Views: 2142 98

ދެން ލިބުނީ ޝަޔާނުގެ މެސެޖެކެވެ. ބަލައިލާ ކިޔާލީމެވެ.
"ދޮންތަ ކީކޭ މި ކިޔަނީ؟ އެއީ ތެދެއްތަ؟ ބައްޕަ ލުވެއިޒަށް އެހެން ހެދީ؟"
............................
އަޒީމުގެ ނަޒަރުން
...........................
އޮފީހުން އައިސް، އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެ ވަދެ ހުއްޓާ، ފަހަތުން، މީހަކު ވަރަށް ބާރަށް ދޮރު ޖެހި އަޑު އިވުނެވެ. އެނބުރި ބަލައިލީމެވެ. ދޮރު ކުރިިމަތީ ހުއްޓިލައިގެން ހުރީ ޝަޔާނެވެ.
"ގެއަށް ވަންނަ ފަހަރުވެސް ފުނޑޭ ވަރަށް ދޮރުޖަހާތި!!" އަހަރެން ނުރުހުމާއި އެކު ބުނެލީމެވެ. ޢުމުރުން ފުރާވަރަށް އެޅީއްސުރެ ޝަޔާނަށް ގެއަށް ވަދެވޭ ވަރު ވާނީ ހަފުތާއަކު ދެތިން ފަހަރުއެވެ. އަދި މިހާރު އެއްގޮތަކަށްވެސް ގެއަށް ނުވަންނަނީއެވެ. އެކުވެރިން ގާތު ނޫނީ އަޅާފައި އެހުރި ސްޓޫޑިއޯ ގަނޑުގައި ނޫނީ ނިދޭ ކަމަކަށް ނުވެއެވެ. އަހަރެންނަށްވެސް ފަޔާޒާއި ޒިހާނަށް ލިބުނު ފަދަ ޒިންމާދާރު ކުއްޖަކު ނުލިބުނީ ކީއްވެ ހެއްޔެވެ؟
"މަގޭ ރަނގަޅު ކަމުން މި ގޯއްޗާ، ކަލޭ ހޯދާ ޙަރާމު ފައިސާގައި އަލިފާން ނުޖަހާ މިހުންނަނީ" ރުޅިވެރި އަޑަކުން ޝަޔާނު ބުނެލިއެވެ.
"ޝަޔާނު! ތިޔަށްވުރެ ރީތިކޮށްވެސް ވާހަކަ ދެއްކޭނެއްނު؟" އަހަރެންވެސް ނުރުހުމާއި އެކު ބުނެލީމެވެ.
"ކަލޭ ތީ ތާހިރު މީހެކޭ ރީތިކޮށް ވާހަކަ ދައްކަން.. ރަނގަޅު ބަހެއް އިވެންވެސް ކަލޭގެ ތި ހުތުރު ކަންފަތަކަށް ޙައްޤެއް ނުވާނެ!!" ޝަޔާނު ދެއަތް މުށްކަވާލާފައި ކުރިއަށްވުރެވެސް ބާރަށް ބުނެލިއެވެ. ގެ ކުނިކަހާ ސާފު ކުރަން ތިބި މީހުންގެ ނަޒަރުތައްވެސް އަހަރެމެންނަށް ހުއްޓުނެވެ. އަހަރެން މަޑުމަޑުން އެމީހުނަށް އަތުން އިށާރާތް ކޮށްލީމެވެ. އެތަނުން ދިޔުމަށެވެ. ސުކުންތެއްވެސް ލަސްނުކޮށް އެމީހުން، އެމީހަކު ކުރަން ހުރި މަސައްކަތެއް ބަހައްޓާފައި އެކި ދިމަދިމާލަށް ދިޔައެވެ.
"މިހާރު ކޮން ރުޅިއެއް ތި ބާލަނީ؟" އަހަރެން، ސުވާލުކޮށްލީމެވެ. ޝަޔާނު އައިސް އެފަދައިން މީސްމީހުނާއި ދިމާލަށް ހަޅޭއް ލަވާނީ، ކޮންމެވެސް ކަމަކާއި ބޯ ހާސްވެގެން ކަން އެނގޭތީއެވެ. ގިނަ ފަހަރަށް އަހަރެންނާއި ގޭންގުތަކާއި އޮންނަ ގުޅުމުގެ ވާހަކައެއް އިވިގެންނެވެ.
"ކަލޭ ތީ ހިތެއްވެސް ނެތް މީހަކީތަ؟ ބަލަ ކަލެޔަށް ފައިދާހުރި ކަމެއް ޖެހުނީމަ އެހީވަނީ އުޒެއިރެއް ނޫނޭ!! ފަޔާޒުބެއާއި ޒިހާނުބެ! ކަލޭގެ އަމިއްލަ ރަޙުމަތްތެރިންނަށް ރަޙުމްކުރަން ނުދަންނަ ތާނގަ، މަގޭ އެކުވެރިންނާއި ނުބެހިބަލަ.. ކަލެޔަށް ރަނގަޅަށް އިނގޭނެ މަ އޭނަ ދެކެނީ އަމިއްލަ ބޭބެއަކަށްވުރެވެސް ގާތް މީހެއްގެ ގޮތުގައި ކަން.." ޝަޔާނު އަހަރެންނާއި ދިމާލަށް އިނގިލި ދިށްކޮށްކޮށްފައި ހަޅޭއް ލަވަމުން ދިޔައެވެ. މާޒިން ބުނީބާއެވެ؟ އެވަރަށް އިންޒާރު ދިނީމާ ވެސް އަޑު ނޭހީތާއެވެ.
"މިހާރު މާޒިން ކީކޭ ކީ؟" އަހަރެން ސުވާލުކޮށްލީމެވެ.
"މާޒިން އެއްޗެކޭ ކިޔަން ޖެހޭތަ؟ ކަލޭގެ ދޮށީ ދަރި މަށަށް ގުޅާފަ ކިޔައިދިނީ ކަލޭ ލުވެއިޒަށް ހަދާފަ ހުރި ގޮތުގެ ވާހަކަ!" ދޮރު ކައިރީގައި ހުރި މޭޒުމަތީ ބަހައްޓާފައި ހުރި މާ ވަށި، އަތުން ޖަހާ ވައްޓާލަމުން، ޝަޔާނު ބުނެލިއެވެ. ވެއްޓި މާބްލް ޓައިލްސް ތަކުގައި ޖެހި ވަށި ތަޅައިގެން ދިޔަ އަޑު މުޅި ގޭތެރޭ ގުގުމާލިއެވެ.
"މަ މިއޮތް ހާ ޒަމާނު ލުވެއިޒާ ހަތަރު ކަޅި ހަމަކުރަން ނުކެރިފަ ހުރީ.. ޝާނާގެ މުޑުދާރުކަން ލުވޭޒަށް ނޭނގެނީއޭ ހިތާ... އެކަމު ވީ ގޮތް އަދި އެއަށްވުރެ މާ ދެރައެއްނު؟ ދެން މިހާރު މަށަށް ކިހިނެއް ކެރޭނީ ގެއިން ނުކުންނަންވެސް؟؟ މަ ހިއެއް ނުކުރަން ތީ ތިހާ ނުލަފާ މީހެއް ކަމަކަށް.." ޝަޔާނު ބުނެލިއެވެ. ދެން އައިސް އަހަރެންގެ ގަޔަށް ބޮލަށްވެސް އަރައިގަނެފާނެއެވެ. އިޙުތިރާމުގެ ކުޑަ މިންވަރެއްވެސް ދަސްވެފައި ނެތީއެވެ.
"ލުވެއިޒު ޝާނާ ކައިރީ ކިޔާލީ ދޯ!" ލުވެއިޒުވެސް އިންޒާރު އަޑު ނޭހީއޭ ހިތަށް އައުމުން، ހިތަށް ވެރިވި ރުޅިވެރިކަމާއި އެކު ބުނެލީމެވެ.
"ކިޔާލީ ހެއްޔޭ؟ އަދިވެސް ކުށްވެރިވަނީ ލުވެއިޒުތަ؟ ހަނީމޫނަށް ގޮސް، ނުތިބެވިގެން އައިސް އެތިބީ މާލޭގަ!! ކަލޭ ތި އުޅެނީ މަށަަށް ލިބުނު ހަމައެކަނި ރަޙްމަތްތެރިންގެ ގުޅުންވެސް ހަލާކު ކުރަންތަ؟" ޝަޔާނު މިފަހަރު ހޫރާލީ މާ ވަށްޓެއް ނޫނެވެ. އެ ބަހައްޓާފައި ހުރި މޭޒުވެސް ފައިން ޖަހާ ވައްޓާލިއެވެ. އަޑުފަށްގަނޑު ކެނޑިގެން ނުގޮސް އިރުކޮޅަކު ގުގުމަ ގުގުމާ ހުއްޓެވެ.
"ރާއްޖޭގައޭ؟؟ ކޮބާ؟!!" އާ ޚަބަރަކަށްވުމުން ސުވާލުކޮށްލީމެވެ.
"އެއީ ކަލެޔާ ބެހޭ ކަމެއް އަދި ބެހެވޭނެ ކަމެއްވެސް ނޫން!!" ޝަޔާނު އަޑަށް ބާރުލާފައި ބުނެލިއެވެ.
"ކަލޭ މާ ކަންތައް ފަލަ ކުރަންޏާ، ކަލެޔާ ދެކޮޅަށް މައްސަލަ ހުށައަޅާ، ކަންކަން ފަޅާ އަރުވާލާނީ، މަ! ލުވޭޒަށް ނުކެރުނަސް މަށަށް ކެރޭނެ.." ޝަޔާނު އިތުރުކޮށްލިއެވެ. އަހަރެންގެ ރުޅިވެރިކަންވެސް ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. ލިބުނު ހަމަ އެކަނި ފިރިހެން ދަރިފުޅަށް މި ނޫންގޮތަކަށް އުޅެން ނޭނގުނީ ކީއްވެ ހެއްޔެވެ؟ ލުވެއިޒު ނޫނީ މާއިޒް ނުވަތަ އެ މާޒިންވެސް ބޮޑު މީހަކާއި ދިމާލަށް ވަކިން ޚާއްސަކޮށް ފަޔާޒު ނޫނީ ޒިހާނާއި ދިމާލަށް ރުޅިއައިސްގެން އެހެން އެއްޗެހި ކިޔަނިކޮށެއް ނުދެކެމެވެ. ޝަޔާނަށް އެ ފަދަ އުޅުމެއް އުޅެން ނޭނގުނީ ކީއްވެ ހެއްޔެވެ؟
"މަ ކަލޭ ބަލާ ބޮޑުކޮށް ތި ވަރު ކޮށްފަ ތި ހުރީ ލިބުނުހާ ހިނދަކު ޒުވާބު ކުރާކަށް ނޫނޭ!!" އަހަރެން ބުނެލީމެވެ.
"މަ ބަލާ ބޮޑު ކުރީއޭ.. ކަލޭ؟! ދެން ތީ ހާދަ ހެއްވާ ވާހަކައެކޭ! މަ ބައްޕައޭ ކީ ލުވޭޒާ ޒިންގެ ބައްޕައަށް.. ތީ މަ ދަންނަ މީހެއްވެސް ނޫން. މަ ކައިބޮއި ނިދީވެސް އެމީހުން ކައިރީގަ.. ކަލޭ މަ ފެންނަ ކަމަށްވެސް ހަދާނީ، ވިޔަފާރިއާއި ހަވާލުވާނެ މީހަކު ނެތުނީމަ.. އަދި ކިޔާނެ މާޒާ ލުވޭހާ މަ ޒިންމާދާރު ނުވީ ކީއްވެހޭ؟ އެމީހުންގެ މައިންބަފައިން ހޯދަނީ ޙަލާލު ފައިސާއޭ! މަ ނޫޅެން ކައެގެ ތި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރި ނޭރުވިގެނެއް!!!" ޝަޔާން އަހަރެންނަށް ވުރެ ބާރަށް ބުނެލިއެވެ. އައި ރުޅި ބުނެދޭންވެސް ދައްޗެވެ. ވިޔަފާރީގެ މުހިންމު ކަމާއި މިއާއި ޙަވާލުވާން ހުރީ ޝަޔާނުކަން ޝަޔާނަށް ވިސްނޭނީ ކޮން ދުވަހަކު ހެއްޔެވެ؟
"ޝަޔާނު!! ދެން މީގެ ފަހުން މިގެއަށް ވަދެގެން ނުވާނެ!" އާދެވުނު ރުޅީގައި އަހަރެން ވަރަށް ބާރަށް ބުނެލީމެވެ. ޝަޔާނެއް ކަމަކު އަހަރެންގެ މޫނު މައްޗަށް ބަސްބުނުމުގެ ޙައްޤެއް ނޯންނާނެއެވެ.
"މަ ނޫޅެމޭ މި ތަނަށް ވަންނަ ހިތަކުންވެސް! މަ ކަލޭ ކުރިމައްޗަށް އަރާކަށްވެސް ބޭނުމެއް ނޫން... މަށަށް މީގެ ފަހުން ދަރިއޭވެސް ކިޔައިގެން ނުވާނެ!!" ދެ ދަތްޕިލަ ފިތްތާލައިގެން ހުރެ ޝަޔާނު ބުނެލިއެވެ. ބަން ލާފައި ދޮރު ޖަހާފައި ދަންދެން އަހަރެންވެސް ރުޅިވެރިކަމާއި އެކު ބަލަހައްޓައިގެން ހުރީމެވެ.
ދެއަތް ބާރަށް މުށްކަވާލާފައި، އަހަރެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލުމަށް ފަހު، އަހަރެން އިށީނީ ކޮޓަރީގެ މެދުގައި ހުރި އެނދުގައެވެ. ފޯނު ނެގީމެވެ. ޝާނާގެ ނަންބަރަށް ގުޅަން ފިތާލީމެވެ. ޝަޔާނު، ޝާނާ ރާއްޖޭގަ އެބަ އުޅެޔޭ ބުނުމުން، އެއީ ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ބަލަން އަހަރެން ބޭނުންވީއެވެ. މިވަގުތު ހުރީ ކޮން ތާކުތޯ ބަލަން ބޭނުންވީއެވެ.
"ބައްޕަ ދެން މަށަށް ގުޅާނެ ކަމެއް ނެތް!! މަ ހިއެއްވެސް ނުކުރަން..." ފޯނު ނެގުމާއި އެކު އިވުނީ ޝާނާގެ ރުއިމުގެ އަޑެވެ. ހިތުގައި ރިއްސާލިއެވެ. ޝަޔާނު ކޮންމެ ގޮތަކަށް އުޅުނަސް، ޝާނާއަކީ އަބަދުވެސް އަހަރެންދެކެ ލޯބިވެ އިޙުތިރާމު ކުރި ކުއްޖެކެވެ. އެފަދަ ގޮތަކަށް ވާހަކަ ދެއްކިވެސް އެއީ ފުރަތަމަ ފަހަރެވެ.
"ބައްޕަ ހުރިހާ ކަމެއްވެސް ކުރީ ޝާ އަށް ރަނގަޅަކަށް.." އަހަރެން މަޑުމަޑުން ބުނެލީމެވެ. އެއިރުވެސް ޝާނާ ދިޔައީ ގިސްލަމުންނެވެ.
"ދޮގު ތި ހަދަނީ.. ހުސް ދޮގު!! ބައްޕަ އަބަދުވެސް ތި ވިސްނަނީ އަމިއްލަ ޤަދަރާ ޢިއްޒަތަށް!! މަށަށް އިނގޭ މަށަށް ކުރެވުނީ ކުށެއްކަން.. އޭގެ އަދަބު ލިބެން ޖެހޭނީ މަށަށް.. ލުވޭ އަކަށް ނޫން.." ޝާނާ ބުނެލިއެވެ.
"ޝާ..." އަހަރެން މަޑުމަޑުން ގޮވާލީމެވެ. ޝާނާ ރުއިން ހުއްޓުވާނެ ގޮތެއް ނުވިސްނުމުންނެވެ. ގެނެސް ބައްދާލެވުނީހީވެސް ގާތުގަިއ ހުރި ނަމަ ނޫންހެވެ؟
"މަ ކިހިނެއް ދެން ދިރި އުޅޭނީވެސް؟ ލުވޭ މިހާރު ކުރިއަށްވުރެވެސް މަ ދެކެ ފޫހިވާނެ... ކޮއްކޮވެސް މަށާ ވާހަކައެއްވެސް ނުދައްކާ.. މަ ބޭނުމެއް ނޫން މިހެން އުޅޭކަށް..." ރޮމުން، ޝާނާ ބުނެލިއެވެ.
"ޝާ... ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ.. ތިކަން ބާއްވާފަ ކުރިންވެސް އުޅުނު ގޮތަށް އުޅުނީމަ އެ ނިމުނީނު..." އަހަރެން ބުނެލީމެވެ.
"ނޫން.. އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ... މަށަކަށް ނުކެރޭނެ، މި ދަރި ލައްވާ ލުވެއިޒަށް ބައްޕަ ކިޔުއްވާކަށް.. ލުވެއިޒުވެސް ބޭނުމެއް ނުވާނެ، ދަރިފުޅާއޭ ކިޔާފަ ގޮވާލާކަށެއް... މަ ބޭނުމީ ދާން.. ގެއަށް ދާން..." އުނދަގުލުން ވާހަކަ ދައްކަމުން ޝާނާ ބުނަމުން ދިޔައެވެ. ޝާނާ ރޮމުން ދިޔުމުން އަހަރެންނަށްވެސް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.
"ޝާ ދަރިފުޅު ބޭނުމިއްޔާ އާދެބަލަ ގެއަށް.. ދަރިފުޅު ކޮންތާކުތަ ތި ހުރީ؟" އަހަރެން ސުވާލުކޮށްލީމެވެ. ޝާނާގެ ރުއިން ހުއްޓުވުމަށް އަހަރެން ނުކުރާނެ ކަމެއް މި ދުނިޔެ މައްޗަކު ނުވާނެއެވެ. ލުވެއިޒަށް މަޖުބޫރު ކުރީވެސް އަދި އަނިޔާ ކުރީވެސް ޝާނާގެ އުފަލަށްޓަކައެވެ. ދެންވެސް ކުރަން ޖެހުނު ކޮންމެ ކަމެއް އަހަރެން ކުރާނަމެވެ.
"ތި ގެއަކަށް މަށެއް ނުދާނަން.. މަ ބޭނުމީ މާ ދުރަށް ދާން.. މި ދުނިޔޭންވެސް ދާން.." ޝާނާ ބުނެލިއެވެ.
"ޝާ މޮޔަ ވާހަކަ ނުދައްކާ.. ދެން ހުއްޓާލާ..." އަހަރެން ބުނެލީމެވެ.
"މަ މީ މޮޔައެއް ނޫންތަ؟ ތީ ވެސް މޮޔައެއް ނޫންތަ؟ މީ މޮޔަ ދުނިޔެއެއް!! މަ ބޭނުމެއް ނޫން މިތާ އުޅޭކަށެއް..." ޝާނާ އަޑަށް ބާރުލައިފައި ބުނެލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އެ އަޑުވީ ކުރަކި ވެފައެވެ.
"ޝާނާ.." ވަރަށް ލޯބިން އަހަރެން މަޑުމަޑުން ގޮވާލީމެވެ.
"ތިހެން ވާހަކަ ދައްކާނެ ކަމެއް ނެތް! ތީ ހަޑި މީހެއް.. މަ ލުވެއިޒު ދެކެ ހާދަ ލޯތްބެއް ވީމޭ. ލުވޭއަށް އެހެން ހަދާކަށް ނުވާނެއްނު؟ އޭނަ ކުރި ކުށެއް ކޮބާ؟ ތީ ހާދަ ގޯސް މީހެކޭ.." މިފަހަރު ޝާނާ ވާހަކަ ދެއްކި ގޮތުން އަހަރެން ހިތްހަމަ ނުޖެހުނެވެ. ކުޑަކޮށް ބާރަށް ޝާނާގެ ނަމުން ގޮވާލީމެވެ.
"މަށަށް ދެން ގޮވާނެ ކަމެއްވެސް ނެތް... މިއަދަށް ފަހު ތި އަޒީމުގެ އަންހެން ދަރިއެއް ނުހުންނާނެ.. ވަރަށް ސަލާން... މި ދުނިޔެއަށްވެސް ސަލާން.. އެންމެނަށްވެސް ސަލާން.." ޝާނާ، ރުޅިވެރިކަމާއި އެކު ރޮމުން ބުނެލިއެވެ. އަހަރެންނަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ޝާނާ ފޯނު ކަނޑާލީއެވެ. ދެން ގުޅުމުން ނުވެސް ނެގިއެވެ.
ވީ ދެރައިންނާއި ހިތަށް ވެރިވި މާޔޫސްކަމުން، ފޯނުވެސް އެނދުމައްޗަށް ހޫރާލީމެވެ. ދެދަރިންވެސް އަހަރެންނާއި ރުޅި ހަދާފައި އެ ދިޔައީއެވެ. ހަދާނެ ގޮތެއް ކުށްވެރިކުރާނެ މީހަކުވެސް އަހަރެންނަކަށް ނޭނގުނެވެ. އަނެއްކާވެސް ލުވެއިޒަށް ގޮތެއް ހަދައިފިނަމަ، ޝާނާ އިތުރަށްވެސް އަންނާނީ ރުޅިއެވެ.
ބޮލުގައި ދެ އަތުން ހިފާއްޓާލައިގެން އިންދާ ޝަޒިއްޔާ ކޮޓަރިއަށްވަނެވެ. އައިސް ހުއްޓިލީ އަހަރެެންގެ ކުރިމަތީގައެވެ.
"ކާކު ގުޅީ؟ ކިހިނެއްވެފަ ތީނދީ.. ގެއަށްވެސް އެއޮތީ ކޮން ރޯޅިއެއް އަރާފަ؟ ޝަޔާނާ ދެމީހުން އަނެއްކާވެސް ތަޅައިގަތީ ދޯ؟" ހިތްހަމަ ނުޖެހުމާއި އެކު ޝަޒިއްޔާ ބުނެލިއެވެ. ޝަޒިއްޔާ އަބަދުވެސް ކުރާ ޝަކުވާއަކީ އެއީއެވެ. 'އަހަރެންގެ ސަބަބުން' ޝަޔާނު ގެއަށް ނާންނަ ޝަކުވާއެވެ. ޝަޔާނު ރަނގަޅަށް ތަރުބިއްޔަތު ވެފައި ނުވުން އެއީ އަހަރެންގެ ކުށް ހެއްޔެވެ؟
"ޝާނާ އެބަ އުޅޭ މާލޭގަ.. ކޮންތާކު ކަމެއް ނުބުނި.. ފަހުން ގުޅާލާތި." އަހަރެން މަޑުމަޑުން ބުނެލީމެވެ.
"މާލޭގައޭ؟! އެއީ ކިހިނެއް.. ކީއްވެ؟" ހާސްކަމާއި އެކު ޝަޒިއްޔާ ސުވާލުކޮށްލިއެވެ.
"ލުވޭޒު ކަންތައް ފަޅާއެރީ.." ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ބުނެލީމެވެ.
"ޕިސްޕިސްޕިސް، މަ އޭރުވެސް ބުނީމެއްނު ތި ސަކަރާތް ޖަހާނެ ކަމެއް ނެތޭ.." ބޯ ހޫރުވާލަމުން ޝަޒިއްޔާ ބުނެލި ގޮތް އަހަރެންނަށް ކަމަކު ނުދިޔައެވެ. ހުރިހާ އެންމެން އަހަރެން ކުށްވެރި ކުރަނީ ކީއްވެ ހެއްޔެވެ؟
"ބަލަ މަ ޝާނާއަށް ރަނގަޅަކަށް ކުރި ކަމެކޭ އެއީ.. ކަލޭވެސް ރަނގަޅަށް ދަރިން ބެލިނަމަ މިހެނެއް ނުވީހެއްނު؟" ޝަޒިއްޔާވެސް އަހަރެންނާއި ދެކޮޅަށް އެރުމުން، އާދެވުނު ރުޅީގައި އަހަރެން ބުނެލީމެވެ. އިނދެ އެކުގައި މި އުޅެނީ ލިބުނު ހާ ހިނދަކު ޒުވާބު ކުރާކަށް ނޫނެވެ. ދެދަރިން އަހަރެންނަށް ހިތު ހުރިހާ ގޮވާލާފައި ދިޔުމުން، އަނބިމީހާއަށްވެސް އަރަން އެނގުނީ އަހަރެންނާއި ދެކޮޅަށެވެ.
ޝަޒިއްޔާ އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންވެސް އިތުރު އެއްޗެކޭ ބުނާކަށް ނުހަދަމެވެ. ބޭލި ޓައީ އެނދުމައްޗަށް ދޫކޮށްލާފައި، ގަމީސް ރަނގަޅުކޮށްލަމުން، އަނެއްކާވެސް ދޮރާއި ދިމާލަށް މިސްރާބު ޖެހީއެވެ. ނުކުމެގެން ދާށެވެ. ބޯ ހަމަ ޖައްސާލާށެވެ.
ދާނެ ތަނަކާއި ބައްދަލު ކުރަންޖެހޭ މީހަކު ވިސްނަމުން އަހަރެން ބޭރަށް ނުކުތީމެވެ. އަދި އެއަށްފަހު އަހަރެން މަޑުމަޑުން ކާރަށް އަރާ، ދުއްވާލީ ޓަންގްސްޓެނާއި ދިމާލަށެވެ. އެއީ އަހަރެންގެ މިލްކުވެރިކަމުގައި އޮތް އަހަރެން އެންމެ ހިތްހަމަ ޖެހޭ ހޮޓެލެވެ. ބޯ ހަމަ ޖައްސާލަން އެންމެ ކަމުދާ ހިޔާވެއްސެވެ.
ހޮޓެލުގެ އެންމެ މަތީ ފަންގިފިލާގައި ހުރި އަހަރެންނަށް ޚާއްސަ ބަޔަށް ވަނުމަށް ފަހު، އަހަރެން ފުރަތަމަވެސް ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލީމެވެ. އުޒެއިރު ކޮންމެވެސް ތާކުން އަހަރެންނަށް ހޯދައިދިން ހެކަރެކެވެ. ހާރިސްއެވެ.
ޢާންމުގޮތެއްގައި ދެތިން ރިންގުތެރޭ ފޯނު ނަގާ މީހާ، ފޯނަށް ޖަވާބު ދިނުން މި ފަހަރު ލަސްވިއެވެ. ރިންގުވެވެފައި އެންމެ ފަހުން ކެނޑުނީއެވެ. މި ވީހާ ދުވަހުވެސް ފުރަތަމަ ފަހަރުއެވެ. އެހެނެއް ކަމަކު އަހަރެން ހިތްހަމަ ނުޖެހުނެވެ. ބޮޑު އަގުން ހާރިސަށް ފައިސާ އޮއްސައިދެނީ އަހަރެންނެވެ. އަހަރެން ގުޅުމުން ފޯނު ނުނެގޭނެ ސަބަބެއް އޮވެގެން ނުވާނެއެވެ.
ފުން ނޭވާތަކެއް ލަމުން، ސޯފާގައި އިށީނދެ އަނެއްކާވެސް ހާރިސަށް ގުޅީމެވެ. މި ފަހަރުވެސް ޖަވާބެއް ނުލިބުނެވެ. ދެންވެސް ޖަވާބު ނުލިބޭނެޔޭ ހިތާ އަހަރެން މޭޒު މަތީގައި ފޯނު ބާއްވާލީމެވެ. އަދި ކުރިއަށްވުރެވެސް ބޮޑަށް ސޯފާގައި ހަމަ ޖެހިލަމުން ދިރިއުޅުމާއި މެދު ވިސްނާލީމެވެ.
ވިޔަފާރީގައި އަހަރެންނަށް ލިބޭ ކާމިޔާބީތައް ވަނީ ހައްތަހާ ގިނައެެވެ. ސީޕޯޓު ލިބުނު ފަހުން، އެތެރެ ކުރެވޭ އެތިކޮޅުވެސް ގިނައެވެ. ލިބޭ އާމްދަނީ ބޮޑެވެ. އެހެނަސް އަހަރެންނަށް ލިބޭ ނުތަނަވަސްކަން މި ވަނީ ބޮޑެވެ. ބަޔަކަށް ފަޅާ ނާރާނެހެން، މަސްތުވާތަކެތި އެތެރެ ކުރުން އަަހަރެން އުންމީދު ކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ. ވިޔަފާރީގައި މަކަރު ހަދާ ވާހަކަ ބަޔަކު މީހުން ފެށިގޮތަށް ފަނޑިޔާރު ގެއަށްވެސް ގެންގޮސްފިއެވެ. އަހަރެންގެ ހާމަ ވިޔަފާރިއާއި އަނދިރި ވިޔަފާރިވެސް ވަނީ ގެއްލުމެއްގެ ތެރޭގައެވެ. ފިކުރު ގިނަވެފައިވި ހިނދު ޝާނާވެސް ނުބައި ބޮނޑިއެއް ބުއީއެވެ. ބަލިވެ އިން އިރު ލުވެއިޒްގެ ދަރިއެއް ނަމަވެސް އަހަރެންނަށް އިތުރު ގަނޑެއް ގަންނާކަށް ނުޖެހުނީހެވެ. ރުޅި އާދެވުނަސް، ދަރިފުޅުގެ ޙައްްޤާއި އަމިއްލަ ގަދަރަށް ޓަކައި، ލުވެއިޒަށް މަޖުބޫރު ކުރަން މަޖުބޫރުވީއެވެ. ކުރެވުނު ކަންތައްވެސް މި ދިޔައީ އަހަރެން އުންމީދު ކުރިހެން އޮމާންކޮށެއް ނޫނެވެ.
އެ ހުރިހާ ކަމަކަށްވުރެ އަހަރެންގެ ޚިޔާލާއި ފިކުރުގެ ހަމަޖެހުން ނަގާލަނީ މާއިޒްގެ ފިކުރެވެ. އަހަރެން އެދުނުހެން އެކަންވެސް ކާލިންގެ ބޮލަށް ޖެހޭ ގޮތެއް ނުވިއެވެ. ޅަ މާޒިން ކުއްލިއަކަށް ފުރާ ފުރިހަމަވެ ކަންކަން ތަޙުޤީގު ކުރަން ފެށީއެވެ. އެންމެ ފަހުން ޙަޤީގަތާއި ހަމައަށްވެސް ވާސިލް ވީއެވެ. އެނގުނު ގޮތެއް، މައުލޫމާތު ހޯދި ތަނެއް އަހަރެންނަށް ވިސްނައިގަންނާކަށްވެސް ނޭނގެއެވެ. ބިރު ދެއްކިއްޖެއެވެ. އިތުރު ރޭވުންތައްވެސް ރޭވިއްޖެއެވެ. އެހެނަސް އެކަންކަމުންވެސް އަހަރެެންގެ އެ ބޮޑު ސިއްްރު ދެމިއޮންނާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގެއެވެ.
ވިސްނަން ބޭނުންނުވިޔަސް އަހަރެން މާޒީގެ ޞަފުޙާތަށް ކިޔާލުމަށް، ޚިޔާލުތަކަށް ތަން ދިނީމެވެ. އެންމެ ކުޑަ އިރުއްސުރެ އަހަރެން އުޅުނު ގޮތެވެ. އެހީވާން ގާތުގައި ތިބި ދެ ރަޙްމަތްތެރިންނެވެ. މައްސަލަތައް ފެންމަތިވާން ފެށި ހިސާބެވެ. އަމިއްލަ އެދުމަކަށްޓައި އަރައިގަންނަ މަޖުބޫރިވި ކަންތައްތަކެވެ.
އަހަރެންނަކީ އެންމެ ޅައިރުއްސުރެވެސް، މަގުމަތީ ދިރިއުޅުމަށް ލޯބި ކުރި މީހަކީމެވެ. އެ މިނިވަންކަންވެސް ލިބިފައިވުމުން، އޭގެ ބޭނުން އަހަރެން ހިފީމެވެ. ޙަޤީގަތުގައި އަހަރެން ވިޔަފާރިއަށް ލޯ ހުޅުވައިދިނީ އެ އުޅުމުގެ ތެރެއިންނެވެ. ވިޔަފާރި ދަސްވީވެސް އެ މާހައުލުންނެވެ.
ޒިހާނާއި ފަޔާޒަކީ، ސުކޫލު ދަޢުރުގައި އަހަރެެންނާއި ދިމާވި ދެ ރަޙްމަތްތެރިންނެވެ. ފަޔާޒަކީ މުއްސަނދި ޢައިލާއަކުން އައިސް ހުރި ކިޔެވުމަށްވެސް މޮޅު މީހެކެވެ. އެއާއި ޚިލާފަށް އަހަރެންނާއި ޒިހާނު ނިސްބަތްވީ މެދު ފަންތީގެ އާއިލާތަކަކަށެވެ. އެހެނަސް ޒިހާނުވެސް ކިޔެވުމަށް ގަދައަޅާ މަސައްކަތް ކުރިއެވެ. އަހަރެންވެސް ވީ ވަރަކުން އެކަމައިގެން އުޅުނީމެވެ.
އެކުގައި އުޅެވުމުން، އެކި އެކި ސަބަބުތަކާއި ހުރެ އެކުވެރިވެ ގާތް މިތުރުންނަށް އަހަރެމެން ބަދަލުވީ ވަރަށް ކުޑަ އިރުއެވެ. ސުކޫލު ދައުރުގައި ކިޔެވުމަށް ފަރުވާތެރި ވާން ޖެހުނު އިރު އަހަރެމެންގެ ގުޅުން ވީ ވަރަށް ވަރުގަދަވެފައެވެ. ސުކޫލު ދައުރު އަހަރެމެން ނިންމާލީ ނުހަނު ކާމިޔާބު ކަމާއި އެކީގައެވެ.
އަހަރެން މަސްތުވާތަކެއްޗަށް ތަޢާރަފުވީ އެ ދުވަސްވަރެވެ. ފުރަތަމަ ބޭނުން ކުރީމެވެ. އެހެނަސް އަހަރެން އެއަށް ދެއްވެއް ނުހިފިއެވެ. އެއަށްވުރެ މޮޅު ވިސްނުމެއް ލިބުނީއެވެ. އެއަށް ނެތް ވަރުން ޚަރަދު ކުރުމުގެ ބަދަލުގައި އަހަރެން ފެށީ އޭގެ ވިޔަފާރި ކުރާށެވެ. ފައިސާ ހީވީ ކަޅު ވިލާގަނޑަކުން އޮއްސާލި ބޮޑު ތިކި ވާރޭ ހެންނެވެ. ސިއްރުން ކުރަންފެށި ވިޔަފާރި، މިސްރާބު ޖެހީ ކާމިޔާބީއާއި ދިމާލަށެވެ.
ޒިހާނު މެނާއި އެކު އަހަރެންވެސް މަތީ ތަޢުލީމު ހާސިލްކުރަންފެށީމެވެ. ކުރެވުނު ވަރަކުން ސިއްރުން ވިޔަފާރި ކުރަމުންނެވެ. އަދާއި ހަމައަށްވެސް ސިއްރު ކުރާ ފަދައިންނެވެ.
ދެކުނު ހުވަފެންތަކާއި އެއްގޮތަށް، ފަޔާޒު ފެށީ ރިސޯޓު ހިންގުމެވެ. ޒިހާނު އިޙްތިޔާރު ކުރީ ރެސްޓޯރެންޓާއި ކެފޭ ހިންގާށެވެ. ހޮޓެލް ކުންފުންޏެއް އުފެއްދީ އަހަރެންނެވެ. މަސައްކަތް ކިތަންމެ ބުރަ ނަމަވެސް، އަހަރެމެން ފަސް ނުޖެހި ކުރިއަށް ދިޔައީމެވެ. އެކެއްގެ ވިޔަފާރިވެސް ދަށްވިޔަ ނުދީ ދިވެހިރާއްޖެއަށް ނަން މަޝްހޫރު ބަޔަކަށް ވީ އެކުއެކީއެވެ.
ފަޔާޒު ލިމާއާއި ކައިވެނި ކުރުމުން، އަހަރެންވެސް ދިރިއުޅުމެއް ފަށަން ވިސްނީމެވެ. އެއިރު ރައްޓެހިވެގެން އުޅުނު ޝަޒިއްޔާ ގާތު އިންނަން އެހީމެވެ. އަހަރެމެންގެ ކައިވެންޏަށް މާ ގިނަދުވަސްތަކެއް ނުވެ އުޅެނިކޮށް ޒިހާނުވެސް ކައިވެނި ކުރިއެވެ. އެންމެ ފުރަތަމަ ދަރިޔަކު ހޯދީވެސް އެމީހުނެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. މާއިޒެވެ.
އަހަރެންވެސް އަދި ފަޔާޒުވެސް އެހާ އަވަހަށް ދަރިއަކު ހޯދަން ބޭނުމެއް ނުވިއެވެ. ކުޑަ ކުޑަ މާއިޒް ބޮޑުވަމުން އަންނަތަން ބަލަން ތިބީމެވެ. ކުރިމަގާއި މެދު އެއިރު އަހަރެންނަށް ރަނގަޅަށް ވިސްނާނުލެވުނީއެވެ. އޭގެ ހަތަރުވަރަކަށް އަހަރު ފަހުން ލިމާ ބަލިވެއިނެވެ. ހަމަ އެ އަހަރު ފަހުކޮޅު ޝަޒިއްޔާވެސް އަހަރެންނަށް އުފާވެރި ޚަބަރެއް ދިނެވެ. ހެވި ދިލިފައި އަހަރެމެން ތިބީމެވެ.
ފަޔާޒަށްވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކަށް ކީ ލުވެއިޒެވެ. މާއިޒު ކުޑަކުޑަ ލުވެއިޒް ގާތު ބައިންދައިގެން ތިބެ، ފަޔާޒުމެން ދައްކާ ވާހަކަތަކުން އަހަރެންނަށް އަހަރެންގެ ދަރިފުޅަށް ކުރެވުނު އިންތިޒާރުގެ ދުވަސްތައް ދިގުހެން ހީވާން ފެށިއެވެ. އެމީހުން އަބަދާއި އަބަދުމެ ދައްކަމުން ދިޔައީ ގައިބާރު ދެރަވާ ދުވަހު ލުވެއިޒާއި މާއިޒް، އެމީހުންގެ ވިޔަފާރިއާއި ހަވާލުވާނެ ވާހަކައެވެ. އެމީހުންގެ ދިރިއުޅުމަށް ކުރާ އުންމީދުތަކުގެ ވާހަކައެވެ. އަހަރެންވެސް އެ އުންމީދުތައް ކުރުމުގައި ބައިވެރިވީމުއެވެ.
ހިތަށް ނުތަނަވަސްކަން ވެރިވާން ފެށީ، އަހަރެންގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއި އެކުއެވެ. ލިބުނީ އަހަރެން ބޭނުންވި ފަދައިން ފިރިހެން ދަރިއެއް ނޫނެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. ހިތުގެ ކަނެއްގައި ތަފާތު ވިންދެއް ޖަހާކަން އިހުސާސްވި ނަމަވެސް، އެކަމުގެ އަސަރެއް އުޅުމަށް ފޯރިޔަ ނުދީ އަހަރެން އުޅުނީމެވެ. އަދި ވަގުތު އެބަ އޮތޭ ހިތައެވެ.
ޝާނާއަށް ދެތިން އަހަރުވެ އެކަނި ބިނގާ ބިނގާވެ އުޅެވޭ ވަރުވުމުން، އަހަރެމެން ދެވަނަ ދަރިއެއް ހޯދުމަށް ނިންމީމެވެ. ދިގު އިންތިޒާރީއަކަށް ފަހު، އަހަރެންގެ ފިރިހެން ދަރިފުޅު އަތުތެރެއަށް ލައި އުރާލީމެވެ. ކުރަމުން ދިޔަ ހުރިހާ އުންމީދަކާއި ދެކުނު ހުވަފެންތައް ޝަޔާނާއި ގުޅުވާލީމެވެ. ކުރިން ލިބުނު ނުތަނަވަސްކަން ހިތުން ފިލުވާލައި، އުފާވެރިކަމާއި އެކު އުޅެމުން ދިޔައީމެވެ.
ދެތިން އަހަރު ފަހުން ފަޔާޒާއި ޒިހާނުވެސް އިތުރު ދަރިއަކު ހޯދިއެވެ. ފަޔާޒަށް އަންހެން ކުއްޖެކެވެ. ޒިހާނަށް މި ފަހަރުވެސް ފިރިހެން ކުއްޖެކެވެ. އެލީޒާއާއި މާޒިނެވެ. އެކުއެކީގައި އެ ދެކުދީންވެސް ބޮޑުވަމުން ދިޔައެވެ. ދެ އަހަރު ފަހުން އަނެއްކާވެސް، އިތުރު ދަރިއަކު ލިބެން އުޅޭ ޚަބަރު ފަޔާޒާއި ޒިހާނު ދިނެވެ. އަހަރެން އިތުރު ދަރިއަކު ބޭނުން ނުވީއެވެ.
އަހަރެމެން އުންމީދު ކުރިހެން އަހަރެމެންގެ ދަރިންގެ ދެމެދުވެސް އެކުވެރިކަން އުފެދިގެން ދިޔައެވެ. ބޮޑުވަމުން އައި އިރު ޝަޔާނާއި މާޒިން ވީ ސަަކަރާތް ބޮޑު، ގާތް މިތުރުންނަށެވެ. މަޑުމަޑުން ހުއްޓެއް ކަމަކު ލުވެއިޒްވެސް އުޅުނީ އެމީހުނާއި އެކުއެވެ. ޝާނާއާއި އެލީޒާ އިހްތިޔާރު ކުރީ ބޭރު އެކުވެރިން ނަމަވެސް އެ ދެމީހުންވެސް ދުރެއް ނޫނެވެ. ތަފާތު އުޅުމެއް އުޅުނީ މާއިޒެވެ. ބޮޑުވަމުން ދިޔަ ވަރަކަށް، މާއިޒް ވަމުން ދިޔައީ ދުރެވެ. ކިޔެވުމަށްވެސް ވާނެ ގޮތެއް ވިޔަ ދީގެން އުޅުނީއެވެ. ޒިހާނުމެންވެސް މާ ބޮޑަކަށް އެކަމަކާއި އަޅައެއް ނުލިއެވެ. އަހަރެންގެ ދަރިއެއް ނޫންކަމުން އަހަރެންވެސް އަޅާނުލީއެވެ.
އެހެނަސް މާއިޒްގެ އުޅުމާއި މެދު ކަންބޮޑުވާން އަހަރެންނަށް މަޖުބޫރުވިއެވެ. ފުރާވަރަށް އެޅީއްސުރެ، މާއިޒް އަހަރެންނާއި ދިމާލަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. ހީވަނީ އަހަރެން ދެކެ ރުޅި އައިސް ހުންނަ ހެނެވެ. މާއިޒް އަހަރެންނަށް ނަފުރަތު ކުރަން ޖެހޭ ސަބަބެެއް އަހަރެންގެ ހިތަކަށް ނައެވެ. ފަހުން ފަހުން މާއިޒް އަހަރެންނާއި ދިމާވާ ފަހަރުތަކުގައި ވައް ބަހުން އެއްޗެހި ބުނަންވެސް ފެށީއެވެ. އަހަރެންގެ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅޭ ވާހަކަތަކެވެ. ވިޔަފާރީގައި ހަދާފައި ހުރި މަކަރުތަކުގެ ވާހަކައެވެ. އަދި އެންމެ އާދަޔާ ޚިޔާލު ކަމަކީ، މާއިޒް ބުނާ ކޮންމެ ކަމެއްވެސް ފަހުގެ ތާރީޚެއްގައި ހިނގާފައިވި ކަމަކަށް ވުމެވެ. އެހެނަސް އެ ވާހަކަ ތަކަކީ މީހަކާއި ހިއްސާ ކުރެވޭނެ ކަހަލަ ވާހަކަ ތަކެއް ނޫނެވެ. އަޅާނުލާ ހުންނަން އަހަރެން އިހްތިޔާރު ކުރީ އެހެންވެއެވެ.
ފަހުން ފަޔާޒަށް ލިބުނު އަންހެން ދަރިފުޅު، އެލީނާއަށް ކިރިޔާ ދެތިން އަހަރު ވި ތަނާ، ލިމާގެ ފުއްޕާމެއަށް ބައްޔެއް ޖެހިގެން، ލިމާ، ރަށަށް ދިރިއުޅުން ބަދަލު ކުރިއެވެ. ދެ އަންހެން ދަރީން ގޮވައިގެންނެވެ. ވިޔަފާރީގެ ކަންކަން އޮތީ މާލޭގައި ކަމުން، ފަޔާޒު ނިންމީ މަޑުކުރާށެވެ. ކިޔެވުމަށާއި ޝަޔާނުމެން ދޫކޮށްލާފައި ދާން ނޭދޭތީ، ލުވެއިޒްވެސް މަޑުކުރީއެވެ.
ކުދިން ބޮޑެތިވީ ނުހަނު އަވަހަށެވެ. މާއިޒް އޭނާގެ މިތުރު ޖިހާނާއި އެކު މަގުމަތީ ދުއްވަ ދުއްވާ އުޅުނު އިރު ލުވެއިޒާއި މާޒިން އަދި ޝަޔާނު އެކުގައި ސަކަރާތް ޖަހަމުން ކިޔެވުމަށްވެސް މަސައްކަތް ކުރަމުންދިޔައެވެ. ޝާނާވެސް ބޮޑުވަމުން ދިޔައެވެ. އަހަރެން އެއްވެސް ވަރަކަށް، ޝާނާއަށް ވަކި އެއްްޗެއް ކިޔަވަން ބާރެއް ނާޅަމެވެ. އަހަރެންގެ ވިޔަފާރި ހަވާލު ކުރަން ނިންމާފައިވަނީ ޝަޔާނާއި ކަމުންނެވެ. ގާތުން އުޅޭ ގޮތް ނުބެލުނަސް، ކިޔަވާކަން އެނގުމުން އުފާކުރީމެވެ.
މާއިޒް ޒިހާނުގެ ވިޔަފާރީގައި ބައިވެރިވީ މާ ބޮޑު ތައުލީމެއް ނެތިއެވެ. ކިޔަވަން އޭނަ ބޭނުންވެސް ނުވީއެވެ. އެހެނަސް މާއިޒް ވިޔަފާރި ހިންގާލީ ކުޅަދާނަ ކަމާއި އެކުއެވެ. އެކި ތަންތަނުން ނެރެ ޑީލްތައް ހެދިއެވެ. ވިޔަފާރި ފުޅާ ކޮށްލިއެވެ. ބޯވެސް ބޮޑީއެވެ. މޮޅެތި ވިސްނުންތައް ނެރެ، ވިޔަފާރި އޮތް ހަރުފަތުން ކުރިއަށް ޖައްސާލިއެވެ.
ޝަޔާނު ސާނަވީ ނިންމާލީ ލުވެއިޒް ކިޔަވަން ޔޫކޭގައި އުޅެއުޅެފައި އައި އަހަރުއެވެ. ލުވެއިޒްވެސް ފަޔާޒުގެ ވިޔަފާރިއާއި ހަވާލުވިއެވެ. މާއިޒްހާ ކުޅަދާން ނުވިނަމަވެސް، ލުވެއިޒްވެސް ވިޔަފާރި ކުރިއަރުވާލިއެވެ.
ޝަޔާނުގެ ހުވަފެނާއި މެދު އަހަރެން ސުވާލުކުރީމެވެ. ލިބުނު ޖަވާބުން އަހަރެންނަށް ހީވީ ހިތަށް ކުޑަ ވަރެއްގެ ތޫފާނެއް އައި ހެންނެވެ. ރުޅިވެސް އާދެވުނެވެ.
"ބައްޕަވެސް ތި ހުރީނު؟ ދޮންތަވެސް ހުންނާނެއްނު؟ މަ ބޭނުމީ އާޓިސްޓަކަށް ވާން.. ލަވަ ކިޔަން. ބޭންޑެއް އުފައްދަން.." ޝަޔާނު ދިން ޖަވާބު އަދިވެސް އަހަރެންގެ ހިތުން ފުހެ ނުލެވެއެވެ.
"ލަވަ ކިޔަށޭ؟ ތި ދެން ކޯޗެއް؟ އަތަށް ބައި ރުފިޔާވެސް ނާރާނެ.." އަހަރެން ހިތްހަމަ ނުޖެހުމާއި އެކު ބުނީމެވެ.
"މަށަށް އޯކޭއޭ އެހާ ބައިވަރު ރުފިޔާ ނުލިބުނަސް، ފްރެންޑުންނާއި އެއްކޮށް މަޖާ ކޮށްލާ، އަމިއްލަ މަސައްކަތެއް ކުރެވެނިކޮށް.." ޝަޔާނު ޖަވާބު ދިނެވެ.
އަހަރެންގެ ވިސްނުން ކިލަނބުވާން ފެށީ އެހިސާބުންނެވެ. އެ ދުވަހު ޝަޔާނާއި ދިމާލަށް އެއްޗެކޭ ނުބުނަމެވެ. ފަހުން ވިސްނޭނެޔޭ ހިތައެވެ. އެހެނަސް އެ ޚިޔާލު ހިތުން ފުހެލާން ނުކުޅެދުނެވެ.
އަހަރެން ސިއްސުވާލި ޚަބަރެއް ލިބުނީވެސް އެ ފިކުރ ބޮލުން ނެރެ ނުލެވިގެން އުޅެނިކޮށެވެ. ޒިހާނު ބޭރު ގައުމެއްގެ ބޮޑު ހޮޓެލް ޗެއިނަކާއި، ވިޔަފާރި އެއްކޮށްލި ޚަބަރެވެ. އެމީހުންގެ ހޮޓެލްތައް ރާއްޖޭގައި ބައިވަރެވެ. ޒިހާނުގެ ބިންތަކުން އެމީހުނަށް ތަންދީ، ރެސްޓޯރެންޓުތަކުގެ ޚިދުމަތް އެމީހުންގެ ޚިދުމަތާއި އެއްކޮށްލިއެވެ. އަދި ބޭރުގައި ހުރި އެމީހުންގެ ހޮޓެލްތަކަށްވެސް ޒިހާނުމެން އަތް ފޯރުވާލިއެވެ.
އެކުވެރިޔާއަށްޓަކައި އުފާވާން އަހަރެން ނުކުޅެދުނެވެ. އަހަރެން ހޮޓެލް ވިޔަފާރި ކުރަނިކޮށް، ޒިހާންވެސް އެކަން ކުރުމުން ހިތްހަމަ ނުޖެހުނެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ވާނެ ގެއްލުން ޒިހާނަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. އަހަރެންނާއި މެދު، އަދި އަހަރެންނަށް ލިބޭނެ ގެއްލުމާއި މެދު ޒިހާނު ވިސްނާނުލީތީ ހިތް ބަރުވީއެވެ. އަހަރެން އިތުރަށް ޚަބަރު ސާފު ކުރީމެވެ. ކަން ވީ ގޮތް ސާފުވީ ދުވަސްކޮޅެއް ފަހުންނެވެ. ގަތްހާ ގަނޑެއް ގަތީ މާއިޒެވެ. ޒިހާނު ދެކެ އައި ރުޅި މާއިޒަށް ބަދަލުކޮށްލީ އެ ރުޅި ދެގުނައަށް ބޮޑު ކޮށްލާފައެވެ.
ވިޔަފާރި އަޑިގަނޑަކަށް ވެއްޓޭކަން އިހުސާސް ވަމުން ދިޔައެވެ. އަނެއްކޮޅުން އަހަރެންގެ ޑީލްތައް ފަޅާއެރުން ގިނަ ވާން ފެށިއެވެ. އެހެން ކަން ވި ދުވަހަކު އާދެވުނު ރުޅީގައި އަހަރެން ގެއަށް ދިޔުމުން، ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ފެންޑާގައި ހުރި ސޯފާގައި އޮތް ޝަޔާނުގެ ގިޓަލެވެ.
ހިތަށް އެރިއެވެ. ޝަޔާނުވެސް ބޭކާރު ކަންކަމާއި ނުވިސްނާ، އަހަރެންގެ ވިޔަފާރި ކުރިއަރުވަން އުޅޭ ނަމަ ކޮންފަދަ ހެއްޔެވެ؟ ހުރެވުނީކީވެސް މުޅިން ހަމަޔަކު ނޫނެވެ. ގިޓާ ހިފައިގެން ޝަޔާނުގެ ކޮޓަރިއަށް ވަނީމެވެ. ޝަޔާނު ގޭގައި ނޫޅޭ ގަޑިއެކެވެ. ގާތްގަނޑަކަށް އަބަދެކޭވެސް އެއްގޮތަށެވެ.
ގިޓާ، ބިންމައްޗަށް ދޫކޮށްލަފައި، އަހަރެން ގޮސް ހުއްޓިލީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑު ދޮށުގައެވެ. ފޮތްތައް ނަގާ މަތިމަތިން ބަލައިލީމެވެ. އެއީ ޝަޔާނު ޅެންލިޔާ ފޮތްތަކެވެ. އަދަދު ބައިވަރެވެ. ހުރީ ހުސްވެސް ދިވެހި ލޯބީގެ އިޝްގީ ލަވަތެކެވެ. ހިތުގައިވި ނުތަނަވަސްކަން ވީ ހަމަ އިތުރެވެ.
ގޭގައި މަސައްކަތް ކުރަން އުޅޭ މީހުނަށް ގޮވާ ގެނެސް، ބޮޑު ދަގަނޑު ފީފާ ބުރިއެއް ގެންނަން އެދުނީމެވެ. އެ ގެނެސްދިނުމުން، ގިޓާ ފީފާ ބުރިއަށް ލީމެވެ. އަދި ހަރުގަނޑުގައި ހުރިއްޔާ ހުރިހާ ފޮތެއް އަހަރެންގެ އަމިއްލަ އަތުން އެއަށް އެޅީމެވެ. ޑީސެލުން ފޮތްތައް ތެންމާލާފައި، އަލިފާން ދަނޑި ފީފާ ބުރިއަށް ވައްޓާލީވެސް އެ ރުޅީގައެވެ. ކޮޓަރީގައި، އެނދިޔަ ދޭން، ފީފާ ބުރީގެ މަތި ޖަހާލީމެވެ. އިވޭ އަޑުތަކަށް ކަންފަތް ދީގެން އަޑު އަހަން ހުރީމެވެ. އިން ކުޑަކުޑަ ލޯ ވަޅަކުން އަރަމުން ދިޔަ ކަޅު ދުންތަކަށް ބަލަން ހުރީމެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭ ފޮތްތައް އަނދާ އަޅިއަށް ވިއެވެ. އަޑު ކިޔަކިޔާފައި ގިޓާވެސް މުޅިން ހަލާކުވިއެވެ. އަތްލާން ނުކެރޭ ވަރަށެވެ. އަލިފާންގަނޑު ނިވެންދެން ބަލަން ހުރެފައި، މަތިގަނޑު ނެގީމެވެ. ގަދަ ވަހާއި އެކު މުޅި ކޮޓަރިއަށް ދުންގަނޑު ފެތުރިގެން ދިޔައެވެ.
"ބައްޕަ މިތާ ކީއްކުރަނީ؟ އެެއީ ކޯޗެއްތަ؟ ކޮން ވަހެއްތަ އެ ދުވަނީ؟ ހާދަ ދުމެކޭ.." ކުޑަ އިރުކޮޅެއް ފަހުން ފަހަތުން ޝަޔާނުގެ އަޑު އިވުނެވެ. އަހަރެން އެނބުރި ޝަޔާނަށް ބަލައިލީމެވެ.
"ދެން ޝަޔާން ކިޔަވަން ޖެހޭނީ ވިޔަފާރި! ފާޑު ފާޑު ޅެން ޅެން ލިޔެ ގިޓާ ޖަހާނެ ކަމެއް ނެތް! ތި ބޯ ރީތިކޮށް ކޮށައިގެން ކިޔަވަން އުޅޭ!" އަހަރެން އަމުރުވެރި ރާގެއްގައި ބުނެލީމެވެ.
ޝަޔާނު ފުރަތަމަވެސް ގޮސް ހުއްޓިލީ، ފޮތް ހަރުގަނޑު ކުރިމަތީގައެވެ. އިރުކޮޅަކު ހުސް އެ ހަރުގަނޑަށް ބަލަން ހުރެފައި އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އެއިރު އެ މޫނުމަތީގައިވީ ހައިރާންކަމެވެ.
"މަގޭ ފޮތްތައް!! ހުރިހާ ފޮތެއް! އެއީ ހާދަ ޙާލަކުން ލިޔެފަ ހުރި އެއްޗިއްސޭ. ތިން އަލްބަމަށް ވާވަރު ހުންނާނެ. ތިން އަލްބަމް!!" ޝަޔާނު ހަޅޭއް ލަވައިގަތެވެ. އަހަރެންގެ ހިތަކަށް އެއަކުން އަސަރެއް ނުކުރިއެވެ. ޝަޔާނަކީ އަހަރެން ކުރިހާ އުންމީދެކެވެ. ދެކުނުހާ ހުވަފެނެކެވެ. ޝަޔާނު އަހަރެން ބޭނުން ވާ ގޮތް ހަދައިދޭން ޖެހޭނެއެވެ.
"މަގޭ ގިޓާވެސް!" ފީފާބުރި ކައިރީ ހުއްޓިލާ އެތެރެ ބަލައިލަމުން ޝަޔާނު ބުނެލިއެވެ. ދެން ފެށީ ރޯށެވެ. ސޯޅަ އަހަރުވެ ބޮޑުވެފައި ހުރި ފިރިހެނަކު ރޯން ފެށުމުން އަހަރެންނަށް ވަރަށް ކަމުނުދިޔައެވެ. ޝަޔާނު ބޮޑުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ކަންކަން ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟
"ލުވެއިޒްމެން މާއިޒްމެންހެން ތަންކޮޅެއް ޒިންމާދާރު ވެބަލަ!" އަހަރެން ބުނެލީމެވެ.
"މަ ކުރާނީ މަ ކުރަން ބޭނުން ކަމެއް ނޫންތަ؟! މަ އޭލެވެލްއެއްވެސް ނުހަދާނަން!!" ދެލޯ ފުހެލާފައި ކަރުނަތައް ހިންދާލަމުން، އަޑަށް ބާރުލާފައި ޝަޔާނު ބުނެލިއެވެ. އާދެވުނު ރުޅިން އަހަރެންވެސް ރައްދު ދިނީމެވެ. ޝަޔާނު ދުލެއް ނުކުރިއެވެ. އަހަރެންނާއި އަހަރެންގެ ދަރިއަކާއި ދެމެދު ހިނގި ފުރަތަމަ ޒުވާބު ހިނގިއެވެ. އަހަރެން ރުޅިވެރިކަމާއި އެކުވެސް އާދޭސް ކުރީމެވެ. ވިސްނައިދޭން މަސައްކަތް ކުރީމެވެ. އަހަރެން ޝަޔާނަށް ބޭނުންވާ މިންވަރެވެ. އެހެނަސް އެންމެ ފަހުން އަހަރެންގެ އެދުން ބޮލާލައި ޖަހާފައި ޝަޔާނު ގެއިން ނުކުމެގެން ދިޔައީއެވެ.
އެރޭ ދަންވި އިރުވެސް ޚަބަރެއް ނުވުމުން، އެންމެ ފަހުން ގުޅީމެވެ. ފޯނަކަށް ޖަވާބެއް ނުދިނެވެ. އެކަމާއި ފިކުރު ބޮޑުވެގެން ޝަޒިއްޔާ އެރޭ ނުވެސް ނިދައެވެ. އެވަރަކުން އަހަރެންނަކަށް ނޫޅެވޭނެއެވެ. އަހަރެންނަށް އިތުރަށްވެސް އާދެވުނީ ރުޅިއެވެ.
ޖެހިގެން އައި ދުވަހާއި އެ ދުވަހުގެ ރޭވެސް ޝަޔާނުގެ ޚަބަރެއް ނުވިއެވެ. ޝާނާ ލައްވާ ޝަޔާނުގެ އެކުވެރިންނަށް ގުޅައިގެން ވީ ތަނެއް ހޯދީމެވެ. ގޮސް އޮތީ ޒިހާނު ގޯތީގައެވެ. ނާންނަން ހިއްޕާލާފައެވެ. ޝަޒިއްޔާ ވަރަށް ރޮއެ ރޮއެފައި އަންނަން އެދުނެވެ. އެހެނަސް ޝަޔާނު އެއްގޮތަކަށްވެސް އަހަރެމެންނާއި ވާހަކައެއް ނުދެއްކިއެވެ.
ޝަޔާނު ނުކުމެގެން ދިޔަފަހުން ހަފްތާއެއް ވީ އިރުވެސް އިތުރު ޚަބަރެއް ނުވިއެވެ. ހާސްވާން ފެށީ އެ ހިސާބުންނެވެ. އޮފީހުގައި އުޅެއުޅެފައި އެ ދުވަހު އަހަރެން ކެފޭއަކަށް ވަނީ ފަޔާޒައި އެކުއެވެ. ދެކެވުނީ ވިޔަފާރީގެ އެކި އެކި ވާހަކަތަކެވެ. ކާނެ އެއްޗަކަށް އޯޑަރު ނުދީ އަހަރެމެން މަޑުކޮށްލީ ޒިހާނު އަންނަން ދެނެވެ.
"މިހާރު މަ މި ވިސްނަނީ ލުވޭޒާ އެލީޒާ ހަވާލުކޮށްފަ، މަ ރަށަށް ބަދަލުވާން... އެލީޒާއަށް ގޭތެރޭގެ ކަންކަން ހަމަ ޖެއްސޭނެ. ލުވޭޒުވެސް މިހާރު ވިޔަފާރި ބަލަހައްޓަން މަށަށް ވުރެ ކުޅަދާނަ.. މަ ދިޔުމަކުން ވާނެ ގެއްލުމެއްް ނޯންނާނެއްނު؟" ވާހަކައިގެ ތެރެއިން ފަޔާޒު ކިޔައިދިނެވެ.
"ލިމާ މަތިން ހަނދާން ވަނީ ދޯ! މާ ބޮޑަށް.." ހިނިގަނޑެއް ޖަހާލަމުން އަހަރެން ބުނެލީމެވެ.
"ހަނދާންވެސް ވާނެ ނޫންތަ؟ އެލީނާވެސް ގުޅާ ކޮންމެ ފަހަރަކު އަހާނެ ރަށަށް އަންނާނީ ކޮން އިރަކުން ހެއްޔޯ؟" ފަޔާޒު ހިނިތުންވެލަމުން ބުނެލިއެވެ.
"އެ މަންޖެވެސް ބޮޑުވެއްޖެ ދޯ؟ މިކޮޅަށް އަންނާކަށް ނުރޮއޭތަ؟" އަހަރެން ސުވާލުކޮށްލީމެވެ. އެލީޒާ މާލެ ބަދަލުވާން ކުރިހާ އާދޭހުގެ ވާހަކަވެސް އިވިފައި ވުމުންނެވެ.
"އެއީ އެލީޒާގެ ދިމާ އިދިކޮޅު. ކުރިންވެސް މަޑު މަޑުންނެއްނު ހުންނަނީ؟ މިހާރުވެސް ހަމަ އެހެން.." ޗޮކެއް ކަނޑާލަމުން ފަޔާޒު ބުނެލިއެވެ.
ހަރުފަތްތަކުން އަރައިގެން އައި ޒިހާނު ފެނުމުން، އަހަރެން ހަނާ އަޅާލީމެވެ. ފަޔާޒުވެސް ފަހަތަށް ބަލައިލިއެވެ. ޒިހާނު ހިނިތުންވެލާފައި އައިސް އަހަރެމެން ގާތު އިށީނެވެ.
"ކޮބާތަ އަހަރެމެންނަށް ވީ ސައި؟" ފުރަތަމަވެސް ފަޔާޒު ބުނެލިއެވެ.
"ކޮން ސައެއްތަ؟" ނިތް އަރުވާލަމުން ޒިހާނު އެއްސެވެ.
"ކަލޭ ބޭރުގެ ބޮޑެތި ކުންފިނަތައް ވެރިކޮށްލާއިރު އަހަރެމެންނަށް ސައެއްވެސް އަޅާނުލާ ވިއްޔަ!" ލާނެތް ރާގެއްގައި ފަޔާޒު ބުނެލިއެވެ.
"އޭ އޭ މަގޭ ބޮލަށް ނުޖަހާ.. މަ ކުރި ކަމެއް ނޫން އިނގޭ އެއީކީ..." މަޑު ހުނުމަކަށް ފަހު ޒިހާނު ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އަހަރެންވެސް ގޮތަކަށް ދެތުންފަތް ފޭކޮށްލައިގެން އިނީމެވެ.
"މަ މާއިޒް ކައިރީ ބުނިން ނުވާނެޔޭ ތިކަމެއް.. ހަމަ ބުނާ އިރަށް ބުނެފި، ބައްޕަ މިހާރު ތި ހުރީ މުސްކުޅި ވެފަޔޯ. އަޅެ މަ މުސްކުޅިތަ؟" އަނގަ ހަދާލަމުން ޒިހާނު ބުނެލިއެވެ. ފަޔާޒާއި އެކު އަހަރެންވެސް ހުނުމުގައި ބައިވެރިވީމެވެ. ވެވޭތޯ މަސައްކަތް ކުރީމެވެ.
"މަހާ ފަރައިތުން ވާރުތަ ކޮށްފަ ހުރި ބޯހަރު ކަމޭ.." ދެފަރާތަަށް ބޯ ހޫރުވާލަމުން ޒިހާނު ބުނެލިއެވެ. ދަރިންގެ ނުބައި ސިފައެއް ފެނިއްޖިއްޔާ އަހަރެމެން އަބަދުވެސް ކަންތައް ކުރާ ގޮތަށެވެ.
"ކަލެޔަށް ޔަޤީންތަ ކަލޭ ފަރައިތުން ނޫންކަން؟" ހިނިގަނޑެއް ޖަހާލަމުން ފަޔާޒު ސުވާލުކޮށްލިއެވެ.
"ކަލެއަށް ލިބިފަ ހުރި ރަންގަނޑެއްނު މައިޒަކީ.. މަގޭ ދަރިންނަކަށް ނުވޭ ވިއްޔަ އެއް ކަމެއްވެސް.." މަޑުމަޑުން އިސްދަށަށް ޖަހާލަމުން އަހަރެން ބުނެލީމެވެ.
"ތި ކަމެއް ނޭނގެ.. މަށަށް ވަރަށް އަޑު އަޑު އިވޭ ގައިމު ކަލޭމެން ދެމީހުންގެ ދޮށީ ދަރިންނާ ގުޅޭ.." ސަކަ ގޮތަކަށް ހީނލާފައި ޒިހާނު ބުނެލިއެވެ. ދޮށީ ދަރިއޭ ބުނުމުން އަހަރެން ކޮންމެވެސް ވަރަކަށް ހައިރާންވެސް ވިއެވެ.
"ޝާނާ؟ ކިހިނެއްވީ؟" އަވަސް އަވަހަށް އަހަރެން ސުވާލުކޮށްލީމެވެ.
"ތެދެއް.. ލުވެއިޒް މިހާރު ކީއްކުރީ؟" ފަޔާޒުވެސް ސުވާލުކޮށްލިއެވެ.
"ނޭނގެ މަށަކަށް... ރޭގަ ޝަޔާނާ ޒިންއާ ދެ މީހުން އެކަނި ފިލްމެއް އަޅުވައިގެން ތިބީމަ މަ އެހީ.. ލުވޭޒު ކޮބާހޭ؟ ކަލޭމެންނާ މިހާރު ރުޅީ ހެއްޔޭ.. އަހާއިރަށް ބުނެފި..." ހިނިގަނޑެއް ޖަހާލުމަށް ޒިހާނު ވާހަކަ މެދުކަނޑާލިއެވެ.
"ޝަޔާނު ބުނީ.. ލުވެއިޒް ދޮންތަ ކައިރިއަށް ގޮއްސަ އެހެން ކަމެއް ކުރާކަށް ވަގުތެއް ނުވެޔޯ.." ހިނިތުންވެލައިގެން އިނދެ ޒިހާނު ބުނެލިއެވެ.
"އޭނ އޭނ ކީކޭ؟" ޝައުގުވެރިކަމާއި ހައިރާން ކަމާއި އެކު އަހަރެން ސުވާލުކޮށްލީމެވެ.
"ތެދެއްތަ؟ ތެދެއްތަ؟" ފަޔާޒުވެސް ސުވާލުކޮށްލިއެވެ.
"ތިޔެއް މަށަކަށް ނޭނގެ.. ކަލޭމެނަކަށްނު އެނގެން ވާނީ.." ޒިހާނު ބުނެލިއެވެ. ކުޑަ ހިނދުކޮޅަކަށް އަހަރެން ވިސްނާލީމެވެ. އަހަރެންނަށް ކާމިޔާބާިއ ހަމައަށް ވާސިލްކޮށްދެވޭނީ ޝަޔާނަށް އެކަންޏެއް ނޫނެވެ. ޝާނާއަށްވެސް ނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ދަނބިދަރިއަކަށް ލުވެއިޒްވެއްޖެ ނަމަ، އަހަރެންގެ ވިޔަފާރި، ލުވެއިޒް ކުރިއަރުވައި ދޭނެއެވެ. ކޮންމެހެން ޝަޔާނު ލައްވާ ކުޅިވަރުތަކެއް ކުޅުވާކަށް ނުޖެހޭނެއެވެ.
"ތިޔެއް ނޫނޭ.. ޝަޔާނު މިހާރު ނިދަނީ މާޒިން ކައިރީގަ.. އެއީ ކީއްވެތަ؟ ބުންޏޯ ގެއަކަށް ނުދާނަމޭ.." ވިސްނަން އިންދާ ޒިހާނު ބުނެލިއެވެ. އެއިރު ފަޔާޒުވެސް ބަލަން އިނީ އަހަރެންނަށެވެ.
"އެއީ.. އޭނާގެ ގިޓަޔާ ލަވަ ފޮތްތައް އަންދާލީމަ.. އެކަމުގެ ރުޅި އެ ބާލަނީ.." ބޯ ހޫރުވާލަމުން އަހަރެން ބުނެލީމެވެ.
"އަންދާލީއޭ؟ އެޔޯ؟ ގައިމު އޭނަ ނުލާހިކު މޮޅު.. ލުވޭ ކީ އޭނަ ބޭނުންވަނީ ބޭންޑެއް އުފައްދާށޭވެސް.." ފަޔާޒު ބުނެލިއެވެ.
"ތިއޭ މައްސަލައަކީ... ބިޒްނަސް ކިޔަވަން އުޅޭށޭ ބުނާއިރަށް ބުނީ ނޫނަކޯ. ދެން މިހާރު އެކިޔަނީ އޭލެވެލެއްވެސް ނުހަދާނަމޯ." އަހަރެން ހިތްހަމަ ނުޖެހުމާއި އެކު ބުނެލީނެވެ.
"ފަހުން ވިސްނޭނެޔޭ.. ބަލާބަލަ، މިހަރު މާއިޒް... އޭނަވެސް އޯލެވެލްއިން ސީ ބަރިއެއް ހިފައިގެން އައިސް ކޯހަށް ވަނީ.. އެކަމު މިހާރު ކިހާ ރަނގަޅު.." ޒިހާނު މަޑުމަޑުން ބުނެލިއެވެ.
"ދެން މަ ކިހިނެއްތަ ޝަޔާނަށް ހަދާނީ؟" ގޮތް ހުސްވެފައި ވާ ޙާލު އަހަރެން ބުނެލީމެވެ.
"ކުޑަކުޑަކޮށް ބޯ ކާލާ.." ވެއިޓަރު ކޮފީ ތަށި ގެނެސްދިނުމުން، ޖޯޑު ތެރޭ ސަމުސާ ތަޅުވާލާފައި ޒިހާނު ބުނެލިއެވެ.
"މިއުސިކު ކޯހަކަށް ވައްދާފަ ފުރަތަމަ ރުއްސާ.. އެއިރުންވެސް ރަނގަޅުވެދާނެ.. ކަލޭ މާ ދުރިއްޔޭ ކުދިންނާ.. އެހެންވީމަ ބުނާ ގޮތް ނުހަދަނީ.." ފަޔާޒު ބުނެލިއެވެ. އަހަރެންވެސް ވިސްނާލަމުން މަޑުމަޑުން ބޯ ޖަހާލީމެވެ.
އެރޭ އެތައް އިރަކު ވިސްނަ ވިސްނާފައި، ޖެހިގެން އައި ދުވަހު ރަނގަޅު މިއުސިކު ކޯހަކުން ފޯމެއް ނެގީމެވެ. އަދި އެ ފޯމު ޝަޔާނަށް ފޮނުވާލީމެވެ. ކަންވީ ފަޔާޒުމެން ބުނި ގޮތަށެވެ. ފޯމު ލިބުމާއި އެކު ޝަޔާނު ގެއަށް އައެވެ.
"އެއީ އަސްލުވެސް ބައްޕަ ފޮނުވި އެއްޗެއްތަ؟" ޝަޔާނު ސުވާލުކުރި އިރު އަޑުގައިވެސް ވީ ނިމުމެއް ނެތް އުފާވެރިކަމެވެ. އަހަރެންވެސް ހިނިތުންވެލާފައި އާނއެކޭ ބުނެލީމެވެ.
"ދެންވެސް ރަނގަޅަށް ކިޔަވާތި.." މަޑުމަޑުން ބުނެލީމެވެ.
"ޔަޤީނެއްނު.. ހުސް އެޗުޑީ ގެންނާނީ.." އުފަލުން ހުރެ ޝަޔާނު ޖަވާބު ދިނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޝަޔާނު އެ ކޯސް ނިންމާ، އިތުރު ކޯހެއްވެސް ފެށިއެވެ. އަމިއްލަ ޅެން ލިޔެ، މިއުސިކު އުފައްދާ، މީހުންގެ މެދުގައި މަގުބޫލުކަންވެސް ހޯދިއެވެ. އެއިރު ޒިހާނު ބުނި ފަދައިން ޝާނާއާއި ލުވެއިޒް ދިޔައީ އިތުރު ލަވައަކަށް ނަށަމުންނެވެ. އަހަރެންނަށް ލިބެމުން ދިޔަ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އެއީއެވެ.
ޒިހާނުމެންގެ ވިޔަފާރި ދިޔައީ ހަމަ ކުރިއަށެވެ. އަނެއްކޮޅުން އަހަރެންގެ ވިޔަފާރި ދިޔައީ ދަށަށެވެ. އަހަރެން މަކަރު ހަދާ ވާހަކަ މީސްމީހުން ދައްކަން ފެށީއެވެ. ހެއްކާއި އެކު ކޯޓާށް މައްސަލަތައްވެސް ހުށައަޅަން ފެށީއެވެ. ހެކި ނެއްތުމަށް އެކި އެކި މީސްމީހުނަށް ބިރު ދައްކާ ފައިސާދީ އުޅުނީމެވެ. އަހަރެންގެ އެ ފަރާތް ހާމަ ވަމުން ދިޔަ ވަރަކަށް ޒިހާނާއި ފަޔާޒު އަހަރެންނާއި ދުރުވާން ފެށިކަން އިހުސާސް ވިއެވެ. އެ ހިސާބުން އަހަރެންނަށް ގާތް ކުރެވުނީ އުޒެއިރެވެ. ކަންކަން ފޫ ބެއްދުމަށް އޭނާގެ ފަރައިތުން ލިބުނު އެހީ ނުހަނު ބޮޑެވެ. އަހަރެންގެ މަސްތުވާ ތަކެތީގެ ވިޔަފާރި ބޮޑުތަނުން ކުރި އަރަން ފެށިއެވެ.
އަހަރެންގެ އެދުމަށް ނުބަލާ، ޝަޔާނު އޭނާ ދެކުނު ހުވަފެނުގައި ކުލަޖެއްސިއެވެ. ގެެއެއް ގަނެ، ސްޓޫޑިއޯއަކަށް ހެދިއެވެ. އަމިއްލަ ބޭންޑެއް އުފައްދާ، އޭނާ ބޭނުންވި ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ. ޝަޔާނުގެ ބޭންޑުގެ ގިނަ މެންބަރުންނަކީ ގޭންގުތަކަށް ނިސްބަތްވާ މީހުނެވެ. އަހަރެންގެ ކަސްޓަމަރުންވެސް ހިމެނެއެވެ. ޝަޔާނަށް ކަންކަން ފަޅާ އަރަން ފެށީ އެ ހިސާބުންނެވެ.
"މަށަށް އިނގޭ، ބައްޕަ ވިޔަފަރީގަ މަކަރު ހަދާކަން.. އެކަމަކު ހިއެއް ނުކުރަން މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަކަށް.. ތީ ހާދަ ނުބައި ވިޔަފާރިއެކޭ..." އެއް ދުވަހެއްގައި އަހަރެންގެ ފޯނަށް އައި ޝަޔާނުގެ މެސެޖެއްގައި އޮތެވެ.
"މަ ވަރަށް ދެރަވެސްވި.. ލަދުވެސް ގަން.. ޕްލީސް.. ޑްރަގް ބިޒްނެސް ހުއްޓާލާ." އާދޭހާއި އެކު ޝަޔާނު ލިޔެފައި އޮތެވެ. އަހަރެންނަށް އޭގެ މާނަ ނެގުނީ ރަނގަޅަކަށް ނޫނެވެ. އަހަރެންނަށް ވިސްނުނީ ޝަޔާނު އަހަރެންނަށް ހެވެއް ނޭދެނީ ކަމުގައެވެ. އެހީ ނުވާ ތާނގާ، ވިޔަފާރިއަށް ގެއްލުން ވާން އެދެނީ ކަމުގައެވެ.
އަހަރެންނަށް ޝަޔާނު ދެކެ ރުޅި އާދެވެން ފެށިއެވެ. ދެމީހުންގެ ޒުވާބުތައް ގިނަވެ، ޝަޔާނު އެންމެ ފަހުން ގެއަށް ނާންނަން ފެށީއެވެ. ފަހުން ފަހުން އަހަރެން އެކަމަކާއި އަޅައެއްވެސް ނުލަމެވެ. ޝަޔާނު އުޅޭނީ ޝަޔާނު ބޭނުން ގޮތަކަށް ނޫންހެވެ؟ އެއާއި އަހަރެން ބެހުމުގެ ބޭނުމެއް ނެތެވެ.
މާއިޒް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކުން، އަހަރެންނަށް ޖެހެމުން ދިޔައީ ފަހަތަށް ޖެހޭށެވެ. ފުރަތަމަ އަހަރެންގެ ހޮޓެލް ވިޔަފާރީގައެވެ. ފަހުން އަހަރެންގެ މަސްތުވާތަކެތީގެ ވިޔަފާރިއަށްވެސް މާއިޒް ކުޅެމުން ދިޔަ ކުޅިވަރުގެ އަސަރު ކުރަން ފެށިއެވެ. އަހަރެން މަސްތުވާތަކެތި އެތެރެ ކުރާ އެކިއެކި ގޮފިތައް މާއިޒް ބަންދުކޮށްލީއެވެ. ސީޕޯޓުތަކާއި އެއަރޕޯޓުތައް އަމިއްލަ ކުރުމާއި އެކު ސެކިއުރިޓީ ވަރުގަދަ ކޮށްގެންނެވެ. މާއިޒް އެކަން ކަން އެ ކުރަނީ އަހަރެންނަށް ޖެއްސުމަށޭ ހީވާ ފަހަރުވެސް އާދެއެވެ. އެހެން މީހުނާއި ޚިލާފަށް މާއިޒް އަހަރެންނާއި ދިމަލަށް ރުހުމުގެ ލޮލަކުން ނުބަލާތީއެވެ. އަބަދުވެސް ރުޅި އައިސްފައި ހުންނަކަން އިހުސާސް ކުރެވޭތީއެވެ.
އެތިކޮޅު އެތެރެ ނުކުރެވި ވިޔަފާރި އިނދަޖެހުނު ދުވަސްކޮޅަކު އަހަރެންނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ސީޕޯޓެއް އަހަރެންގެ ބާރުގެ ދަށަށް ގެނައުމުގެ ފުރުސަތެވެ. ސީދާ ކެރީބިއަނުން، އެކި ބާވަތް ބާވަތުގެ މަސްތުވާތަކެތި އެތެރެ ކުރެވޭނެ ގޮތެއް ފެނުމުން، އަހަރެން ކުރެވޭނެ އެންމެ ބޮޑު އަގުން ބިޑު ކުރީމެވެ. އިތުރު މިހަކު އެ އަގާއި ވާދަ ކުރަން ހިތުނުލާނެކަމަށް ޔަޤީންކޮށްފައެވެ.
ކަންވީ އަހަރެން އުންމީދު ކުރި ހެނެއް ނޫނެވެ. މާއިޒް އެތަނާވެސް ހިފީއެވެ. އެހާ ދަހިވެގެން އެ އުޅޭ ސަބަބެއް، ފެނިގެން އެ އުޅޭ މައްސަލައެއް އަހަރެންނަކަށް ނުވިސްނުނެވެ. ބިޑު ކޮށްފައި ހުރި އަގުތަކުން އެންމެ މަތީގަިއ އޮތީ މާއިޒް ކީ އަގެވެ. ސީ ޕޯޓި ލިބެން އޮތީ މާއިޒަށެވެ. އެތިކޮޅު، އެ ދުވަސްވަރު ހަމަ އެއްގޮތަކަށްވެސް އެތެރެ ކުރެވޭ ގޮތެއް ނުވިއެވެ. އެ ސީ ޕޯޓު ހޯދުމަށް އަހަރެން ކޮންމެހެންވެސް ބޭނުންވިއެވެ. ވިޔަފާރި ބަނގުރޫޓުވާން އެދޭނީ ކާކު ހެއްޔެވެ؟
ވިސްނާ ވިސްނާ ބޮލަކަށް ޚިޔާލެއް ނައެވެ. ތަފާސް ހިސާބު ބެލިއިރު އެ ސީޕޯޓު ލިބިއްޖެ ނަމަ އަހަރެންގެ ދެ ވިޔަފާރިއަށްވެސް ކުރާނެ ފައިދާ ބޮޑުކަން އެނގުނެވެ. އަނެއްކޮޅުން އެ ނުލިބިއްޖެ ނަމަ، ބާޒާރުގައި އަހަރެންނަށް ދިރިހުރެވޭނެ ކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ޒިހާނު ގާތު އެދި ސަލާން ޖަހަިއގެން ވިޔަސް އެ ސީޕޯޓު ހޯދާށެވެ.
އަހަރެން ޒިހާނުގެ މައި އޮފީހަށް ދިޔައީ ހޯމަ ދުވަހެއްގެ މެންދުރެވެ. ބިއްލޫރި ޖަހާފައި ހުރި ތަންތަނުން ޒިހާނުގެ ކޮޓަރި ވަރަށް ރީތިކޮށް ފެންނަން ވިއެވެ. ޒިހާނު އިން ގޮނޑީގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީނދެގެން އިނީ ފަޔާޒެވެ. އެމީހުން ދައްކާ ވާހަކައެއް އެހުމުގެ ނިޔަތުގައި އެމީހުނަށް ނުފެންނާނެހެން ނިވާވެލާ، އަޑުއިވޭނެހާ ދޮރާއި ކަިއރިވެލީމެވެެ.
"މަށަށް ހީވަނީ އަޒީމު ވަރަށް ދެރަވެފަ ހެން ހުރީ.." ފަޔާޒު ބުނެލި އަޑު އިވުނެވެ. ޝައުގުވެރިކަމާއި އެކު އަހަރެން އަޑު އަހަން ސަމާލުކަން ދިނީމެވެ.
"ކޮންކަމަކާ؟" ޒިހާނު ސުވާލުކޮށްލިއެވެ.
"އެ ސީޕޯޓު ނުލިބޭނެތީ.. ކައެ އަތުގަ މިހާރުވެސް ބައިވަރު ބަނދަރުތައް އެބަހުއްޓެއްނު؟ ވިޔަފާރިވެސް ކުރިއަށް ތި ދަނީ ވަރަށް އޮމާންކޮށެއްނު؟ މަށަށް ހީވަނީ އަޒީމަށް އެތަން ދިނަކަސް އަސްލު ގެއްލުމެއް ނުވާނެހެން!" ފަޔާޒު މަޑުމަޑުން ބުނެލިއެވެ.
"ކޮން ސީޕޯޓެއްތަ؟" ޒިހާނު ސުވާލުކޮށްލި އަޑު އިވުނެވެ.
"ޕިސްޕިސް ސާބަހޭ ޒިހާނު! ކަލޭ ކޮމްޕެނީއިން އެ ސީޕޯޓު ގަންނަން ބިޑުކޮށްފަ އޮތް ވާހަކައެއްނު އެންމެން އެ ދައްކަނީ!" ފަޔާޒު ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ދިއްކޮށްލާ، އެމީހުންނާއި ދިމާލަށް ބަލައިލީމެވެ. ޒިހާނުގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ.
"އަސްލުތަ؟ އެ މާއިޒު ކަންތަކޭ! ދެރަކަމެއްނު މިއީ! ކަމެއް ކޮށް ނިންމާފަ ނޫނީ މަ ކައިރިއަކު ނުބުނާނެ.. ހުރޭ! މި ގުޅަނީ.." ފޯނުން މަސައްކަތެއް ކުރަން ފަށަމުން ޒިހާނު ބުނެލިއެވެ.
"ކޮންތާކު؟" ފޯނު ކަންފަތުގައި ޖަހާލަމުން ޒިހާނު ސުވާލުކޮށްލިއެވެ. ފަޔާޒަށް އަހަރެން ފެނިދާނެހެން ހީވުމުން، އަހަރެން އަވަސް އަވަހަށް ނިވާވެލީމެވެ.
"އާދެބަލަ އޮފީހަށް.. ހަމަ މިހާރު!" ޒިހާނު ބުނެލި އަޑު އިވުނެވެ.
"ޖިހާނު ކައިރީ ހުއްޓަކަސް އާދެވިދާނެއެއްނު؟ އާދޭ!!" ކުޑަ އިރުކޮޅަކަށްފަހު ޒިހާނު އަނެއްކާވެސް ބުނެލިއެވެ.
"ނޭނގޭނެ ބަހެއް އަހާކަށް.. އާނ ދަންވަރު ދޭއް ޖަހާއިރު ގުޅާލިޔަސް، އެ ޖިހާނެއް ކައިރީ.." ފުން ނޭވާއެއްް ދޫކޮށްލަމުން ޒިހާނު ބުނެލިއެވެ. ވަގުތުވީ ޖީބުގައި އޮތް އަހަރެންގެ ފޯނު ވައިބްރޭޓު ވާން ފެށި ވަގުތަށެވެ. ފޯނު ނަގަމުން، އަހަރެން އަވަސް އަވަހަށް ދުރަށް ޖެހިލީމެވެ. ފޯނުގެ ޑިސްޕްލޭއަށް އަރާފައިވި އުޒެއިރުގެ ނަން ފެނުމުން، ފުން ނޭވާއެއް ދޫކޮށްލާފައި ފޯނަށް ޖަވާބު ދިނީމެވެ.
"ހޫނ؟" އަހަރެން ފުރަތަމަވެސް އަޑު ލައްވާލީމެވެ.
"ކޮބާ، ބަނދަރު ލިބޭ ގޮތް ވެއްޖެ؟" އުޒެއިރު ސުވާލުކޮށްލިއެވެ.
"ލިބޭތޯ ނޫންތަ މި އުޅެނީ؟ ތިހެން އަހަން ދެން މަށަށް ނުގުޅާތި!" ވި ފޫއްސެއްގެ ބޮޑު ކަމުން އަހަރެން ބުނެލީމެވެ.
"މުހިންމު ކަންކަމުގެ ވާހަކަވީމަ ދައްކަންވެސް ޖެހޭނެ ދޯ!" އެކޮޅުން އުޒެއިރު ބުނެލިއެވެ.
"ބައްޔެއްނު! މަށަށްވެސް އެނގެޔޭ އެތަން މުހިންމު ވަރު! އެތިކޮޅު ވެއްދޭނެ ހަމަ އެކަނި ޕޮއިންޓަކީ އެއީ ކަން ވިސްނެޔޭ." އަހަރެން އަޑު ބާރުކޮށްލަމުން ބުނެލީމެވެ. ހުރެވުނީ ބެލްކަންޏަކަށް ނުކުމެވެން ހުރި ދޮރު ކައިރީގައި ކަމުން، އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
"ދެން އެހެންވީމަ ހޯދަން ވީ ނޫންތަ؟" އުޒެއިރު އަނެއްކާވެސް ބުނެލިއެވެ. ގޮވާ ކާޅެއްގެ ގޮވެއްޔަކަށްވުރެ މީނަގެ ޝަކުވާ ބޮޑުވާނެއެވެ. ބޮލަށް ތުރާ ކުރަން ކުޅަދާނަވާނެއެވެ.
"ހޯދާށޭ މި އުޅެނީ! ކަލޭ މަޑުން ހުރެބަލަ.. މަ އެ ޕޯޓު ހޯދާނަމޭ!!" ބޭރުން ފެންނަ މަންޒަރަށް ނަޒަރު ހުއްޓާލަމުން އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އަހަރެންނަށް އެ ވަގުތު ހުރެވުނީ، އެ ފަންގިފަލަޔަށް އާދެވެން ހުރި ލިފްޓާއި ހަރުފަތްތަކާއި އަދި ޒިހާނުގެ އޮފީސް ކޮޓަރިއަށްވެސް ފުރަގަސް ދީގެންނެވެ.
"އަޒީމްބެ ހާދަ ސްޓްރެސް ވެފަ؟ ތި އޮތް ދާހިއްލާ ފޯވަނީނު؟" ފަހަތުން އަޑެއް އިވުމުން އަހަރެން ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ފޯނު ކަނޑާލާފައި ކާކުތޯ ބަލައިލީމެވެ. މާއިޒެވެ.
"މި ފަހަރު ކަސްޓަމްސްއެއް ނުގަނެވުނު ދޯ! އެއްބައި މީހުންތާ ވިކޭނީވެސް، ދޯ!" އެއް ލޯ މަރާލަމުން، މާއިޒް ބުނެލިއެވެ. ހިތުގައިވި ހުޅުގަނޑު ހީވީ އުތުރި އަރައިގެން ހެނެވެ. އަހަރެން ރާއްޖެއަށް އެތެރެ ކުރަން ސީދާ މެކްސިކޯއިން ގެނައި، ދުއިސައްތަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މީގެ ދެތިން ދުވަހެއް ކުރިންނެވެ. އަހަރެންގެ ބޮޑު ދެ އެޖެންޓުން ހައްޔަރުވެސް ވިއެވެ. އެއީ އަހަރެންނާއި ގުޅުން ހުރި ކަމެއް ކަން މާއިޒަށް އެނގުނު ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އެކަން ފުލުހުންނަށްވެސް ނޭނގޭއިރު މާއިޒަށް އެނގޭ ގޮތެއް އަހަރެންނަކަށް ނުވިސްނެއެވެ.
އަހަރެން އެއްޗެކޭ ނުބުނަނީސް، މާއިޒް ގޮސް، ޒިހާނުގެ ޚާއްސަ ކޮޓަރިއަށް ވަނެވެ. ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ނިޔަތުގައި އަޑު އިވޭ ވަރަށް ކައިރިވެލީމެވެ.
"ކީކޭ ޑެޑީ! އަނހާ ފަޔާޒުބެ! ކިހިނެކޭ ވެގެން މި އުޅެނީ؟" ނުހަނު ހަމަ ޖެހިލާފައި މާއިޒް ސުވާލުކޮށްލިއެވެ. ކޮޓަރީގެ އެއް ކަނެއްގައި ހުރި ސޯފާގަނޑަށް ވެއްޓި ގަން ތަން އަހަރެން ވަރަށް ރީތިކޮށް ދުށީމެވެ.
"ތެދެއްތަ މާއިޒް؟ އެ ބުނާ ސީޕޯޓެއް..." ޒިހާނަށް ބުނަން ޖެހުނީ އެ ހިސާބަށެވެ. މާއިޒް ފުންމައިގެން ކޮޅަށް ތެދުވީއެވެ.
"އެޔެއް އަޒީމަކަށް ނުލިބޭނެ!" އަޑަށް ބާރުލާފައި މާއިޒް ބުނެލިއެވެ. އަހަރެންގެ މުޅި ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ. މާއިޒް އަހަރެންނާއި ޖައްސާލައިގެން އުޅޭ ސަަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ.
"އެހެންވީމަ މާއިޒަށް ހަމަ ރަނގަޅަށް އެނގޭދޯ އަޒީމްބެ އެތަން ބޭނުންވާކަން.." ޒިހާނު ބުނެލިއެވެ.
"މަ ވެސް އެތަން ބޭނުމޭ! މަށަށް އެތަން ލިބޭނީވެސް!" މާއިޒް ހަރު އަޑުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ.
"ނޫން! ހަމަ މިހަރު އެތަން ދޫކޮށްލާ! މާޒަށް އެނގޭނެ އަޒީމަކީ ބައްޕަގެ ކިހާ ގާތް އެކުވެރިއެއްކަން.. ތިހާ ކިބުރުވެރިވާކަށް ނުވާނެ!" ޒިހާނުގެ ބަސްތަކުން، އަހަރެންގެ ހިތުގައިވި އުންމީދުގެ ހުޅުކޮޅު ނިވިޔަ ނުދީ ހިފާޓާލިއެވެ.
"ދެން ޑޭޑް! ދިސް އިޒް ބިސްނެސް އޭ! ބުނަން! މަށަށް ހެޔޮ ކޮންމެ ތަނެއް އެ އަޒީމަށް ދިނަސް! ބަނދަރުތައް މަށަށް.. އެއީ އެކަން އޮންނާނެގޮތް!" މާއިޒް ބުނެލިއެވެ. މި ފަހަރު ޒިހާނަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދިނެވެ. ދޮރާއި ދިމާލަށް ހިނގައިގަތީއެވެ. އަހަރެން ހުރީ އަޑު އަހަންކަން ނުދައްކަން އަހަރެން އަވަސް އަވަހަށް ދުރަށް ޖެހިލީމެވެ.
މާއިޒް ބޭރަށް ނުކުތް އިރު އެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ.
"ކަލޭ މަގޭ ބައްޕަގެ ބޯ ކާން އުޅޭނެ ކަމެއް ނެތް! ބުނަން! ކަލޭ ފާޑު ފާޑު އެއްޗެހި މި ރާއްޖެއަށް ވައްދަން މަ ކައިވަތެއްވެސް ނުދޭނަންް!" ރުޅިވެރިކަމާއި އެކު މާއިޒް ބުނެލިއެވެ. ހިތަށް ވެރިވި މާޔޫސްކަމާއި އެކުވެސް އަހަރެންނަށް އާދެވުނީ ރުޅިއެވެ. މާއިޒް ލިފްޓާ ދިމާލަށް ހިނގައިގަތުމުން ރުޅިވެރިކަމާއި އެކު ބަލަން ހުރީމެވެ.
ފަހަތުން ޒިހާނުގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ފަޔާޒާއި އެކު ޒިހާނުވެސް ނުކުމެ ދޮރު ކުރިމަތީ ހުއްޓިލަނީއެވެ. އަހަރެން ފެނުމުން އެދެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. ދެއްކި ވާހަކަތައް އަހަރެންނަށް އިވުނުކަން ފަހުމްވެ، އެދެމީހުންގެ މޫނުމަތިވެސް ހިތާމަވެރި ކުލަތައް ހިސާރުކޮށްލިއެވެ.
"އަޒީމު!!" ދެރަވެލާފައި ޒިހާނު ގޮވާލިއެވެ. ވެވުނީ ދެރަކަމެއް އާދެވުނީ ރުޅި ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެތަނުގައި އިތުރަށް މަޑުކުރާނެ ހިތެއް އަދި ވަރެއްވެސް ނުވުމުން، އަހަރެން އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތީއެވެ. ނުކުމެގެން ދިޔުމަށެވެ.
ދުއްވުނު އެންމެ ބާރަކަށް ކާރު ދުއްވާފައި ގޮސް އަހަރެން މަޑުކޮށްލީ، ޓަންގްސްޓެން ކުރިމައްޗަށެވެ. ބާރުބާރަށް ހިނގާފައި ގޮސް އެތެރެއަށް ވަނީމެވެ. ތޮއް ޖެހެމުން ދިޔަ ޚިޔާލުތަކަށް އަހަރެން ފަރުވާއެއް ބޭނުންވީއެވެ. އަހަރެންނަށް ޚާއްސަ ކުރެވިފައިވި ކޮޓަރިއަށް ގޮސް، ފޮރުވާފައިވި ތަނުން ރާފުޅިއާއި މަސްތުވާ ތަކެތި ހުރި ޕެކެޓުތައް ނެގީމެވެ. އެ ފަހަރު އެތަކެތި އަހަރެންގެ ހަށިގަނޑަށް ވެދުން ކުރީ މިނެއް މިނެއްވެސް ބަލައިނުލައެވެ.
ރަނގަޅަށް މަސްތުނުވެ އުޅެނިކޮށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެއިރުވެސް ދެލޮލަށް ސާފުކޮށް މަންޒަރުތަކެއް ނުފެނެއެވެ. ވަރަށް ޙާލުން ގުޅަނީ ކާކުކަން ދެނެގަތީމެވެ. އުޒެއިރެވެ. ފޯނު ނެގީމެވެ. އުޒެއިރު ވާހަކަ ދައްކަމުން ދިޔައެވެ. ކިޔާ ނުކިޔާއެއް އަހަރެންނަކަށް ނޭނގެއެވެ.
"މާއެ.. މައެޒް. މާޒު! އޭނަ.." އަނގަ އޮޅެމުން އަހަރެން ވާހަކަ ދެއްކީމެވެ. ކިޔޭ ނުކިޔޭ އެނގުނަސް ބޭނުންވާހާ ގޮތަކަށް ދޫ ހަރަކާތް ނުކުރެވުނީއެވެ.
"އޭނަ.. މަރު.. މަރާލަބެ.. ވަޅުލާ.. ބަޑި ޖަހާ.. ގޮއްވާލާ.." ދެފަރާތަށް ކިރެމުން، އަހަރެން ބުނަމުން ދިޔައީމެވެ.
...........................
ރިންގުވާން ފެށި ފޯނުގެ އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. ޚިޔާލީ ދުނިޔެއަށް ވަދެވިފައި ހުރެވުނު ވަރުގެ ބޮޑުކަމުން ހިނދުކޮޅަކަށް ހިނގަމުން ދިޔަ ވަގުތުވެސް އޮޅުނެވެ. ވަށައިގެން ބަލައިލީމެވެ. ހުރެވުނީ ހަމަ ޓަންގްސްޓެން ހޮޓެލުގައެވެ. މާޒީގެ އެދުވަހެކޭވެސް އެއްގޮތަށެވެ. ތަފާތަކީ އަތުގައި ރާފުޅިއެއް ނެތް ކަމާއި އުކާލާފައިވި ރަބަރު ޕެކެޓުތައް ނެތް ކަމެވެ. މާޒީގެ އެދުވަހެކޭވެސް އެއްފަދައިން ގުޅަމުން ދިޔައީވެސް އުޒެއިރެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ފޯނު ކަނޑާލީމެވެ. އެ ވަގުތު އުޒެއިރާ ވާހަކަ ދައްކަން ބޭނުން ނުވީމައެވެ.
ފޯނު އަތުން ދޫ ކޮށްލުމުގެ ބަދަލުގައި އެހެން ނަންބަރަކަށް ގުޅާލީމެވެ. ނަގާނެ ކަމުގެ އުންމީދުގައި ހާރިސަށެވެ. ކުރިންވެސް ގުޅި ބޭނުމުގައެވެ. ޝާނާ ހުރީ ކޮންތާކުތޯ ބެލުމަށެވެ. އެކަހަލަ ކަންކަން އޭނައަށް ވާނެއެވެ.
ކުޑަ އިރުކޮޅެއް ފަހުން ފޯނު ނެގިކަން ޑިސްޕްލޭ އަންގައިދިނެވެ. ކަންފަތުގައި ފޯނު ޖަހާލަމުން އަހަރެން ބެލްކަންޏާއި ދިމާލަށް ހިނގައިގަތީމެވެ.
"ކަލެޔަކަށްވެސް ފޯނު ނަގާކަށް ނޭނގޭނެ! ބަލަ ނޭނގޭތަ މުހިންމު ކަންކަމުގަ ކަމެއް މަ ގުޅާނީކީ؟!" ރެއިލިންގައި އަތް އަޅުވާލަމުން އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އެ ވަރުންވެސް އެކޮޅުން ޖަވާބެއް ނުލިބުނެވެ. ފަހަތުން ރާޅު ޖަހާ އަޑާއި އިތުރު އަޑުތަކެއްވެސް އިވޭތީ ހާރިސް އެކޮޅުގައި އެބަ ހުރިކަން އެގުނެވެ.
"އޭތް! ކަލޭ މަންމަން ވީތަ؟ ބައްޔެއްނު!" ކުރިއަށްވުރެވެސް ރުޅިވެރިކަމާއި އެކު އަހަރެން ބުނެލީމެވެ.
"ތެދެއްތަ މޭން! ކައެ މަންމަން ވީތަ؟" އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެން އުންމީދު ކުރި ފަދައިން ހާރިސްގެ އަޑެއް ނޫނެވެ. އަހަރެންނަށް އެ އަޑު ނޯޅޭނެ މާޒިންގެ އަޑެވެ. ގުޅުނީ ރަނގަޅު މީހާއަށްތޯ ބަލާ ޔަޤީން ކުރީމެވެ.
"ނޫނޭ އަޒީމްބޭ! ހާރިސް އަދި މަންމަނެއް ނުވޭ! ޓޭޕުގަނޑު އަނގަމަތިން ނައްޓާލުން.. ލަވާ ހަޅޭކުން މަގޭ ކަންފަތް ބައްނުވާކަން ހަމަ ނަސީބު." މާޒިން އިތުރުކޮށްލިއެވެ.
"މާޒިން!" އަހަރެން މަޑުމަޑުން ހައިރާންކަމާއި އެކު ގޮވާލީމެވެ. އެކޮޅުން ހޫނ އަޅުވާލި އަޑު އިވުނެވެ.
"ކޮ ކޮބާ ހާރިސް؟" އަހަރެން ހާސްކަމާއި އެކު ސުވާލުކޮށްލީމެވެ. ހިތު ވިންދު ދިޔައީ ހިނދެއް ހިނދަކަށް އަވަސްވަމުންނެވެ. މާއިޒާއި މާޒިން މިއީ ކޮން ކަހަލަ ކުދި ބައެއް ހެއްޔެވެ؟ ކަންކަން ހޯދަނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޙަޤީގަތް ހޯދާ މިހާރު ހާރިސްވެސް އަތުޖެއްސީއެވެ.
"މި ހުރީ އެ ސޮރު.. އޭތް ހާރިސް! އަޒީމްބެއަށް ހެލޯ ބުނެބަ!" ވަރަށް ހަމަ ޖެހިލާފައި މާޒިން ބުނެލި އަޑު އިވުނެވެ. ވަރަށް އުނދަގުލުން މީހަކު ވާހަކަ ދައްކަން މަސައްކަތް ކުރި އަޑުވެސް ކަންފަތާއި ހަމައަށް ފޯރިއެވެ. މާޒިން އެ ބުނިހެން މާޒިން އެ އުޅެނީ ހާރިސް ހައްޔަރު ކޮށްގެން ބާއެވެ؟ އެވަރު ކަމެއް ކުރަން މާޒިނަށް ކެރިދާނެ ހެއްޔެވެ؟
"މާޒިން! ކަލޭ ކީއްކުރަން.. ކި ކިހިނެއް.. ހާރިސް.." އަހަރެންނަށް ކުރަން އުޅުނު ސުވާލުވެސް ފަސޭހައިން ކުރެވޭ ގޮތެއް ނުވިއެވެ. ލިބެމުން ދިޔަ ހައިރާންކަމުން ދޫވެސް އޮޅެނީއެވެ.
"މަ ކުޑަކޮށް މީނަޔާ ތޮޅެލަން މި އުޅެނީ.. ކަލޭ ކޮށްފަ ހުރި ކަންކަމުގަ މީނަ އަދާކުރި ރޯލު ކިޔައިދޭތޯ!" މާޒިން ޖަވާބު ދިނެވެ.
"މާޒިން!" ބުނާނެ އިތުރު އެއްޗެއް ނޭނގުމުން، އަހަރެންނަށް އަޑު ބާރުކޮށްލާފައި މާޒިނަށް ގޮވާލެވުނީއެވެ. އަހަރެންނަށް އިތުރު އެއްޗެއް ސާފުކުރާނެ ފުރުސަތެއް މާޒިން ނުދިނެވެ. ފޯނު ކަނޑާލީއެވެެ. ދެން ގުޅުމުން އޮތީ ނިއްވާލާފައެވެ. ވެރިވެ ގަތް ހާސްކަމުން ނިއްކުރިން ދާ ތިކިތައް ފައިބައި ގަތެވެ. ހާރިސަކީ ގޭންގެއްގެ މީހެއް ނޫނެވެ. މާޒިން ބުނާ ބަހަކަށް ހެއްލިގެންވެސް ނައްތާ ނުލެވި އޮތް ހެއްކެތް ފޯރުކޮށްދީފާނެއެވެ. ވިސްނަން އެކަނި ނުހުރެ އަވަސް އަވަހަށް ދެތިން މިނިޓު ކުރިން ގުޅާފައި އިން ނަންބަރަށް ގުޅާލީމެވެ. މި ވަރުން ދަންޏާ އަހަރެންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. މާޒިން ދިރި ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން ހަމަ ނޭވާ ލާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ވަގުތަކުވެސް ފަޅާއަރުވާލަ ފާނެއެވެ.
"މަ ގުޅީމަ ކަލޭ ފޯނެއް ނުނަގާނެ. ކީއްވެ ކަނޑާލީ.." ފޯނު ނެގުމަށް ފަހު އުޒެއުރު ފުރަތަމަވެސް ކޮށްލީ ޝަކުވާއެވެ.
"ކޮބާތަ އެ މަރުވަޅު؟!" ހާސްކަމާއި އެކުވެފައިވި ރުޅިން ވިސްނާލުމެއްވެސް ނެތި އަހަރެން ބުނެލީމެވެ. މަރުވަޅަކީވެސް އުޒެއިރުގެ ފަރައިތުން އަހަރެންނަށް އެނގުނު މީހެކެވެ. އެއީ މި ކުޑަ ކުޑަ 'އަމާން' ދިވެހި ރާއްޖޭގައި އުޅޭ މި ބިމަށް އުފަން ސްނައިޕަރެކެވެ. ބުނި މީހެއްގެ ބޮލަށް ވަޒަނެއް އަރުވާލާ ކުޅަދާނަ ދިވެއްސެކެވެ. ބޮޑު އަގު ކިޔުމުން، ކޮންމެ މީހަކުވެސް މަރާލަ ދީފާނެއެވެ.
"މިހާރު ކާކު މަރާލަންވީ؟" ސީރިޔަސް ކަމާއި އެކު އުޒެއިރު އެއްސެވެ.
"މާޒިން ޒިހާނެއްނު! އެނޫން ކާކު؟" ރުޅިވެރިކަމާއި އެކު އަހަރެން ބުނެލީމެވެ.
(ނުނިމޭ)

  1. Avatar
    moderated

    ވާއު ވަރަށް ރީތި އިނގޭ ❤️:-❤️❤️❤️❤️❤️❤️❤️❤️❤️😬😬😬😬😬😬😃😃😃😃😃😃😞😞😞😞

  2. Avatar
    moderated

    އެއްމެ ދިގު ކޮށް ގެނެސް ދޭ ވާހަކަ😍❤️❤️❤️

  3. Avatar
    moderated

    wow this story is beautiful and fun to read mi kiyaa hithun hutta e nimunee monsta u r the best author ever

  4. Avatar
    moderated

    މިޕާޓް ހާދަ ލަހަކުން އެ ތި އަޕް ކޮއްލަދިނީ

  5. Avatar
    moderated

    ވވ ސަޅި
    ދެން އަޒީމު އެހެން ބުނިގަޑީގަ ކޮންމެސްމީހަކު ހުރޭއަޑުއަހަން.ރިފާޝާއައް ވިއްޔާ ރަނގަޅުވާނި ހެހެ

    ވަކިވެދިޔަޔަސް ވާހަކައިގަ ބުނެފައިނީ އޭޒެޑްގެ ބައްދަލުވުމައް ލާޝީނައް ނުދެވުނީ ބޮއިގެން ހުއްޓަ ހައްޔަރު ކުރީމައޯ އެކަމަކު މިވާހަކައިގަ ބުނެފައެބައިން އެއީ ސްޓަފް ޕެކެޓްކުރަން ހުއްޓަ ރެޑްހޭންޑެޑްކޮއް ހައްޔަރުކުރީމައޭ އެ ބައްދަލުވުމައް ނުދެވުނީ!!އެ ކިހިނެއްވި ކަމެއް؟؟

    3
    1
    1. Avatar
      moderated

      ނޫނޭ ޝައިލާ އައް ކޯލް ރެކޯޑިން ލިބޭނެ
      އެހެންވީމައި މާޒިން ފަހަރެއްގައި ސަލާމަތްވެދާނެ

    2. Avatar
      moderated

      ޝުކުރިއްޔާ 😊😊
      އެ ވާހަކައިގެ އެހެން ލިޔެފަ އެ އޮތީ، އެއީ އަސްލު އެކަން ތަޖުރިބާ ކުރި މީހާއާއި، ހަމަ އެކަނި އަޑު އިވިފި ހުރި މީހަކާ ވާހަކަ ކިޔައިދޭ ގޮތް ތަފާތު ވާނެތީ. އަދި ރިފާޝާއަށް ކިޔައިދޭ އިރު ތަފްސީލުތައް ދިނުމުގެ ބޭނުމެއް ނޯންނާނެއެއްނު. 😅😊😊

    3. މޮންސްޓާ

      ޝުކުރިއްޔާ..
      ވަކިވެދިޔަޔަސްގަ އެހެން ލިޔެފަ އެ އިނީ، އެއީ މަންޒަރު ދުށް މީހެއް ކިޔައިދޭ ގޮތާއި، ހަމަ އެކަނި އަޑު އިވިފައިވާ މީހަކު ކިޔައިދޭ ގޮތް ތަފާތުވާނެތީ. އެހެންނޫނަސް ރިފާޝާއަށް ހުރިހާ ތަްފސީލެއް ނުދޭނެއްނު؟

  6. Avatar
    moderated

    ހާދަ ސަޅިއޭ👍👍👍👍👍👍👍

  7. Avatar
    moderated

    މޮންސްޓާ، އަޅެ ޒިން މަރާނުލައްޗޭ😢😢😢

    1. Avatar
      moderated

      މަށައް އަޒީމުއާ އުޒައިރު ގެ ކޯލް ރެކޯޑިން ލިބެޔޭ
      މިފަހަރު ކުޅި ދައްކާލާނަން

  8. Avatar
    moderated

    ވާހަކަ ހަމަ ވ ރީތި ✨💖
    ކޮންއިރަކު އަނެއް ބައި 🙄💖

  9. Avatar
    moderated

    ނެކްސްޓް ޕާޓް ކޮންއިރަކުން

  10. Avatar
    moderated

    whn nxt………btw dis prt vx vr reethi 😄✨

  11. Avatar
    moderated

    ކޮން ޒަމާނަކުން ދެން އޮތް ޕާޓު؟

  12. Avatar
    moderated

    Thanks
    And hope we can get chance to read the next part 😁😁😁😀😀❤️

  13. Avatar
    moderated

    Love the story😍.. monster your the best 🥰🥰

ޚިޔާލު ފޮނުއްވާ