ހިނަވާ ފޮތް

މާލޭގައި ދިރިއުޅުމަކީ ވޭނެކެވެ. ކުރާ މަސައްކަތުން ލިބޭ އުޖޫރަ ދޭންޖެހެނީ ކުއްޔަށް ހިފައިގެން އުޅޭ ގޭގެ ވެރިމީހާއަށެވެ. ކުލި ދައްކާފައި ކާނެ އެއްޗެއް، ލާނެ އެއްޗެއް ހޯދެނީ އެހެން މަސައްކަތެއް ކޮށްގެނެވެ. މި ދައްކަނީ އެއްވެސް ހާލެއްގައި މާލޭގައި ދިރުއުޅޭ އެންމެހާ ބޭފުޅުންގެ ވާހަކަ އެއް ނޫނެވެ. މި ދައްކަނީ އަޅުގަނޑުގެ ވާހަކައެވެ. އަޅުގަނޑުގެ ނަމަކީ މި ވާހަކައިގެ ބޭނުމަށް އީސައެވެ. ރަށާއި އުމުރާއި ހުންނަ ގޮތް ބުނެދީފިއްޔާ އަޅުގަނޑު ހޯދަން ފަސޭހަވާނެތީ އެވާހަކަ ނުބުނާނަމެވެ. އެކި ދުވަސްވަރު ކުރެވެނީ އެކި މަސައްކަތެވެ. މީގެ ގާތްގަނޑަކަށް ހަވަރަކަށް މަސް ކުރިން އަޅުގަނޑު އުޅުނީ ތަނެއްގެ ވޮޗަރުކަންކުރާށެވެ. އޭގެ ކުރިން މަޖޫރީއެއްގެ ގޮތުގައި ވެސް އުޅުނީމެވެ. މަސް ކަނޑަން މާރުކޭޓު ދޮށުގައިވެސް އުޅުނީމެވެ. ޓެކްސީކަން ވެސް ކުރީމެވެ. ލާރިއެއް ލިބެން އޮތިއްޔާ ކޮންމެ މަސައްކަތެއްވެސް ވަރިހަމައެވެ. އަންތްބެއް ދަރިއެއް ނުހުރެއެވެ. އާއިލާގައި މަންމަ ފަރާތުގެ ބޮޑުބޭބެ ފިޔަވާ އެއްވެސް ޔާރެއް ނެތެވެ. އެވަރުން ވަނަވަރު ފުދުނީކަމަށް ބަލާނީއެވެ. އިތުރު ސުވާލެއް އޮތިއްޔާ އައްސަވާށެވެ.

އަޅުގަނޑު ކިޔައިދޭން މިއުޅޭ ވާހަކަތައް ތިޔަ ބޭފުޅުންނާ ހިއްސާ މިކުރަނީ ފޫހިވެގެން ނޫނެވެ. ނަފްސާނީ ޑޮކްޓަރެއް އަޅުގަނޑުގެ ކިބައިން އެކަމަށް އެދިފައިވާތީ އެވެ. އެއްވެސް ހާލެއްގައި ތިބޭފުޅުންގެ ހަމްދަރުދީއެއް އަޅުގަނޑު ނޭދެމެވެ. ވާހަކަ އަޑު އައްސަވާލައްވަށެވެ. އެނިމުނީ އެވެ.

އަޅުގަނޑުގެ ހަޔާތުގައި ބަދަލު ނުވެ އޮތް ހަމައެކަނި އެއްޗަކީ އަޅުގަނޑު ޕަރޓްޓައިމްކޮށް ކުރާ މަސައްކަތެވެ. އުމުރުން 26 އަހަރުގައި އަޅުގަނޑު ފެށި މަސައްކަތަކީ މައްޔިތުން ހިނެވުމެވެ. ފެށިއިރު މަސައްކަތުގެ ކުޑަ ބޮޑު މިނެއް އެނގިފައެއް ނުވެއެވެ. އެދުވަސްކޮޅަކީ ލާރީގެ ތާށިކަމެއް އުޅުނު ދުވަސްކޮޅަކަށް ވާތީ އެހާ ވަރަށް ނުބެލުނީއެވެ. ފަރުވާލެއް ނެތެވެ. މިހާ ދުވަސްވިއިރުވެސް އަހަރެން އެންމެ ގަޔާވެގެން ކުރާ އެއް ކަމަކީ މިއީއެވެ.

އާންމުންނަށް ނޭގުނަސް ރާއްޖޭގައި ހިނަވާ މީހުންގެ ތިން ބާވަތެއް އުޅެއެވެ. އާންމުކޮށް އާސަހަރާގައި ހިނަވަން އުޅޭ މީހުންނާއި، އާންމުކޮށް އާސަހަރާގައި ހިނަވާމީހުން ދެކޮޅު ހެދުމުން ދެން ހިނަވަން ތިބޭ މީހުންނާއި އަހަރެމެންނެވެ. އަހަރެމެންގެ ގްރޫޕް މަސައްކަތް ކުރަނީ ވަކިންނެވެ. ބައެއް ފަހަރު މީހުންވެސް ވަޅުލާނީ ވަކިންނެވެ. އަނެއް ބައި ފަހަރު ހަމަ އާސަހަރާއަށް ވެސް ފޮނުވާފައި ހުންނާނެއެވެ. އެކަން ކުރާ ގޮތް ފަހުން ކިޔައިދޭނަމެވެ. އަހަރެމެން ފޯރުކޮށްދޭ ކަށުކަމާ ކެމީގެ ކަންކަމަކީ އެންމެނަށް ފޯރުކޮށްދޭ ހިދުމަތެއްނޫނެވެ. އަހަރެމެން ހިނަވައި ވަޅުލަނީ ޖިންނި ޝައިތާނުން، ނުވަތަ ކޮންމެވެސް ރޫހާނީ އާފާތަކާއި ޖެހިފައިވާ މީހުންނެވެ. މި ހިނަވާ ގްރޫޕްގައި އަޅުގަނޑާ ނުލާ 4 މީހުން ޝާމިލުވެ އެވެ. މި ވާހަކައިގެ ބޭނުމަށް އެއީ ބަޝީރު (34އ)، ފިރާގު (42އ)، ނަޖީބު(57އ)، އަދި ޝަފީގު (53އ)އެވެ. އެތަނުން ޝަފީގާއި ނަޖީބަކީ ފަންޑިތަ ސިހުރު ހާހޫރަ ހަދަން ނުލާހިކު މޮޅު މީހުންނެވެ. އަޅުގަނޑާއި އެކު ދެން ތިބި ދެމީހުންނަކީ ހިނަވާ، ވަޅުލާ މިކަހަލަ ކަންތައް ކުރާ މީހުންނެވެ. ސިހުރުގެ މާބޮޑުކަމެއް ކުރަން ނުޖެހޭ މީހެއްނަމަ އަހަރެމެންވެސް އެމީހުންނާ ވާހަކަދައްކާ ކަންހަދައިދީ އުޅެމެވެ. އެކަމަކު ބޮޑެތި ކަންތައް ނަމަ އެކަން ނަގައި އުޅެނީ ޝަފީގާއި ނަޖީބެވެ. މި ގްރޫޕާއި ބައިވެރިވެ ބައްދަލުވި ފުރަތަމަ ރޭ ޝަފީގު އަހަރެންނަށް ކުރަންޖެހޭ މަސައްކަތުގެ ކޮންމެވެސް ތަފްސީލެއް ދިނެވެ. އަހަރެމެން މި ކުރާ މަސައްކަތަކީ ބޮޑު އަދި ބުރަ މަސައްކަތެއްކަމާއި، އަމިއްލަ މީހާއާއި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ހަދާނެ ގޮތާއި ހުރިހާ އެއްޗެއް ކިޔާދިނެވެ. އުޖޫރައިގެ ވާހަކަ ބުނުމަށްފަހު ނަޖީބު ކިޔައިދިނީ ގާނޫނީ ވާހަކައެވެ. ރާއްޖޭގައި މިފަދަ ކަންތައް ކުރުމަކީ މަނާކަމެކެވެ. ރޫހާނީ ގޮތުން ކަމެއް ދިމާވެ، ދެން އިތުރަށް ހަޔާތާއިގެން ކުރިޔަށް ނުދެވޭ މީހުން، އެމީހުންގެ ހުއްދަޔާ އެކު މަރާލުމަކީ ގާނޫނީ ކުށެކެވެ. އަމިއްލައަށް މަރުވުމަކީވެސް ކުށެކެވެ. އެ ސަބަބަށް ޓަކައި މިކަން ކުރަނީ ވީހާ ވެސް ސިއްރުންނެވެ. އެހެނެއްކަމަކު މިކަން އަހަރެމެން ކުރާކަން ބައެއް އިދާރާޠަކަށްވެސް އެނގޭނެއެވެ. ފިޔަވަޅެއް ނާޅަނީ މި މަސައްކަތް ނުކޮށްފިނަމަ އިޖުތިމާއީ ގޮތުން ނުކުމުދާނެ ނަތީޖާއަކަށް ބަލާފައިކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް މި މަސައްކަތުގެ ގޮތުން، އަހަރެމެންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ބެހޭ ގިނަ މައުލޫމާތުތައް އެއްކޮށް ލިޔެވިފައި ހުންނަން ލާޒިމުކުރެވެ. ވަނަވަރާއި، މީހުންގެ އިންޓަރވިއުތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި، ހިނަވާއިރު ހިނަވާ މީހާ އަށް ފާހަގަވާ ބައެއް ކަހަލަ ކަންތައްތަކަކީ ލިޔެ ރައްކާކޮށްފައި ހުންނަން ޖެހޭ އެއްޗެއް ކަމަށް ނަޖީބު ބުންޏެވެ. މައްސަލައެއް ދިމާ ވެއްޖެއްޔާ އަހަރެމެން ސަލާމަތްވާނީ އޭރުން ކަމަށްވެސް އޭނާ ބުންޏެވެ.

އަޅުގަނޑު މިތާގައި ހިއްސާ މިކުރަނީ އެގޮތަށް އެއްކޮއްފައިވާ ބައެއް ލިޔުންތަކުގެ ތެރެއިން އަޅުގަނޑު ކޮށްފައިވާ މަސައްކަތްތައް ނުވަތަ ފާހަގަ ކުރެވޭ ބައެއް މަސައްކަތްތަކެވެ. ރިޕޯޓުގައި ހުންނަ އެއްވެސް މައުލޫމާތަކަށް އުނިއިތުރު ގެނެވިފައި ނުވާނެއެވެ. ވަނަވަރާއި އެނޫންވެސް މީހުން ފާހަގަ ކުރެވިދާނެ ފަދަ މައުލޫމާތު ފިޔަވައެވެ.

---------------------------------------------------
ހިނަވާ ފޯމު
ފުރިހަމަ ނަން: ނަ**** އަ***
އަތޮޅާއި ރަށް: ށ. ***
އުމުރު: 23 އަހަރު
ނަމްބަރު: #013
ހިނެވީ: އީސާ
ތާރީޚް: 23 ޑިސެމްބަރު 2018
ވަޅުލެވުނީ: އާސަހަރާ
ފާހަގަ ކުރެވުނު ކަންތައް:
- ދެ އަތުގެ އިނގިލިތަކުގައި ނިޔަފަތެއް ނެތް.
- ދެއަތުގެ ނިޔަފަތުގެ މަސްކޮޅުގައި ވަނީ އެއްޗެއް ހަރައި ލޭ އަރުވާ ހަލާކު ކޮއްލާފަ
- ގައިގެ އެކި ހިސާބުތަކުގައި ވަކި އަޅާފައި ހުރިކަން ފާހަގަ ކުރެވޭ. އަތުގެ މުލައްދަނޑީގައާއި ފައިގެ ތަނބިކަށީގައާއި، ކަރުގެ ތިރީގައާއި ކަންފަތް ފަހަތުގައި ކަހާ ކަހާ ފީހަން ދުއްވާލާފައިވޭ
- މޫނުގައި ލޯމަތިން ދިގަށްވާގޮތަށް ޒަހަމް ތަކެއްހުރި. ބޮޑަށް ލަފާ ކުރެވެނީ ދިގު ނިޔަފަތި ނޫނީ އެހެންވެސް ތޫނު އެއްޗަކުން ލޯމަތީގައި ކަހާ ކަނޑާ ލޭ އަރުވާފަ ހުރިހެން.
- ކަނާތު ލޯ ނުލެއްޕޭ
- އަނގަ ނުލެއްޕޭ، އެކަމަކު ކޮލުގެ ކަށިގަނޑު ނެއްޓިފައި.

އިންޓަރވިއު (ޓްރާންސްކްރިޕްޓް)
22 ޑިސެމްބަރު 2018
21:35
ނަޖީބް: ކޭސް ނަމްބަރު 13. ގެއަށް ކުރާ ޒިޔާރަތް. ހުޅުމާލެ. ނުވަ ގަޑި ތިރީސްފަހެއް. މަޑުކޮށްލައިގެން މިހުރީ 13 ގުޅަންދެން. ނުވަ ގަޑި ބައިގައި ބައްދަލުކުރަން ބުނެފައި އޮތީ.

ނަޖީބް: ގަޑިން 9:50. 13 ގުޅައިފި. ގެއަށް ދާން އެޑްރެސް ފޮނުވައިފި.

ނަޖީބް: ގަޑިން 10 ގަޑި 4 މިނެޓް. ގެއަށް ވަންނަނީ.

ނަޖީބް: އައްސަލާމުއަލައިކުމް. ނަ**** ތޯ؟

13: އާން. ނަ… ނަޖީބު ދޯ؟ އާދޭ.

13: އިށީންދޭ. ބޭ… ބޭނުންތަ ފެން ކަހަލަ އެއްޗެއް؟ ޖޫސް؟

ނަޖީބް: ނޫން. ކައިގެން މި އައި. އާދޭ. ކުޑަކޮށް ކިޔާލަދީ ވެގެން އުޅޭ ގޮތް. އޭރަށް އަވަހަށް މަސައްކަތް ފެށޭނީ.

13: އެބަ އަންނަން ފެންފުޅިއެއް ހިފައިގެން

10:15
13: އެއްޗެއް ބޭނުމިއްޔާ ބުނެލައްޗޭ.

ނަޖީބް: ކޯންޗެއް ފާރުގަ އަޅުވާފަ އެހެރީ؟ ކޮން ބިއްލޫރި ތަކެއް ބިންމަތީގަ؟

13: އެއީ ލޯގަނޑު ހުރި ތަން. ލޯގަނޑު ތަޅައިގެން ދިޔައީ. އައި މީން... ތަޅާލީ.

ނަޖީބް: އެއީ؟

13: މަށަށް މަގޭ ސޫރަ އެއްޗެހިން ފެންނަނީ.

ނަޖީބް: ....

ނަޖީބް: ތިބުނީ؟ ކިހިނެއް ފެށުނީ މި ކަންތައް؟

13: މީގެ ދެ ތިން ދުވަސް ކުރިން. ކޮންމެވެސް ކަމަކު މާލެ ގޮއްސަ ހުޅުމާލެ އަންނަން އެރުނީ 1:30 ގެ ފެރީއަށް. ކުޑަކޮށް ވިއްސާރަކޮށް މުޅި ދުވަސް ވެސް ދިޔައީ. ފެރީގަ ވެސް ބައިވަރު މީހުން ތިބި. އަނެއް ދުވަހު ވޯކަށް ދާން ޖެހޭތީ ޓިކެޓް ނަގައިގެން ގެއަށް ދާން އުޅުނީ. އުޅެނިކޮށް ފްރެންޑެއް ގުޅީ ސައިކަލު ބޭނުން ވެގެން. ދެން މަ ބުނެފިން އަންނާށޭ ގެއަށް ކުޑަ އިރުކޮޅަކުން، ދީފާނަމޭ. ސައިކަލު ޕަރކިންއިން ނަގައިގެން ދުވާލިތަނާހެން ކަހަލަ ގޮތަށް މަށަށް ފެނުނީ ޕާރކު ކަންމަތީގަ އަންހެންކުއްޖަކު މަޑުކޮށްލައިގެން ހުރިތަން. މަށާ އެކު ފެރީ އިންވެސް އައި މި ކުއްޖާ. އާއްމުކޮށް ފާހަގަކުރެވޭ، ގިނަ ރޭރޭ ދަންވަރު މި ގަޑީގަ މި ކުއްޖާ ފެރީ ނަގާނީ. ދެ ތިން ދުވަހަކު ފެނުނީމަ މިހެން މި ބުނީ އިނގޭ. ދެން ކުޑަކޮށް ކަނި ވެސް ޖަހާތީ، ހިތަށް އެރީ އަހާނީއޭ ރައިޑެއް ބޭނުންހޭ. ސައިކަލު އެކުއްޖާއާ ކައިރިޔަށް މަޑުކޮށްފަ މަ ބުނެފިން ވާރޭ ވެހެންށޭ އެއުޅެނީ އެން2 އަށް ދަންޏާ ރައިޑެއް ދީފާނަމޭ. ވަރަށް ނޫން ގޮތަކަށް ހުރެފަ ބުނެފި އޯކޭއޭ. ގޭގެ ނަމްބަރު ބުނެފަ ސައިކަލަށް އެރީ. އަހަރެމެން ދުއްވާލީ ވާރޭގަނޑު އޮއްސާލުމުގެ ކުރިން ގޭއަށް ދެވޭތޯ. ސައިކަލުގަ އިން އިރު އޭނަ އަނެއްހެން ވާހަކައެއް ނުދައްކާ ދޯ. މަށެއްވެސް އަނެއްހެން ނުދައްކަން ވާހަކަ އެއް. އެހާ ބާރަކަށް ނޫން ދުއްވީވެސް. ދެން ސެންޓްރަލް ޕަރކް ކައިރީގަ އެ އިއްނަނީއެއްނު އެން2އަށް ދާ ބެންޑެއް ދޯ؟ އެ ބެންޑުން ދަނިކޮށް މަގޭ ނަން ފަހަތުން ގޮވާލި އަޑު އިވުނީ. ފުރަތަމަ ފަހަރުވެސް ވައި އަޑަކުން ގޮވާލީމަ ހިތަށް އެރީ އެއީ ހީވި އެއްޗެކޭ. ދެން ދެވަނަ ފަހަރުވެސް އަޑު އިވުނީ. މަ ހީކުރީ އެކުއްޖާ ކަމަށް. އޭރަކު ނުވިސްނަން އޭނަޔަށް މަގޭ ނަން އެންގުނީ ކިހިނެއްހޭ ވެސް. އެކަމަކު މަގޭ ސައިކަލުގެ ކަނާތު ލޯގަނޑު އަނބުރާލީ އޭނަ ފެންނާނެހެން. މަ އަދިވެސް ހަނދާން ހުރޭ އެރޭ ފެނުނު މޫނު. އެހާ އަނދިރިކޮށް އޮއްވާވެސް ފެނުނު. އެ އަންހެން ކުއްޖާ އިނީ ފާޑަކަށް ހެވިފަ. ދެ ދަތްޕިލަ އެއްކޮށް ފެންނަން ހުރި. ދަތްތައް ހުރީ ކުރަކިކޮށް ތިނެސްކަނަށް، ކަށި ކަށި ހެން. އޭނަގެ ދެލޮލުން ލޭ ކަހަލަ އެއްޗެއް ފައިބަނީ. މަ ގަންނާ ކުރެއްވި ބިރުން ފަހަތަށް ބަލާލިއިރު ފަހަތުގަ އެކުއްޖާ ނެތް. ވަރަށް ކުއްލިއަކަށް ސައިކަލު މަޑުކޮއްލާފަ، ފައިބާފަ މުޅި ތަން ހޯދާލިން. ނުފެނޭ އެކަކުވެސް. އަސްލު އެހާ ހިސާބުން ކުޑަކޮށް ހާސްވި. ހިތަށް އެރީ އޭނައަށް ކިހިނެއްވީ ބާއޭ. ކުޑަކޮށް ހިނގާލިން ފަހަތަށްވެސް އޭނަ ފެންނަތޯ ބަލަން. ނުފެނުނީމަ ދެން ކުޑަކޮށް ކޮންފިއުޒްވެފަ ސައިކަލަށް އަރާ ދުއްވާލީ. ދެން އޭރުވެސް ހިތަށް އެރީ ކޮބާހޭ އޭނަ. ކޯންޗެއްހޭ އެފެނުނީ ދެންމެ. ދެން އެހެން އިނދެފަ އަނެއްކާވެސް ބަލާލެވުނީ ސައިކަލު ލޯގަނޑަށް. އަނެއްކާވެސް އެކުއްޖާ ހަމަ ފެނުނީ. އަނގަ ހުޅުވައިގެން މަގޭ ކަރާ ކައިރިވާން އޭނަ އުޅުނީ. މަށަށް ކުޑަކޮށް ހަޅޭލަވާލެވުނު. ސައިކަލުގެ ގެ ދެ ބުރަކި ހިފާލާފަ ސައިކަލުން ފުންމާލީ. އެކުއްޖާއެއް ނެތް. ދެން ވެސް އެތާގަ ހުރީ…. މިވާއެއް ނުވާއެއް ނޭގިގެން. އިރުކޮޅެއް ކޮއްލާފަ ސައިކަލަށް އަނެއްކާވެސް އެރީ. ހިތަށް އެރީ ނިދި ބުރާންތިވެގެން އެއްޗެހި ފެންނަނީއޭ. ދުއްވާލުމުގެ ކުރިން ފަހަތަށް ބަލާލިން. އަމީން ފްލެޓްތައް މަގޭ ފުރަގަހުން ފެންނަނީ. އެއްވެސް މީހެއްގެ ހިލަމެއްނެތް. ދެން އަނެއްކާވެސް ލޯގަނޑަ ބަލާލީ. ހަމަ ބެލި ތަނުން ލޯގަނޑު ތަޅައިގެން ދިޔައީ. މި ދެން ކިހާ ބޮޑު އަޖައިބެއް ހެއްޔޭ ކިޔާފަ ގޮއްސަ ގެއަށް ވަނީ. ރައްޓެހި ކުއްޖާ ގުޅީމަ ފޯނެއްވެސް ނުނަގަން. ގޮއްސަ ފެން ވަރައިގެން އޮށޯވެ ނިދީ.

އެހެން އޮއްވާ ހޭލެވެނީ، ކަރު ދަށުގަ ތެތް އެއްޗެއް ހޭކޭހެން ހީވެގެން. ހީކޮއްލާ ކުއްޖަކު ކަރު ދަށުގެ ދޫލީމަ ވާ ކަހަލަ ގޮތެއް ވެގެން ހޭލެވުނީ. ހޭލެވުނު އިރު އެއްކަލަ އަންހެންކުއްޖާ މަގޭ ގައިމަތީގަ، މަށަށް ބަލަހައްޓައިގެން. އޭނަގެ ދެފައި މަޑޭ ފައިގެ ތަނބިކަށި މަތީގަ، ދެ ކަނކުލުން މަގޭ ދެ ކަނކޫމަތީ ޖައްސައިގެން، މަގޭ ދެއަތް ދެ ސައިޑަށް ލާ ހިފަހައްޓައިގެން. ހުސް ގަޔާ. މަށަށް ގުޑާވެސް ނުލެވޭ. އޭނަ އަނގައިން ފައިބަނީ އޭނަގެ ލޮލުން ވެސް ފައިބާކަހަލަ ދަވަ ލޭ. އޭތި އެޅުނީ މަގޭ ކަރުމައްޗަށް. ވަރަށް ހަޅޭލެވިން އެކަމަކު އަޑެއް ނުނުކުތް. މަށަށް ހަމަ އޮވެވުނީ އެހެން….. އޭނަގެ މޫނު ކައިރިވަމުން ކައިރިވަމުން އައިސް މަގޭ ނޭފަތާ އޭނަގެ ނޭފަތާ ޖެހެން ކައިރިވިއިރު ދުވާ ކުނި ވަހުން ނޯށް ދަމާލަން ނުކެރޭ. އޭރުވެސް މަ ހަމަ ހަޅޭ ލެވޭތޯ މަސައްކަތް ކުރަނީ. އެހެން އޮވެފަ އޭނަ މަގޭ ނަން އަނެއްކާވެސް ކީ. މަ ހުއްޓުން އެރި އޭނަ މަގޭ ނަން ބުނީމަ. މަށަށް ހަމަ އޮޓޮއިން އެހިއްޖެ ކިހިނެތްހޭ ނަން އެނގެނީ. ހަމަ އެހެން އަހާ ތަނާ ކަހަލަ ގޮތަކަށް މަގޭ އަނގަ ތެރެއަށް އޭނަގެ އަތްތިލަ ކޮއްޕާލީ. މަށަކަށް ނޭގުނުވީ ނުވީ ގޮތެއްވެސް، އެކަމަކު ކަނާތުން އޭނަގެ ކަންފައި މަތީ ޖެހި ހަނދާންވޭ، ދެން ހޭނެތުނީ. ހޭލިއިރު އޮތީ…..

ނަޖީބް: އެނގޭތަ ކިހާ އިރަކުކަން ތި ހުރިހާ ކަމެއް ވީ؟

13: ގަޑި އެއް ނުބެލޭ. ނޭނގެ އަސްލު ކިހާ އިރެއްކަމެއް ވެސް. ކޮޓަރީގަ ވިންޑޯ އެއް ނީންނާނެ. އެހެން ވީމަ ދުވާލު ވިޔަސް އަސްލު ނޭނގޭނެ. ކިހިނެއް ވީ؟

ނަޖީބް: ނުވޭ ކަމެއް، ކުރިއަށްދޭ.

13: ދެން ހޭލެވުނު އިރު އަނގައިގަ ލަނީ ކުނި ރަހަ. ހީވަނީ ނުބައިވެފަ ހުރި އެއްޗެއް ކެވިފަ ހުރިހެން. މުޅި އަނގަ ހިރުވާފަ. ގޮދަޑި ހުރީ ތެމިފަ. ކަނާތުގައި....

ނަޖީބް: ގޮދަދި ހުރީ ތެމިފަ؟ ކޮން ކުލައެއް ހުރީ؟

13: އާހހހހ ހީސް. ހީސް ގަޔަށް ލެވިފަ ހުރީ.

ނަޖީބް: ވަކި ތަފާތު ކުލައެއް ހުރިތަ؟

13: ނޫން. މަށަށް ގަޔަށް ހީސްލެވުނީ ކަންނޭގެ. އެކަމަކު ނޭގެ އެކަމެއް ވީއިރެއް.

ނަޖީބް: އާން. ކުރިއަށްދޭ.

13: މަ ބުނީ، ކަނާތުގަ ހެސްކިޔާފަ ރިއްސާ. ހީވަނީ އެއްޗެއް ހެރިފަ ހުރިހެން. ދެން އޭނަ ހިފި ތަންތަން ހިރުވަނީ. މިހާރުވެސް ވަރަށް…. ވަރަށް އެބަ ހިރުވާ. ދެން ނުދަން އޮފީހަށް ވެސް.

ނަޖީބް: ލޯގަނޑު؟

13: އާން ދެން އެއީ ވީ ގޮތަކީ. މަ ފާހަނައަށް ވަދެފަ މޫނު ބެލިތަނުން މަށަށް ފެންނަނީ މަގޭ މޫނު، އެކަމަކު ލޯގަނޑުގަ މަ ހުންނަނީ އެ އަންހެންކުއްޖާ ހެވިފަ ހުންނަ ގޮތަށް ހެވިފަ. މަ ކޮންމެ ގޮތެއް މޫނަށް ހެދިޔަސް އޭނަ ހަމަ ހުންނަނީ ވަރަށް ލާނެތް ފާޑަކަށް ހެވިފަ. ލޯ ވެސް ރަތް ވެފަހުރީ. އެކަމަކު އެ އަންހެންކުއްޖާ ހެން ލެއެއް ނުފައިބާ. ދެން ލޯގަނޑުން ދުރަށް ބަލައިފިއްޔާ ލޯގަނޑުގަ ހުންނަ ސޫރަ އެއްފަހަރު ހަޅޭލަވާނެ. ފުރަތަމަ ފަހަރު ސިއްސައިގެން ދިޔަ. ލޯގަނޑުން ވާ ކަމެއްތޯ ބަލަން ވެގެން ވަށްކަޅިން ބަލާލިން، ލޯގަނޑުގަ ހުންނަ މަ ހުންނަނީ ހަޅޭއްލަވަން. އެންމެ ހަޅޭކެއްގެ އަޑު އިވެނީ. އެކަމަކު ވަރަށް ބިރުވެރިގޮތަކަށް އޭނަ ހުންނަނީ. ޓީވީ ނިއްވާލާފަ ހުންނައިރު ސްކްރީނުންވެސް އޭނަ ފެނޭ. އެކި ވައްތަރު އެކި ފަހަރު ޖައްސަނީ. ތަޅާލާފަ އެހެރަ ލޯގަނޑަށް އިއްޔެ ބަލާލީމަ އޭނަ ކުރި ކަމަކީ އޭނަގެ… ލޯގަނޑުގަ ހުންނަ މަގޭ ސޫރައިގެ އަނގައިގެ ދެކޮޅުގަ ހިފާފަ ވީދާލީ. މަ ބިރުން ތަޅާލީ. ބޭރަށް ނުދަން ލޯގަނޑުން އެއްޗެހި ފެއްނާތީ. ފޯން ސްކްރީންވެސް އޮފް ކޮށްލައިފިއްޔާ އޭނަ ހުންނާނެ. މަގޭ ސޫރަ މަށަށް ފެންނަނީ އެހެން މިހާރު. ބޮޑު ބަލާއެއް. ބޭބެ ކިހިނެއްތަ މިވަނީ؟

ނަޖީބް: ބުނީމެއްނު އަނގައިގަ ރަހައެއް ލަނީއޭ؟

13: އާން މިހާރުވެސްލާ. ސުޕާރީ ކާއިރުވެސް ހަމަ އެހާ ވަރަށް ރަހަ ލާ. ކާ އެއްޗެއްގަ އެނޫން ރަހައެއް ނުދޭ. ފެން ހީވަނީ ލޮނުހެން. އެހެންވެ ނުކައި ހުރެފަ މިއަދު މިކެއި ގަދަކަމުން. ހޮޑެއްވެސް ނުލެވޭ އަނެއްހެން އެކަމަކު މި ރަހައެއް ނުކެނޑޭ.

ނަޖީބް: މި ގޭގަ އެހެން ލޯގަނޑެއް އެބަ ހުރިތަ؟

13: ނުހުންނާނެ މިހާރު. ހުރިހާ އެއްޗެއް ތަޅާލައިފިން. ޓީވީ މަތީގަ އެހެރީ ފޮރިގަނޑެއް އަޅާފަ.

ނަޖީބް: އެހެންވީމަ މިގޭގަ މިހާރު ނެތް ދޮ ކޮއްކޮގެ ސޫރަ ފެންނާނެ އެއްޗެއް؟ ފޮނުން ފެންނާނެ ދޯ؟ އަހަރެން ބޭނުން ބަލާލަން.

ނަޖީބް: މަށަށް ފެންނަނީ ހަމަ ކޮއްކޮގެ މޫނު އިނގޭ. އެއް ލޯ މަރާލަބަލަ. ކޯންޗެއް ފެންނަނީ؟

13: އޭނަ އެބަހުރި. އޭނަ ލޯ ނުމަރާ. ހަމަ ފާޑަކަށް ހެވިފަ.

13: އޭ!!!

ނަޖީބް: ހަޅޭ ލެވީ ތަ؟

13: އާން. އަޑު އިވުނުދޯ؟

ނަޖީބް: ނޫން. ސިއްސައިގެން ދިޔައީމަ ހީވީ. މަށަކަށް ނުފެނޭ އިނގޭ ސޫރަ. އެހެންވީމަ އަހަރެން މިހާރު ގޮސްލާނަން އިނގޭ. މާދަމާ ރޭ އަންނާނަން އިތުރު މީހަކު ގޮވައިގެން. އެއްވެސް އިތުރު އެއްޗެއް އެބަ އޮތްތަ ބުނަން ބޭނުން ވާ ހަނދާން ނެތިފަ އޮތް؟

13: ނޫން. އެއި ދެން ވާ ގޮތަކީ. ބޭބޭ... ކިހިނެއްތަ މިވަނީ؟

ނަޖީބް: ތެދު ތެދަށް ނޭނގެ ބުނާކަށް އަސްލު ކޯންޗެއް ކަމެއް ތި އުޅެނީ. ހިޔެއް ނުވޭ މާބޮޑު ކަމެއްހެން. އެހެން ނޫންނަމަ ތިން ރޭ ވާއިރު ގޮތެއް ހަދާފަ އޮންނާނީ. ރޭގަ ނިދި އިރު އޭނަ ފެނުނުތަ؟

13: ނޫން. ދެން ހިރުވާފަ އަންގައިން މިދުވާ ވަހޯ؟ ލޯގަނޑުން އެފެންނަ އެއްޗެއްސޯ؟

ނަޖީބް: ހިރުވަނީ އޭތި އަތްލި ތަންތަން ދޯ. އަނގަ ތެރެއަށް އަތް ބޭނި ވާހަކަވެސް ބުނީމެއްނު. ލޯގަނޑުން އެފެންނަނީ އޭނަ ކޮއްކޮއަށް ޖެއްސުން ކުރާތީ. މިރޭ ނިދާލާ. އަހަރެން އަންނާނަން މާދަމަރޭ. މާ ބިރުގަންނަހެން ހީވަންޏާ މީހަކާ އެކު ނިދާލުން ރަނގަޅީ. އެހާ ދަން ވަންދެން ހޭލާ ނޫޅޭތި. ނިދާއިރު ވީހާވެސް އަލިކޮށްގެން ނިދޭތޯ ބަލާތި. ކުރުސި ކިޔައިގެން އޮތިއްޔާ ރަނގަޅު. ހަތިމެއް އެބައޮތްތަ؟

13: މަޑުކޮށްލާ.

13: ފޯނުން ދައްކަންވީނު؟ ނެތް ހަތިމެއް.

ނަޖީބް: ދީ.

ނަޖީބް: މިއޮތީ. މި ތަންކޮޅު ތިން ފަހަރު ކިޔައިގެން ނިދާލާ. މާދަމާ ރޭ އިޝާ ކޮށްލައިގެން އަހަރެން އަންނާނަން.

13: މަ ބުނީ ބޮޑުބޭބެ ބުނި ތި ބޭބެއަށް ރުފިޔާ ދޭން ޖެހޭނެއޭ. މަގޭ އަތުގަ މިހާރު ނެތް ފަސްހާސް ރުފިޔާއެއް. އެއް ހާސް އޮތީ. ރަނގަޅު ވީމަ ދިނަސް އޯކޭތަ؟

ނަޖީބް: އުސޫލަކީ ފަށާއިރު ދިނުން. ދެން މިފަހަރު މައްސަލައެއް ނެތް. ގޭގެ ތަޅުދަނޑިއެއް ލިބިދާނެތަ؟

13: މަޑުކޮށްލައްޗޭ

13: މިއޮތީ. މީ ކީއްކުރަން؟

ނަޖީބް: މީ އަހަރެމެން ބައެއް ފަހަރު ސަލާމަތީގޮތުން ކުރަން ޖެހޭ ކަމެއް. ވަރަށް މަދުން މި ތަޅުދަނޑީގެ ބޭނުން ކުރަން ޖެހެނީ. އޯކޭ ވާނެ. މާދަމާ ރޭ ދޭނަން. ދަނީ އިނގޭ.

11:13
ނަޖީބް: އެގާރަ ގަޑި، އާހހހ ބާރަ. ގެއިން މި ނުކުތީ. 13 ހުރީ ހިކި އަނަރޫފަ ވެފަ، ނުކާތީ. މުޅި ގައިގެ ތަން ތަން ކަހާ ކަހާ ލޭ އަރުވާލާފަ ހުރީ. ވާހަކަދައްކާ އިރު އަނގައިން ކުނިވަސް ދުވާ. އޭނަ ބުނާ ސޫރައެއް ނުފެނޭ. ގޭގަ ހަތިމެއް ނެތް. އެކަނި އުޅޭ ކުއްޖެއްހެން ހީވަނީ. ހިޔެއް ނުވޭ ކުއްޖާ ސަލާމަތްވާނެ ހެން. އެކަމަކު ތިން ރޭ ވެއްޖެ އޭނަގެ ކަމެއް ދިމާ ނުވާތާ. މާދަމާ ބަލާނަން ކޮން ކަހަލަ އެއްޗެއްތޯ އަޅައިގަނެގެން އުޅެނީ. ސިހުރުހެނެއް ހިޔެއް ނުވޭ.

23 ޑިސެމްބަރު 2018
20:09

ނަޖީބް: 13 މި އޮތީ މަރުވެފަ. ދޮރުގަ ޖަހާ ޖަހާ ހިލަމެއް ނުވީމަ ވަނީ. އޮތީ ރޭގަ ތަޅާލާފަ ހުރި ލޯގަނޑު ކައިރީ ފާރު ބުޑުގައި ބޯކޮޅު ވަތަށް ފާރަށް ލަށް ވެފަ. އޮރިޔާމުން. ހީވަނީ މަތިން އެކޮޅުކޮޅުން ވެއްޓުނީ ހެން. ކަރު ބިންދައިގެން ގޮއްސަހެން ހީވޭ. އެކަމަކު ލެއެއް ނެތް. އަތުގަ އާއި މޫނުގަ ޒަހަމްތައް އެބަ ހުރި. އަތުގަ….. ކަނާތުގަ ނިޔަފަ…. ހމމމމ…. ދެ އަތުން ކުރެ އަތަކު ނިޔަފަތެއް ނެތް. ވަރަށް ގަދަޔަށް ލޭ އަރާފަ. ކަޅި ހުރީ މައްޗަށްވާ ގޮތަށް ހުއްޓިފަ. ސީލިންގގަ އެއްވެސް އައިބު ކަމެއް ނެތް. މުޅި ގޭގަ އޭނަ ދުވެފަ ހުރިހެން ހީވަނީ. އެއްޗެހި އެތަން މިތާގަ. ފައިލަށް ލާން ފޮޓޯ ނަގަން މިއުޅެނީ. އީސައަށް ހިނަވަން.

Please log in or register to bookmark.
3k

6 ޚިޔާލު

ޚިޔާލު

Your email address will not be published.