ތިޔަ ލޯބީގައި - 8

އޭނައަށް އެނގޭހައިވެސް ކަމަކީ ލަމްޔާ ފެނުމާއެކު ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަށްނުވާ އެތައްގޮތްތަކެއް ވެއްޖެ ކަމެވެ. ދުވަހަކު ނުކުރެވޭ އައު އިހުސާސުތަކަކުން އެހިތް ބަނދެވިއްޖެކަމެވެ. އެ މައުސޫމުކަމުން ފުރިފައިވާ އަންހެންކުއްޖާ މިލްކު ކުރުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތްކަމެވެ. ޒާއިން ބަލަންއިންގޮތުން ގަތްލަދެއްގެ ބޮޑުކަމުން އަވަސްއަވަހަށް ލަމްޔާ އިސްޖަހައިލިއެވެ. އެއާއެކު ޒާއިންގެ ލުއި ހުނުމުގެއަޑު އިވިގެންދިޔައެވެ.

ޒާއިން ހީލިއަޑުއިވި ހައިރާންވެފައި ތޮއިބާ ޒާއިންއާއި ދިމާލަށް ބަލައިލިއެވެ. އެގޮތަށް ޒާއިންގެ ފަރާތުން ހުނުމެއްގެ އަޑު ނީވޭތާ ހާދަހައި ދުވަހެއްވެއްޖެއެވެ. ތޮއިބާ ބަލައިލިގޮތްފެނި އަވަސް އަވަހަށް ކެއްސުންއެރީކަމަށް ހަދައިލައި ޒާއިން އިސްޖަހައިލިއެވެ. އެހުރިހައި މަންޒަރެއް ފަރުވާތެރިވެ ބަލަންއިން ނުހައިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒާއިންގެ އަމަލުތައް ހުރިގޮތް ފެނިފައެވެ.

އިރުކޮޅަކު އެކިއެކި ވާހަކަތައްދެއްކުމުގައި މަޝްއޫލުވެފައި ތިބުމަށްފަހު ސާރާ އިންތަނުން ތެދުވީ ތޮއިބާމެންގާތުގައި ކާންއައުމަށް ބުނަމުންނެވެ. ސާރާގެ ފަހަތުން ތޮއިބާ އާއި ޒާއިންގެ އިތުރުން ނާޒްވެސް ތެދުވެ ހިނގައިގަތެވެ.

ކެއުމަށް އިންސާފުކުރެވެމުންދިޔަ ވަގުތު އެއްވެސް މީހަކު މާގިނަ ވާހަކަތަލެއް ނުދައްކައެވެ. ކައިނިންމައިލެވުނުއިރު ކޮންމެ މީހެއްގެ ފަރާތުންވެސް އެރޭ ކެއުމަށް ތައްޔާރުކުރެވިފައިވި ތަކެއްޗަށް ތައުރީފުގެ ބަސްތައް އޮހޮރެމުން ދިޔައެވެ. ހިނިއައިސްފައި ސާރާއަށް އޭނާގެ އަންހެން ދަރިފުޅަށް ބަލައިލެވުނީ ފަޚުރުވެރިވާހާލުއެވެ.

ސާރާގެ އިޝާރާތަކަށް ބަލަބަލައިއިން ނުހައިކް އެންމެންކައިނިމި ހަމަޖެހިލުމާއެކު ލަމްޔާ ގޮވައިގެން އިންތަނުން ތެދުވިއެވެ. އަދި ޒާއިން ގާތުވެސް އެމީހުނާއި އެކުގައި އައުމަަށްބުނެ ދުރަށް ހިނގައިގަތެވެ. ސާރާ ދެކުނުގޮތުގައި އެމީހުންގެ ހާޒިރުގައި ލަމްޔާއާއި ޒާއިންއަށް މިނިވަންކަމާއެކު ދެހިތުގައިވި ކަންކަން ފައުޅުކުރަންް ޖެހިލުންވާނެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ނުހައިކް މެދުވެރިކޮށް އެދެކުދިންނަށް ވާހަކަދައްކައިލާނެ ފުރުސަތެއް ހޯދައިދޭށެވެ. ނުހައިކްގެ އެއަމަލުން ތޮއިބާއަށްވެސް އެކަން ދެނެގަނެވި ހިނިތުންވެލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެމޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައީ ޒާއިން ކަންތައްކޮށްފާނެ ގޮތަކާއިމެދުގައި ވިސްނައިލެވުމުންނެވެ. ސާރާގެ ކުރިމަތީގައި އެއިހުސާސުތައް ފައުޅުވިޔަނުދިނުމަށްޓަކައި ތޮއިބާ އަނެއްކާވެސް ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

ނުހައިކްގެ ފަހަތުން ޒާއިން ހިނގައިގަތީ ސުވާލުއުފެދިފައި ހުރެއެވެ. ލަމްޔާ އާއި ނުހައިކް އޭނާ ގޮވައިގެން އެދަނީ އަނެއްކާ ކޮންތަނަކަށްބާވައެވެ؟ ކީއްކުރަންބާވައެވެ؟ ނިތަށް ރޫއަރުވައިލަމުން ޒާއިން އައިސް ނުހައިކްއާއި އަރައިހަމަކުރިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލަން އުޅެފައިވެސް އޭނަ ހިމޭންވީ ގެއިން ނުކުމެ ގޭގެ ފަހަތުގައި ހައްދައިފައިއޮތް ކުޑަކުޑަ ބަގީޗާއާއި ދިމާލަށް ނުހައިކް މިސްރާބުޖެހުމުންނެވެ. އެހިނދު ކޮންމެވެސް ވަރަކަށް މިވަނީ ކިހިނެއްކަން އޭނާއަށް ވިސްނުނެވެ. ބަގީޗާ ތެރޭގައިހުރި ބެންޗާއި އަރައިހަމަކޮށްލުމަށްފަހު ލަމްޔާގެ ބޮލުގައި ނުހައިކް ލޯތްބާއެކު ފިރުމައިލިއެވެ. "ދެކުދިން ވާހަކަދައްކާލަން މިތާގަ މަޑުކޮށްލާ އެނގޭ. ލަމް.. ކަންބޮޑުނުވައްޗޭ. ދޮންބެ މިހުރީ އެދިމާލުގަ." އަތުން ތަންކޮޅެއް ދުރަށް އިޝާރާތްކޮށްލަމުން ނުހައިކް އޯގާތެރިއަޑަކުން ބުނެލިއެވެ. ލަމްޔާ ބޯޖަހައިލުމާއެކު އޭނާގެ ނިތުގައި ބޮސްދިނުމަށްފަހު ޒާއިންއަަށް ހިނިތުންވެލަމުން އެނބުރި އައިކޮޅަށް ނުހައިކް ހިނގައިގަތެވެ. ނުހައިކްއާއި ލަމްޔާއާއި ދެމެދުގައިވި ލޯތްބާއި ވަރުގަދަގުޅުންފެނި ޒާއިން ހުރީ އަޖައިބުވެފައެވެ. ނުހައިކްއަށް ލަމްޔާއަކީ ކިހައި މުހިންމު މީހެއްކަން އެކުޑަކުޑަ އަމަލުން އެކަނިވެސް ޒާއިންއަށް އެނގުނެވެ. އެއާއެކު ޒާއިންއަށް އިސްޖަހައިލެވުނީ އޭނާއަކީ އެއްގޮތަކަށްވެސް ލަމްޔާ އާއި އެކަށީގެންވާ ޒުވާނެއްނޫނޭ ހިތަށްއެރިލެއް ބޮޑުކަމުންނެވެ.

ދީފައިވާ ހަނދުވަރުގެ ސަބަބުން އެހެން ރޭރެއަށްވުރެ މިރޭ އެތަނަށް ވެރިވެފައިވި އަލިކަންވަނީ އިތުރުވެފައެވެ. ހައްދައިފައިވާ އެކިވައްތަރުގެ މާމެލާމެލިން ތަނަށް ފެތުރިފައިވީ ހިތްގައިމު ލުއިލުއި މީރުވަހެކެވެ. ޖެހިލާ މަޑުމަޑު ރޯޅީގައިވެސްވީ ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ އަރާމުކަމެއް އެކުލެވިފައެވެ.

ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލައިގެންހުރި ޒާއިން އެކިދިމަދިމާއަށް ނަޒަރުހިންގަމުން ދިޔައެވެ. ހާސްވެ ކަންބޮޑުވެފައިހުރި ލަމްޔާވެސް ތުންފަތްހަފަމުން ދިޔައީ ދައްކާނެ ވާހަކައަކާމެދުގައި ވިސްނަމުން ކަހަލައެވެ. އިސްވެ އެއްވެސް މީހަކަށް އެއްޗެއް ބުނަން ނުކެރުމުގެ ސަބަބުން ދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ.

"އި.. އިށީނަން.. ވީނު.." ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ ލަމްޔާ މަސައްކަތްކުރިއެވެ. އެއަޑަށް ޒާއިންއަށް ލަމްޔާގެ މޫނަށް ބަލައިލެވުނެވެ.

ވަކި އެއްޗެކޭ ބުނުމެއްނެތި ލަސްފިޔަވަޅުތަކެއްގައިގޮސް ކައިރީގައިހުރި ބެންޗުގައި ޒާއިން އިނށީދެ ހަމަޖެހިލިއެވެ. "ލަމްޔާ ވެސް އިނށީދެލަން ވީނު." ކޮޅަށްހުރި ލަމްޔާއަށް ބަލަހައްޓައިގެން އިނދެ ޒާއިން ބުނެލިއެވެ. ކުޑަކޮށް ބޯޖަހައިލި ލަމްޔާވެސް އައިސް ޒާއިންއާއި ޖެހިގެން ދެމެދުގައި ހުސްޖާގަ އޮންނާނެހެން އިނށީދެލިއެވެ.

"އަމް.. އަހަރެންގާތު އަހަންބޭނުންވާ އެއްވެސް ސުވާލެއް އެބައޮތްތަ؟" ލަމްޔާ އާއި ވީފަރާތަަށް އެނބުރިލަމުން ޒާއިން އަހައިލިއެވެ. އެއަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ވިއެވެ.

"ނަމާދު ކުރަންތަ؟ ނަމާދުތަކަަށް ފަރުވާތެރިވެ ރައްކާތެރިވަންތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒާއިންއާއި ދިމާލަށް ބަލައިލަމުން ލަމްޔާ ކޮށްލި ސުވާލުތަކުން ޒާއިންގެ ނަފުސަށްވެރިވެގެންދިޔައީ ހައިރާންކަމެވެ. ދޭނެ ޖަވާބެއް ނޭނގުމުން ނިތްއަރުވައިލައިފައި ޒާއިންއަށް ކުޑަކޮށް ހިނިތުންވެލެވުނީއެވެ. ޒާއިންގެ މިއަމަލު ލަމްޔާއަަށް ނެގުނީ މުޅިން އެހެންގޮތަކަށެވެ. ސާރާވެސް އޭނާގެ ކައިވެނި އެހުރިހައިވަރެއް ނުބަލައި ހަމައެއްނުޖައްސާނޭ ހިތަަށްއަރައި އެސުވާލު ކުރެވުނަތީ ލަމްޔާ ލަދުގަތެވެ. މައާފަށް އެދެމުން އަވަސްއަވަހަށް ލަމްޔާ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" ލަމްޔާ ފެށި މައުލޫއަށް ވާހަކަދެއްކުމުގެ ގަސްދެއް ޒާއިންގެ ނެތެވެ. "ހޫމް." ދެއަތްދެއަތާ މޮޑެލަމޮޑެލައި އިން ލަމްޔާ ބުނެލިއެވެ. "މި ކައިވެނި ކުރަން ނިންމީ އެއްވެސް މަޖުބޫރުކަމެއް އޮވެގެންތަ؟" ވިސްނަވިސްނައިފައި އޭނާގެ ހިތުތެރޭގައި ބުރުޖަހަމުންދިޔަ ސުވާލުތަކުން ސުވާލެއް ޒާއިން ކޮށްލިއެވެ. ޒާއިންގެ ސުވާލާއެކު ސިހިފައި ލަމްޔާއަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ.

"ނޫން.. އެއްވެސް މަޖުބޫރުކަމެއް ނެތް. އަހަރެންގެ މަންމައަކީ އެކަހަލަ މީހެއްނޫން. އެއްވެސް ކުއްޖަކަށް އެއްވެސްކަމެއްގަ މަންމަ މަޖުބޫރެއް ނުކުރާނެ.. އަނެއްކާ... އަނެއްކާ ޒާއިންއަށް މަޖުބޫރުކަމެއް..." ލަމްޔާގެ ސުވާލު ފުރިހަމަނުވަނީސް ޒާއިންއަށް އަވަސް އަވަހަށް ނޫނެކޭބުނެ ދެކޮޅުހެދުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތުގައިވީ ތޮއިބާ އޭނާއަށް ކުރުވި މަޖުބޫރުގެ ވާހަކަ ބުނުމަށެވެ. އެހެނަސް އޭނާގެ ދުލުން ނުކުތީ ހިތުގައިވީގޮތާއި މުޅިން އިދިކޮޅު ޖަވާބެކެވެ. ޒާއިންއަށްވެސް އޭނާއަށް ބުނެވުނު އެއްޗަކާމެދު ވިސްނައިލެވުނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މިކައިވެނި ކުރަން ބޭނުން ނުވާއިރު އެއްވެސް މަޖުބޫރުކަމެއްނެތޭބުނެ އޭނާއަށް ދޮގުހެދުނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައި މުޅިން އަލަށް ޖަހަމުންމިދަނީ ކޮންފަދަ ވިންދެއްހެއްޔެވެ؟

"އެއްގޮތަކަށްވެސް ލަމްޔާ ތިހީކުރާކަހަލަ ގޮތަކަށް އެއްވެސްކަމެއްނުވޭ. އަހަރެންގެވެސް އެއްވެސް މަޖުބޫރުކަމެއްނެތް." އޭނާއާއި ދިމާލަށް ދެލޯބޮޑުކޮށްލައިގެން ބަލަހައްޓައިގެންއިން ލަމްޔާ ފެނުމުން ޒާއިން ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. ވަގުތުން ލަމްޔާގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އިތުރަށް ދައްކާނެ ވާހަކަތަކެއް ދެމީހުންކުރެ އެކަކަަށްވެސް ނޭނގުނެވެ. ހައިރާންވާހައިވެއެވެ. އަންހެންކުއްޖެއްގެ ކުރިމަތީގައި ޒާއިން ޖެހިލުންވެ ފަސްޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ޚުދު އޭނާއަށްވެސްވަނީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. ހަޔާތުގައި ދުވަހަކުވެސް މިފަދަ ކަމަކާއި ކުރިމަތިލާންޖެހިދާނޭ ހުވަފެނުންވެސް އޭނާގެ ހިތަށް ނާރައެވެ.

ދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަން ދިގުލައިދާންފެށުމުން ލަމްޔާ އިންތަނުން ތެދުވިއެވެ. އަދި އެނބުރި ސާރާމެންގާތަށް ދިއުމަށް އެދުނެވެ. ޒާއިންވެސް އިނީ އެފުރުސަތަށް ބަލަބަލައި ކަހަލައެވެ. ބޯޖަހައިލަމުން އިންތަނުން ތެދުވީ އަވަސްއަވަހަށެވެ.

ކުދިކުދި ޖަވާހިރުތަކެއްހެން ވިދަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓައިލައިގެން ހުރި ނުހައިކް ސިހުނީ ކުއްލިއަކަށް އޭނާގެ ޖީބުގައިއޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ޖިބުން ފޯނުނަގައި ބަލައިލިއިރު ގުޅަމުންދިޔައީ ނުދަންނަ ނަމްބަރަކުންނެވެ. ދެޚިޔާލެއްގެ މަތީގައިހުރެ އެންމެފަހުން ނުހައިކް ފޯނުނުގައި ކަންފަތުގައި ޖަހައިލަމުން ސަލާމް ގޮވައިލިއެވެ.

"އުގް.. ބޯރިންގް.. ނުހައިކް ދޯ. ރަނގަޅު ނަމްބަރަކަށްދޯ އަހަރެންނަށް މިގުޅުނީ؟" ފޯނުގެ އަނެއްފަރާތުން އިވިގެންދިޔަ އަންހެން އަޑުން ނުހައިކްގެ ނިތަށް ރޫއަރައިގެންދިޔައެވެ.

"ކާކު؟" ހިތްހަމަނުޖެހިފައި ނުހައިކް އަހައިލިއެވެ. "ވަޓް.. އަހަރެންގެ އަޑެއް ނޭނގުނުތަ؟ މީ ޝަޔަމް.." ޝަޔަމްގެ އަޑުގައިވީ ފޫހިކަމެވެ. ދެލޯބޮޑުކޮށްލަމުން ނުހައިކްއަށް ފޯނު ކަންފަތާ ދުރުކޮށްލަމުން ސްކްރީނަށް އަރައިފައިހުރި ނަމްބަރަށް ބަލައިލެވުނީ ގަބޫލުކުރަންދަތިވެގެންނެވެ. އޭރުވެސް ޝަޔަމް ވާހަކަދައްކާހެންހީވެ އަނެއްކާވެސް ނުހައިކް ފޯނުގެނެސް ކަންފަތާ ކައިރިކޮށްލިއެވެ.

"ހަލޯ.. ނުހައިކް އެބަ އަޑުއަހަންތަ؟ އަހަރެން މިގުޅީ ކަމަކުއޭ.. މާދަން އަހަރެން އޮފީހުގެ މަސައްކަތްތައް ހަވާލުކުރިމީހުން އެކަންފަށާނެ. ނުހައިކްވެސް ޖެހޭނެ އަހަރެންނާއެކު މަސައްކަތްތައް ކުރިއަށްދާގޮތް ބަލައިލާން އަންނަން.. އެހެންވީމަ މާދަން ހެނދުނު 9 ޖަހާއިރު ނުހައިކް ހުންނަންވާނީ އޮފީހުގަ. އެންމެ ރަނގަޅެއްނު." ޝަޔަމް ބުނަންބޭނުންވި ވާހަކަތައް ބުނެލުމަށްފަހު ފޯނު ކަނޑައިލީ އެއްޗެއް ބުނުމަަށް ނުހައިކް އަނގަހުޅުވައިލިވަގުތުއެވެ. ކެނޑިގެންދިޔަ ފޯނާއެކު ނުހައިކްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

"ގޯޑް. ވަޓްސް ރޯންގް ވިތް ދިސް ވުމަން.؟" މޫނާއެކު އިސްތަށިގަނޑުގައި އަތްހިންގައިލަމުން ނުހައިކްއަށް ބުނެވުނެވެ. އެވަގުތު އެހިސާބަށް އައިސް ހުއްޓުނު ލަމްޔާއާއި ޒާއިންފެނި ނުހައިކްގެ މޫނުމަތީގައިވި ކުލަވަރު އޭނާ ފޮރުވައިލިއެވެ. އަދި ލަމްޔާގެ ގެނެސް ގަޔާ ގާތްކޮށްލަމުން އެނބުރިދާންވީތޯ އަހައިލިއެވެ. ލަމްޔާ ބޯޖަހައިލުމާއެކު ޒާއިންގެ ކޮނޑުގައި ޖަހައިލައިފައި ނުހައިކް ހިނިތުންވެލިއެވެ. ކޮއްކޮގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުމުގެ ކުލަވަރުން އޭނާގެ އަމިއްލަ ހިތަށްވެސް ހަމަޖެހުންލިބިގެންދިޔަކަހަލައެވެ.

ބޮޑުކޮޓަރިތެރެއަށް ވަދެގެންއައި ލަމްޔާ އާއި ނުހައިކްގެ އިތުރުން ޒާއިން ފެނުމާއެކު ތޮއިބާ އިންތަނުން ތެދުވިއެވެ. އަދި ލަސްވެފައިވުމާއެކު ސާރާގެ ފަރާތުން ދިއުމުގެ ހުއްދައަށް އެދުނެވެ. އުފަލުން ފޮޅިފައިއިން ސާރާވެސް އިންތަނުން ތެދުވަމުން އެކަމަށް އެއްބަސްވިއެވެ. ސާރާއަށް ގުޅާނެކަމަށްބުނެ ޒާއިންގެ އަތުގައި ހިފައިލަމުން ތޮއިބާ ދިއުމަށް ހިނގައިގަތެވެ. ނޭނގިނަމަވެސް އެހިނދުކޮޅު ޒާއިންއަށް ލަމްޔާއާއި ދިމާލަށް ބަލައިލެވުނެވެ. އޭރު ލަމްޔާވެސްހުރީ ކަޅިޖަހައިނުލާ ޒާއިންއަށް ބަލަންކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. ފަނޑުފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލި ލަމްޔާފެނި ޒާއިންގެ ހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއްވެގެން ދިޔަކަން ގައިމެވެ. ހީލަމުން އިސްޖެހިފައި ތޮއިބާއާއިއެކު ޒާއިންވެސް އެގެއިން ނުކުތުމަށް މިސްރާބުޖެހިއެވެ.

*****

ޖެހިގެންއައި ދުވަހެވެ. ކާރޫބާރޫ ބޮޑު މަގުތަކުގައި ފަރިތަކަމާއެކު ސައިކަލް ދުވައްވަމުންއައިސް ނުހައިކް މަޑުކޮށްލީ އޭނާގެ އޮފީސްކުރިމަތީގައިހުރި ޕާރކިން ޒޯންކައިރިއަށެވެ. ހުސްތަންކޮޅެއްގައި ސައިކަލް ޕާރކްކޮށްލަމުން އޭނާއައިސް އޮފީހަށް ވެނެވެ. ފަހަތުން އިވިގެންދިޔަ އަންހެންކުއްޖެއްގެ ފައިވާނުގެ ޓޮއްޓޮއް އަޑާއެކު އޭނާގެ ނަމުން ގޮވައިލިގޮތުން ހުރިތަނުގައި ހުއްޓިފައި އެނބުރި ނުހައިކް ބަލައިލިއެވެ.

ފިޔާތޮށިކުލައިގެ ދޫގަމީސްކޮޅަކާއި ކަޅުކުލައިގެ ފަޔަށްބާރު ޖިންސްގައިހުރި ޝަޔަމް ފެނުމާއެކު ނުހައިކް އަނެއްފަރާތަށް މޫނު އަނބުރައިލީ އެދިމާނުބަލަން ކަހަލައެވެ. ލާނެތް ހިނިތުންވުމެއް ޝަޔަމްގެ ތުންފަތްމައްޗަށް ވެރިވިއެވެ. "ހެލޯ" ފަރިހިނުމެއްގައި އައިސް ނުހައިކްއާއި އަރައި ހަމަކުރަމުން އޭނާއާއި ދިމާލަށް ކުޑަކޮށް ގުދުވެލަައިފައި ޝަޔަމް ބުނެލިއެވެ. ނިތަަށް ރޫއަރުވައިލަމުން ވަގުތުން ނުހައިކް ފަހަތަށް ފިޔަވަޅެއް އަޅައިލީ ހިތްހަމަނުޖެހިފައެވެ. އެއާއެކު އަޑު ވީއްލައި ޝަަޔަމްއަށް ހީގަނެވުނެވެ.

"ސާބަސް. އަހަރެން ނޫޅެމޭ ނުހައިކް ކާލާކަށް. އަހަރެންމީ އަރާ ކާއެއްޗެއް ނޫންވިއްޔަ. އާދޭ ދާން. ދެވަނަ ފްލޯގަ މިއަދު މަސައްކަތް ކުރިއަށްދަނީ." ދެފަރާތަށް ބޯހޫރުވައިލަމުން ޝަޔަމް ބުނެލިއެވެ. ފުންނޭވާއެއްލަމުން ޝަޔަމްގެ ފަހަތުންގޮސް ނުހައިކްވެސް ލިފްޓަށް އެރިއެވެ.

ދެވަނަ ފަންގިފިލާގެ އެކި ހިސާބުތަކުގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އެކި މަސައްކަތުގައި އެކި މީހުން ޝާމިލުވެފައި ވީއިރު، މަސައްކަތަށް ބޭނުންކުރާ ފާޑުފާޑުގެ ސާމާނުތައް އެތަންމިތަނުން ފެންނަންހުޓެވެ. ކުރިއަށްދަމުންދިޔަ ކަންކަމަށް ވަށައިގެން ނަޒަރު ހިންގަމުންދިޔަ ނުހައިކްއަށް ހިނިތުންވެލެވުނެވެ. އޮފީހަށް އަންނަމުންދިޔަ އެކި ކަހަލަ ބަދަލުތަކާމެދު އޭނާ ހަގީގަތުގައިވެސް ވަރަށް ހިތްހަމަޖެހުނެވެ. އެހައިދުވަހު މަސައްކަތްކުރި ތަނަކަށް ލިބޭ ކޮންމެ ކުރިއެރުމަކީވެސް ހަމަ އެތަނެއްގެ މުއައްޒިފުންނަަށް ލިބިގެންދާ ކުރިއެރުމެއް ނޫންހެއްޔެވެ؟

ދުވަހުގެ ހަވީރުއަތަަށް އަޅައިލިއިރު ނުހައިކްގެ މޫނުމަތިންވެސް ފެންނަންހުރީ ވަރުބަލިކަމެވެ. އެތަނުގައި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ އެކި މީހުނާއެކު ނުހައިކްވެސް އުޅެމުންދިޔައީ އެކަންކަން ކުރިއަށްދާގޮތްބަލައި ރަނގަޅުކުރަންޖެހޭ ކުދިކުދި ކަންތައް ބުނެދިނުމުގައެވެ. ޝަޔަމް ކުޑަ ވަގުތުކޮޅަކަށް ގެއަށްގޮސްފައިވުމުން މިނިވަންކަމާއެކު ނުހައިކް އެތަނުގައި އުޅެމުންދިޔައެވެ.

އަތުކުރީގައިއޮތް ގަޑިއަަށް ބަލައިލަމުން ގާތަަށް އައިސް ހުއްޓުނު މީހާގެ އެދުމަށް އެމީހާބުނި ދިމާލަށް ދިއުމަަށް ނުހައިކް ހިނގައިގަތެވެ. އެވަގުތު ހުޅުވިގެންދިޔަ ލިފްޓުން ނުކުތް ޝަޔަމް އެތާކުރިމަތީގައިއޮތް ލަކުޑިބުރިއެއްގައި އަޅައިގެންފައި ވެއްޓެންދިޔައެވެ. އެއީ ނުހައިކްވެސް އެހިސާބާއި އަރައިހަމަކުރި ވަގުތުކަމުން އަވަސް އަވަހަށް އައިސް ޝަޔަމް ވެއްޓުމުގެ ކުރިން އޭނާގެ ގައިގައި ހިފަހައްޓައިލިއެވެ.

ތޫލި ހަޅޭކަކާއިއެކު ޝަޔަމްއަަށް ނުހައިކްގެ ގަމީހުގައި ހިފައި ބާރުކޮށްލެވުނެވެ. ލިބިފައިހުރި ސިހުމުގައި ދެލޯމަރައި ތަގުޅިކޮށްލަމުން ނުހައިކްގެ މޭގައި ޝަޔަމް ބޯއަޅައިލިއެވެ.

"ކިހިނެއްތިހެދީ؟ ތަނަކަށް ތަދުވިތަ؟" ނުހައިކްގެ އަޑުގައިވީ ކަންބޮޑުވުމެވެ. އެކަން ޝަޔަމްއަަށްވެސް އިހުސާސުވިއެވެ. ލަސްލަހުން އިސްއުފުލައިލަމުން ޝަޔަމް ނުހައިކްގެ ލޮލާލޯ އަމާޒުކޮށްލިއެވެ. އެލޮލުގައިވި ކަންބޮޑުވުމާއި ހާސްކަންފެނި ޝަޔަމްގެ ހިތަށް ނޭނގޭ ގޮތްތަކެއްވެގެންދިޔައެވެ.

"ތަ..ތަދެއްނުވޭ." އަވަސްވަމުންދިޔަ ހިތުގެ ތެޅުމާއެކު ވާހަކަދެއްކުންވީ ޝަޔަމްއަށް ދަތިކަމަކަށެވެ. ޝަޔަމް ބަލަހައްޓައިގެންހުރި ގޮތުންނާއި ދެމެދުގައިވި ގާތްކަމުން ތެޅިގަނެފައި ނުހައިކް ޝަޔަމްގެ ގައިން ދޫކޮށްލަމުން ދުރަަށްޖެހިލިއެވެ. އަދި އިރުކޮޅަކު ޝަޔަމްއާއި ދިމާލަަށްބަލަން ހުރުމަަށްފަހު ގާތުގައިހުރި މީހާއަށް އަތުން އައުމަށް އިޝާރާތްކޮށްލަމުން އޭނާ އެތަނުން ދިޔައެވެ.

ތުންފިއްތައިލަމުން ޝަޔަމްއަށް އިސްޖަހައިލެވުނީ ނުހައިކްގެ ދުރުކަމުން ހިތަަށްވީ ތަދެއްގެ ސަބަބުންނެވެ. އޭރުވެސް ރޯމަހެއްތެޅޭހެން މޭގައިވި އޭނާގެ ހިތް ތެޅެމުންދިޔައެވެ. ނުހައިކް އޭނާއާއި ދިމާލަށް ބަލަހައްޓައިގެންހުރި ގޮތާއި އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ފައުޅުވެގެންދިޔަ އަސަރުތައް ޝަޔަމްގެ ދެލޯކުރިމަތީގައި ތަކުރާރުކޮށް ސިފަވަމުންދިޔައެވެ. ލަސްލަހުން އުފުލައިލެވުނު އަތްގެނެސް އޭނާއަށް ހިތާއިދިމާލުގައި މަޑުމަޑުން ފިރުމައިލެވުނީ ބޭއިޚުތިޔާރުގައެވެ. ހިތަަށްވެރިވަމުންދިޔަ ގޮތްނޭނގޭ އެކި ޚިޔާލުތަކާއެކު އެދޮންކޯތާފަތަަށް ލަދުވެތިކަމުގެ ރަތްކުލަ ފާއްދާލިއެވެ.

"އޯ ގޯޑް. އަހަރެންނަަށް ކިހިނެއްތަ މިވަނީ؟ މީ..މީ ދުވަހަކުވެސް އަހަރެންނަށްވީ ގޮތެއްނޫން. ގޯޑް.. އައި.. އައި ކާންޓް ސްޓޮޕް އިމޭޖިނިންގް ދޯސް އައީސް.. އުގްގްގް... ޝަޔަމް.. ސްޓޮޕް އިޓް.. ކާމް ޑައުން.." ތުންފަތުގައި ދައިގަންނަމުން އަމިއްލަ ނަފުސަށްއެކަނި އަޑުއިވޭވަރަަށް ޝަޔަމް ބުނެލިއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    4k

    5 ޚިޔާލު

    1. ވަރަށް ރީތި.. ދެން ބަޔަށް އިންތިޒާރުކުރާނަން

    ޚިޔާލު

    Your email address will not be published.