އަވަސް ހިނގުމެއްގައި އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެންގެ ހެދުމު ފަސްބައިގައިހިފައިގެން 8 އަހަރުގެ އީޝާވެސް އަހަރެންނާއެކު ނުކުތެވެ. ކާފަ ބޭރަށް ދާން ނުކުތް ހަބަރު އަހަންނަށް ދިނީ އީޝާއެވެ. އަހަންނަށް ނުކުމެވުނުއިރު އަހަރެންގެ ބަފައިބެ ގެއިން ނުކުތުމަށް ފައިވާނަށް އަރަން ހުއްޓެވެ. ލޯ ބޮޑުކޮށްލަމުން އަހަރެން ބަލާލީ ސޯފާގައި ފޯނާ ކުޅެންއިން ޝަހުދުގެ މޫނަށެވެ. އިއްތިފާގަކުން ނަމަވެސް އެއީ ޝަހުދަށްވެސް ބަލައިލެވުނު ވަގުތެވެ. އަހަރެން ދެލޯ ވައްކޮށްފައި ބަލާލިގޮތުން އޭނަގެ ބައްޕަ ގެއިން ނުކުންނަން އުޅޭ މަންޒަރު ފެނި ވެގެން އުޅޭގޮތް ޝަހުދަށް ވިސްނިއްޖެއެވެ.
" ބައްޕާ. އެވަރަށް ބުނީމަވެސް ބޭރަށް ދަނީތަ؟ މާލެއަށްވެސް އެބަލި އެހެރަ ފެތުރެނީ ބަލަބަލައި ތިއްބައި"
ޝަހުދު ގޮވާލިއެވެ. އެހެންނަމަވެސް އަޑު އިވުނުކަމަށްވެސް ނަހަދައި ބައްޕަ ނުކުމެގެން ހިނގައްޖެއެވެ. ޝަހުދު ބަލާލީ އަހަރެންގެ މޫނަށެވެ.
" އަހަަރެން ދައްކާ ވާހަކަ ޝަހުދަށް އިވޭ ނަމައެއްނު އެހެންމީހަކަށް އެއްޗެއް ވިސްނޭނީ. ހަތަރު ކުދިން ގޮވައިގެން އަހަރެން މިއުޅެނީ. ކަންތައް ބޮއްސުންލީމަތަ ޝަހުދު ހޭއަރާނީ "
" ތިދެން ކިހާ ދެރަކަމެއް. ބައްޕަ ނުދާނެ މީހަކު ހުރި ތަނަކަށް. ގޮތްދޫނުކުރާ މީހަކު ބަނދެގެން މަށަށް އުޅެވޭތަ. "
" ފުރަތަަމަ ޝަހުދު ގޭގަ ހުރެގެނެއްނު އެހެންމީހަކު ގޮތްދޫނުކުރާ ވާހަކަ ދައްކަން ޖެހޭނީ. "
އައިސްފައި ހުރި ރުޅީގައި ކޮޓަރިއަށް ވަދެ ބަންކިޔާފައި އަހަރެން ދޮރުޖެހީމެވެ. ވާނީވެސް އެހެންތާއެވެ. ޗައިނާއިން އުފަންވެގެންއައި ނުރައްކާތެރި ބަލިމަޑުކަމެއްގައި މުޅި ދުނިޔެ ހައްޔަރުވެއްޖެއެވެ. ކޮވިޑް 19ގެ ނަން ދެވުނު ނުރައްކާތެރި ބައްޔަަށް ފަރުވާއެއް ނުލިބި އެތައްހާސް ބަޔަކު އެދަނީ މަރުވަމުންނެވެ. މުޅި ދުނިޔެ ފުރަބަންދަކުން ބަނދެލައިފިއެވެ. ބަލަބަލައި ތިއްބާ މާލޭގެ އެކި ސަރަހައްދުތަކުން ބައްޔަށް ފައްސިވާ މީހުން އެހެރަ ދަނީ ގިނަވަމުންނެވެ. އަހަރެންގެ ބަލި މަންމައާއި ތިއްތަ ވީ މާލޭގެ ކުލީ ކޮޓަރި ގަނޑެއްގައި ބަންދުވެފައެވެ. އެއްފަހަރު ކެއިއްޔާ އަނިއްފަހަރު ނުކައެވެ. މިއަދު ހެނދުނު މަންމަ ހުރީ ސައިނުބޮއެކަން އެނގުނު ފަހުން އަހަރެންގެ މުޅި ދުވަސް މިދަނީ މިކަހަލަ ގޮތަކަށެވެ. މަންމައަށް ރަށަށް އާދެވޭނެ ދުވަހެއް ބުނަންވެސް ނޭނގެއެވެ. އަނިއްކޮޅުން ފަހަރަކު ރަށެއް މިހިރަދަނީ ބަންދުކުރަމުންނެވެ. އަހަރެންގެ ހަގުދަރިފުޅު ރޯގާވައްތަރުވެ މިދުވަސްކޮޅު ކެއްސާތީވެސް އަހަރެން މިހުންނަނީ ޖެހިލުންވެފައެވެ. މިކަންކަމާހުރެ އަހަރެން ޑިޕްރެޝަންއަށް ހިނގައްޖެއެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެނބި ހުސްވެއްޖެއެވެ. ކުރިން އަހަރެންނަކީ އެހާ ފަސޭހައިން ރުޅި އަންނަ މީހެއްނޫނެވެ. ކުދިކުދި ކަންކަން ބޮޑުކޮށްލައި ޖަދަލު ކުރުމަކީ އަހަރެންގެ އާދައެއްނޫނެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އަހަރެންނަށް މިވަނީ ކިހިނެއް ކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ.
ދަރިންކޮޅު ބަނޑުދަށުލައި ފޮރުވައިގެން އަހަރެން ގޭގައި މިއޮންނަނީ ހިނދުކޮޅަކަށްވެސް އެކުދިންނާ ވަކިވާން ޖެހިދާނެތީ ބިރުންނެވެ. ދެންހުރީ ޝަހުދެވެ. ޝަހުދަށް ކަމެއްވެއްޖެ ނަމަ އަހަރެމެންނަށް ވާނީ ކިހިނެއްހެއްޔެވެ!. މުޅި އުންމަތް މިވަބާއިން ސަލާމާތްކޮށްދެއްވުމަށް އެދި ކެނޑިނޭޅި އަހަރެން މިއަންނަނީ ދުއާ ކުރަމުންނެވެ. އެހެންނަމަވެސް ގޭގައި ތިބި އެހެންމީހުން މިކަމުގެ ފިކުރެއްނެތެވެ. ޝަހުދުވެސް ރުޅި އަންނަނީ އަހަރެންދެކެއެވެ. އަަހަރެން މާވަރަކުން އުޅެނީއެވެ. އެހެންވާނެ ތާއެވެ. އަހަރެންނަކީ މައެކެވެ. މައިކުލުނު ބަފައި ހިތަކު ނުވާނެތާއެވެ. ވާނަމަ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެކުދިންނާ އަހަރެންގެ ހިމާޔަތުގެ ފަތްގަނޑަކަށް ވާނީ ޝަހުދެވެ. އާދޭސްކޮށް ސަލާން ޖަހަން އަހަރެން ނުޖެހުނީހެވެ.
ރުޅިއައިސްގެން އަހަންނަށް މިފަހަރުވެސް ރޮވިއްޖެއެވެ. އަހަންނަށް ކުރެވޭނީވެސް އެނޫން ދެން ކޮންކަމެއް ހެއްޔެވެ. މީ މިހާރު ކޮންމެ ދުވަހެއްގެ ހާލަތެވެ. އިރުގަަނޑަކަށްފަހު އަހަރެން ނުކުތްއިރު ޝަހުދުވެސް ގެއަކު ނެތެވެ. އަހަންނަށް ބަލާލެވުނީ ކުޅެންތިބި މައުސޫމު ތިންކުދިންނަށެވެ. އަދުގެ ހާލަތާމެދު އެކުދިންގެ ހިޔާލެއް ފިކުރެއްނެތެވެ. އެކުދިން ރައްކާތެރިކޮށްދެން އަހަރެންނޫން އެކަކުވެސް ނެތެވެ. އަހަރެންގެ ހިތާމައިގެ ފޮލާ ވިއްސިވިހާލި ކޮށްލީ ފޯނުގެ ރިންގުގެ އަޑެވެ. އަހަރެންގެ ބެސްޓުފުރެންޑު ނަދީމާގެ ކޯލެކެވެ. ލޯ ފޮހެލަމުން އަހަރެން ފޯނުނަގައި ކަންފަތު ޖައްސާލީމެވެ.
" ހަލޯ "
" އޭތް ޝިޔު. އަޅެ ހިނގާބަލަ މަށާއެކު އިބުރޭ ފިހާރައަށް. މިރުސްފޮށިތަށްވެސް މީހުން ގެންގޮސް އެބަ ހުސްކުރެޔޯ. "
ނަދީމާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަހަރެންނަށް ނިތްކުރީގައި ފިރުމާލެވުނީ ދެފަރާތަށް ބޯ ހޫރުވައިލަމުންނެވެ. ނަދީމާއާއި އެކު އެންމެފަހުން އަހަރެން ފިހާރައަށް ދިޔައީ އިއްޔެއެވެ. މަދުވެގެން ހަފްތާއަކަށް ވާވަރަށް ގެއަށް އެއްޗެހި ގަންނަން އަހަރެން ކުރިހާ އާދޭހަކަށް ނަދީމާ ދިނީ ބީރުކަންފަތެކެވެ.
" އަހަރެން ބޮލުގަ ރިއްސާތީ މިއުޅެނީ. މަރީއަށް ގުޅާލަންވީނު."
އަހަރެން ނުދާން ބަހަނާއެއް ދެއްކީމެވެ.
" ދެން ކަންތައް ބޮޑުނުކޮށް ހިނގާބަލަ."
" އަހަރެންތަ އަދިވެސް ކަންތަައް ބޮޑުކުރަނީ. ނަދީ ކައިރީ ކިތައްފަހަރު ބުނެވިއްޖެ ލިސްޓެއް ހަދައިގެން ފިހާރައަށް ހިނގާށޭ. އެކަމަކު ބުނާގޮތެއް ހަދައިގެން ނުވޭ. އެހެންނު ވާނީ. ޒަރޫރީ ބޭނުމެއް އެބަޖެހޭ އަބަދުވެސް ފެންނަ ހިސާބުގަ ބާއްވަން. ދުވާލަކު ދެއިރު ދެދަޅައަށް ފިހާރައަކަށް ނުދެވޭނެތާދޯ އެއްފަހަރުން ގަނެލީމަ ގަންނަން ޖެހޭ އެއްޗެއް."
އަހަރެން ވާހަކަ ހުއްޓާލީ ނަދީމާ ފޯނު ކަނޑާލުމުންނެވެ. ރުޅި އަޔަސް އަހަންނަށް ވަރިހަމައެވެ. ގޭގައި މަޑުން ނޯވެވެންޏާ ބޭރަށް ދިޔައީމަ ވީނޫންހެއްޔެވެ. އިރު އިރުކޮޅާ އަހަރެންނަށް ކޮން އުނދަގުލެއް ކުރާކަށް ހެއްޔެވެ.
ގޭތެރޭގައި އަވަދި ނެތި އުޅެމުންވެސް ހަބަރުތައް ގަވައިދުން އަހަރެން ބަލަމުން ދިޔައީމެވެ. ދުވަހަކަށްވުރެ ދުވަހެއް މާލޭގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ރާއްޖެ ތެރޭގެ ރަށަކުން މީހަކު ފައްސި ވެއްޖެއެވެ. މުޅި އެރަށް ބަންދު ކޮށްލައިފިއެވެ. ޖެހިގެންއައި ދުވަހު ކަނޑު ބޯއްޓަކުން ރަށަކަށް ދިޔަ މީހަކު ފައްސިވެއްޖެއެވެ. ހަމަ އެއާއިއެކު ބޯޓުން ދަތުރުކުރި އެންމެން ބަންދު ކޮށްފިއެވެ. މަންމައަށް ގުޅާ ހާލު ބެލުމާ، ދުއާ ކުރުން ނޫން ކަމެއް އަހަރެންނަކަށް ނެތެވެ.
" ޝަހުދު މިރޭވެސް ބޭރަށް ދަނީތަ؟ "
ކުދިންކޮޅު ނިންދަވާފައި އަހަރެން ކޮޓަރިއަށް ވަތްއިރު ޝަހުދު ހުރީ ޑުރެސިންގ ޓޭބަލް ކުރިމަތީގައެވެ.
" ދެރަކަމެކޭދޯ މީ. ވަޒީފައިން ކެޑެންވީތަ އަހަރެން "
ޝަހުދު ފުރަތަމަވެސް އައީ ރުޅިއެވެ.
" އޮފީސް އެއޮތީ ބަންދު ކޮށްފައެއްނޫންތަ؟ "
އަހަރެންވެސް ރުޅި އަންނަ ގޮތްވިއެވެ.
" ދެން ނެތްތަަ މަކުރަން ޖެހޭ މަސައްކަތެއް.؟ "
" މިގަޑީގަ ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނާނެ. އަހަންނަށް އެނގޭނެ ދާން މަޖުބޫރު ވީމަ ދެން އެހެންގޮތެއް ނެތްކަން. އެކަމަކު ތީ..."
" ބޭކާރު ވާހަކަ ނުދައްކާ "
ޝަހުދު ނުކުމެގެން ދިޔައީ އަހަރެންގެ ވާހަކަ މެދުކަނޑާލާފައެވެ. ބައްޕަ ގެއަށް އައިސްވަނީ އެވަގުތު ކަމުން އަހަންނާ ޝަހުދުގެ ޒުވާބު ބައްޕައަށް ރީތިކޮށް އަޑުއިވުނެވެ.
" ކޮންހާ ޒުވާބެއްތަ މަންޖެ މިހާރު ތިކުރަނީ؟ ޖެހެންހުރި ބައްޔެއް ޖެހޭނެ އެނދު ތަންދޮށަށް ވަދެ ފިލާ އޮތަަސް"
ބައްޕަ ގެނައި އަނބު ކޮތަޅު އަހަރެންނަށް ދިއްކޮށްލިއެވެ.
" ބައްޕަ ދާންވީނު ކަނޑަށް ފުންމާލަން. އިރާދަފުޅުގަ ގެބެން ހުރިއްޔާ ބައްޕަ ގެބޭނީ"
ބަފައިބެ ކުރިމަތީ އަހަރެން ދުވަހަކުވެސް އެނޫނީ އެއްޗެއް ނުބުނަމެވެ. އަހަރެންގެ ބަސްމަގު ހުރި ރާގުން ބަފައިބެއަށް ސިހުމެއް ލިބުނެވެ. އެހެންނަމަވެސް ބުނެވުނު ބަހަށް ކުޑަވެސް ލަދުވެތި ކަމެއް އެވަގުތު އަހަންނަށް އިހުސާސެއް ނުކުރެވުނެވެ. އެހާ ބޮޑަށް އަހަރެން ހުރީ ހިތްހަަމަ ނުޖެހިފައެެވެ.
ޖެހިގެންއައި ދުވަސް ވެގެން ދިޔައީ އަހަރެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް ކުރިމަތިވި ދުވަހަކަށެވެ. މަންމަ ގުޅާލާފައި އަހަންނަށް ދިން ހަބަރަކުން އަހަރެންގެ ހޭބުއްދި ފިލާ ނުދިޔައީ ކިރިޔާއެވެ. ރަށު ކުއްޖެއް ކަމަށްވާ ނާދު ފެތުރިފައި މިވާ ކޯވިޑް 19 އަށް ފައްސިވުމާއެކު ރަށް އެކީ ބަންދުކޮށްލި ހަބަރާއެކު ކުރަންހުރި މަސައްކަތް ހުއްޓާލާފައި ގޮސް އަހަރެން ވަނީ ކޮޓަރިއަށެވެ. ނިދާފައި އޮތް ޝަހުދު ކޮނޑުގައި ހިފައި ތަޅުވައިގަނެވިއްޖެއެވެ. ޝަހުދު ބަލައިލީ ސިހިފައެވެ.
" ނާދު ފައްސި ވެއްޖެ. "
އަހަރެން އެހަބަރު ޝަހުދުއަށް ދިނީ ގިސްލެވިފައި ހުރެއެވެ.
" އޭނ؟ "
ޝަހުދު ކުއްލިއަކަށް ތެދުވެ އިށީދެއްޖެއެވެ. ޝަހުދަށް ވީގޮތުން އަހަރެންނަށްވެސް ލިބުނީ ސިހުމެކެވެ.
" އާނ.. އޭނަ މާލެ އެދިޔައީ މިރަށު އުޅެފަ. އަނިއްކާ ޝަހުދު ދިމާވިތަ އޭނައާ؟."
ޝަހުދަށް ވީގޮތުން އަހަންނަށް ސުވާލު ކޮއްލެވުނީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ.
" އަހަރުމެން މަސްދަތުރުގަ ނާދު ބައިވެރިވި"
ޝަހުދުގެ ބުނެލި ޖުމްލަ އަޑުއިވުނުހިނދު އަހަންނަށް ހީވީ މިޔަތޫނު ހަންޖަރެއް މީހަކު އަހަރެންގެ މެއަށް ކޮއްޕާލިހެެެނެވެ. ޝަހުދު ގައިން ދޫކޮށްލެވުނު ގޮތްވެސް ނޭނގުނެވެ. ހާސްވެ ނިއްކުރިން އޮށްދާހިއްލާލާފައި ހުރި ޝަހުދު ބަލާލީ އަހަރެންގެ މޫނަށެވެ. އިތުރަށް އެންމެ ފަޅި ސިކުންތުވެސް އެތަނުގައި މަޑުނުކޮށް އަހަރެން ބޭރަށް ނުކުތީމެވެ. ދުވެފައި ގޮަސް ކުދިންކޮޅު ގޮވައިގެން އެކުދިންގެ ކޮޓަރިއަށް ވަދެ ދޮރުޖަހާ ތަޅުލި ގޮތަށް އަަަހަރެން ބަނޑިފަޅައިގެން ހިނގައްޖެއެވެ.
ރަށުން ނާދުއާއި ބައްދަލުވި 25 މީހުންގެ ތެރޭ ޝަހުދު ހިމެނުނެވެ. މުޅި ރަށް ކުއްލިއަކަށް ފަޅުވި ކަހަލައެވެ. ކެނޑިނޭޅި އަހަރެންނާ ޝަހުދު ދުއާ ކުރީ ނަތީޖާ ނައްސި ވުމަށް އެދިއެވެ. އެހެންނަމަވެސް އޭރު މާލަސްވެއްޖެއެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ދަރިންނަަށްޓަކައި ނަމަވެސް ގޭތެރޭ މަޑުކޮށްލަދިނުމަށް އެދި އަހަރެން ކިހާ އާދޭހެއް ކުރިން ހެއްޔެވެ. އެހެންނަމަވެސް އަހަރެންގެ އާދޭހަށް ދިނީ ބީރުކަންފަތެކެވެ. ކަންތައްތައް ގޯސްވެފައި އޮތް މިންވަރު ބައްޕައަށްވެސް އަދި ޝަހުދުއަށްވެސް ވިސްނުނީ ކޮވިޑް 19 އައިސް ގޭގެ އޮޅިގަނޑު ގިރާކޮށް ގޭގެ ދޮރުން އެތެރެއަށް ބޯ ދިއްކޮށްލި ފަހުންނެވެ.
ނިމުނީ
Ma birun his halaaku vejje. Varah reethi vaahakaehh.
ކޮން ދުވަހަކުތަ މައިދައިތަ ގެނެސްދެނީ
Maidhaitha vahaka fonuvafa innanee . Pajeh aruvan lasvanee
ވަރަށް ރީތި.... ????
Salhi vhk eh... rangalhu muhimmu filaavalheh..l
nimun ehaa kamakaku nudhey ! Ekam vaahaka hiyaalu varah salhi.
V iburaitheri ❤️❤️❤️???????
Nice story
ވަރަށް އިބުރަތްތެރި މާ ވާހަކަ 🌹🌹🌺
ރީތި💜💜💜
ރީތި....