ތިޔަ ލޯބީގައި - 22

މަރުފަދަ ހިމޭންކަން ވެރިވެފައިވި މުޅި މިސްކިތް ކުއްލިއަކަަށް ގުގުމައިގެންދިޔައީ މީހެއްގެ ވޭނީ ރުއިމުގެ އަޑުންނެވެ. ގިސްލަގިސްލާފައި އެމީހަކު ރޮމުންދިޔައިރު ހީވަނީ އެތައްދުވަހަކު ބޮޑު ވޭނެއް ތަހައްމަލުކޮށްފައިވާ މީހަކު ރޯހެންނެވެ. ދަރުސް ކުރިއަށް ގެންދަމުންދިޔަ އަބްދު ﷲ ވެސް އޭނާގެ ވާހަކަތައް މެދުކަނޑައިލަމުން އަޑުއަންނަމުންދިޔަ ދިމާއަށް ނަޒަރުހުއްޓައިލިއެވެ. އޭރު އެތަނުގައިތިބި އެކި މީހުންގެ ބެލުންތައްވެސް ވަނީ އެދިމާއަަށް ހުއްޓިފައެވެ. އަބްދު ﷲ ގެ ފުށުން ކަންބޮޑުވުން ފެނިގެންދިޔައިރު ހާސްވެފައި ޒާއިންގެ ގާތުގައިއިން ޒުވާނާ އަބްދު ﷲ އަށް ބަލައިލީ ހަދާނެގޮތެއް ނުވިސްނިފައެވެ. ދެފަރާތަށް ބޯހޫރުވައިލި އަބްދު ﷲ އެއިޝާރާތްކުރަނީ ހަމަޖެހުމަށްކަމަށް ވިސްނި ޒާއިންގެ ގާތުގައިއިން އެޒުވާނާ ބޯޖަހައިލަމުން އޯގާތެރިކަމާއެކު ރޮއެގިސްލަމުންދިޔަ ޒާއިންގެ ބުރަކަށީގައި މަޑުމަަޑުން ފިރުމައިލިއެވެ.

ކަރުކެހިލަމުން ޒާއިންއަށް ހުއްޓިފައިވި އެހެން މީހުންގެ ސަމާލުކަން އަބްދު ﷲ އަނބުރައި ހޯދިއެވެ. އަދި މެދުކެނޑުނު ހިސާބުން ވާހަކަ ކުރިއަށް ގެންގޮސް އިތުރަށް ދިގުނުދަންމައި ދަރުސް ނިންމައިލިއެވެ. ދޭތެރަކުން އޭނާގެ ނަޒަރު ޒާއިންއަށް ހުއްޓޭއިރު އެ މޫނުމަތިން ކަންބޮޑުވުން ފައުޅުވެ ވެލައެވެ. އޭނާގެ ބެލުންތަކުން އޭނާ އިނީ ޒާއިންގެ ގާތަށް ދިއުމަށް ބޭނުންވެފައިކަން އެނގެއެވެ.

ދަރުސް ނިމުމާއެކު ތިބިތަނުން ތެދުވެ މީހުންތައް މިސްކިތުން ނުކުންނަން ހިނގައިގަތެވެ. ކޮންމެ މީހަކުވެސް ސުވާލުއުފެދިފައި ޒާއިންއަށް ސިއްރުބެލުންތައް ދެމުންދިޔައިރު އެކަމާއި އެއްވެސް ފަރުވާލެއްނެތި އިސްޖެހިފައި ޒާއިން އިނެވެ.

މީހުންތައް މިސްކިތުން ނުކުތުމާއެކު އަބްދު ﷲ އަވަސްގަތީ ޒާއިންގެ ގާތަށް ދިއުމަށެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ޒާއިންއަށް ގިސްލެވެމުންދިޔައެވެ. އޭނާ ގާތުގައި އިން ޒުވާނާ ޒާއިންގެ ކޮނޑުގައި ފިރުމައިލަ ފިރުމައިލައި އެއިންގޮތަށް އިނެވެ.

"ދަރިފުޅާ.." ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި އަޑަކުން ޒާއިންގެ ގާތުގައި އިނށީދެ އޭނާގެ އިސްތަށިގަނޑުގައި އަތްހިންގައިލަމުން އަބްދު ﷲ ގޮވައިލިއެވެ. އެއަޑުއިވި ޒާއިންގެ ރުއިން އަނެއްކާވެސް ބާރުވެގެން ދިޔައެވެ.

"ދަރިފުޅާ.. ނުރޮއެ ވީގޮތެއް ބުނެބަލަ.. ދަރިފުޅަށް ދިމާވެގެން ތިއުޅޭކަމެއްގަ އެހީތެރިވެވޭނީވެސް އޭރުން.." މިފަހަރު ޒާއިންގެ ކޮނޑުގައި ހިފައިގެނެސް އޭނާގެ ގައިގައި ޖައްސައިލަމުން އަބްދު ﷲ ނުހަނު މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި އޯގާތެރިކަމާއި ކުލުނެއްގެ ސަބަބުން ޒާއިން ނަޒީމް މަތިން ހަނދާންވާގޮތްވިއެވެ. އޭނާގެ ބައްޕަ އޭނާ އާއި މުޚާތަބު ކުރާއިރުވެސް އެފަދަ ހިތަށް ފިނިކަން ލިއްބައިދެނިވި އިހުސާސުތަކެއް ޒާއިން އަށް އަބަދުވެސް ކުރެވެއެވެ.

ވާހަކަދެއްކުމަށް ނުކުޅެދިފައިއިނދެ ޒާއިން އަޑުން އަޑުނަގައި ރޮމުންދިޔައިރު އަބްދު ﷲ ގެ ފިކުރު އިންތިހާއަށް ބޮޑުވެގެންދިޔައެވެ. ކެތްތެރިކަމާއެކު ޒާއިން އަށް ހިތްވަރުގެ ބަސްތައްް ބުނަމުން ޒާއިންމަސަލަސްކުރުމަށް އޭނާ މަސައްކަތްކުރަމުންދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

އިރުގަނޑަކު ރުއިމަށްފަހު މަޑުމަޑުން ޒާއިން ހަމައަކަށްއެޅޭގޮތް ވިއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް ގިސްގެ އަޑު ދޭތެރަކުން އޭނާގެ ދެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެގެންދަނީ އެހިތަށް ކޮށްފައިވި ފުން އަސަރު އަންގައިދެމުންނެވެ.

"ދަރިފުޅާ.. ނިކަން ހަމަޖެހިފަ ބޭބެ ގާތު ވެގެންއުޅޭ ގޮތެއް ބުނެބަލަ.. ބޭބެ އަށް ތިކަމުގަ އެހީތެރިކަމެއް ވެވުނަސް އެނގޭނީ އޭރަކަށްނު.." ޒާއިން ހަމައަކަށް އެޅުނުކަން އެނގި އަބްދު ﷲ ވާހަކަދެއްކިއެވެ.

ތުންފިއްތައިލި ޒާއިން އިރުގަނޑެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން ވާހަކަދައްކަން ފެއްޓިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ މުޅި ހިތާއި ރޫހުވެސް ގޮވަމުން ދިޔައީ ގާތުގައިއިން އަބްދު ﷲ އަށް އިތުބާރުކުރުމަށެވެ. ހިތްވަރުކޮށްފައި އަބްދު ﷲ ގެ ވާހަކަތަކުން އޭނާގެ ހިތަށް ކުރުވި އަސަރު ޒާއިން ބަޔާންކޮށްދެން މަސައްކަތްކުރިއެވެ. ލަތުވެތި އިހުސާސަކާއެކު އޭނާ ނަމާދު ނުކުރާތާވެސް އެތައް ޒަމާނެއް ވެދާނެކަމާއި އަދި އޭނާގެ ދިރިއުޅުމުގެ ދެންވެސްހުރި ކަންތައްތައް ޒާއިން ކިޔައިދިނެވެ. އަދި އެކަންކަމަށް ކުޑަވެސް ޝައުގެއް އުފެދުނީ އަބަދާއި އަބަދު އޭނާގެ އަނބިމީހާގެ ކިބައިން އިވޭ ބަސްތަކާއި ފެންނަ އަމަލުތަކުގެ ސަބަބުން ކަމުގައި ޒާއިން ބުނެލިއެވެ. ހަގީގަތުގައި މިސްކިތްކުރިމަތީގައި ހުއްޓިހުރީ ދަރުހެއް އޮންނަކަން އެނގިގެން ނޫންކަމާއި މިސްކިތް ފެނުމުން އޭނަގެ އަނބިމީހާގެ އަމަލުތަކުގެ މަތިން ހަނދާންވެ ދޮރުކުރިމަތީގައި މަޑުކޮށްލެވުނީކަމުގައި ޒާއިން ބުނެދިނެވެ.

އެހެނަސް އަބްދު ﷲ ގެ ވާހަކަތަކުން މިއިން ޒަމާނަކުވެސް އޭނާގެ ހަރުހިތަށް ނުކުރާވަރަށް އަސަރު ކުރުވައިފިކަމާއި ހަޔާތުގައި ފުރަތަމަ ފަހަރަށް ހެއްދެވި ފަރާތާއި މެދުގައި ވިސްނި ހިތަށް ބިރުވެރިކަން ވަތްކަމަށް ޒާއިން ލަސްލަހުން ބުނެލިއެވެ. އޭނާއަށް އުޅެވެމުންއައި ނުބައި ދިރިއުޅުން ދޫކޮށްލުމަށް އޭނާގެ ޟަމީރު އެހިނދު ގޮވައިލިކަމުގައި ޒާއިން ބުނެލިއެވެ.

"އަހަރެން... އަހަ..ރެން.. ބަދަލު.. ވާން ބޭނުން.. ވަރަށް ބޮޑަށް ބޭނުން.. މިފަދަ ވިސްނުމެއް އަންނަންވީ ސަބަބެއް ނޭނގުނަސް.. މިއަދާ ހަމައަށް އަހަރެންނަށް އުޅެވުނީ ރަނގަޅަށް ނޫންކަން މިއަދު އަހަރެންގެ ނަފުސުވެސް އެއްބަސްވޭ.. ބޭބެގެ ވާހަކަތަކުން... އަހަރެންގެ މުޅި ވިސްނުމަށް އަސަރުކޮށްފި.. އަހަރެންގެ އަނބިމީހާއަށްޓަކައި ހެޔޮލަފާ ފިރިއަކަށްވާން އެދެވެން ފަށައިފި.. ބޭބޭ.. އަހަރެން... ތައުބާވާން ބޭނުން.. އެކަމަކު.. އެކަން ކުރާނެގޮތެއް ނޭނގެ.. ބޭބޭ ބުނީމެއްނު.. ތައުބާވާ އަޅުންނަށް އެކަލާނގެ ފާފަފުއްސަވާނޭ.. އެފަދަ އަޅުންނާއިމެދު ރުއްސަވާނޭ.. އަހަރެންވެސް ބޭނުން އެފަދަ މީހުންގެ ތެރެއިންވާން.. ބޭބޭ.. އަހަރެންނަށް އެހީތެރިވެދީފާނަންތަ؟ އަހަރެންނަށް އަލުން ނަމާދުކޮށް ދީނުގެ ހުރިހައިކަމެއްކުރަން ދަސްކޮށްދީފާނަންތަ؟" ކުރެހިފައިވި އަަޑަކުން މާޔޫސްވެފައި ޒާއިން އަބްދު ﷲ ގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

ޒާއިންގެ ވާހަކަތަކުން ހިތަށް ލިބުނު ހަމަޖެހުމަކުން ފެންކަޅިވެގެންދިޔަ އަބްދު ﷲ އަވަސް އަވަހަށް ބޯޖަހައިލަމުން ޒާއިންގެ ގައިގައި ބައްދައިލިއެވެ. އަދި އޭނާގެ ބުރަކަށީގައި ލޯތްބާއިއެކު ފިރުމައިލަމުން ﷲ އަަށް ޙަމްދުކުކޮށްލިއެވެ.

"ބޭބެ ވަރަށް އުފާވެއްޖެ ޒާއިންއަށް ވިސްނުނީމަ.. ދެން ތިކަމާދެރަނުވޭ.. އިރާދަކުރެއްވިއްޔާ ބޭބެއަށް އެނގުނު މިންވަރަކުން ޒާއިންއަށް ހުރިހައިކަމެއްވެސް ދަސްކޮށްދޭން ބޭބެ މިހުރީ ތައްޔާރަށް.. ކުރީގަ ތިދިރިޅުނުން ކޮންމެފަދަ ގޮތަކަށް ހޭދަވެފައިވިއަސް އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ހުރިހައިކަމެއްވެސް ދާނީ ރަނގަޅަށް..." ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލި ނަމަވެސް އެހިތަށްކޮށްފައިވި ފުން އަސަރު ފޮރުވައިލަމުން އަބްދު ﷲ ބުނެލީ ޒާއިންއަށް ހިތްވަރުދޭފަދަ ގޮތަކަށެވެ. އަބްދު ﷲ ގެ ވާހަކަތަކަށް ބޯޖަހައިލަމުން އޭނާ އާއި ދުރުވެލި ޒާއިން އަތުގެ ނުފުށުން މޫނުމަތި ފުހެލައި ސާފުކޮށްލިއެވެ. އޭރު އޭނާގެ ގާތުގައި އިން ޒުވާނާއަށްވެސްވަނީ ޒާއިންގެ ވާހަކަތަކުން ނޭނގޭ އަސަރުތަކެއް ކޮށްފައެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެކަލާނގެ އަޅަކަށް ތެދުމަގު ދެއްކެވުމަށް އިރާދަކުރައްވައިފިނަމަ އެކަން ހުއްޓުވުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.

"ޝުކުރިއްޔާ.." ގާތުގައި ބަސްމަދުވެފައިއިން ޒުވާނާއަށް ބަލައިލަމުން ޒާއިން ހިނިތުންވެލިއެވެ. "ރަޔާން." އެހިނދު ޒާއިންގެ ހިނިތުންވުން ރައްދުކޮށްލަމުން ސަލާމަށް އަތްދިއްކޮށްލި ރަޔާން އަމިއްލައަށް ތައާރަފުވެލިއެވެ.

"ތީ ބޭބެގެ ހުރި ހަމައެކަނި ދަރިފުޅު" ޒާއިން އާއި ޖެހިގެންއިން އަބްދު ﷲ ވެސް ފަނޑުގޮތަކަށް ހީލަމުން ބުނެލިއެވެ. އެޖުމުލައިން ހައިރާންވެފައި ޒާއިންއަށް ރަޔާންއަށް ބަލައިލެވުނެވެ. އަބްދު ﷲ އެބުނީ ތެދެކޭ ބުނެލާފަދަ ގޮތަކަށް ރަޔާން ބޯޖަހައިލިއެވެ. ދެމެދުގައިވި ބީރައްޓެހިކަން ނެތިދިއުމާއެކު ތަފާތު ވާހަކަތައް ދެކެވެންފެށިއެވެ.

*****

މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވައިލަމުން ޒާއިން އެތެރަށް ވަނެވެ. ކޮޓަރިއަށް ފެތުރިފައިވި ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރޭގައި ޒާއިން އަތުކުރީގައިއޮތް ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން 10 ޖަހަންވަނީ ގާތްވެފައެވެ. އެނދުމަތީގައި ފުންނިންޖަކުން ނިދިފައިއޮތް ލަމްޔާގެ ސޫރައަށް ބަލަހައްޓައިގެން ޒާއިންއަށް ހުރެވުނެވެ. އެހިނދު އޭނާގެ ހިތް ލަމްޔާއަށްޓަކައި ލޯބިން ފުރިގެންއައެވެ. ދުވަހަކު އަންހެން ކުއްޖަކަަށް ނުދެވުނު ޤަދަރާއި އިހުތިރާމު އެހިތުގައި ލަމްޔާއަށްޓަކައި އުފުދިގެން އައެވެ.

އެނދުގެ އެއްއަރިމަތީގައި ހުއްޓިލަމުން ލޯބިން ފުރިގެންވި ބެލުމަކުން ޒާއިން ލަމްޔާއަށް ބަލައިލިއެވެ. އެހިތުގައިވި އިހުސާސުތައް ކޮންޓްރޯލް ކުރާކަށް މިރެއަކު އޭނާ ބޭނުމެއްނުވެއެވެ. ލަމްޔާ އެންމެ ފުރަތަމަ ފެނުނުހިނދުން ފެށިގެން އެހިތުގައި ޖަހައިލި އައު ވިންދަށް ދޭނެ ނަމެއް އެހިތްވަނީ ހޯދައިފައެވެ. އަދު އެއިން އެެއްވެސް ކަމަކާއި ދެކޮޅު ހަދާކަށް ޒާއިން ބޭނުމެއްނޫނެވެ. އޭނާގެ ނަފުސު އެލޯބީގެ އޮއެވަރުގައި ބެހިގެންދިއުމަށް އޭނާ ވަނީ ރުހުމާއިއެކު ދޫކޮށްލައިފައެވެ. ހަމަޔަގީނުންވެސް އެއޮއެވަރު އޭނާ ގެންގޮސް ބީއްސާލާނީ އަމާން އޮމާން މަންޒިލަކަށް ކަމާއިމެދު ޒާއިންއަށް އެއްވެސް ޝައްކެތްނުވެއެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލަމުން ޒާއިން ކުޑަކޮށް ގުދުވެލިއެވެ. އަދި ލަމްޔާގެ ގައިމަތީގައިވި ރަޖާގަނޑު ރަނގަޅުކޮށްލަމުން އެނިތުގައި ބޮސްދިނެވެ.

"ތެންކްސް ލަމް.. އަހަރެންގެ ދިރިއުޅުމަށް ތިއަށްވުރެ އެކަށޭނަ އެހެން ބައިވެރިއެއްނުހުންނާނެ.. ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ލަމް ފަޚުރުވެރިވާފަދަ ފިރިއަކަށް އަހަރެން ވެދޭނަން.. އަހަރެންގެ ހިތުގަ ލަމްއާ މެދުގައިވި މިވާ އިހުސާސުތައް ތިހިތަށް ބަޔާންކޮށްދޭނަން.. ދުވަހަކުވެސް ލަމްއާއި ވަކިވާކަށް ނޭދެން.. އެއަށްވުރެ މާބޮޑަށް އަހަރެންނަށް ލަމްދެކެ ލޯބިވެވިއްޖެ.. އިރާދަފުޅުން.. ތިހިތް އަހަރެން ލޯބިން ފުރާލަދޭނަން... ލަވްޔޫ މައި ލިޓްލް އޭންޖެލް.." ލަމްޔާގެ އޮމާން ކޯތާފަތުގައި ބޮސްދިން ޒާއިންގެ އަމިއްލަ ނަފުސު އޭނާ އާއި އެތައް ވާހަކައެއް ދެއްކިއެވެ. އެތައް އިރަކު ލަމްޔާގެ ސޫރައަށް ބަލަން އިނުމަށްފަހު ފުންނޭވާއެއްލަމުން ޒާއިން އެއްޗެހި ބަދަލުކޮށް ހެދުމަށްފަހު ގޮސް ސޯފާގައި އޮށޯވެލިއެވެ. ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަމެއްގެ ސަބަބުން ދާދި އަވަހަށް ޒާއިންއަށް ނިދީގެ ފުންކަނޑަށް ފީނައިގަނެވިއްޖެއެވެ.

*****

އިށީނދެއިން ގޮނޑި ދެފަރާތަށް އަނބުރަމުން ޖިޔާ އޮފީސް ތެރޭގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް ނަޒަރުހިންގަމުން ދިޔައެވެ. ސިކުނޑިތެރޭގައި އެތައްކަމެއް އެނބުރެމުންދިޔައިރު ޝަޔަމްގެ ވާހަކަތައް ވަނީ އެހިތުންފިލާގޮތް ނުވެފައެވެ. އިރުއިރުކޮޅާ ދަތްކުނޑިވިކެމުން ދިޔައިރު އޭނާގެ ދެލޯ ހޯދަމުން ދިޔައީ ހަމަ އެންމެ ފަރާތެކެވެ.

ޝަޔަމްގެ ކެބިންއިން ފައިލްތަކެއް ހިފައިގެން ނުކުތް ނުހައިކް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ނުލަފާ ހިނިތުންވުމެއް އެތުންފަތަށް ވެރިވެގެންދިޔައެވެ. ނުހައިކް ކުރިއަށް ހިނގައިގަތުމާއެކު އިންތަނުން ތެދުވަމުން ލައިގެންހުރި ކުރު ސްކާރޓްކޮޅަށް ދަމައިލުމަށްފަހު ޖިޔާ ވެސް ނުހައިކްގެ ފަހަތުން ހިނގައިގަތެވެ. އޮފީސް ނިމޭގަޑި ގާތްވެފައިވުމާއެކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުންވެސް ހިސާބަކަށް މަދެވެ.

"ނުހައިކް.." ފަހަތުން މީހަކު ގޮވައިލިއަޑުއިވި ހުއްޓެމުން ނުހައިކް ބަލައިލިއެވެ. ފަރިހިނގުމެއްގައި އެދިމާއަށް އަންނަ ޖިޔާ ފެނިފައި އޭނާގެ މޫނުމައްޗަށް ފޫހިކަންވެރިވެގެންދިޔައެވެ. އެހެނަސް އެސަރުތައް ދައްކަން ބޭނުންނުވެ ނުހައިކް އެހެންދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.

"ޝަޔަމްގެ ކެބިންއިން ނުކުމެގެން ތިދަނީ ހާދަ ހިނިއައިސްފައި ހުރެއޭ.. އަނެއްކާ އެތެރޭގަ ދެމީހުން ކީއްކޮށްލީ..؟" އެއްލޯ މަރައިލަމުން ހިނިއައިސްފައި ލާނެތްގޮތަކަައް ޖިޔާ އަހައިލިއެވެ. ޖިޔާގެ ވާހަކަތަކުން ހައިރާންވީވަރުން ބުނާނެ އެއްޗެއްވެސް ނުހައިކްއަކަށް ނުވިސްނުނެވެ. ޖިޔާ އެފަދަ އެއްޗެއް ބުނަންޖެހުނު ސަބަބެއްވެސް ނުހައިކްއަކަަށް ނޭނގުނެވެ.

"ކިހިނެއްވީ މާ ފާޑަކަށް ތިބަލަނީ؟ ހީކުރީ އެއްވެސްކަމެއް އަހަރެންނަަށް ނޭނގޭކަމަށްތަ؟" އަތުން އިސްތަށިގަނޑުގެ ކޮޅުތަކާ ކުޅެމުންދިޔަ ޖިޔާ އަނެއްކާވެސް އަހައިލިއެވެ.

"ޖިޔާ ކީކޭތަ ކިޔަން ތިއުޅެނީ؟ އަހަރެންނަކަަށް ނުވިސްނުނު." ހިތްހަމަނުޖެހިފައި ނުހައިކްވެސް ކޮށްލީ ސުވާލެކެވެ.

"އާން.. ނުވިސްނޭކަމަަށް ހެދުނީމަ ނުވިސްނޭނު.. އެހެންޏަ.. ތީ އެއްޗެއް ނުވިސްނޭވަރުގެ ގަމާރެއްތަ؟ އަހަރެން ބުނަން މިއުޅެނީ ކަލެއާ ޝަޔަމްގެ ގުޅުމުގެ ވާހަކަ.." ދަތްތަކަަށް ބާރުކޮށްލަމުން ޖިޔާ ބުނެލިއެވެ. އެއަޑުގައިވެސް ހިތްހަމަނުޖެހުން އެކުލެވިގެންދިޔައެވެ.

"އެކަމުގަ ކޮބާ ޖިޔާގެ މައްސަލައަކީ؟ ގުޅުން އޮތީ އަހަރެންނާ ޝަޔަމްއާ ދެމެދު.. އެހެންނޫނަސް ތި އިޝާރާތްކުރާފަދަ ވިޔާނުދާ އެއްވެސް ގުޅުމެއް އަހަރެމެން ދެމެދުގަ ނުހިނގާ.. އަހަރެންނަށް އަހަރެންގެ އިން ވަކިކުރަން އެނގޭ.." ޖިޔާގެ ވާހަކަތައްްހުރިގޮތުން ނުހައިކް ގާތަށް ރުޅިއަންނަގޮތް ވިއެވެ.

"ހުއް.. ބަލަ ތި ހީކުރާހާ މާތް މީހެއް ނޫނޭ ޝަޔަމް އަކީ.. އޭނަކަހަލަ ހުރިހައިގޮތަކުން ފުރިހަމަ އަންހެނެއް ކަލޭ ކަހަލަ ކަޓު މީހަކުދެކެ ލޯބިވެދާނެކަމަށް ކަލޭ ހީކުރީތީވެސް އަހަރެން ހައިރާންވޭ.. ހަހަ.. އެންމެ ފަހަރަކުވެސް ޝަޔަމް ކަލެއާއެކީ އެކުޅެނީ ލޯބީގެ ކުޅިގަނޑެކޭ ހިތަކަށް ނާރާތަ؟" ހަށަން ބަނދެލުމަށްފަހު ދެލޯ ހިމަކޮށްލަމުން ޖިޔާ ނުހައިކްއަށް ބަލައިލިއެވެ. މިފަހަރު ޖިޔާ ދޫކޮށްލި ތީރު އޭގެ އަމާޒަށް ވާސިލުވެއްޖެއެވެ. އެވާހަކަތަކާ އެއްބަސްވާން ބޭނުން ނުވިއަސް ނުހައިކްގެ ހިތަށް ބިރުވެރިކަމުގެ އަސަރުވެރިވެގެން ދިޔައެވެ. ނުބައި ގޮތަކަށް ހިތްގުޑިލުމާއެކު ދެބުމަގޮށްޖެހިގެންދިޔައެވެ.

"ޝަޔަމް ނުހައިކް ދެކެ ލޯބިވެޔޭ ބުނީ ލޯބިވާތީއެއްނޫނޭ.. ތިއީ ހުސްފޭކު.. އޭނާ ބޭނުންވީ އަހަރެންނަށް ދައްކަން އޭނާއަށް ނުހައިކްގެ ހިތް ފަތަހަކުރެވިދާނެކަން.. ހަހަހަ.. މިހާރު އަހަރެންވެސް ގަބޫލުކުރަން ޝަޔަމްއަށް އެކަން ވެދާނެކަން.. އެހެންޏަ.. ކަލޭ ތިހުރީ އޭނާގެ ލޯބީގަ ދީވާނާވެފަ.." މަލާމާތުގެ ފާޑަކަށް ޖިޔާ ބުނެލިބަސްތަކުން ނުހައިކްގެ ހިތަށް ތަދުވެގެންދިޔައެވެ. ނަމަވެސް ޖިޔާގެ ކުރިމަތީގައި ދެރަ ގަބޫލުކުރާކަށް ނުހައިކްވެސް ބޭނުމެއް ނުވިއެވެ.

"އަހަރެން ޝަޔަމްއަށް އިތުބާރުކުރަން.. ހީކުރީ ތިހެން އިއްވާލާ ވާހަކަތަކަކުން އަހަރެންގެ ހިތުގަ ޝަޔަމްއަށް އޮތް ލޯބި ފަނޑުވެދާނެކަމަށްތަ؟ އެހެންނޫނަސް އަހަރެން ހީވާ އެއްޗެއް ބުނަންތަ؟ ޖިޔާގެ ދައްތަ އާމެދު ޖިޔާ ހަސަދަވެރިވަނީ.. ނޫންތަ؟" ޖިޔާގެ ކުރިމަތީގައި ހަމަޖެހިލަމުން ނުހައިކް ބުނެލިއެވެ.

ހިތްހަމަނުޖެހުނުވަރުން ޖިޔާއަށް ނުހައިކްއާއި ދިމާއަށް ފިޔަވަޅެއް އަޅައިލެވުނީ އިންޒާރުގެ ބެލުމަކުން އޭނާއަށް ބަލައިލަމުންނެވެ. "ގޯ ޓް ހެލް.." ދަތްކުނޑިވިކައިލަމުން ޖިޔާ ބުނެލިއެވެ. "އަހަރެން ނުސް އުޅެން ތިކަހަލަ މީހުނާ ބޭކާރު އަނގަތަޅާހިތަކުންނެއް.. އެހައި ވަގުތެއް އަހަރެންގެ ނުސް ނެތް.." ޖިޔާ އާއި ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އޭނާއަށް ފުރަގަސްދިނުމަށްފަހު ނުހައިކް ހިނގައިގަތެވެ.

އެމަންޒަރު ބަލަންހުރި ޖިޔާ ފައިން ބާރަށް ތަށިމުށިގަނޑުމަތީގައި ޖަހަމުން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. އޭރު ރުޅި އައިސްގެންގޮސް މީހާ ހީވަނީ ހަމައިންނައްޓައިފައިވާހެންނެވެ. ޖިޔާގެ ދޮން މޫނު ރަތްވެފައިވީއިރު އޭނާއަށް ފުންކޮށްނޭވައިލެވެމުން ދިޔައެވެ.

"ދުވަހަކުވެސް ކަލެއަަށް ޝަޔަމް އެއް ނުލިބޭނެ.. އަހަރެން ކުރެވެންހުރި ކޮންމެ ކަމެއް ކުރާނަން.. ދުވަހަކުވެސް ތިދެމީހުނަށް އެކުގަ އުޅެވުނަކަ ނުދޭނަން.. ދުވަހަކުވެސް ނުދޭނަން.." މުށްކެވިފައިވި އަތަށް ބާރުކޮށްލަމުން ޖިޔާ އޭނާގެ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. އޭރު މުޅިމީހާގެ ހަށިގަނޑުގައިވެސް ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

*****

ހިނިއައިސްފައި ހުރެ ބޮޑުކޮޓަރީ ތެރެއަށް ވަދެގެންއައި ނާޒްއަށް ތޮއިބާގެ ނަޒަރު ހުއްޓުނެވެ. ހަމަހިމޭންކަމާއެކު ނާޒްއަށް ބަލަހައްޓައިގެން އިންއިރު އެހިތުގައި އެތައް ޖަޒުބާތެއް އުތުރިއަރަމުން ދިޔައެވެ.

"އިބާ.. ހާދަ ފާޑަކަށް ތިއިނީ... ކަމެއްވީތަ؟" ތޮއިބާ އާއި ޖެހިގެން ވަކިންހުރި ސޯފާގައި އިނށީދެލަމުން ނާޒް އަހައިލިއެވެ.

"ނާޒް.. އަހަރެން ނާޒްއަށް ވަރަށް އިތުބާރުކުރަން.. ދުވަހަކުވެސް ނާޒް އަހަރެންގެ އިތުބާރު ގެއްލޭފަދަކަމެއް ނުކުރައްޗޭ.." ވާހަކަ ދިގުކުރަން ބޭނުންނުވެ އިނދެ ސީދާ މައުޟޫއަށް ދިއުމަށް ތޮއިބާ މަސައްކަތްކުރިއެވެ.

"އިބާ.. ކިހިނެއްވީ ކުއްލިއަކަށް ތިގޮތަަށް ތިވާހަކަދައްކަނީ..؟" ސުވާލު އުފެދިފައި ނާޒް އަހައިލިއެވެ. ތޮއިބާގެ ވާހަކަތައް ހުރިގޮތުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޭނާއަށް އިހުސާސުކުރެވިގެން ދިޔައެވެ.

"ނާޒް.. އަހަރެން ކުރާ ސުވާލަކަށް ތެދުތެދަށް ޖަވާބު ދީބަލަ.. ނާޒް.. ލަމްޔާގެ އާއިލާއަށް އަހަރެން އަންގަންބުނި ހުރިހައި ކަމެއް އެންގިންތަ؟ އެމީހުން މިކައިވެންޏާ ގަބޫލުވީ ޒާއިންގެ އަމަލުތައް ހުރިގޮތް އެނގިހުރެތަ؟" ތޮއިބާގެ މޫނުމަތިން ފައުޅުވަނީ އެސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ. ސީރިއަސްކަމާއެކު ނާޒްގެ މޫނަށް އޭނާ ބަލަމުންދިޔައީ އެމޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ދެނެގަންނަން ބޭނުންވެފައި އިނދެއެވެ.

"އިބާ.." ކުއްލިއަކަށް ކުރިމަތިވި ސުވާލުތަކަށް ޖަވާބުދާރީވާނެ ގޮތެއް ނާޒްއަކަށް ނުވިސްނުނެވެ. ތޮއިބާއަށް ގޮވައިލަމުން ދޮގެއްހަދަން ހިތަށް އެރިނަމަވެސް ތޮއިބާ ބަލަހައްޓައިގެން އިންގޮތުން ނާޒްގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިސްޖަހައިލެވުމާއެކު ދެލޯބޮޑުކޮށްލި ތޮއިބާއަށް މޭމަތީގައި އަތް ބާވައިލެވުނެވެ. ނާޒްގެ އެއަމަލުން ހުރިހައިކަމެއް އޭނާއަށް ފަހުމްވިކަހަލައެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ތޮއިބާއަށް އަނެއްފަރާތަށް މޫނު އަނބުރައިލެވުނެވެ.

"ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައިހުރެ ނާޒް ތިވަރުގެ ބޮޑު އޮޅުވައިލުމެއް އޮޅުވައިލާނެކަމަކަށް.. ކޮބާ އަހަރެން ނާޒްއަށް ކުރި އިތުބާރު..؟ އެއްފަހަރުވެސް ތިގޮތަށް ކަންތައްކުރުމުން އަހަރެންވާނެ ދެރައާ ގަންނާނެލަދާ މެދުގަ ނާޒް ވިސްނައިނުލަންތަ؟ އެމީހުނަށް އަހަރެން ދައްކާނީ ކޮން މޫނެއް. ބައެއްގެ ހުރި ހަމައެކަނި އަންހެންދަރިއޭ އެއީ.. ނާޒް ބުނީމެއްނު ސާރާ އަކީވެސް ނާޒްގެ ގާތް އެކުވެރިއެކޭ.. އެއްއެކުވެރިއަކު އަނެއް އެކުވެރިއަކާ ދޭތެރޭ ކަންތައް ކުރަނީ ތިގޮތަަށްތަ؟" ކުރެހިފައިވި އަޑަކުން ހިތްހަމަނުޖެހިފައި ތޮއިބާ ވާހަކަދެއްކިއެވެ. ކަންތައްވީގޮތާއި މެދުގައި އޭނާ އިނީ ނުހަނުބޮޑަށް ހިތުގައިޖެހި ދެރަވެފައެވެ.

"އިބާ ޕްލީޒް.. އަހަރެން އެގޮތަށް ކަންތައްކުރީ ހަމަ އިބާއަށް ރަނގަޅަކަށް.. އިބާ އުޅެމުންދިޔަ އެކަނިވެރި ދިރިއުޅުމާ އިބާ ކުރަމުންދިޔަ ހިތާމަތަކުން ކުޑަވެސް ލުޔެއް ލިބިދާނެކަމަށް ހީކޮށް.. ޕްލީޒް.. އިބާ.. އަހަރެންވެސް އެނގިހުރެ އިބާ ދެރަވެހިތާމަކުރާނެފަދަ ކަމެއް ނުކުރާނު.. ދެން ސާރާ.. އެއީވެސް އަހަރެންގެ އެކުވެރިއެއް.. އެކަމަކު އެޔަށްވުރެ އިބާ އަހަރެންނާ އޮންނަ ގުޅުން މާގާތޭ.. އެހެންވީމަ އަހަރެންނަށް ބޮޑަށް ވިސްނޭނީ އިބާއާ މެދުގައެއްނު.. ޒާއިން އުޅެމުންދިޔަގޮތުން އިބާ އަބަދު ރޮއިހިތާމަކުރާކަށް އަހަރެން ބޭނުމެއްނޫން.. އެފަދައިން ކަންތައްކުރީ ހަމަ އިބާއަށް ރަނގަޅަކަށް.. ޒާއިންގެ ދިރިއުޅުމަށް ހެޔޮބަދަލެއް އައީމަ އުފާވާނީވެސް ހަމަ އިބާ އެއްނު.. އެއްފަހަރުވެސް ވިސްނާލަބަލަ.. ޒާއިންގެ އެހަޑި މުޑުދާރު ދިރިއުޅުން އެނގިހުރެ އިބާ ބޭނުންވާފަދަ އެއްވެސް އަންހެންކުއްޖަކު އެދިރިއުޅުމަށް އަންނާކަށް ބޭނުމެއްނުވާނެ.. އަހަރެން އެގޮތަށް ކަންތައްކުރީ އެހެންވެ.." އިންތަނުން ތެދުވެގެންގޮސް ތޮއިބާގެ ދެއަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް ނާޒް ބުނެލިއެވެ.

ނާޒްގެ ވާހަކަ ހުރިގޮތުން ތޮއިބާ އިތުރަށް ހިތްހަމަނުޖެހޭގޮތްވިއެވެ. ނާޒްގެ އަތުގެ ތެރެއިން އޭނާގެ ދެއަތްތިލަ ނަގަމުން ތޮއިބާ ނާޒްގެ އާދޭހުން ފުރިގެންވި ދެލޮލަަށް ނަޒަރު ހުއްޓައިލިއެވެ.

"އަހަރެންމީ އެހައި އަމިއްލަ އެދުން ބޮޑު މީހެއްނޫނޭ ނާޒް.. އަހަރެންގެ ދަރީގެ ދިރިއުޅުން އާރާސްތުކުރާށޭ ކިޔައި އެހެން މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއްނޫން.. އަހަރެން އެދުނީ ޒާއިންގެ ހަގީގަތް އެނގިހުރެ އެދިރިއުޅުމަށް އަންނާނެ ހެޔޮލަފާ އަންހެންކުއްޖަކަށް.. އެކުއްޖެއްގެ ސަބަބުން އެދިރިއުޅުން ބަދަލުވެގެންދާނެފަދަ ކުއްޖަކަށް.. ނާޒްގެ ހޮވުން ކިތަންމެހައިވެސް ފުރިހަމަ.. އެކަމަކު.. ނާޒް ތިކުރިކަމަކުން އަހަރެން ހަގީގަތުގަވެސް ވަރަަށް ދެރަވެއްޖެ.. ދެން.. އަހަރެން ނާޒްއަށް އިތުބާރުކުރާނީ ކިހިނެއް؟" ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ތޮއިބާ ބުނެލިއެވެ. އެވާހަކަތަކުން ދެރަވެ ނާޒްއަށް އިސްޖަހައިލެވުނެވެ. ކޮންމެ ނިޔަތެއްގައި ކުރެވުނު ނަމަވެސް އޭނާއަށް ކުރެވުނީ ތޮއިބާގެ ހިތުގައި ޖެހޭފަދަ ކަމެއްކަން ވިސްނުނެވެ.

*****

މަޑުމަޑުން ޓަކިޖަހައިލަމުން ޝަޔަމް މުހުސިނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގެ އެއްފަރާތުގައި ޤުރުއާން ކިޔަވަންއިން މުހުސިނާ އިސްއިފުލައިލަމުން ބަލައިލިއެވެ. ޝަޔަމް ފެނުމުން ހިނިތުންވެލަމުން އަތުގެ އިޝާރާތުން އޭނާގެ ގާތަށް އައުމަށް ބުނަމުން ޚަތިމް ލައްޕައިލުމަށްފަހު އެނދުގެ އެއްއަރިމަތީގައި ހުރި ކަބަޑުގެ މަތީގައި ބާއްވައިލިއެވެ.

ލަސްހިނގުމެއްގައި އައިސް ޝަޔަމް މުހުސިނާގެ ގާތުގައި އިނށީދެލިއެވެ. އަދި އުނގުމަތީގައި ދެއަތް ޖޯޑުކޮށްލަމުން އޭނާއަށް ބަލަހައްޓައިގެންއިން މުހުސިނާ އާއި ނަޒަރު ސީދާކޮށްލިއެވެ.

"ދަރިފުޅު ކަމަކުތަ؟" ޝަޔަމްގެ ފަންއިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމައިލަމުން މުހުސިނާ އަހައިލިއެވެ. ހަމަހިމޭންކަމާއެކު ޝަޔަމް މުހުސިނާއަށް ބަލަންއިންއިރު ހީވަނީ ކަމަކާއިމެދުގައި ވަރަށް ބޮޑަށް ވިސްނަމުންދިޔަ ހެނެވެ.

"ޝަޔަމް.. ދަރިފުޅާ.." ދެއަތް ދެއަތާއި މޮޑެމުންދިޔަ ޝަޔަމްއަށް ބަަލަންއިން މުހުސިނާ ހާސްވެފައި ޝަޔަމްއަށް ގޮވައިލީ އޭނާގެ މޫނުމަތިން ފައުޅުވަމުންދިޔަ އަސަރުތަކުންނެވެ.

"މާމާ.. މި.. މި.. ނަމާދު.. ކުރަނީ... ކިހި.. ކިހިނެއްތަ؟" ޖެހިލުންވެފައި އިނދެ ތުންފަތްހަފަމުންދިޔަ ޝަޔަމް މުހުސިނާއަށް ބަލަން ނުކެރި މަޑުމަޑުން އަހައިލިއެވެ. މާމަ ދަރިފުޅުގެ ސުވާލާއެކު މުހުސިނާއަށް ލިބުނީ ހައިރާންކަމެވެ.

(ނުނިމޭ)

  Please log in or register to bookmark.
  5k

  21 ޚިޔާލު

  1. ވ ރީތި♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍

  2. މާޝާ.. ﷲ❤ ވަރަށް.. ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް.. ރީތި💖.. ވަރަށް އެކްސްއިޓް ވެފަ.. މިހުންނަނީ.. ޒާން.. އިސްލާހުވީމަ💞💓.. ދެން އިންބައި އަވަސްކޮށްދެއްޗޭ..💋.. އަމްމްމް ސިސް.. ގެ މެއިލް.. ލިބިދާނެތަ؟؟؟.. އަސްލު ވަރަށް.. ބޭނުނަވޭ ސިސް.. އާ.. ޕްރިވޭޓްކޮށް.. ވާހަކަދައްކަން..😯😉😟.. އެންޑް... ވަރަށް ބޭނުންވޭ ސިސްގެ... ހާލު.. ބަލާލަން.. " ހައު.. އަރ ޔޫ؟؟"..🙂 ވެއިޓިން ފޯ ނެކްސްޓް ޕާޓް ސްވީޓީ.. ޔޫއަރ ވެރީ.. ޓެލެންޓެޑް.. ސިސް💟.. ސިސް ތި ކުރާ މިންނެތް މަސައްކަތަށް.. މަރުހަބާ.. ކިޔަން.. ލަވް ޔޫ ސޯ.. ސޯ ސޯ ސޯ ސޯ މަޗް ސްވީޓީ👄💋💓💖💞😙😘😚.. ސްޓޭ.. ސޭފް އެންޑް ޓޭކް.. ކެއަރ ޑަރލް😷😷☺.. އަދި އެއްފަހަރު ލަވްޔޫ ލޯބިކޮޅޫ..😙😘🙈😽💜💙💚💛

   9
   1
   • ތެންކްސް އަ ލޮޓް ރީން.. ސޯ ހެޕީ ޓް ސީ ޔުއަރ ކޮމެންޓްސް ޑިއަރ.. ޔެސް އިންޝާ ﷲ ވިލް ޓްރައި އަ ލޮޓް އިނގޭ.. އައި އެމް ހަމަ ގްރޭޓް.. ހައު އެބައުޓް ޔޫ ޑިއަރ؟
    ތެންކް ޔޫ ސޯ ސޯ ސޯ މަޗް ވަންސް އަގެއިން.. ލަވް ޔޫ ޓޫ.. އެންޑް ސްޓޭ ސޭފް.. 🥰🥰😘😘❤❤

    މައި މެއިލް އިޒް [email protected]

  3. ޔުއަރ ވެލްކަމް ޑިއަރ😙😘👄💓..އަލްހަމްދުލިއްލާހި ރީން ހަމަ ރަނގަޅު.. އަސްލު ހިއެއްވެސް ނުކިރަން އެހާ އަވަހަށް ރިޕްލައި ކުރާނެކޭވެސް... އެން ސޯ ހެޕީ ޔޫ ގިވް މީ ޔުއަރ މެއިލް..💜💙👄 ލަވްޔޫ ދޫނީ.. ސެޓޭ ސޭފް!!!

  4. ވަރަށް ރީތި މާޝާ ﷲ.. ❤️❤️ޒާއިން އިސްލާހުވީމަ ވަރަށް ހެޕީ😊💜 ދެން އިން ބައި ކޮންއިރަކުން ؟؟

  5. ވވވވވވވވވވވވވވވވވވވވވ.ރީތި
   ހުރިހާ ވާހަކައަކަށް ކޮމެންޓް ނުކުރިޔަސް ހުރިހާ ވާހަކަތައް ވެސް ކިޔަން. ހުރިހާ ޕާޓްތައް ވެސް ވވ.ރީތި

  6. ހަމަ ރީތިކަމުން ކިޔެނީ މިހާރު މި ބައިވެސް 5 ވަރަކަށް ފަހަރުކިޔައިފިން. ލަމް އެންޑް ޒާއިންގެ ބައި ބޮޑަށް ކިޔާހިތްވަނީ. ޝަޔަމް އެންޑް ނުހައިކްގެ ބައިވެސް ރީތި. 23 ކޮންއިރަކުން؟

  ޚިޔާލު

  Your email address will not be published.