިފައެވެ. އެހެނަސް ނުހައިކްގެ ހިތުގައި ޝަޔަމްއަށްޓަކައިވި ލޯތްބާއި އިތުބާރެއްގެ ސަބަބުން ޖިޔާގެ އެއްވެސް މަސައްކަތެއްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަވަސްއަރުވައިލައިފައި ޝަޔަމް ގޮވައިގެން ސާރާ އާއި ބައްދަލުކުރަން ނުހައިކް އައީވެސް އެހެންވެއެވެ. އިތުރަށް ދުވަސްތަކެއް ބޭކާރުކުރާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ.

ނުހައިކްގެ ފަރާތުން ކޮންމެވެސް ވަރަކަށް ވާންމިއުޅެނީ ކިހިނެއްކަން ވިސްނި ސާރާ ވަނީ އެވަގުތަށްޓަކައި ފުރިހަމައަށް ތައްޔާރުވެފައެވެ. ސާރާގެ އެދުމަށް ލަމްޔާވެސް އެގެއަށް އައިސް އުޅުނީ އެހެންވެއެވެ. ދޮންބެގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަންނައިރު އެންމެ ގާތުގައިހުރެ އެހުރިހައި ކަމެއްގައި ބައިވެރިވާން ޚުދު އޭނާވެސް ބޭނުންވެއެވެ.

"މަންމައަަށް ހަމަ ޔަގީންތަ ދޮންބެ އުޅެނީ ކައިވެނިކުރަަންކަން.." މޭޒުމަތީގައި ހެދިކާ ތަށިތައް އަތުރަމުންދިޔަ ލަމްޔާ ސާރާއަށް ބަލައިލިއެވެ.

"އާން.. މަންމައަކަށް ނޫންތަ ދަރިންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ.. ނުހައިކްއަށް އެވާހަކަތައް ދައްކަން ނުކެރިގެން އުޅުނުގޮތްފެނި މަންމައަށް ވަގުތުން ވިސްނިއްޖެ މިއީ އެފަދަ ކަމެއްކަން.. ދެން ބައްދަލުކުރުވަން އެގެންނަ ކުއްޖަކު ގެނައީމަ ބޮޑަށް ޔަގީންވާނު.." ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ސާރާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. ލުއިގޮތަކަށް ހީލި ލަމްޔާވެސް އެވާހަކަތަކާ އެއްބަސްވެލިއެވެ.

ގޭތެރެއަށް ވަދެގެންއައި ނުހައިކްގެ އަޑަށް ސާރާ އާއި ލަމްޔާވެސް އަވަސްއަރުވައިލައިފައި ބަދިގެއިން ނުކުމެގެން ބޮޑުކޮޓަރީތެރެއަށް އައެވެ. ވަގުތުން ނުހައިކްގެ ފަހަތުގައި އިސްޖެހިފައިއިން ލޫޅާފަތި އަަންހެންކުއްޖާއަށް ސާރާގެ ސަމާލުކަން ހުއްޓުނެވެ. ކަކުލާއި ހަމައަށް އަންނަ ކްރީމް ކުލައިގެ ދޫ ކުރުތާއަކާއި މަޑު ނޫކުލައިގެ ޖިންސްގައިހުރި ޝަޔަމްގެ ފުރިހަމަ ތަސްވީރަށް ހިތާއިހިތުން ސާރާއަށް ތައުރީފުކޮށްލެވުނެވެ. އަވަހަށް އަންނާށޭ ބުނަމުން ސޯފާތަކާއި ދިމާއަށް ސާރާ އިޝަރާތްކޮށްލިއެވެ.

ލަސްހިނގުމެއްގައި ޝަޔަމް އައިސް އެތަނުން ސޯފާއެއްގައި އިނށީނުމުން ސާރާ އާއި ލަމްޔާވެސް އޭނާ އާއި ކުރިމަތިވާގޮތަަށްހުރި ސޯފާގައި ިއިނށީދެ ހަމަޖެހިލިއެވެ. ސާރާ އިށީން ސޯފާގެ ފަހަތުގައި އައިސް މަޑުކޮށްލަމުން ލޯތްބާއިއެކު ނުހައިކް ޝަޔަމްއަށް ނަޒަރެއް ދިނެވެ. އަދި ކަރުކެހިލަމުން ވާހަކަދައްކަން ފެށިއެވެ.

ޝަޔަމްގެ ކުރު ތައާރަފެއްދެމުން އޭނާގެ ކުޑަކުޑަ އާއިލާވެސް ނުހައިކް ޝަޔަމްއަށް ތައާރަފުކޮށްދިނެވެ. ނުކެރިއިނދެވެސް އިސްވެ ވާހަކައެއް ފެށުމަށް ޝަޔަމް މަސައްކަތްކުރިއެވެ. ހަޔާތުގައިވެސް އެފަދަކަމަކާއި ކުރިމަތިލީ ފުރަތަމަ ފަހަރުކަމުން ކަންތައްކުރަންވީ ގޮތެއް ޝަޔަމްއަކަށް މާބޮޑަކަށް ނުވިސްނުނެވެ.

"އަމް.. މަންމާ... މީ.. މީ.. އަޅުގަނޑު..." ހިސާބަކަށް ހާސްވެފައިހުރި ނުހައިކްއަށްވެސް ހަގީގީ މައުޟޫއަށް ދިއުންވީ ދަތިކަމަކަަށެވެ.

"ކައިވެނިކުރަން ބޭނުންވާ ކުއްޖާ.. އެހެންނު.." ހިނިއައިސްފައި އިންތަނުން ތެދުވެގެން އައިސް ޝަޔަމް ގާތުގައި އިނށީންނަމުން ނުހައިކްގެ ޖުމުލަ ސާރާ ފުރިހަމަކޮށްލިއެވެ. ރަކިވީވަރުން ބޮލުގެ ފުށްކިބައިގައި އަތްހާކައިލަމުން ނުހައިކް އިސްޖަހައިލިއެވެ.

"މަންމާ.. ބަލާބަލަ ދޮންބެ އަންހެންކުއްޖެއްހެން ލަދުގަންނަ ވަރު..." ނުހައިކްއަށް ބަލަންއިން ލަމްޔާއަށް އެއްޗެއް ނުބުނެ ނުއިނދެވުނެވެ. އެފަދަ ފުރުސަތެއްގެ ބޭނުމުގައި އިން މީހަކަށް ވާނީވެސް އެހެންނޫންހެއްޔެވެ. ނުހައިކްއާއި ލަމްޔާ ދިމާކުރަމުންދިޔަ ގޮތުން ސާރާ ގާތުގައިއިން ޝަޔަމްއަށްވެސް މަޖާވިއެވެ.

ޝަޔަމްގެ ގޮތް ދަސްކުރަން ބޭނުންވެފައިއިން މީހަކު ފަދައިން ސާރާ އެކިއެކި ސުވާލުތައް ޝަޔަމްއާއި ކުރިމަތިކުރުވަމުން ދިޔައެވެ. ފުރަތަމަ ބައްދަލުވުންކަމުން އަމިއްލަ ވާހަކަތައް މާބޮޑަށް އަހައި އޮޅުންފިލުވާކަށް ސާރާއަކަށްވެސް ނުކެރުނެވެ. އެހެނަސް ފެންނަފެނުމަށް ޝަޔަމްގެ އެއްވެސް އުނި ސިފައެއްނެތް ކަމުގައި ސާރާއަށް ގަބޫލުކުރެވުނެވެ. ސާރާ އާއި ލަމްޔާގެ ގާތްކަމާއި އެމާހައުލުގެ އުފާވެރިކަމުން ނުތަނަވަސް ވެފައިވި ޝަޔަމްގެ ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. ސާރާފަދަ އޯގާތެރި މައިދައިތައެއް ލިބޭނީ ނަސީބުވެރިއަކަށްކަމަށް ޝަޔަމްއަށް ގަބޫލުކުރެވުނެވެ. އެމީހުނާއި އެކުގައި ހޭދަވަމުންދިޔަ ކޮންމެ ވަގުތަކާއިއެކު ޝަޔަމްގެ ހިތުގައި އެއާއިލާގެ މައްޗަށް ލޯބިޖެހެމުންދިޔައެވެ. އެތައް އިރަކު އެގޭގައި ހޭދަކުރުމަށްފަހު އިރުއޮއްސެން ގާތްވެފައި ހުއްޓައި އެގެއިން ދިއުމަށް ނުކުތް އިރުވެސް ޝަޔަމްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ރަސްކަންކުރަމުންދިޔައީ އެހިތުގެ ހާލު ފައުޅުކަންބޮޑު ގޮތެއްގައި ބަޔާންކޮށްދެމުންނެވެ. ބަލައިލި ކޮންމެ މީހަކަށްވެސް އޭނާ ހުރީ އުފަލުންކަން އެނގޭނެކަން ގައިމެވެ.

*****

ފޯނު ކަންފަތުން ނައްޓައިލުމާއެކު ރުޅިގަދަވެފައި ހުރި އަޒްހަރު އަތުން ޖެހިޖެހީނުން މޭޒުމަތީގައި ހުރި ގަނޑުތައް އުކައިލިއެވެ. ކޮފީޖޯޑެއް ހިފައިގެން ސައިނާ ސްޑަޑީ ރޫމަށް ވަނީ އެވަގުތުއެވެ. އެއްފަހަރު ރުޅިއައިސްފައި ދެކޮޅަށް ހިނގަމުންދިޔަ އަޒްހަރަށް ބަލައިލަމުން އަނެއްފަހަރު ކުރިމަތީގައި އެކި ދިމަދިމާއަށް ބުރުއްސައިގެން ގޮއްސައިހުރި ކަރުދާސްތަކަށް ސައިނާ ބަލައިލިއެވެ.

"އަޒްހަރް... ކިހިނެއްވީތަ މާ ރުޅިއައިސްގެން ތިއުޅެނީ؟ ކާކައިތަ ދެންމެ ފޯނުން ވާހަކަދެއްކީ؟" ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓަމުން އަޒްހަރުގެ ރުޅިވެރި ދެލޮލަށް ސައިނާ ބަލައިލިއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    13 ޚިޔާލު

    1. މާޝާ.. ﷲ ވަރަށް ވަރަށް.. ވަރަށް ވަރަށް.. ރީތި💖❤💙💜😻😽💋... އަމްމް.. ސިސް.އަށް މެއިލް ދިޔަތަ؟؟😕😏😌.. ދެންއިންބަޔަށް އިންތިޒާރުކުރަން... ވަރަށް ކިޔުރިޔަސްވެފަ ދެންއިންބަޔަށް😮☺💓💟😜.. ހޯޕް ޔޫ ލައިކް އޯލް އޮފް.. މައި ކޮމެންޓްސް.. ޑިއަރ💜💙💖.. ލަވް ޔޫ.. ސޯ ސޯ ސޯ މަޗް💟💜💖💙💓❤ ސްޓޭސޭފް އެން.. ޓޭކް.. ކެއަރ ޑަރލް💖💋😽💟💞💓

      • ތެންކްސް މައި ޑިއަރ.. ޔެސް މެއިލް ލިބުނު.. އެންޑް އައި ލަވް އޯލް އޮފް ޔުއަރ ކޮމެންޓްސް.. ތެންކްސް އަގެއިން ޑިއަރ. ސްޓޭ ސޭފް.. ލަވް ޔޫ ޓޫ.. 🥰❤😘

    2. ހާދަ ކުރޭ ސިސް ވަރަށް ރީތި އެކަކުވެސް ލަވަ ޔޫ ސިސް ❤️❤️

    3. އޯ މަށަށް ހީވަނީ އަޒްހަރު ކާރީ ޖިޔާ ކުޓުވާލި ކަންނޭނގެ އެވާހަކަ

    4. ވަރަށް ފުރިހަމަ.😘
      ވަރަށް ކިޔާ ހިއްވާ ގޮތަކަށް ވާހަކަ ލިޔެފައި ވަނީ.😍😍
      ވާހަކަ ލިޔަން ވަރަށް މޮޅު.😉😉

    5. އަވަހަށް ގެނެސް ދޭތި އަނެއް ބައި.......🥰🥰🥰

    6. ވަރަށް އުފާވޭ ޝަޔަމް އާއި ޒާން އަށް ވިސްނުނީތީ.. އަސުވެސް ނާޒް ހާދަ ގޯހޭ ދޯ.. ޖިޔާ މައިތިރި ކޮށްބަލަ.. އޭނަ މިހާރު ޝަޔަމް އާއި ވެސް ގުޅުން ކަނޑާލާނެ ކަންނޭނގެ.. އެނީވޭސް ސިސް މިބައި ވެސް ވަރަށް ފުރިހަމަ ❤❤ ކޮން އިރަކު 24 ވަނަ ބައި؟ ލަވް ޔޫ އެން ސްޓޭ ސޭފް.. ސިސް ކޮން އަތޮޅެއްތަ؟ އެކަމް ބުނަން ނެތިއްޔާ އޯކޭ ކޮންމެހެން ނުބުންޏަކަސް 🤣😂😂😂

      • ތެންކްސް އަލޮޓް މައި ޑިއަރ.. ހެހެ ލެޓްސް ސީ ދޯ ދެން ވާގޮތެއް.. އިންޝާ ﷲ މިއަދު ސަބްމިޓް ކޮށްލާނަން.. އެންޑް އައި އެމް ފްރޮމް ދާލް އެޓޯލް. ހެހެ.. ލަވް ޔޫ ޓޫ ޑިއަރ.. ސްޓޭ ސޭފް.. 🥰❤

    7. ސަލާމް އޯލް.. ދެން އިންބައި އިންޝާ ﷲ މިއަދު ސަބްމިޓް ކޮށްލާނަން އިނގޭ.. އެންޑް އައި އެމް ރިއަލީ ސޮރީ މިދުވަސްކޮޅު ވާހަކަ ލަހުން ގެނެސްދެވޭތީ.. ލިޓްލް ބިޒީ ވިތް ތިންގްސް.. ބަޓް އިންޝާ ﷲ ފްރީވިހާ އަވަހަށް އެބަ ވިސްނަން ޑެއިލީ ކޮށް މި ވާހަކަ އަޕްކޮށްލަން އިނގޭ.. ތޭންކްސް ފޯ ދި ލަވް އެންޑް ސަޕޯޓް.. ލަވް ޔޫ އޯލް.. 🥰❤

    ޚިޔާލު

    Your email address will not be published.