މިއުޒިކަކީ އަޖައިބެއްފަދަ އެއްޗެކެވެ. ކުޑައިރުއްސުރެ އަހަރެންނަކީ މިއުޒިކަށް ޝައުޤުވެރިކަން ހުންނަ ކުއްޖަކީމެވެ. މިއުޒިކު ކުޅުމާ މިއުޒިކުގެ ޒަރިއްޔާއިން މީހުންގެ ލޯބި ހޯދުން އެއީ އަހަރެންގެ ހޮބީއެވެ. ވަށައިގެންވާ މާހައުލުން އިވޭ ކޮންމެ އަޑަކީ އަހަރެންގެ ކަންފަތަށް މިއުޒިކެކެވެ. ގުދުރަތީގޮތުން އެ އުފެދޭ މިއުޒިކު އަހަރެންގެ ހިތް އަތުލާ ފަދައިން އަހަރެން ކުޅޭ މިއުޒިކުންވެސް މީހުންގެ ހިތް އަތުލަން އަހަރެން ބޭނުންވެއެވެ. އަހަރެން ކުޅޭ މިއުޒިކަށް ލޯބިކުރާ މީހަކަށް އަހަރެންވެސް ލޯބިކުރާނަމެވެ.
ހަނދުވަރު ރީތި ރެއެކެވެ. އަހަރެން އިނީ ގެއާދިމާލު އަތިރިމާތީގައެވެ. އެ ރީތި ދޮން ވެލިގަނޑުމަތީގައި އިން އިރު ހިތަށް ލިބެމުންދިޔަ ހަމަޖެހުމާ އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. ހޮރުތަކުން ނުކުމެ ކަކުނިތައް ދުވާ މަންޒަރެވެ. ހަނދުވަރުގެ ރިހި ދޯދިން މޫދުގެ ލޮނުގަނޑު ވިދާ ބަބުޅާ ހިތްގައިމު ތަސްވީރެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑާއި ދުރުދުރުން އިވެމުންދިޔަ ދޫނިތަކުގެ ގޮވެލީގެ އަޑާއި ވަޔާއެކު ހެލޭ ގަސްތަކުގެ ގޮފިތަކާ ފަންވަތްތަކުން ކިޔަމުންދާ ރީތި އަޑަށް އަހަރެންގެ ގިޓާގެ އަޑު އެއްވުމުން ފުރިހަމަ ރީތި މިއުޒިކެއް އުފެދުނެވެ.
ގިޓާއިން އަހަރެން ކުޅެމުންދިޔަ މިއުޒިކުގެ ރާގަށް "ހޫމް" އަޅުވާލަ އަޅުވާލަ އިންދާ އަހަރެންގެ ލޮލުގައި އަޅާގަތީ ތަންކޮޅެއް ދުރުގައި ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާ ބަލަމުން ދިޔައީ ސީދާ އަހަރެންގެ ގަޔަށެވެ. އަހަރެން އަތިރިމައްޗަށް ގިޓާ ޖަހަން އަންނަ ކޮންމެ ރެޔަކު އެ ކުއްޖާ އެތާނގައި ހުއްޓާ އަހަރެން ދެކެމެވެ. އަހަރެން އޭނައަށް ގޮވާލީމެވެ. އަތުގެ އިޝާރާތުންނެވެ. އޭނަ ވަރަށް މަޑު ހިނގުމެއްގައި އައިސް އަހަރެންގެ ވަރަށް ކައިރީގައި ހުއްޓުނެވެ. "އިށީންދޭ" އަހަރެން ވަރަށް ލޯބިން ބުނެލީމެވެ. އެ ކުއްޖާ ހިނިތުންވެލަމުން އިށީންނެވެ. "ކޮން ނަމެއް ކިޔަނީ؟" އަހަރެން އަހާލީމެވެ. "ޒޯޔާ" އަހަރެންނަށް އެނަންވެސް އެ ކުއްޖަހާ ރީއްޗެވެ. "ޝިމާހް" އަހަރެންވެސް ތަޢާރަފްވީމެވެ. "އެނގޭ" އޭނަ ބުންޏެވެ. އޭނައަށް އަހަރެންގެ ނަން އެނގުމުން އަހަރެން ހައިރާނެއް ނުވެއެވެ. އަހަރެން އެ ރަށަށް ދިޔައީ މިއުޒިކު ޝޯއެއް ދޭށެވެ. އެހެންކަމުން އެރަށުގެ އެންމެންނަށް ވެސް އަހަރެން އެނގޭނެ ކަމަށް އަހަރެން ގަބޫލުކުރަމެވެ. ޝޯ ނިންމާފައި އެ ރަށުގައި މަޑުކުރަން އަހަރެން ބޭނުންވީ އެރަށުގެ ހިތަގައިމު މަންޒަރުތައް ބަލާލާ ހިތުންނެވެ. އެ މަންޒަރުތަކަށް އަހަރެންގެ ހިތުގައި ލޯބި އުފެދިފައި ވާތީއެވެ.
"ކޮންމެ ރެޔަކުވެސް އަހަރެން ގިޓާކުޅޭއިރު ދުރުގައި ބަލަން ހުންނަތަން ފެނޭ. މިއުޒިކު ކުޅެންތަ؟ ގިޓާ ކުޅޭ ހިތް ވޭތަ؟" އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ. "ނޫން. ކުޅޭ ހިތްވޭ. އެކަމަކު ކުޅޭ ކަށެއް ނޭނގޭ. ހަމަ ޝިމާހް ކުޅޭ އަޑު އަހާ ހިތްވަނީ. ޝިމާހްގެ މިއުޒިކުން އަހަރެންގެ ހިތައް ކުރަނީ ބަޔާންކޮށްދޭން ނޭނގޭފަދަ އަސަރެއް." އޭނާގެ ޖަވާބު އަޑު އަހާފައި އަހަރެންނަށް އަމިއްލަ ނަފްސާމެދު ވަރަށް ފަޚުރުވެރިވެވުނެވެ. އޭނައާ އިތުރަށް ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ. "ތިއީ ވެދާނޭ ކަމެއް. މިއުޒިކުން އިންސާނުންގެ ހިތް ހޯދުމަކީ އަހަރެންނަށް ލިބިފައިވާ ހުނަރެއް" ފުރުސަތުހެ ބޭނުން ހިފައި އަހަރެން ކުޑަކޮށް ފޮނިވެސް ކަނޑައިލީމެވެ. "ހަމައެކަނި އިންސާނުންތަ؟ ތިމިއުޒިކުގެ އަޑު އިވި މަސްތުނުވާ އެއްވެސް މަޚުލޫގެއް އުޅޭނެހެން މަށަށް ހިޔެއް ނުވޭ." ޒޯޔާ ހީލަމުން ބުނެލިއެވެ. "ޖިންނީންވެސް މޮޔަކުރުވައިފާނެ ދޯހަމަ" އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ. "އާނ. ޔަޤީނެންނު" ޒޯޔާގެ އަޑުގައިވީ ސީރިއަސްކަމުން އަހަރެން ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ. ހަމައެއާއެކު ވަލުތެރެއިން އެއްޗެއްގެ ހިލަމެއްވިހެން އަހަރެންނަށް ހީވިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޒޯޔާއަށްވެސް އެ އަޑު އިވުނެވެ. ދެމީހުން އެއްފަހަރާހެން ތެދުވީމެވެ. އިރުކޮޅެއް ވަންދެން ދެވަނަ ފަހަރަށް އެ އަޑު އިވޭތޯ ބަލަން އަހަރެމެން ހިމޭނުން ތިބީމެވެ. "އޯކޭ. ދެން ދަނީ" އަހަރެމެންގެ ދެމެދުގައިވި ހިމޭންކަން ފޫ އަޅުވައިލީ ޒޯޔާގެ އެ މަޑުމައިތިރި އަންހެންވަންތަ އަޑެވެ. "އޯކޭ. ސީޔޫ. ޓުމޯރޯ" އެހެން ބުނުމަށްފަހު އަހަރެންވެސް ހިނގައިގަތީ ގެއަށް ދިއުމަށެވެ.
ގެއަށް ދިޔަ މަގުމަތީގައި އެ އިވުނު އަޑާމެދު އަހަރެން ވަރަށް ވިސްނީމެވެ. ހަމަ ޔަޤީނުންވެސް އަހަރެންނާއި ޒޯޔާ ފިޔަވާ އެތާކު އެހެން މީހަކު ފެންނާކަށް ނެތެވެ. ދެން އެހެންވީއިރު އެއީ ކޯއްޗެއްހެއްޔެވެ؟ އެ ޚިޔާލުގައި ހުރެ އަނގައިން ލަސް ރާގަކަށް ތުން ފުމެމުން އަހަރެން ހިނގަމުން ދަނިކޮށް ކުރިމަތިން ހިޔަންޏެއް ހުރަސްކުރިހެން ހީވިއެވެ. ވަރަށް ބިރުގަތެވެ. އަޅަމުންދިޔަ ފިޔަވަޅުތަށްވެސް ކޮންމެސް ވަރަކަށް މަޑުކޮށްލެވުނެވެ. އަނެއްކާވެސް ކުއްލިއަކަށް ފަހަތުން އެއްޗެއް ދިޔަހެން ހީވިއެވެ. އަހަރެން ފަސް އެނބުރި ބަލާލީމެވެ. އެވަގުތު ފައިދަށުގައި އޮތް ގަލެއްގައި އަޅައިގެންފައި އަހަރެން ވެއްޓުނެވެ. އަތުގައި އޮތް ގިޓާވެސް އަތުން ދޫއްވިއެވެ. ވެއްޓި އެ ގާތަކުތެރޭގައި ޖެހުމާއެކު އަހަރެން ތެދުވެއްޖައީމެވެ. ގައިން ވެލި ފޮޅާލަމުން ގިޓާ ނަގައިގެން ގައިގައި ހުރި ބާރެއް ފަޔަށް ލާފައި އަހަރެން ދުއްވައުގަތީމެވެ. ނަސީބަކުން ގެ ހުންނަނީ އެތަނާ މާދުރު ނޫން ހިސާބެއްކަމުން މާ ގިނަ އިރުތަކެއް ނުވެ ގެއާ ހަމައަށް ފޯރައިފިއެވެ. ނަމަވެސް ގެއަށް ދެވުނުއިރު މީހާ ހުރީ މުޅިން ވަރުބަލިވެފައެވެ.
އަހަރެންގެ ކޮޓަރި ހުންނަނީ އެގޭގެ އެހެން ކޮޓަރިތަކާ ވަކިން ތަންކޮޅެއް ދުރުގައެވެ. އަހަރެން ކޮޓަރިއަށް ވަދެ ބޮކި ދިއްލީމެވެ. ލޯގަނޑު ކިރިމައްޗަށް ހުއްޓުމުން އަތުގެ އުޅަނބޮއްޓާ، ނިއްކުރި މަށައިގެންގޮސްފައި ހުރިކަން ފާހަގަވިއެވެ. ނަމަވެސް އެއަށްވުރެ އަހަރެން ދެރަވީ ގިޓާގެ އެއްނަރު ކަނޑައިގެން ގޮސްފައި ހުރީމައެވެ. ގައިގެ ހަންމަށައިގެން ގޮސްފައި ހުރި ތަންތަނުގައި ބޭސް އުޅުމުގެ ކުރިން އަހަރެން އަވަސްވެގަތީ ގިޓާއަށް އައު ނަރެއް ލައްވާށެވެ. ފެންވަރަން ވަނީ އެކަން ކޮށް ނިންމާފައެވެ.
ފެންވަރަން ހުރިއިރުވެސް ވިސްނުނީ އެކަމާމެދުއެވެ. ބޮލަށް ފެންއަޅަމުން ލޯމަރައިލިޔަސް ސިފަވަނީ އެ ހިޔަންޏެވެ. ހީވަނީ ކައިރިގައި މީހަކު އުޅޭހެންނެވެ. މޫނާ އުޅަނބޮށިން ހަން ގޮސްފައި ހުރި ތަންތަނުން ދިލަނަގާވަރުން ފާޚަނާއިން ނުކުމެ ފެން ހިއްކާލުމަށް ފަހު އެތަންތާނގައި ބޭސް އަޅާލީމެވެ. އެއަށްފަހު އެނދަށް އަރައި ނިދަން އޮށޯތިމެވެ.
ނިދަން އުޅެއުޅެ އެރޭ ނިދޭ ގޮތެއްވެސް ނުވިއެވެ. އިރުއެރީވެސް އަހަރެން ދެފަރާތައް ފުރޮޅިލާ ފުރޮޅިލާ އޮއްވައެވެ. އިރުއަރައި ކޮޓަރީގެ ކުޑަދޮރުން އިރުގެ ރަންދޯދިތައް ކޮޓަރިއަށް ވަދެ ކޮޓަރި އަލިކޮށްލުމުން ހިތްބިރު ކެނޑި އަހަރެންނަށް ނިދިއްޖެއެވެ.
ޖެހިގެން އައި ރޭވެސް އަހަރެން އަތިރިމައްޗަށް ދިޔައީމެވެ. ވަރަށް ބިރުން ހުރެއެވެ. ހަމައެކަނި ޒޯޔާއާ ދިމާވޭތޯއެވެ. ޒޯޔާ އެތަނަށް އައީ އަހަރެން އިންތިޒާރުގައި ހުއްޓައެވެ. "ހިނގާ މިރޭ އަހަރެންގެ ކޮޓަރިއަށް ދާން. މިރޭ ހަނދުވަރެއްވެސް ނުދެއެންނު" އަހަރެން ހުރީ ބިރުންކަން ޒޯޔާއަށް ނާންގާ އަހަރެންގެ ކޮޓަރިއަށް އައުމަށް އޭނައަށް އަހަރެން ދައުވަތު ދިނީމެވެ. "އޯކޭ. ހިނގާ" ޒޯޔާ އެހާ ފަސޭހައިން އެކަމާ ރުހޭނެކަމަކަށް އަހަރެންވެސް އުއްމީދެއް ނުކުރަމެވެ. ނަމަވެސް އޭނާވެސް އެހުރީ ރޭ ހިނގި ކަންތަކާ ބިރުން ކަމަށް ވެދާނެއެވެ. މަޑު ހިނގުމެއްގައި އަހަރެމެން ދެމީހުން އަހަރެންގެ ކޮޓަރިއާ ދިމާލަށް ހިނގަމުން ދިޔައީމެވެ. އަތްއަތާ ޖެހޭހާ ކައިރީގައި ތިބެގެންނެވެ. ބައެއް ފަހަރު އަހަރެންގެ އަތް އޭނާގެ އަތުގެ ނުފުށުގައި ބީހިލައެވެ. އެގޮތައް ދެއަތް ޖެހޭ ކޮންމެ ފަހަރަކު އަހަރެން ނޫން ކަމަށް ހަދާލާފައި ބޯކަހާލަމެވެ. ޒޯޔާވެސް އޭނަގެ ކުރިމައްޗައް ދެއަތް ގެންގޮސް އެއްއަތުން އަނެއް އަތުގައި ހިފާލައެވެ. އަހަރެމެންގެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. މަންމަން ބަސްތަކަކުން އަހަރެމެން ހިތުން ހިތާ ވާހަކަ ދައްކަމުން ދިޔައީމެވެ. ހިތުގެ ވިންދާ ނޭވާގެ އަޑުން އަހަރެމެން އެތައް މެސެޖެއް ފޮނުވަމުން ދިޔައީމެވެ. އެ ދެކެވެމުންދިޔަ ލަފްޒު ނެތް ވާހަކަތަކުގެ އަޑު އަހަރެމެންގެ ކަންފަތައް އިވުމުން ދިޔައީ ހަމަ ބާރަށެވެ.
ކޮޓަރިއާ ހަމައަށް އާދެވުނު އިރުވެސް އެކަކުވެސް އަނގައަކުން އެއްވެސް ބަހެއް ނުބުނެއެވެ. ކޮޓަރިއަށް ވަދެ ބޮކި ޖައްސާލަމުން އެނދުމަތީގައި އިށީންނުމަށް ޒޯޔާއަށް އަހަރެން އިޝާރާތްކޮށްލީމެވެ. ޒޯޔާ އިށީންނުމުން އަހަރެންވެސް އޭނާގެ މަގަތުގައި އިށީންނީމެވެ. އަދި ގިޓާ ނަގައި ކުޑަކޮށް ރެޑީވެލީމެވެ. އަހަރެންގެ އަތާ މޫނުގައި ހުރި ފާރުތައް ޒޯޔައަށް ފެނުނީ ދެނެވެ. ކުރިން ރޭ ވީގޮތް އަހަރެން އަލިފުން ޔާއަށް އޭނައަށް ކިޔައިދިނީމެވެ. ވަގުތުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަހަރެންނަށް ފެނުނީ ޒޯޔާގެ މޫނުމަތިން ހިތްހަމަ ނުޖެހުމާ ރުޅިވެރިކަމެވެ. އަހަރެން އަޅާނުލާ ގިޓާ ކުޅެން ފެށީމެވެ. ޒޯޔާ އަތުގެ އިޝާރާތުން އަހަރެން ހުއްޓުވިއެވެ. "މަޑުކުރޭ..އަހަރެން އެބަ އަންނަން" އެހެން ބުނުމަށް ފަހު އަހަރެން އެއްޗެކޭ ބުނަންވާއިރަށް ޒޯޔާ ކޮޓަރިން ނުކުމެގެން ގޮސްފިއެވެ.
ޒޯޔާ އެބަ އަންނަމޭ ކިޔާފައި ދިޔަތަން މިހާރު ކިތަންމެ އިރެކެވެ. އަހަރެން އަދިވެސް މި އޮންނަނީ އިންތިޒާރުގައެވެ. އޭނާގެ ޚަބަރެއް ނުވެއެވެ. ދިޔަތަނެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ނިދުނީ ގިޓާ އުނގަށް ލައިގެން އެހެން އޮއްވައެވެ.
ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ތަޅާގަތް އަޑަށެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަނެއްކާ ރޭ އަހަރެންނަށް ފެނުނު ހިޔަނި މީހަ ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ބޭރުން އިވުނީ މީހެއްގެ އަޑެވެ. "ހުޅުވަބަލަ..ވާރޭ އެބަ ވެހެޔޭ.. އަހަރެން މިއޮއް ތެމެނީއޭ.." އެއީ އަންހެން ކުއްޖެއްގެ އަޑެވެ. "ކާކު؟" އަހަރެން އަހާލީމެވެ. "ޒޯޔާއޭ". ޒޯޔާ އެ އައީއެވެ. އެކަމަކު މިހާރު ހާދަ ދަންވެސް ވެއްޖެއެވެ. "ވަދެބަލަ. ދޮރު ތަޅު ނުލައޭ ތިހުރީ" އަހަރެން އެހެން ބުނެ ނުނިމެނިސް ޒޯޔާ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ހުރީ ތެމީ ފޯވެފައެވެ. "ހާދަ ލަސްވީ؟" އަހަރެން ޝަކުވާކުރީމެވެ. "އާނ..ބިޓު ކައިރިއަށޭ އެވަގުތު ދިޔައީ.. މިއައީ އޭނައާ ރުޅިވެގެން..އެހާ ދިގު ޒުވާބެއް ހިނގީމަ ގިނައިރު ވާނެ ދޯ.." ލޯބިވެރިޔާ ވަކިވުމުން ފެންނަން ޖެހޭ ހިތާމަވެރިކަމެއް ޒޯޔާގެ މޫނުމައްޗަކުން ނުފެނެއެވެ. އެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއެކު އަހަރެންނަށް ޒޯޔާގެ ހަށިގަނޑު އެއްކޮށް ފެނުނެވެ. އޭނާ ލާފައި ހުރީ ހުދުކުލައިގެ ހެދުމެއްކަމުން ތެމުމުން އޭނާގެ ހަންގަނޑު ހަމަ ރީއްޗަށް ފެނެއެވެ. ދެން އިވުނު ގުގުރީގެ އަޑާއެކު ޒޯޔާ އަހަރެންގެ ގައިގައި ބައްދާގަތެވެ. އަހަރެންނަށް ވެސް ބޭއިޚްތިޔާރުގައި އޭނާގެ ގައިގައި ބައްދައިގަނެވުނެވެ. ޒޯޔާގެ ހޫނު ނޭވަ އަހަރެންގެ ކަނދުރައިގައި ޖެހުމާއެކު އަހަރެންގެ ނާރުތައް ކޮޅަށް ޖެހުނު ކަހަލައެވެ. ހުރިހާ ހިއްސެއް ހޭލިއެވެ. އަހަރެންގެ ޟަމީރު އަހަރެންގެ އިޚްތިޔާރުން ބޭރުވިއެވެ. އަހަރެން ޒޯޔާގެ ކަރުދަށުގައި ބޮސްދިނީމެވެ. ޒޯޔާއަށްވެސް ވީ އަރާމުން އަހަރެންގެ ބާރުގެ ދަށަށް އޭނާގެ ޖިސްމު ދޫކޮށްލެވުނު ކަހަލައެވެ. ވަގުތާ ޙާލަތުގެ ފުރިހަމަ ފައިދާ ލިބިގަންނަމުން ޖިންސީ މަސްތީ އުފާ ހޯދަމުން އަހަރެމެން ދިޔައީ ދެމަފިރިން ފަދައިންނެވެ.
އެ ޖާޒުބީ ހަރަކާތްތައް ނިމުނުއިރު ލިބުނު އަރާމާ ހަށިގަނޑަށް ލިބުނު ވަރުބަލިކަމުން އަހަރެންނަށް ނިދުނީއެވެ. ހެނދުނު ހޭލިއިރު ޒޯޔާއެއް ނެތެވެ. ނަމަވެސް އެއީ ހުވަފެނެއް ނޫންކަން އަހަރެންނަށް ޔަޤީނެވެ.
ޖެހިގެން އައި ރޭވެސް ޒޯޔަ އަހަރެންގެ ކޮޓަރިއަށް އައެވެ. އަހަރެންނަށް ޒޯޔާދެކެ ލޯބިވެވުނު ވާހަކަ އަހަރެން ވަރަށް ސީދާސީދަލަށް ބުނީމެވެ. ޒޯޔަވެސް "އައި ލަވް ޔޫ ޓޫ" އޭ ކިޔައި އަހަރެންގެ ގައިގައި ބައްދައިގަތެވެ. އޭގެ ފަހުން ކޮންމެ ރެޔަކުވެސް އަހަރެމެން ބައްދަލުކުރަމެވެ. ރޭގަނޑުގެ ވަގުތު އެއްކޮށް އަހަރެން ގާތުފައި ހޭދަކުރުމަށްފަހު އިރުއަރައި ރަށު މީހުން ހޭލަން ވާއިރަށް ޒޯޔަ އޭނަގެ ގެއަށް ދެއެވެ. އެއީ އަހަރެންވެސް ބޭނުންވި ގޮތެވެ. އެރަށު މީހުންނަށް އެހާ އަވަހަށް މިގުޅުމާ ބެހޭ ގޮތުން އެނގޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
ޒޯޔާ އަހަރެންގެ ކައިރީގައި ނުހުންނަ ވަގުތުތަކުގައި އަހަރެންނަށް އަދިވެސް އެއްކަލަ ހިޔަނީގެ އުނދަގޫވެއެވެ. މިހާރު އޭތީގެ އުނދަގޫ މާ ބޮޑުވެއްޖެއެވެ. ނިދާފައި އޮއްވައި ގިޓާކުޅޭ އަޑު އިވިގެން ހޭލެވޭ ރޭތައްވެސް ގިނަވާން ފެށިއެވެ. އެކަމަކު މިފަހަރު އަހަރެން ޒޯޔައާ އެވާހަކައެއް ނުދައްކަމެވެ. އަހަރެންނަކީ މާރަނގަޅަށް ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ނުވާތީ ގޭގައި އުޅޭ ވަގުތުތަކުގައި އަހަރެން ފޯނާ ސްޕީކަރާ ކަނެކްޓުކޮށްގެން އަޑު ބާރުކޮށް ޤުރުއާން ޖަހަން ފެށީމެވެ. ޒޯޔާ އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފާނެތީ ރޭގަނޑު ޒޯޔާ ހުންނަ ވަގުތުގައި އަހަރެން ޤުރުއާން ނުޖަހަމެވެ.
އެގޮތަށް މާ ގިނަ ދުވަހެއް ނުވެއެވެ. އިރު އޮއްސުނު ވަގުތެވެ. އަހަރެން އުޅުނީ ފާހަނައިގައެވެ. އޭރު ހުރީ ޤުރުއާންވެސް ޖަހާފައެވެ. އަހަރެންގެ ފޯނު އޮންނާނީ އެނދުމަތީގައެވެ. ކުއްލިއަކަށް ޤުރުއާނުގެ އަޑާއެއްވެގެން އަހަރެންނަށް އެހެން އަޑެއް އިވެން ފެށިއެވެ. އަހަރެން ބިރުން ތުރުތުރުލާން ފެށިއެވެ. ޤުރުއާނުގެ ރާގާ އެއްވަރަށް ގިޓާކުޅޭ އަޑު އިވުމުންނެވެ. އަހަރެން ވަރަށް ބިރުން ހުރެ ފާޚަނާއިން ނުކުތީމެވެ. އަހަރެންގެ ގިޓާ އަހަރެންގެ ކޮޓަރިތެރޭގައެއް ނެތެވެ. އެދުވަހު ހަވީރު ގޭ ބޭރު ޖޯލިފައްޗަށް ނުކުތްއިރު ގިޓާ ބޭރަށް ނެރެފައި އެތެރަށް ނުވެއްދޭކަން ހަނދާންވީދެނެވެ.
އަހަރެން ގޮސް ފޯނު ނަގައި ޤުރުއާން އޯޑިއޯ ޕޯސްކޮށްލީމެވެ. އަދި ގިޓާ ބަލައި ބޭރަށް ދިއުމަށް ދޮރު ހުޅުވާލީމެވެ. އެއާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ލޯބިވާ ގިޓާ އެއޮއްގެން އަނދަނީއެވެ. ކޮޓަރިން ނުކުންނަން އަހަރެން ދެން އެޅި ފިޔަވަޅު ހުއްޓުނީ ކުރިމައްޗަށް އެރި ބޮޑު އެއްޗެއް ފެނިފައެވެ. ބޮޑު ދެފިޔަ ލާފައި ހުރި އެއްޗެކެވެ. އެއެތީގެ ހަށިގަނޑު ހުރީ ނާށި އަނދާ ހުލިވެފަ ކުޑަކޮށް އަލިފާނުގެ އަސަރު ހުންނައިރު ހުންނަ ގޮތަށެވެ. އެއީ ދުން ނާރާ އަލިފާނެކެވެ. އެއެތީގެ ހަށިގަނޑުން އާވިވެސް އަރައެވެ. އަހަރެންގެ ކައިރިއަށް އެއެތި ލެފުމުން އަހަރެންވެސް ހޫނުވެ ދާހިއްލަން ފެށިއެވެ. ކުއްލިއަކަށް ބިރުވެރި އަޑަކުން އެއެތި ވާހަކަ ދައްކަން ފެށިއެވެ.
" ކަލޭ މި މިއުޒިކު ކުޅޭތީއޭ މަގޭ ލޯބިވެރިޔާ މަދޫކޮށްފަ ކޮންމެ ރެޔަކު ކަލޭ ކައިރިއަށް އެ އަންނަނީ. ފުރަތަމަ ރޭ ގިޓާގެ ނަރު ނެއްޓުމުންވެސް ރަނގަޅު ފިލާވަޅެއް ލިބުނު ނަމަ މިއަދު މި މަންޒަރު ދެކޭކަށް ނުޖެހުނީހެންނު. ޒޯޔާ އަހަރެންނާ ރުޅިވީ ކަލޭއާ ހެދި. މިރޭ އަހަރެން ކަލޭވެސް އަންދާލާނަން." އެހެން ބުނެފައި އެއެތި އަހަރެންނާ ހަމައަށް އައުމުގެ ކުރިން އަހަރެން ފޯނުން ޤުރުއާން އޯޑިއޯ ޕްލޭ ކޮށްލީމެވެ. އާޔަތުލް ކުރުސީގެ އަޑު އިވުމާއެކު އެއެތި އުދުހިގެން ގޮސް އޮބާލާފިއެވެ.
އަހަރެންވެސް ހަމަ އެރޭ ފުރައިގެން މަތިން މާލެ އައިސްފީމެވެ. ޒޯޔާއާ ދުރަށެވެ. މިއުޒިކާވެސް ދުރަށެވެ. ފަހަކުން އަހަރެންނަށް އޭތީގެ އުނދަގުލެއް ނުވެއެވެ. އަބަދުވެސް އަހަރެން ޤުރުއާން ޖަހައިގެން އުޅޭތީކަން ނޭނގެއެވެ. ޤުރުއާނަކީ މިއަދު އަހަރެންގެ މިތުރެވެ. ހިތުގެ ހަމަ ޖެހުމެވެ. ދެން ހަމަ ޔަޤީނުންވެސް އެފަދަ ބިރުވެރިކަމެއް ދިމާވެއްޖެނަމަ އެންމެ ކުޑަމިނުން ކުރުސި ކިޔަވާލަން އަހަރެންނަށް އެނގޭނެއެވެ. އަހަރެންނަށް ޤުރުއާނުން ރައްކާތެރިކަން ލިބިދޭނެއެވެ.
ނިމުނީ.
Varah salhi
Varah reethi
މާޝާ ﷲ ވަރަށް އިބުރަތްތެރި ވާހަކައެއް... ?
Masha allah vrh iburai theri vaahaka eh
އިންސާނުން ހިތުހުރިގޮތަކަށް މި ދުނިޔޭގައި އުޅެވޭނެކަމަށް ނުދެކޭތި. ﷲއަށް ބިރުވެތިވާންޖެހޭނެ. ވާހަކަ ވަރަށް ސަޅި.
Varah reeth vaahaka eh masha Allah ?
ވަރަށް ސަޅި ވަާހަކައެއް
😊
❤️❤️
ވަރަށް އިބުރަތްތެރި
ވަރަށް ރީތި އަދި ޢިބްރަތްތެރި ފިލާވަޅެއް ލިބިގެން ދިޔަ ވާހަކައެކެވެ
ވަރަށް ކުރު އެހާމެ ސަޅި ވާހަކައެއް..