Views: 4341 77

އެ ހުރިހާ އަނިޔާއަކާއި އެކުވެސް، އިފްރީންގެ ފުރާނަ ނެތް މަސްގަނޑު އޮތީ ބިމަށް ދެމިފައެއް ނޫނެވެ. ކަރުގައި އައްސާފައި އޮތް ވާފަށުގެ އެއް ކޮޅު، އައްސާފައި ވަނީ، ފަންކަލުގައެވެ. ހަށިގަނޑު އެލިފައިވި އިރު، ފިލްމަކުންވެސް އެފަދަ ބިރުވެރި މަންޟަރެއް ނުފެންނަ ކަން ޔަޤީނެވެ.
އަހަރެން އެގޮތުގައި ގަބުވެފައި ފަނަރަވަރަކަށް މިނިޓު އިނީމެވެ. ހިތްވަރު ކޮށްލާފައި ތެދުވި އިރު މުޅިހަށިގަނޑު ތުރުތުރު ލައެވެ. މަރާލާފައި އެވަނީ އަޖްމަލްގެ ޤާތިލް ނަމަވެސް، ހިތަށް ކުރީ ލޯބިވާ މީހެއް ބީވެ ދިޔުމުން ކުރާ ފަދަ އަސަރުތަކެކެވެ. ހެޔޮއެދުނު މީހެއް ނޫންކަމުގައި ވިޔަސް ދެކެފަރިތަ މީހަކު އެފަދަ ރަޙުމްކުޑަ ގޮތަކަށް މަރާލާފައި ވުމުން، އިންސާނަކަށް ވީތީ ހިތް ރޮއްވާލީއެވެ. އަހަރެންނާއި ގުޅުންހުރި އެންމެނަށްވެސް އޮތީ ހިތްދަތި ގޮތްގޮތަށް ވަކިވެ ދިޔުން ހެއްޔެވެ؟
ފުލުހުން އައިސްފިނަމަ ސަލާމަތް ނުވާނެކަން ޔަޤީންވުމާއި އެކު، އަހަރެން ދާން ހިނގައއިގަތީމެވެ. އިފްރީންގެ ހަށިގަނޑު އެ ޙާލަށް ދޫކޮށްލާފައެވެ.
ބޭރަށް ނުކުތް އިރު ޕާކުކޮށްފައި އޮތް އިފްރީންގެ ކާރު ލޮލުގައި އަޅައިގަތެވެ. ތިރިކޮށްފައި ހުރި ބިއްލޫރި ގަނޑުން އެތެރެ ބަލައިލީމެވެ. ސީޓު މައްޗަށް އެއްލައިލާފައި ތަޅުދަނޑިވެސް އޮތެވެ. އައި ވިސްނުމަށްވުރެ މޮޅު އެއްޗެއް ހިތަކަށް ނައެވެ. އިފްރީންގެ ކާރަށް އަރާ ދުއްވާލީމެވެ.
މަގުތައް މާ ރަނގަޅަށް ނޭނގޭތީއާއި އެކު، ހުރެވުނު ހިސާބު ދެނެގަތުމަށް އަހަރެން ހޯދީ އެމްއެސްއޭ ސްކްރީނުގެ އެހީއެވެ. ފުރަތަމަވެސް ބަލައިލެވުނީ ޒާރާ ކޮބައިތޯއެވެ. އިންނަން ޖެހޭ ތަނުގައި އިނުމުން އަހަރެންނަށް ހުރެވުނު ހިސާބު ފާހަގަކޮށް، ބްރިޖާއި ދިމާލަށް މިސްރާބު ޖެހީމެވެ.
ބްރިޖް މަތިން ވަރަށް ބާރު ދުވެއްޔެއްގައި މާލެއަށް ދަތުރު ކުރަމުން ދިޔަ ލޮކޭޝަނެއް ލޮލުގައި އަޅައިގަތެވެ. ރަނގަޅަށް ބަލައިލާ ކާކުކަން ދެނެގަތް ވަގުތު ވީ ބެޓެރި ހުސްވެ އެ ސްކްރީން ނިވުނު ވަގުތަށެވެ. ސަވާރުވި ސިނގުރުޅިއާއި އެކު، ޗާޖުކުރުމަށް ދީފައި އޮތް ޕަވަރބޭންކްގެ އެހީ ހޯދީ ހިމްޔާން އެދަނީ ކޮންތާކަށްތޯ ހިތާއި ހިތުން ސުވާލުކޮށްލަމުންނެވެ. އިފްރީން މަރާލާފައި ފިލަނީ ހެއްޔެވެ؟
ކޮންމެ މީހެއް ނަމަވެސް، މީހަކު މަރާލާފައި ފިލިޔަދޭން އަހަރެންގެ ހިތެއް ނޭދުނެވެ. ދުވެލި ބާރުކޮށްލީމެވެ. ހައިރާން ކަމެއް ލިބުނީ ފޯނަށް ހިމްޔާނުގެ މެސެޖެއް އައުމުންނެވެ. ސްނެޕް ޗެޓް ހުޅުވާލީމެވެ.
"ރިފް! އަތުގެ ބައިސެޕްސްގަ އެއްޗެއް އެބައިންތަ؟" އަހަރެން އިތުރަށް ހައިރާންވިއެވެ. އަހަރެންގެ މުލައްދަނޑީގައި ކޯޗެއް ހުންނަންވީ ހެއްޔެވެ؟
ފޯނަށް ބަލަހައްޓައިގެން އިނދެފައި ދެން މަގަށް ބަލައިލިއިރު، ދާންވީ ދިމާލެއް ނޭނގުނެވެ. ސްކްރީން ހުޅުވަން މަސައްކަތް ކުރީމެވެ. ލަސްވާނޭ ހިތަށް އެރި ހިނދު ފޯނުން ޗާޓު ހުޅުވާލާ، ކުރިއަށްވުރެވެސް ބާރު ދުވެއްޔެއްގައި ދުއްވާލީމެވެ.
ސްކްރީން ހުޅުވުމުން، ޝައްކާއި ވަހުމްތަކެއް އައިސް އަހަރެންގެ ބޯ ފުރާލިއެވެ. ދެއަތް ފިނިވެ ނޭވާ ކުރުވާ ގޮތްވިއެވެ. ފޯނާއި ސްކްރީނުން ފެންނަ ކަންތައް ދިމާނުވާތީއެވެ. އަހަރެންނަށް ހުރެވުނު ތަނެއް ނޫނެވެ. ހިމްޔާނެވެ.
ސްކްރީނުން ދައްކާގޮތުން ނަމަ، ހިމްޔާން ހުރީ އޭނާގެ ކޮޓަރީގައެވެ. ނަމަވެސް ފޯނުން ފެންނަނީ ވަރަށް ބާރަށް ދަތުރުކުރަމުން ދާތަނެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވެލިއެވެ. އެރޭ އަވަސްއަރުވާލަން ހަދައިގެން، ލޮކޭޓްކުރާ އިންޖެކްޝަން ޖެހުނީ ހިމްޔާންގެ އަތަށް ކަން ހަނދާނަށް އައެވެ. ފަޅާ އެރީ ބާވައެވެ؟
މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވެލި ކުރިއަށްވުރެވެސް ބާރުކޮށްލީމެވެ. ހުރެވުނު ހިސާބު ދުރުކަމުން، އަވަސް ވަގުތެއްގައި މާލެ ނުދެވޭނެކަން ޔަގީންވާތީއެވެ. އެ ހާސްކަމުގައި އިންދާ އަހަރެންގެ ފޯނު ރިންގުވާން ފެށީވެސް މުހިންމު މީހެއްގެ ފޯނު ކޯލަކަށެވެ.
އެއް އަތުން ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރުވެސް ދުވެއްޔަކަށް ބަދަލެއް ނުގެންނަމެވެ. ކާރު ދުއްވުމަކީ އަހަރެން މާ ފަރިތަ ކަމެއް ނޫންކަންވެސް ހަދާނުން އެވަގުތު ކައްސާލީއެވެ.
"ހަލޯ މާހިލް!" ފޯނަށް ޖަވާބުދެމުން ބުނީމެވެ. މާހިލް ރިފްޝާނޭ ބުނި އަޑު އިވުނެވެ. އިތުރު ބަހެއް އަޑު އިވުމުގެ ކުރިން، ކޮށްލެވުނު ހަރަކާތަކުން ފޯނު އަތުން ދޫވެ ވެއްޓުނެވެ. ފެނުނު މަންޟަރަކުން ލިބުނު ހައިރާން ކަމުންނެވެ.
އަހަރެންނެކޭ އެއް ދުވެއްޔެއްގައި ނުވަތަ އެއަށް ވުރެވެސް ބާރަށް، ފަހަތުން އައި ކާރު ޖެހުނީ އަހަރެން ދުއްވަން އިން ކާރުގައެވެ. ޖެހުނީކީ ނޫނެވެ. ކޮންމެވެސް ބޭނުމަކު ގަސްދުގައި ޖެއްސީކަން ޔަގީން ކުރީމެވެ. ސަބަބެއް ނެތިއެއްނޫނެވެ. ހަމަ ދެން އެހެން، ކާރެއް އައިސް ކުރިމަތީ އޮތް ކާރުގައި ޖެހޭނެ ހެއްޔެވެ؟
އަހަރެން ދިޔައީ އެއްލިގެންނެވެ. ދުވެލި ކޮންޓްރޯލުން ނެއްޓިއެވެ. ކާރުވެސް އެއްލައިގެން ދިޔައީ ކަމެއް ނޫނީ ކެހުނީ ކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. ދެލޯ މަރާ ތަގުޅި ކޮށްފައި އަޑުގެ ނެތްކޮޅަށް ހަޅޭއް ލަވައިގަނެވުނެވެ. ފަހު އަޑަކަށް އިވުނީ ކާރުގެ ބިއްލޫރިތައް ތެޅުނު އަޑެވެ.
.........................
ދެލޯ ހުޅުވާލެވުމުގެ ކުރިން މީހަކު އަހަރެންގެ އަތުގައި ހިފާއްޓައިގެން ހުރި ކަމުގެ އިހުސާސް ކުރެވުނެވެ. ދެލޯ ހުޅުވާލެވުމުން ފުރަތަމަވެސް ފެނުނީ ހޮސްޕިޓަލުގެ ސީލިންގެވެ. އުނދަގޫ ގޮތަކަށް ބޯ ހަރަކާތް ކޮށްލުމުން، ކައިރީގައި ތިބި ދެ މީހުން ފެނުނެވެ. މާހިލާއި އަޔާޒެވެ.
ބޮލުގައި ބެންޑޭޖުގަނޑެއް އޮޅާފައިވުމާއި އެކު، އިހުސާސްވަމުން ދިޔަ ތަދުން، ފަޅައިގެން ގޮސްފައިކަން އެނގުނެވެ. ރާއިން ވަޅި ހަރާލި ތަންތަނުގައިވި ރިހުންވެސް ވަނީ ކެތް ނުކުރެވޭ ވަރަށް ގަދަވެފައެވެ. ފައި ހިއްލާލެވޭ ވަރެއްވެސް ނޫނެވެ. ގައިގެ އިތުރު އެކި އެކި ތަންތަން ބެންޑޭޖު ކޮށްފައިވި އިރު ބައެއް ތަންތަނުން ތޫނު ދިލައެއް ނަގަމުން ދިޔައެވެ. އައްސިވެފައިވި ތަންތަންވެސް މަދެއް ނޫނެވެ.
"ރިފާޝާ!" ކޮޓަރީގައި އިތުރު ބައެއް ތިބި ކަމުގެ ހިލަމެއް ވީ އައިމަން ސަރގެ އަޑު ގުގުމާލުމުންނެވެ. މަޑުމަޑުން އެމީހުނާ ދިމާލަށް ބަލައިލިމެވެ. އައިމަން ސަރގެ އިތުރުން އޭނައާއި އެކު ހުރީ ޝައިހާނެވެ.
"ކަލޭމެން މިތާ ކީތް ކުރަނީ؟ ބުނީމެންނު އެންމެން ހައްޔަރު ކުރާނަމޭ" ހައިރާންވެ ހުރެ އަހަރެން ބުނީމެވެ. ވެފައި ހުރި ވަރުބަލިކަން އަޑުން ވަންހަނާ ކުރަން މަސައްކަތް ކުރަމުންނެވެ.
"ރިފް ތިތާ އޮންނަތާ ހަތަރު ގަޑި އިރުވީ. އަތުޖެހުނު އެންމެންވެސް ތިބީ އަހަރެމެން އަތްދަށުގަ." ޝައިހާން ބުނެލިއެވެ.
"އަތުޖެހުނު މީހުނޭ؟ އެންމެން ހައްޔަރު ކުރަން ޖެހޭނެއްނު؟ ކީތްވެ މިތާ ތި ތިބީ؟ ދޭ. އެހެން މީހުން...." އަހަރެން ހިތްހަމަ ނުޖެހުން ފާޅުކުރީމެވެ. އަހަރެން ކާރު އެކްސިޑެންޓު ކުރި ބައެއް އެހުމަކީ މުހިންމު ކަމެއް ކަމުގައިވެސް ނުދެކެމެވެ. މިއަދު މުހިންމީ ޤައުމު އޮތް ޙާލަތެވެ. މުޖުތަމަޢުގެ މަސްލަހަތެވެ.
"ގުޑް ނިއުސް އެން ބޭޑް ނިއުސް" އަނެއްކާވެސް ޝައިހާން ވާހަކަ ދެއްކިއެވެ. ބަލަން އޮތީމެވެ.
"އޭޒެޑް. އަލީ ޒުބެއިރު ހުރި ތަން އެނގިއްޖެ. މާލޭގަ ހުރި ހޮޓެލްއެއްގަ. އެމްއެސްއޭ ބަޔަކު މިހާރު ވީ ހައްޔަރު ކުރަން ގޮއްސަ." ޝައިހާން، އަހަރެންގެ ރުޅި ކޮންމެވެސް ވަރަކަށް ފިނިކޮށްލިއެވެ.
"ރިފް ލޮކޭޓް ކުރި އެންމެންވެސް ހައްޔަރު ކުރެވިއްޖެ. އެކަކު ނޫން..." ޝައިހާން އިސްދަށަށް ޖަހާލިއެވެ. އަނގަހުޅުވާލީ ނަން ބުނަން ނަމަވެސް އަހަރެން އެ ފުރުސަތު ނުދީ ދޫ ހަރަކާތް ކޮށްލީމެވެ.
"ހިމްޔާން!" އައި ނައިތަނެއް ނޭނގި އަނެއްކާވެސް އަހަރެންގެ ބޯ ވަށާލީ ހާސްކަމެވެ.
"ކިހިނެއް ރިފާޝާއަށް އެނގުނީ؟" އައިމަން ސަރ އެއްސެވެ. އަހަރެން މަތި މަތިން ކިޔާލަ ދިނީމެވެ. އަހަރެންނަށް އެނގިފައިވީ މިންވަރެވެ.
މާހިލް މަތިން ހަނދާންވީ އެވަގުތެވެ. ސުވާލު މާކަކާއި އެކު ބަލައިލީމެވެ.
"ނޯ ވޮރީސް. އެމީހުން މަށަށް ކިޔައިދިނީ. ތީ ދޯ ގޮތްކުޑަ މީހެކޭ. ހާދަ ދޮގެއް ހަދާފައޭ ތި އުޅެނީ.." މާހިލް ސަމާސާކޮށްލިއެވެ.
"ކީތް ކުރަން ގުޅީ؟" އެކްސިޑެންޓުގެ ކުރި ހަދާންކުރަމުން އަހާލީމެވެ.
"ރިފްޝާންގެ ފަހު އަޑުއެހުން ވީމަ، އަންނަން ބޭނުންވެދާނޭ ހީކޮށްފަ" މާހިލް ޖަވާބު ދިނެވެ. އަހަރެންގެ ޝައުގުވެރިކަން އަތުލަމުންނެވެ. ކެތްތެރިކަމެއް ނެތި ވީ ކިހިނެއް ތޯ އަހާލީމެވެ. މާހިލް ވެދުންކޮށްލީ ލުއި ހިނިތުންވުމެކެވެ.
"މުއީން ހައްޔަރު ކޮށްފި. ޑޮކްޓަރ އަށްވެސް ޙުކުމް އިއްވާފަ، ފޮނުވާލީ އޭނަ ގައުމު ޖަލަށް. ހޯދި ހޯދުމުން އެނގުނީ، މާޔަން، ތިން މަސް ކުރިން މަރުވިކަން." މާހިލް ތަފްސީލުކޮށްލަ ދިނެވެ. އަހަރެން މަޑުމަޑުން ދެތުންފަތް ފޭކޮށްލީމެވެ. ލޯ މަރާލާ ކޮއްކޮގެ ސޫރަ ސިފަކޮށްލީމެވެ. ހިތަހަމަ ޖެހުމެއް ލިބުނު ނަމަވެސް އޭގައި ފޮނި މީރުކަމެއް ނެތެވެ. އިންސާފު ލިބުނަކަސް ކޮއްކޮއެއް އަނބުރާ އަހަރެންގެ ގާތަކަށް ނާންނާނެއެވެ.
"ހަމަ އެކަނި ޒުބެއިރުމެން ކުރިއަސް ވާނެ ފައިދާއެއް ކޮބާ؟ އެމީހުންގެ ދަށުން ތިބޭ މީހުން އަދިވެސް ހަމަ އެމީހުންގެ މަސައްކަތް ކުރިއަށް ގެންދާނެ." އިރުކޮޅަކު ވިސްނަން އިނދެފައި އަހަރެން ބުނީމެވެ.
އައިމަން ސަރ، ގޮނޑިއެއް، އަހަރެން އޮތް އެނދާއި ކައިރިއަށް ގެނެސް އޭގައި އިށީނެވެ. އެ ޢަމަލުންވެސް ބޮޑު ވާހަކައެއް ދައްކަން އުޅެނީކަން ޔަގީން ކުރީމެވެ.
"ރިފާޝާ. އަހަރެމެންނަށް ވާ ނަމަ، މި ރާއްޖޭގަ އަދަބު ޙައްޤުވާ އެންމެނަށްވެސް އަދަބު ދޭނަން. ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރާނަން. އެކަމަކު އަހަރެމެންވެސް ޤަބޫލު ކުރަން ޖެހޭނެ މިއީ ދުނިޔެކަން. ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެމެންނަށް އެކަންޏެއް އަދުލު އިންސާފެއް ޤާއިމެއް ނުކުރެވޭނެ. މިތާ އުފެދިފަ މިހުރި ފިތުނަތައް ނައްތައެއް ނުލެވޭނެ. މަސައްކަތް ކުރަން ޖެހޭނީ އަހަރެމެންގެ ފެންވަރުން. އެކަން މި ކުރަނީ. އަދިއަކު، ރަނގަޅަށް ކަންކަން ހިންގޭ ވަރަށް މީހުނެއް ނެތް. ތިބި މީހުންގެވެސް މާ ބޮޑު ހުނަރުވެރިކަމެއް ނެތް. އުންމީދަކީ އަހަރެމެން މި ވާހަކަތައް ހިއްސާ ކުރާ ކުދިން، ކޮންމެވެސް ދުވަހަކުން އަހަރެމެންނާއި ގުޅުން." އައިމަން ސަރ ފުން ނަޟަރަކުން ބަލައިލީ އަޔާޒާއި މާހިލަށެވެ. އެދެމީހުންވެސް ސީދާ އައިމަން ސަރ އަށް ބަލަހައްޓައިގެން ތިއްބެވެ.
"ވިސްނާނަން.." އެމީހުނަށް އެއްލި ބަހެއްކަން އެނގި އަޔާޒް ބުނެލިއެވެ.
ފޯނަށް ބަލައިލާފައި އައިމަން ސަރ ކޮޅަށް ތެދުވީ ހަމަ ކުއްލިއަކަށެވެ. ނަޟަރު، ފޯނުން ކަތިކޮށް ނުލާ، ޒުބެއިރ ހައްޔަރު ކުރެވިއްޖެ ކަމަށް ބުނަމުން އައިމަން ސަރ ހިނގައިގަތީ ނުކުންނާށެވެ. ފަހަތުން ޝައިހާންވެސް ދިޔައެވެ.
މާހިލާއި އަޔާޒަށް ބަލައިލީ ރޭވުމެއް ރާވާލަމުންނެވެ. ޒަޚަމްތަކުގެ ބޮޑުމިން އެނގުނު ނަމަވެސް އެކަމާ އަޅާލާން އަހަރެންގެ ހިތް ނުރުހުނީއެވެ.
"ކަލޭމެން ތީ ފިރިހެނުންތަ؟ މިހެން މި ބުނީ...... އެއްވެސް ވަރަކަށް ގަޓު ނުހުންނާތީ." އަހަރެން ބުނީމެވެ. އަޔާޒް ނިތް އަރުވާލިއެވެ.
"އަޅެ ގަޓު ހުރިއްޔާ ހިނގާ މި ތަނުން މަ ގޮވައިގެން ފިލަން." ބޮލަށް އެރިގެންވިޔަސް، އަހަރެން ބޭނުންވީ އެތަނުން ނުކުމެވޭނެ ގޮތެއް ހޯދާށެވެ.
"ޕްލީސް ޕްލީސް ޕްލީސް.." އަަރެން ހުއްޓާ ނުލާ ކިޔަން ފެށީމެވެ. އަޔާޒް ހުރީ އެއްބަސް ވާ ގޮތަކަށް ނޫނެވެ. ނަމަވެސް މާހިލް ސަކަރާތެއް ޖަހާލަން ބޭނުން ކަމަށް ބުންޏެވެ. މެޖޯރިޓީ ފިލާ ކޮޅަށޭ ކިޔާ އަހަރެން ހިއްޕާލީމެވެ.
......................
މީހަކަށް ނުފެނި ސިއްރުން ލިފްޓާއި ހަމައަށް ފޯރި އިރު އަހަރެން ކިރިޔަ ކިރިޔާ ސަލާމަތުން ހަމަހޭވެރިކަމުގައި ހުރި ކަމެވެ. އަޔާޒްމެންގެ އެހީއާއިއެކުވެސް އަހަރެންނަށް ހިނގެނީ ކޮރެއް ޖަހަމުން، މަޑުމަޑުންނެވެ.
މީހަކަށް ޝައްކެއް ނުވާނެފަދަ ގޮތަކަށް ހޮސްޕިޓަލުން ނުކުމެވުނެވެ. ވަރަށް މަސައްކަތުންނެވެ. ބޭރަށް ނުކުމެވުމާއި އެކު އަހަރެން ފިޔަވަޅުތައް އަވަސްކުރަން އުޅުނީމެވެ. ނަމަވެސް ނުވާވަރުން ކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ؟
އެކްސިޑެންޓު ވި އިރު އަހަރެންގެ އަތުގައި ހުރި ސާމާނު، އަޔާޒް ގެންގުޅުނު ދަބަސްގަނޑުގައި ހުއްޓެވެ. އަހަރެން އޭގެން ޓެބްލެޓް ނަގާ ހޯދާލީމެވެ. ހުޅުމާލެ ކަމުން ޕާކުކޮށްފައި އޮތް އެމްއެސްއޭގެ ކާރެއް ވަރަށް ފަސޭހައިން އަތުޖެހޭ ގޮތްވިއެވެ.
"ދުއްވަން އެނގޭތަ؟" ހިނގާފައި ގޮސް، ކާރާއި ހަމައަށް ފޯރުމުން އަހަރެން އަހާލީމެވެ. އަޔާޒް ގާތުގައެވެ. ވަގުތުން ބޯ ހޫރުވާލިއެވެ. މާހިލް ބަހެއް ބޭރު ކުރުމުގެ ބަދަލުގައި، ކާރުގެ ދޮރު ހުޅުވާލިއެވެ. ދުއްވާ ސީޓުގައި އިށީނުމުން، މާހިލަށް ކާރު ދުއްވަން އެނގެނީ ކަން ޔަގީންކުރެވުނެވެ.
ކާރުތެރޭ ފޮރުވާފައ އޮތް ތަޅުދަނޑި ހޯދާ މާހިލްއަތަށް ދިނީމެވެ. މާލެއަށް ދިޔުމަށް، ބާރު ދުވެއްޔެއްގައި ކާރު ދުއްވާލިއެވެ. ނަސީބުގައި ތަން އޮތްކަން ޔަގީންވީ، ބަޔަކަށް ނުފެނި އަހަރެންނަށް އެ ހިސާބުގަނޑުން ފިލުނު ކަމުންނެވެ.
.......................
ޓުންގްސްޓެން ހޮޓެލާއި ތަންކޮޅެއް ދުރުގައި ކާރު މަޑުކޮށްލިއެވެ. މާހިލް ކާރުގައި ބައިންދާފައި އަހަރެން އަޔާޒާއި އެކު ނުކުތީމެވެ. އަދި ފުން ނަޟަރަކުން އެ ހޮޓަލަށް ބަލައިލީމެވެ. އެންމެ ފަހުން ޒުބެއިރު ދިރިއުޅުނު ތަނެވެ.
ޕޮލިހުން، ނުވަތަ އެމްއެސްއޭގެ ހިލަމެއްވެސް ނުވާތީ، އަޔާޒްގެ އެހީއާއި އެކު ވަންނަން ދާން ހިނގައިގަމެވެ.
ހޮޓެލުގެ ތެރެއިން އަޑެއް ބަޑެއްވެސް ނީވެއެވެ. މީހުންނަށް ވަނުން މަނާކޮށް، ރީނދޫ ކުލައިގެ ޓޭޕް ދަމާފައި ހުރިތަން ފެނުނީ އެހިސާބަށް ދިޔަ ފަހުންނެވެ.
ވަރަށް މަޑުމަޑުން، އެތެރެއަށް ވަނީމެވެ. މާހައުލުގައި ވީ ހަމަ ހިމޭންކަމެވެ. ދަން ގަޑިއަކަށް ވުމާއި ވެސް އެކު، ހިނގަމުންދާ ހަމަ ނުޖެހުން ތަކުގެ ސަބަބުން މުޅި މާލެވެސް ނިދާފައި ވާ ކަހަލައެވެ. ދުރުން އިވޭ ސައިކަލުތަކުގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ.
ހުރަހަކާއި ނުލައި ޒުބެއިރުގެ ކޮޓަރިއަށް ވަދެވުނެވެ. ހުރިހާ އެއްޗެއްވެސް ހުރީ ތަރުތީބުންނެވެ. ކަނު އަނދިރިކަން ވަށާލާފައި ވި ނަމަވސް، ބޮކި ދިއްލުމަކީ ބުއްދިވެރިކަމެއް ކަމަށް ޤަބޫލެއް ނުކުރެވުނެވެ. އެ އަނދިރި ކަމުގައި، ފޯނުގެ ފްލެޝްލައިޓުގެ އެހީގައި، ކޮޓަރި ހާވަން ފެށީމެވެ.
ލިޔެކިޔުން ތަކެއް ހުރި ފައިލްތަކަކާއި އަޔާޒް ކައިރިވމުން، އަހަރެން ކައިރިވީ ކަބަޑާއެވެ. ތަޅު ހަލާކުކޮށްލާފައި ހުޅުވި އިރު، އެތަނުގައިވެސް ހުރީ ލިޔެކިޔުންތަކެކެވެ. އެއެއްޗެހި ރަނގަޅަށް ބަލައިނުލެވި އުޅެނިކޮށް ބަޔަކު އަންނަ އަޑު އިވުނެވެ.
ވިސްނާކަށް ވަގުތެއް ނުލިބުނެވެ. އަހަރެން އަޔާޒްގެ އަތުގައި ހިފައިގެން ދުއްވައިގަތީމެވެ. ބެލްކަންޏަށެވެ. އަތުގައި ޖެހުނު ފައިލެއްވިއްޔާ ހިފައިގެންނެވެ. އަޔާޒަށް ގެނެވުނީ ހަމަ އެކަނި، މޭޒުމަތީ އޮތް ފޯނެކެވެ.
ނޭވާ ހިފާއްޓާލައިގެން ބަލަން ތިއްބާ ދޮރުހުޅުވާލާފައި ބަޔަކު ވަނެވެ. އަހަރެމެންގެ ހާސްކަން އިތުރުވިއެވެ. އެ ފުލުސް އޮފިސަރުންގެ އަތުގައި ނުޖެހި ދެން އަހަރެމެން ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟
އެމީހުން ކޮޓަރިއަށްވަދެ ފާސްކުރަން އުޅެގަތެވެ. އަހަރެމެން ތުރުތުރު ލާ ހާލު ބޮނދައިގެން ތިބީމެވެ. ހިތް އަތަށް އައިހެން ހީވީ ފުލުހަކު، ބެލްކަނީ ދޮރާ ދިމާލަށް ފޔަވަޅު އަޅަން ފެށުމުންނެވެ.
އަހަރެންގެ ވިސްނުމަށް އިތުރު ޚިޔާލެއް ނައެވެ. ހިފާއްޓައިގެން ހުރި ފައިލްތައް މެޔާލައި ބޮނޑިކޮށްލަމުން، އަހަރެން އިށީނީ، ރެއިލިން މަތީގައެވެ. އަޔާޒަށް، އެއްޗެކޭ ބުނެވުމުގެ ކުރިން އަހަރެން ފުންމާލީ، އަމިއްލަ މީހާގެ ބަލި ޙާލަށްވެސް ވިސްނުމެއް ނެތިއެވެ.
އަށެއްކަ ފޫޓު ތިރީގައި އޮތް، ދަބަރު ޖަހާފައިވި ފުރާޅުގައި ޖެހުމާއި އެކު ބާރު އަޑެއް ގުގުމާލިއެވެ. އެއަޑު ތަކުރާރުވީ، އަޔާޒްވެސް ހަމަ އެފަދައިން ކަންތައް ކުރުމުންނެވެ. ނަސީބު ދިމާ ކުރިގޮތުން، އަޔާޒަށް ހާނިއްކައެއް ނުވާ ފަދަ ގޮތަކަށް، ފުރާޅުގައި ފައި ހަމަކޮށްލެވުނެވެ. ނަމަވެސް އަހަރެން، ފުރާޅުމައްޗަށް ޖެހުނީ، ދެވަނަ ފަހަރަށް ފައި ހަމަކޮށްލަން ނުކެރޭނެ ވަރަށެވެ. އޮތް ތަނުގައި އޮވެވުނީ ހިރިލާނެހާ ހިތްވަރެއްވެސް ނެތިގެންނެވެ. އެތެރެ ހަށި ފުނޑުފުނޑު ވަނީހެންވެސް ހީވިއެވެ.
އަޔާޒް، އަވަސްއަވަހަށް، އަހަރެން ދަމާފައި ތަންކޮޅެއް ދުރަށް ގެންދިޔައެވެ. ބެލްކަންޏަށް އައި ފުލުހުންގެ ޓޯޗުތަކުގެ އަލިން ސަލާމަތްވީ ހަމަ ކިރިޔާއެވެ.
އެމީހުން އެކި ދިމަދިމާލަށް ޓޯޗު ދިއްކުރަން ފަސްވަރަކަށް މިނިޓު ތިއްބެވެ. އިވުުނު އަޑު އެއީ، ބުޅަލެއްގެ އަޑުކަމަށް ޤަބޫލުކުރާހާ އެމީހުންވެސް މޮޔަ ނޫނީއެވެ.
ވަރަށް ޙާލުން އަހަރެމެން، ވަދެވޭ ހިސާބެއްގައި ހުރި ކުޑަދޮރެއް ހަލާކުކޮށްލީމެވެ. އެތެރެއަށް ވަނީ، ނިދާފައި ތިބި ތިން ކުދިންނަށް ހިލަމެއްވެސް ނުވާނެހާ މަޑުމަޑުންނެވެ.
އަޔާޒް އަހަރެން އަތުލަފިކޮށްގެން، އެގެއިން ނެރެދިނެވެ. އަހަރެމެން ދެން އަވަސްވެ ގަތީ ކާރާއި ހަމައަށް ދިޔުމަށެވެ. އެއިރުވެސް އަހަރެންނަށް ހީވަމުން ދިޔައީ މަރު ބަލި ލައިގަނެގެން އުޅޭހެންނެވެ.
ކާރަށް އެރުމާއި އެކު ދުއްވާލިއެވެ. ކެތްކުރަން ބޭނުންވި ނަމަވެސް އަހަރެންނަށް ދިޔައީ ކުކުރެމުންނެވެ.
ހިތްވަރު ކޮށްފައި ދާންވީ ތަން ބުނެދިނީމެވެ. ބޭސް ފަރުވާއަށް ކަރު ހިއްކައިގަނެފައި ވާ ޙާލު، ބަނދަރު މަތިން ގޮސް، ލޯންޗަށް އެރީމެވެ. އަޔާޒް އަހަރެންގެ ގާތުގައި، ވެވޭނެ ގޮތަކަށް އެހީވާން ތައްޔާރަށް އިނެވެ. ބަނދަރުން ނެރެ، އަހަރެން އެދުނު ހިސާބަށް ލޯންޗު ގެންގޮސްދިނީވެސް މާހިލެވެ.
އެވަގުތު ހޭވެރިކަން ހުރި ކަމީ ބަދު ނަސީބޭ ހިތަށް އެރިއެވެ. ވަކިން ޚާއްސަކޮށް، ހެލިކޮޕްޓަރަށް އެރި ވަގުތުގައެވެ. އެހުރިހާ ވޭނެއްވެސް ތަހައްމަލު ކުުރަން ޖެހުނީތީއެވެ.
އެމްއެސްއޭ ބޯޓާއި ހަމައަށް ފޯރި އިރު، އަހަރެންނަށް ލޯ ހުޅުވާލެވެނީ ކިރިޔަ ކިރިޔާއެވެ. ހިތްވަރު ކޮށްފައި ފޭބީމެވެ. ލިބުނީ އަހަރެން ހީ ކުުރިކަހަލަ މެހެމާން ދާރީއެއް ނޫނެވެ. އެންމެ ފަހު ވަގުތުގައި ނަސީބު އަހަރެންނަށް ކެހި ދިނީއެވެ. ބޭނުންނުވި ވަގުތުގައި ހޭވެރިކަން ދިޔައީއެވެ.
..........................
..........................
ހަފްތާއެއް ވޭތުވެ ދިޔައީ އަހަރެން އެނދުމަތި ކޮށްފައި އޮއްވައެވެ. އެމްއެސްއޭގެ ޚިދުމަތްތަކުގެ ފުރިހަމަ ކަމާއި އެކުު، އަހަރެންގެ ޙާލުު އައީ ރަނގަޅުވަމުންނެވެ. ރަފީންބެމެން ހާސްކަމެއްގެ ތެރެއަށް ވައްޓާލަން ނޭދޭތީ މާހިލް އެނބުރި މާލެއަށް ދިޔައެވެ. ނަމަވެސް އަޔާޒް އަހަރެންނާއި އެންމެ ގާތުގައި ހުއްޓެވެ.
ބޭސްފަރުވާގެ ކަންތައް ނިމި، އަރާމުކުރަން އެންގީ އެތަނުގައި އަހަރެން އޮންނަތާ އަށްވަނައަށް ވީ ދުވަހުއެވެ. ފޫހިވެފައި އޮއްވާ އަޔާޒް އައިސް ފައިލްތަކެއް ދިއްކޮށްލިއެވެ. އެރޭ ޒުބެއިރުގެ ކޮޓަރީން އަހަރެމެން ނެގި ތަކެއްޗެވެ.
ހުޅުވާ އެތެރެ ބަލައިލީމެވެ. ހުސްވެސް ސޮއި ކުރެވިފައިވި އެގްރިމެންޓް ތަކެކެވެ. ރަނގަޅަށް ކިޔާލުމުން އޭގައިވަނީ ހުރި މަޤާމްގެ ނާޖާއިޒު ފައިދާ ނަގާ، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމުގެ ހެކި ކަން ޔަގީންވިއެވެ.
"ކީތްވެ މި އައިމަންސަރ އަށް ނުދިނީ؟" އަހަރެން އަޔާޒާއި ސުވާލުކުރީމެވެ.
"މިހާރުވެސް ޒުބެއިރު އެހުރީ މިމީހުންގެ އަތްދަށުގަ. އެކަމަކު ދުނިޔޭގެ ނަޟަރުގަ މިތަނުން ހައްޔަރު ކުރާ މީހުންނަކީ ގެއްލޭ ބައެއް. ކަމެއް ނިމޭނީ ހުކުމް އިއްވި، ފުލުހުން، އެމީހުން ހައްޔަރު ކުރީމަ..." އަޔާޒް އޭނާގެ ޚިޔާލ ފާޅުކޮށްލިއެވެ. އަހަރެންނަށްވެސް އެކަމާއި ދެބަހެއް ނުވެވުނެވެ.
ސިކުނޑިއަށް އައި ޚިޔާލުން އަހަރެން ސައިޑް ޓޭބަލް މަތީ އޮތް ލެޕްޓޮޕް ނެގީމެވެ. އަޔާޒް ނޫން މީހަކަށް އަންގާލުމެއްވެސް ނެތި އަހަރެން، އެ ލިޔުންތައް ސޯޝަލް މީޑިއާގައި ޢާންމު ކޮށްލީއެވެ. އަޔާޒް އެދުނީ ފުލުހުންނަށް ފޮނުވަން ނަމަވެސް، އަހަރެންނަށް ވިސްނުނު ގޮތުގައި، އަހަރެން ބޭނުންވި ކަންތައް ފަސޭހައިން ކާމިޔާބު ކޮށްދޭނީ ދިވެހި ރައްޔިތުންނެވެ. ޒުބެއިރު، ނުފޫޒު ގަދަ މީހަކަށް ވީތީ ފުލުހުން، އެ ކަންތައް ބަލައި ނުގަތަސް، ޢާންމުން އެ ކަންތަކުގައި ހިފާލައިފިއްޔާ، އޮންނާނެ ހަމަ އެކަނި ގޮތަކީ ފުލުހުން ޒުބެއިރު ހައްޔަރު ކުރުމެވެ.
ޒާރާ ހައްޔަރު ކުރެވުނު ފަހުން، އިތުރު މީހަކު މަރާލާފައި ނުވި ނަމަވެސް، ގެއްލިގެން ހޯދަމުންދާ މީހުންގެ ޚަބަރުތައް ހޮޅުއަށިތައް ފަޅުފިލުވައިދެމުން ދިޔައެވެ. އެ ފަދަ ދަނޑިވަޅެއްގައި، އެ ލިޔެކިޔުންތައް ލީކު ވުމުން ވަރަށް ފަސޭހައިން ވައިގައި ހިއްޕެވެ.
އައިމަން ސަރ މެނަށް، އެއީ އަހަރެން ކުރި ކަމެއްކަން އެނގުމުން ވަރަށް އެއްޗެހި ކިޔެވެ. ނަމަވެސް ފުލުހުން ޒުބެއިރު ހައްޔަރު ކުރަން ހޯދަމުން ދާކަން އިއުލާން ކުރުމުން، އަހަރެންގެ ވިސްނުން އެމީހުންވެސް ބަލައިގަތެވެ.
އެމްއެސްއޭ އާއި ފުލުހުންގެ އިސްވެރިން އެއްބަސް ވުމަކަށް އައެވެ. އެމްއެސްއޭގެ ޖަލުގައި ތިބި އެންމެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެމްއެސްއޭ އަކީ ހަމައެކަނި، ފުލުހުންގެ އިސްވެރިންނަށް އެނގޭ ތަނެއްގެ ގޮތުގައި ބޭއްވުނެވެ.
.........................
މަހެއް ފަހެވެ. އަހަރެން ހުރީ ކޯޓު ތެރޭގައި އަޑުއެހުމަކަށް ހާޟިރުވެއެވެ. އެއީ ޒުބެއިރުގެ ކޮޓަރިއަށް ވަދެފައި އެމްއެސްއޭއަށް ދިޔަފަހުން، މާލެއަށް އެރި ފުރަތަމަ ފަހަރެވެ.
މާހިލް، އަހަރެންގެ އެއްފަރާތުގައި އިނެވެ. އަނެއް ފަރާތުގައި އިނީ އަޔާޒެވެ. ވަކީލެއް ކަމުން، މައްސަލައިގައ އިސްކޮށް ރަފީންބެ އުޅުނު އިރު މަލްދާއްތަވެސް އަޑު އަހާލަން އައިސް އިނެވެ. އެއީ މަންމަގެ މަރުގެ މައްސަލައިގެ އަޑުއެހުމެވެ. މުއީން ހާޟިރު ކޮށްފައި ހުއްޓެވެ.
އަހަރެންނަށް ޖެހުނީ ތުން ފިއްތާލައިގެން އިންނާށެވެ. މަންމަ މަތިން ހަދާންވާ ވަރުންނެވެ. އަޑުއެހުން މާ ގިނަ އިރަށް ދިގުލައިގެނެއް ނުދިޔައެވެ. ވަކި ހިސާބަކުން މުއީން އަމިއްލައަށް އެއްބަސްވީއެވެ. އެ ދުލުން ކޯޓުގައިވެސް، މަންމަ މަރާލި ކަމަށް ބުނީއެވެ.
މައްސަލަ ނިމުމުން، އަހަރެން ހިތް ހަމަ ޖައްސާލީމެވެ. މާހިލަށާއި ރަފީންބެއަށް ޝުކުރު އަދާކުރީމެވެ. އަހަރެން ދުނިޔެމަތީ ކުރަން ބޭނުންވި ދެ ކަންތައް ފުރިހަމަ ކޮށްދިނުމުންނެވެ. އަހަރެންގެ ޢާއިލާ އަހަރެންނާއި ވަކިކޮށްލި މީހާއަށް ޙައްޤު އަދަބު ލިބުމުންނެވެ.
....................
އަހަރެން ދިރިއުޅެނީ އެމްއެސްއޭގައެވެ. އިތުރަށް ފީލްޑަށް ނުކުތުމުގެ ބަދަލުގައި އަހަރެން ނިންމީ ޓްރެއިނަރެއްގެ ގޮތުގައި ދުވަސްކޮޅެއް ހޭދަ ކުރުމަށެވެ. ގޭންގް މީހުންގެ އުކުޅުތައް އެހެން މީހުނަށް ކިޔައިދީ އެމީހުންގެ އުކުޅުތައް ދަސްކުރަމުން ދިޔައީމެވެ.
ހިމްޔާން ހޯދުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. ލިބުނު ހަމައެކަނި ކުރި އެރުމަކީ ހިމްޔާން ރާއްޖޭގައި ނެތްކަން އެނގުމާއި، ހިމްޔާނާއި އެކު ލާޝީން ނަމަކަށް ކިޔުނު މީހަކުވެސް ފިލިކަން އެނގުމެވެ.
"ކަލޭ ހިމްޔާނާ އެއްކޮށް އެހެން ގޭންގު ގޭންގަށް ވަންނާނެ ކަމެއް ނެތް." ޒުބެއިރު ލާޝީނާ ވާހަކަ ދެއްކި ކޯލް ރިކޯރޑިން އެއް އަޑއެހީމެވެ. އެނޫން އިތުރު ހެއްކެތް އަދި ކުރިއެރުމެއްވެސް ނުލިބުނެވެ.
އަޔާޒް އޭނައަށް ފެންނަ ގޮތް ނިންމިއެވެ. އެހެން ގޭންގަކަށް ޖާސޫސް ކުރުމަށް ނުކުތުމަށް ޓްރެއިނިން ހަދަން ފެށްޓެވެ. އަލްޔަސްގެ ދިރިއުޅުން ގާތުން ފެނިފައި ވުމާއި އެކު އަހަރެންގެ އެންމެ ގާތް އެކަކަށް ވުމުންނެވެ. އެހީތެރި ވުމުގައި އަހަރެން އުޅުނީމެވެ. މާހިލްގެ ނިންމުމަކަށް ވީ ޑްރައިވަރަކަށް ވުމެވެ. އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމާއި ހުރި ހުނަރާއިވެސް އެކު ރަފީންބެ މެނަށް ޝައްކެއް ނުވާނެ ފަދަ ގޮތަކަށް އުޅުމަށެވެ.
ފުލުހުންގެވެސް އެއްބާރު ލުމާއި އެކު، ރާއްޖެ ވެއްޓިފައި އޮތް ޙާލަތުން ހަރުފަތެއް ކުރިއަށް ޖެހިލިއެވެ. ނަމަވެސް އަހަރެން ބޭނުންވާ ވަރަށް އަދުލާއި އިންސާފް ޤާއިމެއް ނުކުރެވެއެވެ. ހިމްޔާނާއި ލާޝީން އެއީ އެކަމުގެ ހެއްކެވެ. އިންސާފް ލިބެންޖެހޭ އެތައް ބަޔަކު އަދިވެސް، މިރާއްޖޭގައި އިންސާފް ނުލިބިވެޔެވެ. ހޯދަން ޖެހޭ ބައިވަރު އޮޅުންތަކެއް އަދިވެސް އެބަ ވެއެވެ. އަހަރެން މަސައްކަތް ކުރަމުން މިދަނީ އެކަންކަން ހޯދާށެވެ.
އަހަރެންގެ ޙަޔާތުގައި އަހަރެން ލޯބިވި އެތައްބައެއްގެ ނިމުން އައީ ނުހަނު ހިތިކޮށެވެ. މަންމަ އޮތް ގޮތް އަހަރެންގެ ހަނދާނަކުން ދުވަހަކުވެސް ފުހެ ނުލެވޭނެއެވެ. ކޮއްކޮ ތަހައްމަލު ކުރި ވޭން ދުވަހަކުވެސް މި ހިތަކުން ނުފިލާނެއެވެ. އަހަރެންގެ ސަަބަބުން މަރުވި ތާނިމާއި އެއް އިރެއްގައި އެންމެ ލޯބިވި ރާއިންގެ ޚިޔާލުތައް އަހަރެން ދިރިހުރިހާ ދުވަހަކު ދުއްތުރާ ކުރާނެއެވެ. އަހަރެންނަށް އެހީތެރިވެދޭން އަތްކުރި އޮޅާލުމާއި އެކު ވަކިވެ ދިޔަ އެޖާއި ނަފްރަތު ކުރިއެއްކަމަކު އެކުގައި އުޅުނު އިފްރީން މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟
ޚިޔާލުތަކުން ދުރުވެލަން މަސައްކަތްކުރަމުން ޖަހާފައި ހުރި ލަވައަށް ސަމާލުކަން ދިނީމެވެ. ނަމަވެސް ކޮންމެ ކަމަކުންވެސް އަހަރެންނަށް ހަނދާންކޮށްދެނީ އަހަރެންގެ ހަޔާތުން އުނިވެފައިވާ ބައެވެ. ޝަޔާންގެ އަޑުން ނަމަވެސް ލަވައިގައި ކިޔަމުން ދިޔައީ އަހަރެންގެ ހިތުގެ އިހްސާސްތައް ފަދައެވެ.
"ވަކިވެގެން ދިޔުމަށް ނޭދުނަކަސް،
ދެކިލަން އަދު ވީ މާޒީއޭ.
ބިކަވެގެން މަގެ ހިތް ދިޔަޔަސް،
ދަތިކަން އިހުސާސް ވިޔަކަސް،
އޭރުގެ އުޅުމެއް ލިބުމެއް ނުވެޔޭ...
ވޭނުން ފުރިގެން ހިތް ރޮއުނަސް،
ލޭގެ ބަދަލު ލިބުމެއް ނުވެޔޭ.
ބޭނުންވެގެން އާދޭސް ކުރިޔަސް،
މޭ ހިތުން ޤުރްބާން ވިޔަކަސް،
ތަޤުދީރުގަ އޮތް ގޮތަކީ މީއޭ..."
ޙަޔާތުގައި މުހިންމު އެތައް ބައެއް ވަކިވެ ދިޔަޔަސް ބިތް ޖެހިފައި އިނުމަކީ ޙައްލެއް ކަމުގައި ނުދެކެމެވެ. އުންމީދަކީ ނިންމަމުން މިދާ ޓްރެއިނިންގެ ހަރުފަތް ގިރާ ކުރުމަށްފަހު، ދުނިޔެއާއި ކުރިމަތި ލުމެވެ. އިންސާފާއި އެކުއެވެ.
(ނިމުނީ)
............................
............................
ވާހަަކަ ކުރިއަށް ގެންދިޔުމުގައި ތިޔަ ކިޔުންތެރިން ދެއްވި ސަޕޯރޓަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. ވާހަކައާއި މެދު ހުރިހާ ކިޔުންތެރިންވެސް ހިތްހަމަ ޖެހުނު ކަމަށް އުންމީދުކުރަމެވެ. އިންޝާﷲ 'ވަކިވެދިޔަޔަސް' ގެ ބައެއް ޝަޚްސިއްޔަތު ތަކާއި އެކު އާ ވާހަކައެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަމެވެ. ❤❤❤

  1. Avatar

    alheyyy montisss???…varah varah rythi koh thi nimmaaly…ending varah varah kamudhey…n I like rifasha ge character varah bodah???…I also want be like her…heheh…ummm myge dhevana season eh genesdheyn vynu sis…varah beynun…anyways goodluck for ya exams…lav u ❤❤❤

    11
  2. Avatar

    ވަރަށް ރީތި ވާހަކައެއް. އުމުރުގަ ކިޔުނު އެންމެ ރީތި އެންމެ ތަފާތު އެއް ވާހަކަ. ވަރަށް ކަމުުދޭ މި ވާހަކަގަ ވާ ލަވަތަށް. އެންމެ ކަމުދަނީ އެހެން މީހެއްގެ މަސައްކަތުގެ ބަދަލުގައި އަމިއްލަ ލަވަ ތަކެއް ހިމަނާލީމަ. މި ހާރަކައް އައިސް ލޯބީގެ ޑުރާމާ މާބޮޑު ނޫ މިކަހަލަ ވާހަކައެއް މިޔާލަން ނުލިބޭ. ވަރަށް އުފާ ވެއްޖެ މި ކަހަލަ ތަފާތު ވާހަކައެއް ގެނެސް ދިނީމަ. އިންތިޒާރު ކުނާނަން ދެން އޮތް ވާހަކައަކަށް.ހީކުރި
    ަން މި ކަހަލަ ތަފާތު ވާހަކައަކަށް ވާނެ ކަމަށް.

    10
  3. Avatar

    Assalam alaikum…. Alhugandaky vaahaka kiyumah dhevi hifaafavaamyhakymeve… Egothun ethah baivaru vaahakaeh alhuganduvaany kiyaafaeve… Namaves mihaa thafaathu adhi reethi vaahakaeh dhuvahakuves nuikiyameve… Liyunthriyaa ah varah bodah shukuriyyaa… ?????

ޚިޔާލު ފޮނުއްވާ