ތިޔަ ލޯބީގައި - 20

ފުސްވެގެންދިޔަ ދެލޮލުގެ ތެރެއިން ދުޢާއަށް ދެއަތްއުފުލައިގެންއިން ނުހައިކްއަށް ޝަޔަމް ބަލަންއިނެވެ. އެހިނދު އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. މިއިން ދުވަހަކު ސިކުނޑިއަށް ވެރިނުވާ ތަފާތު ޚިޔާލުތަކުން ޝަޔަމްގެ ނަފުސް ބަނދެވިގެންދިޔައެވެ. ކަރުނައިގެ ތެރޭން ލުއިގޮތަކަށް ޝަޔަމް ހީލިއިރު އަމިއްލަ ނަފުސާ ކަމަކަށް އެއްބަސްވިފަދައެވެ.

*****

ދިގު ދަތުރަކަަށްފަހު އަމިއްލަ ގައުމަަށް އާދެވުމުން ނުހައިކްގެ ހިތަށް ލިބުނު ހަމަޖެހުމުގައި ފުޅާކޮށް ހިނިތުންވެލަމުން ފުންނޭވާއެއްލިއެވެ. ލަގެޖްތައް ޓްރޯލީއަށްލައި ނުނިމެނީސް އެތަނަށް އައިސް މަޑުކޮށްލި އާދިލްފެނި ނުހައިކް ސަލާމް ގޮވައިލިއެވެ. ހިތްހެޔޮކަމާއެކު ސަލާމުގެ ޖަވާބުދެމުން އާދިލް ޝަޔަމްއަށް ބަލައިލިއެވެ. އެވަގުތު ހިނިތުންވެ އޭނާއަށް ބަލަންހުރި ޝަޔަމް ފެނި އާދިލްއަށް ހައިރާންކަން ލިބުނެވެ.

"ހިނގާ ދާން. ނުހައިކްވެސް އާދޭ އަހަރެންނާއެކު.." ނުހައިކްގެ މޫނަށް ބަލައިލި ޝަޔަމް އެދުނެވެ. ބޯޖަހައިލަމުން އެމީހުންގެ ފަހަތުން ނުހައިކް ހިނގައިގަތެވެ.

ނުހައިކްގެ ގޭ ކުރިމައްޗަށް އާދިލް ކާރު މަޑުކޮށްލުމާއެކު ޝަޔަމްއަށް ލޯބިން ބަލައިލަމުން ވަދާއުގެ ސަލާމް ކުރުމަށްފަހު ނުހައިކް ކާރުން ފޭބިއެވެ. އަދި އޭނާގެ ފޮށި ޑިކީއިން ނަގަމުންގޮސް ގެއަށްވަނެވެ. ނުހައިކް ގެއަށްވަނުމާއިއެކު އަތުން ކާރު ދުއްވައިލުމަށް ޝަޔަމް އިޝާރާތްކޮށްލިއެވެ.

"މާމާ.." ދުވެފައި އައިސް ސޯފާގައި އިން މުހުސިނާގެ ގައިގައި ޝަޔަމް އޮޅުލައިގަތެވެ. އަތުގައިއޮތް ދުޢާފޮތް ލައްޕައިލަމުން މުހުސިނާ ޝަޔަމްގެ ބޮލުގައި ލޯތްބާއެކު ފިރުމަައިލިއެވެ.

"ދަރިފުޅުގެ ވިޔަފާރި ފުޅާވީތީ މާމަ ވަރަށް އުފާވޭ.. އެގޮތުންވެސް މާމައަށް ގިނަގިނައިން ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތު ލިބޭތީ." ޝަޔަމްގެ ގައިގައި ބައްދައިލި މުހުސިނާގެ އަޑުގައިވީ އުފާވެެރިކަމެވެ. މުހުސިނާގެ ވާހަކައިން ޝަޔަމްވެސް ހީލިއެވެ. އެވާހަކަތަކާ ޚުދު އޭނާގެ ނަފުސުވެސް އެއްބަސްވެއެވެ.

"ޝަޔަމް.. ވެލްކަމް ބެކް.." ކާކޮޓަރިން ނުކުތް ޖިޔާ ޝަޔަމް ފެނުމާއެކު އެދިމާލަށް އަންނަމުން ބުނެލިއެވެ.

ޖިޔާ ފެނުމާއެކު އިންތަނުން ތެދުވަމުން އޭނާ އާއި އެކުގައި އައުމަށްބުނެ ޝަޔަމް އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ނިތްއަރުވައިލަމުން ޖިޔާވެސް ޝަޔަމްގެ ފަހަތުން ހިނގައިގަތެވެ.

"ހާދަ އުފަލުން ހުރިހެން ހީވެއޭ.. ޔަގީން މިދަތުރުގަ ކަންތައްގަނޑެއް ހިންގާލާފަ ތިއައީ.." އެނދުމައްޗަށް ވެއްޓިގަތް ޝަޔަމްގެ އެއްފަރާތުގައި އިނށީދެލަމުން ޖިޔާ ލޯހިމަކޮށްލުމަށްފަހު ޝަޔަމްއަށް ބަލައިލިއެވެ. އެދަތުރުގައި ހިނގި ހުރިހައިކަމެއް އެނގެން ޖިޔާ އިނީ ބޭނުންވެފައެވެ.

ޖިޔާއަށް ބަލައިލަމުން ޝަޔަމް ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެންނާ ނުފެންނަފަދަ ކަންތައްތަކެއް ޝަޔަމްގެ ފަރާތުން ފެންނަން ފެށުމުން ޖިޔާގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސާލިއެވެ.

"ކިހިނެއްވީ އެއްޗެއް ނުބުނެ މާ ފާޑަކަށް ހެވިފަ ތިއޮންނަނީ؟ ބުނެބަލަ އަޅެ.. އަނެއްކާ ޝަޔަމްގެ މިޝަން ކޮޕްލީޓް ވީތަ؟" ޝަޔަމްގެ ކޮނޑުގައި އަތުން ޖަހައިލަމުން ހަމަޖެހިލަން މަސައްކަަތްކުރަމުންދިޔަ ޖިޔާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

"ތި މިޝަންގެ ވާހަކަ އަބަދު ނުދައްކަބަލަ.. އެއީ ކުރިއެއްނު.. އެހެންނޫނަސް އެކަންތައް އަހަރެން ހިތުން ފުހެލައިފިން.." މިފަހަރު ޖިޔާގެ ވާހަކަތަކާ ވިއްދައި ޝަޔަމް ވާހަކަދެއްކިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިލި ޖިޔާގެ މޫނުމަތިން ފައުޅުވީ ފޫހިކަމެވެ.

"އޯކޭ.. ދެން ނުދައްކާނަން.. އެކަމަކު ތިވެގެން އުޅޭ ގޮތެއް ބުނެބަލަ. އަހަރެންނަށް ޔަގީން ކޮންމެވެސް ކަމެއް ހިނގައިފިކަން.. ޝަޔަމް އެހެންނާވެސް ހުރިހައި ވާހަކައެއް އަހަރެންނާ ހިއްސާކުރަމެއްނު.." ދާދި އަވަހަށް މޫނުމަތީގައިވި ކުލަވަރު ޖިޔާ ފޮރުވައިލިއެވެ.

"ޖިޔާ އަށް ގަބޫލުކުރަންވެސް އުނދަގޫވާނެ މިވާހަކަތައް.. އަހަރެންނަށް އެނގޭ ޖިޔާ ނުހައިކްދެކެ ފޫހިވާކަން.. އެކަމަކު އެއީ ޖިޔާ ތިހީކުރާކަހަލަ މީހެއްނޫން.. ނުހައިކް ފަދަ ޚުލްގުހެޔޮ ރަނގަޅު ފިރިހެނަކާ އަހަރެންގެ ހަޔާތުގަވެސް އަދި ބައްދަލެއްނުވޭ. ޖިޔާ.. ޕްލީޒް އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ.." ވާހަކަދައްކަމުންގޮސް އާދޭހުގެ ރާގަކަށް ޝަޔަމް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރުވެސްހުރީ ޖިޔާގެ މޫނަށް ހުއްޓިފައެވެ.

"ޝަޔަމް ކީކޭތަ ކިޔަން ތިއުޅެނީ؟ އަހަރެންނަކަަށް ނުވިސްނޭ. ތަންކޮޅެއް ސާފުވާނެހެން ތިބުނާ އެއްޗެއް ބުނެބަލަ.." ހިތްހަމަނުޖެހުނަސް އެކަން ނުދައްކައިވޭތޯ ޖިޔާ މަސައްކަތްކުރިއެވެ.

"އަހަރެންނަަށް.. ނުހައިކްދެކެ ލޯބިވެވިއްޖެ.. ވަރަށް ވަރަށް ބޮޑަށް.. ނުހައިކް އަށްވެސް.. އަހަރުމެން ދެމީހުންވެސް ބޭނުންވަނީ އާއިލާގެ ރުހުމާއެކު ވީ އެންމެ އަވަހަކަށް ކައިވެނިކުރަން.." އޮށޯވެގެން އޮތުމުގެ ބަދަލު ތެދުވެ އެނދުމަތީގައި ދެވައިވަށްކޮށްލައިގެން އިނދެ ޝަޔަމް ޖިޔާގެ މޫނަަށް ބަލައިލިއެވެ.

"ވަޓް؟ ޝަޔަމް މޮޔަވީތަ؟ ތިކިޔޭއެއްޗެއް އެބަ އެނގޭތަ؟ އެމީހާގަނޑު ޝަޔަމްގެ ބޮލަަށްވެސް އެރުނީތަ؟ އޭނަ އެއުޅެނީ ލޯބިންނެއްނޫން.. ޝަޔަމްގެ މުދަލުގެ ދަހިވެތިކަމުގަ." އިންތަނުން ފުންމައިގެން ޖިޔާއަށް ތެދުވެވުނީ ލިބުނު ސިހުމަކުންނެވެ. އެފަދަ ވާހަކަތަކެއް ޝަޔަމްގެ ދުލުން އަަޑުއިވުމުން ގަބޫލުކުރަން އޭނާއަަށް ދަތިވީއެވެ. ނުހައިކްދެކެ ލޯބިވެވުނު ނަމަވެސް ކައިވެންޏާ ހަމައަށް ޝަޔަމްގެ ވިސްނުން ގޮސްފާނެއޭ ފަހަރެއްގައިވެސް ޖިޔާ ހިއެއްނުކުރެއެވެ.

"ނޫން.. ޖިޔާ ހަމަޖެހިބަލަ.. ނުހައިކް އެއީ އެފަދަ މީހެއްނޫން.. އަހަރެންނަށް އިތުބާރުކުރޭ.. ޖިޔާ ތިހީކުރާފަދަ އެއްވެސް ނިޔަތެއް ނުހައިކްގެ ނެތް.. ޕްލީޒް ޖިޔާ.. އަހަރެންގެ ހިތްމަރައިނުލާ.. އަހަރެންގެ އާއިލާއިން އަބަދުވެސް އެންމެ ގާތްކޮށް ދެކުނީ ޖިޔާ.. އަަހަރެން ބޭނުމެއްނޫން މިގުޅުމާމެދު ޖިޔާ ނުރުހިފަ ހުންނާކަަށް.." ޖިޔާގެ ދެއަތުގައި ހިފައިލަމުން ދެރަވެލައިފައި ޝަޔަމް ބުނެލިއެވެ. ޖިޔާއަށް ވިސްނައިދެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

"އަހަރެންނަށް ގަބޫލުވެސް ނުކުރެވޭ ޝަޔަމް ތިފަދަކަމެއް ކޮށްފާނެކަމަށް.." ހިތްހަމަނުޖެހުނުވަރުން ޝަޔަމްގެ އަތް ފޮޅުވައިލަމުން ޖިޔާ ދުަރަށްޖެހިލިއެވެ. ހަސަދައިގެ ގިނިން އެހިތް އަނދަމުންދިޔައިރު އެކަން ފަރުދާކުރަންވެސް އޭނާ ނުކުޅެދިފައިވާކަހަލައެވެ.

"އަހަރެންނަށް ޔަގީން އަޒްހަރުބެއާ ސައިނައްތަވެސް ތިގުޅުމާ ގަބޫލު ނުވާނެކަން.. ޝަޔަމްއާ އަޅާބަލާއިރު ނުހައިކް އެއީ ކާކު؟ ޗީ ޗީ.. ހަޔާތުގެ ބައިވެރިއަކަށް މީހަކު ޚިޔާރުކުރާއިރު ތިމާއާ އެއްފެންވަރެއްގެ މީހެއް ޚިޔާރުކުރިނަމަ.." ދެފަރާތަށް ބޯހޫރައިލަމުން ޝަޔަމް ގޮވަގޮވައި ހުއްޓައި އެކޮޓަރިން ނުކުމެގެން ޖިޔާ ދިޔައެވެ. ޖިޔާގެ ވާހަކަތަކުން ހިތަަށް މާޔޫސްކަން ވެރިވެގެންދިޔަ ޝަޔަމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ނޫން.. އަހަރެންގެ މައިންބަފައިން މިގުޅުމާ ގަބޫލުވާނެ.. އެމީހުން އަހަރެންދެކެ އެހައިވަރަށް ލޯބިވާނެކަން ޔަގީން.. އަހަރެންގެ އުފަލަށް އެމީހުން އެއްވެސް ހުރަހެއް ނާޅާނެ.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން ނުހައިކްއާ ވަތްކެތްނުވާނަން.." ހިތަށްވެރިވަމުންދިޔަ އެކިޚިޔާލުތަކުގައި ގެނބެމުންދިޔަ ޝަޔަމްގެ ޟަމީރު ބުނެލިއެވެ.

އަތުގެކޮޅަށް ކޮޓަރީގެ ދޮރުލައްޕައިލި ޖިޔާ ދަތްކުނޑި ވިކައިލަމުން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ރުޅިއައިސްގެންގޮސް ހަދައިފައި ނުހަދާނެގޮތެއް ނޭނގިގެންއުޅޭ މީހެކޭ އޭނާއެކޭ އެއްވެސް ތަފާތެއްނެތެވެ.

"ނުހައިކްވެސް ޝަޔަމް ދެކެ ލޯބިވަނީތަ؟ ކީއްވެ؟ އެންމެ ފުރަތަމަ ނުހައިކް ފެނުނީ އަހަރެންނަށް.. ދެން ކީއްވެ؟ ޝަޔަމްއަށްވުރެ ވަކި އަހަރެންވެސް ހުތުރެއްނުވާނެ.. އެހެންވިޔަސް ހެޔޮ.. އަހަރެންނަށް ނުލިބުނު އުފަލެއް އެހެންމީހަކަށް ލިބުނަ ނުދޭނަން.. ނޫން.. އަހަރެންނަށް އެކަމަކާ ނުރުހެވޭނެ... ދުވަހަކުވެސް ނުރުހެވޭނެ.. ޝަޔަމް ޖެހޭނީ ނުހައިކްއާ ދުރުވާން.. ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން އެކަން ކުރާނަން.. އަހަރެންގެ މީހަކަށްނުވެ ޝަޔަމްގެ މީހަކަށްވެސް ވަކި ނުހައިކްއަކަށް ނުވެވޭނެ.." އަމިއްލަ ނަފުސާ ވާހަކަދައްކަމުންދިޔަ ޖިޔާގެ ދެލޮލަަށްވަނީ ކަރުނަ ޖަމާވެފައެވެ. ހަސަދަވެރިކަމުގެ ތެރޭގައި އޭނާގެ މުޅި ނަފުސުވެސް އަނދަމުންދިޔައެވެ.

*****

ދަންވަރުގެ ހަމަހިމޭންވަގުތެވެ. ސޯފާގައި ނިދިފައިއޮތް ޒާއިންއަށް ދެލޯތަޅުވައިލަމުން ލޯހުޅުވައިލެވުނީ ޓީޝާޓް ލައިގެން އޮތުމުން ނިދީގައިވެސް އުނދަގޫ އިހުސާސުތަކެއް ކުރެވިގެންނެވެ.

ޒާއިންއަަށް ހަމަހޭވެރިކަން ވުމާއެކު ކޮޓަރީގައި ހިފައިލައިފައިވި ވޭނީ މަޑު ގިސްލުމުގެއަޑު އިވުނެވެ. އެއަޑުގައިވި ހިތްދަތިކަމުން ކޮންމެ ހިތަކަށްވެސް އަސަރުކުރާނެކަން ގައިމެވެ. ތެދުވަން އުޅެފައިވެސް ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައި ޒާއިން ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން ލިބުނު ހައިރާންކަމުގައި ޒާއިންއަށް އޮތްތަނުން ތެދުވެވުނެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުދު ދޮޅިއެއް އަޅައިގެން މުސައްލަމަތީގައި ސަޖިދައިގައިއޮވެ ގިސްލައި ރޮމުން ލަމްޔާ ދިޔައިރު އެމަންޒަރުން އޭނާގެ ހިތަށްވެސް ފުން އަސަރެއްކުރުވިއެވެ. މިއިން ދުވަހަކުވެސް ނަމާދުގައި އެފަދަ ހިތްދަތިގޮތަކަށް ލަމްޔާ ރޯތީ ޒާއިން ނުދެކެއެވެ.

ލަމްޔާގެ ހަރަކާތްތަކަށް ބަލަން އޭނާއަށް އިނދެވުނީ އެހެން ހުރިހައިކަމެއްގެ މަތިންވެސް ހަނދާންނެތިފައެވެ. އެވޭނީ ގިސްލުމުން އެތައް ޝަކުވާއެއް ކުރަމުންދިޔަ ކަހަލައެވެ. ހިންދިރުވައިލި ޒާއިން އެއްފަރާތުގައިއޮތް ފޯނު ނަގައި ގަޑިބަލައިލީ އެވަގުތު ލަމްޔާ ކުރަމުންދިޔައީ ކޮންނަމާދެއްކަމާއި މެދުގައި ސުވާލުއުފެދިފައި އިނދެއެވެ. ގަޑިން މެންދަމުން އަލިވެ 3 ޖަހައިބޮޑުވީއެވެ. ރޭގަނޑުގެ އެއަރާމު ނިދި ނަގައިލައިފައި ލަމްޔާ ކުރަމުންދިޔަ ކަމަކުން ޒާއިންގެ ސަމާލުކަން އެކަމަށް ހުއްޓޭގޮތްވިއެވެ.

ފޯނު އެއްފަރާތުގައި ބާއްވަމުން ހަމަހިމޭންކަމާއެކު ލަމްޔާގެ ހަރަކާތްތަކަށް ގެއްލިފައި ޒާއިންއަށް އިނދެވުނެވެ. ނޭނގޭ އެތައް އިހުސާސަކުން އެހިތް ބަނދެވަމުންދިޔައެވެ. ހިނދެއް ހިނދަކަށް ލަމްޔާގެ ގިސްލުން ބާރުވާން ފެށުމާއެކު އިންތަނުން ޒާއިންއަށް ތެދުވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ.

ލަސްފިޔަވަޅުތަކެއްގައި އައިސް ޒާއިންއަށް ލަމްޔާގެ ގާތުގައި އެއްފަރާތަކަށްވާހެން މަޑުކޮށްލެވުނެވެ. އެވޭންދެނިވި އަޑުން އޭނާގެ މުޅި ނަފުސުގެ ހަމަޖެހުންވެސް ގެއްލިގެންގޮސްފިއެވެ. ލަމްޔާއަށް ބަލަންއިނުމަަށްފަހު ޒާއިންއަށް އޭނާގެ ގާތުގައި އިނށީދެވުނެވެ. އެހިނދު ސަޖިދައިގައިއޮތް ލަމްޔާ ތެދުވަމުން އިންތަނުގައި ހަމަޖެހިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނޯތްދަމައިލަމުން ލަމްޔާ ސަލާމްދިނެވެ. ގާތުގައިއިން ޒާއިން އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ސިހުނަސް އެކަން ނުދައްކައި ގިސްލުން މަތަކުރެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

ލަމްޔާ ސަލާމް ދެމުން އޭނާއަށް ބަލައިލިގޮތްފެނި ޒާއިންގެ ހިތް މަޑުކަފަކޮޅަކަށް ވެގެންދިޔައެވެ. އެކަރުނަވީ ދެލޯ އޭނާގެ ހިތުގައިވެސް މަޑުރިހުމެއް އުފައްދައިފިއެވެ. މީގެ ކުރިން އެފަދަ ވޭންދެނިވި ގޮތަކަށް ލަމްޔާ ރުއި އަޑު އޭނާއަށް އިވިފައެއްނުވެއެވެ.

އިތުރު އެއްވެސްކަމަކާ ވިސްނުމެއްނެތި އޭނާގެ ގާތުގައިއިން ލަމްޔާގެ ކޮނޑުގައި ހިފައިގެނެސް އޭނާގެ މެޔާލައި ޒާއިން ބޮނޑިކޮށްލިއެވެ. ތެޅިގަނެފައި ގަދަހަދައިލަމުން ދުރަށްދާން ލަމްޔާ އުޅުނެއްކަމަކު ޒާއިން ހިފަހައްޓައިގެންއިންލެއް ބާރުކަމުން އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޒާއިންގެ މޭގައި އަތުން ތަޅައިގަންނަމުން ދުރުވާން އުޅެގެންވެސް އޭނާއަށް އެކަމެއް ނުވިއެވެ. އިތުރަށް އޭނާގެ މެޔާލައި ޒާއިން ލަމްޔާ ބާރުކޮށްލީއެވެ.

ޒާއިންގެ ގާތްކަމުން ލަމްޔާއަށް އިތުރުހިތްދަތިކަމެއް ލިބުނުކަހަލައެވެ. އޭނާގެ ރުއިން ބާރުވެގެން ދިޔައީ ގަސްދަކައިނުލައެވެ.

"ޝްޝްޝް.. ބޭބީ އިޓްސް އޯކޭ.. ޕްލީޒް ހުއްޓާލާ.. ތިވަރަށް ރޯކަން ނުވާނު.." ދޮޅިމަތިން ލަމްޔާގެ ބޮލުގައި ބޭއިޚްތިޔާރުގައި ބޮސްދެމުން އޭނާގެ ކޮނޑުގައި ލޯބިން ޒާއިން ފިރުމަންފެށިއެވެ. އޭނާއަށް އެފަދައިން ކަންތައްކުރެވެމުންދިޔައީ ކީއްވެކަމެއް ޚުދު ޒާއިންއަކަށްވެސް ނޭނގެއެވެ. ލަމްޔާ ހަގީގަތުގައިވެސް އޭނާގެ ހިތާއި ކުޅެލައިފިއެވެ. ދުވަހަކު ކުރަން ގަސްދުގައިނެތް އެތައްކަމެއް އޭނާއަށް ކުރެވެމުންދިޔައީ އެހެންވެއެވެ.

ގަބޫލުނުކުރިނަމަވެސް އެހިތުގެ ހަމަޖެހުމަކީ އެނިޔަނެތި އަންހެންކުއްޖާއެވެ. އެހިތުގައި ފޮރުވަން މަސައްކަތްކުރަމުންދިޔަ ލޯބި ޒާއިންގެ ކޮންމެ އަމަލަކުން ފައުޅުވަމުންދިޔައެވެ. އެހެނަސް އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތްފަދައެވެ. ލޯބިން ގިސްލެވިފައިއިން ލަމްޔާ މަސަލަސްކުރެވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ.

"އިޓްސް އޯކޭ ބޭބީ.. އިޓްސް އޯކޭ.." ވަރުބަލިވެފައި އޭނާގެ މޭގައި މޫނު ޖައްސައިލައިގެންއިން ލަމްޔާގެ ނިތުގައި ޒާއިންއަށް ބޮސްދެވުނެވެ. ޒާއިންގެ އަމަލުތަކާއި ބަސްތަކުން އަޖައިބުވެފައިވިޔަސް އެކަމާ ވިއްދައި އެއްޗެއް ބުނެވުމަށްވުރެ ލަމްޔާ ވަނީ ރުއިމުގެ ސަބަބުން ވަރުބަލިވެފައެވެ. ޒާއިންގެ އަތުތެރަށް އަމިއްލަ ހަށިގަނޑު ދޫކޮށްލައިގެން އޭނާއަށް އިނދެވުނީ އެހެންވެއެވެ.

"ޕްލީޒް.. ދެން ނުރޮއްޗޭ.. މި ބޮޑު ބޮޑު ދެލޮލާއި ކަރުނަ އެއްގޮތަކަށްވެސް ނުގުޅޭ.." ލަމްޔާގެ އިސްއުފުލައިލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ޒާއިން ފުހެލިއެވެ. އެއްޗެއް ނުބުނެ ބަސްހުއްޓިފައި ލަމްޔާ ޒާއިންއަށް ބަލަހައްޓައިގެން އިނެވެ. ހަގީގަތުގައި ބުނާނެ އެއްޗެއްވެސް އޭނާއަށް ނުވިސްނުނީއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ފެންނަމުން މިދަނީ ދުވަހަކުވެސް ޒާއިންގެ ފުށުން ފެނުނު ކަމެއްނޫންވިއްޔާއެވެ. އަދި ދުވަހެއްގެ ކޮޅުންވެސް ފެނިދާނެކަމަށްވެސް ހީކުރެވުނުކަމެއް ނޫނިއްޔާއެވެ.

ބަސްހުއްޓިފައި އިން ލަމްޔާގެ ކޮލުގައި ލަސްލަހުން ޒާއިން ބޮޑުވައި އިނގިލިން ފިރުމައިލިއެވެ. އެހިނދު ތުންފިއްތައިލަމުން ލަމްޔާ ޒާއިންއާއި ދުރަަށް ޖެހިލިއެވެ. ކުރެވުނު ކަންތަކާމެދުގައި ޒާއިންއަށް ވިސްނައިލެވުނީ ދެނެވެ. އޭނާވެސް ނޫންކަމަށް ހަދައިފައި ލަމްޔާ އާއި ކުަޑަކޮށް ދުރުވެލިއެވެ. ބަހެއްވެސް ނުބުނެ ދެމީހުން ތިބިއިރު ލަމްޔާގެ ރުއިންވެސް ވަނީ ހުއްޓިފައެވެ. ޒާއިންގެ ފަރާތުން ލިބިގެންދިޔަ ގާތްކަމުން އޭނާގެ ޒަޚަމްތަކުގައި ވަގުތީ ބޭހެއް އެޅުނުފަދައެވެ.

އެއްޗެއް ނުބުނެ ލަމްޔާ އިންނަން ފެށުމުން އިންތަނުން ޒާއިން ތެދުވިއެވެ. އަދި އެނދުގެ އެއްފަރާތުގައިހުރި ކުޑަ މޭޒުމަތީގައިހުރި ތައްޓަށް ފެންފޮދެއް އަޅައިގެން އައިސް ލަމްޔާގެ ގާތުގައި އިނށީދެލިއެވެ.

އިސްޖެހިފައިއިން ލަމްޔާގެ ތުނބުގައި ޒާއިން ފެންތަށި ޖެއްސުމުން ލަސްލަހުން އެދިގު އެސްފިޔަތައް ހިއްލައިލަމުން ލަމްޔާ ޒާއިންއަށް ބަލައިލިއެވެ. ލަމްޔާގެ ކަތި ނަޒަރުން ޒާއިންގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އެހެނަސް އެއިހުސާސުތައް ހިންދައިލަމުން ލޮލުން ފެންތައްޓަށް އިޝާރާތްކޮށް ފެންފޮދެއް ބުއިމަށް ޒާއިން އެދުނެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ޒާއިން އެދުނުފަދައިން ލަމްޔާ ކަންތައްކުރިއެވެ. އެތަންފެނި ޒާއިންއަށް ކުޑަކުއްޖަކު ފަދައިން ހިނިތުންވެލެވުނެވެ.

ފަތިސްނަމާދު ބަންގީގެ އަޑުން ސިހިފައި އެކަކު އަނެކަކަށް ސީދާކޮށްލެވިފައިވި ނަޒަރު ދެމީހުން ވަކިކޮށްލިއެވެ. ފުންނޭވާއެއްލަމުން އިންތަނުން ތެދުވެ ލަމްޔާ ނަމާދަށް ތައްޔާރުވެލިއެވެ.

"ނަމާދު ނުކުރާނަންތަ؟" ދުރަށް ހިނގައިގަތް ޒާއިން ހުރިތަނުގައި ހުއްޓިލީ އިވިގެންދިޔަ ލަމްޔާގެ އަޑުންނެވެ. އެއްޗެއް ނުބުނެ މާގިނައިރު ޒާއިން ހުންނަން ފެށުމުން މާޔޫސްކަމާއެކު ލަމްޔާ އިސްޖަހައިލިއެވެ.

"ތެންކްސް.." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. އެއާއެކު ލަމްޔާއަށް ފުރަގަސްދީގެންހުރި ޒާއިންއަށް ލުއި ގޮތަކަށް ހީލެވުނެވެ. ހިތަށްލިބިގެންދިޔަ ހަމަޖެހުމަކުން ޒާއިންއަަށް ދެލޯމަރައިލަމުން ޓީޝާޓުގައި ލަމްޔާގެ ކަރުނުން ތެމިފައިވި ހިސާބުގައި ފިރުމައިލެވުނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    21 ޚިޔާލު

    1. ވަރަށް ރީތި.. މާޝާ ﷲ💟💖💜😽✌...... އެންމެ ފަހުން ލަމްގެ ބައެއް އައިއްސި ދޯ ! ލަވްޔޫ..💟 ސްޓޭ ސޭފް ✌

    2. މިބައިވެސް ވަރަށް ރީތި.... ކޮންއިރަކުން އަނެއް ބައި.....

    3. ހީވަނީ ޒާން ލަމް އާ އެކު ފަތިސްނަމާދު ކުރާނެ ހެން ވަރަށް ލޯބި ވާހަކައިގެ މިބައި ވެސް ވަރަށް ލޯބިވާ ނައުފާ ދައްތާ

    4. ވަރަށް ރީތި ....... ދެން އޮއި ބާ އަވަހަށް އަޕް ކޮދެއްވާތި

    5. ދެން އިންބައި ކޮންއިރަކުން؟؟؟؟

      ވަރަށް ފުރިހަމަ

    6. ވަރަށް ލޯބި ވާހަކައިގެ މިބައި ވެސް.... ޒާއިން އިސްލާހު ވާނެބާ؟ ޖިޔާ ދެން ވާނީ ވިލަން އަކަށްހެން ހީވަނީ

    7. ވަރަށް ލޯބި ވާހަކައިގެ މިބައި ވެސް.... ޒާއިން ާިސްލާހު ވާނެބާ؟ ޖެނާ ވާނީ ވިލަން އަކަށް ހެން ހީވަނީ

    ޚިޔާލު

    Your email address will not be published.