މީމު އަތޮޅުގައި މަސްވެރިކަން އެންމެ ރަނގަޅު އެއްރަށަކީ ދިއްގަރެވެ. އެރަށު އަސްކަނީގޭ ހަސަން މަނިކަކީ މަސްވެރިކަމުގައި އަރާހުރި މީހެކެވެ. މިރޭ ވެސް ހަސަން މަނިކު ވީ މަހަށް ގޮހެވެ. އޭނާގެ އަންހެނުން ދޮންފާތުމައިދީ ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ފިރިމީހާ މަހުންލަފާ ގަޑި ލަސްވެގެންނެތް ނޫނެވެ. އެއީ ހަސަންމަނިކާއި ދޮންފާތުމައިދީއަށް ލިބިފައިވާ އަންހެން ދަރިފުޅު ލިއުޝާ ދިޔަތަނެއް ނޭނގޭތީ ވެފައިވާ ހާސްކަމެކެވެ. އުމުރުން 18 އަހަރުގެ ލިއުޝާއަކީ މިދެމަފިރިންގެ އެންމެ ދޮށީދަރިފުޅެވެ.
ލިއުޝާއަކީ ހިމަތޮޅި ރީތި އަންހެންކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ރަށުގެ ޒުވާންފުރައިގެ ކުދިންތައް އެކުއްޖެއްގެ މައްޗަށް ނަޒަރު ހުއްޓިފައިވާ އެރަށުގެ ރީތީގެ ރާނީއެވެ. ލިއުޝާ ވީތަނެއް އޭނާގެ މަންމައަށް ނޭނގެއެވެ. އެހެން ނަމަވެސް ލިއުޝާ އެގަޑީގައި ބޭރަށް ގޮސްގެން އެއުޅީ ކޮން ބޭނުމެއްގައިކަން ދޮންފާތުމައިދީއަށް އެނގެއެވެ. ލިޢުޝާއާއި ގާތްގަނޑަކަށް އެއް އުމުރެއްގެ ޝާހް ކިޔާ ކުއްޖަކާއި ލިއުޝާ ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ޝާހަކީ އެރަށުފެންވަރަށް ބަލާއިރު ހަމަ ރަނގަޅަށް ކިޔަވައިގެން ހުރި ޒުވާނެކެވެ. އެހެންނަމަވެސް ލިއުޝާގެ މައިންބަފައިން މިކަމަކާއި މާ ޤަބޫލެއްނޫނެވެ. ހަސަން މަނިކު ބުނަނީ ހަމައެކަނި ރަށުން ކިޔެވޭ ފެންވަރަށް ކިޔެވިޔަކަސް ފަރަކު ނުޖެހޭނޭ ކަމަށެވެ. ހަރުދަނާ މީހެއް ނަމަ އާމްދަނީ ލިބޭކަހަލަ ރަނގަޅު މަސައްކަތެއް ދަސްކުރަން ވާނެކަމަށެވެ. ދޮންފާތުމައިދީ ވެސް ހަސަން މަނިކުގެ ވާހަކައަށް ހިތާރުހުމުން ތާއިދު ކުރެއެވެ.
ގަޑިން ދިހައެއް ޖެހުމާއި ގާތްވެފައިވަނިކޮށް ގޭގެ ދޮރާށި ލައްޕާލި އަޑު އިވިގެން ދޮންފާތުމައިދީ ބޯދިއްކޮށްލިއެވެ. “އާދެވުނީދޯ! ކޮންތާކަށް ގޮސްފަ ތިއައީ؟” އައިސްފައިވާ ރުޅިގަނޑު މަތަކުރުމުން ދޮންފާތުމައިދީ ރުންކުރުގޮތަކަށް ސުވާލުކުރިއެވެ. “ބޭރަށް!” ލިއުޝާ ގެ ޖަވާބު ވަރަށް ކުރެވެ. “ތިކަން އެނގެއޭ. ނުބުނަން އުޅުނަސް ދިއައީ ކީއްކުރަން ކަންވެސް އެނގޭ.” ދޮންފާތުމައިދީ ނިކަން އަޑުލިއެވެ. “މިރޭ ބައްޕަ މަހުން އައީމަ ތިކަން ކޮންމެވެސް ގޮތަކަށް ނިންމާނަން.” ދޮންފާތުމަދީ ގޭތެރެއަށް ހިނގައިގަންނަމުން ނިކަން ބާރަށް ބުންޏެވެ.
ހަސަން މަނިކު މަހުން ލެފުމަށްފަހުވެސް ގޭދޮށަށް ދާކަށް ނޫޅެއެވެ. އޮޑިވެރިންގެ ބަޔަކު އަތިރިމަތީގައި ތިބެގެން ދައްކާވާހަކައެއްގައި އޭނާވެސް ބައިވެރިވެލާހިތްވީއެވެ. ” އާނ . ތިޔަބުނީ ތެދެއް. މިކަހަލަ މަސްވެރި ރަށެއްގައި އިންޖީނު މަރާމާތުކޮށް ހަދާނެ މީހަކު ނެތީމަ ވަރަށް ދަތިވޭ.” ހަސަންމަނިކު އޮޑިވެރިންގެ ވާހަކައަށް ތާއިދު ކުރިއެވެ. މިކަހަލަ އޮލަ ވާހަކައެއްގައި ހުރެފައި ހަސަން މަނިކަށް ގެއަށް އާދެވުނު އިރު ދޮންފާތުމައިދީ އިނީ ކޮޓަރީގައި ހަސަން މަނިކުގެ އިންތިޒާރުގައި ނުނިދައެވެ. ހަސަން މަނިކު ކޮޓަރިއަށް ވަނުމާއެކުހެން ދޮންފާތުމައިދީ ރުޅިގަދަވެފައި އިނދެ ބުންޏެވެ. ” ހަސަންމަނިކަކަށްވެސް ނޭނގޭނެ އަވަހަކަށް ގެއަށް އަންނާކަށް.” ހަސަންމަނިކު ނިކަން ހައިރާންވެފައި އަހާލިއެވެ. “އައްދެ، ހާދަވަރަކަށް ރުޅިއައިސްފައި، ކިހިނެތްވީ؟” “ރުޅި ނާންނަ ވަރެއްތަ؟ މިރޭވެސް އެގަޑީގައި ލިއުޝާ ގެއްލުނު. ހަސަން މަނިކު ވެއްޖެއެއްނު ކޮންމެވެސް ގޮތެއް ހަދަން.”
ދޮންފާތުމައިދީގެ ވާހަކަ އަޑުއަހާފައި ހަސަން މަނިކު ފިސާރި ރުޅިއައެވެ. އޭނާ ޖެހިގެން އައިދުވަހު ޝާހާއި ލިއުޝާގެ ގުޅުމަށް ހަސަންމަނިކާއި ދޮންފާތުމައިދީ ދެކޮޅުކަން، ސީދާ ޝާހުގެ މައިންބަފައިންނަށް އެންގިއެވެ. މީހަކާ އިންނަންއުޅުމުގެ ކުރިން ތިމާއަކީ ހަރުދަނާ މީހަކަށް ވާންޖެހޭނެކަންވެސް ޝާހަށް ބުނެދިނެވެ. އަދި ލިއުޝާއާ އިނދެވޭނީ އެފަދަ މީހަކަށް ކަމަށާއި ދެން އެއްގޮތަކަށްވެސް ލިއުޝާ ގެއިން ބޭރަށް ނެރެން މަސައްކަތް ކޮށްގެން ނުވާނެކަމަށް ހަސަން މަނިކު ހަނދާންކޮށްދިނެވެ.
ހަސަން މަނިކުގެ ވާހަކައާއި ދޭތެރޭގައި ޝާހް ވަރަށް ފުންކޮށް ވިސްނިއެވެ. ޝާހް ގަސްތުކުރީ އޭނާއަކީވެސް މުޖުތަމަޢަށް މުހިންމު މީހަކަށް ވާށެވެ. ރަނގަޅު ހަރުދަނާ ހީވާގި މީހަކަށް ވުމަށެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ބޭނުންވަނީ ލިއުޝާއެވެ. އެކަން ޙާޞިލްކުރުމުގެ އަޒުމު އޭނާގެ ހިތުގައި އާކުރިއެވެ. ޝާހުގެ މަސައްކަތް ކާމިޔާބުވެއްޖެއެވެ. ނަސީބު އަތުގައި ހިފީއެވެ. ނިކަން އަވަހަށެވެ. އިންޖީނު މަރާމާތުކުރަން މަތްރީނުދޭނެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ލިބުނީއެވެ. ޝާހް ނިކަން އުފަލުން ހުރެ މާލެ ފުރުމުގެ ކުރިން ލިއުޝާއާއި ބައްދަލުކުރިއެވެ. “ލިއުޝާ ދެރަވާނެ ކަމެއްނެތް. އިރާދަކުރެއްވިޔާ ދެން މިހުރިހާ ކަމެއް ހަމަޖެހުނީ ކަމަށް ބަލާ. އަހަރެން މި ކޯސް ފުރިހަމަކޮށް މިރަށް ޚިދުމަތްކުރަން އައީމަ ލިއުޝާގެ މައިންބަފައިން ހަމަގައިމުވެސް އަހަރެމެންގެ މި ގުޅުމަށް ހުރި ޤަބޫލުވާނެ.” ޝާހް ލިއުޝާއާއި ސަލާމް ކޮށްލިއެވެ. “އަހަރެން އިންތިޒާރު ކުރާނަން!” ލިއުޝާ ހިނިތުންވެލިއެވެ.
އޭގެ 6 މަސްފަހުން ލިބުނު ޚަބަރަކީ ޝާހް މަސައްކަތް ދަސްކުރަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައި އޭނާގެ ކަނާތް ކުޑަހުޅުން ބުރިވި ވާހަކައެވެ. އެޚަބަރުވީ ލިއުޝާއަށް ލިބުނު ބޮޑު ތުފާނަކަށެވެ. އޭނާއަކީ ރީތި ކަމާއި ފުރިހަމަކަމަށް ލޯބިކުރާ ކުއްޖެއް ކަމުން އެކަން ވީ އޭނާއަށް ކެތްކުރަން ދަތި ކަމަކަށެވެ. ލިއުޝާގެ ފަރާތުން ލިބެމުންދިޔަ ލޯބި ބަދަލުވީ އޭގެ ފަހުންނެވެ. އޭނާ ހުރީ ޝާހް އޭނާ ދޫކޮށްލާނެ ދުވަހަކަށް ބަލަބަލައެވެ. އެކަމަކު މިހާރު އޭނާގެ މައިންބަފައިން އިތުރު މީހަކާ ރައްޓެހި ނުވެވޭނެ ވާހަކަ ވަނީ ބުނެފައެވެ. އެހެންކަމުން އޭނާއަށް އިތުރު ގޮތެއްވެސް ނެތެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ލިއުޝާގެ މައިންބަފައިންގެ ފޮނި އިންތިޒާރުތަކަށްވެސް ނިމުމެއް އަންނަދުވަސް އަތުވެއްޖެއެވެ. ޝާހް ރަށަށް އައީއެވެ. އޭނާއާއި ބައްދަލު ކުރުމަށް ލިއުޝާވެސް ބަދަރަށް ދިއައެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޝާހްގެ އެއްވެސް އުނިކަމެއް ނެތެވެ. އޭނާގެ ކަނާއަތް ބުރިއެއް ނުވެއެވެ. އެވީ ކިހިނެތް ހެއްޔެވެ؟ ޝާހް ލިއުޝާގެ ލޯބި އިމްތިހާނު ކޮށްލީއެވެ. ތެދެކެވެ. އެ ދަތުރުގައި ލިބުނު ލޯބީގެ އިމްތިހާނުން ލިއުޝާ ފެއިލް ވީއެވެ. އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލިއުޝާ ވަރަށް ނޫން ގޮތަކަށް ލަދުންހުރެ ނަމަވެސް ޝާހަށް މަރުޙަބާ ކިޔުމުގައި ބައިވެރިވިއެވެ.
އެކަމަކު އޭނާ ގެ ޚިޔާލު މިހާރު ވަނީ ބަދަލުވެފައެވެ. އެއް އަހަރުގެ ތެރޭގައި ޝާހްގެ ހިތްވަނީ ބަދަލުވެފައެވެ. ލިއުޝާ އޭނާދެކެ ޙަޤީޤީ ލޯބި ނުވާކަން އެނގުމުންނެވެ. އޭނާ ކައިވެނި ކުރީ ލިއުޝާއަކާ އެއް ނޫނެވެ. ޝާހް ރަށަށް އައިރު އޭނާގެ ކައިވެނީގެ ކަންތައްތައް އޮތީ ހަމަޖެހި ނިމިފައެވެ. ރަށުގެ ކަތީބުގެ ދަރިފުޅާއި ޝާޙްގެ ކައިވެނި ކުރެވިގެން ދިޔައީ ކުލަބޮކިތަކުން ޖަރީވެފައިވާ ކުލަގަދަ ޕާޓީއަކަށްފަހުއެވެ.
އޭގެ ގާތްގަނޑަކަށް އަހަރުދުވަސް ފަހެވެ. މިހާރު ޝާހަކީ ރަށުގެ އެންމެން ޤަދަރުކުރާ، އެންމެ ފައިސާގެންގުޅޭ އެކެކެވެ. ރަށުގެ އޮޑިވެރިންނަށާއި މަސްވެރި އާއިލާތަކަށް ޝާހުގެ ޚިދުމަތް ލިބެމުންދަނީ އެންމެ ފުރިހަމަ ގޮތުގައެވެ. އޭނާގެ އަންހެނުން އާއި އެކީގައި އޭނާ އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުކެވެ.
ޝާހްގެ ބޭނުން މިހާރު ރަށުގައި ބޮޑުވެ އޭނާގެ އަގު ރަށުގައި ވަނީ މައްޗަށް ގޮސްފައެވެ. މުޅިރަށުގައި އެންމެ އިންޖިނޭރަކު ހުރުމުން ވާނީވެސް އެހެންނެވެ. އޭނާގެ މަސައްކަތް ފުޅާވެ އެމަސައްކަތް ކުރާ ވޯކްޝޮޕެއް ހުޅުވިއެވެ. އަދި ސްކޫލުކުދިންނަށާއި ޒުވާނުންނަށް އެމަސައްކަތް ދަސްކޮށްދޭން ފެށިއެވެ. ޝާހް އެކުދިންނަށް ނަޞޭހަތް ދެމުން ބުންޏެވެ. ” ރަށުގައި އިޖްތިމާޢީ، އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ޒުވާނުން މަސައްކަތާއި ހުނަރުތައް ދަސްކުރޭ. ރަށް ކުރިއަރާނީ އޭރުން. އަދި ދިރިއުޅުމުގައި ކާމިޔާބު ލިބޭނީވެސް އޭރުން”. ޝާހް، ދުރުގައިހުރި އޭނާގެ އަނބިމީހާއާއި ދިމާއަށް ލޯބިން ހިނިތުންވެލިއެވެ. (ނިމުނީ)
Ragalhoo
ރަގަލު
ވަރަށް ރީތި މާޝާﷲ ވަރަށް ވެސް އިބުރަތްތެރި
ވަރަށް ރީތި މާޝާ ﷲ