Views: 1334 98

ގަޑިން 6:20 އެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާއި އަލްވަދާޢު ކިޔަމުންދެއެވެ. އަތިރި މައްޗަށް ވެރި ވެފައި އޮތް ފަޅުކަން މެެދުކެނޑިގެން ދިޔައީ މަޣްރިބު ނަމާދު ބަންގީގެ އަޑަށެވެ. އުދަރެސް މަތިން ފެންނަން ހުރި ރަތް ވިލާތަކަކީ ބަލާލަން ރީތި މަންޒަރެކެވެ. އެހެންނަމަވެސް އަތިރިމަތީގައި ޖައްސާލައިގެން އިން އުމުރުން އެގާރަ އަހަރުގެ އަލީ ވަށައިގެން ހުރި މާޙައުލަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ އިނީ ފުން ވިސްނުމެއްގެ އެވެ. އޭނާ އަށް ސިފަވަމުން އައީ މާޒީގެ ހަނދާންތެކެވެ.

މީގެ ފަސް އަހަރު ކުރިން އަލީ އުޅުނީ އޭނަގެ އާއިލާ އާއި އެކު އާދައިގެ އެހެންނަމަވެސް އުފާވެރި ދިރިއުޅުމެކެވެ. މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވުމުން އޭނާ ގެންގުޅުނީ ނުހަނު ލޯބި ދީގެންނެވެ. އެއާއިއެކު އޭނާ ވެސް ދިޔައީ ރަނގަޅު މަދަރުސީ ނަތީޖާތަކާއި އެކު މައިންބަފައިން ކޮށްދޭ މަސައްކަތްކަތުގެ އަގުވަޒަން ކުރަމުންނެވެ.

އަލީގެ 6 ވަނަ އުފަންދުވަހު އޭނާގެ އާއިލާ އާއި އެކު ނިކުތީ މާލެއާއި ކައިރި ރަށަކަށް ދަތުރު ދިޔުމަށްޓަކައެވެ. އޭނާ އެދުވަހު ދޯންޏަށް އެރީ މަންމަ އާއި ބައްޕަ އާއި އެކު ހިއްގައމު ޗުއްޓީއެއް ހޭދަ ކޮށްލުމުގެ އުންމީދުގައެވެ. މަންމަ އާއި ބައްޕަގެ އަތުގައި ހިފައިގެން އައިސް ދޯނީގެ ފަހަތު ބަރީގައި އިށީން އިރު އަލީ ހުރީ ހިނިތުން ވެފައެވެ. ކޮންމެ އަކަސް ދޯނި ފުރާގަޑި ޖެހުމާއެކު މާލެ ނެރުން ބޭރުވެ، ކަނޑަށް ނިކުތެވެ.

ދޯނީގައި އެކި އުމުރު ފުރައިގެ މީހުން ތިއްބެވެ. ހީސަމާސާ ކުރާ މީހުން އަޑު ހަރުކޮށް ފޯރި ނަގަމުން ދިޔަ އިރު ނިދާ މީހުން ނިދަނީއެވެ. އަލީގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަމުގެ ކުލަތައް ގެއްލުނީ ފަޅުވެރިއަކު ހަޅޭއްލަވާ ގަތް އަޑަށެވެ. ލިބުނު ކުއްލި ސިހުމާއެކު އެ ދިމާލަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އޭނާ އަށް ފެނުނީ އިންޖީނުގައި ހުޅު ހިފައިން އުޅޭ މަންޒަރެވެ. އޭރު ދޯނީގައި ތިބި އެންމެން ރޮއެ ހޭރެނީއެވެ. ދެން އިވުނު ކުއްލި ބާރު އަޑާއެކު އަލީ ދިޔައީ ވިއްސައިގެނެވެ. އެއަށްފަހު ވީގޮތެއް އޭނާ ހަނދާނެއް ނެތެވެ.

އަލީ ހޭ އެރީ ހޮސްޕިޓަލު އެނދެއްގައެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަތަށް ގުޅާފައިވާ އައިވީ ފުޅި އެވެ. އޭނާ އަށް ދެން ފާހަގަވީ ހަށިގަނޑުގެ އެތަން މިތާގައި ބެންޑޭޖް ކޮށްފައިވާ ކަމެވެ. އޭރު އެނދުކައިރި ނަރުސް ކުއްޖަކު ހުއްޓެވެ. އޭނާ ދެދުވަސް ވަންދެއް އޮތީ ހޭނެތިފާކަމަށް ނަރުސް ބުންޏެވެ. އެހިނދު އޭގެ ދެދުވަސް ކުރިން ހިނގި ހާދިސާ ވަގުތުން ހަނދާނވެ، އޭނާގެ މައިންބަފައިން ވީތަނަކާއި މެދު ސުވާލު ކުރެއެވެ. ނަރުސް ކުއްޖާ އިސް ޖަހާލުމަށްފަހު ދިން ޖަވާބާއި އެކު އަލީގެ ހިތް ހުއްޓުން ކަޔަލައެވެ. އަލިފާނުގެ ހާދިސާއިން އަލީ ސަލާމަތް ވި ނަމަވެސް އޭނާގެ މައިންބަފައިންނަށް އެ ނަސީބެއް މިންވަރެއް ނުކުރައްވައެވެ. ބަސްހުއްޓިފައި އޮތް އަލީގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ޒަހަމްވެ ބަލި އެނދުގައި އޮތް ޅަ ކުއްޖެއްގެ ސިކުނޑިއަށް އެފަދަ ކަމެއް ނަގައި ގަންނަން ކިހާ ދަތިވާނެ ހެއްޔެވެ؟ އެ ހިތާމަވެރި ހާދިސާ އޭނާގެ ހަނދާނަކުން ދުވަހަކު ވެސް ނުފިލާނެއެވެ.

ހޮސްޕިޓަލުން އަލީ ދޫކޮށްލީ ކ. ވިލިމާލެ ކުޑަކުދިންގެ ހިޔާއަށެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އަންނަ ތަނަކީ އެއީއެވެ. ދިރި އުޅޭ މާހައުލުގައި އޭނާ ފަދަ ގިނަ އަދަދެއްގެ ކުދިން އުޅުނު ނަމަވެސް އަލީ އަށް އިހުސާސް ކުރެވެނީ އެކަނިވެރި ކަމެވެ. މަޖުބޫރުވެގެން ނޫނީ މީހަކާ އަނގައިން ބުނަނީ މަދުފަހަރަކު އެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ މީހުންނާ އެކަހެރިވެ އިނދެ އާއިލާގެ ހަނދާންތައް އާކުރުމުގައެވެ.

ބަންގި ނިމުމާއެކު ވިލިނގިލީގެ އަތިރިމައްޗަށް ހަމަހިމޭން ކަން ވެރިވިއެވެ. އެ ހިނދު އަލީއަށް އޭނާގެ ހިޔާލީ ޢާލާމުން އަނބުރާ އާދެވުނެވެ. އުދަރެސް މަތިން ފެންނަން ހުރި ރަތް ވިލާތަށް ދިޔައީ ކަނު އަނދިރީގެ ތެރެއަށް ގެއްލެމުންނެވެ. ތެދުވެ ގައިން ފެލި ފޮޅާލުމަށް ފަހު އަލީ މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ. މަޣްރިބު ނަމާދު ކުރުމަށްޓަކައެވެ. ފަހި މާދަމަ އަކަށް އެދި ދުޢާކުރާށެވެ.

  1. Avatar

    މާޝާﷲ.. ވަރަށް ފުރިހަމަ!!! އެންޑް އިޒް އިޓް ޔުއަރ ފަސްޓް ސްޓޯރީ؟

  2. Avatar
    moderated

    ވަރަށް ރީތި އަދި ކިޔާހިއްވި ވާހަކައެއް👍
    ކީޕް އިޓް އަޕް👍👍👍

  3. Avatar
    moderated

    ޝުކުރިއްޔާ!

ޚިޔާލު ފޮނުއްވާ