Views: 3135 59

އެވަގުތު ދިމާވީ އަހަރެން މަގު ހުރަސްކުރަން ދިމާކުރި ވަގުތާއެވެ. ކަހިފި ހުރަހެއް ނޫން ކަމުންމެ، ބާރު ސްޕީޑުގައި އައި ސައިކަލު، ދުއްވަން އިން މީހާ، ނުހުއްޓަން ގަސްތުކޮށްގެން އިނީ ކަންނޭނގެއެވެ. ސައިކަލު ފެނުމާއި އެކު، ފުރަތަމަ ބޮޑުވީ އަހަރެންގެ ދެލޮލެވެ. ބަލަން ނުހުރެ، ފޯނު ކަންފަތާއި ދުރުކޮށްލާފައި، ދުއްވައިގަތީމެވެ. ފަޔަށް ލެވުނުހާ ބާރެއް ލައިފައެވެ.
މަގުގެ އަނެއް ފަރާތަށް ފޯރި އިރުވެސް، އަހަރެންގެ ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ފުން ނޭވާތަކެއް ދޫކޮށްލާފައި މަޑުމަޑުން، ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ.
"ހެލޯ؟ އެޖު.. ދެންމެ ކީކޭތަ ތިކީ؟ މި މަގުމަތީގަ، ކުޑަ ކަމެއްވެގެން ކީ އެކައްޗެއްވެސް އަޑެއް ނީވުނޭ." ހަމަޖެހިލަމުން އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. އަދި މަޑުމަޑުން، ދާންވީ މަންޒިލާއި ދިމާލަށް ހިނގައިގަތީމެވެ.
"މަ ބުނީ، ރިފް ބޭނުމިއްޔާ އެހީ ވެދީފާނަމޭ. ރިފް ބޭނުންވެދާނެ ކަހަލަ އެއްޗެއްމަގޭ އަތުގަ އެބޭތޭ.." އަލުން ބަލުން، އަކުރުން އަކުރަށް ކިޔައިދޭން ޖެހުމުން، އަކުރުތަކަށް ދަމާލާފައި އެޖު ބުނަމުން ދިޔައެވެ.
"ކޯޗެއްތަ؟" އަޔާޒް ދިރިއުޅޭ ގެއާއި، އަރާ ހަމަވުމުން، މަޑުޖެހިލަމުން އަހަރެން އަހާލީމެވެ.
"ގޭންގް ތަންތަނުގަ ހުންނަ ސީކްރެޓް ރޫމް އެނގެއެއްނު؟ އެތަންތަން ހުޅުވޭ ތަޅުދަނޑި." އެޖު ބުންޏެވެ. އަހަރެންނަށް ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ. އެދުނީ، އަޔާޒް އުޅޭ ގެއަށް އައުމަށެވެ.
...................
"ތިން ތަނަށް ވަޅި ހަރާފަ އޮތީ. އެ ފަޅު ރަށަށް ކޮންމެވެސް ގޮތަކުން ގެންގޮއްސަ، ގޮނޑުދޮށުގަ މަރާލާފަ، ފަހުން ވާ ތެރެއަށް ވައްދާފަ އޮތީ." ޓީވީގެ ސްކްރީނުން ފެންނަން ހުރި އަރޫންގެ މަރުވެފައި އޮތް ހަށިގަނޑުގެ ފޮޓޯއަށް ބަލަން ހުރެފައި، އަޔާޒް ކިޔައިދިނެވެ. އަހަރެންގެ ދުލަށް ބުނާނެ ބަހެއް ނައެވެ. އަރޫނަށް ބަލަން ހުރެވުނީއެވެ. އެފަދަ ރަހުމް ކުޑަ ގޮތްގޮތަށް ކިތަންމެ ބަޔަކު، މިފަހުން ވަކިވެގެން ގޮސްފައިވި ނަމަވެސް، ދެކެ ފަރިތަ ދަންނަ މީހަކު، މަރާލާފައި އޮންނަ މަންޟަރު ދެކެން، ކެތްކުރަން އުނދަގުލީއެވެ.
"ކިހިނެއް އެނގުނީ؟" ވަގުތު ކޮޅަކަށްފަހު އަހާލީމެވެ.

"ހަށިގަނޑު މާލެއަށް ގެނައި ހިސާބުން، އެކި މީހުނަށް ފާރަލީ. ފޮޓޯ ހޯދީ ހެކް ކޮށްގެން.." އަޔާޒް ޖުމުލަ ނިންމާލި ވަގުތު، ބެލްޖަހާ އަޑު އިވުނެވެ. އެކަކު އަނެކަކަށް ބަލައިލުމަށް ފަހު، ދެމީހުން އެކު އެކީ ހިނގައިގަތީމެވެ.
"އެޖު. އާދޭ އެތެރެއަށް." އަހަރެން ދަޢުވަތު ދިނީމެވެ. އަޔާޒް ބަލަން ހުއްޓެވެ. އަހަރެން ކޮންމެވެސް ވަރަކަށް ކިޔައިދީފައިވުމުން، އެޖަކީ ކާކުކަން އަޔާޒަށް އެނގޭނެއެވެ.
"މި އޮތީ" އެޖު ދިއްކޮށްލީ އާދައިގެ ތަޅުދަނޑިއެކެވެ. އަހަރެން އެއަށް ބަލަން ހުރީމެވެ. އަޔާޒް ވެސް އަހަރެންގެ ދުލުން ބަހެއް ބޭރު ނުކުރާތީ މަޑުމަޑުން ހުރީއެވެ.
"އެކަމަކު އެ ކޮޓަރިތައް ހުޅުވެނީ، އަތުގެ ނިޝާނުންނެއްނު؟" އަހަރެން ދެވިސްނުމެއްގައި ހުރެފައި އަހާލީމެވެ. ކުރަން ބޭނުން ނުވިޔަސް އެޖް އަހަރެމެން ގަޅި ހައްދަން އުޅެނީ ކަމުގެ ޝައްކުވެސް ކުރެވުނެވެ.
"ސެކަންޑް އޮޕްޝަން." އެޖް ލަސްކުރުމެއް ނެތި ޖަވާބު ދިނެވެ. އަހަރެން ބޯ ޖަހާލީމެވެ.
"ދެން؟ ކޮބާ ކައެމެންގެ ޕްލޭނަކީ؟" އަހަރެންނަށާއި އަޔާޒަށް، ނިތް އަރުވާލާފައި، އެޖް ގޮސް، ސޯފާގަނޑަށް ވެއްޓިގަތެވެ. އަހަރެންވެސް، އަޔާޒާއި އެކު ގޮސް، ސޯފާ ކުރިމަތީ މަޑުކޮށްލީމެވެ.
"ވަކި ޕްލޭނެއް ނެތް" ކޮނޑު އަރުވާލަމުން ބުނީމެވެ. އެޖް ދެންވެސް އަރުވާލީ ނިތެވެ.
"އޭޒެޑް ހައްޔަރު ކުރުން ޕްލޭނަކީ. ސޯ އޭނަ ބެދޭނެ ކަހަލަ ގޮތެއް ހޯދަން ޖެހޭނީ." ފުރަތަމަ ފަހަރަށް އަޔާޒް ދުލުން ބަހެއް ބޭރުކޮށްލިއެވެ. އަހަރެން ވަގުތުން ބޯ ޖަހާލީމެވެ. އެޖު ބަލަން އޮތެވެ. ސީދާ އަޔާޒަށެވެ.
"އެހުންނަ ސީކްރެޓް ރޫމް ތަކުގަ ހުންނާނެ ފޮތާ އެއްޗެހި. މުހިންމު މައުލޫމާތު ހުންނާނީ. ފައިދާއެއް ކޮށްފާނެ." އޮތް ގޮތަށް އޮވެ،އެޖް ބުނެލިއެވެ.
"ކިހިނެއް އެތަނަށް ވަންނާނީ؟" ސުވާލުކޮށްލީމެވެ. މާ ކުރިންވެސް އެޖު އޮތީ އެސުވާލަށް ތައްޔާރު ވެގެން ކަންނޭނގެއެވެ.
"މަ ގޮސް، ގެނެސްދީފާނަން." އެޖުގެ ޖަވާބުން ހައިރާންކަމާއި އެކު އެޖަށް ބަލައިލީމެވެ.
"މަށަށް އިފްރީންމެން އަތްދަށުން ސަލާމަތް ވާނެ ކަމުގެ ޔަޤީންކަން ދެންޏާ.." ސާބިތު ކަމާއި އެކު އެޖް ބުނެލިއެވެ. އަހަރެން ބަލައިލީ އަޔާޒަށެވެ. އަޔާޒް މަޑުމަޑުން ބޯ ޖަހާލިއެވެ. އިތުރު ގޮތެއް ނެތުމުން، އަހަރެންވެސް އެޖްގެ ޚިޔާލަށް އެއްބަސް ވީމެވެ. ލަސްތަކެއް ނުކޮށް އެޖް ދިޔައީ ކުރަން ބުނި ކަންތައް ކުރާށެވެ.
.....................
"އޭނަޔަށް ހުރިހާ އެއްޗެއް ކިޔައިދިނީތަ؟" އެޖް ދިޔުމުން، އަޔާޒް އަހަރެން ގާތު އަހާލީ، ލިފްޓުގެ އިންތިޒާރުގައި ތިބި ވަގުތުގައެވެ.
"ހުރިހާ އެއްޗެއް ނޫން. ކުޑަ މިންވަރެއް." އަހަރެން ޖަވާބު ދިނީމެވެ.
"އޭނަ، އެކަން ކުރަންޏާ ހީ ޑިސާރވް ޓު ނޯ ދަ ޓްރުތް." އަޔާޒް އެހެން ބުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ. ހުރިހާ ވާހަކައެއް ކިޔައިދޭ ވަރަށް އަޖްމަލަށް އަދި އިތުބާރެއް ނުކުރެވެއެވެ.
"ކޮންތާކަށް މި ދަނީ؟" އަނެއްކާވެސް އަޔާޒް ސުވާލެއް ކޮށްލިއެވެ. އަހަރެން ދިނީ ލުއި ހިނިތުންވުމެކެވެ. ވަކި ޖަވާބެއް ނުދީ، ހިނގައިގަތީ ކުރިއަށެވެ.
ދަންވަރުގެ އެވަގުތު، ކަންމަތީ އެއްވެ އުޅޭ ގްރޫޕް ގްރޫޕް އުޅުނު ނަމަވެސް، ހެލިފެލިވެ އުޅޭ މީހުން މަދެވެ. އެހެން ރޯދަމަސް ތަކާއި ތަފާތު ރޯދަ މަހެކެވެ.
ބަނދަރު މަތިން ހިނގާފައި ގޮސް، އަހަރެން އެރީ ލޯންޗަކަށެވެ. ވާނުވާގައި ހުރި އަޔާޒްވެސް، ފަހަތުން އައިސް ލޯންޗަށް އެރިއެވެ. ކުރިންވެސް ޖަވާބު ނުދިނުމުން، އަޔާޒް އިތުރު ސުވާލެއް ނުކުރެއެވެ.
މަޑުމަޑުން، ލޯންޗު ބަނދަރުން ނެރުނީމެވެ. އަދި ބާރު ދުވެއްޔެއްގައި ދުއްވާލީމެވެ. އެއް ފަހަރު ސަމުގާއަށް ބަލަމުން، އަދި އަނެއް ފަހަރު ކުރިއަށް ބަލަމުންނެވެ. ވަކި ހިސާބަކަށް ގޮސް އަހަރެންގެ ދަބަހުގައި އޮތް ޓެބްލެޓު ނަގާ، މެސެޖެއް ކޮށްލީމެވެ. ހެލިކޮޕްޓަރު ފޮނުވައިދިނުމަށެވެ.
"އޭ.. ތި އުޅެނީ މަ ކިޑްނެޕް ކުރަންތަ؟ ދާން މި އުޅޭ ތަނެއް ބުނެލީމަ ދޯ، އެނގޭނީވެސް." އަޔާޒްގެ ހިތަށް ބިރުވެރިކަން ވަނީ ކަންނޭނގެއެވެ. ހުންނަ ސަކަ މިޒާޖު ދޫކޮށްލާފައި ސީރިއަސް ވެލިއެވެ. އަހަރެން ދިޔައީ ދުއްވުމައިގެން ކުރިއަށެވެ.
އެތައް އިރަކު ދުއްވުމަށް ފަހު، ދާން ޖެހޭ މަންޒިލަށް ފޯރުމުން، އިންޖީނު ނިވާލީމެވެ. ފެންނަން، އޮތީ، ވަށައިގެންމެ ހާމަ ކަނޑެވެ. އަހަރެން ދުއްވަން އިށީނދެ އިން ސީޓުން ތެދުވެ، ހިނގައިގަތީ ސީދާ އަޔާޒާ ދިމާލަށެވެ.
"ސޮރީ. އެކަމަކު، މީތި އަޅަން ޖެހޭނީ." އަހަރެން އަޔާޒަށް ދިއްކޮށްލީ، ބޯ ކަޅު ފޮތިގަނޑެކެވެ. އަޔާޒް އޭގައި ނުހިފުމުން، އަހަރެން އަމިއްލައަށް، އެ ފޮތިގަނޑު ލޯ މަތީ އައްސާލީމެވެ. ގަދަހެދުމެއްނެތި، އަނގަމަޑުން ލައިގެން އިން ނަމަވެސް، މޫނުމަތީ ފެންނަން ހުރި ބައިންވެސް، ލިބިފައިވި ހައިރާންކަން ސާފުކޮށް ފެންނަން ހުއްޓެވެ.
"ޕްލީސް ބުނެބަ. ތިއުޅެނީ އަރޫނަށް ހެދިހެން މަ މަރާލަންތަ؟ ރިފް ޕްލީސް." ހެލިކޮޕްޓަރު ކައިރި ކުރި ބާރު އަޑު އިވެންފެށުމުން، އަޔާޒް، ބިރުގަތްފައި ހުރި އަޑަކުން، ބުންޏެވެ. އަޔާޒަށް ޓަކައި ދެރަވެސްވިއެވެ. ނަމަވެސް، އެވަގުތަށް އޮތް ކަމެއް ކަމަށް ބަލާ އަޅާ ނުލީއެވެ.
އަޔާޒްގެ އަތުގައި ހިފައިގެން، އަހަރެން، ލޯންޗުގެ ހިޔާކޮށްފައި އޮތް ބައިން ނުކުތީމެވެ. ހެލިކޮޕްޓަރުގައި ތިބި މީހުން ވާގަނޑު ވައްޓާލިއެވެ. އަހަރެން، އަޔާޒް ގޮވައިގެން އެއާއި ކައިރިވެލީމެވެ.
"ހޭ. މީ ހަރުގަނޑެއް ކަހަލަ އެއްޗެއް އެނގޭ. މީގެން މައްޗަށް އަރާބަ." އަހަރެން ވަރަށް ހިތްހެޔޮ ކަމާއި އެކު ބުނެލީމެވެ. އަޔާޒް ހުރީ ދުވަހަކު ނުގަންނަވަރަށް ބިރުގަނެފައިކަމުންނެވެ.
ހެލިކޮޕްޓަރަށް އަރާ ހަމަޖެހިލުމުން، ހެލިކޮޕްޓަރުން ދެ މީހަކު ފައިބާ، ލޯންޗާއި ހަވާލުވިއެވެ. ވަކިން ހުރި ކޮޓަރިއެއް ކަހަލަ ތަނަށް ވަދެ އެއްޗެހި ބަދަލުކޮށްލުމަށް ފަހު އަހަރެން، ގޮސް، އަޔާޒް ބައިންދާފައި އިން ގޮނޑީގެ، ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އިށީނީމެވެ. އަޔާޒް ބަހަކުން ބަހެއް ނުބުނެ މަޑުމަޑުން އިނެވެ.
...................
ހެލިކޮޕްޓަރު، އެމްއެސްއޭގެ، އަހަރެމެންގެ މަނަވަރަށް ޖެއްސުމާއި އެކު އަހަރެން އަޔާޒް ގޮވައިގެން ފޭބީމެވެ. އިންތިޒާރުގައި، އައިމަން ސަރ ހުއްޓެވެ. އަހަރެން އަންނާނީ އާ ޚަބަރެއް ހިފައިގެން ކަމުގައި ޔަގީންކޮށްގެން ކަންނޭނގެއެވެ.
އައިމަން ސަރގެ އިށާރާތާއި އެކު، އަޔާޒްގެ ކަނު މޮހެލީމެވެ. ދެލޯ ބޮޑުވެގެން ދިޔަތަން ރީތިކޮށް ފެނުނެވެ. އައިމަން ސަރ ފެނުމުން، އިރުކޮޅަކު ބަލަން ހުރެފައި، އަހަރެންނަށް ފުން ނަޟަރަކުން ބަލައިލިއެވެ.
"މީތަ އެތަނަކީ؟" މަޑުމަޑުން އަހާލިއެވެ.
..........................
އަހަރެމެން ތިން މީހުން ތިބީ އަހަރެންގެ ކޮޓަރީގައެވެ. ވާހަކަ ދެކެވުނީ، މަރަމުން ދާ މީހުންތައް، މެރުން ހުއްޓުވާނެ ގޮތަކާއި މެދުއެވެ. އަހަރެން އެމްއެސްއޭއަށް ދިޔައީވެސް، ހައްލަކާއި ނުލައި ނާންނަން ހިތުލައިގެންނެވެ. އެޖުގެ ވާހަކަވެސް ކިޔައިދިނީމެވެ. އެހީވާން ގޮސްފައިވި ވާހަކައެވެ. އައިމަންސަރވެސް އެކަމާ ހިތްހަމަ ޖެހުނެވެ. ތިން މީހުނަށްވެސް ޤަބޫލު ކުރެވުނީ އެޖު ގެންނަ މައުލޫމާތަކުން ކުރިއެރުމެއް ލިބި، ކޮންމެވެސް ގޮތެއް ފެންނާނެ ކަމަށެވެ.
އިންޓަރނެޓާއި ކަނެކްޓްވެފައި ވުމުން ފޯނަށް މެސެޖެއް ލިބުނެވެ. އައިމަން ސަރ ނުރުހިދާނެތީ، ބަލައިލީ ސިއްރުސިއްރުންނެވެ. ރާއިންގެ ފަރާތުން އައި މެސެޖެއް ކަމުން، ނުބަލާ ނުހުރެވިގެންނެވެ.
"ރިފް. ކޮންތާކު؟" ފުރަތަމަ މެސެޖު ކިޔާލީމެވެ. ސީން ކޮށްލުމާއި އެކު ދެވަނަ މެސެޖެއްވެސް ލިބުނެވެ.
"ރިފް އެމީހުން." މެސެޖުގައި އޮތީ ފުރިހަމަ ނުވާ ޖުމުލައެކެވެ. ވިސްނާންވީ ކޯޗެއްކަމެއް ނޭނގުނެވެ. ނަމަވެސް ލިބުނު ހައިރާން ކަމުން، ވީ ކީތްތޯ އަހާލީމެވެ.
" ގޭންގް މީހުން. އެމީހުން މަ.. އެމީހުން. ޕްލީސް. އާދެބަ" ވެގެން އުޅޭ ގޮތެއް ސާފެއް ނުވިއެވެ. ވީ ކޮންމެ ކަމެއް ނަމަވެސް، ބޮޑު ކަމެއް ވެއްޖެކަން ޔަޤީން ކުރެވުނެވެ. އިށީނދެ އިން ތަނުން ތެދުވެ އަނެއްކާވެސް ރާއިނަށް މެސެޖު ކުރީމެވެ.
"ކޮންތާކު؟" ހިތުގައިވި ބިރުވެރިކަމާއި އެކު އަހާލީމެވެ. ޖަވާބު މާ ލަހެއްވެސް ނުވިއެވެ.
"ގޭގަ.."
...........
"މަ މަ ވަރަށް އަވަހަށް ދާން ޖެހޭ އެބަ." ހަމަ އެކަނި، ޖުމުލަ ފުރިހަމަ ކޮށްލާފައި، އަހަރެން ދުއްވައިގަތީއެވެ. އަޔާޒަށް އަދި އައިމަން ސަރއަށްވެސް، އެއްޗެކޭ އަހާނެ ފުރުސަތެއް ނުދެމެވެ.
"މަ ގެންގޮސްދީ.. އަވަސް." ހެލިކޮޕްޓަރ ޕާކު ކޮށްފައި، ފޭބި މީހަކާ، ޖެހޭ ނުޖެހޭ ހިސާބަށް ގޮސް އަހަރެން ބުނީމެވެ. އެމީހާ ފާޑަކަށް ބަލަން ހުއްޓެވެ.
"އަވަސް ކުރާށޭ. އަވަސް" ހަޅޭއްލަވައިގަތީމެވެ. އެހެންކަމުން، އެ ޕައިލެޓް، އަނެއްކާވެސް ހެލިކޮޕްޓަރާ ދިމާލަށް މިސްރާބު ޖެއްސެވެ.
އަރާފައި އަހަރެން ދާންވީ ތަން ބުނެދިނީމެވެ. ނައްޓާލިތަނާހެން، އައިމަންސަރ އާއި އަޔާޒް ދުވެފައި އައިތަން ފެނުނެވެ. ކޮންމެވެސް އެއްޗެއް، ވަރަށް ބާރަށް ގޮވާކަން އެނގުނެވެ.
އެމީހުންނަށް އަންގާލުން މުހިންމު ކަމަށް ފެނި އަހަރެންވެސް، ދާން ޖެހުނީ ކީތްވެކަން އަންގައިދެވޭތޯ އުޅުނީމެވެ. ނަމަވެސް ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ.
"ރާއިން!"
........................
އަހަރެން އައި ލޯންޗް، ބޭއްވި ތަނުގައި އޮތެވެ. ހެލިކޮޕްޓަރުން ފޭބުމާއި އެކު، ނައްޓާލިއެވެ. މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއި އެކު، ދުއްވައިގަތީމެވެ. އަވަހަށް ދެވޭނީވެސް ތަންކކޮޅެއް ކައިރި ނަމަތާއެވެ. ގުގުމާލާފައިވީ، ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ.
މީހާ މުޅިން ވަރުބަލިވީފަހުން، ރާއިންގެ ގެއާއި ހަމައަށް ފޯރިއެވެ. މާނޭވާލަމުން، އެތެރެއަށްވަނީމެވެ. ރާއިން އުޅޭ ބަޔާއި ހަމައަށް ފޯރި އިރުވެސް މީހާ މުޅިން ހަމައަކަށް ނޭޅެއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ބެލްއަށް ފިތާލީމެވެ.
ގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވުނެވެ. ސަމާލުކަން ދަމައިގަތީ ދޮރު ހުޅުވި މީހާއެވެ. ކުރިއަށްވުރެ ބޮޑަށް ހިތުގައި ބިރުވެރިކަން އުފެދުނެވެ. މަޑުމަޑުން ގޮވާލީމެވެ.
"އިފްރީން؟"
ހިނިތުންވުމެއް ދިނުމަށް ފަހު އިފްރީން، ފުޅާކޮށް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަންނަން ތަން ދައްކަމުންނެވެ. ސިކުންތެއްވެސް ބޭކާރުކޮށް ނުލާ، އަހަރެން އެތެރެއަށް ބޯ ދިއްކޮށްލީމެވެ. ފެނުނު މަންޟަރުން ހައިރާންވިއެވެ.
"ރާއިން؟!" ގޮވާލެވުނީ ފުދޭވަރަކަށް ބާރަށެވެ. ނުހަނު ހަމަ ޖެހިލައިގެން ސޯފާއަށް ވެޑުވިފައި އިނުމުން، ބުނާނެ އިތުރު އެއްޗެއްވެސް ހިތަކަށް ނައެވެ.
"ހޭ ރިފް." އާދައިގެ ގޮތަކަށް ގޮވާލިއެވެ. އަހަރެން ގޮސް ރާއިންގެ ކުރިމަތީ ހުއްޓިލީމެވެ.
"ކީކޭ މެސެޖުކޮށްފަ އެއޮތީ؟ ކިހިނެތްތަ ވީ؟" އަދިވެސް އަހަރެންގެ ހާސްކަން ފިލާ ނުދެއެވެ. ރާއިންގެ މެސެޖުތައް ހުރި ބަސްމަގާއި އެކު އިފްރީން، ރާއިންގެ ގެއިން ފެނުމުން، ހާސްނުވެ ނުދާނެ ނޫންހެއްޔެވެ؟
"ހެހެ އެއީ... ރިފް މަ ދެކެ ލޯބި ވާ ވަރު ބަލައިލީ." ރާއިން ތެދުވެ އަހަރެންނާއި ވަރަށް ގާތުގައި މަޑުކޮށްލިއެވެ. މަންޟަރު ބަލަން ދުރުގައި އިފްރީން ހުއްޓެވެ.
"ހަނދާނެއްވެސް ނެތްތަ؟ މީ ރާއިންގެ ބާރތްޑޭއޭ. މަށަށް އަށާވީސް ވީއޭ. ރިފް ހަނދާނެއްވެސް ނެތް ދޯ؟" ރާއިން ދެރަވިކަން މޫނުމަތިން ދައްކަމުން ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެމްއެސްއޭގައި ހުރެފައި، އަވަސްއަރުވާލައިގެން މި އާދެވުނީ، މި ޑްރާމާގަނޑެއް ބަލަންކަން އެނގުމުން ޙަޤީގަތުގައިވެސް، މޮޔަހީވިއެވެ.
"މަ ހާދަ ދެރަވިއޭ. ރިފް މަށަށް ވިޝްއެއްވެސް ނުކުރި ވިއްޔަ.." އަނެއްކާވެސް ރާއިން ޝަކުވާ ކޮށްލިއެވެ. ތިބެވުނުލެއް ކައިރިކަމުން، އަހަރެން ހުރީ ރާއިންގެ މޭގައި ތަތްވެފައެވެ.
"ރާއިން.. ސޮރީއޭ. އެކަމަކު، ފުރާފައެއްނު މިހާރު ހުންނަން ޖެހޭނީ؟" ދުރަށް ޖެހުމުގެ ބަދަލުގައި އަހަރެން، އެހުރި ގޮތަށް ހުރެ އަހާލީމެވެ. ސީދާ ރާއިންގެ ފުން ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ރާއިންވެސް ބަލަމުން ދިޔައީ އަހަރެންގެ ދެލޮލަށެވެ. ހަތަރު ކަޅި ހަމަވެފައި ހުރި އިރު، ހިއްސުތައްވެސް ކެނޑިފައިވާ ފަދައެވެ. އެއް ކަމެއް މެނުވީއެވެ. ފަހަތުން އިފްރީން، ކޮންމެވެސް އެއްޗަކުން ވަރަށް ބާރަށް އަހަރެންގެ ބޮލުގައި ޖެހިކަން އެނގުންވިއެވެ.
ވެއްޓުމުގެ ބަދަލުގައި އަހަރެން ލައްވީ ރާއިންގެ މޭގައެވެ. އަހަރެންގެ އަނގައިން ބޭރުވެގެން ދިޔައީ ބާރު އާހެކެވެ. ބޮލުން ހޯސް ލާފައި ލޭތައް އޮހޮރިގަތެވެ. ހިތްވަރު ކޮށް، ބޯ އަނބުރާލާފައި ބަލައިލެވުނީ އިފްރީނަށެވެ. އަތުގައި، ދަގަނޑު ބުރިއެއް އޮތެވެ.
ދެވަނަ ސިކުންތުގައި ނެތް ހަކަތައާއިވެސް އެކު ތެޅިގަނެވުނީ، މޫނުމަތީ ފޮތިގަނޑެއް އެޅުމުންނެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. ރާއިނެވެ. އަތުން ފައިންވެސް ހަމަލާއެއް ދެވޭ ގޮތެއް ނުވިއެވެ. މުޅި ތަން އަނދިރިވީ، ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
.......................
ހޭވެރިކަން ޖެހެމުން އައި އިރު އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ބޮލުން އެއިރުވެސް ދިޔައީ ލޭ ފައިބަމުންނެވެ. ކެތް ކޮށްލާފައި މަޑުމަޑުން ލޯ ހުޅުވާލީމެވެ. އިނދެވުނީ، ގޮނޑިއަކާއި އެކު، ވަރަށް ބާރަށް ބަނދެފައެވެ.
ކުރިމަތީ، ސީދާ އަހަރެންނާއި ދިމާލަށް ބަލަން ހުރީ ރާއިނެވެ. އިފްރީންގެ ހިލަމެއް ނުވެއެވެ. އަހަރެން ހޭ އަރައިފިކަން އެނގުމާއި އެކު، ރާއިން ވިހަ ހިނިތުންވުމެއް ދިނެވެ. ބަހެއް ބޭރުކުރުމެއް ނެތި، އައިސް އަހަރެންނާއި، ކުރިއަށްވުރެ ކައިރީގައި މަޑުކޮށްލިއެވެ. އަދި ފޯނު ނަގާ ޕްލޭކޮށްލީ ރިކޯޑިންއެކެވެ.
"ހެލޯ؟" އެއީ އަހަރެންގެ އަޑެވެ. އެކަން ޔަޤީނެވެ. ދެން ވާހަކަ ދައްކާނެ މީހެއް އެނގުމުގެ ޝައުގުވެރިކަމާއި އެކު އަޑު އަހަން ހުރީމެވެ.
"ރިފް.. އޭރު ބަވާލެވުނީމަ ސޮރީ އެނގޭ.." އަޖްމަލް ގެ އަޑެވެ. ރޭ، އަހަރެންނާއި އަޖްމަލް ދެއްކި ވާހަކަ ތަކުގެ ރިކޯޑިންއެވެ. ކޮޓަރިއަށް ވަންނަން ބޭނުންވާ ތަޅުދަނޑި އޮތް ވާހަކަވެސް، އެޖު ބުނެއެވެ. ކަޑަ ކަމަކީ، އެ ހިފައިގެން އަޔާޒް އުޅޭ ގެއަށް އަންނަން ބުނެވުނު ކަމެވެ.
"ސަޕްރައިސް ވެއްޖެ ދޯ؟ އަދި އެބޭތޭ މިއަށް ވުރެ ބޮޑު ސަޕްރައިސެއް." އަނެއްކާވެސް ހީލަމުން، ރާއިން ބުންޏެވެ. އަދި ފުދޭވަރަކަށް ބާރަށް އިފްރީނަށް ގޮވާލިއެވެ.
މާ ގިނަ އިރެއް ނުވެ، ދޮރު ހުޅުވާފައި އިފްރީން، އެތެރެއަށް ވަދެގެން އައެވެ. އެކަންޏެއް ނޫނެވެ. ކިރިޔަ ކިރިޔާ ހޭހުރި މީހެއް ކޮއްޕަމުން ކޮއްޕަމުންނެވެ. ގައިގެ އެކި ތަންތަނަށް އަރާފައި ހުރި ހަމަލާތަކުންނާއި، ލިބިފައިވި ޒަޚަމްތަކުން، ކާކުކަން ވަކިކުރަންވެސް އެނގޭވަރު ނުވެއެވެ.
އިރުކޮޅަކު ބަލަން ހުރީމެވެ. ދަންނަ މީހެކެވެ. އެކުގައި އެތައް ވަގުތެއް ހޭދަކުރެވިފައިވި މީހެކެވެ. ނުހަނު ގާތް އެކުވެރިޔެކެވެ. ކާކު ކަން އެނގުނު ހިނދު އައްސާފައި ހުރި ވާތައް ކަނޑާލާފައި ފުންމައިގެން ނުތެވެވުނީ ކިރިޔާއެވެ. ސަލާމަތް ވެވޭނެ ގޮތެއް އޮތް ނަމަ، އަހަރެން ދުވެފައި ގޮސް، އެމީހާގެ ގައިގައި ބައްދައިގަތީމުހެވެ.
"އިފްރީން! ކަލޭ އޮންނަނީ ހިތެއްތަ؟" އަހަރެން ހަޅޭއްލަވައިގަތީމެވެ. އެހިނދު އިފްރީން، އަތުގައި އޮތް ހަންޖަރު އަނެއްކާވެސް އަޖްމަލުގެ ބަނޑަށް ހަރާލިއެވެ. ހިތެއް އޮތް އިންސާނެއް ނަމަ، އޭގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރީހެވެ.
"ރާއިން... ޕްލީސް. އެޖަކީ ރާއިންގެވެސް އެކުވެރިއެއްނު؟ އޭނަ އަކީ ގޯސް މީހެއް ނޫނޭ." އަހަރެން، ރޮމުން ގިސްލަމުން އާދޭސް ކުރީމެވެ. އެއަށް ބީރު ކަންފަތެއް ދެމުން ރާއިން އައިސް އަހަރެން ކުރިމަތީ ހުއްޓިލައި، ވެދުން ކޮށްލީ ވިހަ ހިނިތުންވުމެކެވެ.
"ގޯސް މީހެއް ނޫނޭ؟ ދެން ކަލޭމެން ކަހަލަ ޚިޔާނާތްތެރިންނަށް މަ ކިޔާނީ ކޯޗެއް؟ އެ ކޯލް ރިކޯޑިންއިން ހަމަ ރަނގަޅަށްވެސް ކަލޭމެން ގަންނަ ގަނޑު އެނގިއްޖެ. އަދި އޭނަ އެ ތަޅު ދަނޑިއެއް ހިފައިގެން، ކޮޓަރި ހުޅުވަން އައޭ. ހުންނަ ގަމާރުކަން." ރާއިން ދުވަހަކުވެސް ވާހަކަ ދައްކާފައިނުވާ ގޮތަކަށް ބުނަމުން ދިޔައެވެ. އިނދެވުނީ ޤަބޫލުކުރަންވެސް ދަތިވެފައެވެ.
"ކޮން ތާކުން ހޯދި ކޯލް ރިކޯޑިންއެއްތަ އެއީ؟ ކީތްވެތަ އެ އިވުމުން، މަ ކައިރިއަށް ނައީ؟" އަހަރެން ޝަކުވާތައް އޮއްސާލީމެވެ. ރާއިން ޖަހާލީ ހިނިގަނޑެކެވެ.
"ކަލެއަށް ނޭނގުނަސް، މަ ޚަރަދު ކުރަން ޖެހޭ މީހުން ދުނިޔެމަތީ އުޅެޔޭ. މޮޅު އާ ފޯނަކަށް ބޭކާރު ޚަރަދެއް ކުރާހާ މޮޔައެއް ނޫން މަށަކީ. އެ ގަނެދިނީވެސް ހަމަ މި ބޭނުމުގަ. ކައެ ފޯނު ތަޅާލީވެސް ގަސްތުގަ.." ހިނިތުންވެލައިގެން ހުރެ ރާއިން ޙަޤީގަތް ހާމަ ކުރަމުން ދިޔައެވެ. ހަޤީގީ ލޯބިވި، އަހަރެންގެ ލޯބިވެރިޔާއަކީ އެއީ ހެއްޔެވެ؟ މިފަދަ ކެއްސެއް ދޭން، އެ ހިތަށް ކުޑަވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އެކަކަށް ދެރައެއް ދީފައި އަނެއްކަކަށްވެސް އުފަލުގައި ނޫޅެވޭނޭ ބުނަނީ މިހެންވެހެއްޔެވެ؟
ރާއިން އެހެން ހުރެފައި، އަހަރެން ބަނދެފައި ހުރި ވާތަކުން ބައެއް ވާތައް މޮހާލިއެވެ. އެންމެ ފަހު ވަލަކަށް އޮތީ އަތް ހައްޔަރުވެފައި އޮތް ވާގަނޑެވެ. އެއިން މިނިވަން ވުމާއި އެކު، އަހަރެން ދުވެފައިގޮސް، އަޖްމަލަށް އެހީވާނަމެވެ. ނަމަވެސް ރާއިން އެ ވާ މޮހާލުމުގެ ކުރިން އަހަރެންގެ ނަޟަރު ހުއްޓުނީ، ކުރިމަތީގައި ވަމުން ދިޔަ ކަންތަކަށެވެ.
"ފަހު ބަހެއް ބުނަން އެބެތްތަ؟" އިފްރީން ވަޅީގެ ކޮޅު ޖައްސާލީ، އަޖްމަލްގެ ކަރުގައި، ސިދާ ނާރާއި ދިމާލުގައެވެ. އަޖްމަލަށް ކޮޅަށް ހުރެވެނީވެސް، ހަމަ އެކަނި، އިފްރީން ހިފާއްޓައިގެން ހުރުމުންނެވެ. އިފްރީން ދެން ކޮށްފާނެ ހަރަކާތް ހިތަށް އަރާފައި އަހަރެންގެ ހިތު ވިންދުވެސް، ހިނދުކޮޅަކަށް މަޑުޖެހުނު ކަހަލައެވެ.
"ރިފް.." އުނދަގުލުން އަޖްމަލް، ދޫ ހަރަކާތް ކޮށްލާ އަޑު ނެރުނެވެ. މެރި ނުމެރި ހުރި އެދެލޮލަށް، އަހަރެންގެ ސޫރަ ފެންނާނީވެސް ކިރިޔަ ކިރިޔާއެވެ.
"ރިފް. ރިފް ތިކުރަނީ ވަރަށް މުހިންމު ކަމެއް. މި.. މި މީހުންނަކީ ވަރަށް ގޯސް ބައެއް.... ... ދެފުށްކެހެރި... މަ މިވަގުތު.. ވަ ކި ވެ ދިޔަ ޔަސް... ރިފް ކުރިއަށް... ދާތި. ރިފްއަށް މި ކަން ވާނެ. ހިތްވަރު.." އަޖްމަލަށް ބުނެވުނީ އެހިސާބަށެވެ. އިފްރީންގެ ރަޙުމެއްނެތް ހަމަލާ، އަޖްމަލްގެ ކަރުގެ ހަންގަނޑު ފޫދުއްވާލާފައި، އެތެރެއަށް ވަދެގެންދިޔައެވެ. އިތުރު ލޭތަކެއް އަނެއްކާވެސް ބޭރުވެގެންދިޔައެވެ. އަހަރެންގެ އަތް މިނިވަންވުމާއި އެކު، އިފްރީން، އަޖްމަލްގެ ގައިން އަތް ދޫކޮށްލިއެވެ. ދުވެފައި އަހަރެންނަށް އެހިސާބަށް ދެވުނު އިރު، އަޖްމަލްގެ ހަށިގަނޑު ބިމުގައި ޖެހިއްޖެއެވެ.
"އެޖު.. ނޫން.. ނޫން. ޔޫ ޑޯންޓް ޑިސާރވް ދިސް. ޕްލީސް. ސްޓޭ ވިތް މީ.." ދޫކޮށް ނުދިޔުމަށް އެދި އަހަރެން ހަޅޭއް ލަވަމުން ދިޔައީމެވެ. އަޖްމަލް ކައިރީ އިށީނދެ އިނދެއެވެ. އުނދަގޫ ގޮތަކަށް އަޖްމަލް ހިނިތުންވެލިއެވެ. ނަމަވެސް ހަމަ އެ ގޮތުގައި މާ ގިނައިރު ތަކެއް ހޭދައެއް ނުވިއެވެ. މެރެމުން ދިޔަ ދެލޯ ބޮޑުވެގެން ދިޔައެވެ. ތުންފަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ.
ހަށިގަނޑުގެ ހަރަކާތްތަކަށް ނިމުމެއް އައިތާ އިރުކޮޅެއް ފަހުން، އަހަރެން އަތް ހަރަކާތް ކޮށްލީމެވެ. އެޖުގެ އަތުގެ ނާރު މަތީ ތިން އިނގިލި ބާއްވާ ވިންދު ބަލައިލީމެވެ. ނެތެވެ. އެހަށިގަނޑުގައި ވިންދެއް ނުޖަހައެވެ. ކުރިންވެސް ތެމިފައިވި ދެލޮލަށް ކަރުނަ އިތުރުވެ، ކޯތާފަތް މަތީ ފައިބާ ގަތެވެ. ކުރެވޭނެ ކަމެއް ނެތެވެ. ކޮންމެ މީހަކުވެސް މި ދުނިޔޭގެ ވަގުތީ އުޅުން ދޫކޮށް ވަކިވެދާނެއެވެ. ދުނިޔޭގައި އެވަގުތެއްގައި ދިރިތިބޭ މީހުނަށް އޮތީ ކެތްތެރި ވުމެވެ.
ހިތްވަރު ކޮށްފައި ތެދުވީމެވެ. އިފްރީނަށް ބެލުމެއް ނެތި ގޮސް ހުއްޓިލީ، ރާއިންގެ ކުރިމަތީގައެވެ.
"އަޅެ ރާއިން. ކީތްވެ؟ މީ މަ ގަތް ގަނޑެކޭ. ދެން ކީތް އަޖްމަލަށް އެހެން ހެދީ؟" އަހަރެން ޝަކުވާ ކުރީމެވެ. އިފްރީންގެ ހިތް ހިލަޔަކަސް، ރާއިނަށް ވިސްނޭނެ ކަމަށް ހިތައެވެ. ފަހަތުގައި ހުރި އިފްރީން، ރަޙުމެއް ނެތި، އަޖްމަލްގެ ފުރާނަ ނެތް މަސްގަނޑުގެ މައްޗަށް ޑީސެލް އަޅާ އަލިފާން ޖެއްސެވެ.
ރާއިން ވަކި ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުއްޓެވެ. ދޭނެ ޖަވާބެއްވެސް ނޭނގުނީ ކަންނޭނގެއެވެ.
"މަށަކީ އޭޒެޑަށް މަސައްކަތް ކޮށްދޭ މީހެއް. މަށަށް ހަވާލު ކުރާ މަސައްކަތް މަ ކުރާނަން." ރާއިން ސާދާ ޖަވާބެއް ދިނެވެ.
"މަ އެ ޒާރާ މަރާލާނަން." ވެފައި ހުރި ދެރައާއި އެކު، އައި ރުޅިން އަހަރެން ބުނީމެވެ.
އަޖްމަލްގެ ސޫރަ ނޭނގޭނެ ވަރު ވުމުން، އަލިފާންގަނޑު ނިއްވާލާފައި އިފްރީން އައިސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް މަޑުކޮށްލިއެވެ.
"ސްވީޓްހަރޓް... ޒާރާއަކީ އޭޒެޑެއް ނޫނޭ. ޒުބެއިރު. އަލީ ޒުބެއިރު ނުދަންނަންތަ؟ އަހަރެމެންގެ އޭޒެޑަކީ އެއީ.." ރާއިން ފަހަތަށް ޖައްސާލާފައި އަހަރެންނާއި ކައިރިވަމުން އިފްރީން ބުނެލިއެވެ. ލިބުނު ހައިރާން ކަމުން،ފިޔަވަޅެއްވެސް ފަހަތައް ނުޖެހި ބަލަން ހުރިމެވެ.
"ޒާރާ އަކީ ހަމައެކަނި މީޓިންތަކަށް ފޮނުވަންވެގެން އޭޒެޑް ގެންގުޅޭ މީހެއް. ތާކުން ތާކު ނުޖެހޭ ކަލޭމެންކަހަލަ މީހުނާ އޭޒެޑް ބައްދަލު ވާނޭ ކާކުތަ ބުނީ؟ މީ ބޮޑު ސިއްރެއް. ކަލޭ އުމުރުގަ، އެހެން މީހެއް ގާތު ބުނެވޭހާ ތަން ނެތީމަ، މި ބުނީވެސް. ހިމްޔާނުމެނަކަށްވެސް ނޭނގޭނެ.." އިފްރީން، އޭނާގެ އަތުގައި އޮތް ވަޅި ގެނެސް، އަހަރެންގެ މޭ މަތީ ޖައްސާލިއެވެ.
"މަށޭ؟" ދޮރުގެ ތަޅު ހަލާކުކޮށްލާފައި ވަން މީހަކަށް، އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ހައިރާންވި ވަރުން، ވަގުތުގެ ބޭނުންހިފާ، އިފްރީނަށް ހަމަލާއެއް ދޭން، ނުވަތަ ކުޑަ މިނުން ދުރަށް ޖެހިލާކަށްވެސް ނޭނގުނެވެ.
"ހިމްޔާން! ކަލޭ މިތާ ކީތްކުރަނީ؟" ބާރު، ރުޅިވެރި އަޑަކުން އިފްރީން އަހާލިއެވެ. ހިމްޔާން، ފުރަތަމަ، އަންދާލާފައި އޮތް އެޖަށް، ދެން ރާއިނަށް، އަދި އެންމެ ފަހުން، އަހަރެންނަށާއި އިފްރީނަށް ބަލއިލިއެވެ.
"މީ މަށަށް ވަނުން މަނާ ތަނެއް ނޫނޭ." ހިމްޔާން ރުޅިވެރި ކަމާއި އެކު ރައްދު ދިނެވެ. އަދި ހިނގާފައި އައީ ސީދާ އަހަރެމެންނާއި ދިމާލަށެވެ.
"ކަލޭ މަށަށް ދޮގު ހަދާ އޮޅުވާވެސް ލަންތަ؟" ދެތިން ފޫޓު ދުރުގައި މަޑުކޮށްލަމުން، އިފްރީނާ މުޚާތަބުކޮށް ހިމްޔާން ބުންޏެވެ.
"އަބަދުވެސް. ކަލޭ ތި އައީ ރަނގަޅު ގަޑީގައޭ. ކަލޭގެ މިހިރަ މަންޖެގެ ނިމުން ބަލަން." ރާއިނަށް އިށާރާތެއް ކޮށްލަމުން އިފްރީން، ހިމްޔާނާ ދިމާލަށް ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ.
ރާއިން މަޑު ހިނގުމެއްގައި އައިސް، އަހަރެންގެ ފުރަގަހުގައި މަޑުކޮށްލިއެވެ. ކަރު ވަށާލައި، އަތުގައި އޮތް ތޫނުވަޅި ޖައްސާލީ އަހަރެންގެ ކަރުގައެވެ. ގުޑިލަންވެސް އަހަރެންނަކަށް ނޭނގުނެވެ. ރާއިން، އަހަރެން މަރާލަފާނެއެކޭ، ހިތަކަށްވެސް ނާރައެވެ.
"ކަލޭ ރިފާޝާ ގައިގަ އިނގިލި ކުރި ޖައްސާލިއަސް!" އަމުރުވެރި ގޮތަކަށް، ރާއިނާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ ހިމްޔާން ބުނެލިއެވެ. އެ އަޑަށް އިފްރީނާއި ރާއިން އެކުއެކީ ހިނިގަނޑެއް ޖަހާލިއެވެ.
ރާއިން މަޑުމަޑުން ވަޅި ހަރަކާތް ކޮށްލިއެވެ. ހަމަ އެކަނި، ކަރުގެ ހަންގަންޑު، ކަނޑައިގެން ދާ ވަރަށެވެ. ތަދުވި ނަމަވެސް، ބަހެއް ބޭރުނުކޮށް ހުރީމެވެ.
ހިމްޔާން ދެބުމަ ގޮށް ޖަހާލިއެވެ. ދެއަތް މުށްކަވާލާފައި، އިފްރީނަށް ކަކުލުން ވަރުގަދަ ހަމަލާއެއް ދިނެވެ. އަދި، ފަހަތަށް ދޮރާ ދިމާލަށް ކޮއްޕާލިއެވެ. ދެން، ދުވެފައި އައީ، އަހަރެމެންނާ ދިމާލާށެވެ. ގަތް ބިރުން ކަންނޭނގެއެވެ. ރާއިން، ވަޅި، އަހަރެންގެ ކަރާ ދުރުކޮށްލިއެވެ. ނަމަވެސް އެ ވަޅި ހެރޭނެ އެންމެ ފުންކޮށް އަހަރެންގެ ފަލަމަސްގަނޑަށް ހަރާލިއެވެ. މަގުމަތިން ފެނުނު ގޭންގު މީހާއަށް އަހަރެންވެސް ހެދި ގޮތަށެވެ. ހިމްޔާން، އައުމުގެ ކުރިން، ވަޅި ނަގާ، މުލައްދަނޑިއަށްވެސް ފުންކޮށް ހަރާލިއެވެ. ވީތަދަށް ކެތް ނުކުރެވިގެން އަހަރެން ވަރަށް ބާރަށް ހަޅޭއް ލަވައިގަތީމެވެ.
ހިމްޔާން އައި ގޮތަށް އައިސް، ރާއިން ކޮއްޕާލިއެވެ. އަހަރެންނަށް އެހީވުމުގެ ބަދަލުގައި، ރާއިންގެ އަތުގައި އޮތް ވަޅި، ނަގާ ރާއިންގެ ގަޔަށް ހަރާލިއެވެ. އަހަރެންނަށް ދިންހާ އަނިޔާއެއް ދިނީ ރާއިން ކަމުގައިވިޔަސް، ރާއިންގެ މެޔަށް އެރި ހަމަލާއިން، އަހަރެންނަށް އިތުރު ތަދެއް ލިބުނު ކަހަލައެވެ.
ހިމްޔާނާ ދިމާލަށް ހަޅޭއްލަވައިގަތީމެވެ. ރާއިން ދޫކޮށްލުމަށެވެ. ނަމަވެސް ހިމްޔާން އެ އަޑެއް ނޭހިއެވެ.
ހިވަރު ކޮށްފައި، ފިޔަވަޅެއް އެޅީމެވެ. ކުރިއަށެވެ. ދެވުނު ބާރުމިނެއްގައި ގޮސް، ރާއިންގެ ގައިމަތީ އިށީންދެ އިން ހިމްޔާން ކޮއްޕާލީމެވެ. އެއިރު ރާއިންގެ ކަސްރަތީ ހަށިގަނޑު އޮތީ ލެއިން ފޯވެފައެވެ.
ކައިރީގައި އިށީނީމެވެ. އެންމެ ގިނައިން، ބޮކި ބޮކި ޖަހާފައި ލޭތައް ފައިބަމުން ދިޔަ ތަންތަނުގައި، އަތް އެޅީ، ލޭތައް މަނާ ކުރެވޭތޯއެވެ. ކިތަންމެ ގޯސް މީހަކަސް، ރާއިނާ ވަކިވާކަށް އަހަރެން ތައްޔާރެއް ނޫނެވެ.
"ރާއިން. އަޅެ. ކީތްވެތަ އިފްރީން ކައިރީ ހުރިހާވާހަކައެއް ކީ؟ ނުބުނި ނަމަ މިހެނެއް ނުވީހެއްނު. ރާއިން. މަ ކީތް ކޮށްދެންވީ؟ އެމްބިއުލާންސް.." ކިޔޭ ނުކިޔޭއެއް ނޭނގި ބުނަމުން ދަނިކޮށް، ރާއިން އަހަރެންގެ ބަސްތައް ހުއްޓުވާލިއެވެ. ކޮށްލި ކަމަކުންނެވެ. އަތަށް ހެޔޮވަރުކޮށްލާފައި، ދައްކާލީ، އެހެން ވަޅިއެކެވެ. އަހަރެންނަށް ހަމަލާއެއް ދޭކަށް ނޫޅުނެވެ. ނަމަވެސް، ވަޅިއެއް ނަގާނީ ކޮންމެވެސް ބޭނުމެއްގައިކަން އެނގި ބުނެ ބުނެ ހުރި ޖުމުލަ މެދުކަނޑާލަން ޖެހުނީއެވެ.
"ކަލޭ މަށަށް ރަނގަޅަކަށް ކަމެއް ކޮށްދެންޏާ، ބެންކޮކްގަ އިން މަގޭ އަންހެނުންނަށާ ދަރިފުޅަށް މަގޭ މަރުގެ ޚަބަރުދީ." ރާއިން ފުން ނަޟަރަކުން ބަލަމުން ބުނެލިއެވެ. އަހަރެންނަށް ދޫ ހަރަކާތް ކޮށްލަން އެނުނީވެސް، ރާއިން، އަތުގައި އޮތް ވަޅި، އޭނާގެ އަމިއްލަ ކަރަށް ހަރާލުމުންނެވެ.
"ރާއިން.. ކިކީކޭ ތި ބުނީ؟" އަހަރެން ރާއިންގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ. ނަމަވެސް ބަހެއް ބޭރެއް ނުކުރިއެވެ.
"އެ ބުނީ އެއީ މީހެއްގެ ފިރިއެކޭ. ކުއްޖެއްގެ ބަފައެކޭ." ދުރުގައި ކުޅިބަލަން ހުރި ހިމްޔާން ބުނެލިއެވެ. އެއިރު، ހިމްޔާން ކޮއްޕާލި ކޮއްޕާލީނުން ދޮރު ބުޑަށް ޖެހުނު އިފްރީން، ތެދުވެ، އެކޮޓަރި ދޫކޮށް ގޮސްފިއެވެ.
އައި ރުޅިން އަހަރެން ތެދުވީމެވެ. ރާއިންއަކީ، އެހާ ޚިޔާނާތްތެރި މީހެއް ކަމަށް އަހަރެންގެ ޟަމީރު ޤަބޫލެއް ނުކުރާނެއެވެ. މިއޮތް ހާދުވަހު ގުޅިގެން އުޅެވުނީ، މީހަކާ އިނދެ ދަރިންވެސް ލިބިފައި ހުރި މީހަކާ އެކު ކަން ޤަބޫލުކުރާނީވެސް ކިހިނެއްހެއްޔެވެ؟
"ކަލޭގެ ތި ހުތުރު ދުލުން މާނައެއް ނެތް ހުތުރު އެއްޗެހި ކިޔާނެ ކަމެއްނެތް. ރާއިން.. މަގޭ ރާއިން އެ ޙާލުގަ އެ އޮތީ ކަލެއާ ހެދި. ކެލޭގެ ނުލަފާ ކަމުން. މާ ރަނގަޅު މީހަކަށްވެގެން ހުންނާނެ ކަމެއް ނެތް. ދާން އުޅޭ. މިތަނުން ފެއްސޭ" އަހަރެން ހިމްޔާންގެ މޭގައި އަޅާ ކޮއްޕާލީމެވެ. ހިމްޔާން އިތުރު އެއްޗެކޭ ނުބުންޏެވެ. ރަނގަޅަކަށް އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނުމުންވެސް، ބަދަލު ދިން ގޮތުން، އިރުކޮޅަކު ބަލަން ހުރެފައި އެނބުރި ހިނގައިގަތީ، ވަން ދޮރުން ނުކުންނާށެވެ.
ހިމްޔާން ދިޔަތަން ބަލަން ހުރެފައި، އެނބުރި ގޮސް އަނެއްކާވެސް ރާއިން ގާތު އިށީނީމެވެ. އެއިރު ވާނެ އެއްޗެއް އޮތީ ވެ ނިމިފައެވެ. އެ ހަށިގަނޑގައި ފުރާނައެއް ނެތެވެ. ލެއިން ފޯވެފައި އޮތް މޭ މަތީ ބޯ އަޅާލީމެވެ. މޫނު ހަޑިވިޔަސްވެސް ހެޔޮ ކަމަށެވެ.
....................
އެގޮތުގައި ފަސްވަރަކަށް މިނިޓު ހޭދަވީ ފަހުން، ފަހަތުގައި ބަޔަކު އުޅޭކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ބޯ ނަގާ ބަލާލާނެ ހާ ހިތްވަރެއް ނެތެވެ. އެޖަށް ފަހު، ހަމަ އެއްވަގުތެއްގައި، އެއް ތަނެއްގައި، ރާއިންވެސް ނިމި ދިޔުމުން ހިތަށް އަރާ ފައިބަމުން ދިޔައީ ކެތް ކުރަން ދަތި އިހުސާސް ތަކެކެވެ.
"ރިފް!" މީހަކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުނެވެ. އަޔާޒްގެ އަޑެވެ. މަޑުމަޑުން ބޯ ހިތްލައިލާ ބަލައިލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. އަހަރެންނަށް ގޮވީ އަޔާޒެވެ. ތަންކޮޅެއް ދުރުގައި އަލްޔަސް ހުއްޓެވެ. އިތުރު މީހަކު ނެތެވެ.
އަޔާޒްގެ އެހީތެރިކަމާއި އެކު އަހަރެން، އިންތަނުން ކޮޅަށް ތެދުވީމެވެ. އަލްޔަސް، ހުދުކުލައިގެ ރުމާލެއް ދިއްކޮށްލިއެވެ. ހިނގައިގަތީމެވެ. އަޔާޒް، އަހަރެންގެ ކޮނޑުގައި ހިފެއްޓިއެވެ. އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.
"ކަލޭ މަގޭ ގައިގަ އަތްނުލާ ހުރޭ. ކަލޭމެން ފިރިހެނުން ތީ ހާދަ ގޮތް ކުޑަ ބައެކޭ. މަށާ ގާތް ނުވާތި." އަޔާޒްގެ އަތް ފޮޅުވާލަމުން، އަހަރެން ހަޅޭއްލަވައިގަތީމެވެ. ފިޔަވަޅު އެޅުނު ގޮތަކަށް އަޅާފައި ގޮސް، އަލްޔަސް އަތުން ރުމާގަނޑު ޖަހައިގަނެގެން ގޮސް މަޑުކޮށްލީ، ދޮރު ކައިރީގައެވެ. ދޮރު ކަނީގައި ލެނގިލަމުން، މޫނުގައި ހުރި ލޭތައް ރުމާލުން ފުހެލީމެވެ.
ފަހަތަށް އެނބުރި ބަލައިލުމެއްވެސް ނެތި އަހަރެން ހިނގައިގަތީމެވެ. ފަޔަށް ވާތަދު ބަޔާންކުރަންވެސް ދައްޗެއްވެ. އަތުގައި އަޅަމުން ދިޔަ ވޭންވެސް ވަކި ކުޑައެއް ނޫނެވެ.
މަގުމައްޗަށް ނިކުމެވުނު އިރު އާ ދުވަހަކައިގެން އަރަމުން އަންނަ އިރުގެ އަލިކަން ވީ ފެތުރިފައެވެ. ހެލިފެލިވެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. ހުރެވުނުހިސާބު އެނގުމުން ދެންވެސް ހިތްވަރު ކޮށްލާފައި ހިނގައިގަތީމެވެ. އަހަރެން ދިރިއުޅޭ ގެ ހުންނާނީ، ދެތިން ގޮޅި ދުރުގައެވެ.
ފަހަތުން އަޔާޒް އަންނަމުން ދިޔަކަން އެނގުނެވެ. މީހުންގެ ބެލުންތައް ހެސްކިޔާފައި އަމާޒުވަމުން ދިޔަ ނަމަވެސް ފަރުވާލެއްނެތެވެ. ފައިގައި އަޅާ ވޭނުން ދޭތެރެ ދޭތެރެއިން، ގެތަކުގެ ފާރުގައި އަތް ވިއްދާލާ، މަޑުކޮށްލަންވެސް ޖެހެއެވެ. އެ ޙާލެއްގައި އުޅެމުން އެންމެފަހުން، ގެއާއި ހަމައަށްވެސް ފޯރިއެވެ.
ލިފްޓުގައިވެސް ކެތްކޮށްލުމަށް ފަހު، އެތެރެއަށް ވެދެވުމާއި އެކު، ބިންމަތީ އިށީނދެލީމެވެ. އަނެއްކާވެސް، ކަރުނަތައް ފައިބައިގަތެވެ. ފާރަށް ލެނގިލައިގެން އިން އިރު، އެޖުގެ ސޫރަ ލޯމަތީ ސިފަވަމުންދިޔައެވެ. އެއަށް ވުރެ ބޮޑަށް، ރާއިންގެ ހަނދާންތައް އާލާވަމުން ދިޔައެވެ. ބުނެލި ފަހު ބަސް ކަންފަތުގައި ގުގުމާލާފައިވާ ފަދައެވެ.
އަޔާޒް އަހަރެންނާ ކުރިމަތިވާގޮތަށް، ބަލަން ހުއްޓެވެ. މީހަކު ހުރި ކަން އެނގުނު ކަމަށްވެސް އަހަރެން ނުހަދަމެވެ. ވެފައި ހުރި ވަރުބަލި ކަމާއި އެކު ތަންތަން އަނދިރިވާން ފެށްޓެވެ. ނަމަވެސް އެހީއަކަށް އެދެން އަހަރެންގެ ހިތެއް ނޭދުނެވެ.
އެޙާލެއްގައި އަހަރެން ގިސްލާން އިނީމެވެ. ހިކިފައި ހުރި ކަރުނަ ރޮނގުގެ މަތިން، ހުއްޓުމެއްނެތި، ކަރުނަ ފައިބަފައިބާ ހުއްޓެވެ. ވަގުތު ހިނގަމުން ދިޔަވަރަކަށް ވަރުބަލިކަން އިހުސާސްވަމުން ދިޔައެވެ. ލޯ މަތި މުޅިންހެން އަނދިރިވުމުންވެސް، ބިރުގަންނާކަށް އަހަރެންނަކަށް ނޭނގުނެވެ. އަޔާޒަށް އިށާރާތެއް ކުރުމަށް ހިތް ޤަބޫލުވުމުގެ ކުރިން، ބިންމައްޗަށް ވެއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ.
......................
"ރިފް!" ގޮވާލި މީހަކު ގޮވާލީ މަޑުމަޑުންނެވެ. ގައިގެ އެތަންމިތާ އަޅާ ވޭނުން، ލޯ ހުޅުވާލުމަށް ނުކުޅެދުނެވެ.
"ރިފާޝާ" އަނެއްކާވެސް އެމީހަކު ގޮވާލިއެވެ. ލޯބިންނެވެ. މަޑުމަޑުންނެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. ހިތުގައި ކުރަހާލެވުނީ ސޫރައެކެވެ. މާ ސާފެއް ނޫނެވެ. ފިރިހެން، ބަރު އަޑެއްގެ ވެރިއެކެވެ. އަހަރެންގެ ނަމުން ގޮވަނީ ކަމަށް އުންމީދު ކުރެވުނު މީހާއެވެ. އަހަރެންގެ ބައްޕައެވެ.
ތިން ވަނަ ފަހަރަށް ގޮވާލުމުން، އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. މަންޟަރު ސާފެއްނުވިއެވެ. ލޮލުގައި ހުރި ފުސްކަމެކެވެ. ނޫނީ ސިކުނޑި މަސައްކަތް ކުރާލެއް ލަހީއެވެ. ހުދުކުލައިގެ ސީލިންގއާއި ފާރަށް ފަހު، ކައިރީގައި ހުރި މީހަކު ލޮލުގައި އަޅައިގަތެވެ. ހަށިގަނޑު ދެމިފައިވިލެއް ކުރުކަމުން ކުޑަކުއްޖެއްކަން އެނގުނެވެ.
"ރިފްޝާން.." ދޫ ހަރަކާތް ކޮށްލުމާއި އެކު މަޑުމަޑުން އަޑުނިކުތެވެ. ފެންނަމުން ދިޔަ ރީތި ހުވަފެން ބަދަލު ކޮށްލީ ސާފުވި ޙަޤީގީ މަންޟަރެވެ.
(ނުނިމޭ)

  1. Avatar

    Wow just woow..can’t believe i have to wait another week or more.. please avahah up kobba .. pls pls pls.. mi vaahaka varah reethi. Emme reethy ehaa ishqee loaibeege kulhigandu nais, varah simple koh love ge bai gendhaathy .. varah thafaathu ehen dhivehi vaahaka thakaa.. Can’t wait for the next part

ޚިޔާލު ފޮނުއްވާ