ތިޔަ ލޯބީގައި - 21

"ތެންކްސް.." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. އެއާއެކު ލަމްޔާއަށް ފުރަގަސްދީގެންހުރި ޒާއިންއަށް ލުއި ގޮތަކަށް ހީލެވުނެވެ. ހިތަށްލިބިގެންދިޔަ ހަމަޖެހުމަކުން ޒާއިންއަަށް ދެލޯމަރައިލަމުން ޓީޝާޓުގައި ލަމްޔާގެ ކަރުނުން ތެމިފައިވި ހިސާބުގައި ފިރުމައިލެވުނެވެ.

މަޑުހިނގުމެއްގައިގޮސް ސޯފާގައި އިނށީދެ ހަމަޖެހިލަމުން ޝައުގުވެރިކަމާއެކު ލަމްޔާގެ ހަރަކާތްތަކަށް ޒާއިން ބަލަން އިނެވެ. ސަބަބު ނުވިސްނުނެއްކަމަކު ލަމްޔާ ނަމާދުކުރަމުންދިޔަ މަންޒަރުން ނުތަނަވަސް ވެފައިވި އޭނާގެ ހިތަށާއި ނަފުސަށް ހަމަޖެހުން ލިބިގެންދިޔައެވެ. އެގޮތުގައި ލަމްޔާ ނަމާދުކޮށް ނިމެންދެން އޭނާ ބަލަން އިނެވެ.

ނަމާދުކޮށްނިމި މުސައްލަ އަލަމާރީގެ އެއްފަރާތުގައި ބާއްވަމުން އެނބުރުނު ލަމްޔާއަށް އޭނާ އާއި ދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންއިން ޒާއިން ފެނި ލަދުވެތިކަމުގެ އިހުސާސެއް ކުރެވިގެންދިޔައެވެ. އިސްޖަހައިލަމުން ލަސްލަހުން އައިސް އެނދުގައި ލަމްޔާ އިށީނެވެ. އޭރުވެސް އެއިންގޮތަށް ޒާއިން ލަމްޔާއަށް ބަލަހައްޓައިގެން އިނެވެ.

"ލަމް.." ކޮޓަރީގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަން ނެތިގެންދިޔައީ ޒާއިންގެ ފިރިހެންވަންތަ އަޑުންނެވެ. އެއަޑަށް އިސްއުފުލައިލަމުން ލަމްޔާ ބަލައިލިއެވެ.

"ހިނގާ ބަގީޗާއަށް.. މިވަގުތު އެތަން ވަރަށް ހިތްފަސޭވަވާނެ.. ބޭރަށް ނުކުމެ ހޫނު ހޫނު ކޮފީއެއް ބޯލަނިކޮށް ހިތަށް ހަމަޖެހުން ލިބިދާނެ.." ސީދާ ލަމްޔާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ޒާއިން ބުނެލިއެވެ. އޭނާއަށް ވެފައި އެހުރިގޮތެއް ޚުދު ޒާއިން އަކަަށްވެސް ނޭނގެއެވެ.

ޒާއިން އަށް ބަލަންއިން ލަމްޔާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވައިލީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު ޒާއިންގެ އަމަލުތަކާމެދުގައި ސުވާލު އުފެދެމުންދިޔައެވެ. މިއީ އެހެންޏާ މިއިން ދުވަހަކުވެސް ޒާއިން އުޅުނުގޮތެއް ނޫނެވެ. މީގެ ކުރިން ލަމްޔާ ފެންނަހިސާބުގައިވެސް މަޑުކޮށްލާކަށް ޒާއިން ބޭނުމެއްނުވެއެވެ. ވީއިރު މިހާރު އޭނާއަށް އެހުރީ ކިހިނެއްވެފައިހެއްޔެވެ؟

"ހިނގާބަލަ.. އަބަދު ތިހެން މޫޑީވެފަ އިންނާކަށް ނުވާނެ.." އިންތަނުން ތެދުވެގެން އައިސް ލަމްޔާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިލަމުން އަނެއްކާވެސް ޒާއިން އެދުނެވެ.

އާދޭހާއިއެކު އޭނާއަށް އަމާޒުވެފައިވި ޒާއިންގެ ދެލޮލަށް ބަލައިލެވުނު ލަމްޔާގެ ދުލުގައި ތަޅެއްލެވުނުފަދައެވެ. ދުލުން ބަހެއްބުނަން ނުކުޅެދުނުއިރު މިފަހަރު ޒާއިންގެ އެދުމަށް އިންކާރުކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ހަދާނެގޮތެއް ނުވިސްނި އެހެން އިންދައި އޭނާގެ އަތުގައި ހިފައި ކުޑަކޮށް ޒާއިން ދަމައިލިއެވެ.

"ޕްލީޒް" ޒާއިންގެ އަތުގެ ތެރެއިން އަތް ދަމައިގަތް ލަމްޔާގެ ގާތުގައި ޒާއިން އާދޭސްކޮށްލިއެވެ. ބޯޖަހައިލަމުން އިންތަނުން ލަމްޔާ ތެދުވީ އިތުރުގޮތެއް ނެތިގެންކަހަލައެވެ. އެމަންޒަރުން ޒާއިންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. އަވަސް އަވަހަށް އިންތަނުން ތެދުވަމުން ލަމްޔާ ގާތުގައި ތިރިއަށް އައުމަށް ބުނުމަށްފަހު ޒާއިން ހިނގައިގަތެވެ. ދެއަތް ދެއަތާއި މޮޑެމުން ލަމްޔާވެސް ޒާއިންގެ ފަހަތުން ޖެހިލުންވެފައިހުރެ ހިނގައިގަތެވެ.

ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ގޭގައި ގެންގުޅޭ ކުއްޖާ ކަމުގައިވާ ޝާންތީ ގާތުގައި ދެކޮފީ ތައްޔާރުކޮށްލުމަށްފަހު ބަގީޗާގެ ތެރެއަށް ގެނައުމަށް ބުނަމުން ޒާއިން އެދިމާއަށް މިސްރާބުޖެހިއެވެ. ގޭގެ ބިއްދޮށުގައިހުރި ދޮރު ހުޅުވައިލަމުން ޒާއިން ގޯތިތެރެއަށް ނުކުތެވެ.

ފަތިހުގެ ހިތްގައިމު ވަގުތު މުޅި މާހައުލަށް ފެތުރިފައިވި ދުންފިނީގެ އަސަރުން ހަށިގަނޑަށް އިހުސާސުކުރެވިގެން ދިޔައީ އަރާމުކަމެވެ. އުޑުމައްޗާއި ދިމާއަށް މޫނު އުފުލައިލި ޒާއިން ދެލޯ މަރައިލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ހިތަށް ލިބެމުންދިޔަ ބަޔާންކުރަންދަތި ހަމަޖެހުމުގައި އޭނާއަށް ފުޅާކޮށް ހިނިތުންވެލެވުނެވެ.

ފަހަތުން އިވުނު މަޑުފިޔަވަޅުތަކުގެ އަޑާއެކު ދެލޯ ހުޅުވައިލަމުން ފަހަތަށް އެނބުރި ޒާއިން ބަލައިލިއެވެ. މަޑު ކްރީމް ކުލައެއްގެ ދޫހެދުމާއެކު ހަމަ އެކުލައިގެ ކުޑަ ވަށްބުރުގާކޮޅެއްގައި ހުއްޓިހުރި ލަމްޔާއަށް އޭނާގެ ނަޒަރު ސީދާވުމާއެކު ހިތްގައިމު ރާގެއް އެހިތުގައި ކުޅެލިއެވެ. ތަނަށް ވެރިވެފައިވި ފަނޑު އަލިކަމުގެ ތެރޭގައި ލަމްޔާގެ މައުސޫމުކަމުން ފުރިފައިވި ކުޑަކުޑަ މޫނުކޮޅަށް ބަލަހައްޓައިގެން ބަސްހުއްޓިފައި ޒާއިން އަށް ހުރެވުނެވެ.

"ޒާ..އިން.." އެބެލުމުން ލަދުގަނެ އިސްޖެހުނު ލަމްޔާއަށް ޒާއިންގެ ނަމުން ގޮވައިލެވުނީ އެފަދައިން ނުބަލާށޭ ބުނެލާފަދަ ގޮތަކަށެވެ. ހިނިއައިސްފައި އެއްޗެއް ބުނަން އުޅެފައިވެސް ޒާއިން ހުއްޓުނީ އެދިމާލަށް އަންނަ ޝާންތީ ފެނިފައެވެ. ލަމްޔާ ގާތުގައި އައުމަށް ބުނަމުން ޒާއިން ބަގީޗާތެރޭގައިހުރި ކުޑަ ކޮފީ މޭޒާއި ދިމާއަށް މިސްރާބުޖެހިއެވެ.

ޝާންތީ އާއި އެއްހަމައެއްގައި ހުރެ ހިނގައިފައި އައިސް ލަމްޔާވެސް މޭޒު ދޮށުގައި އިނށީދެލިއެވެ. ގެނައި ކޮފީ ތަބަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝާންތީ އެތަނުން ދިއުމުން ޒާއިން އިސްޖެހިފައިއިން ލަމްޔާއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ތަބަށް ތެރެއިން އެއްކޮފީ މަގު ނަގަމުން ލަމްޔާއަށް ދިއްކޮށްލިއެވެ. ތުރުތުރުއަޅަމުންދިޔަ އަތުން ލަމްޔާ މަގުގައި ހިފައިލިއެވެ. އެތަން ރީތިކޮށް ޒާއިންއަށް ފެނުނެވެ.

"އަހަރެންދެކެ ބިރުންތަ ތިއިނީ؟" ޒާއިންގެ ސުވާލުން ސިހިފައި ލަމްޔާ ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މަގުގައި ތުންޖަހައިލަމުން ޒާއިން އެތިފޮދެއް ބޯލިއެވެ.

ލަމްޔާ ހީވަނީ ޒާއިން އަށް ނުބަލަން ހިތުލައިގެން އިންހެނެވެ. ވަށައިގެން އެކި ދިމަދިމާއަށް އޭނާ ނަޒަރުހިންގަމުންދިޔައެވެ. ގަސްތަކުގައި ފޮޅިފައިވި އެކި ކުލަކުލައިގެ މަައުތަކުގެ ފިޔަތަކުގައި ޝަބްނަމްގެ ތިކިތަށް ވިދަމުންދިޔައިރު އެމައުތަކުގެ ތާޒާކަން ފައުޅުވަމުންދިޔައެވެ. މުޅި މާހައުލުވަނީ އެކި މާމެލާމެލީގެ ވަހުން އެއްވަސްކޮށްލައިފައެވެ.

"ސޮރީ.." އިރުގަނޑެއްގެ ހިމޭންކަމަށްފަހު އަތުގައިހުރި ކޮފީ މަގަށް ބަލަހައްޓައިގެންއިން ޒާއިން ބުނެލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަމުން ލަމްޔާ ހައިރާންވެފައި ޒާއިން އަށް ބަލައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް ލަމްޔާގެ ނަޒަރުން އެހިތުގައިވީ ކީކޭކަން ޒާއިންއަށް ފަހުމްވި ކަހަލައެވެ.

"ކުރިން.. އަހަރެންނަށް ކުރެވުނު ހުރިހައި ކަމަށް މައާފަށް އެދެން.. އަހަރެންނަށް.. މައާފުކޮށެއް ނުދޭނަންތަ؟" ޒާއިންގެ މޫނުމަތިން ފައުޅުވަމުންދަނީ ޚުދު އޭނާއަށްވެސް މިދެއްކޭ ވާހަކަތަކާމެދުގައި ޔަގީންނުވެފައިއިންފަދަ އަސަރުތަކެވެ. އަމިއްލަ ނަފުސާއި ޒާއިން އެތައް ސުވާލުތަކެއް ކުރިމަތިކުރުވަމުން ދިޔައިރު އެސުވާލުތަކުގެ ޖަވާބެއް އޭނާއަކަށްވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ލަމްޔާ އާއި މެދުގައި އެފަދަ ގާތްގޮތަކަށް ކަންތައްކުރެވެމުންދަނީ ކީއްވެކަމެއް ބުނެދޭކަށް ޒާއިން އަކަށްވެސް ނޭނގެއެވެ. ކުރިން ކުރެވުނު ކަންތަކާ ދެރަވެ މައާފަށް އެދެވެމުންދަނީ ކީއްވެކަމެއްވެސް ޚުދު އޭނާއަށް ބުނެދޭކަށް ނޭނގެއެވެ.

އެއްޗެއް ނުބުނެ ލަމްޔާ އިންނަން ފެށުމުން ޒާއިން މާޔޫސްވާގޮތްވިއެވެ. ތުންފިއްތައިލަމުން ބޮލުގެ އިސްތަަށިގަނޑުގައި އޭނާ އަތްހިންގައިލިއެވެ.

"އިޓްސް އޯކޭ.." ލަމްޔާގެ އަޑު ޒާއިންއަަށް އިވުނީ ކިރިޔަ ކިރިޔާއެވެ. ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ޒާއިން ލަމްޔާއަށް ޝުކުރުއަދާކޮށްލިއެވެ. އޭރު ވީއުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޯވެސް ނަށަމުންދިޔަ ކަހަލައެވެ.

"އަހަރެމެންނަށް ދެއެކުވެރިން ގޮތުގަ ތިބެވިދާނެތަ؟" ގޮނޑީގައި ހަމަޖެހިލި ޒާއިން އަހައިލިއެވެ. އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ލަމްޔާ ބޯޖަހައިލިއެވެ.

"އިޝާރާތަކުން ނޫން.. ވާހަކަ ދައްކަބަލަ ލަމް.. އަހަރެންވެސް އިޝާރާތަކުން ނޫނެއްނު މިއަހަނީ.." ޒާއިންގެ ވާހަކަތަކުން ލަމްޔާއަށް ހީލެވުނެވެ.

"ހޫމް.." އަޑު މަޑުވިއެއްކަމަކު ލަމްޔާ ހޫން އަޅުވައިލުމުންވެސް ޒާއިން ހިތްހަމަޖެހުނެވެ. އިތުރު ވާހަކަތަކެއް ދެމެދުގައި ނުދެކެވުނަސް އެހަމަހިމޭންކަން ދެމީހުނަށްވެސް ކަމުދިޔައެވެ.

ހަވީރު ވެގެން އައިއިރު ގޭތެރޭގައި އެކި ކަންކަމުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާ އާއި ޒާއިންއާއި ދެމެދުގައި މަދުމަދުން ނަމަވެސް އެކި ވާހަކަ ދެކެެވުނެވެ. ލަމްޔާގެ ފުށުންވެސް އެތައް ދުވަހަކަށްފަހު ހަމަޖެހުމުގެ ކުލަވަރުތައް ފެންނަމުންދިޔައެވެ. ހިތުގައިވި ޝަކުވާތައް ފަރުދާކޮށްލަމުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ ހިތްވަރުކުރަމުން ދިޔައެވެ.

ކޮޓަރިން ނުކުތް ޒާއިންގެ ލޮލުގައި ސިޑިން އަރައިގެން އައި ތޮއިބާ އަޅައިގަތުމާއެކު އޭނާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެންދިޔައެވެ. ތޮއިބާ އާއި ގާތަަށް ހިނގައިގަންނަމުން އޭނާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާކަމަށް ޒާއިން ބުނެލިއެވެ. ޒާއިންއަށް ބަލައިލުމަށްފަހު ކޮޓަރިއަށް އަންނަން ބުނަމުން ތޮއިބާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

"ކިހިނެއްވީ ޒާން..؟" ކޮޓަރީގެ މެދެއްހައި ހިސާބު ހުއްޓިހުރި ޒާއިންއަށް ބަލައިލަމުން ތޮއިބާ އަހައިލިއެވެ. ޒާއިން އޭނާއަށް ބަލަންހުރިގޮތުން ތޮއިބާ ޖެހިލުންވާގޮތްވިއެވެ.

"ކީއްވެ ލަމްޔާގެ އާއިލާއަށް އޮޅުވައިލައިގެން މިކައިވެނި ކުރުވީ؟" ވާހަކަ ދިގުކުރަން ބޭނުންނުވެ ޒާއިން ސީދާ މައުޟޫއަށް ދިޔައެވެ.

"ކީކޭ؟ އޮޅުވާލިއްޔޭ؟ ޒާން ކީކޭތަ ތިކިޔަނީ؟" ނިތަަށް ރޫއަރައިގެންދިޔަ ތޮއިބާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.

"ނޭނގޭކަމަށް ހެދޭނެކަމެއްނެތް.. މީ ލަމްޔާގެ އާއިލާއަށް އޮޅުވައިލައިގެން ކުރެވުނު ކައިވެންޏެއްކަން އަހަރެންނަށް މިހާރު އެނގިއްޖެ.. އޭރުވެސް އަހަރެންގެ ހިތަށްއެރި އަހަރެންގެ ހަގީގަތް އެނގިހުރެ ލަމްޔާފަދަ އަންހެންކުއްޖަކު އަހަރެންނާ ކައިވެންޏެއް ނުކުރާނޭ.." ބުނެވުނު ބަސްތަކުން ހިތުގައި ރިއްސައިލި ނަމަވެސް ޒާއިން އެކަންނުދައްކައި ވާހަކަދެއްކިއެވެ. ޒާއިންގެ ވާހަކަތަކުން ތޮއިބާގެ ހައިރާންކަންވީ އިތުރެވެ.

"މަންމަ އަކަށް ހަމަ އެއްގޮތަކަށްވެސް ޒާން ތިކިޔާއެއްޗެއް ނޭނގެ.. އަނެއްކާ ދެކުދިން ދެމެދު މައްސަލައެއް ޖެހުނީތަ؟" ކަންބޮޑުވެފައި ތޮއިބާ އަހައިލިއެވެ.

"އަދިވެސް ނޭނގޭކަމަށް ހެދެނީތަ؟ ނޫނީ އަހަރެން މިކިޔާއެއްޗެއް ހަމަނޭނގެނީތަ؟" ރުޅިވެރިކަމާއެކު ޒާއިންގެ ދެއަތް މުށްކެވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ތޮއިބާއަށް ހުރެވުނީ ހަގީގަތުގައިވެސް ޒާއިން ދައްކަމުންދިޔަ ވާހަކަތައް އޭނާއަށް ފަހުމްނުވާތީއެވެ.

"މިބުނަނީ ލަމްޔާ އަހަރެންނާ ކައިވެނިކުރީ އަހަރެންގެ އުޅުންހުރިގޮތުގެ ހަގީގަތް ނޭނގިހުރެއޭ.. އޭނާ ހިތުން އަހަރެންވެސް އުޅެނީ އޭނާ އުޅޭހެން.. މިކައިވެންޏާ އޭނާގެ އާއިލާ އެހައި ފަސޭހައިން ގަބޫލުވީވެސް އެހެންވެކަން ޔަގީން.. ބަލަ އަހަރެންގެ ދެލޮލުންނޭ ކޮންމެ ރެއަކު ލަމްޔާ ކަރުނައަޅައި ރޯ މަންޒަރު ދެކެނީ.. މި ދެކަންފަތުން އެއަޑުއިވިއިވި އަހަރެންގެ ހިތަށްވެސް އަސަރުކޮށްފި.. ކަލޭ ހުރިހައިކަމެއްކޮށްފަ ހަމަޖެހިގެން ތިއުޅެނީ.. އެއްފަހަރުވެސް ހިތަށް ނާރާތަ ކަލޭ ތިކުރިކަމަކުން ހަލާކުވެގެން އެދިޔައީ ބައެއްގެހުރި ހަމައެކަނި އަންހެންދަރީގެ ދިރިއުޅުންކަމެއް.. އެދެލޮލުން އަހަރެން އެތައް އެތައް ޝަކުވާއެއްދުށިން.. ކައިވެންޏާމެދު ކުރި ފޮނިހުވަފެންދުށިން.. އެކަމަކު.. އަހަރެން.. އަހަރެންފަދަ މީހަކާ އިނދެވުނަތީ ލަމް މިއަދު ހިތާމަކުރާކަން ޔަގީން.." ވާހަކަދައްކަމުންގޮސް ދެލޮލަަށް ކަރުނަޖަމާވަންފެށުމުން ގަދަކަމުން އެކަރުނަތައް ދިރުވައިލަން ޒާއިން މަސައްކަތްކުރިއެވެ. އަދިވެސް ލަމްޔާގެ އެވޭނީ ގިސްލުމުގެއަޑު އޭނާގެ ކަންފަތުގައި ހަރުލައިފައިހުރި ކަހަލައެވެ.

ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ތޮއިބާއަށް ހުރެވުނީ އިވިގެންދިޔަ ވާހަކަތަކަކުންނެވެ. ފަހަރެއްގައިވެސް އެފަދަ ނިޔަތެއްގައި އޭނާ އެއްވެސްކަމެއް ކޮށްފައިނުވާއިރު ޒާއިން އޭނާގެ ބޮލުގައި އެއެޅުވީ ހާދަ ބޮޑު އިލްޒާމެކެވެ.

"އަހަރެން ހީކުރީ ލަމްޔާ އަހަރެންނާ އިންނަން ގަބޫލުވީ މިމުއްސަނދިކަމުގެ ބޭނުމުގަކަމަށް.. އެކަމަކު.. އެއަންހެންކުއްޖާގެ ހިތުގެ ސާފުކަން މިއަދު އަހަރެންނަށް އެނގި އިހުސާސުވެއްޖެ.. ކީއްވެ؟ އަހަރެން މިއަހަނީ ކީއްވެހޭ ކަލޭ އެގޮތަށް ކަންތައްކުރީ؟ އަހަރެންނަކީ މާ މާތްކޮށްއުޅޭ މީހެއްނޫންކަން އެންމެ ރަނގަޅަށްވެސް އެނގޭނީ ކަލެއަށް.. ދެން ކީއްވެހޭ އޮޅުވައިލީ؟ އަހަރެންނަށް އެނގޭ ކިތަންމެ ދުވަހަކު އެޝަކުވާތަށް އުފުލިއަސް ލަމްޔާ އުފްވެސް ނުބުނާނެކަން.. އެކަމަކު އަހަރެން މަޑަކުން ނުހުންނާނަން.. އަހަރެން މިއިން ކޮންމެ ސުވާލެއްގެވެސް ޖަވާބު ބޭނުން.. ބަސްހުއްޓި މަންމަންވެފަ ހުންނަންވީކީ ނޫނޭ.. ނޫނީ ކަލެއަށްކުރެވުނު ކަންތަކުން ބުނާނެ އެއްޗެއް ނޭނގިފަތަ ތިހުންނަނީ؟" މަޑުމައިތިރިކޮށް ވާހަކަދައްކަން ފެށިނަމަވެސް ޒާއިންގެ އަޑުގައި ހަރުކަށިކަމާއި ރުޅިވެރިކަން އެކުލެވިގެންދިޔައެވެ. ރުޅިއައިސް ރަތްވެފައި ހުރިއިރު އޭނާގެ ނަޒަރު ހުރީ ސީދާ ތޮއިބާއަށް ހުއްޓިފައެވެ.

"ހުއްޓާލާ ޒާއިން.. ތިވާހަކަދެއްކެނީ ކަލޭ ބަނޑުއަޅައި ވިހޭ މައިމީހާއާ ކަމެއްވެސް ނޭނގޭތަ؟ ތިވަރުގެ ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވާއިރު އަހަރެންމީ ތިހީކުރާހައި ނުބައި އަންހެނެއްނޫނޭ.. އަހަރެން ބަޔަކަށް އޮޅުވައިލަންވީ ކީއްކުރަން.؟ އެކަމުން އަހަރެންނަށް ކޮންފައިދާއެއްވާނެކަމަށް؟ ތިކައިވެނީގެ ޚިޔާލު ހިފައިގެން އަހަރެންގެ ގާތަށް އައީ ނާޒް.. އެދުވަހުވެސް އަހަރެން ނާޒް ގާތު ބުނިން ޒާއިންއާ އިންނަން އެއްބަސްވާ ކުއްޖަކަށް ޒާއިންގެ ހުރިހައި ހަގީގަތެއް.." އެހިސާބަށް ވާހަކަދިޔަތަނާ ތޮއިބާއަށް ހުއްޓައިލެވުނީ ހިތަށްވެރިވި ސުވާލުތަކަކުންނެވެ. ދެލޯބޮޑުކޮށްލަމުން ދެއަތް އަނގަމަތީގައި އަޅައިލެވުނުއިރު މަޑުމަޑުން ދެފަރާތަށް ބޯހޫރުވަމުންދިޔައީ އަމިއްލަ ނަފުސާ ކަމަކަށް ދެބަސްވާފަދައިންނެވެ.

"އަނެއްކާ..... އަނެއްކާ ނާޒް.. އެމީހުނަށް މިއިން އެއްވެސްކަމެއް ނާންގަނީތަ؟ ނާޒް އަހަރެންނަށްވެސް އޮޅުވައިލީތަ؟ ޔާރައްބީ.. އަހަރެން ދެން ކިހިނެއްހަދާނީ.. ހަގީގަތުގަވެސް ލަމްޔާގެ އާއިލާއަށް އެއްވެސްކަމެއް ނޭނގެނީތަ؟ އެހައި ފަސޭހައިން މިގުޅުމަށް އެއްބަސްވީ އެހެންވެތަ؟" ކަރުނުން ބަރާވި ދެލޮލުން ޒާއިންއަށް ބަލައިލި ތޮއިބާއަށް އެއްފަހަރާ އެތައް ސުވާލެއްކޮށްލެވުނެވެ.

ތޮއިބާއަށް ވީގޮތްފެނި ޒާއިންގެ ރުޅިގަނޑުވެސް ހިސާބަކަށް ފިނިވާގޮތްވިއެވެ. އެހެނަސް ހިތުގައިވި ހަމަނުޖެހުން ފިލާގޮތެއް ނުވިއެވެ. ބުނާނެއެއްޗެއް ނުވިސްނި ރޮވިފައި އޭނާއަށް ބަލަހައްޓައިގެންހުރި ތޮއިބާގެ ސުވާލުތަކަށް ޒާއިން ބޯޖަހައިލިއެވެ.

"ޔާ ﷲ.. އަހަރެންނަށް މިކުރެވުނީ ކޮންފަދަކަމެއް.. ނޭނގި ނަމަވެސް ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލެވިއްޖެ.. އަހަރެން.. އަހަރެން ދެން އެމީހުނަަށް ދައްކާނީ ކޮންމޫނެއް.. އަހަރެން ލަމްޔާ އާއި ކުރިމަތިލާނީ ކިހިނެއް؟ އެދަރިވެސް ޒާއިން ފަދައިން މިހާރު އަހަރެންނަށް ނަފުރަތުކުރާނެކަން ޔަގީން.. ނާޒް... އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ.. ނާޒް އެފަދަކަމެއް ކޮށްފާނެތަ؟ އަހަރެންނަށް އެހައިބޮޑު ދޮގެއް ހަދައިފާނެތަ؟" އަނގަމަތީގައި އަތްއަޅައި ބާރުކޮށްލަމުން ކައިރީގައިހުރި ސޯފާ ގޮނޑީގައި ތޮއިބާއަަށް އިނށީދެވުނެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ. ކުރާނެކަމެއް ނޭނގުނުތާނގައި ބުނާނެ އެއްޗެއްވެސް ތޮއިބާއަކަށް ނުވިސްނުނެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި އުފެދިފައިވި ތޫފާނުގެ އަސަރު ވަރުގަދަވެފައިވެއެވެ.

ތޮއިބާގެ އަމަލުތަކުން ހަގީގަތުއިވެސް ތޮއިބާއަަށް މިއިން އެއްވެސްކަމެއް ނޭނގޭހެން ޒާއިންއަށް ހީވިއެވެ. ކިޔުނު އެއްޗިއްސާއިމެދު ވިސްނި ތުންފިއްތައިލަމުން ޒާއިން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ފުންޚިޔާލަކަށް ގެއްލިފައިއިން ތޮއިބާއަަށް ބަލައިލަމުން ޒާއިން އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ހިތުގައި އުފެދިފައިވި ހައިޖާނުގަނޑުވެސް ވަކި ކުޑައެއްނޫނެވެ. އެއްޗެއް ވިސްނޭވަރަށްވުރެ އޭނާގެ ބޮލުގައި އުފެދިފައިވިރިހުން ވަރުގަދަވެފައިވެއެވެ. ތޮއިބާގެ ކޮޓަރިން ނުކުތްގޮތަށް އޭނާ މިސްރާބުޖެހީ ގެއިން ބޭރަށް ނުކުތުމަށެވެ. ކާރުގައި ބޭރަށް ދިއުމުގެ ޚިޔާލު ޒާއިން ދޫކޮށްލީ ތަޅުދަނޑިބަލައި އޭނާގެ ކޮޓަރިއަށް ދާންޖެހޭނެކަން އެނގޭތީއެވެ. މިވަގުތު އޭނާ ހުރީ ލަމްޔާ އާއި ކުރިމަތިލެވޭފަދަ ހާލަތެއްގައެއްނޫނެވެ. އަލުން ލަމްޔާގެ ކިބައިން މައާފަަށް އެދެންޖެހިދާނެފަދަކަމެއް ކުރާކަށް ޒާއިން ބޭނުމެއްނުވެއެވެ. ގެއިން ނުކުތުމަަށްފަހު ފުންނޭވާއެއްލަމުން މަގުގެ އެއްފަރާތުން އިސްޖަހައިލި ޒާއިން ހިނގައިގަތެވެ.

ގެޔާއި ދުރުނޫން ހިސާބެއްގައިހުރި ޕާރކެއްގެ ގޮނޑިއެއްގައި ޒާއިން އިނށީދެހަމަޖެހިލިއެވެ. ތަފާތު އެކިޚިޔާލުތަކުން އަމިއްލަ ނަފުސު ބަނދެވެމުންދިޔައިރު އޭނާގެ ދެބުމަވަނީ ގޮށްޖެހިފައެވެ. ހަދާނެގޮތެއް ނޭނގިގެންއުޅޭ މީހަކުފަދައިން އިރުއިރުކޮޅާ ނިތްކުރިމަތީގައި ފިރުމައިލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތްހިންގައިލައެވެ. އެގޮތުގައި އެތަނުގައި އިރުއޮއްސި އަނދިރިވީއިރުވެސް ޒާއިން އިނެވެ. ގެއަށްދިއިމުގެ ކުޑަވެސް ޚިޔާލެއް އޭނާގެ ނެތްފަދައެވެ.

އިޝާ ނަމާދު ބަންގި ގޮވައިގެން ދިޔައިރުވެސް ޒާއިން އެޕާރކުގެ ތެރޭގައި ފުންޚިޔާލަކަށް ގެއްލިފައި އިނެވެ. ދިރިއުޅުމުގެ އެކި ކަންތަކާމެދު އޭނާއަަށް ފިކުރުހިންގެމުންދިޔައިރު ލަމްޔާ އާއި މެދުގައިވެސް އޭނާއަށް ވިސްނެމުންދިޔައެވެ.

އަތުކުރީގައި އޮތް ގަޑިއަަށް ބަލައިލަމުން އިންތަނުން ޒާއިން ތެދުވީ މާލަސްވެއްޖެނަމަ ލަމްޔާ އޭނާއާއި މެދުގައި ނުބައި ހީތަކެއްކޮށްފާނޭ ހިތަށްއެރުމުންނެވެ. ލައިގެންހުރި މަޑު ނޫކުލައިގެ ޖީންސްގެ ޖީބުތެރެއަށް ދެއަށްކޮށްޕައިލަމުން ޒާއިން ގެއަށް ދިއުމަަށްޓަކައި ހިނގައިގަތެވެ. ހިތުގައިވީ ހައިޖާނުގަނޑު މަތަނުވި ނަމަވެސް އޭނާގެ ރުޅިގަނޑުވަނީ އެއްކޮށްހެން ފިނިވެފައެވެ.

އިސްޖަހައިލައިގެންހުރެ ލަސްފިޔަވަޅުތަކެއްގައި ހިނގަމުން އައި ޒާއިންއަށް ކުރިމަތީގައިހުރި މިސްކިތްފެނި ހުއްޓުންއެރިއެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެތައްފަހަރަކު އެމިސްކިތް ހުރަސްކޮށް ހިނގައިހަދައިފައެވެ. އެހެނަސް މިވަގުތު އެހެންޏާ ނުކުރެވޭފަދަ އެތައް އިހުސާސެއްް އޭނާއަށް ކުރެވެމުންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. މިސްކިތަަށް ވަންނަ ދޮރުކުރިމަތީގައި ހުއްޓިލަމުން އެތައްް ދުވަހަކަށްފަހު ޝައުގުވެރިކަމާއެކު ޒާއިން މިސްކިތުގެ ގޯތިތެރެއަށް ނަޒަރު ހިންގައިލިއެވެ.

"ނަމާދު ނުކުރާނަންތަ؟" ސިހިފައި ޒާއިންއަށް ވަށައިގެން ނަޒަރު ހިންގައިލެވުނީ ލަމްޔާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނުހެން ހީވެގެންނެވެ. ނަމަވެސް އޭނާ ހުރި ހިސާބުގައިވެސް ލަމްޔާގެ ހިލަމެއްނެތުމުން އެއީ އޭނާއަށް ހީވިގޮތެއްކަމަށް ނިންމައި އަލުން ކުރިމަތީގައިހުރި މިސްކިތަށް ނަޒަރު ހުއްޓައިލިއެވެ.

ލަމްޔާގެ ފަރާތުން އަބަދުމެ އިވޭ ޖުމުލަ ޒާއިންގެ ސިކުނޑީގައި ހަރުލައިފައި ހުރިކަހަލައެވެ. ލަމްޔާގެ ދުލުން އެހެންބުނެލާއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައެވެ. ދެލޯމަރައި ބާރުކޮށްލި ޒާއިން ފުންނޭވާތަކެއް ލާންފެށިއެވެ. އެވަގުތު ކުއްލިއަކަަށް މީހަކު އޭނާގެ ފުރަގަހުން ކޮނޑުގައި އަތްބާއްވައިލިކަމުގެ އިހުސާސުކުރެވި ދެލޯހުޅުވައިލަމުން ޒާއިން ބަލައިލިއެވެ.

އޭނާގެ ފަހަތުގައި ހިނިތުންވެފައިހުރީ މީގެ ކުރިން އޭނާ ދަންނަ ޒުވާނެއް ނޫނެވެ. އެޒުވާނާ ޒާއިންއަށް ބަލަހައްޓައިގެންހުރިގޮތުން އޭނާ ސުވާލުއުފެދޭގޮތްވިއެވެ. ހިތްހެޔޮކަން އެޒުވާނާގެ ފުށުން ޒާއިންއަށް އިހުސާސުކުރެވެމުން ދިޔައެވެ.

"މިތަނުގަ އޮތް ދަރުސް އަޑުއަހަންތަ އައިސް ތިހުރީ؟ އަވަހަަށް ހިނގާ އެތެރެއަށް. ނަސީބަކުން އަދި ނުފެށޭ.. އަހަރެންވެސް އަވަސް އަރުވައިލައިފަ މިއައީ އެހެންވެ. ކީއްކުރާނީ.. އިޝާ ނަމާދަށްވެސް މި މިސްކިތަށް އަންނަން ހުރީ މިރޭ ދަރުހެއް އޮންނަކަން އެނގުނީމަ. އެކަމަކު ގެއިން ނުކުމެވުނުލެއް ލަސްކަމުން އިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިނުވެވިދާނެތީ ގެ ކައިރީގައި ހުރި މިސްކިތުން ނަމާދުކޮށް ނިންމައިލިގޮތަށް އަވަހަށް މިއައީ.. މިހާރުވެސް މާ ވާހަކަ ގިނަވެއްޖެ ދޯ.. އަވަހަަށް ހިނގާ އެތެރެއަށް. މިހާރު ފަށަން އުޅޭނެ.." ޒާއިންގެ ކޮނޑުގައި ޖަހައިލަމުން ހިނިއައިސްފައި އެޒުވާނާ ބުނެލިއެވެ. ހީވަނީ އެތައް ދުވަހަކު ދަންނަ މީހަކާއި ބައްދަލުވެ ވާހަކަދެއްކިހެންނެވެ. އިންކާރުކުރަން ބޭނުންވިއެއްކަމަކު އެ ޒުވާނާގެ ކުރިމަތީގައި އެކަން ފައުޅުކުރާކަށް ޒާއިންއަކަށް ހިލާ ނުކެރުނެވެ. އެއްޗެއް ނުބުނެ އެޒުވާނާގެ ފަހަތުން ޒާއިންވެސް މިސްކިތުގެ ތެރެއަަށްވަންނަން ހިނގައިގަތެވެ.

މިސްކިތުގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ޒާއިންގެ ގައިގައި ހީވީ މަޑު ވައިރޯޅިއެއް ބީހިލިހެންނެވެ. ލިބުނު ހިތްހަމަޖެހުމަކުން ބޭއިޚުތިޔާރުގައި ޒާއިންއަށް ހިނިތުންވެލެވުނެވެ. އޭނާއަށް މިވަނީ ކިހިނެއްކަން ނޭނގުނަަސް ކުރެވެމުންދިޔަ އައު އިހުސާސުތަކުން އޭނާގެ މުޅި ނަފުސަށްވެސް ހަމަޖެހުން ގެނުވައިފިކަހަލައެވެ.

މިސްކިތްތެރެއަށް ވަންނަމުން ވަށައިގެން އެއްތަނަކަށް ޖަމާވެފައިތިބި މީހުނަށް ޒާއިން ބަލައިލިއެވެ. އެންމެން އެއްހިސާބެއްގައި އިނށީދެ ތިބިއިރު އެމީހުނާއި ކުރިމަތިވާގޮތަށް މެދުއުމުރުގެ ފިރިހެނަކު އިނެވެ. ހުދުހުދު ތުނބުޅިއާއިއެކު އޭނާގެ މޫނުމަތީގައިވި އަލިކަމުން ޒާއިންއަށް ހައިރާންކަމާއެކު އެމީހަކަށް ބެލެމުންދިޔައެވެ. ގާތުގައިހުރި ޒުވާނާ އިނށީންނާށޭ ބުނިއަޑަށް ހިންދިރުވައިލަމުން އެޒުވާނާއާއި ޖެހިގެން އޭނާވެސް އިނށީދެ ހަމަޖެހިލިއެވެ.

ބިސްމީގެ ބަރަކާތުން ދަރުސްފެށިގެންދިޔައިރު ކޮންމެ މީހަކުވެސް ޝައުގުވެރިކަމާއެކު ދެކެވެމުންދިޔަ ވާހަކަތައް އަޑުއެހުމުގައި ތިއްބެވެ. ދުނިޔަވީ އެކިކަންތަކާއި އާޚިރަތުގެ އެކި ކަންކަމުގެ މައްޗަށް ބިނާކޮށް އެމީހަކު ވާހަކަދައްކަމުންދިޔައެވެ. އަދި އަހަރެމެން ގަދަ ކީރިތިވަންތަ ﷲ އަށް އަޅުކަންކުރަންވީ ކީއްވެކަންވެސް އޭނާ ކިޔައިދެމުންދިޔައެވެ. އޭނާގެ ވާހަކަތަކުގައި އެކަލާނގެ އަޅުތަކުންދެކެ ލޯބިވާ މިންވަރާއި އެކަލާނގެ އޯގާވަންތަކަމުގެ މައްޗަށް އަލިއަޅުވައިލިއެވެ. އަދި ﷲ އީ ގިނަގިނައިން އަޅުތަކުގެންގެ ފާފަ ފުއްސަވައިދެއްވާ އެންމެ ރަހުމާންވަންތަ ރަސްކަލާނގެކަމުގައި ތަކުރާރުކޮށް އޭނާ ހަނދުމަކޮށްދެމުންދިޔައެވެ. މަޑުމައިތިރިކަމާއެކު އޭނާގެ ކުރިމަތީގައިތިބި މީހުނަށް ވިސްނޭނެފަދައިން އޭނާ ވާހަކަދައްކަމުންދިޔައެވެ.

ޝައުގުވެރިކަމާއެކު އެވާހަކަތައް ކަނުލައި އަޑުއަހަންއިން ޒާއިންގެ ހިތުގައިވި ހުރިހައި ހަމަނުޖެހުމެއްގެ މަތިން އޭނާ ހަނދާންނެތިފައިވާކަހަލައެވެ. އެވާހަކަތަކާއި މެދުގައި އޭނާއަށް ފުންކޮށް ވިސްނުންހިންގެމުންދިޔައިރު ކުރިމަތީގައި އިނދެ ވާހަކަދައްކަމުންދިޔަ މީހާ ކުރާ ކޮންމެ ސުވާލެއް އަމާޒުވަނީ ސީދާ އޭނާއަށްހެން ޒާއިންއަށް ހީވާންފެށިއެވެ. އެސުވާލުތައް ޚުދު އަމިއްލަ ނަފުސާކުރެވެމުންދިޔަ ވަރަކަށް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ނަފުސަށް ވެރިވާންފެށިއެވެ. މުޅި ނަފުސު ބަލިކަށިވެ ނިކަމެތިވެގެންދިޔަ އިހުސާސެއް ކުރެވިގެންދިޔައެވެ. ހީވަނީ އެވާހަކަތައް އޭނާގެ ހިތުގެ ވަށައިގެންވި ބޯ ފާރު ފޫއަޅުވައިލުމަށްފަހު ހިތުގެ އެންމެ ހިމަނާރާއި ކުޅެލިހެންނެވެ.

މަރުފަދަ ހިމޭންކަން ވެރިވެފައިވި މުޅި މިސްކިތް ކުއްލިއަކަށް ގުގުމައިގެންދިޔައީ މީހެއްގެ ވޭނީ ރުއިމުގެ އަޑުންނެވެ. ގިސްލަގިސްލާފައި އެމީހަކު ރޮމުންދިޔައިރު ހީވަނީ އެތައްދުވަހަކު ބޮޑު ވޭނެއް ތަހައްމަލުކޮށްފައިވާ މީހަކު ރޯހެންނެވެ. ދަރުސް ކުރިއަށް ގެންދަމުންދިޔަ އަބްދު ﷲ ވެސް އޭނާގެ ވާހަކަތައް މެދުކަނޑައިލަމުން އަޑުއަންނަމުންދިޔަ ދިމާއަށް ނަޒަރުހުއްޓައިލިއެވެ. އޭރު އެތަނުގައިތިބި އެކި މީހުންގެ ބެލުންތައްވެސް ވަނީ އެދިމާއަަށް ހުއްޓިފައެވެ. އަބްދު ﷲ ގެ ފުށުން ކަންބޮޑުވުން ފެނިގެންދިޔައިރު ހާސްވެފައި ޒާއިންގެ ގާތުގައިއިން ޒުވާނާ އަބްދު ﷲ އަށް ބަލައިލީ ހަދާނެގޮތެއް ނުވިސްނިފައެވެ. ދެފަރާތަށް ބޯހޫރުވައިލި އަބްދު ﷲ އެއިޝާރާތްކުރަނީ ހަމަޖެހުމަށްކަމަށް ވިސްނި ޒާއިންގެ ގާތުގައިއިން އެޒުވާނާ ބޯޖަހައިލަމުން އޯގާތެރިކަމާއެކު ރޮއެގިސްލަމުންދިޔަ ޒާއިންގެ ބުރަކަށީގައި މަޑުމަަޑުން ފިރުމައިލިއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    25 ޚިޔާލު

    1. ޒާއިންއަށް ހެޔޮ ވިސްނުން ދެއްވާށި... މި ބައިވެސް ވަރަށް ފުރިހަމަ... ދެންއިން ބައި ކޮންއިރަކުން؟؟؟؟

    2. މާޝާ.. ﷲ💖😿😻💋💖.. އަޅޭ.. ޒާއިން.. އިސްލާހުވީތަ؟؟😕😮😮.. އެނީވޭސް.. މިބައިވެސް ވަރަށް.. ވަރަށް.. ވަރަށް ވަރަށް.. ރީތި..❤👄💋 ހަމަ ބެސްޓް.. އޭ ބުނެވޭނީ😻👄💋💖😽.. 22 ވަނަ.. ބަޔަށް އިންތިޒާރުކުރަން.. އަދި ހަނދާން ނެތިފައޭ މިހުރީ.. މި.. ވާހަކައިގަ.. އިންނަނީ.. ކިތައް.. ޕާޓްސް ތަ؟؟؟😕😕... ވެން ނެކްސްޓް.، ކިއުރިއަސްލީ .. ވެއިޓިން.. ފޯ.. ނެކްސްޓް.. ☺🙎🙈

      14
      • ތެންކްސް އަ ލޮޓް މައި ޑިއަރ.. ކިތަަށް ޕާރޓްސްކަމެއް އެހެން ޑިސައިޑް ނުކުރަން އަސްލު. ހެހެ.. އިންޝާ ﷲ މާދަން އަޕްކޮށްލެވޭތޯ ވިލް ޓްރައި.. 🥰😍❤

    3. އަޅޭ ވަރަށް ލޯބި ❤❤❤ ސޯ ހެޕީ ޒާއިން ޑިއަރ ފައިނަލީ އިސްލާހު ވީމަ.. ލަމް އިޒް ސޯ ލަކީ ޓު ހޭވް ހިމް.. މާޝާ ﷲ 🥰😇😍😊🥰🥰 މި ޕާރޓް ވެސް ވަރަށް އިންޓްރެސްޓިން އުއްމީދު ކުރަން އަދިވެސް ގިނަގިނައިން ލަމް އެންޑް ޒާން ޑިއަރގެ ބައިތައް އަންނާނެ ކަމަށް ❤💗💖 ކީޕް ގޮއިންގ އިނގޭ ސިސް.. ވަރަށް ރީތި މި ވާހަކަ.. ސިސް ތި ކުރާ ހިތްވަރަށް ހަމަ ސާބަސް 👍👏👏😂🤩💗 އަބަދު ކޮމެންޓް ކޮށް ނުލެވުނަސަ ބަރާބަރަށް ކިޔާލަމޭ އިނގޭ 😂😂😂 ލަވް ޔޫ ސޯ މަޗް އެން ޓޭކް ކެއަރ އިނގޭ.. 1🥰❣💋 ވެން ނެކްސްޓް؟

      • ސޯ ހެޕީ ޓް ސީ ޔުއަރ ކޮމެންޓް ޑިއަރ.. ވަރަށް ވަރަށް ބޮޑަށް ތެންކްސް.. އިންޝާ ﷲ މާދަން އަޕް ކޮށްލާނަން އިނގޭ.. ލަވް ޔޫ ޓޫ މައި ޑިއަރ.. ޓޭކް ވެރީ ގުޑް ކެއަރ.. 🥰❤😘

    4. Hama buneveynee I'm in love with this story ey.. Masha ﷲ varah reethi❤️.. Zaain islaahuvaane dhw insha ﷲ.. Zaain aa lam gebai varah hama interesting… Curiously waiting… ☺️

    5. ވަރަށް ރީތި ވާހަކައެއް މީ މާޝާ ﷲ.. ކާންޓް ވެއިޓް.. ❤️

    6. ވަރަށް ރީތި ........... ކީޕް އަޕް ދަ އާސަމް ވޯރކް މައި ޑިއަރް👏👏 ........ރިއަލީ އެޕްރިޝިއޭޓް އިޓް..........👍 އަޕްލޯޑް ދެން އޮތް ބައި އަވަހަށް 🥺✨

      • ތެންކްސް މައި ޑިއަރ.. އައި އެމް ޓްރައިންގް އިނގޭ.. އިންޝާ ﷲ ވީ އެންމެ އަވަހަކަށް އަޕްލޯޑް ކޮށްލާނަން.. ❤

    7. އަޅޭ ނައު ޔޫރ ޑުއިންގ އަ ޕަރފެކްޱް ޖޮބް...ވެލް ޑަން ޑާލް👏🏻👏🏻❤️
      ލަވް ޔޫ ♥️ ބީ ސޭފް 🤗
      ންޑް ކިއުރިއޮސްލީ ވެއިޓިއިންގ ފޯރ ތަ ނެކްސްޱް ޕަރޱް
      އެގެއިން.... ❤️ ޔޫ ތެންކްސް މަޗް ޑާލޫ 🤗🤗😽😽😻😻

    8. ކޮބާ 22 މިއަދު ކިޔާލެވޭ ވަރުވާނެތަ؟

    9. މިއަދު ކިޔާލަން ލިބޭ ދޯ 23ވަނަ ބައި ވަރަށް ރީތި މިބައިވެސް

    10. ަަސަލާމް އޯލް.. ސޯ ހެޕީ ޓް ސީ އޯލް އޮފް ޔޯ ކޮމެންޓްސް.. ތެންކްސް އަލޮޓް ފޯ ދި ލަވް އެންޑް ސަޕޯޓް.. އޭމް ސޯ ހެޕީ ޓް ސީ އޯލް އޮފް ދިސް.. މޭޑް މައި ޑޭ.. އެންޑް އައި އެމް ސޮރީ ވާހަކަ ލަސްވާކަމަށްޓަކައި.. އަޅުގަނޑު ކުޑަކޮށް ބިޒީވީމަ އިނގޭ ލަސްވަނީ.. ހޯޕް ޔޫ އޯލް އަންޑަރސްޓޭންޑް.. އިންޝާ ﷲ ދެން އިން ބައި މާދަން އަޕްކޮށްލަން އެބަ ވަރަށް ޓްރައިކުރަން.. އެންޑް އިންޝާ ﷲ ދެން އިން ބައި ދިގުކޮށްގެނެސްދޭނަން.. ލަވް ޔޫ އޯލް ސޯ ސޯ ސޯ މަޗް.. ބީ ސޭފް އޯލް.. 🥰❤

    11. އިޓްސް.. އޯކޭ.. ޑަރލް😘❤😚😽💖.. އައި.. އަންޑަރސްޓޭންޑް... ލަވްޔޫ.. ސޯ މަޗް އެންޑް.. ޓޭކް.. ކެއަރ... ސްވީޓީ😽😚❤...

    ޚިޔާލު

    Your email address will not be published.