ތިޔަ ލޯބީގައި - 19

"އަހަރެންގެ ހިތުން ޚާއްސަކަމެއް ހޯދި ކުއްޖަކީ ޝަޔަމްއޭ ބުނެފިއްޔާ..." ދެތިންފިޔަވަޅު އެޅިތަނާ ފަހަތުން އިވުނު ނުހައިކްގެ އަޑުން ޝަޔަމްގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. ދެލޯ ބޮޑުވެގެންދިޔައިރު ހިތުގެ ހިނގުންވެސް ކުއްލިއަކަަށް އަވަސްވެގެންދިޔައެވެ.

ހުއްޓުން އަރައިފައި ޝަޔަމްއަށް ހުރެވުނީ ދެން ކަންތައްކުރާނެ ގޮތެއް ނުވިސްނިފައެވެ. ނުހައިިކްގެ ފަރާތުން އިވިގެންދިޔަ ބަސްތަކުން ހިތަށް ފިނިކަމެއް އިހުސާސުވެގެންދިޔައެވެ. އެނބުރި ނުހައިކްއަށް ބަލައިލާކަށްވެސް ޝަޔަމް އަކަށް ނުކެރުނުވެ.

ޝަޔަމް އެހެން ހުއްޓައި ތެމިފޯވެގެންހުރި ނުހައިކް އައިސް އޭނާ އާއި ކުރިމައްޗަށްވާގޮތަށް މަޑުކޮށްލިއެވެ. އޭރުވެސް ޝަޔަމްގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ނަމަވެސް މިހާރު އެހިތްރޮމުންދިޔައީ އުފަލުންނެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި ކާމިޔާބުވީމައި އުފާނުވާނީ ކާކުހެއްޔެވެ.

ނުހައިކްގެ ތޫނު ބެލުމުން ލަދުގަނެ އިސްޖެހިގެންދިޔަ ޝަޔަމް ދެއަތުން މޫނު ފޮރުވައިލުމާއެކު ނުހައިކްގެ ލުއި ހީލުމުގެ އަޑު ވާރޭގެ އަޑާއެކުވެގެން ދިޔައެވެ. އެހެނަސް މޫނުން އަތްނަގައި ބަލައިލާކަށް ޝަޔަމްއަކަށް ނުކެރުނެވެ.

"ޝަމަޔް.. ލުކް އެޓް މީ.." ދާދި ގާތުން އިވުނު ނުހައިކްގެ ހިތްގައިމު އަޑުން ލަސްލަހުން އަތުގެ އިނގިލިތައް ފޭކޮށްލަމުން ޝަޔަމް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ހައިރާންވެހުރެ އޭނާގެ މޫނުމަތިން ދެއަތްތިލަ އެއްކޮށް ނެގިއެވެ.

ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެގެން އޭނާ އާއި ދިމާލަށް ރަތްކުލައިގެ ފިނިފެންމަލެއް ދިއްކޮށްލައިގެން އިން ނުހައިކް ފެނި ޝަޔަމްގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ނުހައިކްއަށް ބަލަންހުރި ޝަޔަމް ރަކިގޮތަކަށް ތުންފަތް ހަފަން ފެށުމުން ލޮލުގެ އިޝާރާތުން އެމަލުގައި ހިފުމަށް ނުހައިކް އެދުނެވެ.

މޭގައި ޖައްސައިލެވިފައިވި ދެއަތް ތިރިކޮށްލަމުން ކަނައަތުން ނުހައިކް ދިއްކޮށްގެންހުރި ފިނިފެންމަލުގައި ޝަޔަމް ހިފައިލިއެވެ. ވާރޭގެ ތިކިތަކުން ތެމެމުންދިޔަ އެމަލުގެ ރަތްކަން ގަދަވެފައިވާ ކަހަލައެވެ.

"ތެންކްސް.." މަލުގެ ފިޔަތަކުގައި އަތުން ކުޅެލަމުން ލަދުން އޮޅެމުންދިޔަ ޝަޔަމް މަޑުމަޑުން ބުނެލިއެވެ. ދާދި ދެންމެއަކާ ޖެހެންދެން އޭނާގެ ފުށުން ފެނުނު ހިތްވަރު ނުހައިކްގެ ބަސްތައްއިވި ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ނުހައިކްއަށް ބަލަން ނުކެރި ޝަޔަމް އެކި ދިމަދިމާއަށް ކަޅި ހިންގަމުންދިޔައެވެ.

ޝަޔަމް އުޅެމުންދިޔަ ގޮތުން ނުހައިކްއަށް މަޖާވިއެވެ. އިންތަނުން ތެދުވެ ތެމިފައިވާ އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން ލޯތްބާއެކު ޝަޔަމްގެ ދޮންމޫނަށް ބަލައިލިއެވެ.

"އަހަރެންވެސް.. ޝަޔަމް ދެކެ ވަރަށް ލޯބިވޭ.. ކިހިނެއް ކޮންއިރަކުކަމެއް ޚުދު އަހަރެންނަށްވެސް ނޭނގެ.. ދުވަހަކުވެސް އަހަރެންގެ ހިތާ ކުޅެލެވޭފަދަ އަންހެންކުއްޖަކާ ދިމާވެދާނެކަމަށް އަހަރެން ހިއެއްނުކުރަން. އަދި އެކުއްޖަކީ ޝަޔަމްއަށް ވެދާނެއޭ ހުވަފެނުންވެސް އަހަރެންގެ ހިތަށް ނާރާ.. އެކަމަކު.. މިއަދު.. މިއަދު އެހުރިހައި ހީކުރުންތަކެއް ބަދަލުވެއްޖެ.. ފަހަރެއްގަވެސް ޝަޔަމްއަށް އަހަރެން ކަމުގޮސްފާނެކަމަަށް އަހަރެން ކުޑަކޮށްވެސް ގަބޫލެއްނުކުރަން.. ހިތުގެ ހާލު ބަޔާންކުރަން ޖެހިލުންވީވެސް ދެމެދުގައިވި ފަރަގު ހިތަށްއަަރާފަ.. އެކަމަކު.. ދެން އަހަރެން ފަސްޖެހޭކަށްނެތިން.. އަހަރެންގެ މޭގެތެރޭގައިވި މިހިތް ބަލައިގަތް ކުއްޖަކީ ތީ.. އަހަރެންނަށް މިވަނީ ވަރަަށް މަތިވެރި ދަރަޖައަކަށް ޝަޔަމްދެކެ ލޯބިވެވިފަކަން ޔަގީން.. އަހަރެން އެދެނީ.. ޝަޔަމް އާއި ކައިވެނިކޮށް ރީތި ދިރިއުޅުމެއް އުޅެން.. އަހަރެންގެ ލޯބިވާ އަނބިމީހަގެ ނަމުން އަހަރެންގެ ހިތުގެ މަލިކާއަށް ގޮވާލަން.. ޝަޔަމް.. އެދުވަހާ ޖެހެންދެން އިރާދަކުރެއްވިއްޖާ އަހަރެމެންގެ ދެމެދު މިއޮތް އިން ފަހަނައަޅައިދާފަދަ އެއްވެސްކަމެއް އަހަރެންގެ ފަރާތުން ނުވާނެކަމުގެ ޔަގީންކަން ދެން.. ބުނެބަލަ.. ޝަޔަމް އަހަރެންނާ ކައިވެނިކޮށްފާނަންތަ؟ އަހަރެންގެ މިހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެންނަށް އެހީވެދޭނަންތަ؟" ބޮލުގެ ފުށްކިބައިގައި އަތުން ފިރުމައިލަމުން ދެއަތް ލައިގެންހުރި ޖިންސްގެ ޖީބަށް ކޮށްޕައިލުމަށްފަހު އެހިތުގައިވީ ހުރިހައި އެއްޗެއް ޝަޔަމްގެ ކުރިމަތީގައި ނުހައިކް ބަންޑުން ކޮށްލިއެވެ.

އިވިގެންދިޔަ ވާހަކަތަކުން ޝަޔަމްގެ ހިތަށް ފުންއަސަރެއް ކުރުވިއެވެ. ނުހައިކްގެ ދުލުން އޭނާދެކެ ލޯބިވާ މިންވަރު ހާމަވެގެންދިޔައިރު ޝަޔަމްގެ ހިތުގައި ނުހައިކްގެ މައްޗަށްވި ލޯބި އިތުރަށް ފުންވެގެންދިޔައެވެ. ނުހައިކް އެއީ އޭނާގެ ނަސީބޭ ހިތަށްއެރީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ.

"ޔެސް... ޔެސް ނުހައިކް.. އަހަރެންވެސް ބޭނުމީ ވީއެންމެ އަވަހަށް ނުހައިކްއާ ކައިވެނިކުރަން.. މިމަލުގަ އަހަރެން ހިފުމަކީވެސް ނުހައިކްގެ ލޯބި އަހަރެން ތެދުހިތުން ގަބޫލުކުރިކަމުގެ ރަމްޒެއްނު.." މަލުގައި ތުންފަތް ޖައްސައިލަމުން ޝަޔަމް ބުނެލިއެވެ. އެއަޑުއިވި ނުހައިކްއަށް ހިނިތުންވެލެވުނެވެ. އުފަލުންގޮސް އޭނާގެ ހިތް ނަށައިލިއެވެ. ލޯތްބާއެކު ރަތްކުލައިން ފެވެމުންދިޔަ ޝަޔަމްގެ މޫނަށް ބަލަހައްޓައިގެން ނުހައިކްއަށް ހުރެވުނީއެވެ.

"ތިވަރަަށް ނުބަލަބަލަ.. އަހަރެން ލަދުގަނޭ.." އޭނާގެ މޫނަށް ފިނިފެންމާ ހުރަސްކޮށްލަމުން ޝަޔަމް ބުނެލިއެވެ.

"އަހަރެން ކުރިންވެސް ބުނީމެއްނު ލަދުގަތީމަ ޝަޔަމް ވަރަށް ލޯތްބޭ.. އެހެންނޫނަސް ވާރޭގެ ޕަރީއެއް ކުރިމަތީގައި ހުންޓި ހުންނައިރު ނުބަލައި ހުރެވޭތަ؟" ލާނެތްގޮތަކަށް ހީލަމުން ނުހައިކް އިތުރަށް ޝަޔަމް ލަދުގަންނަވައިލިއެވެ.

"ދެން ނުހައިކް.. މީ.. މީ ކޮންތާކުން ހޯދި މަލެއް؟" ނުހައިކްގެ ބަސްތަކުން އިތުރަށް ރަކިވި ނަމަވެސް އަތުގައިއޮތް މަލަށް ބަލައިލަމުން ޝަޔަމް އަހައިލިއެވެ. އެއާއެކު ނިތްއަރުވައިލަމުން ނުހައިކް އިޝާރާތްކޮށްލި ދިމާލަށް ޝަޔަމް ބަލައިލިއެވެ. އެމީހުން ތިބި ހިސާބާ ދާދި ކައިރީގައި ހުރި ފިނިފެންމާ ގަސްތަކެއް ޝަޔަމްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހީގަންނަމުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލިއެވެ.

"ދެން ހިނގާ ދާން. މާގިނައިރު ވާރޭތެރޭ މިހެން ހުންނަންވެއްޖެނަމަ ޝަޔަމް ބަލިވެދާނެ.." އުޑުމައްޗަށް ބަލައިލި ނުހައިކް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ބުނެލިއެވެ. ބޯޖަހައިލަމުން ޝަޔަމް ކުރިއަށް ހިނގައިގަތެވެ.

ތެމިފޯވެގެން ހިނިއައިސްފައިތިބެ ހޮޓަލަށް ވަދެގެންއައި ޝަޔަމް އާއި ނުހައިކްއަށް ރިސެޕްޝަނުގައި ތިބި ދެކުދިންގެ ނަޒަރު ހުއްޓުނެވެ. އެހެނަސް އެކަމަށް މާބޮޑު ފަރުވާލެއްނުދީ ދެމީހުން އައިސް ލިފްޓަށް އެރިއެވެ.

"ޝަޔަމް.." ކޮޓަރީގެ ދޮރުމަތީގައި މަަޑުކޮށްލަމުން ނުހައިކް މަޑުމަޑުން ގޮވައިލިއެވެ. ތެމިފައިއޮތް އިސްތަަށިގަނޑު އެއްފަރާތަކަށް ގެނެސް ވައްޓައިލަމުން ޝަޔަމް ނުހައިކް އާއި ނަޒަރު ސީދާކޮށްލިއެވެ.

"އަބަދުވެސް.. އަހަރެން ވަރަށް ލޯބިވާކަން ހަނދާންކުރައްޗޭ.." ޝަޔަމްއާއި ގާތްވެލުމަށް ހިތްއެދުނަސް ހުރިތަނުގައިހުރެ ނުހައިކް ބުނެލިއެވެ. ކައިވެނިކޮށްފައި ނޫނީ އެފަދަ ގޮތަކަށް ޝަޔަމްއާއި ގާތްވާކަށް ނުހައިކްގެ ޟަމީރު އެއްބަހެއްނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ ޝަޔަމްދެކެ ލޯބިވެއެވެ. އިރާދަފުޅުން އެފަދަ ދުވަހެއް އައިސްފިނަމަ ޝަޔަމްދެކެ އޭނާ ލޯބިވާވަރު މުޅި ދުނިގެއަަށްވެސް އޭނާ ހާމަކުރާނެއެވެ.

"އަހަރެންވެސް.." ސީދާ ނުހައިކްގެ ދެލޮލަަށް ބަލަންހުރެ ޝަޔަމް ބުނެލިއެވެ. ދުވަހަކުވެސް މީހެއްދެކެ އެދަރަޖައަށް ލޯބިވެވިދާނެކަމަށް ޝަޔަމް ހީނުކުރެއެވެ.

"އެނބުރި ރާއްޖެގޮސް އަހަރެންގެ މަންމައާ ބައްދަލުކުރަން ދާނަންތަ؟" އިރުކޮޅެއްގެ ހިމޭންކަމަަށްފަހު ނުހައިކް އަހައިލިއެވެ. ވަގުތުން ޝަޔަމް އުފާވެލައިފައި ބޯޖަހައިލިއެވެ. ނުހައިކް އާއި ދިމާވެ އޭނާގެ ގޮތް އެނގެންފެށިފަހުން ޝަޔަމްގެ މިޒާޖަަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ނުހައިކްގެ ގޮތް އެނގޭތީ އިސްވެ އޭނާ އާއި ގާތްވާކަށް ޝަޔަމްވެސް މަސައްކަތެއް ނުކުރެއެވެ. ލޯތްބާއެކު އެކަކު އަނެކަކަަށް ބަލައިލަމުން ރޭގަނޑުގެ ސަލާމް ކުރުމަަށްފަހު ދެމީހުން ކޮޓަރިއަަށް ވަތްއިރުވެސް ދެހިތަށްވަނީ ބަޔާންކުރަން ދަތި އުފަލަކާއި ހަމަޖެހުމެއް ލިބިފައެވެ.

ކޮޓަރިއަށް ވަތްގޮތަށް އަތުގައިއޮތް މަލުގައި ލޯތްބާއިއެކު ޝަޔަމް ބޮސްދިނެވެ. ކޮންމެ ހާލަކުން ނަމަވެސް އޭނާ ކުރި ވައުދު އޭނާ ފުއްދާނެއެވެ. އޭނާ ވާނީ ހަމައެކަނި ނުހައިކްގެ މީހަކަށެވެ. އެދުވަހަކާ ޖެހެންދެން އޭނާ އެގޮތުގައި ކެތްތެރިވާނެއެވެ.

*****

ޝަޔަމްގެ ކާރު އައިސް އެއަރޕޯޓު ކުރިމައްޗަށް މަޑުކޮށްލުމާއެކު ދޮރު ހުޅުވައިލަމުން ދެމީހުން އޭގެއިން ފޭބިއެވެ. އެމީހުންގެ ފޮށިތައް ޑިކީއިން ނެގުމުގައި އުޅުނު ޑްރައިވަރުގެ ގާތަށް ލެފިލަމުން ނުހައިކް އޭނާއަށް އެހީވަންފެށިއެވެ. ނުހައިކްގެ ހުންނަ ހިތްހެޔޮގޮތް ޝަޔަމްއަަށް ވަރަށް ކަމުދިޔައެވެ. ހިނިތުންވެލައިގެން އެމަންޒަރު ބަލަން އޭނާ ހުއްޓެވެ.

ފޮށިތައް ޓްރޯލީއަށް އެރުވުމަށްފަހު ނުހައިކް ޝަޔަމް އަށް އައުމަަށް ގޮވައިލުމުން އޭނާގެ ދާދި ގާތުގައި އަދަބުވެރިކަމާއެކު ހުއްޓިހުރި ޑްރައިވަރަށް ޝަޔަމް ބަލައިލިއެވެ. އަދި ހިނިތުންވެލަމުން ދަނީކަމަަށްބުނެ ޝަޔަމް ނެތް ދުވަސްތަކުގައި ޗުއްޓީއަކަށް އޭނާވެސް އޭނާގެ އާއިލާގެ ގާތަށް ދިއުމަަށް އެދުނެވެ. އަދި އެމީހުނަަށް ޝަޔަމްގެ ސަލާމް ބުނެދިނުމަަށް އެދެމުން އާއިލާ އާއި އެކުގައި ޗުއްޓީ ހޭދަކޮށްލުމަަށް އިތުރަަށް ފައިސާ އޭނާގެ އެކައުންޓަށް ފޮނުވައިފައިވާނެކަމަަށްވެސް ޝަޔަމް ބުނެލީ ހިތްހެޔޮރާގަކަށެވެ.

ޝަޔަމްގެ ފުށުން ފެނިގެންދިޔަ އައު ކަންތަކުން ހައިރާންވެފައި އިސްއުފުލައިލި ޑްރައިވަރު ބަލައިލިއެވެ. ޝަޔަމްގެ ޚާއްސަ ޑްރައިވަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ ދެއަހަރުވެފައި ވީއިރުވެސް މިނޫނީ އެފަދަ ގޮތަކަށް ޝަޔަމް އޭނާ އާއި ވާހަކަދައްކައިފައެއްނުވެއެވެ. ހިތަށް ލިބުނު ހަމަޖެހުމަކުން ފެންކަޅިވެގެންދިޔައެއްކަމަކު ޝުކުރުވެރިވަމުން ފަނޑުގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ޝަޔަމްވެސް އޭނާގެ ހިނިތުންވުން ރައްދުކޮށްލަމުން ނުހައިކްގެ ފަހަތުން ހިނގައިގަތެވެ.

ފްލައިޓް އިތުރު ސާޅީސް ފަސްމިނެޓް ލަސްވެގެން ދިއުމުން ޗެކިން ވެލުމަަށްފަހު އެއަރޕޯޓުގައި ދެމީހުން މަޑުކޮށްލައިގެން ތިއްބެވެ. އެނބުރި އަމިއްލަ ވަތަނަށް ދެވޭތީ ނުހައިކްހުރީ ނުހަނު އުފަލުންނެވެ.

"ޝަޔަމް ފެނުނީމަ މަންމަ ވަރަަށް އުފާވާނެ.. މަންމަ ވަރަަށް ރަނގަޅުވާނެ.. ޝަޔަމްދެކެ ވަރަަށް ލޯބިވާނެކަންވެސް ޔަގީން.." ގާތުގައިއިން ޝަޔަމްގެ މޫނަށް ބަލަހައްޓައިގެންއިން ނުހައިކް ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ބޭނުން އަހަރެންގެ އާއިލާ އާއި ނުހައިކް ބައްދަލުކުރަން.. އެކަމަކު ތަންކޮޅެއްފަހުން.. މަންމަ އާއި ބައްޕަ ގާތު ނުހައިކްގެ ވާހަކަދައްކާފަ ބައްދަލުކުރަން ގެންދާނަން.. ހަގީގަތަށް ބުނާނަމަ އެންމެ ހިނދުކޮޅެއްވެސް ބޭކާރު ކުރާކަށް ބޭނުމެއްނޫން. އެކަމަކު އަހަރެންނަަށް އަދި ވަގުތު ބޭނުންވޭ.." ޝަޔަމްގެ ވާހަކަތަކަށް ނުހައިކް އިހްތިރާމްކުރިއެވެ. އަވަސް އަރުވައިލައިފައި ގޮތެއް ނިންމުމުގެ ބަދަލު ދެއާއިލާގެ ރުހުމާއެކު އެކައިވެންޏާއި ވެގެން ކުރިއަަށް ދިއުމަކީ ނުހައިކްވެސް ބޭނުންވާގޮތެވެ.

އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބައި އަސުރު ނަމާދު ބަންގީގެ އަޑު ނުހައިކްގެ ފޯނުން އިވިގެންދިޔައެވެ. ފްލައިޓްގެ ފުރުން ލަސްވެފައިވުމުން ނުހައިކް ނިންމީ އެތަނުގައި އަސުރު ނަމާދު ކުރުމަަށްފަހު ދަތުރުފަށާށެވެ.

އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެތަނުގެ މުއައްޒިފަކާއި އިރުކޮޅަކު ވާހަކައިދައްކައިލުމަަށްފަހު ނުހައިކް ގޮނޑިބަރީގައިއިން ޝަޔަމްގެ ގާތަށް އައިސް މަޑުކޮށްލިއެވެ.

"އަހަރެން މިދަނީ ނަމާދުކޮށްލަން ދާން.. ޝަޔަމް މިތާ މަޑުކުރާނީތަ؟" ޝަޔަމް އާއި އެއްހަމައަކަަށް ތިރިވެލި ނުހައިކް އަހައިލިއެވެ. "އަހަރެން.. ނުހައިކްއާ އެއްކޮށް ދިއަސް އެންމެ ރަނގަޅުތަ؟" އުނގުމަތީގައި ޖޯޑުކޮށްލެވިފައިވި ދެއަތްތިލައަށް ބަލައިލަމުން ނުކެރިފައިއިންފަދަ ގޮތަކަށް ޝަޔަމް އަހައިލިއެވެ. އެންމެ ރަނގަޅޭ ބުނަމުން ނުހައިކް ތެދުވުމާއެކު ޝަޔަމްވެސް އިންތަނުން ތެދުވިއެވެ.

އެއަރޕޯޓު ތެރެއަަށް ވަދެގެންގޮސް ތަންކޮޅެއް ބިތްދޮށުގައިހުރި ކުޑަ ކޮޓަރިއެއްކަހަލަ ތަނެއްގެ ކުރިމަތީގައި ނުހައިކް މަޑުކޮށްލިއެވެ. އަދި އެތަނުގެ ދޮރު ހުޅުވައިލަމުން އެތެރެއަށްވަނެވެ. ފަހަތުން ޝަޔަމްވެސް ވަނެވެ.

"މީ ޕްރެޔަރ ރޫމެއްތަ؟" ވަށައިގެން ނަޒަރު ހިންގައިލި ޝަޔަމް އަހައިލިއެވެ. "ނޫން.. މީ އޭރު އަހަރެން ވާހަކަދެއްކި މީހާ ބުނިތަން.. މިތަނުގަ ނަމާދުކޮށްލިއަސް އެންމެ ރަނގަޅުވާނޭ އޭނާ ބުނީ.. ޝަޔަން ތިހުރި ގޮނޑީގަ އިނށީދެލަންވީނު. އަހަރެން އަންނާނަން ވުޟޫކޮށްލައިގެން." އެތަނުގެ އެއްފަރާތުގައި ހުރި ދިގު ގޮނޑިއަށް އިޝާރާތްކޮށްލަމުން ނުހައިކް ބުނެލިއެވެ. ބޯޖަހައިލަމުން ޝަޔަމް ގޮސް އެގޮނޑީގައި އިނށީދެހަމަޖެހިލިއެވެ.

ވުޟޫކޮށްލައިގެން އައި ނުހައިކް ގިބްލަ ހޯދައިލަމުން އެތަނުގެ އެއް ފަރާތުގައި ހުއްޓިލިއެވެ. އަދި ހަމަހިމޭންކަމާއެކު ނަމާދުކުރަން ފެށިއެވެ.

ނުހައިކްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަންއިން ޝަޔަމްގެ ހިތަށް އެމަންޒަރުން ތަފާތު އިހުސާސެއްކުރެވިގެންދިޔައެވެ. މިއީ ނުހައިކް ނަމާދުކުރާތީ ފެނުނު ފުރަތަމަ ފަހަރު ނޫން ނަމަވެސް ޝަޔަމްއަށް އެހެންޏާ މިފަދަ ގޮތަކަށް އިހުސާސުކުރެވިފައެއް ނެތެވެ. ތަނަށްވެރިވެފައިވި ހަމަހިމޭންކަމުގައި ޝަޔަމްގެ ދެލޯ ކަރުނުން ފުރެންފެށީ ހިތަށް ވެރިވަމުންދިޔަ އެކި އެކި ޝުއޫރުތަކުންނެވެ. އަމިއްލަ ނަފުސާއި މެދުގައި ޝަޔަމްއަަށް ވިސްނުން ހިންގެންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ފުސްވެގެންދިޔަ ދެލޮލުގެ ތެރެއިން ދުޢާއަށް ދެއަތްއުފުލައިގެންއިން ނުހައިކްއަށް ޝަޔަމް ބަލަންއިނެވެ. އެހިނދު އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. މިއިން ދުވަހަކު ސިކުނޑިއަށް ވެރިނުވާ ތަފާތު ޚިޔާލުތަކުން ޝަޔަމްގެ ނަފުސް ބަނދެވިގެންދިޔައެވެ. ކަރުނައިގެ ތެރޭން ލުއިގޮތަކަށް ޝަޔަމް ހީލިއިރު އަމިއްލަ ނަފުސާ ކަމަކަށް އެއްބަސްވިކަހަލައެވެ.

(ނުނިމޭ)

  Please log in or register to bookmark.
  5k

  14 ޚިޔާލު

  1. ހާދަ ކުރޭ... މިބައިވެސް ވަރަށް ފުރިހަމަ..
   ލަމްގެ ބައެއް ގެނެސްދީބަލަ.... ދެން އިން ބައި ކޮންއިރަކުން.....

   11
  2. މާޝާ ﷲ ! ވަރަށް ރީތި މިބައިވެސް 💖💜✔🎉✴ .. އަޅޭ..ހާދަ ކިއުޓް އޭ 🙊😽😽 ! ކޮންއިރަކުން ދެން އިންބައި ! ކިޔުރިއަސްލީ ވެއިޓިން ފޯ ނެކްސްޓް
   ލަވްޔޫ 💖
   ސްޓޭ ސޭފް 😏

  ޚިޔާލު

  Your email address will not be published.