ތިޔަ ލޯބީގައި - 3

ޓްރީޓޮޕް ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގެ ދޮރު ހުޅުވައިލަމުން ތޮއިބާ އެތެރަށްވަނެވެ. ކޮޓަރީގެ ހަމަހިމޭންކަންނެތިފައިވީ އެކި މެޝިންތަކުން އިވެމުންދިޔަ އަޑުތަކުންނެވެ. ދޮރުކައިރީގައި އިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ އައިސް ހުއްޓިލީ އެނދުގައިއޮތް ބަލިމީހާ ގާތުއެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނައިގެ މުތީތަށް ފައިބަމުންދިޔައެވެ. މަޑުމަޑުން އެނދުގެ ކައިރީގައިހުރި ގޮނޑީގައި ތޮއިބާ އިނށީދެލިއެވެ. އަދި އެނދުގައިއޮތް މީހާގެ އަތްނަގައި އޭނާގެ ދެއަތުތެރޭގައި ލޯތްބާއެކު ފޮރުވައިލިއެވެ.

ލޯބިވާ ފިރިމީހާގެ އަތުގައި ރޮމުން އޭނާ ނިތްޖައްސައިލިއެވެ. މީގެ ހަމަސްކުރިން ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނަޒީމްވަނީ ކޯމާއަކަށް ގޮށްސައެވެ. އެދުވަހުން ފެށިގެން ކެތްތެރިކަމެއްނެތި އޭނާ އިންތިޒާރުކުރަމުން އެދަނީ ނަޒީމް އޭނާ ގާތަށް އެނބުރިއަންނާނެ ދުވަހަކަށެވެ. މާޒީގައި ކުރެވުނު ކުށްތަކާއެކު ނަޒީމްގެ ކިބައިން މައާފަށްއެދެން އޭނާވަނީ ނިހާޔަތަށް ބޭނުންވެފައެވެ. ނަމަވެސް ފާއިތުވެދާ ކޮންމެ ދުވަހަކާއެކު އެފުރުސަތު ކަނިވަމުންދާފަދަ އިހުސާސެއް ތޮއިބާއަށް ކުރެވެމުންދިޔައެވެ.

"ނަޒީމް. ހެޔޮނުވާނެ. ނަޒީމް އެނބުރިއާދޭ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީ. ހަމައެންމެފަހަރަކު ނަމަވެސް އަހަރެންނަށް މައާފުކޮށްދީފީމޭ ބުނެބަލަ ނަޒީމް. ތިގޮތަށްނޯވެ ދެލޯހުޅުވައިލަބަލަ. ހަމަ އެންމެފަހަރަކު ނަމަވެސް.." ގިސްލެވެމުންދިޔަ ހާލު ތޮއިބާ އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައެވެ. ޒާއިންގެ އަމަލުތައް ހުންނަގޮތުންވެސް ވިސްނާ ވިސްނާ އޭނާގެ ބޯގޮވާވަރުވެއެވެ. އެދަރިފުޅަށް ހެޔޮގޮތްވިސްނައިދޭން އޭނާ މަސައްކަތްކުރިއަސް އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ޒާއިން ބޭނުމެއްނުވެއެވެ. ޒާއިންއަށް ވިސްނައިދޭން އުޅެއުޅެ އޭނާ މުޅިން ވަރުބަލިވެއްޖެއެވެ. ފުންނޭވާއެއްލަމުން އަތުގެ ނުފުށުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ތޮއިބާ ފުހެލިއެވެ. އެގޮތުގައި އެތައްއިރަކު ނަޒީމްގެ އަތުގައި ހިފަހައްޓައިލައިގެން އެތަނުގައި އޭނާ އިނެވެ. ފުންވިސްނުމަކަށް ގެއްލިފައެވެ. ހަޔާތުގައި ކުރިމަތިވި އެކިއެކި ދުވަސްތަކުގެ ހަނދާންތައް އާކުރުމުގައެވެ. ދޭތެރަކުން ލޮލުން ވެއްޓޭ ކަރުނަތިކި ފުހެލައި ނަޒީމްގެ އަތުގައި ލޯބިން ފިރުމައިލައެވެ. އެންމެ ހިނދުކޮޅަކުވެސް އެއަތުން ދޫކޮށްލަން އޭނާ ބޭނުންނުވާކަހަލައެވެ. އެފަދަ މާތް ފިރިއަކުދެއްވާނީ ހާދަ ނަސީބުގަދަ އަންހެނަކަށެވެ. އެހެނަސް އެނަސީބުގެ ބޭނުން ހިފަން ނޭނގުނީތީ އޭނާ މިއަދު އިންތިހާއަށް ދެރަވެ ހިތާމަކުރެއެވެ.

އަހަރެމެން އިންސާނުންނަކީވެސް ކިހައި ހެއްވާބައެއް ހެއްޔެވެ؟ ނިޢުމަތެއް ލިބިފައިވާއިރު އެނިޢުމަތެއްގެ އަގުވަޒަންކުރާކަށް ނޭނގެއެވެ. އޭގެ މުހިންމުކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއެއްޗެއްގެ ބޭނުންތެރިކަމެއް ނުދަނެއެވެ. ނަމަވެސް އަތުން އެނިޢުމަތެއްބީވުމާއެކު އޭގެ މުހިންމުކަން އިހުސާސުވެ އޭގެ އަގުވަޒަންނުކުރެވުނީތީ އެކަމާހިތާމަކޮށްހަދައެވެ. އަލުން އެނިއުމަތެއް އަނބުރާލިބުމަށް އެދެވެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭއެއްޗެއްނޫނެވެ. ވަގުތުއޮށްވައި އަހަރެމެންގެ ހަޔާތުގައިވި އަގުބޮޑެތި ނިޢުމަތްތަކާމެދު ޝުކުރުވެރިވެ އޭގެ އަގުވަޒަންކުރަން ދަސްކުރަންޖެހެނީ އެހެންވެއެވެ.

*****

"ހަމަ ހުވާ. ޝަޔަމް ފެނިފަ ނުހައިކްއަށްވީގޮތުންވެސް އަހަރެންހުރީ އެތެރެއެތެރެން ހީހީ ހަލާކުވެފަ." ޝަޔަމްގެ ކޮޓަރީގައިތިބެ ޖިޔާ އާއި ދެމީހުން ވާހަކަދައްކަމުން ދިޔައީ ނުހައިކްއަށްދެވުނު ލަނޑާ ބެހޭގޮތުންނެވެ. އެމީހުނަށް އެކުރެވުނީ ވަރަށް މޮޅުކަމެކޭ ހީވާކަހަލައެވެ. "އައި ނޯ. އަހަރެންގާތަށްވެސް ހިނިއާ. އެނީވޭސް.. ސޮރީ ޖިޔާ އެކަނި ބަހައްޓާފަ އާދެވުނީމަ. އަހަރެން ބޭނުމެއްނުވި އޭނާ އަށް އަހަރެންނާ ޖިޔާގެ ގުޅުމެއްއޮންނަކަން އެނގޭކަށް. އެހެންވެ އެހެންހެދީ." އެނދުމަތީގައި ދެފައިވަށްކޮށްލައިގެން އިނށީދެއިން ޝަޔަމް ޖިޔާއަށް ބަލައިލަމުން ބުނެލިއެވެ. ޖިޔާ ވަގުތުން ދެފަރާތަށް ބޯހޫރުވައިލީ އެެއީ އެއްވެސްކަމެއްނޫނޭ ބުނެލުމުގެ ގޮތުންނެވެ.

"އެކަމު އަދިވެސް އަހަރެން ހިތްހަމަޖެހޭކަހަލަ ލަނޑެއް އޭނާއަށް ނުދެވޭ. އަހަރެން ބޭނުމީ އެފޮނިފިރިހެނާއަށް ހިތުންނުފިލާވަރުގެ ލަނޑެއްދޭން." މޫނުކުނިކޮށްލަމުން ޖިޔާ ޝަޔަމްއަށް ބަލައިލިއެވެ. "އަސްލުކިހިނެތްތަވީ؟ ޖިޔާ އޭނަދެކެ ތިހާ ރުޅިއަންނަ ސަބަބެއް ބުނެބަލަ. އޭރަށް ފަހަރެއްގަ އަހަރެންނަށް ތިކަމުގަ އެހީއެއްވެސް ވެވިދާނު." ސީދާ ޖިޔާގެ މޫނަށް ބަލަންއިނދެ ޝަޔަމް އަހައިލީ އޭނާގެ ހިތުތެރޭގައި ބުރުޖަހަމުންދިޔަ ސުވާލެކެވެ. ޝަޔަމްގެ ސުވާލާއެކު ޖިޔާގެ މޫނުމަތީގައިވި ފޫހިކަން އިތުރުވެގެންދިޔައެވެ.

"އޭރު ޝަޔަމް ބުނީ ރަނގަޅަށް.. އަހަރެން ފުރަތަމަ އޮފީހަށް ވަތްްދުވަސްކޮޅު ނުހައިކް ވަރަށް ކަމުދިޔަ. ވަރަށް ބޭނުންވި ނުހައިކްއާ ގުޅެން. އެކަމަކު އަހަރެންކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި. ނުހައިކް ބޭނުމެއްނުވި އަހަރެންނަށް އިސްއުފުލާލައި ބަލައިލާކަށްވެސް. އަޅެ އަހަރެން ހުތުރީތަ؟" އެއްދިމާލަކަށް ގެއްލިފައިއިނދެ ޖިޔާ ވާހަކަދައްކަމުންދިޔައެވެ. ނޫނެކޭ ބުނުމުގެގޮތުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލިއެވެ.

"ޖިޔާ ކޮންކަމަކާތަ ދެން ކަންބޮޑުވަނީ؟ އޭނަ ޖިޔާ ބޭނުންނުވިއަސް، ޖިޔާ ބޭނުންވެގެން ކިތަށް ކިތަށްމީހުން އުޅޭ. ޖިޔާތީ ނުލާހިކު ކާމިޔާބު މީހެއްނު." ޝަޔަމް މަސައްކަތްކުރަމުން ދިޔައީ ޖިޔާގެ މޫޑު ރަނގަޅުކުރެވޭތޯއެވެ. "ޝަޔަމްއަށް ނޭނގުނަސް އިޓް ހާރޓެޑް މައި އިގޯ. ދުވަހަކުވެސް އެއްވެސް މީހެއް އަހަރެންނަށް ނޫނެކޭ ނުބުނޭ. ދެން އޭނައެއީ ކާކުތަ އަހަރެން އަމިއްލައަށް ބޭނުންވެގެން ދިޔައީމަ ނޫނެކޭ ބުނަން." ނުރުހުންތެރިކަން އެކުލެވިފައިވި އަޑަކުން ޖިޔާ ބުނެލިއެވެ.

"އަހަރެންނަށް ހީވަނީ އޭނަ މާނޫންކަމަށް ހެދުނަސް އަސްލު އެއީވެސް ހަމަ ގިނަފިރިހެނުންއުޅޭ ފާޑަށް އުޅޭ މީހެއްހެން. އެހެންމީހުން ކުރިމަތީގަ ކިތަންމެ މާތްކޮށް އުޅުނަސް އަހަރެންނަށް ޔަގީން އޭނަވެސް ހަމަވާނީ އަޑިނުބައި މީހަކަށްކަން." އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ޝަޔަމް ބުނެލިއެވެ. ޝަޔަމްގެ ވާހަކަތަކާ ޖިޔާވެސް އެއްބަސްވިއެވެ. "އަހަރެންނަށްވެސް ހީވަނީ ތިހެން. އެހެންވެ އަހަރެން ބޭނުންވަނީ އެހެންމީހުން ކުރިމަތީގަ ނުހައިކް އަކީ އެމީހުން ހީކުރާކަހަލަ މީހެއްނޫންކަން ސާބިތުކޮށްދެން." އެނދުގައި ރީތިކޮށް ހަށިގަނޑުދަމައިލައި އޮށޯވެލަމުން ޖިޔާ އޭނާގެ ހިތުގައިއޮތް އެއްޗެއް ހާމަކޮށްލިއެވެ.

"ހޫމް. ތިޖެހުނީ އަހަރެންގެ ލޯބިވާ ކަޒިންއަށް އެހީވާންތާ. ޖިޔާއަށް ހީވޭތަ އަހަރެންނަަށް ނުހައިކްގެ ހިތް ކާމިޔާބުކުރެވިދާނެހެން." ސީލިންގްއަށް ނަޒަރުހުއްޓައިލައިގެން އިނދެ ޝަޔަމް އަހައިލިއެވެ. ޝަޔަމްގެ ސުވާލަށް ޖިޔާ ޖަހައިލީ ބާރުހިނިގަނޑެކެވެ. ސުވާލުގެ ނަޒަރަކުން ޖިޔާގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީ ޖިޔާ ހޭންފެށި ސަބަބެެއް ނުވިސްނިފައެވެ. "އަހަރެން ބުނީމެއްނު ނުހައިކް އެއީ އެއްވެސް އަންހެންކުއްޖަކާ އިސްވެ ބޭކާރު ވާހަކަތަކެއް ދައްކާ މީހެއްނޫނޭ. އަދި އަމުދުން ޝަޔަމްއާ ދެމެދު ތިހިނގި ކަންތަކަށްފަހު ވަކިން ހީނުވޭ ނުހައިކް ޝަޔަމްއަށް ބަލައިލާނެހެންވެސް. އެހެންނޫނަސް ޝަޔަމްއަށް ތިކަންކުރެވުނަސް ކުރެވޭނީވެސް މިތަނު ދިރިއުޅޭނަމައެއްނު. ދުވަސްކޮޅެއްފަހުން ޝަޔަމް ފުރާނެ." ހިނިގަނޑުމަތަކުރަމުން ޖިޔާ ބުނެލިއެވެ. "ސޯ ޖިޔާ ތިބުނަނީ އަހަރެންނަށް މިކަން ނުވާނެއޭދޯ." ލޯހަނިކޮށްލަމުން ފޮނިގޮތަކަށް ޝަޔަމް އަހައިލިއެވެ. "އޫމް.. ބޮޑަށް ބުރަވެވެނީ ނުވާނެކަމަށް." އަދިވެސް ޖިޔާ އޮތީ ހިނިއައިސްފައެވެ. ކުޑަކޮށްވެސް އެކަންވެދާނެކަމަށް ގަބޫލުކުރާކަަށް އޭނާ ބޭނުމެއްނޫނެވެ. "އޯހް. އެހެންވީމަ ޖިޔާ ހުރޭބަލަން. އަހަރެންނަކީ އަހަރެން ކުރަން ހިތުއަޅައިފިކަމެއް ކުރާމީހެއް. އެވަރިހަމަ ކޮންމެ ގޮތަކުން ކޮންމެ ކަމެއް ކޮށްފަނަމަވެސް." ޝަޔަމްގެ އަޑުގައިވީ ޔަގީންކަމެވެ. ޖަވާބުގައި ބުނާނެ އެެއްޗެެއް ޖިޔާއަކަށް ނުވިސްނުނެވެ. ޝަޔަމްގެ ފަރާތުންފެނިގެންދިޔަ ޔަގީންކަމުގެ ކުލަވަރުން އޭނާވެސް އޮތީ ބަސްހުއްޓިފައެވެ. މި ނޫނި ޝަޔަމް އެގޮތަށް ވާހަކަދެއްކިއަޑެއް އޭނާ ނާހައެވެ. ޝަޔަމްގެ ވާހަކަތަކާއެކު ފުންވިސްނުމަކަށް ޖިޔާ ގެނބިގެންދިޔައެވެ.

*****

ހަވީރުގެ ހިތްފަސޭހަވަގުތެވެ. މުޅިދުނިޔެމަތިވަނީ ކަޅުވިލާތަކުން ބައްދައިލައިފައެވެ. ވައިރޯޅިވެސް ހިނދެއްހިނދަކަށް ދިޔައީބަރުވަމުންނެވެ. ޖެހިލާ ތެއްފިނިރޯޅީގެ މަޑުމަޑު ނާނާތަކަށް ގަސްތައްނަށަމުންދިޔައިރު އެއީ ހިތްތަކަށްހަމަޖެހުން ގެނެވުއިދޭނެ މަންޒަރެއްކަންގައިމެވެ. އަންނަންއޮތްގަދަ ކޮޅިގަނޑުގެހިލަންވެ ދޫނިސޫފާސޫފިތައްްވެސް އެސޮރުމެންގެ ހާއްޔަށްދިއުމަށްޓަކައި ދަތުރުފެށިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކްގެ ތެރެއިންލައިފައި ލަސްފިޔަވަޅުތަކެއްގައި ޒާއިން ހިނގަމުންއައީ އިސްޖަހައިލައިގެން ހުރެއެވެ. ލައިގެންހުރި ހޫޑީގެ ޖީބުތެރޭގައި ދެއަތްތިލަ ފޮރުވައިލައިފައިވީއިރު އެއްވެސް ތަރުތީބެއްނެތް ފަންއިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައެވެ. ވިއްސާރަދުވަހެއްކަމުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުންވެސް ހިސާބަކަށް މަދެވެ. އޭނާގެ ވަށައިގެންވި އެއްވެސް ކަމަކަށް ޒާއިންގެ ކުޑަވެސް ޝައުގެއްހުރިހެނެއް ހީއެއްނުވެއެވެ. މަޑުމަޑުން އައިސް މީހުންމަދު ހިސާބެއްގައި އެކަހެރިކޮށްހުރި ބެންޗެއްގައި އޭނާ އިނށީދެލިއެވެ.

ޒާއިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމެވެ. އެއްވެސް މީހަކާ ހިއްސާނުކުރި ނަމަވެސް އޭނަގެ ހިތްވަނީ ޒަޚަމްވެފައެވެ. ކުޑައިރުންފެށިގެން އޭނާ އުފުލަމުންއައި އެހިތާމަތަށް އޭނާ ވަނީ މުޅިދުނިޔެއަށް ސިއްރުކޮށްފައެވެ. މީހުންގެ ކުރިމަތީގައި ކޮންމެ ގޮތަކަށް އޭނާގެ އުޅުން ބެހެއްޓި ނަމަވެސް ހަގީގަތަކީ އެކަހެރިވާވަގުތުތަކު އޭނާ ހިތާމަކޮށް ހަދާކަމެވެ. އެެއިހުސާސުތައް ނުހިފެހެެއްޓޭކަމެވެ. ބޭނުންނުވިއަސްއެވެ. އޭނާގެ އަދުގެ ދިރިއުޅުން ޚިޔާރުކުރީވެސް އޭނާ އަމިއްލައަށެވެ. އެނުބައިވެގެންވާ އަމަލުތަކާއި އާދަތަކަށްވެސް އޭނާގެ ހިތްޖެއްސުވި މީހަކީ ޚުުދު ޒާއިންއެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެކަހެރިވެހުރެ އެހިތާމަތައް އުފުލުމުގެ ބަދަލުގައި އެހަނދާންތަކާއި ހިތާމަތައް ހިނދުކޮޅަކަށް ނަމަވެސް ހިތުން ފުހެލުމުގެ ބޭނުމުގައެވެ. ތެދެކެވެ. އެހިނދުކޮޅަށް އޭނާގެ ބޭނުންވެސް ހާސިލްވެއެވެ. އެހެނަސް....

ދުނިޔެމަތި ބައްްދަމުންއައި ކަޅުވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އައި ބޯކެރިގަނޑާއެކު ވަށައިގެންވި މާހައުލު ފުސްވެގެންދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ވާރޭގެ ހަމަލާތަކުން ސަލާމަތްވުމަށް މީހުންތައް އެކިކޮޅުކޮޅަށް ދުވަންފެށިއިރުވެސް އެއިންގޮތަށް ބެންޗުގައި އެކަނިމައި އެކަނި ޒާއިން އިނެވެ.

މަޑުމަޑުން މޫނު މައްޗަށްއުފުލައިލަމުން ގޮނޑީގައި ޒާއިން ހަމަޖެހިލިއެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތައް އެދޮންމޫނުގައި ބޮސްދީފައި ތިރިއަށް ފައިބައިގެންދަނީ އެކަމުގެ ޝަރަފުލިބުމުން އުފާކުރާހާލުއެވެ. ފުންނޭވާއެއްލަމުން ޒާއިން ދެލޯމަރައިލީ ވާރޭގެ ތިކިތަކަށް މަރުހަބާކިޔަމުންނެވެ.

މެރިގެންދިޔަ ދެލޯތެެރެއިން ޒާއިންއަށް އޭނާގެ ކުޑައިރުގެ ހަނދާންތައް ރޯލު ލަސްކުރެވިފައިވާ ފިލްމެއްގެ މަންޒަރެއްހެން ސިފަވާންފެށިއެވެ. ހަނދާނުގައިހުރި ކޮންމެ ހިނދުކޮޅެއް އެދެލޯތެރެއިން ފެންނަމުންދިޔައެވެ. މެޔަށްބާރުވާހެން ހީވުމުން އޭނާއަށް ހިންދިރުވައިލެވުނެވެ. އޭރު އެސްފިޔަތައްދަށުން ފޭދިގެންފޭބި ކަރުނައިގެތިކިތައް ވާރެޔާއި އެކުވެ ވާރޭގެ ކުދި ސަމާސަތަކުގައި ބައިވެރިވާންފަށައިފިއެވެ.

ނަޒީމްގެ ހަނދާންތައްކުރަން ބޭނުންނުވި ނަމަވެސް އޭނާގެ ހިތް އެކަމާއިދެކޮޅުހަދަމުން ދިޔައެވެ. ނަޒީމަށް ކިތަންމެ ނަފުރަތެއްކުރިއެއްކަމަކު އަދިވެސް އެހިތުގެ ކޮންމެވެސް ކަނެއްގައި ބައްޕައަށްޓަކައި ލޯބި ފޮރުވިފައިވެއެވެ. އޭނާގެ ތުއްތު ދުވަސްވަރުންފެށިގެން ނަޒީމް އޭނާއާއި ހެދި އުޅެމުންއައީ ކިހައިލޯބިންހެއްޔެވެ؟ ދަތިވާނެ އެއްވެސްކަމެއް ނޯވެއެވެ. ދުލުން ބޭރުކޮށްލުމަށްފަހު އޭނާއަަށް ނުލިބޭ ހަމަ އެއްވެސް އެއްޗެއް ނޯވެއެވެ. ތޮއިބާއަށްވުރެވެސް ބޮޑަށް އޭނާދެކެ ލޯބިވަނީ ނަޒީމްއޭ ހީވާފަހަރު މަދެއްނޫނެވެ. އެހެނީ މަންމައަށްވުރެ ބޮޑަށް އޭނާގެ ގިނަ ކަންތައްތައްކޮށްދެމުން ދިޔައީ ބައްޕައެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. ކަންއެހެން ހުރުމާއެކު ޒާއިންގެ ހިތުގައި ބައްޕައަށް ދެވިފައިވީ މަގާމާއި ލޯބި މަންމައަށްވުރެ ބޮޑުވިއެވެ. ނަޒީމްއާއި ދެމެދުއޮތް ގުޅުން ގާތްވިއެވެ. އެހެންކުދިންނާއި ހިލާފަށް އެކަނިތަނަކަށްގޮސް އައިސް ގެއަށް ވަންނަގޮތަށް އެންމެ ފުރަތަމަވެސް އޭނާއަށް ހޯދޭނީ އޭނާގެ ލޯބިވާ ބައްޕައެވެ.

ބޮޑުވެގެންއައި އިރު ގިނަފަހަރަށް ތޮއިބާ އުޅޭ ނޫޅޭތަނެއްވެސް ޒާއިންއަށް ނޭނގެއެވެ. ގޭތެރެއިންވެސް ޒާއިންއަށް ގިނަފަހަރު މަރުހަބާކިޔާނީ ނަޒީމްއެވެ. އުމުރުން ހަގު ނަމަވެސް މަންމައާއި ބައްޕަގެ ގުޅުން ރަނގަޅުނޫންކަން ޒާއިންއަށް ވިސްނެއެވެ. އެހެނަސް އެކަންކަމާ މާބޮޑަށް ފިކުރުހިންގާނޭ ފުރުސަތެއް ނަޒީމް އޭނާއަކަށް ނުދެއެވެ. އޮފީހުގައި ބުރަކޮށް އުޅެމުންވެސް ނަޒީމް އައީ ބަރާބަރަށް ޒާއިންގެ ޒިންމާތައް އުފުލަމުންނެވެ. ނަމަވެސް... ނަމަވެސް އެކަން އެގޮތަށް ދެމިއޮތީ ޒާއިންގެ އުމުރުން 11 އަހަރު ވަންދެނެވެ. ހާލަތު ބަދަލުވެ އެފުށްމިފުށަށް ޖެހިގެންދިޔައީ ޒާއިންއަށް އޭގެ ހިލަމެއްވެސް ނުވެއެވެ. ބައްޕަ އޭނާ އާއި ކުއްލިއަކަށް ދުރުހެލިވީ ކީއްވެކަމެއް އަދި އަދަށްދާންދެންވެސް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ނަޒީމް ހިތްހަމަނުޖެހޭފަދަކަމެއް އޭނާއަށް ނުކުރެވޭކަން ޒާއިންއަަށް ޔަގީނެވެ. ދެންކީއްވެހެއްޔެވެ؟

އެދުވަހުންފެށިގެން ތޮއިބާ އޭނާގެ ހުރިހައިކަމަކާއި ހަވާލުވިއެވެ. ކުރިން ބައްޕަ ކޮށްދެމުންދިޔަ ކޮންމެ ކަމެއް ފަހުންކޮށްދެންފެށީ މަންމައެވެ. ފުރަތަމަ ދުވަސްކޮޅު އެކަމަށް ހޭނެން ޒާއިންއަށް އުނދަގޫވިއެވެ. ނަޒީމްގެ ސަމާލުކަން ހޯދަން އޭނާ އެތައްމަސައްކަތެއް ކުރިއެވެ. އެހެނަސް އެހުރިހައި މަސައްކަތެއްވީ ބޭކާރެވެ. ނަޒީމްއަށް ކުއްލިއަކަށްއައި ބަދަލުގެ ފަހަތުގައިވި ސަބަބެއް ހަމައެއްގޮތަކަށްވެސް ޒާއިންއަކަށް ނުވިސްނުނެވެ. ޒާއިންއާއި މަޑުމަޑުން ދުރުވަމުން ދުރުވަމުންގޮސް އެންމެފަހުން ނަޒީމް އޭނާ އާއި އަނގައިން ބުނުންވެސް ހުއްޓައިލީއެވެ. ޒާއިން ފެނުނަސް ފެންނަކަމަށްވެސް ނުހަދާއިރު، ގައިޖެހިފައި ވެއްޓުނަސް ވީކީއްތޯވެސް އަހައިނުލައެވެ.

އެގޮތުގައި ފާއިތުވެދާންފެށި ދުވަސްތަކާއެކު ޒާއިންގެ ކުޑަކުޑަ ހިތުގައި ނަޒީމްއާމެދުވީ ޝަކުވާތައް އިތުރުވެ ހިތުގައި ފޫހިކަމެއް އުފެދެންފެށިއެވެ. ބައްޕަގެ ލޯތްބަށްއެދި އޭނާ ކިތައްރޭ ކަރުނައަޅައި ރުއިހެއްޔެވެ؟ ނަމަވެސް އެބައްޕަގެ ފުށުން ކުޑަވެސް އޯގާތެރިކަމެއް ނުލިބުނެވެ. ގާތުގައި ބައްޕަހުރެމެ އޭނާ ޔަތީމުވީކަމުގެ އިހުސާސުން އެމައުސޫމް ނަފުސް މާޔޫސްކޮށްލިއެވެ. ބައްޕަ އޭނާދެކެ ކުޑަކޮށްވެސް ލޯބިނުވާކަމަށް ގަބޫލުކުރެވެންފެށިއެވެ. މަންމަގެ ފަރާތުން އަޑުއިވުނު ބައްޕަގެ އެކިވާހަކަތަކުން އެކަން އިތުރަށް ޔަގީންވިއެވެ. ވީއިރު އޭނާގެ ހިތް އެރަހުމެއްނެތް ބައްޕަގެ މައްޗަށް ހެޔޮވާނެހެއްޔެވެ؟

*****

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އެކި މީހުންގެ ދިރިއުޅުމުގައި އެކިކުލަ ޖައްސަމުންނެވެ. އެއްބަޔަކަށް އުފާވެރިކަން ގެނެސްދެމުންދިޔައިރު އަނެއްބައެއްގެ ދިރިއުޅުން ހިތާމައިން ފޯކުރަމުންނެވެ.

އެނބުރި އޮސްޓްރޭލިއާއަށް ދިއުމަށްޓަކައި ޝަޔަމްގެ އާއިލާ އެއަރޕޯޓަށް އައިސްތިބިއިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހިތްދަތިކަމެވެ. ލޯބިވާ ބަޔަކަށް ކުޑަހިނދުކޮޅަކަށްވިއަސް އަލްވަދާޢުކިޔުމަކީ ކޮންމެ މީހަކަށްވެސް ކުރަން އެންމެ އުނދަގޫވާނޭ އެއްކަންތަކެވެ. ޝަޔަމްގެ އަތުގައި އޮޅުލައިގަނެގެން ޖިޔާ ހުރިއިރު އޭނާގެ މޫނުމަތިވެސްވަނީ މިލައިފައެވެ. "ދެން އަނެއްކާވެސް ދުވަސްގަނޑެއްފަހުންދޯ ފެންނާނީ." މޫނަށް ވައްތަރެއް ޖައްސައިލަމުން ޖިޔާ ބުނެލިއެވެ. ތުންފިއްތައިލި ޝަޔަމްވެސް ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. "ކިހާ ދެރަ. ޝަޔަމްގެ މިޝަންވެސް ފުރިހަމަނުވަނީސް ފުރަންތިޖެހުނީ. އޭރުވެސް އަހަރެން ބުނީމެއްނު ޝަޔަމްއަށް އެކަންވެދާނެހެން ވަރަށް ހީނުވެއޭ. އެކަމުވެސް ޝަޔަމް ބަލިގަބޫލެއްނުކުރާނެ." މަލާމަތުގެ ފާޑަށް ހީލަމުން ޖިޔާ ޝަޔަމްއާ ދިމާކޮށްލިއެވެ. "ތީ ޖިޔާއަށް ހީވާގޮތް. އަހަރެން މިދަނީ އަހަރެންގެ ޕްލޭނަށް ބޭނުންވާނެ މައުލޫމާތު ހޯދައިގެން. ޖިޔާ ހުރޭ ބަލަން. އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން. އެވެސް ވަރަށް ބޮޑު ސަޕްރައިޒްއަކާ އެކު." ޝަޔަމް އެހެންބުނެލި ވަގުތަކީ ބޯރޑިންގްއަށް ގޮވައިލިވަގުތެވެ. ހުއްޓުންއަރައިފައިހުރި ޖިޔާގެ މޫނަށް ހިނިތުންވެލަމުން ބަލައިލުމަށްފަހު އާއިލާގެ މީހުނާއި ވަދާއީ ސަލާމްކޮށްފައި ސައިނާ އާއި އަޒްހަރާއެކުގައި ޝަޔަމް ހިނގައިގަތެވެ. އެންމެފަހުން ޝަޔަމް ބުނެލި ވާހަކަތައް ޖިޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައިރު، އެމޫނުން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އެއްގޮތަކަށްވެސް އެބަސްތަކުގެ ފަހަތުގައި ފޮރުވިފައިވި މާނައެއް ޖިޔާއަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    6 ޚިޔާލު

    1. ތީ އައިނު އަޅައިގެން އުޅޭ ނައުފާއެއްތަ؟

    2. Kudahuvadhoo kujjeh thr thy anyways vaahaka vrh reethi ♥️♥️ curiously waiting for the next part❤️❤️

    ޚިޔާލު

    Your email address will not be published.