806 136

ނޯޓު: މިއީ ޙަޤީޤީ ހާދިސާއަކަށް ލިޔެފައިވާ ވާހަކައެކެވެ. އަދި މިއީ އަޅުގަނޑުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކިޔުންތެރިންނަށް ހުށައަޅައިދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

---------------

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނީނާ ލޯގަނޑު ކުރިމަތީގައި ހުއްޓި ރީތި ވާން ފެށިއެވެ. މޫނު މަތީގައި ކުޑަ ފުށް ކޮޅެއް ޖަހައިލަމުން ލިޕްސްޓިކު ނަގައި، ނީނާގެ ތުންފަތުގައި ގަދައަށް ކާއްތާލިއެވެ. މުޅި ގަޔަށް ސެންޓު ޖަހައި ވަސްމީރު ކޮށްލިއެވެ. ނީނާ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރެ ނީނާގެ އަމިއްލަ ސޫރަ ބަލައިލިއެވެ. ޤުދުރަތުން ނީނާއަށް ދެއްވި ފުރިހަމަކަށް އޭނާ ޝުކުރު ކުރާ ހާލުގައެވެ.

"ދަރިފުޅާ!!"

ސިއްސައިގެން ގޮސް ނީނާއަށް ބަލައިލެވުނީ އޭނާގެ މަންމަ ކަމުގައިވާ ލަބީބާ ގޮވައިލި އަޑަށެވެ.

"ދަރިފުޅާ! ތައްޔާރު ވެވިއްޖެތަ؟ އަވަސް ކޮށްލައްޗޭ! ފުލައިޓް ނައްޓާލާނެ 8 ޖަހާއިރު" ލަބީބާއަށް ޖަވާބު ދިނުމުގެ ގޮތުން ނީނާ ބޯޖަހައިލިއެވެ.

މިއަދަކީ ނީނާ ކުޑަ ދުވަހުން ފެށިގެން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހޭ ދުވަހެވެ. ނީނާ އަކީ އަބަދުވެސް ނަރުސްކަން ކިޔަވާ ހިތްވާ ކުއްޖެކެވެ. ނަރުހަކަށް ވުމަކީ ނީނާގެ އުއްމީދެވެ. ނީނާގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް މިއަދު ނީނާ މި ތައްޔާރު ވަނީ ލަންކާއަށް ދާށެވެ. ނީނާގެ ބޭބެ އަޒީމު އާއި ބޭބެގެ އަންހެނުން ޒީނިޔާގެ ގާތަށެވެ. އެމީހުން ނީނާއަށް ރަނގަޅަށް ކިޔަވައިދީ، މޮޅު ކުއްޖަކަށް ހަދާނެ ކަމުގެ ފުރިހަމަ ޔަޤީން ކަމާއި އެކުގައެވެ.

ގަޑީގެ ސިކުންތުގެ ކަށި އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުން ގޮސް ގަޑިން ރޭގަނޑު 7:30 ވަނީއެވެ. ނީނާ ހުރީ ހުޅުލޭ އެއާޕޯޓުގައެވެ. ނީނާ އާއި އެކު ނީނާގެ މަންމަ ލަބީބާ އާއި ބައްޕަ އިބްރާހިމް ވެސް ހުއްޓެވެ. ނީނާ މިއަދު އެ ހުރީ ވަރަށް އުފާވެފައެވެ. އަދި އެހާމެ ދެރަ ވެސް ވެފައެވެ. ދެރަ ވަނީ އުމުރުން އެންމެ 15 އަހަރުގައި ނީނާގެ މަންމަ އާއި ބައްޕައާ ވަކިވާން ޖެހޭތީއެވެ. ނީނާއަށް ހަމަ ޔަޤީނުން ވެސް އޭނާގެ މަންމަ އާއި ބައްޕައާ ނުލައި ދިރިއުޅުން ވާނީ ބޮޑު އިމުތިޙާނަކަށެވެ.

ނީނާއަށް "މަންމާ" އޭ ކިޔައި، އޭނާގެ މަންމަގެ ގައިގައި ވަރަށް ބާރަށް ބައްދައިގަނެވުނެވެ.

"މަންމާ! އަހަރެން ވަރަށް ވަރަށް ލޯބިވޭ. އަހަރެން ވަރަށް ހަނދާން ވާނެ މަންމަ މަތިން. އަދި ވަރަށް އުނދަގޫ ވާނެ މަންމަމެންނާއި ނުލާ އުޅެން. އެކަމުވެސް ކެތް ކުރާނަން! މަންމަމެން ފަޚުރުވެރިވާ ފަދަ އަންހެން ދަރިއަކަށް ވެގެން އަހަރެން އަންނާނަން އިނގޭ!"

ނީނާ ގަދަކަމުން ހީނލަމުން އޭނާގެ މަންމަ އާއި ދިމާލަށް ބަލައިލިއެވެ. ލަބީބާގެ މޫނުމަތިން ވެސް ނީނާއާ ވަކިވާން ޖެހޭތީ ހިތާމައިގެ ފުން އަސަރުތައް ފެންނަން ހުއްޓެވެ.

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނީނާގެ ބައްޕަ އާއި އެކު ފްލައިޓަށް އަރައި ނީނާ ހަމަޖެހެލިއެވެ. ބޯޓު ނައްޓައިލުމާއި އެކު ނީނާއަށް އާދަޔާ ޚިލާފު އިޙުސާސްތަކެއް ވާން ފެށިއެވެ. ބުނެދޭން ނޭނގޭ ފަދަ އިޙުސާސްތަކެކެވެ. މީގެ ކުރިން ނީނާ ދުވަހަކުވެސް ފްލައިޓަށް އަރާފައި ނުވުމުން ކަމަށް ވެސް ވެދާނެވެ. ނީނާ ފްލައިޓުގެ ދޮރުގެ ލޯގަނޑުން ބޭރު ބަލައިލިއެވެ. ފެންނަމުން ދިޔައީ ރީތި ދިވެހިރާއްޖޭގެ މަލަމައްޗެވެ. ކުދިކުދި ޖަޒީރާ ރަށްތަކެވެ. ކަނޑު މައްޗަށް އުކައިލެވިފައިވާ ކުދި ރަންމުތް ތަކެއް ފަދަ ޗާލު ރަށްތައް ފަޑުވަމުން ގޮސް ނީނާގެ ލޯމަތިން ގެއްލުނެވެ. ނީނާ ދެލޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ދަރިފުޅާ! ލަންކާއަށް މިއޮތީ އާދެވެފަ! ހިނގާ ފައިބަމާ!"

ނީނާގެ ބައްޕަގެ އަޑަށް ކުއްލިއަކަށް ނީނާ ދެލޯ ހުޅުވައިލިއެވެ. ބޯޓުން ފެއިބުމާއި އެކު ނީނާއަށް ވަށައިގެންވާ މާހަޢުލަށް ބަލައިލެވުނެވެ. މުޅިން ތަފާތު މާހަޢުލެކެވެ. ފެންނަމުން ދިޔައީ މުޅިން ތަފާތު ތަންތަނެވެ.

ބަހުގައި 4 ގަޑިއިރުގެ ދަތުރަކަށްފަހު އިބްރާހިމް އާއި އެކު ނީނާ ގެއަށް ދިޔައެވެ. އަޒީމު އާއި ޒީނިޔާގެ ފަރާތުން ނީނާ އާއި އިބްރާހިމަށް ލިބުނީ ވަރަށް ވެސް ފުރިހަމަ މަރުޙަބާއެކެވެ. ގޭތެރޭގައި ނީނާގެ ކަންތައްތައް ހަމަޖެހުމާއި އެކު އިބްރާހިމް މާލެ ފުރިއެވެ.

***

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އަޒީމު އާއި ޒީނިޔާގެ ފަރާތުން ނީނާއަށް ލިބެމުންދާ ލޯތްބާއި އަޅާލުމުން ނީނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ގެއާއި ވަރަށް ގާތުގައި ހުރި ކޮލަޖަކަށް ނީނާ ކިޔަވަން ދާން ފެށިއެވެ. ނީނާގެ ހުވަފެންތައް ހަޤީޤަތަކަށް ވަމުންދާ މަންޒަރު ނީނާ ބަލަމުން ދިޔައީ ނުހަނު އުފަލާއި އެކުގަ އެވެ. ނީނާގެ ޙަޔާތަށް އަންނަން ތައްޔާރުވަމުންދާ ތޫފާނީ ގަދަ ކޮޅިގަނޑުގެ ހިލަމެއް ވެސް ނީނާއަށް ނުވާފަދައެވެ.

ނީނާ ލަންކާއަށް ބަދަލުވިތާ އެއް މަސް ވީއެވެ. ނީނާ ހީވެސް ނުކުރާ ފަދަ ގޮތަކަށް ނީނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. މުޅި ދިރިއުޅުމަށް އައި ބާރުގަދަ ކޮޅިގަނޑުގައި ނީނާ ޖެހި ނީނާގެ ހުރިހާ އުއްމީދުތަކެއް ބާރު ވައިގެ ތެރޭގައި ނެތި ގެއްލިގެން ގޮސްފިއެވެ.

****

"ނީނާ! ކަލޭ ކިހިނެއްވެފަ ތީނީ؟ ހަމަ މިހާރު ދޭ ސައި ހަދަން!" ނީނާ ސިއްސައިގެން އެނދުން ތެދުވީ ޒީނިޔާގެ އަޑަށެވެ. ނީނާ ބިރު ގަންނަ ގޮތްވިއެވެ. ނީނާއަށް ކައްކަން ނޭނގޭތީއެވެ. ޒީނިޔާއަށް ދޭންވީ ޖަވާބެއް ނޭނގޭތީއެވެ.

"ފަ. ފަހަރީ.. އަހަރެން.. އަހަރެންނަށް... ކައްކަން ނޭނގެ!!." ނީނާގެ އަޑު ތުރުތުރު އަޅަންފެށިއެވެ.

"ކަލެއަށް ކާން ދޯ އެނގެނީ؟ ހަމަ މިހާރު އާދޭ! މިއަދުން ފެށިގެން މިގޭ ކަންކަން ކުރަން ޖެހޭނީ ކަލޭ!"

ނީނާގެ އަތުގައި ޒީނިޔާ ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް، ނީނާ ބަދިގެއަށް ލިއެވެ. ނީނާ ވަރަށް ދެރަވިއެވެ. އަތަށް ވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ނީނާގެ ކޯތާފަތްމައްޗަށް ބަންޑުންވިއެވެ.

އައު ދުވަހަކަށް އުދަރެހުން އިރު މަރުޙަބާ ކިޔައިފިއެވެ. ނީނާ ކޮލެޖަށް ދާން ތައްޔާރު ވަމުން ދިޔައެވެ.

"ކޮންތާކަށް ދާން ތި ތައްޔާރު ވަނީ؟" ޒީނިޔާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

"ކޮ...ކޮލެޖަށް..." ނީނާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ޒީނިޔާގެ ރުޅިވެރި ދެލޯ ފެނި ނީނާގެ ބަސް ހުއްޓުނެވެ.

"ކަލެއަކަށް ކޮލެޖަކަށް މީގެ ފަހުން ދެނެއް ނުދެވޭނެ! ކިޔެވޭ ވަރަކަށް ތި އޮތީ ކިޔެވިފަ! ދެން ކަލޭ ޖެހޭނީ އަަހަރެންގެ ދެދަރިން ބަލަން މިތާ ހުންނަން. އަދި ގޭގެ މަސައްކަތްތައް ވެސް ކަލޭ ކުރަން ޖެހޭނެ!"

ޒީނިޔާގެ ވިހަގަދަ ބަސްތަކުން ނީނާގެ ހިތުގެ ހުރިހާ ނާރެއް ބުރިކޮށްލި ކަހަަލައެވެ. ނީނާގެ ކިޔެވުގެ ޙަޔާތުގައި ސިއްކަ ޖެހި، ޒީނިޔާގެ އަޅަކަށް ނީނާ ވެގެން ދިޔައެވެ. ނީނާ ވަރަށް ރުއެވެ. އޭނާގެ ހިތަށް ވަރަށް ތަދުވިއެވެ. އެކަމު ނީނާގެ ރޯ އަޑު މިއަދު އަހަން ހުރީ ކާކު ހެއްޔެވެ؟ ނީނާގެ ލޯބިވާ މަންމަ އާއި ބައްޕަ މިއަދު ހުރީ ނީނާއާ ވަރަށް ދުރަތުގައެވެ.

ނީނާ ގޭތެރޭގެ ކަންތައްތައް ކުރަން ފެށިއެވެ. ޒީނިޔާގެ ދެ ދަރިން ބަލަމުންނެވެ. އަޒީމު ގޭގައި ހުރިއްޔާ ޒީނިޔާ ވަރަށް ރަނގަޅު ވާނެވެ. އަޒީމު ގޭގައި ނެތް ކޮންމެ ސިކުންތަކު، ނީނާގެ ނިކަމެތި ހިތް ރޫޅި ކުދިކުދި ވާވަރު ކޮށްލައެވެ.

"ނީނާ!"

ޒީނިޔާ ގޮވައިލި އަޑަށް ނީނާ ކޮޓަރިން ނުކުތެވެ. މުޅި ސިޓިންގރޫމުގައި ހުރީ ހުސް ހޮޑެވެ. އޭރުވެސް ޒީނިޔާގެ އުމުރުން 7އަހަރުގެ ދަރިފުޅު އިންސާ ހޮޑުލަމުން ދެއެވެ.

"މިތަން ސާފުކުރޭ! ހަމަ މިހާރު ސާފުކުރޭ!"

ޒީނިޔާ ނީނާއަށް އަމުރުކުރިއެވެ. ނީނާ ފަސްޖެހުނެވެ. އެހެން ނަމަވެސް އެކަން ޒީނިޔާގެ ކުރިމަތީގައި ދައްކާކަށް ނީނާއަކަށް ނުކެރުނެވެ. ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ތީއެވެ. ގެއިން ވެސް ނެރެލާފާނެ ކަމުގެ ބިރު ނީނާގެ ހިތުގެ ތެރޭގައި އަބަދުވެސް އޮވެއެވެ. ނީނާ ސިޓިންގރޫމުގައި ހުރި ހޮޑުތައް ސާފު ކުރަން ފެށިއެވެ. ނީނާގެ މޭ ނުބައި ކުރުވާ ވަރުން ހީވަނީ ހަމަ ދެންމެ ދެންމެ ނީނާއަށް ހޮޑު ލެވިދާނެހެންނެވެ. އެފަދަ ޙާލެއްގައި ނީނާ އެތަން ސާފުކޮށް ނިންމާލިއެވެ. އޭރު ނީނާ ހުރީ ވަރަށް ބޮޑަށް ބަނޑު ހައި ވެފައެވެ. ބަދިގެއަށް ވަދެ މޭޒުމަތި ބެލި އިރު، އެއްވެސް ކާނެ އެއްޗެއް ނެތެވެ.

ނީނާ މަޑުމަޑު ހިނގުމެއްގައި ގޮސް ޒީނިޔާގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ.

"ކަލޭތަ؟ ކިހިނެއްވީ؟" ޒީނިޔާ ވަރަށް ރުޅި އައިސްފައި ހުރެ އެހިއެވެ.

"އަހަރެން. އަހަރެން ވަރަށް ބަނޑުހައި ވެއްޖެ. ނެތްތަ ކާނެ އެއްޗެއް؟" ނީނާގެ ހަށިގަނޑު ތުރުތުރު އަޅާ ހާލު، އޭނާ ވާހަކަދެއްކިއެވެ.

"ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހަން؟ ކަލެއަށް ދޭކަށް މިގޭގަ ނެތް ކާއެއްޗެއް." ޒީނިޔާގެ ދެއަތުން ނީނާ ކޮށްޕައިލަމުން ބުނެލިއެވެ. އެވަގުތަކީ އަޒީމު ޑިއުޓީ ނިންމާފައި ގެއަށް އައިސް ވަތް ވަގުތެވެ.

"ނީނާ! އަން! މިއޮތީ ހެދިކާ ކޮޅެއް. އަވަހަށް ކާލަބަލަ! ބަނޑުހައި ވަންދެން ނުކައި ނުހުންނައްޗޭ އިނގޭ." ކޮޓަރި ތެރޭގައި ހުރި ކޮތަޅަކުން ހެދިކާ ކޮޅެއް ނަގަމުން ޒީނިޔާގެ ބަސްމަގު މުޅިން ބަދަލު ވެގެންދިޔައެވެ.

ނީނާ ހެދިކާކޮޅު ހިފައިގެން ބަދިގެ އާއި ދިމާލަށް ހިނގައިގަތެވެ. ނީނާއަށް ކާނެ އެއްޗެއް ވެސް ލިބެނީ އަޒީމު ގޭގައި ހުރިއްޔާއެވެ. ނީނާ އަބަދުވެސް އަޒީމު ގޭގައި ހުރޭތޯ ދުޢާކުރެއެވެ.

އެރޭގައި ޒީނިޔާގެ ދަރިފުޅު އިންސާ ހޮސްޕިޓަލްގައި އެޑްމިޓުކުރިއެވެ. މުޅި ރޭވެސް އިންސާ ގާތުގައި ވަގުތު ހޭދަ ކުރީ ނީނާއެވެ. ޒީނިޔާ ހޮސްޕިޓަލަށް އައީ ފަތިހު 5 ޖަހަން ވެފައި ހުއްޓައެވެ. ނީނާ ގެޔަށް ގޮސް ނިދިއިރު ހެނދުނު 6 ޖަހަނީއެވެ.

"ނީނާ! އޭ ނީނާ!! ތެދުވޭ! ގޮސް ކާއެއްޗެއް ހަދާ!"

ޒީނިޔާގެ އައިސް ނީނާ އެނދުން ނަގައި ތެދުކުރުވިއެވެ. އޭރު ގަޑިން ހެނދުނު 7 ވެސް ނުޖަހައެވެ. ވަރުބަލި ކަމާއި އެކު ނީނާ އެނދުން ތެދުވިއެވެ. އިތުރު ގޮތެއް ނެތީމައެވެ. ފާޚާނައަށް ވަދެވުމާއި އެކު ނީނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ހިތްމަތީގައި އަތްއަޅައިގެން ފާޚާނަ ދޮރުކައިރީގައި ނީނާ އިށީންނެވެ. މިއަދު ނީނާގެ ހިތް ފުރޭ ވަރަށް ރޯލަން އޭނާ ބޭނުން ވެއެވެ. ލޮލުން ކަރުނަ ހުސްވަން ދެންނެވެ. ނީނާ އުޅޭ ހާލު އޭނާގެ މަންމައަށް އެނގޭ ނަމަ އެފަކީރުގެ ލަގޮނޑި މިހާރު ފަޅައިގެން ދާވަރު ވާނެކަން ނީނާއަށް ޔަޤީނެވެ. ނީނާ މިވާހަކަތައް ޙިއްޞާ ކުރަން ވަރަށް ބޭނުން ވެއެވެ. އެހެން ނަމަވެސް އެހާ ހިތްވަރެއް ނެތެވެ. ފޮނި އުއްމީދުތަކަކާއި އެކު ނީނާ މި ތަނަށް އައުމުން ނީނާއަށް ބަރުދާސްތު ކުރަން މިޖެހުނީ ވޭނާއި ހިތާމެވެ. އުމުރުން 15 އަހަރުގައި ނީނާއަށް މިފަދަ ހިތްދަތި ކަމެއް ތަހައްމަލު ކުރަން ޖެހުމުން ނީނާގެ އަމިއްލަ ނަފުސަށް ނީނާއަށް ޝަކުވާ ކުރެވެއެވެ. ނީނާ މޫނު ދޮވެލައިގެން ކޮޓަރިން ނުކުތެވެ.

"އެއޮތީ ދެ ނޫޑުލްސް ޕެކެޓު. ގޮސް ކައްކާ! އަހަރެންގެ ދެދަރިންނަށް އެކަނި ވާ ވަރަށް ކައްކާނީ! ކަލެއާ ނުލާ!"

ޒީނިޔާގެ ޖުމުލަ އާއި އެކު ނީނާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ކެތް ކުރަން ވަރަށް ހިތްވަރު ކުރިއެވެ. އެހެނަސް އޭނާއަށް ކެތެއް ނުވިއެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.

"ހޫނ! ވަރަށް ފޫހިވޭ! އަދި އެބަ ރޮއެއްނު؟" ތުން އަނބުރާލަމުން ޒީނިޔާ ގޮސް ވަނީ ކޮޓަރިއަށެވެ.

ނީނާ ކައްކައި ނިމުމާއިއެކު، ނީނާގެ ކުރިމަތީގައި ޒީނިޔާ އޭނާގެ ދެ ދަރިންނަށް ނޫޑުލްސް ކާން ދީ ހުސްކޮށްލިއެވެ. ނީނާ ގޮސް ވަނީ ކޮޓަރި ތެރެއަށެވެ.

ދެ ދުވަސްފަހެވެ. ނީނާގެ އަރުތެރެއަށް ފެން ނޫން އިތުރު އެއްވެސް އެއްޗެއް އެތެރެ ކުރަން ފުރުޞަތެއް ނީނާއަކަށް ނުލިބެއެވެ. ނީނާއަށް ކެއުން ޒީނިޔާ ވަނީ މަނާކޮށްފައެވެ. އެކަމުވެސް ނީނާއަށް ކެތްނުވާ ވަރު ވުމުން ކާއެއްޗެއް ލިބޭތޯ ބަދިގެ ތެރެ ހާވައެވެ. އެގޮތުގެ މަތިން، ކަބަޑުގައި އޮތް ނޫޑްލްސް ޕެކެޓެއް ނަގައި، ނީނާ ހުހަށް އެ ކެއުމަށް ތައްޔާރު ވެލިއެވެ.

"ކަލޭ ގަނެފަ ހުރި އެއްޗެހި ތަ ތި ކަނީ؟ ލަދެއް ވެސް މީނަގެ ނުހުރެ އޭ ދޯ؟" ނީނާގެ އަތުން ޒީނިޔާ ނޫޑުލްސް ޕެކެޓު އަތުލަމުން ބުނެލިއެވެ.

ނީނާ މަޑު ހިނގުމެއްގައި އިސް ދަށަށް ޖަހައިގެން ކޮޓަރިއަށް ގޮސް އެނދުމަތީގައި އިށީންނެވެ. ފޯނު ރިންގުވާ އަޑަށް ނީނާ ފޯނު ބަލައިލިއެވެ. ހަމަ އެވަގުތަކީ ޒީނިޔާ ނީނާ އޮތް ކޮޓަރީގެ ދޮރުހުޅުވި ވަގުތެވެ. ނީނާ އާއި ދިމާލަށް ޒީނިޔާ ވަގަށް ގޮވައި، ހިތަށް އައި އެއްޗެއް އެގަޑީ ނީނާއާ ދިމާލަށް ކިޔުމަށްފަހު ވަރަށް ބާރަށް ދޮރު ޖަހާފައި ޒީނިޔާ ދިޔައެވެ. ނީނާގެ އަނގައިން އެއްވެސް އެއްޗެއް ނުބުނެ އިސް އުފުލާ ނުލައި ނީނާ އިނެވެ. ވީ ދެރައެއްގެ ބޮޑުކަމުންނެވެ.

އަނެއްކާވެސް ފޯނު ރިންގު ވާން ފެށިއެވެ.

"ނީނާ! ދަރިފުޅާ ތެދަށް ބުނޭ! ކިހިނެއް ވެގެން ތި އުޅެނީ؟ ބައްޕަ ހުރިހާ ވާހަކައެއް ދެންމެ އަޑު އަހައި ފީމޭ. ބުނޭ ކިހިނެއްވީ!" ނީނާއަށް އެގަޑީގައި ފޯނު ނެގިފައި އޮތްކަން ރޭކާލީ ދެނެވެ.

ނީނާއަށް ރޯން ފެށުނެވެ. ވަރަށް ބާރަށް ގިސްލަ ގިސްލާފައެވެ. އަދި ހުރިހާ ވާހަކައެއް ނީނާ އޭނާގެ ބައްޕައަށް ކިޔައި ދިނެވެ. ބައްޕަ ދެރަ ވާނެ ވަރު އެނގި ހުރެއެވެ.

****

ހަފުތާއެއްފަހެވެ. ގޭގެ ދޮރުގައި ބޭރުން މީހަކު ޓަކި ދިން އަޑަށް ނީނާ ގޮސް ދޮރު ހުޅުވައިލިއެވެ.

"ބައްޕާ"

ބައްޕަ ފެނުމާއި އެކު ނީނާއަށް ކެތެއް ނުވިއެވެ. ބައްޕަގެ ގައިގައި ބައްދައިގަނެވުނެވެ.

"ބައްޕާ" ނީނާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.

"ދަރިފުޅާ! ދަރިފުޅު ނުރޮއި ހުއްޓާލާ! ބައްޕަ މިއައީ ދަރިފުޅު ބަލާ! ދެން އިރާދަކުރެއްވިއްޔާ ދަރިފުޅު ދުވަހަކު ވެސް ރޯކަށް ނުޖެހޭނެ!." ނީނާގެ ލޮލުން ކަރުނަ ފޮހެމުން އިބްރާހިމް ވާހަކަދެއްކިއެވެ.

އެވަގުތަކީ ޒީނިޔާ ކޮޓަރިން ނުކުތް ވަގުތެވެ.

"އަސްތާ! ބައްޕާ. އައީތަ؟ ނުވެސް ބުނަމެއްނު؟" ޒީނިޔާ ވާހަކަ ދައްކަމުން އައިސް ހުއްޓުނީ އިބްރާހިމްގެ ކުރިމަތީގައެވެ.

"މި އައީ ނީނާ ބަލާ." އިބްރާހިމްގެ ޖުމުލައިން ޒީނިޔާގެ ދެލޯ ބޮޑުވިއެވެ. އަދި ވައްކަޅިން ނީނާއާ ދިމާލަށް ބަލައިލިއެވެ.

"ބައްޕަ! ކީއްވެ ނީނާ ބަލާ ތިއައީ؟ ބައްޕަ އަށް އެނގޭތަ؟ ނީނާ ނުވެސް ކައި މިހާރު. އާދޭސް ކުރީމަ ވެސް ކަނީ ކީ ނޫން." ޒީނިޔާ އޭނާގެ ރަނގަޅުކަން އިބްރާހިމަށް ކައިރީގައި ދައްކަން މަސައްކަތް ކުރަމުން ގެންދިޔައެވެ.

"އެބަ އަންނަށް ނީނާ ގޮވައިގެން ބޭރަށް ޖައްސާލާފަ" ނީނާގެ އަތުގައި ހިފައި އިބްރާހިމް ބޭރަށް ނުކުންނަން ހިނގައިގަތެވެ.

"ބައްޕާ! ނުހިނގޭނެ! އަހަރެންނަށް ކާއެއްޗެއް ދީ!" ނީނާ ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ.

ނީނާ ހުރި ހާލު ފެނި އިބްރާހިމަށް ވަރަށް އަސަރު ކުރިއެވެ. ނީނާ ގޮވައިގެން ގެ އާއި ވަރަށް ކައިރީގައި ހުރި ކެފޭއަކަށް އިބްރާހިމް ވަނެވެ. ބަނޑުހައި ވެފައި ހުރި ވަރުން ނީނާއަށް ކާތަކެތީގެ ރަހައަށް ވެސް ނުބަލައި ވަރަށް ގިނައިން ކާލެވުނެވެ. ދުވަހަކުވެސް ކާއެއްޗެއް ނުލިބިފައި ހުރި ކުއްޖެއް ފަދައިންނެވެ. އިބްރާހިމް އާއިއެކު ވަގުތު ކޮޅެއް ބޭރުގައި ހޭދަކުރުމަށް ފަހު ނީނާ ގެއަށް ދިޔައެވެ. ފޮށި ތައްޔާރު ކުރާށެވެ. އިބްރާހިމް ގެއަށް ވަންނަން ބޭނުން ނުވުމުން ބޭރުގައި އިބްރާހިމް މަޑުކުރިއެވެ. ނީނާ ގެއަށް ވަދެ ފޮށި ތައްޔާރުކޮށް ނިންމާލިއެވެ.

"ކަލޭ އަހަރެން މުޅިން ބަދުނާމު ކޮށްފި!"

ޒީނިޔާ ނީނާގެ އަތުގައި ހިފައި ފިއްތާލިއެވެ. ޒީނިޔާ ސިހިފައި ފަހަތް ބަލައިލީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. އަޒީމަށް ނީނާ ގެއިން ނުކުންނަން އުޅޭ ކަން އެނގުމުން ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަޒީމުގެ ހުރިހާ ސުވާލަކަށް ނީނާ ޖަވާބުގައި "ނޭނގެ" އޭ ބުނުމަށްފަހު ގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ.

***

ދެން ދުވަހަކުވެސް ޒީނިޔާއަށް ހަތަރު ކަޅިވެސް ހަމަ ނުކުރާނެ ކަމަށް ނީނާ ޢަޒުމް ކަޑައެޅީމެވެ. ނީނާގެ ނަޒަރުގައި އަޒީމުގެ އިހުމާލު ވެސް ވަރަށް ބޮޑެވެ. އެހެންނަމަވެސް ވީކަމެއް ވީއެވެ.
ނީނާ ވަރަށް އުއްމީދާ އެކު ބައްތީ ގައި ދިއްލި ހުޅުކޮޅު ނިވި އަޅިއަށް ވެއްޖެވެ. ނީނާގެ ހިތަށް ހާދަ ތަދެއްވެއްޖެއެވެ. ނީނާގެ މަަންމަ އާއި ބައްޕަ ހާދަ ހިތާމައެއް ކުރާނެވެ. އެހެންނަމަވެސް އެ ދެމީހުން ނީނާއަށް ޓަކައި، ދެކެމުން އަންނަ ހުވަފެން ބިލާހަކަށް ވެގެން ދާން ނީނާ ހުރީ ފުރުޞަތެއް ދޭކަށް ނޫނެވެ. ބައްތީގައި އާ ހުޅުކޮޅެއް ރޯ ކުރަން ނީނާ ހުރީ ނިންމައިގެންނެވެ. އެ ހުޅުކޮޅުން ނީނާގެ ޙަޔާތް އަލިކޮށް އުޖާލާކުރާނެއެވެ. ޒީނިޔާގެ އަނިޔާތަކަށް ކެތްކުރި ގޮތަށް ދެންވެސް ލިބޭ އަނިޔާތަކަށް ކެތްކުރާނެ ކަމުގައި ނީނާގެ ހިތާއި ހިތާ ބުނެލިއެވެ.

ނިމުނީ

  1. Avatar

    ބަލަ ކޮބާތަ ބަޑި؟؟ ވެވުނީ ލޯތްބޭ ޔާރު ހުވާ؟؟ ވަގުތު ބޭކާރު ނުކުރޭ!!!😒😒😒

    20
    4
  2. Avatar

    ވވވވވވ ވަރަށް ރީތި މިވާހަކަ! ޔޫ ހޭވް ޕްރޫވްޑް ކޮންމެ ވާހަކައެއް ޑްރާމަޓިކް ވެފަ މާގިނަ ހާދިސާތަކެއް ހުންނަން ނުޖެހޭނެކަން މި ވާހަކައިން ވަރަށް ޑީޕް އިބްރަތެއް ލިިބިއްޖެ! ޔޫ އާރ ވެރީ އިންސްޕަޔަރިންގް ކީޕް ގޮއިން! އެންޑް ހެޕީ ބާރތްޑޭ!

    10
    1
  3. Avatar

    ހެޕީ ބާރތު ޑޭ އިބްރާހީމް ޒިހުނީ ⁦☺️⁩🖤
    އެންޑް ނައިސް ސްޓޯރީ ބްރޯ… ކީޕް އިޓް އަޕް 👏👏👏

    10
  4. Avatar

    ވަރަށް ރީތި ވާހަކަ…….ކޮބާ ވެވުނީ ލޮއެއް ބޭ ޔާރު ހުވާ އަވަސް……..އެންޑް ހެޕީ ބާތް ޑޭ ޒެލް…

  5. Avatar

    އަސްލު ޒެލްގެ ވާހަކަ ތައް ހަޑި އެއްނޫން އެކަމަކު މައްސަލައަކީ ގެނެސްދޭ ވާހަކަ ގަވައިދުން ނުގެނެވޭތީ. މިބުނީ ވެވުނީ ލޮތްބޭ ޔާރު ހުވާ އަދި ބަޑި ވާހަކައިގެ ވާހަކަ އެއީ އެންމެ ކިޔާހިތުން ކިޔާ ދެވާހަކަ އެކަމް އެވެސް ގަވައިދުން އަޕް ނުވާތީ ވަރަށް ދެރަވޭ

    1. Avatar

      އަސްލުވެސް މިހާރ ބަޑު ވާހަކައަށް އިންތިޒާރު ކޮއް ކޮއް ވަރުބަލިވެ ވާހަކަ މަތިން ފޫހިވެއްޖެ……….

  6. Avatar

    އަސްލުވެސް މިހާރ ބަޑި ވާހަކައަށް އިންތިޒާރު ކޮއް ކޮއް ވަރުބަލިވެ ވާހަކަ މަތިން ފޫހިވެއްޖެ……….

ޚިޔާލު ފޮނުއްވާ