އިރުއޮއްސި އަނދިރިވަމުންދާ ކަމުގެ ނިޝާންތައް އުޑުމަތިން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްފެންނަމުން ދިޔައެވެ. ރަތާއި އޮރެންޖާއި ރީނދޫ އަދި ދަނބު ކުލައިގެ ވިލާތަކުން މުޅި އުޑުމަތި ފެންނަމުން ދަނީ ބަލާ ފޫހިނުވާނެ ފަދަ ގޮތަކަށެވެ. ހުދު ފޮނުތައް އަރުވަމުން ބާރަށް ދުއްވާފައި އައި ލޯންޗު ފ.މާދޫ ފަޅު ތެރެއަށް ވަނުމާއެކު ލޯންޗުގެ އިންޖީނު މަޑުކޮއްލުމުން ފަހަތު ސީޓުގައި އިން އިބްރާހީމްއާއި އިބްރާހީމްގެ އަންހެނުން އަފްޝާއާއި އެދެމިހުންގެ އަށްމަސްވީ ދަރިފުޅު އަރީބްއާއެކު އިން އަލައިނާ ބޭރު ބަލާލިއެވެ. ރުޅިވެރި ނަޒަރަކުން ރަށަށް ބަލާލަމުން ލޯންޗު ބަނދަރަށް ގާތްކޮއްލުމާއެކު އިބްރާހީމްގެ އެހީގައި އަލައިނާ ލޯންޗުން ފޭބިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮއްލިއެވެ. ހީވަނީ ގިނަ އިރުތަކެއް ވަންދެން ނޭވާ ނުލާ ހުރިހެންނެވެ.
ކަޅުކުލައިގެ މެޔާ ހަމަޔަށް އަރާ ފަން އިސްތަށިގަނޑާ ނުހަނު ގުޅޭ އަތްދިގު މުށިކުލައިގެ ޓީޝާޓްގެ މަތިން ބެގީ ކޮއްފައި ހުރި ކަކުލާ ހަމަޔަށް އަރާ ކެރެމަލް ސުކާޓްގައި ހުރި ނަވާރަ އަހަރުގެ އަލައިނާ ފެންނަނީ އިސްތިހާރުކުރަން ހުރި މޮޑެލެއް ފަދައިންނެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން އިރު އިރުކޮޅުން މޫނަށްް އުނދަގޫ ކުރަމުން ދިޔަ އިސްތަށިތައް ކަންފަތުގެ ފަހަތަށް ލައްވަމުން ދިޔައިރު ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. މީހުން އެންމެ ފާހަގަކުރާ ޤުދުރަތީގޮތުން އައިލައިނާ އަޅާފައި ހުންނަ ހީވާ އެދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމާއި ފޫހިކަމެވެ. ދޮންދޮން ހަންގަނޑާއި ހެޔޮވަރު އިސްކޮޅާއި ހިތުގެ ބައްޓަމަކަށްވާ މޫނާ ވަށް ތުންފަތާ ހިމަ ނޭފަތަކީ އަލައިނާ މިދުނިޔެއިން އެންމެ ފޫހިވާ އިންސާނާކަމުގައިވާ އޭނަގެ މަންމަ އަސްރާގެ ފަރާތުން ލިބުނު ސިފަތަކެވެ. ބަނދަރުމަތީގައި ތިބި އެތައް ފިރިހެނުންނެއްގެ ނަޒަރު އަލައިނާގެ ރީތި ހަށިގަނޑަށް ހުއްޓެމުން ދިޔައީ ބޭއިޙްތިޔާރުގައެވެ. އެހެނަސް އެކަމަކަށް އަލައިނާގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް ސިކުނޑި ތެރޭގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު މާބޮޑެވެ.
" ލީން... އަން... ބޭބީ އުރާލަބަލަ.. " އިބްރާހީމް އަރީބް ގެނެސް ވާޓަރުމަތީގައި ހުރި އަލައިނާ އަތަށް ދިނެވެ. ފުށްގަނޑެއްފަދަ ހުދުދޮންކަމެއް ލިބިފައިވާ އަރީބްގެ މޫނުމަތީގައިވަނީ މައުސޫމް ހިނިތުންވުމެކެވެ. އަލައިނާގެ އުރުގައި އިންދެގެން އޭނަ ދިޔައީ ބޮލުގައި އޮތް ކުޑަ ތޮފި ނައްޓާލެވޭތޯއެވެ. އަތްކުރު ކަޅު ރޮނގުދެމި ހުދު ގަމީސްކޮޅަކާއި ހަމަ އެފޮތީގެ ސޯޓްކޮޅުގައި އަރީބް ފެންނަނީ ބޭބީ މޮޑަލްއެއް ގޮތަށެވެ.
" ހޯހޯ.. ދޫނީ... " އަރީބް ތޮފި ނައްޓަން އުޅޭތަން ފެނުމުން އަލައިނާގެ ގާތަށް ބޭއިޙްތިޔާރުގައި ހިނިއައެވެ. އަދި އަރީބްގެ އަތް ދުރުކޮއްލާ ހިފަހައްޓާލިއެވެ.
" ހިހިހި... އަރީ ބޮލުގައި ނޯންނާނެ ތޮއްޕެއްވެސް އެޅުވޭކަށް. އެކަމަކު މާމަމެން ހަދިޔާ ދޭވަރުން ބޭނުންނުކޮށް ބަހައްޓަން ބޭނުންނުވާތި އަޅުވަނީވެސް.. " އަފްޝާ އައިސް އަލައިނާ ގާތުގައި މަޑުކޮއްލިއެވެ. ބޮޑު ބުރުގާއާއި ގަޔަށްދޫ އަބާޔާ ކަޅު ހެދުމުގައި ހުރި އަފްޝާގެ ރީތި މޫނާއި ދެއަތްތިލަ ނޫނީ ފެންނާކަށް ނެތެވެ.
" ދޮންބެދައްތަ ކުޑައިރުއްސުރެ އަރީއަށް ހޫނުވާތީއޭ ކިޔާފަ ނާޅާތީ އަރީބް އަޅަން ބޭނުންނޫނީ... އަރީ އަޅާ ހިތް ނުވަންޏާ ނަގަންވީނުން.. އެހެން ނޫނީ ވަޔާ ދާނީ.. " އަލައިނާ ހިނިއައިސް އިން އަރީބްގެ ދެއަތުން އަތް ނައްޓާލުމަށްފަހު ބޮލުގައި އޮތް ތޮފީގައި ހިފަހައްޓާލިއެވެ.
" ނަގާ... ތިވަޔާ ގޮއްސިއްޔާ ޔަޤީން އަރީގެ މާމަ ހުންނާނެ ރުޅިގަދަވެފަ. ދެން އެކަމް ނޭނގޭނެތާ ފަހުން ވާނެ ގޮތެއް. ފުރާވަރުވީމަ ފެންނާނީ އަބަދު ބޮލުގައި ތޮފި އަޅާފައި ހުންނަތަން ތޯއްޗެއް.. " އަފްޝާ ހީގަތެވެ. އަލައިނާ ތޮފި ދިނުމުން އަފްޝާ އަރީބްއަށް ބޭނުންވާ އަތްމަތީ ސާމާނު އަޅާފައި ހުރި ދަބަސްތެރެއަށް އެތޮފި ލިއެވެ.
" ހިނގާ ދާން. އެއޮއް އަންނަނީ ޓެކްސީވެސް... " ރޫބީކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ހުރި އިބްރާހީމްއަކީ ރީތި މީހެކެވެ. ތުނިކޮށް ހުރި ތުނބުޅިން މީހާގެ ފިރިހެންވަންތަކަން އިތުރުކޮއްދެއެވެ. ކޮންމެވެސް ވަރަކަށް ނުރަ ޖަހާފައި ހުރި އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާ ވޭވް އެއްހެން މައްޗަށް ނަގާފައެވެ.
ޓެކްސީ އައިސް މަޑުކުރުމުން އިބްރާހީމް ފޮށިތައް ޓެކްސީއަށް އަރުވަމުން އަލައިނާއާއި އަފްޝާ ގާތު އަރީބް ގޮވައިގެން ފަހަތު ސީޓަށް އެރުމަށް ބުންޏެވެ. އަދި ފޮށިތައް އަރުވާފައި އިބްރާހިމް ޑުރައިވަރު ސީޓާ ޖެހިގެން އިން ސީޓަށް އަރާ އިށީނދެލިއެވެ.
" އިބްރާހީމް އަދިވެސް ހަމަ ހުރިގޮތަށް ދޯ؟ މަބަލާބަލަ. ކައިވެނި ކުރި ފަހުން މިހާރު އަނބިމީހާ އަބަދު ކާންދޭ ވަރުން ފަލަވެފައި ހުރި ވަރު... " ޑުރައިވަރު ސީޓުގައި އިން އިބްރާހީމްގެ ގާތް އެކުވެރިއެއްކަމަށްވާ ހުސެން އޭނަގެ ބޮޑު ބަނޑުގައި އެއް އަތް ހާކާލަމުން އިބްރާހިމްއަށް ތައުރީފްކޮއްލިއެވެ.
" އާން.. އޮފީހަށް ގޮއްސަ ޖިމަށްދާނެ ވަގުތު ވާތި. އެހެން ނޫންނަމަ މަށަށްވެސް ތިވަރުވާނެ.. " އިބްރާހީމް ހީގަތެވެ.
" މިއީ ދޯ އަންހެނުންނާ ދަރިފުޅު.؟ ދެން މިއިނީ އަލައިނާތަ؟ " ހުސެން ކާރުގެ ކުރީގައި އިން ލޯގަނޑުން ފަހަތު ސީޓަށް ބަލާލަމުން ސުވާލުކޮއްލިއެވެ.
" އާން.. މިއީ އަންހެނުން އަފްޝާ... ފ.ފީއަލީ ޔޫވީލައިޓް އުސްމާންބެ ގޯތި އަފްޝާ.. އަހަރެމެން ރަށަށް ވަރަށް ގިނައިން ދަނޑުން ހައްދާ އެއްޗެހި ވިއްކަން އާދެއެއްނު.... ދެން އެއިނީ މަގޭ ކޮއްކޮ އަލައިނާއާއި މަގޭ ދަރިފުޅު އަރީބް.. " އިބްރާހީމް ހުސެންއަށް އޮޅުން ފިލުވައިދިނެވެ.
" އުސްމާންބެގެ؟ މާޝާﷲ އިބްރާހީމްއަށް ތިލައްވާލީ ހަމަ ޖަވާހިރެއް... މުޅި އެރަށުގަވެސް ހުރި އެންމެ ރީތި ކުއްޖާ ތިލިބުނީ.. " ހުސެން އަފްޝާއަށް ބަލާލާ ހިނިތުންވެލަމުން ތައުރީފްކޮއްލިއެވެ. އަފްޝާ ހިނިތުންވެލިއެވެ. އިބްރާހީމް ފަސްއެނބުރި އަފްޝާއަށް ބަލާލަމުން ހީލިއެވެ. އޭރު އަރީބްއަށް އޮތީ ނިދިފައެވެ.
"އަލައިނާ ހާދަ ބޮޑުވެއްޖެޔޭ ދޯ؟ ތޭރަ އަހަރުފަހުން ވިއްޔާ މިފެނުނީ... އަނެއްކާ ބޭބެ މި ކާކުކަން އެނގޭތަ؟ " ހުސެން އަލައިނާ ކުރެން އެހިއެވެ.
" ލައްބަ... ތިއީ ހުސެން ބޭބެއެއްނު... ދޮންބެގެ ފުރެންޑެއް.. " އަލައިނާ ޖަވާބު ދިން އިރު މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. ހީވަނީ ވާހަކަދައްކަން ބޭނުންނުވާ މީހަކާ ވާހަކަދެއްކި ހެންނެވެ.
" ކިޔަވާ ނިމުނީތަ؟ އެއްކޮށް މިކޮޅަށް ބަދަލުވީތަ؟ " ހުސެން އަނެއްކާވެސް ސުވާލުކޮއްލިއެވެ. ޒާތީ މައުލޫމާތުތައް ހުސެން އަހަން ފެށުމުން އަލައިނާ ފޫހިވާ ގޮތްވިއެވެ.
" ނޫނޭ.. އޭލެވެލް ނިމުނީމައި މިއައީ. އަދި ތިންމަސްފަހުން ރާއްޖޭން ބޭރަށް ކިޔަވަން ދާން ޖެހޭ.. ދޯ ލީން؟ " ހުސެންގެ ސުވާލަށް ޖަވާބުދިނީ އިބްރާހީމްއެވެ. އޭނައަށް ނުހަނު ރަނގަޅަށް އަލައިނާގެ ގޮތް އެނގެއެވެ. އަލައިނާ ނުރުހޭ ކަންތައް ގިނަވާނަމަ ކަންތައްގަނޑު ބޮޑުވާނެކަން އޭނަ ނުހަނު ރަނގަޅަށް ދަނެއެވެ.
އަފްޝާ އަލައިނާގެ އަތުގައި ހިފާލާ ހީލިއެވެ. އަލައިނާ ފަނޑުގޮތަކަށް ހީލަމުން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހިންގާލިއެވެ. ތަހުޒީބުވަމުން އަންނަ އެރަށުގެ ގެތަކަށް ބަލަން އިން އަލައިނާ ފުންނޭވާއެއް ދޫކޮއްލިއެވެ. ދުވަހެއްގެ ކޮޅުން ވެސް ދެން އެންމެ އަންނަން ބޭނުން ނުވި ތަނަށް އަންނަން ޖެހުނީ އިބްރާހީމްގެ އެދުމަށެވެ. އޭނަޔަކަށް ދޮންބެގެ އެދުމަކާ ދެކޮޅެއް ނެހެދޭނެއެވެ. މަންމަ އަދި ބައްޕައަކަށް ބޭނުންވި ދުވަހު އޭނަޔަށް އަޅާލާ ހެދީ އިބްރާހީމްއާއި އޭނަގެ ދެން ހުންނަ ބޭބެ އަޙްމަދުއާއި އެދެބޭބެގެ ދެއަނބިންނެވެ.
އެމަރަލްޑްގެއަށް ހުސެން ކާރު މަޑުކޮއްލުމުން އިބްރާހީމްއާއި ދެމިހުން ވެގެން ލަގެޖުތައް ޑިކީއިން ނަގަން ފެށިއެވެ. އަލައިނާ އަރީބް ގޮވައިގެން އަފްޝާއާއެކު ކާރުން ފޭބިއެވެ. އަލައިނާ ގޭގެ ބޮޑު ގޭޓުން ފެންނަމުން ދިޔަ ގެއަށް ބަލާލިއެވެ. އަނދިރިވަމުން ދިޔަ އެމާހައުލު އަލިކޮއްފައިވަނީ ގޭގެ ބޭރުގައި ދިއްލާފައި ހުރި ބޮޑު ބޮކިންނެވެ. އެމަރަލްޑް ކުލައިން ބޭރު ފާރުތައް ފަޅުފިލުވާލާފައިވާއިރު ގޭގެ ބޭރު ހުރީ ލަގްޒަރީ ފެންވަރަށް ހަދާލާފައެވެ. ދެބުރިއަށް ނަގާފައި ހުރި ގޭގެ ކުރިމަތީގައި ގަސްތަކާ ކައިރީގައި ހުރި ވަކިން އިމާރާތެއް އަލައިނާ ލޮލުގައި އަޅައިގަތެވެ. ބޮޑު ނޫނަސް އެ އިމާރާތް ވެސް ރީއްޗެވެ. އެއިމާރާތުގައި ހުރީ ގުރާ ފެހިކުލައެއް ލައިފައެވެ.
" އާދޭ އެތެރެއަށް... " އިބްރާހީމް ގޭޓު ކައިރީގައި މަޑުކޮއްލަމުން ގޭޓު ދޮރުގައި އިން ތަޅު ހުޅުވާލިއެވެ. އަދި ބޮޑު ދެލަގެޖު މެދުގޯތީގައިވާ އެޅިގަލުގެ އެހީގައި ދަމަމުން ގޭގެ ދޮރުމަތީގައި މަޑުކޮއްލައި ބޭރުގައި ހުރި ބެލްއަށް ފިއްތާލިއެވެ. އޭރު އަލައިނާ އަރީބް ގޮވައިގެން އަފްޝާއާއެކު އެހިސާބާ އަރާ ހަމަވަނީއެވެ.
ވިހި ސިކުންތުވެސް ނުވަނީސް ގޭގެ ދޮރު ހުޅުވަން އުޅޭ އަޑު އިވުމާއެކު އަރީބް ފިޔަވާ އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ދޮރު ހުޅުވާފައި ނިކުތީ ކަޅު ބޮޑު އަބާޔާއަކާއި އާދައިގެ ވަށް ބުރުގަލެއް އަޅައިގެން ހުރި ޒުވާން އަންހެނެކެވެ.
ދޮރު ހުޅުވާލި ތީބާއަށް ސިހިފައި ހަޅޭލަވައިގަނެވުނެވެ.
ނުނިމޭ
ސަޅި❤
ތެންކިޔު އިސްވާ ❤️❤️
ވަރަށް ޔުނީކް ވާހަކައެއް. ވެއިޓިންގް ފޯ ދި ނެކްސްޓް ޕާޓް. ގުޑް ލަކް.👍❤️
ތެންކިޔު އީސް ❤️❤️
ސަޅި ވާހަކައެއް ! އަޅުގަނޑު ގެ ވާހަކައެއްވެސް ލިބޭނެ ކިޔާލަން.
ވަރަށް އަވަހަށް...........................
ތެންކިޔު ބިންތިރަފީޢު ❤️❤️ ހޯޕް ޓު ސީ ޔޫ ޔުއަރ ސުޓޯރީ ސޫން... އިން ޝާ ﷲ
ވަރަށް ރީތި ވާހަކަ އެއް
ކޮން އިރަކުން އަނެއް ބައި ؟
ތެންކިޔު ފަސްޓް ކޮމެންޓާ ❤️❤️
މީގަވެސް ހަމަ ޖިންނި އަވަލަނީ ދޯ؟؟؟ މިވާހަކައިގަ ފެންޓަސީ ބައި ހިމެނޭތަ؟؟؟
ލެޓްސް ސީ ދޯ؟
❤️❤️ ޥަރަށް ރީތި❤️❤️
ބިއުޓިފުލް، އައި ލަވް އިޓް