Views: 4142 82

ތިން ވަނަ ފަހަރަށް ގޮވާލުމުން، އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. މަންޟަރު ސާފެއްނުވިއެވެ. ލޮލުގައި ހުރީ ފުސްކަމެކެވެ. ނޫނީ ސިކުނޑި މަސައްކަތް ކުރާލެއް ލަހީއެވެ. ހުދުކުލައިގެ ސީލިންގއާއި ފާރަށް ފަހު، ކައިރީގައި ހުރި މީހަކު ލޮލުގައި އަޅައިގަތެވެ. ހަށިގަނޑު ދެމިފައިވިލެއް ކުރުކަމުން ކުޑަކުއްޖެއްކަން އެނގުނެވެ.
"ރިފްޝާން.." ދޫ ހަރަކާތް ކޮށްލުމާއި އެކު މަޑުމަޑުން އަޑުނިކުތެވެ. ފެންނަމުން ދިޔަ ރީތި ހުވަފެން ބަދަލު ކޮށްލީ ސާފުވި ޙަޤީގީ މަންޟަރެވެ.
އަހަރެންނަށް އޮވެވުނީ އަހަރެންގެ ކޮޓަރީގައެވެ. ކައިރީގައި ހުއްޓިލައިގެން ހުރީ އަށެއްކަ އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާއާއި ދާދި ގާތުގައި އަޔާޒް ހުއްޓެވެ. އަހަރެންނަށް ގޮވީ އަޔާޒެވެ.
މަޑުމަޑުން ބޮލުގައި އަތް ޖައްސާލަމުން އަހަރެން އޮތް ތަނުން ތެދުވެ ފަޑީގައި ލެނގިލައި އިށީނީމެވެ. ބޮލުގައި ރިހުމެއް ހުއްޓެވެ. ފައިގައި އަޅާ ވޭން އަދި ވަކިން ބޮޑެވެ.
"ރިފް! ޔޫ އޯކޭ؟" އެ ކުޑަ އަންހެން ކުއްޖާ އެއްފަރާތް ކޮށްލާ، އަހަރެންނާއި ކައިރިވެލަމުން އަޔާޒް އެއްސެވެ. އަހަރެން ވަކި ޖަވާބެއް ނުދެމެވެ. އަންހެން ކުއްޖާގެ ނަޟަރުވެސް އިތުރު ދިމާލަކަށް ނުހުއްޓޭކަން އެނގުނު ހިނދު އަހަރެންވެސް އެ ކުއްޖާއަށް ބަލައިލަމުން ބަދަލުގައި ލުއި ހިނިތުންވުމެއް ދިނީމެވެ.
"މަގޭ ކޮއްކޮ" އަޔާޒް، އަހަރެންގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ދިނެވެ. ބޯޖަހާލުމަށް ފަހު، އެނދުކައިރީގައި ހުރި މޭޒުމަތީ ބާއްވާފައި އޮތް އަހަރެންގެ ފޯނު އަތަށް ނެގީމެވެ. ހުޅުވާލުމާއި އެކު ލޮލުގައި އަޅައިގަތީ ލޮކްސްކްރީން ވޯލްޕޭޕަރުގައި ލިޔެފައި އިން ލަވައެއްގެ ތަންކޮޅެކެވެ.
"ލޯބިން ވީހާ، ދުވަހެއް އެކުގާ.
ރޭގަނޑު ދަންވަރު ހަނދުގެ އަލީގާ.
ތުނިތުނި ވާރޭ، އަތިރި މަތީ.
ފަށްފަށްކުރަމުން ވައުދާ ހުވަޔާ.
މިހިތުގަ އެ ހަނދާން، މި ވަނީ އާލާ.
ވިޔަކަސް އެދުވަސް މާޒީގެ ތެރޭ.
އިހުސާސް ވާތީ ލޯތްބޭ މިކިޔާ.
ވާތީ ޔާރާ ބިންވަޅު ނެގިފާ...."
ހުޅުވާލުމަށް ފަހު އަހަރެން ވަގުތުން ފޯނު ނިއްވާލީމެވެ. ހިތަށް ކުރި އަސަރަކުންނެވެ. އަލާވި ހަނދާންތަކުންނެވެ.
ލޯ މަރާލައިގެން އިރުކޮޅަކު އިނދެފައި، ކަރުނަތައް ހިންދާލަމުން ތެދުވީމެވެ. ފަޔަށް ތަދުވަމުން ދިޔަ ނަމަވެސް ހަމަކޮށް ފިޔަވަޅު އެޅޭވަރު ވެއެވެ.
އަޔާޒް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ކޮއްކޮވެސްމެއެވެ. އަހަރެންގޮސް މަޑުކޮށްލީ، ހެދުން އަޅާ ކަބަޑު ކައިރީގައެވެ. ނެގި ޑެނިމް ޖެކެޓު، އަހަރެން ލައިގެން ހުރި ކަޅު ޓީޝާޓުގެ މަތިން ގަޔަށް މަހާލީމެވެ. ޓީޝާޓުގައި ރާއިންގެ ލޭވެސް ހޭކިފައި ހުއްޓެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. ކަކުލާއި ހަމައަށް އަރާވަރުގެ ސްކަރޓެއް ހިފައިގެން އަހަރެން ވަނީ ފާޚާނާއަށެވެ.
ފަޔަށް ރަނގަޅަށް ބަލައިލީމެވެ. ބޭސްގަނޑެއް އަޅާފައި އޮތެވެ. ކޮންމެވެސް ވަރަކަށް އައްސިވެފައިވާ ކަމުގެ އިހުސާސްވެސް ކުރެވުނެވެ. އެހާ ފުންކޮށް ތޫނު ވަޅިއެއް ހެރިގެން ވާންޖެހޭވަރަށް ތަދުނުވާކަން ޔަގީނެވެ.
ބޭސް އެޅީ ކާކު ބާއޭ ހިތާއި ހިތުން ސުވާލު ކޮށްލެވުނެވެ. ނަމަވެސް މާ ގިނައިރު ވިސްނަން ނުހުރެ، ލެގިންސް މަތިން ސްކަރޓް ލައިގެން ނުކުތީމެވެ. އެއިރު، ކޮޓަރިއަކު އަޔާޒެއް ނެތެވެ. އަޔާޒް ކޮއްކޮ، އެނދުގައި އިށީނދެލައިގެން އިނެވެ.
"ކޮން ނަމެއް ކިޔަނީ؟" އަހަރެން ގޮސް އެކުއްޖާ ގާތު އިށީނދެ އަހާލީމެވެ.
"ޔަލްވާ." މަޑުމަޑު އަޑަކުން ބުނެލިއެވެ. އަހަރެން ފުން ނަޟަރަކުން ޔަލްވާއަށް ބަލައިލީމެވެ. ރާޅުބާނި އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. ކުޑަކުޑަ ދެލޮލެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ހަމުގެ ކުލަވެސް އައްޔެވެ.
"ކޮބާ އަޔާޒް؟" އަހަރެން ސުވާލުކޮށްލީމެވެ.
"ދޮންބެ ދިޔައީ ގެއަށް." ޔަލްވާ ޖަވާބު ދިނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އިތުރަށް ސާފު ވޭތޯ ބަލަން ހުރީމެވެ.
"މަންމަ ކައިރީ ބުނަން ޖެހޭނެއްނު ޔަލް ގެނައި ވާހަކަ." އަނެއްކާވެސް ޔަލްވާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އަދި ފަހަތުން އައުމަށް އިށާރާތް ކުރަމުން ހިނގައިގަތީ ކޮޓަރީން ނުކުންނާށެވެ.
ބަނޑުހައިވެފައި ހުރި ވަރު އިހުސާސް ވީ، ބަދިގެއަށް ވަދެވުމުންނެވެ. އެއްޗެއް ކައްކާނެހާ ހިތްވަރެއްވެސް ނެތެވެ. ކަންނެތް ކަމާއި އެކު ކަޅުކޮފީއެއް ގިރާލީމެވެ. އަލަމާރިން މައިލޯ ޕެކެޓެއް ނަގާ، ޔަލްވާއަށް ދިނުމަށް ފަހު، އަހަރެމެން ގޮސް ޖައްސާލީ ސޯފާގައެވެ.
ކުރަން ޖެހޭ ފިކުރުތައް ބައިވަރެވެ. ނަމަވެސް އެއްވެސް އެއްޗެއް ވިސްނޭ ވަރަށް ވުރެ އަހަރެންގެ ސިކުނޑީގައިވާ ހައިޖާނުގަނޑު ބޮޑެވެ. ރާއިންގެ ޙަޤީގަތް އެނގުމަށް ފަހުވެސް އަހަރެން ރާއިނާއި ނުލައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
"ފައިގަ ބޭސް އެޅީ ކާކުކަން އެނގޭތަ؟" އަހަރެން ޔަލްވާއާ ސުވާލު ކޮށްލީމެވެ. ފައިގެ ތަދު ކުރިއަށް ވުރެވެސް ލުއި ވެއްޖެ ހެން ހީވުމުންނެވެ.
"ނޫން. ޔަލް ގޭގަ އިންދަ ދޮންބެ އައިސް ބުނީ އަންނާށޯ ދާން. ދޮންބެ ޔަލް ގެނައީ މިގެއަށް. އެއިރު އުޅޭ ބްލެކް ކުލައިގެ ހެދުން ލައިގެން ތިބި މީހުންތަކެއް. އެމީހުން ކަންނޭނގެ." ޔަލްވާ ޖަވާބު ދިނެވެ.
އިތުރު އެއްޗެކޭ ބުނަން އަނގަހުޅުވާލި ވަގުތު، ގޭގެ ދޮރުގައި މީހަކު ބެލް ޖެހި އަޑު އިވުނެވެ. މަޑުމަޑުން ދޮރާއި ދިމާލަށް ހިނގައިގަތީމެވެ.
ދޮރު ހުޅުވުމާއި އެކު އަޔާޒް އެތެރެއަށް ދެމިގަތެވެ. އެމޫނު މަތި މުޅިންހެން މިލާފައެވެ. އަޔާޒާއި އެކު އެކީހެން ގޮސް އަހަރެންވެސް ޔަލްވާ ކައިރީ މަޑުކޮށްލީމެވެ.
"ގޭ މީހުން ރުޅި އައިސްފަތަ ތިބީ؟" ޔަލްވާ ސުވާލު ކޮށްލިއެވެ. ވާ ނުވާ ދޭހަ ނުވާތީ މަޑުމަޑުން ހުރީމެވެ. އަޔާޒް އިސްދަށަށް ޖަހާލިއެވެ.
"އާނ. ވަރަށް އެއްޗިހި ކީ. އެކަމަކުވެސް އޯކޭ ވާނެ. ބޮޑުދައިތަ ރަނގަޅު ވެލަންދެން، ޔަލް ދޮންބެ ކައިރީ މަޑުކޮށްލާނީ ދޯ." އަޔާޒް ޔަލްވާއާއި މުޚާތަބުކޮށް ލޯބިން ބުނެލިއެވެ. އަހަރެން އެދެމީހުންނަށް ބަލަން ހުރީމެވެ. ހަނދާންވަނީ ރިފްޝާން މަތިންނެވެ. ކޮއްކޮއާއެކު ހޭދަވި ދުވަސްތަކެވެ. ހަމަ އެގޮތަށް ލޯބިން ވާހަކަ ދެއްކި ހަނދާންތަކެވެ.
"ދޮންތަ ހުރި ނަމަ." ޔަލްވާ މަޑުމަޑުން ބުނެލިއިރު އެދެލޯ ފެންކަޅިވެއްޖެއެވެ. ރިފްޝާންވެސް އަހަރެން ނެތް ދުވަހެއްގައި ބުނާނީ އެހެނޭ ހިތަށް އެރިއެވެ. ކެތެއް ނުކުރެވުނެވެ. ފަރުދާގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން ނޭނގުނު ނަމަވެސް، އެ ލޯބިލޯބި އަންހެން ކުއްޖާ ރޯތަން ބަލާކަށް، ނުހުރެވުނެވެ. ފަޔަށް ވާ ތަދަށް ބެލުމެއް ނެތި، އުޑަފައިން އިށީނދެލައި، ޔަލްވާގެ ކަރުނަތައް ފުހެލަ ދިނީމެވެ.
އަޔާޒްވެސް އައިސް ސޯފާގައި އިށީނެވެ.
"ޔަލް އުޅުނީ ބޮޑުދައިތަ ކައިރީގަ. ބޮޑުދައިތަގެ ފިރިމީހާ މަރާލީމަ، ބޮޑުދައިތަގެ ޙާލު ވަރަށް ގޯސް. މަންމަމެން ގޭގަ ނުބަހައްޓަން ވެގެން މަ މި ގެނައީ." އަހަރެންނަށް ސާފު ކޮށްދިނުމުގެ މަގުސަދުގައި އަޔާޒް ކިޔައިދިނެވެ. ޔަލްވާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ.
"ބޮޑު ދައިތަ ފިރިމީހާ؟" މަރާލީއޭ ބުނުމުން އަހަރެންގެ ދުލުން ސުވާލު ބޭރުވިއެވެ.
"ގޭގެ މަތީ ބައެއްގަ އުޅޭނެ ޕާޓޭ މީހުންތަކެއް. ކުރީ ރޭ، އެތަނުން މީހަކު، ގޭގެ ދޮރު ހަލާކު ކޮށްލާފަ އެތެރެއަށް ވަނީ. އެންމެން ތިބީ ކާން. އެމީހާ ވަން އިރު އަތުގަ ވަޅިއެއްވެސް އޮތް. ބޮޑުދައިތަ އަވަހަށް އަޅުގަނޑު ގޮވައިގެން ކޮޓަރިއަށް ދިޔައީ. ބޮޑުބެ ހަޅޭއްލެވި އަޑު އިވުން ވަރަށް ބާރަށް.. އެކަމަކު... އެކަމަކު ބޭރަށް ދާކަށް ނުކެރުން. ވަރަށް ގިނަ އިރު ތިބެފަ، އެއްވެސް އަޑެއް ނީވެން ފެށީމަ ބޮޑުދައިތަ ނުކުތީ ބޭރަށް، އަޅުގަނޑު ކައިރީ ކޮޓަރީގަ މަޑުކުރާށޭ ކިޔާފަ.." ވާހަކަ ދައްކަން އަޔާޒް އަނގަހުޅުވި ނަމަވެސް، އަޔާޒަށް ފުރުސަތު ދިނުމެއް ނެތި ޔަލްވާ ވާހަކަ ދެއްކިއެވެ. ގިސްލަމުންނެވެ. އަހަރެންނަށް ނުފޮހެވޭ ވަރަށްވެސް ކަރުނަ އަންނަމުން ދިޔައެވެ. އެހާ ކުޑަކުއްޖަކު ރޯތަން ދެކޭއިރު ހިތަށް އަސަރު ނުކޮށް ހުންނާނީ ކާކުގެ ހެއްޔެވެ؟
"ދެން.. ދެން.. ބޭރުން ބަޔަކު އުޅޭ އަޑު އިވުނު. ޕޮލިސް ކާރެއް އައި އަޑު އިވުނީމަ، ޔަލް ބޭރަށް ނުކުތީ.. އެއިރު... ބޮޑުބެ. އޮތީ މަރާލާފަ. ބައިވަރު ތަންތަނަށް ވަޅި ހަރާލާފަ. ބޮޑު ދައިތަ ހޭނެތިފަ." ކިޔައިދެމުން ކިޔައިދެމުން ގޮސް، ޔަލްވާ ބާރު ބާރަށް ރޯން ފެށްޓެވެ. އަހަރެން ފަދަ، ފުރާފުރިހަމަ ވެފައި ހުރި، މާރާމާރީގެ ދުނިޔޭގައި އުޅޭ މީހަކަށް، ހަމަ ލޮލުން މީހަކު މަރާލާތަން ފެނުމުން، ރޭނިދި ނުނިދޭވަރަށް އަސަރު ކުރާއިރު، އެ ކުޑަކުޑަ ފުރާނައަށް ކިހާ ވަރެއް ވާނެ ހެއްޔެވެ؟ ވީ ހަމްދަރުދީއާއެކު، ޔަލްވާ ގެނެސް، މެއާލައި ބޮނޑިކޮށްލީމެވެ.
އަހަރެންނަށް އެހެން އިނދެވުނީ އިރުކޮޅަކުއެވެ. ޔަލްވާ ދުރުކޮށްލުމަށް ފަހު، އިންތަނުން ކޮޅަށް ތެދުވީމެވެ.
"މީ އެމީހުން ކަންތަކޭ.. އަހަރުމެން ގޭންގު މީހުން." އަހަރެންގެ ބޮލަށް ރުޅި ސަވާރުވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ދެއަތް އޮތީ މުށްކެވިފައެވެ. މުޅި މީހާ ތުރުތުރުލައެވެ.
"އަހަރެމެން ގޭންގު މީހުނާ ހެދި އެންމެންގެ ދިރި އުޅުން މި ހަލާކު ވަނީ. އޭޒެޑް ގެ ކަންތަކޭ މީ. ހުވާ އެ އިންސާނާ ދުނިޔޭގައި ނޭވާލިޔަކަ ނުދޭނަން." އައި ރުޅީގައި، އެނބުރެލި ވަގުތު ލޮލުގައި އަޅައިގަތީ، ގެއަށް އައިސް އަހަރެން އިށީން ތަނުގައި އޮތް އަހަރެންގެ ދަބަހެވެ. ހިނގައިގަތީ އެއާއި ދިމާލަށެވެ.
ދަބަސް ނެގުމަށްފަހު ކޮނޑުގައި އަޅުވާލީމެވެ. ސިކުންތެއްވެސް ބޭކާރުކޮށްނުލާ، ދޮރުހުޅުވާފައި، ނުކުތީ ބޭރަށެވެ.
އަހަރެންނަށް ގޮވަމުން އަޔާޒް ދުވެފައި އައެވެ. ނަމަވެސް، ލިފްޓުގެ ދޮރު ލެއްޕުނު އިރު، ފޯރީ، ދޮރާއި ހަމައަށެވެ.
އަހަރެން ގްރައުންޑް ފްލޯރ އާއި ހަމައަށް ފޯރިއިރު ސިޑިން ވަރަށް ބާރަށް، ފައިތަޅަމުން މީހަކު އަންނަ އަޑު އިވެއެވެ. އަޔާޒްކަމަށް ޤަބޫލުކޮށްފައި އަހަރެން އަވަސްއަވަހަށް ދާން ހިނގައިގަތީމެވެ. ހުއްޓުވަފާނެ ކަމުގެ ބިރުއޮތުމުންނެވެ.
"ރިފާޝާ! އޭތް! ރިފާޝާ!" އަހަރެންނަށް ހިނގުނީ ތަންކޮޅަކަށެވެ. އަޔާޒް ދުވަމުން ދުވަމުން އައިސް އަހަރެންނާއި އަރާ ހަމަކޮށްލިއެވެ.
"ކޮންތާކަށް ތި ދަނީ؟ ކިތަންމެ ބައްޔަސް، ކަލެއަށް ހެޔޮދޯ!" އަޔާޒް އަހަރެންގެ ކުރި ބެއްދިއެވެ. އެ ހިސާބުގަނޑުގައި ހިނގާބިނގާވެ އުޅުނު މީހުންގެ ބެލުންތައް އަމާޒުވަމުން ދިޔައެވެ.
"އަންހެނުންގެ ނަމަށް ހުތުރުއަރުވާ މީހާ، މަގޭ މި ދެއަތުން ފަނާ ކުރަން. ހަނާ ކުރަން. މަށަށްވެސް ކެރޭކަން އެ ނުލަފާ މީހާއަށް ދައްކާލަދޭނަން. މަ ކުރާ ކަމެއް މަނާ ކުރެވޭނެ މީހަކު ނުހުންނާނެ!" އަހަރެންނަށް ވާހަކަ ދެއްކޭނެ އެންމެ ރުޅިވެރި ރާގުގައި ޖަވާބުދިނީމެވެ. އަދި އަޔާޒް އެއްފަރާތް ކޮށްފައި ކުރިއަށް ހިނގައިގަތީމެވެ.
"ރިފް.. ދެން." އަޔާޒް އަނެއްކާވެސް އަހަރެން ހުއްޓުވިއެވެ. ރައްދެއް ނުދެވި އުޅެނިކޮށް، މިފަހަރު އަޔާޒް މަގާވީ ފަރާތަށް ޖެހިލިއެވެ. ދުރަށް ހިނގައިގަތުމުން، ހައިރާންކަން މަތީ އިރުކޮޅަކު ހުރެފައި، އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ.
ދެން އަޔާޒް އައިސް މަޑުކޮށްލީ، ސައިކަލުގައެވެ.
"އަރާވަޑައިގަންނަވަން ވީނު؟ ވަޑައިގަންނަވަން ބޭނުންފުޅުވާ ތަނަކަށް ގެންގޮސްދީފާނަން." އަޔާޒް ދައުވަތު ދިނެވެ. އަހަރެން އެއް ފަހަރު މަގަށް އަނެއް ފަހަރު ސައިކަލަށް ބަލައިލީމެވެ. ޚިޔާރު ކުރީ ފަސޭހަ މަގެވެ. ފައިމަގުން ދާނަމަ، ދާންޖެހޭ ހިސާބަށް ފޯރާނެ އިރެއްވެސް ނޭނގެއެވެ. އެހެންނޫނަސް، ކަޅު ކޮފީ ބޮއިގެން ދިރިއުޅޭ ކުދިންގެ ހުންނާނީ ކޮން ހަކަތައެއް ހެއްޔެވެ.
"ބަނދަރަށް. ބޭންކް އޮފް ސިލޯން ކައިރި." ދާންވީ ކޮންތާކަށް ތޯ އެހުމުން އަހަރެން ޖަވާބު ދިނީމެވެ. ލަސްތަކެއް ކުރުމެއް ނެތި އަޔާޒް ސައިކަލު ދުއްވާލިއެވެ.
"ކުރިން މަށަކަށް ނޭނގެ ޔަޒް ކޮއްކޮއެއް ހުންނަ ކަމެއް." ސައިކަލުގައި އިނދެ އަހަރެން ބުނެލީމެވެ.
"ހަލފް ކޮއްކޮއެކޭ އެއީ. އެއްބަނޑު." އަޔާޒް ބުނެލިއެވެ. ހަގީގީ ކޮއްކޮ ނޫން ނަމަވެސް، ފެނިފައިވި މަންޟަރުން، ދެމީހުންގެ ދެމެދުގައި، ވަރަށް ވަރުގަދަ ގުޅުމެއް އޮތްކަން އަހަރެންނަށް އޮތީ ޔަޤީންވެފައެވެ.
"ކީތްވެ ބޮޑުދައިތަ ކައިރީ ޔަލް އުޅެނީ؟ އެން މަމްމެން ކައިރީ ނުބަހައްޓަން ވެގެން ތި ގެނައީ؟" ޒާތީ ކަމެއްކަން އެނގުނު ނަމަވެސް އެހަރެން ސުވާލު ކުރީމެވެ.
"ގޭގަ އޮންނާނީ ހުސްވެސް ތަޅާފޮޅުން. އެކަކަށް އެކަކު އުޅޭގޮތެއްވެސް ކަމަކު ނުދާނެ. މަގޭ ބައްޕަ މަންމަ ވަރިކޮށްލާފަ، މަ މަންމަ އަތަށް ޖަހާފަ ދިޔަ ގޮތަށް، އަދި އަދަށްވެސް ދައްކާ ނުލާ. އޭރު މަށަށް އެގާރަ. ބޮޑުދައިތަޔާ އެއްކޮށް މަންމަޔާ ދެމައިން އުޅެއުޅެފަ، އިއްދަ ހަމަވިކަމެއް ނޭނގި، މަންމަ އެހެން މީހަކާ އިނދެފި. ވަކި ތާހިރު މީހެއް ނޫން. ބޯކަންވެސް ގާތްގަނޑަކަށް ޔަގީން. ސްކޫލް ނިމޭއިރަށް، މަ އަވަހަށް ޖޮބެއް ހޯދައިގެން ރައްކާވީ. ޔަލްވާވެސް، ދެމީހުންކުރެ އެކަކުވެސް އެއްގޮތަކަށްވެސް ނުބަލާނެ." އަޔާޒް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ރުޅިއައިސް ހުރެއެވެ. ކުރިން ވެވުނު ހަމްދަރުދީ އިތުރަށް ބޮޑުވިއެވެ.
"ޔަލްވާ ބައްޕަގެ އެހެން ބަނޑަކަށް ހުންނާނެ މަށަށްވުރެ ތަންކޮޅެއް ބޮޑު އަންހެން ކުއްޖެއް. އޭނަ އަށާރަ ފުރޭ އިރަށް ފިލީ. އަދިވެސް ވީ ތަނެއް ނޭނގެ." އަޔާޒް އިތުރު ކޮށްލިއެވެ. އަހަރެންނަށްވެސް ބޯ ހޫރުވާލެވުނެވެ. މިޒަމާނުގައި މައިންބަފައިންގެ ހިތުގައި ދަރިންނާމެދުވެސް، ހަމަ ކުލުނެއް ނުވަނީ ހެއްޔެވެ. މިއަދު އަހަރެންގެ މައިންބަފައިން، ގާތުގައި ނެތެއް ކަމަކު އަހަރެން މިއީ ހާދަ ނަސީބު ގަދަ މީހެކޭވެސް ހިތަށް އަރައެވެ. އެމީހުން ދުނިޔޭގައި ތިބިދުވަހު ނިހާޔަތަށް ލޯބި ދިނީތީއެވެ.
ބަނދަރު މައްޗަށް ފޯރުމުން، އަޔާޒް ސައިކަލު މަޑުކޮށްލިއެވެ. ޕާކުކުރާނެ ޖާގައެއް ހޯދުމަށް ދިޔައީ އަހަރެން ދުވާރު މައްޗަށް ބާލާފައެވެ.
އަޔާޒް، މަޑުކުރާށޭ ބުނުމުން، އަހަރެން އިތުރު ތަނަކަށް ނުގޮސް، ހުރިތާ ހުރީމެވެ. އެހެން ހުރި ވަގުތު، ތަންކޮޅެއް ދުރުގައި ތިބި ބަޔަކު، އަހަރެންނާއި ދިމާލަށް އިނގިލި ދިއްކުރާތަން ލޮލުގައި އަޅައިގަތެވެ. ޔަގީންކަމާއި އެކު، ބުނަން، ކޮން ބައެއް ކަމެއް ނޭނގުނެވެ. ނަމަވެސް ކޮންމެވެސް ތާކުން، ފެނިފައިވި ހެން ހީވެއެވެ. ބޮޑަށް ހީވަނީ، ގޭންގުތެރެއިން ކޮންމެވެސް ގޮތަކުންހެނެވެ.
އެމީހުން އަހަރެންނާއި ބެހޭގޮތުން ދައްކަނީ ކޮން ވަހަކައެއްތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ. ސީދާ އެމީހުނާ ދިމާލަށް ބަލަން ހުރީމެވެ. އެކަން އެގުނު ހިނދު، އެމީހުންތައް ދެބުމަ ގޮށްޖަހާލިއެވެ. އަދި އެމީހުން އެމީހުނަށް ކޮންމެވެސް އެއްޗިހިތަކެއް ކިޔާފައި، ހިނގައިގަތީ ސީދާ އަހަރެންނާއި ދިމާލަށެވެ. ހިތުގައި ބިރުވެރި ކަމުގެ ސާލެއް ދަތުރުކޮށްލިއެވެ.
އެވަގުތު، ކައިރި ހިސާބަކުން، ދެ ފުލުސް އޮފިސަރަކު އެމަގަށް ނުކުތެވެ. އަހަރެންނަށް ވުރެ ކުރިން އެމީހުންގެ ލޮލުގައި އެ ދެ ޕޮލިހުން އަޅައިގަތެވެ. އެތަނުން އެކަކު ދަތްކުނޑި ވިކައިގަތް ތަން ރީތިކޮށް ފެނުނެވެ. އެމީހުންގެ މެދުގައި ހުރި މީހާ، ބާކީ މީހުނާ އެކު ހިނގައިގަތީ އަހަރެންނާއި ދިމާލަށް އަތުގެ މެދު އިނގިލ އަރުވާލަމުންނެވެ. ނަގަންވީ މާނައެއް ދޭހައެއް ނުވިއެވެ. އެމީހުންނާ އަހަރެންނާއި ކޮން ކަމެއް ހެއްޔެވެ؟
ހުއްޓުން އަރާފައި ހިނދުކޮޅަކު މަޑުކޮށްލަން ޖެހުނެވެ. އަޔާޒް އައިސް ހިނގާށޭ ބުނުމުން، ވީ ކަންތައް ހަނދާންނައްތާލާފައި ހިނގައިގަތީމެވެ. ދަބަހުގައި އޮތް އެމްއެސްއޭގެ ޓެބްލެޓް ހިފައިގެން، އަހަރެމެން ދެމީހުން ބަނދަރުމަތީ އެނބުރުނީ ހުސް ލޯންޗެއް ހޯދުމަށެވެ. މާލޭ ބަނދަރުގެ އެކި ހިސާބުތަކުގައި އެމްއެސްއޭގެ ލޯންޗުފަހަރު އަޅާފައި ހުންނާނެއެވެ. މައްސަލައަކީ ފަސޭހައިން އަރާ، ބަނދަރުން ނެރެވޭ ފަދަ ގޮތަކަށް އޮތް ލޯންޗަކާއި ދިމާ ނުވުމެވެ.
ވަރަށް މަސައްކަތުން، ލޯންޗެއް ހޯދާ، އެއަށް އަރާ ދުއްވާލީމެވެ. އަޔާޒް އަންނަން ހިއްޕާލި ނަމަވެސް ކޮއްކޮ ބަލަން ހުންނާށޭ ކިޔާފައި އަހަރެން އަޔާޒް ފޮނުވާލީއެވެ.
އިންޖެކްޓް ކޮށްފައި ހުރި ޑިވައިސް ތަކުގެ ލޮކޭޝަން ދައްކާ ސްކްރީނަށް ބަލަހައްޓައިގެން، އަހަރެން ލޯންޗު ދުއްވަމުން ދިޔައީ ނުފަރިތަކަމާއި އެކުއެވެ. ކިތަންމެ މޮޅަށް ދަސްކޮށްފައި ހުއްޓެއް ކަމަކު ކުރިން ދުއްވާފައި ނުވާ ހިސާބުގަނޑެއްގައި ދުއްވަން ޖެހުމުންނެވެ.
ޒާރާ އެވަގުތު ހުރިކަމަށް ދައްކަނީ، ޅަވިޔަނި އަތޮޅުގެ ކުޑަކުޑަ ރަށެއްގައެވެ. ބާރު ސްޕީޑެއްގައި ލޯންޗު ދުއްވާފައި ގޮސް އަހަރެން އެރަށުގެ ބަނދަރާއި ކައިރިކޮށްލީމެވެ. އޮޑިދޯނި ފަހަރު މާ ގިނައެއް ނޫނެވެ. ބަނދަރު މަތިންވެސް، ތަރައްޤީގެ ކުލަ މާ ގަދަ ރަށެއް ނޫންކަން އެނގޭވަރުވެއެވެ.
ރަށުގެ ތެރެއިން ހިނގާފައި ދިޔައިރު، މަގުމަތީ ހެލިފެލިވެ އުޅޭ މީހުންގެ ބެލުންތައް އަމާޒުވަމުން ދިޔައެވެ. އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. ނަމަވެސް، ގޯޅިއެއްގެ ކަންމައްޗަށް އެއްވެ ތިބި ގްރޫޕެއް އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްކޮށްފައި، އެކަކު އަނެކަކަށް ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އެ ހަރަކާތްތަކުން ހަނދާންވީ، މާލެ ބަނދަރުމަތިން ފެނުނު ގްރޫޕް މަތިންނެވެ. ވިސްނަންވީ އެއްޗެއް ނޭނގި، ހިތަށް އުނދަގޫތަކެއް ވާން ފެށިއެވެ.
ޒާރާގެ ލޮކޭޝަނަށް ބަލަމުން ހިނގަމުން ގޮސް، އެހިސާބަށްވެސް ފޯރިއެވެ. ތިން ޑައިމަންޑް ގެސްޓްހައުސެކެވެ. އެކުޑަކުޑަ ރަށުގެ ފެންވަރާއި ނުބައްދަލެވެ. އެތެރެއަށް ވަންނަން ފިޔަވަޅެއް ނޭޅި އުޅެނިކޮށް، އަހަރެން ހުއްޓުވީ، ދެ ގާޑުންނެވެ.
ކާޑު ކޮބައިހޭ އެހުމުން، އަހަރެން ކޮން ކާޑެއްތޯ އަހާލީމެވެ. އެ ކާޑަކާއި ނުލައި އެތެރެއަށް ނުވަދެވޭނެ ކަމަށް އެމީހުން ބުންޏެވެ. ރުޅި ފިނިކޮށްލައިގެން، އަހަރެން ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ.
އަހަރެން އެނބުރި އައިކޮޅަށް ދާން އެނބުރިލުމުން، ދެ ގާޑުން ކުރިން މަޑުކޮށްގެން ތިބި ތަނަށް ދާން ހިނގައިގަތެވެ. ދަނޑިވަޅު ބަލާފައި، އަހަރެން، ދެއަތަށް ދެ އިންޖެކްޝަން ހެޔޮވަރު ކޮށްލާ، ދެމީހުންގެ ގަޔަށް، ހަރާލީމެވެ. ފުރަތަމަ އަހަރެން އެމްއެސްއޭއަށް ގެންދަން ވެގެން، ޖެހި ކަހަލަ އިންޖެކްޗަނެކެވެ. އެދެމީހުން ތެޅިގަތީ އަހަރެން ހިފާއްޓާށެވެ. ނަމަވެސް ދެމިނިޓެއް ތެރޭ، އެ ޖާނުން ވަރުގަދަ ދެމީހުންވެސް އޮތީ ބިންމައްޗަށް ދެމިފައެވެ.
އެތެރެއަށް ވަންނަން ދަމުން، އަހަރެން މޫނު ނިވާކޮށްލީމެވެ. ދެން ދިމާވި ގާޑުންނާއި، ވާހަކަދައްކާކަށް އަހަރެންނެއް ނޫޅެމެވެ. ދިމާވުމާއި އެކު އިންޖެކްޝަން ޖެހީމެވެ. ފެނުމާއި އެކު ބިމާއި ހަމަކޮށްލީ ރަޙުމާއި ކުލުނުވެސް ހިތުން ފުހެލާފައެވެ.
.......................
ޒާރާ އިން ކޮޓަރި ދޮރުމަތީ ތިބި ހަތަރު ހަށިފާރަވެރިން ބިމާ ހަމަކޮށްފައި، ތަޅު ހަލާކުކޮށްލާ ދޮރު ހުޅުވީމެވެ. އެތެރޭގައި ވީ އޮރެންޖު ކުލައިގެ ފަނޑު އަލިކަމެކެވެ. ކިންގްސައިޒް އެނދުގައި ގަދަޔަށް ނިދާ ދަމާފައި މީހަކު އޮތެވެ. ގައިމަތީ އަޅާފައި އޮތް ރަޖާ ގަނޑުން، ހަށިގަނޑުގެ ބޮޑުބައެއް ނިވާވެފައި އޮތް ނަމަވެސް އެއީ ހުސް ގަޔާ އޮތް ފިރިހެނެއްކަން އެނގުނެވެ.
އެމީހާއަށް ބަލާކަށް ނުހުންނަމެވެ. ހޯދަން އައި މީހާ އެއިނީ ކޮޓަރީގައި ހުރި އަރާމު ސޯފާގައި އިށީނދެލައިގެންނެވެ. ގަޔަށް ބާތްރޯބެއް މަހާލައިގެން އިން އިރު، ނިދާ ހޭލާ، ފެންވަރައިގެން އެ ނުކުތީ ދެންމެއަކު ކަން، ފަހުމްވިއެވެ. ޒާރާއަށް މި އިރުއެރީ މާ ނުބައި ދުވަހަކަށެވެ.
ކާކު ކަން އެންގުމަށް މޫނުމަތީ އެޅި ފޮތިގަނޑު ނެގީމެވެ. އަތަށް ހެޔޮވަރު ކޮށްލި 'ފަޔަރ އާރމް' ނަގާ ދައްކާލަމުން، ފާރުގައި ދެތިން ފަހަރަކު ޖަހާލީމެވެ. ނިދާފައި އޮތް މީހާ ހޭލައްވާލުމަށެވެ. ޒާރާ ނިތް އަރުވާލައިގެން ބަލަން އިނެވެ. އެ މޫނު މަތިން ހައިރާންކަން ފިޔަވާ އިތުރު ސިފައެއް ފެންނާކަށް ނެތެވެ.
"ވަޓް އަ ސަރޕްރައިސް، ރި ފާ ޝާ." އަހަރެންގެ ނަން، ލަސްލަހުން ކިޔަމުން، ޒާރާ ބުނެލިއެވެ. އެއްވެސް ވަރެއްގެ ބިރުވެރިކަމެއް އެ މޫނު މަތިން ފެންނާކަށް ނެތެވެ.
ނިދާފައި އޮތް ފިރިހެން މީހާ ލޯ ހުޅުވާލާފައި، ކޮޓަރި ތެރެއަށް ބަލައިލިއެވެ. އަހަރެން ފެނުމާއި އެކު އޮތް ތަނުން ތެދުވީ، މީހަކު ބުރިކަށީގައި ޖެހީމާ ތެދުވާ ފަދައަކުންނެވެ. ހެނދުނު ހޭލުމާއި އެކުވެސް ފެންނަން ނުޖެހޭ މިހަކު ކޮޓަރީން ފެނުމުން ކަންނޭނގެއެވެ.
"ވީ ނީޑް ސަމް ޕްރައިވެސީ..." އަހަރެން، ބަޑި ސީދާ އެމީހާއާއި ދިމާލަށް ދިއްކޮށްލަމުން ބުނެލީމެވެ. ޒާރާ ބަލަހައްޓައިގެން އިނެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރެއް ހާ މިންވަރުވެސް ފެންނާކަށް ނެތެވެ.
ބިންމައްޗަށް އެއްލައިލާފައި އޮތް ސޯޓުގަނޑު، މަހަމުން، އެމީހާ އަވަސްއަވަހަށް ނުކުމެގެން ދިޔައެވެ. އުޅުނު ގޮތުން ހިނި އައީ ހަމައެކަނި އަހަރެންގެ ގާތަކަށް ނޫނެވެ. ޒާރާވެސް ވެދުން ކޮށްލައިގެން އިނީ ލާނެތް ހިނިތުންވުމެކެވެ. ފިރިހެނުންގެ ފިނޑިކަން ދެކިފައި ކަންނޭނގެއެވެ.
ފިރިހެން މީހާ ނިކުމެގެން ދިޔުމުން، އަހަރެން ދޮރު ލައްޕާލާފައި، ޒާރާއާއި ގާތަށް ޖެހިލީމެވެ. އިސްތަށްޓެކޭވެސް ހިތަށް ނާރާ ފަދައިން ޒާރާ، ބަލަހައްޓައިގެން އިނެވެ.
"ކައެ ބުނީމެއްނު ބޭނުން މީހަކު މަރާލާށޭ. ކަލޭވެސް ތީ މީހެއް މަ ބޭނުން ވީމަ ވާނީ، ބޭނުން މީހަކަށް. ފަހުގެ ވަސިއްޔަތެއް އެބެތްތަ؟" އެ ހުތުރު އަންހެނާއާއި މާ ގިނަ ވާހަކަތަކެއް ދައްކަން ނުހުރެ، އަހަރެން ސީދާ މައުލޫ ހުޅުވާލީމެވެ. ބަޑި ސީދާ ބޮލާއި ދިމާލަށް ދިއްކޮށްގެން ހުރިއިރު، އެއީ ބަޑިއެއް ހިފާއްޓައިގެން ހުރި ވަގުތެއްގައި އަތް ތުރުތުރު ނޭޅި ފުރަތަމަ ފަހަރެވެ. އައިސް ހުރި ރުޅި، ބިރު ގަންނަންވެސް ޖާގައެއް ނުދިނީއެވެ.
"ކަލެއަށް ކެރޭ ނަމަ، މިހާރުވެސް އޮންނާނީ ސަންދޯކުގަ." ހިނިގަނޑަކާއި އެކު ޒާރާ ކޮށްލީ މަލާމާތެވެ.
"އާނ ތެދެކޭ ދޯ. މަ މީ އެއްކަލަ ފިނޑި ރިފާޝާއޭ. މީހަކު މަރާކަށްވެސް ނުކެރޭ. ކަލޭގެ ގޭންގު ނަމަށްވެސް ލަދު ދޯ. އަހް. އަދި މި ބުނެވުނީ ނުބައިކޮށޭ. ޒުބެއިރުގެ ގޭންގު. ގޭންގު ނަމަށްވެސް މަ ހުތުރު ދޯ." އަހަރެންވެސް އަމިއްލަ ނަފްސަށް މަލާމާތުގެ ބަސްތަކެއް އޮއްސާލީމެވެ. އަދި، އަތުގައި އޮތް ބަޑި ދަބަހުގެ ތެރެއަށް ކޮއްޕާލީމެވެ.
ޒާރާ ހިނިތުންވެލައިގެން އިނެވެ. އަހަރެންގެ ބަލިފައި އެނގޭތީއެވެ. ކުރަން ނުކެރޭ ކަންކަން އަމިއްލަ ލޮލުން ދެކިފައިވަތީއެވެ. ނަމަވެސް ކުރަން ކެރޭ އަދި ކުރެވޭނެ ކަންކަން އެނގޭނަމަ އެހެން ހެވިފައި ނީނީސްކަން ކަށަވަރެވެ.
ދަބަހަށް ފަޔަރ އަރމް ލައިފާ، އަހަރެން އަތް ނެގީ އަތަށް އިންޖެކްޝަނެއް ހެޔޮވަރު ކޮށްލައިގެންނެވެ. ޒާރާއައި ދިމާލަށް ފުންމައިގަނެ، އިންޖެކްޝަން ހަރާލީމެވެ. އެކަމަށް ހުރަހެއްގެ ގޮތުގައި އެއްވެސް ކަމެއް މެދުވެރި ނުވިއެވެ. ލިބުނި ހައިރާން ކަމުގައި، ޒާރާ ތެޅިފޮޅި ގަތެވެ. ނަމަވެސް ވަކި ގޭންގެއްގެ އިސްމީހަކަށް ވީތީ، ނުވަތަ ސަރުކާރުގައި އިސް ރޯލެއް އަދާކުރާ މީހަކަށް ވީތީ، އިންޖެކްޝަނުގެ އަސަރު ނުކޮށް ނުހުއްޓެވެ. އަހަރެންގެ ގައިގައި ހިފައިގަންނަން، އައި މީހާއަށް، އަހަރެންގެ ގައިގައި އިނގިލި ކުރިވެސް ޖައްސާ ނުލެވުނެވެ. ހޭވެރިކަން ނެތި ގޮސް، ޒާރާ ބިންމައްޗަށް ވެއްޓުނެވެ.
އަހަރެން އަނެއްކާވެސް މޫނު ނިވާކޮށްލީމެވެ. ދަބަހުން ބިޑިއެއް ނަގާ، ޒާރާގެ ދެއަތުގައި އަޅުވާލީމެވެ. ހިނގައިގަތީ، ޒާރާގެ ހަށިގަނޑު ބިންމަތީގައި ދަމަމުންނެވެ. ހަޑިގިއްލާ ދަބަސްގަނޑު ދަމާ ބީދައިންނެވެ. ބަރަކަސް ބުރަބޮޑެއް ނޫނެވެ. ޓްރެއިނިންގައި އުޅުނު އިރު ޕިކަޕުޕިކަޕުގެ ފަސްހަ ފުރޮޅު ބުރިކަށީގައި ވާގަނޑެއް ޖަހާ، ދަމަން ޖެހުނެވެ. ރަނގަޅަށް މަސްވެސް ނުޖަހާ ޒާރާ ދެމުން އެއްވެސް ކަމަކަށް ނުވިއެވެ.
އެއް އަތުން ޒާރާ ދަމަމުން ދިޔަ އިރު އަނެއް އަތުގައި، ބަޑި އޮތެވެ. ފެނުނު ހާ މީހަކަށް އެއިން ބިރު ދައްކަމުންދިޔައީ، މަސްލަހަތަށްވެސް ވިސްނާލުމެއް ނެތިއެވެ.
ގެސްޓް ހައުސުން ނުކުމެވުމުން އަހަރެން ވިސްނީ، ޒާރާ ލޯންޗާއި ހަމައަށް ގެންދާނެ ގޮތެކެވެ. ޒާރާ ދެމުން އުނދަގޫ ނުވި ނަމަވެސް، ފައިގެ ރިހުން ގަދަވާކަން އިހުސާސް ވެއެވެ. މާލެ ނޫންކަމުން ކާރެއްހާމިންވަރުވެސް މަގުމަތިން ފެންނާކަށް ނެތެވެ. ދުއްވާ އެއްޗެއް ނުހޯދާ، ބަނދަރާ ހަމައަށް ދިޔުމަކީ ނާދިރު ކަމެކޭ ހިތަށް އެރިއެވެ. ފުލުހުން ނޫޅޭ ރަށެއް ކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން، އެބައިމީހުންގެ އިއްޒަތްތެރި ސަފީރު، މަގުމަތިން ދަމާފައި ގެންދާތަން ފެނިއްޖެ ނަމަ، ރައްޔިތުންވެސް އައިސް ގަޔަށް ބޮލަށް އަރައިގަނެފާނެއެވެ.
އުޅަނދެއް ހޯދަން ދާން ހިނގައިގަތީމެވެ. ހިރަފުސް ވެލިގަނޑުގައިވެސް ޒާރާ ދަމަމުންނެވެ. އެހެން ގެންދިޔުމަކީ، އަހަރެންނަށްވެސް ނުރައްކާތެރި ކަމެއްކަން ވިސްނެއެވެ. ނަމަވެސް ބާއްވާފައި ދާން ހިތް ނޭދުނީއެވެ.
ކުރިން އައިސްފައި ނުވާ ރަށެއް ކަމުން، މަގުތަކެއް ރަނގަޅަކަށް ނުވެސް އެނގެއެވެ. ޖެހުނު ގޯޅިއެއް އަޅަމުން ޖެހުނު މަގަކުން ހިނގަމުން ދިޔައީމެވެ. ކުޅިވަރައިގެން އުޅެ ވިސްނޭ ވަރުގެ، ކުޑަކުދިން، އަހަރެން ފެނި ގޭގެއަށް ވަދެ ފިލަމުން ދިޔައެވެ. ނުވިސްނޭ ވަރުގެ ތުއްތު ކުދިން، އެހެންކުދިން، މައިންބަފައިންނަށް ގޮވައިގެންވެސް ގޭތެރެއަށް ވައްދަމުން ދިޔައެވެ. ރަށަށް ސަފަރުކަތްދަ އަރައިގެންވެސް އެކުދިން އެހާ ބިރެއް ނުގަންނާނެއެވެ.
ގެއެއްގެ ދޮށުގައި އޮތް ޕިކަޕެއް ފެނި، ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި، ދޮރު ހުޅުވާ އެއަށް އެރީމެވެ. ސްޓަރޓް ކުރަން މަސައްކަތް ކުރަނިކޮށް ތަންކޮޅެއް ދުރުން އެހެން ޕިކަޕެއް އަންނަނިކޮށް ފެނުނެވެ. އިތުރު ވިސްނުމަކަށް ނުގޮސް އަހަރެން ހުއްޓިލީ ސީދާ މަގު މެދުގައެވެ. ދުއްވަން އިން މީހާއަށް އަހަރެން ފެންނަހާ ކައިރިވުމުން ބަޑި ނަގާ ރީލޯޑް ކޮށްލީމެވެ. ރަށުގެ ރައްޔިތުން މި ވައްޓާލެވެނީ ކިހާ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަން ނުވިސްނާ ބަޑިން ވަޒަނެއް ދޫކޮށްލީމެވެ. ދިމާ މައްޗަށެވެ. ވައިކަފަމުން ވަޒަން، މައްޗަށް އަރައިގެން ދިޔައިރު، އިވުނު އަޑުން، ކަންފަތްތައް ބައްވާހާވެއެވެ. ފަރިތަވެފައި ވުމުން އަހަރެން އެ އަޑަށް ނުސިހުނަސް، ރަށުގައި ތިބިއްޔާ ތިބިހާ ބައެއްގެ މޭގަނޑު އަނގަޔަށް އަންނާނެކަން ޔަގީނެވެ.
ދުއްވަން އިން މީހާއަށްވެސް ވީ އެވަރެވެ. ޕިކަޕު ހުއްޓާލީ ހަމަ ކުއްލިއަކަށެވެ. އަހަރެން އަވަސްއަވަހަށް ހިނގައިގަތީމެވެ. ހިރަފުހާއި ވެއްޔާ، މޮޑެވިފައ އޮތް ޒާރާ ދަމަމުންނެވެ. ޕިކަޕު ދުއްވަން އިން މީހާ، އަހަރެންނަށް، ކުރަން ބޭނުންވި ކަންތައް ކުރުމުގެ ފުރުސަތު ދީގެން އިނެވެ.
ވަރަށް ޙާލުން، ޒާރާ، ޕިކަޕުގެ ފަހަތަށް ލީމެވެ. ދުއްވާ ބައިގެ ދޮރު ހުޅުވާލީމެވެ. ދުއްވަން އިނީ ބިދޭސީ މީހެކެވެ. އިނީ ބިރުން ވިރިވިރިއެވެ. ހިންދިރުވާލަންވެސް ނޭނގިފައެވެ.
"ފައިބާ." އަހަރެން އަމުރުކޮށްލީމެވެ. އެމީހާ އެއަމުރަށް ބޯލެނބީ، ސިކުންތެއްވެސް ލަސްކުރުމެއް ނެތިއެވެ.
ޕިކަޕަށް އަރާ ދުއްވާލީމެވެ. އަލަށް ދުއްވާ އެއްޗެއްކަމުން، ގޭގޭގެ ފާރުތަކުގައި، ގޭނެމުންވެސް ދިޔައެވެ. ޗާޓަށް ބަލަމުން، ވަރަށް އުނދަގުލުން ބަނދަރާއި ހަމައަށް ފޯރިއެވެ. ލޯންޗު ބޭއްވި ދިމާލާއި ކައިރި ކުރީމެވެ. ޒާރާ ބާލަން އުޅެގަތް ވަގުތު ދުރުން ޕޮލިސް ވޭނެއް އަންނަތަން ފެނުނެވެ. ދަތްކުނޑި ވިކައި ގަނެވުނެވެ. އެމީހުން އަންނަމުން ދިޔައީ ބާރު ދުވެއްޔެއްގައެވެ. އަހަރެންވެސް އަތްމަތި އަވަސްކޮށްލީމެވެ.
ޕިކަޕުން ބަނދަރުގެ ގާވެލިގަނޑުގެ މައްޗަށް ޒާރާ ވައްޓާލީމެވެ. އަދި ކުރިންހެން ދަމާފައި، ގެންގޮސް ލޯންޗަށް އެރުވީމެވެ. ފުލުހުންނަށް އާދެވުނީ އަހަރެން ލޯންޗު ސްޓަރޓް ކޮށްލިތަނާއެވެ.
އެހެން ހުރިހާ އުޅަނދަކަށްވުރެ މޮޅަށް ލޯންޗު ދުއްވަން އެނގޭކަން އެއީ އަހަރެންގެ ނަސީބެވެ. ފަޅުން ނުކުތީވެސް އިންޖީނު މެކުހަށް ޖަހައިގެންނެވެ.
އަހަރެންނަށް ދެވުނީ ތަންކޮޅަކަށެވެ. ޒާރާ ހޭ އެރީއެވެ. އައި ސިނގުރުޅިން، ހުންގާނުގައި، ދެތިންފަހަރަކު އަތުން ޖެހީމެވެ. އަދި، ޒާރާ މުޅިން ހޭވެރިވުމުގެ ކުރިން، ދެވަނަ އިންޖެކްޝަނެއް ޖެހީމެވެ.
ދުއްވަމުން ދިޔައިރު، ފަހަތް ބެލެމުން ދިޔައީ، ފުލުހުން އާދޭތޯއެވެ. ހެލިކޮޕްޓަރެއްގައި، އައިސް ހުއްޓުވާފާނެއޭވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ދުއްވޭނެ އެންމެ ބާރުމިނެއްގައި ދުއްވަމުން ދިޔައިރު، ތެޔޮ ހުސްވެގެން ތެޔޮ އަޅަން ވެސް ޖެހުނެވެ.
ހާސްކަމުގައި، ހިތް ތެޅިތެޅި އޮތް ޙާލު އަހަރެންގޮސް، ސަފާރީއަކާއި ކައިރިކޮށްލީމެވެ. ލޯންޗު ދުއްވަމުން ދިޔައިރު، އަހަރެން އެމްއެސްއޭއަށް އަންގައިގެން ހަމަ ޖެއްސި އެއްޗެކެވެ. ސީދާ މައި އިދާރާއަށް ދާން އުނދަގޫވެދާނޭ ހިތަށް އެރުމާއި އެކު، މާ ގިނަ އިރު ދުއްވަން އުޅެގެން ފުލުހުންނަށް ފެނިދާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ.
ސަފާރީ ތެރެއިން، ނުކުތީ ޝައިހާނާއި އަށެކެވެ. އަށެއް އައިސް، ލޯންޗަށް އެރީ، އެތެރޭގައި މީހަކު އޮތްކަން އެނގިގެންނެވެ.
"މީތަ އެ ޒާރާއަކީ؟" އަށެއް އުޑަފައިން، ޒާރާ ގާތު އިށީނދެ އިނދެ، ދެލޯ ވެއްޓޭވަރަށް ބޮޑުކޮށްގެން ބަލަމުން ދިޔައެވެ.
"ކަލޭ ކިހިނެއް މީނަ އަތުޖެއްސީ؟" އަށެއް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އަހަރެން ވަކި ޖަވާބެއް ނުދީ، ޒާރާ ސަފާރީއަށް އަރުވަން، ދެ ކޮނޑުގައި ހިފީމެވެ. އަހަރެންނަށް ބަލަން އިރުކޮޅަކު ހުރެފައި އަށެއްވެސް ބައިވެރިވިއެވެ.
އަހަރެންގެ އެދުމުގެ މަތިން، ސަފާރީގައި އުޅުނު ފަޅުވެރިއަކު، އަހަރެން އައި ލޯންޗުގައި ފޮނުވާލީމެވެ. އެ ލޯންޗު ޓްރެކް ކޮށްފާނެ ކަމުގެ ބިރަށެވެ. ޝައިހާނާއި އަށެއްގެ ސުވާލުތަކަށް ނިމުމެއް ގެންނަމުން، އަހަރެން ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނީމެވެ.
"މީނަ ހޭ އެރުމުގެ ކުރިން އެމްއެސްއޭއަށް ގެންދަންވީ." އަހަރެން ޚިޔާލު ފާޅުކޮށްލީމެވެ. ދެންތިބި ދެމީހުންވެސް އެ ޚިޔާލަށް އެއްބަސްވިއެވެ.
ލޮނުގަނޑު ކަފަމުން ލޯންޗެއް އަންނަތަން ފެނުނެވެ. އަންނަން އެދިފައިވުމުން، އައިމަން ސަރ ނުވަތަ، އެހެން ޒީރޯވަންއެއް ކަމުގައި ޔަގީންކޮށްގެން އިންތިޒާރުގައި ތިބީމެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް، އައީ ތިންމީހުން އެކީއެވެ.
އެމީހުނަށްވެސް ވީނުވީ އަލިފުން ޔާއަށް ކިޔައިދިނީމެވެ. އެމްއެސްއޭއަށް ޒާރާ ގެންދިއުމަށް، ހެލިކޮޕްޓަރަކަށް އައުމަށް އެންގީމެވެ.
"މަށަށް ފެންނަނީ ރިފާޝާ، ލޮކޭޓް ކޮށްފަ ތިބި އެންމެންވެސް ހައްޔަރު ކުރަން." އައިމަން ސަރ ބުނެލިއެވެ. އެ ބުނުމަށް ދެންތިބި ބޮޑެތި މީހުން ބޯ ޖަހާލިއެވެ. ޝައިހާންވެސް އެމީހުންގެ ކޮޅަށް ތާއިދު ކުރާކަމަށް ބުންޏެވެ.
"އެމީހުން ހައްޔަރު ކޮށްފިއްޔާ، ގޭންގުގެ ބާކީ މީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ދެން އަހަރެމެން ކިހިނެއް ހަދާނީ؟؟" އަށެއް ސުވާލު އުފެއްދިއެވެ. އަހަރެންނެކޭ އެއްވަރަށް ނުވަތަ، ގިނަ ދުވަހު އުޅުމުގެ ސަބަބުން، އަހަރެންނަށްވުރެ ބޮޑަށްވެސް، ގޭންގުގައި، ލީޑަރުންނަށްވުރެ ދަށުގައި އުޅޭ މީހުންގެ ފެންވަރު އަށެއް ދަންނަނީއެވެ.
"އެމީހުން އަޅާނެ ފިޔަވަޅެއް ނޭނގޭތީ އަހަރެމެން އެއްވެސް ފިޔަވަޅެއް ނާޅާ ތިބުމަކީ އެއްވެސް ގޮތެއް ނޫނެއްނު. މި ވަގުތު ޕްލޭން ބީ އެއް ނެތަސް، އެމީހުން އިތުރު ފިޔަވަޅެއް އަޅައިފިއްޔާ އަހަރެމެން އަނެއްކާވެސް އާ ރޭވުމެއް ރާވާނީ." އަހަރެން އަހަރެންނަށް ވިސްނޭ ގޮތް ހާމަ ކުރީމެވެ.
އެންމެން އެއްބަސް ވުމުން، އަށެއްވެސް އިތުރަށް ދެކޮޅެއް ނުހެދިއެވެ. ޒާރާ ރަނގަޅަށް ހިލިހިލާ ޖަހާފައި، ހެލިކޮޕްޓަރު ކައިރި ކުރެވޭ ދިމާލަކަށް ދިޔުމަށް، އަހަރެމެން ބަލައި އައި ލޯންޗަށް އެރީމެވެ.
ރޭންޖުގެ އެއް ފިތް އިންދާ، އަހަރެންގެ ފޯނު ރިންގުވާން ފެށްޓެވެ. ހައިރާން ކަމާއި އެކު ޖަވާބު ދިނީމެވެ. އިފްރީން އަހަރެންނަށް ގުޅަން ޖެހޭ ސަބަބެއް އޮވެފާނެ ކަމަށް ޤަބޫލު ނުކުރެވިފައެވެ.
"ހަލޯ؟" މަޑުމަޑުން އަހާލީމެވެ.
"ރި ރި ރިފާޝާ." އަޑު އަންނަމުން ދިޔައީ ކެނޑިކެނޑިގެންނެވެ. ހަމަ އެއާއި އެކު، އިފްރީނުގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. އިފްރީން އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ބާރު އަޑެއް އިވިގެން ދިޔައެވެ. ހީވީ މީހަކު ވަރަށް ބާރަށް، އިފްރީންގެ ގައިގައި އެއްޗަކުން ޖެހީހެނެވެ. އިފްރީންގެ ބާރު ހަޅޭކުގެ އަޑާއި އެކު، ފޯނު ވެއްޓި ޖެހުނު އަޑު އިވުނެވެ. ނަމަވެސް ފޯނު ކޯލުނުކެނޑި އޮތެވެ.
"ރި ފާޝާ... ހި..ހި..ހިމްޔާން.." ކަރުބުޑުން، އިފްރީން ހަޅޭއްލަވާ އަޑު އިވުނެވެ. އަޑު އަންނަމުން ދިޔަލެއް މަޑުކަމުން، ފޯނު އޮތީ ފުދޭވަރަކަށް ދުރުގައިކަން އެނގުނެވެ.
ހިހިމްޔާން... މަ މަރު.." އިފްރީންގެ އަޑު އައީ އެ ހިސާބަށެވެ. ލޯންޗު ރޭންޖު ލިބޭ ހިސާބުން ބޭރުވެ ފޯނު ކޯލު ކެނޑުނީއެވެ. ކަންފަތަށް ޖަހައިގެން ހުރި ފޯނު މަޑުމަޑުން ތިރިކޮށްލީމެވެ. ވިސްނެމުންދިޔައީ ކޯޗެއްކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ވެފައިހުރި އުދާސް، ދާތިކި ތަކެއްގެ ސިފައިގައި ނިތްކުރި މަތިން ފާޅުވިއެވެ.
ލޯންޗު، ދާންޖެހޭ ހިސާބަށް ފޯރުމުން، ދުވެލި މަޑުކޮށްލިއެވެ. މަތިން، ހެލިކޮޕްޓަރުގެ ބާރު އަޑުއިވުނެވެ.
"ކިހިނެއް ވީތަ؟ ކާކުތަ ގުޅީ؟" އަހަރެން ހުއްޓުން އަރާފައި އިން މަންޟަރު ފެނި ޝައިހާން އަހާލިއެވެ.
"އިފްރީން." އަހަރެންގެ ދެތުންފަތް ދޭތެރެއިން އަޑު ނުކުތީ ވަރަށް މަޑުންނެވެ.
"ކީކޯ ބުނީ؟" އައިމަން ސަރ ޝައުގުވެރި ރާގެއްގައި ސުވާލުކޮށްލިއެވެ.
"ހިމްޔާން. މަރުވަނީޔޯ." އަހަރެން ތެދު ހާމަކުރީމެވެ. "މަ އެބަ ޖެހޭ ދާން.."
"ނޫން.." ވަގުތުން އެންމެން ދެކޮޅު ހެދިއެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި ވީ ހުސްވެސް ވަސްވާހެވެ. ވާ ނުވާ އެނގެން ހިތް ދިޔައީ ރޮމުންނެވެ.
"ކައެމެން ޒާރާ ގެންގޮސް ހައްޔަރު ކޮށްފަ، ޒުބެއިރާ ބެހޭ މައުލޫމާތު ހޯދާ. އެހެން މީހުން ހައްޔަރުވެސް ކުރޭ. މަ އަންނާނަން." އަހަރެން ބުނީމެވެ. އޭޒެޑްގެ މައުލޫމާތު، އަލްޔަސް، ވަނީ އެންމެނަށް ކިޔައިދީފައި ކަމުން އެ މީހުން އެކަމާއި ދެކޮޅެއް ނުހެދިއެވެ.
"އޭ.. ގޭންގު މީހުން ކައެ އޮތީ ބްލެކް ލިސްޓަށް ލައިފަޔޭ. ނުރައްކާތެރި މީހަކޯ ލޭބަލްކޮށް، ހޯދަން އަންގާފަ އޮތީ.." އަށެއް ބުނެލިއެވެ. ބަނދަރުންނާއި، ޒާރާ އިން ރަށުން، އެ ގްރޫޕްތައް އެވަރަށް އެ ބެލީ މިހެންވެ ތާއެވެ. އަށެއް އެ މައުލޫމާތު ފޯރުކޮށްދިނީ އަހަރެން ދިޔުމަށް ހުރަހަކަށް ނަމަވެސް، އަހަރެން ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ރާއިން ކުޅުނީ ޑްރާމާއެއް ނަމަވެސް، އިފްރީން ޑްރާމާ ކުޅެފާނެ ކަމަށް ޤަބޫލުކުރަން ދަތީއެވެ. ތެދު އަމިއްލަ ލޮލުން ބަލަން ބޭނުންވަނީއެވެ.
"މަށަށް މަގޭ ނަފްސު ބެލޭނޭ." ފަހުގެ ނިންމުން އިއްވާލީމެވެ. އިތުރަށް އެއްވެސް މީހަކު އެއްޗެކޭ ނުބުންޏެވެ. އަހަރެންނަކީވެސް އަމިއްލަ އިޚްތިޔާރުތަކެއް ލިބިގެންވާ މީހެކެވެ. އަހަރެން ނިންމާ ގޮތް ބަދަލުކުރުމަކީ އެމީހުން ކުރަންޖެހޭ އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ.
އެންމެން، ޒާރާ ގޮވައިގެން ހެލިކޮޕްޓަރަށް އެރުމުން، އަހަރެން، ލޯންޗުގައި، މާލެއާއި ވީކޮޅަށް ދުއްވާލީމެވެ.
ޚަބަރުތަކުގެ ފަލަ ސުރުޚީގައި ޒާރާ ވަގަށް ނެގި ވާހަކައެވެ. އަހަރެންނަކީ ކާކުކަން ނޭނގުނު ނަމަވެސް، މޫނު ނިވާކޮށްގެން އުޅުނު އަންހެން ކުއްޖާ ފުލުހުންގެ ވޯންޓެޑް ލިސްޓުގެ އެންމެ ކުރީގައެވެ. މުޅި ގޭންގުގައި ރިފާޝާ އާއި އެޖު ބޭވަފާތެރިވި ޚަބަރެވެ. އެއެންމެންވެސް އަހަރެން ހޯދުމަށް އަތުކުރި އޮޅާލާފައެވެ. ދެވެން މި އުޅެނީ އަހަރެން ހޯދަން އުޅޭ ދެބައި މީހުންވެސް އެންމެ ގިނަ ތަނަށްކަން އެނގެއެވެ. ނަމަވެސް ފަސްޖެހުމެއް ނެތި، މާލޭގެ ބަނދަރުގައި ފައިތިލަ ޖައްސާލީމެވެ.
އިރު ދިޔައީ އޮއްސޭށެވެ. މީހުން މެރުން ޢާންމުވެފައި ވީ ވަރުން، އެހެންޏާ ދުވަހަކު މަދު ނުވާވަރަށް، ހެލިފެލިވެ އުޅޭ މީހުންމަދެވެ. ވަކިން ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނެވެ.
އަހަރެން ބޭނުންވީ ކާރެކެވެ. ސައިކަލެއްގައި ގޮސްފިނަމަ، މީހަކަށް ފެނި ފަޅާ އަރާފާނެތީއެވެ. ޓެބްލެޓް ބަލަމުން ހިނގަމުން ދިޔައީމެވެ. ގެއްލުން ދޭ ވަރުންނާއި ގެއްލޭ ވަރުން މާލޭގައި ޕާކުކޮށްފައި އެމްއެސްއޭގެ ކާރުތައްވެސް ހުންނަނީ، އަތުން ގުނާލެވޭވާ މަދުންނެވެ.
ވަރަށް ޙާލުން، އެމްއެސްއޭގެ ޑްރައިވަރެއް އޯކޭ ކުރީމެވެ. އަހަރެން ބުނި ތަނަށް ކާރު އައިސް ހުއްޓާލުމުން މަޑުމަޑުން ގޮސް އެރީމެވެ. ދާންވީ ތަނެއް ބުނުމުގެ ބަދަލުގައި އަހަރެން ދައްކާލީ އިފްރީންގެ ލޮކޭޝަނެވެ. ހިމްޔާނާއި ދެމީހުން ދާދި ގާތުގައި އެއް ތާކު ތިބުމުން، އަހަރެންގެ ހިތުގެ ނުތަނަވަސްކަން ވަކިން ބޮޑެވެ.
.........................
ކާރު މަޑުކޮށްލުމުން، އަހަރެން ފައިބާ ހިނގައިގަތީމެވެ. އިފްރީނާއި ހިމްޔާން ހުރި ކަމަށް ދައްކާ ފްލެޓަށް ވަނުމަށެވެ. މާރާމާރީގެ ޢަމަލުތަކުގެ ސަބަބުން، ހުޅުމާލޭގައިވެސް ވީ މަރު ފަދަ ހިމޭން ކަމެކެވެ.
ދެފަރާތް ބަލައިލާ ހޯދާލީ، ޕޮލިހެއް، ކައިރި ހިސާބަކު ހުރިތޯއެވެ. އެތެރެއަށް ވަންނަން ދާންވެގެން އެނބުރުނު ވަގުތު ވަރަށް ބާރަށް ދުވެފައި މީހަކު ނުކުތެވެ. މޫނު ސާފު ވުމުގެ ކުރިން، އެމީހަކު ކުރިއަށް ވުރެ ބާރަށް ދުއްވައިގަތެވެ. ވިސްނާނެ އެއްޗެއް ނޭނގިފައި، އަހަރެން އެތެރެއަށް ވަންނަމުން ސްކްރީނަށް ބަލައިލީމެވެ.
"ހިމްޔާން؟" އަނެއްކާވެސް އަހަރެންގެ ސިކުނޑީގައި ސުވާލެއް އުފެދުނެވެ. އެހާ ބާރަށް ދުވެފައި ހިމްޔާން ދާން ޖެހުނީ ކީތްވެތޯއެވެ. ސްކްރީނުން ދައްކާ ގޮތުންނަމަ، ދުވެފައި އެ ނުކުތީ ހިމްޔާނެވެ. އަދި މިހާރު މިސްރާބު ހުރީ، ސީދާ ބްރިޖާއި ދިމާލަށެވެ. ދަތުރު ކުރަމުން ދިޔަ ސްޕީޑުން، އިނީ ސައިކަލެއްގައި ކަން ޔަޤީންވިއެވެ.
ވިސްނަން ވަގުތުތައް ބޭކާރު ކުރުމުގެ ބަދަލުގައި، އިފްރީން ހުރި ބަޔަށް ވަންނަން އަވަސްވެގަތީމެވެ. ތަޅު ނުލައި ހުރި ދޮރު މަޑުމަޑުން ހުޅުވާލީ، މީހަކު ހަމަލާއެއްވެސް ދީފާނެ ކަމަށް ސަމާލުވެ ހުރެއެވެ.
އެއްވެސް އަޑެއް ބަޑެއް ނީވުމުން، އަހަރެން މިސްރާބު ޖެހީ، ހުރި ތިން ކޮޓަރީން، އިފްރީން ހުރި ކޮޓަރިއާއި ދިމާލަށެވެ. ތަޅުގައި ހިފައި އަނބުރާލީ އަޑެއް ނީވޭނެހާ މަޑުމަޑުންނެވެ. ނަމަވެސް ދެން ފެނުނު މަންޟަރުން، އަހަރެންނަށް ހުރިތަނަށް ތިރިވެވުނީއެވެ. ލިބުނު ހައިރާން ކަމުން، އިޚްތިޔާރެއްނެތި، ކަރުބުޑުން ތޫލި ހަޅޭކެއް ބޭރުވިއެވެ. ދެލޯ ބޮޑުކޮށްގެން ވެއްޓޭނަމަ، އެވަގުތު އަހަރެންގެ ދެލޯ އޮންނާނީ އަތުގައެވެ.
ދޮރުކައިރީ ވެއްޓި ތެޅިފައި އިފްރީންގެ ފޯނު އޮތެވެ. ފާރުތަކާއި ޓައިލްސްތައް އަދި ސީލިންގގައިވެސް ބުރާފައި ހުރީ ކެއްކި ރަތްކުލައިގެ ލެޔެވެ. ފާރުގައި ލެޓިނުން ޖުމުލައެއް ލިޔެފައި އޮތެވެ. ލެއިންނެވެ. ހިމްޔާނުގެ ޢަމަލެއް ކަމަށް ޤަބޫލު ކުރެވުނީ ލިޔެފައިވި ލިޔުމުންނެވެ.
"މަށަށް އޮޅުވާލާފަ އެކަކަށްވެސް ނޫޅެވޭނެ! ވެރިކަމަކީ މަގޭ މިލްކެއް"
އަހަރެންގެ ދެލޮލުން ކަރުނަ ހިލުނެވެ. އެހުރިހާ ހަޑިއަކާއިވެސް އެކު އިފްރީން އޮތް ޙާލު ފެނިފައެވެ. އެއް ލޮލަށް ވަޅިއެއް ހަރާލާފައި ވި އިރު، މޫނުމަތީ ލޭނޫން އިތުރު އެއްޗެއް ނެތެވެ. ސަލާމަތުން ހުރިލޯ، ވީ މެރިފައެވެ. ޖިންސާއި ޓީޝާޓުވެސް ކަފައިގެން ގޮސްފައިވިއިރު، ހަށިގަނޑުން އެއިރުވެސް ހޯސްލާފައި ލޭ ފައިބަމުން ދިޔައެވެ. އެ ހުރިހާ އަނިޔާއަކާއި އެކުވެސް، އިފްރީންގެ ފުރާނަ ނެތް މަސްގަނޑު އޮތީ ބިމަށް ދެމިފައެއް ނޫނެވެ. ކަރުގައި އައްސާފައި އޮތް ވާފަށުގެ އެއް ކޮޅު، އައްސާފައި ވަނީ، ފަންކަލުގައެވެ. ހަށިގަނޑު އެލިފައިވި އިރު، ފިލްމަކުންވެސް އެފަދަ ބިރުވެރި މަންޟަރެއް ނުފެންނަ ކަން ޔަޤީނެވެ.
(ނުނިމޭ)

 1. Avatar

  ކުރީބަޔަށްވުރެވެސް މާފުރިހަމަ އިނގޭ?…ސިފަކުރުންތައްވެސް ވަރަށް ރީއްޗޭ ބުނެވޭނީ… ލިޔުންތެރިޔާއަށް ކާމިޔާބު އެދެން?…އެން ތެންކްސް ފޮރ ބިއިން މަ ބިގަސްޓް އިންސްޕިރޭޝަން…ލަވް ޔޫ މޮންޓިސް ?

  1. monsta

   ޝުކްރަން… ކުރިއަށް އޮތް ބައިވެސް ވަރަށް އަވަހަށް ގެނެސްދޭން މި މަސައްކަތް ކުރަނީ.. އިންޝާ ﷲ މާދަމާ 23 ވަނަ އެޕިސޯޑް ކިޔާލަން ލިބޭނެ ??

 2. Avatar

  “ލޯބިން ވީހާ، ދުވަހެއް އެކުގާ.
  ރޭގަނޑު ދަންވަރު ހަނދުގެ އަލީގާ.
  ތުނިތުނި ވާރޭ، އަތިރި މަތީ.
  ފަށްފަށްކުރަމުން ވައުދާ ހުވަޔާ.
  މިހިތުގަ އެ ހަނދާން، މި ވަނީ އާލާ.
  ވިޔަކަސް އެދުވަސް މާޒީގެ ތެރޭ.
  އިހުސާސް ވާތީ ލޯތްބޭ މިކިޔާ.
  ވާތީ ޔާރާ ބިންވަޅު ނެގިފާ….”?

 3. Avatar

  Awwwn?
  Wow!! Maa Shaa Allah!! This is the most uniquest story I ever read.
  And yes!! Rifaasha’s character is just wow…. She is really my inspiration and role model…. I want be a detective like her to bring out the darkside of people whom we thought are angels….
  And I want that syringe she had to locate people….☺️
  Awwwwn…. Monsta you are really a very unique writer with a creative mind. Keep it up the great work ?

 4. Avatar

  mon you’re a star hama a star no wonders why you chose monsta as you name. you got unique talent. ehen emmen usually liyaany thaakun thaaku nujehey Hindi drama style loabi ge vaahaka but you ge this vaahaka Is different

ޚިޔާލު ފޮނުއްވާ