އެކަނިވެރިވީ ހަޔާތުން

ގަޑީގެ ސޯނާގެ އަޑަށް ވިޝާމާ އެނދުން ތެދުވީ ފަތިސް ނަމާދު ކުރުމުގެ ނިޔަތުގައެވެ. އުމުރުން ސާޅީހުން ނެއްޓި ފަންސާހަށް އަންނަ އަހަރު އެޅޭ ވިޝާމާގެ ކޮންމެ ދުވަހެއްގެ ފެށުމުގެ އާދައެއްގެ ގޮތުންނެވެ. ކައިވެންޏަށް ދިހަ އަހަރުވީއިރު ފިރިހެން ކުއްޖެއް ލިބިފައި ހުއްޓާ ފިރިމީހާ ނިޔާވި ނަމަވެސް ވިޝާމާގެ އުޅުމަށް އަދި އަހުލާގަކަށް ބަދަލެއް ނާދެއެވެ. ދުވަސް ފަށަނީ ފަތިސް ނަމާދުންނެވެ. ހުރިހާ ނަމާދެއް ބަރާބަރަށް ކުރެއެވެ. އަޅުކަންތަކުގައި ގިނަ ވަގުތު ޝާމިލްވެގެން އުޅުނެއްކަމަކު ހުންނަ ހަމަ އެކަނި ދަރިފުޅު ވަސީމުގެ ކަންކަން ބަރާބަރަށް ކުރެއެވެ. ގޭގައި ހެދިކާ ހަދައިގެން ވިއްކާފައި ލިބޭ ލާރިން ވަސީމަށް ކިޔަވައިދީ ވަޒީފާއަކަށް ދެވޭވަރު ވިޝާމާވަނީ އެކަނިމާ އެކަނި ކޮށްފައެވެ.

ވުޟޫ ކޮށްލައިގެން ނުކުމެ ނަމާދަށް އެރުމުގެ ކުރިން ކޮންމެ ރެއަކުވެސް ވިޝާމާ ވަސީމުގެ ކޮޓަރީގައި ޓަކި ޖަހައެވެ. ގޮވާ ހަދައެވެ. ތަޅުގައި ހިފައެވެ. އެހެން ރޭތަކާ ޚިލާފަށް ވަސީމުގެ ކޮޓަރީގައި ވިޝާމާ ހިފާލިއިރު ތަޅު ނުލާ ހުރުމުން ވިޝާމާ ހައިރާންވިއެވެ. މިވީ 25 އަހަރު ވަސީމުގެ ފަރާތުން ވިޝާމާއަށް ނުފެންނަ މަންޒަރެކެވެ. ދޮރު ހުޅުވާލިއިރު ވަސީމު ހުރީ ނަމާދު ކުރާށެވެ. ވިޝާމާއަށް ރޮވުނެވެ. އުފަލުންނެވެ. މިއިން ދުވަހަކު ހުވަފެނުން ނޫނީ ނުފެންނަ މަންޒަރަކަށްވީތީއެވެ. ކޮންމެ ރެއަކު ކިތަންމެ ވަރަކަށް ގޮވިނަމަވެސް ވަސީމު ނަމާދު ކުރާކަށް ނުތެދުވެއެވެ. "އާނ... ހޫނ..." އަޅުވާލުމަށްފަހު ދެން ޚަބަރެއް ނުވާނެއެވެ. އެހެންކަމުން ވަސީމުގެ ފަރާތުން އެ ފެނުނު މަންޒަރުން ވިޝާމާ ވީ އުފަލުން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ﷲ އަށް ޙަމްދު ކުރަމުން ވަނީ ވިޝާމާގެ ކޮޓަރިއަށެވެ. ފެނުނު މަންޒަރުން ނަމާދުން އަވަދިވެގެންވެސް އެތަށް އިރަކު ވިޝާމާ ދުޢާ ކުރުމުގައި އިނެވެ.

ވަސީމަށް އަންނަމުން ދިޔަ ބަދަލުތަކާމެދު ވިޝާމާ ސުވާލެއް ނުކުރެއެވެ. ވަސީމުގެ ހުންނަ ރުންކުރު ގޮތްގަނޑުގެ ސަބަބުންނާއި އޭނާއަށް އައީ ހެޔޮ ބަދަލެއްކަމަށްވާތީއެވެ. ވަސީމު ބަރާބަރަށް ނަމާދު ކުރަން ފެށިއެވެ. ކުރިން ގިނަ ވަގުތު ގޭގައި އުޅެމުން ދިޔަ ވަސީމު ވަޒީފާއަށް ދާން ފިޔަވާ ބޭރަށް ނުކުތުން ނިމުމަކަށް އައިސްފިއެވެ. ވިޝާމާ ކޮންމެ ވަގުތަކު ކޮޓަރިއަށް ވަތްނަމަވެސް އިވެނީ ދީނީ އެއްޗެއް ޖަހާފައި ހުންނަ އަޑެވެ. ޤުރުއާނެވެ. މަދަހައެވެ. އެކި ޝެއިޚުންގެ ދަރުސްތަކެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ވިޝާމާ އިނީ ގޭގެ ސިޓިންގރޫމުގައި މެންދުރަށް ކެއްކުމަށް އަލުވި ކޮޅެއް ކޮށާށެވެ. ވަސީމު ބޭރަށް ނުކުންނަމުން އެބަ އަންނަމޭ ބުންޏެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ވިޝާމާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ނަމަވެސް ވަސީމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އިތުރު ސުވާލެއް ވިޝާމާއެއް ނުކުރެއެވެ.

އަތުގައި އަޅާފައި އޮތް ކަޅު ކުލައިގެ ކެސިއޯ ގަޑިއަށް ވިޝާމާއަށް ބެލުނު އަދަދެއްވެސް ނޭނގެއެވެ. މެންދުރުވަނިކޮށް ބޭރަށް ދިޔަ ވަސީމު ނައިސްގެން ވިޝާމާ އިނީ ހާސްވެފައެވެ. ކަންބޮޑުވެފައެވެ. ނަމަވެސް ހިތްހަމަ ނުޖެހިދާނެތީ ގުޅާލަންވެސް ނުކެރިފާ ވިޝާމާ އިނީއެވެ.

ރޭގަނޑު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ވިޝާމާގެ ކަންބޮޑުވުންވެސް އިންތިހާއަށް ބޮޑުވެއްޖެއެވެ. ވިސްނާ ވިސްނާ ވިޝާމާގެ ސިކުނޑިވަނީ ސުމަކަށް ގޮހެވެ. އެންމެފަހުން ވަސީމު ފޯނަށް ގުޅާލިއެވެ. ޖަވާބު ނުދޭތީ ދެތިން ހަތަރު ފަހަރަށް ގުޅާލިއެވެ. ނަމަވެސް ވަސީމުގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ވަސީމުގެ ކޮޓަރިއަށް ވަނެވެ. ކޮންމެވެސް ހީއެއް ވެގެނެވެ. ވިޝާމާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ބާއްވާފައިވާ ހުދުކުލައިގެ ކަރުދާހެކެވެ. ބިސްމި ލިޔުމަށްފަހު މަންމާއޭ ކިޔާފައި ލިޔެފައިވާ ކޮންމެ އިބާރާތެއް ކިޔަމުން ދިޔައިރު ވިޝާމާގެ ލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ. ހީވަމުން ދިޔައީ ދުނިޔެ ޤިޔާމަތްވަމުންދާ ހެނެވެ. ވަސީމު ދެން އެނބުރި ނާންނާނެ ވާހަކައާއި ސީރިއާއަށް ޖިހާދު ކުރުމަށް މިއަދު ފުރި ވާހަކައެވެ. އެ ވާހަކަ ކުރިން މަންމަ ކައިރީ ނުބުނީ މަންމަ އެއްބަސް ނުވާނެތީކަމަށާއި ޖިހާދު ކުރުމަށް ދާން ނިންމި ސަބަބުތައް ލިޔެފައިވެއެވެ. ސިޓީ ނިންމާލިއިރު ވިޝާމާއަށް ހުރެވުނު ތަންވެސް ނޭނގެއެވެ. މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީ ވަސީމުގެ އެނދުމައްޗަށެވެ.

ވިޝާމާގެ ހަޔާތަށް އަނދިރިކަން އައީއެވެ. ދުވަސްތައް ގުނަމުން ދަނީ ހިތްދަތިކަމާއި ވޭނާ ކެކުޅުމުގައެވެ. ކައިވެނީގެ އެންމެ ފޮނިމީރު ދުވަސްކޮޅު އެންދަމަން ގޮސް އުޅުމުގެ ތެރޭގައި ނިޔާވި ފިރިމީހާގެ ހަނދާނުގައި ދުވަސްތައް ހޭދަ ކުރަމުން އަންނަނިކޮށް ހުރި ހަމަ އެކަނި ދަރިފުޅު ލޮލު ކުރިމަތިން ގެއްލުމުންނެވެ. ދެން ފެންނާނެ ދުވަހެއް އަދި ފެންނާނޭކަމުގެ އެއްވެސް އުއްމީދެއް ނެތީތީ ކުރެވޭ ހިތާމައެވެ. ނަމަވެސް ވިޝާމާގެ ހިތްވަރު އެލުވާނުލާ ވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ކުރަމުންދާ ހިތާމަތަކާއި އާދޭސްތައް އަބަދާއި އަބަދުމެ ﷲ ގެ ހަޟްރަތުގައި ދަންނަވަމުން ދިޔައެވެ. އުއްމީދަށް އަލިކަމެއް ލިބޭނޭ ކަމުގެ އުއްމީދުގައެވެ. އެކަނިވެރިކަމާއި މާޔޫސީކަމުގައިވެސް މެއެވެ.

ވަސީމު ދިޔައީ އިންޑިއާ މަގުން ސީރިޔާއަށްކަން ވިޝާމާ ކަށަވަރުކުރިއެވެ. ކަމާބެހޭ އިދާރާތަކަށް ދުވެ ހަދައިގެނެވެ. ކޮންމެ ދުވަހެއްވެސް ހޭދަވަނީ ވަސީމުގެ ޚަބަރެއް ވޭތޯ ބެލުމުގައެވެ. ވަސީމު ހޯދޭނޭ ގޮތަކާމެދުއެވެ. އަނބުރާ ރާއްޖެ ގެނެވޭނޭ ގޮތެއްވޭތޯ ނުދުވާ އޮފީހެއް ނުގުޅާ މިނިސްޓަރެއް ނެތޭވެސް ބުނެވިދާނެއެވެ. އެހާވަރަށް ވިޝާމާ ދިޔައީ ވަސީމުގެ ޚަބަރެއް ވޭތީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދެ އަހަރު އެގޮތުގައި ހޭދަ ކުރިއިރު ވެސް އެއްވެސް ކުރިމަގެއް ނުލިބި މާޔޫސްވެއްޖެއެވެ. އުމުރުން ދޮށީ ވުމާ މާ ގިނައިން ވިސްނުމުގެ ސަބަބުން ހަށިގަނޑުގެ ވަރު ދެރަވާން ފެށިއެވެ. ރަނގަޅަށް ނުކެވުމާ ކަސްރަތުގެ އެއްވެސް ކަމެއް ނުކުރެވުމުގެ ސަބަބުން ވިޝާމާ ބަލިވުންވެސް އަވަސްވިއެވެ. ހިތުގެ މައްސަލަތަކެއް ހުންނަކަން ފާހަގަވެ އެކަމަށް ފަރުވާ ކުރަން ޖެހިއްޖެއެވެ. ފިރިމީހާ ފަރާތު ކޮއްކޮ މަޖީދާ ގެއަށް ގެނެސް ވިޝާމާގެ ކަންކަން އޭނާ ކުރަން ފެށީ އެ ހިސާބުންނެވެ.

މަޖީދާއަށް ހޭލެވުނީ ވިޝާމާ ކެއްސާ އަޑަށެވެ. ހިކި ކެއްސުމަކުން ކެއްސާލާ ކޮންމެ ފަހަރަކު ވަސީމޭ ގޮވާލައެވެ. ބަލިބަލި އަޑަކުންނެވެ. މަޖީދާ ތެދުވެ އަވަހަށް އެމްބިއުލަންސްއަށް ގުޅިއެވެ. ދަންވަރުގެ ވަގުތުކަމުން އަވަސްއަވަހަށް ތައްޔާރުވެ ކޮތަޅަކަށް ދެތިން އަންނައުނާ ބޭނުންވާ ބައެއް ސާމާނު ލައިގެން މަޖީދާގައިގާ ހިފަހައްޓައިގެން ގެއިން ނުކުތެވެ. އެމްބިއުލަންސް އައި އަޑަށެވެ.

އޭޑީކޭ ހޮސްޕިޓަލަށް އެމްބިއުލަންސް ދެވުމާއެކު އެމްބިއުލަންސްގެ މުވައްޒަފުން ވިޝާމާ އެނދަކަށް ލައިގެން އަވަސް ފަރުވާދޭ ކޮޓަރިއާ ދިމާއަށް ގެންދަން ފެށިއެވެ. ދަންވަރުގެ ވަގުތެއްކަމަކު މީހުން ގިނައެވެ. ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. މީހުން ރޯއަޑުވެސް އިވެއެވެ. އެކިމީހުން ބައްދާފައި ރޮމުން ދިޔައެވެ. ގިނަ ދުވަސްތަކަކަށްފަހު ފެނުމުން އުފަލުންކަން އެނގެއެވެ.

މަޖީދާ އެކި ދިމާދިމާލަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ޑޮކްޓަރަށް ދައްކާ ކޮޓަރިއަކުން ނުކުތް ޒުވާނަކަށެވެ. ބޮލުގެ އިސްތަށިގަނޑު ދިގު އަދި ތުނބުޅި ކިތަންމެ ދިގުވެފައި ހުއްޓެއް ކަމަކު އެއީ ކާކުކަން ދެނެ ގަންނާކަށް މަޖީދާއަކަށް އުނދަގުލެއް ނުވިއެވެ. ފައިކުރު ފަޓުލޫނަކާ ޖުއްބާއެއް ލައިގެން އެ ހުރީ ވަސީމު ނޫން ދެވަނަ މީހެއް ނޫނެވެ. ވަސީމަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތަކީ ވިޝާމާ މާނޭވާއެއް ލުމަށްފަހު ވަސީމޭ ކިޔާފައި ގޮވާލި ވަގުތަށެވެ. ވަސީމަށް އެ އަޑު އިވުމާއެކު ބަލައިލިއެވެ. މަޖީދާ ފެނުމާއެކު ވަސީމަށް އެނގުނެވެ. ކައިރީގައި ހުރި ސިފައިންގެ ދެމީހުންނަށް ބެލުމެއް ނެތި އެ އިވުނު އަޑާ ދިމާލަށް ވަސީމަށް ދެވެން ފެށުނެވެ. ދުއްވައިގަންނަން މަސައްކަތް ކުރިއެވެ. ހުއްޓުވީ ފައިގާ އަޅާފައިވާ ބިޑިއެވެ. ސިފައިންގެ ދެމީހުންގެ މޫނަށް ބަލަމުން "މަންމާ" އޭ ބާރަށް ގޮވަމުން ދިޔައެވެ. ކުޑަ ކުއްޖެއް ފަދައިން ރޮމުންނެވެ. ވެގެން އުޅޭ ގޮތް އެތަނުން އެކަކަށް އެނގުނީ ކަމަށް ވެދާނެއެވެ. ވަސީމުގެ އަތުގައި ހިފައިގެން އެ ދިމާލަށް ހިނގައިގަތެވެ. ދެން ހުރި ސިފައިންގެ މީހާ ކައިރީ ސިއްރުން ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހުއެވެ.

އަވަސް ފަރުވާދޭ ކޮޓަރިއާ ހިިސާބަށް ވަސީމަށް ދެވުނު އިރު ވިޝާމާ އެ ކޮޓަރިއަށް ވައްދައިފިއެވެ. ކޮޓަރި ކުރިމަތީގައި ލޮލުން ކަރުނަ ހިލިފައި މަޖީދާ ހުއްޓެވެ. ވަސީމު ފެނުމާއެކު މަޖީދާގެ ރުއިން ގަދަވިއެވެ. ކައިރީގައި ސިފައިންގެ ދެ މީހަކު ހުރުމުން މަޖީދާއަކަށް ބަހެއް ބުނާކަށް ނުކެރުނެވެ. ވަސީމަށް ބުނެވެނީ ހަމަ އެންމެ ބަހެކެވެ. "މަންމަ"... "މަންމަ" އެވެ. ލޮލުން ކަރުނަ ހުއްޓުމެއްނެތި ފައިބަމުން ދިޔައީ ގިސްލެވޭ ހާލުގައެވެ.

ދޮރު ހުޅުވާލުމަށްފަހު އެ ނުކުތީ ޑޮކްޓަރެވެ. ދިން ޚަބަރަކީ ވިޝާމާއަށް ހާޓްއެޓޭކެއް ޖެހިފައިވާކަމުގެ ހިތާމަވެރި ޚަބަރެވެ. އަދި މިހާރުން މިހާރަށް އޕަރޭޝަނެއް ނުކުރެވިއްޖެނަމަ ދުނިޔޭގައި ހުރުމުގެ ފުރުޞަތު ކުޑަ ވާހަކައެވެ. ވަސީމު ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އަތުގައި އަޅާފައިވާ ބިޑިއާއެކު އުނދަގުލުން ދެއަތް އުފުލާ ދުޢާ ކުރަން ފެށިއެވެ. މަންމައަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ރޮމުން ރޮމުން ދުއާ ކުރަމުން ދިޔައެވެ.

އޮޕަރޭޝަން ކުރުމުގެ ކުރިން ފުރަން ޖެހޭ ފޯމްތައް ގެނެވިއްޖެއެވެ. ބަލިމީހާގެ ފަރާތުން ހުރިހާ ލިޔެކިޔުމެއްގައި ސޮއިކުރީ ވަސީމެވެ. މި ހުރިހާކަމެއް ވަމުން ދިޔަ އިރުވެސް ކައިރީގައި ތިބި ސިފައިންގެ ދެ އޮފިސަރުން ކެތްތެރިކަމާއެކު ތިއްބެވެ.

އޮޕަރޭޝަން ކުރެވިއްޖެއެވެ. އެކަލާނގެ އިރާދަފުޅުން އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރުން ނުކުމެ ޚަބަރު ދީފިއެވެ. އެ ހުރިހާ އިރަކު ވަސީމުގެ ކަމަކީ ނަމާދު ކުރުމާއި ޒިކުރުކުރުމެވެ. ދުޢާ ކުރުމެވެ. ޚާއްސަ ހުއްދައެއްގެ ދަށުން އިތުރު ވަގުތު ހޮސްޕިޓަލުގައި މަޑުކުރެވޭނޭ އިންތިޒާމް ސިފައިންގެ ދެ އޮފިސަރުން ވަސީމަށްވަނީ ހަމަ ޖައްސައިދީފައެވެ.

ވިޝާމާ ވޯޑަށް ނެރެވިއްޖެއެވެ. ދެލޯ ހުޅުވާލުމާއެކު ފުރަތަމަވެސް ފެނުނީ ދެލޯ ނޭދި އެދެމުން ދިޔަ ވަސީމެވެ. ކައިރީގައި ހުރީ މި ހުރިހާ ދުވަހު އެ މީހަކު ނުފެނިގެން ހިތާމަ ކުރަމުން ދިޔަ އަމިއްލަ ދަރިފުޅެވެ. ވިޝާމާގެ ލޮލުން ކަރުނައިގެ ސާލެއް ހިލިގެން ދިޔައެވެ. މޫނުމަތީން އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ.

"މަންމާ.... އަހަރެން ދެން ދުވަހަކުވެސް އިރާދަ ކުރެއްވިއްޔާ މަންމަ ދޫކޮށްފަ ނުދާނަން. މިއައީ މަންމަ ކައިރިއަށް. މަންމަ އަވަހަށް ރަނގަޅުވޭ.. މަންމަ ބަލަން އަހަރެން މިއައީ... ދެން ދުވަހަކުވެސް ނުދާނަން" ރޮމުން ރޮމުން، އެނދުމަތީގައި އޮތް ވިޝާމާގެ މޫނާ މޫނު ޖެހޭހާ ކައިރި ވެލުމަށްފަހު ވަސީމު ބުނަމުން ދިޔައެވެ. "މަންމަ އަހަރެންނަށް ތަރުބިއްޔަތު ދިން. ނަމާދު ކުރަން ދަސްކޮށްދިން. ނަމާދު ކުރުވަން މަސައްކަތް ކުރި، ނަމަވެސް އެ ދުވަހު އަހަރެން މަންމަގެ ބަހެއް ނޭހުނު. މަންމަ އަހަރެން ބޭނުން ކޮންމެ އެއްޗެއް ހޯދައިދިިން. ކޮމްޕިއުޓަރަކީ އަހަރެންގެ އެކުވެރިޔާކަމަށް ހެދިން. ހީ ސަމާސާ ކުރާނޭ އެކުވެރިން ނެތެއްކަމަކު އަހަރެންގެ ހުރިހާވެސް އެއްޗަކީ އެ ކޮމްޕިއުޓަރު ކަމުގައި ހެދިން. ކޮޓަރިތެރެ އެއީ އަަހަރެންގެ ހުރިހާވެސް ތަން ކަމުގައި ހެދިން. އިންޓަނެޓުން ތަފާތު ވެބްސައިޓްތަކަށް ވަދެ އުޅުމުގެ ތެރޭގައި ދީނީ ވެބްސައިޓްއެއް ފެނި ޖިހާދު ކުރުމާ ބެހޭ ގޮތުން މަޢުލޫމާތު އެއް ކުރަމުން ގޮސް ޖިހާދު ކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތްކަން އެމީހުން އަހަރެންނަށް ވިސްނައިދިން ހިސާބުން އަހަރެން ނިންމީ ސީރިއާއަށް ދާން. ނަމަވެސް .... އެތައް ދުވަހަކަށްފަހު ސީރިއާއަށް ދެވި ވާހަކަ ދައްކަމުން އައި މީހުންނާ ބައްދަލުވި ހިސާބުން އަހަރެންނަށް ވިސްނެން ފެށި. އެމީހުންގެ ކަންކަން ހުންނަ ގޮތުން އަހަރެންނަށް ކުރެވުނު ކުށް ގަބޫލު ކުރެވުނު، އޭރު އަހަރެއްވަރު ވެއްޖެ. އެމީހުންގެ ތެރޭގައި އެމީހުން ކުރަމުން އައި ހުރިހާ ނުބައި ކަމެއްވެސް ކުރެވިއްޖެ. އަހަރެންނަށް ގުޅެވުނީ ނުބައި ބަޔަކާކަން އެނގުނު ދުވަހުން ފެށިގެން މަންމަ ކައިރިއަށް އަންނަން މަސައްކަތް ފެށިން. ނަމަވެސް، އަހަރެން ކުރަމުން ދިޔަ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް. މަރާ ހަނގުރާމަ ކުރަމުން އަހަރެން ގުޅުނު މީހުންނާ އަހަރެން ފިލިން. އަދި ސީރިޔާގެ ބޯޑަރު ކައިރިން އެހީދޭ ޖަމިއްޔާގެ ބައެއްގެ ހިމާޔަތުގެ ދަށަށް ދިޔައީ ކޮންމެ ގޮތެއް އެމީހުން ހެދި ނަމަވެސް ވަރިހަމަކޮށްފަ. ނަސީބު ކަންދިމާކުރި ގޮތުން އެމީހުން އަހަރެންގެ ވާހަކަތައް ގަބޫލު ކުރި. އަދި ދިވެހި ސަރުކާރާ އަހަރެން ހަވާލު ކުރުމަށް ނިންމި، އަދި އަހަރެންނާ އެކު ދިޔަ މީހުންނާއެކު އަހަރެންވެސް މާލެ ގެނައީ މިރޭ. ހޮސްޕިޓަލަށް ގެނައީ ދުވަސްވަރުގެ ގޮތުން ގައިގަ ބައްޔެއް ހުރިތޯ ޓެސްޓް ކުރަން" ވަސީމު ވާހަކަ ދައްކަމުން ދިޔައީ ހުއްޓަމުންނެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. ވިޝާމާގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިނދެއެވެ.

ވިޝާމާގެ މޫނަށް ވަސީމު ބަލައިލީ ވިޝާމާގެ އަތުން ހަރަކާތް ދޫވިކަން އިހްސާސް ވެގެންނެވެ. ވިޝާމާގެ ނަޒަރުވަނީ ހުއްޓިފައެވެ. ވަސީމާ ދިމާލަށެވެ. ވަސީމް އަޑުންއަޑުނަގާ ރޯން ފެށިއެވެ. އެތައް ޤުރުބާނީއެއްވެގެން ބަލައި ބޮޑުކުރުމުން އޭގެ ބަދަލުގައި ލިބުނު ހިތާމަތަކަށް ކެތް ނުކުރެވިގެން ވިޝާމާ ދުނިޔެ ދޫކުރީއެވެ. އެންމެ ފަހު ވަގުތުކޮޅު، ދެލޯނޭދި އެދުނު ދަރިފުޅު ކައިރީގައި ހުރިކަންވެސް ނޭނގޭ ހާލުއެވެ. ފަހުނޭވާ ދޫކޮށްލުމުގެ ކުރިން އެ ސޫރަ ފެނުނު ނަމަވެސް ދުލުން ބަހެއް ނުބުނެވޭހާ ހާލުގައެވެ. އެތައް ދުވަހެއް އެކަނިވެރި ހާލުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން އައިހެވެ. އެކަމުގެ ސަބަބު ކަމުގައިވާ ވަސީމުގެ ހަޔާތްވެސް އެކަނިވެރި ކުރުވަމުންނެވެ.

- ނިމުނީ-

  Please log in or register to bookmark.
  2k

  15 ޚިޔާލު

  1. ވާއޮ. ހާދަ ރީއްޗޭ. ސިފަވެގެންދޭ އެބަ.. ހާނު އަޅުގަނޑު ބުނާ ހާދިސާ އަކަށް ވާހަކަ އެއް ލިޔެދީފާނަންތަ؟ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. ޕްލީސް ރިޕްލައި

   10
  2. އަޅުގަނޑު ޕޭވެސް ކޮށްދީފާނާން ހާނު ބޭނުމިއްޔާ. ލިޔެދެވެންޔާ އަޅުގަނޑު މެއިލް ދޭނަން އިތުރު މައުލޫމާތު ޝެއާ ކޮށްލަން

  3. ❤❤❤❤❤❤❤❤❤😢💖💖💖💖💖😘😘😘

  ޚިޔާލު

  Your email address will not be published.