Views: 3411 75

"ލޯންޗު ފެނިއްޖޭ. އަވަސް އާދެބަ" ސާޅީހަކަށް މިނިޓު ކުރިން މެސެޖު އައިސް އޮތީ ހިމްޔާނުގެ ފަރާތުންނެވެ. ގަޔަށް ހުޑީ މަހާލިއިރު، ޓެބްލެޓް ބަލައިލަންވީތޯ ހިތާއި ހިތުން ސުވާލު ކޮށްލެވުނެވެ. ނަމަވެސް، ތައްޔާރުވެ ލެވުނު ހިނދު، ސިކުންތެއްވެސް ލަސްނުކޮށް އަހަރެން ހިނގައިގަތީ ދާށެވެ.
..................
"ކީތްވެ ހާދަ ލަސްވީ؟" އިފްރީންމެން ތިބި ކޮޓަރިއަށް ވަދެވުމާއި އެކު ސުވާލުކުރެވުނެވެ. އަހަރެން ތެދަށް ޖަވާބު ދިނީމެވެ. މުޅި ކޮޓަރީގައިވެސް ތިބީ އިފްރީނާއި ހިމްޔާންގެ އިތުރުން ހުމެއިދާއި ނިހާލެވެ. އެމީހުންގެ ބެލުން އަމާޒުވެފައިވީ، ކުރި މަތީ އަޅުވާފައިހުރި ސްކްރީނަށެވެ. ސީސީޓީވީ ފުޓޭޖެކެވެ. ހީވާ ގޮތުން ނަމަ ލައިވް އެއްޗެކެވެ. ފެންނަނީ ޕޮލިސް ސްޓޭޝަނެވެ. ބަޔާން ނަގަން ވައްދާ ކޮޓަރިގަނޑެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
އެހެން ތިބޭތާ ހައެއްކަ މިނިޓު ފަހުން، ދޮރު ހުޅުވާލާފައި ދެ އޮފިސަރަކު ވަންތަން ސްކްރީނުން ފެނުނެވެ. އެހެން މީހުންވެސް މަޑުމަޑުން ތިބުމުން، އަހަރެންވެސް ސުވާލެއް ނުކޮށް ބަލަން އިނީމެވެ.
ގިނަ އިރުތަކެއް ނުވެ، އެހެން އޮފިސަރަކު މީހަކު ގޮވައިގެން އެތެރެއަށް ވަނެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. ގެއްލުނު ލޯންޗު ދުއްވި މީހާއެވެ. އެމީހާއަށް ބަލައިލުމުންވެސް، އެ އުޅެނީ ޖިންނި މޮޔަވެގެންނޭ ހީވާހާވެއެވެ. ގަޔަށް ބޮލަށް ހިނި އަރައިގެން އުޅޭހެން، ހުރިހާ ތަނަކަށް ކަޅި އެއްލަމުން ދިޔައީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ.
ސުވާލު ކުރަން ފެށުމުން، އަހަރެން ފަރުވާތެރިވެ ބަލަން އިނީމެވެ. ފުރަތަމަ ކުރެވުނީ އަހަރެންނަށް ޖަވާބު އެނގޭ ސުވާލު ތަކެކެވެ. މުހިންމު ސުވާލާއި ކުރިމަތިވީ، ތިންވަނަ ފަހަރަށް އޮފިސަރު އަނގަހުޅުވުމުންނެވެ.
"ލޯންޗްގަ ކަންތައް ވީ ގޮތް ކިޔައިދީބަލަ.." އޮފިސަރު އެދުނެވެ. ލޯންޗު ދުއްވި މީހާގެ މޫނުމަތިން ބިރުގެ އަސަރުތައް އަނެއްކާވެސް ފެންނަން ފެށްޓެވެ. ކުރިއަށް ވުރެވެސް ބޮޑަށެވެ.
"ފާޑެއްގެ.. ފާޑެއްގެ މީހުންތަކެއް. ކަޅު ކުލައިގެ މީހުންތަކެއް. އެމީހުން އައިސް.. ފަޔާ. އެމީހުން އައިސް މަ ބަނީ." އަހަރެމެންނަށް ޖެހުނީ ނޭވާ ހިފާއްޓާލައިގެން ތިބޭށެވެ. ފަޔާޒްގެ ވާހަކައެއް ދުލުން ބޭރު ނުވަނީ ކިރިޔަ ކިރިޔާއެވެ.
"ކަޅު ކުލައިގެ ބައެކޭ؟" ފުލުސް މީހާ ސުވާލުކޮށްލިއެވެ.
"އާނ.. ކަޅު ހެދުން ލާފަ ތިބީ. އެއްކޮށް ކަޅު. މަ......މާސްކުވެސް އަޅާފަ. އެމީހުން ފުރަތަމަ އިންޖެކްޝަނެއް ޖެހީ. ދެން ހޭލެވުނު އިރު ހުރީ ބަނދެފަ. އެއިރު އެމީހުން ގޮއްސި." ލޯންޗު ދުއްވި މީހާ ވަރަށް ސާފުކޮށް ކިޔައިދިނެވެ. އެމީހާގެ ސިފަކުރުމުން، އެ ބަޔަކީ އެމްއެސްއޭކަން، އަހަރެން ޔަޤީންކުރީމެވެ.
"ލޯންޗުގަ އެކަނި ދިޔައީ ކީތް ކުރަން ކޮން ތާކަށް؟" އިރުކޮޅަކު މަޑު ކޮށްލުމަށް ފަހު އޮފިސަރު އަހާލިއެވެ. އެވަގުތު، އަހަރެމެން ތިބި ކޮޓަރީގައި ތިބި އެންމެންގެ މޫނު މަތިންވެސް ހާސްކަން ނޫން ކަމެއް ފެންނާކަށް ނެތެވެ.
"ހަމަ ދުއްވާލަން." ޖެހިލުންވެ ހުރެ، ލޯންޗު ދުއްވި މީހާ ޖަވާބު ދިނެވެ. ފުލުހުން އެކަން ކުރީ ދޮގެވެ. އެއަށް ފަހު ތިން ހަތަރު ފަހަރު އެހުމުންވެސް ޖަވާބެއް ނުދިނެވެ. ހުރީ ހަނެވެ. އެގޮތުގައި އަށެއްކަ މިނިޓު ހޭދަވީ ފަހުން، ފުރަތަމަ އައި ދެ ފުލުހުން އެނބުރި ނުކުމެގެން ދިޔައެވެ. އިރުކޮޅަކަށް ފަހު، ދުއްވާ މީހާވެސް، އޭނާ ގެނައި ފުލުހުންނާއެކު، ނުކުތެވެ. އަނެއްކާވެސް ކޮޓަރިއަށް ވެރިވެގަތީ ހަމަހިމޭންކަމެވެ.
.......................
"ކަޅު ކުލައިގެ ބައެއް. ކޮންބައެއް. ކަޅު ކުލައިގެ ބައެއް.." އަރަތެއް ކިޔާހެން ހުމެއިދު ކިޔަމުން ދިޔައެވެ. ބޮލުގައި އަތް އަޅާލައިގެން އިފްރީން އިނެވެ.
"ކޮންމެ ބަޔަކަސް އެމީހުނަށް އަހަރެމެންގެ ޕްލޭން ވަރަށް ރަނގަޅަށް އެނގިފަ އެއޮތީ. އެހެންވެ ދޯ، ޕޮލިހުންނަށްވެސް ޓްރެކް ނުކުރެވޭ ދަރަޖައަށް ލޮކޭޝަނާ ކުޅެފަ، އަހަރެމެންނަށް ވީ ގޮތް ކިޔައި ދެވޭހާ ވަގުތު ނުދީ، ކުރި ކަމެއް ކޮށްލީ." ނިހާލް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ހިމްޔާން ވަކި އެއްޗެކޭ ނުބުނެ އިނެވެ. ކޮންމެވެސް ވިސްނުމަކަށް ގެއްލިފައެވެ.
ފޯނު ރިންގުވާން ފެށި އަޑަށް އިފްރީން ކޮށްޅަށް ތެދުވިއެވެ. ވަގުތުން ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެމެން ބަލަން ތިބީމެވެ.
"އޭޒެޑް." ކުރުކޮށް ބުނެލާފައި، އިފްރީން ދިޔައީ ނުކުންނާށެވެ. ފަހަތުން ހުމެއިދުވެސް ދިޔައެވެ. ދެއްކި ވާހަކައިގެ ކުޑަ މިންވަރެއް އިވުނެވެ. ފާހަގަވީ އެންމެ ކަމެކެވެ. އިފްރީން ވާހަކަ ދެއްކީ ދުވަހަކު މީހަކާއި ވާހަކަ ނުދައްކާހާ ރީތި ބަހުރުވައަކުންނެވެ.
........................
"ކޮންތާކުންތަ ލޯންޗު ފެނުނީ؟ ކިހިނެއްތަ އެމީހާ ހުރީ؟" އިފްރީން މެން ނުކުތުމާއި އެކު އަހަރެން ސުވާލު ގޯނީގެ ތުން މޮހެލީމެވެ.
"ބްރޯ އެ ވާހަކަ ނުދައްކާ." ނިހާލް ޖަހާލީ ހިނިގަނޑެކެވެ. ހިމްޔާންގެ މޫނުމަތީ ސީރިއަސް ގޮތެއް ހުއްޓުވެ. އިންތިޒާރު ކުރީ ހިމްޔާންގެ ޖަވާބަކަށެވެ.
"އަތޮޅުން ބޭރުވާ ނުވާ ހިސާބުން އަތުވީ. އެސޮރު ހުރި ގޮތުގެ ވާހަކަ ނާހާ. ބްރޯ، އޭއްޗަކު ހުރީ ފައިން ފެށިގެން ބޮލާއި ހަމައަށްވެސް އެ އޮޅާފަ ހުރި އެއްޗަކުން އޮޅާފަ ބަނދެފަ. މުޅި ބޯ ފެޅިގެން ނަރުހަކަށްވެސް އެވަރަށް ބެންޑޭޖް ކޮށްދޭން ނުކެރޭނެ. ދެފަޔާ ބަނޑާ ކޮނޑާ، ގޮނޑިޔާއެކު ބަނދެފަ. މަޖަލީ އަތަށް ހަދާފަ ހުރި ގޮތް. އަތް ކުޑަކުޑަކޮށް ހަރަކާތް ކޮށްލެވޭ ވަރު ވާނެ. ހުންގާނާ ކުޅެލެވޭ ވަރަށް." ހިމްޔާންގެ އަޑުގައި މާޔޫސްކަންވިއެވެ. ސަބަބެއް ނޭނގެއެވެ.
"ބަނދެފަ ހުރި ވަރުން ކާކު ކަންވެސް އެނގޭވަރެއް ނުވޭ. ބިރުން ހުރީ ތުރުތުރު އަޅައަޅަ.." ނިހާލް އިތުރުކޮށްލިއެވެ.
އަހަރެންނަށް ކުރެވުނު ހާވެސް ކަމަކީ ބޯ ޖަހާލަ ޖަހާލާ އިނުމެވެ. އެމްއެސްއޭ ނޫން ބަޔަކަށް ޝައްކު ކުރާކަށްވެސް ނޭނގުނެވެ. ކަޅު ހެދުން އަޅައިގެން އިންޖެކްޝަން ޖަހާނީ އެނޫން ކޮން ބައެއް ހެއްޔެވެ؟ އެމީހުން ކުރި ކަންތަކަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އަހަރެންނަށް އަންގާލަން ވާނެ ނޫންހެއްޔެވެ؟ އަހަރެން މިއީ މުހިންމު މީހެއް ކަމަށްވެސް އެމީހުން ނުދެކުނީ ހެއްޔެވެ؟
.................
"އޭތް. މީޓިންއަކަށް ކިޔާބެއަ. ހުރިހާ ލީޑަރުންނަށް. އެސިސްޓެންޓު ގޮވައިގެން އަންނަން ބުނާތި" އެހެން އެތަނުގައި ތިބޭތާ އިރުކޮޅެއް ފަހުން އިފްރީން، ގޮވާލި އަޑު އިވުނެވެ. ވީ ކީތްކަން ނޭނގިގެން، ވިސްނާލަން އިރުކޮޅަކު މަޑުކޮށްފައި، ހިމްޔާން ކުރަން ބުނި މަސައްކަތް ކުރަން އަވަސްވެގަތެވެ. ނިހާލްވެސް ބައިވެރި ވެލިއެވެ. އަހަރެންވެސް އެތަނުގައި ހުރެވުނީތީ އަތް ގާތް ކޮށްލަ ދިނީމެވެ.
ތޭރަ ލީޑަރުންނާއި އެކު ސައްބީސް މީހުނަށް، އަންނަން އެންގީމެވެ. ވަގުތުން ވަގުތަށެވެ. އެމަރޖެންސީ މީޓިންއެއް ކަމުގައި ބުނުމުން، ފުރަތަމަ އައި މީހާ އަންނަން ފަސް މިނިޓުވެސް ނުނެގިއެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް، އެކިއެކި މީސް މީހުން އަންނަމުން ދިޔައެވެ. ވަންނަމުން ދިޔައީ އިފްރީންމެން ތިބި ކޮޓަރިއަށެވެ.
"އިފްޝޮޓް! މަ ދާންވީތަ؟" އިފްރީން ކޮޓަރީގެ ދޮރުން ބޯ ދިއްކޮށްލި ވަގުތު އަހަރެން އަހާލީމެވެ. ލީޑަރުންނާއި އެސިސްޓެންޓުންގެ ބައްދަލުވުމެއް ނަމަ، އަހަރެންނަކީ މިތާ ހުންނަން ޖެހޭނެ މީހެއް ނޫނެވެ.
"ކީތް ކުރަން ދާންވީ؟ ބޭބް މަޑުކުރޭ.." ވަދެގެން އައި މީހަކު ބުނެލިއެވެ. ފުރަތަމަ އަހަރެން ގަތީ ބިރެވެ. ޕޮލިސް ޔުނީފޯރމުގައި ހުރި މީހެއް ކަމުންނެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ އެއީ ވެސް ދައުވަތު ދެވިގެން އައި ލީޑަރެއްކަން އެނގުމުން ހަމަ ޖެހިލީމެވެ. އިފްޝޮޓް، ކައެ ބޭނުން ގޮތެއް ހަދާށޭ ބުނުމުން އަހަރެން ނިންމީ މަޑު ކުރާށެވެ. މިފަދަ މީޓިންއެއްގައި ބޭކާރު އެއްޗެއް ނުކިޔާނެ ކަމަށް ޔަޤީންކޮށްފައެވެ.
...........................
"އޭޒެޑް. ރާއްޖެ އައިއްސި!" އިފްރީން ފުރަތަމަ ފަހަރަށް މައުލޫ އިން ފެށްޓެވެ. ކޮޓަރީގައި ތިބި އެންމެންހެން ސުވާލުތައް އޮއްސާލިއެވެ. ކީތްވެކަމާއި ކޮންއިރަކު ކަމާއި ހުރީ ކޮންތާކު ކަމެވެ. ހައިރާންވެ ތިބެއެވެ. އަހަރެންނެކޭވެސް އެއްފަދައިންނެވެ. މި ލިބުނީ މުހިންމު އާ ޚަބަރެކެވެ. އިފްރީން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. އަޑުތައް މަޑުވެ ހަމަ ހިމޭންކަން ވަށާލަންދެނެވެ.
"ފަޔާޒް މަރާނުލެވުމުން އޭޒެޑް ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ. އެކަމަކު އެއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހިފަ ހުރީ ގޭންގުގެ ބައިވަރު މީހުންތަކެއް ހައްޔަރު ވީމަ." ހުމެއިދު ވާހަކަ ދެއްކީ ވަރަށް ކަންބޮޑުވެ ހުރެއެވެ. އެހެންކަމުން އެބުނާ އޭޒެޑެއް ރުޅި އައިސްފި ނަމަ ކަންތައް ވަރަށް ބޮޑު ވާނެކަން ޔަޤީންކުރެވުނެވެ.
"މިރެއަށް ބައްދަލު ކޮށްލަން އަންނާށޯ. އަހަރެމެން ފަނަރަ ލީޑަރުންނާ، އެސިސްޓެންޓު." އިފްރީން ބުނެލިއެވެ. އަހަރެން މޫނު ހަދާލީ އެންމެނަށް ދައްކާކަށެއް ނޫނެވެ. އަހަރެންނަށް ނުދެވޭނެތީ އައި ރުޅިންނެވެ. ނަމަވެސް އެކަން ފާހަގަ ނުވި އެންމެ މީހަކުވެސް އެތާ ހުރި ކަމަކަށް ނުވިއެވެ.
"މަންޖެ ރުޅިއައީތަ؟" އެކަކު ބުންޏެވެ. އަހަރެން ލޯ ހަނިކޮށްލީމެވެ.
"ދޫންޏާ. ގެންގޮސްފާނަމޭ. މަގޭ ލާޝީން ވީ ބޮއިގެން ހުއްޓަ ފެނިގެން ހައްޔަރު ކޮށްފަ" އެހެން މީހަކު ބުނެލިއެވެ. އަހަރެން ޝައުގުވެރިކަމާއި އެކު ބަލައިލީމެވެ. އަހަރެންނަށް ދެވޭނެ ބާއެވެ؟ އެ ބުނާ އޭޒެޑަކާ ބައްދަލު ވާނެ ބާއެވެ؟
"ކައެ ހިމްޕެ ގެންދޭ. މަށާ އެއްކޮށް ރިފް ދާނީ" އިފްރީންގެ ޖުމުލައިން އަހަރެން ފުދޭ ވަރަކަށް ހައިރާންވިއެވެ. ހިމްޔާނަށް ވުރެ އިފްރީނަށް އަހަރެން މުހިންމު ވީ ކޮންއިރަކު ހެއްޔެވެ؟
"ހޫނ ދެން ހެވޭ.. މިރޭ އަށެއްގަ. ދާންވީ ތަނެއް ފައިނަލް ވީމަ މެސެޖު ކޮށްލާނަން." ހުމެއިދު ބުނެލިއެވެ.
"ތިދެން ގަޑިއެއްތަ؟" އަހަރެން ސުވާލު ކޮށްލީމެވެ. އެހެންޏާ ގޭންގުގެ ބޮޑެތި މީޓިންތައް އޮންނާނީ ބޮޑުވި ބޮޑުވިހެން ދަންވަރެވެ.
"ރިޕްސް ޑާރލިން.. މީ އޮފިޝަލް މީޓިންއެކޭ." ކުރިން އަހަރެންނާ ވާހަކަ ދެއްކި ޕޮލިސް މީހާ ބުނެލިއެވެ. ޔުނީފޯރމުގައި ހުރެ އަހަރެމެންނަށް އެހީވާން ލަދު ނުގަންނަ ކަމެވެ.
"އޮފިޝަލްއަކަސް ބޮފިޝަލްއަކަސް.." އަހަރެން ހިނގައިގަތީ ހިމްޔާންގެ އަތުގައި ހިފައިގެންނެވެ. އެއިރު ގިނަ މީހުން ގޮއްސިއެވެ. ވަގުތުގެ ގޮތުން ތިބެވެން ނެތީ ކަންނޭނގެއެވެ. އަހަރެން ކަންތައް ކުރި ގޮތުން އާގަމަވެފައި ހިމްޔާން ހުއްޓެވެ. އަހަރެން އަޅައެއް ނުލަމެވެ. ހިތުގައި އޮތް ނަފުރަތު ކިތަންމެ ބޮޑަސް، އެ ބަޔަކާ ނުލައި ނޫޅެވޭނެ މީހުންވެސް އުޅޭނެއެވެ.
....................
އައި ނައި ތަނެއް ނޭނގި ޚިޔާލުތައް އައިސް ބޯ ވަށާލީ ގެއަށް ގޮސް އެނދުގައި ޖައްސާލެވުމުންނެވެ. އަހަރެންނާ ހަވާލުކޮށްފައި، ބޮޑު މަސައްކަތެއް އެބަ އޮތެވެ. އެކަން ޒިންމާދާރު ކަމާއި އެކު އަދާކުރަން ޖެހޭނެއެވެ. އެމްއެސްއޭއަށް އޭޒެޑްގެ މައުލޫމާތު ދޭން ޖެހޭނެއެވެ.
އެމްއެސްއޭގެ ފިކުރުގައި އޮވެފައި ފޯނު ހުޅުވާލީމެވެ. މީސްމީޑިޔާ ހާވާލީ ކުރާނެ ކަމެއް ވިސްނަމުންނެވެ. ފެންނަމުން ދިޔަ ޕޯސްޓްތަކާއި، ޚަބަރުތަކުގެ ހެޑްލައިންތައް އަހަރެންގެ ބޯ އިތުރަށް ހާސްކުރުވިއެވެ. ހުރިހާ ތާކު ފަޔާޒް ގެއްލިގެން ހޯދާ ޚަބަރެވެ. މަޝްހޫރު ބޮޑު ވިޔަފާރި ވެރިއެއްކަމުން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.
އެރޭ ނުދެވޭނެ ވާހަކަ ރާއިން ގާތު ބުނެފައި، ރިޕްލައި ލަސްވުމުން، ސްނެޕް ހުޅުވާލީމެވެ. ރާއިންގެ ލޮކޭޝަން ބަލައިލިއިރު ފެންނަނީ އެއަރޕޯޓް ސަރަހައްދެވެ. ވަޒީފާ ކަމަކު ކަމުގައި ޔަޤީންކޮށްފައި އަހަރެން ބަލަން އޮތީމެވެ. ކުރާނެ އިތުރު ކަމެއް ހިތަށް ނައިސްގެނެވެ. އެމްއެސްއޭގެ ފަރާތުންވެސް އިތުރު ޚަބަރެއް ނުލިބެއެވެ.
ރާއިން ލޯންޗަށް އެރިތަން މެޕުން ދެއްކުމުން އަހަރެން ފަރުވާތެރިވެ ބަލައިލީމެވެ. އެހެން އެނގެނީ ކިހިނެއް ހެއްޔެވެ؟ ގޭންގު މީހުންވެސް އެ ގޮތަށް ލޮކޭޓް ކޮށްލެވޭ ނަމަ، ކުރާ ހުރިހާ ކުށެއް ހުއްޓުވިދާނެއެވެ. މަންމައަށާއި ކޮއްކޮއަށް ވީ އިންސާފް ހޯދައިދެވިދާނެއެވެ. އަމަންއަމާން ދިވެހިރާއްޖެއެއް ހުވަފެނުގައި ނޫނަސް ފެނިދާނެއެވެ.
އައި ޚިޔާލަކުން ހުޅުވާލީ ޓެބްލެޓެވެ. ކުރަން ޖެހޭ ކަންކަން ކޮށްލާފައި އަހަރެން ވަރަށް އަވަހަށް ތައްޔާރު ވެލައިގެން ނުކުތީމެވެ. އަހަރެންގެ ޕްލޭނާ އެއްގޮތަށް ކަންކަން ގޮސްފިނަމަ، އަހަރެން މި ގޭންގުގައި އިތުރަށް ގިނަ ދުވަސްތަކެއް ގުނާކަށް ނުޖެހޭނެއެވެ.
..........................
ދާން ޖެހޭ ހިސާބަށް ލޯންޗުގައި ގޮސް، ހެލިކޮޕްޓަރު ވައްޓާލި ވާގަނޑުން މައްޗަށް އެރީމެވެ. ލަސްތަކެއް ނުވެ، މިސްރާބު ޖެހީ، އަހަރެމެންގެ މައި އިދާރާ، ނުވަތަ ބޯޓާ ދިމާއަށެވެ.
ފޭބިއިރު އައިމަން ސަރ، އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން އަންނަކަން އެނގި، އެންމެފަހުން ކަންކަން ހިއްސާކޮށްލަން ނިންމީ ކަންނޭނގެއެވެ. ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ، އަހަރެން، ދިޔަ ގޮތަށް ގޮސް ފެށީއެވެ.
"ކަލޭމެންނަށް ހަލާކު ހުރި. މަށާ ގުޅި ލާމެހިފަ އޮތް ކަމެއްވެސް، ގޯހުން ގޯހަށް، ޕްލޭންވެސް ކުރެވިފަ ނެތް ގޮތަކަށް ކަން ކުރި އިރު، މަށަށް އަންގާލަން ވެސް ހިތަށް ނޭރުވި. ގޭންގެކޭ ކަލޭމެންނެކޭ ތަފާތެއް ކޮބާ؟ ފާޑެއްގެ ތަނަކަށް ވެއްދި ގޮތަށް ބަޚަބަރު!" އަހަރެން ހަޅޭއްލަވައިގަތީ 'އިޙްތިރާމް' އަހަރެންގެ ރަދީފުން ފުހެލުމަށް ފަހުއެވެ.
"އަހަރެމެން ކަމެއް ނޫނޭ." އައިމަން ސަރ ބުނެލީ މަޑުމަޑުންނެވެ.
"ދެން؟" އަހަރެންވެސް ރުޅިގަނޑު މަޑުކޮށްލީމެވެ.
"ބުނީމެއްނު ފީލްޑްގަ އެމްވީ ޒީރޯ ޓޫއާ ތްރީއާ އުޅޭނޭ. އެމްވީ ޒީރޯވަންއަށް ހުރިހާ ކަމެއްވެސް ނިންމުމުގެ އިހުތިޔާރު އޮންނާނީ. އެރޭ ރިފްއަށް މެސެޖު ކުރަން އުޅެނިކޮށް އެމްވީ ޒީރޯ ވަން އެންގީ އެކަމާ އެއްވެސް ވަރަކަށް ނުބެހެން. އަހަރެމެން އަތުން ނަގާފަ އެ ކޭސް ދިނީ އެމްވީ ޒީރޯ ތްރީއަށް." އަހަރެން ގޮވައިގެން ހިނގައިގަންނަމުން އައިމަން ސަރ ކިޔައިދިނެވެ.
"އެއީ ކީތްވެ؟" ހައިރާންކަމާއި އެކު އަހާލީމެވެ.
"ދެން ނޭނގެ. އެމީހުން ވަރަށް ރަން ވާނެ." އައިމަން ސަރ ބުނެލީ އެވަރަށެވެ. އަހަރެންގެ ޝައުގުވެރިކަން ރަނގަޅަށްވެސް ދަމައިގަތެވެ.
"އެޔޯ؟" އުފެދުނު ޝައިގުވެރި ކަމުގައި އަހާލީމެވެ.
"އެއީ ދެން.. އެކަން އޮތް ގޮތް. އެ އޯކޭ ވާނެ. ބައެއް ފަހަރު އެހެންވެސް ވާނެ. ކީތް ކުރަން ތި އައީ؟" ރަންކުރާ މައްސަލަ އެއްވެސް ކަމަކަށް ނުހަދާ އައިމަން ސަރ އެވާހަކަ މަތި ޖަހާލިއެވެ.
"އޯހ.. މި އައީ، އީޓޫ އާ ބައްދަލު ކޮށްލަން ޖެހިގެން." އަހަރެން ތެދަށް ޖަވާބު ދިނީމެވެ. އިންޖީނިއަރ ނަންބަރު ދޭއް ނުވަތަ ކުރުކޮށް އީޓޫ އަކީ، އަހަރެމެންގެ ބައިގައި އެވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް އުފެއްދުންތެރިޔާއެވެ. ކަންކަން ދިރާސާކޮށް އާ ތަކެތި އުފައްދަން އެވަރެއް ނޫޅޭނެއެވެ.
"އެއީ ކީތްކުރަން؟" އައިމަން ސަރ ސުވާލު ކުރިއެވެ.
"ރިޕޯރޓް ލިޔެފަ ފޮނުވާނަން. އެބަ ޖެހޭ ވަރަށް އަވަސް ކުރަން." ކަންކުރާ އުސޫލު ކަމުން އަހަރެން ބުނެލީމެވެ. އަނގަބަހުން ކިޔައިދިނުމަށް ވުރެ ލިޔުން އަހަރެންނަށް މާ ފަސޭހައެވެ. އެހެން ނޫނަސް، ބޭނުން ވާހާ ވަރަކަށް ވަގުތެއް ނެތެވެ.
ބޯ ޖަހާލާފައި އައިމަން ސަރ ދިޔުމުން، އަހަރެން ހިނގައިގަތީ އީޓޫ މަސައްކަތް ކުރާ ތަނާއި ދިމާލަށެވެ. ވަދެގެން ދިޔަ އިރު އިތުރު ދެމީހަކުވެސް އެތާ ތިބިތަން ފެނުނެވެ.
"ހޭ. ޓޫ. ކޮންކަމެއް؟" އަހަރެން ގޮސް އުނދަގޫ ނުވާނެހާ ހިސާބުގައި މަޑުކޮށްލީމެވެ. ފެންނަ ފެނުމަށް ތިރީހަށް ވުރެ ދޮށްޓެއް ނުވާނެއެވެ. އިލެކްޓްރޯން މައިކްރޮސްކޯޕް ކައިރީ މަޑުކޮށްލައިގެން ހުރި އިރު ހީވަނީ ހަމަ ޕްރޮފެސަރެއް ހެންނެވެ.
"ކޮން ޓޫއެއްތަ؟ ލަދޭ ތިހެން ކީމަ." އަހަރެން އެހާ ލޯބިން ގޮވާލުމުންވެސް، އެކަން އެ ނެގީ ޖެއްސުމެއްގެ ގޮތުގައެވެ.
"މާޝަލް ތިހެން ވިއްޔާ.. އެއްޗެއް ހޯދާށޭ މި އައީ." އަހަރެން ސީދާ މައުލޫއަށް ދިޔައީމެވެ. ކޯޗެއްތޯ އަހާފަދަ ގޮތަކަށް މާޝަލް ނިތް އަރުވާލިއެވެ.
"ލޮކޭޝަން ބެލޭ ކަހަލަ އެއްޗެއް، މީހުންގެ.." އަހަރެން ބުނެލީމެވެ. މާޝަލް ބޯޖަހާލާފައި ހިނގައިގަތެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ. އުފައްދާ އުފެއްދުންތައް ރައްކާ ކޮށްފައި ހުންނަ ކޮޓަރިއަށެވެ. ބޮޑު ލައިބްރަރީއެކޭ އެތަނެކޭ ތަފާތެއް ނެތެވެ. އެކި ރެކް ތަކުގައި އެކި ވަރުގެ މޮޅެތި އެއްޗިއްސެވެ. ނަން ހުސްކޮށް ބަޑިއާއި ބިޑިއާއި ވަޒަނެވެ. ކެމެރާއާއި ރިކޯޑަރެވެ.
"މިހުރީ ހުސްވެސް ތިކަން ކުރެވޭނެ އެއްޗެހި." މާޝަލް، ރެކެއް ދައްކާލާފައި ބުނެލިއެވެ. އަހަރެން ގޮސް ވަކި ވަކިން އެއެއްޗެހި ބެލީމެވެ. ހަރުކުރާ އެއްޗެއްސާއި އެކި ކަހަލަ ސްކްރީން ސްކްރީނެވެ. ކުޑަ އެއްޗިއްސާއި ބޮޑެތި އެއްޗިއްސެވެ. ނަމަވެސް އަހަރެންނަށް ކަމުދާ ކަހަލަ އެއްޗަކާ ދިމަލެއް ނުވިއެވެ.
"މީގެ އެއްޗެއް ޖެހީމަ ފެނިދާނެއްނު. ނުފެނުނަސް ގަޔަކު ހަރެއް ނުކުރެވޭނެއްނު. ފެންވަރާ ގަޑީގަ ދާނެ، ހަންގަނޑުގަ ހަރުކުރިއަސް." އަހަރެން ކަންބޮޑުވުން ހާމަ ކޮށްލީމެވެ. މާޝަލް، ދެތިން ފިޔަވަޅު ދުރަށް ޖެހިލާ، ހުޅުވާލީ ވަތްގަނޑު ތަކެކެވެ. އަހަރެންވެސް ގޮސް އޭގައި ހުރި އެއްޗެއް ބަލައިލީމެވެ.
"މީތި ޖެހޭނީ ހަމަށް އިންޖެކްޓް ކުރަން. ފަސޭހަޔަކަށް މި ހުރީ ސެޓްއަޕް ވެސް ހަދައިދީފަ." މާޝަލް، އޭގެން އެކަތި އަތަށް ނެގިއެވެ. ސިރިންޖެކެވެ. އެތެރޭގައި ފެންފޮދުގެ ތެރޭގައި ކުޑަކުޑަ ކަޅުކުލައިގެ އެއްޗެއް އިނެވެ. ކަޅަކަށްވުރެ ބޮޑަށް މުށްޓެކެވެ. އާންމުކޮށް މި އުޅޭ ދިވެހިންގެ ހަމުގެ ކުލައެވެ. ސިރިންޖުގެ ކުޑަކުޑަ ކަށިންވެސް ނުކުންނަހާ ކުޑައެވެ.
"ހަންގަރ ގޭމްސް އަސްލަކަށް ބަލައިގެން ތައްޔާރު ކުރި އެއްޗެއް. އަދި މީގެ ކުރިން ފީލްޑްގަ ބޭނުމެއް ނުކުރަން." މާޝަލް ކިޔައިދިނެވެ. އަހަރެންވެސް އަތަށް އޭގެ އެއްޗެއް ނަގާ ފަރުވާތެރިކަމާއި އެކު ބަލައިލީމެވެ.
"ކޮންތާކަށް ޖެހިއްޔާ އެންމެ ރަނގަޅުވާނީ؟" އެއަށް ބަލަން ހުރެފައި އަހާލީމެވެ.
"ފަހަތުން ކަރުގެ ދަށް. ސްޕައިންއާ ދިމާލުން." މާޝަލްގެ ޖަވާބު އަވަހެވެ. ކިޔަވައިގެން ހުރި މޮޅު މީހެކެވެ.
"އަޅެ ޖަހާލަ ދީބަލަ." އަހަރެން އެދުނީމެވެ. މާޝަލް ހައިރާން ކަމާއި ބަލަން ހުއްޓެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނުމުން، އެ ވަތްގަނޑު ހާވާލާފައި ނެގީ ހަމަ އޭގެ އެހެން ސިރިންޖެކެވެ.
"މީއްޗިއްސަށްވެސް ނަންބަރު ދީފަ މިހުރީ. މީ އެކެއް." މާޝަލް ދައްކާލިއެވެ. ތެދެކެވެ. ލީޓަރު ފާހަގަ ކޮށްދިނުމުގެ ބަދަލުގައި އޭގައި ޖަހާފައި އިނީ ހަމަ އެކަނި ނަންބަރު އެކެކެވެ.
މާޝަލް މަޑުމަޑުން، އަހަރެންގެ އިސްތަށިގަނޑު ހިއްލާލައިފައި އެ ސިރިންޖު ހަރާލިއެވެ. ކުޑަކޮށް ތަދުވި ނަމަވެސް އަޅައެއް ނުލަމެވެ.
މާޝަލް ތިރީ ވަތްގަނޑެއް ހުޅުވާލާފައި ސްކްރީނެއް ނެގިއެވެ. ފިތަކަށް އޮބާލާ ހުޅުވާލުމާއި އެކު، ފެނުނީ ދުނިޔޭގެ ޗާޓެވެ. ރާއްޖެ ރަމްޒުކޮށްދޭ ކުދި ކުދި ބޮޅުތަކާއި ދިމާލުގައި، އެކެއް ފާހަގަ ވެފައި އިނެވެ. ޒޫމްކޮށްލުމުން، ސާފުކޮށް އަހަރެން ހުރި ހިސާބު ފެނުނެވެ. ބޯޓުގެ ކޮން ފަންގިފިލައެއްގައި ކަން ފާހަގަވާހާ ސާފުކޮށެވެ.
"މި ސްކްރީނުން ފެންނާނެ، ހުރިހާ ސިރިންޖެއްގެ ލޮކޭޝަންވެސް." މާޝަލް އެއާ ކުޅެން އަހަރެންނަށް ދަސްކޮށްދިނެވެ. އެކެއް އިންތަން އަހަރެންގެ ނަމުން ލޭބަލް ކޮށްލިއެވެ.
"މަ މިރެއަށް ބޭނުން ވާނީ ތިރީސް އެތި." އަހަރެން ބުނެލީމެވެ. ފެންނަ ފަހަރުވެސް އޭޒެޑަށް އަހަރެންގެ ހުރި ފެންވަރު ދައްކާލާނަމެވެ.
"ގެންދޭ ތިން ޑަޒަން." ރީތިކޮށް ޕެކްކޮށްފައި ހުރި އެއްޗެހި ނަގާ އަހަރެންގެ އަތަށް މާޝަލް ލައި ދިނެވެ. "މިރޭ ކީތް ކުރަން ތި އުޅެނީ؟"
ސުވާލު ކުރުމުން އަހަރެން ތެދަށް ކިޔައިދިނީމެވެ. އެމްއެސްއޭ މީހެއް ކަމުން މައްސަލައެއް ނެތް ތާއެވެ.
"ކިހިނެއް ޖަހާނީ؟ ތަދުވާނެއްނު؟" އަހަރެން ނުވިސްނި ތަންކޮޅު މާޝަލްއަށް ފާހަގަވިކަން ނަސީބެވެ. އަހަރެން ހާސްވެ ހުރެ މާޝަލަށް ބަލައިލީ ހައްލެއް އޮންނާނެ ކަމަށް އުންމީދު ކޮށްގެންނެވެ.
"މީގެ ތެރޭގަ ހުންނާނެ ސްޕްރޭއެއް. އަށެއްކަ މިނިޓަށް ހޭނައްތާލެވޭނެ." ފަސް އިންޗި ފަސް އިންޗީގެ ފޮށްޓެއް ދައްކާލަމުން މާޝަލް ބުނެދިނެވެ. އަހަރެން ޝުކުރުވެރި ކަމާއިއެކު އޭގައި ހިފީމެވެ.
"ޔަޤީންތަ މި މަސައްކަތް ކުރާނެކަން؟" އަހަރެންގެ ލޮލުގައި އަޅައިގަތީ، އެ ކޮޓަރިއަށް ވަދެގެން އައި އިތުރު މީހެކެވެ.
"ގައިމެއްނު" މާޝަލް އޭނާގެ އުފެއްދުންތަކަށް ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. ނަމަވެސް އަހަރެން ބޭނުންވީ އަމިއްލަ ލޮލުން ދެކޭށެވެ. ހިނގައިގަތީމެވެ. ނިކުންނަން ދިޔަ، މީހާއާ ދިމާލަށެވެ.
"އޭ އާދެބަލަ މިތާ ހުރެލަން އިހަށް." އަހަރެން އޭނައަށް ގޮވާ ގެނެސް، ބިއްލޫރި ކޮށްޓަށް އިށާރާތް ކޮށްލީމެވެ. މާޝަލަށް ބަލައިލާފައި، އެމީހާ އެތަނަށް ވަނެވެ. އެ ކޮށި ވާނީ ފޯނު ބޫތެއް ވަރެވެ.
އަހަރެން ގެނައި ތިން ސްޕްރޭ ފޮށިން އެއް ފޮށި އެތެރޭގައި ހަރުކޮށްލުމަށް ފަހު، ކޮށީގެ ދޮރު ލައްޕާލީމެވެ. އެތެރޭގައި ހުރި މީހާ ވާނުވާގައި ހުއްޓެވެ. ޓައިމަރު ޖައްސާލީމެވެ. ދިހަ ސިކުންތަށެވެ. އޭގެން، ކުލަ ނެތް ސްޕްރޭތައް ބޭރުވާނީ އެހާ އިރުއެވެ. ބަލަން ހުރީމެވެ.
.......................
"ތީ؟" އެ ތަނުގައި ތިބި އެންމެން ދުވެފައި އައިސް އަހަރެމެން ގާތު މަޑުކޮށްލިއެވެ. އެތެރެއަށް ލީ މީހާ އޮތީ ކޮށި ތެރޭ ބިމަށް ދެމިފައެވެ. މާޝަލްވެސް ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރުމުން އަހަރެންގެ ހިތް ބިރުގަންނަ ގޮތް ވިއެވެ. އޭގެން އަނެއްކާ އޭނައަށް ގޮތެއް ވީ ބާއެވެ؟
އަށް މިނިޓު ހޭދަވި އިރުވެސް ހޭ އެރި ކަމަކަށް ނުވެއެވެ. އެންމެ ފަހުން މާޝަލް ގޮސް ކޮށީގެ ބިއްލޫރި ދޮރު ހުޅުވާލިއެވެ. މިހާރު ސްޕްރޭގެ ބާރުވެސް ހުންނާނީ ކެނޑިފައެވެ.
މާޝަލް، ވެއްޓިފައި އޮތް މީހާގެ ކަރުގައި ތިން އިނގިލި ޖައްސާ ވިންދު ބަލައިލިއެވެ. ދެން ދިން ސިގްނަލުން، ލާން ނުކެރިފައި ހުރި ނޭވާ ބޭރުކޮށްލެވުނެވެ. ހިތުގެ ތެޅުންވެސް ބާރުވެފައި ހުރި ވަރުން، ރަނގަޅު ސްޕީޑަށް ދިޔައެވެ. އެއްވެ ތިބި މީހުންވެސް ޕިސްޕިސް ކިޔާލާފައި އެމީހަކު ކުރަން ހުރި މަސައްކަތަށް އެނބުރި ރުޖޫޢަ ވިޔެވެ. ހޭނެތުނު މީހާ ހަމަ މުޅިން ބަރާބަރެވެ. ހަމަ އެކަނި ހޭނެތިފައި އޮތް ކަމެވެ.
................................
ހޭނެތުނު މީހާ ހޭ އަރާ، ޙާލު ރަނގަޅުކަން ޔަޤީން ކޮށްފައި، އަހަރެން އެނބުރި ގެއަށް ދިޔައިރު އިރު އޮއްސެނީއެވެ. އިސާހިތަކު އަށެއްވެސް ޖަހާފާނެއެވެ. ބަނޑަށް އެއްޗެއް ލައި، ރަނގަޅަށް ތައްޔާރު ވެލީމެވެ. ގެންދަން ޖެހޭ ސާމާނު ހުޑީގެ ތެރެއަށް ލައި ފޮރުވާލީމެވެ.
ހަތެއް ޖެހި ތަނާހެން، ބެލް ޖަހާ އަޑު އިވުނެވެ. ގޭންގު މީހެއް ކަމަށް ޤަބޫލުކުރަމުން ގޮސް ދޮރު ހުޅުވާލީމެވެ.
"އަލްޔަސް!" އަހަރެންނަށް ލިބުނީ ހައިރާން ކަމެވެ. ބޭރުގައި ހުރެގެން ފަޅާ އަރާފާނެތީ އަވަހަށް އެތެރެއަށް ވެއްދީމެވެ. ސުވާލު ކުރީވެސް އެއަށް ފަހުއެވެ.
"ކިހިނެއްވީ؟" ބޮޑު ކަމެއް ނުވެ ނާންނާނެކަން ޔަޤީން ކުރަމުން އެހީމެވެ. އެހެން ގޭންގެއްގެ މީހަކާ، އަހަރެން ބައްދަލު ކުރާކަން އެނގިއްޖެ ނަމަ ނުކުންނާނެ ނަތީޖާ މާ ރީތި ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ. އަނެއްކޮޅުން މިފަދަ ބޮޑު ދުވަހެއްގައެވެ.
"މާޝަލް ދިން އެއްޗެއް." އަލްޔަސް ދިއްކޮށްލީ ސިރިންޖެކެވެ. އަހަރެން ގެނައި ސިރިންޖުތަކާއި ތަފާތު އެއްޗެކެވެ. ހުރީވެސް މަޑު ރީނދޫ ކުލައަކަށް ދާ ދިޔާ އެއްޗެކެވެ.
"އެ ސްޕްރޭއިން އަސަރު ނުކުރާނީ މި ޖެހީމަޔޯ!" އަހަރެން އެ ސިރިންޖަށް ބަލަން ހުރުމުން، އަލްޔަސް އިތުރަށް ބުނެލިއެވެ. އަހަރެންނަށް ކަހާލެވުނީ ބޮލެވެ. ހުރި ގަމާރު ކަމެވެ. އެކަން އަހަރެންނަށް ކުރިން ނުވިސްނުނީތީ، އަމިއްލަ މީހާގެ މޮޔަކަން އިހުސާސްވިއެވެ.
"ރިފް ދިޔައިންސުރެ މާޝަލް އެ އުޅުނީ މި އުފައްދަން. ނަސީބަކުން އެންމެ ފަހުން ކާމިޔާބު ވީ." ނުކުންނަން ދަމުން އަލްޔަސް ބުނެލިއެވެ. ގޭންގަށް ޚަބަރެއް ލިބިދާނެތީ ވާހަކަ ދައްކާލަން މަޑު ކޮށްލެވެންވެސް ނެތީއެވެ.
ފަރުވާތެރި ކަމާއި އެކު، އެ އިންޖެކްޝަން ޖަހާލީމެވެ. ކަމެއް ވިހެންވެސް ހީ ނުވިއެވެ. މަސައްކަތް ކުރާނެ ބާއެވެ؟ ނުކުރިއަސް ހެދޭނެ ގޮތެއް ނޯންނާނެއެވެ.
އަހަރެން ބަލައި އައީ ހިމްޔާނެވެ. އަހަރެންގެ ނަޒަރު ހިމްޔާން ލައިފައި ހުރި ހެދުމުން ވަކިކޮށް ނުލެވުނެވެ. ޕަކަޕަކަ އަޅާ ހޭން ފެށުނީ ޖަހާ ވައްތަރުންނެވެ. ކޯޓު ފަޓުލޫނުގައި އޮފިޝަލް ސްޓައިލް ކުޑަކޮށްވެސް ހިމްޔާނަކާ ނުގުޅެއެވެ.
"ތިހުރީ ކޯޗެއް ލައިގެން؟" ސުވާލު ކުރީ ހިމްޔާނެވެ. އެހެން އަހަން ޖެހޭނި އަހަރެން ނޫންހެވެ؟ އަހަރެން ދެ ކޮނޑު އަރުވާލީމެވެ.
"އޮފިޝަލް މީޓިން އެކޭ. ހުޑީ ލައިގެންތަ ދަނީ؟" ހިމްޔާން ހިތް ހަމަ ނުޖެހުނީއެވެ. ނަމަވެސް އަހަރެން ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އެއްގޮތަކަށްވެސް ހެދުން ބަދަލު ކުރާކަށް އެބަހެއް ނުވީމެވެ. އެންމެ ފަހުން ގޮތް ދޫކުރަން ޖެހުނީ ހިމްޔާނަށެވެ. އެސޮރު ހިތުގައި ނުޖައްސަންވެގެން، އަހަރެން، ކަކުލާއި ހަމައަށް ހުރި އޮފީސް ކޯޓެއް ލީމެވެ. ނަމަވެސް ހިމްޔާނަށް ހަދަން އެނގުނީ ރުޅި މޫނެވެ.
އަހަރެމެންގެ އިންތިޒާރުގައި އިފްރީންގެ ކަޅުކުލައިގެ ޕްރައިވެޓް ކާރު އޮތެވެ. އަހަރެން ހިމްޔާނާއި އެކު ގޮސް ފަހަތު ސީޓުގައި ހަމަ ޖެހިލީމެވެ. ކުރީ ސީޓުގައި، ހިމްޔާނާ އެކު ދާ ލީޑަރު އިން އިރު، ހިނދުކޮޅަކަށްވެސް އަހަރެންގެ ހަށިނޑުން، އޭނަގެ ނަޒަރު ވަކި ނުވެއެވެ. އެ ބެލުމަށް ވުރެ އުނދަގޫވީ، އިފްރީން އެއްލަމުން ދިޔަ ކަޅިތަކުންނެވެ. މި އުޅޭ ފިރިހެނުންނަށް ދުނިޔެ މަތިން އަންހެނުން ނުފެންނަނީ ބާއެވެ؟
ލޯންޗެއްގައި އަހަރެމެން ދިޔައީ ރިސޯޓަކަށެވެ. ނަމެއް ނުބަލަމެވެ. މުހިންމު ކަމެއް ކަމަށް ނުފެނުނީތީއެވެ. އެހެން ނޫނަސް އަހަރެން ހުރީ ނުހަނު ހާސްވެފައެވެ.
"އޭޒެޑް ވަރަށް ހޮޓުތަ؟" އިފްރީނާއި، ދެން ހުރި މީހާގެ ފަހަތުން ދަމުން، އަހަރެން ހިމްޔާން ގާތު އަހާލީ ވައި އަޑަކުންނެވެ.
"މަވެސް އަދި ނުދެކެމޭ ބްރޯ! ހީވަނި ހޮޓް ވާނެހެން. މިހާރު ސެޓު ކުރަންވީތަ؟" ހިމްޔާންގެ ކިބައިން ލާނެތްކަން ހިނދުކޮޅަކަށްވެސް ކެނޑިގެން ނުދާނެޔޭ ހިތަށް އެރިއެވެ.
ފަސް ތަރީގެ ހޮޓަލެކެވެ. ރީތި ކަމުގެ އިންތިހާއެވެ. ސެކިޔުރިޓީގެ ވާހަކަ ދައްކަން ހެޔޮނުވާނެއެވެ. ގޭޓުން ފެށިގެން ކޮންމެ ދޮރެއްމެ ގިރާކުރަން ޖެހުނީ ބިޔަ ދެ ބޮޑީ ގާޑުންގެ ހުއްދަ ހޯދުމަށްފަހު، އެމީހުން ފަހަނަ އަޅައެވެ. ކުޑަ މިނުން ލިފްޓު ދޮރުވެސްމެއެވެ.
މީޓިން ރޫމަށް އެންމެން ވަދެ ހަމަ ޖެހިއްޖެއެވެ. މަދީ އޭޒެޑް އެކަންޏެވެ. ހިތް ތެޅޭ ވަރުންވެސް ހުރެވެނީކީ ނޫނެވެ.
އެ ކޮޓަރި، ބޮޑެތި ބިޒްނަސް ތަކުގައި، ހިއްސާ ދާރުންގެ ބައްދަލުވުންތައް ބާއްވާ ތަނެއް ފަދައެވެ. ބޮޑު މޭޒެއްގެ ވަށައިގެން ގޮނޑި ޖަހާލާފައެވެ. އަހަރެން އިނީ ހިމްޔާނާއި ޖެހިގެންނެވެ. ދިގު މޭޒެއް ކަމުން، އިށީންނަން ޖެހިފައި ވަނީ، ކޮންމެ އެސިސްޓެންޓަކުވެސް އެމީހެއްގެ ލީޑަރާއި ކުރިމަތި ވާ ގޮތަށެވެ. އިފްރީނަށް، އަހަރެންނަށް ބަލަން އިތުރަށް ލިބުނު ފުރުސަތެކެވެ. ބޯ ހަމަ މުޅިން ހަލާކެވެ.
ދޮރު ހުޅުވާލުމާ އެކު، އެންމެން ކޮޅަށް ތެދުވިއެވެ. ޕްރައިމަރީ ސްކޫލުގައި، މުދައްރިސް އައިސް ކިލާހަށް ވަނުމުން ތެދުވާ ބީދައިންނެވެ. ވަރެއްގެ އޭޒެޑެއްތާއެވެ.
ފުރަތަމަ ވަނީ ބޮޑީ ގާޑެކެވެ. ދެންވެސް ވަނީ ހަމަ އެ ތަތްގަނޑުގެ، އެއް ބިޔަމިނެއް ހުރި ބޮޑީ ގާޑެކެވެ. ދެން ވަން މީހާ ފެނި އަހަރެންގެ ދެލޯ އަތަށް ނައީ ހަމަ ކިރިޔާއެވެ. އެމީހާއަށް ބެލުމުގެ ބަދަލުގައި އަހަރެން ބަލައިލީ ދެން ތިބި މީހުންގެ މޫނު ތަކަށެވެ. އެ އެންމެންވެސް ތިބީ އަހަރެންނެކޭ އެއްވަރަށް ހައިރާންވެފައެވެ. އިފްރީންމެންވެސް މެއެވެ.
(ނުުނިމޭ)

  1. Avatar

    Haadha lahun mi faharu up thikuree…. Inthizaaru koh koh varubali vejje…. Dhen oii part avahah up kohdhechey…. As usual mi part ves varah Salhi???????????????????????????????????????….

ރައްދު ކެންސަލް