Views: 3152 54

ދެން ވަން މީހާ ފެނި އަހަރެންގެ ދެލޯ އަތަށް ނައީ ހަމަ ކިރިޔާއެވެ. އެމީހާއަށް ބެލުމުގެ ބަދަލުގައި އަހަރެން ބަލައިލީ ދެން ތިބި މީހުންގެ މޫނު ތަކަށެވެ. އެ އެންމެންވެސް ތިބީ އަހަރެންނެކޭ އެއްވަރަށް ހައިރާންވެފައެވެ. އިފްރީންމެންވެސް މެއެވެ.
އޭޒެޑަކީ އަންހެނެކޭ ހިތަށް އަރުވާނީ ކާކު ހެއްޔެވެ؟
އާ މޫނެއް ނޫނެވެ. މީސްމީޑިއާއިން ކިތަންމެ ފަހަރަކު ވަނީ ފެނިފައެވެ. އައިޝަތު ޒާރާއަކީ، ދިވެހި ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރެވެ. ބޮޑު ގޭންގެއްގެ ވެރި މީހާއޭ ބުނަންވެސް ހެޔޮ ނުވާނެއެވެ.
އަހަރެމެން އިށީނީ އޭޒެޑަށް ފަހު ހަތަރު ބޮޑީ ގާޑުންވެސް އިށީނުމުންނެވެ. އޭޒެޑް ވަކިވަކިން އެންމެންގެ މޫނުތަކަށް ބަލަން ފެށްޓެވެ. ސްކޭނެއް ކޮށްލާ ކަހަލަ ގޮތަކަށެވެ. އަހަރެންނަށް ބަލަހައްޓައިގެން ތަންކޮޅެއް ގިނަ އިރު ހުރިކަން ޔަޤީން ކުރެވުނެވެ. ޝައްކެއް ކުރެވުނީ ބާއެވެ؟
"ކުރަން ބުނީ ކުޑަކުޑަ ކަމެއް. އެންމެ މީހަކު މަރާލަން. އެކަމަކު ނަތީޖާ މި އައީ ކިހިނެއް؟" އޭޒެޑް އޭނާގެ ތޫލި އަޑުން ވާހަކަ ދެއްކިއެވެ. އެހާ ހަރުކަށިކޮށް ރާގު ގެންގުޅުނު މީހަކާ، އަދި އުމުރުދުހުވެސް ބައްދަލުވެފައެއް ނެތެވެ.
"ކިތައް މީހުންތަ ހައްޔަރު ވީ؟" އޭޒެޑް ކޮށްލި ސުވާލުން އަހަރެންނަށް ބަލައިލެވުނީ އިފްރީންގެ މޫނަށެވެ. ކޮޓަރީގައި ވީ ހަމަ ހިމޭންކަމެވެ. އެކަކަށްވެސް ނޭނގެނީބާއެވެ؟
ވަގުތު ކޮޅެއް ހޭދަވެގެން ދިޔުމުން، އޭޒެޑް، ގޮށްމުށްކަވާފައި ވަރަށް ބާރަށް މޭޒުގައި ޖަހާލިއެވެ. ދިޔައީ ސިއްސައިގެންނެވެ. އޭޒެޑް ރުޅި އައުމަކީ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނޭ ހިތް ބުނަމުން ދިޔައެވެ.
"ފަންސާސް.. ހަތަރެއް.." ހާސްވެފައި ހުރި ވަރުން އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އޭޒެޑާއި އެތަނުގައި ތިބިހާ ބަޔަކު އަހަރެންނާއި ދިމާލަށް ބަލައިލިއެވެ.
އިރުކޮޅަކު ބަލަން އިނުމަށް ފަހު އޭޒެޑް މަޑުމަޑުން ބޯ ޖަހާލިއެވެ. އަހަރެން ހާސްވެ އިނދެ އިފްރީނަށް ބަލައިލީމެވެ. މަޑުމަޑުން ދެތުންފަތް ފޭކޮށްލާ ހީލިތަން ފެނުނެވެ. އަހަރެންނަށް ކުރެވުނީ ރަނގަޅު ކަމެއްކަން އިހުސާސްކޮށްދިނެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނެވެ.
"ފަންސާސް ހަތަރު މީހުން ހައްޔަރުވުން. އެއީ ކުޑަކަމެއް ނޫން. އަދި ވަކިން، ގޭންގުގެ މަތީ މީހުން ހައްޔަރުވިކަން. މިކަމަށް ރަނގަޅަށް ބަދަލު ހިފަން ޖެހޭނެ." އެހިސާބުން އޭޒެޑް ފެށީ ބޮޑު ލެކްޗަރެކެވެ. އައިސް ހުރި ރުޅި ހާމަ ކުރިއެވެ. ފުލުހުން ކުށްވެރިކޮށް ވާހަކަ ދެއްކިއެވެ. އެހެން އެކަކުވެސް އަނގައިން ބުނެ ނުލައެވެ.
"ފަންސާސް ހަތަރު މީހުން. ފަންސާސް ހަތަރު ދުވަސް. ކަލޭމެން ފަންސާސް ހަތަރު އާންމުން މަރާލާ. ދުވާލަކު އެކަކު. ކޮންމެ ފަންތިއެއްގެ ކޮންމެ މީހަކަސް މަށަށް ހެޔޮ." ރުޅި ވެރިކަމާއި އެކު އޭޒެޑް ބުންޏެވެ. ކޮންމެ ޖުމުލައަކުންމެ އަހަރެންގެ ހިތަށް ވެރިވަމުން ދިޔައީ ހައިރާން ކަމެވެ.
ބިރުން އިނދެމެ، ސްޕްރޭ ފޮށި ނަގާ މޭޒު ދަށުގައި ހަރުކޮށްލީމެވެ. މީހަކަށް އެނގުން ނުވާނެހާ މަޑުމަޑުންނެވެ. ފޮށިން ސްޕްރޭތައް ނުކުންނަ ބަޓަނަށް ފިއްތާނުލައި އަހަރެން މަޑު ކުރީ، އެރި ފޯރީގައި ތެދުވެ ހުރި އޭޒެޑް އިށީނދެލަންދެނެވެ.
ސްޕްރޭގެ އަސަރު، ފުރަތަމަ ކުރީ ހިމްޔާނަށެވެ. އެންމެ ކައިރީގައި އިން މީހާ ކަމުންނެވެ. ކަމެއްވާކަން ދުރުގައި ތިބި މީހުނަށްވެސް ފާހަގަވާވަރެއް ނުވިއެވެ. އޭޒެޑާއި އޭނާގެ ގާޑުންވެސް ހިމެނި، އެންމެންވެސް ހޭވެރިކަން ދޫކޮށްލިއެވެ.
ލަސްތަކެއް ނުކޮށް އަހަރެން ތެދުވީމެވެ. އަވަސް ކުރެވުނުހާ އަވަހަކަށް، ސިރިންޖުތައް ޖަހަން ފެށީމެވެ. ފެށީ އަހަރެންނާއި ޖެހިގެން އިން ބޯތަލަ މީހާ އިންނެވެ. ވަށައިގެން ބުރެއްހެން ދަމުންގޮސް އޭޒެޑާއި ހަމައަށްވެސް ފޯރިއެވެ. އެއިރު ހަތަރު މިނިޓު ފާއިތު ވެއްޖެއެވެ. ތެޅެމުން ފޮޅެމުން، މަސައްކަތައިގެން އުޅުނީމެވެ. ހިމްޔާން ހަރަކާތެއް ކޮށްލިތަން ފެނުނު އިރު، ބާކީ ތިން މީހުން ތިއްބެވެ. ގަތް ބިރު ބަޔާން ކުރަންވެސް ދައްޗެވެ. ކުރިއަށްވުރެވެސް އަވަސްކޮށްލީމެވެ.
ހިމްޔާނާއި ހަމައަށް ފޯރުމުން، އަހަރެން ގޮނޑީގައި އިށީނީ، ދެންމެ ދެންމެ މީހަކު ބޯ ހިތްލައިލާ ތެދުވެދާނޭ ހީވުމުންނެވެ. އަހަރެން އަތް ހަރަކާތް ކޮށްލީ ހިމްޔާންގެ ގަޔަށް ސިރިންޖު ހަރާލުމަށެވެ. ނަމަވެސް، ހިމްޔާނު ކުރިމަތީ އިން ލީޑަރު ބޯހިތްލައިލި ވަގުތަށް އެ ވަގުތު ވުމުން، އަހަރެންނަށް އެ ފުރުސަތު ފާޑަކަށް ގެއްލުނީއެވެ. ސިރިންޖު ހަރާނުލާ އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ނުލިބުނެވެ. ހުރި ގަމާރު ކަމުން، ހިމްޔާންގެ މުލަށްދަނޑިޔަށް ކަށި ހަރާލެވުނީ ހިމްޔާން ހޭޖެހިޖެހި އޮއްވައެވެ.
"އާހް." ހިމްޔާންގެ އަނގައިން ބޭރުވީ މަޑު އާހެކެވެ. ހޭ އަރަމުން ދިޔަ ވަރަކަށް މީހުންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. އަހަރެންވެސް ތަފާތު ކުލައެއް ނުދައްކާ ވޭތޯ އުޅުނީމެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ އޭޒެޑުގެ މޫނު މައްޗަށް އެރި ކުލަވަރުންނެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ހަނދާން ކުރަން އުޅޭ ހެންނެވެ.
"އެންމެ ރަނގަޅު ދިޔަސް. އޮތީ ފަންސާސް ހަތަރު ދުވަސްކަން ހަނދާން ކުރާތި." ބޮޑީ ގާރޑުންތަކާއި ސިއްރު ވާހަކަތަކެއް ދެއްކުމަށް ފަހު އޭޒެޑް ބުނެލިއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު، ހަރުކުރި ސްޕްރޭފޮށި، ނައްޓުވާލީމެވެ. ކޯޓު ތެރެއަށް ލައި ފޮރުވާލުމަށް ފަހު، ދާން ތެދުވި ހިމްޔާންގެ އަތުގައި ހިފާލީމެވެ.
.......................
"ރިފާޝާ!" ފަހަތުން އިވުނު އަޑަށް އަހަރެންނަށް ޖެހުނީ ހުއްޓޭށެވެ. ހުރިހާ ލީޑަރުންގެ ބައްދަލު ވުމަކަށް އިފްރީންމެން ގެސްޓް ހައުސަކަށް ދިޔުމުން، އަހަރެން ހިމްޔާނާއި އެކު، ދިޔައީ މާލެ ދާން ކަމަށެވެ.
އޭޒެޑް އަހަރެންނަށް ގޮވުމުން، ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ހުރި ފިޔަވަޅު މަތީ ގުޑިލަންވެސް ނޭނގިފައި ހުރެވުނީއެވެ. އޭޒެޑް މަޑު ހިނގުމެއްގައި އައިސް އަހަރެން ގާތު މަޑުކޮށްލިއެވެ. ދެފަރާތުގައި ދެ ބޮޑީ ގާރޑުން ޖައްސާފައި ތިއްބެވެ. ހީވަނީ މީދަލެއްގާތު ހަށިރައްކަލަށް ދެ އެތް ތިބޭހެންނެވެ.
"ކި ކިހިނެއް ވީ ތޯ؟" އަހަރެންނަށް އަހާލެވުނީ ބިރުން ހުރެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކުރި ކަންތައް ފަޅާ އަރައިފިއްޔާ އަހަރެންގެ ބޯ ބުރިކޮށްލަންވެސް އޭޒެޑަށް ކެރިދާނެއެވެ.
"ކަމެއް ނުވެ. އަލަށް މިކަމުގަ އުޅޭ އަންހެނަކާ ދިމާވީމަ، ކެރޭ ވަރު ބަލައިލާ ހިތްވީ." އޭޒެޑް ދިނީ ވިހަ ހިނިތުންވުމެކެވެ. އަދި ފަހަތުން އައުމަށް އިށާރާތް ކޮށްލިއެވެ. ހާސްވެ ހުރެ އަހަރެން ހިނގައިގަތީމެވެ.
..........................
އޭޒެޑް އަހަރެން ގެންދިޔައީ ކުޑަ ވަރެއްގެ ސަފާރީއަކަށެވެ. މުޅި ބޯޓުވެސް ވީ އެކި ކުލަ ކުލައިގެ ބޮކިތަކުން ދިއްލާ ލެވިފައެވެ. ފެންނަނީ ޝާހީ ކަމެވެ. ހުރިހާ ދިމާލަކުންމެ މުއްސަނދި ކަމެވެ.
ތަނުގެ ރީތިކަމާއި މެދު ވިސްނަން މާ ގިނަ ވަގުތު ތަކެއް ނުލިބުނެވެ. އޭޒެޑުގެ އަމުރަށް ކޮޓަރިއެއްގެ ތެރެއަށް ވަނީމެވެ. ކުރަން އެ އުޅެނީ ކީތް ކަން ނޭނގޭ ޙާލުގައެވެ. އެތެރެއަށް ވަދެވުމާއި އެކު އަހަރެންގެ ނަޒަރު ހުއްޓުނީ އެނދުމަތީ އިށީންދެލައިގެން އިން ކުއްޖާއަށެވެ.
...............................
އަހަރެންގެ ލޮލުގެ ކަޅިއަށްވުރެ ކަޅު ހަންގަނޑެކެވެ. ޕްލާސްޓިކް ފަދަ އޮމާންކަމެކެވެ. އަޅި ކުލައާއި ރީންދޫ ކުލައަލަށްދާ ދެ ލޮލެވެ. ދިގު އެސްފިޔަތަކާއި، ރީތި ކަޅި ރަވަޔަކާއި އެކު، އެ ބެލުމުގައިވީ ފުންކަމެވެ. ތުންފަތުގެ ބައްޓަން ކައިލީ ޖެނަރއަކަށް ދުލެއް ނުކުރާނެއެވެ. ގަދަ ރަތް ލިޕްސްޓިކަކުން ފަވާލައިފިނަމަ، ދުނިޔޭގެ ރާނީކަންވެސް ގެންދެވިދާނެއެވެ. ކަޅުކަން ގަދަ ފަން އިސްތަށި ކޮޅެކެވެ. މީހާގެ ސޫރަޔާއި އެއްވަރަށް ފުރިހަމައެވެ.
ސުވާލު މާކަކާއި އެކު އަހަރެން އޭޒެޑަށް ބަލައިލީމެވެ. އޭޒެޑް އައިސް އަހަރެންނާއި ދާދި ގާތުގައި މަޑުކޮށްލިއެވެ.
"ގޭންގްގެ ސިއްރުތައް ކިޔައިދީ ބޮޑެތި ކަންކަމުގަ ބައިވެރި ކުރާ ކޮންމެ މީހަކު ލައްވާވެސް ހަދުވާ ޓެސްޓެއް މީ. ރިފާޝާގެ ޚަބަރު ލިބުނީމަ މަ ބުނިން ދުވަސްކޮޅަކު ބަހައްޓާށޭ. މަ ހަމަ ލޮލުން ދެކޭށޭ ބޭނުމީ.." އޭޒެޑް ވާހަކަ ދައްކަމުން ދިޔައީ އަހަރެންގެ ކަންފަތް ބުޑުގައެވެ.
"ހާސް ނުވޭ. އެ އަންހެން ކުއްޖާއަކީ އާއިލާއެއް އަޅާލާނެ މީހަކު ހުރި ކުއްޖެއް ނޫން." ވާހަކަ ދައްކަމުން ދިޔަ އިރުވެސް އޭޒެޑްގެ ނަޒަރު ދޭތެރެދޭތެރެއިން އެ ކުއްޖާއަށް ހުއްޓެވެ. އެއިން ކޮންމެ ފަހަރަކު، އެ ކުއްޖާ މޫނު އަނބުރާލައެވެ. ބިރުންނެވެ. މޫނު މަތިން މައުސޫމްކަން ނޫން ސިފައެއް އަހަރެންނަކަށް ނުފެނެއެވެ.
"މަރާލާ!" ފަހު ބަސް، އޭޒެޑް އިއްވާލީ ތަންކޮޅެއް ބާރަށެވެ. އަހަރެންނަށް އިވުނީވެސް ހޮނު ގުގުރިއެއް ފަދައިންނެވެ. ލިބުނު ހައިރާން ކަމާއި އެކު، ސީދާ އޭޒެޑްގެ މޫނަށް ބަލައިލި އިރު، އަހަރެންގެ ދެލޯ ތެމެން ލަސްތަކެއް ނުވާނެކަން ވިސްނެއެވެ.
އޭޒެޑް ދިއްކޮށްލީ އާދައިގެ ވަޅިއެކެވެ. ކުރިން އެންމެ ފަހަރަކުވެސް ބޭނުން ކޮށްފައިވި ހެނެއް ހިއެއް ނުވެއެވެ. އެ އޮމާންކަމުން ރަމްޒު ކޮށްދެނީ ތޫނު ކަމެވެ. އޭޒެޑް، އަހަރެންގެ އަތަށް ވަޅި ލައިދިނެވެ. އޭގައި ހިފީމެވެ. ހިތާއި ސިކުނޑިވެސް އޭގައި ނުހިފުމަށް ރޮއި ހޭރެނިކޮށެވެ.
ފިޔަވަޅެއް ކުރިއަށް އަޅާލީމެވެ. އެނދާއި ދިމާލަށެވެ. އޭޒެޑާއި އޭނާގެ ބައިވެރިން ނުލަފާ ހިނިތުންވުމަކާއި އެކު ބަލަން ތިއްބެވެ. ރީތި ފިލްމެއްގެ ޝޫޓިންއާ މެދު ނުހަނު ހިތް ހަމަ ޖެހިގެން ޑިރެކްޓަރު ބަލަން ހުންނަ ފަދައަކުންނެވެ.
އަހަރެން ކައިރިވަމުން ދިޔަ ވަރަކަށް އެ އަންހެން ކުއްޖާ، އަތުގައި އޮތް ބާލީސް ގަޔާލައި ބޮނޑުކުރަމުން ދިޔައެވެ. އެ ލޮލުގައި ވީ ނިމުމެއް ނެތް އާދޭހެވެ. އަހަރެން އެނދާއި ހަމަ ވި އިރު ކޯތާފަތް މަތީ ރޮނގަކަށް ކަރުނަ އޮހޮރި އޮހޮރި ހުއްޓެވެ.
ވަޅީގެ މުށްގަނޑަށް ބާރުކޮށްލީމެވެ. ދެލޯ މަރާ ތަގުޅިކޮށްލީމެވެ. އެމޫނު ފެންނަން ހުރިހާ ހިނދަކު، ކުރަން ބުނި ކަންތައް ނުކުރެވޭނެތީއެވެ.
"މަށަކަށް މި ކަމެއް ނުވާނެ." ދޫކޮށްލި ނޭވަޔާއެކު ލޯ ހުޅުވާލަމުން އަހަރެން، ވަޅި ބިންމައްޗަށް ވައްޓާލީމެވެ. މީހަކު ރުއްސަން ނުވަތަ އަމިއްލަ ސަލާމަތަށް ވިޔަސް އެހެން އިންސާނެއްގެ ފުރާނަ ދުއްވާލާ އުމުރު ދުވަހު އެކަމާ ހިތާމަ ކުރާކަށް ނޭދެމެވެ.
އެ ހުރިހާ އިރު ހިނިތުންވެ ހުރި އޭޒެޑް، މޫނުމަތި ބަނަކޮށްލިއެވެ. ރުޅިވެރި ކަން ދައްކާލިއެވެ.
"މިހިރަ ފިނޑިޔާ. ތިވަރުން ކިހިނެއް މިތާ އުޅޭނީ؟ ކަލޭ ގޮސް އެ ބަބުރު މަންޖެގެ މަޤާމުގަ އޮންނަންވީނު؟ މަ ގޮސް ކަލޭ މަރާލަފާނަން." އޭޒެޑްގެ ބަސްމަގު ހުތުރުވީ ހަމަ ކުއްލިއަކަށެވެ. އަހަރެންނަށް ހުރެވުނީ ބަލާށެވެ.
މޫނުމައްޗަށް އަރައަރާ ހުރި ކުލަވަރު މަޑުޖެހުނު ވަގުތުކޮޅެއް ދިޔަކަން އަހަރެންނަށް ވަރަށް ރީތިކޮށް ފާހަގަ ވިއެވެ. ކަންފަތުގައި އަތް ޖައްސާލިތަން، ނުސާފުކަމެއް ނެތި ފެނުނެވެ. އަމިއްލަ ދެ ލޮލުން ނުފެނުނެއް ކަމަކު، މީހަކާ ވާހަކައެއް ދެކެވޭފަދަ އެއްޗެއް، ރަންކުލައިގެ އިސްތަށިގަނޑުގެ ނިވަލުގައި، ކަންފަތް ކައިރީ ފޮރުވާފައި ވިކަން ޔަޤީންކުރެވުނެވެ.
"ކަލޭ އާދޭ. މިތާ މަޑުން ހުރޭ. އަޑެއް ލައްވާލައިފިއްޔާ، ކަލޭގެ ދުވަސް ދާނެ." އޭޒެޑް ވާހަކަދައްކަމުން ދިޔައީ ވަރަށް ހަރުކަށި ކޮށެވެ. ބުނިގޮތަށް ކަންތައް ކުރިމެވެ. ނުހަނު ބިރުން ހުރެއެވެ.
އަހަރެން ދުރަށް ދިޔުމުން، އެނދާއި ކައިރިވީ ދެ ބޮޑީގާޑެވެ. އެކަކު އެ އަންހެން ކުއްޖާ، ފަޑީގައި ބަނދެލިއެވެ. ހިރި ނުލެވޭ ވަރަށެވެ. އަނެކަކުގެ އަތުގައި އަތަށް ހެޔޮވަރު ވަޅިއެއް އޮތެވެ.
އަންހެން ކުއްޖާގެ އުމުރު އަންދާޒާ ކޮށްލަންވެސް އެނގުނީ، އަޅައިގެން އޮތް ރަޖާގަނޑާއި، ހިފާއްޓައިގެން އިން ބާލީސް އެ ކުއްޖާގެ އަތުން ދަމައިގަނެ ހޫރާލުމުންނެވެ. ހަމަ ޔަޤީނުންވެސް ގުނަމުން ދާނީ ޒުވާން ފުރައަށްވެސް ނާޅާ ދުވަސްވަރެވެ. ފަނަރަވެސް ނުވާނެ ކަމަށް ފެންނަ ފެނުން ހެކިދިނެވެ.
ފުރަތަމަ ހަމަލާ އެރީ އެކުއްޖާގެ ބަނޑަށެވެ. ބާރު ހަޅޭކުގެ އަޑު މުޅި ކޮޓަރި ތެރޭ ގުގުމާލިއެވެ. އަހަރެންނަށް އަނގަ މަތީ އަތް އަޅާލެވުނީ، ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ފަޔަށާއި ކަރަށާއި މެޔަށް ދަންދެން، އެ ތޫނު ވަޅިގެ ހަމަލާތައް އަރަމުން ދިޔައެވެ.
ތިން މިނިޓު އެގޮތުގައި ހޭދަ ވި އިރު، ލަވަމުން ދިޔަ ހަޅޭކުގެ އަޑު މަޑުވެއްޖެއެވެ. އެ ކުއްޖާ ލަމުން ދިޔައީ ފުން ނޭވާ ތަކެކެވެ. ތެޅެމުން ދިޔައީ ރޯމަހެއް ހެންނެވެ. އަނިޔާ ވެފައި ވަނީ ދެން ދުނިޔޭގައި ހުރި އެންމެ މޮޅު ހޮސްޕިޓަލަށް ގެންދިޔަޔަސް ސަލާމަތް ނުވާނެ ވަރަށެވެ. ގަޔެއް ފޭރާމެއް ވަތްކެއް ނުވެއެވެ. އެނދާއި، ދެ ބޮޑީ ގާޑުންވެސް ވީ ލެއިން ތަތްތެޅިފައެވެ.
އިހުތިޔާރެއް ނެތި އަހަރެންގެ ދެލޮލުން، ހޯސް ލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. އެތައް އިރެއްގެ ތެޅުމަށް ފަހު އެ އަންހެން ކުއްޖާގެ ޅަ ޒުވާން ހަށިގަނޑު ހިމޭންވިއެވެ. އެ ހަށިގަނޑަށް ދެމުން ދިޔަ އަނިޔާތައް ހުއްޓުނީ އެހިސާބުންނެވެ. ވިންދު ބެލުމުގެ ބޭނުމެއްވެސް ނެތެވެ. ވާނެ އެއްޗެއް ވެ އެ އޮތީ ނިމިފައެވެ.
"އޭތް ފިނޑި މަންޖޭ. މިހާރު އެ އޮތީ މަރުވެފަ." އަހަރެން ސިހުނީ އޭޒެޑްގެ އަޑަށެވެ. ލޮލުގައި އަޅައިގަތީ ދިއްކޮށްލައިގެން ހުރި ވަޅިއެވެ. އޭޒެޑް އަދިވެސް ބޭނުންވަނީ އަހަރެންގެ ހިތް ހަލާކު ކޮށްލާށެވެ. ގަޓު ނެތް މީހަކަސް ބޯ ހޫރާލީމެވެ.
"ދެރަކަމެއްނު. އެއޮތީ މަރުވެފައޭ. ބޭނުންތަނަކަށް މި ހަރާލީމަ ނިމުނީ. އެހެން ނޫނީ މަށަށް ހެޔޮ އަމިއްލަ މެޔަށް ހަރާލިއަސް" އޭޒެޑްގެ ހިތުގައި ކުޑަވެސް ރަހުމެއް ނުވަނީ ހެއްޔެވެ؟ އިންސާނިއްޔަތު ކަމުގެ ކުޑަ މިންވަރެއްވެސް ހަމަ ނެތީ ހެއްޔެވެ؟
އިތުރު ގޮތެއް ނެތުމުން އަހަރެން އެ ވަޅިގައި ހިފައިގެން ގޮސް، އެނދުގައި އިށީންދލީމެވެ. ލޯމަރާލައިގެން އިރުކޮޅަކު އިނުމަށް ފަހު ދެލޯ ހުޅުވާލަމުން، މަޑުމަޑުން އެ ވަޅި، އެ މައުސޫމް އަންހެން ކުއްޖާގެ ފުރާނަ ނެތް މަސްގަނޑުގެ ތެރެއަށް ހަރާލީމެވެ. އަންނަމުން ދިޔަ ގަދަ ރަތް ކުލައިގެ އޮލަ ލޭތަކުގެ މައްޗަށް އަހަރެންގެ ކަރުނަ ތިކިތައް ވެއްޓި ބުރައިގެން ދަމުން ދިޔައެވެ. ލޭގެ ފަށަލައެއް ލެވިފައިވި އަހަރެންގެ އަތް ގެންގޮސް، ބޮޑުވެފައި އޮތް، އެ އަންހެން ކުއްޖާގެ ދެލޯ މަރުވާލަ ދިނީމެވެ. ކެތް ކުރަމުން ތެދުވެ އެނބުރި އައި ކޮޅަށް ހިނގައިގަތީމެވެ.
.........................
"ފާސްވިތަ؟" ރިސޯޓަށް ދެވުނު އިރު ފާލަން މަތީ ހިމްޔާނާއި އިފްރީން ތިއްބެވެ. ހާސްކަން މަތީގައެވެ. އަހަރެންގެ ގާތަށް އައީ ރުޅިއެކެވެ. އެހި އިރުވެސް ވާނީ ފެއިލްކަން އެމީހުނަށް ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ.
"ނޮޓް ސޯ ބޭޑް." ރަށު ތެރެއަށް ދާން ދިޔަ އޭޒެޑްގެ ޖުމުލައިން އަހަރެން ސިހުނެވެ. ހީކޮށްގެން ހުރީ ގޭންގުން ނެރެ އެއްލައިލާނެ ކަމަށެވެ. ނަމަވެސް ކަންތައް މިވީ އިދިކޮޅަށެވެ. ކީތްވެބާއެވެ؟
މާލެ ލެފި ގޮތަށް އަހަރެމެން ދިޔައީ ގޭންގު ގެއަކަށެވެ. ޑެލް އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ. ހީވާ ގޮތުން މާ ކުރިންވެސް ރޭވިފައި އޮތް ކަމެކެވެ. ހަތަރު މީހުންގެ ކުޑަ ކުޑަ ބައްދަލު ވުމެކެވެ.
"ފަންސާސް ހަތަރު ދުވަސް ފަނަރަ ބަޔަށް ބަހާލި އިރު އަހަރެމެންނަށް މި ލިބުނީ ހަތަރު ދުވަސް." އިފްރީން ދެއްކި ވާހަކައިން އަހަރެންގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިގަތެވެ. އަހަރެން އުންމީދު ކުރީ އެ ޤަތުލްއާންމު ރޭވުން ވާނީ ޖޯކަކަށް ކަމަށެވެ.
"މި މަހު ނަވާވީސް. މޭ މަހު ސާދަޔާ ތިރީސް. ދެން ޖޫން ތޭރަ." އިފްރީން އިތުރު ކޮށްލިއެވެ. ގެސްޓް ހައުސަށް ގޮސް ކުރި މަޝްވަރާ އަކީ އެއީތާއެވެ.
"ފުރަތަމަ ހިމްޔާން. ދެން މަ.. އެއަށް ފަހު ޑެލް. އެންމެ ފަހުން ރިފާޝާ." އިފްރީން އޭނާގެ ނިންމުން ހާމަކޮށްލިއެވެ. އަހަރެންގެ ހާސްކަން ކުޑަކޮށްވެސް ކުޑައެއް ނުވިއެވެ.
ހިމްޔާނާއި އިފްރީން ސްޓަފް ނަގަން ދާ ވާހަކަ ބުނުމުން އަހަރެން ޑެލްއާއި އެކު އައީ ގެއަށެވެ. ގެނެސްދިން ކަމަށް ޝުކުރު އަދާކޮށްފައި، އެތެރެއަށް ވަނީމެވެ.
...........................
ނިދުމަކީ ކުރަންޖެހޭ ކަމެއްކަންވެސް ހަނދާން ނެތިފައިވާ ކަހަލައެވެ. ވެފައިހުރި ވަރުބަލި ކަމުން މީހާ ހަލާކު ވާވަރު ވެފައި ވި ނަމަވެސް، ނިންޖެއް ނައެވެ. ލެޕްޓޮޕް ނަގާ ލިޔަން ފެށީމެވެ. ދުވަހުގެ ރިޕޯޓެވެ. އަހަރެން ކުރި ހުރިހާ ކަމަކާއި ހިނގި ހުރިހާ ކަމެއް ތަފްސީލުކޮށް ލިޔުމަށް ފަހު ފޮނުވަން ޖެހޭ މީހުނަށް ފޮނުވާލީމެވެ.
ދެން އަހަރެން ހުޅުވާލީ މާޝަލް ދިން ސްކްރީނެވެ. އެކި ތަންތަނަށް ދުވެ ދުވެ، މާކު ކުރެވިފައިވާ ލޮކޭޝަންތައް ހުއްޓެވެ. އޭޒެޑް ގަޔަށް ޖެހި ނަންބަރު ހަނދާން ހުރިކަމުން، ލޭބަލް ކޮށްލީމެވެ.
ޓެބްލެޓަށް މެސެޖެއް އައި އަޑަށް ބަލައިލީމެވެ. ސަފާރީއެއްގެ ލޮކޭޝަން އޮތުމުން، ކުރަންވީ ކަންތައް ފަހުމްވިއެވެ. އަވަސް އަވަހަށް ތައްޔާރު ވެލައިގެން ދާން ނައްޓާލީމެވެ.
.................................
"ތިކަންތައް ކޮންމެހެންވެސް ހުއްޓުވަން ޖެހޭނެ. ތީ ހާދަ ބޮޑު އަދަދެކޭ." މީޓިންގައި ދެކެވުނު ވާހަކައިގެ ރިކޯޑިން އަޑުއިވުމުން އެންމެންވެސް ތިބި ވަރަށް ހާސްވެފައެވެ. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ.
"އެކަމަކު މަރާނެ މީހުންގެ ލިސްޓެއްވެސް ނުހަދާ ހަމަ އަތުޖެހުނު މީހަކު މަރަންޏާ ކިހިނެއް އެކަން ހުއްޓުވާނީ ވެސް؟" އަށެއް ސުވާލު ކޮށްލިއެވެ.
"ހަތާވީސް ލޮކޭޓް ކޮށްފަ ތިބި އެންމެން ހައްޔަރު ކުރާނީ. އޭޒެޑްވެސް. ލީޑަރާ ނުލައި ޕްލޭން ކުރިއަކަށް ނުދާނެ." ޝައިހާން ޚިޔާލެއް ދިނެވެ.
"ނޫން. ހައްޔަރު ކޮށްގެންވެސް މިކަން ހިއެއް ނުވޭ ހުއްޓުވޭނެ ހެނެއް. ގިނަ މީހުން ހަމަ ލޮކޭޓް ކުރަންވީ." އައިމަން ސަރ އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ. މަޝްވަރާ ނިމުނީވެސް އެ ގޮތަށެވެ. ޑްރަގް ސިރިންޖު ތަކު ތެރެއަށް ލޮކޭޓް ސިރިންޖުތަކެއް ލުމަށެވެ. ވީ ވަރަކުން، ގޭންގުގެ އިސްކޮށް އުޅޭ، ކެރޭ މީހުންގެ ގަޔަށް އިންޖެކްޓް ކުރުމަށެވެ.
.....................
އޭޕްރިލް މަހުގެ އެކާވީސް ވަނަ ދުވަހު، އަރައިގެން އައި އިރާއި އެކު އިވުނީ، ފަތިހުގެ ވަގުތެއްގައި، ވަޅި ޖަހާ މަރާލާފައި އޮތް އަންހެން ކުއްޖެއްގެ ވާހަކައެވެ. ހާސް ކަމާއި އެކު ފުލުހުން އެކަން ތަޙްޤީގް ކުރުމައިގެން އުޅެގަތެވެ. އިރު އޮއްސުނު އިރު ޚަބަރު ތަކުގެ ހެޑްލައިން ތަކުގައި ރަސްކަން ކުރަމުން ދިޔައީ އެ އަންހެން ކުއްޖާގެ މަރުގެ ޚަބަރާއި، ފަޔާޒް ފެނުނު ވާހަކައެވެ.
ތިން ދުވަސް ފާއިތު ވި އިރު ދިވެހި ރާއްޖޭގެ މަސްލަހަތު އޮތީ ވަރަށް ގޯސްވެފައެވެ. ރަމަޟާން މަހަށް މަރުހަބާ ކީއިރު، ކޮންމެ ދުވަހަކުމެ ކުށެއްނެތް މައުސޫމް ފުރާނައެއް ރަހުމް ކުޑަގޮތަކަށް ވަކިވެގެން ދާތީއެވެ. ފުލުހުން އެކި އެކި ޚާއްސަ ޕްރޮޖެކްޓުތައްވެސް އެކުލަވާލާ، ތަޙުޤީގް ކުރިއަށް ގެންދިޔައެވެ. ލިބޭ ކާމިޔާބީއެއް ހަމަ ޙަރާމް ފަދައެވެ.
ގޭންގުން އަހަރެންނަށް އޮތީ، މާ ގިނައިން މަގުމައްޗަށް ނުކުމެ އުޅުން މަނާ ކޮށްފައެވެ. ކުރަން އޮތް މަސައްކަތުގެ ކުރިން، މީހަކަށް ޝައްކެއް ވެދާނެތީއެވެ. ކަންކަމުގެ މައުލޫމާތު ހޯދުމުގައި އުޅެނިކޮށް ފޯނު ކޯލެއް އައެވެ. އަލްޔަސްގެ ފަރާތުންނެވެ. ހައިރާން ކަމާއި އެކު ޖަވާބު ދިނީމެވެ.
............................
އެއީ މީހުން މެރުމުގެ ނުވަ ވަނަ ދުވަހެވެ. ހިމްޔާންގެ ދުވަހެވެ. މަސްލަހަތު ގޯސްވެފައި އޮތް ވަރުން، މަގުތަކުން، އެކަނި ހިނގާބިނގާވެ އުޅޭ މީހުން މަދެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އަހަރެން ހިނގަމުން ދިޔައީ ހަނިހެން ހީވާ ގޯޅިތަކުންނެވެ.
"އަޔާޒް" އަލްޔަސް އުޅޭ ބައިގެ ތެރެއަށް ވަދެގެން ދިޔަ އިރު، ފެނުނީ، ރަނގަޅަށް ބަނދެފާ ހުރި އަޔާޒެވެ. ގޮސް ކައިރީގައި މަޑުކޮށްލީމެވެ. އަޔާޒް، ފާޑަކަށް އަހަރެންނަށް ބަލަން ހުއްޓެވެ.
"މީނަ މިތަނަށް ވަނީ، ވަޅިއެއް ހިފައިގެން. މަށޯ އަރޫން މަރާލީ. މަށަކަށް ވާ ނޭނގެ މީނަ ކޮން މޮޔައެއްވެގެން ކަމެއް މިއުޅެނީ." އަލްޔަސް ސާފުކޮށްދިނެވެ.
"ކަލޭ އަރޫން މަރާލީ. ބުނެބަލަ ދޮގެކޭ." އަނެއްކާވެސް އަޔާޒް ހަޅޭއްލަވައިގަތެވެ. އަހަރެން ފޯނު ހުޅުވާ ބަލައިލީމެވެ. ދެތިން ނޫސް ވެބްސައިޓް ހުޅުވާލުމުން، ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަރޫންގެ ހަޅޭކުގެ އަޑު އިވުނު ކަމަށް މީހަކު ބުނި ކަމަށް އޮތެވެ.
"އަޔާޒް ހަމަ ޖެހި ބަލަ. އަލްޔަސް އަކީ ތިބުނާހާ ގޯސް މީހެއް ނޫނޭ." އަހަރެން އުޅުނީ އަޔާޒަށް ވިސްނައިދެވޭތޯއެވެ. އަހަރެންގެ އެދުމަށް އަޔާޒް، ބަނދެފައި ހުރި ވާތައް މޮހާލާ، އަޔާޒް އުޅޭ ބަޔަށް ދާން ދޫކޮށްލިއެވެ. ބޮޑު ކަމެއް އޮއްވާ އަލްޔަސްގެ ގެޔަށް އަހަރެން ވަންކަން އެނގިއްޖެ ނަމަ، ގޭންގު މީހުން ވަރަށް ކަންތައް ބޮޑުކޮށްލާނެއެވެ.
އަޔާޒް ނިދާ ކޮޓަރިއަށް ވަނުމުން އަހަރެންނަށް ލިބުނީ ހައިރާން ކަމެވެ. ހުސްވެސް ލެޕްޓޮޕާއި އެފަދަ އެއްޗިއްސެވެ. އަރޫން ހޯދަން އަޔާޒް ކޮށްފައިވާ މަސައްކަތެވެ. އަހަރެން ހީކުރި ވަރަށް ވުރެ އަޔާޒްވެސް މޮޅީއެވެ.
"މަށަށް ޔަގީން އަލްޔަސްކަން އަޔާޒް މަރާލާނީ. ދެން އެނޫނީ ކާކު؟" އަޔާޒް ހުރީ ރުޅި މޫނު ހަދައިގެންނެވެ. ވިސްނައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނުވިސްނުނެއެވެ.
"ޔަޒް. މަމީ ފްރެންޑެއްނު. ޤަބޫލު ކޮށްބަ" އަހަރެން އަޔާޒްގެ އަތުގައި ހިފައިގެން ގެންގޮސް، އެނދުގައި ބޭންދީމެވެ. ކުރިއަށް ވުރެ ދިގުވެފައި ހުރި އިސްތަށިގަނޑު ހޭވިފައި އޮތުމުން، އަޔާޒް އުޅެމުންދާ ޙާލު އަހަރެންނަށް އަންދާޒާ ކޮށްލެވުނެވެ.
"އަލްޔަސް އަކީ މީހުން މަރާ މީހެއް ނޫނޭ." ކުޑަކުއްޖަކަށް ވިސްނައިދޭހެން އަހަރެން މަޑުމަޑުން ލަސްލަހުން ބުނެލީމެވެ. އަޔާޒް ދެބުމަ ގޮށްޖަހައިގެން، އިން ގޮތަށް އިނެވެ.
"ދެން ތިހެން ނީނދެ ހިނގާބަލަ، އަރޫން ހޯދަން. މަ ހެލްޕް ވާނަމޭ. އޯކޭ އެއްނު؟" އަޔާޒް ހިތްހަމަ ޖައްސާލަދޭން އަހަރެން ބުނީމެވެ. އިފްރީންމެން ކަމެއްނަމަ އެމީހުން ގާތު އަހާލުމުން އެ ނިމުނީއެވެ. ނަމަވެސް، އެމީހުން ކަމެއް ނަމަ، އަޔާޒް އަހަރެން ދެކެވެސް ރުޅި އަންނާނެއެވެ.
އަހަރެން ގޮސް ލެޕްޓޮޕުތައް ބަލައިލީމެވެ. ކުޑަކޮށް މައުލޫމާތު އެއްކޮށްލީމެވެ. އެންމެ ފަހުން ކެމެރާއަކަށް އަރާފައި ހުރި ތަނާއި ދާން ދިޔަ މަންޒިލެވެ. އަޔާޒް، ފާރުގައި ލައްވެގެން، ކަކުލުގައި ބޯ އަޅާލައިގެން އިނެވެ. އަނގަޔަކުން ނުބުނެއެވެ.
"އަޔާޒް.." މަޑުމަޑުން ގޮވާލީމެވެ. ހަރަކާތެއް ނުކުރުމުން ގޮސް މަޑުމަޑުން ކޮށްޓާލީމެވެ. ނިދިފައެވެ. އަޔާޒް އިން ޙާލަށް ވިސްނާ ނުގޮވަން ނިންމީމެވެ. އުނދަގޫ ނުކޮށް ހިނގައިގަތީ ދާށެވެ.
އިފްރީން ހުރި ތަން ބަލައިލުމަށް ފަހު، މިސްރާބު ޖެހީ އެދިމާލަށެވެ. އަރޫންއަކީ އަހަރެންވެސް ދަންނަ މީހެކެވެ. މިމީހުންގެ ކަމެއް ނޫންކަން ޔަޤީން ކުރަން ޖެހޭނެއެވެ.
...................
"އަރޫން މަރާލީ ކައެމެންތަ؟" ކޮޓަރީގައި އިފްރީން އެކަނި އިނުމުން، ހައިރާންވި ނަމަވެސް އަހަރެން ދިޔައީ ސީދާ މައުލޫއަށެވެ.
"ކޮން އަރޫނެއް؟" އިފްރީނަށް، ކާކުކަންވެސް ނޭނގުނެވެ. އަހަރެން ފޯނު ނަގާ، ޚަބަރަކަށް ލައިފައި އިން ފޮޓޯއެއް ދައްކާލީމެވެ.
"އޯހް.. ތީނަ ދޯ. އާނ. ވަޅި ހަރާފަ މަރާލީ. ވެއްޖެ މިތާ ކައިރީ ފަޅުރަށެއްގަ. އަދި ކޮޕުންނަށް ނުހޯދިގެން ތި އުޅެނީ. އަނެއްކާ ބިޓެއްތަ؟" އިފްރީން ބުނެލި އިރު ހީވަނީ، ކޮށްލީ ހަމަ ކުޑަކުޑަ ކަމެއް ހެންނެވެ. މިމީހުންގެ ހިތެއް ނުވަނީ ބާއެވެ؟
ނޫން. ދަންނަ މީހެއް." އަހަރެން ބުނެލީ އެވަރަށެވެ. އިތުރު އެއްޗެއް ޚިޔާލަށް ނައުމުން، ހިނގައިގަތީ އެތަނުން ދާށެވެ.
ނެގި ފިޔަވަޅު ހުއްޓުވީ، އެތެރެއަށް ވަދެގެން އައި ހިމްޔާނެވެ. ކުޑަކޮށްވެސް އެސޮރު ހާސްވެފައި ނެތެވެ. މިއަދު ކުރަން ޖެހޭ ކަންތައް ހަނދާނުގައި ނެތީ ކަންނޭނގެއެވެ.
"ކީތްވެ މާ ވަރަކަށް ތި ބަލަނީ؟" ހިމްޔާން އައިސް މަޑުކޮށްލީ އަހަރެންނާއި ދާދި ގާތުގައެވެ.
"ކަމެއް ނުވެ. މިއަދު ކާކު މަރާލަނީ؟" ޖެހިލުންވެ ހުރެ އެހީމެވެ.
"ހެހެ. ހާދަ ކޮންސާން ވީ. މަ ހަމަ ޖެހުނު މީހަކު މަރާލާނީ." ހިމްޔާން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ހިމްޔާން، ކުށެއް ނެތް މީހެއްގެ ފުރާނަ ދުއްވާލާކަށް އަހަރެން ނޭދެމެވެ. ވަކި އެއްޗެކޭ ނުބުނެ ބަލަން ހުރެވުނީއެވެ.
"މިރޭ އާދެބަލަ ދަސްކޮށްދޭނަން. އަދި ރިފް ޓަރންވެސް އަންނާނެއްނު." ހިމްޔާން ހިނިތުންވުމެއް ވެދުން ކޮށްލަމުން ބުނެލިއެވެ. އެއްޗެކޭ ނުބު އަހަރެން ހިނގައިގަތީއެވެ. އަވަހަށް އެތަނުން ދާށެވެ.
......................
ލިފްޓުގެ ދޮރު ހުޅުވުމާއި އެކު، އަހަރެން ނުކުމެގެން ދިޔައީ ކަންނެތް ހިނގުމެއްގައެވެ. އަހަރެން އުޅޭ ބައިގެ ދޮރު ބުޑުގައި މީހަކު ހުރިކަން އެނގުންވީ ވެސް ތަޅުދަނޑި ނަގާ، ދޮރު ހުޅުވަން ދިމާކުރި ވަގުތުގައެވެ.
"އަޔާޒް؟" ލިބުނު ހައިރާން ކަމުން ގޮވާލީމެވެ. އަޔާޒް އަހަރެންގެ ގެއަށް އައި އެއީ ފުރަތަމަ ފަހަރެވެ. އެތާ، ބޭރުގައި ނުބަހައްޓަންވެގެން، އަވަސް އަވަހަށް އެތެރެއަށް ވެއްދީމެވެ.
"އަލްޔަސް އެ ކިޔައިދިނީ ތެދު ވާހަކައެއްތަ؟" ސޯފާގައި އިށީންދެވުމާއި އެކު އަޔާޒް ސުވާލުކޮށްލިއެވެ. އަހަރެން ނިތް އަރުވާލީމެވެ.
"ކޮން ވާހަކައެއްތަ؟" އަލްޔަސް ކިޔާނެ އެއްޗެއް ހިތަށްވެސް އަރުވާލަން ނޭނގުމުން އަހާލީމެވެ.
"ކޮންމެވެސް އެމްއެސްއޭއެއްގެ ވާހަކަ." އަޔާޒްގެ ޖުމުލައިން އަހަރެން ހީބިހި ނަގައިގެން ދިޔައެވެ. އަލްޔަސް، އަޔާޒަށް ކިޔައިދިނީ ކީތްވެ ބާއެވެ؟
"އެއީ ތެދެއްތަ؟" އަނެއްކާވެސް އަޔާޒް، ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ނަމަވެސް މަޑުމަޑުން ބޯ ޖަހާލީމެވެ. އަޔާޒް ފާޑަކަށް ބަލަން އިނެވެ.
"ހަމަ އަސްލުވެސް އަރޫން މަރާލީ ކާކު ކަމެއް ނޭނގޭތަ؟" އަޔާޒް އިތުރަށް އަހާލިއެވެ. އަހަރެންނަށް ޖަހާލެވުނީ އިހެވެ. އަޔާޒް އަހަރެންނަށް ދުވަހަކުވެސް މަޢާފްކުރާނެ ކަމެއް ނޭނގެއެވެ.
"އަހަރެމެން ގޭންގު މީހުން. ރިއަލީ. ސޮރީ." އެ އިން ގޮތަށް އިނދެ ބުނެލީމެވެ. އަދި އިތުރަށް ސަބަބުވެސް ކިޔައިދިނީމެވެ. އޭޒެޑްގެ ވާހަކަޔާވެސް އެކުއެވެ. އެމްއެސްއޭގެ ވާހަކަ އިނގެންޏާ ދެން އިތުރަށް އެއްވެސް އެއްޗެއް ފޮރުވުމެ ބޭނުމެއް ނެތެވެ.
.....................
"އަޔާޒް. ވަރަށް ބޮޑަށް ސޮރީ. މަށަށް އެނގުނު ނަމަ ހުއްޓުވީމުސް." ބައި ގަޑި އިރަށް ދެމިގެން ދިޔަ ވާހަކަދެއްކުން ނިންމާލުމަށް ފަހު، އަޔާޒް، ދާން ހިނގައިގަތުމުން ބުނީމެވެ. އަޔާޒް އެނބުރި ބަލައިލިއެވެ.
"އިޓްސް އޯކޭ. އެކަމަކު މަށަށް ވީ ވަރަކުން، އަރޫންގެ ހަށިގަނޑު ހޯދަން އެހީވާން ވާނެ. މަވެސް ރިފްގެ މަސައްކަތަށް ވެވުނު ގޮތަކުން އެހީ ވާނަން." އަޔާޒް ފަނޑު ހިނިތުންވުމެއް ދެމުން، މާނަ ފުން ބަސްތަކެއް ދޫކޮށްލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.
އަޔާޒް ދިޔުމުން، އަހަރެން ފުން ނޭވާއެއް ދޫކޮށްލާފައި ސޯފާއަށް ޖެހިގަތީމެވެ. ފިކުރުތައް ބޮލުގައި ވަރަށް ގިނައެވެ. އަހަރެން ކޮންމެހެންވެސް މި ޤަތުލްޢާންމު ހުއްޓުވަން ޖެހޭނެއެވެ. ނަމަވެސް އެކަންޏަކު މިކަމެއް ނުވާނެއެވެ. އެހެން އިނދެފައި ހިނގައިގަތީމެވެ. ބޭރަށެވެ.
......................
"ރިފް؟" އަހަރެން ފެނުމާއި އެކު އަޖްމަލް ގޮވާލިއެވެ. އެގަޑީގައި ނުވެސް ބުނެލާ އެގެއަށް ދިޔުމުންނެވެ.
"އެޖް، ކަލޭ ދެރައެއް ނުވޭތަ މިހާ ބައިވަރު މީހުން މަރުވާތީއެއް؟" އެތެރެއަށް ވަދެ ހަމަ ޖެހިލާފައި އަހަރެން އަހާލީމެވެ.
"އަސްލު ދެރަވޭ. އެކަމަކު." އެޖް، ބުނެ ބުނެ ހުރެފާ ހުއްޓާލިއެވެ. އަދި ފާޑަކަށް އަހަރެންނަށް ބަލައިލިއެވެ.
"ބުނީމެއްނު ބޭނުންވެގެންނެއް ނޫނޭ ގޭންގުގަ އުޅެނީ؟" އަހަރެން އަހާލީމެވެ. އެޖު ބަލަން ހުއްޓެވެ.
"މިހާ ބައިވަރު މީހުން މަރަން ހެޔޮ ނުވާނެ. މަށަށް ހެލްޕް ވާން ވީނު މިކަން ހުއްޓުވަން." އަހަރެން ނުތަނަވަސްކަމާއި އެކު މަޑުމަޑުން ބުނެލީމެވެ. އެޖު އެހުރި ގޮތަށް ހުއްޓެވެ.
"ކަލޭ މޮޔަވީތަ؟" އެޖު ފުރަތަމަ ބުނެލީ މަޑުމަޑުންނެވެ.
"މީ އަހަރެމެން ނަގާ ރިވެންޖޭ. ހުއްޓުވާށޭ؟ އޭޒެޑް ކުރި އަމުރެއް ނޫންތަ މީ؟ ކަލޭވެސް ގޭންގު ހަލާކު ކުރަންތަ ތި އުޅެނީ.." އެޖު ހަޅޭއް ލަވައިގަތެވެ. އަހަރެންގެ ހިތުގައި ކުރެވުނު ކަމާއި މެދު ބިރުވެރިކަން ފެތުރި ގަތެވެ. މިއުޅެނީ ފަޅާއަރަން ހެއްޔެވެ؟
"އެޖް. ޕްރިޓެންޑް ނުކޮށް، އަމިއްލަ ހިތުގަ އޮތް އެއްޗެއް ބުނެބަލަ. މަށަށް އެނގޭ އެޖް ތީ މިހާ ދަށުދަރަޖައިގެ މީހެއް ނޫންކަން." ތެޅިތެޅި އޮތް ހިތަކާއި އެކު ބުނެލީމެވެ.
"މަށަށް ކުރިންވެސް ހީވީ ރަނގަޅަށޭ. އިފްރީން ތާކުން ފެނިގެން ގެނައި ގޮތެއް ފޮތެއް ނެތް އަންހެނެއް ތީ. ތިކަހަލަ މީހުން މި ގޭންގް ގަ އުޅޭތީއޭ އަހަރެމެންނަށް ކަމެއް ނުވަނީވެސް.. ހުވާ މި ބުނީ، ކަލޭގެ ވާހަކަ..." އެޖު ބުނެބުނެ ހުއްޓާ އަހަރެން އޭނާގެ ޖުމުލަ މެދުކަނޑާލީމެވެ.
"އެޖް ޕްލީސް. މަށަށް އެނގޭ ތީ އަސްލު ގޯސް މީހެއް ނޫންކަން. އެކަމަކު ދެން އެހީ ނުވަންޏާ، އެޓްލީސް ސީކްރެޓެއް ގޮތުގަ މިކަން ބާއްވަދީ" މީހެއްގެ ނިންމުމެއް ބަދަލު ކުރުމަކީ އަހަރެންނަށް ވާނެ ކަމެއް ނޫންކަމުން ބުނެލީމެވެ. އެޖު ލޯ ހަނި ކޮށްގެން ބަލަން ހުއްޓެވެ.
"ވިސްނާނަން." ބޭރަށް ނުކުންނާށޭ ބުނާ ފަދައަކުން ދޮރަށް އިށާރާތް ކުރަމުން އެޖު ޖަވާބުދިނެވެ.
........................
ރޭގަނޑު އަށެއް ޖަހަން ބައި ގަޑިއިރަށް ވުމުން، އަހަރެން ފެންވަރާލާ ރީތި ވެލީމެވެ. ކަކުލާއި ހަމައަށް ހުރި ކަޅުކުލައިގެ ހެދުމަކާއި އެކު، ލީ ކަޅު ކުލައިގެ ޖީންސެކެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ފުނާ އަޅާލީމެވެ. ލުއި މޭކަޕެއް ކޮށްލުމަށް ފަހު، ހެދުމާއި ގުޅޭ އަތްދަބަހެއް އަޅުވާލައިގެން އަހަރެން ނުކުތީ، ފުންނާބު އުސް ކަޅު ބޫޓެއް ހިފައިގެންނެވެ.
އިންތިޒާރުގައި ކާރަށް ލެނގިލައިގެން ރާއިން ހުއްޓެވެ. އަހަރެން ފެނުމާއި އެކު، ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވެލަމުން ރާއިން ހުޅުވަދިން ދޮރު، ކައިރީ މަޑުކޮށްލީމެވެ. އިރުކޮޅަކު ބަލަން ހުރުމަށް ފަހު، އިށީންދެ، ކާރުގައި ހަމަޖެހިލީމެވެ. ރާއިންވެސް، ދޮރު ލައްޕާލާފައި ގޮސް، ދުއްވާ ސީޓުގައި އިށީނެވެ.
"ކޮން އިރަކުން ފުރަނީ؟" އަހަރެން މަޑުމަޑުން ސުވާލުކޮށްލީމެވެ. ސިނަމާލެ ބްރިޖް މަތިން، ކާރު ދުއްވަމުން ދިޔަ އިރު، ރާއިންގެ އެއް އަތް އޮތީ އަހަރެންގެ އަތް މަތީ ބާއްވާލެފިއެވެ.
"މިރޭ. އިލަވެންގަ." ރާއިން އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އީދުޗުއްޓީއަށް، ރާއްޖެތެރެއަށް ދާން ޖެހޭކަމަށް، ރާއިން ބުނީ މީގެ ދެދުވަސް ކުރިންނެވެ.
އާދައިގެ މަތިން ރެސްޓޯރެންޓެއްގެ އަރާމު މާހައުލުގައި، އަހަރެމެން ތިބީ ވާހަކަދައްކާށެވެ. ރާއިނާ ވާހަކަ ދައްކާނަމަ އަނގައިން ދުވަހަކުވެސް ބަސް ހުސްނުވާނެއެވެ. ކިތަންމެ ހާސްވެފައި ހުއްޓަސް ހުރިހާ ހާސްކަމެއް ފިލާނެއެވެ.
ފައިސާ ދައްކަން ކައިރިވެލީ ރާއިނެވެ. އަހަރެންވެސް ކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. ކޭޝްކާޑަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން، ލަސްވަމުން ދިޔުމުން، އަހަރެން ފޯނު، ރިސެޕްޝަން މޭޒުމަތީ ބާއްވާލީމެވެ. ފައިސާ ދައްކާ ނިމުމުން، ރާއިންގެ އަތް ހަރަކާތް ކޮށްލި ވަގުތު، ފޯނުގައި އުޅޮބަށިން ޖެހި، ފޯނު ވެއްޓުނި ބިންމައްޗަށެވެ. ޖަހާފައި ހުރި މާބްލް ޓައިލްސް ތަކުގައި ޖެހުމާއި އެކު، ފޯނު ތަޅައިގެން ދިޔައެވެ.
"އޯއެމްޖީ. އަޅެ. ވަރަށް ބޮޑަށް ސޮރީ." ރާއިން ގުދުވެ ފޯނު ނަގާފައި ބުނެލިއެވެ. އެ މޫނުމަތިން ހާސްވުމުގެ އަސަރު ފެންނަން ހުއްޓެވެ.
"ކުޑަކޮށެއްނު ތެޅުނީ. އެ އޯކޭވާނެ" ރާއިން އަތުން ފޯނު އަތުލަމުން އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. އަހަރެންނަށް އާ ފޯނެއް ހޯދަން މާ އުނދަގުލެއްވެސް ނުވާނެއެވެ.
ރާއިން މަޢާފަށް އެދެމުން ދިޔައީ ކެތް ނުވާ ވަރަށެވެ. އަހަރެން ބުނެބުނެވެސް ނުހުއްޓިއެވެ. އެންމެ ފަހުން، އަހަރެންނަށް ޖެހުނީ ރާއިން ބުނިގޮތް ހަދާށެވެ. ރާއިން ގަނެދިން ފޯނުގައި ހިފާށެވެ. އެންޑްރޮއިޑެއް ކަމުން ހިތް މުޅިން ހަމަ ނުޖެހުނަސް، ރާއިން ދިން އެއްޗެއްކަމުން އެ ޤަބޫލު ކުރާށެވެ.
.....................
ހިމްޔާންގެ އެދުމުގެ މަތިން އަހަރެން ހުރީ ބަނދަރު މަތީގައެވެ. ގަޑިން ދިހަގަޑި ބައި ވުމުން، ހިމްޔާން އަރާށޭ ބުނި ލޯންޗަށް އެރީމެވެ. ފަސޭހައިން، މާލެއަށް އެރޭފަދަ ގޮތަކަށް އޮތް ލޯންޗެކެވެ. ބަލަން ބުނި ދިމާއަށް ބަލައިލުމުން، ތޮށިގަނޑުމަތީ ހިނގަމުން ދިޔަ ހިމްޔާން ފެނެއެވެ.
ނޭވާ ހިފާއްޓާލައިގެން ހުރީމެވެ. މަރާލަން އުޅެނީ ކާކު ކަމެއްވެސް ނޭނގެއެވެ. ހިމްޔާން ގެ ހަރަކާތްތައްވެސް ހުރި ދުރުމިނުން މާ ސާފުކޮށް ފެންނަ ގޮތެއް ނުވެއެވެ.
"އާހް.." ބާރު ހަޅޭކެއްގެ އަޑާއި އެކު، އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިމްޔާން ދުއްވައިގަތްތަން ފެނުނެވެ. އެހިނދު ތަންކޮޅެއް ދުރުގައި މަސްބާނަން ތިބި ދެތިން ފިރިހެނުން ހަޅޭއްލަވައިގަތް މީހާއާއި ކައިރިވެލިއެވެ. ހިމްޔާން އެ ދިޔައީ މަސްބާނަން ހުރި މީހެއްގެ ގަޔަށް ވަޅި ހަރާފައި ކަން ފަހުމްވިއެވެ.
އަހަރެންގެ އަތްފައި ވީ ފިނިވެފައެވެ. ކުރާނެ ކަމެއް ހިތަކަށް ނައެވެ. އެމީހާއަށް އެހީވާން ދާންވީއޭވެސް ހިތަށް އެރިއެވެ. ނަމަވެސް ގޭންގު މީހުން ރުޅިއަންނާނެއެވެ. ރަނގަޅަކަށް ހެދޭނެ ގޮތެއް ކުރެވޭނެ ކަމެއް ނެތެވެ.
އިރުކޮޅެއްގެ ތެރޭގައި، ހިމްޔާން ވަޅި ހަރާލި މީހާ ކައިރިއަށް އިތުރު މީހުން އެއްވާން ފެށްޓެވެ. އަދި ބާރު ސައިރިންގެ އަޑާއި އެކު، އެމްބިއުލާންސްއެއް ކައިރި ކޮށްލިއެވެ. ޕޮލިހުންގެ ދެ ކާރުވެސް އެއިރު އައިސް އޮތެވެ.
މީހަކަށް ނުފެންނާނެހެން، އަހަރެން ދާން އަވަސްވެ ގަތީމެވެ. އެއިރު، މަންޟަރު ދުށް މީހުންގެ އިރުޝާދުގެ ދަށުން ފުލުހުން، ލޯންޗެއްގައި ހިމްޔާން، ދުވެފައި ގޮސް، ލޯންޗަށް އަރާ، ދުއްވާފައި ދިޔަ ދިމާލަށް ދާން ނައްޓާލައިފިއެވެ.
އަވަސް ފިޔަވަޅު ތަކެއްގައި ގޮސް، ގެއަށް ވަން އިރު އަހަރެންގެ ހިތް ހެސްކިޔާފައި ބާރަށް ތެޅެމުން ދިޔައެވެ. ފެންފޮދެއް ބޯލަމުން، މީހާ ހަމައަކަށް އަޅުވާލަން މަސައްކަތް ކުރީމެވެ. ފެނުނު މަންޟަރަކީ ނުފެންނަ އެއްޗަކަށް ހަދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ލޯކުރިމަތީ އެ މަންޟަރު ސިފުވުން، ހުއްޓުމަކަށް ނައެވެ.
.......................
ތެޅުނު ފޯނުން ސިމް ނަގާ، ރާއިން ގަނެދިން އާ ފޯނަށް ސިމް ލައްވާލީމެވެ. އަންލޮކް ކޮށްލިއިރު އަޔާޒްގެ ތިން ހަތަރު ކޯލް އިނެވެ. ހިތްއަވަސްވެ ހުރެ ގުޅާލީމެވެ.
"ހެލޯ؟" ފޯނު ނެގުމާއި އެކު އަހަރެން ބުނެލީމެވެ. އަޔާޒް ގުޅި ސަބަބެއް އެނގެން ހިތް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން، ހިމްޔާން މަރާލި މީހާގެ ހަނދާންވެސް ހިނދުކޮޅަކަށް ހިތުން ފިލައިގެން ދިޔައެވެ.
"ރިފް. އަރޫން ފެނިއްޖެ. އަރޫންގެ ބޮޑީ." ކުރެހިފައިވާ އަޑަކުން އަޔާޒް ބުނެލިއެވެ. މާޔޫސީ އަޑެކެވެ. ފުރިގެން ވަނީ ހިތާމައެވެ. ނުވެނުދާނެ ކަމެއްކަން މާ ކުރިންވެސް އެނގިފައިވުމުން، އަހަރެންނަށް މާ ބޮޑު ހައިރާންކަމެއް ނުލިބުނު ނަމަވެސް، އަޔާޒް އެވަގުތު އަހަރެންނަށް ބޭނުންވާނެ ވަރުގެ ބޮޑުކަން ހިތަށް އަރުވާލެވުނެވެ.
"މި ދަނީ." އަހަރެން ފޯނު ކަނޑާލުމަށްފަހު، އަވަސް އަވަހަށް ދާން އުޅެގަތީމެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ފޯނު ރިންގުވާން ފެށްޓެވެ.
..............
"ހެލޯ؟" ހައިރާން ކަމާއި އެކު އަހަރެން އަހާލީ މަޑުމަޑުންނެވެ. ފޯނު ކަންފަތަށް ޖަހައިގެން ހުރެ، ހިނގައިގަތީ އަޔާޒް އުޅޭ ގެއަށް ދިޔުމަށެވެ.
"ރިފް.. އޭރު ބަވާލެވުނީމަ ސޮރީ އެނގޭ.." އެޖު ވާހަކަދެއްކީ މަޑުމަޑުންނެވެ. ހަލަބޮލިވެފައި އޮތް މަގުމައްޗަށް ސަމާލުކަންދެމުން އެޖު ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓުނެވެ.
"ގޭންގެ ދެކެ ވާ ލޯބިން އެހެން ބުނެވުނީ. ރިފް މިކަން ހުއްޓުވަން އުޅެންޏާ.." އެޖު ހުއްޓުމެއް ނެތި ވާހަކަ ދައްކަމުން ދިޔައެވެ.
އެވަގުތު ދިމާވީ އަހަރެން މަގު ހުރަސްކުރަން ދިމާކުރި ވަގުތާއެވެ. ކަހިފި ހުރަހެއް ނޫން ކަމުންމެ، ބާރު ސްޕީޑުގައި އައި ސައިކަލު، ދުއްވަން އިން މީހާ، ނުހުއްޓަން ގަސްތުކޮށްގެން އިނީ ކަންނޭނގެއެވެ. ސައިކަލު ފެނުމާއި އެކު، ފުރަތަމަ ބޮޑުވީ އަހަރެންގެ ދެލޮލެވެ. ބަލަން ނުހުރެ، ފޯނު ކަންފަތާއި ދުރުކޮށްލާފައި، ދުއްވައިގަތީމެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ.
(ނުނިމޭ)

  1. Avatar

    ކޮންމެ ދުވަހަކު އެތައް ސަތޭކަ ފަހަރު ބެލޭ ވާހަކަ އަޕް ވިތޯ???…ވަރަށް ވަރަށް ޝައުގުވެރި ރީތި ވާހަކައެއް ވީމަ???…ހުރިހާ ރަހައެއްވެސް ހެޔޮވަރަށް
    ގެނެސްދީފަ ހުރީ???…ވަރަށް ކަމުދޭ???

    (މޮންސްޓަރ މެސެންޖަރ ޔޫޒް ކުރަންޏާ އައިޑީ ދިނުން އެދެން)

ޚިޔާލު ފޮނުއްވާ