1617 57

ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެކެވެ. ދެނަމާދު ދޭތެރެ ކަމުން މަގަކުން މީހަކު ފެންނަނީ ވެސް ވަރަށް މަދުންނެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ދުރުދުރުގައި ފިޔަވަޅު އަޅަމުން ހިނގާފަ އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ހުރިއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް ފާހަގަ ކުރެވޭނެއެވެ.

“އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން އާދޭ. އައިސް މިތާނގައި މަށާއިއެކު ކިޔަވަން އިށީނދޭ.”

ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން މިރޭވެސް ކޮށްކޮމެން ޤުރުޢާން ކިޔެވުމުގެ ބަދަލުގައި ފިލާވަޅު ހަދަން ފެށުމުން މަންމަ އަޑުލައިގަތެވެ.

ގެއަށް ވަންނަން އައިސް ދޮރުމަށްޗަށް އެރިތަނާ މަންމަގެ އަޑު އިވުމުން ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔައެވެ. ހަމަ އެމޭޒު ދޮށުގައި މީގެ އަހަރުތަކެއް ކުރިން އޭނައާއި ދޮންތަ ބައިންދައިގެން މަންމަ ޤުރުޢާން ކިޔަވައިދިނެވެ. އުމުރުން ވަކި ހިސާބަކަށް ދާންދެނެއް ނޫނެވެ.

އެކަމަކު ޤުރުޢާނުގެ އަކުރުތައް ދަސްވެ އެހީތެރިއަކާއިނުލާ ކިޔަވަން އެނގޭވަރު ވަންދެނެވެ. މިހާރުވެސް މަންމަ ހަމަ އެގޮތަށް ދެނަމާދު ދޭތެރޭގައި ކޮއްކޮ މެންނަށް ޤުރުޢާން ކިޔަވަން ހަނދާންކޮށްދެނީ ފޫހިކަމެއް ރުޅިވެރި ކަމެއް ނެތިއެވެ.

މަންމައާއި ބައްޕަގެ ހެޔޮލަފާ ރަނގަޅު ތަރުބިއްޔަތުގެ ތެރެއިން ބޮޑުވުމުގެ ސަބަބުން އޭރުވެސް އަދި މިހާރު ވެސް ދޮންތަ އަކަށް ވެސް އަދި އަހަރެންނަކަށް ވެސް މަންމައާއި ބައްޕައަށް ވުރެ ބޮޑު ވާކަށް ނޭނގެއެވެ. އެމީހުންގެ ކައިރިން އަހާނުލާ އެމީހުންގެ ޚިޔާލާނުލާ އެއްވެސް ކަމެއް ނުކުރަމެވެ.

އަހަރެންނަށްވުރެ ތިން އަހަރު ބޮޑު ދޮންތަ މީހަކާއިނދެ ދެކުދިން ލިބުމާއި އެކުވެސް މިއަދުވެސް އަމިއްލަ ގޭގައި ހިނގާ އެންމެ ކުދި ކަންތައް ތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައް ތަކަށް ދާންދެން ޚިޔާލު ހޯދަނީ މަންމައާއި މަޝްވަރާ ކޮށްގެންނެވެ. ދައްތަ މިގެއަށް ނާންނަ ދުވަހަކަށް އިރެއް ނާރާނެއެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް މަންމައާއި ކޮއްކޮމެނާއެކު ގޭގައި ހޭދަކޮށްލުމަކީ ދޮންތަ އާދަކޮށް ކުރާކަމެކެވެ. ބައްޕަ ވަޒީފާ އަދާ ކުރަނީ ރަށުން ބޭރުގައި ނަމަވެސް ރަށަށް އަތުވެއްޖެނަމަ އެދެން ދޮންތަ މިގެއަށް ބަދަލުވާން ވީއެވެ. ޚުދު އަހަރެންގެ ޚާލަކީވެސް މި އެވެ.

މީހަކާ އިނދެ ދަރިއަކު ލިބުމުންވެސް ކޮންމެ ރެއަކާއި ދުވާލަކުން ކޮންމެވެސް ވަގުތު ކޮޅެއް މަންމައާއިއެކު ހޭދަކޮށްނުލާ ހިތްހަމަޖެހުމެއް ނުލިބެއެވެ. ބައްޕަ ރަށަށް އަތުވެއްޖެނަމަ ގިނަ ވަގުތު ހޭދަ ކުރެވެނީ ބައްޕަގެ ސަކަލުގެ ފަހަތުގައެވެ.

“އައްސަލާމް ޢަލައިކުމް މަންމާ.”

މިއީވެސް ބަދަލު ނުވި އާދައެކެވެ. އަބަދުހެން ގެއަށް އަޔަސް ސަލާމް ގޮވާނުލާ ވަންނާކަށް ހަމަ ނުކުރެއެވެ. މަންމަ އައިނު ރަނގަޅުކޮށްލަމުން އަހަރެންނަށް ބަލައިލިއެވެ.

“އަހަ… ދަރިފުޅާ އަލާން… އާދޭ އިށީންނަން.” މަންމަ ކައިރީ ހުރި ގޮނޑި އެއް ދައްކާލަމުން މަންމަ އެދުނެއެވެ. އެވަގުތު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.

ކިތައްމެ ގިނައިން ފެނުނަސް ފެންނަ ކޮންމެ ފަހަރަކު ވެސް މަންމަގެ މޫނު މަތިން ފެންނަނީ އެއުފާވެރި ކަމާއި ހިތްހެޔޮކަމެވެ. އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ވެގެން ދިޔައިރުވެސް މަންމައަކަށް އަހަރެން ބޮޑެއްނުވިއެވެ.

“ހާދަ ނުގަޑިއެއްގަ؟ މިރޭ މިސްކިތުގައި ކިޔަވަން ނީނދެ ތިއައީ އަނެއްކާ ކިހިނެއްވީ؟” އަހަރެންގެ ބުރަކަށީގައި ފިރުމާ ލަމުން މަންމަ ބުންޏެވެ.

މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު ވެސް އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ.

އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސް މަހަށް އޮއްވައި މިދިމާވި ކަމަކުން އަހަރެންގެ ހަމަޖެހުމާއި އުފާވެރިކަން ލޫޓު ވިއްޖެއެވެ. އެހެން ކަމުން މަންމަ ފިޔަވައި އެވާހަކަ ހިއްސާކޮށްލާނެ ރަނގަޅު އިތުރު އެހެން ދެވަނަ މީހަކު އަހަރެންނަށް ނުފެނުނީމައެވެ.

މިޝާ އަކީ ރަނގަޅު އުޅުމެއް ހުރި އަންހެނެއްނޫނެވެ. މިޝާ އާ އިނދެގެން އަހަރެންގެ ދިރިއުޅުން އުޖާލާ ނުވާނެހެން މަންމައަށް ވެސް ހީވީ ކަންނޭނގެއެވެ.

“އެންމެ ރަނގަޅު ދަރިފުޅު ތިހާ ބޭނުން ކަމަކަށް ވާނަމަ މަންމަ ތިކަމަކަށް ހުރަހެއް ނާޅާނަން”

އަހަރެންގެ ޚަޔާތުގައި އަހަރެންނަށް މަންމަގެ ފަރާތުން އެހާ ބޮޑު ރުހުމެއް ނުލިބި މިކަހަލަ ގޮތަކަށް ކަމަކަށް އެއްބަސް ވެގެން އަހަރެން ކުރި ހަމައެކަނި ކަމަކީ މިޝާ އާ ކައިވެނި ކުރުމެވެ.

އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ވެސް މިދަނީ ދުވަހަކަށް ފަހު ދުވަހެއް ހަލާކު ވަމުންނެވެ. އަހަރެން ހީކުރީ އަހަރެން މިޝާ އާ އިނުމުން އޭނަގެ އެހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ.

މިޝާ އަކީ ބަލައިލަން ރީތި އަންހެނެކެވެ. އެކަމަކު މާ އަވަހަށް ރުޅި އައުމާއި ބޮޑާކަމެއް ހުރެއެވެ. ގައިގާ ކޮންމެވެސް ވަރަކަށް ގެވެހިކަން ހުއްޓަކަސް މާބޮޑު ފަރުވާލެއް އެއިން އެއްވެސް ކަމަކަށް ނުބަހައްޓައެވެ. އެކަންތައް ފާހަގަ ކުރެވުނީ ރައްޓެހިވެގެން އުޅުނު ދެމަސް ދުވަހުގެ ތެރޭގައެއް ނޫނެވެ.

ކައިވެންޏަށް ފަހު މވީ ފަސްއަހަރު ދުވަހުގެ ތެރޭގައެވެ. އެންމެ ފަހުން މިއަދު ހަވީރު އަހަރެންނާއި މިޝާ އާ ދެމެދު އެހެންޏާ ނުހިނގާ ފަދަ ވަރުގަދަ ކޯޅުމެއް ހިނގީއެވެ. ކޮންމެ މަހަކުވެސް މިކޯޅުމެއް ހިނގައެވެ. އެކަމަކު މިއަދު ވީގޮތަށް އެއްވެސް ދުވަހަކު ނުވެއެވެ.

މަހު މުސާރަ ނަގައިގެން ގެއަށް އަންނަ ކޮންމެ ދުވަހަކު މިޝާ ކޮންމެވެސް ޝަކުވާއެއް ލާރިއާއި ހެދި ކުރާނެއެވެ. އެކަމަކު މިއަދު އެކަންތައް ހައްދުފަހަނަ އަޅައި ދިޔައީއެވެ. ކޮންމެ މަހަކުވެސް އަހަރެން މިޝާ އާއި އަޒާން އަށް ކުރަން ޖެހޭ ޚަރަދު ތަކަށް ވަކިވަކިން ގުނާފައި ފަނަރަސްތޭކަ ރުފިޔާ މިޝާގެ އަތަށް ދެމެވެ.

އެލާރިން އެއްވެސް އެހެން ކަމެއް ނުކޮށް ހަމައެކަނި އަޒާންގެ ކަންތަކާއި އަދި މިޝާގެ ކުދިކުދި ޚަރަދު ތަކަށް ހޭދަ ވާނެހެން އަހަރެން އެހެނިހެން ހުރިހާ ކަމެއް ބަލަހައްޓަމެވެ.

ގެއަށް ބޭނުންވާ ކާޑުގެ ބާވަތް ތަކުން ފެށިގެން ލައިގެން ކާނެ އެއްޗިއްސާއި އެންމެ ކުޑަމިނުން ލާންގެނގުޅޭ ހެދުމަށް ދާންދެން ހޯދައިދެނީ އަހަރެން އެތައް ދަލެއް އޮހުރުވައިގެން ޚަލައިލު ގޮތުގައި މަސައްކަތް ކޮށްގެން ހޯދައި ލާރިން އަމިއްލަ ޖީބުން ޚަރަދު ކޮށްގެންނެވެ.

އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ.

މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތަޔަށް އެއީ އެއްވެސް ކަމަކަށް ނުވެއެވެ.

ތިމާގެ ދަރި ތިމާޔަށް ދޮންފުތުވާނޭ ބުނާ އުސޫލުން މައިދައިތަޔަށް ވެސް އޭނަކުރާ ގޯސް އެއްވެސް ކަމެއް ނުފެނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ ވެސް މިހެންވެ ކަންނޭނގެއެވެ. އެގޮތުން މައިދައިތަގެ އެކަނު ލޯބީގެ ސަބަބުން މިޝާ އަށް އެއްވެސް ރީތި ސިފައެއް ދަސްވެފައެއް ވެސް ނުވެއެވެ.

ނުނިމޭ

  1. Avatar

    ވ.ރީތި. ކޮންއިރަކުން 2 ވަނަ ޕާޓު ގެނެސް ދެނީ ؟؟؟؟❤️❤️
    އިންތިޒާރު ކުރާނަން 2 ވަނަ ބަޔަށް.☺️☺️☺️????

ޚިޔާލު ފޮނުއްވާ