Views: 2552 115

ހާސްވެފައިއިން ލަމްޔާގެނެެސް އޭނާގެ މެޔާލައި ބޮނޑިކޮށްލަމުން ބުރަކަށީގައި ސާރާ ފިރުމަމުންދިޔައެވެ. މަންމަގެ މޭގައި ބޯއަޅައިލައިގެންއިނދެ ލަސްލަހުން ލަމްޔާ ބޯޖަހައިލިއެވެ.

*****

"ސީރިއަސްލީ ޝަޔަމް. އަހަރެންނަށް އަންގާވެސްނުލާ." ގެއަަށްއައިސްވަދެވުމާއެކު ޖިޔާ ބޭނުންވީ ޝަޔަމްއާ ވާހަކަދައްކާށެވެ. އަދިވެެސް އޭނާއަށް ލިބުނު ޝޮކް ފިލައިގެންނުދެއެވެ. ނުވެސްދެނެހުއްޓައި އޭނާގެ ވެރިއެއްގެގޮތުގައި ޝަޔަމް ފެނުމުން ވާނީވެސްއެހެންނޫންހެއްޔެވެ.

"މަޑުކޮށްބަލަ. އަހަރެން ޖިޔާއާ ހުރިހާ ވާހަކައެއްވެސް ހިއްސާކުރަމެއްނު. އެހެންމަ އަދި ނުބުނެވިފަ ނެތެއްނު. އެހަށް އަހަރެން ބޭނުމީ މާމައާ ބައްދަލުކޮށްލަން. މިގޮޅަށްއައިގޮތަށް އަހަރެން ދިޔައީ އޮފީހަށް." އަވަސްއަރުވައިލައިފައި ޝަޔަމް ގޮވައިގެން ކޮޓަރިއާއި ދިމާލަށް ދާންއުޅުނު ޖިޔާގެ އަތުގައިހިފައި ހުއްޓުވަމުން ޝަަޔަމް ބުނެލިއެވެ.

"އެންމެ ރަނގަޅު. އެކަމަކު މާމައާ ވާހަކަދައްކާ ނިންމާގޮތަަށް އަހަރެންގާތަށް އަނަންވާނެ." އިންޒާރެއްދޭފަދަ ގޮތަކަށް ޝަޔަމްއާއި ދިމާލަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ޖިޔާ ބުނެލިއެވެ. އެއާއެކު ޝަޔަމްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ޖިޔާ އުޅޭގޮތުން އޭނާއަށް މަޖާވީއެވެ. އެންމެރަނގަޅޭބުނެ ބޯޖަހައިލައި ޝަޔަމް މުހުސިނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނެތުމުންނެވެ. މުހުސިނާވެސް މިގަޑީގައި ވާނީ ކޮޓަރީގައިކަން އޭނާއަށް އެނގެއެވެ.

މުހުސިނާއާއި ބައްދަލުކޮށްލުމަށްފަހު ޝަޔަމް އައިސް ޖިޔާގެ ކޮޓަރީ ދޮރުހުޅުވައިލަމުން ވަނެވެ. އެނދުމަތީގައި ފޯނާއި ކުޅެންއޮތް ޖިޔާ އަވަސްއަވަހަށް ތެދުވެ އިނށީދެ ހަމަޖެހިލިއެވެ. ހީވަނީ ހިތުގައިވި ހުރިހައި ސުވާލެއްގެ ޖަވާބު ހޯދުމަށް ތައްޔާރުވެލީހެންނެވެ.

"ދެން ބުނެބަލަ.. ޝަޔަމް ކިހިނެއް ތިހުރިހާކަމެއްކުރީ؟ ގޯޑް އައި އެމް ސްޓިލް ޝޮކްޑް. ތީހަމަ ނުހައިކްގެ ހިތްއަތުލަން ރޭވި ރޭވުން ކާމިޔާބުކުރަން ކުރިކަމެއްތަ؟ އަހަރެންނަށް ގަބޫލުކުރަންވެސް އުނދަގޫވޭއެބަ." ޝަޔަމްއަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ ޖިޔާ އަނގަތަޅުވަމުން ދިޔައެވެ.

"ޕިސް ޕިސް. އަހަރެން ވާހަކަދައްކާލާނެ ފުރުސަތެއް ދިނީމަދޯ އަހަރެންނަށް އެއްޗެއް ބުނެވޭނީވެސް." ޖިޔާގެ ކޮނޑުގައިހިފައި ތަޅުވައިގަންނަމުން އަޑަށް ބާރުލައިފައި ޝަޔަމް ބުނެލިއެވެ. ވަގުތުން ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑައިލުމަަށްފަހު ޖިޔާ ޝަޔަމްއަށް ސަމާލުކަންދިނެވެ.

"ޖިޔާއަށް އަހަރެން ނުބުންޏަސް އެނގޭނެ ދޯ އަހަރެންގެ އަމިއްލަ ބިޒްނަސްއެއް އޮންނަކަން. އަދި މިތަނުގަ އަހަރެންގެ ވިޔަފާރީގެ ގޮތްޕެތް އޮންނަން އަހަރެން އަބަދުވެސް ބޭނުންވާކަން. ޖިޔާގެ ވާހަކަތަކުން އަހަރެންނަށް އެނގުނީ ޒައިދުގެ ވިޔަފާރި ދަށްވަމުންދިޔަކަން. ޖިޔާ އަބަދުވެސް ކިޔަމެއްނު އޭނާގެ ފަރުވާކުޑަ ވާހަކަ. އެކޮމްޕެނީ އޭނާ ވިއްކާލަންއުޅޭހެން ހީވެއޭވެސް ބުނީ ޖިޔާއެއްނު. އަހަރެން ޖިޔާގެ އަތުން ޒައިދުގެ މެއިލް ހޯދީމަ އަހަރެން ހީކުރީ ޖިޔާއަށް ކޮންމެސްވަރަކަށް ޝައްކުވާނެކަމަށް. އެކަމު އެހެނެއްވެސް ނުވިތާ. އަހަރެން އެނބުރި އޮސްޓްރޭލިއާއަަށް ގޮސް ހަމަޖެހިލާފަ ޒައިދުއަަށް މެއިލްކުރީ އަހަރެންގެ ބިޒްނަސް އައިޑީއިން. ވަގުތުން އޭނަ ޖަވާބުދީފި. އަހަރެން އެދުނިން ވިޔަފާރީގެ ކަންތައް މަޝްވަރާކޮށްލަން އައުމަަށް. ވީޑިއޯ ކޮންފްރެންސް ތްރޫކޮށް އެކަން ކުރާކަށް އޭނަ އެއްބަހެއްނުވި. އެހެންވެ އޭނަގެ ހުރިހާ ޚަރަދެއްގަ އަހަރެންހިފީ. ބައްދަލުކޮށްފަ ވެވުނު އެއްބަސްވުމަށް އޭނަވެސް ރުހުނީމަ މިހާ ފަސޭހައިން މިކަންމިވީ. މިހާރު އެއީ އަހަރެންގެ ތަނެއް. އެތަން ދެންހިނގާނީ އަހަރެން ބޭނުންވާ ގޮތަކަށް." ފުންނޭވައެއްލަމުން އެނދުގައި ޝަޔަމް ހަމަޖެހިލިއެވެ.

"ސޯ.. ތީ.. ނުހައިކް ހޯދަންކުރި ކަމެއްނޫންތަ؟" އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ލަސްލަހުން ޖިޔާ އަހައިލިއެވެ. "ނުހައިކް ދޯ... ތިވެސް އަހަރެން އެ ކޮމްޕެނީ ގަންނަން ބޭނުންވި އެއްސަބަބު. އެކަމަކު ތީއަދި ކުޑަ ރީޒަންއެއް. ކުރިންވެސް ބުނިހެން އަހަރެން ބޭނުންވީ އަހަރެންގެ ހުވަފެން ހަގީގަތަކަށްހަދަން. ތިތަނުގަ ނުހައިކް އުޅުން އެއީ އަހަރެން ކުރާނެ ކަމެއްނޫނެއްނު.. ދޯ.. ސްޓިލް.. ނުހައިކްގެ ހިތް ފަތަހަކުރުމަކީވެސް އަހަރެންގެ ޕްލޭންގެ ބައެއް. ޖިޔާއަށް އެއީ އަހަރެންނަށް ވާނެ ކަމެއްކަން އަންގަދޭނަން. އެހެންވެ އަހަރެން ބޭނުންވަނީ ނުހައިކްއާ ވީހައިވެސް ގާތުން މަސައްކަތްކުރަން. މާނައަކީ އަހަރެންގެ ޕީއޭ ގޮތުގަވެސް ހުންނާނީ ހަމަ ނުހައިކްއޭ." ޖިޔާގެ ސުވާލަށް ޖަވާބުދެމުން ޝަޔަމް ހިނިތުންވެލިއެވެ.

ޝަޔަމްގެ ވާހަކަ ހުރިގޮތުން ފުރަތަމަ ފަހަރަށް ޖިޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އޭނާއަށް ކާމިޔާބުނުވިކަމެއް ޝަޔަމް ހަގީގަތުގައިވެސް ކާމިޔާބުކޮށްފާނެ ހީވިއެވެ. ނުހައިކްގެ ހިތް ޝަޔަމްއަށް ލެނބިއްޖެނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟

*****

ގޭގެބިތްދޮށުގައި ހައްދައިފައިއޮތް ކުޑަކުޑަ ބަގީޗާގެތެރޭހުރި ކުޑަބެންޗެއްގައި އިނށީދެލައިގެން ފުންވިސްނުމަކަށްގެއްލިފައި ލަމްޔާ އިނެވެ. ސާރާގެ ވާހަކަތަކަށް ދޭނެ ޖަވާބަކާއިމެދުގައި އޭނާ އަދިވެސް ވިސްނަނީއެވެ. ސާރާގެ ހިތްރުހޭގޮތަކަށް އެކަން ކުރިއަށް ގެންދިއުމުން ރަނގަޅުވާނޭ ހިތަށްއެރީ ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ.

ކޮންމެގޮތެއްވިޔަސް އެއީ އޭނާގެ މަންމައެވެ. ބައްޕައަކާއި ނުލާ އެމަންމަ އެމީހުންބަލައި ބޮޑުކުރީ ކިހައިލޯބިންހެއްޔެވެ؟ އެމީހުނަށްޓަކައި ހުރިހައި ޒިންމާއެއް މަންމަވަނީ އެންމެ ފުރިހަމަގޮތުގައި އުފުލައިފައެވެ. ވީއިރު އޭނާއަށް ދެރަވާނެކަމެއްގެ ވާހަކަ މަންމަ އޭނާގާތުގައި ދައްކައިފާނެހެއްޔެވެ؟ ނޫނެކެވެ. މަންމަ އަބަދުވެސް އެދެނީ އޭނާ އާއި އޭނާގެ ދޮންބެއަށް ހެޔޮގޮތްވުމަށެވެ.

ފުންނޭވާއެއްލަމުން ލަމްޔާ އިސްޖަހައިލިއެވެ. ކައިވެންޏެއްކުރަން އޭނާގެ އަމިއްލަ ނަފުސް ތައްޔާރުބާއެވެ؟ އެސުވާލުގެ ޖަވާބުވެސް ޚުދު އޭނާއަށް ނޭނގެއެވެ.

ދެފަރާތަށް ބޯހޫރުވައިލަމުން ލަމްޔާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު އެތަނުގައި އުދުހެމުންދިޔަ ކުޑަކުޑަ ކޮކާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ނުތަނަވަސްވެފައިވި ސިކުނޑިއަށް ލުޔެއްލިބިގެންދިޔަކަހަލައެވެ. މާތަކުގެ ވަށައިގެން އެެސޮރުއުދުހެމުންދިޔަ މަންޒަރުން ހިނދުކޮޅަކަށް ނަމަވެސް އެސިކުނޑީގައި އެނބުރެމުންދިޔަ ކޫސަނި ޚިޔާލުތައް ފިލައިގެންދިޔައެވެ. ތުނިތުނި ތުންފަތްމައްޗަށް ހިނިތުންވުން ވެރިވެގެންދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

"ދަރިފުޅާ. ކޮންޚިޔާލަކަށް ގެއްލިފަ" ލަޔްމާ ގާތުގައި އައިސް އިނށީދެލައި ލޯބިން ފިރުމައިލަމުން ސާރާ އަހައިލިއެވެ. ސާރާގެ ހިލަންވުމާއެކު ސިހިފައި ލަމްޔާ ބަލައިލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަނެއްކާވެސް އެކޮކާލާ ދިމާލަށް ލަމްޔާ ނަޒަރު ހުއްޓައިލިއެވެ.

"އަޅުގަނޑު ގޮތެއް ނިންމައިފިން." ހިމޭންކަމުގެ ސުކޫތަކަށްފަހު ލަމްޔާ ބުނެލިއެވެ. އެއްވެސް އެއްޗެއްނުބުނެ ސާރާ މަޑުންއިނީ ލަމްޔާއަށް ވާހަކަދެއްކުމަަށް ފުރުސަތުދީގެންކަހަލައެވެ.

"މިއަދާ ހަމައަށްއާއިރު ދުވަހަކުވެސް މަންމަ އަޅުގަނޑަށް ދެރަވާނެ އެއްވެސް ކަމެއްގެ ވާހަކަ ދައްކާފައެއްނެތް. އެފަދަ އެއްވެސްކަމެއް ކޮށްފައެއްނެތް. އަބަދުވެސް އަޅުގަނޑަށްދިނީ ހެޔޮނަސޭހަތް. ދާންވީ ރަނގަޅުމަގު ދައްކައިދިން. މަންމައަށްވުރެ ބޮޑަށް އަޅުގަނޑަށް އެންމެ ރަނގަޅުވާނީ ކޮންގޮތެއްކަމެއް އެނގޭނެ އެހެންމީހަކު ނުހުންނާނެ. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ މަންމައަށް ފެންނަގޮތަކަށް މިކަން ނިންމަން. އަޅުގަނޑު މަންމަގެ ކޮންމެ ނިންމުމަކާވެސް ރުހިގަބޫލު." ވާހަކަދައްކައި ނިންމާލިއިރު ލަމްޔާގެ ދޮންކޯތާފަތަށްވަނީ ހިސާބެއްގެ ރަތްކަމެއް ވެރިވެފައެވެ. ދައްކަމުންދިޔަ ވާހަކައިގެ ބާވަތުން އޭނާ ލަދުގަތީއެވެ. އެކަން ސާރާއަށް ވިސްނި ހިނިތުންވެވުނެވެ. ގާތުގައި ބޮޑުވެފައިއިން އަންހެންދަރިގެނެސް ބައްދައިލެވުނީ އެދަރިފުޅުގެ މައުސޫމުކަން އިހުސާސުވެފައެވެ. އޭނާއަށް އެދަރިފުޅަށް ދެވުނީ ހެޔޮތަރުބިއްޔަތެއްކަން ގައިމެވެ. ސާރާގެ ހިތުގައި ލޯބިވާ އަންހެންދަރިފުޅާއިމެދުގައިވި ޤަދަރު އުފުލިގެންދިޔައެވެ. އޭނާއަށް ވެގެންވާނަމަ އެދަރިފުޅަށް ދުނިޔޭގެ ހުރިހައި އުފަލެއްދިނީހެވެ. ސާރާވެސް އެކައިވެންޏާއިމެދުގައި ރަނގަޅަށް ވިސްނައިލުމަަށްފަހު ގޮތެއް ނިންމާނަމޭ ބުނެލީ ލަމްޔާގެ ނިތްކުރީގައި ބޮސްދެމުންނެވެ.

*****

އޭގެ ހަފްތާއެއްވަރު ފަހެވެ. ކަންފަތުގައި ޖަހައިގެންހުރި ފޯނު ދުރުކޮށްލަމުން ތޮއިބާއަށް ހަމްދުއަޅައިލެވުނީ ފޯނުގެ އަނެއްފަރާތުގައިހުރި ނާޒްދިން އުފާވެރި ޚަބަރަކުންނެވެ. ޒާއިންގެ ކައިވެންޏަށް އެމީހުން ބޭނުންވިފަދަ ހެޔޮލަފާ އަންހެންކުއްޖަކު ލިބުނީއެވެ. ނާޒްއަށް އިތުބާރުކޮށް ތޮއިބާ ބޭނުންވީ އަވަހަށް ޒާއިން ރުއްސާށެވެ.

ނާޒްގެ ކޯލު ކުރުކޮށްލަމުން ތޮއިބާ ބާރު ހިނގުމެއްގައި މިސްރާބުޖެހީ ޒާއިންގެ ކޮޓަރިއާއި ދިމާލަށެވެ. ޓަކި ޖަހައިލުމެއްނެތި އޭނާއަަށް ދޮރުހުޅުވައިލެވުނީ ހިތްއަވަސްވެފައި ހުރިވަރުންނެވެ.

ހުޅުވިގެންދިޔަ ކޮޓަރީގެ ދޮރާއި ދިމާލަށް އެނދުގައި އޮތް ޒާއިން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އެތެރެއަށްވަތް ތޮއިބާ ފެނުމާއެކު އޭނާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ.

"ކިހިނެއްވީ؟ މަންމަ ކަމަކުތަ؟" މޫޑު ރަނގަޅުވަގުތެއްކަމުން ޒާއިން ވާހަކައްކީ މަޑުމައިތިރިކޮށެވެ. ލަސްފިޔަވަޅުތަކެއްގައި އައިސް ތޮއިބާ ޒާއިން ގާތުގައި އެނދުގައި އިނށީދެލިއެވެ.

"ހޫމް. ޒާން ގާތު ވާހަކައެއް ދައްކާލަން ކަމަށް." ފަރުވާތެރިވެ ޒާއިންގެ މޫނަށް ބަލަންއިނދެ ތޮއިބާ ބުނެލިއެވެ. އެއާއެކު ޒާއިން ނިތްއަރުވައިލީ ކޮންވާހަކައެއްތޯ އަހައިލާފަދަ ގޮތަކަށެވެ.

"ޒާން ވާނެ މަންމަ މިދައްކާވާހަކަ ރަނގަޅަށް އަޑުއަހަން." ބުނަންބޭނުންވި ވާހަކަބުނުމަށް ތޮއިބާ ފަސްޖެހެމުންދިޔައެވެ. ވަކިއެއްޗެކޭ ނުބުނެ ޒާއިން އެއިންގޮތަށް އިނެވެ.

"މަންމަ ޒާން ކައިވެނިކުރަން ކުއްޖަކު ހޯދައިފިން. މަންމަ ބޭނުމީ ޒާން އެކުއްޖާއާ ކައިވެނިކުރަން. އެއީ ވަރަށް..." ތޮއިބާގެ ޖުމުލަ ފުރިހަމަނުވަނީސް ޒާއިން ފުންމައިގެން އެނދުން ތެދުވިއެވެ.

"އޭން؟ ކީކޭ؟ އަހަރެންގެ ކައިވެންޏޭ؟ މަންމަ މޮޔަވީތަ؟ އަހަރެން ނޫޅެން އެއްވެސް މީހަކާ ކައިވެނި ކުރާކަށް.. އަހަރެން ތިވާހަކަ އަޑުއަހާކަށްވެސް ބޭނުމެއްނޫން. ހީކުރަން މަންމައަށް ޖަވާބުލިބިއްޖެކަމަަށް." ހިތްހަމަނުޖެހުނުވަރުން ޒާއިން އަށް ބާރަށް ބުނެވުނެވެ.

މާކުރިންވެސް ކަންތައްވާނީ އެގޮތަށްކަން ތޮއިބާއަަށް އެނގެއެވެ. އެހެނަސް މިފަހަރު ވަކި ޒާއިންއަށް ދޫކުރާކަށް އޭނާވެސް ބޭނުމެއްނުވިއެވެ.

"ޒާއިން ރުހުނަސް ނުރުހުނަސް މިކައިވެނި ކުރެވޭނެ. ބަލަ ޒާއިން ބޭނުންވަނީ އުމުރުދުވަހު ތިގޮތަށް އުޅެންތަ؟ ހަޔާތުގެ ދުވަސްތައް ބޭކާރު ގޮތުގަ ވޭތުކުރަންތަ؟ ލައްކަދުވަހު އަހަރެންނަަށް ކެތްކުރެވިއްޖެ. އެކަމަކު ޒާއިންގެ ތިކުޅިވަރުދެކޭކަށް ދެން އަހަރެން މަޑަކުން ނުހުންނާނަން." ތޮއިބާގެ އަޑުގައިވެސްވީ ނުރުހުމެވެ. ޒުވާން ދަރިފުޅުގެ ހަޔާތް ބޭކާރުވެގެންދާތަންދެކެން މަޔަކަށް ކެތްވާނެހެއްޔެވެ؟

"މީ އަހަރެންގެ ދިރިއުޅުން. މި ދިރިއުޅުން ކުރިއަަށް ގެންދާނެގޮތް އެނގޭނީ އަހަރެންނަށް. އަހަރެން މިބުނީނު ތިކައިވެންޏެއް ނުކުރާނަމޭ. މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން." ދަތްކުނޑިވިކައިލަމުން އަޑަށް ބާރުލައިފައި ޒާއިން ހަޅޭލަވައިގަތެވެ. އިރުކޮޅަކު އެއްޗެެއްނުބުނެ ތޮއިބާއަށް ބަލަން އިނދެވުނެވެ. ޒާއިންގެ ރުޅިވެރިދެލޮލަަށް ބަލައިލަމުން ފުންނޭވާއެއްލައިފައި އިންތަނުން ތޮއިބާ ތެދުވިއެވެ.

"އެހެންވީއިރު އަޑުއަހާ. މިގެއާ މިހުރިހާ މުދަލަކީ އަހަރެންގެ ފިރިމީހާގެ އެއްޗެހި. އަހަރެންނަށް ދީފަހުރި ތަކެތި. މިތަނުގަ ޒާއިންގެ މަސައްކަތުން ހޯދި އެންމެ އެއްޗެއްވެސް ނުހުންނާނެ. ޒާއިން ތިއުޅޭ ވައްތަރަށް ތިއުޅެވެނީވެސް އަހަރެން ޒާއިންއަށް ފައިސާ ދޭތީ. އެކަމަކު ތިވައްތަރަށް އުޅޭކަަށް ދެންއަހަރެންގެ އަތަކުން ލޯލާރިއެއްވެސް ނުލިބޭނެ. މިހާރު މިވަގުތު އަހަރެން ޒާއިން މިގެއިން ނެރުނަސް ގޮސްވަންނާނެ ތަނެއްނެތި މަގުމަތިވާނެކަން ޔަގީން. ޒާއިން ތީ އަތުންފައިން މަސައްކަތެއްކުރާހިތްވާ މީހެއްނޫންކަން އަހަރެންނަށް އެނގޭ. އެހެންވީމަ އަހަރެންގެ ބަސްގަބޫލުކޮށް މިކައިވެނިކުރަން ތައްޔަރުވޭ. އެހެންނޫނީ މިއަރާމު ތަނަވަސް ދިރިއުޅުން ދޫކޮށް މިގެއިން ނުކުމެގެންދާން ތައްޔާރުވޭ." ހިތްހަމަނުޖެހުނުވަރުން ޒާއިންއާއި ދިމާލަށް ހަޅޭއްލަވައިގަނެފައި އެކޮޓަރިން ނުކުމެގެން ތޮއިބާ ދިޔައެވެ.

ޒާއިންގެ ހަޅޭކުގެ އަޑުން މުޅި ކޮޓަރި ގުގުމައިގެންދިޔައެވެ. އައިސްފައިހުރި ގަދަ ރުޅީގައި ހެދޭ ނުހެދޭއެއްވެސް އޭނާއަކަށް ނޭނގެއެވެ. ޑްރެސިންގް ޓޭބަލްމަތީގައިހުރި ހުރިހައި ރީތިވާ ސާމާނެއް އަތުން ޖެހިޖެހީނުން ޒާއިން އުކައިލިއެވެ. އެވަރުންވެސް އޭނާގެ ހިތްހަމަޖެހުނުހެނެއް ހިއެއްނުވެއެވެ. ބަލާކަށްނުހުރެ ދެއަތުން މުށްކަވައިފައި އޭނާގެ ސޫރަ ފެންނަންހުރި ޑްރެސިންގް ޓޭބަލްގެ ލޯގަނޑުގައި ޖެހިޖެހީނުން ތަޅައިލިއެވެ. އެކި ދިމަދިމާލަށް ބުރަބުރައިގެންދިޔަ ބިއްލޫރިކޮޅުތަކުގައި ޒާއިންގެ އަތުން ހޭކުނު ލޭތިކިތައް ހަރުލައިފައިހުއްޓެވެ.

"އަހަރެން ތިކައިވެނި ކުރިއަސް ދުވަހަކުވެސް އަހަރެންގެ ފަރާތުން ތިއަންހެންކުއްޖަކަށް އެއްވެސް ހެވެއްް ނުލިބޭނެ." އަޑުގެނެތްތަނަށް ޒާއިން ހަޅޭލަވައިގަތީ ލޭއޮހޮރެމުންދިޔަ ދެއަތަށް މުށްކަވައި ބާރުކޮށްލަމުންނެވެ. އައިސްފައިހުރި ގަދަރުޅީގައި އަތުގައި އަޅަމުންދިޔަ ވޭންވެސް އޭނާއަށް އިހުސާސު ނުކުރެވޭކަހަލައެވެ.

(ނުނިމޭ)

  1. Avatar
    moderated

    Wow very nice..curiously waiting for the next part!

  2. Avatar
    moderated

    ވާވް 😯😯😯😯 ވަރަށް ރީތި 😻😻😻😻😻😻 ހަމަ ހަބޭސް 👌👌👌👌👌👌👌👌👌 ވަރަށް ރީތި މިވާހަކަ ❤️❤️❤️❤️❤️❤️❤️

  3. Avatar
    moderated

    ވާހަކަ ރީތި.
    ނައުފާއަށް ލޯބިން ކިޔަނީ ކީކޭ؟

  4. Avatar
    moderated

    ވަރަށް ރީތި ވާހަކައެއް މީ.. މާޝާ ﷲ ❤️.. އަނެއް ބައި ކޮންއިރަކުން ؟؟

  5. Avatar
    moderated

    ، ކޮން އިރަކުން ތޯ އަނެއް ބައި ގެނެސް ދެއްވާނީ

  6. Avatar
    moderated

    ކޮންއިރަކުން އަނެއް ބައި؟؟؟ ވަރަށް ރީތި ވާހަކައެއް މީ މާޝާ ﷲ ❤️

ޚިޔާލު ފޮނުއްވާ