Views: 3649 153

"ލޯބި.. އަހަރެންނަަށް ލޯބި ވެވިއްޖެ.. އާން.. އަހަރެންނަށް ހަގީގަތުގައިވެސް ނުހައިކްދެކެ ލޯބި ވެވިއްޖެ.." ލަދުވެތި އިހުސާސުތަކެއް ވެރިވަމުންދިޔަ ޝަޔަމްގެ ޟަމީރުގެއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލި ޝަޔަމް ނުހައިކްއާއި ގާތްވެލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. "އައި ލަވް ޔޫ ނުހައިކް.. އައި ލަވް ޔޫ ސޯ މަޗް.." އެހިދު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޝަޔަމްގެ ދެތުންފަތް ދެމެދުން އެހިތުގެ ސިއްރު ފައުޅުވެގެންދިޔައެވެ.

އިރުކޮޅަކު ނުހައިކްއަށް ބަލަން އިނުމަަށްފަހު ޝަޔަމް އޭނާ ލައިގެންއިން ކޯޓު ބައިލަމުން ދެމީހުންގެ ގައި ނިވައިވާނެހެން އެކޯޓު އަޅައިލިއެވެ. އަދި ފާރުގައި ބޯޖައްސައިލަމުން ދެލޯމަރައިލީ ހިނިތުންވެފައި އިނދެއެވެ. އޭނާއަަށްވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބި ވެވިއްޖެއެވެ. އެއިހުސާސުގައި ހުންނަ ފޮނިމީރުކަން މިއަދު ޝަޔަމްއަށްވެސް އެނގިއްޖެއެވެ. ކޮންމެ ހާލަކުން ނަމަވެސް ނުހައިކްގެ ހިތް ކާމިޔާބުކުރުމަަށް ޝަޔަމްގެ ނަފުސު ގޮވައިލިއެވެ.

އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން ނުހައިކް ދެލޯ ހުޅުވައިލިއެވެ. ނިދީގެ އަސަރު ލޮލުން ފިލުވައިލުމަަށްޓަކައި ދެލޮލުގައި އަތް ހާކައިލަމުން ނުހައިކް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު އޭނާގެ ގައިމަތީގައި އަޅައިފައިއޮތް ކޯޓާއި އޭނާގެ ވައަތްފަރާތު ފާރުގައި ބޯޖައްސައިލައިގެން ނިދިފައިއިން ޝަޔަމް އަޅައިގަތެވެ. ޝަޔަމް އެތަނަަށް އައި އިރަކާއިމެދުގައި ސުވާލު އުފެދިފައި އިނދެ ނުހައިކް އޭނާގެ އަތުކުރީގައި އޮތް ގަޑިއަަށް ބަލައިލިއެވެ. ފަތިހު 5 ޖަހައިބޮޑުވެފައިހުރިތަން ފެނުމުން ހޭވިފައިވި އިސްތަށިގަނޑުގައި އަތްހިންގައިލުމަށްފަހު އަވަސް އަވަހަަށް ޝަޔަމް ހޭލައްވަން އުޅެގަތެވެ. އެމީހުން އެތަނުގައި ތިއްބައި ބަޔަކަށް ނުފެންނަ ކަމެއްވެސް ނޭނގެއެވެ. ނުހައިކް އެތަނުގައި އިނށީދެ އިނީ ޝަޔަމް އާއި މެދުގައި ވިސްނައިފައި އޭނާ އެކަނި ދޫކޮށްލައިފައިގޮސް ކޮޓަރީގައި އޮންނަން ނުކެރިގެންނެވެ. އެއްގޮތަކަަށްވެސް ޝަޔަމް ނުކުމެ އޭނާގެ ގާތުގައި އިނދެފާނެކަމަަށް ނުހައިކް ހީކޮށްފައެއްނެތެވެ.

ޝަޔަމް އަަށް ގޮވައިލުމަަށްޓަކައި އޭނާ އާއި ދިމާއަށް އެނބުރިލި ނުހައިކްއަށް ހިނިތުންވެލެވުނީ ނިދީގައިއިނދެ ޝަޔަމްވެސް މައުސޫމު ގޮތަކަށް ހިނިތުންވެލިތަން ފެނިފައެވެ. ޝަޔަމްގެ މޫނަށް ބަލަންއިނުމަށްފަހު ޝަޔަމްގެ ނަމުން ނުހައިކް ގޮވައިލިއެވެ. އެހެނަސް ޝަޔަމްއަށް އެއްވެސް ހިލަމެއްވީހެނެއް ހިއެއްނުވެއެވެ.

"ނުހައިކް.. ވަރަށް ލޯބިވޭ... ޕްލީޒް.. އަހަރެން ދޫކޮށްފަ ނުދައްޗޭ.." ޝަޔަމްގެ ކޮނޑުގައި ނުހައިކް އަތްޖައްސައިލި ވަގުތު އެއަތުގައި ހިފަމުން ނިދިފައިއިން ޝަޔަމް ދެރަވެލައިފައި ބުނެލިއެވެ. އިވުނު ބަސްތަކުން ނުހައިކް ގަނޑުވާގޮތްވިއެވެ. ދެލޯބޮޑުކޮށްލަމުން ނުހައިކްއަށް ހިންދިރުވައިލެވުނެވެ. ޝަޔަމް ހަގީގަތުގައިވެސް އޭނާ ދެކެ ލޯބިވެދާނެ ހެއްޔެވެ؟ ގަބޫލުކުރަން ކިތަންމެ ދަތިވިއަސް ނުހައިކްގެ ހިތަށް ޝަޔަމްގެ ބަސްތަކުން ހަމަޖެހުން ލިބިގެންދިޔައެވެ. ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވަމުން އަމިއްލަ މޭގައި އަތުން ފިރުމައިލެވުނެވެ. އެހެނަސް... ޝަޔަމް އާއި އޭނާ އާއި ދެމެދުގައިވި ފަރަޤު ހިތަަށްއަރައި އިސްޖަހައިލެވުނެވެ. އޭނާފަދަ ޒުވާނަކާއި ޝަޔަމް އެކަށީގެނެއް ނުވެއޭ ހީވެ ތުންފިއްތައިލެވުނެވެ. ނަމަވެސް ލޯތްބަކީ އެފަދަ ފަރަގުތައް ދަންނަ އެއްޗެއް ނޫނެވެ. ލޯބި ކަނު އެއްޗަކަށްވަނީ އެހެންވެ ނޫންހެއްޔެވެ.

ފުންނޭވާއެއްލަމުން ނުހައިކް ޝަޔަމްގެ ކޮނޑުގައި ކޮށްޓައިލަމުން ގޮވައިލިއެވެ. އެއަޑަށް ސިހިފައި ދެލޯ ހުޅުވައިލި ޝަޔަމް ފުންމައިގެން ތެދުވިއެވެ. ދެލޯ ބޮޑުކޮށްގެން ނުހައިކްއަށް ބަލަންހުރި އިރު އޭނާގެ ދޮންމޫނު ރަތްވަމުންދިޔައީ ގަނެފައިވާ ލަދެއްގެ ސަބަބުންނެވެ. އެފަދަ ގޮތަކަށް ނުހައިކްއަށް ފެނިދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ.

"ސޮރީ.." އިސްތަށިގަނޑު ރީތިކޮށްލަމުން އިސްޖެހިފައިއިން ޝަޔަމް ބުނެލިއެވެ.

"ސޮރީ ބުނާވަރު ކަމެއް ނުވެއެއްނު." އަތުގައިއޮތް ކޯޓު ޝަޔަމްއަށް ދިއްކޮށްލަމުން ނުހައިކް ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޝަޔަމް ކޯޓުގައި ހިފިއެވެ. "އާރ ޔޫ އޯކޭ ޝަޔަމް؟" ޝަޔަމްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަންހުރި ނުހައިކް އަހައިލީ ކަންބޮޑުވެފައި ހުރެއެވެ. މަޑުމަޑުން ބޯޖަހައިލަމުން ޝަޔަމް އޭނާގެ ކޮޓަރިއަށް މިސްރާބެޖެހިއެވެ. ތަންކޮޅަކަށް ގޮސްފައި މަޑުޖެހިލަމުން އެނބުރި ނުހައިކްއަށް އޭނާ ބަލައިލިއެވެ.

"ނުހައިކް ތިދަނީ ނިދަންތަ؟" ކޯޓާއި އަތުން ކުޅެމުން ޝަޔަމް އަހައިލިއެވެ. ޖަވާބުގައި ނުހައިކް ދެފަރާތަށް ބޯހޫރުވައިލިއެވެ.

"އެހެންވީއިރު އަހަރެންނާއެކު ހެނދުނުގެ ނާސްތާގަ ބައިވެރިވާންވީނު." ހަމަޖެހޭގޮތް ދައްކަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ދެންވެސް ނުހައިކް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. "އޯކޭ.. ފްރެޝްވެލައިގެން ހަތެއް ޖަހަންވާއިރަށް ނުކުމޭ.." ގަޑި ބުނެލުމަށްފަހު ޝަޔަމް ގޮސް އޭނާގެ ކޮޓަރިއަަށްވަނެވެ.

ފެންވަރައިލައިގެން ނުކުމެ ނަމާދުކޮށް ހަދައިގެން ލޯގަނޑު ކުރިމަތީގައި ތައްޔާރުވާންހުރިއިރު އޭނާގެ ކަންފަތްބުޑުގައި އިރުއިރުކޮޅާ ޝަޔަމް ބުނެލި ބަސްތައް ތަކުރާރުވަމުންދިޔަކަހަލައެވެ. ޝަޔަމްގެ ދުލުން އޭނާދެކެ ލޯބިވާކަން ހާމަކުރިއިރު ނުހައިކްގެ ހިތުގެ ހާލަކީވެސް އެއީއެވެ. ޝަޔަމްއަށް އެކަން އަންގަން ޚުދު ނުހައިކްވެސް ބޭނުންވެއެވެ. ނަމަވެސް ޖެހިލުންވަނީ ކީއްވެގެންކަމެއް ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ.

އެކި ކަންކަމާއި މެދުގައި ފިކުރުހިންގަމުން ނުހައިކް ތައްޔާރުވެ ނިންމައިލިއެވެ. އަދި ދޮރުހުޅުވައިލަމުން ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝަޔަމް ވެސް އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓެވެ.

ހޮޓެލުގެ އެންމެ ތިރީބައިގައި ހުންނަ ރެސްޓޯރެންޓުން ސައި ބޮއެގެން ދެމީހުން އެކުގައި ބޭރަށް ނުކުތްއިރު ޝަޔަމްގެ ކާރު ހޮޓެލް ކުރިމަތީގައި އޮތެވެ.

"ތަނަކަށް ދާންތަ ޝަޔަމް ތިއުޅެނީ؟" ހައިރާންވެފައި ނުހައިކް އަހައިލިއެވެ. "އަހަރެން އެކަންޏެއްނޫން.. ނުހައިކްވެސް.." ނުހައިކްއަަށް ބަލަންހުރި ޝަޔަމް ބުނެލިއެވެ. އަދި އަންނާށޭ ބުނެލަމުން ކާރާއި ދިމާއަށް ހިނގައިގަތެވެ.

"ކޮންތާކަށް މިދަނީ؟" ޝަޔަމް އާއި ޖެހިގެން ކުރީ ސީޓަަށް އަރައި ހަމަޖެހިލަމުން ނުހައިކް އަހައިލިއެވެ. "ދިޔައީމަ އެނގޭނެ." ކާރު ސްޓާރޓް ކޮށްލަމުން ޝަޔަމް ބުނެލީ ހަމަޖެހިލައިފައި އިނދެއެވެ. ޑްރައިވަރަކާއި ނުލާ މިނޫނީ ޝަޔަމް އަމިއްލައަށް ކާރު ދުއްވަނިކޮށް ނުހައިކް ނުދެކެއެވެ.

ކާރުގައި ޝަޔަމް އައިސް މަޑުކޮށްލީ ބޮޑު ފިހާރައެއް ކުރިމައްޗަށެވެ. ނުހައިކްގެ ހައިރާންކަން އިތުރުވެގެން ދިޔައީ ޖަހައިފައިހުރި ބޮޑެތި ބިއްލޫރިތަކުގެ ތެރެއިން އެފިހާރައިން ވިއްކަންހުރި އެކިކަހަލަ ސާމާނުތައް ފެނިފައެވެ. މުސްލިމް އަންހެންކުދިން ލާފަދަ އެކި ޑިސައިންސްގެ އަބާޔާތަކަަށް ހުއްޓުންއަރައިފައި ބަލަހައްޓައިގެން ނުހައިކް ހުންނަން ފެށުމުން ޝަޔަމް އޭނާއަށް ގޮވައިލިއެވެ. އަދި ޝަޔަމްއާއި އެއްކޮށް އައުމަށް ބުނަމުން ކާރުން ފައިބައި އެފިހާރައާއި ދިމާއަށް ހިނގައިގަތެވެ.

ޝަޔަމްގެ ފަހަތުން ވަދެގެންދިޔަ ނުހައިކް ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. ނުހައިކް ސުވާލު އުފެދިފައިހުރީ އެފަދަ ފިހާރައަކަށް ޝަޔަމް އޭނާ ގޮވައިގެން އައުމުންނެވެ. ހަމަ ޔަގީނުންވެސް ޝަޔަމްއަކީ އެފަދަ ހެދުން ލައި އުޅޭ ކުއްޖެއްްނޫވިއްޔާއެވެ.

ޚިޔާލުގެ ކަނޑަކަށް ޣަރަގުވަމުންދިޔަ ނުހައިކް ސިހިފައި ބަލައިލީ ޝަޔަމް އޭނާގެ އަތުގައި ހިފައިލަމުން ކުރިމަތީގައިހުރި ހަރުގަނޑެއްގައި އަޅުވައިފައިހުރި ކަޅުކުލައިގެ ދޫ އަބާޔާއެއް ދައްކައިލުމުންނެވެ.

"މިހެދުން ނުހައިކްގެ ކޮއްކޮ އަަށް ހެޔޮވަރުވާނެތަ؟" އޭގެއަަށް ޝައުގުވެރިކަމާއެކު ބަލަންހުރެ ޝަޔަމް އަހައިލިއެވެ. ސުވާލުގެ ނަޒަރަކުން އެއްޗެއް ނުބުނެ ނުހައިކް ބަލަން ހުންނަން ފެށުމުން ޝަޔަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"ރޭގަ.. އަސްލު.. އަހަރެންނަށް ކަމެއްނުވެ ސަލާމަތްވީ ނުހައިކްގެ ސަބަބުން.. އެކަމަށް އަހަރެން ޝުކުރުވެރިވަން.. ނުހައިކް ގެންގުޅުނު ކޮތަޅު ފެނުނީމަ އެނގުނު ނުހައިކް އުޅުނީ ވިޔަފާރިކުރަންކަން.. އަދި އަހަރެންނަށްދިން ޝޯލް އެއީ ނުހައިކްގެ މަންމަ ނޫނީ ކޮއްކޮއަށް ގަތް އެއްޗެއްކަން.. އެކަމު ބޮޑަށް ހިތަށްއެރީ ނުހައިކްގެ ކޮއްކޮއޭ އެފަދަ އެއްޗެހި ބޭނުންކުރާނީ.. އަހަރެންގެ ސަބަބުން އެޝޯލް ހަޑިވީ.. އެހެންވެ އަހަރެން ހިތަށްއެރީ އަހަރެންގެ ފަރާތުން ހަދިޔާއެއްދޭނީއޭ.." ހެދުންތަކުގައި އަތްހާކައި ބަލަމުންދިޔަ ޝަޔަމް ބުނެލިއެވެ.

"އިޓްސް އޯކޭ.. ޝަޔަމް ބަދަލުގަ އެއްޗެއް ނުދިނަސް ރަނގަޅުވާނެ.." މަަޑުމަޑުން ނުހައިކް ބުނެލިއެވެ.

"ކީއްވެ؟ އަހަރެން ދޭ ހަދިޔާއެއް ގަބޫލުކުރުންވެސް ނުހައިކްއަށް މަނަލީތަ؟" މާޔޫސްކަން ވެރިވެގެންދިޔަ ޝަޔަމް އަހައިލިއެވެ.

"ނޫން.. އެހެނެއްނޫން.. އެއީ.. އެއީ އަހަރެން ތިމާނައިގަ ޝަޔަމްއަށް ކޮށްދިން ކަމެއްނޫން.. ބަދަލުގަ އެއްވެސް އެއްޗެއް ބޭނުމެއްނޫން.." ޝަޔަމްގެ ކުށްހީ ފިލުވައިލުމުގެ ގޮތުން ނުހައިކް އަވަސް އަވަހަށް ބުނެލިއެވެ.

"އަހަރެން ހެޔޮހިތުން އެއްޗެއްދޭން މިއުޅެނީ.. އެހެންނޫނަސް މީހަކު ހަދިޔާއެއްދިނީމަ އެކަން ގަބޫލުކުރުމެއްނޫންތަ އެންމެ ރީތި ގޮތަކީ.." ފަނޑު ހިނިތުންވުމަކާއެކު ނުހައިކްގެ މޫނަށް ބަލައިލަމުން ޝަޔަމް ބުނެލިއެވެ. ނުހައިކްވެސް ބޯޖަހައިލީ އިތުރަށް ޝަޔަމްއާއި ދެކޮޅުވެރިވާން ބޭނުންނުވުމުންނެވެ.

ނުހައިކްގެ އެހީއާއި އެކު ޝަޔަމް އެތަނުން އޭނާއަށް ކަމުދިޔަ ހެދުމެއް ނެގިއެވެ. އެހުރިހައިވަގުތު އެތަނުގައި އުޅުނުއިރު އެހެދުންތަކަށް އޭނާގެ ސަމާލުކަން ހުއްޓޭގޮތްވިއެވެ. އަދި އެތަނުގައި ބުރުގާ އަޅައިގެންތިބެ ހަރަކާތްތެރިވަމުންދިޔަ އެކި އަންހެނުންނަަށްވެސް ޝައުގުވެރިކަމާއެކު ޝަޔަމް ބަލަމުންދިޔައެވެ. އެމީހުން ހެދުން އަޅައިފައިތިބިގޮތް އޭނާއަށް ކަމުދާންވީ ސަބަބެއް ޝަޔަމްއަކަަށް ނޭނގުނެވެ. އަމިއްލަ ނަފުސަަށް ބަލައިލުމުން ނޭނގޭ ހުސްކަމެއް އޭނާއަށް އިހުސާސު ކުރެވުނެވެ. އޭނާ ލައިގެންހުރި ހެދުމާއި އެހެދުންތަކާއި އަޅައިކިޔައިލެވުނެވެ. ލަދުވެތި އިހުސާސަކުން ނަފުސު ބަނދެވިގެން ދިޔައިރު ފުރަތަމަ ފަހަރަށް އޭނާ ލައިގެންހުރި ހެދުމާއި މެދުގައި ޝަޔަމްއަަށް ވިސްނައިލެވުނެވެ. އެހިނދު ރޭގެ ހާދިސާތަކާއި މައިކްގެ ދުލުން އޭނާއާއި ދިމާއަަށް ބޭރުވެގެންދިޔަ ބަސްތަކާއި މެދުގައި ޝަޔަމްއަށް ފުންކޮށް ވިސްނައިލެވުނެވެ.

ތުންފިއްތައިލި ޝަޔަމް ލަސްލަހުން އޭނާގެ ގާތުގައިހުރި ނުހައިކްއަށް ބަލައިލިއެވެ. އޭރު ނުހައިކްވެސް ހުރީ ޝަޔަމްއަށް ބަލަހައްޓައިގެންކަމުން ދެމީހުންގެ ނަޒަރު ސީދާވެގެންދިޔައެވެ. ދެހިތުގެ ވިންދު އަވަސްވެގެންދިޔަހިނދު ޝަޔަމް އަވަސް އަވަހަށް އިސްޖަހައިލީ އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ސިއްރުކޮށްލުމުގެ ގޮތުންނެވެ.

"ޝަޔަމް ލަދުގަތީމަ ވަރަށް ލޯބި.." އަމިއްލަ އިޚުތިޔާރެއްނެތި ނުހައިކްގެ ދުލުން ބޭރުވި ޖުމުލައާއިއެކު އިސްއުފުލައިލަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ބުނެވުނު އެެއްޗަކާއި މެދުގައި ނުހައިކްއަށްވެސް ވިސްނައިލެވުނީ ދެނެވެ. ނޫންކަމަށް ހަދައިފައި ނުހައިކް އެހެންދިމާއަކަށް ބަލައިލިއިރު އެބަސްތަކުން ޝަޔަމްގެ ހިތުގެ ތެޅުން އިހުނަށްވުރެ އަވަސްވެގެންދިޔައެވެ.

(ނުނިމޭ)

  1. Avatar
    moderated

    އޯހޯ….ޝަޔަމް..އަށް…ބްލަޝްވާން…ވެސް…ވެސް..އެނގޭދޯ..😉😮😎.. ބައިދަވޭ… މާަޝާ..ﷲ.. މަބައިވެސް ވަރަށް ރީތި..އިނގޭ ނައު..ސިސް💟💞💜💖💯… ނައު…ސިސްގެ އޭޖެ ކިހާވަރެއްތަ؟😞😒.. 18..ވަނަ..ބަޔަށް.. އިންތިޒާރު..ކުރަން😎💞💜💯.. ކޮންދުވަހަކަުން..ދެން އިން..ޕާޓް..😉😎💖💟 (:

    1. Naufa

      ހެހެ. ތެންކްސް ރީން.. އައި އެމް 21 އިޔާރސް އޯލްޑް.. ދެން އިންބައި އިންޝާ ﷲ މާދަން.. ❤😘

  2. Avatar
    moderated

    ވަރަށް ރީތި ވާހަކައެއް

ޚިޔާލު ފޮނުއްވާ