Views: 1367 55

ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ.

"ލިއަމް...؟" ޤަބޫލުކުރަން ދަތިވެފައި ހުރެ ޒާޔާއަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. އޭރު ލިއަމް ހިނިތުންވެލައިގެން ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

ޒާޔާ ފެނުމުން ލިއަމް ހުރީ ވަށައިގެންވި މާޙައުލުން ހިނގާ އެއްވެސް ކަމެއް އެނގޭވަރުގެ ޙާލަތެއްގައެއް ނޫނެވެ. ކުޑަމިނުން ޒާޔާ ގާތުގައި ފަވާޝަތު ހުރިކަންވެސް ލިއަމްއަކަށް ނޭނގުނެވެ. އެއަށްވުރެ މާ ބޮޑަށް ލިއަމްއަށް ހުރެވުނީ ޒާޔާގެ ރީތި ސޫރައަށް ގެއްލިފައެވެ.

ލިއަމް އަށް ހޭވެރިކަމެއްވީ ތަންކޮޅެއް ދުރުގައި ހުރި ރުކަކުން ކާއްޓެއް ބިންމައްޗަށް ވެއްޓުނު އަޑު އިވިފައެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ލިއަމް ޒާޔާމެން ގާތަށް ހިނގައިގަތެވެ.

ސަރޕްރައިޒް..." ޒާޔާ ގާތަށް އައިސް ހުއްޓެމުން ލިއަމް ބުނެލިއެވެ. ޒާޔާ ވަގުތުން ރަކިވިއެވެ. އެއްގޮތަކަށްވެސް ލިއަމް މިރަށަށް އައިސްފާނެއެކޭ ޒާޔާއަށް ހީކުރެވިފައެއް ނެތެވެ. ލިއަމް ޒާޔާ ގާތުގައި އެ ރަށަށް ވަރަށް އަވަހަށް ދާނަމޭ ބުނާ ރާގުންވެސް ހީވަނީ އެރަށަށް އަންނަން ބޭނުންނުވެ ހުރެ އަންނާނަމޭ ބުނާހެނެވެ.

"ސަރ.. ވެލްކަމް." ޒާޔާއަށް ބަލައިލަމުން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ ފަވާޝަތު ބުންޏެވެ. ލިއަމްއަށް އެވަގުތު ޗޮކެއް ކަނޑައިލެވުނެވެ. "ނައު ކަމްއޯން. ޑޯންޓް ކޯލް މީ ލައިކް ދެޓް. ކޯލް މީ ލިއަމް.. ވީ އަރ ފްރެންޑްސް ނައު. ދެން އެގޮތަށް ކީމަ ވަރަށް އޮޑެއްނު ދޯ ޒާޔާ.." އިސްއުފުލައިވެސް ނުލައި ހުރެ ޒާޔާ ބޯ ޖަހައިލިއެވެ. "ހަހަ. އޯކޭ.. ލިއަމް. ކޮންތާކު ހުންނަނީ؟" މަޑު ހުނުމަކާއިއެކު ފަވާޝަތު އަހައިލިއެވެ. "އަމްމް.. ގެސްޓްހައުސްގަ. މަތީން އަދިވެސް އެބައުޅެއެއްނު ދޯ." ލިއަމް އަހައިލުމާއިއެކު ފަވާޝަތު ބޯ ޖަހައިލިއެވެ. ފަވާޝަތުމެން ލިއަމް އާއިއެކު ގެސްޓްހައުސްއަށް ގޮސް އެތާ އިރުކޮޅަކު ތިބުމަށްފަހު އައީ ޒާޔާމެން ގެއަށެވެ.

ގެއަށް އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ދެމީހުންވެސް އިށީނީ ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައެވެ. "އެހެމް އެހެމް... މޫނަށް ކިހިނެތްތިވަނީ ކަމަނާ؟" ރަތްވެފައި ހުރި ޒާޔާގެ މޫނު ފެނުމުން ފަވާޝަތަށް ދިމާކޮށްނުލައެއް ނީންދެވުނެވެ. ފަވާޝަތު ދިމާކޮށްލުމުން ޒާޔާގެ ރަތްވެފައިވި މޫނު އިތުރަށް ރަތްވިހެން ހީވިއެވެ. "ސީރިއަސްލީ ޒާޔާ.. ދެއަރސް ސަމްތިންގް ހެޕެނިންގ.." ފަވާޝަތު ބުނަން އުޅުނު ޖުމުލަ ހުއްޓައިލެވުނީ ޒާޔާ ފަވާޝަތާއި ދިމާލަށް ބަލައިލުމުންނެވެ. "ފަވާ.. ޑޯންޓް ތިންކް ލައިކް ދެޓް. އަހަރެން އަދި ބޭނުމެއްނޫން.." ޒާޔާއަށް ޖުމުލަ ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ. ޒާޔާގެ ހިތުގައި ޖެހުނީއެވެ. "އޫޕްސް.. ސޮރީ ޒާޔާ. ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން.." ޒާޔާ ގައިގައި ކުޑަކޮށް ބައްދައިލަމުން ފަވާޝަތު ބުންޏެވެ. ދެ އެކުވެރިންވެސް އިރުކޮޅެއްވަންދެން ވާހަކަދައްކަން ތިއްބެވެ.

ނަމާދުން ނިންމައިގެން ނިހާން އާއި އުސްމާން އާއި ނޫމާން މިސްކިތުން ފޭބީ އެކުއެކީއެވެ. އުސްމާންމެނާ ވާހަކަދައްކަމުން ދިޔަ ނިހާންއަށް ދުރުން މަތީނާއި ލިއަމް މިސްކިތުން ފައިބާ މަންޒަރު ފެނުނެވެ. ހިތުގައި ސުވާލުފައްޗެއް އުފެދުނެއްކަމަކު ލިއަމް ފެނުމުން ނިހާންއަށް ހިނިތުންވެލެވުނެވެ. "އޭތް. ތި ދެމީހުން ދޭ އިނގެ. އަހަރެން އެބައަންނަން ރައްޓެއްސަކާ ބައްދަލުކޮށްލާފަ." ނިހާން އެހެން ބުނުމުން އުސްމާންމެން ބޯ ޖަހައިލިއެވެ. ނިހާން އެމީހުނާއި ދުރަށް ދިއުމުން ދެބަފައިން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކަމުން މަގުމައްޗަށް ނުކުތެވެ.

މިސްކިތުން ބޭރަށް ނުކުމެ ނުކުމެ ހުއްޓައި ފަހަތުން މީހަކު ލިއަމްގެ ކޮނޑުގައި އަތް ބާއްވައިލުމުން ލިއަމް ފަސްއެނބުރި ބަލައިލިއެވެ. އޭރު ލިއަމް ގާތުގައި ހުރި މަތީންވެސް ފަސްއެނބުރި ބަލައިލިއެވެ. "އަނހަ.. ނިހާންބޭ.. އައްސަލާމްޢަލައިކުމް.." ލިއަމް ނިހާން އާއި ސަލާމްކޮށްލިއެވެ. މަތީންވެސް ނިހާންއާއި ސަލާމް ކޮށްލިއެވެ. ތިން މީހުންވެސް މިސްކިތު ދޮރުމަތީ އިރުކޮޅެއް ވަންދެން ވާހަކަ ދައްކައިލަން ތިއްބެވެ. އެކަކު އަނެކެއްގެ ޙާލު ބަލައި ހެދިއެވެ. ނިހާން އެމީހުނާއި އެރޭ ވަކިވީ ރޭގަނޑުގެ ކެއުމަށް އޭނާގެ ގެއަށް އައުމަށް އެދެމީހުނަށް ދަޢުވަތު ދީފައެވެ.

"ދަރިފުޅާ! ޒާޔާ!" ގޭތެރެއަށްވަދެ ނިހާން ޒާޔާއަށް ގޮވައިލިއެވެ. ބަދިގެތެރޭ ޖޫސްތައްޓެއް ބޯން އިން ޒާޔާއަށް ނިހާން ގޮވާ އަޑު އިވުމުން ސިޓިންގް ރޫމަށް ނުކުތެވެ. "ކީކޭ ބައްޕާ؟"

"މިރެއަށް ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދައްޗޭ.. ލިއަމްއާ މަތީން މިރޭ އަންނާނެ ކާން."

ނިހާން ބުނެލި އެއްޗަކުން ޒާޔާއަށް ވަގުތުން އިސްޖަހައިލެވުނެވެ. ނޭނގުމެއްގެ ތެރެއިން އޭނާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. "މީ ބައްޕަ ފިހާރައަށް ގޮސް އެއްޗެހި ގަންނަންވީނު އަވަހަށް ދޯ.. އަންނާނަން ލިސްޓު ހިފައިގެން." ޒާޔާ އެހެން ބުނެ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ލަސްނުކޮށް ކަރުދާސްކޮޅެއްގައި ގަންނަންވީ އެއްޗެހި ލިޔެލިއެވެ. އަލަމާރީގައި ބައިންދައިފައި އިން އޭނާގެ ޕަރހުން ރުފިޔާ ނަގައިގެން ޒާޔާ ކޮޓަރިން ނުކުތެެވެ.

"އަނ ބައްޕާ.. މި އެއްޗެހި ގަނެފަ ބާކީވާ ބަޔަށް ސުޕާރި ގަނޭ އިނގެ." ޒާޔާ އެހެން ބުނެ އަވަހަށް އެތަނުން ހިނގައްޖެއެވެ. "ޕިސް ޕިސް... ވަރުގަދަ ކުއްޖެކޭ.." ދެފަރާތަށް ބޯ ހޫރައިލަމުން ނިހާން އެތަނުން ތެދުވިއެވެ.

"ކޮން ވަރުގަދަ ކުއްޖެކޭ ކިޔާކަށް؟ ސުޕާރިއެއްގެ ރަހަ ބަލާނުލާތާ މިހާރު އެތައް ޒަމާނެއް ވަނީ މި.." ނިހާން ނިކުތް މަންޒަރު ބަލަން ހުރި ޒާޔާ މޫނަށް ވައްތަރު ޖައްސައިގެން ހުރެ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުނެލިއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މަލައިކާ ހުއްޓެވެ. ޒާޔާ މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަލައިކާއަށް ހުރީ ކިރިޔާ ނުހެވިއެވެ. މޫނަށް ކިތަންމެ ވައްތަރެއް ޖައްސައިގެން ހުއްޓަސް ޒާޔާ ވަރަށް 'ކިއުޓް' އެވެ.

"ޒާޔާ.." ޒާޔާ ބަދިގެއަށް ވަނުމުން މަލައިކާ ޒާޔާއަށް ގޮވައިލިއެވެ. ޒާޔާ ފަސްއެނބުރި ބަލައިލިއިރު ބަދިގެ ދޮރުކައިރީ ހިނިތުންވެލައިގެން މަލައިކާ ހުއްޓެވެ. ޒާޔާ މަލައިކާއަށް ހިނިތުންވެލައިފައި އެތެރެއަށް ވަނުމަށް ބުންޏެވެ.

"ކޯއްޗެއް ހަދާލަން ތިއުޅެނީ؟" ކާމޭޒުކައިރީ ހުރި ގޮނޑީގައި އިށީންނަމުން މަލައިކާ އަހައިލިއެވެ. "ލިއަމްމެން އަންނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްލަން މިއުޅެނީ." ތަށިތަކެއް ނަގަމުން ޒާޔާ ބުންޏެވެ. "އޯހ.. ލިއަމްމެން މިކޮޅުގަތަ؟"

"އާނ.. ހަވީރު އައީ."

"ކީއްކުރާށޯ އެއައީ؟"

"ހަމަ ޗުއްޓީ ހޭދަކޮށްލަން.."

"އެކަމަކު ޗުއްޓީ ހޭދަކޮށްލަން އައިހެނެއް ހިއެއްނުވޭ... ޒާޔާ ދެކިލާ ހިތުން އެއައީ. ޔަގީން.. ހަހަ." މަލައިކާ ޒާޔާއާއި ދިމާކޮށްލިއެވެ.

"ހަހް. މިހާރު މަލައިކާވެސް މަށާ ދިމާކުރަން ފެށީތަ؟" ދެބުމަ ގޮށްޖަހައިލައިގެން ހުރެ ޒާޔާ އެހިއެވެ. އެއާއިއެކު މަލައިކާ ހެވައިގަތެވެ.

"އޭތް މަލައިކާ. ބައްޕަ އެއޮއް އަންނަނީ." ދުރުން ނިހާން އަންނަތަން ފެނުމުން ޒާޔާ ވައި އަޑުން ބުނެލިއެވެ. ޒާޔާ އެހެން ބުނެލުމާއިއެއްކޮށް މަލައިކާ އެއިންތާ އިނދެ ގެއްލުނެވެ.

"އަނ މިހުރީ އެއްޗެހި.. ސުޕާރިތައް މިލަނީ ޒާޔާ ކޮޓަރިއަށް އިނގެ." ނިހާން އެހެން ބުނެފައި ސުޕާރިތައް ހިފައިގެން ހިނގައިގަތެވެ.

"ޒާޔާ ކޮޓަރިއަށް ލާނީ. ބައްޕަ ކޮޓަރިއަކަށް ނޫން." ނިހާން އަށް ޒާޔާގެ ކޮޓަރިއާއި ހަމައަށް ދެވުމުން ޒާޔާ ނިހާންއަށް އަޑުއިވޭނޭވަރަށް ބާރަށް ބުނެލިއެވެ. ޒާޔާ އެހެން ބުނެލީ މީގެ ކުރިން ދުވަހެއްގައި ނިހާން ޒާޔާއަށް ސުޕާރި ފޮރުވަންވެގެން ނިހާންގެ ކޮޓަރީ އަލަމާރިތެރެއަށް ހުރިހާ ސުޕާރިތަކެއް ލައިފައިވުމުންނެވެ. އެހެނަސް އެދުވަހު ޒާޔާގެ ނަޞީބު ގަދަކަމުން އޭނާއަށް އެހުރިހާ ސުޕާރިތަކެއް އެތާ ހުއްޓައި ފެނުނީއެވެ.

ޒާޔާ ބަދިގޭގައި އުޅެމުން ދިޔައީ ބަދިގެ ދޮރު ލައްޕައި ތަޅުލައިގެންނެވެ. ބަދިގޭގައި ހުރި ކުޑަދޮރުވެސް ހުރީ ލައްޕައި ތަންޑު އަޅުވައިފައެވެ. މަލައިކާ އޭނާއަށް އެހީތެރިވަމުން ދާތީއާއި ނިހާންއަށް ޝައްކެއްވާން ނޭދޭތީ ޒާޔާ ބަދިގެ ތަޅުލީއެވެ. ނިހާން އެހެން ހެދީ ކީއްވެހެއްޔޭ އެހުމުން ޒާޔާ ބުނީ ބައްޕަމެނަށް ސަރޕްރައިޒެއް ދޭން ބޭނުންވާތީވެކަމުގައެވެ. ދަރިފުޅުގެ މައުސޫމްކަމާއި ހެދި އުފާވެފައި ހުރެ ނިހާން އެންމެ ފަހުން ޒާޔާ އެތަން ނުހުޅުވައިގެން އެއްޗެކޭ ނުބުންޏެވެ.

މަލައިކާގެ އެހީތެރިކަމާއިއެކު ޒާޔާއަށް އިޝާ ނަމާދު ބަންގި ގޮވަން ވީއިރަށް ކާއެއްޗެހި ތައްޔާރުކޮށް ނިންމައިލެވިއްޖެއެވެ. ކެއްކި އެއްޗެހި މޭޒުމަތީ އަތުރައިލައިފައި ތަށިތައްވެސް ވަރަށް ރީތިކޮށް އަތުރައިލިއެވެ. ކޮންމެ ތައްޓެއްގެ ކައިރީ ފެޝަން ފްރުޓް ޖޫސްތައްޓެއް ހުއްޓެވެ. ކާމޭޒުމަތި ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަމުން ޒާޔާ އަށް އެތަން ފޮޓޯނުނަގައެއް ނުހުރެވުނެވެ. ޒާޔާ ކާމޭޒުމަތި ފޮޓޯނަގައިފައި ވަރަށް ސިއްރުން މަލައިކާގެ ފޮޓޮއެއް ނެގިއެވެ. އެހެނަސް ގެލެރީ ބަަލައިލިއިރު އޭނާ ނެގި ފޮޓޯގައި މަަލައިކާއެއް ނެތެވެ. މަލައިކާ ފޮޓޮއަށް ނާރަނީ އެއީ އޭނާއާއި އެތައް ގޮތަކުން ތަފާތު މަޚުލޫޤަކަށް ވީތީވެކަން ޒާޔާއަށް ވިސްނޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ.

އިރުކޮޅެއްވަންދެން ޒާޔާއާއި ވާހަކަ ދައްކައިލަން ހުރުމަށްފަހު މަލައިކާ އޭނާގެ ގެއަށް ދާން އުދުއްސައިގަތެވެ. ޒާޔާވެސް ބަދިގެ ނިއްވައިލައިފައި އޭނާގެ ކޮޓަރިއަށް ދިޔައީ ނަމާދުކޮށް ލިއަމްމެން އަންނަންވާއިރަށް ކުޑަކޮށް ރީތިވެލުމުގެ ބޭނުމުގައެވެ.

ނަމާދުކޮށް ނިންމައި ކުޑަގޮތަކަށް ތައްޔާރުވެލައިގެން ޒާޔާ ކޮޓަރިން ނުކުތެވެ. ޒާޔާ ސިޓިންގް ރޫމުގައި އިށީންދެ ގަޑިއަށް ބަލައިލިއެވެ. އޭރު އަދި އަށެއް ނުޖަހައެވެ. ނިހާންމެން އަންނަން އަދި ވަގުތުކޮޅެއް އޮތުމުން ޒާޔާ އޭނާގެ ފޯނު ނަގައިގެން އެއާއި ކުޅެން އިނެވެ.

ކޮންމެއަކަސް ނިހާން ލިއަމްމެން ގޮވައިގެން ގެއަށް އައީ ޒާޔާ އެގޮތުގައި ފޯނާއި ކުޅެން އިންދައެވެ. "ދަރިފުޅާ!" ބައްޕަގެ އަޑަށް ފޯނު ނިވައިލައިފައި ޒާޔާ ސޯފާއިން ތެދުވިއެވެ. އޭރު ލިއަމް އާއި މަތީން ހުރީ ފުރިހަމަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ޒާޔާއަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

 1. Avatar
  moderated

  އައި ލަވް ދިސް ސްޓޯރީ
  ވަރަށް ފުރިހަމަ😍😍👍👌😘❤️❤️

 2. Avatar
  moderated

  ހާދަ ރީތި ވާހަކަ އެއް. ބުނާނެ އެއްޗެއް ވެސް ނެތް. އެކަމަކު އަޅެ ދެން އެންމެ އަވަހަށް ދެން އޮތް ބައި ނެރޭ ތި. ވާއު. އަޅެ އަވަހަށް ނެރެއްޗޭ. 😍❤️👍👍✍️✍️

 3. Avatar
  moderated

  ❤️❤️✍️✍️👍👍😍😍

 4. Avatar
  moderated

  މީ ފަސްޓް ދޯ

 5. Avatar
  moderated

  ވަރަށް ރީތި މިވާހަކަ

 6. Avatar
  moderated

  🙂👍🏻💕 ވަރަށް ރީތި މިވާހަކަ
  ކޮން ދުވަހަކުން އަނެތް ޕާޓް

 7. Avatar
  moderated

  ވެއިޓިން ފޯރ ދަ ނެކްސްޓް ޕާޓް

 8. Avatar
  moderated

  ވެއިޓިން ފޯރ ދަ ނެކްސްޓް ޕާޓް

ޚިޔާލު ފޮނުއްވާ