2364 55

ރާއިފް ދެރަވަނީ ރާއިފްއަށް ނޭނގި މިނަލް ނުވެސް ދަންނަ އެހެން ރަށަކަށް ދިޔައިމައެވެ. ކޮން ހިސާބެއްގެ ކޮން ކަހަލަ ބަޔަކު އުޅޭ ތަނެއްކަމެއްވެސް އެނގެނީއެއް ނޫނެވެ. ގުޅޭނެގޮތެއް ވާހަކަދެއްކޭނެ ގޮތެއްވެސް ނެތެވެ. ރާއިފް އިނީ ގޮތްހުސްވެފައެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. މިނަލް ދިޔަ ތަނެއް ހޯދައިގެން އޭނަ ގެންނަން ވީ ކަމެއް އަމިއްލައިން އަންނަންދެން ބަހައްޓަންވީ ކަމެއް ނޭނގިފައެވެ.

***

ގަޑިން ގާތް ގަނޑަކަށް 10 ޖަހަންދެން މިނަލް އެތަނުގައި އިނެވެ. ރޭގައިވެސް އެއްޗެއްނުކައި ހުރުމުން މިހާރު ހުރީ ބަނޑުން އަޑު ގޮވާ ވަރު ވެފައެވެ. ކޮންމެވެސް ގޮތެއް ހޯދަން ނިންމައިގެން ރަށުތެރެއާއި ދިމާއަށް ހިނގައިގަތެވެ.

މިނަލް ހަދާފައި ނުހަދާނެ ގޮތެއް ނޭނގިގެން މަގުތަކުގައި ހިނގަމުންދިޔައެވެ. މެންދުރުވާން ކައިރިވަމުން ދިޔުމުން އިރުގެ ހޫނުކަންވެސް ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. ބޯނެ ފެންފޮދެއްވެސް ހޯދާނެ ގޮތެއްނެތެވެ. ބަނޑަށް ލާނެ ކާއެއްޗެއްވެސް ހޯދޭނެ ގޮތެއްނެތެވެ. ރަށުތެރެއިން ހިނގަމުން ދަނިކޮށް ތާނގި ބަރިއެއް ބަހައްޓާފައި ހުރި ތަނެއް ފެނުނެވެ. ތާންގިތަކުގައި ހުރީ އިސްކުރުބަރިއެއްވެސް ގުޅާފައެވެ. އެތަނުން ފެނުން ކޯކު ހުސްކުރި ފުޅިއެއް ނަގައި ވަރަށް ރަނގަޅަށް ފެނުން ދޮވެލުމަށް ފަހު އެ ފުޅިއަށް ފެން އަޅައިގެން އަވަސް އަވަހަށް މިނަލް ބޯންފެށިއެވެ. ފެންބޮއެ ނިމިގެން ތާންގީ ބަހައްޓާފައި ހުރި އެތި މަތީގައި މިނަލް އިށީނދެލިއެވެ. އެތަނުގައި ހުރި ޖޭމުގަހެއް ދަށުގައި މިނަލްއަށް ބަލަން ހުރެފައި ދުވެފައި ގޮސް ގެޔަށް ވަން ގާތްގަނޑަކަށް 9 އަހަރުގެ އަންހެންކުއްޖެއް މިނަލްގެ ލޮލުގައި އަޅައިގަތެވެ.

“މަންޖޭ. ކިހިނެތްވެފައި މިތާނގަ ތި އިންނަނީ؟” އެ ކުޑަ އަންހެންކުއްޖާއާއި އެކު ގާތްގަނޑަކަށް 35 ވަރަކަށް އަހަރުގެ އަންހެނެއް އައިސް މިނަލް ކައިރީ އަހައިލިއެވެ.

“ކަމެއްނުވޭ. ދާނެ އެހެން ތަނެއް ނެތީމަ މި އިނީ.” މިނަލް އެއިންގޮތަށް އިނދެ ބުންޏެވެ.

“މި ޔުމްނާ ދެންމެ ގެޔަށް ވަދެފައި އެ ބުނީ މިހެން ލައިގެން އައި ދައްތައެއް މިތަނުން ފުޅިއެއް ނަގައިގެން ތާންގީއިން ފެންބޮއެފިއޭ.” ޒުހުދާ މިނަލް ކައިރި އިށީން ނަމުން ބުންޏެވެ.

މިނަލް ޒުހުދާގެ މޫނަށް ބަލައިލިއެވެ. ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް އަނގައަކުން ބަހެއް ބޭރެއް ނުވިއެވެ. ވާހަކަ ނުދެއްކި މިނަލްއަށް ރޮވެންފެށީއެވެ. ކުޑަކުޑަ ޔުމްނާ ވަރަށް ދެރަވެފައި މިނަލްއާއި ދިމާއަށް ބަލަން ހުއްޓެވެ.

“އަހަރެންގެ ފިރިމީހާއާއި ޖެހުން މައްސަލައެއްގައި ގެއިން ނުކުންނާށޭ ބުނީ. އޭނަ އަހަރެން ހޯދާކަށްވެސް ނޫޅޭ. އަހަރެން ދައްކާ ވާހަކަ އަޑު އަހާކަށްވެސް ނޫޅޭ. ދެން ގެއިން ނުކުމެގެން ގޮސް ރަށަށް ނުދާންވެގެން މާލެ ބަނދަރުމަތިން ފުރަން ތައްޔާރުވެފައި އޮތް އެހެން ބޯޓަކަށް އަރައިގެން އައީ. ދެން ބަލާނީ މި ރަށުން ކޮންމެވެސް މަސައްކަތެއް ލިބޭތޯ.” މިނަލް މޫނު ފުހެލަމުން ބުންޏެވެ.

“އަހަރެން ބަލާނަން ކޮންމެސް ތަނަކުން މަސައްކަތެއް ހޯދައިދެވޭތޯ. އިހަށް ހިނގާ އަހަރެމެން ގެޔަށް. އަހަރެންނަށް ކިޔަނީ ޒުހުދާ. ކޮން ނަމެއްތަ ކިޔަނީ؟” ޒުހުދާ މިނަލް އަތުގައި ހިފާލަމުން ބުންޏެވެ.

“މިނަލް. ވަރަށް ބޮޑަށް ޝުކުރިއްޔާ.” މިނަލް ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ.

އެ ގެޔަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެޔެއް ނަމަވެސް ބޮޑު ގޯތިތެރެއެއް ލާފައި އޮންނަ ގެޔެކެވެ.
“މި ތަނުގައި އިށީނދޭ.” ސޯފާ ދައްކާލަމުން ޒުހުދާ ބުންޏެވެ.
މިނަލް ސޯފާގައި އިށީނުމުން ޔުމްނާވެސް އައިސް މިނަލް ކައިރީ އިށީންދެ އިންދެގެން އޭނަ ކުޅެން ގެންގުޅޭ ބައެއް އެއްޗެހި ނަގައި ދައްކަން ފެށިއެވެ.

“އަހަރެން މިއައީ އަހަރެންގެ ފިރިމީހާއަށް ގުޅާފައި މިނަލް މި ގޭގައި ބެހެއްޓިޔަސް ރަނގަޅުތޯ އަހާފައި. އަހަރެންގެ ފިރިމީހާއަކީ ވަރަށް ހިތްހެޔޮ މީހެއް، އޭނަގެ އެއްވެސް މައްސަލައެއް ނެތް މިނަލް މިތަނުގައި ހުރެގެންނެއް. އަހަރެންގެ ފިރިމީހާއަށް ކިޔަނީ ޒުބައިރު، އެއީ މި ރަށު ސްކޫލްގެ ޕްރިންސިޕަލް. މިގޭގައި އުޅޭނީ އަހަރެންނާއި ޒުބައިރުއާއި ޔުމްނާއާއި، އަހަރެން ނުހުރޭ އެެހެން އިތުރު ކުއްޖެއް.” ޒުހުދާ ޖޫސްތައްޓެއް ގެނެސް މިނަލްއަށް ދެމުން ބުންޏެވެ.

“ޝުކުރިއްޔާ ދައްތާ. ބޭބެ ކައިރި ބުނެގެން އަހަރެންނަށް އެންމެ ރަނގަޅު ސްކޫލުން މަސައްކަތު މީހެއްގެ ވަޒީފާ ހޯދައިދިނަސް، ކޮންމެވެސް މަސައްކަތެއް އަަހަރެންނަށް ހޯދައިދީ. ކަމެއް ނުކޮށް ދައްތަމެން ކައިރި ހުންނަންވެސް ލަދުގަނޭ.” މިނަލް ޖޫސް ފޮދެއް ބޯލަމުން ބުންޏެވެ.

“އަހަރެންވެސް ބަލާނަން. ދެން މި ގޭގައި ހުންނަންޔާ ގޭގެ ކަންކަން އަހަރެންނަށް ކޮއްލަދީ، އޭރުން ބަހައްޓާދޭނަން.” ޒުހުދާ ހިނިތުންވެލަމުން ބުންޏެވެ.

ހުރެވޭނެ ތަނެއް އަދި ކުރާނެ މަސައްކަތެއް ލިބުމުން މިނަލް ހިތްހަމަޖެހުން ނަމަވެސް އެޔަށް ވުރެ ބޮޑަށް ހިތުގައި ރިހެމުން ދިޔައީ ރާއިފް މަތިން ހަނދާންވެފައެވެ. ރާއިފް މިނަލް ހޯދަން ނޫޅޭކަން އެނގޭތީއެވެ. ގައިމު މިނަލް ދިޔަ ތަނެއް ނޭނގިގެން ރާއިފް ހޯދަން އުޅޭނަމަ ފުލުހުންވެސް މިނަލް ހޯދަން އުޅުނީހޭ މިނަލް ހިތަށް އަރަމުން ދިޔައެވެ.

***

“ދޮންބޭ، އަހަރެން ދެން ކިހިނެތްތަ ހަދަންވީ؟ މިނަލް އެދިޔައީ އަހަރެން ކައިރި ބުނެވެސް ނުލާ، ދިޔަ ތަނެއްވެސް ނޭނގެ. ހޯދަން ވެގެން މައްސަލައެއް ޖެއްސިޔަސް މުޅި ރާއްޖެއަށް އެނގޭނެ. އޭރުން މީހުން އަހަރެންނާއި ދޭތެރޭ ދެކެނީ ކިހިނެތް؟ މަންމަމެންގެ އަގުވެއްޓޭނެ، މިނަލް ކުރި ކަންތައް އަހަރެން ބޭނުމެއް ނުވޭ އެހެން މީހަކަށް އެނގޭކަށްވެސް، އެކަމަކު އޭނަ ހޯދަންވެސް އަހަރެން ބޭނުން.” ރާއިފް ހޮސްޕިޓަލުން ގެޔަށް އައިސް ރަޝީދު ކައިރި ބުންޏެވެ.

“ތި ދެއްކީ ހުސް ތެދު ވާހަކަ. ދޮންބެއަށް ފެންނަނީ މިނަލް އަންނަން ދެން ކޮއްކޮ މަޑުކުރަން، ދޮންބެއަށް ހީވޭ އޭނަ އަންނާނެހެން. އެހެންނޫނަސް އޭނަ ކުރިކަމެއް ވިއްޔާ ކުރީ. ރުޅިއައިސްގެން އެއްޗެއް ނުބުނެ ހުރެވޭ ކަހަލަ ކަމެއްނޫން ކުރީ، އަނެއްކާ ކޮއްކޮ މިތަނުން ދާށޭ ބުނީމަ ނުޖެހޭ ކޮންމެހެން އެހެން ރަށަކަށް ނުބުނެ ދާކަށް. ކޮއްކޮ އޭނަ ފަހަތުން އާދޭސް ކުރާނެ ކަމެއް ނެތް. ދެން އަހަރެމެން ފާރަލާންވީ ހުނައިފްއަށް، ހުނައިފްއަށް އެނގިދާނެ މިނަލް ވީ ތަނެއް. ހުނައިފް ދާ ތަންތަނާއި ބައްދަލު ކުރާ މީހުން އަހަރެމެން ބަލަން ވީ، ދޯ ރާއިދު؟” ރާއިދުއަށް ދޯ ދެމުން ރަޝީދު ބުނެލިއެވެ. ރާއިދުވެސް ބޯ ޖަހާލިއެވެ.
ރަޝީދުގެ މި ހިޔާލަށް ރާއިފްވެސް ތާއީދުކުރިއެވެ. ނަމަވެސް ހުނައިފް ފަރާތުން ކަމެއް އެނގެންދެން މިނަލްއާއި ނުލާ ރާއިފް އުޅޭނީ ކިހިނެތްބާއޭ ރާއިފް ހިތަށް އަރަމުން ދިޔައެވެ. ސީދާ ސީދަލަށް ހުނައިފް ކައިރި އަހާއިގެން ނުބުނެފާނެއެވެ. އެހެންކަމުން ރާއިފްމެން ނިންމީ ހުނައިފްގެ އަމަލުތަކަށް ފާރަލާށެވެ.

***

ޔުމްނާގެ ކުޅޭއެއްޗެހިތައް ސިޓިންގރޫމަށް އަޅާލައިގެން މިނަލްއަށް ދައްކަން އިނދެ އެކިއެކި ވާހަކަތައް ކިޔައިދެމުންދިޔައެވެ. އޭރު ޒުބައިރު ސްކޫލު ނިންމާފައި އައިސް ގެޔަށް ވަދެއެވެ.

“ބައްޕާ. މީނި މިއަދު މިގެޔަށް ގެނައި ދައްތައެއް. ޔުމްނުއާއި އެއްކޮށް ކުޅެން.” ޔުމްނާ ޒުބައިރުއާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.

މިނަލް އެނބުރިފައި ޒުބައިރުއާއި ދިމާއަށް ބަލައިލިއެވެ. މިނަލް ހިނިތުންވެލީ ނަމަވެސް ޒުބައިރު ފާޑަކަށް މިނަލްއަށް ބަލަހައްޓައިގެން ހުރީއެވެ.

“ސާބަސް ޒުބައިރު. އެ ކުއްޖާ ބިރުގަންނަންދެން ބަލަން ހުރީތަ؟” ޒުހުދާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.

“ނޫނޭ. ކޮންމެސް ތަނަކުން ފެނުން މީހަކާއި ވައްތަރުވީމަ ހަނދާންވަންދެން މިހުރީ. އެކަމަކު ހަނދާނެއްނުވި.” ޒުބައިރު ބޯކަހާލަމުން ބުނެލިއެވެ.

“ހެދެއް މިނަލް ދެކުނިންތަ މި ބޭބެ؟” ޒުހުދާ އަހާލިއެވެ.

“ނޫން.” މިނަލް ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ.

“މިނަލްއަށް އެނގޭނެތަ ޔުމްނާއަށް ޓިއުޝަން ނަގައިދޭން؟ އަހަރެން ކައިރި ބުނި 10ގެ ނަތީޖާ ވަރަށް ރަނގަޅު ވާހަކަ. އޭރުން އަހަރެމެން ދޭނަން ކޮންމެވެސް އެއްޗެއްވެސް. ދެން އެހެން ވަޒީފާއެއް ހޯދައިދެވޭތޯވެސް ބަލާނަން.” ޒުހުދާ ބުންޏެވެ. ޖަވާބުގައި މިނަލް ބޯ ޖަހާލިއެވެ.

***

ހުނައިފްއަށް ފާރަލާތާ 2 ހަފްތާވީ އިރުވެސް އޭނަގެ ފަރާތުން އިތުރު އެހެން އެއްވެސް ފާހަގަކުރެވޭ ކަހަލަ ބަދަލެއް ނުފެނުނެވެ. ގެއިން އޮފީހަށް ދިޔުން ނޫން އިތުރު ތަނަކަށް ހުނައިފް ގޮސް ވަންނާތީވެސް ނުފެނެއެވެ. މިދުވަސް ތަކުގައި ރާއިފްގެ ހާލަކީ އެކަނި ގޭގައި އިނދެ ފިކުރު ކުރުމެވެ. މިނަލް އޭނައަށް ބޭވަފާތެރިވާން ޖެހުން ސަބަބެއް ވިސްނާ ވިސްނާވެސް ރާއިފްއަކަށް ނޭނގުނެވެ. ހިތް ބުނަމުން ދިޔައީ މިނަލް ބޭވަފާތެރިއެއް ނުވާނެއޭއެވެ. ނަމަވެސް ސިކުނޑި ވިސްނައިދޭން މަޖުބޫރުކުރުވަނީ ލޮލަށް ފެނުން މަންޒަރެވެ. ކޮންމެވެސް ނޭނގޭ ކަންތައްގަނޑެއް ތެރޭގައި އުޅެވޭ ކަމުގެ އިހުސާސް ރާއިފްއަށް ކުރެވެންފެށިއެވެ.

ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތު ރަޝީދު ބޭރަށް ނުކުންނަން ދިޔައިރު ހުނައިފް ގޭގެ ދޮރުމަތީ ފޯނެއްގައި ހުއްޓާފެނުމުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި މަޑުކޮއްލިއެވެ.

“އަހަރެން މި ނުކުންނަނީ ގެއިން. ދޭ ސިޓީ ގާޑެންއަށް. އާން މި ދަނީ މިހާރު.” ހުނައިފް މިހެން ބުނެފައި ސައިކަލާއި ދިމާއަށް ހިނގައިގަތެވެ. ރަޝީދު ވަގުތުން ފޯނުނަގައި ރާއިފްއަށް ގުޅިއެވެ. ތައްޔާރުވެގެން ރާއިދުއާއި އެކު ސިޓީ ގާޑެންއަށް އަންނަން އެދުނެވެ.

ރަޝީދު ފޯނު ކަނޑާލުމަށް ފަހު ސައިކަލަށް އަރައިގެން އެ ރެސްޓޯރެންޓާއި ދިމާއަށް ދުއްވާލިއެވެ. ރަޝީދު ގޮސް އެތަނުގެ ބޭރުގައި އިންދާ ހުނައިފް ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ނަމަވެސް އެތެރެއަށް ނުވަދެ ބޭރުގައި މަޑުކޮއްގެން 10 ވަރަކަށް މިނެޓު އިނެވެ. އެތަނަށް އައިސް މަޑުކުރި ޓެކްސީއަކުން ފޭބި އަންހެންކުއްޖަކާއި އެކު އެތެރެއަށް ވަންނަން ދިޔައެވެ.
ރަޝީދު އެތެރެއަށް ވަންނަން ދިޔަ އިރު ރާއިދުއާއި ރާއިފްއައިސް ސައިކަލު ޕާކުކުރެއެވެ.

“ވަދެއްޖެ ކޮންމެވެސް އަންހެން ކުއްޖެއް ގޮވައިގެން.” ރަޝީދު ރާއިފް ކައިރި ބުނެލިއެވެ.

“އަނެއްކާ މިނަލްތަ؟؟؟” ރާއިފްއަށް އަހާލެވުނެވެ.

“ނޫން. އަހަރެންނަށްވެސް މިނަލް ފާހަގަކުރަން އެނގޭނެ. ކުރު ހެދުމެއް ލާފަ ހުރީ. ވަރަށް މި ޒަމާނުގެ ކުއްޖެއް ކަން އެނގޭ ބަލާލާފަވެސް. ކޮންމެވެސް ތަނަކުން ފެނުންހެންވެސް ހީވޭ، އެކަމަކު ނޭނގެ.” ރަޝީދު ވާހަކަދައްކަމުން އެތެރެއަށް ވަދެގެން ދަމުން ކިޔައިދިނެވެ.
ހުނައިފް އިށީނދެ އިން މޭޒު ފެމުން އެތަނާއި ކައިރި މޭޒެއްގައި ރާއިފްމެން އިށީނެވެ. ނަސީބަކުން އެމީހުންނަކަށް ރާއިފްމެނެއް ނުފެނެއެވެ. ރާއިފް ގޮނޑީގައި އިށީންނަމުން އެއީ ކޮން އަންހެން ކުއްޖެއްތޯ ބަލައިލިއެވެ.

“ހަނާ…” ރާއިފްއަށް ހަނާގެ މޫނު ފެނުމުން ހައިރާންވިއެވެ. އަދި ރަޝީދުއާއި ރާއިދުއާއި ދިމާއަށް ބަލައިލިއެވެ.

“ނޭނގޭތަ އެ ކާކު ކަމެއް؟” ރާއިފް މިހެން އަހާލުމުން އެ ދެމީހުން ކޮނޑުއަރުވާލިއެވެ.

“އެއީ ހަނާއަކީ. މިނަލްގެ ކަޒިން. އަހަރެންނާއި ހެދި މޮޔަވެގެން އުޅުނީ މީނަ. މިނަލްއަށް ވަރަށް ހަސަދަލާނެ މީނަ. މިހާރު އެބަ އެނގޭ މި ވާ އެތި.” ރާއިފް މުއްކަވާލަމުން ބުންޏެވެ.

“މީތަ ވެޑިންއަށް ގޮސް ތިބި އިރު ކިޔައިދިން ހަނާ އަކީ؟؟” ރާއިދު ދެ ލޯ ބޮޑުކޮށްލަމުން އެހިއެވެ.

“އާން. އެހެންވެ ފެނުންހެން އެ ހީވީ. އެރޭ ޕާޓީއިން ފެނުނީމަ.” ރަޝީދު ވިސްނަން އިނދެފައި ބުނެލިއެވެ.

ހުނައިފް އިނީ ރާއިފްމެން ތިބި މޭޒަށް ފުރަގަސްދީގެން ކަމުން ހުނައިފްއަކަށް ރާއިފްމެންނެއް ނުފެނެއެވެ. ހަނާ އިނީ ހުނައިފް ކުރިމަތީގައިކަމަށް ވާތީ ހަނާއަކަށްވެސް އެމީހުންނެއްނުފެނެއެވެ. ޢަދި ހުނައިފްމެން ތިބި މޭޒުއިނީ ވެސް ފަރާލައި ފޮރުވިފައި އިންނަ ކަހަލަ ތަނެއްގައެވެ. އޭރުވެސް އެމީހުން ދައްކަމުން ދިޔަ ވާހަކަ ވަަރަށް ސާފުކޮށް ރާއިފްއަށް އިވެއެވެ.

“ދެން ކިޔާބަލަ މިހާރު ކަންތައް ގޮސް އޮތް ހިސާބު، ފޯނަކުން ކިޔައިދޭކަށް ނުކެރުން ވިއްޔަ.” ހަނާ ބުނި އަޑު އިވުނެވެ.

“އަހަރެން އެހެން ބުނީވެސް ރައްކަލަކަށޭ. ރާއިފް ހަމަ މިނަލް ބުނާ އެއްޗަކުން ޕޮލިހުގައި މައްސަލަޖައްސައިގެން ކޯލް ތައްވެސް އަޑުއަހާފާނެ ދޯ. އަހަރެންނަށް ފާރަލާފާނެތީ އެހެން ތަނަކަށް ނުދާންވެސް މި ހުރީ މި ވީ ދެ ހަފްތާގައި. އަހަރެން މިހާ ބޮޑު ރިސްކެއް ނަގައިގެން މި ކަން ކުރިއިރު ސަލާމަތަށް ވެސް ވިސްނަންޖެހޭނެ ދޯ؟” ހުނައިފް ބުންޏެވެ.

“ހޫން ދެން ހެވޭ. ދެން އެދުވަހު ކިހިނެތްތަ މިވީ؟ ވަރަށް ފޯރި ހުރި ދޯ؟” ހަނާ ހިނިގަނޑެއް ޖަހާލަމުން އެހިއެވެ.

“އެދުވަހު ވީ ވެސް ވަރަށް ލަކީ ގޮތެކޭ. ރާއިފް މިނަލްއަށް ގުޅާފައި ލަހުންނޭ އާދެވޭނީ ބުނި އިރުވެސް އަހަރެން އިނީ މިނަލް ކައިރި އަނގަތަޅަން. ރާއިފް ގުޅާފައި އެހެން ބުނީމަ އަހަރެން ރައްޓެހި މީހާ އަތުން އެ އިންޖެކްޝަން ހޯދީ. ފުޅިއެެއްގައިހުރި އެއްޗެއް، އަހަރެންނަކަށް ވެސް ނޭނގެ ކޯއްޗެއް ކަމެއް. އަހަރެން ސިރިންޖަށް އެ ނެގީ ވެސް. އެ ގޮލާ ބުނި އެންމެ ގިނަވެގެން ވެސް 2 ގަޑި އިރު ވަންދެން އަސަރު ހުންނާނޭ. އެހެންވެ އަހަރެން ހަވީރު 4 ޖެހިތަނާ އެ ގެޔަށް ގޮސް މިނަލް ކައިރި ބުނީ ކޮފީއެއް ދޭށޭ. އޭނަ ކޮފީ ގިރަން ފުރަގަސް ދީގެން ހުއްޓާ އަހަރެން އެ އިންޖެކްޝަން ޖެހީ، ކަރުގެ މި ފަރާތުން އިންނަ ނާރަށް.” ހުނައިފް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން ރާއިފް އިނީ ފެން ކަޅިވެފައެވެ. ރާއިދުއާއި ރަޝީދުވެސް ތިބީ ހަމަ ހައިރާންވެފައެވެ. ހުނައިފް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އެ ޖަހާފަ އިރު ކޮޅެއްވީތަނާ އޭނަ ހޭނެތިއްޖެ. ދެން ކޮޓަރިއަށް ގެންގޮސް ވަަރަށް އަސްލާއެއް ގޮތް ކަމަށް ހެދިފައި އޮންނާނީ. ބުރުގާވެސް ބޭރަށް އެއްލާލާފައި. އެތެރެއަށް ގޮސް އަަހަރެން އޭނަ އެއްޗެހި ބޭލުވީވެސް، އޭނަ ހޭނެތިފައި އޮތް މީހަކަށް ނޭނގޭނެތާ ދޯ؟ އަހަރެން ވެސް އަމިއްލައިން އެއްޗެހި ބާލައިން އަރާ އޮށޯތީ.” ހުނައިފްގެ ވާހަކަ އަޑު އިވުން ވަރަކަށް ރާއިފް ރުޅި އަންނަމުން ދިޔަލެއް ވީ އިތުރެވެ.

“އެހެންވީމަ ހުނައިފް ކަމެއް ކުރި ނަމަވެސް އޭނައަކަށް ނޭނގުނިސް ދޯ؟ އެހެން ވިއްޔާ މިހާރު އޭނަ ބަނޑުބޮޑު ވިޔަސް ނޭނގޭނެ ދޯ ކާކު ދަރިއެއްކަމެއް؟” ހަނާ ނުލަފާ ރާގެއްގައި ބުނެލިއެވެ.

“އޭނަ އަހަރެންގެ ދަރިއަަކަށް ބަލިވެއެއް ނީންނާނެ. އަހަރެން ނުކުރަން އެކަހަލަ ކަމެއް، އެއީ މައްސަލަ ޖައްސާ، ހައްޔަރު ކުރާ ހިސާބަށް ގޮސްގެން، އޭނަ މިސާލަކަށް ބަނޑުބޮޑު ވިއްޔާ، ޑީ.އެން.އޭ ހެދީމަ އަހަރެން ކަމެއް ކުރިކަން ފަޅާ އަރާނެ ދޯ؟ އެހެން ނޫނަސް އެޔެއް ނޫނެއްނު ހަނާގެ ޕްލޭންއަކީ. ޕްލޭނަކީ އެ ދެމީހުން ވަރި ކުރުވުމޭ ނުން؟ އެހެންނޫނަސް އަހަރެން ލޯބިވަނީ ހަނާދެކެއޭ، ދެން އަހަރެން ކީއްކުރަން އެހެން މީހަކާއި އެކު ގުޅުމެއް ހިންގަންވީ؟ އެވެސް ހޭނެތިފައި އޮތް މީހަކާ؟ އަހަރެން މިކަން މި ކޮއްދިނީވެސް މި ކަން ކުރީމަ ހަނާ އަހަރެންނާއި އިންނާނަމޭ ބުނީމަ. އިންނާނަން ދޯ؟” ހުނައިފް ކިޔައިދިނެވެ.

“ދެން ފަހުން ކިހިނެތްތަ ވީ؟ ރާއިފް އައިސްފަ؟” ހުނައިފް ކުރި ސުވާލުގެ ޖަވާބު ދިނުމެއްނެތި ހަނާ ބޭނުންވީ މިނަލްގެ ދިރިއުޅުން އޭނައަށް ހަލާކުކޮއްލެވުނީ ކިހާ ވަރަކަށްތޯ ބަލާށެވެ.

“އަސްލު ހަމަ ކިރިޔާ އެނގޭ ސަލާމަތްވީ. މިނަލް ހޭވެރިކަން ވާން ފަށައިފި 6 ނުޖަހަނިސް، ރާއިފް އައި އިރު 6:30 ވެދާނެ. އޭރު އަނެއްހެން މިނަލް ހަމަ ފުލް ސެންސްއަށް އައިސްފާނެ. އެހެންވެ ރާއިފް ހަޅޭލަވައިގަތް ގަޑީގައި އެހާ އަވަހަށް މިނަލްއަށް ރިއެކްޓް ކުރެވުނީ. ދެން ހުރި އަޑުފަށެއް އަހަރެން ނުކުމެގެން ދިޔަ އިރު. ރާއިފް ހުރީ ރުޅިއައިސް ފުފިފައި. ދެން އޭގެ ފަހުން މިނަލްއެއް ނުއެއް ފެނޭ. ރާއިފް ފެނޭ ހަމަ. މިނަލް ގެއިން ނުނުކުންނަނީހެން ހީވަނީ.” ހުނައިފް ކިޔައިދިނެވެ. އެހެން ކަމުން ހުނައިފްއަކަށް މިނަލްވީ ތަނެއް ނޭނގޭނެކަން ޔަގީންވިއެވެ. ރާއިފް ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަދި ތެދުވެގެން ހުނައިފް އިން މޭޒާއި ދިމާއަށް ހިނގައިގައިގަތެވެ.

ރާއިފް ފެނުމުން ހުނައިފް ފާޑަކަށް ޖެހިލުންވިއެވެ.
“ނުލަފާ ދެ މީހުން! ކަލޭމެން ހިތުން ވަރަށް ރަނގަޅުކަމެއްތާ ދޯ ތި ކުރެވުނީ؟ އަހަރެންނަށް ކުރިންވެސް ހީވިއޭ މިނަލް އަހަރެންނަކަށް ބޭވަފާތެރިއެއް ނުވާނެއޭ. އެއީ ހަނާއެއް ނޫނޭ. މީގައި ވެސް ގޯސް ހެދުނީ މި އަހަރެންނަށް، ލޮލަށް ފެންނަން އޮތް ދޮގެއް ގަބޫލުކުރެވުނީ. ހުނައިފް ބުނަން! ކަލެޔަކާއި މި ހަނާއެއް ނުވެސް އިންނާނެ، އޭނަ ހަމައެކަނި ކަލޭ ބޭނުން ކޮއްލީ މިނަލްގެ ދިރިއުޅުން ހަލާކުކޮއްލަން. ކަލޭ ބަލަންވެސް ހުންނާތި. މީގެ ހިތި ކަލޭމެންނަށް ދައްކާލާނަން ވަރަށް ރަނގަޅަށް.” ރާއިފް ކިޔަން ހުރި އެއްޗެހި ކިޔާފައި އެތަނުން ނުކުންނަން ހިނގައިގަތެވެ. ހަނާއާއި ހުނައިފް ތިބީ ހައިރާންވެފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމެއް ހުނައިފްގެ ހިތުގައި އުތުރިގަތެވެ.

(ނުނިމޭ)

  1. Avatar

    ކޮބާ؟ މަށަށް ހީވިޔޭ ހަނާއޭ އެ ކަންތައް ކުރުވީ ހުނައިފް ލައްވާ……..
    ވ.ވ.ރީތި ???❤️❤️
    8 ވަނަ ޕާޓުގެ އިންތިޒާރުގައި ????

ޚިޔާލު ފޮނުއްވާ