ތިޔަ ލޯބީގައި - 13

ޝަޔަމް ބުނަންއުޅޭ ވާހަކައަކަށް ޝައުގުވެރިކަން ފައުޅުކޮށްލަމުން ނުހައިކް އޭނާގެ ހުރިހައި ސަމާލުކަމެއް ޝަޔަމްއަށް ހުއްޓައިލިއެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ޝަޔަމް ކުޑަކޮށް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.

"މިވަގުތަކު ނޫން. ކިހިނެއްވާނެ ލަންޗް ބްރޭކްގަޑީގަ؟ މިކޮޅުން މެންދުރުގެ ކެއުން ނަގަން..؟ ވަރަަށް ހަމަޖެހިގެންތިބެ އެވާހަކަދައްކަން އަހަރެން ބޭނުމީ.." ހަމަޖެހިލަން މަސައްކަތްކުރަމުން ޝަޔަމް ބުނެލިއެވެ. އެންމެ ރަނގަޅޭބުނެ ނުހައިކް އެކަމަށް އެއްބަސްވެލިއެވެ.

ގަޑިން މެންދުރު އެކެއްޖެހުމާއެކު މަސައްކަތްކުރަމުންދިޔަ މީހުންވެސް އެމީހުންގެ މަސައްކަތްތައް ހުއްޓައިލުމަަށްފަހު ބްރޭކަށް ދިޔައެވެ. ޝަޔަމް އެވަގުތުވީ ގެއަށްގޮސްކަމުން އޭނާ އަންނަންވާއިރަށް ނުހައިކް ފަސްވަނަ ފަންގިފިލައަށްގޮސް ވުޟޫކޮށްހަދައި މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމުނުއިރު ނަފުސަށްވަނީ ބަޔާންކުރަންދަތި ހަމަޖެހުމެއްލިބިފައެވެ. ނަމާދުކުރުމަށްޓަކައި ޖީބުންނަގައި އެއްފަރާތެއްގައި ބާއްވާލި ފޯނު ނެގިއިރު ޝަޔަމްގެ މިސްކޯލެއް ލިބިފައި އިނުމުން އަވަސް އަވަހަށް ލިފްޓާއި ދިމާއަަށް ހިނގައިގަންނަމުން ނުހައިކް ޝަޔަމްއަށް ގުޅައިލިއެވެ. އެއާއެކު ނުހައިކް ގާތުގައި އެތަނުގައި މަޑުކުރުމަށް ޝަޔަމް ބުނެލިއެވެ.

ހުޅުވިގެންދިޔަ ލިފްޓުން ފޭބި ޝަޔަމްގެ ފަހަތުން އާދިލް ފެނުމާއެކު ނުހައިކް އާދިލްއަަށް ހިތްހެޔޮ ހިނިތުންވުމެއްދިނެވެ. އާދިލްވެސް މަަޑުމަޑުން ބޯޖަހައިލަމުން ޝަޔަމްގެ ފަހަތުންގޮސް އަތުގައިހުރި ތަށިބަރި އޭނާ ދެއްކި ކުޑަ މޭޒުމަތީގައި ބަހައްޓައިލުމަށްފަހު އެތަނުން ދިޔައެވެ.

ދުރުގައިހުރި ނުހައިކްއަށް ގޮވައިލަމުން އޭނާ އިނށީދެގެންއިން ސޯފާއަށް ޝަޔަމް އިޝާރާތްކޮށްލިއެވެ. ޝަޔަމްގެ އިޝާރާތްވިސްނުނު މީހެއްފަދައިން ނުހައިކް އައިސް ޝަޔަމް އިނށީދެއިން ސޯފާގެ އަނެއްފަރާތުގައި އިނށީދެ ހަމަޖެހިލިއެވެ.

"ތީ.. ކޮންތާކުންގެނައި އެއްޗެއް؟" ޝަޔަމް މޭޒުމަތީގައި އަތުރަމުންދިޔަ ތަށިތަކަށް ބަލަންއިނދެ ނުހައިކް އަހައިލިއެވެ. "އަހަރެންގެ ގެއިން.. ކިހިނެއްވީ؟ ނުހައިކްއަށް ކަމުނުދާ އެއްޗެއް ހުރީތަ؟" ކުރަމުންދިޔަ މަސައްކަތް މަޑުޖައްސައިލަމުން ޝަޔަމް އަހައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނުހައިކް ބޯހޫރުވައިލިއެވެ.

ޝަޔަމް ދިއްކޮށްލިތައްޓަށް ކާއެއްޗެހި އަޅަމުން ނުހައިކް ބިސްމި ކިޔުމަަށްފަހު ކާންފެށިއެވެ. އެއަޑު އިވުނު ޝަޔަމްއަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ މަންމަ ފަރާތުގެ އާއިލާގައިތިބި އުމުރުން ދުވަސްވީމީހުންގެ ފަރާތުން ނޫނީ ޝަޔަމްއަށް އެފަދަ އަމަލެއްނުފެނެއެވެ. ހިތަަށްއެރި އެއްޗަކުން ހެވެން އުޅުނެއްކަމަކު ޝަޔަމް އޭނާގެ ހިނިގަނޑު އެތެރަށް ހިންދައިލިއެވެ. އަދި އޭނާވެސް ކާންފަށަމުން ނުހައިކްއަށް ނަޒަރު ހުއްޓައިލިއެވެ.

"ނުހައިކް.. އަހަރެން.. އަހަރެން ބޭނުން އަހަރެމެން ދެމެދު ރަނގަޅު އެކުވެރިކަމެއް އޮންނަން.. ފެންނަ ކޮންމެ ތަނަކުން މިހެން ޒުވާބުކޮށްހަދަންވެއްޖެނަމަ ކިހިނެއް އެކުގައި މަސައްކަތްކުރާނީ؟ އަހަރެންނަށް އެނގޭ އަހަރެންނަށްކަން ފުރަތަމަވެސް ނުބައި އިމްޕްރެޝަންއެއް ދެވުނީ.. އެހެންވީމަ އެހުރިހައިކަމެއް ރަނގަޅުކުރަންވެސް ބޭނުންވަނީ ޚުދު އަހަރެން.. އަހަރެންދެކޭ ގޮތުގަ މަސައްކަތުގެ މާޙައުލަކީ އެކުވެރި އެންމެންގުޅޭ މާޙައުލަކަށްވެގެން ނޫނީ މަސައްކަތްކުރުމަކީ ވަރަށް އުނދަގޫކަމެއް.." ޝަޔަމްގެ ވާހަކަތަކާ ގުޅިގެން ވަކިއެއްޗެއް ނުބުނި ނަމަވެސް އެވާހަކަތައްް ކަނުލައިއަޑުއަހަން ނުހައިކް އިނެވެ. އެތަންފެނި ހިތްހަމަޖެހިފައިއިނދެ ޝަޔަމް އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

"އަހަރެން ބޭނުން ނުހައިކްއަށް އޮފާރއެއް ދޭން. މިތަނުގެ މަސައްކަތްތަކުގަ ނުހައިކް ފާޅުކުރި އެކިޚިޔާލުތަކާ ނުހައިކް ތިގެންގުޅޭ ތޫނު ވިސްނުން އަހަރެންނަށް ވަރަށް ކަމުދޭ.. އޮސްޓްރޭލިއާގަ ހުރި އަހަރެންގެ ކޮމްޕެނީއަކީ އިންޓީރިއަރ ޑިޒައިނިންގްގެ މަސައްކަތްވެސްކޮށްދޭތަނެއް.. އަހަރެންވާނީ އެދާއިރާއިންވެސް ތައުލީމު ހާސިލްކޮށްފަ.. އަސްލު ބުނަން މިއުޅެނީ މީވެސް މިހާރު އަހަރެންގެ ތަނަކަށްވެފަ، އަހަރެންގެ ކޮމްޕެނީއަށްލިބޭ ތަފާތު އެކި ބޮޑެތި ޕްރޮޖެކްޓްސްގެ މަސައްކަތުގަ އަހަރެންނަށް ފާހަގަކޮށްލެވޭ މުއައްޒިފުން އަބަދުވެސް ބައިވެރިކުރުމަށް އަހަރެން ބޭނުންވޭ.. ނުހައިކްގެ އެބަހުރި އެހުނަރު.. އެހެންވީމަ ދެން އަހަރެން މިދައްކާ ވާހަކަތަކާމެދު ވަރަށް ފުންކޮށް ނުހައިކް ވިސްނައިލުމަށް އަހަރެން އެދެން." ދައްކަމުންދިޔަ ވާހަކަތައް މަޑުޖައްސައިލަމުން ފަރުވާތެރިކަމާއެކު ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ.

ޝަޔަމް ދައްކަމުންދިޔަ ވާހަކަތަކުން ނުހައިކްއިނީ ހައިރާންވެފައެވެ. ނަމަވެސް އެއްވެސް އެއްޗެއްނުބުނެ އޭނާ އިނީ ޝަޔަމްއަށް ވާހަކަދެއްކުމަށް ފުރުސަތުދީގެންކަހަލައެވެ. ޝަޔަމްގެ ވާހަކައެއްކޮށް ނިމުމުން ނޫނީ އެއްވެސް އެއްޗެއް ބުނާކަށް ނުހައިކް ބޭނުމެއްނުވިއެވެ.

"މިފެށޭ ހަފުތާގަ މިއޮފީސް ހުޅުވޭނެ.. އެއަށްފަހު ކުޑަ ދުވަސްކޮޅަކަށް އަހަރެން އެނބުރި އޮސްޓްރޭލިއާއަށް ދާނަން.. އަހަރެންގެ އެދުމެއް ނުހައިކް އަހަރެންނާއެކު މިދަތުރުގަ ބައިވެރިވުން.. މިއީ ވިޔަފާރި ދަތުރެއް.. އަހަރެންގެ ކުންފުންޏަށް އެބައޮތް ޕްރޮޖެކްޓްއެެއްލިބިފަ.. އޭގަ ފުދޭވަރަކަށް މީހުން ބައިވެރިވާނެ.. އަހަރެން.. އަހަރެން ބޭނުން ނުހައިކްވެސް މި ޕްރޮޖެކްޓްގަ ބައިވެރިވާން.. އެހެންވީމަ.. އަހަރެން ބޭނުން އަހަރެންނާއެކު މިދަތުރުގަ ނުހައިކްވެސް އޮސްޓްރޭލިއާއަށްދާން.. ލަފާ ކުރެވޭގޮތުގަ 2 ހަފުތާ އެކޮޅުގަވާނީ.. އަހަރެންނަށް އެންމެ ރަނގަޅު ވިސްނައިލައިފަ ނުހައިކް ވަކި ޖަވާބެއްދިނަސް.." ޝަޔަމް ވާހަކަދައްކައި ނިންމައިލުމަށްފަހު ނުހައިކްގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ. އެޚިޔާލު އޭނާގެ ސިކުނޑިއަަށް އައީ ނުހައިކްގެ ހުނަރުވެރި މަސައްކަތްތައްފެނިފައެވެ. ކަންކަން ކުރުމުގައި ނުހައިކް ގެންގުޅޭ ހަރުދަނާ ވައްޓަފާޅި ޝަޔަމްއަށް ވަރަށް ކަމުދެއެވެ. އެފަދަ ފުރުސަތެއް ނުހައިކްއަށް ހުޅުވައިލެވުނީވެސް އެހެންވެއެވެ. ކާމިޔާބުކަމާއެކު އެފަދަ ހުނަރުވެރި މުއައްޒިފުންގެ އެހީއާއެކު ނިންމައިލެވޭ ކޮންމެ ޕްރޮޖެކްޓަކީ އޭނާގެ މުޅި ކުންފުންޏަށްވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.

"އަޅުގަނޑު ވިސްނައިލަން ބޭނުން.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނުހައިކް ބުނެލިއެވެ. ޝަޔަމްއަށް އެގޮތްވެސް އެންމެ ރަނގަޅެވެ. ބޯހަޖަހައިލަމުން އޭނާ ހިނިތުންވެލިއެވެ.

"އަޅުގަނޑޭ؟؟ އަޅުގަނޑު ނުކިޔަސް އެންމެ ރަނގަޅޭ. އެހައި ފޯމަލްވާއެއްޗެއްނޫން.." ޝަޔަމްގެ ވާހަކައަށް ނުހައިކްވެސް ލުއިގޮތަކަށް ހީލިއެވެ. ދެމެދަށްވެރިވި ހަމަހިމޭންކަމާއެކު ދެމީހުންވެސް ކައިނިންމައިލިއެވެ. ޝަޔަމްއަށް ޝުކުރުއަދާކުރަމުން ނުހައިކް ބްރޭކްގަޑި ނިމުމާއެކު އެނބުރި މަސައްކަތްތައް ކުރިއަށްދަމުންދިޔަ ފަންގިފިލާއަށް ދިޔައެވެ.

*****

މޯޅިއަކަށް ދެމިލަމުން ތެދުވި ޒާއިން މޫނުމަތީގައި އަތްހާކައިލަމުން ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ލަމްޔާގެ އެެއްވެސް ހިލަމެއްނެތުމުން އޭނާ ދިޔަތަނަކާމެދު ޒާއިންއަށް އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ކޮޓަރީގައިހުރި ބޮޑު ގަޑިއަށް ނަޒަރު ހިންގައިލިއިރު މެންދުރުން އަނބުރައި 2 ޖަހަނީއެވެ. ހޭވިފައިވި އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން އިންތަނުން ތެދުވެ ތުވާލި ހިފައިގެން ޒާއިން ފާޚާނާއަށް ވަނެވެ.

މާގަނޑުން އޮހެމުންދިޔަ ފެންތަކުގެ ދަށުގައި ވައަތް ފާރުގައި ވިއްދައިލައިގެން ޒާއިން ހުއްޓެވެ. އޭރު ފަތިހު ހިނގައިދިޔަ ހާދިސާ ތަކުރާރުކޮށް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައެވެ. ލަމްޔާގެ ހިތްދަތިވެފައިވާ މޫނާއި ޖެހިލުންވެފައިހުރެ ޒާއިންއާއި ދުރަށް ދިޔަގޮތް އޭނާގެ ސިކުނޑީގައި ހަރުލައިފައިހުރި ކަހަލައެވެ. އެއާއެކު ނުހައިކް ދެއްކި ވާހަކަތައްވެސް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ. އަނެއްކާ... ޒާއިންއަށް ކަންތައްކުރެވުނުގޮތުން ލަމްޔާ އެނބުރި އޭނާގެ ގެއަަށް ދިޔައީބާވައެވެ؟ ހިތަށްވެރިގަތް ސުވާލާއެކު ޒާއިންއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އެއީ އޭނާ ގަސްދުގައިކުރިކަމަކަށް ނުވާއިރުވެސް އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔައެވެ. ހިތާއި ސިކުނޑިއާއި ދެމެދުގައި ބޮޑު ބަހުސެއްކުރިއަށްދަމުންދިޔަ ކަހަލައެވެ. ހިތް އެދެމުންދިޔައީ ލަމްޔާގެ ކިބައިން މައާފަށް އެދުމަަށެވެ. އަދި އެެދިރިއުޅުމަަށް ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ސިކުނޑި އޭނާއަށް ހަނދާންކޮށްދެމުން ދިޔައީ އެއީ މަޖުބޫރުން ކުރެވުނު ކައިވެންޏެއްކަމެވެ. ވީއިރު ޒާއިންއަށް ކުރެވުނު ކަންތަކާއި ބުނެވުނު ބަސްތަކުގައި އޭނާގެ އެއްވެސް ކުށެއް ނެތްކަމެވެ. އަދި މައާފަށްއެދި ލަމްޔާގެ ގާތުގައި ޒާއިން ދަށްވާކަށް ނުޖެހޭނެކަމެވެ. އޭނާއަކީ ތޮއިބާއާއި ލަމްޔާ ބުނާހައިގޮތެއް ހަދަންހުރި މީހެއްނޫންކަމެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އެދިރިއިޅުން ކުރިއަށް ގެންދާނީ އޭނާ ބޭނުންވާ ގޮތަކަށެވެ. ވިސްނިވަރަކަށް ޒާއިންއަށްވެސް ބުރަވެވުނީ ސިކުނޑީގެ ކޮޅަކަށެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒާއިން ފެންވަރައި ނިންމައިލަމުން އުނަގަނޑުގައި ތުވާލި އަނދެލުމަށްފަހު ފާޚާނައިން ނުކުތެވެ.

އެވަގުތު ކޮޓަރިއަަށްވަދެގެންއައި ލަމްޔާއަށް ޒާއިންފެނި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އެތަންފެނި ޒާއިންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދާދި ދެންމެއަކު އޭނާގެ ޟަމީރު ވިސްނައިދިން ހުރިހައިކަމެއްމަތިން އޭނާ ހަނދާންނެތުނުކަހަލައެވެ. ހިނިއައިސްފައިހުރެ މަޑުހިނގުމެއްގައި ޒާއިން އައިސް ލަމްޔާގެ ކުރިމައްޗަށްވާގޮތަށް މަޑުކޮށްލިއެވެ.

ޒާއިން އައިސް ހުއްޓުމާއެކު ލަދުގަނެ ޖެހިލުންވެފައިހުރި ލަމްޔާ އިސްޖަހައިލިއެވެ. ފަތިހު ދިމާވި ކަންތަކަށްފަހު އޭނާ ހުރީ ޒާއިންދެކެ ބިރުގަންނަގޮތްވެފައެވެ. ހިންދިރުވައިލަމުން ލަމްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ޒާއިން އާއި ދުރުވެލުމުގެ ގޮތުންނެވެ.

ލަމްޔާ އުޅެމުންދިޔަގޮތާއި އެމޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ޒާއިންއަށް މަޖާވިއެވެ. އަމިއްލަ ނަފުސުގެ މައްޗަށްއޮތް ކޮންޓްރޯލް ގެއްލި ލަމްޔާއާއި ސަމާސަކޮށްލަން އޭނާގެ ހިތް އެދުނެވެ. ކުރިމަތީގައި އޭނާގެ ހިތަށް އެންމެ ފުރަތަމަ އަސަރުފޯރުވި އަންހެންކުއްޖާ ހުއްޓައި އޭނާއަށް މަޑުން ހުރެވިދާނެހެއްޔެވެ؟

ލަމްޔާ ފަހަތަށް އަޅައިލާ ކޮންމެ ފިޔަވަޅަކަށް ޒާއިން ލަމްޔާގެ ގާތަށް ފިޔަވަޅެއް އަޅައިލައެވެ. ހަނދާނެގޮތެއް ނޭނގި ލަމްޔާ ކަންބޮޑުވާގޮތްވިއެވެ. ޒާއިން އޭނާއަށް ކަމެއްކުރަން އުޅެނީއޭ ހިތައި ލަމްޔާގެ ހިތަށް ބިރުވެރިކަން ވަންނަންފެށިއެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓެމުން ލަމްޔާ ދެއަތްދެއަތާ މޮޑެންފެށީ ހަދާނެ ގޮތެއް ނުވަތަ ބުނާނެ އެއްޗެއް ވިސްނައިލަމުންނެވެ.

ލަމްޔާގެ ކުރިމަތީގައި ހުއްޓެމުން ކަންބޮޑުވެފައިހުރި ލަމްޔާގެ ދަތްދޮޅީގައި ހިފައި ޒާއިން އުފުލައިލިައެވެ. އެއާއެކު ބިރުންހުރި ލަމްޔާ ލަސްލަހުން އޭނާގެ ދިގު އެސްފިޔަތައް އުފުލައިލަމުން ޒާއިން އާއި ލޮލާލޯ އަމާޒުކޮށްލިއެވެ.

ހާސްކަން އެކުލެވިފައިވި ލަމްޔާގެ ދެލޮލަށް ބަލަހައްޓައިގެން ޒާއިންއަށް އިރުކޮޅަކު ހުރެވުނެވެ. އެބޮޑު ދެލޮލުން ބަލަމުންދިޔަގޮތުން ޒާއިންގެ ހިތުގެ އެންމެ ހިމަނާރަށް އަސަރުކުރުވައިފިއެވެ. ބޭއިޚުތިޔާރުގައި ޒާއިންއަށް ލަމްޔާގެ ދަތްދޮޅީގައި ބޮޑުވައިއިނގިލިން ފިރުމައިލެވުނެވެ. ޒާއިންގެ އެއަމަލުން ހިންދިރުވައިލި ލަމްޔާގެ ތުންފަތުގައި މަޑު ތުރުތުރެއް އުފެދިގެންދިޔައެވެ. އެމަންޒަރުފެނި ޒާއިން އިތުރަށް ލަމްޔާ އާއި ގާތްވެލިއެވެ.

ޒާއިން ގާތްވަމުންދިޔަވަރަކަށް ލަމްޔާގެ ހަަށިގަނޑުގައިވެސް މަޑު ތުރުތުރެއް އުފެދިގެންދިޔައެވެ. އިތުރަަށް ޒާއިންގެ މޫނަަށް ބަލަން ނުކެރި އަވަސް އަވަހަށް ލަމްޔާ ދެލޯމަރައި ބާރުކޮށްލިއެވެ. ހިނިއައިސްފައިހުރެ ޒާއިން އޭނާގެ އަނގަ ލަމްޔާގެ ކަންފަތާއި ކައިރިކޮށްލިއެވެ.

"ތި ބޮޑު ދެލޮލުން ތިގޮތަށް ބަލަންޏާ އަހަރެން ކުރަން ގަސްދުގައިނެތް ކިތަންމެ ކަމެއްވެސް އަހަރެންގެ އިޚުތިޔާރުން ބޭރުގައި ކުރެވިދާނެ.. އެހެންވީމަ.. ދެން.. ތިގޮތަށް ނުބަލައްޗޭ.." ސިއްރެއް ބުނެލާފަދައިން ޒާއިން ބުނެލިއެވެ. އަދި ލާނެތް ހިންޏެއް އައިސްފަައިހުރެ ލަމްޔާ އާއި ދުރަށް ޖެހިލަމުން އޭނާގެ ފުރަގަހުގައި އެއްއަރިމަތީގައިހުރި އަލަމާރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ޒާއިން ބުނެލި ބަސްތައް ލަމްޔާގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ދެލޯހުޅުވައިލަމުން ކަނައަތްގެނެސް މޭގައި ޖައްސައިލަމުން ލަމްޔާ ފުންނޭވައެއްލިއެވެ.

ހަމަޖެހިލަން މަސައްކަތްކުރި ނަމަވެސް އޭނާގެ ހަށިގަނޑުގައި އުފެދިފައިހުރި މަޑު ތުރުތުރާއި ރޯމަހެއް ތެޅޭހެން ތެޅެމުންދިޔަ ހިތުގެ ސަބަބުން އެކަންވީ އުނދަގޫކަމަކަށެވެ. ޒާއިންގެ ފަރާތުން އެފަދަ ކަމެއްފެނިދާނެކަމަށްވެސް ހީވެފައިނުވާއިރު ކުއްލިއަކަށް ލިބުނު ސިހުން ފިލުވައިލުމަށް ލަމްޔާއަށް ވަގުތުނެގިއެވެ.

ޒާއިންވެސް މިއީ އަޖައިބެއްކަހަލަ އިންސާނެކެވެ. އެއްސުކުންތު އޭނާގެ ފަރާތުން އެފަދަ ލޯބިވެތި އަމަލެއް ފެނިއްޖެނަމަ ދެވަނަ ސުކުންތުގައި ދުރުމީހަކުފަދައިން އޭނާ ލަމްޔާއާއި މެދުގައި ކަންތައްކުރަންވީ ސަބަބައެއް ލަމްޔާއަކަށް ނުވިސްނުނެވެ. ރޭގައި ލަމްޔާގެ ގައިމަތީގައި އެރަޖާގަނޑު އަޅައިދިނީވެސް ޒާއިން ކަމާއިމެދުގައި އޭނާ ޝައްކެއްނުކުރެއެވެ. އެހެނަސް ފަތިހު ޒާއިންގެ ފުށުން ފެނިގެންދިޔައީ ލަމްޔާ ދުވަހަކުވެސް ހިތަށް ނާރާފަދަ ހަރުކަށިކަމާއި ރުޅިވެރިކަމެވެ. އެއްގޮތަކަށްވެސް އެއަރަތެއްކަހަލަ އިންސާނާ ހައްލުކުރާނެގޮތެއް ލަމްޔާގެ ސިކުނޑިއަކަށް ނައެވެ.

(ނުނިމޭ)

    Please log in or register to bookmark.
    4k

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.