Views: 3000 139

"އަޅުގަނޑު ވަރަށް ކެތްކޮއްފިން.. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަނިޔާއަކީ ހުސްއެކަނި ފެންނަން ހުންނަ ތަދުތަކަށް ބުނެލާބަހެއްނޫން... ބުނެލާ ބަހަކުންވެސް ކިތަންމެބޮޑު އަނިޔާއެއްވެސް ކޮއްލެވިދާނެ.. އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން މި ގުޅުން ކުރިއަށް ގެންދިއުމަށް.. އަޅުގަނޑު.... އަޅުގަނޑު އެދެން މި ފޯމާއެކު އަޅުގަނޑު ވަރިކޮށްދިނުމަށް..." ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އަހަރެން ހިތުގައިއޮތްގޮތް ހާމަކޮއްލީމެވެ.

ކުރިމަތީއިން ޤާޒީ ކަނުލާ އަހަރެންގެ ވާހަަކަތައް އަޑުއަހަމުން ގެންދިޔައިރު އަހަރެންގެ ކަނާތްފަޅި ގޮނޑީގައި އިން އަހަރެންގެ ފިރިމީހާ އިސްދަށަށް ޖަހައިގެން އިނެވެ.

ކުޑަ ކުޑަ ހިމޭން ވަގުތުކޮޅެއް ހޭދަވުމަށްފަހު......

" އަޅުގަނޑު މެންނަކަށް ފުރަތަމައަކުން ދެމަފިރިން ވަރިއެއް ނުކުރެވޭނެ.. ވަރިކުރުމުގެ ބާރު ލިބިގެންވަނީ ފިރިމީހާއަށް.. ނަމަވެސް އަނިޔާލިބޭ ނުވަތަ އަނބިމިހާއަށް ނިކަމެތިކަމެއް މެދުވެރިވަމުންދާ ޙާލަތެއްގައި ޝަރުއީ ހަމަތަކުގެމަތިން ކައިވެނި ތަފްރީޤް (ރޫޅާލުން) ކުރުމުގެ ބާރު ޝަރީއަތަށް ލިބިގެންވޭ.. ނަމަވެސް އެއީ ނަސޭހަތްދީވެސް އެކަމެއް ރަނގަޅު ނުވެއްޖެ ހިނދެއްގައި.." ޤާޒީ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން އިންނަންޖެހުނީ މާޔޫސްކަންމަތީގައެވެ.

"ކިހާ ދުވަހެއް ވެއްޖެތޯ ދެމަފިރިން އެކުގައި ދިރިއުޅޭތާ..؟ ކައިވެއްޏަށް ކުއްޖަކު ލިބިފައިވޭތޯ..؟"

" އެންމެ 9 މަސް... އަދި ކުއްޖަކު ނެތް.." ގާޒީ ކުރަމުންގެންދިޔަ ކޮންމެ ސުވާލަކަށް ޖަވާބުދެމުން ގެންދިޔައީ އަހަންނެވެ. ފިރިމީހާ އިސްއުފުލާނުލާ އިނެވެ.

"ދެމަފިރިން ދެމެދުގައި މައްސަލަވެސް ޖެހޭނެ.. އެކަންކަން އަމިއްލައަށް ހައްލުކޮށް ސުލްހައިގައި އުޅެން މަސައްކަތް ކުރަންވާނެ... ކީއްވެގެންތޯ މިކަމުގަ ވަރިއާއި ހަމައަށް ތިއައީ..؟" ގާޒީބެލީ އަހަރެންގެ ވިސްނުން ބަދަލުކޮއްލެވޭ ތޯއެވެ.

" މުސްތަގުބަލަށްޓަކައި... އެންމެ ރަނގަޅު ގޮތަކީ މީކަމަށް ދެކޭތީވެ... އަޅުގަނޑު ބޭނުމެއްނުވެ ދަރިއަކު ލިބުމުން މިހެން މައްސަލަ ޖެހިގެން ދެމީހުން ވަކިވެންދާ ދުވަހު ދަރިއަކަށް އެ ހިތާމައެއް ލިބޭކަށް.. ދަރިއެއްގެ ކުރިމަތީ އަޅުގަނޑާ ދިމާލަށް ހަޅޭއްލާ ހަޑިކޮށް ވާހަކަ ދައްކާ އަޑު އިއްވާކަށް.. އަޅުގަނޑު ބޭނުމެއްނުވެ.." ހިތުގެ ތެރޭ ލައްޕާލެވިފައިވަ ފޮތް އަހަރެން ހުޅުވާލިފަދައެވެ. އިހްތިޔާރަކާނުލާ ހުރިހާ ވާހަކައެއް ކިޔަމުން ގެންދިޔައީމެވެ.

" އަޅުގަނޑު ނަސޭހަތްތެރިވަން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށް ރީޗަށް އުޅުމަށް.. އަމިއްލަގޮތުން އެއްޗެއް ބުނެލާނަމަ ބުނެލަން އޮތީ އަވަހަށް ކުއްޖަކު ހޯދާށޭ.. އޭރުން ހުރިހާ މައްސަލައަކަށް ހައްލުލިބި ދިރިއުޅުން ރަނގަޅުވަމުންދާނެ.."

"ވެދާނެ. އަޅުގަނޑުމެންގެ އެތަށް މަސައްކަތަކަށްފަހުވެސް މި ވީހާތަނަށް ކުއްޖަކު ނުލިބި ހުރިހުރުން މީވެސް ރަނގަޅަކަށް ވި ކަމެއް ކަމަށް.. މި ބުނުއްވީ އަޅުގަނޑުމެން ވަކިވުމަށް އޮތް ފުރުސަތެއްކަމަށްވެސް ވުން އެކަށީގެންވޭ.."

އިސްދަށަށް ޖަހައިގެން އިން ފިރިމީހާގެ އިސްއުފުލާ އަހަންނާ ހަތަރުކަޅި ހަމަކޮއްލިއެވެ. އެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް ސަމާލުކަމެއް ނުދީ އިސްދަށަށްޖަހާލީމެވެ. ސަބަބަކަށްވީ އެ މައުސޫމް މުނުފެނި އަހަރެން ބަލިކަށިވާން ބެނުން ނުވާކަމެވެ. އެތައް ކަމަކަށްފަހު އަހަރެން ވަކިވުމަށް ފޯމްލީ ދެން ހީޔާލު ބަދަލު ނުކުރާނެކަމުގެ ވަރުގަދަ އަޒުމަކައިގެންނެވެ.

"އަޅުގަނޑު ނަސޭހަތްތެރިވަން ރީއްޗަށް ދެމަފިރިން އުޅުމަށް... ވަރިވުމަކީ ހުރިހާކަމެއްގެ ހައްލެއްނޫން... ދައުވާ ލިބޭފަރާތުން އެއްޗެއް ބުނެލަން ބޭނުންވާނަމަ ކުރިއަށް ގެންދަވާ.. " ގާޒީ ފިރިމީހާއަށް އަތުގެ އިޝާރާތް ކޮއްލިއެވެ.

ފަސްވަރަކަށް ސުކުންތުގެ ހިމޭންކަމަކަށްފަހު ހަށިފުރާ ފުން ނޭވާއެއް ދޫކޮއްލިއަޑު އެ ހިމޭން ކޮޓަރިތެރޭ އިވިގެންދިޔައެވެ. އެވަގުތު އަހަރެންގެ ދެއަތް ދެއަތައް މުއްކަވާލީމެވެ. އޭނަ ދައްކަން އުޅޭ ވާހަކަ ލިޔުމަށްޓަކައި ޤާޒީ ތައްޔާރުވެލިއެވެ.

" އަޅުގަނޑު ހިޔެއްނުކުރަން ދުވަހަކުވެސް މިދުވަސް އައިސްދާނެ ކަމަކަށް.... އަޅުގަނޑަށް އެނގޭ އޭނަ އަޅުގަނޑުދެކެ ވަރަށް ލޯބިވާކަން.. އަޅުގަނޑުވެސް......... އެކަމަކު އޭނަ ލޯބިވާނެ އަޅުގަނޑަށްވުރެ ބޮޑަށް.. ދިރިއުޅުމުގަ މައްސަލަތައްޖެހޭނެ.. އޭނަ އެކަން ގަބޫލުކުރެ.. އެކަމަކު އަޅުގަނޑަކަށް އެކަމަކަށް އެއްބަހެއް ނުވެވެ.. ޖެހޭ މައްސަލަތަކުގެ ހަޤީޤީ ކުއްވެރިއަކީ އަޅުގަނޑު.. އެކަމް ކޮންމެފަހަރަކުވެސް މަޢާފަށް އެދެނީ އޭނަ... އެހެންވެ ކުއްވެރިއަކީ އެއީކަމަށް އަޅުގަނޑު ގަބޫލު ކުރަމުން އައީ.. އަޅުގަނޑަށް ނޭންގި ގެއިން ބޭރަށް އެއްމެފިޔަވަޅެއްވެސް އޭނަ ނާޅާނެ.. ކޮންމެ މައްސަލައެއްޖެހުނު ނަމަވެސް އޭނަ ބޭނުންވެ ވާހަކަ ދައްކައިގެން ހައްލުކުރަން.... އެކަމަކު އެ ރުޅިމަތީގައި ހިތަށް އައިގޮތަކަށް ހިތަށްއެރި ކޮންމެ އެއްޗެއް ކިޔާލުމަށްފަހު ގޮތް ނިންނީ އަޅުގަނޑަށް ވިސްނޭގޮތަށް.. މި ދިރިއުޅުމުގަ ފުރަތަމަ ބޭވަފާވީ އަޅުގަނޑު... ހަޑި ހުތުރުބަހުން ވާހަކަ ދައްކާ، އެންމެ ފުރަތަމަ ވަރީގެ ވާހަކަވެސް ދެއްކީވެސް އަޅުގަނޑު... އަންނަ ރުޅީގައި ކޮންމެފަހަރަކު ވަރިކުރާނެކަމަށް އަޅުގަނޑު ބުނަމުން ދިޔައިން.. މިއަދު އަޅުގަނޑުގެ ސަބަބުން އޭނައަށް އެތަށް ހިތްދަތިކަމެއް ލިބިފަ ހުންނާނެކަމާމެދު ޝައްކެއް ނުކުރަން... އަޅުގަނޑުގެ ފަރާތުން އޭނަ ބޭނުންވަނީ ވަރިވުމަށް... މި ވީހާތަނަށްވެސް ހިޔެތްނުކުރަން އޭނަ އަޅުގަނޑު ދޫކޮއްލާފަ ގޮސްދާނެ ކަމަކަށް.. މިއަދު އަޅުގަނޑު ބޭނުންވަނީ އޭނަ އެދޭގޮތަށް އޭނަ ވަރިކޮށް ދިނުމަށް... މިގުޅުން މިހިސާބުން ނިމުނުކަމުގައި ވީނަމަވެސް ހަޔާތުގައި ދިމާވާ އެންމެ އުނދަގޫ ދުވަސްތައް ދިމާވާނީ ހުދު އަޅުގަނޑަށް.... އެއީ ރަނގަޅު އަންބަކު ވަކިވެގެން ދާތީ... މިއަދު މިވަގުތަށްފަހު އަޅުގަނޑު އޭނަ ވަރިކޮށްފިން.... " ހިމޭން މާހައުލުން ހަމައެކަނި އިވެމުންދަނީ ގިސްލުމުގެ އަޑެވެ. އަޑުން އަޑުނަގާ އަހަންނަށްވެސް ރޯންފެށުނެވެ. ވީ ކީއްކަމެއް އަހަންނަކަށްވެސް ނޭނގުނެވެ.

" މިއީ އެދިލެއްވިގޮތެއް ނުންތޯ.؟" އަހަރެން ރޯންފެށުމުން ޤާޒީގެ ސުވާލުތައް އަމާޒްވިއެވެ. އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަހަރެން އެދޭގޮތަށް އަހަރެން މިނިވަންވީއެވެ. ނަމަވެސް ހަގީގަތަކީ އަހަރެން ފިރިމީހާއާ އެކީ އުޅެންބޭނުންވާކަމެވެ. ނަމަވެސް އެ ހިތްދަތި ބަސްތައް ކަންފަތައް އިތުރަށް އަޑު ނީވޭނެކަމުގެ ހިންހަމަ ޖައްސާލީމެވެ. ޝަރީއަތް ނިމުމަށްފަހު އަހަރެން އަތްބެއްގެ ގޮތުގައި ވަދެގެން އައި އެ ކޯޓުން ނުކުމެގެން ދިޔައީ މިނިވަނެއް ގޮތުގައެވެ.

ލޯބިވީނަމަވެސް މިދުނިޔެމަތީގައި އަހަރެން އެ ލޯބި ބޭނުމެއްނޫނެވެ. އަހަރެންގެ ހަމައެކަނި އަޒުމަކީ އަޖަލު ހަމަވަންދެން އެކަނި ދިރިއުޅުން ވޭތުކުރުމެވެ. ސުވަރުގޭން އަހަންނަށް އެ ލޯބި ހާސިލްކުރުމަށްޓަކައި މިނިވަނެތް ގޮތުގައި ހުރުމެވެ. ކައިވެއްޏެއް... ވަރިވުމެއް ނެތިއެވެ.

(ނިމުނީ)

● އަޅުގަނޑުގެ ވާހަކަ ގެނެސްދިނުމުގައި ގިނަދުސްވީތީ އަޅުގަނޑުގެ ވާހަކަތަކަށް ސަޕޯޓް ކުރަށްވާ ހުރިހާ ކުދިންގެ ފަރާތުން މަޢާފަށް އެދެން.... އިޝާﷲ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު ލިޔެފައިވާ ވާހަކަތަށް ވީހާވެސް އަވަހަށް ގެނެސް ދޭނަން... ތި ބޭފުޅުންގެ ވާހަކައެއް ހިއްސާކޮއްލަން ބޭނުންވާނަމަ ތިރީގައިއެވާ 👇 ވައިބަރ ލިންކަށް ޖޮއިންވެލައްވާ.....
☆ޝުކުރިއްޔާ☆

  1. Avatar
    moderated

    The following user says thank you for your

    6
    1

ޚިޔާލު ފޮނުއްވާ