ތިޔަ ލޯބީގައި - 9

"އޯ ގޯޑް. އަހަރެންނަަށް ކިހިނެއްތަ މިވަނީ؟ މީ..މީ ދުވަހަކުވެސް އަހަރެންނަށްވީ ގޮތެއްނޫން. ގޯޑް.. އައި.. އައި ކާންޓް ސްޓޮޕް އިމޭޖިނިންގް ދޯސް އައީސް.. އުގްގްގް... ޝަޔަމް.. ސްޓޮޕް އިޓް.. ކާމް ޑައުން.." ތުންފަތުގައި ދައިގަންނަމުން އަމިއްލަ ނަފުސަށްއެކަނި އަޑުއިވޭވަރަަށް ޝަޔަމް ބުނެލިއެވެ.

ފުންނޭވާއެއްލައި ނަފުސް ހަމަޖައްސާލަމުން މަޑުމަޑުން ނުހައިކްހުރި ދިމާލަށް ޝަޔަމް ބަލައިލިއެވެ. ލައިގެންހުރި ފަޓުލޫނުގެ އެއްޖީބަށް އަތްޖަހައިލައިގެންހުރެ އަނެއްއަތުން އިޝާރާތްތަކެއްކުރަމުން ގާތުގައިހުރި މީހާއަށް ނުހައިކް ކޮންމެވެސް އެއްޗެހިތަކެއް ކިޔައިދެމުން ދިޔައެވެ. އިރުކޮޅަކު ނުހައިކްއާއި ދިމާލަށް ބަލަންހުރުމަށްފަހު ޝަޔަމް އެދިމާލަށް ހިނގައިގަތެވެ.

ގާތުގައި އައިސް ހުއްޓުނު ޝަޔަމްފެނި ނުހައިކްގެ ވާހަކަތަކަށް މަޑުޖެހުމެއްއައެވެ. ލޮލުގެ ހިމަކޮޅުން ޝަޔަމްއަށް ބަލައިލަމުން ކަރުކެހިލައިފައި އަނެއްކާވެސް އޭނާ ވާހަކަދައްކަން ފެށިއެވެ. އެއްވެސް ބަހެއްނުބުނެ ނުހައިކްގެ މޫނަށް ބަލަހައްޓައިގެން ޝަޔަމް ހުންނަން ފެށުމުން އޭނާއަށް އުނދަގޫވާންފެށިއެވެ. ޝަޔަމްއަށް ކުއްލިއަކަަށް މިއައި ބަދަލާއިމެދުގައި އޭނާހުރީ ސުވާލުއުފެދިފައެވެ. އެހެންޏާ އަބަދު އޭނާއަށް ކޮންމެވެސް ޖެއްސުމެއްކުރުމުގައި އުޅޭ ޝަޔަމް އެވަގުތު ހަމަހިމޭންވެފައި ހުރުމުން ވާނީވެސް އެހެންނޫންހެއްޔެވެ؟

"ތަނަކަށް ތަދުވަނީތަ؟ ނުބުނެ ހުއްޓަސް ނޭނގޭނެ." ގާތުގައިހުރި މީހާ ފޮނުވާލަމުން ނުހައިކް ޝަޔަމްއާއިވީ ދިމާލަަށް އެނބުރިލައިފައި އަހައިލިއެވެ. ލަސްލަހުން ޝަޔަމް ދެފަރާތަަށް ބޯހޫރުވައިލިއެވެ. "ޔަގީންތަ؟" ނިތްއަރުވައިލަމުން އަނެއްކާވެސް ނުހައިކް އަހައިލިއެވެ. ޝަޔަމް ހޫން ލައްވައިލުމާއެކު ދެންއިތުރަަށް ވާހަކައެއް ފައްޓާކަށް ނުހައިކް މަސައްކަތެއް ނުކުރިއެވެ.

ދުވަހުގެ ބާކީބައި ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ހަމަހިމޭންވެފައި ޝަޔަމް އެތަނުގައި އުޅެމުންދިޔައިރު ކުރިއެކޭވެސް އެއްގޮތަަށް އެކިމީހުނަށް ކަންކަން ބުނެދިނުމުގައި ނުހައިކް އުޅުނެވެ.

އިރުއޮއްސުމާއެކު އެދުވަހުގެ މަސައްކަތްތައް ނިންމައިލުމަށްފަހު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ގްރޫޕް ދިޔައެވެ. މުޅިދުވަހު ކުރެވިފައިހުރި ކަންތައްތަކަށް ނަޒަރު ހިންގައިލަމުން ނުހައިކްވެސް އޮފީހުން ނުކުތުމަަށްޓަކައި ލިފްޓާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނާގެ ފަހަތުން ޝަޔަމްވެސް ހިނގައިގަތީ ހިތްހަމަޖެހިފައިހުރެއެވެ. ނުހައިކްގެ ތޫނުފިލި ވިސްނުންފެނި ހަގީގަތުގައިވެސް ޝަޔަމްއަަށް ހިތާހިތުން ތައުރީފުކޮށްލެވުނެވެ.

*****

ދެލޯމަރައިލައިގެން ނިތުގައި އަތް ބާވައިލައިގެންއޮތް ޒާއިންއަށް ސިފަވަމުންދިޔައީ ލަމްޔާގެ ލޯބި މޫނުކޮޅެވެ. އެގެއަށް ގޮސްފައިއައިފަހުން މިއީ އޭނާގެ އާދައެވެ. ދެލޯ ހުޅުވައިގެން ހުއްޓަސް، ނުވަތަ މަރައިގެންހުއްޓަސް އޭނާއަށް ހީވަނީ ލަމްޔާ ފެންނަހެންނެވެ. އެއްގޮތަކަށްވެސް މިވަނީ ކިހިނެއްކަމެއް އޭނާއަކަށް ނުވިސްނެއެވެ.

އަލަށް ކުރެވެމުން މިދިޔަ އިހުސާސުތަކާ ޒާއިންގެ ހިތް ގަޔާވި ނަމަވެސް އޭނާ މަސައްކަތްކުރަމުންދިޔައީ އެއިހުސާސުތަކާ ދުރުހެލިވުމަށެވެ. އެއްގޮތަކަށްވެސް އެފަދަ އިހުސާސެއްގައި އަމިއްލަ ނަފުސް ބަނދެވިގެން ދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެއިހުސާސުތައްދެކެ އޭނާ ޖެހިލުންވަނީ އެހެންވެއެވެ.

މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން ޒާއިން ދެލޯހުޅުވައިލިއެވެ. މިފަދަ ޚިޔާލުތަކެއްގައި އޮންނަންވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. މޫނުގައި ދެއަތް އުނގުޅައިލަމުން ޒާއިން ތެދެވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. އޭނާ ބޭނުންވަނީ ހިނދުކޮޅަކަށްވިއަސް އޭނާގެ ސިކުނޑިކަމުންދިޔަ ޚިޔާލުތަކާ ދުރުވެލާށެވެ.

ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ނަގަމުން އޭގެއިން ޓެލެގްރާމް ހުޅުވައި އޭނާ ބޭނުންވި ގްރޫޕަށް ވަދެލިއެވެ. ދާންވީ މަންޒިލަށް އިރުކޮޅަކު ބަލަން އިނުމަަށްފަހު އޭނަ އެނދުން ތެދުވެ ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުތެވެ.

ދަންވަރުގެ އެވަގުތު މުޅި ގެއަަށްވަނީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ތޮއިބާވީ ހޮސްޕިޓަލުގައިކަން ދެނެހުރެ ޒާއިން އަވަސް އަވަހަށް ގެއިން ނުކުތުމަށް ހިނގައިގަތެވެ. ގަރާޖުން ކާރު ނެރުމަށްފަހު އޭނާގެ މަންޒިލާއި ދިމާލަށް ޒާއިން ކާރު ދުއްވައިލިއެވެ. އޭނާގެ ހަށިގަނޑު މިވަގުތު ގޮވަމުންދިޔައީ ކޮންކަމަކަށްކަން އޭނާއަށް އެނގޭކަހަލައެވެ. އެހަށިގަނޑުގެ ބޭނުން ނުފުދެނީސް އޭނާއަށް ހަމަޖެހުމެއްނުވެއެވެ.

ހަބުރިއަށް ނަގައިފައިހުރި ގެއެއްގެ ކުރިމަތީގައި ކާރު ޕާރކްކޮށްލަމުން ޒާއިންގޮސް އެގެއަށްވަނެވެ. އަދި ލިފްޓަށް އަރަމުން ހަޔަކަށް ފިތައިލިއެވެ. ލިފްޓްއައިސް ހަވަނަ ބުރިއަށް ހުއްޓުމާއެކު އޭގެއިން ފައިބައިގެން އައިސް ކުރިމަތިން ފެންނަންހުރި ދޮރު އޭނާ ހުޅުވައިލިއެވެ.

އިވެމުންދިޔަ މިއުޒިކާއި އެއްވަރަށް ދެޖިންސްގެ ޒުވާނުން ނަށަމުންގެންދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. ދެބައިމީހުން މަސްހުނިވެ އެކި ހިސާބުތަކުގައި ކުދި ކުދި ގްރޫޕް ހަދައިލައިފައިވީއިރު އެއިން އެއްވެސް ކަމަމަށް ސަމާލުކަމެއްނުދީ ޒާއިން އައިސް ހުއްޓިލީ ބުއިންތައް އަތުރާފައިހުރި މޭޒު ކައިރިއަށެވެ. އެތަނުން ތައްޓެއްނަގަމުން ޒާއިން ރަހަބަލައިލިއެވެ.

އަރުތެރޭން އެތެރެވެގެންދިޔަ ރާފޮދާއެކު އޭނާގެ ހާސްވެފައިވި ސިކުނޑިއަށް ހަމަޖެހުން ލިބުނުކަހަލައެވެ. ތުންފަތަށްވެރިވި ހިނިތުންވުމާއެކު އެތަށި ގެނެސް ތުނބުގައިޖަހަލައިމުން އެއްފަހަރުން އޭނާ އެބޮއެހުސްކޮށްލިއެވެ. އެވަރުންވެސް ޒާއިންގެ ހިތްހަމަޖެހުނުހެނެއް ހީއެއްނުވެއެވެ. ހުރިފިޔަވަޅު މަތީގައިހުރެ ދެތިންތަށި އޭނާ ހުސްކޮށްލިއެވެ. ދެލޯމަރައިލަމުން ދެފަރާތަށް ޒާއިން ބޯހޫރުވައިލިއެވެ. ކުރެވުނު ކަންތަކުން ލިބުނު ހަމަޖެހުމާއެކު ޒާއިންއަށް ބާރަށް ހީގަނެވުނެވެ. އެހެނަސް އިވެމުންދިޔަ ގަދަ މިއުޒިކުގެ ތެރެއަށް ޒާއިންގެ އަޑު ފޭދިގެންދިޔައީއެވެ.

*****

ބަލިއެނދުގައި ދެލޯމެރިފައިއޮތް ނަޒީމްގެ އަތުގައި ފިރުމަން ތޮއިބާ އިނީ ހަމަހިމޭންވެފައެވެ. ނަޒީމް ފެންނަ ކޮންމެ ވަގުތަކު އެހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވައެވެ. ލޮލުން ކަރުނައިގެ ކޯރެއް އޮހޮރެންފަށަނީ އޭނާގެ އެއްވެސް ހުއްދައަކާނުލައެވެ. ތޮއިބާގެ ދެތުންފަތް ތުރުތުރުއަޅައިލުމާއެކު ދެތުންފަތް ދެމެދުން މަޑު އާހެއް ބޭރުވެގެންދިޔައެވެ.

ހިތްވަރުކޮށްފައި ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ނަޒީމްގެ މޫނަށް ތޮއިބާ ނަޒަރުހުއްޓައިލިއެވެ.

"ނަޒީމް.. އަހަ.. އަހަރުމެންގެ ދަރިފުޅު.. ޒާން.. ޒާންގެ.. ކައިވެނި ހަމަޖެހިއްޖެ... އެދަރިފުޅު ބޮޑުވެއްޖެ.. ނަޒީމް ޕްލީޒް.. ތިހެން.. ތިހެން ނޯވެ މިދެލޯ.. މިދެލޯ ހުޅުވާލަބަލަ.. އެދަރިފުޅުގެ ކައިވެނި ކުރެވޭތަން ދެކޭކަށް ނަޒީމް ބޭނުމެއްނޫންތަ.. ހެޔޮނުވާނެ.. ހަމަ އެންމެ ފަހަރަކު މިދެލޯ ހުޅުވާލަބަލަ.. އަހަ.. އަހަރެންނަށްވުރެ ބޮޑަށް... އެދަރިފުޅުދެކެ ލޯބި.. ލޯބިވަނީވެސް ނަޒީމްއެއްނު.. އަހަރެންނަށް އެނގޭ.. ހަގީގަތުގަ ޒާން އެހެން އުޅުނަސް.. ކިތަންމެ ނަޒީމްއަށް ނަފުރަތު ކުރިއަސް.. އޭނާވެސް އަހަރެންނަށްވުރެ ބޮޑަށް ލޯބިވަނީ ނަޒީމްދެކެކަން.. ހެޔޮނުވާނެ.. އަހަރުމެންގާތަށް އެނބުރިއާދޭ.. އަހަރެން.. ވައުދުވަން.. އަހަރެން.. ޒާންއަށް ހުރިހައި ހަގީގަތެއް އަންގާނަން.. ޕްލީޒް ނަޒީމް.. މިހައިބޮޑު ހިތާމައެއް އަހަރެންނަށް ނުދީ.. އަހަރެންގެ.. ކެތްތެރިކަން.. ތިގޮތަށް އިމްތިހާނު ނުކުރޭ.." ގިސްލަގިސްލައިފައި ރޮމުންދިޔަ ތޮއިބާ ވާހަކަދައްކަމުންދިޔައެވެ. އެހިތަަށް ކޮށްފައިވާ ފުންއަސަރުން އިތުރަށް ވާހަކަދެއްކުމަށް އޭނާ ނުކުޅެދި އިސްޖަހައިލިއެވެ.

އެތަށް އިރެއްއެގޮތުގައި ނަޒީމް ގާތުގައި ހޭދަކުރުމަށްފަހު ތޮއިބާ އެނބުރިގެއަަށްއައީ ފަތިސްވުމުންނެވެ. ރޮއެރޮއެ ރަތްވެފައިވި ދެލޮލުންނާއި ނުނިދާހުރުމުގެ ސަބަބުން އޭނާގެ މޫނުމަތިން ވަރުބަލިކަން ފައުޅުވަމުންދިޔައެވެ.

ތޮއިބާ ގެއަށްވަދެ އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިވަގުތު ފަހަތުން އިވުނު ފިޔަވަޅުތަކެއްގެ ސަބަބުން ސިހިފައި ފަހަތަށް ބަލައިލިއެވެ. ދެއަތްދެއަތަށް ހެއްލެމުން ގޭގެ ދޮރުން ވަދެގެންއައި ޒާއިން ފެނުމާއެކު އޭނާއަށް ދެލޯބޮޑުކޮށްލެވުނެވެ.

"ޒާއިން.. އަދިވެސް ކަލޭގެ ތިމުޑުދާރު އުޅުން ދޫކޮށްލާކަަށް ނުވޭތަ؟ ބަލަ ކައިވެނި ހަމަޖެހުނީމަވެސް ޒާއިން އުޅެންޖެހެނީ ތިވައްތަރަށްތަ؟ އަހަރެން ހީކުރީ މިދެރޭ ގެއިން ބޭރަށް ނުދާތީ ކަލޭ ތިކަންކަމާ ދުރަށްދާން މަސައްކަތްކުރަނީކަމަށް" ފެނުނު މަންޒަރުން ހިތްހަމަނުޖެހުނުވަރުން ތޮއިބާއަށް ހަޅޭއްލަވައިގަނެވުނެވެ.

"އެއްކަލަ މަންމަ.. އަހަރެން އެެއްފަހަރުވެސް ބުނިންތަ މިކަން ހުއްޓާނަމޭ.. މަންމަ ބޭނުން ހުރިހައި ކަމެއް އަހަރެންނަކަށްވެސް ނުވާނެ.. މަޖުބޫރުން ތިކިޔާ ފާޑެއްގެ ކައިވެންޏެއްކުރިއަސް އަހަރެންގެ މިގޮތެއް ދުލެއްނުކުރާނަން. މަންމަ ރުހުނަސް ނުރުހުނަސް.. ތިދޭ ތަގުރީރުތައް އަޑުއަހާކަށް ބޭނުމެއްނޫން.. ގޮސް އެނަޒީމްއަށް ތިވާހަކަތައް އަޑުއިއްވާ." ދުލުގައި ވަރުނެތް ހާލުވެސް މަލާމާތް އެކުލެވިފައިވި ރާގަކަށް ޒާއިން ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އަދި ހުއްޓުންއަރައިފައިހުރި ތޮއިބާ ފަސްދީގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ.

އެހުރިހާލާއިއެކު ޒާއިން އުޅުނުގޮތްފެނި ތޮއިބާއަށް ދެލޯމަރައިލެވުނެވެ. ހަޔާތުގައި ދުވަހަކުވެސް މިފަދަ ދުވަހެއް ދެކެންޖެހިދާނޭ އޭނާ ހިއެއްނުކުރެއެވެ. ޒާއިންގެ އަމަލުތަކުން އޭނާގެ މާޒީގެ އެހިތި ދުވަސްތައް ހަނދާންވާންފެށުމާއެކު ތޮއިބާއަށް ރޮއެގަނެވުނެވެ. އަނގަމަތީގައި އަތް އަޅައިލަމުން އަވަސް އަވަހަށް އޭނާވެސް ކޮޓަރިއާއިދިމާއަށް ދުއްވައިގަތެވެ.

"ލަމްޔާ.. ލަމް... ޔާ... ހަހަހަ" މަސްތުހާލުގައި އެނދުމަތީގައިއޮވެ ޒާއިން މޮޔައަކު ފަދައިން އަމިއްލަ އަމިއްލައަށް ވާހަކަދައްކަމުން ދިޔައެވެ. "ލަމް... ޔާ.. ތީ.. ޕަރީއެއްތަ؟ ހަހަ.. އެކަމަކު ޕަރީން ތިބެނީ ތިގޮތަކަށްނޫން.. ހަހަ.. ޕަރީއެއްނޫންދޯ.. ހެހެ.. ރީތި.. ވަރަށް ރީތި.. އެކަމަކު.. އަހަރެން ބޭނުމެއްނޫން.. ހިތް އެދުނަސް... އަހަރެންގެ ނަފުސެއްނޭދޭ.. ނަފުރަތް... ލަމްޔާ އަށް ނަފުރަތު ކުރަން ބޭނުމީ.. ދޭ.. ދޭ ދޭ.. އަހަރެންނަށް އުނދަގޫނުކޮށް އަހަރެންގެ ޚިޔާލުތަކުން ނުކުމެގެންދޭ.." އަމިއްލަ ދުނިޔެއަކަށް ގެއްލިއޮވެ ހެމުން ޒާއިން ބުނެލިއެވެ. އެގޮތުގައި އެކި އަނގަތަޅަން އޮއްވައި ފުންނިންޖެއްގެ ތެރެއަށް ޣަރަގުވެގެން ޒާއިން ދިޔައީ ކޮންއިރަކުކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ.

*****

ރޭގަނޑުގެ ނިދިވަނީ ޝަޔަމްގެ ދެލޮލާއި ދުރުވެފައެވެ. އަރާމު ނިންޖަކަށްއެދި އެކަމަށް އޭނާ މަސައްކަތްކުރާތާ މިހާރުކޮންއިރެއް ހެއްޔެވެ؟ އެހެނަސް ނިދައިލުމަށްޓަކައި ދެލޯމަރައިލާ ކޮންމެ ފަހަރަކު އޭނާއަށް ސިފަވެގެންދަނީ ނުހައިކްގެ ދެލޮލެވެ. އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ނުހައިކް ހުރިގޮތެވެ. ކޮންފަދަ ތޫނުފިލި ދެލޮލެއްހެއްޔެވެ؟ އެބެލުމުގައިވަނީ ކޮންމެފަދަ މީހަކުވެސް ޖެހިލުންކުރުވާނެފަދަ ބާރެކެވެ. ހިތަށްއަރަމުންދިޔަ އެކިކަހަލަ ޚިޔާލުތަކާއެކު އެހިތުގެ ހިނގުންވެސް އިރެއް އިރަކަށް އިތުރުވަމުންދިޔައެވެ.

އެންމެފަހުން އޮށޯވެގެން އޮންނަން އުނދަގޫވުމުން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ދެފައިގެނެސް މެޔާލައި ފިއްތައިލިއެވެ. ފާއިތުވެދިޔަ ދެދުވަހު އޮފީހުގައިވެސް ގިނަވަގުތު އޭނާ ހޭދަކުރީ ނުހައިކްގެ އަމަލުތަކަށް ސިއްރުން ބެލުމުގައެވެ. ނުހައިކް އާއި ވީހައިވެސް ދުރުދުރުން އުޅެވޭތޯ އޭނާ މަސައްކަތްކުރީ ނޭނގުމުގެ ތެރޭގައިވެސް އެހިތުގައި ހިނގަމުންދިޔަ ކަންތައްތައް ބޭޒާރު ވެދާނެތީ އެކަމާއި ޖެހިލުންވީ ވަރުންނެވެ.

ޝަޔަމްއަަށް ނޭނގިނަމަވެސް އެހިތުގައި ވަނީ ނުހައިކްގެ ފިރިހެންވަންތަ ތަސްވީރު ކުރެހެން ފަށައިފައެވެ. އެހިތުގައި ޖަހަމުންދިޔަ އައު ވިންދުތަކަށް ދޭނެ ނަމެއް ނޭނގުނެއްކަމަކު އޭނާއަށް މަޑުމަޑުން ނުހައިކްގެ ކޮންމެ ސިފައަކާއި ގަޔާވެވެންފެށިއެވެ. ނުހައިކްގެ ޚިޔާލުތަކު ތެރޭގައި ގެނބެމުންދާ ވަގުތުތަކުގައި ނުހައިކްއަށްވެސް އެފަދަ އިހުސާސުތައް ކުރެވޭނެތޯ އޭނާގެ މޮޔަހިތާއި ޝަޔަމް ސުވާލުކުރެއެވެ. ޖަވާބު ނުލިބުނަސްއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    4k

    4 ޚިޔާލު

    1. ވާހަކަ ވ ރީތި ދެން އޮތް ޕާރޓް ކޮންދުވަހަކުން އަޕް ކޮށްދޭނީ

    2. މާޝާﷲ. ވާހަކަ ވަރަށް ރީތި. އަބަދުވެސް މިކަހަލަ ހުނަރުވެރި ލިޔުންތެރިންގެ ވާހަކަތައް މިޔޫ ވަރަށް ކިޔާހިތްވޭ. ނައު ތީ އަޅުގަނޑު ފޭވަރިޓް ލިޔުންތެރިންގެ ތެރެއިން އެއްލިޔުންތެރިއެއް. މިއަދު އެސްފިޔައަށް ވަނީމަ އަސްލު އެނގުނީ ވާހަކަ.ކޮމް ގަ ނައުގެ ވާހަކައެއް އަޕްލޯޑް ކުރަމުން ދާކަން. ތޭންކްސް ވަރަށް ބޮޑަށް އެސްފިޔައިގަ އެވާހަކަ ލިޔެލީމަ. އެހެން ނޫންނަމަ މިޔޫ ގޮތަށް ވާހަކަ.ކޮމް އަށް ނުވަންނަ ކުދިންނަށް އަސްލު ނޭންގުނީސް. ނައު އަށް ފަހަރެއްގަ ފާހަގަ ނުވެދާނެ އެކަމް ކޮމެންޓްކޮށް ނޫޅުނަސް ވާހަކަ ކިޔާ ނައުގެ ބައިވަރު ފޭންސް ތިބޭ. އަސްލު މީ މިޔޫ ނައުއަށް ކުރާ ފުރަތަމަ ކޮމެންޓް. އެނީވޭސް ވާހަކަ ނިމެންދެން އަޕްލޯޑް ކުރައްޗޭ. މިވާހަކަ ނިމުނަސް ނައުގެ އެހެން ވާހަކަތައް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން.

    3. ވަރަށް ވަރަށް އުފާވެއްޖެ މިޔޫގެ ކޮމެންޓް ފެނުނީމަ.. ތެންކިޔު ސޯ މަޗް.. ޔެސް އިންޝާ ﷲ މިވާހަކަވެސް ނިމެންދެން ގެނެސްދޭނަން.. ކޮމެންޓް ނުކުރިޔަސް ނައުގެ ވާހަކަތައް ކިޔާކަން އެނގުނީމަ ވަރަށް ހެޕީވެއްޖެ.. ތޭންކްސް އަގެއިން.. ❤

    ޚިޔާލު

    Your email address will not be published.