ތިޔަ ލޯބީގައި - 16

"މައިކް" މައިކްގެ އަމަލުތައް އިމުން ބޭރުވެގެންދާހެންހީވެ އަމިއްލަ ނަފުސަށް ވެރިވަމުންދިޔަ ނުތަނަވަސްކަމާއި ހާސްކަމާއެކު ޝަޔަމްއަަށް ގޮވައިލެވުނެވެ. އެހެނަސް ޝަޔަމްގެ ބިރުވެރިކަމުން ފުރިފައިވިއަޑު ކާރުގެ ތެރެއަށް ހިނދިގެން ދިޔައީއެވެ.

ދެއަތުން މައިކްގެ އަތުގައިހިފައި އޭނާގެ މޫނާއި ދުރުކުރުމަށް ޝަޔަމް މަސައްކަތްކުރަމުންދިޔައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއްވަނީ އުފެދިފައެވެ.

"މައިކް.. ޕްލީޒް.. އާދޭސްކުރަން.. އަހަރެން ދޫކޮށްލާ.." އަޑަށް ބާރުލަމުން ޝަޔަމް ބުނެލިއެވެ. އަމިއްލަ އެދުމުން ފޯވަމުންދިޔަ މައިކްއަށް އެއަޑުއިވުނުހެނެއް ހިއެއްނުވެއެވެ. އެއަށްވުރެ އޭނާގެ ސިކުނޑި ހިޞާރުކުރަމުންދިޔަ ޝައިތާނީ ވަސްވާސް ގަދަވެފައިވެއެވެ. އިތުރަށް އޭނާގެ މޫނު ޝަޔަމްގެ މޫނާއި ގާތްކޮށްލަމުން އެއޮމާން މޫނުގެ އެތަން މިތަނުގައި އޭނާ ބޮސްދޭންފެށީ މޮޔައަކު ހެންނެވެ.

ހިތަށް ވެރިވެގަތް ރުޅިވެރިކަމާއެކު ހާސްވެފައިއިން ޝަޔަމް ކުއްލިއަކަށް މައިކްގެ އިސްތަށިގަނޑުގައި އަތުން ހިފައި ލުއްކެތްޖެހިއެވެ. ވީތަދުން ތެޅިގަނެފައި އޭނާއަށް ޝަޔަމްއާއި ދުރަށް ޖެހިލެވުނެވެ. ޝަޔަމްގެ ފަރާތުން ފެންނަމުންދިޔަ ގަދަހެދުންތަކުން މައިކްގެ ނަފުސު ހަމައިންނެއްޓިކަހަލައެވެ. ނިތަށް ރޫއަރުވައިލަމުން ބާރަށް ޝަޔަމްގެ ދެއަތުގައި އޭނާ ހިފެހެއްޓިއެވެ.

"ކޮބާތަ މައްސަލައަކީ؟ އަހަރެން މީ ޝަޔަމްގެ އެންމެ ގާތް އެކުވެރިޔާއެއްނު.. އަހަރެމެން ދެމެދުގަ މިފަދަ ގުޅުމެއްއޮތުމަކުން އެއީ މައްސަލައެއްކަމަކަށް އަހަރެން ނުދެކެން.. ޝަޔަމްވެސް ގަދަހެދުން ހުއްޓާލަބަލަ.. ތިރީތި ހަަށިގަނޑުގަ ރަނގަޅަަށް ނުބީހެވެނީސް އަހަރެންގެ އަތުން އެއްވެސް އަނިޔާއެއް ލިބޭކަށް ނޭދެން.. ޝަޔަމްއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް.. އެހެން ނޫނީ ވޭން އަޅާނީވެސް ހަމަ ތިހަށިގަނޑުގަ.. މަޑުން އިނދެބަލަ.. އަހަރެން ޝަޔަމްގެ ހިތް އުފާކޮށްދޭނަމޭ.." ރުޅިވެރިކަމާއެކު ފެއްޓި ވާހަކަ ނިންމައިލިއިރު މައިިކްގެ އަޑުގައިވީ މަސްތުކަމެވެ. ޝަޔަމްއަަށް އޭނާ ބޭނުންވެފައިއިން މިންވަރެވެ. ޝަޔަމްގެ ދެއަތުގައިހިފައި އޭނާ އާއި ދިމާއަށް މައިކް ދަމައިގަތެވެ. އެދިޔަ ބާރުމިނުގައިގޮސް ޝަޔަމްގެ މޫނު ޖެހުނީ މައިކްގެ މޭގައެވެ. ދެލޯމަރައިލަމުން މައިކް ޝަޔަމްގެ ބުރަކަށީގައި ފިރުމައިލިއެވެ. އަދި އޭނާ ލައިގެންއިން ހެދުމުގެ ފަހަތުގައިހުރި ޒިބާއި މަޑުމަޑުން އަތުން ކުޅެލިއެވެ.

"ނޫން.. ނޫން.. ޕްލީޒް މައިކް.. ނޫން.. އަހަރެންނަށް ތިހެން ނުހަދާ.. އަހަރެމެންގެ އެކުވެރިކަމުގެ ހައްގުގަ.. ޕްލީޒް.. އަހަރެން މީ ތިފަދަ ގޮތްގޮތަށް އުޅޭ ކުއްޖެއްނޫންކަން އެންމެ ރަނގަޅަށް އެނގޭނީ މައިކްއަށް.. ޕްލީޒް.. އަހަރެން ދޫކޮށްލާ.. އަހަރެން މައިކްއަށް ކުރާ އިތުބާރު ސުކުންތެއްގެ ތެރޭ ވެއްޔާ މޮޑެނުލާ.. އާދޭސްކުރަން.." މައިކްގެ މެޔުގައި ބޮލުން ތަޅަމުން ތެޅިފޮޅެމުންދިޔަ ޝަޔަމް އާދޭސްކުރަމުން ދިޔައެވެ. ވާހަކަދައްކަމުންގޮސް އޭނާއަށް ރޮވުނީ ކޮންއިރަކުކަމެއްވެސް ޚުދު ޝަޔަމްއަށް ބުނެދޭކަށް ނޭނގެއެވެ. އަބަދީއްސުރެވެސް އެންމެ ގާތްކޮށްދެކުނު، އެންމެ އިތުބާރުކުރި އެކުވެރިޔާގެ ފުށުން އެފަދަ ކަމެއް ފެނިދާނެކަމަށް ފަހަރެއްގައިވެސް ޝަޔަމް ހިއެއްނުކުރެއެވެ. އެހެނަސް މިރޭ މައިކްގެ އަމަލުތައްހުރިގޮތުން އޭނާއަށް ކުރެވުނީ ކިހައިބޮޑު ކުށްހީއެއްކަން ޝަޔަމްއަަށް ވިސްނުނެވެ.

"ތީއޭ މައްސަލައަކީ.. ޝަޔަމް ކީއްވެތަ ވަކި އެހެން އަންހެންކުދިން އުޅޭގޮތަށް ނޫޅެންވީ؟ އެންމެ ރެއަކު އަހަރެންނާ މިފަދަ ގޮތަކަށް ގާތްވެލިއަސް ޝަޔަމްއަށް ވާނެގެއްލުމެއް ނޯނާނެ.. މިއީ މައްސަލައެއްނޫނޭ.. އަހަރެން ޝަޔަމްއަށް ބޭނުންވާންފެށީ އިއްޔެއަކު މިއަދަކު ނޫނޭ.. ތިމަލުގެ ރަހަ ބަލައިލާހިތުން ހުންނަތާ ކިތަންމެ ދުވަހެއްވެއްޖެ.. އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު.. އަހަރެންނަށް އެފުރުސަތު ދީބަލަ.." މައިކް އެކޭ ހަމަބުއްދި ފިލައިފައިއިން މީހެކޭ ތަފާތެއްނެތެވެ. މިވަގުތު ޝަޔަމް އޭނާއާއި މެދުގައި ކޮންމެ ގޮތަކަށް ވިސްނިނަމަވެސް އޭނާއަށް ހެވެވެ. ފަހުންވެދާނެ ގޮތަކާއި މެދުގައި ފިކުރުހިންގުމަށްވުރެ އޭނާގެ ހަށިގަނޑުގައި އުފެދެމުންއައި އިހުސާސުތައް މާވަރުގަދައެވެ. މޮޔައަކުހެން ގަދަހަދަމުން ރޮމުން އާދޭސްކުރަމުންދިޔަ ޝަޔަމް މައިތިރިކުރެވޭތޯ އޭނާ މަަސައްކަތްކުރަމުން ދިޔައެވެ. ފަހަރެއްގައިވެސް ޝަޔަމްގެ ފަރާތުން ދެކޮޅުވެރިކަން ފެނިދާނެކަމަށް ހީވެފައިނެތުމާއިއެކު އޭނާގެ ސިކުނޑިއަށް އަތްްގަދަކުރަމުންދިޔަ ވަސްވާސްތަކުން މައިކްގެ ރުޅި ހަމައިންނައްޓާގޮތްވިއެވެ.

ހިފަހައްޓައިލައިގެންއިން ޝަޔަމްގެ ދެއަތަށް ބާރުކޮށްލަމުން އޭނާ ޝީޓާއި ދިމާއަށް މައިކް ކޮށްޕައިލިއެވެ. އަދި އަތުގައިހުރި ބާރެއް ލައިފައި ޝަޔަމްގެ ކޯމަތީގައި ޖަހަމުން ދެފަރާތުން ޝަޔަމްގެ ކޮލުގައިހިފައި އަނގަޔަަށް ފިތައިލިއެވެ. ވީތަދާއެކު ހޯސްލައިފައި ޝަޔަމްގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ބޭއިޚުތިޔާރުގައި ހިތާއިހިތުން އޭނާއަަށް ނުހައިކްއަށް ގޮވައިލެވުނެވެ. އަޑު ނީވޭނެކަން އެނގޭއިރުވެސް އޭނާ ސަލާމަތްކޮށްދިނުމަށް އެދެވުނެވެ.

"އެންމެ ހިނދުކޮޅަކުވެސް މައިތިރިވެގެން އިނދެބަލަ.. ތިއުޅެނީ އަހަރެންގެ އަތުން ބޮނޑިއެއްނުބޮވިގެންތަ؟" ޝަޔަމްގެ ކަރުނުންފުރިފައިވި ދެލޮލާއި ނަޒަރު ސީދާކޮށްލަމުން ދަތްކުނޑިވިކައިލައިފައި މައިކް ބުނެލިއެވެ. ހިތުގެ އެދުން ފުރިހަމަކުރުމަށް އެޅެމުންދިޔަ ހުރަސްތަކުން އޭނާގެ ބުއްދިއައްވެސް އަސަރުކުރަމުން ދިޔައެވެ. ގިސްލަގިސްލައިފައި ރޮއެގަންނަމުން ޝަޔަމްއަަށް ދެލޯމަރައިލެވުނެވެ. ހަދާނެގޮތެއްނޭނގި އޭނާގެ ސިކުނޑީގެ މަސައްކަތްވެސް ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. އިރުކޮޅަކު ޝަޔަމްއަަށް ބަލަން އިނުމަަށްފަހު އެއްމިޔަކަނުން ހިނިތުންވެލަމުން މައިކް އޭނާގެ މޫނު ޝަޔަމްގެ ދޮން ކަނދުރާއާއި ދިމާއަށް ތިރިކޮށްލިއެވެ. އަދި ޝަޔަމްގެ ކޯތާފަތުގައި ހިފަހައްޓައިގެންހުރި އަތް މަޑުމަޑުން ތިރިކުރަމުންގޮސް އޭނާ ލައިގެންހުރި ހެދުމުގެ ކޮނޑާދިމާލުންހިފައި ތިރިއަަށް ޖައްސައިލިއެވެ. ކަނދުރާއަށް އިހުސާސުވެގެންދިޔަ މައިކްގެ ހޫނު ނޭވާތަކާއެކު މެރިފައިވި ޝަޔަމްގެ ދެލޯ ކުއްލިއަކަށް އޭނާ ހުޅުވައިލިއެވެ. އަދި އަތަށް ލެވުނުހައި ބާރެއް ލައިފައި މައިކްގެ މޭގައިއަޅައި ދުރަށް ކޮށްޕައިލިއެވެ. ނުވިސްނައިއިން މައިކް ފަހަތަަށް ވިއްސައިގެންދިއުމާއެކު ލިބުނު ހަނި ފުރުސަތުގައި ކާރުގެ ދޮރު ހުޅުވައިލަމުން ޝަޔަމް އަވަހަށް އޭގެއިން ފޭބިއެވެ. ހަނދާންނެތިގެން ނަމަވެސް މައިކްއަަށް ކާރުގެ ދޮރު ތަޅުނުލެވުނުކަން ނަސީބޭ އެވަގުތު ޝަޔަމްގެ ހިތަަށް އެރިއެވެ.

އެއްއަރިއަކަށް އަޅުވައިލެވިފައިވި އަތްދަބަހުގައި ބާރަށް އަތުން ހިފަހައްޓަމުން ފަޔަށް ލެވުނުހައި ބާރެއްލައިފައި ޝަޔަމް ދުއްވައިގަތެވެ. އެވަގުތު ދަބަހުގެ ތެރެއިން އިވުނު އޭނާގެ ފޯނުގެ ރިންގް އަޑާއެކު ދުވަމުންދިޔަ ޝަޔަމް ފޯނު ނަގައި ބަލައިލިއެވެ. ސްކްރީނަަށް އަރައިފައިވި ނުހައިކްގެ ނަމުން ހިތްއަވަސްވެފައިހުރި ޝަޔަމް އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ނު.. ނުހަ.. އިކް.. ޕް..ލީޒް.. ސޭވް.. މީ.." ގިސްލެވިފައިހުރިލެއް ބޮޑުކަމުންނާއެކު ދުވަމުންދިޔުމުން ވާހަކަދެއްކުންވީ ޝަޔަމްއަަށް ދަތިކަމަކަށެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނާ ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.

*****

ޝަޔަމް ގާތުގައި އެއްޗެއް އަހައިލުމަށް ގުޅައިލި ނުހައިކްގެ މުޅި ނަފުސު ކުއްލިއަކަަށް އެލާޓަށް އައިކަހަލައެވެ. ދެލޯބޮޑުވެފައިހުރިއިރު އިވެމުންދިޔަ ޝަޔަމްގެ އަަޑުން މީހާއަަށް ހުއްޓުންއަރާގޮތްވިއެވެ. އަތުގައިއޮތް ކޮތަޅާއިއެކު ދުވެފައިކަހަލަގޮތަކަށް ނުހައިކް ހުރި ފިހާރައިން ނުކުތެވެ.

"ޝަޔަމް.. ވަޓްސް ރޯންގް؟ ކޮންތާކު ތިހުރީ؟" ފޯނު ކަންފަތުގައި ޖައްސައިބާރުކޮށްލަމުން ކަންބޮޑުވެފައި ނުހައިކް އަހައިލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝަޔަމްއަށް އެއްޗެއް ބުނެވުމުގެ ކުރިން ފޯނު ކެނޑިއްޖެއެވެ. ދެބުމަ ކައިރިވެގެންދިޔަ ނުހައިކް އަލުން ޝަޔަމްއަށް ގުޅަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އިރުކޮޅަކި ރިންގް ވުމަށްފަހު ފޯނުކެނޑުމުން ނުހައިކް ހާސްވާގޮތްވިއެވެ. އަތުން މޫނުގައި ފިރުމައިލަމުން މަގުމައްޗަށް ނުކުމެ ޓެކްސީއެއް ލިބޭތޯ އޭނާ މަސައްކަތްކުރަން ފެށިއެވެ. ނަސީބަކުން މާބޮޑު މަސައްކަތަކާއިނުލާ ޓެކްސީއެއް އޭނާއަށް ލިބުނެވެ. ކުރީ ޝީޓަށްއަރައި ހަމަޖެހިލަމުން އެހިސާބާއި އެންމެ ކައިރީގައިހުރި ކްލަބަށް ދިއުމަށް ނުހައިކް ބުނެލި އިރުވެސް ޝަޔަމްއަށް ގުޅޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ދާދި ދެންމެއަކާ ޖެހެންދެން ރިންގްވި ޝަޔަމްގެ ފޯނު އޮތީ މިހާރު ނިއްވައިލައިފައިކަމަށް ބުނަންފެށުމުން ނުހައިކްގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

ޓެކްސީގެ ދުވެލި މަޑުޖެހުމާއެކު ވަށައިގެން ނުހައިކް ނަޒަރު ހިންގައިލިއެވެ. ޝަޔަމް އަރައިގެންދިޔަ ކާރު އެހިސާބުގައި ނެތުމުން ޝަޔަމް އައީ އެކްލަބަށް ނޫންހެން ހީވެ ޓެކްސީ ޑްރައިވަރާއި ދިމާއަށް އޭނާ އެނބުރިލިއެވެ.

"މި ނޫން އެހެން ކްލަބެއް ދެން ނީނދޭތަ މިހިސާބުގަ؟" ކެތްތެރިކަން ކުޑަވެފައި އިނދެ ނުހައިކް އަހައިލިއެވެ. "ނޫން. މިމަގުގެ ތަންކޮޅެއް އެކޮޅުވެސް ހުންނާނެ ކްލަބެއް. އެތަނައްތޯ ދާންވީ؟" އަދަބުވެރިކަމާއެކު އެމީހާ އަހައިލިއެވެ. ނުހައިކް މަޑުމަޑުން ބޯޖަހައިލިއެވެ. އަދި ބޭރަށް ނަޒަރު ހުއްޓައިލީ ޝަޔަމްގެ އެއްވެސް އަސަރެއް އެއިން ހިސާބަކުން ފެނޭތޯއެވެ.

ކުއްލިއަކަށް ހުރަސްކޮށްލި ގޯޅިއެއެއްގެ ތެރެއިން އޭނާ އަށް ކާރެއް ފެނުނުހެން ހީވިއެވެ. އަދި އެކާރު ކައިރީގައި ދެމީހަކު ހަރަކާތްތެރިވާހެން ހީވެ ނުހައިކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. މަގަށްވެރިވެފައިއޮތް ފަނޑު އަލިކަމުގެ ތެރޭގައި ކޮންބައެއްކަން ސާފު ނުވިއަސް ނުހައިކް ބޭނުންވީ އޭނާގެ ހިތުގެ ހަމަޖެހުމަށްޓަކައި އެގޯޅި އަދި އެއްފަހަރު ބަލައިލުމަށްފަހު ދާށެވެ.

"ދެންމެ ހުރަސްކުރި ގޯޅި ކައިރިއަށް އަލުން ދެވިދާނެތަ؟ ސޮރީ.. އަހަރެން މި މަސައްކަތްކުރަމުން ދަނީ މީހަކު ހޯދަން.." ހިސާބަކަށް ކަންބޮޑުވެފައިއިނދެ ނުހައިކް ބުނެލިއެވެ. ނުހައިކްގެ މޫނަަށް ބަލައިލަމުން ޑްރައިވަރު ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ. އަދި ބޯޖަހައިލަމުން ކާރު ފަހަތަށް ޖައްސަންފެށިއެވެ.

"އެގޯޅިން އެއްޗެއް ފެނުނީތަ؟ އަސްލު އަހަރެން އެވަރަަށް އެގޯޅިތެރެއަކަށް ނުސްބަލަން.. ތިއީ ވަރަށް މަދުފަހަރަކު ނޫނީ ބަޔަކު އަންނަ ގޯޅިއެއްވެސް ނޫން.. އަހަރެން ވަރަށް އަޑުއަހަން ތިއީ ވަރަށް ނާމާން ހިސާބެކޭ ކިޔާއަޑުވެސް.. އެހެންވެ އާންމުކޮށް މިހިސާބުން ދަތުރުކުރިޔަސް މީހުން ވަރަަށް ތިގޯޅިއަށް ސަމާލުކަން ނުދޭނެ.." ކާރު ފަހަތަށް ޖައްސަމުން ޑްރައިވަރު ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ އޭނާގެ ވާހަކަތައް އަޑުއަހަން ނުހައިކް އިނެވެ.

ގޯޅީގެ އެއްކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު ލޯހިމަކޮށްލަމުން ނުހައިކް ތަންކޮޅެއް ރަނގަޅަށް އެގޯޅި ތެރެއަށް ބަލައިލިއެވެ. ފެންނަމުންދިޔަ މަންޒަރު ކޮންމެވެސް ވަރަކަށް އޭނާއަށް ފަހުމްވީ ދެނެވެ. އޭނާ ގާތުގައިއިން ޑްރައިވަރުވެސް ދެލޯބޮޑުކޮށްލަމުން ނުހައިކްގެ ކޮނޑުގައި ޖަހައިލިއެވެ.

"އަހަރުމެންނަަށް މިފެންނަނީ ރަނގަޅަަށްތަ؟ ހީވަނީ އެމީހަކު ގަދަކަމުން އަންހެންކުއްޖަކަށް ކަމެއްކުރަން އުޅޭހެން.." ކުޑަކުޑަކޮށް ކާރު އެދިމާލަށް އަނބުރައިލަމުން ޑްރައިވަރު ވާހަކަދެއްކިއެވެ. ކާރުގެ ހެޑްލައިޓުން މަގަށް ވެރިވެގެންދިޔަ އަލިކަމާއެކު ރޮވިފައި އެދިމާލަށް ބަލައިލި ޝަޔަމްގެ މޫނު ރީތިކޮށް ނުހައިކްއަށް ފެނުނެވެ. އެހިނދު އިނދެވުނުތަންވެސް ނުހައިކްއަަށް ނޭނގުނެވެ. އަވަސް އަވަހަށް ޓެކްސީއިން ފައިބަން އޭނާ އުޅެގަތެވެ.

"އެއީތަ ތިހޯދާ ކުއްޖަކީ؟ މައި ގޯޑް.. އަވަހަށްދޭ.. އަހަރެން ޕޮލިހަށް އެބަގުޅަން.." ކާރުގެ ހެޑްލައިޓުން އެޅިފައިވި އަލިކަމުގެ ތެރޭ ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައިއިނދެ ޑްރައިވަރު ބުނެލިއެވެ. އަދި ލައިގެންއިން ފަޓުލޫނުގެ ޖީބުން ފޯނު ނަގަމުން އަވަސް އަވަހަށް ނަމްބަރަކަށް ފިތައިލަމުން ކަންފަތުގައި ފޯނު ޖައްސައިލިއެވެ.

ޝަޔަމްގެ ގައިގައި އޮޅުލައިގެނެގެންކަހަލަ ގޮތަކަށްހުރެ ގަދަހަދަމުންދިޔަ ޝަޔަމް މައިތިރިކުރަން މައިކް މަސައްކަތްކުރަމުން ދިޔައެވެ. ޝަޔަމްއަށް ސަމާލުކަން ދެވިފައިވާލެއް ބޮޑުކަމުން އެގޯޅިއަށް ވެރިވެގެންދިޔަ އަލިކަންވެސް އޭނާއަށް ފާހަގަނުވެއެވެ. އެގޮތުގައިވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ ޝަޔަމްގެ ހަޑިގަނޑުން އުފާ ހާސިލުކުރެވޭތޯއެވެ. އޭރު އެކި ފަހަރުމަތިން މައިކް ގެނައި ހަރަކާތްތަކާއެކު ޝަޔަމް ލައިގެންހުރި ހެދުމުގެ އެކި ދިމަދިމާލުން އިރައިގެންގޮސްފައި ހުއްޓެވެ. ކަނައަތު ކޮނޑާއި ދިމާލުން އިރައިލައިފައިވީއިރު ހެދުމުގެ ތިރިންވެސް ތަންގަނޑެއް ވީދިފައިހުއްޓެވެ. އެހެނަސް ޝަޔަމް އުޅެމުންދިޔަ ގޮތުން އަދިވެސް އޭނާގެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ.

ޓެކްސީއިން ފައިބައިގެން ދުވެފައިކަހަލަ ގޮތަކަށް އެދިމާއަށް އައި ނުހައިކް މައިކްގެ ފަހަތުން ޓީޝާޓުގައި ހިފައި ދަމައިގަތެވެ. އެހިނދު ސިހިފައި ފަހަތަށް ބަލައިލި މައިކްގެ މޫނުގައި ގޮށްމުށުން އޭނާ ޖެހިއެވެ. ދިފާއުގައި މައިކްއަަށް ކަމެއްކުރާނެ އެއްވެސް ފުރުސަތެއްނުދީ ނުހައިކް އޭނަގެ ޓީޝާޓުގެ ކަރާއި ދިމާލުން ދެފަރާތުގައި ހިފައި ގެންގޮސް މައިކްގެ ކާރާއި ދިމާއަށް އޭނާ ކޮށްޕައިލިއެވެ. ވިއްސައިގެންގޮސް ކާރުބުޑަށް ޖެހުމާއެކު ރުޅިއައިސްފައި މައިކް ތެދުވިއެވެ.

"ކަލޭ ތީ ކާކުތަ މިދޭތެރަަށް ވަންނަން؟ ނުބެހޭ ކަންތަކާ ނުބެހި ހުރޭ." ނުހައިކްއާއި ދިމާއަށް އަންނަމުން މައިކް ހަޅޭއްލަވައިގަތެވެ. "އަހަރެން މީ ކޮންމެ މީހަކަސް ކަލެއަށް ކީއް.؟ ކަލޭ ދެން އެހަށިގަނޑުގެ އެންމެ ތަންފުކެއްގަ އިނގިލިކުރި ޖައްސައިލިއަސް އެއިން ކޮންމެ އިނގިއްޔެއް އަހަރެން ބިންދާލާކަށްވެސް ފަހެއް ނުޖެހޭނަން." ނުހައިކްގެ އަޑުވެސް އެހިސާބުގައި ގުގުމައިގެން ދިޔައެވެ.

ނުހައިކްގެ ގައިގައި ހިފައިގަންނަން އުޅުނު މައިކްއަށް ކުއްލި ސިހުމެއް ލިބުނީ އެހިސާބާއި ކައިރިން އިވިގެންދިޔަ ޕޮލިސް ކާރުގެ ސައިރަން އަޑުންނެވެ. ނުހައިކްގެ ގައިގައި ޖަހަަން އުޅެފައިވެސް އެޚިޔާލުދޫކޮށްލަމުން އެތަނުން ފިލަން އޭނާ އުޅެގަތެވެ. އެހެނަސް މައިކްއަަށް އެފުރުސަތު ނުދީ ވިސްނައިގެންހުރި ނުހައިކް އޭނާގެ ގައިގައި ހިފައިގަންނަމުން އޭނާ ހުއްޓުވިއެވެ. ގަދަހެދިއެއްކަމަކު މައިކްއަށް ނުހައިކްގެ ގާތުގައި ކުރިހޯދޭގޮތެއް ނުވިއެވެ. ޕޮލިސް ކާރު އައިސް އެތަނަށް މަޑުކޮށްލި އިރުވެސް އޭނާއަަށް ސަލާމަތްވެވޭގޮތެއް ނުވިއެވެ.

އެއްފަރާތްވެލަމުން ތިރިއަށް ވެއްޓިފައިއޮތް އަތްދަބަސް ނަގައި މޭގައި ޖައްސައިލަމުން ހާމަވެފައިވި ހަށިގަނޑު ނިވާކުރުމަަށް މަސައްކަތްކުރަމުންދިޔަ ޝަޔަމް ގިސްލެވިފައި އެމަންޒަރުތައް ބަލަން ހުއްޓެވެ. ރޮވިފައިހުރިލެއް ބޮޑުކަމުން އޭނާގެ މެޔަަށްވެސް ތަދުވަމުންދިޔައެވެ. ޕޮލިހުން މައިކްއާއި ހަވާލުވުމާއެކު ނުހައިކް އަވަސްވެގަތީ ޝަޔަމްއާއި ދިމާއަަށެވެ.

ޓީޝާޓު މަތިން ނުހައިކް ލައިގެންހުރި ޖެކެޓް ބައިލަމުން އަވަސް އަވަހަށް ޝަޔަމް އޭތި ލެއްވިއެވެ. އަދި އޭނާ ދަތުރުކުރި ޓެކްސީގެ ޑްރައިވަރު ގާތުބުނެ އޭނާ ގެނައި ކޮތަޅު ގެނައެވެ. ކޮތަޅު ހާވައިލަމުން އޭގެން އޭނާ ލަމްޔާއަށް ގަތް ފުޅާ ޝޯލް ނަގައި ޝަޔަމްގެ އުނަގަނޑާއި ދިމާލުން އޭނާގެ ދެފައިގެ ބޮޑުބައެއް ނިވާވާގޮތަށް އައްސައިލިއެވެ. އެހުރިހައިއިރު އިސްޖެހިފައިހުރި ޝަޔަމް އިސްއުފުލައިލަމުން ކަރުނަވީ ދެލޮލުން އޭނާގެ ގާތުގައި ހުރި ނުހައިކްއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެންދިޔައެވެ. ބާރަށް ރޮއެގަނެވުމާއެކު ބޭއިޚުތިޔާރުގައި އޭނާއަށް ނުހައިކްގެ ގައިގައި ބައްދައިގަނެވުނެވެ. ޝަޔަމްގެ ގިސްލުމުގެ އަޑުން މުޅި މާހައުލު ގުގުމަމުންދިޔައިރު، ހަވީއްރުއްސުރެ އުޑުމަތި ބައްދަމުންއައި ކަޅުވިލާތަކުން ވާރޭ އޮއްސައިގަތީ ހަމަކުއްލިއަކަަށެވެ. ޝަޔަމްގެ ހިތާމައިގައި މުޅި ދުނިޔެވެސް ބައިވެރިވަމުންދިޔަ ކަހަލައެވެ.

ރޫރޫއަޅަމުންދިޔަ ޝަޔަމް ގެނެސް މެޔާލައި ބާރުކޮށްލަމުން ލޯތްބާއެކު ނުހައިކް ޝަޔަމްގެ ބޮލުގައި ފިރުމައިލިއެވެ. އަދި ކުޑަކުއްޖަކު މަސަލަސްކުރާނެފަދައިން ޝަޔަމް ހަމައަކަަށް އެޅުވޭތޯ ނުހައިކް އުޅެގަތެވެ.

"ޝްޝްޝް.. ދެން ހުއްޓާލާ. އަހަރެން މިހުރީ އައިހެއްނު.. އަހަރެން ހުއްޓަ އިރާދަކުރެއްވިއްޔާ ޝަޔަމްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.. އަހަރެންނަށް އިތުބާރުކުރޭ.." ގަޔާއި ޝަޔަމް ދުރުކޮށްލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ނުހަނު އޯގާތެރިކަމާއެކު ނުހައިކް ފުހެލަދިނެވެ. އިރުކޮޅަކު ނުހައިކްގެ ދެލޮލަަށް ބަލަން ހުރުމަަށްފަހު އަނެއްކާވެސް ޝަޔަމް ނުހައިކްގެ ގައިގައި ބައްދައިލިއެވެ. ޝަޔަމްގެ ކޮނޑާއި ދިމާލުން ގަޔާއި ކައިރިކޮށްލައިގެންހުރެ އެތަނަށް އައިސް ހުއްޓުނު ޕޮލިސް އޮފިސަރާއި ނުހައިކް ވާހަކަދައްކަން ފެށިއެވެ.

*****

ޕޮލިސް ސްޓޭޝަނުން ނުކުމެ ޝަޔަމްގެ އަތުގައި ހިފައިގެން އައިސް ނުހައިކް ޓެކްސީއަަށް އެރިއެވެ. ހަމްދަރުދީގެ ބެލުމަކުން ހުއްޓުންއަރައިފައިއިން ޝަޔަމްއަށް ބަލައިލަމުން ޑްރައިވަރު ކާރުދުއްވައިލިއެވެ. އެމީހުންތިބޭ ހޮޓެލްގެ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު އެއްފަރާތުގައިއޮތް އޭނާ ގެނައި ކޮތަޅު ނަގަމުން ޑްރައިވަރަށް ފައިސާދެއްކުމަށްފަހު ޝުކުރު އަދާކޮށްލަމުން ޓެކްސީއިން ފައިބައި ޝަޔަމް ފެއިބުމަށް ނުހައިކް އެހީވެދިނެވެ. ރުއިން މެދުކެނޑިފައި ވީނަމަވެސް ޝަޔަމްހުރީ ބަސްމަދުވެ ފުންޚިޔާލަކަަށް ގެއްލިފައެވެ. އޭރުވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދިއުމުގެ ސަބަބުން މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުން މަދެވެ.

ހޮޓެލް ކައިރީގައި މަޑުކޮށްލަމުން ޝަޔަމްގެ މޫނުމަތި ފުހެލުމަަށްފަހު ތެމިފައިވި އެދިގު އިސްތަށިގަނޑު ނުހައިކް ރަނގަޅުކޮށްލައިދިނެވެ. އަދި ހުއްޓުންއަރައިފައި އޭނާގެ މޫނަށް ބަލަމުންދިޔަ ޝަޔަމްއަށް ފަަނޑު ހިނިތުންވުމެއްދެމުން ޝަޔަމް ގާތްކޮށްލުމާއެކު ހޮޓެލަށް ވަނުމަށް ހިނގައިގަތެވެ. ނަސީބަކުން ހޮޓެލް ތެރޭގައި ރިސެޕްޝަނުގައި ތިބި ކުދިން ފިޔަވައި އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އޮލަ ވާހަކައެެއްގައި ތިބި ޒުވާން ދެކުދިންގެ މާބޮޑު ސަމާލުކަމެއް ޝަޔަމްއާއި ނުހައިކްއަށް ނުހުއްޓުނީތީ ނުހައިކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ޝަޔަމްގެ ކޮޓަރި ކައިރިއަަށް މަަޑުކޮށްލަމުން އޭނާގެ ބޮލުގައި ފިރުމައިލުމަަށްފަހު އަރާމުކޮށްލަން ނުހައިކް ބުނެލިއެވެ. އަދި ޝަޔަމް އެކަނިވިޔަނުދީ އަބަދުވެސް އޭނާގެ ގާތުގައި ނުހައިކް ހުރެދޭނަންކަމަށް ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހަމައެކަނި ބޯޖަހައިލަމުން ޝަޔަމް ލަސްފިޔަވަޅުތަކެއްގައި ކޮޓަރިއަަށްވަދެ ދޮރުލައްޕައިލިއެވެ. އެއާއެކު ހިފަހައްޓަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް ދެލޮލުން އޮހޮރިގަތެވެ. އިންތަނަށް ތިރިވެލަމުން އެތައްއިރަކު އެހުރިހައިކަމަކާއި މެދުގައި ވިސްނައި ކަރުނައަޅަން ޝަޔަމް އިނެވެ. އަޑު ބޭރުވެދާނެތީ އަނގަމަތީގައި ދެއަތް އަޅައި ބާރުކޮށްލައިގެން އިންއިރު އެހިތުގައިވަނީ ދުވަހަކުވެސް ނުޖެހޭވަރަށް ޖެހިފައެވެ. މައިކްގެ އަމަލުތައް އެހިސާބަށް ދާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހަމަޔަގީނުންވެސް ޝަޔަމްގެ ފުށުން ނުބައި މެސެޖެއް މައިކްއަަށް ނުދެވޭކަން އޭނާއަށް ކަށަވަރުވެއެވެ. ދެން ކީއްވެހެއްޔެވެ؟ ރޮއެ ރޮއެގޮސް މީހާ ވަރުބަލިވުމުން ހަމަޖެހިލަން މަސައްކަތްކުރަމުން އިންތަނުން ތެދުވެ ފާޚާނާއާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.

މެންދަމުގެ ހަމަހިމޭންވަގުތެވެ. ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން މާހައުލުގައި ފިނިކަން ހިފައިލައިފައި ހުއްޓެވެ. މަޑު މިއުޒިކެއްގެ އަޑެއްފަދައިން އިވެމުންދިޔަ ވާރޭގެ އަަޑުންވެސް ތެޅިފޮޅެމުންދިޔަ ޝަޔަމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދެފަރާތަަށް ފުރޮޅި ފުރޮޅި އެނދުގައި އޮތުމަަށްފަހު އެންމެފަހުން ޝަޔަމް އެނދުންތެދުވިއެވެ. ނިދި އޭނާގެ ލޮލާއި ވަކިވެފައިވީއިރު ގިނައިރު ރުއިމުގެ ސަބަބުން ވަރުބަލިކަން އެދޮންމޫނުމަތިން ފައުޅުވަމުންދިޔައެވެ.

ލައިގެންހުރި ހެދުމުގެ މަތިން ބޯ ޖެކެޓެއްލަމުން ޝަޔަމް އައިސް އޭނާގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ދެތުންފަތް ތުރުތުރުއަޅައިލިއެވެ.

އޭނާގެ ކޮޓަރިއާއި ކުރިމައްޗަށް ވާގޮތަަށްހުރި ނުހައިކްގެ ކޮޓަރީގެ ކައިރީގައި އިނށީދެލައިގެން ނިދިޖެހިފައި ނުހައިކް އިނެވެ. ފައިކުރުކޮށްލެވިފައި ވީއިރު ދެއަތް ކަކުލުގައި އަޅުވައިލައިގެން ފާރުގައި ބޯޖައްސައިލައިގެން ނުހައިކް އިނެވެ. ލައިގެންއިން މެރޫން ސޯޓުބުރިއާއި ހުދު ޓީޝާޓުން ނުހައިކްވެސް އެއިނީ ފެންވަރައި ތާޒާވެގެންކަން ޝަޔަމްއަަށް އެނގުނެވެ.

ފުންނޭވާއެއްލަމުން ކޮޓަރީގެ ދޮރު ލައްޕައިލުމަަށްފަހު ޝަޔަމް އައިސް ނުހައިކް ގާތުގައި އިނށީނެވެ. ފާރުގައި ބުރަކަަށި ޖައްސައި ހަމަޖެހިލަމުން އޭނާގެ މޫނު ނުހައިކްއާއި ދިމާއަަށް ޝަޔަމް އަނބުރައިލިއެވެ. މިރޭ ނުހައިކް ނައިނަމަ އޭނާއަަށް ވާނެ ގޮތެއް ހިތަަށްއަރުވައިލައިކަށްވެސް ޝަޔަމް ބޭނުމެއްނުވެއެވެ. އޭނާގެ އަބުރާއި އިއްޒަތް ސަލާމަތްކޮށްދިން އެއިންސާނާއަށްޓަަކައި ޝަޔަމްގެ ހިތް ވަނީ ޝުކުރުން ފުރިފައެވެ.

ދެލޮލަަށް ބޮނޑިވެގަތް ކަރުނަތަކާއެކު ނުހައިކްގެ އިސްތަަަށިގަނޑުގައި ޝަޔަމްއަަށް ލޯތްބާއި ކުލުނާއެކު ފިރުމައިލެވުނެވެ. އެވަގުތު ކަރުނައިގެ ތެރެއިންވެސް ހިކިފައިވި އެތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ނުހައިކްއަށްޓަކައި އެހިތުގައިވި ޖަޒުބާތުތައް ފުންވެގެންދިޔައެވެ. އެހިތުގައި ޖަހައިލި އައު ވިންދާއެކު ޖަންބުކުލަ އަރައިގެންދިޔަ ކޯތާފަތުގައި ބޮސްދީފައި ކަރުނަތިއްކެތް ވެއްޓިގެންދިޔައެވެ.

"ލޯބި.. އަހަރެންނަަށް ލޯބި ވެވިއްޖެ.. އާން.. އަހަރެންނަށް ހަގީގަތުގައިވެސް ނުހައިކްދެކެ ލޯބި ވެވިއްޖެ.." ލަދުވެތި އިހުސާސުތަކެއް ވެރިވަމުންދިޔަ ޝަޔަމްގެ ޟަމީރުގެއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލި ޝަޔަމް ނުހައިކްއާއި ގާތްވެލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. "އައި ލަވް ޔޫ ނުހައިކް.. އައި ލަވް ޔޫ ސޯ މަޗް.." އެހިނދު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޝަޔަމްގެ ދެތުންފަތް ދެމެދުން އެހިތުގެ ސިއްރު ފައުޅުވެގެންދިޔައެވެ.

(ނުނިމޭ)

ސް

    Please log in or register to bookmark.
    4k

    4 ޚިޔާލު

    1. ވަރަށް..ރީތި....މާޝާ...ﷲ💟💯💯އައި..ސައިޑް...ނުހައިކް..ވިލް..ކަމް..ޔޭ..🎉🎊🎀🎈🎆🎇🎄..! ކޮންއިރަކުން ދެންއިން ބައި ! އައި ތިންކް ނުހައިކް ހިޔަރ ޝައިމް ސައިޑް "އައި ލަވްޔޫ ނުހައިކް.." 17 ވަނަ ބޔަށް އިންތިޒާރުކުރަން 😉☆

    2. ވާއު ސޯ ރޮމޭންޓިކް... ނެކްސްޓް ޕާރޓު ކޮންއިރަކު؟

    ޚިޔާލު

    Your email address will not be published.