Views: 1841 74

މާ ގިނައިރުތަކެއް ނުވެ އުމުރުން ގާތްގަނޑަކަށް ދެއަހަރު ކަމަށް ދައްކާ އެ ކުއްޖާގެ އަތުގައި އޮތް ނާރފް ބަޑިން ބަރިބަރިއަށް ވަޒަންތަކެއް އޭނާ އުރައިގެން ހުރި ފަރާތުގެ އެދުމަށް ސީސީޓީވީ ކެމެރާއަށް އަމާޒުކޮށްލިއެވެ. ލުގުމާނަށް ލިބުނު ރަނުގެ ފުރުސަތަކީ އެއީއެވެ. ސޯފީއާއި ރާކިން 'ރިސާރވ' ކޮށްފައި ހުރި މޭޒުމަތީގައި އޮތް ރާކިންގެ ބެކްޕެކަށް ލުގުމާން އޭނާ އަތުގައި އޮތް ޕެކެޓް ވަރަށް އަވަސް ހަރަކާތާއެކު ކޮށްޕާލިއެވެ. އެ ދެބަސްތެރޭގައި ސޯފީއާއި ރާކިންގެ ބައެއް ޒަރޫރީ ބޭނުންތަށް ފުއްދުމަށްޓަކައި ޙާއްސަ ތަކެތި ހުރިއިރު އެއީ އެ ދެމީހުން ބޭނުންކުރާ ދަބަހެއްކަން އެ ކަމުންވެސް ސާބިތުކޮށްދިނެވެ. ކޮންމެއަކަސް އަވަސް ހަރަކާތާއެކު ޕެކެޓް ދަބަހަށް ލަމުން ލުގުމާން ކެއްސަމުން ކިނބިހިއަޅަމުން ކެފޭއިން ނިކުމެގެން ދިޔައެވެ. ކާއެއްޗެހި ތައްޓަށް އަޅާ ނިމިފައި ތިބި ރާކިނާއި ސޯފީގެ މިސްރާބު އޭރު ހުރީ މޭޒާ ދިމާލަށެވެ.

މޭޒުމަތީގައި ބާއްވާފައި އޮތް ދަބަސް ނަގާ ގޮނޑީގައި ލައްގާލަމުން ދެމީހުން ކާން ފެށިއިރު ދެ ނަޒަރުވެސް ހުއްޓިފައި ވަނީ ކެފޭގެ ކަނެއްގައި ހިނގައިގެން އުޅޭ 'ކާރިސާ'އާއެވެ. "ވަރަށް ބޮޑަށް މަޢާފަށް އެދެން..އަޅުގަނޑުގެ ދަރިފުޅު ވަރަށް ހަލަނިވާނެ..އަދި ވާހަކަ ދައްކަން ނޭނގޭތީ އެހެން މީހުން ކިޔާ އެއްޗެހި ރަނގަޅަށް ދޭހަވެސް ނުވާނެ." ކެފޭގެ ސީސީޓީވީ ކެމެރާއަށާއި އެހެނިހެން ސަރަހައްދު ތަކަށް އެ މައުސޫމް ކުޑަކުއްޖާ ޖެހި ވަޒަންތައް ވަނީ އުކިފައެވެ. އޭނާ އުރައިގެން ހުރި އޭނާގެ ބައްޕަ ފައިސަލް މަސަތްކަތް ކުރީ ޕްލޭނާ އެއްގޮތަށް މުއައްޒަފުންގެ ހަމްދަރުދީ ހޯދާށެވެ. ނާރފް ވަޒަންތަކުން ހަލާކުވީ ހަމައެކަނި ސީސީޓީވީގެ ކެމެރާ ނޫންކަމުން މުއައްޒަފުންނަށް މާ ބޮޑަށް ޝައްކު ކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

ފައިސަލްގެ މަކަރުވެރިކަން ނޭނގޭ ހާލު މުއައްޒަފު ކުއްޖާގެ މާއާފު ލިބުނީ އެއްވެސް ކުށެއް ނެތް އަދި މަކަރުވެރިކަމަކީ ކޮބައިކަންވެސް ނުދަންނަ ކުޑަ ކުއްޖާގެ މައުސޫމުކަމުންނެވެ. ފައިސަލް އޭނާގެ ދަރިފުޅު އުރާލައިގެން ކެފޭއިން ނިކުމެގެން ދިޔައީ ވިހަ ހިނިތުންވުމަކާއެކީގައެވެ. އޭނާ ކެފޭގެ ދޮރުމަތީގައި ހުއްޓިލިތާ މާގިނަ އިރެއް ނުވެ ތަންކޮޅެއްގެ ދުރުގައި ޕާރކުކޮށްފައި ހުރި ސައިކަލަށް އަރައިގެން ލުގުމާން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލަމުން މާސްކު ތިރިކޮށްލިއެވެ. "ވަރަށް ބޮޑަށް ތެންކްސް އިނގޭ.!" ލުގުމާން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ފައިސަލްގެ އަތުތެރެއަށް ލައިދެމުން އޭނާގެ އުރުގައި އިން ކުޑަކުއްޖާގެ ކޮލުގައި ހިފާލީ ޝުކުރުވެރިކަމާއެކީގައެވެ. ލުގުމާންގެ ބޮލުގައި އެޅުނު ފާފައިގެ ހިއްސާއެއް ތިމާއަށްވެސް ވާކަން އެނގި ހުރެ ފައިސަލް އެ ސިޓީ އުރައާއެކު ދުރަށް ހިނގައިގަތީ ލާރިގަނޑެއް އަތަށް އެރީތީ އުފާ ކުރާ ހާލުގައެވެ. އަނދަވަޅަކަށް މި ވައްޓާލެވުނީ ކިތަން މީހުންގެ ހަޔާތްކަމެއް އޭނާ ނުދެނެހުއްޓެވެ. ފަސް އަޅާ ފޮރުވާމިލެވުނު ވަޅުގެ އަޑީގައި ވަނީ ޤަތުލެއްގެ ސިއްރުކަންވެސް އޭނާއަށް ނޭނގެއެވެ. ބޭނުމަކީ ހަމައެކަނި ފައިސާގެ ނޫޓުތަކެކެވެ.

ކެފޭގެ ދޮރުމަތީ ސައިކަލުގައި އިން ލުގުމާން އޭނާގެ ފޯނު ހުޅުވާލަމުން މާޝާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. "އޭ ކޮބާ؟ އެމީހުން ތިބީ ކާން މިހާރު." މާސްކު އަޅައިގެން އިންނަމަވެސް ލުގުމާން ވާހަކަ ދެއްކީ ނިކަން މަޑުންނެވެ. މާޝާ އާންބަސް ދިނުމުން ލުގުމާން އެންމެ ބާރު ސްޕީޑުގައި ސައިކަލް ދުއްވާލިއިރު އޭނާ ހިތުން ކަންވާންވީ ގޮތާ ކަންވާނޭ ގޮތްވެސް އޭނާއަށް އިނގެއެވެ. ނަމަވެސް އޭނާ ނުދަންނަ ކަމަކީ ތަޤުދީރު ހިނގުމާއި ބަދަލުކުރުމުގެ އިތުރަށް ރޭވުމުގެ ބާރު ކުޑަކޮށްވެސް އޭނާ އަތުގައި ނެތްކަމެވެ.

ތަފާތު އޮލަ ވާހަކަ ތަކުގައި ތިބެ ވަށްތައްޓަށް އެޅިއްޔާ އެޅި ހުރިހާ އެއްޗެއް ބަނޑަށް އަޅާ ހުސްކޮށްލި ރާކިނާއި ސޯފީ ގޮނޑިއަށް ވެޑުވެގަތީ ވެފައި ތިބި ވަރުބައްޔެއްގެ ސަބަބުންނެވެ. ގިނައިން ކެއުމުން ވަރުބަލިވާނެކަން އެނގި ތިބެވެސް ބޮޑެތި މުންނާރުތަކާ އެއްހަމަކުރެވޭ ވަރަށް ކާއެއްޗެހި އަޅައިގެން ކާން ވޭ ވިއްޔާއެވެ. "މަ ނަގާ ދީބަލަ މިތަނުން." ސޯފީއާ ދިމާލަށް އަތް ދިއްކޮށްލަމުން ކަންނެތް ގޮތަކަށް ރާކިން ބުނެލީ މޭޒުމަތީގައި އޮތް ބެކްޕެކް ނަގާ ކޮނޑުގައި އަޅުވާލަމުން ސޯފީ ގޮނޑިން ތެދުވީމައެވެ. ސޯފީ ބޯ ހޫރާލިއެވެ. މާކުންބެގެ ހާލަށްވުރެ މީނާގެ ހާލު ދެރަވާނެއެވެ. "ހޫން އާދޭ.." ރާކިންގެ ދެއަތުގައި ހިފާ ބަސްތާ ގަނޑެއް ދަމާހެން ދަމާފައި ސޯފީ އޭނާ ގެންގޮސް ކައުންޓަރު ކައިރި ބެހެއްޓުމުން ކައުންޓަރުގެ އަނެއް ފަރާތުގައި ހުރި އަންހެން ކުއްޖާ ރާކިންއަށް ބަލާލަމުން ލަދުވެތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭނާ އިސްތަށިގަނޑު ރަނގަޅުކޮށްލި ތުއި ގޮތުން ރާކިން ފަކުރުގަތް ނަމަވެސް އޭނާގެ ސިކުނޑީގައިވީ ފަކުރުގެ މައްޗަށް އިސްވެގަތީ ސަކަކަމެވެ. ސޯފީ ކައިރީގައި ވަކަ ދޮންކެޔޮވަކެއްހެން ހުރި ރާކިން ހަށިގަނޑު ސީދާކޮށްލަމުން ގަޔަށް ހިފިފައި ހުރި އޭނާގެ ޓީޝާރޓު ރަނގަޅުކޮށްލާފައި އަތުގެ މަސްތަކުގައި ވަރަށް ނޭނގޭ ކަމަށް ހަދާފައި ދެއަތް ދެއަތުން ޖަހާލިއެވެ. ބޮލުގައި މާގިނަ އިސްތައްޓެއް ނެތްނަމަވެސް ހުރި ފަތްކޮޅުގައި އެއް އަތް އުނގުޅާލަމުން އެ ނުދަންނަ އަންހެން ކުއްޖާއަށް ބުމަ އަރުވާލިއެވެ. އެ ދެ ޒުވާނުންގެ ހަރަކާތްތައް ބަލަން ހުރި ސޯފީގެ ބުމަ ދިޔައީ ގޮށްޖެހިގެންނެވެ. ހިތުގައި ހަސަދައިގެ ރާޅުބާންޏެއް ދަތުރުކޮށްލިނަމަވެެސް ރާކިން އޭނާގެ މައްޗަށް ގަދަވިޔަދޭކަށް ލާހިކެއް ނޫނެވެ.

"ވާއު ހަރ އައިސް އާރ ސޯ ބިއުޓިފުލް." ސޯފީ ތުންފަތް އޫ ކޮށްލަމުން 'ޖޭމްސް ޗާރލްސް' ސުޓައިލުގައި އެ ބީރައްޓެހި އަންހެން ކުއްޖާއަށް ބުނެލަމުން ރާކިންއަށް ދެލޯ ބޮޑުކޮށްލާފައި ބަލާލިއެވެ. "ޔެސް،!!!" ސޯފީ ރުޅިނައިސް ހުރުމުން އެކަން ހާސިލްވޭތޯ ރާކިންވެސް އެއްބައިވެލިއެވެ. ތުންފަތުގައި ދޫ ހާކަލުމް އިސްޖަހާލި އެ އަންހެން ކުއްޖާ އޭނާގެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތަޢް ފަރިގޮތަކަށް އެއްފަރާތްކޮށްލިއެވެ. "އަހަރުމެން ހަދާ ޑޮކިއުމެންޓްރީއަށް ވަރަށް ފައްކާވާނެ މިކުއްޖާގެ އެހީ ލިބިއްޖެއްޔާ..ދޯ." ސޯފީ ރާކިންއަށް ނިއް އެއްލުމުން ރާކިންގެ ދެބުމަ ޖޮށްޖެހުނެވެ. މީނަ މި ދައްކަނީ ކޮން ޑޮކުމެންޓްރީއެއްގެ ވާހަކަ ހެއްޔެވެ. އެ އަންހެން ކުއްޖާވެސް ނިކަން ހެވިފައި ހުރެ ސޯފީއަށް ބަލާލީ ކަމަކަށް އުންމީދުކޮށްގެން ފަދައެވެ. އޭނާގެ ހިތުގައި އުފެދިފައިވީ އުންމީދުގެ ހުޅުކޮޅު ނިވުމެއްނެތި ދިއްލެމުން ދިޔަކަން ބަބުޅަމުން ގެންދިޔަ ދެލޯ ހެކިދިނެވެ. "ވަޓް." ރާކިނަށް ބުނެވުނެވެ. އޭނާއަށް ސޯފީ ހެދީ ދޮގެއްކަން މާ ރަނގަޅަށްވެސް އިނގެއެވެ. ނަމަވެސް ސޯފީއަށް އެއްބާރުލުން ދޭނެ ގޮތެއް ހިތަށް ތަސައްވަރު ނުކުރެވުނީ ކުރިޔާލާ ތައްޔާރުވެފައިކަމަކަށް ނުވާތީއެވެ. އޭނާ މަސަތްކަތް ކުރީ އެ އަންހެން ކުއްޖާ ބޭނުންކޮށްގެން ސޯފީ ރުޅި އަރުވާލުމަށް ވިއްޔާއެވެ. "ކަލޭ ހަނދާނެއް ނުހުންނާނެ އެކައްޗެއްވެސް.." ލޯ އަޅައިގަންނަމުން ސޯފީ އުޅެންފެށީ އެހެންޏާ ދުވަހަކުވެސް ނޫޅޭ ގޮތަކަށެވެ. އޭނާ އެއީ މަގުމަތިން ފެންނަހާ މީހަކާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ.

"އައްސަލާމު އަލައިކުމް..އަޅުގަނޑު މީ އޮޕްތަލްމޮލޮޖިސްޓެއް..ދެން މިއީ އަޅުގަނޑުގެ އެކުވެރި ޖާރނަލިސްޓެއް..އަޅުގަނޑުމެން އެއްކޮށް ލޮލުގެ ފަރުވާޔާ ލޮލުގެ މައްސަލަތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށް ހަދާ ޑޮކިއުމެންޓްރީއަކަށް އެކި މީސްމީހުންގެ ލޮލުގެ ފޮޓޯ އެބަ އެއްކުރަމު..ފޮޓޯއެއް ނަގާލަން ވުޑް ޔޫ މައިން..ޔޯރ އައިސް އާރ ވެރީ ޕްރިޓީ.." ސޯފީ ހަމަ މޮޅީއެވެ. ސިކުނޑިއަށް އައި ހުރިހާ ލަފްޒެއް އެއްކޮށްލަމުން ފަށުވި އިބާރާތްތަކެއް ގަތާ އަމުނާލީ ކައިރީގައި ހުންނަ މީހާއަށް އޭނާ އެ ހަދަނީ ދޮުގުކަމެއްވެސް ނޭނގޭހާ މޮޅަށެވެ. އަވަސް ހަރަކާތާއެކު އެ އަންހެން ކުއްޖާ ބޯ ޖަހާލީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. އިންސީންގެ މޮޔަކަމަކީ މިއީއެވެ."ރާކިންއާ ދެމީހުން އެއްކޮށް ވަރަށް ލޯބި ފޮޓޯއަކަށް ހުއްޓިލަމާ..ވަރަށް ގުޅޭނެ ދޯ.،.އަޅުގަނޑަށް ޔަގީން ދެމީހުންވެސް އެއްކޮށް ފޮޓޯއެއް ނަގާލަން ނުލާހިކު ބޭނުންވާނެކަން.އިޒް އިޓް އޯކޭ..؟" ސޯފީ ދެން ބުނެލި ބަހުން ރާކިންގެ ދެލޯ ދިޔައީ ފުޅާވެގެންނެވެ. މި ދެ އަންހެނުން ގަމާރީ ހެއްޔެވެ. ނުވަތަ ބޮލުގައި އިން ސިިކުނޑި ދަބަރަށް ވީ ހެއްޔެވެ.

ސޯފީގެ ލޮލުން ދައްކުވައިދިން ޔަގީންކަމާއި ތުންފަތް މަތީގައިވީ ފަތަހައިގެ ހިނިތުންވުމުން އެ ބީރައްޓެހި ޒުވާނާގެ ހިތް އޭނާގެ މައްޗަށް ލެނބުނިއްޔޭ ބައެއް މީހުންނަށް ހީވެދާނެއެެވެ. ނަމަވެސް ފަރުދާގެ ފުރަގަސް ނުވަތަ ހަށިގަނޑު ތެރޭ ފޮރުވިފައިވާ އެ ޅަ ހިތުގައިވާ ހަޤީޤަތަކީ އޭނާއަށް ރާކިން ފެނުނީއްސުރެއް އެ ދެމުން ދިޔައީ އެ ކަމަށް ކަމެވެ. ކަން ހިނގާ އާންމުގޮތަކީ މިއީއެވެ. ވަރަށް ބޯ ބޯޑުވެގެން ނޫނީ މި ދުނިޔޭގެ ދަޅަތަކާ ދުރަކަށް ނުދެވޭނެއެވެ. "ސޯފީ ވެއިޓް..ކިހިނެތް މި ވަނީ." ދަތްތަކަށް ފިއްތާ ބާރުކޮށްލަމުން ސޯފީގެ ކަންފަތް ބުޑުގައި ރާކިން ބުނެލިއެވެ. ރާކިން ސޯފީ ކައިރީގައި ހުރި ގޮތް ފެނިފައި ހަސަދަވެރިވި އަންހެން ކުއްޖާގެ ދެބުމަ ކައިރިވިއެވެ. "އަމިއްލަޔަށް ފޭހުނު އިލޮށީގެ ކޮޅު ލޮލަށް ވައްދާ!." ދަތްކުނޑި ވިކައި ގަންނަމުން ރާކިންއާ ދިމާލަށް ބުނެލި ސޯފީ އެ އަންހެން ކުއްޖާއަށް ހިނިތުންވެލީ ހަމަ އެހާލުގައެވެ. "މި ސޮރު ކުޑަކޮށް ލަދުގަންނާނެ..އެކަމު ދެންމެ އެބުނީ އޭނަވެސް ވަރަށް ބޭނުމޯ ތި ކުއްޖާއާއެކީ ފޮޓޯއެއް ނަގަން.." ބާރު ހިނިގަނޑެއް ޖަހާލަމުން ސޯފީ އެ އަންހެން ކުއްޖާ ހަމަ ޖައްސާލިއެވެ. އެއީ 'ހައްދާލުމޭ' ބުނުން މާ އެކަށީގެންވާކަން ޔަގީނެވެ. ބީރައްޓެހި މަންޖެ ހީލާފައި އިސްޖަހާލިއިރު އޭނާ ހިތުން ދެކޮލަށް މީހާރު އަރަންވާ ރަތެއް ވެއްޖެއްޔާ އަރަންޖެހޭނެއެވެ.

"ކޮބާ..އަވަހަށް ހިނގާ އުޅެމާ..އެންމެ ޝޮޓެކޭ ނަގާނީ..ނެޗުރަލީ އެހާ ރީތި ބައެއްވީމަ އޭންގަލަށް ނުބަލާ ހަމަ ފަސޭހަ ގޮތަކަށް ނަގާލީމަ އޯކޭ ވާނެ." ރާކިންގެ ބުރަކަށީގައި އަޅާ ކޮށްޕާލަމުން ކުޑަކުއްޖެއްހެން އޭނާ ގެންގޮސް އަންހެން ކުއްޖާ ކައިިރި ބަހައްޓާލި ސޯފީ ބުނެލިއެވެ. އެތެރެހަށީގައި ރުޅިގަނޑު އަނދަމުން ދިޔަނަމަވެސް އެންމެ ބަހެއްވެސް ސޯފީއާ ދެކޮޅަށް ބުނުމުގެ ހައްގު މި ވަގުތު އޭނާއަށް ލިބިގެން ނުވެއެވެ. މިއީ އޭނާ އަމިއްލައަށް ފެށިކަމެއް ވިއްޔާއެެވެ. ސޯފީ 'ޖޭ' ކުރުމަށް ކުރި މަސަތްކަތް ކާމިޔާބުނުވެ މިފަހަރު ތާށިވާން ޖެހުނީ އޭނާގެ ކުޑަގޮޅީގައެވެ.

އެއް އިރެއްގައިވެސް އަމިއްލަ ފޮޓޯ ނެގުމަށް ޝައުގެއް ހިތުގައި ނުހުންނަ ރާކިނަށް ސޯފީ ޖެއްސި ހާލު ދެގުނަ ވީ އަންހެން ކުއްޖަކާއެކު ފޮޓޯ ނަގަން ޖެހުމުންނެވެ. އޭނާއަކީ ސޯފީއާއެކީ ފޮޓޯނެގުމަށްވެސް ޗާބީދީފައި ހުންނަ ބުދެއްވިއްޔާއެވެ. "ތިޔަށްވުރެ ކައިރިވެލަންވީނު..ވަރަށް ބީރައްޓެހި ފާޑު ޖަހަނީ.." ރާކިނާއި އެ ޒުވާނާގެ ކުރިމަތީގައި ފޯނު ހިފާއްޓައިގެން ތައްޔާރަށް ހުރި ސޯފީ ފޯނު ދުރުކޮށްލަމުން ބޯ އަރިކޮށްލިއެވެ. ރާކިން އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތުން ހިތް ތެޅިލިނަމަވެސް ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. "ބީރައްޓެހިން ވީމަ ބީރައްޓެހި ވައްތަރު ޖަހާނެއެއްނު." ރުޅި އައިސް ރަތަށް އަރާފައި ހުރި ރާކިންގެ މި ޖުމްލަަތައް ވީ ހިތުތެރޭގައެވެ. އޭނާ ކައިރީގައި ހުރި އަންހެން ކުއްޖާ ލަދުވެތިކަމާއެކު ހީލަމުން ރާކިން ކައިރިއަށް ޖެހިލާ އޭނާގެ މުލައްދަނޑީގައި ހިފާ އޮޅާލަމުން ރާކިން ފާރާލާ ފިއްތާލިއެވެ. ހީވަނީ ފައިވާނެއްގެ ދަށް ފުށުގައި ތަތްލަވާފައިވާ ޗުއިންގަމް ކިރުގަނޑެއް ހެންނެވެ.

ސޯފީގެ ސިކުނޑީގައި ނުބައި ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އޭނާ ދެލޯ ކުޑަކޮށްލިއެވެ. ރާކިން ހިނިގަނޑު ހިފާއްޓާލީ ސޯފީގެ ހިތުގައި ހަސަދަ ނުހިނގާ ނުހުންނާނެކަން އޭނާއަށް މާ ކުރިންވެސް ޔަގީންވެފައިވާތީއެވެ. "މިހާރު އޯކޭތަ؟" އެ އަންހެން ކުއްޖާ ރާކިން ޗަސް ބަނަހަކަށް ހަދާލަމުން އެއްސެވެ. ސޯފީ ހުރިގޮތުން އޭނާއަށް ކަމެއް ފާހަގަވީ ކަންނޭނގެއެވެ. "ވާއު..ދެލޯ ކުޑަކޮށްފަ ނުބެލިއްޖެއްޔާ ދެރައެއްނު..އެންމެ ކުޑަ ޑީޓެއިލްސް އިން ފެށިގެން ބޮޑެތި އެއްޗެހިވެސް ހަމަ ވަރަށް މެޗްވޭ..މިފަހަރު މި ފޮޓޯ ކަވާރއަކަށްލީމަ ޔަގީން ޑޮކިއުމެންޓަށް ވިއުސް ގިނަވާނެކަން." އާޝޯޙްވެފައި ހުރެ ސޯފީ ބުނެލުމުން ރާކިން އަނެއްކާވެސް ރުޅިއައެވެ. އޭނާ ހުރީ ސޯފީގެ އަތުން ސަލާމަތް ލިބޭނެކަމަށް އުންމީދު ކޮށްގެން ވިއްޔާއެވެ. "1.2.3." ތިނަކާ ހަމައަށް ގުނާލަމުން ސޯފީ ފޮޓޯއެއް ނަގާލިއެވެ. ރާކިން ޖެހުނީ ގަދަކަމުން ތުންފަތުގެ ކަނެއް ހިއްލާލާށެވެ. އެ ހިއްލާލި ހިއްލާލީނުން ފޮތޯ ފޯނަށް ނެގުނުއިރު ދެލޯވެސް ވަނީ މެރިފައެވެ.

އެންމެ ފޮޓޯގަނޑަކަށްފަހު އަންހެން ކުއްޖާ ދުރުކޮށްލަމުން އަވަސް ހިނގުމެއްގައި ރާކިން ގޮސް ސޯފީ ކައިރި ހުއްޓިލިއެވެ. "ރީތި ދޯ. ތެންކްސް އިނގޭ." ކަޅު އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖާއަށް ފޯނުގައި އިން ފޮޓޯ ދައްކާލަމުން ސޯފީ ބުނެލިއެވެ. އެ ކުއްޖާ ބޯ ޖަހާލިއިރު އޭނާ ހުރީ އުފަލުން ކަރުނަ ފައިބާވަރުވެފައިކަން ދެލޮލުން ހެކިދިނެވެ. އޭނާގެ ދުލަށް ބުނާނެ ބަހެއްވެސް ނައެވެ. ނަމަވެސް ހިނދުކޮޅަކު ފޮޓޯއަށް ބަލަން ހުރުމަށްފަހު އޭނާ ބުމަ ހިއްލާލިއެވެ. "ލޯ މެރިފަ ދޯ." ސްކްރީނުން ފެންނަމުން ދިޔަ ރާކިންގެ މޫނުގައި އޭނާގެ އިނގިލި ޖައްސާލިއެވެ. "އާން..އެއީ ލޮލުގެ އެއްޗެއްވީމަ ވީމަ..ހުޅުވިފަ ހުރި ލޮލަކާ މަރާފަ ހުރި ލޮލަކާ ދައްކުވައިދޭން މިއުޅެނީ އަސްލު. ދޯ." ސޯފީ ދެއްކި ބަހާނާ ކިތަންމެ ހަމަނުޖެހޭ ނަމަވެސް އެ އަަންހެން ކުއްޖާ ހިތުގެ އަޑިން އެކަން ގަބޫލުކުރިއެވެ. ސޯފީ ދޯ އެއްލުމުންވެސް ދެ ޖީބަށް އަތްޖަހައިގެން ދުރުބަލަހައްޓައިގެން ރާކިން ހުރީ އެންމެ ބަހެއްވެސް ނުބުނަން ހުވާކޮށްގެންނެވެ. އޭނާ ސޯފީ ދެކެ މިހާ ރުޅިއައި ދުވަހެއް މި ނޫނީ ނުވާކަން ގައިމެވެ. އެ އަންހެން ކުއްޖާއަށްވެސް ރާކިން ހުރީ ރުޅި އައިސްފައިކަން އިނގޭނެއެވެ. ނަމަވެސް އެއްޗެއް ބުނަން ނުކެރުނީއެވެ.

ވިސްނުމުގައި ލެއްވިހައި ބަހަކުން ކައުންޓަރު ދޮށުގައި އިން އެ މަންޖެއަށް ހުޝާމަދު ކޮށްފައި ރާކިން އަތުގައި ހިފައިގެން ކެފޭ އިން ސޯފީ ނިކުތެވެ. އޭނާ ފެށީ މުޅި މަގަށް އިވޭވަރަށް ހޭށެވެ. "މަޖަލެއް ނޫނޭ..ހަމަ ހިތަށް އަރާ.." ސޯފީ ގައިގައި ވިކައިގަތުމަށް ރާކިން އޭނާގެ އަތް މަޅާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯ މަރާލަމުން ރާކިން އަތްތިރިކޮށްލީ ސޯފީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުންނެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރެ އެފަދަ ކަމެއް އޭނާއަށް ކުރެވޭނީ ކިހިނަކުން ހެއްޔެވެ. "ޑިލީޓް ކުރަނީ މ...އޭނަ ދަގައްފާނެއްހެން ތަތްވެފަ ހުރި އިރުވެސް ރާކިން ހުރީ 'ރޫޕް ހޫން..ޓޭރީ ޑޫޕް ހޫން..ޓޫ ސޫރަޖްހޭ މަން ކާ މެރީ' ކިޔަން ވިއްޔަ" ދެލޯ ވަށްކޮށްލަމުން ސޯފީ އޭނާގެ ފޯނު އެ ފޮޓޯގަނޑު ޑިލީޓްކޮށްލީ ހިންދީ ލަވައެއްގެ ބައިތު ރާކިނަށާއި އެ އަންހެން ކުއްޖާއަށް ޙާއްސަކޮށްލަމުންނެވެ."ހައު މަޗް އޮފް ޖޭ ޖޭ އާރ ޔޫ." ސޯފީގެ ކޮނޑަށް އަތް ވައްޓާލަމުން ރާކިން ބުމަ އަރުވާލިއެވެ. އޭނާ ހުރީ ނިކަން ހެވިފައެވެ. "ހައު މަޗް އޮފް ސީ ގުއި އަރ ޔޫ." މޫނަށް ވައްތަރެއް ޖައްސާލަމުން ސޯފީ ރާކިން ދުރަށްލިއެވެ.

މާގިނަ އިރުތަކެއް ނުވެއެވެ. ފުލުސް އިމާރާތުގެ ކުރިމަތީ ސައިކަލުގައި އިން ލުގުމާން އެދުން ފުރިހަމަވެގެން ދިޔައީ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރު ކައިރި ޔުނީފޯރމުގައި ހުއްޓި ހުރި މާޝާ ކޮށްލި އެންމެ ފޯނު ކޯލަކުންނެވެ. ސޯލްޓް ކެފޭގެ ކުރިމަތީގައި އައިސް ހުއްޓާލީ ޕޮލިސް ޖިޕެކެވެ. ފޯނާ ކުޅެން ގަސް ދޮށުގައި ހުރި ސޯފީއަށް އެކި ކަހަލަ ޖެއްސުން ކުރަމުން ގެންދިޔަ ރާކިންގެ ނަޒަރު އެއަށް ހުއްޓުނީ އެންމެ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ސޯފީއާ ޙިލާފަށް އޭނާއަކީ މާހައުލުގައި ވާ ކަންތަޢް ދެނެގެން ސަމާލުކަން ދޭންވަރާ ވަރަށް ދީގެން އުޅޭ މީހެކެވެ. ރާކިންގެ ހިތަށް އެންމެ ފުރަތަމަވެސް ވަނީ ރަޒީމްގެ ނަމެވެ. ރަޒީމް އެ ޖިޕަށް އަރުވާތަން ދުށުމަކީ އޭނާ ހުވަފެނެކެވެ. ނަމަވެސް ސޯފީއާއި ދެމީހުންގެ އުފަލަށް އެ ހުވަފެން ގުރުބާން ކުރުމަށްފަހު ސޯފީއަކީ މި ދުނިޔެ މަތީ އެންމެ އުފަލުގައި ހުންނަ އިންސާނާއަށް ހަދައިދިނުމަށް އޭނާ ނިންމީއެވެ.

ޖިޕުން ފައިބައިގެން އައި ދެ އޮފިސަރަކު ސޯފީއަށާއި ރާކިނަށް ދިއްކޮށްލީ ހުދު ކަރުދާސްގަނޑެކެވެ. ރާކިނާއި ސޯފީގެ ފުރިހަމަ ނަން އިއްވާލަމުން ޖިޕަށް އެރުމަށް އޮފިސަރުން އެދުނެވެ. "މީ ކިހިނެތްވާ ކަމެއްތޯ؟" ރާކިން އެއްސެވެ. އޭނާ ހުރީ ދާން ތައްޔާރަށް ނަމަވެސް ސޯފީ ދާން ޖެހޭންވީ ސަބަބެއް އޮޅުންފިލުވަން ބޭނުންވީއެވެ. "މަގުމަތިން ފެންނަ ކޮންމެ ކޮންމެ ބަޔަކު އިންވެސްޓިގޭޝަނަށް ގެންދެވޭތޯ؟" ސޯފީގެ ދެބުމަ ގޮށްޖެހުނެވެ. މިއީ ކިހިނެތް ވާން ޖެހޭ ކަމެއް ހެއްޔެވެ. "އަޅުގަނޑުމެނަށް ލިބިފައިވާ ކޮމްޕެލެއިނެއްގެ ތެދު ދޮގު އިންވެސްޓިގޭޓް ކުރުމަށް އިނގޭތޯ. ތި ދެ ފަރާތުން މި ކެފޭގެ ތެރޭ މަސްތުވާތަކެތީގެ މުއާމަލާތެއް ކޮށްފައިވާކަމަށް ޙަބަރު ލިބިފައިވޭ. ސީސީޓީވީ ފުޓޭޖްތަކުން އެއްވެސް ގުޅުން ހުރި ކަމެއް ނުފެނުނީމަ ފިޒިކަލް އެވިޑެންސް ހޯދުމަށް އަޅުގަނޑުމެން އިންވެސްޓިގޭޓް ކުރަން ބޭނުންވޭ." ފުލުސް މީހާ ބުނެލި ބަހުން ރާކިނާއި ސޯފީގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެވަރުގެ ތުހުމަތެއް އެ ދެމީހުންގެ ބޮލުގައި އެޅެންވީ ކިހިނެތް ހެއްޔެވެ. އެ ދެމީހުންނަކީ އަމިއްލަ އަތުން ދުވަހަކުވެސް އެފަދަ އެއްޗެއްގައި އަތްލި ބަޔަކަށް ނުވާއިރު މިއީ ކާކު ދިން ޙަބަރެއް ހެއްޔެވެ.

ފުލުހުން ބޭނުންވެގެން އުޅޭ އެއްވެސް އެވިޑެންސެއް ސޯފީ ނުވަތަ ރާކިންގެ އަތުތެރެއިން ނުފެންނާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެ ދެމީހުން ޖިޕާ ދިމާލަށް ހިނގައިގަތެވެ. "ކޮން ބޭފުޅެއްތޯ ކޮމްޕްލެއިން ހުށެއެޅީ..ތި ވާނީ ވަރަށް ބޮޑު އޮޅުމަކަށް އިނގޭތޯ." ރާކިން އަދިވެސް ވަކާލާތު ކުރަމުން ގެންދިޔައީ ފުލުހުންނާ ދެކޮޅަށެވެ. "ރިޕޯރޓް ކުރި ފަރާތުގެ މަޢުލޫމާތު ސިއްރު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެންވޭ" ފުލުސް އޮފިސަރު ދިން ޖަވާބު ވަރަށްވެސް ކުރެވެ.

އިތުރު ބަހެއް ނުކިޔާ ފުލުހުންނާއެކު ބިލްޑިންގެ ތެރެއަށް ވަދެގެން ދިޔަ ރާކިނާއި ސޯފީ ވެއްދުނީ އިންވެސްޓިގޭޝަން ރޫމްތެރެއަށެވެ. ރާކިންގެ ނަޒަރު އިރުއިރުކޮޅާ ސޯފީއަށް ހުއްޓެމުން ދިޔައިރު މޫނުމަތީ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ސޯފީވެސް ދިޔައީ ރާކިނަށް ބަލަމުންނެވެ. ދެމީހުން ކުރެ އެކަކަށްވެސް ވާން އުޅޭ ގޮތް ނޭނގުނުނަމަވެސް އެދެވެމުން ދިޔައީ އަނެކާގެ ސަލާމަތަށެވެ.

"ރަޒީމްމެންގެ ކަމެއް ކަންނޭނގެ." ރާކިންގެ އަތުގައި އޮތް ދަބަސް އިންވެސްޓިގޭޝަނަށް ގެންދިޔުމުން އެ ލިބޭނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބި ރާކިނާއި ސޯފީއަށް ބުނެވުނީ އެކުއެކީގައެވެ. "އެކަމު އޭނަޔަށް އަހަރުމެން އުޅޭ ތަނެއް ނޭނގޭނެއެއްނު...އެހެންނޫނަސް އޭނަ މިހާުރު އަހަރުމެންނަށް ކަމެއް ކުރުމުގެ ބޭނުމެއް ނެތެއްނު..ވީ އާރ ނޮޓް މެސިންގް ވިތް ހިމް އެނީމޯރ." ސޯފީ ވަރަށް ވިސްނުމަށްފަހު ބުންޏެވެ. އޭނާއާއި ރާކިން މަގުމަތީގައި ދިރިއުޅެމުންދާތާ މަހެއްވީއިރު ރަޒީމް ނުވަތަ ރާކިން އާއިލާގެ އެއްވެސް މީހެއްގެ ހިލަމެއް ރާޔާގެ ފިޔަވާ ނުވެއެވެ. އެހެންކަމުން ސޯފީ މެން ދެކެމުން ދިޔައީ ރަޒީމްގެ އުނދަގުލެއް، އެމީޙުން ރަޒީމަށް އުނދަގޫ ނުކޮށް ދުރުގައި ތިބޭހާ ހިނދަކު ނުފޯރާނެކަމަށެވެ. ސޯފީ އެގޮތް ނިންމީ ރާކިންގެ ކުރިމަތީ އޭނާގެ ބޭބެއަށް ގެއްލުމެއް ދޭން ނޭދޭތީއެވެ. ސޯފީއަށްޓަކައި ރަޒީމަށް ކޮންމެ ގޮތެއްވެސް ރާކިން ހަދާނެކަން އޭނާއަށް އިނގުނުނަމަވެސް އޭނާގެ ހިތުގެ ކަނެއްގައި އަމިއްލަ ލެއްޔަށް ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ވާނެކަމަށް ސޯފީ ދުއްޓެވެ. ރާކިން ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އިދިކޮޅަށެވެ. ބޭނުންވީ ސޯފީ ހިތްހަމަޖައްސައިދޭށެވެ. އަނެއްކާ ރަޒީމުގެ މައްސަލެއް ފެންމަތިވެއްޖެނަމަ އެ ތުންފަތް މަތީގައި ކުރުހާލެވިފައިވާ ހިނިތުންވުން ފޮހެވިގެން ގޮސްދާނެތީއެވެ.

"މިއީ މަސްތުވާތަކެތި ނޫންތޯ." ސޯފީއާއި ރާކިނަށް ގޮނޑިން ތެދުވެވުނީ ތަހުގީގަށްފަހު ކޮޓަރިން ދަބަހާއެކު ނިކުތް ދެ ފުލުހުންގެ އަޑަށެވެ. "ތިއީ ކިހިނެތް ވީ ކަމެއްތޯ." ރާކިންގެ ދެބުމަގޮށްޖެހުނެވެ. ސޯފީގެ ހިތުގައި އޮތް ހަމައެކަނި ބިރުވެރިކަމަކީ ރާކިން ގޮޅިއެއްގައި ހައްޔަރުވުމެވެ. މިއީ އެނާގެ ބޮލުގައި ދޮގު ތުހުމަތު އެޅި ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން މަޖުބޫރުވި ފުރަތަމަ ފަހަރު ނޫންކަމުން އޭނާ އިނީ ނިކަން ހަމަޖެހިފައެވެ. އެންމެ ނިކަމެތި ހާލުގައި އުޅެންވެސް އާދަވެފައިވާ މީހެއްގެ ކަށީގައި މިވަރު ހިތްވަރު ނުހުރެއްޖެއްޔާ ދެން ދެރައެވެ. "ތީއީ ފްރޭމްކޮށްފަ އިނގޭތޯ..އަޅުގަނޑުމެންގެ ހަށިގަނޑުގަ މަސްތުވާތަކެތި ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ނުހުންނާނެ..ބައްލަވާ." ވާހަކަ ދެއްކީ ކިތަންމެ މަޑުންނަމަވެސް ރާކިން ރުޅި އަންނަ ގޮތްވިއެވެ. "ޔޫރިން ޓެސްޓްތަކުން ޔޫސް ކުރާ ފަރާތްތަކެއް ކަމަށް ނުދެއްކިޔަސް ތި ދެ ފަރާތުގެ ހިއްސާ އޮންނަ އެއްޗެއްގެ ތެރެއިން މީގެ ޕެކެޓް ފެނުމުން މިފަދަ މުޢާމަލާތް ކުރާ ފަރާތެއްގެ ގޮތުގައި ހިމެނޭނެ." އޮފިސަރު ބުންޏެވެ. ތަންކޮޅެއް ދުރުގައި ސޯފީ މެނަށް ނުފެންނާނެހެން ވާނުވާ ބަލަން ހުރި މާޝާ އޭނާގެ ފޯނު ނަގާ ރަޒީމަށާއި ލުގުމާނަށް ބޮޑުވާއިނގިލި މައްޗަށް ނަގާފައި އިންނަ ސްޓިކާ ފޮނުވާލިއެވެ. އޭނާ ދުރަށް ހިނގައިގަތީ ރަޒީމް އޭނާގެ އަތަށް އަރުވާނެ އެއް މިލިއަން ރުފިޔާގެ ދަހިވެތިކަމުގައެވެ.

ކޮންމެއަކަސް އެއްވެސް އެއްޗެއް ނުކިޔާ އަނގައިގައި ޓޭޕް އަޅައިގެން ހުރި ސޯފީއާއި އަމިއްލަ ނަފްސާއި ސޯފީއާ އެއްކޮޅަކަށް ވަކާލާތު ކުރަމުން ގެންދިޔަ ރާކިން ތަފާތު ދެ ގޮޅިއެއްގެ ތޭރިތަކުގެ ފަހަތުގައި ބަންދުވެގެން ދިޔައީ ހަމަ އެންމެ ހެއްކެއްގެ ސަބަބުންނެވެ. އަޑި ކޮނުމެއްވެސް ނެތެވެ. ސޯފީ ހިމޭނުންހުރީ ސަލާމަތުގެ އައްސޭރިއެއް ކޮންމެވެސް ކޮޅަކުން ފެންނާނެ ކަމުގެ ޔަގީންކަން ހިތުގައި އޮތުމުންނެވެ. ނަމަވެސް ރާކިނަށް އޭނާއާ ހެދި އެ ހާލު ޖެހުމުން މާޔޫސްވިއެވެ. ރާކިން ކައިރީގައި އޭނާއާ ދުރުގައި ހުރުމަށް އެއް އިރެއްގައި ފާޅުގައި ގޮވާލި ސަބަބަކީވެސް މިއީއެވެ. ނަމަވެސް އެ ސޮރުގެ ތަންފުކެއްވެސް ދުލެއް ނުކުރިއެވެ.

"މަ ބުނީމެއްނު ރާކިން ކައިރީ މަށާއެކީ އުޅެންޏާ މިކަހަލަ ލަނޑު ލިބޭނެޔޭ..ހަމަ ރީއްޗަށް ޖޮބަށްގޮސްގެން އެޕާރޓްމެންޓެއްގަ އުޅެވެން އޮއްވާ ވެއްޖެ ވިއްޔަ މަށާއެކީ މަގުމަތިވާން." އަތުގައި ބިނޑި އެޅުވި ވަކި ވަކިން ހުރި ދެގޮޅިއަށް ދެމީޙުން ވެއްދުނު ވަގުތު ބޯ ދިއްކޮށްލަމުން ސޯފީ ރާކިނަށް ގޮވާލިއެވެ. "މޮޔަ ވާހަކަ ނުދައްކާ..ސޯފީ ޖަލަށް ލައިފިއްޔާ މަވެސް ލާން ޖެހޭނެ..މަގުމަތިވިއްޔާ މަވެސް ވާނަން..ގެނބިޖެެއްޔާ މަވެސް ގެންބޭނަން..މަރުވެއްޖެއްޔާ މަ ވެސް..." ޖަލަށް ވެެއްދުުނު ވަގުތު ސޯފީއާ ދިމާލަށް ބޯ ދިއްކޮށްގެން އޮތް ރާކިން ހެމުން ހެމުން ކިޔަމުން ގެންދިޔަ ޅެން ބައިތު މެދުކަނޑާލަން ޖެހުނީ އޭނާ ގަދަހަދަމުން ދިޔައީތީ އޮފިސަރަކު ޖަލު ތެރެއަށް އޭނާ ކޮށްޕާލުމުންނެވެ. ގޮޅީގެ ތެެރެއަށް ފިޔަވަޅު އަޅާލި ސޯފީ އަލުން ފަސް ބަލާލަމުން އެ އޮފިސަރަށް ދެލޯ އަޅާލިއެވެ. ހިނގަމުން ދިޔައީ އާންމު އިންސާނެއްގެ ސިކުނޑިއަށް ކިތަންމެ ވޭނާ ތުރާލެއް ދޭނޭ ފަދަ ކަމެއްވިޔަސް ސޯފީއާދި ރާކިންގެ މޫނުމަތިން އެފަދަ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ކޮންމެ ތާކު ކޮންމެ ހާލެއްގައި އުޅެންޖެހުނަސް އަނެކާ ވަނީ ސަލާމަތުންކަމާއި އެންމެ ގާތުަގައިކަން ޔަގީންވާހާ ހިނދަަކު ހުރިހާކަމެއް އެ ފުރިހަމަވީއެވެ. ތިބެން ޖެހިފައި މި ވަނީ ޖަލެއްގައި ކަމުން ކޮންމެ ދުވަހަކު ހަތަރު ކަޅި ހަމަ ކުރުމުގެ ފުރުސަތު ނުލިބުނަސް އަމިއްލަ ނަފްސަށް އެ ކުރި އިތުބާރަކީ މިސާލު ނަގަން ޖެހޭހާ ވަރުގަދަ އިތުބާރެކެވެ. ކޮންމެވެސް ގޮތަކުން ޖެހިގެން ހުރި ގޮޅީގައި ދިރިހުރި ބައިވެރިޔާއާ މުޢާމަލާތު ކުރެވޭނެކަމެވެ. ހަފްތާއަކު އެއްފަހަރު ލޮލަށް ފެނުނު ކަމުގައިވިޔަސް އެ ފެންނަ ފެނުމުގައި ސަލާމަތުން އޭނާ ހުރިއްޔާ އެވީއެވެ. 'ގޯލްސް' އޭ ކިޔަން މިވަރުން ދެން ނުފުދޭތޯއެވެ.

"ވަޓް.!!! ޖަލޭ..!" ގަދަ ގުގުރީގައި އޮތް ނައިނާ ހޭލެއްވުމަށް މަސަތްކަތް ކުރަމުން ދިޔަ ފާޒިލް އެންމެ ފަހުން ނިންމީ ޙަބަރު ފަޅާލާށެވެ. ނައިނާ ހޭލާނެ ގޮތަކީ ހަމައެކަނި އެއީކަން އެނގޭތީއެވެ. ނައިނާ ފުންމައިގެން ތެދުވެ އެނދުމަތީ ބުރެއް އެޅިގޮތުން އޭނާ މިއޮށް ހުރިހާއިރު ފާޒިލް އުނދަގޫކުރި އޮތީ ނިދާފައި ކަމާމެދު ޝައްކެވެ. "ނިދާފަކައެއްވެސް ނޫނޭ ދޯ އޮތީ." ފާޒިލް ކަޅި އަނބުރާލިއެވެ. "ތިއެއް ނޫނޭ..ރާކިންމެން ޖަލަށް ލިއްޔޭ.." ބައު ޖަހާފައި ގޮސް ފާޒިލް ކައިރީ ނައިނާ އިށީނދެލިއިރު އޭނާގެ ދެލޮލުގައިވާ ނިދީގެ އަސަރު ފިލާ ޝައުގުވެރިކަން ފާޅުވަމުން ދިޔައެވެ. އޭނާ ފާޒިލް ކައިރިއަށް އައި ގޮތުން ފާޒިލް ފަހަތަށް ޖެހިލިއެވެ. "ދަތް އުނގުޅައިގެން ޕްލީޒް" ފާޒިލް އިނގިލި ދިއްކޮށްލިއެވެ. "ހޫން..މަ މިއުޅެނީ ފާޒިލް ކާކަށް ނޫނޭ.." ލޯ އަޅާލަމުން ނައިނާ ބުނެލި އެތިން ފާޒިލް ދެލޯ މަރާލަމުން ތުންފިއްތާލިއެވެ. މިއީ ވާ އަންހެނެކެވެ. "އާން..މަސްތުވާ އެއްޗެހީ ފެނުނިއްޔޯ އެމީހުން އަތުން..ރާކިން ކައިރީ ގޭ މީހަކަށް ގުޅަން ބުނެފަ ފުލުހުން ފޯނު ދިނީމަ ގުޅި މަށަށް. ބުނީ ބައެއް ރީތިވާ އެއްޗެހި ގެނެސްދޭށޯ..ދެތިން ރޯލޯން ފުޅިއާ ސައިބޯންޏާ ބޮކްސާރ ކޮޅަކާ އެއްޗެހި..ދެން ސޯފީގެ އެއްޗެހި ހަމަކުރަން އެނގޭނީ ނޭނާ އަކަށްނު އެހެންވެ މި ބުނީ..." ވަރަށް ހަމަޖެހިލާފައި ފާޒިލް ބުނެލި ގޮތުން ނައިނާގެ ހިތަށް ވިސްނުނީ އޭނާއަށް ނޭނގޭ ބައެއް މިކަމުގައި ވާ ކަމެވެ. "މަށަށް ނޭނގޭ ބައި ކިޔައިދީ.." ދެފައި ވަށްކޮށްލަމުން ފާޒިލްގެ ޗަސްބަނޑު މައްޗަށް އަރާ ޔޯގާ ހަދާ މީހެއްހެން އިށީނދެލި ނައިނާ އަމުރުކޮށްލިއެވެ. ހަށިގަނޑު ދަމާލައިގެން އޮށޯވެގެން އޮތް ފާޒިލް ނައިނާއަށް ބަލަމުން ދިޔައީ އޭނާގެ ހޭވިފައި އޮތް ބޮޑު އިސްތަށިގަނޑާއި ރޫ ފުނިޖެހިފައިވާ ބަޮޑު ގަމީހުން އެއްޗެއް ފެނޭތޯހެން ހީވެއެެވެ. ނަމަވެސް އެއީ ބިލާހެކެެވެ. އެހެން ފަހަރުތަކުގައި ނައިނާގެ ސޫރަ އެހާލުގައިވެސް އެހާ ފުރިހަމަ ވާންޖެހޭ ސަބަބާ މެދު ވިސްނިނަމަވެސް މިފަހަރު ފާޒިލްގެ ސިކުނޑި މަސަތްކަތް ކުރީ ނައިނާ ކައިރި އޭނާ ބުނަން ބޭނުންވާ ވާހަކަ ބުނާނެ ގޮތަކާ މެދުގައެވެ. އޭނާގެ ހިތުގައި ނައިނާއަށް އޮތް އިހްސާސްތައް ބަޔާންކޮށް އެއްއިރެއްގައި ކައިވެންޏަށް އެހީވެސް އެހާ ނުސީދާކޮށް ވިއްޔާއެވެ.

"ފްރޭމްކުރިީ ބަޔަކު..އެ ދެމީހުން ބުނީ ދަބަކަށް އެކަހަލަ އެއްޗެއް ލާފަވެސް ނޯންނާނެޔޯ ބޭނުންކޮށްފަވެސް ނޯންނާނެޔޯ..ރާކިން ގަބޫލުކުރަނީ ރަޒީމް މެންގެ ކަމެއް ކަމަށް..އެކަމު ސޯފީ ބުނީ އެއީ ހަމަ މީހަކު ޖެއްސުމަށް އަތުގަ އޭގެ ޕެކެޓު ހުރީމަ ބަސްޓުވެދާނެތީ ސޯފީމެންގެ ދަބަހަށް ރޭންޑަމްކޮށް ލިއްޔޭ..އޭނަގެ ވާހަކަ ހުރިގޮތުން ހެކި މަދޭ ކިޔާފަ ދޫކޮށްލާނެޔޯ ބުނަނީ..ކުރީގަ އެހެންވެފަ އޮތީމަ މިފަހަރުވެސް އެހެންވާނެޔޭ ހީވަނީ ކަންނެ..ރާކިންގެ ވިސްނުން މުޅިން ތަފާތަސް ސޯފީ ބޭނުން ގޮތެއް ހަދަން އޭނަ ހުރީ ނިންމައިގެން" ފަޒީލް ނައިނާއަށް ވިސްނައިދިނެވެ. "ތިވާނީ ހަމަ ރަޒީމް ޕިގްގެ ކަމަކަށް." ތުން އަނބުރާލި ނައިނާ ބުނެލުމުން ފާޒިލް ހިނިގަނޑެއް ޖަހާލިއެވެ. ފާޒިލް ބަލަހައްޓައިގެން އިން ގޮތުން އޭނާ ސިކުނޑީގައިވަނީ ކޯއްޗެއްކަން އިނގުނަމަވެސް ނައިނާ ބޭނުންވީ ރާކިންމެެނަށް ހަދާނެގޮތެއް އެންމެ ފުރަތަމަ ހޯދާށެވެ. "ހިނގާ ލާރި ދައްކައިގެން އެމީހުން ނެރެން..ރާއްޖެއިން ބޭރަށް ދިޔައީމަ ދެން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ..އެ ތިން މީޙުން ފާފަ ކޮށްކޮށް ތިބެފަ މަރުވެދާނެއެއްނު..ސޯފީ މެން ފެންނަ ހިސާބުގަ ނެތިއްޔާ އެމީޙުންނަށް ގެއްލުމެއް ނުދެވޭނެ!." ފާޒިލް ގޮތް ނިންމީ ނިކަން އަވަހަށެވެ. "ރާކިން އަޅެ މޮޔައީތަ..ސޯފީ ބުނެފިއްޔާ އޭނަ އެކޮޅުކޮޅުންވެސް ނިދާނެ...ރާކިން ބެލްކަނިން ވައްޓާލި މައްސަލައަށް މާފު ދިނަސް ސޯފީ މަންމަގެ މަރު.." ނައިނާ ކުދިކިޔާލީ ރާކިނަށެވެ.

"ދެން އިނގެއެއްނު ސޯފީގެ ޕާސްޓް އޮތްގޮތް..އަނެއްކޮޅުން ޝަހުދާގެ މައްސަލަ ފެންމަތި ކުރިޔަސް އިންސާފު ލިބުމަށްވުރެ ނުލިބުން މާ ކައިރި.މަރުގެ ހުކުމް ރަޒީމަށް ނުކުރާހާ ހިނދަކު އިންސާފު ލިބުނު ކަމަކަށް ސޯފީ ނުދެކޭނެ..އެހެންވީމަ އޭނަ ޖަލުގަ އޮތުން ޔޫސްލެސް ދޯ..މަރުވެފަ އޮތް މީހަކު އެނބުރި ނާންނާނެ އޭރަށްވެސް..އިތުރަށް އެއްވެސް މައްސަލައެއްގަ ނުބެދި ސޯފީ ބޭނުންވަނީ ރާކިނާއެކީ ޕީސްފުލީ އުޅެން..އެހެންވީމަ ދެން އޭނަ އުފަލުގަ ހުރިއްޔާ ރާކިންވެސް ދެކޮޅެއް ނުހަދާނެއެއްނު..ދޭ ވޯންޓް އިޓް ލައިކް ދެޓް.." ފާޒިލް ހާމަކޮށްލީ ސޯފީއާއި ރާކިންގެ ހަޤީޤަތެވެ. ނައިނާ ސިކުނޑިއަށް ނުވިސްނުނު އަސްލެވެ. "ވާހަކަ އެއް ލިޔަންވީ އެމީހުންގެ ސްޓޯރީގެ މައްޗަށް." ފިލްމީ ގޮތަކަށް ނައިނާ ބުނެލިއެވެ. އޭނާއަކީ ލިޔުންތެރިކަމުގެ ރޮގުން އެއްވަނައިގައި ހިމެނޭނެ ފަހުލަވާނެއް ވިއްޔާއެވެ. "މަގޭ ވާހަކަ ލިޔުނިއްޔާ މާ ސަޅި ވާނެ. 'މައި ބިލަވްޑް ފާޒިލް' ޓައިޓަލްއަކީ..ސޯ ލޯބި" ފާޒިލް އޭނާގެ ބޯ ހިއްލާލުމުން ނައިނާއަށް އޭނާއަށް ދެލޯ ކުޑަކޮށްލިއެވެ.

ކޮންމެއަކަސް ދުވަސްތަށް އަނެއްކާވެސް ފާއިތުވަމުން ދިޔައީއެވެ. ހަމަ ހަޤީޤަތުގައިވެސް ދުނިޔެ ހިނގަމުން ދިޔައީ އަނދިރި ފަރާތަކާއި އަލި ފަރާތަކާއެކުގައެވެ. ރަޒީމާއި ލުގުމާނުގެ އިތުރުން މާޝާ ތިބީ ނިކަން ހަމަޖެހިފައެވެ. ކީއްވެގެންތޯއެެވެ. ތަންމަތީގައި ދުވަނީ ފައިސާއެވެ. ސިކުނޑީގައި ކުރެހިފައިވަނީ ފައިސާގެ ނޫޓުތަކެވެ. އެދެމުންދިޔައީ އެ އުފަލާއި އަރާމުގައި ތާ އަބަދު އުޅުމަށެވެ. ނަމަވެސް އިލާހީ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކަލާނގެ އިރާދަކުރެއްވިއްޔާ އެ ހުރިހާ ފައިސާއަކާއެކު އެ މީހުން ނެތި ފަނާކޮށްލުމުގެ ބާރުވެސް އެކަލާނގެއަށް ލިބިގެންވެއެވެ. މި ދުނިޔޭގައި އެ ފާފަވެރީންގެ ފަތްތައް އެހެން އިންސީނަށް ހާމަނުވެ ހުދު ކަފަ އަޅާ ފޮރުވިފައިވީނަމަވެސް އެ ދުވަހަކުން އެ ކަލާނގެ ހަޝްރަތުގައި އެ ފަތް ހުޅުވާލެވުމުން އެބަޔަކު ލަދުގެ ފަރުދާއިން ނިވާވާން އެދުނުނަމަވެސް ކަހާލެވިފައިވާނެ އެ ފަރުދާއިން ނިވާވުމުގެ އެއްވެސް ހައްޤެއް ނުވަތަ ބާރެއްވެސް އެމީހުނަކަށް ނޯންނާނެއެވެ.

ތޭރިތަކުގެ ފަހަތުގައި ދުވަސްތައް ގުނަމުން ދިޔަ ސޯފީއާއި ރާކިން ފުރަތަމަކޮޅު ކިތަންމެ ހަމަޖެހިގެން ތިބަނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ދެހިތުގައި ދިއްލިފައިވީ އުންމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުންނެވެ. އަނެއްކޮޅުން އެ ދެމީޙުންނަށް ނޭނގުނުކަމަކީ ނައިނާއާއި ފާޒިލްގެ ރޭވުންތަކެވެ. އެ ފަދަ އެކުވެރިން މަދުވާނެކަން އެ މީހުން ފޮނުވަމުން ދިޔަ ރީތިވާ ސާމާނާ އެހެނިހެން ތަކެތިން ސާބިތުކޮށްދިންނަމަވެސް ހަޤީޤީ ހެކި ދައްކަން ކުރި މަސަތްކަތް އެންމެ ފުރިހަމަ ގޮތުގައި ހާމަވީ ރާކިންމެން ޖަލަށް ލީތާ 2 މަސް ފުރުނު ދުވަހުއެވެ.

"ބޭރަށް ވަޑައިގަންނަވާ.." ރާކިންގެ ގޮޅިއަށް ވަތް ފިރިހެން އޮފިސަރާއި ސޯފީގެ ގޮޅިއަށް ވަތް އަންހެން އޮފިސަރުގެ ބަހަަށް ސުވާލު މާކު ޖެހިފައި ތިބެ އެ ދެމީހުން ނިކުތެވެ. ހަނި ގޯޅިގަނޑު ތެރެއިން ހިނގާފައި ދިޔައިރު ސޯފީއަށް ރާކިން ފެނުމުން ދެއަތް ހޫރާލާފައި އޭނާ ފުމެން ފެށިއެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ވަރުބަލިވެފައި ހުރި ރާކިންގެ ހުރިހާ ހިއްސެއް ހޭލިކަހަލައެވެ. އޭނާގެ ބައްތިރީސް ދަތްޕިލަ ދިއްލުނީ ބޭ އިޙްތިޔާރުގައެވެ. މަޑު ހިނގުމެއްގައި ދެ ޒުވާނުން ގޮސް ކައުންޓަރު ކައިރި މަޑުކޮށްލުމާއެކު އިންސްޕެކްޓަރު އިއްވާލީ ދެ މަސް ވަންދެން އެ ވާހަކައެއް އެހުމަށް ދެ ހިތްވެސް ކެތްމަދުވެފައިވާ ވާހަކައެވެ. "ޔޫ ބޯ އާރ ރިލީސްޑް."

އިއްވިފައިވަނީ ދެ އަހަރުގެ ޖަލު ހުކުމެއްކަން ރާކިނަށާއި ސޯފީއަށް އޮޅިފަކައެއް ނެތެވެ. ވީއިރު މި ވީ ކިހިނެތް ހެއްޔެވެ. "ރާކިނާއި ސޯފީގެ އާއިލާކަމަށް ބުނާ ބަޔަކު 40000 ދައްކާފަވަނީ މިއަދު.." އިންސްޕެކްޓަރު ބުނެލުމާއެކު ރާކިނާއި ސޯފީ އެކަކު އަނެކަކަށް ބަލާލިއެވެ. ގައިމު އެމީހުން ޖަލަށް ލީކަން އެނގޭނެ ހަމައެކަނި ބަޔަކީ ނައިނާއާއި ފާޒިލްގެ އިތުރުން ރާޔާއެވެ. އެވަރުގެ ކަމެއް އެމީހުން ކުރާނެ ހެއްޔެވެ. "ލޯބީ.!!" ބިއްލޫރިގަނޑު ފަހަތުން ބޯ ދިއްކޮށްލި ފާޒިލް ބޯ މަތިން ނައިނާވެސް ބޯ ދިއްކޮށްލަމުން އަތް ހޫރާލިއެވެ. އުޖާލާވެފައިވާ އެ ދެ މޫނުން ފެނުނު އުފާވެރިކަމަށްވުރެ ނައިނާއާއި ސޯފީގެ މޫނުމަތިން ފެނުނު އުފާވެރިކަން މާ އަލިގަދައެވެ. ހަޤީޤީ އެކުވެރިންގެ ބާރަކީ މިއީއެވެ. މިނެކިރުމެއް ނެތި ދޭ އެއްބާރުލުމެވެ.

ރަޒީމް އަތުގެ ނެތްކޮޅަށް ހޫރާލި ފާރުގައި ޖެހި ތަޅައިގެން ދިޔަ އަޑު މުޅި ކޮޓަރިތެރޭގައި އެއް އަޑަކަށް ގުގުމާލިއެވެ. ކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ހުރި 'ބޯލް ޕޫލް' ތެރޭގައި އެއްވެސް އަޑެއް ލައްވާނުލާ ކުޅެން ތިބި ލައްޔިނާއި ލަޔާންގެ ރުއިމުގެ އަޑުން މުޅި ކޮޓަރިއަށް ޒަލްޒަލާއެއް ގެނެސްދިނެވެ. އެނދުމަތީ ދެފައި ވަށްކޮށްލައިގެން ހެދުން ފަތްޖަހަން އިން އައިޝާގެ ދެލޯ ބޮޑުވިއެއްކަމަކު އޭނާ ހައިރާނެއް ނުވިއެވެ. އެއީ ރަޒީމެވެ. ސާދަ ފަނަރަ އަހަރު ދުވަހު އެކީގައި އުޅުނު ކަމުގައިވިޔަސް އިތުބާރުގެ ކަންފުޅެއްވެސް ނުކުރެވޭ ޖާހިލު ހިތުގެ ވެރިޔާއެވެ. "ލައްޔިންމެން އެބަތިބި.!" އިންޒާރެއް ދޭ ފަދަ ގޮތަކަށް ވަށްކަޅިން ސިހިފައި ތިބި ކުދިންނަށް ބަލާލަމުން އައިޝާ ރަޒީމަށް އަނގާލިއެވެ. އައިޝާ ބުނި ބަހުގެ ތެދުކަމާއި ހެކި ރަޒީމަށް މާ ކުރިންވެސް ފެނިފައިވާކަން އެނގިހުރެއެވެ. "ކަލޭ ކައިރި މަށަކަށް ނުބުނެވޭތަ ޓީޝާރޓަުތަށް އިސްތިރިނުކުރާށެކޭ.!" އައިޝާ ބުނި އެއްޗަކަށް ބެލުމެއް ނެތި ރަޒީމް ހަޅޭއްލަވައިގަތެވެ. "މޮޔަވެފަ ހުންނަ ފިރިހެނެއްތަ މީ އަޅެ.!!ކާކުތަ ރޫ ބޮނޑިވެފަ ހުންނަ ޓީޝާރޓު ލައިގެން ބޭރަށް ދާނީ.. މީހަކު މަރާލި ވަގުތު ނުވި މޮޔަ މިހާރު ވެގެން ތިއުޅެނީ؟ އަދި ކިރިޔާތަ އެ ފާފަ ބޮލަށް އަވަލީ." އައިޝާގެ ހިތްވަރު އައިނައި ތަނެއް ނޭނގެއެވެ. ސާދަ އަހަރަށް ފަހު ސޯފީ ފެނިލި ފެނިލުމުން ރަޒީމް ހަޤީޤަތުގައި ދުނިޔެއިން މޮޔަވިފަަދައެވެ. އޭނާއާއި ރަޒީމާ ދެމެދު އޮތް ގުޅުމަކީ އެކަކު އަނެކަކުގެ ފައިސާއަށްޓަކައި ކައިވެނީގެ ގޮށް ޖެހީސުރެއް ހީނަރުވެފައި އޮތް ގުޅުމަކަށްވިޔަސް ރަޒީމްގެ އެތެރެ ހަށްޓައް މިވަރުގެ ބޮޑު ސިންގާއެއް ވަދެ ތެޅި ބޭލިތަނެއް މި ނޫން އިރެއްގައި އައިޝާއަށް ފެނިފައި ނުވެއެވެ. އޭނާއަކީ ހަޅޭއްލެވުމާއި އަޑުގަދަ ކުރުމުގެ އިތުރަށް 'ގެވެށި އަނިޔާ' ކުރުމުގައި މިހާރު އަރާ ހުރި ބަތަލެކެވެ. ނަމަވެސް އައިޝާއަށް އަނގައިގައި ޒިބު އަޅުވައިގެން އިނުން ނޫންކަމެއް ކުރުމުގެ ހައްޤު ލިބިގެން ނުވެއެވެ. އޭނާއަށް ކުރެވިފައިވާ ކަންތައް މާ 'ރީތީ' ވިއްޔާއެވެ. ބޭޒާރުވެދާނެ ކަމުގެ ބިރު ކިތަންމެ ދުވަހެއްވިޔަސް، އަދި ރަޒީމުގެ އަތް ދަށުގައި މަރުވާން ޖެހުނަސް އެ ހިތުން ފިލައިގެން ނުދާނެކަން ޔަގީނެވެ.

އައިޝާގެ އަޑު ކަންފަތުގައި ޖެހުމުން އަތުގައި ހުރި ޓީޝާރޓުތަށް ބިމަށް ހޫރާލަމުން ބާރު ހިނގުމެއްގައި އެނދުމަތީގައި އިން އައިޝާއާއި ދިމާލަށް ރަޒީމް މިސްރާބުޖެހިއެވެ. އޭނާގެ ދެލޮލުން އަނގުރު އަލިފާން ކަނި ބުރަމުން ގެންދިޔައެވެ. އެކަން ހިނގީ ގަމީސް އިސްތިރިކުރުމާއި އެނދު ތަންމަތި އެޅުމުން ފެށިގެން އެންމެ ކުދި ކުދި މައްސަލަތަކާމެދުވެސް ރަޒީމް ރުޅި އިސްކުރަމުން ގެންދާ އާންމު އުސޫލުގެ ދަށުންނެވެ. މާޒީގައި ކުރި އެއްވެސް ކުށަކަށް އެއްބަސްނުވެ ފަސް އަޅާ ހިތު އަޑީގައި ފޮރުވަން ކުރަމުންދާ މަސަތްކަތުގައި ހިތި ނަތީޖާ އޭނާގެ ކުރިމަތީގައި ހުޅުވުނީ ނަފްސާނީ ބަލިމަޑުކަމެއް ފަދައިންނެވެ. 'އިންޓަމިޓެންޓް އެކްސްޕްލޯސިވް ޑިސްއޯރޑާ' ގެ އިތުރުން 'ޑިޕްރެޝަން' އޭގެ އެންމެ މަތީ ދަރަޖައިގައި ތަހައްމަލު ކުރަން ޖެހުނަސް ގޮތް ދޫކުރާ ކަހަލަ ޙިޔާލެއް އޭނާ ނުކުރިއެވެ. އަމިއްލަ ނަފްސު، ގޮތް ނޭނގޭ އަނދަވަޅަކަށް ވައްޓާ މި ލެވުނީ އޭގެ ނަތީޖާ ނުކުންނާނެ ގޮތެއް ތަސައްވަރު ކޮށްލުމެއްވެސް ނެތިއެވެ.

"މަގޭ ކުރިމަތީ އަނގަ ހުޅުވަން ފެށީ ކޮން އިރަކު؟" ރަޒީމް އޭނާގެ މޫނު ދެލޯ ބޮޑުކޮށްގެން އިނދެ ހިންދިރުވާލި އައިޝާގެ މޫނާ ކައިރިކޮށްލަމުން ދަތްކުނޑި ވިކައިގަތެވެ. އައިޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލީ ރަޒީމްގެ އަނގައިން ދުވި ވަހުން ނޭވާ ހިފާއްޓާލަން ޖެހުމުންނެވެ. މިވަގުތު ރަޒީމްގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ވިހަ މަސްތުވާތަކެތީގެ ބާރުން އޭނާއަށް އަންނާނެ ހަމަލާގެ ބާވަތް ތަސްވީރުވެސްކޮށްނުލެވެއެވެ. ހަމައިގައި ހުންނަ އިރު ސިންގާއަކަށް ވުރެ ޖައްބާރު މިހާކު ހަމައިން ނެއްޓިފައި ހުންނަ އިރު ސިންގާގެ ފައުޖެއްވެސް ބަލިކޮށްލާނެއެވެ.

ކޮންމެއަކަސް ހަނު ހުރުން އައިޝާއަށް މިފަހަރު ވީ ބުރަކަށެވެ. ހަތް އަހަރު ދުވަހު ރަޒީމާއި އުޅެމުން ގެންދިޔަ ނާމާން ދިރިއުޅުން ކޮންމެވެސް އެއްކޮޅަކަށް ޖައްސާފައި ނޫނީ އޭނާ މިއަދު ދުލެއް ނުކުރާނެއެވެ. "ކިހިނެތްވީ؟ ރަޒީމުހެން މަގޭވެސް އަނގައެއް އޮވެޔޭ..ރަޒީމްގެ ދެލޯ ހުރޭތަ އަނެއްކާ؟ މަގޭ ހުރޭ ހަމަގައިމުވެސް." ބުމަ އަރުވާލަމުން އައިޝާ އެއްސެވެ. އޭނާގެ ނާރުތަކުގައި ދައުރުވަމުން ދިޔައީ ކޮން ކަހަލަ ބާރެއް ކަމެއް ޔަގީނެއް ނޫނެވެ. ކެތްތެރިކަމުގައިވެސް ހައްދެއް އޮންނަނީ ކަންނޭނގެއެވެ. "އަނގަ ހުއްޓަސް ވާހަކަ ދެއްކުމުގެ ހައްގެއް އައިޝާއަކަށް ނޯންނާނެ. މަށަށް މި ހާލު ޖެހުނީ ހަމަ ކަލޭގެ ސުންޕާ ކަމާ ހެދި!." ރަޒީމް ދޫކޮށްލީ ބާރުގަދަ ފުންނޭވާއެކެވެ. އައިޝާ ޖަހާލީ ބާރު ހިނިގަނޑެކެވެ. ދަތްކޮޅު ފައިބާ، ގަޔަށް ސީ ލެވޭ ވަރުވެފައި ހުރި ރަޒީމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ބިރަކުން ނޫނެވެ. ބޮލަށް ސަވާރުވެފައި ޝައިތޯނާ ކުރިހޯދީ ހަމައެކަނި އޭނާގެ ވިސްނުމުގެ މައްޗަކަށް ނޫނެވެ. މި ވަގުތު އޭނާގެ ހަރަކާތްތަށްވެސް ތަރުތީބު މަގުން ކުރިޔަށް ގެންދިޔައީ އެ އެތިކަން ޔަގީނެވެ. "ކަލޭ ކައިރި ކާކުބުނީ މަށަށް ހެއްލޭށޭ.!! މަ އެދުވަހު ކަލެއަށް ފުރުސަތު ދިނިން ދޯ ވަރަށް.!!!" އައިޝާ އެނދުމައްޗަށް ކޮޅަށް އެރިއެވެ. އޭނާގެ ވާހަކައަށް ހަކުރާ ލޮނާ ފުށާ ދެންވެސް ލެއްވިހާ އެއްޗެއް އަޅާ އެއްކޮށް ލޮލަށް ފެންނަ ފެނުމުން ރީތިވާނެ ކަހަލަ ކޭކެއް އަޅާލީ އަމިއްލަ މިހާގެ މައުސޫމުކަން ދައްކައިދޭށެވެ. "ހެއްލޭށޭ.!؟ ހައްހައްހައް...ޝަހުދާ..ޝަހުދާ.." ރަޒީމްގެ ނޭވާ ދިޔައީ ކުރުވަމުންނެވެ. އޭނާ އަދިވެސް ހެނީއެވެ. ކިޔޭ ނުކިޔޭއެއްވެސް ނޭނގޭކަން ޔަގީނެވެ. ލައްޔިނާއި ލަޔާން އަޑުން އަޑު ނަގާ ރޯން ފެށި އަޑު މުޅި ކޮޓަރިތެރޭ ގުގުމަމުން ދިޔައީ މެދު ކެނޑުމެއް ނެތިއެވެ. އެއްވެސް ކުށެއް ނެތް ދެ ފުރާނަ ބިރުން ވިރެމުން ގެންދިޔަނަމަވެސް އެކަލާނގެ އެ ހިތްތަކުގައި ލައްވާފައިވާ ބާރު އަދި ނުކެނޑެނީއެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ އެކަލާނގެ ބުރައެއް ނުޖައްސަވާނެއޭ ބުނާ ބަސް ތެދުވެއްޖެއެވެ. ކޮންމެ ދުވަހަކު މައިންފަބައިންގެ ގޮތްނޭނގޭ މި ބިރުވެރި ކުޅިގަނޑުގެ ތަހައްމަލު ކުރުމުގެ ބުރަ އެންމެ ފަސް އަހަރުގައި އުފުލަން ޖެހިފައި ވުމީ އިމްތިހާނެއްކަން ޔަގީނެވެ.

ކަޅި މައްޗަށް އަރަމުން ދިޔައިރު އޭނާ ހުރީ ހަމައިގައި ނޫންކަން ބަލާލާ ކޮންމެ މީހަކަށް ސާބިތުވާހާ ހާމަގޮތެއްގައި ހަރަކާތް ކުރަމުން ގޮސް އަތު ޖެހުނު ބިއްލޫރި މާ ޓުކުރި ނަގާ އައިޝާޔާ ދިމާލަށް ހޫރާލިއެވެ. އެފަދަ ހަމަލާއަކަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ ހުރި އައިޝާގެ މޫނަށް ތަޅައިގެންދިޔަ ޓުކުރީގެ ބިއްލޫރިކޮޅުތަށް އޭނާގެ ބޮލަށާއި މޫނުގެ އެކި ދިމަދިމާލަށް ހެރިގަތެވެ. "މަންމީ..!!!!" ޕޫލް ތެރޭގައި އިން ލަޔާން ފުންމައިގެން ތެދުވެ އޭނާގެ މަންމަޔާ ދިމާލަށް ދުއްވައިގަތެވެ. ދެލޯ މެރެމުން ދިޔަ ރަޒީމް އަދިވެސް ހެނީއެވެ. މުޅި ކޮޓަރިތެރޭ އެނބުރެމުން ސެނބުރެމުން ޖެއްސީ ކޮންކަހަލަ ނެށުމެއްކަމެއް ނޭނގެއެވެ.

ކޮޓަރި ތެރޭގައި ހުރި ބޮކި އަނގަމުން ދަނީކަން އަނގައި ދިނުމުގެ ގޮތުން ނިވިދިއްލެން ފެށުމާއެކު ލައްޔިންގެ ކުޑަ ހިތް ބިރުން ރޫރޫ އަޅަން ފެށިއެވެ. މަންމަ އޭނާއަށް ފާއިތުވީ ފަސް އަހަރު މާ ބޮޑު ސަމާލުކަމެއް ދީފައި ނެތަސް، އަދި ލޯބިން ބޮލުގައި ފިރުމާލީ ހަމައެކަނި އެންމެ ޅަ ދުވަހުގައި ވިޔަސް ބިރުވެރި އެ ވަގުތު އެ ދެވުނީ މަންމަގެ ހިމާޔަތަށެވެ. ތަނެއް ދޮރެއް ވަކި ކުރަން ނޭނގޭ ޕޫލުން ތެދުވެ ގިސްލަމުން ދިޔަ އަޑާއި ތުރު ތުރު އަޅަމުން ދިޔަ ހަށިގަނޑާއެކު އައިޝާ ވެއްޓިފައި އޮތް އެނދާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރުވެސް ރަޒީމް، އަތުގައި ޖެހުނު ކޮންމެ އެއްޗެއް ނަގާ މުޅި ކޮޓަރިތެރޭގައި ހޫރަމުން ދިޔަ އަޑު އިވެއެވެ. ނިވިދިއްލޭ ބޮކީގެ އަލިކަން ފާޅުވާ ކޮންމެ ފަހަރަކު ލައްޔިންގެ ދެލޯ ކުރިމައްޗަށް އެ މަންޒަރު ފާޅުވެއެވެ.

"މަންމީ.." ލެއިން ތަތްތެޅީފައި އޮތް އައިޝާގެ މޫނުގައި ކުޑަ މަޑު އަތް ތިލައިން ފިރުމާލަމުން ލަޔާން އޭނާގެ ތުއްތު އަޑުން ގޮވާލިއެވެ. ފުން އަދި ލަސް ނޭވާތަކެއް އައިޝާގެ އަނގައިން ބޭރުވަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާއާ ދިމާލަށް އަތަށް ނަގާފައިވާ ޓީވީ ހޫރާލަށް ތައްޔާރަށް ހުރި ރަޒީމާއެވެ. ފުރާނަ ދިޔަޔަސް އޭނާގެ ފުރާނައަށްވުރެ މުހިންމު ދަރިފުޅު ރައްކާތެރިކުރުމުގެ ޢަޒުމުގައި އައިޝާ އޭނާގެ އަތުގައި ޖެހުނު ބާލީސް ދަށުން ވަޅިއެއް ނެގިއެވެ. މި ދުވަސް އައިސްދާނެކަމުގެ ބިރަށް ބާއްވާފައި އޮތް ހަމައެކަނި އެއްޗަކީ އެ ކުޑަ ހަތިޔާރެވެ. ހަށިގަނޑަށް އެރި ކުއްލި ބާރާއެކު އަރުތެރެއިން ހަޅޭއްލަވައިގަންނަމުން އައިޝާ ކުއްލިއަކަށް ފުންމައިގެން ތެދުވެ ރަޒީމާ ދިމާލަށް ވަޅި ހޫރާލިއެވެ. ނަމަވެސް އޭނާގެ ވަރުދެރަވެފައިވާ އަތުގައި ކާމިޔާބުވާނެހާ ހިތްވަރެއް ނެތެވެ. ހޫރާލި ވަޅި ރަޒީމްގެ ފައިތިލަ މައްޗަށް ވެއްޓުމުން އޭނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"މަންމީ..!!" ލެއިން ތަތްތެޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔަ އައިޝާގެ ދެލޮލާއި އަނގައިގެ އިތުރުން ނޭފަތުންވެސް ހުއްޓުމެއް ނެތި ފައިބަމުން ދިޔައީ ސާފު ރަތް ލެޔެވެ. މޫނުގެ އެކި ތަންތަންކޮޅުގައި ހަރުވެފައި ބިއްލޫރި ކޮޅުތަކަށް ގެއްލިފައި އިން ލަޔާން ދެވަނަ ފަހަރަށް ހަޅޭއްލަވައިގަންނަމުން އައިޝާގެ އަތުތެރޭ ބޮޑުވެގަތެވެ. ކޮށި އަރައިގަތް އައިޝާގެ އަނގައިން ނިކުތް ލޭތަށް ހޭކުނީ ލަޔާންގެ މޫނުގައެވެ. ދެމައިން އެކީ އެނދުަމަތީ ގުޅަޖެހިފައި ތިބިއިރު އައިޝާގެ މޫނު ކިތަންމެ ބިރުވެރި ސިފައެއްގައި ފެނުނަސް އެ މަންމަ ދޫކުރާ ކަހަލަ ޙިޔާލެއް ލަޔާން ނުުކުރިއެވެ.

މާ ގިނަ އިރެއް ނުވެއެވެ. އަނގަޔަށް އައިހާ ހުތުުރު ބަހެއް ބޭރުކޮށްލި ރަޒީމްގެ ހަށީގައި ހުރި ބާރެއްލާފައި އޭނާ ހޫރާލި ޓީވީ އައިޝާއާއި ލަޔާންގެ ގައިމައްޗަށް ތެޅިގެން ދިޔައެވެ. ދެމައިންގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ. ދެ ހަށިން ކުރެ އެއް ހަށީގައިވެސް ފުރާނަ ހުރި ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ހަރަކާތްވަނީ ހުސްވެފައެވެ. އެންމެ ފަހުވަގުތާ ޖެހެންދެންވެސް އިވިއވި ހުރި ލަޔާންގެ މަޑު ގިސްލުން އެއްކޮށް ކެނޑި އެ ކުއްޖާފުޅު ހިމޭންވެއްޖެއެވެ. "މި އުނދަގުލުންވެސް ސަލާމަތްވީމި...ދެން އޮތީ ސޯފީ!! " އަނގައިގައި ވަރުނެތް ރަޒީމް ހެމުން ހެމުން ބުނެލުމާއެކު އޭނާ ބިންމައްޗަށް ދެމުނެވެ. ނިވިދިއްލުމުގެ ބާރުމިން މަޑުޖައްސާލި ބޮކީގެ އަލިން ކުއްލިއަކަށް އަލިވުމާއެކު އެނދާ ދިމާލަށް މިސްރާބު ހުރި ލައްޔިންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ބިންމަތީގައި ދެމެމުން ދިޔަ ރަތް ކުލައިގެ ކޯރަކީ ލޭ ކަން އެ ޅަ ސިކުނޑިއަށް ވަގުތުން ދެނެގަނެވުނެވެ. އެނދުގެ ބޭރަށް ވާގޮތަށް އެލިފައި އޮތް ލަޔާނާއި އައިޝާގެ ބޮލުން ހުއްޓުމެއްނެތި ތަޅަމުން ދިޔަ ލޭ ތިކިތަކުގެއެ ކޯރު ފައި ދަށުން ލާފައި ދާންފެށުމާއެކު ލައްޔިންގެ އަނގައިން ބިރުވެރިގޮތަކަށް އާހެއް ނިކުތެވެ. އޭނާ ކުރިޔަށް އަޅާލީ ނުވިސްނާ ހުރެފައި އެންމެ ފިޔަވަޅެކެވެ. އޮޅިގެންނަމަވެސް އެންމެ ބޭނުމައެކެވެ. މަންމަ އޮތް ހާލެއް ދެކިލުމަށެވެ. ނަމަވެސް ކަން ދިމާކުރިގޮތުން ކައްސާލައިގެން ލައްޔިން ވެއްޓުނު އަޑަށް ބިންމަތީގައި އޮވެ ބަނޑު ހިނދެންދެން ހެމުން ދިޔަ ރަޒީމްގެ ހުނުން ހުއްޓުނެވެ. އޭނާ ބޯ އަރިކޮށްލަމުން މާ ދުރުނޫން ހިސާބުގައި ވެއްޓިފައި އޮތް ދަރިޔަށް ބަލާލިއެވެ. ރަޒީމްގެ ހިތަށް ގޮތެއް ވެލީ ކަންނޭނގެއެވެ. ހަމަ ބިމަށް ފޭބިއްޔެކޭ ނުބުނެވޭނެއެވެ. ލަޔާން މަރުގެ ތުންފަތް މައްޗަށް ދޫކޮށްލިއިރު އެ ސިކުނޑީގައި ނެތް ހޭވެރިކަމެއް ލައްޔިން ވެއްޓިފައި އޮތުމުން އާވާނެ ހެއްޔެވެ. "ބައްޕަގެ ފުރާނަ..." ލައްޔިނާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ރަޒީމް އެއް މިޔަކުން ހީލިއެވެ. އޭނާއަށް ހަމަހޭވެރިކަންވީއޭ ކުރިން ހީފުޅު ކުރެއްވި ފަރާތްތަކުގެ ކިބައިން މަޢާފަށް އެދެމެވެ. "މަރުނުވާތި އިނގޭ.!!" ރަޒީމް އަނެއްކާވެސް ހިނިގަނޑެއް ޖަހާލަމުން މޭގައި އަތް އަޅާފައި ސީލިންގަށް ބަލާލިއެވެ.

ވެއްޓިފައި އޮތް ލައްޔިނަށް މޭގައި އަތް އަޅާލެވުނެވެ. އޭނާއަކީ ހިތުގެ ބަލި ހުންނަ ކުރާ ކުއްޖެއްކަމުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މިވަގުތު ލިބިފައިވާ އަނިޔާގެ ވޭން ދެގުނަ ވިއެވެ. "މަންމި..އައުޗް.!" މޭގައި އަޅަމުން ދިޔަ ވޭން ގަދަވިވީނުން ދެފައި ކުރުކޮށްލަމުން ލައްޔިން ކުރުގެޅިލިއެވެ. އޭނާގެ ދެލޯ ތަގުޅި ކުރެވިފައިވީއިރު ކުދި ކުދި އިނގިލިތައް ލައްޕާލަމުން މޭމަތީގައި ޖަހާލިއެެވެ.

ވަގުތަކީ ވާރޭގެ ބޯ ކެރިގަނޑެއް ބަރު ކަޅު ވިލާތަށް އޮއްސާލި ހިތްގައިމު ވަގުތެވެ. ރާއްޖެ ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ޖެހެމުން ދިޔަ ހިތްގައިމު ރޯޅިތަކުގެ އަމުރަށް ގަސްތަށް ނަށަމުން ދިޔަ ގޮތުން މާހައުލު އިތުރަށް ފުރިހަމަކޮށްދެއެވެ. ހަތަރެސް ފަރާތުގައި ބިއްލުރީ ޖަހާފައިވާ ޓެރަސްމަތި ދިއްލާލެވިފައިވަނީ މަޑު ނޫކުލައިގެ ބޮކިތަތަކުންނެވެ. ބޮކިފަތިތަކާއި ވަކިން ބަހައްޓާފައި ހުރި ދިގު ފިއްލޭ ދަނޑިތަކެވެ. އިތުރު ޒީނާތްތެރިކުރުމެއް ބޮކިތަކުގެ އަލި ނޫންގޮތަކަށް ނުފެނުނުނަމަވެސް ހަމައެކަނި އެ އަލިކަމުންވެސް ތަނަށް ގެނުވައިދިނީ އާރޯ ކަމެކެވެ. ވާރޭ ތިކިތަށް ބިއްލުރީގަނޑުގައި ބީހިލާ ގޮތާއި، އެ ފިނިކަމާއި، ފަނަރަ ވަނަ ފަންގިފިލާކަމުން ރޭގަނޑުގެ ވަގުތު ދިއްލިފައިވާ އެހެން އިމާރާތްތަށް ފެންނަ ގޮތުގެ ހިތްގައިމުކަން ބަޔާންކުރަން ދައްޗެވެ. ކޮންމެއަކަސް އެއީ ހިތްތަކުގެ ހަމަޖެހުމާ ގުޅިފައިވާ މާހައުލެއް އެކަންޏެއް ނޫނެވެ. ދެފަރާތެއްގެ ވިންދު ގުޅިލާމެހިގެން ދިޔުމުގެ ވަގުތު ކޮޅުވެސް ވަނީ އެ ތަނާ ގުޅިފައެވެ.

ނޫކުލައިގެ އަލިން ބަބުޅަމުން ދިޔަ 'ރޫބީ' ހޮޓެލުގެ ޓެރަސްމަތީގައި ބަހައްޓައިފި ހުރި މޭޒު ކައިރީގައި އިށީނދެލީ ރާކިންއެވެ. ގާޒީއާއި ހެކިވެރިންގެ އިތުރުން އެތާނގައި ދެން ތިބީ ސޯފީއާއި ރާކިންގެ މަދު އެކުވެރިންކޮޅެކެވެ. އާއިލާ އެއްވެސް މީހަކު އައިސްފައިނުވުމަކީ މާޔޫސްވާން ޖެހޭ ސަބަބެއް ނަމަވެސް ދެއްވި ނިޢުމަތަށް ޝުކުރުވެރިވާ ހާލު އެ ވަގުތު ކޮޅުގެ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ސޯފީއާއި ރާކިން ތިބީ ހިތާ ހިތުން ހުވަކޮށްގެންނެވެ.

އިސްޖަހާލައިގެން ދެއަތް ދެއާތާ މޮޑެލަ މޮޑެލަ އިން ރާކިންގެ ނަޒަރު ޓެރަހަށް ވަންނަން ޙާއްސަކުރެވިފައިވާ ދޮރާ ދިމާލަށް އަމާޒުވެގެން ދިޔައީ އެތާނގައި ތިބި މީހުންގެ ތުންތުން މަތިން ތަފާތު ވާހަކަތަށް ފެތުރެން ފެށުމުންނެވެ. "ހޭ ނެތިއްޖެއްޔާ ވަރަށް ސަކަރާތްވާނެ އިނގޭ..!" ކަންފަތް ބުޑުގައި ފާޒިލް ޖެއްސުމަށް ބުނެލުމުން ދޮރުން ވަދެގެން އައި ސޯފީއާ ދިމާލަށް ބަލަހައްޓައިގެން އިނދެ އެ އަތުން ފާޒިލް ދުރަށް ޖައްސާލީ ރާކިނެވެ. "ސުއްބޫޙުލް ގުއްދޫސް." ރާކިން ބުނެވުނުލެއް ބާރުނަމަވެސް އޭނާ މިފަހަރު ލަދެއް ނުގަތެވެ. ހާމަކަން ބޮޑުގޮތެއްގައި ސޯފީއަކީ އޭނާ ހައްޤެއްކަމުގައި ވަކާލާތު ކުރުމުގެ ފުރުސަތު އެހާ އަވަހަށް ހޯދައިގަތީއެވެ. ކޮންމެއަކަސް ރާކިން ބުނެލި ބަހުގައިވެސް ވަނީ ތެދުކަމެވެ.

ނައިނާއާއެކު ވަދެގެން އައި ސޯފީ ލައިގެން ހުރި ހެދުން ފެނިފައި ރާކިން ހިސާބަކަށް ހައިރާންވިއެވެ. އެއީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ރާކިނާއި ސޯފީ 'ބައްދަލުވީ' ދުވަހު އޭނާ ލައިގެން ހުރި ހެދުމެވެ. އޭގެ ކުރީގެ މާޒީއަކީ މިހާރު ނެތް އެއްޗެއް ވިއްޔާއެވެ. ހިކަނދިފަތް ކޭކު ފެޅި ފެޅުމާއި އަނގަބަހުން ވާހަކަ ދެއްކުމުގެވެސް ކުރީން ސޯފީ އޭނާގެ އަތްތިލައިގައި އަނދިރި ގަނޑު ތެރެއިން ހިފާލި ހިފާލި ހަނދާން ނެތެނީ ކިހިނަކުން ހެއްޔެވެ. ކަޅު ކުލައިގެ ލޭސްފޮތީގެ އެ ތުނި ހެދުމާއި އޭގެ މަތިން ކޮނޑުމަތީގައި ބާއްވާލެވިފައިވާ ހުދު ކޯޓުގެ އިތުރަށް ދިގު ފަން އިސްތަށިގަނޑުގައި ޖަހާލެވިފައިވާ ހުޅި ސޯފީ ނޫން މީހަކު ބޭނުންކޮށްފިނަމަ ނުގުޅޭނެޔޭ ރާކިންގެ ހިތް ބުންޏެވެ. އެއީ ހަމަ އޭނާއަށްޓަކައި މި ދުނިޔޭގައި ލައްވާފައިވާ ސްޓައިލެކެވެ. ރާކިންގެ ދެލޮލަށް ސޯފީ ފިޔަވާ އެތާނގައި އެވަގުތު ތިބިއްޔާ ތިބި ހުރިހާ އެންމެން ފެނުނީ ފިރިހެނުންގެ ސިފައިގައިކަން ޔަގީނެވެ. ކަޅި ހުއްޓާލައިގެން ބަލަން އިން ރާކިނަށް ބަލާލަމުން ސޯފީ ދެލޯ އަޅާލާފައި ގޮނޑީގައި އިށީނދެލިއެވެ. ސޯފީގައި މޫނަށް ބަލަހައްޓައިގެން އިން ރާކިން ހިންދިރުވާލިއެވެ. ގާޒީގެ ޙުތުބާ ފެށިގެން ކުރިޔަށް ގޮސް މައިގަނޑު ސުވަލާ ހަމައަށް ދާންދެންވެސް ރާކިން ގެއްލިފައި އިނީ ސޯފީއަށެވެ. ނަމަވެސް ގާޒީއަށް ސަމާލުކަން ދޭށޭ ބުނުމުގެ ގޮތުން ސޯފީ އޭނާ އަރައިގެން އިން ހީލްސުން އިރު އިރުކޮޅާ ރާކިންގެ ފައިގައި ޖަހާލައެެވެ. އޭނާއަށް ކަމެއްވާހެންވެސް ހީނުވެއެވެ. "އޭއި..ގަބޫލެއް ނުކުރަންތަ؟" ގާޒީ ދެފަހަރަށްވެސް ސުވާލު ކުރުމުން ރާކިންގެ ފަރާތުން ޖަވާބެއް ނައެވެ. އެންމެފަހުން ނައިނާ ޖެހުނީ ދަތްކުނޑި ވިކައިގަންފައި ރާކިިން ކައިރި މަޑު މަޑުން އަހާށެވެ. ޕާރޓީއަށް އެއްވެ ތިބި އެންމެންހެން ހިނިގަނޑު ހިފާއްޓާލިއެވެ. މީހަކު 'ދީވާނާ' ވާނީ ދެން މިވަރަކަށެވެ.

ވާނުވާ ރޭކާލި ރާކިން ދެފަރާތަށް ބޯ ހޫރާލިއެވެ. "އަނބި ގަބޫލުކޮށްފިން." ހިނިގަނޑެއް ޖަހާލަމުން ރާކިން ބުނެލިއިރު ދުނިޔޭގައި ލެއްވިއްޔާ ލެއްވި ހުރިހާ އުފަލެއް އޭނާގެ މުށުތެރެއަށް މިލްކުވީ ކަހަލައެވެ. ގާޒީވެސް އިނީ ބައްތިރީސް ދަތްޕިލަ ދައްކައިގެންނެވެ. ފަހަތުގައި ހުރި ފާޒިލް ރާކިނަށާއި ސޯފީއަށް މަހުމާ ފޮއްޓެއް ވަކި ވަކިން ދިއްކޮށްލިއެވެ. "ވެރީ މަޗް ލަޯބި ހުންނަނީ އިނގޭ." ރާކިންގެ އިނގިލީގައި ރިހި އަގޮޓި އަޅުވައިދެމުން ސޯފީ އަނގާލިއެވެ. " އާން ޔަގީނެއްނު..މި ވަރުގެ ލޯބި ނުހުންނަނީ އެހެން މީހުންގެ." ރާކިންވެސް ވަރަށް ވެލާފައި ސޯފީގެ ހިމަ ކަށި އިނގިލީގައި އަގޮޓި އަޅުވައިދެމުން ހީލިއެވެ. ދެއަތް ގުޅުވާލަމުން އެކަކު އަނެކަކުގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓި ހުރި ރާކިނާއި ސޯފީ ހަތަރު ކަޅި ހަމަކޮށްލިއެވެ."މަށަށް އެސްފީނާ ޖެހިދާނެޔޭ.!" ރާކިންގެ ކަންފަތް ބުޑުގައި ސޯފީ ތުން ފިއްތާލަމުން ބުނެލިއެވެ. "އޯހް." ހަމަހޭވެރިކަން ވީ ރާކިން ދެފަރާތަށް ބޯ ހޫރާލަމުން ބޯ ކަހާލިއެވެ. "މާޝާ ﷲ" ސޯފީއަށާއި ރާކިނަށް ބުނެވުނީ އެކުއެކީގައެވެ. "މަށަށްތަ؟" ދެންވެސް ސުވާލު ކުރެވުނީ ހަމަ އެއް ސިކުންތުކޮޅެއްގައެވެ. ހަތަރު ކަޅި ހަމަވެފައި ތިބިއިރު ދެލޯވެސް ހިއްސާކުރީ އެއް ޝުޢޫރެކެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން ދެ ޒުވާނުން ބައްދަލުކޮށްލި މައުނަވީ ހިނިތުންވުމުން ފަށުނީ ދެ ހަޔާތުންވެސް އައު ބާބެކެވެ. "ނައު ޔޫ މޭ ކި.." މުޅި ތަނަށް އިވޭވަރަށް ފާޒިލް ގޮވާލިއެވެ. ނަމަވެސް އޭނާގެ ޖުމްލަ ނުނިމެނީސް ނައިނާ އޭނާގެ ބަނޑުގައި ބާރަކަށް ޖެއްސެވެ. އެންމެންގެ ކުރިމަތީގައި ލަދު ނުގަތުމުގެ ބޭނުމުގައެވެ. ފާޒިލް ކޮށި އަރައިގަތް ނަމަވެސް ޖުމްލައިގެ ފަހު ބައި ފިލްމުތަކުގައި ކިޔާހެން ފުރިހަމަކޮށްނުލާ ދޫ ނުކުރިއެވެ. "ދަ ބްރައިޑް." ފާޒިލް ބުނުމުން ނައިނާ ކަޅި އަނބުރާލިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ފޮޓޯގްރާފަރުގެ ކެމެރާއަށް ހުއްޓިހުރި ސޯފީއާއި ރާކިން ފެށި ވަގުތު ނެގިގެންދިޔައީ ވަރަށް އާސާރީ ފޮޓޯއެކެވެ.

14 އަހަރު ދުވަހު އެކަކު އަނެކަކާ ދުރުގައި އުފުލި ވޭނާއި އުޅެން ޖެހުނު ހާލު ފަސް އަޅާ ފޮރުވާލަމުން އާ ފެށުމަކުން ފެށިގެން ދިޔައީ އާ ހަޔާތެކެވެ. އެއްވެސް ބުރަކަމެއް ހިތުގައި ނެތި ފިނިފިނި އެ ރޭގެ ހިތްގައިމު ކަމާއި އަރާމު ތަންމަތީގެ ނިންޖަށް ދެހިތްވެސް މަރުހަބާ ކީ ތާއަބަދު އެ އުފާވެރިކަން ލެއްވުމަށް އެދި ދުޢާ ކުރާ ހާލުގައެވެ. ނަމަވެސް ސުވާލަކީ މި އުފާވެރިކަން މިހެން ދާއިމަށް ދެމި އޮންނާނެ ބާވައެވެ. މާޒީގެ އެތައް ސުވާލަކާއި މައްސަލައެއް ހައްލުނުވެ ފަސްއެޅިފައިވާއިރު ހަމަޖެހިގެން ސޯފީއަށް އުޅެވޭނެހެއްޔެވެ. ރާކިން އުފަލައްޓަކައި ތުން ބައްދައިގެން އޭނާއަށް ހުރެވޭނެހެއްޔެވެ. ރާކިންގެ ރައްކަލައްޓަކައި ޤަތުލުވެރިޔާ މިނިވަންވެފައި ހުރުން ސޯފީއަށް ހަޖަމު ކުރެވޭނެހެއްޔެވެ.؟

2 އަހަރު ފަސް...
(ނުނިމޭ)

  1. މިސް. ރައިޓާރ

    ވަރަށް ބޮޑަށް މަޢާފަށް އެދެން ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް މި ޕާރޓް ލަސްވިކަމަށްޓަކައި..26 ވަނަ ބައިގަ އަޅުގަނޑު އިންނާނެ ކޮމެންޓްކޮށްލާފަ ވާހަކަ ލަސްވި ސަބަބު..ހުރިހާ ކިޔުންތެރިންވެސް ވާހަކައަށް ތި ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..ވާހަކައިގެ އެންމެ ފަހު ބައި ހުކުރު ދުވަހު އަޅުގަނޑު އަޕްކޮށްދޭނަން އިންޝާ ﷲ.!! މި ޕާރޓާ މެދު ދެކޭގޮތް އަދި ވާހަކަ ކުރިޔަށް ދާ ގޮތާ މެދު ދެކޭގޮތް ކިޔުންތެރިން ކޮމެންޓު ކޮށްލުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް.!!✨💖

    39
  2. Avatar
    moderated

    ❤️❤️💖💖💖👍👍👍

  3. Avatar
    moderated

    ވަރަށް ރީތި މިބައި ވެސް……… ހަމަ ސަޅި…… ❤️❤️❤️❤️❤️❤️😁😁😁😁👍👍👍💖💖💖💋💋

  4. Avatar
    moderated

    އަސްލު ކީވެލަސްވި؟

  5. Avatar
    moderated

    ވ ރީތި މާޝާ ﷲ 😍💕

  6. Avatar
    moderated

    It’s ok sis☺️we understand ❤️by the way mi part ves varah reethi ❤️❤️ when next??luv u🥰will always be there for you 😍💖

  7. Avatar
    moderated

    (އަންނަ އުޅޭ ކޮޅިގަނޑުގެ ހިލަމެއް ނުވާ ހާލު ކޯޓުގައި ވަރަށް އާދައިގެ ކައިވެންޏެއް ކުރުމަށްފަހު ރާއްޖެއިން ބޭރަށް ފުރުމުގެ ތައްޔާރީތަށް އެ ދެ ޒުވާނުން ދިޔައީ ވަމުންނެވެ.)26 ވަނަ ޕާޓު)
    “އަނބި ގަބޫލުކޮށްފިން.” ހިނިގަނޑެއް ޖަހާލަމުން ރާކިން ބުނެލިއިރު(27 ވަނަ ޕާޓު) މިޕާޓުގަވެސް އެޕާޓުގަވެސް ކައިވެނި ކުރި..
    ؟؟؟؟؟؟؟.

    1. މިސް. ރައިޓާރ

      ތެންކިއު ފޯރ ޕޮއިންޓިންގް އައުޓް.!! އިންޝާ ﷲ ރަނގަޅުކޮށްލާނަން އެހެން ސައިޓަކަށް މި ވާހަކަ އަޕްކުރާއިރު.!❤️

  8. Avatar
    moderated

    ސިފަކުރުންތައް ހަމަ ވަރަށް ރީތި… ހަމަ ލޯކުރިމަތީ ސިފަވޭ ގެނެސް ދީފައިވާ ގޮތުން🎉🎊🎉🎊🎉

  9. Avatar
    moderated

    މިއަދު 28 އަޕް ވާނީ ކިހާއިރަކު

  10. Avatar
    moderated

    ވަރަށް ވަރަށް ރީތި
    ހަމަ ފެށުނީންސުރެ މިވާހަކަ ކިޔަން
    އަދިވެސް އެއް ފަހަރު ވަރަށް ރީތި
    ކީއިޓް އަޕްް❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏

  11. Avatar
    moderated

    ވަރަށް ރީތި މާޝާ ﷲ
    އަޅޭ މިވާހަކަ ވެސް ނިމެނީ ދޯ

  12. Avatar
    moderated

    ހައި ކޮބާ މިއަދު މީ ހުކުރު ދުވަސް

  13. Avatar
    moderated

    އަދިވެސް އަޕްކޮށެއް ނުދޭ. ހާދަ ލަހޭ. އެކަމް މި ޕާޓުވެސް ވަރަށް ރީތި.މާޝާﷲ.

  14. Avatar
    moderated

    ކޮބާ މިއަދު މީ ހުކުރު

  15. Avatar
    moderated

    ❤️❤️❤️❤️ވަރަށް ސަޅި ތެންކްސް…..ކޮންއިރަކުން އަނެއްބައި

  16. Avatar
    moderated

    28 ވަނަ ބައި ކޮބާ

  17. Avatar
    moderated

    އިޓްސް އޯކޭ ބުރޯ 😉😉😉😉😉 ދިސް ސުޓޯރީ އިޒް ބިއުޓިފުލް 😍😍😍😍😍👌👌👌👌👌👌

  18. Avatar
    moderated

    ވަރަށް ރީތި މާޝާﷲ😊

  19. Avatar
    moderated

    It’s ok sis☺️we understand ❤️by the way mi part ves varah reethi ❤️❤️ when next??luv u🥰will always be there 4 you 😍💖

  20. Avatar
    moderated

    ވަރަށް ފުރިހަމަ👍👍👌👌

  21. Avatar
    moderated

    މާޝަާ ﷲ ވ ރީތި 😍❤️
    ކީޕް އިޓް އަޕް ސިސް 👍

  22. Avatar
    moderated

    28 ވަނަ ބައި ނުކުންނާނީ ކޮން އިރަކުން…………….. ކާންޓް ވެއިޓް އެނީ ލޯންގާ……. ވވވވވވވވ ރީތި….!

  23. މިސް. ރައިޓާރ

    ކޮމެންޓްސް ތައް ލޯރޑްވީ އަދިކިރިޔާ.!!! ވަރަށް އުފާވެއްޖެ ހުރިހާ ކޮމެންޓެއް ކިޔާލާފަވެސް..ޝުކުރިއްޔާ ހުރިހާ ކިޔުންތެރިން!!❤️

ޚިޔާލު ފޮނުއްވާ